ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2020/SC-A/28
ޝަރީޢަތް ނިމުނުގޮތް
ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު
29 އެޕްރިލް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2018/HC-A/33
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
އަޙްމަދު ޖަނާޙް
ޙަސަން ޢަލީމަނިކު
ޤާނޫނީ ވަކީލު:ޤާނޫނީ ވަކީލު:ޢަލީ ޢާމިރު މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު
(ޗެންބަރސް އިން) (ޝިފާޒް އެންޑް ޕަރޓްނާރސް އެލް.އެލް.ޕީ)
މަދަނީ – އެއްބަސްވުމާ ޚިލާފުވުން – ޖަޒާއީ ޝަރުޠު (Penalty Clause) – އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ނަގައި ދެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބަދަލު (Liquidated Damages) – އެއްބަސްވުމެއްގެ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްކަން ނުވަތަ ނޫންކަން ވަޒަންކުރުމުގައި ކޯޓުތަކުން ބަލައިގަންނަ މިންގަނޑުތައް – ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ – ލިބިދާނެކަމަށް ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން (reasonable foreseeability of damages)
` ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
ތަޢާރުފު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/33 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ޙަސަން ޢަލީމަނިކު (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޙަސަން ޢަލީމަނިކު" ކަމަށް ބުނެފައިވާ ފަރާތް) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ، ހ. ސޯނަރީ*، އަޙްމަދު ޖަނާޙް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ"އަޙްމަދު ޖަނާޙް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް އަޙްމަދު ޖަނާޙްގެ 33% (ތިރީސްތިން އިންސައްތަ) ޙިއްޞާ، US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ގެ އަގަށް، ޙަސަން ޢަލީމަނިކަށް ވިއްކުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި 08 ފެބުރުވަރީ 2007 ގައި
* މި މައްސަލައިގެ ޙުކުމް އިއްވިއިރު ލިޔުމުގެ ކުށެއްގެ ސަބަބުން ކިޔިފައިވަނީ "މ. ސޯނަރީ" ކަމަށް ވީނަމަވެސް، ރަނގަޅު ގޮތަކީ "ހ. ސޯނަރީ" މި ގޮތެވެ.
އެއްބަސްވުމެއްގައި (މީގެ ފަހުން "ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުން" ކަމަށް ބުނެފައިވާ އެއްބަސްވުން) ސޮއިކުރެވިފައިވެއެވެ.
ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، ގަންނަން އެއްބަސްވެވޭ ޙިއްޞާގެ އަގަށްވާ ފައިސާ ޙަސަން ޢަލީމަނިކު ދެއްކުމަށް ވަކި މުއްދަތުތަކެއް ދެ ފަރާތުން އެއްބަސްވެފައިވެއެވެ. މީގެ އިތުރުން ޙިއްޞާގެ އަގު ދެއްކުން ޙަސަން ޢަލީމަނިކު ލަސްކުރާނަމަ، ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގައި ބުނާ މުއްދަތުގައި ފައިސާ ނުދައްކައި ލަސްވާ ކޮންމެ 10 (ދިހައެއް) ދުވަހަކަށް ނުދައްކައިވާ ފައިސާގެ 10% (ދިހައެއް އިންސައްތަ) އިތުރަށް ދައްކަން ޖެހޭނެ ކަމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.
ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ޙަސަން ޢަލީމަނިކު ފައިސާ ދައްކަމުން ނުދާތީ، އެ އެއްބަސްވުމުގެ ދަށުން 31 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ ނިޔަލަށް ޙަސަން ޢަލީމަނިކުގެ ފަރާތުން އަޙްމަދު ޖަނާޙްއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ US$346,500.00 (ތިންލައްކަ ސާޅީސްހަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އާއި، ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން 31 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ ނިޔަލަށް އިތުރަށް ދައްކަންޖެހޭ US$ 5,262,600.00 (ފަސްމިލިޔަން ދެލައްކަ ފަސްދޮޅަސްދެހާސް ހަސަތޭކަ އެމެރިކާ ޑޮލަރު) އާއެކު، ޖުމުލަ US$5,609,100.00 (ފަސްމިލިއަން ހަލައްކަ ނުވަހާސް އެއްސަތޭކަ އެމެރިކާ ޑޮލަރު) ހޯދުމަށް ޙަސަން ޢަލީމަނިކުގެ މައްޗަށް އަޙްމަދު ޖަނާޙް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
ސިވިލް ކޯޓުން ނިންމިގޮތް
އަޙްމަދު ޖަނާޙް ހުށަހެޅި މައްސަލަ ބަލާފައި ވަނީ ސިވިލް ކޯޓުގެ ނަންބަރު2521/Cv-C/2016 ޤަޟިއްޔާއިންނެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތަކަށާއި، ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކަށް ރިޢާޔަތްކޮށް، ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގެ ދަށުން 31 އޮކްޓޫބަރު 2016 ގެ ނިޔަލަށް ޙަސަން ޢަލީމަނިކު އަޙްމަދު ޖަނާޙްއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން US$346,500.00 (ތިންލައްކަ ސާޅީސްހަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އާއި، ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން އެ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ޝަރުޠު ޖަޒާއީގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) އާއެކު، ޖުމުލަ US1,046,500.00 (އެއްމިލިޔަން ސާޅީސް ހަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އަކީ، ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީމަނިކުގެ ފަރާތުން އަޙްމަދު ޖަނާޙްއަށް ދައްކަން ޖެހޭ ފައިސާ ކަމަށް މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ފައިސާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޙަސަން ޢަލީމަނިކަށް އަންގައި ސިވިލް ކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކޮށްފައިވެއެވެ.
ސިވިލް ކޯޓުން ކުރި ޙުކުމުގައި، ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދީފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޙަސަން ޢަލީމަނިކުގެ ފަރާތުން އެ ޤަޟިއްޔާއިން ކުރި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން ނިންމިގޮތް
ޙަސަން ޢަލީމަނިކުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2018/HC-A/33 ޤަޟިއްޔާއިންނެވެ. ޙަސަން ޢަލީމަނިކުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތް ކަމަށް، އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މި ޤަޟިއްޔާގައި ހައިކޯޓުން ޙުކުމް ކޮށްފައިވެއެވެ.
ހައިކޯޓުން މި ޙުކުމަށް ވާސިލުވެފައި ވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.
ޞައްޙަ އެއްބަސްވުމެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް، އެ ބަދަލު ނެގޭނެ ގޮތާއި މިންވަރަކާމެދު އެއްބަސްވުމުގައި ކުރިއާލައި އެއްބަސްވެފައި އޮވެއްޖެނަމަ، އެއްބަސްވުމުގައި ބަޔާންކުރާ ބަދަލުގެ މިންވަރު ނަގައި ދިނުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު ތަންދޭ ކަމެއް ކަމަށާއި، އަދި އެ ފަދަ ބަދަލުތަކަކީ ނަގައިދެވޭނެ ބަދަލުތަކެއްކަން މީގެ ކުރިން ކޯޓުތަކުން ނިންމާފައިވާ އެ ބާވަތުގެ ޤަޟިއްޔާތަކަށް ބެލުމުން އެނގެން އޮތުން؛
އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކުރާ ޙާލަތަކީ ދެ ފަރާތުގެ ދެމެދުގައި ކުރިން ވެވޭ އެއްބަސްވުމެއްގައި ޖޫރިމަނާ ގޮތުގައި ފައިސާ ނަގައިދެވޭނެ މިންވަރަކާމެދު ކުރިއާލައި އެއްބަސްވެފައި ނެތި، ހަމައެކަނި ފޮނުވޭ އިންވޮއިސްގައި ވަކި އަދަދެއްގެ ޖޫރިމަނާ ފައިސާ ނެގޭނެ ކަމަށް ބަޔާންކުރާ ޙާލަތުގައި އެފަދައިން އިންވޮއިސް ފޮނުވުމުން، އެ އިންވޮއިސްގައި ބަޔާންކުރާ އަދަދަށް އިންކާރު ކުރާ ޙާލަތުގައި ކަންކުރަންޖެހޭ ގޮތް ބަޔާންކުރާ ޙާލަތް ކަމަށާއި، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމެއްގައި ޖޫރިމަނާގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ނެގޭނެ ކަމަށް އެއްބަސްވެފައިވާނަމަ، އެފަދައިން ޢަމަލުކުރަން ނުޖެހޭނެ ކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލެއްގައި ބަޔާންވެގެން ނުވާއިރު އަދި، އެ ޤަޟިއްޔާގައި ޖޫރިމަނާ ފައިސާ ނަގައިދީފައި ނުވަނީ ޖޫރިމަނާގެ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުގެ މިންވަރު އިތުރުވެގެން ނޫންކަން އެނގެން އޮތުމުން، އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައް އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާގައި ތަޠުބީޤު ކުރާނެ ހަމައެއް ނެތްކަން އެނގެން އޮތުން؛
ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ޖޫރިމަނާ ފައިސާގެ ގޮތުގައި އަޙްމަދު ޖަނާޙްގެ ފަރާތުން ހޯދުމަށް އެދިފައިވަނީUS$ 5,262,600.00 (ފަސްމިލިޔަން ދެލައްކަ ފަސްދޮޅަސްދެހާސް ހަސަތޭކަ އެމެރިކާ ޑޮލަރު) ނަމަވެސް، ޖޫރިމަނާގެ ގޮތުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ކަމަށް ވުމުން، މައްސަލައިގައި ފެންނަން ހުރި ލިޔުންތަކުގެ މައްޗަށާއި، ޙަސަން ޢަލީމަނިކުގެ ފަރާތުން ފައިސާ ދައްކަންޖެހި، ނުދައްކައި ހޭދަވެފައިވާ މުއްދަތުގެ މައްޗަށާއި، ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ޞަރީޙަ އިބާރާތަށް ބަލައި، ބަދަލުގެ މިންވަރުގެ ގޮތުގައި ނަގައިދިނުމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ މިންވަރަކީ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު މިންވަރެއް ކަމުގައި ބެލެވެން ނެތް ކަމަށް އެނގެން އޮތް ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2018/HC-A/33 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ޙަސަން ޢަލީމަނިކުގެ ފަރާތުން އެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
އިސްތިއުނާފު ކުރާ ފަރާތުން އިސްވެ ބަޔާންވެދިޔަ ހައިކޯޓުގެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ދެ ނުކުތާއެއް ހުށައަޅާފައިވެއެވެ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ: ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ޝަރުޠު ޖަޒާއީގެ ގޮތުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާ އަދަދު ކަނޑައެޅުމުގައި އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލު ކަމުގައިވާ "ޖަޒާއީ ޝަރުޠުގެ ގޮތުގައި ނެގޭ ފައިސާ، އަސްލު އިލްތިޒާމަށް ވުރެ އިތުރުވުން މަނާކުރުމުގެ ޤާނޫނީ އުޞޫލު" ސިވިލް ކޯޓުން ތަޠުބީޤު ކޮށްފައިވަނީ ޙަސަން ޢަލީމަނިކުގެ ފަރާތުން ކުރިން ދައްކާފައިވާ ފައިސާ އާއި ޖޫރިމަނާ އާއި އެއިރު އަދާކުރަންޖެހޭ އިލްތިމާޒުގެ އަސްލު މިންވަރުގެ މައްޗަށް ބެލުމެއް ނެތި ކަމުން، ޖޫރިމަނާގެ ގޮތުގައި ފައިސާ ސިވިލް ކޯޓުން ނަގައިދީފައިވަނީ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިސްވެ ބަޔާން ކޮށްފައިވާ އުސޫލާ ޚިލާފަށް ކަމަށާއި، އެކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވަނީ ޤާނޫނީ ގޮތުން ރަނގަޅު މާނަކުރުމަކުން ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ: ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގެ 11 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޝަރުޠު ޖަޒާއީގެ ގޮތުގައި US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ނަގައިދީފައި ވަނީ އަސްލީ އިލްތިޒާމު އަދާނުކުރުމުގެ ސަބަބުން އަޙްމަދު ޖަނާޙްއަށް ލިބުނުނަމަ، ލިބުނު ގެއްލުމުގެ މިންވަރު ބެލުމެއް ނެތި ކަމަށް ވެފައި، އެ އަދަދަކީ ޙަސަން ޢަލީމަނިކަށް އިންސާފުން ބޭރުން ދެވޭ ބުރައަކަށްވާ މިންވަރެއްގެ އަދަދަކަށް ވުމުންނާއި އެ އަދަދު އެގޮތުގެ މަތިން ނެގުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު 23 ވަނަ މާއްދާގެ ނައްސުން ގެއްލުމުގެ ބަދަލު ހުއްދަކުރާ މިންވަރާ ޚިލާފަށް ކަނޑައެޅޭ ކަނޑައެޅުމަކަށް ވީނަމަވެސް، އެ ނުކުތާއަށް ސިވިލް ކޯޓާއި ހައިކޯޓުން ބަލަންޖެހޭ މިންވަރަށް ބަލާފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޖަޒާއީ ޝަރުޠު
ޖަޒާއީ ޝަރުޠަކީ އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކޮށްފިނަމަ އެ ފަރާތުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ދޭންޖެހޭ މާލީ ބަދަލުގެ މިންވަރު އެއްބަސްވުމުގައި ކަނޑައަޅައި ބަޔާންކުރުމަށް އެއްބަސްވުމުގައި ލިޔާ މާއްދާއެކެވެ. މިފަދަ ޝަރުޠުތައް އެއްބަސްވުންތަކުގައި ބަޔާންކުރުމުގެ ބޭނުމަކީ އެއްބަސްވުން ތަންފީޒު ކުރުމަށް ބާރު އެޅުމާއި، އެއްބަސްވުމެއްގެ ދަށުން އެ އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ލިބޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ދުރާލައި ކަނޑައަޅާފައި ބޭއްވުމެވެ. މިގޮތަށް އެއްބަސްވުމުގެ އިޙްތިޔާރާއިބާރު އެއްބަސްވުމުގެ ބައިވެރިންނަށް "މަބްދައު ސުލްޠާނުލް އިރާދާ"(Freedom of Contract) ގެ ދަށުން ލިބިދެއެވެ.
އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމަކަށް އެއްބަސްވުމުގެ އިޚްތިޔާރު އެއްބަސްވުމުގެ ބައިވެރިންނަށް ލިބިދެއެވެ. މިގޮތުން އިސްލާމީ ޝަރީޢަތާއި ޤާނޫނާ ޚިލާފު ނުވާގޮތަށް އެއްބަސްވުމުގައި ޖަޒާއީ ޝަރުޠެއް ކަނޑައެޅުމުގެ އިޚްތިޔާރު އެއްބަސްވުމުގެ ބައިވެރިންނަށް ލިބިގެންވެއެވެ. މިގޮތަށް ކަނޑައެޅޭ ޖަޒާއީ ޝަރުޠުގެ ޚާއްޞިއްޔަތުތަކެއް ވެއެވެ. އެއީ؛
ޖަޒާއީ ޝަރުޠުން ކަނޑައަޅާ އިލްތިޒާމަކީ އެއްބަސްވުމުގެ އަސްލު އިލްތިޒާމާ ތަބާވާ އިލްތިޒާމަކަށް ވުމެވެ. ނަތީޖާއަކަށް ވަނީ އަސްލު އިލްތިޒާމް ނިމުމަކަށް އައުމުން ތަބަޢީ އިލްތިޒާމް ވެސް ނިމުމަކަށް އައުމެވެ.
ޖަޒާއީ ޝަރުޠަކީ އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ލިބޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު އެއްބަސްވުމުގެ ދެ ފަރާތުން ދުރާލައި ކަނޑައަޅާ ކަނޑައެޅުމަކަށް ވުމެވެ.
ބަދަލުގެ މިންވަރާމެދު ދެ ފަރާތުން އެއްބަސްވަނީ ގެއްލުން ވުޖޫދުވުމުގެ ކުރިން ކަމަށް ވުމުން، ދެ ފަރާތުން ދުރާލައި އެއްބަސްވެފައިވާ ބަދަލުގެ މިންވަރާއި އަސްލު ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ތަފާތުވެދާނެ ކަމެވެ.
ޢާންމު އުޞޫލަކީ ގެއްލުން ލިބުނުކަން ސާބިތު ކޮށްދޭންޖެހޭނީ ގެއްލުން ލިބުނު ފަރާތުން (ބަދަލު ލިބެންވާ ފަރާތުން) ކަމަށް ވީނަމަވެސް، ޖަޒާއީ ޝަރުޠުގެ ގޮތުގައި ދެ ފަރާތުން ދުރާލައި އެއްބަސްވެފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭ ޙާލަތުގައި، ބަދަލު ލިބެންވާ ފަރާތަށް ގެއްލުމެއް ލިބިފައި ނުވާކަން ބަދަލު ދޭންޖެހޭ ފަރާތުން ސާބިތުކޮށް ނުދެވޭހައި ހިނދަކު، ބަދަލު ލިބެންވާ ފަރާތަށް ބަދަލު ޙައްޤުވާ ކަމާއި، ބައެއް ޤައުމުތަކުގެ ޤާނޫނުތަކުގައި ވެސް މި ވާހަކަ މިގޮތަށް ލިޔެފައިވާ ކަމެވެ.
އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކޮށް ލަސްކުރުމުން އޭގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ލިބޭ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގެ ޢާންމު އުޞޫލު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމާއި، އެ މާއްދާގެ (ށ) ގައި ދެ ވައްތަރެއްގެ ބަދަލެއްގެ ވާހަކަ ބަޔާންކޮށްފައިވާ ކަމާއި، ފުރަތަމަ ވައްތަރަކީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސިދާ ލިބޭ ގެއްލުން ކަމާއި، ދެވަނަ ވައްތަރަކީ އެފަދަ ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން ކަމާއި، އިސްވެ ބަޔާންވެދިޔަ ދެ ބާވަތުގެ ބަދަލުގެ ތެރެއިން ޖަޒާއީ ޝަރުޠާ އެއްގޮތް ބަދަލަކީ ފަހުން ބުނެވުނު ބަދަލު ކަމާއި، ގެއްލުން ލިބިދާނެކަން އެއްބަސްވުމުގެ ބައިވެރިންނަށް އެނގިގެން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގެއްލުމުގެ ބަދަލު(liquidated damages) އާއި، ޖަޒާއީ ޝަރުޠުގެ ގޮތުގައި ކަނޑައެޅޭ ގެއްލުމުގެ ބަދަލާ އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް، ތަޠުބީޤު ކުރުމުގައި ތަފާތުތަކެއް ހުރި ކަމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންވެގެންވާ ބަދަލުތައް ނޫން އެހެން ބަދަލުތައް ވެސް ހުންނަ ކަމާއި، އިސްލާމީ ޝަރީޢަތާއި ޤާނޫނާ ޚިލާފު ނުވާގޮތަށް ގެއްލުމުގެ ބަދަލާމެދު ދުރާލައި އެއްބަސްވުމުގެ އިޚްތިޔާރު އެއްބަސްވުމުގެ ބައިވެރިންނަށް ލިބިގެންވާ ކަމާއި، މި މައްސަލައިގައި މި ބުނާ ގެއްލުމުގެ ބަދަލަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފު ބަދަލެއް ކަމަށް ބުނެ، އެ ބަދަލު ނަގައި ނުދެވޭނެ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށް އަހުރެން ނުދެކެމެވެ.
އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ލިބިދާނެ ގެއްލުމުގެ ބަދަލާމެދު ދެ ފަރާތުން ދުރާލައި ރުހި ޤަބޫލުވެ އެއްބަސްވުމުގައި ހިމަނާފައިވާ ޖަޒާއީ ޝަރުޠެއްގައި ކަނޑައެޅިފައިވާ ބަދަލުގެ މިންވަރަކީ ތަޢައްސުފީކޮށް، ލިބިދާނެ ގެއްލުމާ ނުބައްދަލު، އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށް ވެގެންނުވާނެއެވެ. އެ ބަދަލު އެކަށީގެންވާ ވަރަށްވުރެ ބޮޑުކޮށް، އެ މީހަކަށް ނުއުފުލޭވަރުގެ ބޮޑު ބުރައެއްގެ ގޮތުގައި އޮވެއްޖެނަމަ އެއީ ބަދަލުދޭންޖެހޭ ފަރާތަށް ލިބޭ އަނިޔާއަށް ވެގެންދެއެވެ. މިއީ އިސްލާމީ ޝަރީޢަތުގައި މަނާކޮށްފައި ކަމެކެވެ. މާތް ނަބިއްޔާގެ ޙަދީޘް ފުޅެއްގައިވެއެވެ. (لاضرر ولاضرار) މަނާއަކީ "ގެއްލުން ދިނުމެއްވެސް ނުވެއެވެ. އަދި ގެއްލުމުގެ ބަދަލު ގެއްލުމަކުން ދިނުމެއްވެސް ނުވެއެވެ." އެކަށީގެންވާ ވަރަށް ވުރެ ބޮޑު ބަދަލު ނެގިޔަ ނުދިނުމަށްޓަކައި ބައެއް ޤައުމުތަކުގެ ޤާނޫނުތަކުގައި އެ ބަދަލު ވަކި މިންވަރަކަށް ވުރެ ބޮޑު ނުކުރެވޭ ގޮތަށް ކަނޑައަޅާފައިވެއެވެ.
އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ލިބިދާނެ ގެއްލުމުގެ ބަދަލާމެދު އެއްބަސްވުމުގައި ހިމެނޭ ފަރާތްތަކުން ދުރާލައި އެއްބަސްވެފައި އޮތުމަކީ "މަބްދައު ސުލްޠާނުލް އިރާދާ" (Freedom of Contract) ގެ ދަށުން އެއްބަސްވުމުގެ ބައިވެރިންނަށް އިޚްތިޔާރާއި ބާރު ލިބިދީފައި ވިޔަސް، މިއީ މުޠުލަޤު ގޮތެއްގައި އެއްވެސް ޤައިދެއްނެތި އޮންނަ ބާރެއް ނޫނެވެ. އެ ބަދަލަކީ ތަޢައްސުފީކޮށް ކަނޑައެޅިފައިވާ، ލިބިދާނެ ގެއްލުމާ ނުބައްދަލު، އެކަށީގެންވާ މިންވަރަށް ވުރެ މާބޮޑު ބަދަލަކަށް ވާނަމަ، މަޞްލަޙަތު އޮތް ފަރާތުން އެދުމުން، އެއަށް ބަދަލު ގެނައުމުގެ އިޚްތިޔާރު އިސްލާމީ ޝަރީޢަތުގައި ޤާޟީއަށް ލިބިދޭ ކަމަށް مجمع الفقه الاسلامي الدولي(International Islamic Fiqh Academy) އިން ނެރުނު ޖަޒާއީ ޝަރުޠާބެހޭ ޤަރާރުގައި ކަނޑައަޅާފައިވެއެވެ. މި ނިންމުން ބިނާވެގެންވަނީ ގިނަ ދަލީލުތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ދަރަނި ވެރިންނަށް ލުއި ދިނުމާއިމެދު ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި ވާރިދުވެގެންވާ ދަލީލުތަކާއި، މި ރައުޔުގެ 17 ވަނަ ޕެރެގެރާފުގައި ބަޔާންވެގެންވާ ފަދައިން ޖަޒާއީ ޝަރުޠުގެ ގޮތުގައި ކަނޑައެޅޭ ބަދަލުގެ މިންވަރު އަސްލު އިލްތިޒާމަށްވުރެ ބޮޑުކޮށް، ބަދަލުދޭން ޖެހޭ މީހާއަށް ނުއުފުލޭވަރުގެ ބޮޑު ބުރައެއްގެ ގޮތުގައި އޮތުމަކީ ދެވޭ އަނިޔާއެއްގެ ގޮތުގައި ބެލެވޭ ކަމާއި، އަނިޔާ ދިނުމަކީ ދީނުގައި މަނާ ކުރައްވާފައިވާ ކަމަކަށް ވުމާއި، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި އަނިޔާ ދިނުން މަނާކުރާ ވަރަށް ގިނަ ދަލީލުތަކެއް ވާކަމާއި، މި އަނިޔާގެ މައްސަލަ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން ބަދަލު ދޭންޖެހޭ މީހާ ފަނޑިޔާރަށް ހުށައެޅުމުން އެކަން ބެލުމަކީ ފަނޑިޔާރަށް ލާޒިމް ކަމަކަށް ވުމެވެ.
ބައެއް އިސްލާމީ ޤައުމުތަކުގެ ޤާނޫނުތަކުގައި، އެ ޙާލަތުގައި ޖަޒާއީ ޝަރުޠުގެ ގޮތުގައި ކަނޑައެޅިފައިވާ ބަދަލުގެ މިންވަރަށް ބަދަލު ގެނައުމުގެ ބާރު ޤާޟީއަށް ލިބިގެންވާ ކަމަށް ބަޔާންވެގެންވެއެވެ. މިގޮތުން ބަލާއިރު، ޖަޒާއީ ޝަރުޠުގެ ގޮތުގައި ކަނޑައެޅިފައިވާ ބަދަލުގެ މިންވަރަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު މިންވަރެއްނަމަ، މަޞްލަޙަތު އޮތް ފަރާތުން އެދުމުން، އެ މިންވަރު ކުޑަކުރުމުގެ އިޚްތިޔާރު ޤާޟީއަށް ލިބިދޭ ކަމަށް މިސްރުގެ މަދަނީ ޤާނޫނުގެ 224 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އަދި އުރުދުންގެ މަދަނީ ޤާނޫނުގެ 364 ވަނަ މާއްދާއާއި، ލީބިއާގެ މަދަނީ ޤާނޫނުގެ 227 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ.
އިސްވެ ބަޔާންވެ ދިޔަ ބަދަލުގެ މިންވަރު ޝަރީޢަތުން ކުޑަކުރަނީ އެ ބަދަލު އެއްބަސްވުމުގެ އަސްލު އިލްތިޒާމަށްވުރެ ބޮޑު ނަމައެވެ. އަސްލު އިލްތިޒާމަށްވުރެ ބޮޑުވާ ބައި ނަގައިދެވެނީ އެހާ ތަނަށް ގެއްލުން ލިބިފައިވާ މިންވަރު ސާބިތުކޮށް ދިނުމުންނެވެ. ޖަޒާއީ ޝަރުޠުގެ މިންވަރު، އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހި އަދާނުކޮށް އޮތް އަސްލު އިލްތިޒާމުގެ މިންވަރަށް ކުޑަކުރެވިދާނެ ކަމަށް އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން އަދި ސިވިލް ކޯޓުން ވެސް އެ މައްސަލައާއި ޙަވާލާދީ ނިންމުންތަކެއް ނިންމާފައިވުމުން މި އުޞޫލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލު ކުރަމުން އަންނަ އުޞޫލެއްކަން ފާހަގަކުރެވެއެވެ.
މި އުޞޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރުން
އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް އަޙްމަދު ޖަނާޙްގެ 33%(ތިރީސްތިން އިންސައްތަ) ޙިއްޞާ، US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ގެ އަގަށް ޙަސަން ޢަލީމަނިކަށް ވިއްކުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގައި ބަޔާންވެގެން ވަނީ އެ ފައިސާ ވަކި މުއްދަތުތަކަށް ބަހާލައިގެން ދައްކާގޮތަށެވެ. ފުރަތަމަ އިންސްޓޯލްމަންޓަށް US$100,000.00 (އެއްލައްކަ އެމެރިކާ ޑޮލަރު)، ދެވަނަ އިންސްޓޯލްމަންޓަށްUS$200,000.00 (ދެލައްކަ އެމެރިކާ ޑޮލަރު)، އޭގެ ފަހުން ބާކީ އޮތް US$400,000.00 (ހަތަރުލައްކަ އެމެރިކާ ޑޮލަރު) 10 (ދިހައެއް) އަހަރަށް ބަހާލައިގެން މަހަކު US$3,500.00 (ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ދައްކައި ޚަލާޞް ކުރާގޮތަށެވެ.
ޙިއްޞާގެ އަގު ދެއްކުން ޙަސަން ޢަލީމަނިކު ލަސްކުރާނަމަ، އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމުގެ ބަދަލު ހޯދުމަށް ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގައި ބުނާ މުއްދަތުގައި ފައިސާ ނުދައްކައި ލަސްވާ ކޮންމެ 10 (ދިހައެއް) ދުވަހަކަށް ނުދައްކައިވާ ފައިސާގެ10% (ދިހައެއް އިންސައްތަ) އިތުރަށް ޝަރުޠު ޖަޒާއީގެ ގޮތުގައި ނެގޭނެ ކަމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.
ފުރަތަމަ ދެ އިންސްޓޯލްމަންޓުގެ ފައިސާ ޙަސަން ޢަލީމަނިކު ވަނީ ދައްކާފައެވެ. ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ޙަސަން ޢަލީމަނިކު ފައިސާ ދައްކަމުން ނުދާތީ، އެ އެއްބަސްވުމުގެ ދަށުން 31 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ ނިޔަލަށް ޙަސަން ޢަލީމަނިކުގެ ފަރާތުން އަޙްމަދު ޖަނާޙްއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ US$346,500.00 (ތިންލައްކަ ސާޅީސްހަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އާއި، ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން 31 އޮކްޓޫބަރު 2016 ވަނަ ދުވަހުގެ ނިޔަލަށް ޝަރުޠު ޖަޒާއީ ގޮތުގައި އިތުރަށް ލިބެންޖެހޭ US$5,262,600.00 (ފަސްމިލިޔަން ދެލައްކަ ފަސްދޮޅަސްދެހާސް ހަސަތޭކަ އެމެރިކާ ޑޮލަރު) އާއެކު، ޖުމުލަ US$5,609,100.00 (ފަސްމިލިއަން ހަލައްކަ ނުވަހާސް އެއްސަތޭކަ އެމެރިކާ ޑޮލަރު) ހޯދުމަށް ޙަސަން ޢަލީމަނިކުގެ މައްޗަށް އަޙްމަދު ޖަނާޙް ދަޢުވާކުރިއެވެ.
ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގެ ދަށުން 31 އޮކްޓޫބަރު 2016 ގެ ނިޔަލަށް ޙަސަން ޢަލީމަނިކު އަޙްމަދު ޖަނާޙްއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން US$346,500.00 (ތިންލައްކަ ސާޅީސްހަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އާއި، ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން އެ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ޝަރުޠު ޖަޒާއީގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) އާއެކު، ޖުމުލަ US1,046,500.00 (އެއްމިލިޔަން ސާޅީސް ހަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) އަކީ، ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ޙަސަން ޢަލީމަނިކުގެ ފަރާތުން އަޙްމަދު ޖަނާޙްއަށް ދައްކަން ސިވިލް ކޯޓުން އެންގިއެވެ.
ޙިއްޞާ ވިއްކުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ޝަރުޠު ޖަޒާއީގެ ގޮތުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާ އަދަދު ކަނޑައެޅުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޤަނޫނީ އުޞޫލު ކަމުގައިވާ "ޖަޒާއީ ޝަރުޠުގެ ގޮތުގައި ނެގޭ ފައިސާ، އަސްލު އިލްތިޒާމަށް ވުރެ އިތުރުވުން މަނާކުރުމުގެ އުޞޫލު" ސިވިލް ކޯޓުން ތަޠުބީޤު ކޮށްފައިވެއެވެ.
ސިވިލް ކޯޓުން ނިންމި ނިންމުން އަޙްމަދު ޖަނާޙުގެ ފަރާތުން އިސްތިއުނާފު ކޮށްފައި ނުވެއެވެ. މިގޮތުން ބެލެވެނީ އެ ނިންމުން އަޙްމަދު ޖަނާޙް ޤަބޫލުކުރާ ކަމުގައެވެ. މި މައްސަލައިގެ ދެ ފަރާތުގެ ދެމެދުގައި މިހާރު ޚިލާފު އޮތީ އަސްލު އިލްތިޒާމުގެ މިންވަރާ މެދުގައެވެ. ސިވިލް ކޯޓުން އަދި ހައިކޯޓުން ބަލާފައިވަނީ އެއީ މި މުޢާމަލާތުގައި ހިމެނޭ ޖުމުލަ ފައިސާ ކަމުގައިވާ US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ކަމުގައެވެ. ޙަސަން ޢަލީމަނިކުގެ ފަރާތުން ބުނެފައިވަނީ އޭގެ ތެރޭގައި ދައްކައި ނިމިފައިވާ ފައިސާއާއި އެހާ ތަނަށް ދައްކަން ނުޖެހި ހުރި ފައިސާ ނުހިމެނޭނެ ކަމަށެވެ. މި ތަނުން ރަނގަޅު ގޮތަކީ ކޮބައިތޯ ބެލިއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
ޙަސަން ޢަލީމަނިކުގެ ފަރާތުން ފުރަތަމަ ދެ އިންސްޓޯލްމަންޓަށް ދައްކަންޖެހޭ ފައިސާ މި މައްސަލަ ހުށަހެޅުނުއިރު ދައްކައި ނިންމާފައިވުމާއި، އެއާ ގުޅިގެން ޖަޒާއީ ޝަރުޠުގެ ދަށުން ދައްކަންޖެހުނު ގެއްލުމުގެ ބަދަލު ދައްކައި ނިންމާފައިވާތީ، ދައްކައި ނިންމާފައިވާ ފައިސާއެއް އަލުން ދައްކަން ނުޖެހޭ ކަމެވެ.
ދައްކަން ޖެހޭ ފައިސާގެ ތެރެއިން 31 އޮކްޓޫބަރު 2016 ގެ ފަހަށް ދައްކަންޖެހޭ ޖުމުލަ އަދަދު ކަމުގައިވާUS$18,497.38 (އަށާރަ ހާސް ހަތަރުސަތޭކަ ނުވަދިހަ ހަތްރުފިޔާ ތިރީސްއަށެއް ސެންޓް) ވަނީ ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް، ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުޙަލާގައި ދެ ފަރާތުން ޞުލްޙަވެ، ނަގުދު ފައިސާއިން ދައްކައި ޚަލާޞްކޮށްފައި ކަމަށް ދެ ފަރާތުން ޝަރީޢަތުގައި ބުނެފައިވާ ކަމާއި، އެހެންކަމުން ފަހުން މި ބުނެވިދިޔަ ފައިސާއަކީ ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅިއިރު ދައްކަން ޖެހިފައިވާ ފައިސާ ކަމަށް ނުވާތީ މި ފައިސާ ވެސް، އެ މިންވަރުގެ ތެރޭގައި ނުހިމެނޭނެ ކަމަށް ބެލެވޭ ކަމެވެ.
ޖަޒާއީ ޝަރުޠަކީ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އެއް ބައިވެރިޔަކު އަދާނުކުރުމުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ލިބިދާނެ ގެއްލުމުގެ ބަދަލު ލިބިދިނުމަށް ކަނޑައެޅިފައިވާ އެއްޗަކަށް ވާއިރު، އަދާކުރަން ޖެހިފައި އޮތް އަސްލު އިލްތިޒާމުގެ މިންވަރު ބެލުމުގައި ދައްކައި ނިމިފައިވާ ފައިސާއާއި އެހާ ތަނަށް ދައްކަން ނުޖެހި ހުރި ފައިސާ ނުހިމެނޭނެ ކަމަށް ބެލެވޭ ކަމެވެ.
މިގޮތުން، އަދާކުރަން ޖެހިފައި އޮތް އަސްލު އިލްތިޒާމުގެ މިންވަރު ބެލުމުގައި ދައްކައި ނިމިފައިވާ ފައިސާއާއި އެހާ ތަނަށް ދައްކަން ނުޖެހި ހުރި ފައިސާ ނުހިމެނޭނެތީ، މި މައްސަލައިގައި އަދާކުރަން ޖެހިފައި އޮތް އަސްލު އިލްތިޒާމުގެ މިންވަރަކީ US$346,500.00 (ތިންލައްކަ ސާޅީސްހަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ކަން ފާހަގަކުރެވެއެވެ.
އަޙްމަދު ޖަނާޙްއަށް ޙަސަން ޢަލީމަނިކު ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ލިބިދާނެ ކަމަށް ލަފާކުރާ ގެއްލުމުގެ ތަފުސީލުތަކެއް އަޙްމަދު ޖަނާޙުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ކަމަށް ބުނެފައިވެއެވެ. ޖަޒާއީ ޝަރުޠުގެ ގޮތުގައި ބަދަލު ނަގައިދޭއިރު، އެ ބަދަލަކީ އެކަށީގެންވާ ވަރަށް ބޮޑު ބަދަލަކަށް ވެގެން، ބަދަލުގެ މިންވަރު ކޯޓުން ކުޑަކޮށް، ބަދަލު ނަގައިދެވެނީ އެ ބަދަލު އެއްބަސްވުމުގެ އަސްލު އިލްތިޒާމަށްވުރެ ބޮޑު ނަމައެވެ. އަސްލު އިލްތިޒާމަށްވުރެ ބޮޑުވާ ބައި ނަގައިދެވެނީ އެހާ ތަނަށް ގެއްލުން ލިބިފައިވާ މިންވަރު ސާބިތުކޮށް ދިނުމުންނެވެ. އަޙްމަދު ޖަނާޙުގެ ފަރާތުން ބުނެފައިވަނީ އެފަދަ ބަދަލެއްގެ ވާހަކައެއް ނޫނެވެ. އަދި ސިވިލް ކޯޓުގެ ނިންމުން އަޙްމަދު ޖަނާޙުގެ ފަރާތުން އިސްތިއުނާފު ކޮށްފައި ނުވާތީ ގެއްލުން ސާބިތު ކުރުމުގެ ވާހަކަ ދައްކާނެ ތަނެއް ވެސް ނެތްކަން ފާހަގަކުރެވެއެވެ.
އިސްވެބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ޖަޒާއީ ޝަރުޠެއްގައި ކަނޑައެޅިފައިވާ ބަދަލުގެ މިންވަރަކީ ތަޢައްސުފީކޮށް، ލިބިދާނެ ގެއްލުމާ ނުބައްދަލު، އެކަށީގެންވާ މިންވަރަށް ވުރެ މާ ބޮޑު ބަދަލެއްކަމަށް ވާނަމަ، އެއަށް ބަދަލު ގެނައުމުގެ ބާރު ކޯޓަށް ލިބިދޭ ކަމާއި، ބަދަލުގެ މިންވަރު ކޯޓުން ކުޑަކޮށް، ބަދަލު ނަގައިދެވެނީ އެ ބަދަލު އެއްބަސްވުމުގެ އަސްލު އިލްތިޒާމަށްވުރެ ބޮޑުވާ ޙާލަތުގައި ކަމާއި، އަސްލު އިލްތިޒާމަށްވުރެ ބޮޑުވާބައި ނަގައިދެވެނީ އެހާތަނަށް ގެއްލުން ލިބިފައިވާ މިންވަރު ސާބިތުކޮށް ދިނުމުން ކަމާއި، ގެއްލުން ސާބިތުކޮށް ނުދެވޭ ޙާލަތުގައި އަދާކުރަން ޖެހިފައިވާ އަސްލު އިލްތިޒާމުގެ މިންވަރަށް ވުރެ ބޮޑު ނުވާ ވަރަށް ޖަޒާއީ ޝަރުޠުގެ ގޮތުގައި ކަނޑައެޅުނު ބަދަލުގެ މިންވަރު ކޯޓުން ކުޑަކޮށްދޭ ކަމާއި، މި މައްސަލައިގައި ގެއްލުން ސާބިތުވެފައި ނުވާ ކަމާއި، 31 އޮކްޓޫބަރު 2016 އާ ހަމަޔަށް އަދާކުރަން ޖެހިފައި އޮތް އަސްލު އިލްތިޒާމުގެ މިންވަރަކީ US$346,500.00 (ތިންލައްކަ ސާޅީސްހަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ކަމާއި، ޖަޒާއީ ޝަރުޠުގެ ގޮތުގައި ނަގައިދޭ ބަދަލު ހަމަ އެ މިންވަރަށް ކުޑަކުރުމުން، އަޙްމަދު ޖަނާޙްއަށް ޙަސަން ޢަލީމަނިކު ދައްކަންޖެހޭ ފައިސާގެ ޖުމުލަ މިންވަރަކީUS$693,000 (ހަލައްކަ ނުވަދިހަ ތިންހާސް އެމެރިކާ ޑޮލަރު) ކަމެވެ. މިގޮތުން، ހައިކޯޓާއި ސިވިލް ކޯޓުގެ ނިންމުން ބާޠިލުކުރަން ޖެހޭ ކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގެ ނަންބަރު 2018/HC-A/33 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ދެ ނުކުތާއަށް ބަލާއިރު:
އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވަނީ، ދެ ފަރާތުގެ މެދުގައި ހިއްސާ ވިއްކުމުގެ ގޮތުން 08 ފެބުރުވަރީ 2007 ގައި ވެފައިވާ އެއްބަސްވުމުގައި (މީގެ ފަހުން "އެއްބަސްވުން")، ހިއްސާގެ ފައިސާއަށްވާ މިންވަރު އެއްބަސްވެފައިވާ މުއްދަތުތަކުގެ ތެރޭގައި ދައްކާފައި ނުވާނަމަ އިތުރަށް ދައްކަންޖެހޭ ކަމަށް އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ފައިސާ ހިސާބުކޮށްފައިވަނީ އައި.އެންޑް.ޓީ ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓު ޕްރައިވެޓް ލިމިޓެޑް ގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށާއި، އެކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވަނީ ޤާނޫނީ ގޮތުން ރަނގަޅު ބިނާއެއްގެ މައްޗަށް ނޫންކަން؛ އަދި
އިސްތިއުނާފީ ދެވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، އެއްބަސްވުމުގެ 11 ވަނަ މާއްދާއަށް ރިޢާޔަތްކޮށް US$700,000.00 (ހަތްލައްކަ އެމެރިކާ ޑޮލަރު) ނަގައިދީފައި ވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ނައްސުން ގެއްލުމުގެ ބަދަލު ހުއްދަކުރާ މިންވަރާ ޚިލާފަށް ކަމުގައި ވީނަމަވެސް، އެ ނުކުތާއަށް ސިވިލް ކޯޓާއި ހައިކޯޓުން ބަލަންޖެހޭ މިންވަރަށް ބަލާފައި ނުވާކަން؛
އެނގެން އޮވެއެވެ. އަދި މި ދެ ނުކުތާގެ ތެރެއިން ދެވަނަ ނުކުތާއަކީ، އެއްބަސްވުމުގެ 11 ވަނަ މާއްދާއަށް ޙަވާލާދީ ފައިސާ ނަގައި ދީފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ހުށަހަޅާފައި ނުކުތާއެއް ކަމުގައި ވެފައި، ފުރަތަމަ ނުކުތާއަކީ ނަގައި ދީފައިވާ ފައިސާގެ މިންވަރަށް ވާޞިލުވި ގޮތާމެދު ސުވާލު އުފައްދައި ހުށަހަޅާފައިވާ ނުކުތާއެއް ކަމުން، މީގެ ތެރެއިން ފުރަތަމަ ގޮތެއް ކަނޑައަޅަން ޖެހެނީ އިސްތިއުނާފީ ދެވަނަ ނުކުތާއަށް ކަމުގައި ދެކެމެވެ. އެހެނީ، އެ ނުކުތާގައި، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ފައިސާ ނަގައިދެވިދާނެ ކަމާމެދު ސުވާލު އުފައްދާފައިވާތީއެވެ.
އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބުނާ ފައިސާ
އެއްބަސްވުމުގެ 11 ވަނަ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ.
“If Hassan defaults on the payment of monthly installments above an additional 10 percent on the sum shall fall due for every 10 days in default.”
އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ޙަވާލާދޭ މަހުން މަހަށް ދައްކަންޖެހޭ އިންސްޓޯލްމަންޓް ފައިސާއަކީ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގެ 21 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން، ހިއްސާގެ އަގުގެ ގޮތުގައި ދެއްކި US$100,000.00 (އެއްލައްކަ އެމެރިކާ ޑޮލަރު) ގެ ފުރަތަމަ އިންސްޓޯލްމަންޓާއި، US$200,000.00 (ދެލައްކަ އެމެރިކާ ޑޮލަރު) ގެ ދެވަނަ އިންސްޓޯލްމަންޓް ދެއްކުމަށްފަހު، ހިއްސާގެ އަގުގެ ގޮތުގައި ދައްކަން ބާކީ އޮތް US$400,000.00 (ހަތަރުލައްކަ ޑޮލަރު) 10 (ދިހައެއް) އަހަރަށް ބަހާލައިގެން، ކޮންމެ މަހަކު US$3,500.00 (ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ގެ މަގުން ދައްކަން އޮތް ފައިސާއަށް ޙަވާލާދީފައިވާ ވުމެކެވެ.
އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބަޔާންކުރާގޮތުން، ޙަސަން ޢަލީމަނިކުގެ ފަރާތުން ކޮންމެ މަހަކު ދައްކަން އެއްބަސްވި ފައިސާ ނުދައްކައިފިނަމަ، ކޮންމެ 10 (ދިހައެއް) ދުވަހަކުން، ދައްކަންޖެހި ނުދައްކައިވާ ފައިސާގެ 10% (ދިހައެއް އިންސައްތަ) އަށްވާ މިންވަރެއް އިތުރަށް އަޙްމަދު ޖަނާޙަށް ދޭންޖެހެއެވެ.
ކޮންމެ 10 (ދިހައެއް) ދުވަހަކުން ދައްކަންޖެހޭ ފައިސާގެ މިންވަރު އިތުރުވާގޮތަށް އެއްބަސްވުމުގައި ހިމަނާފައިވާ އެއްބަސްވުމުގެ 11 ވަނަ މާއްދާއަކީ ކޮން ބާވަތެއްގެ މާއްދާއެއް ކަމާމެދު ސިވިލް ކޯޓުގައާއި ހައިކޯޓުގައި ވާހަކަ ދެކެވި، އެ ކޯޓުތަކުގެ ނިންމުންތަކުގައި ވެސް އެއާގުޅޭ ކަންކަން ފާހަގަކޮށްފައިވެއެވެ. އަދި އެގޮތުން، ސިވިލް ކޯޓުގެ ރިޕޯޓުގައާއި ހައިކޯޓުގެ ރިޕޯޓުގައި، އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ފައިސާއަށް ޖޫރިމަނާގެ ގޮތުގައާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައާއި، ޝަރުޠު ޖަޒާއީގެ ގޮތުގައި ޙަވާލާދީފައިވެއެވެ.
މިފަދައިން މެދުވެރިވެފައި މިވަނީ ސިވިލް ލޯ ނިޒާމުތަކުގައާއި ކޮމަން ލޯ ނިޒާމުތަކުގައި ހުރި ތަފާތެއްގެ ތެރެއިން ކަމުގައި ބެލެވެއެވެ. އެހެނީ ކޮމަން ލޯގައި 'ނޮމިނަލް ޑެމެޖަސް' އާއި، 'ލިކުއިޑޭޓަޑް ޑެމެޖަސް' އާއި، 'އެކްޗުއަލް ޑެމެޖަސް' ފަދަ އިބާރާތްތަކަކީ ޢާންމު އިބާރާތްތަކެކެވެ. އަދި އެއިން ކޮންމެ އިބާރާތަކީ ވަކި ޙާލަތެއްގައި ތަޠުބީޤު ކުރެވޭ، އޭގެން ނުކުންނަ ނަތީޖާ ތަފާތުވާނެ ޙާލަތްތަކެއްކަން ކޮމަން ލޯ ނިޒާމުގެ ތެރެއިން ސާފުވެގެންވާ ކަންކަމެވެ. އެއާ ޚިލާފަށް، ސިވިލް ލޯ ނިޒާމުގައި ބުނެވެދިޔަ ތަފާތުތައް އެހާ ސާފު ނުވި ނަމަވެސް، ޖޫރިމަނާ އާއި، ގެއްލުމުގެ ބަދަލާއި، އަދަބުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ ޤާނޫނީގޮތުން ވަރަށް ތަފާތު ތިން ޙާލަތެއްގައި ދައްކަން ޖެހިދާނެ ފައިސާއެވެ.
އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ފައިސާއަކީ ހިއްސާގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ މިންވަރެއް ނޫންކަން އެނގެން އޮތްއިރު، އެ ފައިސާއަކީ ކިހިނަކުން، ކޮން ބޭނުމަކު ނަގައިދޭ ފައިސާއެއްކަން އެނގިގެން މެނުވީ، އެއީ ނަގައި ދެވޭނެ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އަދި ފައިސާ ނަގައި ދެވޭނަމަ އޭގެ މިންވަރަށް ވާސިލުވުމުގައި އުނދަގޫތަކެއް ހުރި ކަމުގައި ދެކެމެވެ.
ބަދަލާގުޅޭ އަސާސީ ކަންކަން
މަދަނީ މުޢާމަލާތެއްގައި، ބަދަލު (damages) އަކީ ގެއްލުންވީ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދެވޭ ފައިސާގެ ޢަދަދެވެ. މި ފައިސާ ނަގައި ދޭނީ ގެއްލުން ލިބުނު ފަރާތަށް (ނުވަތަ އޭނާގެ ޙައްޤަކަށް ނުވަތަ އޭނާގެ މުދަލަކަށް) ގެއްލުން ދިން ފަރާތުގެ ކިބައިންނެވެ. ކޮންޓްރެކްޓުތަކާ ގުޅިގެން މިފަދަ ބަދަލު ލިބިދެވެނީ ކޮންޓްރެކްޓާ ޚިލާފުވެއްޖެނަމަ، ކޮންޓްރެކްޓާ ޚިލާފުވި ފަރާތުގެ ކިބައިންނެވެ.
އެއްބަސްވުމަކާ ޚިލާފުވެފައިވާ ޙާލަތުގައި، ގެއްލުން ލިބުނު ފަރާތަށް އޭގެ މާލީ ބަދަލު ލިބިދެވޭނީ އަންނަނިވި ކަންކަން ސާބިތުވާނަމައެވެ.
އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ވެފައި ވުން؛
ލިބިފައިވާ ގެއްލުމަކީ ގެއްލުމުގެ ބަދަލު ލިބިދެވޭފަދަ ޚިލާފުވުމެއް ކަމުގައި ވުން؛ އަދި
އެއްބަސްވުމާ ޚިލާފުވެފައިވުމާއި ލިބުނު ގެއްލުމާ ގުޅުމެއް ވުން.
ގެއްލުމުގެ ބަދަލު ލިބިދިނުމަކީ ގިނަ ޤައުމުތަކެއްގައި ބަލައިގެންފައިވާ މަފްހޫމެއް ކަމުގައި ވީނަމަވެސް، ގެއްލުން ކުޑަކުރުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ބަދަލު ލިބިދިނުމަށް އެދޭ ފަރާތުން ބަލަންޖެހެއެވެ. އެއީ، ވެފައިވާ ގެއްލުމަކީ ބަދަލު ލިބިދިނުމަށް އެދޭ ފަރާތުން ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާހުރެ ލިބިފައިވާ ގެއްލުމެއްނަމަ، އެފަދަ ބަދަލެއް އާންމު އުސޫލުން އެއްކޮށް ނަގައި ނުދެއެވެ. އެއާ ޚިލާފަށް، ބަދަލު ލިބިދިނުމަށް އެދޭ ފަރާތުން ގެއްލުން ކުޑަކުރުމުގެ ގޮތުން ފިޔަވަޅު އަޅާފައިވާނަމަ، ގެއްލުމުގެ ބަދަލާއެކު ގެއްލުން ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ހިނގި ޚަރަދު ވެސް އަނބުރާ ހޯދުމުގެ ފުރުސަތު އޮވެއެވެ.
ވެފައިވާ އެއްބަސްވުމަކާ ޚިލާފުވެއްޖެ ނަމަ، މާލީ ބަދަލުގެ ގޮތުގައި ކޯޓުތަކުން ނަގައިދެވިދާނެ ބަދަލުތަކުގެ ތެރޭގައި އަންނަނިވި 03 (ތިނެއް) ބާވަތުގެ ބަދަލު ހިމެނެއެވެ.
އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ވެއްޖެނަމަ، އެ ގެއްލުން ފޫބެއްދުމުގެ ގޮތުން ލިބިދެވޭ މާލީ ބަދަލު (actual damages)؛
އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ވެފައި ނެތް ނަމަވެސް، އެއްބަސްވުމާ ޚިލާފުވެފައި ވާތީ ނަގައިދޭ ރަމްޒީ ބަދަލު (nominal damages)؛ އަދި
އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ނަގައި ދެވޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބަދަލު (liquidated damages).
ލިކުއިޑޭޓަޑް ޑެމެޖަސް
އެއްބަސްވުމުގެ 11 ވަނަ މާއްދާއަކީ އެއްބަސްވެފައިވާ ފަދައިން ފައިސާ ނުދައްކައިފިނަމަ އިތުރަށް ދައްކަންޖެހޭ ފައިސާއާގުޅިގެން ހިމަނާފައިވާ މައްދާއެއް ކަމުން، އެއީ ލިކުއިޑޭޓަޑް ޑެމެޖަސް ނަގައި ދިނުމާ ބެހޭގޮތުން އެއްބަސްވުމުގެ ބައިވެރިން ވެފައިވާ އެއްބަސްވުމެއް ކަމުގައި ބަލައިގެން ކުރިއަށް ދާނަމެވެ. އަދި މި މައްސަލައިގެ ތެރެއިން އުފެދިފައިވާ ސުވާލުތަކުގެ ޒާތުން، ލިކުއިޑޭޓަޑް ޑެމެޖަސްއަކީ ކޮބައިކަން އިތުރަށް ތަފުސީލުކުރުން މުހިންމު ކަމުގައި ދެކެމެވެ.
ކޮމާޝަލް ނުވަތަ ވިޔަފާރީގެ އެއްބަސްވުންތަކުގައި، އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި ބަދަލުގެ މިންވަރުތަކަށް ބައިވެރިން އެއްބަސްވެފައި ހުރެއެވެ. މިގޮތުން، އެއްބަސްވުމާ ޚިލާފުވާ އެކި ޙާލަތްތަކުގައި އެކި މިންވަރަށް ބަދަލު ލިބިދިނުމަށް އެއްބަސްވުންތަކުގައި ބަޔާންކޮށްފައި ހުންނަކަން ވެސް ފާހަގަވެއެވެ.
ވިޔަފާރީގެ އެއްބަސްވުންތަކުގައި ލިކުއިޑޭޓަޑް ޑެމެޖަސްގެ މާއްދާތައް މަގުބޫލުވެފައިވަނީ، އެފަދަ މާއްދާއެއްގެ ދަށުން ބަދަލު ލިބިގަތުމަށްޓަކައި ގެއްލުން ތަހައްމަލުކުރަން ޖެހުން ލާޒިމުނުވާތީއެވެ. ދެ ފަރާތުގެ މެދުގައި ލިކުއިޑޭޓަޑް ޑެމެޖަސްއަށް އެއްބަސްވެ، އެކަމަށް އެއްބަސްވުމުގެ ބައިވެރިން ރުހި ގަބޫލުވެފައިވާނަމަ، ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި ލިބިދެވޭނެކަމަށް އެއްބަސްވުމުގައި ބުނާ ފައިސާ ލިބިގަތުމަށްޓަކައި ކޯޓުގައި ސާބިތުކުރަން ޖެހޭނީ ހަމައެކަނި އެއްބަސްވުމާ ޚިލާފުވެފައިވާ ކަމާއި، އެ ޚިލާފުގެ ސަބަބުން އެއްބަސްވުމުގައި ބުނާ ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ޙާލަތެއް މެދުވެރިވެފައިވާ ކަމެވެ. އެހެންނަމަވެސް، ބަދަލު ލިބިގަތުމަކީ އާންމުކޮށް އެހާ ފަސޭހައިން ވާކަމެއް ނޫނެވެ. އެއީ ބައެއް ޙާލަތްތަކަކީ އުނގަދޫ ޙާލަތްތަކަށް ވުމެވެ. އަދި ބަދަލު ލިބިދިނުމަކީ އޮޅުންބޮޅުން ބޮޑު ކަމަކަށް ވުމެވެ. އަދި މިގޮތުން، ބަދަލު ލިބިގަތުމަށް ބަރޯސާވަނީ ޕެނަލްޓީ ކްލޯޒް (penalty clause) އެއް ނުވަތަ އުގޫބާތެއްގެ ގޮތުގައި ބެލެވޭ މާއްދާއެއްގެ މައްޗަށް ކަމުގައިވާނަމަ، އާންމު އުސޫލުން އެފަދަ ބަދަލެއް ނަގައި ނުދެވެއެވެ. އަދި އެކަމުގެ މައްޗަށް އެއްބަސްވެފައިވާ ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ބަދަލު ނަގައިދިނުމުގެ ކުރިން، ލިބިދެވޭނެ ކަމަށް އެއްބަސްވެފައިވާ މިންވަރަކީ ޕެނަލްޓީއެއްކަން (އުގޫބާތެއް ކަން) ނުވަތަ ނޫންކަން ކޯޓުން ވަޒަންކުރަން ޖެހެއެވެ.
އެއްބަސްވުމުގެ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްކަން ނުވަތަ ނޫންކަން ވަޒަންކުރުމުގައި ކޯޓުތަކުން ބަލައިގަންނަ މިންގަނޑުތަކެއް ހުރިކަން ފާހަގަކުރަމެވެ. މިގޮތުން:
Dunlop Pneumatic Tyre Co Ltd v New Garage & Motor Co. Ltd [1915] A.C. 847 ގައި ކަނޑައަޅާފައިވާ އުސޫލުން، ކޯޓުން ބަލާނީ، ބަދަލު ލިބިދިނުމާބެހޭ މާއްދާ(ތަކު)ގައި ބަޔާންކޮށްފައިވާ ގެއްލުމުގެ މިންވަރަކީ، ހަމަ ހަގީގަތުގައި ވެސް ވެދާނެ ގެއްލުމެއް ކަމުގައި ދެކި ހިމަނާފައިވާ މިންވަރެއްކަން ނުވަތަ ނޫން ކަމުގެ (genuine pre-estimate of loss) މައްޗަށެވެ. އަދި އެ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްގެ ގޮތުގައި ބެލިދާނެ ކަންކަން އެ މައްސަލައިގެ ތެރެއިން ފާހަގަކޮށްފައިވެއެވެ. އެއީ:
އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބިދިނުމަށް އެއްބަސްވެފައިވާ މިންވަރަކީ، އެފަދަ ޚިލާފެއްގެ ސަބަބުން ލިބިފައިވާ ކަމަށް ސާބިތުކުރެވޭނެ އެންމެ ބޮޑު ގެއްލުމުގެ މިންވަރާ އަޅައި ކިޔާއިރު، އެކަށީގެންވާ މިންވަރަށްވުރެ ބޮޑު އަދަދެއް ކަމުގައި ވެފައި، އެ މިންވަރަކީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ލިބުނު އަސްލު ގެއްލުމާ ގުޅުމެއް ނެތް މިންވަރަކަށް ވާނަމަ، އެފަދަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމަށް ބެލޭނެއެވެ.
އެއްބަސްވުމާ ޚިލާފުވުން ބިނާވަނީ ފައިސާގެ އަދަދެއް ނުދެއްކުމުގެ މައްޗަށް ކަމުގައި ވެފައި، މާއްދާގެ ދަށުން ދައްކަންޖެހޭ އަދަދަކީ ހަގީގަތުގައި ދައްކަން އޮތް އަދަދަށްވުރެ ބޮޑު މިންވަރެއް ކަމުގައި ވާނަމަ، އެފަދަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމަށް ބެލޭނެއެވެ.
އެއްބަސްވުމެއްގެ ދަށުން ބަދަލުގެ ގޮތުގައި ދައްކަންޖެހެނީ އެއްފަހަރާ ދައްކަންޖެހޭ ޢަދަދެއް (single lump sum amount) ކަމުގައި ވެފައި، އެ ފައިސާ ދައްކަންޖެހޭ ޙާލަތު މެދުވެރިވަނީ ނިސްބަތުން އެކި ބުރަދަން ދެވޭ އަދި އެކި މިންވަރުގެ ގެއްލުން ލިބޭ ބާވަތުގެ ކަމެއް ނުވަތަ ކަންތައްތަކެއް ވުމުން ކަމަށްވާނަމަ، އެފަދަ މާއްދާއަކީ އާންމު އުސޫލުން ޕެނަލްޓީ ކްލޯޒްއެއް ކަމުގައި ބެލެވެއެވެ.
އެއްބަސްވުމަކާ ޚިލާފުވުމުން ލިބިދާނެ ގެއްލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަންދާޒާ ކުރުމަކީ ނުވެދާނެ ކަމަކަށް ވުމަކީ، އެފަދައިން ލިބިދެވޭނެ ބަދަލު ކަމުގައި އެއްބަސްވުމުގައި ބަޔާންކުރާ މިންވަރަކީ ހަމަ ހަގީގަތުގައި ވެސް ވެދާނެ ގެއްލުމެއް ކަމުގައި ދެކި ހިމަނާފައިވާ މިންވަރެއްކަން ނުވާންވީ ސަބަބެއް ނޫނެވެ.
Cavendish Square Holding BV v Talal El Makdessi and ParkingEye Ltd v Beavis [2015] UKSC 67 ގައި ކަނޑައެޅި އުސޫލަށް ބަލާއިރު، (1) އެއްބަސްވުމެއްގެ މާއްދާއަކީ އެއްބަސްވުމުގައި ބުނާ ވަކި އިލްތިޒާމެއް އުފުލަންޖެހޭ ފަރާތަށް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން އެ އިލްތިޒާމު އަދާނުކުރިނަމަ، ނުބައްދަލު ބުރައެއް ނުވަތަ އުގޫބާތެއް ކުރިމަތި ކުރުވުމުގެ މަގްސަދުގައި(in terrorem) ހިމަނާފައިވާ މާއްދާއެއް ކަމުގައިވެފައި، (2) އެ އުގޫބާތް ނުވަތަ ބުރައަކީ އެއްބަސްވުމުގެ ދަށުން އަދާކުރަން އޮތް އިލްތިޒާމާ(primary obligation) ވަކި ނުވަތަ އޭގެ ބޭރުން އޮތް އިލްތިޒާމެއް (secondary obligation) ކަމުގައިވާނަމަ، އަދި އެއްބަސްވުމާ ޚިލާފުވި (އިލްތިޒާމު އުފުލަން އޮތް) ފަރާތަށް އެ ބުރައެއް ނުވަތަ އުގޫބާތެއް އުފުލަން ޖެހެނީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ކަމުގައިވާނަމަ، އެ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމުގައި ކޯޓުން ބަލާނެއެވެ.
ކުރިން ވެސް ބަޔާންކުރެވުނު ފަދައިން، އެއްބަސްވުމާ ޚިލާފުވާ ހާލަތުގައި، ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި ފައިސާގެ މިންވަރެއް ލިބިދިނުމަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ ނަމަވެސް، އެ މިންވަރަށް ކޯޓުން ފައިސާ ނަގައިދޭނީ، އެއްބަސްވުމުގައި ބަޔާންކުރާ މިންވަރަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އެސްޓިމޭޓެއް ބަޔާންކުރާ މާއްދާއެއް ކަމުގައިވާނަމަ (ނުވަތަ އެ މާއްދާއަކީ ލިކުއިޑޭޓަޑް ޑެމެޖަސް ލިބިދޭ މާއްދާއެއް ކަމުގައި ވާނަމަ) އެވެ. އެފަދައިން ބަދަލު ނަގައިދިނުމާގުޅޭ ގޮތުން އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމުގައި ކޯޓުން ކަނޑައަޅާ ޙާލަތްތަކުގައި، އެއީ އާންމު އުސޫލުން ގެއްލުމުގެ ބަދަލެއް ގޮތުގައި ބަލައި ކޯޓު މެދުވެރިކޮށް ލިބިދެވޭނެ ފައިސާއެއް ނޫނެވެ.
Cavendish މައްސަލައިގައި ޕެނަލްޓީ ރޫލް ތަޠުބީޤު ކުރާގޮތާމެދު އަލިއަޅުވާލުމުގައި، އެއާ ގުޅޭ އިސްތިސްނާތަކެއް ހިމަނާފައިވާކަން ވެސް ފާހަގަކުރުން މުހިންމު ކަމުގައި ދެކެމެވެ. އެގޮތުން:
ފައިސާ ނަގައި ދިނުމާގުޅޭ މާއްދާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އެއަށް އަމަލުކުރަންޖެހޭ މާއްދާއެއް ކަމުގައި ނުވެފައި؛ އަދި
މާއްދާގައި ބަޔާންކުރާ ފައިސާއަކީ އެއްބަސްވުމުގައި ހިމެނޭ އަނެއް (މައުސޫމު) ފަރާތުގެ ޝަރުޢުވެގެންވާ ނުވަތަ ހުއްދަކުރެވިފައިވާ މަސްލަހަތެއް ރައްކާތެރިކުރުމަށްޓަކައި ނެގުމަށް އޮންނަ ފައިސާއެއް ކަމުގައިވެފައި، އެ މިންވަރަށް ފައިސާ ނެގުމަކީ އެކަށޭނަ އަދި ޟަމީރަށް ޤަބޫލުނުކުރެވޭ ކަމެއް ކަމުގައި (unconscionable) ނުވާނަމަ؛
އެފަދަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމުގައި ނުބެލޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ވިޔަފާރި މުޢާމަލާތްތަކާ ގުޅިގެން ކުރެވޭ އެއްބަސްވުންތަކުގައި، ވަކިގޮތަކަށް ކަންކަން ނުކުރިނަމަ ފައިސާގެ އަދަދު ނަގައި ދޭން އޮންނަ މާއްދާއަކީ އެ ވިޔަފާރިއަކާ ގުޅިގެން ނެގިދާނެ އެކަށީގެންވާ ފައިސާގެ މިންވަރެއްކަން (commercially justifiable) ދެއްކޭނަމަ، އަދި އެ މާއްދާގެ މައިގަނޑު މަގްސަދަކީ އެއްބަސްވުމާ ޚިލާފުނުވެ ދެމިހުރުމަށް ބާރުއެޅުން ކަމުގައި ނުވާނަމަ، އެފަދަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއަކަށް ނުވާނެއެވެ. މިފަދަ އިސްތިސްނާގެ އެއް މިސާލަކީ ބޭންކުން ނަގައި އިންޓްރަސްޓް ކަމާއި، އިންޓްރަސްޓް ފައިސާއަކީ ބޭންކަށް ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތަށް ނުދެއްކުމުން ބޭންކުގެ ފަރާތުން ތަހައްމަލުކުރަންޖެހޭ ނުވަތަ ކުރިމަތިލާންޖެހޭ ކްރެޑިޓް ރިސްކާ ގުޅުންހުރި ފައިސާ ކަމުގައި ބަޔާންކޮށް، އެކަމުގެ ތަފުސީލު Cavendish މައްސަލައިގައި ހިމަނާފައިވާކަން ފާހަގަކުރަމެވެ.
ރާއްޖޭގައި ކަން އޮތް ގޮތް
ދިވެހިރާއްޖޭގެ ޤާނޫނަށް ބަލާއިރު، އެއްބަސްވުމުގެ ބައިވެރިއަކު އެ އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އެ އަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ އަމަލު ކުރި މީހަކު ޒިންމާވާނެޖެހޭނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިގޮތުން، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމަށާއި، އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމަށް ބަދަލު ލިބިދޭންޖެހެއެވެ.
ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމަކީ(reasonable foreseeability of damages) ކޮބައި ކަމުގެ މައްޗަށް ބަލާއިރު، އެއީ އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ވަކި ބާވަތެއްގެ ގެއްލުމެއް ވުމަކީ އެކަށީގެންވާ ކަމެއް ކަން ނުވަތަ އެއީ ވެދާނެ ގެއްލުމެއް ކަން އެއްބަސްވުމުގައި ބައިވެރިވި އިރު އެނގިފައިވުމުގެ އިތުރުން، އެއްބަސްވުމާ ޚިލާފުވުމުން ލިބޭ ގެއްލުމަކީ އާންމު އުސޫލުން ކަން ހިނގާގޮތް ނުވަތަ، އެއްބަސްވުމުގެ ބައިވެރިންގެ ކިބައިގައި ހުރި ވަކި ހާއްސަ މަޢުލޫމާތެއްގެ ސަބަބުން ކަން ހިނގިގޮތް ކަމުގައިވުމެވެ.
ވަކި ގެއްލުމަކީ ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިދާނެކަން އެނގިފައިވާ ގެއްލުމެއްކަން ނުވަތަ ނޫންކަން ކޯޓުން ވަޒަންކުރާނީ އެއްބަސްވުމުގެ ބައިވެރިން އެ ކަމުގައި ދެކޭގޮތުގެ މައްޗަށް ބިނާކޮށެއް ނޫނެވެ. އެކަން ވަޒަންކުރުމުގައި ކޯޓުން ބަލާނީ އާދައިގެ (ސަބަބުވެރި) މީހަކު އެއްބަސްވުމުގެ ބައިވެރިއަކަށް ވީނަމަ، އެކަމުގެ މައްޗަށް އެ ފަރާތަކުން ދެކޭނެ ގޮތުގެ މައްޗަށެވެ.
އެހެންކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، މި ރައުޔުގެ 40* ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ބަދަލު ނަގައި ދިނުމަށް ހުރަހެއް ނެތެވެ.
މި މައްސަލައަށް ބަދަލު ނެގުމުގެ އުސޫލުތައް ތަޠުބީޤުކުރުން
ޙަސަން ޢަލީމަނިކުގެ ފަރާތުން ހިއްސާގެ އަގުގެ ގޮތުގައި މަހުން މަހަށް ދައްކަން ޖެހޭ US$400,000.00 (ހަތަރުލައްކަ ޑޮލަރު)، މަހަކު US$3,500.00 (ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ގެ މަގުން ދައްކަން އެއްބަސްވި ފައިސާ ނުދައްކައިފިނަމަ، ކޮންމެ10 (ދިހައެއް) ދުވަހަކުން، ދައްކަންޖެހި ނުދައްކައިވާ ފައިސާގެ 10% (ދިހައެއް އިންސައްތަ) އަށްވާ މިންވަރެއް އިތުރަށް އަޙްމަދު ޖަނާޙަށް ދޭންޖެހޭ ކަމަށް އެއްބަސްވުމުގެ 11 ވަނަ މާއްދާ ބުނެއެވެ. އަދި އެ މާއްދާގައި ބަޔާންކުރާ ފައިސާއަކީ ހިއްސާގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ މިންވަރެއް ނޫން ކަމުން، މިއީ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމުން ކަންކުރާނެ ގޮތް ބަޔާންކުރާ ލިކުއިޑޭޓަޑް ޑެމެޖަސް މާއްދާއެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާނަމެވެ.
މައްސަލައިގެ ދަޢުވާ ސިވިލް ކޯޓުގައި އުފުލުނުއިރު (31 އޮކްޓޫބަރު 2016 ގެ ނިޔަލަށް)، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ފައިސާގެ އަދަދަކީ US$5,262,600/- (ފަސް މިލިއަން ދެލައްކަ ފަސްދޮޅަސް ދެހާސް ހަ ސަތޭކަ އެމެރިކާ ޑޮލަރު) ކަމުގައި ވާއިރު، އެ އަދަދަކީ އެއްބަސްވުމުގެ ދަށުން ގަތް ހިއްސާތަކުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ އަގު ކަމުގައިވާ US$700,000/- (ހަތް ލައްކަ އެމެރިކާ ޑޮލަރު) އާ އަޅައި ބެލިނަމަވެސް، އެއަށް ވުރެ 7 (ހަތެއް) ގުނައަށް ވުރެ ބޮޑު އަދަދެކެވެ. އަދި އެއީ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ފައިސާގެ މިންވަރު، މި މައްސަލަ ނިމޭ ދުވަހާ ހަމައަށް ހިސާބު ނުކޮށް އަދަދު ޖެހުމުން ނުކުންނަ ނަތީޖާއެވެ.
ލިކުއިޑޭޓަޑް ޑެމެޖަސް ނަގައިދިނުމުގައި، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުން ސާބިތުކޮށްދޭން ލާޒިމު ނުވިނަމަވެސް، ލިބިދެވޭ ބަދަލަކީ ވެފައިވާ ގެއްލުމާ އަޅާ ބަލާއިރު އެކަށީގެންވާ މިންވަރަށްވުރެ ބޮޑު އަދަދަކަށް ވުމުގެ އިތުރުން، އެއްބަސްވުމާ ޚިލާފުވުމުން ގެއްލުމެއް ވެފައިވާނަމަ، އެފަދަ ގެއްލުމަކާ ގުޅުމެއް އޮތް މިންވަރެއް ކަން އެނގެން ނެތަތީ އާއި، އެއީ ޝަރުޢުވެގެންވާ މަސްލަހަތެއް ރައްކާތެރިކުރުމަށްޓަކައި ހިމަނާފައިވާ، އެކަށީގެންވާ ފައިސާގެ މިންވަރެއްކަން އެނގެން ނެތަތީ، އަދި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ލިބިދޭން އޮތް ފައިސާގެ މިންވަރަކީ އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ މައި އިލްތިޒާމު (primary obligation) ގެ ބޭރުން، އުފައްދާފައިވާ ވަކި އިލްތިޒާމެއް(secondary obligation) ކަން އެނގެން އޮތުމުން، އެއްބަސްވުމުގެ 11 ވަނަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމުގައި އަހުރެން ދެކެމެވެ. އަދި މި ރައުޔުގެ 44 ވަނަ ޕްރެގްރާފްގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ އަލީގައި، އެއްބަސްވުމުގެ 11 ވަނަ މާއްދާއަށް ޙަވާލާދީ، ހިއްސާގެ އަގުގެ ބޭރުން / އިތުރަށް ދައްކަންޖެހޭ ފައިސާ ނަގައި ދެވޭނެ ކަމުގައި ނުދެކެމެވެ.
މީގެ އިތުރުން، ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރުގެ ރައުޔުގައި ފާހަގަކުރައްވާ ކަންކަމަށް އަހުރެން ތާއީދުކުރުމާއެކު، މި މައުޟޫޢުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ތަފާތު އުސޫލުތަކުން ދުރަށް ގޮސް، ސާފު، އެއްގޮތް އުސޫލުތަކަކަށް އަމަލުކުރަން ފެށުން މުހިންމު ކަމުގައި ދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތަފުސީލު ކުރައްވާފައިވާ އުސޫލުތަކަކީ މި މައުޟޫޢޫގައި ރާއްޖޭގައި އަލަށް އެކަށައެޅިގެންދާ އުސޫލުތަކަކަށް ވާތީއާއި، މި މައުޟޫޢުގައި މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައިވާ އުސޫލުތަކާމެދު މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި ބަހުސްކުރެވިފައިވާތީ، އެ އުސޫލުތަކަށް ބަލައިލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
ޝަރުޠު ޖަޒާއީ މި އިސްޠިލާޙު ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކަށް އައިސްފައިވަނީ އެ ނިންމުންތަކުގައި ބަހުސްކުރެވިފައިވާ ގޮތާއި ތަރުތީބަށް ބަލާއިރު، މައިގަނޑު ގޮތެއްގައި އިސްލާމީ މުފައްކިރުން ލިޔުއްވާފައިވާ ޤާނޫނީ ބަހުސްތަކުން ކަމުގައި ދެކެމެވެ. އެ ބަހުސްތަކުގައި ކުދި ފަރަގުތަކެއް ހުރިނަމަވެސް، ޝަރުޠު ޖަޒާއީއަކީ ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާ ނުކުރުމުގެ ސަބަބުން ނުވަތަ އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާއަށް ލިބިދާނެ ގެއްލުމުގެ ބަދަލާމެދު ކޮންޓްރެކްޓްގެ ބައިވެރިންގެ މެދުގައި ކޮންޓްރެކްޓް ކުރެވުނުއިރު އެއްބަސްވެ ކޮންޓްރެކްޓްގައި ހިމަނައި ޝަރުޠު ކުރުމަށް ނުވަތަ އެއްބަސްވުމުގެ މާއްދާއެއްގެ ގޮތުގައި ހިމަނާ ހިމެނުމަށް ނިސްބަތްކޮށް ބޭނުންކުރާ އިޞްތިލާޙެއްކަން އެނގެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، ނަގައި ދެވޭނެ ބަދަލު އެއްބަސްވުމުގައި ބަޔާން ކުރާ ކުރުމަށް ޝަރުޠު ޖަޒާއީ ޝަރުޠުގެ ދަށުން ބަދަލު ނަގައިދިނުމޭ ކިޔިދާނެއެވެ.
އިސްލާމީ ޢިލްމުވެރިން ޝަރުޠު ޖަޒާއީ މަނާ ކުރުމުގައި ބަހުސްކޮށްފައިވާ ގެއްލުމުގެ ބަދަލަކީ، ކޮމަން ލޯ ނިޒާމަށް ޢަމަލު ކުރާ ގައުމުތަކުގައި ބޭނުންކުރާ ސީދާ ގެއްލުމާއި ލިބިދާނެ ކަމަށް ބެލެވޭ ގެއްލުމުގެ ބަދަލާ ދާދި އެއް މަފްހޫމެއް ކަމުގައި އަހުރެން ދެކެމެވެ. އެހެނީ ޝަރުޠު ޖަޒާއީގެ އެއްވެސް ބަހުސެއްގައި އެއްބަސްވުމުގެ ބައިވެރިން އެއްބަސްވިއިރު، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުން ނުވަތަ ލިބިދާނެ ކަމަށް ބެލެވޭ ގެއްލުމުގެ ބަދަލާމެދު ވާހަކަ ދައްކައި ބަހުސްކުރުމަށްފަހު މެނުވީ ނިންމައި ނުލައެވެ.
ޝަރުޠު ޖަޒާއީ އަކީ ފިޤުހީ މަޛުހަބުތައް އުފެދިގެން އައި ދުވަސްވަރު ތަރައްޤީވެ ފިޤުހުވެރިން ތަފުސީލުކޮށް ބަހުސްކޮށްފައިވާ އިސްޠިލާޙެއް ނޫނެވެ. މި އިސްޠިލާޙާމެދު ޒަމާނީ ފިޤުހުވެރިންގެ ބަހުސްތަކުގައި ޙަވާލާ ދީފައިވާތީ އަހުރެންނަށް ފެނިފައިވަނީ ސިވިލް ލޯ ނިޒާމަށް ޢަމަލުކުރާ ގައުމުތަކުގެ މިސާލުތަކެވެ. މިކަމުގެ ސަބަބުން މި ބަހުސްތަކުގައި، ކޮމަން ލޯ ނިޒާމުތަކުގައި ލިކުއިޑޭޓެޑް ޑެމެޖަސްއާއި ޕެނަލްޓީ ކްލޯޒް ތަފާތުކުރާ ތަފާތު ކުރުމާމެދު ބަހުސްކޮށްފައި ނުހުރެވެ.
އެއްބަސްވުމާ ޚިލާފުވެގެން މަދަނީ މުޢާމަލާތުތަކުގައި ނަގައިދެވޭ ގެއްލުމުގެ ބަދަލަކީ ޢާންމު އުސޫލެއްގެ ގޮތުން ގެއްލުން ލިބުނު ފަރާތަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ނަގައިދެވޭ ބަދަލެކެވެ. އެއްބަސްވުމާ ޚިލާފުވި ފަރާތަށް އަދަބެއް ނުވަތަ ޢުޤޫބާތެއް ދިނުމުގެ ގޮތުން ފައިސާގެ މިންވަރެއް ނަގައިދިނުމެއް ނޫނެވެ. ކޮމަން ލޯ ނިޒާމުގެ ގައުމުތަކުގައި ކޯޓުތަކުން ޕެނަލްޓީ ކްލޯޒް ތަންފީޒު ނުކޮށްދޭ އެއް ސަބަބަކީ މިއީއެވެ.
މި ޒަމާނުގެ ސިވިލް ލޯގެ ނިޒާމު އޮންނަ ގައުމުތަކަށް ބަލާއިރު، ބައެއް ގައުމުތަކުގެ ޤާނޫނުގައި ލިކިއުޑޭޓެޑް ޑެމޭޖަސްއާއި ޕެނަލްޓީ ކްލޯޒް ފަރަގު ކޮށްފައިވެއެވެ. ނަމަވެސް މި ދެ ބާވަތް ތަންފީޒު ކުރުމުގައި އެއް އުސޫލެއް ގެންގުޅެއެވެ. އެއީ، ލިކުއިޑޭޓެޑް ޑެމޭޖަސް ގެ ގޮތުގައި ނުވަތަ ޕެނަލްޓީ ކްލޯޒްއެއްގެ ދަށުން ނަމަވެސް ނަގައިދޭންޖެހޭ ބަދަލުގެ މިންވަރަކީ އާދަޔާ ޚިލާފަށް ބޮޑު ބަދަލެއްނަމަ، ކޯޓުން އެ މިންވަރު ކުޑަކުރާ ކުރުމެވެ. ނަމަވެސް މި ކަން ކުރަނީ އެ ގައުމުތަކުގެ ޤާނޫނުތަކުގައި އެ ބާރު ކޯޓަށް ނުވަތަ މައްސަލަ ބަލާ ފަނޑިޔާރަށް ދީފައިވާތީއެވެ.
މީގެ އިތުރަށް ދުނިޔޭގެ މަޝްހޫރު ހުރިހާ ޤާނޫނީ ނިޒާމުތަކުގައި ވެސް (ކޮމަން ލޯ، ސިވިލް ލޯ، އަދި އެމެރިކާފަދަ) އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމުގައި އެއްބަސްވުމާ ޚިލާފުވާ ހާލަތުގައި ނަގާނެ ގެއްލުމުގެ ބަދަލު (އެ ބަދަލަށް ޝަރުޠު ޖަޒާއީ، ލިކިއުޑޭޓެޑް ޑެމޭޖަސް، ތަޢުވީޟުލްއިއްތިފާޤީ ފަދަ ކޮންމެ ނަމެއް ބޭނުންކުރި ނަމަވެސް) އެ ބަދަލު ކޯޓުން ނަގައިދެނީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބިފައިވާ ނުވަތަ ލިބިދާނެ ކަމަށް އެއްބަސްވުމުގެ ބައިވެރިންނަށް އެނގޭ ގެއްލުމެއް އޮތްކަން ނުވަތަ ނޫން ކަމާއި، ނަގައި ދެވޭ ޢަދަދަކީ އެ ގެއްލުމާ މުނާސަބު ޢަދަދެއްކަން ކަށަވަރު ކުރުމަށްފަހުގައެވެ. މިއީ މެދުއިރުމަތީގެ އިސްލާމީ ގައުމުތަކުގައި ވެސް ކަމާގުޅޭ ޤާނޫނުތަކުގައި އެކަށައެޅިފައިވާ އުސޫލުތަކެކެވެ. އަދި ހަމަ އެހެންމެ މި މައުޟޫޢުގައި އިސްލާމީ ޤާނޫނީ މާހިރުންގެ ލިޔުންތަކުގައި ބިންވަޅު ނެގިފައިވާ ބަހުސްތަކުގައި ވެސް ކަން އޮތީ މި ފަދައިންނެވެ.
ބަހުސްގެ ބޭނުމަށްޓަކައި މި ހިސާބުން ދެ ސުވާލެއް ކުރިމަތި ކުރަމެވެ.
ފުރަތަމަ ސުވާލަކީ، އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްސަލައިގެ ފާހަގަ ކުރެވުނު 07 ވަނަ ނުކުތާއާއި 08 ވަނަ ނުކުތާއިން ދޭހަވާ ފަދައިން ފަނޑިޔާރުގެ އިސްނެގުމަކަށް ބަދަލުގެ މިންވަރު ކުޑަކުރެވިދާނެ ހެއްޔެވެ؟
ދެވަނަ ސުވާލަކީ، ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވަރކްސް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވާ ފަދައިން ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމަކީ އެ ދެ ފަރާތުގެ ދެމެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރާ "ޙަކަމަކަށް" ވާތީ އެއްބަސްވުންތަކުގައި ހިމެނޭ ޖަޒާއީ ޝަރުޠާގުޅޭ މާއްދާ އެއްވެސް އިސްތިސްނާއެއް، ހިފެހެއްޓުމެއް ނެތި އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ ގޮތަށް ތަންފީޒުކޮށްދިނުން ކޯޓުގެ މައްޗަށް ލާޒިމުވާނެތޯއެވެ؟
ކޯޓުގެ އިސްނެގުމަށް ބަދަލުގެ މިންވަރު ކުޑަކުރުން
އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދު ވ. ސަލްޓަންސް އޮފްދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް އަދި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އަހުރެން ފާހަގަ ކުރި ފަދައިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޝަރުޢީ ނިޒާމު އެ ޤާނޫނުތަކުގެ މައްޗަށް ތަރުތީބުވެފައިވާ ޤާނޫނުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމުގެ އަސާސީ ގިނަ ސިފަތަކެއް އެކުލެވިގެންނެވެ. މި ނިޒާމުގެ އެންމެ އަސާސީ އެއް ސިފައަކީ، މައްސަލަ ބަލާ ފަނޑިޔާރަކީ އެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ވާޤިޢާތައް، އެ ވާޤިޢާތައް ހުށަހަޅާ ފަރާތްތަކުން އެ ކަންކަން ސާބިތު ކުރުމުން އެކަމުގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނު ތަޠުބީޤުކޮށް މައްސަލަތަކުގައި ގޮތް ކަނޑައަޅަމުން ދިއުމެވެ. މި އުސޫލުން ބަލާއިރު، އެއްބަސްވުމެއްގެ ބައިވެރިން އެއްބަސްވެފައިވާ ފަދައިން ގެއްލުމުގެ ބަދަލު ނަގައި ދިނުމުގައި ނަގައިދޭންޖެހޭ ޢަދަދު އާދަޔާ ޚިލާފަށް ބޮޑު ކަމަށް ފެންނަ ޙާލަތުގައި، ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށް އެ ޢަދަދު ކުޑަކުރާނަމަ، އެކަމަށް ޤާނޫނުން ފަނޑިޔާރަށް ބާރު ނުލިބި އެކަން ކުރުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމުގެ އަސާސީ ސިފަތަކާ ތަޢާރުޟުވާނެ ކަމެއް ކަމުގައި ދެކެމެވެ. އެހެނީ ބަހުސްގެ ބޭނުމަށްޓަކައި ނަމަވެސް، މި ޙާލަތުގައި އެ ޢަދަދު ކުޑަކުރާނަމަ، އެކަން ކުރެވޭނީ ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކުގެ އަލީގައި ޝަރީޢަތަށް ސާބިތުވާ ސާބިތުވުމެއްގެ މައްޗަށެވެ.
ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނެއް އެބައޮތެވެ. އެ ޤާނޫނުގެ މަފްހޫމުތަކަށް ބެލުމުން އެ ޤާނޫނަކީ ކޮމަން ލޯގެ މަފްހޫމުތައް އެކުލެވިގެން ފަރުމާ ކުރެވިފައިވާ ޤާނޫނެއްކަން އެނގެއެވެ. އެ ޤާނޫނުގައި ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބުބުން ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ ތަފުސީލުތައް ބަޔާންވެފައިވެއެވެ. އެ ތަފުސީލުތަކަށް ބަލާއިރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭ މިންވަރު ކުޑަ ކުރުމުގައި ޝަރީޢަތުގެ ދައުރެއް ނުވަތަ ފަނޑިޔާރުގެ ދައުރެއް އެ ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ. މި ފަދައިން ބަޔާންވެފައި ނެތްއިރު، ޝަރީޢަތަށް ސާބިތުވާ ސާބިތުވުމެއް ނެތި، ދެ ފަރާތުން އެއްބަސްވެފައިވާ ބަދަލެއް ފަނޑިޔާރަށް ފެންނަ މިންވަރަކަށް ކުޑަކުރުމަކީ ފަނޑިޔާރުގެ ނިންމުމާމެދު ޝައްކުގެ ނަޒަރަކުން ބެލުމަށް މަގުފަހިވާނެ ކަމެކެވެ.
ތިންވަނަ ކަމަކީ، އެއްބަސްވުމެއްގައި ޖަޒާއީ ޝަރުޠާގުޅޭ މާއްދާއެއް އޮވެ، އެއްބަސްވުމުގެދަށުން އުފުލަންޖެހޭ އިލްތިޒާމެއް ނުއުފުލުމުގެ ސަބަބުން ނުވަތަ އިލްތިޒާމެއް އުފުލުން ލަސްކުރުމުގެ ސަބަބުން އަނެއް ފަރާތަށް ލިބިދޭ ގެއްލުން ހިސާބުކުރުމުން ނުކުންނަ ޢަދަދަ ކުޑަކޮށް ދިނުމަކީ، އެއްބަސްވުމާ ގުޅިގެން އަނެއް ބައިވެރިޔާއަށް ދެވޭ ލުޔެކެވެ. މިއީ ވެސް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ލިޔެވިފައިވާ އުސޫލެކެވެ. މި އުސޫލުގެ ދަށުން އެއްބަސްވުމަކާ ގުޅިގެން ލުޔެއް ދެވޭނީ، އެއްބަސްވުމުގެ ބައިވެރިންނަށެވެ. އެއީ ފަނޑިޔާރަށް ލިބިގެންވާ ބާރެއް ނުވަތަ އިޚްތިޔާރެ ނޫނެވެ.
ޝަރުޠު ޖަޒާއީގެ މާއްދާތައް ތަންފީޒުކުރުން ލާޒިމުކަން ނުވަތަ ނޫންކަން
ޢާންމު އުސޫލަކީ ޤާނޫނު ހުއްދަކުރާ އިމުގެ ތެރޭގައި އެއްބަސްވުމުގެ ބައިވެރިން އެބައިމީހުން ރުހޭ ފަދައަކުން އެދޭ ބީދައަކުން އެއްބަސްވުން ފަރުމާކޮށް، އެއްބަސްވުމުގެ ބައިވެރިންގެ ޒިންމާތަކާއި އިލްތިޒާމުތައް އެކަށައަޅައި އެއްބަސްވުންތައް ހެދުމުގެ މިނިވަންކަން އެންމެ މަތީ ދަރަޖައަށް ލިބިގެންވުމެވެ. މިކަމަށް ޤާނޫނީ މަފްހޫމުގައި "ފްރީޑަމް އޮފް ކޮންޓްރެކްޓް" ނުވަތަ"މަބްދައު ސުލްޠާނުލްއިރާދާ" އެވެ ކިޔައެވެ. އަދި މި އުސޫލުން ހެދޭ އެއްބަސްވުންތަކަކީ، ޢާންމު އުސޫލެއްގެ ގޮތުން އެ އެއްބަސްވުންތަކަށް ހުރިހާ ފަރާތަކުން ވެސް އިޚްތިރާމުކޮށް ތަންފީޒު ކުރަންޖެހޭނެ އެއްބަސްވުންތަކެކެވެ.
ސުވާލަކީ އެއްބަސްވުން އެކުލަވާލުމަށް އޮންނަ ފުރިހަމަ މިނިވަންކަމުގެ ދާއިރާގެ ތެރެއިން، އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމުގައި ބަޔާންކުރާ ޖަޒާއީ ޝަރުޠާގުޅޭ މާއްދާ ވެސް އެއްބަސްވުމުގައި އޮތްގޮތަށް ކޯޓުތަކުން ތަންފީޛު ކޮށްދިނުން ލާޒިމުވާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދިނުމުގައި، އެ މާއްދާއަކީ، ގެއްލުމުގެ ބަދަލު ނަގައިދެވޭނެ މާއްދާއެއްތޯ(liquidated damages) ނުވަތަ އެއްބަސްވުމާ ޚިލާފުވި ފަރާތަށް އަދަބު ދިނުމަށްޓަކައި ހިމަނާފައިވާ މާއްދާއެއްތޯ (penalty clause) ބަލާ ބެލުމުގައި އެއީ، ޕެނަލްޓީ ކްލޯޒްއެއް ނުވަތަ އަދަބު ދިނުމަށްޓަކައި ހިމަނާފައިވާ މާއްދާއެއްކަން ކަނޑައެޅިއްޖެނަމަ، އެ މާއްދާ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ ގޮތަށް ތަންފީޒު ކޮށްދިނުމަކީ ކޯޓުތަކަށް ލާޒިމު ކަމެއް ނޫންކަމެވެ. އަދި މިއީ ކޮންޓްރެކްޓަކީ ކޮންޓްރެކްޓްގެ ބައިވެރިންގެ މެދުގައި ކޮންޓްރެކްޓާގުޅިގެން އުފެދޭ ޚުޞޫމާތްތައް ޙައްލުކުރުމުގައި ޙަކަމެއް ކަމުގައި ބަލާ އުސޫލު"العَقْد شَرِيْعَةُ المُتَعَاقِدَيْنِ" އަދި "އެއްބަސްވުންތަކަކީ ތަންފީޒުވާންޖެހޭނެ އެއްޗެއް"“pacta sunt servanda” ގެ އުސޫލުން އިސްތިނާ ލިބިގެންވާ ހާލަތެއް ކަމެވެ. މިކަން ޤާނޫނީ މާހިރުން އެކި ގޮތް ގޮތަށް ބަޔާންކޮށް ދީފައިވެއެވެ. މީގެ އެއް މިސާލަކީ Cavendish މައްސަލައިގައި ފަނޑިޔާރު ހޮޖް ވިދާޅުވެފައިވާ އަންނަނިވި އިބާރާތެވެ.
“The rule against penalties is an exception to the general approach of the common law that parties are free to contract as they please and that the courts will enforce their agreements—pacta sunt servanda”
ޕެނަލްޓީ ކްލޯޒް ތަންފީޒު ނުކޮށްދޭ އުސޫލަކީ އެއްބަސްވުމުގެ ބައިވެރިން އެދޭ ފަދައިން އެއްބަސްވުން އެކުލަވާލުމުން އެބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ ފަދައިން ކޯޓުތަކުން އެ އެއްބަސްވުން ތަންފީޒު ކޮށްދިނުމަށް އޮންނަ ޢާންމު އުސޫލުން އިސްތިސްނާ ވެގެންވާ ކަމެވެ."
ޝަރުޠު ޖަޒާއީއާގުޅޭ ގޮތުން އެއްބަސްވުމުގައި ލިޔެވިފައި ހުންނަ މާއްދާތައް ކޯޓުތަކުން ތަންފީޒު ކުރުމުގައި އެ މާއްދާތަކުގެ ނަގައިދެވޭ މިންވަރަކީ، ގެއްލުމުގެ ބަދަލާ ގުޅުން ހުރި މުނާސަބު މިންވަރެއްކަން ވަޒަން ނުކުރާނަމަ ނުކުންނާނެ ފާޅުކަން ބޮޑު ނަތީޖާތަކެއް ވެއެވެ.
މި ނަތީޖާތަކުގެ ތެރޭގައި، އެއްބަސްވުމާ ޚިލާފުވާ ފަހުން ޝަރުޠު ޖަޒާއީގެ މާއްދާތަކުގެ ދަށުން އެއްބަސްވުމާ ޚިލާފުވި ފަރާތުގެ ކިބައިން އާދަޔާ ޚިލާފު ބޮޑެތި ފައިސާގެ ޢަދަދުތައް ހޯދުމުގެ ނިޔަތުގައި އެފަދަ މައްސަލަތައް ކޯޓަށް ހުށަނާޅައި ގިނަ ދުވަސްތައް ހޭދަކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ. ނަމަވެސް، ގެއްލުމެއް ލިބިފައިވާކަން ނުވަތަ ލިބިދާނެކަން އެއްބަސްވުމުގެ ބައިވެރިންނަށް ތަސައްވުރު ކުރެވޭކަން ކޯޓުތަކުން ވަޒަންކުރާނަމަ، މިއާ ޚިލާފަށް އެ ފަދަ މައްސަލަތައް އަވަހަށް ކޯޓަށް ހުށަހަޅައި ނިމުމަކަށް ގެންނަން ޝަރުޠު ޖަޒާއީ މާއްދާގެ ދަށުން ބަދަލު ލިބޭ ފަރާތުން މަސައްކަތް ކުރާނެއެވެ. އެހެނީ އެ ހާލަތުގައި އެ ފަދައިން މަސައްކަތް ނުކުރާނަމަ، ގެއްލުމުގެ ބަދަލު ކުޑަކުރުމަށްޓަކައި އެ ފަރާތުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމުގައި އިފްތިރާޟު ވެސް ކުރެވިދާނެއެވެ.
ދެވަނަ ނަތީޖާއަކީ އެ ފަދަ މާއްދާތަކުގެ ބޭނުން ހިފައިގެން ޝަރުޢީ ގޮތުން ސުވާލު އުފެދޭ ފައިސާގެ ޢަދަދުތައް ކޯޓުތައް މެދުވެރިކޮށް ލިބިގަތުމެވެ.
ކަން މިހެން ހުރުމުން، މީގެ ކުރިން ޝަރުޠު ޖަޒާއީއާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައިވާ ބުނެވިދިޔަ (ކޯޓުގެ އިސްނެގުމަށް ބަދަލުގެ މިންވަރު ކުޑަކުރުމާއި، ގެއްލުން އަންދާޒާ ކުރުމެއް ނެތި އެއްބަސްވުމުގައި ޝަރުޠު ޖަޒާއީއެއް ހިމެނިފައިވާތީ، އެ ހިމެނިފައިވާ ފަދައިން ތަންފީޒުކުރުމާގުޅޭ) އުސޫލުތަކަކީ އެ އުސޫލުތަކުން އެއްކޮށް ހިޖުރަކުރަންޖެހޭ އުސޫލުތަކެއް ކަމުގައި އަހުރެން ދެކެމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ޙަސަން ޢަލީމަނިކުގެ ފަރާތުން ޙިއްޞާގެ އަގުގެ ގޮތުގައި އެއްބަސްވުމުގެ ދަށުން ދައްކަން އޮތް ޖުމުލަ US$700,000.00 (ހަތްލައްކަ ޑޮލަރު) ގެ ތެރެއިން، 10 (ދިހައެއް) އަހަރަށް ބަހާލައިގެން ކޮންމެ މަހަކު US$3,500.00 (ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ގެ މަގުން ދައްކަން އޮތް US$400,000.00 (ހަތަރުލައްކަ ޑޮލަރު) ނުދައްކައިފިނަމަ، ކޮންމެ 10 (ދިހައެއް) ދުވަހަކުން، ދައްކަންޖެހި ނުދައްކައިވާ ފައިސާގެ 10% (ދިހައެއް އިންސައްތަ) އަށްވާ މިންވަރެއް އިތުރަށް އަޙްމަދު ޖަނާޙަށް ދޭންޖެހޭނެ ކަމަށް ބަޔާންކުރާ، އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބަޔާންވެގެންވާ ފައިސާއަކީ، ގެއްލުމުގެ ބަދަލެއް ކަމުގައި ބެލެވެން ނެތަތީ، އެއްބަސްވުމުގެ ދަށުން އަޙްމަދު ޖަނާޙަށް ޙަސަން ޢަލީމަނިކު މިހައި ތަނަށް ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ޖުމުލަ މިންވަރަކީ US$346,500.00 (ތިންލައްކަ ސާޅީސްހަހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު) ކަމަށް، ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައި، މި ފައިސާ މިއަދުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އަޙްމަދު ޖަނާޙްއަށް ލިބިދިނުމުގެ ގޮތުން ސިވިލް ކޯޓަށް ފައިސާ ދައްކައި ނިންމުމަށް ޙަސަން ޢަލީމަނިކަށް އަންގައި، ސިވިލް ކޯޓުގެ ނަންބަރު2521/Cv-C/2016 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2018/HC-A/33 ޤަޟިއްޔާގެ ނިންމުން ބާޠިލުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު ޢަލީ ރަޝީދު ޙުސައިން މަޙާޒު ޢަލީ ޒާހިރު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.