ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/334

މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ ވ. ޒުނައިރާ އަޙްމަދު ނަޢީމް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 24 ޑިސެމްބަރު 2024ދަށު ކޯޓު: ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓު 9/F7C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓު 9/F7C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބަންޑާރަ ގޯތި ދިނުމުގެ ކައުންސިލްގެ އިޢުލާން ބާޠިލުކުރުމުގައި ދަށުކޯޓުން ދަޢުވާކުރި ފަރާތުން ނޭދޭ ފަރުވާއެއް ދިނީތޯ، ގޯތީގެ ކޮމިޓީގައި ގޯއްޗަށް އެދުނު ފަރާތެއް ހިމެނުމާ ގުޅޭ ގޮތުން ލާމަރުކަޒީ ޤާނޫނުގެ 126 ވަނަ މާއްދާ ތަޠުބީޤުކުރުން ގޯސްތޯ، އަދި ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރުމުގެ ވާޖިބު ފުއްދައިފިތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އިންސާފުވެރި ޝަރީޢަތެއްގެ ސަބަބުން، މީހެއްގެ މައްޗަށް ކުރާ ދަޢުވާއަކީ ކޮބައިކަން އެ މީހަކަށް ނާންގައި، ޖަވާބުދާރީވުމަށް ނުވަތަ ދިފާޢުވުމަށް ފުރުޞަތު ނުދީ ފަނޑިޔާރަކަށް ޙުކުމެއް ނުކުރެވޭނެއެވެ.

މަދަނީ › މަދަނީ އެހެނިހެން މައްސަލަ

HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން، އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިނުވާހާ ހިނދަކު، ޚަޞްމަކު އެދުނު ފަރުވާއާ ތަފާތު ފަރުވާއެއް ނުވަތަ އިތުރު ފަރުވާއެއް ނުދެވޭނެއެވެ.

HN3 ޚަޞްމަކު އެދިފައިވާ ފަރުވާ ކަނޑައަޅާނީ ދަޢުވާ ފޯމާއި ދަށުކޯޓުގައި ދެއްކި ވާހަކައަށް ބަލައި، ޙަޤީޤަތުގައި އެދިފައިވާ ފަރުވާއަށެވެ؛ ދަޢުވާ ފޯމުގައި ސާފުކޮށް އެދިފައި ނެތަސް، ޕޮއިންޓް ދިނުމުގެ އުޞޫލު ޤާނޫނާ ޚިލާފުކަމަށް ބުނެ އެ އުޞޫލު ބަލައިދިނުމަށް އެދިފައިވާއިރު، އެއް އިޢުލާނަކާ ގުޅޭ ގޮތުން އަނެއް ދަޢުވާކުރި ފަރާތުން އިޢުލާން ބާޠިލުކުރުމަށް ސާފުކޮށް އެދިފައިވާއިރު، އިޢުލާން ބާޠިލުކުރުމަކީ އެދިފައި ނުވާ ފަރުވާއެއް ދިނުމެއް ނޫނެވެ.

މަދަނީ › މަދަނީ އެހެނިހެން މައްސަލަ

HN4 ލާމަރުކަޒީ ޤާނޫނުގެ 126 ވަނަ މާއްދާގައި ބަޔާންކުރަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމާއި މަސްއޫލިއްޔަތު ކަމަށްވާތީ، ގޯތީގެ ކޮމިޓީގެ ސައްޙަކަމަށް އެ މާއްދާ ތަޠުބީޤުކުރުން ރަނގަޅެއް ނޫނެވެ؛ ނަމަވެސް ދަށުކޯޓުގެ ނިންމުން ބިނާވެފައިވަނީ ހަމައެކަނި އެ ސަބަބަށް ނޫންނަމަ، އެކަމުން ޙުކުމް ބާޠިލެއް ނުވެއެވެ.

HN5 ގޯއްޗަށް އެދުނު ފަރާތެއް ގޯތީގެ ކޮމިޓީގައި ހިމެނޭކަމަށް ދަޢުވާކުރެވުމުން އެކަމުން ބަރީއަވުމުގެ ފުރުޞަތު އޮތީ ކައުންސިލަށެވެ؛ ކައުންސިލުން އެކަމަށް އިންކާރުނުކޮށް ތަފުސީލު ހުށަނާޅާނަމަ، މަޞްލަޙަތު ފުށުއަރާ ފަރާތެއް ކޮމިޓީގައި ހިމެނުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭ، މަޞްލަޙަތަށް ރަނގަޅު ނޫން ކަމެއް ކަމަށާއި، އެކަން މަނާކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.

HN6 ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރުމަކީ ޤާނޫނުއަސާސީގެ 42 (ހ) ގެ އިންސާފުވެރި ޝަރީޢަތުގެ މައިގަނޑު ޢުންޞުރެކެވެ (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)؛ ދަށުކޯޓުން ރިޢާޔަތްކުރި ލިޔެކިޔުންތަކާއި ސަބަބު ނިންމުމުން އެނގެން އޮތްނަމަ، އެ ވާޖިބު ފުއްދާފައި ނުވާކަމަށް ނުބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 9/F7C/2021 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބ.ދޮންފަނު / ނަސީމީގެ، ޒުނައިރާ އަޙްމަދު ނަޢީމް .އެވެ.

މައްސަލައިގައި ކަން ހިނގާފައިވާގޮތް

3ދިރިއުޅުމަށް ބަންޑަރަ ގޯތި ދޫކުރުމަށް ހުޅުވާލާ މާޅޮސްމަޑުލު ދޮންފަނު ކައުންސިލް އިދާރާގެ ނަންބަރު 317/2020/35(IUL) އިއުލާން 30 އޮގަސްޓް 2020 ގައި އާންމުކޮށްފައިވެއެވެ.

4މި އިއުލާނާއި ގުޅިގެން ބ. ދޮންފަނު / ނަސީމީގެ، ޒުނައިރާ އަޙްމަދު ނަޢީމް ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާއަށް ހުށަހެޅިއެވެ. އަދި ޒުނައިރާ އަޙްމަދު ނަޢީމަށް ޕޮއިންޓް ދީފައިވާ ގޮތާމެދު ހިތްހަމަނުޖެހޭކަމަށް ބުނެ ޒުނައިރާ އަޙްމަދު ނަޢީމުގެ ފަރާތުން މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

5އެގޮތުން އިސްތިއުނާފު ކުރެވިފައި މިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 9/F7C/2021 ޤަޟިއްޔާ އެވެ. މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާ

6އިސްތިއުނާފު މިކުރެވޭ މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 9/F7C/2021 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލާ މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލް އިދާރާގެ ނަންބަރު: IUL)317/2020/35) (30 އޮގަސްޓް 2020) އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ބ. ދޮންފަނު / ނަސީމީގެ، ޒުނައިރާ އަޙްމަދު ނަޢީމް އަދި ބ.ދޮންފަނު / ހުސްނޫވިލާ ޝަރަފިއްޔާ އިބްރާހީމް ހުށަހަޅާފައިވާ ފޯމަށް ޕޮއިންޓް ދިނުމުގައި މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލުން ޢަމަލުކޮށްފައިވާ ގޮތާއިމެދު ހިތްހަމަނުޖެހޭކަމަށް ބުނެ މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލް އިދާރާގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މައްސަލައެއްކަން އެނގެން އޮވެއެވެ. މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުން ނިންމިގޮތް

7މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 9/F7C/2021 ޤަޟިއްޔާ ނިންމަވާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރި ކަންކަން އެގޮތުގައި ހުރުމުން، ބ. ދޮންފަނު / ނަސީމީގެ، ޒުނައިރާ އަޙްމަދު ނަޢީމް އާއި، ބ.ދޮންފަނު / ހުސްނޫވިލާ، ޝަރަފިއްޔާ އިބްރާހިމްގެ ފަރާތުން މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ މައްޗަށް ހުށަހަޅާފައިވާ މި ޤަޟިއްޔާ ތަކުގައި އަންނަނިވި ކަންކަން ކަނޑައެޅަމެވެ. (1) ބަންޑާރަ ގޯތި ދިނުމާއި ގުޅޭގޮތުން މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލުން ކޮށްފައިވާ ނަންބަރު: IUL)317/2020/35) (30 އޮގަސްޓް 2020) އިޢުލާން ބާޠިލް ކުރުމަށާއި، (2) 30 ޑިސެމްބަރ 2021 ގައި ނެރެފައިވާ މި ކޯޓުގެ ނަންބަރު: F7C-A/2021/2 ވަގުތީ އަމުރު މިހާރު ނިމުމަކަށް އައިސްފައިވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

8މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 9/F7C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ ފަރާތުން 04 (ހަތަރެއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާތަކަކީ؛

8.1 އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ދަޢުވާއަކީ ކޮބާކަމާއި އެފަރާތުން ދަޢުވާއިން ހޯދުމަށް އެދޭ ޤާނޫނީ ފަރުވާއަކީ ކޮބާކަން މުޅި މައްސަލައިގެ އަޑުއެހުންތައް ނިމުނުއިރުވެސް ސާފުކޮށްދީފައި ނުވާއިރު އިސްތިއުނާފު ރައްދުވާ ފަރާތުން ނޭދޭ ކަންކަން ޙުކުމުގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާގައ ބަޔާންކުރާ އުޞޫލާ ޚިލާފަށްކަން؛

8.2 ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގެވަޅަށް އެދި ހުށަހެޅި ފަރާތެއް މަސައްކަތް ކޮށްފައިވުމަކުން އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ނަންބަރު IUL)317/2020/35) (30 އޮގަސްޓް 2020) އިޢުލާން ބާޠިލުކުރެވޭނެ ޤާނޫނީ ހަމައެއް ނެތްއިރު، އިޢުލާން ބާޠިލުކޮށްފައިވުން؛

8.3 ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމެޓީގައި ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތެއް ހިމެނުމަކީ ކޮމެޓީގެ ސައްޙަކަމާމެދު ސުވާލުއުފެދޭ ކަމެއްތޯ ކަނޑައެޅުމުގައި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 126 ވަނަ މާއްދާއާ ޙަވާދީފައިވަނީ ރަނގަޅަށް ނޫންކަމަށްވާތީ، އެއީ ޤާނޫނު ނަންބަރު 13//2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމެއްކަން؛

8.4 ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތެއް ހިމެނުމަކީ ކޮމެޓީގެ ސައްޙަކަމާމެދު ސުވާލުއުފެދޭ ކަމެއްތޯ ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން) ޤަޟިއްޔާގައި ބަޔާންކުރާ ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުމުގެ ވާޖިބާ ޚިލާފުވެފައިވާކަން؛ ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

9މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 9/F7C/2021 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 12/F7C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބަލާފައިވާ މިކޯޓުގެ ނަންބަރު 2022/HC-A/433 ޤަޟިއްޔާއި 2022/HC-A/434 ޤަޟިއްޔް އަޑުއެހުންތައް ކުރިއަށް ގެންދެވިފައިވަނީ އެކުއެކީގައި ކަމަށް ވީނަމަވެސް މި ދެ ޤަޝިއްޔާގެ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތައް ތަފާތުވެފައިވާތީ، މައްސަލަތައް ނިންމުމުގައި ވަކިވަކި ޤަޟިއްޔާގެ ގޮތުގައި ނިންމުމަށް މައްސަލަ ބެލި ބެންޗުން ނިންމާފައިވެއެވެ.

10މި ޤަޟިއްޔާގައި ބަލާފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލް އިދާރާގެ ނަންބަރު: 317/2020/35(IUL) އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ބ. ދޮންފަނު / ނަސީމީގެ، ޒުނައިރާ އަޙްމަދު ނަޢީމް ހުށަހަޅާފައިވާ ފޯމަށް ޕޮއިންޓް ދިނުމުގައި މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލުން ޢަމަލުކޮށްފައިވާ ގޮތާއިމެދު ހިތްހަމަނުޖެހޭކަމަށް ބުނެ މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލް އިދާރާގެ މައްޗަށް ދަޢުވާކޮށް ޒުނައިރާ އަޙްމަދު ނަޢީމް ހުށަހެޅި މައްސަލައިގެ އިސްތިއުނާފީ މައްސަލައެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓުގައި އެދިފައި ނުވާ ކަމަކަށް ފަރުވާ ދީފައިވާ ކަމަށް ބުނާ ބުނުން.

11އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދައުވާގައި އެފަރާތުން އެދޭގޮތަކީ، ގޯތީގެ ކަންކަން އަލުން ރީ އިވެލުއޭޓް ކުރުންކަމަށް ދޭހަވާ މާނައަކުން ވާހަކަދައްކާފައިވާއިރު، އެކަންކަމަށް ރިޢާޔަތް ނުކޮށް ގޯތި ދޫކުރުމަށް، އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ އިއުލާން ބާޠިލްކުރުމަށް ޙުކުމްގައި ނިންމި ނިންމުމަކީ އިސްތިއުނާފުކުރާ ފަރާތުން ވެސް އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ވެސް ހޯދުމަށް އެދިފައިވާ ފަރުވާއެއް ނޫންކަމަށެވެ. އެހެންކަމުން މި ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔަންކުރާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ދެކޭކަމަށެވެ.

12HN1މީހެއްގެ މައްޗަށް އިންސާފުން ޝަރީޢަތް ކުރެވުމަކީ އަސާސީ އިންސާނީ ޙައްޤެކެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދަގެ (ހ) އައި (ށ) ގެ ދަށުން ބަޔާންކޮށްފައިވާ އުސޫލުތަކަކީ،

(ހ) އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ބޭއްވުން

(ށ) ޢާންމުކޮށް ހުޅުވާލެވިގެން ޝަރީޢަތް ބޭއްވުން

(ނ) އަދުލުވެރިކަން

(ރ) ވަކި ފަރާތަކަށް ނުޖެހުން، އަދި

(ބ) ހާމަކަމާއެކު ޝަރީޢަތްކުރުން.

13އިސްވެ ބުނެވުނު އުސޫލުތަކަކީ އިންސާފު ހޯދަން އަންނަ ފަރާތްތަކަށް ފަނޑިޔާރުން ޢަމަލު ކުރަނީ އިންސާފުންކަން ދޭހަކޮށްދިނުމަށް ފަނޑިޔާރު ތަބާވާންޖެހޭ އެންމެ އަސާސީ މިންގަޑެވެ. ޢަދުލްވެރިކަމާއެކު ޝަރީޢަތް ކުރުމަކީ މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތްތަކަކަށް އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތުދީ، އަދި އަނެއް ފަރާތުން ހުށަހަޅާ ކަންކަން ތައުނު ކުރުމަށް ފުރުސަތުދިނުމާއެކު، މައްސަލައިގެ ހުރިހާ ފަރާތަކާމެދުވެސް ހަމަހަމަ ކަމާއެކު އަމަލުކުރުމެވެ. މި މަފްހޫމްގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ކޮބައިކަން އެ މީހަކަށް ނާންގައި، އެ ދަޢުވާއަށް ޖަވާބުދާރީވާން ނުވަތަ ދިފާޢުވާން ފުރުސަތު ދިނުމެއްނެތި، ފަނޑިޔާރަކަށް ޙުކުމެއް ނުކުރެވޭނެއެވެ.

14HN2މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންވެގެންވަނީ އަންނަނިވި ފަދައިންނެވެ. "އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، ޚަޞްމަކު އެދިފައިވާ ފަރުވާއެއް ތަފާތު ފަރުވާއެއް، ނުވަތަ ޚަޞްމަކު އެދުނު ފަރުވާގެ އިތުރުން، އެހެން ފަރުވާއެއް ދިނުމަށް ކަނޑައެޅިގެން ނުވާނެއެވެ. އަދި ދަޢުވާއިން ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ ތެރެއިން އަނެއް ޚަޞްމު ދިނުމަށް އެއްބަސްވެފައިވާ މިންވަރަށްވުރެ ކުޑަ މިންވަރަކަށް ބަދަލު ނަގައިދިނުމަށް ކަނޑައަޅައިގެންނުވާނެއެވެ."

15ޤާނޫނު ނަންބަރު 01/2022 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ޤަވާއިދު" ގައިވާގޮތުގެ މަތިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ބ. ދޮނުފަނުގައި ހަމަޖެހި އެކަމަށް ޝަރުޢު ފުރިހަމަވާ ފަރާތްތަކަށް ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ބ. ދޮންފަނު ކައުންސިލް އިދާރާއިން އާންމުކޮށް ހުޅުވާލިއެވެ. އެފަދައިން އާންމުކޮށްފައިވަނީ އެ ކައުންސިލް އިދާރާގެ ނަންބަރު 317/2020/35(IUL) (30 އޮގަސްޓް 2020) އިއުލާނުންނެވެ. އަދި މި އިއުލާނާއެކު ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލު އެ އިޢުލާނުގެ އެކްސިބިޓް 2 ގެ ގޮތުގައި އާންމުކޮށްފައިވެއެވެ.

16HN3އިސްތިއުނާފު ރައްދުވާ ފަރާތުން މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވަނީ ގޯތި ދިނުމުގެ އުސޫލަށް ބަދަލުގެންނަންޖެހޭކަމަށް ފާހަގަވާތީ، ގޯތި ދިނުމުގެ މަރުހަލާ ހުއްޓައި މައްސަލަ ބަލައި ދިނުންކަމަށް އެފަރާތުން ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކުންނާއި މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުން އެނގެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ދައުވާ ފޯމުގައި، ސާފުކޮށް ގޯތި ދިނުމަށްކުރި އިއުލާން ބާޠިލްކޮށްދިނުމަށް އެދިފައި ނެތަސް، އެފަރާތުން ދަށުކޯޓުގައި ހުށަހަޅާފައިވާ ވާހަކަތަކަށް ބަލާއިރު، ގޯތި ދިނުމަށް ކަނޑައަޅާފައިވާ އުސޫލަކީ ޤާނޫނާ ޚިލާފު އުޞޫލެއްކަމަށާއި، "ޕޮއިންޓު ދިނުމުގެ އުސޫލު" އާންމުކުރިއިރު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ. މިވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ހަޤީޤަތުގައި އެދިފައިވާ ފަރުވާއަކީ ގޯތި ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދިނުމުގެ އުސޫލުގެ މައްސަލަތަކެއް ހުރިކަމަށާއި، އެކަންކަން ބަލައި ގޮތެއް ކަނޑައަޅައި ދިނުންކަން އޮޅުމެއްނެތި ސާފުކޮށް އެނގެއެވެ. އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބަލައި، އިންސާފު ޤާއިމުވާނީ އުސޫލު ބާޠިލްކުރުން ކަމަށްވާތީ، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުން ގޯތި ދޫކުރުމަށް އިންސާފުން ބޭރުން ކޮށްފައިވާ އެ ކައުންސިލް އިދާރާގެ ނަންބަރު IUL)317/2020/35) (30 އޮގަސްޓް 2020) އިއުލާން ބާޠިލްކުރުމުން އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ފަރުވާ ލިބުމުގެ ފުރުސަތު އެބައޮތެވެ.

17އަދި މީގެ އިތުރުންވެސް، މި އިސްތިއުނާފީ މައްސަލައާ އެކުގަ ބެލިފައިވާ މި ކޯޓުގެ ނަންބަރު 2022/HC-A/434 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގެ އިސްތިއުނާފު ރައްދުވާ ބ. ދޮންފަނު ހުސްނޫވިލާ، ޝަރަފިއްޔާ އިބްރާހީމްގެ ފަރާތުން ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާގެ ނަންބަރު IUL)317/2020/35) (30 އޮގަސްޓް 2020) އިއުލާންގެ ދަށުން އިއުލާންކޮށްފައިވާ އުސޫލުގެ 2 ވަނަ ނަންބަރުގައިވާ މާއްދާތަކަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އަދާލަތުގެ ހަމަތަކާއި ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލް އިދާރާގެ ނަންބަރު IUL)317/2020/35) އިއުލާނަކީ ބާތިލު އިޢުލާނެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށް ބުނެފައިވެއެވެ. އިސްތިއުނާފުކުރެވިފައި މިވާ މައްސަލައާއި މި އިސްތިއުނާފީ މައްސަލައާ އެކުގަ ބެލިފައިވާ މި ކޯޓުގެ ނަންބަރު 2022/HC-A/434 ޤަޟިއްޔާއިން ވެސް ބަލަމުންދާ މައްސަލައަކީ ވެސް އެއް އިއުލާނެއްގެ ދަށުން ނެރެފައިވާ ޕޮއިންޓު ދިނުމުގެ އުސޫލުކަމަށްވާއިރު، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުން ގޯތި ދޫކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ އިއުލާން ބާޠިލްކޮށްފައިވަނީ، އެ ޤަޟިއްޔާގެ އިސްތިއުނާފުރައްދުވާ ފަރާތް ކަމުގައިވާ ބ. ދޮންފަނު ހުސްނޫވިލާ، ޝަރަފިއްޔާ އިބްރާހީމްގެ ފަރާތުން އެދިފައިވާ އެދުމުގެ މައްޗަށް ވެސް ބަލައިކަން އެނގެން އޮވެއެވެ. މިހެން މިކަން އޮތުމުން، އެދިފައި ނުވާ ކަމަކަށް މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުއިން މައްސަލަ ނިންމުމުގައި ގޮތެއް ނިންމާފައިވާކަމަކަށް ބުނެވޭނެ ތަނެއް އޮތްކަމަކަށް ނުދެކެމެވެ. އެހެންކަމުން މި ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔަންކުރާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އަހުރެން ނުދެކެމެވެ. ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގެވަޅަށް އެދި ހުށަހެޅި ފަރާތެއް މަސައްކަތް ކޮށްފައިވާކަމަށް ބުނާ ބުނުން،

18ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގެވަޅަށް އެދި ހުށަހެޅި ފަރާތެއް މަސައްކަތް ކޮށްފައިވުމަކީ އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ އިޢުލާން ބާޠިލުކުރެވޭނެ ޤާނޫނީ ހަމައެއް ނޫންކަމަށާއި، އަދި ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމެޓީގައި ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތެއް ހިމެނުމަކީ ކޮމެޓީގެ ސައްޙަކަމާމެދު ސުވާލުއުފެދޭ ކަމެއްތޯ ކަނޑައެޅުމުގައި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 126 ވަނަ މާއްދާއަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ޙަވާދީފައިވަނީ ރަނގަޅަށް ނޫންކަމަށާއި މި ނިންމުންތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު4ގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.

19HN4ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 126 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވަނީ ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހަކު އައްޔަންކުރަންވާނެ ވާހަކައާއި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެވެ.

20އިސްތިއުނާފު ކުރެވިފައި މިވާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެރިޕޯޓުގެ

10.1.3 ވަނަ ނުކުތާގައި، ގޯތި ދިނުމުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީ ގައި ގެވަޅަށް ލާފައިވާ ފަރާތެއް މަސައްކަތް ކުރުމަކީ ކޮމެޓީގެ ސައްޙަކަމާމެދު ސުވާލު އުފެދިދާނެކަމައްތޯ ބަލާފައިވެއެވެ. އެގޮތުން އެ ނުކުތާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 126 ވަނަ މާއްދާއަށް ހަވާލާދީ ބަޔާންކޮށްފައިވަނީ، "ކައުންސިލްގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަންކަމުގައްޔާއި، އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް އަދި ދައުރެއް ހިމެނޭ ކަންކަމުގައި މެންބަރުން ބައިވެރިވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ގޯތި ދޫކުރުމުގެ ކަންކަމަކީ ސީދާ ރައްޔިތުމީހާ އާއި ގުޅިފައިވާ ކަމަކަށް ވާއިރު، އެފަދަ ކަންކަން ކުރުމަށް ކައުންސިލުން އައްޔަންކުރާ ކޮމެޓީ ތަކުގައި ވެސް މަސްލަހަތު ފުށުއަރާ ފަރާތެއް ހިމެނުމަކީ ކޮމެޓީން ނިންމާ ނިންމުންތަކާއި މެދުގައި ރައްޔިތުން ސުވާލު އުފެއްދުމުގެ ފުރުސަތު އޮންނާނެ ކަމަކަށްވާތީ އެފަދަ ފުރުސަތު ކައުންސިލުން ދީފައިވަނީ އިސްވެ ބަޔާންކުރި ޤާނޫނުގެ 2 ވަނަ މާއްދާގެ މަޤްސަދު އާއި ފުށުއަރާގޮތަށެވެ." މިފަދައިންނެވެ.

21އިސްވެބަޔާންކުރެވުނު ނުކުތާއަށް ބަލާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 126 ވަނަ މާއްދާއަށް ހަވާލާދީ އެ މާއްދާ ތަޠްބީޤުކޮށްފައިވަނީ ރަނގަޅަށް ކަމަކަށް ނުދެކެމެވެ. އެހެނީ، އެ މާއްދާގައި ބަޔާންކުރަނީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމާއި ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުކަން އެނގެން އޮވެއެވެ. އެހެންނަމަވެސް، މި މައްސަލައާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި، އިސްތިއުނާފުކުރެވިފައި މިވާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގޯތި ދޫކުރުމަށް ކޮށްފައިވާ އިއުލާން ބާޠިލްކޮށްފައިވަނީ ހަމައެކަނި، ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގެވަޅަށް އެދި ހުށަހެޅި ފަރާތެއް މަސައްކަތް ކޮށްފައިވާތީކަން ނޫންކަން އެނގެއެވެ.

22HN5އަދި މީގެ އިތުރުންވެސް، އިސްތިއުނާފުކުރެވިފައި މިވާ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގެވަޅަށް އެދި ހުށަހެޅި ފަރާތް މަސައްކަތްކުރި ކަމަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވާކަން އެނގެން ނެތްކަމާއި، އަދި އެފަރާތް ކޮމެޓީގައި މަސައްކަތް ކޮށްފައިވާ ގޮތުގެ ތަފްސީލުތައް ވެސް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާކަން އެނގެން ނެތްކަން އިސްތިއުނާފު ކުރެވިފައި މިވާ މައްސަލާގައި ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. އެހެންކަމުން ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގެވަޅަށް އެދި ހުށަހެޅި ފަރާތެއް ހިމެނޭކަމުގަ ދަޢުވާ އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާ ހާލަތުގައި ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގެވަޅަށް އެދި ހުށަހެޅި ފަރާތް ބައިވެރިވެފައިވަނީ ކިހާ މިންވަރަކަށް ބުނެދީ ދައުވާ އިން ބަރީއަވުމަކީ އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ފުރުސަތެކެވެ. އެހެންކަމުން ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގެވަޅަށް އެދި ހުށަހެޅި ފަރާތެއް ހިމެނުމަކީ ދައުލަތުގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި މުވައްޒަފުންގެ ނަޒާހަތްތެރިކަން ގެއްލި މަސްލަހަތު ގެއްލޭނެ ދޮރެއް ހުޅުވިޔަ ނުދީ އެކަންކަން މަނާކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށްވާއިރު، ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގެވަޅަށް އެދި ހުށަހެޅި ފަރާތް ހިމެނުމަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށް ނުދެކމެ.

ޙުކުމަށް ވާސިލުވި ސަބަބު ބުނެދިނުން

23އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ހަތަރު ވަނަ ނުކުތާގައި، ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތެއް ހިމެނުމަކީ ކޮމެޓީގެ ސައްޙަކަމާމެދު ސުވާލުއުފެދޭ ކަމެއްތޯ ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން) ޤަޟިއްޔާގައި ބަޔާންކުރާ ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުމުގެ ވާޖިބާ ޚިލާފުވެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އެގޮތުން މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގެވަޅަށް އެދި ހުށަހެޅި ފަރާތެއް މަސައްކަތް ކޮށްފައިވާކަން ސާބިތުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށާއި، ގޯތީގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ގެވަޅަށް އެދި ހުށަހެޅި ފަރާތެއް މަސައްކަތް ކޮށްފައިވާކަމަށް ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ކޮން ހެކިތަކަކަށް ބިނާކޮށް އެހެކިތައް ކޮންގޮތަކަށް ވަޒަން ކުރެވިގެންކަން ޙުކުމްގައި ބަޔާންކޮށްފައިނުވާކަމަށެވެ. އެހެންކަމުން މި ކަމަކީ ފަނޑިޔާރުންގެ ޤަނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރުމަށް އޮންނަ މަސްއޫލިއްޔަތު އަދާކޮށްފައިނުވާކަން ދޭހަވާކަމެއް ކަމަށެވެ.

24HN6މައްސަލައެއްގެ ނިންމުމަށް ވާޞިލްވި ސަބަބު ބަޔާންކުރުމަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރަކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރުމުގެ މައިގަނޑު ޢުންސުރު ކަމުގައި ބަޔާންކުރަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފަ ޙަސަން މައްސަލައިގައި ދިވެހިރާއްޖޭ ގެ ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ ނިންމުމަށް ވާސިލްވި ސަބަބުތައް ބަޔާންކުރުމުގައި ކަން ކުރަންޖެހޭ ގޮތުގެ ބައެއް އުޞޫލުތައް ބުނެދީފައިވެއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ "ޙުކުމަށް ވާސިލުވި ސަބަބު ބަޔާން ކުރުމުގެ ވާޖިބު" އެއީ ހަމައެކަނި ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްގައި ޙުކުމެއް ކުރާއިރު، ހަމައެކަނި "ޙުކުމް" ގެ މައްޗަށް ތަޠުބީޤު ކުރާ ގޮތަށް އޮންނަ އުޞޫލެއް ނޫންކަމެވެ. އަދި ޤަޟިއްޔާއެއްގައި ކުރެވޭ ޙުކުމެކޭ އެއްފަދައިން ވަގުތީ އަމުރަށް އެދި ހުށަހަޅާ ހުށަހެޅުމެއްގެވެސް ނިންމުން ބިނާކުރަނީ ދެފަރާތުން އެ ކަމާއިމެދު ދެކެވޭ ވާހަކަތަކެއްގެ މައްޗަށާއި ހުށަހެޅިފައިވާ ދަލީލުތައްވެސް ވަޒަންކުރެވިގެންކަމަށްވާތީ ވަގުތީ އަމުރާއި ގުޅޭ ގޮތުން ނިންމާ ނިންމުންތަކުގައިވެސް މައްސަލަ ބައްލަވާ ފަނޑިޔާރު އޭނާގެ ނިންމުމަށް ވާސިލުވި ސަބަބުތައް ތަފްސީލުކޮށް ބަޔާންކޮށް ދޭންޖެހޭނެކަމަށެވެ.

25އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގެ ނިންމުމަށް ބަލާއިރު، ގޯތި ލިބުނުކަމަށް އިއުލާންކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތެއް ގެވަޅު ކޮމެޓީގައި މަސައްކަތްކޮށްފައިވާކަން އެނގޭކަން ފާހަގަކޮށް އެކަން އެނގޭ ގޮތަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ގެވަޅަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްސީލް ލިޔުންތަކުންކަމާއި، އަދި ގޯތި ދޫކުރުމުގެ ކަންކަމަކީ ސިދާ ރައްޔިތުމީހާ އާއި ގުޅިފައިވާ ކަމަކަށް ވާއިރު، އެފަދަ ކަންކަން ކުރުމަށް ކައުންސިލުން އައްޔަންކުރާ ކޮމިޓީތަކުގައި ވެސް މަސްލަހަތު ފުށުއަރާ ފަރާތެއް ހިމެނުމަކީ ކޮމެޓީން ނިންމާ ނިންމުންތަކާއި މެދުގައި ރައްޔިތުން ސުވާލު އުފެއްދުމުގެ ކަމަކަށްވާތީކަން އިސްތިއުނާފު ކުރެވިފައި މިވާ ރިޕޯޓުގައި ފާހަގަކޮށްފައި އޮވެއެވެ. ވުމާއެކު، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ދަޢުވާގައި ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށްކަން އިސްތިއުނާފު ކުރެވިފައި މިވާ ޤަޝިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. އަދި އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޝިއްޔާގައި އިޝާރާތްކުރާފަދަ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާން ނުކުރާފަދަ ހާލަތެއް މި މައްސަލަގައި ވާކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަގޮތް

26އިސްވެ ބަޔާންކުރަނިވި ކަންކަން އެގޮތުގެ މަތީން ހުރުމުން، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 9/F7C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު؛

27އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު؛

28އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާޢަތު ބަޔާންކޮށްދިނުން

29މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކޮށްފައި ނުވާނަމަ، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމާއެކު އިސްތިއުނާފު ކުރެވިފައި މިވާ، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 9/F7C/2021 ޤަޝިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މިޤަޝިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. މި ދެ ޤަޝިއްޔާގެ އަޑުއެހުންތައް އެކުއެކީގައި ކުރިއަށް ގެންދިޔަ ކަމުގައިވީނަމަވެސް މިދެ ޤަޝިއްޔާގައި ބެލިފައިވާ މައްސަލައަކީ އެއް މައުޟޫޢެއްގެ މައްޗަށް ބިނާވެފައިވާ މައްސަލަތަކަށް ނުވާތީ މި މައްސަލަތައް ނިންމާނީ ވަކިވަކި ޤަޟިއްޔާގެ ގޮތުގައި ކަމަށް 05 މެއި 2021 ވަނަ ދުވަހު ބޭއްވުނު ޝަރުޢިޗުގެ ޝަރުޢިޗުގެ މަޖިލީހުގައި މައްސަލައިގެ ބެންޗުން ނިންމިއެވެ.
  2. އިންސާނީ ހައްޤުތަކާބެހޭ ބައިނަލް އަޤުވާމީ މުއާހަދާގެ އާރޓިކަލް 10
  3. 26 ޑިސެންބަރު 2021 ވަނަ ދުވަހު ޒުނައިރާ އަޙްމަދު ނަޢީމުގެ ފަރާތުން މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާން
  4. ދިހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ ލަޠީފާ ޢަލީ ޙަސަން ޤަޝިއްޔާ SC 30(2021)
  5. މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 9/F7C/2021-12/F7C/2021 ޤަޟިއްޔާގެ 10.1.3 ވަނަ ނުކުތާގައި ބަޔާންކޮށްފައި
  6. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
  7. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)
  8. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ކަނަ މާޕްދާގަ (ސީ)
  9. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްމާމާ (މ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ((ހ)، (ށ))
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 39 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 126 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 01/2022 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު
  • އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ އާޓިކަލް 10 (ފުޓްނޯޓުގައި ލިޔެފައިވާ ގޮތަށް)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
  • ސުޕްރީމް ކޯޓު: އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން 2020/SC-A/100 ([2021] SC 30)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ