މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ ވ. ޝަރަފިއްޔާ އިބްރާހީމް ހުސްނޫވިލާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓު 12/F7C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބަންޑާރަ ގޯތި ދިނުމުގެ ޕޮއިންޓް ދިނުމުގެ އުޞޫލުގައި ހުވަފަތްވެފައި ދަރިން ތިބި މީހުންނާއި ކައިވެނި ރޫޅިފައި ދަރިން ތިބި މީހުންނަށް ތަފާތު ޕޮއިންޓް ދިނުމަކީ ޤާނޫނީ ބިންގާއެއް ހުރި ތަފާތުކުރުމެއްތޯ، އަދި އެހެން ކަމުން ކައުންސިލްގެ އިޢުލާން ބާޠިލުކުރި ދަށުކޯޓުގެ ޙުކުމް ރަނގަޅުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހުވަފަތްވެފައިވާ މީހުންނާއި ކުރިން މީހަކާ އިނދެ ވަރިވެފައިވާ މީހުން، ދެބައިމީހުންނަކީވެސް ޙަޔާތުގެ ބައިވެރިއެއް ނެތް މީހުން ކަމަށްވާތީ، ކައިވެނީގެ ގޮތުން ދެބައިމީހުންނަކީ އެއް ޙާލަތެއްގައި ތިބި މީހުންނެވެ؛ މި ޙާލަތަކީ ދެބައިމީހުންނަށްވެސް އަލުން ކައިވެނިކުރުމުގެ އިޙްތިމާލު އޮތް، ދާއިމީ ނޫން ޙާލަތެކެވެ.
HN2 ދަރިންގެ ޚަރަދުގެ ގޮތުން ދެ ޙާލަތަށް ތަފާތު ހުރިނަމަވެސް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ ޝަރުޠުތަކާއި 15 ވަނަ މާއްދާގެ އެކަށީގެންވާ މީހުން ކަނޑައެޅުމުގެ މިންގަނޑު ބިނާވެފައިވަނީ ގޯއްޗަށް އެދޭ މީހާގެ އަމިއްލަ ބިމުގެ ތަނަވަސްކަމާއި، ބެލުމުގެ ދަށުގައިވާ ދަރިންނާއި ބަލަންޖެހޭ މީހުންގެ އަދަދާއި، ކުރިން ގޯއްޗަކާމެދު ޢަމަލުކުރި ގޮތުގެ މައްޗަށެވެ؛ ދަރިންނަށް ލިބޭ ނުވަތަ ލިބިދާނެ ބިމުގެ ތަނަވަސްކަމަށް ބަލާ ޝަރުޠެއް ނެތެވެ.
HN3 އެހެންކަމުން ގޯތި ދޫކުރުމުގައި ހުވަފަތްވެފައި ދަރިން ތިބި މީހުންނާއި ކައިވެނި ރޫޅިފައި ދަރިން ތިބި މީހުންނަކީ އެއް ޙާލަތެއްގައި ތިބި ބައެއް ކަމަށްވާތީ، އެ ދެބައިމީހުން ތަފާތު ދެ ޙާލަތެއްގައި ތިބި ފަރާތްތަކެއްކަމަށް ކައުންސިލުން ދައްކާ ހުއްޖަތަކީ ޤާނޫނީ ބިންގާއެއް އޮތް ހުއްޖަތެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މި މައްސަލައަކީ، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/F7C/2021 މައްސަލަ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ މާޅޮސްމަޑުލު ދެނުކުބުރީ ދޮންފަނު ކައުންސިލްގެ އިދާރާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކޮށް ހުށަހެޅުމުން ބަލާފައިވާ ޤަސިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބ. ދޮމްފަނު ހުސްނޫވިލާ / ޝަރަފިއްޔާ އިބްރާހީމްއެވެ.
މައްސަލައިގައި ކަން ހިނގާފައިވާގޮތް
2ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލާ މާޅޮސްމަޑުލު ދެނުކުބުރީ ދޮންފަނު ކައުންސިލްގެ އިދާރާގެ ނަންބަރު 317/2020/35(IUL) (30 އޮގަސްޓް 2020) އިޢުލާން އާއްމުކޮށްފައިވެއެވެ. މި އިޢުލާނާއި ގުޅިގެން ޝަރަފިއްޔާ އިބްރާހީމް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗެއް ހޯދުމަށް އެދޭ ފޯމު މާޅޮސްމަޑުލު ދެނުކުބުރީ ދޮންފަނު ކައުންސިލްގެ އިދާރާއަށް ހުށަހެޅިއެވެ. ޝަރަފިއްޔާ އިބްރާހީމްގެ ފަރާތުން ހުށަހެޅި ފޯމަށް ޕޮއިންޓް ދިނުމުގައި ޢަމަލުކޮށްފައިވަނީ އެކުލަވާލާފައިވާ އުސޫލުން ބޭރުންކަމަށް ޝަރަފިއްޔާ ބުނެ ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެގޮތުން އެ އުސޫލުގެ 01 ވަނަ މާއްދާގެ (ހ) ގައި "ގޯއްޗަށް އެދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ނެތްނަމަ 20 ޕޮއިންޓް" މިފަދައިން ބަޔާންކޮށްފައި އޮތުމުން އެ 20 ޕޮއިންޓަކީ ޝަރަފިއްޔާއަށް ޙައްޤުވާ 20 ޕޮއިންޓް ކަމަށް އެފަރާތުން ބުނެއެވެ.
3އަދި އުސޫލުގެ 02 ވަނަ މާއްދާގެ (ނ) ގައި ފިރި، އަނބި ނިޔާވެ ހުވަފަތްވެފައި 01 ނުވަތަ 02 ކުދިން ތިބިނަމަ 15 ޕޮއިންޓް ލިބޭނެކަމާއި އުސޫލުގެ (ބ) ގައި ކުރިން މީހަކާ އިނދެ ކައިވެނި ރޫޅިފައިވީނަމަވެސް 1 ނުވަތަ 2 ކުދިން ތިބިނަމަ ވެސް ލިބޭނީ 10 ޕޮއިންޓް ކަމަށް ބަޔާންކޮށްފައިވާކަމަށާއި، އުސޫލުގެ 2 ވަނަ އަކުރަށް ޤާނޫނީ ނަޒަރަކުން ބަލާއިރު އެ 2 އަކުރުގެ ތަބީޢަތަކީ އެކައްޗެއްކަމާއި، އަދާލަތުގެ ހަމަތަކަށް ބަލާއިރު، ހުވަފަތްވެފައި ހުންނަ އަންހެނާއާއި ކައިވެނި ރޫޅީވެފައި ހުރި އަންހެނާ ތަފާތު ނުކުރެވޭނެ ކަމަށް ޝަރަފިއްޔާ ބުނެއެވެ. ނަމަވެސް ކައުންސިލްގެ އިދާރާއިން ގޯތި ދިނުމަށް އެކުލަވާފައިވާ އުޞޫލުގެ 2 ވަނަ ނަންބަރުގެ
(ނ) އަދި (ބ) ހިމަނާފައިވަނީ ކަނޑައެޅިގެން އަދާލަތުގެ އިންސާފުގެ ހަމަތާކާ ޚިލާފަށް ކަމަށް ޝަރަފިއްޔާ ބުނެފައިވެއެވެ.
4އެހެންކަމުން މާޅޮސްމަޑުލު ދެނުކުބުރީ ދޮންފަނު ކައުންސިލްގެ އިދާރާގެ ނަންބަރު IUL)317/2020/35) (30 އޮގަސްޓް 2020) އިޢުލާން ބާޠިލް އިޢުލާނެއްކަމުގައި ކަނޑައަޅައިދިނުމަށް ޝަރަފިއްޔާ އިބްރާހީމްގެ ފަރާތުން މާޅޮސްމަޑުލު ދެނުކުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގައި އެދުނެވެ.
5މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/F7C/2021 މައްސަލަ ނިންމާފައިވަނީ މާޅޮސްމަޑުލު ދެނުކުބުރީ ދޮންފަނު ކައުންސިލްގެ އިދާރާގެ ނަންބަރު IUL)317/2020/35) (30 އޮގަސްޓް 2020) އިޢުލާން ބާޠިލް އިޢުލާނެއް ކަމަށް ކަނޑައަޅައެވެ. މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/F7C/2021 މައްސަލަ ނިންމުމަށް ވާޞިލްވި
ސަބަބުތައް
6"ގޯއްޗަށް އެދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ނެތްނަމަ 20 ޕޮއިންޓް" މިފަދައިން ބަޔާންކޮށްފައި އޮތުމުން އެ 20 ޕޮއިންޓަކީ ޝަރަފިއްޔާއަށް ޙައްޤުވާ 20 ޕޮއިންޓް ކަމަށް އެފަރާތުން ކުރި ދަޢުވާއާއި ގުޅިގެން ދޮންފަނު މެޖިސްޓްރޭޓް ކޯޓުން ބުނެފައިވަނީ ގޯއްޗަށް އެދޭ މީހުންގެ އުޞޫލަށް ބަލާއިރު އެ އުޞޫލުގެ 1 ވަނަ ނަންބަރުގެ އަރިމަތީ ސުރުޚީގައިވަނީ "1 ގޯތި ބައި" މިފަދައިން ކަމަށާއި، ތަފްޞީލުގައި އެ ނަންބަރުގެ (ހ) ގައި ލިޔެފައިވަނީ، ގޯއްޗަށް އެދޭ މީހާގެ އަނބި މީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ނެތްނަމަ، 20 ޕޮއިންޓް މިފަދައިންކަމަށާއި، މި އުސޫލުގެ 2 ނަންބަރުގެ އަރިމަތީ ސުރުޚީގައިވަނީ 2 ކައިވެނީގެ ބައި މިފަދައިން ކަމަށާއި، ތަފްޞީލުގައި އެ ނަންބަރުގެ (ހ) ގައިވަނީ މީހކަ އިނދެގެން ހުރިނަމަ 20 ޕޮއިންޓް މިފަދައިންކަމަށާއި، އެ އުސޫލުގެ 8 ވަނަ ނަންބަރުގައި މާނަކުރުން އަދި އިތުރު ތަފްޞީލް ހިމަނާފައިވާއިރު އެ އުސޫލުގެ 1 ވަނަ ނަންބަރު މާނަ ކޮށްދީފައިނުވާކަމަށާއި، ޚަސްމުންގެ މެދުގައި ޙުސޫމާތު އުފެދިފައިވަނީ މި ނަންބަރު މާނަކުރުމުގައި ދެގޮތަކަށް މާނަ ކުރާތީކަން ދެ ފަރާތުގެ ވާހަކައިން އެނގެން އޮންނާނީ އެ ޤަޟިއްޔާގައި ޝަރީޢަތުން އެ ނަންބަރު މާނަ ކުރުމަށްފަހު އެކަމަށް ގޮތް ކަނޑައެޅުމަކީ، ގޯއްޗަށް އެދިފައިވާ އެހެންމީހުންގެ ޙައްޤަށް އުނިކަން އަތުވެދާނެ ކަމެއްކަމަށް ބެލެވޭތީ، ޝަރީޢަތުން ގޮތެއް ކަނޑައަޅަން ޖެހޭނީ މި އުޞޫލުގެ މި ބަޔަށް ކަމަށް ބުރަވެވޭތީ މި އުސޫލުގެ މިބަޔަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
7ހުވަފަތްވެފައި ހުންނަ އަންހެނާއާއި ކައިވެނި ރޫޅީވެފައި ހުރި އަންހެނާ އަށް ލިބޭ ޕޮއިންޓް ތަފާތު ވުމާއި ގުޅިގެން ދޮންފަނު މެޖިސްޓްރޭޓް ކޯޓުން ބުނެފައިވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 15 ވަނަ މާއްދާއަށް ބެލުމުން ގޯތި ލިބޭމީހާގެ ޙާލަތު ބަލަންޖެހޭނީ، އެމީހާގެ ނިސްބަތުގައިކަން އެނގެން އޮންނަކަމަށާއި، މީހަކަށް ގޯތި ދިނުމަށް ޕޮއިންޓް ދިނުމުގައި އެމީހެއްގެ ދަރިންނަށް ލިބެންއޮތް، ނުވަތަ ލިބިދާނެ ބިމުގެ ތަނަވަސްކަމަށް ބަލާކަށް ނުޖެހޭނެކަމަށާއި، އެހެންކަމުން ގޯއްޗަށް އެދޭމީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ 2 ކައިވެނީގެ ބައިގެ (ނ) އަދި (ބ) އަކީ ގޯތިލިބޭ މީހާގެ ނިސްބަތުގައި ތަފާތުކުރެވޭނެ ޙާލަތެއް ނޫންކަމަށް ދެކޭ ކަމަށެވެ.
އިސްތިއުނާފީ ނުކުތާތައް
8މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/F7C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ދޮންފަނު ކައުންސިލުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ:
8.1- ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލުގައިވާ ކައިވެނީގެ ބައިގައި ބަޔާންކޮށްފައިވާ (ނ) އަދި (ބ) އަކީ ގޯއްޗަށް އެދޭ މީހެއްގެ ނިސްބަތުގައި މާނަކުރާއިރު ތަފާތުކުރެވޭނެ ދެ ޙާލަތެއް ނޫންކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/158 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަ
9އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ވަރަށް ތަފްސީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމެވެ. މިގޮތުން؛
9.1- ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ ދެވަނަ ނަންބަރުގެ (ނ) ގައިވާ ގޮތުން ގޯއްޗަށް އެދި ހުށަހަޅާ ފަރާތަކީ ފިރި ނުވަތަ އަނބި ނިޔާވެ، ހުވަފަތްވެ އެކެއް ނުވަތަ ދެ ކުދިން ތިބި ފަރާތެއްނަމަ އެ ފަރާތަކަށް ލިބެނީ 15 ޕޮއިންޓް ކަމާއި މި ނަންބަރުގެ (ބ) ގައި ބަޔާން ކޮށްފައިވާ ގޮތުން ގޯއްޗަށް އެދޭ މީހާ ކުރިން މީހަކާ އިނދެ ކައިވެނި ރޫޅިފައިވާ ޙާލަތުގައި އެކެއް އަދި ދެ ކުދިން ތިބިނަމަ އެ ފަރާތަކަށް ލިބެނީ 10 ޕޮއިންޓް ކަމާއި މި ދެ ބައި މީހުންގެ ފަރަގަކީ 5 ޕޮއިންޓްގެ ފަރަގުކަމެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ ހުވަފަތްވެފައިވާ ފަރާތާއި ވަރިވެރިފައިވާ ފަރާތަކީ ވެސް ކައިވެނި ނުކޮށް ތިބި ފަރާތްތަކަށްވާތީ މި ދެފަރާތަށް ލިބޭ ޕޮއިންޓް ތަފާތުވުމަކީ ނެޗުރަސް ޖަސްޓިސް އާއި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއްކަމަށެވެ.
9.2- ދިރިއުޅުމަށް ޓަކައި ބަންޑާރަގޯތި ދޫކުރުމާބެހޭ ޤަވާޢިދުގެ 15 ވަނަ މާއްދާގައި، ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 7 ވަނަ ނަންބަރުގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ މީހުންގެ އަދަދު އެ ސަރަޙައްދަކުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރުވާނަމަ، ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން އެންމެ އެކަށީގެންވާ މީހެއް ނުވަތަ ބައެއް ކަނޑައެޅިދާނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، ގޯއްޗަށް އެދި ހުށަހަޅާއިރު އެ ގޯތި ޙައްޤުވާ އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައެޅިދާނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި އެ މާއްދާއަށް ބަލާއިރު ގޯތި ދިނުމަށް އެންމެ އިސްކަން ދޭންޖެހޭނީ އެ ކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށްކަން އެބަ އެނގޭކަމާއި އަދި އެ މީހަކު ބަލަންޖެހޭ މީހުންނަށްވެސް ބަލަންވާނެ ކަމަށްވެސް ދޭހަވާކަމަށެވެ. ބޭނުން ޖެހިފައިވާ މީހުން ކަނޑައެޅުމަށް ގޯއްޗަށް އެދޭ މީހުންގެ ދަރިންނާއި އެ ދަރިންގެ ބިމުގެ ތަނަވަސްކަން ބަލަންވާނެކަން ވަރަށް ސާފުކޮށް އެނގޭކަމަށެވެ.
9.3- އެގޮތުން ވަރި ވެފައިވާ މީހަކު އެ މީހާގެ ކުދިންނަކީ އެ ކުދިން ބަލާނެ މީހަކު އެ ކުދިންނަށް ޚަރަދު ކުރުން ލާޒިމް މީހަކު ހުރި މީހެއްކަމަށާވާއިރު، އެއާއި ޚިލާފަށް ހުވަފަތް ވެފައިވާ މީހެއްގެ ކުދިންނަކީ އެ ކުދިންނަށް ޚަރަދު ކުރުން ލާޒިމް މީހާ ދުނިޔޭގައި ނެތް ކުދިންނެވެ. އަދި ބައެއް ޙާލަތްތަކުގައި ހުވަފަތް ވެފައިވާ މީހާގެ ކުދިންނަށް މަރުވެފައިވާ ބެލެނިވެރިޔާގެ ތަރިކަ މުދަލުން ނުލިބޭ ޙާލަތުވެސް އަންނަކަމަށެވެ. ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، އެ މާއްދާއިން ޕޮޒިޓިވް ޑިސްކްރިމިނޭޝަން ހުއްދަ ކޮށްފައިވާކަން އެނގޭކަމާއި، އިޖުތިމާޢީ ގޮތުން ޚާއްޞަ ރައްކާތެރިކަމެއް ލިބެންޖެހޭ ބަޔަކަށް ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން ކަންކަން ކުރުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތަފާތު ކުރުމެއް ނޫންކަމަށެވެ.
9.4- ދަށުކޯޓުގައި މި މައްސަލަ ބެއްލެވި ޤާޟީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުގެ 12.3 ގައި، ގޯތި ލިބޭ މީހުންގެ ޙާލަތު ބަލަންޖެހޭނީ އެ މީހާގެ ނިސްބަތުންކަން ޤަވާޢިދުގެ 15 ވަނަ މާއްދާއިން އެނގޭ ކަމަށް ފާހަގަކޮށްފައިވީނަމަވެސް، އެ ޤަވާޢިދުގެ 15 ވަނަ މާއްދާގައި އެ މީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަން ހުރި ގޮތެއްގެ މައްޗަށް، މި ޢިބާރާތް އެފަދައިން ވަރަށް ސާފުކޮށް ބަޔާން ލިޔެފައިވާކަމާއި، މިހެން އޮތުމުން އެ ޤަވާޢިދުގެ 15 ވަނަ މާއްދާއަށް ބެލުމުން ގޯތި ލިބޭ މީހާ ބަލަންޖެހެނީ ހަމައެކަނި އެމީހާގެ ނިސްބަތަށް ނޫންކަމާއި އެ މީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަން ހުރި ނެތް ގޮތަށްވެސް ބަލަންޖެހޭކަން އެނގިގެންދާކަމަށެވެ. އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ
10އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ވަރަށް ތަފްސީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމެވެ. މިގޮތުން؛
10.1- ޕޮއިންޓް ދިނުމުގެ އުޞޫލުގެ ދެވަނަ ނަންބަރުގެ (ނ) އަދި (ބ) ގައި ގޯއްޗަށް އެދޭ މީހާގެ ނިސްބަތުން ތަފާތު ކުރެވޭނެ ދެ ޙާލަތެއް ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ އުޞޫލާއި އެއްގޮތަށްކަމަށް ދެކޭކަމަށާއި، އެގޮތުން އިސްތިއުނާފު ކުރާ ފަރާތުން މައްސަލަ ހުށަހަޅާފައި ވާއިރުގައި މައްސަލައިގައި މާނަ ކުރައްވާފައިވާ ގޮތުގައި ގޯތި ލިބުމުގައި މުސްތަޤްބަލުގައި ދަރިންނަށް ގޯތި ލިބުމުގެ މައްޗަށް ރިޢާޔަތް ކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ފާހަގަކޮށްފައިވާކަމަށެވެ. ދެން އެފަރާތުން ފާހަގަކުރާ މައިގަނޑު ނުކުތާއަކީ ތަރިކައިން ލިބޭ ބައިގެ ގޮތުގައި ބައްޕަގެ ނަމުގައި ގޯއްޗެއް އޮތުމުން ދަރިންނަށް ގޯތީގެ ލިބޭ ބައި ބައްޕަ ނިޔާވެފައިވާނަމަ ކާފަގެ ގޯތިން ނުލިބޭނެކަމަށް ފާހަގަކޮށްފައިވާ ނުކުތާއެވެ. ނަމަވެސް ގޯއްޗަށް އެދި ހުށަހަޅާ ފަރާތަކީ ކުދިންގެ މަންމަ ކަމަށް ވާއިރުގައި ކުދިންނަށް މުސްތަޤްބަލުގައި ލިބެން އޮތް ގޯއްޗެއް ލިބިދާނެކަމަށް ދެކިގެން ކުދިންގެ މަންމައަށް ގޯތި ލިބުން މަޙުރޫމް ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) ގެ ރޫހާއި ޚިލާފު ކަމެއް ކަމަށް ދެކޭކަމަށެވެ. އެގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކަށް މާރކްސް ދިނުމުގައި އެކުލަވާލާފައިވާ އުޞޫލު އެއްވެސް މާއްދާއަކާއި އެއްވެސް ގޮތަކުން ދަރިންނަށް ލިބޭނެ ނުވަތަ ދަރިންނަށް މާރކްސް ކުރިއަށް އޮތްތަނުގައި ލިބޭނެ ގޯއްޗެއް އޮތް ކަމަށްވާނަމަ މާރކްސް ދިނުމުގައި އެ އުޞޫލުން އުނިވެގެން ދާނެ ކަމަކަށް ނޫނިއްޔާ މާރކްސް ދިނުމުގައި އުނިވެގެން ދާނެ ކަމަކަށް އުޞޫލުގައި ފާހަގަކޮށްފައި ނުވާކަމަށާއި، ގޯތި ދިނުމުގައި އެކުލަވާލާފައިވާ އުޞޫލަށް ބެލުމުން އެ އުޞޫލު ބިނާވެގެންވާ އަސާސަކީ ގޯއްޗަށް އެދި ހުށަހަޅާ މީހާގެ ޙާލަތު ވަޒަންކޮށް އެކަމުގެ މައްޗަށް ރިޢާޔަތްކޮށް މާރކްސް ދިނުން ކަމުގައި ވާއިރުގައި މާރކްސް ދޭ ދިނުމުގައި ރިޢާޔަތް ކުރެވިގެންދާނީ ގޯއްޗަށް ކުރިމަތިލާ ފަރާތުގެ މަޞްލަޙަތު ކަމަށެވެ.
10.2- މިފަދަ މައްސަލަތަކުގައި ބަލަންޖެހޭނީ ގޯތި ކަނޑައެޅުމުގައި ބަޙުޘް ކުރަންވާނީ ގޯތީގައި ދިރިއުޅޭ ފަރާތްތަކާއި އެފަރާތަކާ އެކީގައި ދިރިއުޅުމުގެ ޙާލަތަށް ކަމަށް. އެ ޙާލަތަށް ރިޢާޔަތް ކުރާނަމަ އިނދެ ވަރިކޮށްފައި ހުންނަ މީހާއާ އެހެން މީހަކާ ކައިވެނި ކުރެވެންދެން އޭނާ ހުންނާނީ ދަރިން ގޮވައިގެން އެކަނި ކަމުގައި ވިޔަސް އަދި އިނދެ ވަރިކޮށްފައި ހުރިކަމުގައި ވިޔަސް ބޯހިޔާވަހިކަން ލިބުމުގައި ފިރި މަރުވެފައިވާ ފަރާތާއި ވަކި ތަފާތެއް ނެތްކަމަށް ބުނެފައިވެއެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން
11ޤާނޫނު ނަންބަރު 01/2022 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ޤަވާއިދު" ގައިވާގޮތުގެ މަތިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ބ. ދޮންފަނުގައި ހަމަޖެހި އެކަމަށް ޝަރުޢު ފުރިހަމަވާ ފަރާތްތަކަށް ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ބ. ދޮންފަނު ކައުންސިލް އިދާރާއިން އާންމުކޮށް ހުޅުވާލިއެވެ. އެފަދައިން އާންމުކޮށްފައިވަނީ އެ ކައުންސިލް އިދާރާގެ ނަންބަރު IUL)317/2020/35) (30 އޮގަސްޓް 2020) އިއުލާނުންނެވެ. އަދި މި އިއުލާނާއެކު ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލު އެ އިޢުލާނުގެ އެކްސިބިޓް 2 ގެ ގޮތުގައި އާންމުކޮށްފައިވެއެވެ.
12އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، ދެފަރާތުން ދެއްކި ވާހަކައަކަށް ރިޢާޔަތްކުރާއިރު އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ޚުޞޫމާތު އުފެދިގެން އުޅެނީ ބުނެވުނު "ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލު"ގެ 2 ވަނަ ބަޔާއި ގުޅިގެންނެވެ. އެއީ އެ ބައިގައި ފިރި އަނބި މަރުވެ ހުވަފަތް ވެފައިވާ މީހުންނާއި، ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވާ މީހުންނަށް ލިބޭ ޕޮއިންޓް ތަފާތުކޮށްފައިވާއިރު، އެތަފާތުކުރުމަކީ އެފަރާތްތަކަކީ ދެ ޙާލަތެއްގައި ތިބި ފަރާތްތަކެއްކަމަށް ބަލައިގަނެ ކޮށްފައިވާ ތަފާތުކުރުމެއްކަމަށާއި، އެއީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތަފާތު ކުރުމެއް ނޫންކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ.
13ބ. ދޮންފަނު ކައުންސިލް އިން އާންމުކޮށްފައިވާ "ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލު"ގެ 2 ބައިގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
2. ކައިވެނީގެ ބައި
(ހ) މީހަކާ އިނދެގެން ހުރިނަމަ
(ށ) ކައިވެންޏަށް 01 (އެކެއް) އަހަރު ވެފައިވާނަމަ، 01 ޕޮއިންޓް އަދި އިތުރުވާ ކޮންމެ އަހަރަކަށް 01 ޕޮއިންޓް (މިގޮތުން ގިނަވެގެން ދެވޭނީ 06 ޕޮއިންޓެވެ).
(ނ) ފިރި އަނބި ނިޔާވެ ހުވަފަތްވެފައި 01 ނުވަތަ 02 ކުދިން ތިބިނަމަ
(ރ) ފިރި އަނބި ނިޔާވެ ހުވަފަތްވެފައި 03 ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބިނަމަ
(ބ) ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވި ނަމަވެސް 01 ނުވަތަ 2 ކުދިން ތިބިނަމަ 15 ޕޮއިންޓް (ޅ) ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވި ނަމަވެސް 03 ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބިނަމަ
14މަތީގައިވާ ޙަވާލާދީފައިވާ ޓޭބަލަށް ބެލުމުން ހުވަފަތް ވެފައިވީނަމަވެސް ދަރިން ތިބި ފަރާތްތަކާއި، ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީނަމަވެސް ދަރިން ތިބި ފަރާތްތަކަށް ލިބޭ ޕޮއިންޓްގެ ފަރަޤުގެ ގޮތުގައި 5 ޕޮއިންޓް ހިމެނެއެވެ.
15ހުވަފަތް ވެފަ ދަރިން ތިބި މީހުންނާއި ކައިވެނި ރޫޅިފައި ދަރިން ތިބި މީހުންނަށް ގޯތިގެދޮރު ލިބުމުގައި އެފަރާތްތަކަކީ ދެ ޙާލަތެއްގައި ތިބި ފަރާތްތަކެއްކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ދައްކާ ހުއްޖަތަކީ ދިރިއުޅުމަށް ޓަކައި ބަންޑާރަގޯތި ދޫކުރުމާބެހޭ ޤަވާޢިދުގެ 15 ވަނަ މާއްދާގައި ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 7 ވަނަ ނަންބަރުގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ މީހުންގެ އަދަދު އެ ސަރަޙައްދަކުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރުވާނަމަ، ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން އެންމެ އެކަށީގެންވާ މީހެއް ނުވަތަ ބައެއް ކަނޑައެޅިދާނެ ކަމަށާއި، މި މާއްދާއަށް ބަލާއިރު ގޯތި ދިނުމަށް އެންމެ އިސްކަން ދޭންޖެހޭނީ އެ ކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށްކަން އެނގޭކަމުން ބޭނުން ޖެހިފައިވާ މީހުން ކަނޑައެޅުމަށް ގޯއްޗަށް އެދޭ މީހުންގެ ދަރިންނާއި އެ ދަރިންގެ ބިމުގެ ތަނަވަސްކަން ބަލަންވާނެކަމަށެވެ. މިގޮތުން ވަރި ވެފައިވާ މީހަކު އެ މީހާގެ ކުދިންނަކީ އެ ކުދިން ބަލާނެ މީހަކު އެ ކުދިންނަށް ޚަރަދު ކުރުން ލާޒިމް މީހަކު ހުރި މީހެއްކަމަށާއި އެއާއި ޚިލާފަށް ހުވަފަތް ވެފައިވާ މީހެއްގެ ކުދިންނަކީ އެ ކުދިންނަށް ޚަރަދު ކުރުން ލާޒިމް މީހާ ދުނިޔޭގައި ނެތް ކުދިންކަމަށެވެ. ބައެއް ޙާލަތްތަކުގައި ހުވަފަތް ވެފައިވާ މީހާގެ ކުދިންނަށް މަރުވެފައިވާ ބެލެނިވެރިޔާގެ ތަރިކަ މުދަލުން ނުލިބޭ ޙާލަތުވެސް ދިމާވާކަމަށެވެ. އެހެންކަމުން ކައުންސިލުން ދެކެނީ މި ދެ ޙާލަތުގައިވާ މީހުންނަކީ ތަފާތު ދެ ހާލަތެއްގައިވާ މީހުންކަމަށެވެ.
16ހުވަފަތް ވެފަ ދަރިން ތިބި މީހުންނާއި ކައިވެނި ރޫޅިފައި ދަރިން ތިބި މީހުންނަށް ގޯތިގެދޮރު ލިބުމުގައި އެފަރާތްތަކަކީ ދެ ޙާލަތެއްގައި ތިބި ފަރާތްތަކެއްތޯ ނުވަތަ ނޫންތޯ ޝަރިޢަތުން ބެލިއިރު އަންނަނިވ ކަންކަން ފާހަގަކުރެވެއެވެ.
17HN1ހުވަފަތް ވެފައި ތިބި މީހުންނާއި ކުރިން މީހަކާ އިނދެ ވަރިވެފައި ތިބޭ މީހުންނަށް ބަލާއިރު، އަސްލަކީ ދެ ބައި މީހުންނަކީވެސް ޙަޔާތުގެ ބައިވެރިއެއް ނެތް މީހުންނެވެ. އެއީ އަދި އަންހެނެއް ކަމުގައިވާނަމަ އެމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ އެމީހުންގެ ކަންކަން ބަލަހައްޓާނެ ބައިވެރިއަކު ނެތް މީހުންނެވެ. މި މޭރުމުން ބަލާނަމަ ހުވަފަތް ވެފައި ތިބި މީހުންނާއި ކުރިން މީހަކާ އިނދެ ވަރިވެފައި ތިބޭ މީހުން، މި ދެފަރާތަކީވެސް އެއް ޙާލަތެއްގައި ތިބި މީހުން ކަމާމެދު ސުވާލެއް ނުއުފެދެއެވެ.
18HN2ހުވަފަތް ވެފަ ދަރިން ތިބި މީހުންނާއި ކައިވެނި ރޫޅިފައި ދަރިން ތިބި މީހުންނަށް ބަލާއިރު ތެދެކެވެ، ހުވަފަތް ވެފަ ދަރިން ތިބި މީހުންނަކީ އެ ދަރިންނަށް ޚަރަދުކުރުމުގެ ޒިންމާ އޮތް ފަރާތް ދުނިޔޭގައި ނެތުމުން އެ މޭރުމުން ނިކަމެތި ކުދިންނެވެ. އެހެންކަމުން އެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ކުދިންގެ މަންމައެވެ. ނަމަވެސް ކައިވެނި ރޫޅިފައި ދަރިން ތިބި މީހުންނަށް ބަލާއިރު އެ ކުދިންގެ ބައްޕަ ދުނިޔޭގައި ހުރުމުން، ކައިވެނި ރޫޅިފައިވީނަމަވެސް އެ ކުދިންގެ ޚަރަދު ޝަރުޢީގޮތުން ބަލާނެ ފަރާތެއް އެބަ ހުއްޓެވެ. މި މޭރުމުން ބަލާކަމުގައިވަނީނަމަ ދަރިންގެ ޚަރަދުގެ ކަންކަމުގައި ހުވަފަތް ވެފައި ތިބި މީހުންނާއި ކުރިން މީހަކާ އިނދެ ވަރިވެފައި ތިބޭ މީހުން، މި ދެފަރާތަކީ އެއް ޙާލަތެއްގައި ތިބި މީހުންނެއް ނޫނެވެ.
19ހުވަފަތް ވެފައި ތިބި މީހުންނާއި ކުރިން މީހަކާ އިނދެ ވަރިވެފައި ތިބޭ މީހުން ކައިވެނީގެ ގޮތުން އެއް ޙާލަތެއްގައި ތިބި ބައެއް ކަމުގައިވާއިރު މި ޙާލަތަކީ ތ އަބަދަށް މިފަދައިން ދެމި އޮތުމުގެ އިޙްތިމާލު އޮތް ޙާލަތެއް ނޫނެވެ. ހުވަފަތް ވެފައިވާ އަންހެނާ އަދި ކައިވެނި ރޫޅިފައިވާ އަންހެނާވެސް އަލުން އެހެން ކައިވެންޏެއް ކުރުމުގެ އިޙްތިމާލު އެބައޮތެވެ. އަދި އަލުން ކައިވެންޏެއް ކުރުމުގެ ނަތީޖާއަކީ ބުނެވުނު އަންހެނުންނަށް ރައްކާތެރިކަމާއި، ޙިމާޔަތް ހޯދައިދޭނެ ޙަޔާތުގެ ބައިވެރިއެއް ލިބި، ދަރިންގެ ޒިންމާ އަދާކުރާނެ ބައްޕައެއްގެ ރޯލު އަދާކުރާނެ ފަރާތެއްވެސް އެ ކުދިންނަށް ލިބިގެންދިއުމެވެ.
20ދެން އޮތީ ދަރިންނަށް ލިބޭ ތަނަވަސްކަމުގެ ވާހަކައެވެ. އިސްތިއުނާފު ކުރާ ފަރާތުން ދެކެނީ ދިރިއުޅުމަށް ބަންޑަރަ ގޯތި ދޫކުރެވޭއިރު އެ ގޯއްޗަށް ކުރިމަތިލާ މީހުންގެ ދަރިންގެ ތަނަވަސްކަމަށް ބަލަންޖެހޭކަމަށެވެ. ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި އެ ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުޠުތަކަށް ބަލާއިރު، އެ ޝަރުޠުތައް އަންނަނިވި ފަދައިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވަނީ: 7 ވަނަ މާއްދާ މި ގަވާއިދުގެ ދަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި އަލަށް ދޫކުރެވޭނީ ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާ މީހުންނަށެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން
(ށ) އުމުރުން 18 އަހަރުވެފައިވުން
(ނ) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން
(ރ) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން
(ބ) ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން
(ޅ) އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން
(ކ) ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެ މީހަކަށް ށަރުއީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، އެ މީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމެޓީއަށް ފެނުން އަންނަވި ފަދައިންނެވެ. އަދި އެ ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ގޯތި ދޫކުރުމުގައި މި ގަވާއިދުގެ 7 ވަނަ ނަންބަރުގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ މީހުންގެ އަދަދު، އެ ސަރަހައްދަކުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރުވާނަމަ ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން އެންމެ އެކަށީގެންވާ މީހެއް ނުވަތަ ބައެއް ކަނޑައަޅާނީ ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި އެ މީހަކަށް ޝަރުއީގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދަށާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށެވެ" މިފަދައިންނެވެ.
21HN3ބުނެވުނު ޝަރުޠުތަކަށް ބަލާއިރު، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި އެ ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ އެންމެހާ ޝަރުޠުތައް ބިނާވެފައިވަނީ ގޯއްޗަށް އެދި ކުރިމަތިލާ ފަރާތަށް ލިބިފައިވާ ބިމުގެ ތަނަވަސްކަމަށެވެ. އެއިން އެއްވެސް ޝަރުޠެއްގައި އެ ގޯއްޗަށް ކުރިމަތިލާ ފަރާތުގެ ދަރިންނަށް ލިބޭ ނުވަތަ ލިބިދާނެ ތަންވަސްކަމަށް ބެލުމުގެ ޝަރުޠެއް ނެތެވެ. އަދި އެއީ މިހާތަނަށް ކުރަމުން އައިވެސް ކަމެއް ނޫންކަން ފާހަގަކުރެވެއެވެ. ބުނެވުނު ގަވާއިދުގެ (ކ)ގެ ދަށުންވެސް ގޯއްޗަށް އެންމެ އެކަށީގެންވާ މީހުންނަކީ ކޮބާތޯ ބެލުމުގައި ވެސް ދަރިންނަށް ލިބޭ ނުވަތަ ލިބިދާނެ ތަންވަސްކަމަށް ބެލުމުގެ ޝަރުޠެއް ނެތެވެ. ބަލަން މިޖެހެނީ ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި އެ މީހަކަށް ޝަރުއީގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދަށާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށެވެ. މި ޝަރުޠުތަކަށް ބެލުމުންވެސް އެނގޭ އެއްކަމަކީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ބަލަންޖެހެނީ އެ ގޯއްޗަށް ކުރިމަތިލާ ފަރާތުގެ ޙާލަތަށް ކަމެވެ. އަދި އެފަރާތުގެ ބިމުގެ ތަނަވަސްކަމަށް ކަމަށެވެ. މި މޭރުމުން ބަލާކަމުގައިވަނީނަމަ، ހުވަފަތް ވެފަ ދަރިން ތިބި މީހުންނާއި ކައިވެނި ރޫޅިފައި ދަރިން ތިބި މީހުންނަކީ އެއް ޙާލަތެއްގައި ތިބި ބައެކެވެ.
22އެހެންކަމުން އިސްތިއުނާފު ކުރާ ފަރާތުން ހުވަފަތް ވެފަ ދަރިން ތިބި މީހުންނާއި ކައިވެނި ރޫޅިފައި ދަރިން ތިބި މީހުންނަށް ގޯތިގެދޮރު ލިބުމުގައި އެފަރާތްތަކަކީ ދެ ޙާލަތެއްގައި ތިބި ފަރާތްތަކެއްކަމަށް ބުނެ އެ ފަރާތުން ދައްކާ ހުއްޖަތަކީ ޤާނޫނީ ބިނާއެއް އޮތް ހުއްޖަތެއްކަމަށް އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަގޮތް
23އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/F7C/2021 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް އަހުރެންނަށް ފެނެއެވެ. އިސްފަނޑިޔާރު ޙުސައިން ޝަހީދު ރައުޔު:
24މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ރައުޔު
25މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
26މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. އުކުމް: ދެންފަހެ، އިސްވެ ބުނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މާޅޮސްމަޑޮލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 12/F7C/2021 ޤަސިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އުކުމްކޮށްފީމެވެ. މި ޤަސިއްޔާ ބަލައި އުކުމް ކުރީ:
ފުޓްނޯޓު
- . ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- . ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- . ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 01/2022 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާ
- ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 15 ވަނަ މާއްދާ
- ބ. ދޮންފަނު ކައުންސިލްގެ ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ 2 ވަނަ ބައި (ކައިވެނީގެ ބައި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.