—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/16
ދަޢުވާކުރާ ފަރާތް: އިބްރާހީމް ޔޫސުފް
ދަޢުވާ ލިބޭ ފަރާތް: އާމިނަތު މުނާ
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން (ހައިކޯޓުގެ ނަންބަރ: 156/HC-A/2007 ޤަޟިއްޔާ)
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 21 އޭޕްރީލް 2009
ރަޖިސްޓްރީކުރެވުނު ތާރީޚް: 03 މެއި 2009
ނިމުނު ތާރީޚް: 22 އޭޕްރީލް 2013
މައްސަލަ ނިންމި ގަޑި: 14:35
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2007/HC-A/156
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 21 އޯގަސްޓް 2007
ނިމުނު ތާރީޚް: 22 ޖެނުއަރީ 2009
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2007/HC-A/156 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅުނޫންކަމަށްބުނެ އެކަންތައްތައް ފާހަގަކޮށް އެޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި މއ. ސައިނާހިޔާ، އިބްރާހީމް ޔޫސުފުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2007/HC-A/156 ޤަޟިއްޔާއަކީ މަދަނީކޯޓުގެ ނަންބަރު 1258/MC/2005 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށްބުނެ، އިބްރާހީމް ޔޫސުފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ މއ.ގުދަނުގެ، އާމިނަތު މުނާ އެވެ.
ފާހަގަކުރެވުނު ނުކުތާތައް.
މިމައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކި ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުން ތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/156 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ އިތުރުން، މަދަނީކޯޓުގެ ނަންބަރު 1258/MC/2005 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ: މަދަނީކޯޓުގެ ނަންބަރު 1258/MC/2005 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާއަކީ މއ. ސައިނާހިޔާ އިބްރާހީމް ޔޫސުފްގެ ފަރާތުން މއ.ގުދަނުގެ އާމިނަތު މުނާގެ މައްޗަށް ދަޢުވާ ކުރުމުން ބެލިފައިވާ މައްސަލައެއްކަމާއި، އެޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ "މއ.ގުދަނުގެ އާމިނަތު މުނާއަށް އެގޯތި ބަހައިގެން ލިބިފައިވާ 249.5 އަކަފޫޓު ބިމުގައި މއ.ސައިނާހިޔާ އިބްރާހީމް ޔޫސުފްގެ އަމިއްލަ ޚަރަދުގައި 05 ބުރިއަށް ޢިމާރާތެއްކޮށް، އެ ޢިމާރާތް 09 (ނުވައެއް) އަހަރާއި 11 (އެގާރަ) މަސްދުވަހުގެ މުއްދަތަށް އިބްރާހީމް ޔޫސުފަށް ކުއްޔަށް ދިނުމަށް އިބްރާހީމް ޔޫސުފާއި އާމިނަތު މުނާއާ ދެމެދުގައި 2001 އޯގަސްޓް 29 ގައި ކޮށްފައިވާ އެގްރިމެންޓުގެ ދަށުން އިބްރާހީމް ޔޫސުފް ކުއްޔަށް ހިފައި، އެގްރިމެންޓުގައި ބުނެފައިވާ 09 (ނުވައެއް) އަހަރާއި 11 (އެގާރަ) މަސްދުވަހުގެ ކުއްޔަށްވާ -/40000ރ (ސާޅީސްހާސް ރުފިޔާ) އެކީ އެއްފަހަރާ ހެކިންގެ ޙާޟިރުގައި ގަނޑުކޮށް އާމިނަތު މުނާއަށް އިބްރާހީމް ޔޫސުފް ދީފައިވަނިކޮށް އެތަން ހުސްނުކޮށް އަދި އެތަން އިބްރާހީމް ޔޫސުފާ ޙަވާލުކޮށްފައި ނުވާކަމަށްބުނެ ކުލީގެ ގޮތުގައި އާމިނަތު މުނާއަށް ދީފައިވާ -/40000ރ (ސާޅީސްހާސް ރުފިޔާ) އާއި، އެތަނުގައި 05 ބުރިއަށް ޢިމާރާތެއް ކުރުމަށް ބޭނުންވާ ކުރެހުން އިބްރާހީމް ޔޫސުފްގެ ޚަރަދުގައި ކުރަހާފައިވާތީ އެކުރެހުމަށް އިބްރާހީމް ޔޫސުފް ކުރި ޚަރަދު ކަމުގައިވާ -/8000ރ (އަށްހާސް ރުފިޔާ) އާ، އަދި ވެރިފަރާތުގެ ސަބަބަކާހުރެ މަސައްކަތް ހުއްޓިފައިވާ ދުވަސްތަކަށް ކޮންމެ މަހަކަށް -/3000ރ (ތިންހާސް ރުފިޔާ) ގެ ރޭޓުން ވެރިފަރާތުން އިބްރާހީމް ޔޫސުފަށް ދޭންޖެހޭކަމަށް އެގްރިމެންޓުގެ 09ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން 29 ސެޕްޓެމްބަރު 2001 ދުވަހުން ފެށިގެން 2005 އޯގަސްޓް މަހާހަމައަށް ކޮންމެ މަހަކަށް -/3000ރ (ތިންހާސް ރުފިޔާ)ގެ ރޭޓުން ވޭތުވެދިޔަ 48 (ސާޅީސް އަށެއް) މަހަށް -/144000ރ (އެއްލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ) އާއި، އަދި އެމައްސަލައިގެ ޙުކުމް ކުރައްވާ ދުވަހާ ހަމައަށް ޖެހޭ މިންވަރަކާއެކު، އެކީ އެއްފަހަރާ ހޯއްދަވައި ދެއްވުން އެދި" އާމިނަތު މުނާގެ މައްޗަށް އިބްރާހީމް ޔޫސުފް ކޮށްފައިވާ ދަޢުވާއެއްކަމާއި، އެޤަޟިއްޔާގެ ޙުކުމުގައިވަނީ "ދެންފަހެ މއ.ގުދަނުގެ އާމިނަތު މުނާގެ މައްޗަށް މއ.ސައިނާހިޔާ އިބްރާހީމް ޔޫސުފް ކުޅަ މިދަޢުވާ ޝަރީޢަތުގެ ހަމަތަކާއި އުޞޫލުތަކުގެމަތިން ބެލުމުން އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން މިފައިސާއަކީ ޝަރީޢަތުން ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަކަމަކީ: މިބާވަތުގެ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސް ކުރުމުގައި ހުށަހެޅޭނީ ދަށުކޯޓުގެ ޙުކުމް ރަނގަޅުނޫންކަން ފާހަގަކޮށް ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތައް ކަމާއި، މަދަނީކޯޓުގެ ނަންބަރު 1258/MC/2005 ޤަޟިއްޔާ އެކޯޓުން ނިންމެވިގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށްބުނެ އިބްރާހީމް ޔޫސުފްގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފާހަގަކުރެވިފައިވަނީ ހަތް ކަމެއްކަން އެނގޭކަމާއި، އެއީ؛
1. އިބްރާހީމް ޔޫސުފް ހުށަހެޅި ދަޢުވާގައި ހޯދުމަށް ދަޢުވާކުރި ޙައްޤު ސާބިތު ނުވާކަމަށް ނިންމެވި ނިންމެވުން ޢަދުލުވެރި ނުވާކަމަށް ބުނާބުނުމާއި،
2. މއ.ގުދަނުގެ އާމިނަތު މުނާއަށް ދީފައިވާ، ކުއްޔަށް ހިފިތަނުގެ (ބިމުގެ) 09 (ނުވައެއް) އަހަރާއި 11 (އެގާރަ) މަސްދުވަހުގެ ކުއްޔަށްވާ ފައިސާ -/40000ރ (ސާޅީސްހާސް ރުފިޔާ) އޭނާގެއަތުން އަނބުރާ ހޯދުމަށް ކުރި ދަޢުވާގައި އެފައިސާ އިބްރާހީމް ޔޫސުފަށް ނުލިބޭގޮތަށް ނިންމެވި ނިންމެވުމަކީ ޢަދުލު އިންޞާފު ޤާއިމުނުވާ ގޮތަށް ނިންމެވި ނިންމެވުމެއް ކަމަށް ބުނާބުނުމާއި،
3. ކުއްޔަށް ހިފި ބިމުގައި ޢިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ޢިމާރާތުގެ ކުރެހުން ކުރަހައި ފާސްކޮށް ހުއްދަ ނެގުމަށްފަހު އެގްރިމެންޓުގެ 02ވަނަ މާއްދާގައި ބުނެފައިވާ ހުސްބިމުގައި ކުއްޔަށް ދިން ފަރާތުން އެގްރިމެންޓާ ޚިލާފަށް، ކުއްޔަށް ދިން ފަރާތުގެ ތަފާތު މުދަލާއި ތަކެތި ބަހައްޓާފައި ހުރުމުން، ކުއްޔަށް ހިފި ފަރާތުން ކުރަންޖެހޭ މަސައްކަތް ނުކުރެވި ހުއްޓިފައިވާތީ، ކުރެހުމަށް ދިޔަ ޚަރަދު -/8000ރ (އަށްހާސް ރުފިޔާ) ހޯދުމަށް މިދަޢުވާގައި ހިމަނާފައިވާއިރު އެޚަރަދު އިބްރާހީމް ޔޫސުފަށް ނުލިބޭގޮތަށް މައްސަލަ ނިންމާފައިވަނީ ރަނގަޅަށްނޫންކަމަށް ބުނާބުނުމާއި،
4. އާމިނަތު މުނާއާއި އިބްރާހީމް ޔޫސުފާ ދެމެދު ކުރެވުނު މިއެގްރިމެންޓުގެ 03ވަނަ މާއްދާގެ ދަށުން 09 (ނުވައެއް) އަހަރާއި 11 (އެގާރަ) މަސްދުވަހުގެ ކުއްޔަށްވާ ފައިސާ -/40000ރ (ސާޅީސްހާސް ރުފިޔާ) އިބްރާހީމް ޔޫސުފުގެ އަތުން އާމިނަތު މުނާ ނަގައި ބޭނުންކޮށްފައިވާއިރު ޢިމާރާތުގެ ވެރިފަރާތުގެ ސަބަބުން ޢިމާރާތް ނުކުރެވި ހުއްޓިފައިވާ ދުވަސްތަކަށް އެގްރިމެންޓުގެ 09ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން މަހަކަށް -/3000ރ (ތިންހާސް ރުފިޔާ) ގެ ރޭޓުން 48 (ސާޅީސް އަށެއް) މަސްދުވަހަށްވާ -/144000ރ (އެއްލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ) އާމިނަތު މުނާގެ ފަރާތުން އިބްރާހީމް ޔޫސުފަށް ދޭންޖެހޭކަމަށް އެ އެގްރިމެންޓުގައި ކަނޑައަޅާފައިވާއިރު، އެގްރިމެންޓުގެ މިނުކުތާއަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނާބުނުމާއި،
5. އެގްރިމެންޓުގެ 02ވަނަ މާއްދާގައި ކުއްޔަށް ދިން ބިމަކީ ހުސްބިމެއްގެ ގޮތުގައި އޮންނަންޖެހޭ ބިމެއްކަމަށްވެފައި އެ ބިން ހުސްބިމެއްގެ ގޮތުގައި އާމިނަތު މުނާގެ ފަރާތުން އިބްރާހީމް ޔޫސުފާ ޙަވާލުކޮށްފައި ނުވުމުން އެބިން ހުސްކޮށް އިބްރާހީމް ޔޫސުފާ ޙަވާލު ކުރުމަށް އާމިނަތު މުނާއާ ބައްދަލުކޮށް އެތަކެއްފަހަރު ވާހަކަ ދެއްކުމާއި، އެ ބިން ހުސްކުރުމަށް އާމިނަތު މުނާއަށް ސިޓީ ފޮނުވިކަން އެނގެން އޮތްއިރު، އެކަންކަމަށް ޝަރީޢަތުން ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމެވިކަމަށް ބުނާ ބުނުމާއި،
6. އިބްރާހީމް ޔޫސުފް ކުއްޔަށް ހިފި ތަނުގައި މުދަލާއި ތަކެތި ހުރިކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް ޔޫސުފް ބުނުމުން، އެތަނުގައި ހުރި ތަކެއްޗަކީ ކޮން ފަރާތެއްގެ އަދި ކޮން ނަމެއްކިޔާ މީހެއްގެ ތަކެއްޗެއްތޯ ޝަރީޢަތުން އާމިނަތު މުނާއާ ސުވާލު ކުރުމުން، އެތަކެއްޗަކީ އޭނާގެ ކޮއްކޮގެ ތަކެތިކަމަށް ޝަރީޢަތުގެ މަޖިލީހުގައި އޭނާ ބުނި ބުނުމަށް ޝަރީޢަތުން ރިޢާޔަތް ނުކުރެއްވިކަމަށް ބުނާ ބުނުމާއި،
7. ހުސްބިމެއްގެ ގޮތުގައި އޮތުމަށް އެގްރިމެންޓުގައި ބުނާ ބިން އޮތީ ހުސްބިމެއްގެ ގޮތުގައި ނޫންކަމަށްވެފައި، އެތަނުގައި ގިނަ ޢަދަދެއްގެ މުދަލާއި ތަކެތި ހުރިކަން ދަންނާނެ ހެކިން ތިބިކަމަށް ބުނުމުން ހެކިން ޙާޟިރުނުކޮށް އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމެވިކަމަށް ބުނާ ބުނުންކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަކަމަކީ: ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު ކޮންޓްރެކްޓަކީ ދެމީހެއްގެ ނުވަތަ ދެމީހަކަށް ވުރެ ގިނަ ބަޔެއްގެ މެދުގައި ވެވޭ އެއްބަސްވުމެއް ކަމާއި އެފަދަ އެއްބަސްވުމެއް ވާންވާނީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާއި، އިސްލާމްދީނުގެ އަޞްލަކާ ނުވަތަ އިސްލާމީ ޝަރީޢަތާ ޚިލާފުނުވާ ގޮތެއްގެ މަތިން ދެފަރާތެއްގެ ދެމެދުގައި ބަނދެވޭ ބަނދެވުން ތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކާއި، ޤަބޫލުކުރާ ޤަބޫލު ކުރުމެއްގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗަކަށްކަމާއި، ޤާނޫނުން އެހެން ގޮތަކަށް ކަނޑަނާޅާ ނަމަ ކޮންޓްރެކްޓަކީ ވަކި މިވެނިގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ: ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20ވަނަ މާއްދާއަށް ބަލާއިރު ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން އެބައިވެރިއަކު ކުރަންޖެހޭ ކަމާއި، މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ އެ ކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ ކޮންމެވެސް އެހެންގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވުމުން ކަމާއި، އެ ޤާނޫނުގެ 23ވަނަ މާއްދާއަށް ބަލާއިރު ކޮންޓްރެކްޓެއްގެ ބައިވެރިއަކު އެކޮންޓްރެކްޓާ ޚިލާފު ޢަމަލެއް ކޮށްފިނަމަ އެޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް ބަދަލު ދޭންޖެހޭނީ އެ އަމަލެއް ކުރިމީހަކު ކަމާއި، އެގޮތުން ބަދަލު ދޭންޖެހޭނެ ގެއްލުމަކީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމާއި، އެފަދަ ޚިލާފު އަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުންކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަކަމަކީ: މއ.ގުދަނުގެ ބަހައިގެން އާމިނަތު މުނާއަށް ލިބުނު 249.5 އަކަފޫޓުގެ ބިމުގައި 05 (ފަހެއް) ބުރީގެ ޢިމާރާތެއް ކުރުމުގެ ޒިންމާ އުފުލާފައިވާ ފަރާތަކީ އިބްރާހީމް ޔޫސުފްކަން މިދެމީހުންގެ ދެމެދުގައި 2001 އޯގަސްޓް 29ވަނަ ދުވަހު ކުރެވިފައިވާ އެގްރިމެންޓުން އެނގެން އޮންނަކަމާއި، އެ ޢިމާރާތަކީ އިބްރާހީމް ޔޫސުފަށް މީލާދީ 09 (ނުވައެއް) އަހަރާއި 11 (އެގާރަ) މަސްދުވަހަށް ކުއްޔަށްދެވޭ ޢިމާރާތެއް ކަމާއި އެ މުއްދަތުގެ ކުއްޔަކީ -/40000ރ (ސާޅީސްހާސް) ދިވެހި ރުފިޔާކަމާއި، އެފައިސާ މުޙައްމަދު ޔޫސުފްގެ ފަރާތުން އާމިނަތު މުނާއާ ޙަވާލުކުރެވިފައިވާކަމާއި، އެގްރިމެންޓުގައި، ޗާޓު ކުރެހުމަށާއި ހުއްދަ ނެގުމަށާއި ޢިމާރާތް ކުރަން ފެށުމަށް އެގްރިމެޓުގައި ނުހިމެނޭގޮތަށް 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތު ދެވިފައިވާކަން މިދެމީހުންގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުން އެނގެން އޮންނައިރު އެމުއްދަތު ހަމަވިއިރުވެސް އެބިމުގައި ޢިމާރާތެއް ކުރުމުގެ މަސައްކަތް ފެށިފައިނުވާކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަކަމަކީ: އިބްރާހީމް ޔޫސުފާއި އާމިނަތު މުނާއާ ދެމެދު ކުރެވިފައިވާ އެގްރިމެންޓުގެ 02ވަނަ މާއްދާއަށް ބަލާއިރު ކުއްޔަށްދިން ތަން ނުވަތަ ޢިމާރާތް ހުރިގޮތް ކަމުގައި ބަޔާންކޮށްފައިވަނީ "މިތަނަކީ ވަށައިގެން އިންވަކިކުރެވި އެއްވެސް ފާރެއްނެތް ބިމުގެތެރޭގައި އެއްވެސް ފާޑެއްގެ މަސައްކަތެއް ކުރެވިފައިނުވާ ހުސް ބިންކޮޅެއްގެ ގޮތުގައި އޮތް ބިންކޮޅެކެވެ." މިފަދައިން ކަމާއި، ތަން ހަވާލުކުރާނެ ވަކިގޮތެއް އެގްރިމެންޓުގައި ކަނޑައަޅާފައި ނުވާކަމާއި އެހެންކަމުން އެ އެގްރިމެންޓުގައި ސޮއިކުރެވުނު ވަގުތުން ފެށިގެން އެބިމަކީ އިބްރާހީމް ޔޫސުފާއި ޙަވާލު ކުރެވިފައި އޮތް ބިމެއްގެ ގޮތުގައި ބަލަންޖެހޭކަމާއި، އެތަނުގައި އާމިނަތު މުނާ އެއްވެސް އެއްޗެއް ނުބަހައްޓާކަމަށް އާމިނަތު މުނާގެ ފަރާތުން ބުނެފައިވުމާއި، އެބިމަކީ އިބްރާހީމް ޔޫސުފުގެ އަމިއްލަ ޚަރަދުގައި ޢިމާރާތެއް ކުރުމަށް ޙަވާލުކުރެވުނު ބިމަކަށްވާއިރު އެތަނުގައި މީހަކު އެއްޗެއް ބަހައްޓައިފިނަމަ އެ އެއްޗެއް ނަގައި ތަނުގައި މަސައްކަތް ކުރެވޭނެގޮތް ހެދުމަކީ، މިއެގްރިމެންޓަށް ބަލާއިރު އިބްރާހީމް ޔޫސުފުގެ ޒިންމާއެއް ކަމާއި އިބްރާހީމް ޔޫސުފް އެބިމުގައި ޢިމާރާތް ކުރުމަށްޓަކައި ތަނުގެ ޙާލަތު ބަލާފައިވަނީ އެގްރިމެންޓުގައި ސޮއި ކުރުމަށްފަހު އެތަނުގައި ޢިމާރާތް ކުރުމަށްޓަކައި ބޭނުންވާ ކުރެހުން ތައްޔާރު ކުރުމުގެވެސް ފަހުންކަން އިބްރާހީމް ޔޫސުފުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން އިބްރާހީމް ޔޫސުފް އެތަން ކުއްޔަށް ހިފިއިރު އެތަނުގައި އެހެން ފަރާތެއްގެ ތަކެތި ހުރިކަމަށާއި، އެތަން ޢިމާރާތް ނުކުރެވިވަނީ އާމިނަތު މުނާ އެތަން ހުސްނުކުރުމުގެ ސަބަބުންކަމަށް އިބްރާހީމް ޔޫސުފުގެ ފަރާތުން ބުނާ ވާހަކައަކީ މިދެމީހުންގެ ދެމެދުގައި ސޮއި ކުރެވިފައިވާ އެގްރިމެންޓުގައި އިބްރާހީމް ޔޫސުފް އެއްބަސްވެފައިވާ ގޮތާ ޚިލާފު ވާހަކައެއް ކަން އެނގެން އޮންނަ އޮތުމެވެ.
(ކ) ހަތްވަނަކަމަކީ: މިޤަޟިއްޔާއާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި، ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށް ބަލައި އިސްވެ ފާހަގަ ކުރެވުނު ސަބަބުތައް ބުނެވިދިޔަ ގޮތުގެމަތިން ހުރުމާއެކު އިބްރާހީމް ޔޫސުފުގެ ދަޢުވާގައި އާމިނަތު މުނާގެ އަތުން ހޯދުމަށް އެދިފައިވާ ފައިސާ އާމިނަތު މުނާގެ އަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށް މަދަނީކޯޓުގެ ނަންބަރު 1258/MC/2005 ޤަޟިއްޔާގައި ކުރެއްވި ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2007/HC-A/156 ޤަޟިއްޔާއިން ތާއީދުކޮށް މައްސަލަ ނިންމާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބެލެވެން ނެތުމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މަދަނީކޯޓުގެ ނަންބަރު 1258/MC/2005 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/156 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/156 ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށް މިޤަޟިއްޔާ ނިންމީއެވެ.
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.