އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. ޙަސަން ޝަރީފް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓްރައިބިއުނަލުން އަސާސީ މުސާރައާއި ފިކްސްޑް އެލަވަންސާއި ހާޑްޝިޕް އެލަވަންސް ހިމަނައިގެން ގަޑިއަކަށް ޖެހޭ މިންވަރު ހިސާބުކޮށް ޙާޟިރީ ރިޕޯޓަށް ބަލައި 47,013.23 ރުފިޔާ އިތުރުގަޑީގެ ފައިސާ ދިނުމަށާއި، ވަކިކުރުމަކީ އަންފެއާ ޑިސްމިސަލްއެއްކަމަށް ނިންމި.
- ވާޤިޢާ
- ކާރޕެންޓަރެއްގެ މަޤާމުގައި ރިޒޯޓު މަޝްރޫޢެއްގައި ވަޒީފާ އަދާކުރި މުވައްޒަފަކު، ކޮންމެ ދުވަހަކު އިތުރު ގަޑިއިރެއް މަސައްކަތްކުރުވި ނަމަވެސް އެއްބަސްވި ރޭޓުން އިތުރުގަޑީގެ ފައިސާ ނުދީ އަދި އެންގުމެއްނެތި ވަޒީފާއިން ވަކިކުރިކަމަށް ބުނެ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން އިތުރުގަޑީގެ ފައިސާ ހިސާބުކުރުމުގައި "މުސާރައިން ގަޑިއަކަށްޖެހޭ މިންވަރު" ބަލާނީ އަސާސީ މުސާރައަށްތޯ ނުވަތަ އެލަވަންސްތަކާއި އިނާޔަތްތައް ހިމެނޭ އުޖޫރައަށްތޯ؛ އަދި ޙާޟިރީ ރިޕޯޓަށް ބަލައި މުޅި މުއްދަތަށް އިތުރުގަޑި ހިސާބުކުރުމަކީ ދަޢުވާގައި ނޭދޭ ފަރުވާއެއް ދިނުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ އިތުރުގަޑި ހިސާބުކުރާނީ މުސާރައިން ކަމަށާއި ޓްރައިބިއުނަލުން އުޖޫރައިން ހިސާބުކުރީކަމަށާއި، ދަޢުވާގައި އެދުނު މިންވަރަށްވުރެ ފުޅާކޮށް ނޭދޭ ފަރުވާއެއް ދިނީކަމަށް؛ އިސްތިއުނާފު ރައްދުވި ފަރާތުން ބުނީ ޙައްޤު ލިބެންޖެހޭނެކަމަށް.
- ކޯޓުގެ ސަބަބުތައް
- 37 (ށ) ގެ "މުސާރަ" އަކީ އެލަވަންސްތައް ނުހިމެނޭ އަސާސީ މުސާރަ؛ އަސާސީ މުސާރައިން ހިސާބުކުރުމުން ދައްކާފައިވާ އަދަދަށްވުރެ އިތުރު ފައިސާއެއް ޖެހޭތީ ޓްރައިބިއުނަލުގެ އަމުރު ބާޠިލު؛ ނަމަވެސް ޙާޟިރީ ރިޕޯޓަށް ބަލައި ހިސާބުކުރުމަކީ ނޭދޭ ފަރުވާއެއް ނޫން.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 186/VTR/2022
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުޓްރައިބިއުނަލުން އިތުރުގަޑީގެ ފައިސާ ދިނުމަށް ކުރި ނިންމުން ބާޠިލު
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޤާނޫނެއްގެ މާއްދާއެއްގައި ބޭނުންކޮށްފައިވާ ލަފުޒެއް ސާފުކޮށް، އެހެން މާނައަކަށް ފުރޮޅެންނެތް ގޮތަށް އޮންނަ ޙާލަތުގައި، އެ ލަފުޒެއްގެ ޞަރީޙަ އާދައިގެ މާނައިގައި ޢަމަލުކުރުމަކީ ޤާނޫނީ އަސާސެކެވެ. (ޕެރ. 13)
ޤާނޫނު ހަދާ ފަރާތުން "މުސާރަ" އާއި "އެލަވަންސްތައް" މިއީ މުޅިން ތަފާތު ދެ މަފްހޫމެއް ކަމަށާއި، އެ ދެބައި އެކުވުމުން އުފެދޭ ޖުމްލަ މާލީ މަންފާއަކީ "އުޖޫރަ" ކަމުގައި ކަނޑައަޅާފައިވެއެވެ. (ޕެރ. 13)
ވަޒީފާއާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ (ނ) އާއި 97 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އިތުރުގަޑީގެ ފައިސާ ހިސާބުކުރުމަށްޓަކައި ގަޑިއަކަށްޖެހޭ މިންވަރު ހިސާބުކުރާނީ އެކިއެކި އެލަވަންސްތަކާއި މާލީ އިނާޔަތްތައް ނުހިމަނައި، މުސާރައިންނެވެ. (ޕެރ. 14)
ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި ދައުލަތުގެ ޚިދުމަތުގައި "މުސާރަ" އާއި "އެލަވަންސް" ތަފާތުކޮށް، އިތުރުގަޑި ހިސާބުކުރުމުގައި އެލަވަންސްތައް އިސްތިސްނާކުރުމުގެ ޢާންމު ޤާނޫނީ އުޞޫލު ދެމެހެއްޓިފައިވެއެވެ. (ޕެރ. 15-16)
ޤާނޫނުގެ ޢާންމު އުޞޫލަކީ އަސާސީ މުސާރައިން އިތުރުގަޑި ހިސާބުކުރުން ކަމުގައި ވީނަމަވެސް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވަޒީފާދޭ ފަރާތުގެ އަމިއްލަ ސިޔާސަތެއްގެ ދަށުން، އެލަވަންސްތައް ހިމަނައިގެން އިތުރުގަޑީގެ ފައިސާ ހިސާބުކުރުމަށް ކަނޑައެޅިފައިވާނަމަ، އެފަދައިން އިތުރުގަޑީގެ ފައިސާ ހިސާބުކޮށްދިނުމަކަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ. ޤާނޫނުގެ ދަށުން މަޖުބޫރުވާނެ އެންމެ ދަށް މިންގަނޑަކީ (Minimum Statutory Standard) އަސާސީ މުސާރައިގެ މައްޗަށް ބިނާކޮށް އިތުރުގަޑި ހިސާބުކުރުމެވެ. (ޕެރ. 17)
ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލައިގެ ޙަޤީޤަތް ހޯދައި ކަށަވަރުކުރުމަށްޓަކައި ހެކިބަސް ނެގުމާއި، ވަޒީފާއާބެހޭ ލިޔެކިޔުންތަކާއި ޙާޟިރީ ރެކޯޑުތައް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވާތީ، އިތުރުގަޑީގައި މަސައްކަތްކޮށްފައިވާ ޙަޤީޤީ މިންވަރު ކަށަވަރުކުރުމަށްޓަކައި ޙާޟިރީ ރިޕޯޓު ހުށަހެޅުމަށް ދެފަރާތަށް އަންގައި، އެ ރިޕޯޓަށް ރިޢާޔަތްކޮށް އިތުރުގަޑި ހިސާބުކުރުމަކީ ޤާނޫނީ އިމުގެ ތެރެއިން ކުރެވޭ ކަމެކެވެ. (ޕެރ. 23)
ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙު ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލު މަނާކުރަނީ ޚުސޫމަތުގެ ބައިވެރިއަކު އެދިފައިނުވާ މުޅިން އައު ނުވަތަ ތަފާތު ފަރުވާއެއް ކަނޑައެޅުމެވެ. އިތުރުގަޑީގެ ފައިސާއަށް އެދިފައިވާ ޙާލަތުގައި، ޓްރައިބިއުނަލްގެ އަމުރަށް ހުށަހެޅުނު ޙާޟިރީ ރިޕޯޓުން މަސައްކަތްކުރި އިތުރުގަޑީގެ ޙަޤީޤީ މިންވަރު ސާބިތުވުމާ ގުޅިގެން، އެ ސާބިތުވި ގަޑިއިރުތަކަށް ފައިސާ ހިސާބުކޮށްދިނުމަކީ މުޅިން އައު ފަރުވާއެއް ދިނުން ކަމުގައި ނުބެލޭނެއެވެ. އެއީ ދަޢުވާ ފޯމުގައި އެދިފައިވާ މައިގަނޑު ފަރުވާގެ ދާއިރާގެ ތެރޭގައި ހިމެނޭ، އަދި އެ ފަރުވާގެ މިންވަރު ކަށަވަރުކުރުމުގެ ތެރެއިން އައިސްފައިވާ ކަމެކެވެ. (ޕެރ. 24)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ށ) އަދި (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 38 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުގެ ނުކުތާގައި)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 97 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ) އަދި (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ވ) (ދަށު މަރުޙަލާގައި ޙަވާލާދީފައި)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
- ދައުލަތުގެ ޕޭ ފްރޭމް މިންގަނޑުތައް - އިތުރުގަޑީގެ ފައިސާދޭނެގޮތުގެ މިންގަނޑު (މިންގަނޑު ނަންބަރު 08-NPC/2022/ST-478)
- ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު)
- ޤަވާއިދު ނަންބަރު 2021/R-27 (ޕެންޝަނަށް ބަލާ މުސާރަ ކަނޑައެޅުމާބެހޭ ޤަވާއިދު) ގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
- 2020/SC-A/28 (ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙު، [2021] SC 50)
ފަނޑިޔާރުން
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު، އިސްމާޢީލް ޝަފީޢު
- ރިޔާސަތު
- ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، އިސްމާޢީލް ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
ތަޢާރުފު
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 186/VTR/2022 މައްސަލަ އިސްތިއުނާފު ކޮށް އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އަމިން ކޮންސްޓްރަކްޝަން" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޙަސަން ޝަރީފް […] (މީގެ ފަހުން "ޙަސަން ޝަރީފް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުހަލާ
3އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 186/VTR/2022 މައްސަލައަކީ، ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ޙަސަން ޝަރީފްގެ ފަރާތުން އަމިން ކޮންސްޓްރަކްޝަން އަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
4ޙަސަން ޝަރީފްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އަމިން ކޮންސްޓްރަކްޝަން ގައި ކާރޕެންޓަރގެ މަޤާމުގައި 20 ނޮވެމްބަރު 2021 އިން ފެށިގެން 5 ޖުލައި 2022 ގެ ނިޔަލަށް ވަޒީފާ އަދާކުރި މުއްދަތުގައި ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ 8 ގަޑިއަށްވުރެ އިތުރަށް ކޮންމެ ދުވަހަކު 01 (އެކެއް) ގަޑިއިރު މަސައްކަތް ކުރުވާފައިވާއިރު، ވަޒީފާ ދިންއިރު އެއްބަސްވެފައިވާ އިންސައްތައިން އިތުރު ގަޑީގެ ފައިސާ ދީފައި ނުވާކަމަށާއި، އަދި ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް އެންގުމަކާ ނުލައި ކަމަށެވެ.
5ޙަސަން ޝަރީފްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އަންނަނިވި ފަދައިންނެވެ.
"ރާއްޖޭގައި ހެދިފައިވާ ވަޒީފާއާބެހޭ ޤާނޫނުގައި ބުނާ 8 ގަޑިއިރަށްވުރެ އިތުރަށް ކޮންމެ ދުވަހަކު 1 ގަޑިއިރު މަސައްކަތް ކުރުވާފައިވުމާއި ވަޒީފާދިންއިރު އެއްބަސްވެފައިވާ ރޭޓުން އޯޓީ ފައިސާ ދީފައިނުވުމާއި އެއްވެސް ނޯޓިސްއެއް ދިނުމަކާނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ އަޅުގަނޑުގެ އާއިލާއަށް ލިބުނު ފޫނުބެއްދޭ ގެއްލުމުގެ ބަދަލާއި ކުއްލިއަކަށް ވަޒީފާ ގެއްލުމުން އާއިލާއަށް ހަރަދުކުރާނެ ފައިސާނެތި ކުލިނުދެއްކި އާއިލާ މާލޭގައި ހާލުގައިޖެހުމުގެ ސަބަބުން އަޅުގަނޑަށާއި އާއިލާއަށް ނަފްސާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލާއި އަދި އަޅުގަނޑު އަދާކުރަމުން ގެންދިޔަ ވަޒީފާ އަނބުރާ ހޯދުމަށް."
6މިމައްސަލައިގެ ޖަވާބުގައި އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޙަސަން ޝަރީފް އަކީ ކުންފުނިން ހިންގި އަމިންގިރި ރިޒޯޓު ހެދުމުގެ މަޝްރޫޢަށް ނެގި މުވައްޒަފެއްކަމަށާއި، ވަޒީފާއިން ވަކިކޮށްފައިވަނީ އެމަޝްރޫޢުގެ މަސައްކަތް ނިމުމުން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ވ) އަށް ޙަވާލާދީކަމަށާއި، ވަޒީފާއިން ވަކިވާނެކަން ކުރިއާލާ އަންގާފައިވާނެކަން 19 ޖޫން 2022 ވަނަ ދުވަހު ދިން ނޯޓިސް އިން އިނގޭކަމަށާއި، އެހެންކަމުން ގެއްލުމެއް ލިބިފައިވާކަމަށް ބަލާނެ ހަމައެއް ނެތްކަމަށާއި، ޙަސަން ޝަރީފް ޓްރައިބިއުނަލަށް ހުށަހެޅި ސްލިޕްތަކުން އިތުރު ގަޑީގައި މަސައްކަތްކޮށްފައިވާ މަސްތަކަށް އިތުރު ގަޑީގެ ފައިސާ ދީފައިވާކަން ސާބިތުވާކަމަށެވެ.
7ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 186/VTR/2022 މައްސަލައިގެ ނިންމުމުގައި މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންތައްތަކެވެ.
7.1. އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެކު ޖުމްލަ 47,013.23ރ. (ސާޅީސްހަތްހާސް ތޭރަ ރުފިޔާ ތޭވީސް ލާރި) ޙަސަން ޝަރީފަށް ދިނުމަށާއި؛
7.2. ޙަސަން ޝަރީފް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރުމެއްނެތި ކަމުގައިވާތީ، މިއީ އަންފެއަރ ޑިސްމިސަލް (unfair Dismissal) އެއްކަމަށް؛
7.3. ވަޒީފާ އަނބުރާ ރުޖޫއަކޮށްދީ، ގެއްލުމުގެ ބަދަލު ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި؛ މިއެވެ.
8ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
8.1. ވަޒީފާއާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، މުސާރައަކީ "އަސާސީ މުސާރަ" އަދި "ފިކްސްޑް އިނާޔަތް" އެކުގައި ކަމަށްވުމުން، ޙަސަން ޝަރީފްގެ އަސާސީ މުސާރައިގެ ގޮތުގައި -3000ރ. (ތިންހާސް) ފިކްސްޑް އެލަވަންސް ގޮތުގައި -1000ރ. (އެއްހާސް) އަދި ސްޕެޝަލް ހާރޑްޝިފް ގޮތުގައި -11,000ރ. (އެގާރަހާސް) އާއެކު ޖުމްލަ -15,000ރ. (ފަނަރަހާސް) މުސާރައިގެ ގޮތުގައި ލިބޭކަން އެނގޭކަމާއި،
8.2. މުސާރަ -15,000ރ. (ފަނަރަހާސް) 30 (ތިރީސް) ދުވަހަށް ބައިކޮށް ޙަސަން ޝަރީފް މަސައްކަތްކުރާކަމަށް ބުނެފައިވާ 8 (އަށެއް) ގަޑިއިރުން ބައިކުރުމަށްފަހު، މުސާރައިގެ ގޮތުގައި ދުވާލަކަށް ލިބޭނެ އަދަދަކީ، 62.5ރ. (ފަސްދޮޅަސް ދެ ރުފިޔާ ފަންސާސް ލާރި) ކަމާއި؛
8.3. މަސައްކަތް ކުރާ ދުވަސްތަކުގެ އިތުރުގަޑީގެ ފައިސާ ހިސާބުކޮށްފައިވާނީ، މަހުގެ ޖުމްލަ އިތުރުގަޑި * 1.25* 62.5 މިފަދައިންކަމާއި،
8.4. ޗުއްޓީ ދުވަސްތަކުގެ އިތުރުގަޑީގެ ފައިސާ ހިސާބުކޮށްފައިވާނީ، މަހުގެ ޖުމްލަ އިތުރުގަޑީ * 1.5* 62.5 މިފަދައިންކަމާއި،
8.5. އެޓެންޑަންސް ސަމަރީ އިންނާއި ޙާޟިރީ ޝީޓަށް ރިޢާޔަތްކޮށް އެކު ޖުމްލަ 47,013.23ރ. (ސާޅީސް ހަތްހާސް ތޭރަ ރުފިޔާ ތޭވީސް ލާރި) ޙަސަން ޝަރީފްއަށް ނުލިބިވާކަމަށް ބުރަވެވޭކަން؛
8.6. ޙަސަން ޝަރީފް އައްޔަންކުރެވިފައިވަނީ ވަކި މަސައްކަތަކަށް ޙާއްޞަކޮށް، ވަކި މުއްދަތަކަށް ކަން އެފަރާތް ވަޒީފާއިން ވަކިކުރެވުނުއިރުވެސް އެނގިފައިނުވާކަމަށް ބުރަވެވޭ ސަބަބަށްޓަކައި، ޙަސަން ޝަރީފްއަކީ ދާއިމީ މުވައްޒަފެއް ގޮތުގައި ބަލަންޖެހޭކަމަށް ބުރަވެވޭކަން އަދި މިސަބަބަށްޓަކައި ޙަސަން ޝަރީފް ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަން؛
8.7. ގެއްލުމުގެ ބަދަލަށް އެދުނުނަމަވެސް އެކަން ސާބިތުކޮށްދިނުމަށް އިތުރު ލިޔެކިޔުމެއް ހުށަހަޅާފައިނުވާތީ ގެއްލުމެއް ލިބިފައިވާކަމަށް ބުރަނުވެވޭކަން؛ މިއެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާއި ދެފަރާތުގެ ވާހަކަ:
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 186/VTR/2022 މައްސަލަ ނިންމާފައިވަނީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް އެދި އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި:
9.1. ފުރަތަމަ ނުކުތާއަކީ؛ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އިތުރު ވަގުތު އުޖޫރަ ހިސާބުކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެމުންދިޔަ ޖުމްލަ އުޖޫރައިން (Total Remuneration) އިން ކަމުގައިވުމުގެ ސަބަބުން، އިތުރު ވަގުތުގެ ފައިސާގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ޙައްޤުނުވާ މިންވަރެއް ދިނުމަށް އަމުރުކޮށްފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9.1.1 މިނުކުތާގެ ތަފްސީލުގައި އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ (ށ) އަދި 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު" މިފަދައިންކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގައި މުސާރަ ބަޔާންކޮށްފައި ނުވިނަމަވެސް، އެޤާނޫނުގެ 89 ވަނަ މާއްދާގައި، "އުޖޫރަ" ކަމުގައި ބުނެފައިވަނީ، މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން، ފައިސާއިން، ނުވަތަ އަގުހުރި އެހެންވެސް އެއްޗަކުން، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ދޭ މުސާރައާއި، އިތުރު މަންފާތަކާއި، އެލަވަންސްތަކާއި، ވަޒީފާއާ ގުޅިގެން އެމުވައްޒަފަކަށް ދޭ އެހެނިހެން މާލީ މަންފާތަކަށްކަމަށާއި، އެހެންކަމުން މުސާރައަކީ އެލަވަންސްތަކާއި އިތުރު އިނާޔަތް އޭގައި ނުހިމެނޭ އަދި އުޖޫރައިގެ ބައެއްކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އިތުރުގަޑީގެ ފައިސާ ހިސާބުކޮށްފައިވަނީ މުސާރައިގެ އިތުރުން އެލަވަންސްތަކާއި އިނާޔަތްތައް ހިމަނައިގެން އައި ޖުމްލައިގެ އަދަދެއްގެ މައްޗަށް ބިނާކޮށްގެންކަން ޓްރައިބިއުނަލްގެ ނިންމުމުން އިނގޭކަމަށާއި، އެހެންކަމުން މުސާރައިގެ އިތުރުން އިނާޔަތްތަކުގެ ފައިސާ ހިމަނައިގެން އައި ޖުމްލަ އަދަދެއްގެ މައްޗަށް އިތުރުގަޑީގެ ފައިސާ ހިސާބުކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ (ށ) އަދި 38 ވަނަ މާއްދާ އަދި 89 ވަނަ މާއްދާގެ މަފްޙޫމާ ޚިލާފަށްކަމަށެވެ.
9.2. ދެވަނަ ނުކުތާއަކީ؛ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފު ރައްދުވާ ފަރާތުން މައްސަލަ ހުށަހެޅިއިރު އެދިފައިވަނީ އިތުރު ގަޑީގެ ގޮތުގައި ނުލިބިވާ ކޮންމެ ދުވާލަކަށް 01 (އެކެއް) ގަޑިއިރަށްވާ މުސާރަ ނަގައިދިނުމަށް ކަމުގައިވާއިރު، އަދި އިސްތިއުނާފުކުރާ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގައި އެދިފައިވާ ގޮތް ބަދަލުކޮށް ނުވަތަ އިޞްލާޙުކޮށްފައި ނުވާއިރު، ވަޒީފާގެ މުޅި މުއްދަތަށް އަލުން އިތުރުގަޑީގެ މުސާރަ ހިސާބުކޮށް އެދިފައިވާ މިންވަރަށްވުރެ އިތުރަށް ފައިސާނަގައިދީ އެދިފައިނުވާ ފަރުވާއެއް ދީފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9.3. މިނުކުތާގެ ތަފްސީލުގައި އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި އިތުރުގަޑީގެ ގޮތުގައި ދިނުމަށް "އެއްބަސްވެފައިވާ ރޭޓު" ކަމަށް ޙަސަން ޝަރީފްގެ ފަރާތުން ބުނާ ގަޑިއިރަކަށް 30ރ. އަށް ދެފަރާތް އެއްބަސްވިކަން ޙަސަން ޝަރީފަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ބަޔާންކޮށްފައިވާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/28 ޤަޟިއްޔާގައި މައްސަލަ ބަލާ ފަނޑިޔާރަކީ އެފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ވާޤިޢާތައް ހުށަހަޅާ ފަރާތްތަކުން އެކަންކަން ސާބިތުކުރުމުން އެކަމުގެ މައްޗަށް ތަތުބީޤުކުރަންޖެހޭ ޤާނޫނު ތަތުބީޤުކޮށް މައްސަލަތަކުގައި ގޮތްކަނޑައަޅަމުން ދިއުންކަމަށާއި، އެނޫން ގޮތަކަށް ނުވަތަ ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަށް އެކަންކުރުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވާ އެޑްވަސޭރިއަލް ނިޒާމާ ޚިލާފު އަދި ފަނޑިޔާރުގެ ނިންމުމާމެދު ޝައްކުގެ ނަޒަރަކުން ބެލުމަށް މަގުފަހިވާނެ ކަމެއްކަމަށާއި، އެހެންކަމުން މިމައްސަލައިގައި އިތުރުގަޑީގެ ފައިސާ ހޯދުމަށް ޙަސަން ޝަރީފް އެދިފައިވާ ގޮތާއި އެކަމުގެ މައްޗަށް ހުށަހެޅި ވާޤިޢާތައް އެއްކައިރިކޮށް މައްސަލަ ބެލި މެންބަރުން އަމިއްލަ އިސްނެގުމަށް މުޅި މުއްދަތަށް އަލުން އިތުރުގަޑި ހިސާބުކޮށް އެދިފައިވާ ފަރުވާ ފުޅާކޮށްފައިވަނީ ސުޕްރީމްކޯޓުގެ އިސްވެ ބަޔާންކުރެވުނު އުޞޫލާއި ޚިލާފަށްކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
10އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ދައުވާގެ ޖަވާބުގައި ބުނެފައިވަނީ، އޯ.ޓީ ހިނގަނީ ނުވަތަ ލިބެނީ ކިހިނެއްކަން ނޭނގޭކަމަށާއި، ޙަސަން ޝަރީފް ބަރާބަރަށް މަސައްކަތްކޮށްފައިވާނެކަމަށާއި، އެޙައްޤު ހޯދުމަށް މަސައްކަތްކޮށްފައިވާނެކަމަށެވެ. އަދި އެފަރާތަށް ލިބެންޖެހޭ ޙައްޤެއް ނުލިބޭތީ އެކަމާ ކަންބޮޑުވާކަމަށެވެ.
އެދޭގޮތް:
11އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 186/VTR/2022 މައްސަލައިގައި އިތުރުގަޑީގެ ފައިސާ ހިސާބުކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އަދި ކޮށްފައިވާ ދައުވާގައި އެދިފައި ނުވާ ކަމެއްގެ މައްޗަށްކަމަށް ކަނޑައަޅައިދީ، އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ނަގައިދީފައިވާ ބައި ބާޠިލްކޮށް، އިތުރުގަޑީގެ ފައިސާގެ ގޮތުގައި އެއްވެސް މިންވަރެއް އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
12އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ކޯޓުން ފައިޞަލާކުރަންޖެހޭ މައިގަނޑު ޤާނޫނީ ސުވާލަކީ، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ (ށ) ގެ ދަށުން އިތުރުގަޑީގެ ފައިސާ ހިސާބުކުރުމަށްޓަކައި "މުސާރައިން ގަޑިއަކަށްޖެހޭ މިންވަރު" ބެލުމުގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ "މުސާރަ" ކަމަށް ބަލާނީ ހަމައެކަނި އަސާސީ މުސާރައަށްތޯ، ނުވަތަ މުވައްޒަފަށް ދެވޭ އެކިއެކި އެލަވަންސްތަކާއި އިނާޔަތްތައް ހިމެނޭގޮތުން "އުޖޫރަ" އަށްތޯއެވެ؟
13HN1HN2މި ނުކުތާއާމެދު ގޮތެއް ނިންމުމުގައި އެންމެ ފުރަތަމަ ރިޢާޔަތްކުރަންޖެހެނީ، ޤާނޫނު މާނަކުރުމުގެ އަސާސީ ހަމަތަކުގެ މައްޗަށެވެ. ޤާނޫނެއްގެ މާއްދާއެއްގައި ބޭނުންކޮށްފައިވާ ލަފުޒެއް ސާފުކޮށް، އެހެން މާނައަކަށް ފުރޮޅެންނެތް ގޮތަށް އޮންނަ ޙާލަތުގައި، އެ ލަފުޒެއްގެ ޞަރީޙަ އާދައިގެ މާނައިގައި ޢަމަލުކުރުމަކީ ޤާނޫނީ އަސާސެކެވެ . ވަޒީފާއާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ (ނ) ގައި އިތުރުގަޑީގެ ފައިސާ ހިސާބުކުރާނެ ގޮތް ކަނޑައަޅައި ބަޔާންކޮށްފައިވަނީ، "މުވައްޒަފަކު ލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، "އޭނާގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ" މަދުވެގެން ބަޔަށްވާ ފައިސާ" ދޭންވާނެ ކަމަށެވެ. އެއާއެކު، ވަޒީފާއާބެހޭ ޤާނޫނުގެ 97 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި "އުޖޫރަ" މާނަކޮށްފައިވަނީ "މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން، ފައިސާއިން، ނުވަތަ އަގުހުރި އެހެންވެސް އެއްޗަކުން، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ދޭ މުސާރައާއި، އިތުރު މަންފާތަކާއި، އެލަވަންސްތަކާއި ވަޒީފާއާ ގުޅިގެން އެ މުވައްޒަފަކަށް ދޭ އެހެނިހެން މާލީ ފައިދާތަކަށް" ކަމަށެވެ. މިއިން އެނގެނީ، ޤާނޫނު ހަދާ ފަރާތުން "މުސާރަ" އާއި "އެލަވަންސްތައް" މިއީ މުޅިން ތަފާތު ދެ މަފްހޫމެއް ކަމަށާއި، އެ ދެބައި އެކުވުމުން އުފެދޭ ޖުމްލަ މާލީ މަންފާއަކީ "އުޖޫރަ" ކަމުގައި ކަނޑައަޅާފައިވާ ކަމެވެ.
14HN3ވީމާ، މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، ވަޒީފާއާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ (ނ) އާއި 97 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އިތުރުގަޑީގެ ފައިސާ ހިސާބުކުރުމަށްޓަކައި ގަޑިއަކަށްޖެހޭ މިންވަރު ހިސާބުކުރާނީ އެކިއެކި އެލަވަންސްތަކާއި މާލީ އިނާޔަތްތައް ނުހިމަނައި، މުސާރައިން ކަމުގައި ދެކެމެވެ.
15HN4މި އުޞޫލަށް ބާރުލިބޭ އިތުރު ޤާނޫނީ ދަލީލަކީ، ދައުލަތުގެ މައިގަނޑު މުއައްސަސާތަކުގައި ޢަމަލުކުރެވޭ އިދާރީ އަދި މާލީ ޤަވާއިދުތަކެވެ. އެގޮތުން، "ދައުލަތުގެ ޕޭ ފްރޭމް މިންގަނޑުތައް" ގައި ހިމެނޭ "އިތުރުގަޑީގެ ފައިސާދޭނެގޮތުގެ މިންގަނޑު" ގައި އިތުރު ގަޑީގެ ފައިސާ ހިސާބު ކުރާނެ ގޮތް ކަމަށް ބަޔާންކޮށްފައިވަނީ، "ވަޒީފާއާބެހޭ ޤާނޫނުގެ ގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފިޔަވައި އެހެން ދުވަސްދުވަހު އިތުރުގަޑީގެ ފައިސާ ހިސާބުކުރާނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތުގެ މަތިން އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1.25 (އެކެއް ޕޮއިންޓް ދޭއް ފަހެއް) އާ ގުނަކޮށްގެން އަންނަ އަދަދު، އެ މުވައްޒަފު ދުވާލެއްގެ މައްޗަށް 8 (އަށެއް) ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތާ ގުނަކޮށްގެން އަންނަ އަދަދު" މިފަދައިންނެވެ.އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނާއި ޕެންޝަނަށް ބަލާ މުސާރަ ކަނޑައެޅުމާބެހޭ ޤަވާއިދަށް ބެލުމުން ޕެންޝަނުގެ ބޭނުމަށް މުސާރައިގެ ގޮތުގައި ބަލަނީ އަސާސީ މުސާރަކަން އެނގެއެވެ.
16އެހެންކަމުން، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި ދައުލަތުގެ ޚިދުމަތުގައި "މުސާރަ" އާއި "އެލަވަންސް"
ތަފާތުކޮށް، އިތުރުގަޑި ހިސާބުކުރުމުގައި އެލަވަންސްތައް އިސްތިސްނާކުރުމުގެ ޢާންމު ޤާނޫނީ އުޞޫލު ދެމެހެއްޓިފައިވާކަން އެނގެއެވެ.
17HN5ހަމައެއާއެކު، ޤާނޫނުގެ ޢާންމު އުޞޫލަކީ އަސާސީ މުސާރައިން އިތުރުގަޑި ހިސާބުކުރުން ކަމުގައި ވީނަމަވެސް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވަޒީފާދޭ ފަރާތުގެ އަމިއްލަ ސިޔާސަތެއްގެ ދަށުން، އެލަވަންސްތައް ހިމަނައިގެން އިތުރުގަޑީގެ ފައިސާ ހިސާބުކުރުމަށް ކަނޑައެޅިފައިވާނަމަ، އެފަދައިން އިތުރުގަޑީގެ ފައިސާ ހިސާބުކޮށްދިނުމަކަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ. ޤާނޫނުގެ ދަށުން މަޖުބޫރުވާނެ އެންމެ ދަށް މިންގަނޑަކީ (Minimum Statutory Standard) އަސާސީ މުސާރައިގެ މައްޗަށް ބިނާކޮށް އިތުރުގަޑި ހިސާބުކުރުމެވެ.
18މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން، އިސްތިއުނާފު ރައްދުވާ ފަރާތަށް މުސާރަ ދީފައިވަނީ އިތުރު ގަޑީގެ ފައިސާވެސް ހިމަނައިގެން ކަމާމެދު ޚުސޫމާތެއް ނެތެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ އަސާސީ މުސާރައިގެ މައްޗަށް ރިޢާޔަތްކޮށް އިތުރުގަޑީގެ ފައިސާ ހިސާބުކުރުމުން ޖެހޭ މިންވަރު، މިހާރު ދެއްކިފައިވާ ޢަދަދަށްވުރެ ގިނަވާނެ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާއިރު، އެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައި ނުވާކަމާއި، ހިސާބުތަކަށް ބެލުމުން އިތުރުގަޑީގެ ފައިސާ އިތުރަށް ވެފައިވާކަން އެނގެއެވެ.
19އެހެންކަމުން، ޓްރައިބިއުނަލުން މައްސަލައިގެ ނިންމުމުގައި ޙަސަން ޝަރީފް ވަޒީފާ އަދާކުރުމުގައި އިތުރަށް މަސައްކަތްކޮށްފައިވާ ގަޑިތަކަށް ފައިސާ ނަގައިދީފައިވަނީ، ޙަސަން ޝަރީފް އިތުރު ގަޑީގައި ކޮށްފައިވާ މަސައްކަތަށް ދޭންޖެހޭ ޢަދަދަށްވުރެ ގިނައިން ކަމަށްވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ޙަސަން ޝަރީފަށް އިތުރުގަޑީގެ ލާރީގެ ގޮތުގައި 47,013.23ރ. (ސާޅީސްހަތްހާސް ތޭރަ ރުފިޔާ ތޭވީސް ލާރި) ދޭންޖެހޭކަމަށް ނިންމަވާފައިވާ ނިންމުން ބާޠިލްކުރަންޖެހޭ ކަމަށް ފެނެއެވެ.
ނޭދޭ ފަރުވާ އެއް ދިނުން
20އިސްތިއުނާފީ ދެވަނަ ނުކުތާގައި އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ބަޔާންކޮށްފައިވަނީ، އިތުރުގަޑީގެ މުސާރަ ހިސާބުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ މިންވަރަށްވުރެ އިތުރަށް ފައިސާ ނަގައިދީ، އެދިފައިނުވާ ފަރުވާއެއް ދީފައިވާ ކަމަށެވެ.
21ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި މައްސަލަ ބަލާ ފަނޑިޔާރުންނާއި ނިޔާކަނޑައަޅާ ފަރާތްތަކުން ތަބާވާންޖެހޭ އަސާސީ އުޞޫލު ބަޔާންކުރައްވަމުން ކަނޑައަޅުއްވާފައިވަނީ އަންނަނިވި ފަދައިންނެވެ.
"މައްސަލަ ބަލާ ފަނޑިޔާރަކީ އެފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ވާޤިޢާތައް، އެވާޤިޢާތައް ހުށަހަޅާ ފަރާތްތަކުން އެކަންކަން ސާބިތުކުރުމުން އެކަމުގެ މައްޗަށް ތަތުބީޤުކުރަންޖެހޭ ޤާނޫނު ތަތުބީޤުކޮށް މައްސަލަތަކުގައި ގޮތްކަނޑައަޅަމުން ދިއުންކަމަށާއި، އެނޫން ގޮތަކަށް ނުވަތަ ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަށް އެކަންކުރުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވާ އެޑްވަސޭރިއަލް ނިޒާމާ ޚިލާފު އަދި ފަނޑިޔާރުގެ ނިންމުމާމެދު ޝައްކުގެ ނަޒަރަކުން ބެލުމަށް މަގުފަހިވާނެ ކަމެކެވެ."
22މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ޙަސަން ޝަރީފްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "ދައުވާ ހުށަހަޅާ ފޯމު"ގެ "އެދޭ ގޮތް" ބައިގައި "ރާއްޖޭގައި ހެދިފައިވާ ވަޒީފާއާބެހޭ ޤާނޫނުގައި ބުނާ 8 ގަޑިއިރަށްވުރެ އިތުރަށް ކޮންމެ ދުވަހަކު 1 ގަޑިއިރު މަސައްކަތްކުރުވާފައިވުމާ ވަޒީފާދިން އިރު އެއްބަސްވެފައިވާ ރޭޓުން "އޯޓީ ފައިސާދީފައިނުވުމާއި..." މިފަދައިން ބަޔާންކޮށްފައިވާތީ، ޙަސަން ޝަރީފްގެ ފަރާތުން ހުށަހެޅި މައިގަނޑު ދައުވާއަކީ އަދި އެދިފައިވާ މައިގަނޑު ފަރުވާއަކީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް އިތުރުގަޑީގެ ނުލިބިވާ އުޖޫރަ ނަގައިދިނުން ކަން ސާފުވެއެވެ.
23HN6ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަތައް ބަލައި ނިޔާކަނޑައެޅުމުގެ އިޚްތިޔާރު ދީފައިވާއިރު، އެމާއްދާގެ (ނ) ގެ ދަށުން މައްސަލައިގެ ޙަޤީޤަތް ހޯދައި ކަށަވަރުކުރުމަށްޓަކައި ހެކިބަސް ނެގުމާއި، ވަޒީފާއާބެހޭ ލިޔެކިޔުންތަކާއި ޙާޟިރީ ރެކޯޑުތައް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުން އިތުރުގަޑީގެ ފައިސާ ނުލިބޭކަމަށް ބުނެ ހުށަހެޅި މައްސަލައިގައި، އޭނާ އިތުރުގަޑީގައި މަސައްކަތްކޮށްފައިވާ ޙަޤީޤީ މިންވަރު ކަށަވަރުކުރުމަށްޓަކައި ޙާޟިރީ ރިޕޯޓު ހުށަހެޅުމަށް ދެފަރާތަށް އަންގައި، އެ ރިޕޯޓަށް ރިޢާޔަތްކޮށް އިތުރުގަޑި ހިސާބުކުރުމަކީ ޤާނޫނީ އިމުގެ ތެރެއިން ކުރެވިފައިވާ ކަމެކެވެ.
24HN7ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލު މަނާކުރަނީ ޚުސޫމަތުގެ ބައިވެރިއަކު އެދިފައިނުވާ މުޅިން އައު ނުވަތަ ތަފާތު ފަރުވާއެއް ކަނޑައެޅުމެވެ. ނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން އިތުރުގަޑީގެ ފައިސާއަށް އެދިފައިވާ ޙާލަތުގައި، ޓްރައިބިއުނަލްގެ އަމުރަށް ހުށަހެޅުނު ޙާޟިރީ ރިޕޯޓުން އޭނާ މަސައްކަތްކުރި އިތުރުގަޑީގެ ޙަޤީޤީ މިންވަރު ސާބިތުވުމާ ގުޅިގެން، އެ ސާބިތުވި ގަޑިއިރުތަކަށް ފައިސާ ހިސާބުކޮށްދިނުމަކީ މުޅިން އައު ފަރުވާއެއް ދިނުން ކަމުގައި ނުބެލޭނެއެވެ. އެއީ ދައުވާ ފޯމުގައި އެދިފައިވާ މައިގަނޑު ފަރުވާގެ ދާއިރާގެ ތެރޭގައި ހިމެނޭ، އަދި އެ ފަރުވާގެ މިންވަރު ކަށަވަރުކުރުމުގެ ތެރެއިން އައިސްފައިވާ ކަމެކެވެ. މީގެއިތުރުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޙާޟިރީ ރިޕޯޓަށް ބަލައިގެން އިތުރުގަޑީގެ ވަގުތު ހިސާބުކޮށްފައިވާ ގޮތާމެދު އިސްތިއުނާފީ މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުން އިއުތިރާޟެއް ނެތްކަން ފާހަގަކުރެވެއެވެ.
25ވުމާއެކު،ދައުވާ ފޯމުގައި އެދިފައިވާ ފަރުވާއަށް ރިޢާޔަތްކޮށް، ޙާޟިރީ ރިޕޯޓުން ސާބިތުވާ މިންވަރަށް އިތުރުގަޑީގެ ފައިސާ ނަގައިދިނުމަށް ނިންމާފައިވާ ނިންމުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ފަރުވާގެ ދާއިރާގެ ތެރެއިން ނިންމާފައިވާ، އަދި ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލާ ޚިލާފު ނިންމުމެއް ކަމުގައި ނުދެކެމެވެ.
ނިންމަން ފެންނަ ގޮތް
26ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 186/VTR/2022 މައްސަލައިގެ ނިންމުމުގައި ޙަސަން ޝަރީފް ވަޒީފާ އަދާކުރުމުގައި އިތުރަށް މަސައްކަތްކޮށްފައިވާ ގަޑިތަކަށް ފައިސާ ނަގައިދީފައިވަނީ، ޙަސަން ޝަރީފް އިތުރު ގަޑީގައި ކޮށްފައިވާ މަސައްކަތަށް ދޭންޖެހޭ ޢަދަދަށްވުރެ ގިނައިން ކަމަށްވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ޙަސަން ޝަރީފަށް އިތުރުގަޑީގެ ލާރީގެ ގޮތުގައި 47,013.23ރ. (ސާޅީސްހަތްހާސް ތޭރަ ރުފިޔާ ތޭވީސް ލާރި) ދޭންޖެހޭކަމަށް ނިންމަވާފައިވާ ނިންމުން ބާޠިލްކުރަންޖެހޭކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
27ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު
28ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
29މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 186/VTR/2022 މައްސަލައިގެ ނިންމުމުގައި […] ޙަސަން ޝަރީފް އަށް އިތުރުގަޑީގެ ލާރީގެ ގޮތުގައި 47,013.23ރ. (ސާޅީސްހަތްހާސް ތޭރަ ރުފިޔާ ތޭވީސް ލާރި) ދޭންޖެހޭކަމަށް ނިންމާފައިވާ ނިންމުން ބާޠިލްކުރަންޖެހޭކަމަށް ކަނޑައަޅައި، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
(ރިޔާސަތު)
ފަނޑިޔާރު އިސްމާޢީލް ޝަފީޢު
ފުޓްނޯޓު
- ކުންފުނީގެ ރަޖިސްޓްރޭޝަން ނަންބަރު C-20/89
- ޙަސަން ޝަރީފްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "މައްސަލަ ހުށަހަޅާ ފޯމް" ގެ ނަންބަރު 9- އެދޭގޮތް
- އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބު ފޯމްގެ "މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ކުރު ޚުލާސާ"
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 7.5.1 -ޞަފްޙާ 7
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 7.5.2 -ޞަފްޙާ 7
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 7.3 -ޞަފްޙާ
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 7.5.3 -ޞަފްޙާ 7
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 7.7 -ޞަފްޙާ 7
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 8.1.4 އަދި 8.3.4 އަދި 8.5 ޞަފްޙާ 12 އަދި 15 އަދި 16
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 9 ޞަފްޙާ 17 -ސްރުއޭގެ ހައިކޯޓު
- އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ވައުވާގެ ފޯމުގެ ނަންބަރު 9- "އެދޭގޮތް"
- ޤާނޫނު ނަންބަރު 2/2008
- ޤާނޫނު ނަންބަރު 4/2011 - މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008
- ޤާނޫނު ނަންބަރު 2/2008
- ޤާނޫނު ނަންބަރު 2/2008
- މިންގަނޑު ނަންބަރު 478-NPC/2022/ST-08
- ޤާނޫނު ނަންބަރު 2/2008
- ޤާނޫނު ނަންބަރު 8/2009
- ޤަވާއިދު ނަންބަރު R-27/2021 ގެ 6 ވަނަ މާއްދާ
- [2021] SC 50
- ޤާނޫނު ނަންބަރު 2/2008
- [2021] SC 50
- [2021] SC 50
- މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)ގެ 284 މަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.