ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 108 · 2019/SC-A/84ސުޕްރީމް ކޯޓު · 29 ނޮވެމްބަރު 2021

މުޙައްމަދު އަޙްމަދުދީދީ ވ. މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވަޓް ލިމިޓެޑް އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 29 ނޮވެމްބަރު 2021ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މުޙައްމަދު އަޙްމަދުދީދީ ވ. މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވަޓް ލިމިޓެޑް އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/460 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ މ. ހަނީޑިއު، މުޙައްމަދު އަޙްމަދުދީދީ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.

މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-67/95) އަށާއި (އެމް.ޑަބްލިއު.އެސް.ސީ) ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕްރައިވަޓައިޒޭޝަން ބޯޑު) މައްޗަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

އެމް.ޑަބްލިއު.އެސް.ސީ ގައި ދިވެހި ސަރުކާރުގެ ހިއްސާ ތަމްސީލުކުރުމަށް ސަރުކާރުގެ ފަރާތުން މުޙައްމަދު އަޙްމަދުދީދީ އެމް.ޑަބްލިއު.އެސް.ސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ 16 އޭޕްރިލް 2007 ގައެވެ. މިކަން މުޙައްމަދު އަޙްމަދުދީދީއަށް އަންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ނަންބަރު 975/2007/ސީ.ބީ.ޑީ (އެސް) (16 އޭޕްރިލް 2007) ނޯޓުންނެވެ.

މުޙައްމަދު އަޙްމަދުދީދީ އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ޢައްޔަން ކޮށްފައިވަނީ 04 ސެޕްޓެމްބަރ 2007 ގައެވެ.

މުޙައްމަދު އަޙްމަދުދީދީ އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް ޢައްޔަންކުރި ފަހުން މުޙައްމަދު އަޙްމަދުދީދީ އާއި އެމް.ޑަބްލިއު.އެސް.ސީއާ ދެމެދު ސަރވިސް އެގްރިމެންޓެއްގައި 29 އޮކްޓޯބަރ 2007 ގައި ސޮއިކޮށްފައިވެއެވެ. އަދި އެއިގެ ފަހުން 19 މެއި 2013 ގައިވެސް މި ދެ ފަރާތުގެ ދެމެދުގައި ސަރވިސް އެގްރިމެންޓެއްގައި ސޮއިކޮށްފައި ވެއެވެ. މި ދެ އެއްބަސްވުމުގައި ސޮއިކުރި ތާރީޚުގެ އިތުރުން، އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތާއި ހެއްކެއްގެ ގޮތުން ސޮއިކޮށްފައިވާ ފަރާތް ތަފާތުވުން ފިޔަވައި އެއްބަސްވުމުގައި ހިމެނޭ ކަންކަމުގައި އިތުރު ތަފާތެއް ނުވަތަ އުނި އިތުރެއް ނުވެއެވެ.

އެމް.ޑަބްލިއު.އެސް.ސީގެ ޑިރެކްޓަރުންގެ ބޯޑަށް ބައެއް ބަދަލުތައް ގެނެސް އެ ބޯޑުން މުޙައްމަދު އަޙްމަދުދީދީ ވަކިކުރަން ފެންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ 11 ޖެނުއަރީ 2014 ގައި ޕްރައިވަޓައިޒޭޝަން ބޯޑަށް އަންގާފައިވެއެވެ. މި އެންގުމާ ގުޅިގެން ޕްރައިވަޓައިޒޭޝަން ބޯޑުން އެކަން މުޙައްމަދު އަޙްމަދުދީދީއަށް އަންގާފައިވެއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ރައީސުލްޖުމްހޫރިއްޔާގެ ނިންމުން މުޙައްމަދު އަޙްމަދުދީދީއަށް އެންގުމަށް ފޮނުވި ސިޓީގައި އޮތީ އަންނަނިވި ޢިބާރާތެވެ.

"މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރކަމުންނާއި މެންބަރުކަމުން އަލްފާޟިލް މުޙައްމަދު އަހްމަދުދީދީ، މ.ހަނީޑިއު، ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާތީ، ޤާނޫނު ނަންބަރ 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން 12 ޖަނަވަރީ 2014 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓޯއިޒޭޝަން ބޯޑުން އަލްފާޟިލް މުޙައްމަދު އަޙްމަދުދީދީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރކަމުންނާއި މެންބަރުކަމުން ވަކިކުރުމަށް ނިންމައިފީމެވެ."

އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރުކަމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން މުޙައްމަދު އަޙްމަދުދީދީ ވަކިކުރުމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ނިންމި ނިންމުމަކީ ޤާނޫނުއަސާސީން ލިބިދީފައިވާ ވަޒީފާ އަދާކުރުމުގެ ޙައްޤާއި ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ދެކި، ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށްއެދި މުޙައްމަދު އަޙްމަދުދީދީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

މުޙައްމަދު އަޙްމަދުދީދީ މި މައްސަލައިގައި ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވަނީ އެމް.ޑަބްލިއު.އެސް.ސީ އާއި ޕްރައިވަޓައިޒޭޝަން ބޯޑުގެ މައްޗަށެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 721/Cv-C/2014 ޤަޟިއްޔާއިންނެވެ.

މުޙައްމަދު އަޙްމަދުދީދީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިންމާފައިވަނީ މުޙައްމަދު އަޙްމަދުދީދީއާ ދެކޮޅަށެވެ. އަދި މި ފަދައިން ނިންމުމުގައި އެ ކޯޓުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

މުޙައްމަދު އަޙްމަދުދީދީ އެމް.ޑަބްލިއު.އެސް.ސީގެ ބޯޑު މެމްބަރުކަމަށް ޢައްޔަންކޮށްފައިވަނީ އެ ކުންފުނީގައި އޮތް ދިވެހި ސަރުކާރުގެ ހިއްސާ ތަމްސީލުކުރުމަށް ދިވެހި ސަރުކާރުންކަން.

ދިވެހި ސަރުކާރުގެ ބައިވެރިވުމެއްނެތި އެމް.ޑަބްލިއު.އެސް.ސީ އާއި މުޙައްމަދު އަޙްމަދުދީދީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސަރުކާރުން ޢައްޔަން ކޮށްފައިވާ ފަރާތެއް ވަކިކުރުމަށް ސަރުކާރަށް ލިބިފައިވާ ޤާނޫނީ ބާރު ނަފީވެގެން ނުދާނެކަން.

ކުންފުންޏާބެހޭ ޤާނޫނުގެ 45 ވަނަ މާއްދާ އާއި 48 ވަނަ މާއްދާގެ އިތުރުން އެމް.ޑަބްލިއު.އެސް.ސީގެ ހިންގާ ގަވާއިދުގެ 46 ވަނަ މާއްދާއަށް ބެލުމުން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނުގައިވާ ގޮތުގެމަތިން މުޙައްމަދު އަޙްމަދުދީދީ އެ ބޯޑަށް ޢައްޔަންކުރި ފަދައިން ވަކިކުރުމުގެ ބާރުވެސް ލިބިގެންވާކަން.

އެމް.ޑަބްލިއު.އެސް.ސީގެ ހިންގާ ގަވާއިދުގެ 65 (ކޭ) އަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އެ މަޤާމުން ވަކިކުރުމުގައި ޢަމަލު ކުރުމަށް އޮތް ޚާއްޞަ މާއްދާއެއްކަމުން، ކުންފުނީގެ ބޯޑަށް ހިއްސާދާރަކު ޢައްޔަން ކޮށްފައިވާ މެމްބަރަކު ކުންފުނީގެ ހިންގާ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން ވަކިކުރުމުގެ ނަތީޖާއަކުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ހުސްވާ ހާލަތުގެ މައްޗަށް ހިންގާ ގަވާއިދުގެ 65 (ކޭ) ތަޠުބީޤު ނުވާނެކަން.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު (މީގެ ފަހުން "ޕްރައިވަޓައިޒޭޝަން ޤާނޫނު") ގެ 63 ވަނަ މާއްދާގެ ދަށުން ހަދައި، ޢާންމުކޮށް އިޢުލާންކުރުމަށް އަންގާފައިވަނީ އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައްކަން އެ މާއްދާގައި ބަޔާންކޮށްފައިވާކަން.

ޕްރައިވަޓައިޒޭޝަން ޤާނޫނުގެ 12 ވަނަ މާއްދާގެ (ޒ) ގެ 02 ވަނަ ނަންބަރުގައި ހަވާލާދީފައިވާ އުސޫލަކީ ޕްރައިވަޓައިޒޭޝަން ބޯޑުގެ އެތެރޭގެ ހިންގުމުގެ އުސޫލެއްކަމުގައިވާތީ އެ އުސޫލަކީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ރައްޔިތުން އެ މައްޗަށް ޢަމަލުކުރަންޖެހޭ އުސޫލެއް ނޫންކަން.

ބުނެވިދިޔަ ކަންކަން ފާހަގަ ކުރުމަށްފަހު ސިވިލް ކޯޓުން ނިންމާފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑުން އެމް.ޑަބްލިއު.އެސް.ސީގެ ބޯޑުގެ މެމްބަރުކަމުންނާއި، އަދި އޭގެ ސީދާ ނަތީޖާއެއްގެ ގޮތުން މެނޭޖިންގ ޑިރެކްޓަރުކަމުން މުޙައްމަދު އަޙްމަދުދީދީ ވަކިކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށް ޝަރީޢަތަށް ބުރަވެވޭތީ، މުޙައްމަދު އަޙްމަދުދީދީ ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ޕްރައިވަޓައިޒޭޝަން ބޯޑުންނާއި އެމް.ޑަބްލިއު.އެސް.ސީ އިން ނަގައިދެވެން ނެތްކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

ސިވިލް ކޯޓުގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން މުޙައްމަދު އަޙްމަދުދީދީ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/460 ޤަޟިއްޔާއިންނެވެ.

ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ދަމަހައްޓާފައިވެއެވެ. އަދި މި ޙުކުމް ދެމެހެއްޓުމުގައި ހައިކޯޓުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމަކީ މި މައްސަލައިގައި ސިވިލް ކޯޓުން ވެސް ފާހަގަ ކޮށްފައިވާ ކަންކަމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ދެކިގެން މުޙައްމަދު އަޙްމަދުދީދީ މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ތިރީގައި މިވަނީ މުޙައްމަދު އަޙްމަދުދީދީ ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވާ އިސްތިއުނާފީ ހަތަރު ނުކުތާތަކެވެ.

ފުރަތަމަ ނުކުތާއަކީ، "ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނާއި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުން އައްޔަނުކުރުމާއި، ވަކި ކުރުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސަރުކާރުން ހުށަހަޅާ ނަންތައް ހުށަހެޅުމުން އެ ބޯޑުން ޢަމަލުކުރާ އުސޫލު" އަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޢާންމުކޮށް ޝާއިޢު ކުރަންޖެހޭ އުޞޫލެއް ނޫންކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސިވިލް ކޯޓުން ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) ޞަރީޙަ ނައްޞަށާއި ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޙައްޤަށް އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ ބުނާ އަސާސީ ޙައްޤުތަކުގެ މާނަކުރަންޖެހޭ ހަމައަށް ރިއާޔަތްކުރުމެއް ނެތި ކަމަށްބުނެ ފާހަގަ ކުރި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތާކީ ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، އެ ޤާނޫނުގެ ހިމާޔަތުން އިސްތިސްނާވާ ފަރާތެއްކަމުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ނުހިނގާނޭ ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސިވިލް ކޯޓުން ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ހައްޤަށާއި ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ ސަރވިސް އެގްރީމަންޓްގެ 11.2 ވަނަ ނުކުތާއަށް ރިއާޔާތްކުރުމެއް ނެތި ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ "ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުންނާއި، އަދި އޭގެ ސީދާ ނަތީޖާއެއްގެ ގޮތުން މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކޮށްފައިވާކަން" ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ނަންބަރު1-EYD/454/2014/21 (11 ޖެނުއަރީ 2014) ސިޓީއާ ޙަވާލާދީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މުޙައްމަދު އަޙްމަދުދީދީއަށް ފޮނުވާފައިވާ ނަންބަރު 545/INDIV/2014/69 (12 ޖެނުއަރީ 2014) ސިޓީގައި ހިމަނާފައިވާ އިބާރާތް ސީދާ ފުށޫއަރާ އަދި ހުށަހަޅާފައިވާ ހެއްކާ ޚިލާފަށް އަދި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިބުނެ ފާހަގަކުރި ނުކުތާއެވެ.

ހަތަރުވަނަ ނުކުތާއަކީ، ޕްރައިވަޓައިޒޭޝަން ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވަނީ ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރު ތަމްސީލު ޑިރެކްޓަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރުކަމުގައިވެފައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އައްޔަނުކޮށް ވަކިކުރާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމެވުމުން، ކުންފުނީގެ ޙިއްސާދާރުންގެ އާންމު ޖަލްސާއިން ކަމުގައިވީ ހިނދު، މުޙައްމަދު އަޙްމަދުދީދީ، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކޮށްފައިވަނީ އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 65 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބުނެ ފާހަގަކުރި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތައް ފާހަގަކުރުމަށްފަހު މި މައްސަލައިގައި މުޙައްމަދު އަޙްމަދުދީދީ ދެ ކަމަކަށް އެދިފައިވެއެވެ.

ފުރަތަމަ ކަމަކީ، މި މައްސަލައިގައި ސިވިލް ކޯޓުންނާއި ހައިކޯޓުން ކޮށްފައިވާ ޙުކުމްތަކަކީ ބާޠިލު ޙުކުމްތަކެއް ކަމުގައި ކަނޑައަޅައި ދިނުމެވެ.

ދެވަނަ ކަމަކީ، މުޙައްމަދު އަޙްމަދުދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅައި، އަދި އެ ފަދައިން ވަޒީފާއިން ވަކިކޮށްފައިވާތީ، ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސިވިލް ކޯޓުގައި ނަގައިދިނުމަށް އެދިފައިވާ 17,899,135/- (ސަތާރަ މިލިޔަން އަށްލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ތިރީސްފަސް ރުފިޔާ) އެމް.ޑަބްލިއު.އެސް.ސީންނާއި، ޕްރައިވަޓައިޒޭޝަން ބޯޑުން މުޙައްމަދު އަޙްމަދުދީދީއަށް ދައްކައި ޚަލާޞްކުރުމަށް އަންގައި އަމުރުކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކަށް އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ދީފައިވާ ރައްދު

އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

ޕްރައިވަޓައިޒޭޝަން ޤާނޫނުގެ 12 ވަނަ މާއްދާގެ (ޒ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލަކީ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ "ރައްޔިތުން އެ މައްޗަށް ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުމުގެ" ތެރެއަށް ފެތޭ އުސޫލެއް ނޫންކަމަށާއި، އެއީ ޕްރައިވަޓައިޒޭޝަން ބޯޑުގެ އެތެރޭގެ ހިންގުމުގެ ބޭނުމަށް ޤާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ އުސޫލެއް ކަމަށާއި، މީގެ އިތުރުން ޕްރައިވަޓައިޒޭޝަން ޤާނޫނުގެ 63 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައިވެސް އެ ޤާނޫނުގެ ދަށުން ހަދައި ޢާންމު ކުރުން ލާޒިމުކޮށްފައިވަނީ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް އެކަނިކަން ސާފުކޮށް އެނގެން އޮންނަކަން.

އެމް.ޑަބްލިއު.އެސް.ސީގެ ހިންގާ ގަވާއިދުގެ 47 ވަނަ ނަންބަރަށް ބަލާއިރު، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަންކޮށްފައިވާ ފަރާތެއްގެ ކިބައިން ކުންފުނީގެ ޑިރެކްޓަރުކަން ގެއްލުމުން، އެ މީހެއްގެ ކިބައިން މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ގެއްލޭނެކަން އެނގެން އޮންނައިރު، މުޙައްމަދު އަޙްމަދުދީދީގެ ކިބައިން ކުންފުނީގެ ޑިރެކްޓަރުކަން ނެތިގެން ދިއުމުގެ ނަތީޖާއަކީ، ކުންފުނީގެ ހިންގާ ގަވާއިދުގެ ދަށުން މުޙައްމަދު އަޙްމަދުދީދީއަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ދެމި ނުހުރެވުން ކަމަށްވާއިރު، އެމް.ޑަބްލިއު.އެސް.ސީ އާއި މުޙައްމަދު އަޙްމަދުދީދީއާ ދެމެދު ވެފައިވާ ސަރވިސް އެގްރިމެންޓަކީ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން މުޙައްމަދު އަޙްމަދުދީދީ ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ އަދާލަތުގެ ހަމަތަކުން އެ ފަރާތަށް ދޭންޖެހޭ ބަދަލެއް ނޫންކަން.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 11 ޖަނަވަރީ 2014 ގެ ސިޓީގައި ބަޔާންކޮށްފައިވަނީ އެމް.ޑަބްލިއު.އެސް.ސީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެންނަވަން ނިންމަވާފައިވާތީ، މުޙައްމަދު އަޙްމަދުދީދީ އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑުން ވަކިކުރަން ފެނިވަޑައިގަންނަވާ ކަމަށާއި، ކުންފުނީގެ ހިއްސާދާރެއްގެ ހައިސިއްޔަތުން ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ލިބިގެންވާ ޙައްޤުގެ ބޭނުންކޮށް ސަރުކާރުން މުޙައްމަދު އަޙްމަދުދީދީ އެމް.ޑަބްލިޔު.އެސް.ސީގެ ޑިރެކްޓަރުގެ ކަމުން ވަކިކުރުމުން އޭގެ ސީދާ ނަތީޖާއެއްގެ ގޮތުން މެނޭޖިންގ ޑިރެކްޓަރުކަމުންވެސް ވަކިވާނެކަން.

އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކަށް ޕްރައިވަޓައިޒޭޝަން ބޯޑުގެ ފަރާތުން ދީފައިވާ ރައްދުއިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން ޕްރައިވަޓައިޒޭޝަން ބޯޑުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

ސަރުކާރު ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނާއި، ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުން އައްޔަނުކުރުމާއި، ވަކި ކުރުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސަރުކާރުން ހުށަހަޅާ ނަންތައް ހުށަހެޅުމުން އެ ބޯޑުން ޢަމަލުކުރާ އުޞޫލަކީ ޤަނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ ދަށުންނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައި ލާޒިމުކުރާ ފަދައިން އާންމުކުރަންޖެހޭ އުސޫލެއް ނޫންކަމަށާއި، އެ އުޞޫލު އާންމުކޮށްފައި ނެތުމުގެ ސަބަބުން މުޙައްމަދު އަޙްމަދުދީދީ އެމް.ޑަބްލިއު.އެސް.ސީގެ ބޯޑުގެ މެންބަރުކަމުންނާއި އޭގެ ނަތީޖާއެއްގެ ގޮތުން މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ވަކިކުރުމަށް އެއްވެސް ޤާނޫނީ ހުރަހެއް ނެތްކަން.

މުޙައްމަދު އަޙްމަދުދީދީއަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން "ހިންގުމުގެ އިސް މަޤާމެއްގައި" ހުރި ފަރާތެއްކަމަށްވާތީ، އެ ޤާނޫނުގެ 4 ވަނަ ބާބުގައިވާ ކަންކަމުން މުޙައްމަދު އަޙްމަދުދީދީ އިސްތިސްނާވާނޭކަން އެ ޤާނޫނުގެ އެ މާއްދާއަށް ބެލުމުން އެނގޭކަމަށާއި، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި އެ މީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއްކުރުމުގެ ޙައްޤު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ އޭގެ ޒާތުގައި ލިބިދޭ މުތުލަގު ޙައްޤެއް ނޫންކަން.

އެމް.ޑަބްލިއު.އެސް.ސީގެ ޑިރެކްޓަރުންގެ ބޯޑުން މުޙައްމަދު އަޙްމަދުދީދީ ވަކިކުރުމުގެ ސީދާ ނަތީޖާއަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުރުމުގެ ހައިސިއްޔަތު ގެއްލިގެންދާނެކަމެއްކަން ކުންފުންޏާބެހޭ ޤާނޫނުގެ 45 ވަނަ މާއްދާގެ (ބ) އާއި އެ ކުންފުނީގެ ހިންގާ ޤަވާޢިދުގެ 72 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށާއި، މުޙައްމަދު އަޙްމަދުދީދީ އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ވަކި ކުރުމަށް ހިއްސާދާރުންގެ ޢާއްމު ޖަލްސާއަކުން ނިންމުމަކީ ކޮންމެހެން ފުރިހަމަކުރަންޖެހޭ އިޖުރާއަތެއް ނޫންކަމަށާއި، ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މަޤާމަށް ހިއްސާދާރަކު އައްޔަނުކޮށްގެން އެކަމުގެ ސަބަބުން އެ މީހަކަށް މަޤާމެއް ލިބިފައިވުމަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ ތަރަހައިގައި ވަޒީފާގެ މާނަކުރެވޭފަދަ މަޤާމެއް ނޫންކަމުން، އެ މާއްދާއާ ޙަވާލާދީ މުޙައްމަދު އަޙްމަދު ދީދީގެ ޙައްޤެއް ގެއްލިފައިވާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ބުރަދަނެއް ދެވޭނެ ވާހަކަތަކެއް ނޫންކަން.

އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ޕްރައިވަޓައިޒޭޝަން ބޯޑުގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންތައްމި މައްސަލައިގައި ޝަރީޢަތުން ދެ ކަމެއްގައި ގޮތެއް ކަނޑައަޅަންޖެހެއެވެ. ގޮތެއް ކަނޑައަޅަންޖެހޭ (1) ފުރަތަމަ ކަމަކީ، މި މައްސަލައިގައި ވާހަކަ ދެކެވޭ "ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނާއި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުން އައްޔަނުކުރުމާއި، ވަކި ކުރުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސަރުކާރުން ހުށަހަޅާ ނަންތައް ހުށަހެޅުމުން އެ ބޯޑުން ޢަމަލުކުރާ އުސޫލު" އަކީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައިވާ ފަދައިން ޢާންމުކޮށް ޝާއިޢު ކުރަންޖެހޭ އެއްޗެއްކަން ނުވަތަ ނޫންކަމާ މެދުގައެވެ. (2) ދެވަނަ ކަމަކީ، މުޙައްމަދު އަޙްމަދުދީދީ އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަން ނުވަތަ ނޫންކަމާމެދުގައެވެ. މިކަމާމެދު ގޮތެއް ކަނޑައެޅުމުގައި މައްސަލައިގައި ވާހަކަ ދެކެވޭ ޤާނޫނުއަސާސީގެ މާއްދާތަކަށާއި، ކުންފުންޏާބެހޭ ޤާނޫނާއި، އެމް.ޑަބްލިއު.އެސް.ސީގެ ހިންގާ ގަވާއިދާއި، އަދި އެ ކުންފުންޏާއި މުޙައްމަދު އަޙްމަދުދީދީއާ ދެމެދު ވެފައިވާ ސަރވިސް އެގްރިމެންޓްގެ ކަމާބެހޭ މާއްދާތަކަށް ރިޢާޔަތް ކުރާނަމެވެ.

މީގެ އިތުރުން މި މައްސަލައިގައި، މުޙައްމަދު އަޙްމަދުދީދީ އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން ވަކި ކޮށްފައިވުމުގެ ސަބަބުން ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާ އެދިފައިވާ ގޮތަށް ނަގައިދެވިދާނެކަމާމެދު ވެސް ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމުގައި ދެކެމެވެ.

އުސޫލު ޢާންމުކޮށް ޝާއިޢުކުރުންއިސްތިއުނާފީ ފުރަތަމަ ނުކުތާއެއްގެ ގޮތުން މުޙައްމަދު އަޙްމަދުދީދީ ފާހަގަކޮށްފައިވާ ނުކުތާއަކީ، "ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނާއި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުން އައްޔަނުކުރުމާއި، ވަކި ކުރުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސަރުކާރުން ހުށަހަޅާ ނަންތައް ހުށަހެޅުމުން އެ ބޯޑުން ޢަމަލުކުރާ އުސޫލު" އަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޢާންމުކޮށް ޝާއިޢު ކުރަންޖެހޭ އުޞޫލެއް ނޫންކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސިވިލް ކޯޓުން ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) ޞަރީޙަ ނައްޞަށާއި ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޙައްޤަށް އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ ބުނާ އަސާސީ ޙައްޤުތަކުގެ މާނަކުރަންޖެހޭ ހަމައަށް ރިއާޔާތްކުރުމެއް ނެތި ކަމަށްބުނެ ފާހަގަ ކުރި ނުކުތާއެވެ.

މި ނުކުތާއަށް ރައްދު ދެމުން އެމް.ޑަބްލިއު.އެސް.ސީ އިންނާއި ޕްރައިވަޓައިޒޭޝަން ބޯޑުގެ ފަރާތުން ބުނެފައިވަނީ، ޕްރައިވަޓައިޒޭޝަން ޤާނޫނުގެ 12 ވަނަ މާއްދާގެ (ޒ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލަކީ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ "ރައްޔިތުން އެ މައްޗަށް ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުމުގެ" ތެރެއަށް ފެތޭ އުސޫލެއް ނޫންކަމަށާއި، ޕްރައިވަޓައިޒޭޝަން ޤާނޫނުގެ 63 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައިވެސް އެ ޤާނޫނުގެ ދަށުން ހަދައި ޢާންމު ކުރުން ލާޒިމުކޮށްފައިވަނީ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް އެކަނިކަން ސާފުކޮށް އެނގެން އޮންނަކަމަށެވެ.

ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ، "ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ރައްޔިތުން އެ މައްޗަށް ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް ޢާންމުންނަށް ލިބެން ހުންނާނޭ ގޮތަކަށް އިންތިޒާމްކޮށް، ޢާންމުކޮށް ޝާއިޢުކުރަން ވާނެއެވެ" މި ފަދައިންނެވެ. މި ޢިބާރާތަށް ބަލާއިރު، މައިގަނޑު ހަތަރު އެއްޗެއް ޢާންމުންނަށް ލިބެން ހުންނާނޭ ގޮތަކަށް އިންތިޒާމުކޮށް ޢާންމުކޮށް ޝާއިޢު ކުރަން ދައުލަތަށް ލާޒިމު ކޮށްފައިވެއެވެ. އެ ތަކެއްޗަކީ؛

ޤާނޫނުތައް

ޤަވާޢިދުތައް

ރައްޔިތުން އެ މައްޗަށް ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތައް

ސަރުކާރުގެ ސިޔާސަތުތައް، މިއެވެ.

ޢާންމުންނަށް ލިބެން ހުންނާނެ ގޮތަކަށް އިންތިޒާމުކޮށް، ޢާންމުކޮށް ޝާއިޢު ކުރަންޖެހޭ މައިގަނޑު ހަތަރު ބާވަތުގެ ތެރެއިން، ޤާނޫނުތަކާއި، ޤަވާޢިދުތަކަކީ، ކޮން އެއްޗެއްކަން އިތުރު ބަހުސް ކުރުމެއްނެތި ސާފުކޮށް އެނގެއެވެ. އެއީ ޤާނޫނުގައި އެއީ ކޮން އެއްޗެއްކަން ބަޔާންވެފައި އޮތުމުންނެވެ. މިއާ ޚިލާފަށް ރައްޔިތުން އެ މައްޗަށް ޢަމަލުކުރަން ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަން ޤާނޫނުގައި ސާފުކޮށް ބަޔާންވެފައިނުވެއެވެ.

ޢާންމު ވިސްނުމަކުން ބަލާއިރު، ރައްޔިތުން އެ މައްޗަށް ޢަމަލުކުރަން ސަރުކާރުން އަންގާ އެންގުންތަކަކީ، ހުރިހައި ރައްޔިތުން ނުވަތަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ މައްޗަށް ޢަމަލު ކުރުމަށް އަންގާ އެންގުންތަކެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަކީ، ސަރުކާރުގެ އެކިއެކި ކަންކަން އިންތިޒާމުކޮށް ހިންގުމުގެ އުސޫލުތަކާއި ގޮތްތަކެވެ.

ޤާނޫނުތަކާއި ޤަވާޢިދުތަކާއި، ސަރުކާރުގެ ސިޔާސަތުތަކާއި، ރައްޔިތުން އެ މައްޗަށް ޢަމަލުކުރަން ސަރުކާރުން އަންގާ އެންގުންތަކުގައި ޝާމިލުވާ އެއް ސިފައަކީ، މި އެންމެހައި ތަކެއްޗަކީ ރައްޔިތުންގެ މެދުގައި ސަރުކާރުން ކަންކަން ކުރާނެ ގޮތް ބަޔާންކޮށްފައި ހުންނަ، އަދި ރައްޔިތުން ކޮންމެވެސް މިންވަރެއްގެ އިލްތިޒާމެއް އުފުލަންޖެހޭ ތަކެއްޗަށް ވުމެވެ. އަދި މި ތަކެތި ޢާންމުކޮށް ޝާއިޢު ކުރުމުގެ ބޭނުމަކީ، ކޮންމެ މީހަކަށްމެ ތިމާއާމެދު ޢަމަލުކުރެވޭނެ ގޮތް ދުރާލައި އެނގިފައި އޮތުމެވެ.

މި ދެންނެވި އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރުމަށް ބަލާއިރު، "ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނާއި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުން އައްޔަނުކުރުމާއި، ވަކި ކުރުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސަރުކާރުން ހުށަހަޅާ ނަންތައް ހުށަހެޅުމުން އެ ބޯޑުން ޢަމަލުކުރާ އުސޫލު" އަކީ، ޕްރައިވަޓައިޒޭޝަން ޤާނޫނުގެ 12 ވަނަ މާއްދާގެ (ޒ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލެކެވެ. މި އުސޫލަކީ ޕްރައިވަޓައިޒޭޝަން ބޯޑުން ޢަމަލުކުރާ، އެ ބޯޑުގެ އެތެރޭގެ ހިންގުމުގެ އުސޫލެއްކަން (Internal Policy) ވެސް މި އުސޫލުން އެނގެއެވެ.

ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ އުސޫލެއްގެ ބަދަލުގައި މި އުސޫލަކީ، ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުން ޢަމަލުކުރަންޖެހޭ އެތެރޭގެ ހިންގުމުގެ އުސޫލެއްކަމުން، މިފަދަ އެތެރޭގެ އުސޫލުތައް ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ ތަރަހައަށް ވަންނާނެ ކަމުގައި އަހުރެން ނުދެކެމެވެ. އަދި ޕްރައިވަޓައިޒޭޝަން ޤާނޫނަށް ބަލާއިރު، އެ ޤާނޫނުގެ ދަށުން ހަދައި ޢާންމުކުރުން ލާޒިމު ކޮށްފައިވަނީ، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައްކަންވެސް އެ ޤާނޫނުގެ 63 ވަނަ މާއްދާއަށް ބެލުމުން އެނގޭކަން ފާހަގަ ކުރަމެވެ.

ވުމާއެކު، "ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނާއި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުން އައްޔަނުކުރުމާއި، ވަކި ކުރުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސަރުކާރުން ހުށަހަޅާ ނަންތައް ހުށަހެޅުމުން އެ ބޯޑުން ޢަމަލުކުރާ އުސޫލު" އަކީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ ބޭނުމަށް ޝާއިޢު ކުރަން ނުޖެހޭ އުސޫލެއްކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމުގައި ނުދެކެމެވެ. ކަންމިހެން އޮތުމުން، މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ފާހަގަކޮށްފައިވާ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާއި 68 ވަނަ މާއްދާއާ ގުޅިގެން ގޮތެއް ނިންމަން ޖެހޭތަނެއް އޮތް ކަމުގައި ނުދެކެމެވެ.

މުޙައްމަދު އަޙްމަދުދީދީ ވަޒީފާއިން ވަކިކުރުންމުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއާއި، ތިންވަނަ ނުކުތާއާއި ހަތަރުވަނަ ނުކުތާގައި ވާހަކަ ދައްކާފައިވަނީ އެމް.ޑަބްލިއު.އެސް.ސީގައި މުޙައްމަދު އަޙްމަދުދީދީ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުން ޤާނޫނާ އެއްގޮތްކަމަށް ހައިކޯޓުން ކަނޑައެޅުމުގައި ޤާނޫނީ އުސޫލުތަކާ ޚިލާފުވާކަމުގައެވެ. މި ގޮތުން ވަޒީފާއިން ވަކިކުރުން ރަނގަޅު ކަމުގައި ހައިކޯޓުން ނިންމި ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުން މުޙައްމަދު އަޙްމަދުދީދީ އިސްތިސްނާ ކުރުމާއި، ވަޒީފާއިން ވަކިކުރިކަން އަންގައި މުޙައްމަދު އަޙްމަދުދީދީއަށް ފޮނުވި ސިޓީގައިވާ ޢިބާރާތާއި، އެމް.ޑަބްލިއު.އެސް.ސީއާއި މުޙައްމަދު އަޙްމަދުދީދީއާ ދެމެދު ކުރެވިފައިވާ ސަރވިސް އެގްރިމެންޓާއި، އެ ކުންފުނީގެ ހިންގާ ގަވާއިދުގެ 65 ވަނަ މާއްދާއާ ގުޅިގެން ތަފުސީލުކޮށް މުޙައްމަދު އަޙްމަދުދީދީ ވާހަކަ ދައްކާފައިވެއެވެ. ތިރީގައި މި ބަލާލަނީ މި ކަންކަމުގެ މައްޗަށެވެ.

ކުންފުނީގެ ހިއްސާދާރުން އައްޔަންކުރުމާއި ވަކިކުރުންކުންފުންނާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ ކުންފުންޏެއް ވެސް ހިންގަންވާނީ ޑިރެކްޓަރުންގެ ބޯޑަކުންނެވެ. ޑިރެކްޓަރުންގެ ބޯޑަކީ ކުންފުނި ހިންގުމުގެ އެންމެ އިސްފަރާތް ކަމުގައިވުމުން، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލުން ކުންފުނީގެ "ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން" ކަމުގައި ބަލަންޖެހެއެވެ. މީގެ މާނައަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 04 ވަނަ ބާބުގައިވާ މާއްދާތަކުގައިވާ އުސޫލުތައް މުޙައްމަދު އަޙްމަދުދީދީގެ މައްޗަށް ތަޠުބީޤު ނުކުރެވުމެވެ.

ކުންފުންޏާބެހޭ ޤާނޫނުގެ 45 ވަނަ މާއްދާ ބުނާ ގޮތުން ކޮންމެ ކުންފުންޏެއްގައި ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެއެވެ. މި ގޮތުން ޕްރައިވެޓް ކުންފުންޏެއްނަމަ، މަދުވެގެން 02 ޑިރެކްޓަރުން އަދި ޕަބްލިކް ކުންފުންޏެއްނަމަ މަދުވެގެން 05 މެމްބަރުން ތިބެންވާނެ ކަމުގައި އެ މާއްދާގައި ވެއެވެ. މީގެ އިތުރަށް ކޮންމެ ކުންފުންޏެއްގައި ވެސް މެނޭޖިންގ ޑިރެކްޓަރަކު ހުންނަންވާނެ ކަމަށާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުންނަ މީހާއަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކަށް ވާންޖެހޭނެ ކަމުގައި ވެސް މި މާއްދާގައި ބަޔާން ކޮށްފައިވެއެވެ.

ކުންފުންޏެއްގެ ޑިރެކްޓަރުން އިންތިޚާބުކޮށް ވަކިކުރުމާ ގުޅޭ އުސޫލުތައް ބަޔާން ވެފައިވަނީ، ކުންފުންޏާބެހޭ ޤާނޫނުގެ 48 ވަނަ މާއްދާގައެވެ. މި މާއްދާގައި ބުނަނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ޢައްޔަންކޮށް، އިންތިޚާބުކޮށް، ވަކިކުރާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން ކަމުގައެވެ.

އެމް.ޑަބްލިއު.އެސް.ސީގެ ހިންގާ ޤަވާޢިދުގައި އެ ކުންފުނީގެ ޑިރެކްޓަރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާންކޮށް ފައިވަނީ އެ ޤަވާޢިދުގެ 42 ވަނަ މާއްދާއާއި، 46 ވަނަ މާއްދާގައެވެ. 42 ވަނަ މާއްދާގައިވަނީ އަންނަނިވި ޢިބާރާތެވެ.

“Each shareholder shall be entitled to appoint up to the number of Directors that is proportionate to its Shareholding Percentage.”

"ކޮންމެ ހިއްސާދާރަކަށް އެ ހިއްސާދާރެއްގެ އިންސައްތައިގެ ނިސްބަތުން ޑިރެކްޓަރުން ޢައްޔަންކުރުމުގެ ޙައްޤު ލިބިގެންވެއެވެ."

އަދި ހިންގާ ގަވާއިދުގެ 46 ވަނަ މާއްދާގައިވަނީ އަންނަނިވި ޢިބާރާތެވެ.

“Any person who is willing to act as a Director, and is permitted by law to do so, may be appointed to be a Director by the relevant Shareholder having the right to so appointment, replacement or removal of Directors.”

"ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން، ޑިރެކްޓަރަކަށްވާން އެދޭ މީހަކުނަމަ، އެ މީހަކު ޑިރެކްޓަރުކަމަށް ޢައްޔަންކުރުމާއި ބަދަލުކުރުމުގެ ނުވަތަ ވަކި ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ކުންފުނީގެ ހިއްސާދާރަށް ލިބިގެންވެއެވެ."

މެނޭޖިންގ ޑިރެކްޓަރ ޢައްޔަންކުރުމާމެދު އެމް.ޑަބްލިއު.އެސް.ސީގެ ހިންގާ ގަވާއިދުގައި އޮތީ އަންނަނިވި ޢިބާރާތެވެ.

“The Board of Directors shall appoint from among Directors a Managing Director of the Company upon such terms and conditions and on such remuneration as determined by the Board”

"ބޯޑުން ކަނޑައަޅާ ޝަރުޠުތަކާ އެއްގޮތަށް، އަދި މުސާރާއެއް ލިބޭ ފަދައަކުން ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން މެނޭޖިންގ ޑިރެކްޓަރެއް ކުންފުނީގެ ބޯޑުން ޢައްޔަންކުރަންވާނެއެވެ."

ކުންފުންޏާބެހޭ ޤާނޫނުގައި ބަޔާންވެފައިވާ ކުންފުނީގެ ޑިރެކްޓަރުންނާ ގުޅޭ އުސޫލުތަކާއި، އެމް.ޑަބްލިއު.އެސް.ސީގެ ހިންގާ ގަވާއިދުގައިވާ އުސޫލުތަކަށް ބަލާއިރު، އެމް.ޑަބްލިއު.އެސް.ސީގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން ޢައްޔަންކުރާނީ ކުންފުނީގެ ހިއްސާދާރުންކަން އެނގެއެވެ. މީގެ އިތުރުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ފަރާތެއްކަންވެސް ކުންފުންޏާބެހޭ ޤާނޫނާއި، އެމް.ޑަބްލިއު.އެސް.ސީގެ ހިންގާ ގަވާއިދުން ސާފުކޮށް އެނގެއެވެ.

މި އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މުޙައްމަދު އަޙްމަދުދީދީ އެމް.ޑަބްލިއު.އެސް.ސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ނުވަތަ ޑިރެކްޓަރެއްކަމުގައި ޢައްޔަންކޮށްފައިވަނީ އެ ކުންފުނީގެ ހިއްސާދާރެއްގެ ހައިސިއްޔަތުން ސަރުކާރަށް ލިބިފައިވާ ޑިރެކްޓަރުން ޢައްޔަންކުރުމުގެ ހައްގުގެ ބޭނުން ހިފުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ވަކި ކޮށްފައިވަނީވެސް، މި ދެންނެވި އުސޫލުން ސަރުކާރަށް ލިބިފައިވާ ހައްގުގެ ބޭނުން ހިފުމުގެ ތެރެއިންނެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމުންވަކިވެފައި އެވަނީ ޑިރެކްޓަރުކަމުން ވަކިކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެން ގޮތަކަށް ބުނާނަމަ، ޤާނޫނު ހިންގުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ވަކިކުރިކަން އަންގައި ފޮނުވި ސިޓީއެމް.ޑަބްލިއު.އެސް.ސީގައި މުޙައްމަދު އަޙްމަދުދީދީ އަދާކުރަމުންދިޔަ މަޤާމުން ވަކިކުރުމަށް ޕްރައިވަޓައިޒޭޝަން ބޯޑުން މުޙައްމަދު އަޙްމަދުދީދީއަށް ފޮނުވާފައިވާ ނަންބަރު 545/INDIV/2014/69 (12 ޖެނުއަރީ 2014) ސިޓީގައިވާ ޢިބާރާތުގައި އޮތީ،.. "އަލްފާޟިލް މުޙައްމަދު އަޙްމަދުދީދީ، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރކަމުންނާއި، މެމްބަރުކަމުން ވަކިކުރުމަށް ނިންމައިފީމެވެ." މިފަދައިންނެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މުޙައްމަދު އަޙްމަދުދީދީއަށް ފޮނުވާފައިވާ ސިޓީއަކީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުމެއް ތަންފީޛުކުރުމުގެ ގޮތުން ފޮނުވާފައިވާ ސިޓީއެއްކަން އެ ސިޓީއާއި، އެ ސިޓީ ފޮނުވަން މެދުވެރިވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 1-EYD/454/2014/21 (11 ޖެނުއަރީ 2014) ސިޓީއަށް ބެލުމުން އެނގެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކީ، އެމް.ޑަބްލިއު.އެސް.ސީގެ ބޯޑަށް ބަދަލު ގެނެސް، މުޙައްމަދު އަޙްމަދުދީދީ ހިމެނޭނެހެން، އެ ސިޓީގައި ބަޔާންކޮށްފައިވާ 05 މީހަކު ބޯޑުން ވަކިކުރެއްވުންކަން ސާފުކޮށް އެނގެއެވެ.

އަހުރެންވެސް އެއްބަހެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމުން ތަންފީޛުކުރުމުގެ ގޮތުން ޕްރައިވަޓައިޒޭޝަން ބޯޑުން ފޮނުވާފައިވާ ސިޓީގައިވާ ޢިބާރާތުގައި މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކުރުމަށް ނިންމި ވާހަކަ ހިމަނާފައި އެ އޮތީ ޤާނޫނީ ގޮތުން އެންމެ ފުރިހަމަ ގޮތަކަށް ނޫނެވެ. ނަމަވެސް، އެ ޢިބާރާތް އެ ގޮތަކަށް އޮތުމަކުން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ ނަތީޖާއަށް ޤާނޫނީ ގޮތުން އަންނާނެ ބަދަލެއް ނެތްކަންވެސް ފާހަގަ ކުރަމެވެ.

މެނޭޖިންގ ޑިރެކްޓަރ ވަކިކުރުމުގައި ޑިރެކްޓަރުންގެ ބޯޑުގެ ދައުރުއަހުރެންވެސް އެއްބަހެވެ. މެނޭޖިންގ ޑިރެކްޓަރ ވަކިކުރުމުގެ ބާރު އެމް.ޑަބްލިއު.އެސް.ސީގެ ހިންގާ ގަވާއިދުގައި 65 ވަނަ މާއްދާގެ (ކޭ) އިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވެއެވެ. އަދި އެ ހާލަތުގައި ޢަމަލު ކުރަންޖެހޭ އުސޫލުތަކެއްވެސް އެ މާއްދާގައި ބަޔާންވެފައިވެއެވެ. ނަމަވެސް، އެއީ ބޯޑުން ޢަމަލުކުރުން ލާޒިމު އުސޫލުތަކެކެވެ. އެ އުސޫލުތައް ކުންފުނީގެ ހިއްސާދާރުންގެ މައްޗަކަށް ނުހިނގާނެއެވެ. އަދި ހިއްސާދާރުންނަށް ޤާނޫނީ ގޮތުން ލިބިގެންވާ ބާރެއް އެ އުސޫލުތަކުން ހަންޏެއްވެސް ނުކުރެވޭނެއެވެ. ކަންމިހެން އޮތްއިރު، އެމް.ޑަބްލިއު.އެސް.ސީގެ ހިންގާ ގަވާއިދުގެ 65 ވަނަ މާއްދާގައިވާ މެނޭޖިންގ ޑިރެކްޓަރ ވަކިކުރުމުގެ އިޖުރާއަތުތަކަކީ މި މައްސަލައިގައިވާ ހާލަތަށް ތަޠުބީޤު ކުރެވޭނެ އިޖުރާއަތުތަކެއް ނޫނެވެ.

ސަރވިސް އެގްރިމެންޓްމި އިސްތިއުނާފީ މައްސަލައިގައި މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ފާހަގަކުރާ އެއްކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 04 ވަނަ ބާބުން އިސްތިސްނާވެ، އެ ޢާންމު ޤާނޫނުގެ (Public Law) ހިމާޔަތް ނުލިބުނު ނަމަވެސް، ޚާއްޞަ ޤާނޫނުން (Private law) ލިބޭ ހިމާޔަތުން މުޙައްމަދު އަޙްމަދުދީދީ މަޙްރޫމު ނުކުރެވޭނެ ކަމަށެވެ. މި ގޮތުން މި މައްސަލައިގައި ޚާއްޞަ ޤާނޫނީ އިންތިޒާމެއް އުފަންވެފައިވާކަމާއި، މި ހާލަތުގައި ޚާއްޞަ ޤާނޫނީ ހިމާޔަތެއް އެ އިންތިޒާމަށް ލިބެންޖެހޭނެކަމުގައި މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ދެކެއެވެ.

މި ތަނުގައި ޚާއްޞަ ޤާނޫނީ އިންތިޒާމެއްކަމުގައި މުޙައްމަދު އަޙްމަދުދީދީ ހަވާލާދެނީ، މުޙައްމަދު އަޙްމަދުދީދީއާއި، އެމް.ޑަބްލިއު.އެސް.ސީއާ ދެމެދު ކުރެވިފައިވާ ސަރވިސް އެގްރިމެންޓަށެވެ. މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން މި ނުކުތާގައި ފާހަގަކުރަނީ، ސަރވިސް އެގްރިމެންޓްގެ 11 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރެވޭ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށާއި، އަދި އެ ހާލަތުގައި ލިބެންޖެހޭނެ ބަދަލު ބަޔާންކޮށްފައިވާތީ، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުޙައްމަދު އަޙްމަދުދީދީއަށް އެކަމުގެ ބަދަލު ލިބުން ޙައްޤުކަމުގައެވެ. މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ފާހަގަކުރާ އެއްބަސްވުމުގެ 11 ވަނަ މާއްދާ ތިރީގައި މިވަނީއެވެ.

Termination

The Company shall have the right to terminate this Agreement immediately upon the occurrence of any of the following events;

If the Employee is unable or prevented from carrying out his Duties due to incapacity for a period exceeding 120 (one hundred and twenty) days within a period of 12 (twelve) months; or

If, in the opinion of the Board of Directors, the Employee commits any serious or persistent breach of the provisions of this Agreement; or

11.1.3 If the Employee is guilty of grave misconduct or willful neglect in the discharge of is duties under this Agreement; or

11.1.4 If the Employee becomes of unsound mind; or

11.1.5 If the Employee is convicted of any criminal offence (other than an offence which in the reasonable opinion of the Board of Directors does not affect his position as the Managing Director of the Company).

In such case, the Company shall give 30 (thirty) days notice in writing, and then paying to the Employee severance consisting of 6 (six) months remuneration plus one additional month’s remuneration for each year of completed service to the Company.

The Employee is required to give 6 (six) months notice for voluntary resignation. The Company may, at its discretion in lieu of some or all of this notice period.

ސަރވިސް އެގްރިމެންޓްގެ 11.1 ވަނަ މާއްދާގައި ސަރވިސް އެގްރިމެންޓް އުވާލެވޭނެ ޙާލަތްތައް ބަޔާންކޮށް 05 ހާލަތެއް ބަޔާންކޮށްފައިވެއެވެ. އަދި މިއިން ހާލަތެއް މެދުވެރިވެއްޖެނަމަ، 30 ދުވަހުގެ ނޯޓިސްދީ 06 މަސްދުވަހުގެ މުސާރައާއި، ކުންފުންޏަށް ޚިދުމަތްކޮށްދިން ކޮންމެ އަހަރަކަށް މަހެއްގެ ނިސްބަތުން މަހަކަށްޖެހޭ މުސާރަ ދޭންޖެހޭނެ ކަމުގައި މި މާއްދާގައިވެއެވެ.

ސަރވިސް އެގްރިމަންޓަށް ބަލާއިރު، އެ އެގްރިމެންޓަކީ، މެނޭޖިންގ ޑިރެކްޓަރާއި ކުންފުންޏާ ދެމެދުގައި ވެފައިވާ އެގްރިމެންޓެކެވެ. މިއީ ޤާނޫނީ ގޮތުން އޮތުން ލާޒިމު އެއްބަސްވުމެއް ނޫނެވެ. މި ފަދަ އެއްބަސްވުމެއްގެ ސަބަބުން، ހިއްސާދާރެއްގެ ހައިސިއްޔަތުން ސަރުކާރަށް ލިބިފައި އޮންނަ ބާރެއް ނުވަތަ ޙައްޤެއް ނަފީވެ، ހަނިވެ، ނުވަތަ ތަސައްރަފުކުރުމަށް ހުރަސްއެޅުން ހުއްދަކުރާ ސަބަބެއް މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ދެއްކިފައިނުވެއެވެ.

ސަރވިސް އެގްރިމެންޓްގެ 11 ވަނަ މާއްދާއަށް ބަލާއިރު އިތުރަށް ފާހަގަވަނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އެގްރިމެންޓް އުވާލެވޭނެ ހާލަތްތަކުގައި ހިއްސާދާރަކު، އޭނާ އައްޔަންކޮށްފައިވާ ނުވަތަ އިންތިޚާބު ކޮށްފައިވާ ޑިރެކްޓަރަކު އެ މަޤާމުން ވަކިކުރާ ހާލަތު ހިމެނިފައިނުވާކަމެވެ. ކަންމިހެން އޮތްއިރު، މި އެއްބަސްވުގެ 11 ވަނަ މާއްދާއަކީ މި މައްސަލައިގައި ކުރިމަތިވެފައިވާ ހާލަތަށް ތަޠުބީޤު ކުރެވޭނެ މާއްދާއެއް ނޫނެވެ. ވުމާއެކު ސަރވިސް އެގްރިމެންޓްގެ ދަށުން މި މައްސަލައިގައި ދޭންޖެހޭ ބަދަލެއް އޮތްކަމުގައިވެސް އަހުރެން ނުދެކެމެވެ. އަދި މި އުސޫލުން ވިސްނާއިރު، ސަރވިސް އެގްރިމެންޓްގެ 11 ވަނަ މާއްދާއާ ގުޅިގެން ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވާ މަސައްކަތްކުރުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ބަހުސެއް އުފަންނުވެއެވެ.

މައްސަލަ ނިންމަން ފެންނަ ގޮތްމި ރައުޔުގައި މަތީގައި ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ “ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނާއި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުން އައްޔަނުކުރުމާއި، ވަކި ކުރުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސަރުކާރުން ހުށަހަޅާ ނަންތައް ހުށަހެޅުމުން އެ ބޯޑުން ޢަމަލުކުރާ އުސޫލު" އަކީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޢާންމުކުރަންޖެހޭ އުސޫލެއް ނޫންކަމުގައްޔާއި، މުޙައްމަދު އަޙްމަދުދީދީ ވަޒީފާއިން ވަކިވެފައިވަނީ ޤާނޫނު ހިންގުމުގެ ނަތީޖާއެއްގެ ސަބަބުންކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމުގައި އަހުރެން ދެކެވެ. ވުމާއެކު ހައިކޯޓުގެ ނިންމުމަށް ތާއީދު ކޮށް މި މައްސަލަ ނިންމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/460 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ ސަބަބެއް ނެތުމުން، ހައިކޯޓުގެ ނަންބަރު 2016/HC-A/460 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ