ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް (ދިވެހި ދައުލަތް)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-S-A/22
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދެ އަމިއްލަ ކުންފުންޏެއްގެ ދެމެދު ސާބިތުވި ދަރަންޏެއްގެ ތަންފީޒީ މަރުޙަލާގައި ދައުލަތުން ޖާމިނުވެފައިވަނީ ދަރަނީގެ އަސްލު ޢަދަދަށް އެކަނިތޯ ނުވަތަ އިންޓްރެސްޓަށްވެސްތޯ؛ އަދި ހައިކޯޓުގެ ނިހާއީ ޙުކުމާ ޚިލާފަށް ދަށުކޯޓުން އިންޓްރެސްޓް ހިމެނޭހެން ފައިސާ ނަގައިދިނުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަރަނި ސާބިތުވެފައިވަނީ ދަރަނިވެރި ފަރާތުގެ މައްޗަށް ކަމަށްވާނަމަ އެ ދަރަނި ދެއްކުމަކީ އެ ފަރާތުގެ ޒިންމާއެވެ؛ ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ދަރަނި ސާބިތުކުރި ޤަޟިއްޔާގައި ޚަޞްމެއްކަމަށް ނުހިމެނޭ ފަރާތެއްގެ މައްޗަށް ދަރަނި ދެއްކުމުގެ އިލްތިޒާމު ބަދަލުކުރުމަކީ ހުއްދަ ކަމެއް ނޫނެވެ؛ އެކަން ހުއްދަވާނީ ހަމައެކަނި ތިންވަނަ ފަރާތެއް ތަންފީޒީ މަޖިލީހަށް ހާޟިރުވެ، އަމިއްލަ ރުހުމުގައި އެ ދަރަނި އުފުލަން އެއްބަސްވާކަމަށް އިޤްރާރުވާ އިސްތިސްނާއީ ޙާލަތެއްގައެވެ (އެޓަރނީ ޖެނެރަލް އޮފީސް ވ. އަޙްމަދު ސިޔާމް).
HN2 ތިންވަނަ ފަރާތެއް ޖާމިނުވާނީ އެ ފަރާތުން އެއްބަސްވި މިންވަރަކަށެވެ؛ ދައުލަތުން ޖާމިނުވެފައިވަނީ މުޢާމަލާތުގެ އަސްލު ޢަދަދަށް (72,500ރ.) އެކަނި ކަމުން، ސާބިތުވި ދަރަނިއަށް އަރާ އިންޓްރެސްޓަށް ދައުލަތުން ޖާމިނުވެފައި ނުވެއެވެ.
HN3 ޝަރުޠު ޖަޒާއީއާ ގުޅޭ ގޮތުން ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، 72,500ރ. ގެ މުޢާމަލާތެއްގައި ޙައްދެއް ނެތި މިފަދަ ބޮޑު އިންޓްރެސްޓެއް ތަބްރީރުކުރެވޭނެ ހަމައެއް ނެތެވެ.
HN4 ދައުލަތާ އެއްކޮޅަށް ހައިކޯޓުގެ ޙުކުމް އޮއްވައި ދައުލަތުން އިންޓްރެސްޓް ހިމެނޭހެން ކޯޓަށް ފައިސާ ޖަމާކުރުމަކުން ދައުލަތާއި ދަރަނި ލިބެންޖެހޭ ފަރާތާ ދެމެދު ތަޢާގުދީ (ކޮންޓްރެކްޗުއަލް) ގުޅުމެއް ނުއުފެދެއެވެ؛ އެ ދެފަރާތުގެ ދެމެދު އުފެދިފައިވާ ގުޅުމަކީ ތަންފީޒީ މައްސަލައެއްގައި ތިންވަނަ ފަރާތެއްގެ ޙައިޘިއްޔަތުން ޝަރީޢަތުގެ މަޖިލީހުގައި ދަރަންޏަށް ޖާމިނުވުމެވެ.
HN5 އިސްތިއުނާފު ނުކުރެވި ނިހާއީވެފައިވާ ހައިކޯޓުގެ ޙުކުމާ ޚިލާފަށް ދަށު ކޯޓަކުން ފައިސާ ނަގައިދިނުމަކީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުމަށް ދަށު ކޯޓުތައް ތަބާވާން ޖެހޭކަމަށް ބަޔާންކުރާ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޢަލީ ރަޝީދު ޙުސައިން، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު
ޙުސައިން ޝަހީދު ތާއީދު ކުރައްވާފައި) ތަޢާރަފް
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-S-A/22 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ދެކި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ (މީގެ ފަހުން "ވިމަސް މޯލްޑިވްސް" މިހެން އިޝާރާތްކޮށްފައިވާ) ފަރާތުން މިނިސްޓްރީ އޮފް ފިނޭންސްގެ (ދިވެހި ދައުލަތް) (މީގެ ފަހުން " ފިނޭންސް މިނިސްޓްރީ" ނުވަތަ "ދިވެހި ދައުލަތް" މިހެން އިޝާރާތްކޮށްފައިވާ) މައްޗަށް ރައްދުވާ ގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/35 ޤޟިއްޔަ އިންނެވެ.
2މި އިސްތިއުނާފުގައި ޙަވާލާދެނީ ދެފަރާތެއްގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތެއްގައި ސާބިތު ވެފައިވާ ދަރަނި ފައިސާ އަކަށް ދައުލަތުން ޖާމިނުވެފައިވޭތޯ ކުރެވޭ ސުވާލެއް ހިމެނޭ ބަހުސެއްގެ މައްޗަށެވެ.
ކަންހިނގާފައިވާގޮތުގެ ޚުލާސާ
3މިގޮތުން، ސުނާމީ ކާރިސާއާ ގުޅިގެން ޕާރފޯމަންސް ބިލްޑަރސް ކޯޕަރޭޝަން (މީގެ ފަހުން "ޕާރފޯމަންސް ބިލްޑަރސް" މިހެން އިޝާރާތްކޮށްފައިވާ) ގެ ފަރާތުން ގއ. ވިލިނގިލީގައި ކޮށްފައިވާ އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ދޮންވެލި އެ ކުންފުންޏަށް ސަޕްލައިކޮށްފައިވާ ފަރާތެއް ކަމުގައިވާ ވިމަސް މޯލްޑިވްސް އަށް އެކަމުގެ އުޖޫރައިގެ ގޮތުގައި ލިބެންވާ 72,500ރ. (ހަތްދިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) ނުލިބިގެން ވިމަސް މޯލްޑިވްސް އިން ޕަރފޯމަންސް ބިލްޑަރސްގެ މައްޗަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ދައުވާކުރިއެވެ. މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާ އިންނެވެ. އަދި މިއީ މި މުޢާމަލާތުގައި ހިމެނޭ މައުޟޫއީ ޤަޟިއްޔާއެވެ. ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާ
4ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާ އަކީ ވިމަސް މޯލްޑިވްސް އާ ޕާރފޯމަންސް ބިލްޑަރސް އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ވިމަސް މޯލްޑިވްސްގެ ފަރާތުން ޕާރޯފަމަންސް ބިލްޑަރސް އަށް ސަޕްލައިކޮށްދީފައިވާ ދޮންވެލީގެ އަގުގެ ތެރެއިން ނުލިބިވާ 72,500ރ. (ހަތްދިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) އާއި 2010 ވަނަ އަހަރުގެ މޭ މަހުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ބާކީ އޮތް ޢަދަދުގެ 2% އިންޓްރެސްޓުގެ ގޮތުގައި ދޭން އެއްބަސްވެފައިވާތީ އެ ފައިސާ ޕާރފޯމަންސް ބިލްޑަރސް އިން ލިބިގަތުމަށްޓަކައި ވިމަސް މޯލްޑިވްސްގެ ފަރާތުން އެ ކޯޓުގައި ދަޢުވާކުރުމުން ބެލުނު މައްސަލައެކެވެ.
5މި ޤަޟިއްޔާގައި އެ ކޯޓުން 29 ސެޕްޓެންބަރު 2011 ގައި ޙުކުމްކޮށްފައި ވަނީ، ވިމަސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ދަޢުވާ ސާބިތުވާ ކަމަށާއި 72,500ރ. (ހަތްދިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) އާއި 01 ޖޫން 2010 އިން ފެށިގެން އެ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމައަށް ދުވާލަކަށް %2 އިންޓްރެސްޓާއެކު ވިމަސް މޯލްޑިވްސްއަށް ދެއްކުމަށް ޕާރފޯމަންސް ބިލްޑަރސް ގެ މައްޗަށް އަމުރުކޮށެވެ.
6ޕާރފޯމަންސް ބިލްޑަރސް ފަރާތުން މި ޤަސިއްޔާގައި ކޮށްފައިވާ ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ، މި ޤަޟިއްޔާ ތަންފީޒުކުރުމަށް އެދި ވިމަސް މޯލްޑިވްސްގެ ފަރާތުން 08 އޮކްޓޫބަރު 2011 ގައި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 160/P2C/2011 ޤަސިއްޔާއިންނެވެ.
ޙުކުމް ތަންފީޒުކުރުން
7ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 160/P2C/2011 ޤަޟިއްޔާ އެ ކޯޓުގައި ހިނގަމުން ދަނިކޮށް އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އިން އިންފްރާސްޓްރަކްޗަރ ("ހައުސިންގ މިނިސްޓްރީ") އިން ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިޓީއެއް ފޮނުވާފައި ވެއެވެ. އެ ސިޓީގައި އެހާތަނަށް ޕާރޑޯމަންސް ބިލްޑަރސް އިން ކޮށްފައިވާ މަސައްކަތްތަކަށް ނުދެވިހުރި ފައިސާއެއްވާނަމަ އެކަން އަގުކޮށް މަޝްރޫޢު ހިނގަމުންދާ ރަށްރަށުގެ އެކި ފަރާތްތައް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާ މިނިސްޓްރީގެ ފަރާތުން ހަމަޖެހޭ އުޞޫލުތަކުގެ މަތިންދީ ޚަލާސްކުރުމަށް ނިންމާފައިވާ ކަމަށް ބަޔާންކޮށްފައި ވެއެވެ.
8އިސްވެ ދެންނެވުނު ސިޓީ އާ ޙަވާލާދީ، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާގައި ޕާރފޯމަންސް ބިލްޑަރސް އިން ވިމަސް މޯލްޑިވްސްއަށް ދިނުމަށް ޙުކުމްކޮށްފައިވާ 72,500ރ. (ހަތްދިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) އާއި 01 ޖޫން 2010 އިން ފެށިގެން އެ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމައަށް ދުވާލަކަށް %2 އިންޓްރެސްޓަށް 03 އޮކްޓޫބަރު 2013 އާ ހަމައަށް އަރާފައިވާ 1,767,550ރ. (އެއްމިލިއަން ހަތްލައްކަ ފަސްދޮޅަސް ހަތްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އާއި އެކު ޖުމްލަ -/1840050ރ. (އެއް މިލިއަން އަށްލައްކަ ސާޅީސްހާސް ފަންސާސް ރުފިޔާ) ވިމަސް މޯލްޑިވްސް އަށް ލިބިދިނުމަށްޓަކައި 06 އޮކްޓޫބަރު 2013 އިން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި އެ ކޯޓުގެ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށް އަންގައި ފިނޭންސް މިނިސްޓްރީގެ މައްޗަށް ރައްދުވާ ގޮތަށް 06 އޮކްޓޫބަރު 2013 ގައި އެ ކޯޓުގެ ނަންބަރު P2C-A/2013/11 ކޯޓު އަމުރު ނެރުނެވެ.
9އިސްވެ ބަޔާންކުރެވުނު ކޯޓު އަމުރު ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ޙުކުމް ތަންފީޒުގެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި 04 ނޮވެންބަރު 2014 ގައި މި ދެންނެވި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 160/P2C/2011 ޤަޟިއްޔާ އިން ޙުކުމްކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ޤަޟިއްޔާ
10މިއީ މި މުޢާމަލާތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމައްޗަށް ހުށަހެޅުނު ފުރަތަމަ މައްސަލައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ޤަޟިއްޔާ އަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު P2C-A/2013/11 ކޯޓު އަމުރު ދައުލަތުގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފު ކުރެވުމުން ބެލުނު ޤަޟިއްޔާ އެވެ. މި ޤަޟިއްޔާގައި 27 ނޮވެންބަރު 2014 ގައި ޙުކުމްކޮށްފައިވަނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު P2C-A/2013/11 ކޯޓު އަމުރު ބާޠިލު ކަމަށް ކަނޑައަޅައެވެ. މި ގޮތަށް ނިންމުމުގައި އަންނަނިވި ކަންކަން އެ ކޯޓުން ފާހަގަކޮށްފައި ވެއެވެ.
10.1. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ބެލުނު 43/P2C/2010 ޤަޟިއްޔާ އާއި ނަންބަރު 160/P2C/2011 ޤަޟިއްޔާ ތަކަކީ އަމިއްލަ ދެ ކުންފުންޏެއްގެ ދެމެދުގައި އުފެދިފައިވާ ފައިސާއާބެހޭ މައްސަލަތަކެއް ހިމެނޭ ޤަޟިއްޔާ ތަކަކަށްވާއިރު، ދައުލަތަކީ އެ ޤަޟިއްޔާގައި އެއްވެސް ހައިސިއްޔަތެއް ހިމެނިފައިވާ ފަރާތެއް ނޫންކަން؛
10.2 ޒާމިނުކުރެވޭނީ، ފައިސާ ލިބެންވީ ފަރާތް އެއްބަސްވުމުގެ އިތުރުން އަދި އެ ތިންވަނަ ފަރާތަކުން އެ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވާނަމަ، އެ ފައިސާއެއް ދެއްކުމަށް އެއްބަސްވާ މިންވަރަކަށާއި ގޮތަށް އެކަނިކަމަށް އެނގެން އޮންނަކަން؛
10.3 ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު P2C-A/2013/11 ކޯޓު އަމުރުގައި ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވަނީ ދިވެހި ދައުލަތް އެކަމުގައި ނުހިމެނޭ، އަމިއްލަ ދެފަރާތެއްގެ މެދުގައި ހިނގާފައިވާ މުޢާމަލާތެއް ކަމުގައި ވުމުން ދިވެހި ދައުލަތުން ދެއްކުމަށް އެއްބަސްވެފައިވަނީ ހަމައެކަނި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތުގެ އަސްލު އަގަށްވާ ފައިސާ އެކަނި ކަމަށާއި އެ ނޫން އެއްވެސް ފައިސާއެއް ދެއްކުމަށް އިންކާރު ކުރާކަން އެނގެން އޮތްކަން؛
10.4 ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި ޕާރފޯމަންސް ބިލްޑަރސްގެ މައްޗަށް ސާބިތުވެފައިވާ ފައިސާގެ ތެރެއިން ދައުލަތުން ދެއްކުމަށް އެއްބަސްވެފައިވާ ފައިސާގެ އިތުރުން އެހެން އެއްވެސް ފައިސާއެއް ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް ޝަރީޢަތުން އަމުރުކުރެވިގެން ނުވާނެކަން؛
10.5 މި މައްސަލައިގައި ހިމެނޭ ފައިސާ އަކީ ޕާރފޯމަންސް ބިލްޑަރސްގެ ފަރާތުން ވިމަސް މޯލްޑިވްސްއަށް ދައްކަންޖެހޭ ކަމަށް ޝަރީޢަތުން ސާބިތުވެފައިވާ ފައިސާއެއްކަމުގައި ވީނަމަވެސް، އެ ފައިސާގެ ތެރޭގައި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތުގެ އަސްލު އަގަށްވާ ފައިސާގެ އިތުރުން އިންޓްރެސްޓް ފައިސާ ހިމެނިފައި ވުމާއިއެކު، އެ ފައިސާ އެކުގައި ދިނުމަށް ދިވެހި ދައުލަތުގެ މައްޗަށް ޝަރީޢަތުން އަމުރުކުރާނެ ތަނެއް ނެތްކަން؛
10.6. އެހެންނަމަވެސް، ޕާރފޯމަންސް ބިލްޑަރސް އިން އެހެން ފަރާތަކަށް ފައިސާއެއް ދައްކަންޖެހޭ ކަމަށް ޝަރީޢަތުން ސާބިތުވެގެން އެ ފައިސާ ހޯދުމަށް، އެ ފައިސާ ލިބެންޖެހޭކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާ ފަރާތަކުން ހައުސިންގ މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، އެ ފަރާތާއި ޕާރފޯމަންސް ބިލްޑަރސް އާއި ދެމެދު އެއްބަސްވެފައިވާ އަސްލު އަގަށްވާ ފައިސާ ހައުސިންގ މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ މަތިން އަދި ޤާނޫނާއި ޤަވާޢިދުގެ މަތިން އެ މިނިސްޓްރީ އިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު، އެ ފަރާތްތަކަށް ދިނުމަށް ދިވެހި ދައުލަތުން ނިންމާފައިވާކަން އެނގެން އޮތުމާއި، މިފަދަ އެހެން މުޢާމަލާތް ތަކުގައި ޕާރޯފަމަންސް ބިލްޑަރސްގެ ފަރާތުން ފައިސާ ލިބެންޖެހޭ ފަރާތްތަކަށް ދިވެހި ދައުލަތުގެ ފަރާތުން ފައިސާ ދައްކާ ޚަލާޞްކޮށްފައިވާކަން އެނގެން އޮތުމާއި، ވިމަސް މޯލްޑިވްސް އަށް ޕާރފޯމަންސް ބިލްޑަރސްގެ ފަރާތުން ލިބެންޖެހޭ އަސްލު އަގަށްވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ލިބިފައިނުވާ ކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާ 72,500ރ. (ހަތްދިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) ހޯދުމަށް އެ ކުންފުނީގެ ފަރާތުން ދިވެހި ދައުލަތަށް ހުށަހަޅައިފިނަމަ ދިވެހި ދައުލަތުގެ ފަރާތުން އެ ފައިސާ ލިބިދޭންޖެހޭނެކަމަށް މި ޤަޟިއްޔާގައި ފާހަގަކޮށްފައި ވެއެވެ.
ފައިސާ ޖަމާކުރުން
11ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު P2C-A/2013/11 ކޯޓު އަމުރު ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅިފަހުން، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 160/P2C/2018 ޤަޟިއްޔާ އާ ޙަވާލާދީ އެ ޤަޟިއްޔާގައި ފިނޭސް މިނިސްޓްރީގެ މައްޗަށް ކޮށްފައިވާ ކޯޓު އަމުރުގައިވާ 1,840,050.00ރ. (އެއް މިލިއަން އަށްލައްކަ ސާޅީސްހާސް ފަންސާސް ރުފިޔާ) ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ އެކައުންޓަށް 29 ނޮވެންބަރު 2018 ގައި ޖަމާކުރެވިފައިވާ ކަމަށް 03 ޑިސެންބަރު 2018 ގައި އެ މިނިސްޓްރީން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އެންގިއެވެ.
12ބުނެވުނު ފައިސާ 05 ޑިސެންބަރު 2018 ގައި ފިނޭންސް މިނިސްޓްރީން އިން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ޖަމާކުރެވިފައިވާކަން އެ މިނިސްޓްރީ އިން ވިމަސް މޯލްޑިވްސްއަށް އެންގިއެވެ.
1304 ޑިސެންބަރު 2018 ގައި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ސިޓީގައި އެ ކޯޓުގެ ނަންބަރު P2C-B/13/2018 ސިޓީގައި، އެ ކޯޓުގެ ނަންބަރު P2C-A/2013/11 ކޯޓު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކޮށްފައިވާތީ، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާގެ ތެރެއިން އެ ފައިސާ ދިނުމަށް އެދެފިނަމަ، އެ ފައިސާ ދޫކުރެވިދާނެ ކަމަށް އަންގައި އެ މިނިސްޓްރީގެ ސިޓީގައި ޙަވާލާދީފައިވާ ޤަޟިއްޔާ ނަންބަރު އިސްލާޙުކޮށް ދިނުމަށް އެދުނެވެ.
14އިސްވެ ބަޔާންކުރެވުނު ސިޓީގެ ޖަވާބުގައި 11 ޑިސެންބަރު 2018 ގައި ފިނޭންސް މިނިސްޓްރީ އިން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ފޮނުވި ސިޓީގައި އިތުރަށް ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށްފަހު މެނުވީ ފިނޭންސް މިނިސްޓްރީ އިން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ވިމަސް މޯލްޑިވްސްއަށް ދޫކުރެވެން ނެތް ކަމަށާއި އެ ފައިސާ އެމް.އެމް.އޭ ގައި އޮންނަ ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ވަރަށް އަވަހަށް ޖަމާކޮށް ދިނުމަށް އެދިފައިވެއެވެ.
15ވިމަސް މޯލްޑިވްސް އިން ފިނޭންސް މިނިސްޓްރީއަށް ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ޤަޟިއްޔާއިން ބާޠިލުކޮށްފައިވާ އަމުރަކަށްވާތީ، އެ އަމުރުގައި ބަޔާންކޮށްފައިވާ ފައިސާ އެ ކުންފުންޏާ ޙަވާލުކުރުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ޖަމާކުރެވުނީ އޮޅުމަކުން ކަމަށް އެ މިނިސްޓްރީގެ ފަރާތުން ވިމަސް މޯލްޑިވްސްއަށް 20 ޑިސެންބަރު 2018 ގައި އެންގިއެވެ.
16ހަމަ އެ ތާރީޚުގައި އެ މިނިސްޓްރީގެ ފަރާތުން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ފޮނުވި ސިޓީގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން އެ ކޯޓުގެ އެކައުންޓަށް ޖަމާކުރެވުނު ފައިސާ އެމް.އެމް.އޭ ގެ ޕަބްލިކް އެކައުންޓަށް ޖަމާކުރެވުނު ތާރީޚު އަންގައިދިނުމަށާއި ޖަމާކުރެވިފައިނުވާނަމަ ވީ އެންމެ އަވަހަކަށް އެ ފައިސާ ޖަމާކުރުމަށްފަހު އެކަން އެ މިނިސްޓްރީއަށް އަންގައި ދިނުމަށް އެދުނެވެ. އިސްތިއުނާފުކުރެވޭ މައްސަލައިގެ ދަށު ކޯޓުގެ ނިންމުން
17ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާގެ ޙުކުމް ދެވަނަ ފަހަރަށް ތަންފީޒުކުރުމަށް 18 ޑިސެންބަރު 2018 ގައި ވިމަސް މޯލްޑިވްސްގެ ފަރާތުން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބާލަފައިވަނީ އެ ކޯޓުގެ ނަންބަރު 251/P2C/2018 ޤަޟިއްޔާއިންނެވެ.
18އެ ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާ އާ ގުޅިގެން ދައުލަތުން ދޭންޖެހޭ ޕްރިންސިޕަލް އެމައުންޓުގެ އިތުރުން އިންޓްރެސްޓް ފައިސާއަކީ މި މައްސަލައިގައި ވިމަސް މޯލްޑިވްސްއަށް ލިބިދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި، މި ފައިސާގެ ތެރެއިން ވިމަސް މޯލްޑިވްސްއަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އެ ކޯޓުގެ އެކައުންޓަށް ޖަމާކޮށްފައިވާ 1,840,050ރ. (އެއްމިލިއަން އަށްލައްކަ ސާޅީސްހާސް ފަންސާސް ރުފިޔާ) ވިމަސް މޯލްޑިވްސްއަށް ދޫކުރުމުގެ ޤާނޫނީ ހުރަހެއް ނެތަތީ އެ ފައިސާ ދޫކުރުމަށް އަންގައި، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާއާ ގުޅިގެން އިތުރަށް ދޭންޖެހޭ 2,769,500ރ. (ދެ މިލިއަން ހަތްލައްކަ ފަސްދޮޅަސް ނުވަހާސް ފައްސަތޭކަ ރުފިޔާ) ވިމަސް މޯލްޑިވްސްއަށް ލިބިދިނުމަށްޓަކައި 2 ޖަނަވަރީ 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ކޯޓުގެ އެކައުންޓަށް ޖަމާކުރުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގައެވެ.
19އިސްވެ ބަޔާންކުރެވުނު ގޮތަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
19.1. ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު P2C-A/2013/11 ކޯޓު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ޤަޟިއްޔާއިން ބާޠިލުކޮށްފައިވާތާ 4 އަހަރެއްހާ ދުވަސްފަހުން، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު P2C-A/2013/11 ކޯޓު އަމުރުގައި ވިމަސް މޯލްޑިވްސްއަށް ދެއްކުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވާ ފައިސާ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ޖަމާކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ނަންބަރު 13-C/P02C/2018/01 (03 ޑިސެންބަރު 2018) ސިޓީ އާއި ނަންބަރު 13-C/PRIV/2018/626 (05 ޑިސެންބަރު 2018) ސިޓީން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށާއި ވިމަސް މޯލްޑިވްސްއަށް އަންގާފައިވާކަން އެނގެން އޮންނަކަން.
19.2. މިނިސްޓްރީން ޖަމާކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޕްރިންސިޕަލް އެމައުންޓާއި އިންޓްރެސްޓް ފައިސާވެސް ހިމަނައިގެންކަމާއި މިއީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާއިން ޕާރގޯމަންސް ބިލްޑަރސްގެ މައްޗަށް ސާބިތުވެފައިވާ ފައިސާއަށް ދައުލަތުން ޖާމިނުވެފައިވާކަމަށް ދަލީލު ލިބޭ ކިތާބީ ހެކިތަކެއްކަން.
19.3. މި ސިޓީތަކަކީ އިދާރީ އޮޅުމަކުން ފޮނުވިފައިވާ ސިޓީތަކެއްކަމަށް ދައުލަތުން ބުނި ކަމުގައިވިޔަސް މިފަދަ ބޮޑުކަމެއް އޮޅިގެން ކުރެވިދާނެ ކަމަށް ޝަރީޢަތަށް ގަބޫލުނުކުރެވޭތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ޤަޟިއްޔާއިން ބެލި މައްސަލަ ނިމިފައިވަނީ ދައުލަތާ އެއްކޮޅަށް ކަމަށްވީއިރު، އެ ޤަޟިއްޔާ އާ އެއްގޮތަށްވެސް އަދި އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ނިމުމަކަށް ގެނެސް ދައުވާކުރާ ފަރާތަށް ފައިސާ ދޫކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނިންމިތާ 4 އަހަރުފަހުން އެ ފައިސާ ދިނުމަށް ދައުލަތުން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ދެންނެވި ޤަޟިއްޔާ ނިމުމަކަށް ގެނެސް، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެ ފައިސާ ވިމަސް މޯލްޑިވްސްއަށް ހެޔޮނިޔަތުގައި ދިނުމަށް ދައުލަތުން ބޭނުންވެގެން ނިންމި ނިންމުމެއްކަމަށް ޝަރީޢަތަށް ގަބޫލުކުރެވޭތީކަން.
20ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މި ޤަޟިއްޔާ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފުކުރެވޭ މައްސަލައިގެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
21ދައުލަތުގެ ފަރާތުން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-S-A/22 ޤަޟިއްޔާ އިންނެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 251/P2C/2018 ޤަޟިއްޔާގައި ނިންމި ނިންމުން ބާޠިލުކަމަށް ކަނޑައަޅައެވެ.
22ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބުނެވުނު ނަތީޖާއަށް ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.
22.1 ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 251/P2C/2018 ޤަޟިއްޔާގެ ޙުކުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށާއި، އެ ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ވިމަސް މޯލްޑިވްސްއަށް ނަގައިދީފައިވާ ފައިސާ ނަގައިދީފައިވަނީ އެ ފައިސާއަށް ދައުލަތުން ޖާމިނުވެ، އެ ފައިސާ ވިމަސް މޯލްޑިވްސްއަށް ދެއްކުމަށް އެއްބަސްވެގެން ކަމުގައި ބަލާނެ ތަނެއް ނެތްކަން.
22.2 ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 160/P2C/2011 ޤަޟިއްޔާގައި ނެރުނު ނަންބަރު 2014/HC-A/193 ކޯޓު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު P2C-A/2013/11 ޤަޟިއްޔާއިން ބާޠިލުކޮށްފައިވުމުން، އެ އަމުރުގައިވާ ފައިސާ 29 ނޮވެންބަރު 2018 ގައި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ އެކައުންޓަށް ޖަމާކުރި ކުރުމަކީ އެ ފައިސާ ވިމަސް މޯލްޑިވްސްއަށް ދިނުމަށް ދައުލަތުގެ ފަރާތުން ޖާމިނުވެގެން އެ ފައިސާ ދިނުމަށް އެއްބަސްވެ ޖަމާކުރި ކުރުމެއްނޫންކަން ސާފުކޮށް އެނގެން އޮންނަކަން.
23މި ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ވިމަސް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް
24ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-S-A/22 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ވިމަސް މޯލްޑިވްސްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާފައި ވެއެވެ.
(ހ) ފުރަތަމަ ނުކުތާ އަކީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާ އާއި އެއްގޮތަށް ވިމަސް މޯލްޑިވްސްއަށް ފައިސާ ދޫކުރުމަށް ކަނޑައެޅުއްވި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 251/P2C/2018 ޤަޟިއްޔާގައި ކަނޑައެޅި ކަނޑައެޅުއްވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމުގައި ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަން.
(ށ) ދެވަނަ ނުކުތާ އަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނަށް ރިޢާޔަތްކުރާއިރު، ކޮންޓްރެކްޓެއް ވަކި ގޮތަކަށް އޮތުން ލާޒިމުނުކުރާ ކަމާއި އަދި އެ ޤާނޫނުގެ 7 އަދި 9 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ހުށަހެޅުމެއް ހުށަހެޅުމަށްފަހު އެ ހުށަހެޅުން ޤަބޫލުކޮށް އެކަން އެންގުމުން އެ ހުށަހެޅުން ޤަބޫލުކުރީ ކަމަށް ބަލަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރެވޭ މި މައްސަލައިގައި ޙަވާލާދެވޭ ފައިސާއަށް ދައުލަތުން ޖާމިނުވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ އިސްވެ ދެންނެވި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4، 7 އަދި 9 ވަނަ މާއްދާއާ ޚިލާފަށްކަން.
އިސްތިއުނާފީ ނުކުތާތަކުގެ ޚުލާސާ
25މި އިސްތިއުނާފުގައި އޮތީ ދެ ނުކުތާއެކެވެ. ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވަނީ، ވިމަސް މޯލްޑިވްސް އަށް ފައިސާ ދޫކުރުމަށް ދަށު ކޯޓުން ކަނޑައަޅާފައި އޮންނަ އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުމަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭނެކަމަށް އޮންނަ އޮތުމާ ޚިލާފުވުންކަމަށް ދެކި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން މި މުޢާމަލާތުގައި ކަން ހިނގާފައިވާގޮތުގެ މައްޗަށް ބަލައި ރަނގަޅު ނޫންކަމަށް ދެކި ވިމަސް މޯލްޑިވްސްގެ ފަރާތުން ތައުނުކުރާކަންކަމުގެ މައްޗަށެވެ. ދެވަނަ އޮތް ނުކުތާގައި ޙަވާލާދެވެނީ ދައުލަތުން ފައިސާ ދެއްކުމަށް ޖާމިނުވެފައިވަނީ މި މުޢާމަލާތުގެ އަސްލު ޢަދަދާއި އިންޓްރެސްޓް ހިމެނޭހެންކަމަށް ވިމަސް މޯލްޑިވްސް ދެކެއެވެ.
26އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ދައުލަތުން ފައިސާ އަށް ޖާމިނުވެފައި ނުވާކަމަށް ދެކި ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އޮތުން ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފުވާކަމާއި، އަދި މިގޮތަށް ވިމަސް މޯލްޑިސްގެ ފަރާތުން ބުނާ ސަބަބަކީ ކޮންޓްރެކްޓަކީ މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމާއި، ދައުލަތުން އިންޓްރެސްޓް ފައިސާ ހިމެނޭހެން ވިމަސް މޯލްޑިވްސް އަށް ފައިސާ ދައްކާފައި އޮތުމުން، ދައުލަތުން އެ ފައިސާއަށް ޖާމިނުވެފައިވާކަން އެނގޭ ކަމަށެވެ.
27މި ބުނެވުނު ކަންކަމަށް ދައުލަތުން އިންކާރުކުރެއެވެ. އަދި ދައުލަތުން މި މުޢާމަލާތުގައި ޙަވާލާދެވޭ ފައިސާއަކަށް ޖާމިނުވެފައި ވަނީ މި މުޢާމަލާތުގައި ހިމެނޭ އަސްލު ޢަދަދު އެކަނި ކަމާއި، އަދި މުޢާމަލާތުގައި ހިމެނޭ ފައިސާ ދޫކުރެވިފައިވަނީ އޮޅުމަކުންކަމާއި، އެކަން އެނގުނު ހިސާބުން ފިޔަވަޅުތަށް އަޅައި އެ ފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް އެންގި މި ފައިސާ ހޯދުމުގެ ދައުވާ ދަށުކޯޓުގައި މިހާރު ކުރިޔަށްދާކަމަށެވެ.
28އެހެންކަމުން، މި އިސްތިއުނާފުގައި އޮތް ޖަދަލަކީ ދައުލަތުން މި މުޢާމަލާތުގައި ހިމެނޭ ފައިސާއަށް ޖާމިނުވިގޮތާ ގުޅޭގޮތުންކަން އެނގެއެވެ. މިކަން ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ރުޖޫޢަ ވާންޖެހެނީ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށެވެ.
މުޢާމަލާތު
29މި މުޢާމަލާތުގައި ކަންހިނގާފައިވާ ގޮތުގެ ތަފްސީލުތައް ކުރިން ބަޔާންކުރެވިފައި ވާނެއެވެ. މި މުޢާމަލާތަކީ ވިމަސް މޯލްޑިވްސް އާއި ދައުލަތާ ދެމެދު ހިނގާފައިވާ މުޢާމަލާތެއް ނޫނެވެ. މި މުޢާމަލާތަކީ ވިމަސް މޯލްޑިވްސް އާއި ޕާރގޯމަންސް ބިލްޑަރސް އާ ދެމެދު ހިނގާފައިވާ މުޢާމަލާތެކެވެ. ކުރެވުނު މުޢާމަލާތަކީ ވިމަސް މޯލްޑިވްސް އިން ޕާރފޯމަންސް ބިލްޑަރސް އަށް ދޮންވެލި ސަޕްލައިކޮށްދިނުމެވެ. މި ފައިސާ ދައްކަންޖެހޭ ފަރާތަކީ ޕާރފޯމަންސް ބިލްޑަރސް އިން ވިމަސް މޯލްޑިވްސް އަށެވެ.
30މިގޮތުން ވިމަސް މޯލްޑިވްސް އިން ޕާރޑޯމަންސް ބިލްޑަރސް އަށް ސަޕްލައިކޮށްފައިވާ ދޮންވެލީގެ އަގުގެ ތެރެއިން ނުލިބިފައިވާ ފައިސާ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާގައި ޕާރފޯމަންސް ބިލްޑަރސް އިން ވިމަސް މޯލްޑިވްސްއަށް ދިނުމަށް ޙުކުމްކޮށްފައިވާ 72,500ރ. (ހަތްދިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) އާއި 01 ޖޫން 2010 އިން ފެށިގެން އެ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމައަށް ދުވާލަކަށް %2 އިންޓްރެސްޓް އާ އެކީގައި ދެއްކުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޕާރޑޯމަންސް ބިލްޑަރސްގެ މައްޗަށް ޙުކުމް ކުރިއެވެ. އެހެންކަމުން ދަރަނި ސާބިތުވެފައިވަނީ ޕާރޑޯމަންސް ބިލްޑަރސްގެ މައްޗަށެވެ. ދައުލަތުގެ މައްޗަކަށް ނޫނެވެ.
31މި މުއާމަލާތުގެ ތެރެއަށް ދައުލަތުން ޝާމިލުވެފައިވަނީ މި ފައިސާ ނުލިބިގެން ހިންގުނު ތަންފީޒީ ފުރަތަމަ މައްސަލަ ކަމުގައިވާ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 160/P2C/2011 ޤަސިއްޔާގެ ތެރެއިންނެވެ. އެގޮތުން މި ޤަޟިއްޔާގެ ތެރެއިން ހައުސިންގ މިނިސްޓްރީން ކަނޑައަޅައި އުޞޫލެއްގެ ތެރެއިން ދައުލަތުން ފައިސާ ދައްކާނެ ކަމަށް އިޤްރާރުވެފައިވާތީވެ ކަމަށް ބަޔާންކޮށް، މި މުޢާމަލާތުގައި ހިމެނޭ ފައިސާގެ އަސްލު ޢަދަދާއި އިންޓްރެސްޓް ފައިސާ ދައުލަތުގެ މައްޗަށް ދައްކަން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު އަމުރު އިން P2C-A/2013/11 ޙުކުމްކޮށް ފައެވެ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން މި ނިންމުމަށް ވާސިލުވެފައިވަނީ ގއ. އަތޮޅުގައި ކުރިއަށްދިޔަ ސުނާމީ ކާރިސާއާ ގުޅިގެން ހިންގުނު ހައުސިންގ މަޝްރޫޢުގެ ސަބް-ކޮންޓްރެކްޓަރ އެއްކަމުގައިވާ މި މުޢާމަލާތުގައި ޙަވާލާދެވޭ ޕާރފޯމަންސް ބިލްޑަރސް އިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އެކިއެކި ފަރާތްތަކަށް ނުލިބިވާ ފައިސާއަށް ހަމަޖެހޭ އުޞޫލެއްގެ ތެރެއިން ދައްކާ ޚަލާސްކުރާނޭކަމަށް ބަޔާންކޮށްފައިވާ ހައުސިންގ މިނިސްޓްރީގެ ސިޓީއެއް ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅި އެ ސިޓީގައިވާ ކަންކަން ކަށަވަރު ކުރުމަށް ފަހުގައެވެ.
32HN5ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2014/HC-A/193 ޤަޟިއްޔާއިން ކަނޑައަޅާފައިވަނީ އިންޓްރެސްޓް ފައިސާއަށް ދައުލަތުން ޖާމިނުވެފައިވާކަން އެނގެން ނެތްކަމަށް ކަނޑައަޅައި ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާޠިލުކޮށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުން އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައި ނުވެއެވެ. އެހެންކަމުން، އެއީ ނިހާއީ ޙުކުމެކެވެ.
33މިއަށްފަހު، ކަންހިނގާފައިވާ ގޮތަކީ މި ދެންނެވި ދެ ޙުކުމް ދެމި އޮތްވައި އިންޓްރެސްޓް ފައިސާ ހިމެނޭހެން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން ފައިސާ ޖަމާކުރީއެވެ. މި ފައިސާ ޖަމާކޮށްފައިވަނީ ވިމަސް މޯލްޑިވްސްގެ އެދުމުގެ މަތިން ފިނޭންސް މިނިސްޓްރީން ނެވެ.
34ފައިސާ ޖަމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ޤަޟިއްޔާއިން ބާޠިލުކޮށްފައިވާ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ P2C-A/2013/11 އަމުރާ ޙަވާލާދެވިއެވެ. މިހެން މިކަން ހިނގާފައިވާތީވެ ފައިސާ ވިމަސް މޯލްޑިވްސް އަށް ދޫކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ސިޓީ އިސްލާޙުކޮށްދިނުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ފިނޭންސް މިނިސްޓްރީގައި އެދުނެވެ. މީގެ ޖަވާބުގައި އެ މިނިސްޓްރީން ބަޔާންކޮށްފައިވަނީ ފައިސާ ޖަމާކުރެވިފައިވަނީ އޮޅުމަކުން ކަމާއި މި ފައިސާ އަނބުރާ ދައުލަތުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި އެދުނެވެ.
35މިހެން މިކަން ހިނގާފައިވަނިކޮށް މި ފައިސާ ހޯދުމުގެ ތަންފީޒީ މައްސަލައެއް އަލުން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ވިމަސް މޯލްޑިވްސް އިން ހުށަހެޅުމުން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ދައުލަތުގެ މައްޗަށް ފައިސާ ދެއްކުމަށް ދެވަނަ ފަހަރަށް އަމުރުކުރިއެވެ. ޙުކުމުގައި ހިމެނެނީ ފައިސާގެ އަސްލު ޢަދަދާއި އިންޓްރެސްޓް ހިމެނޭ ހެންނެވެ. މިއީ ކުރިމަތީގައި މިއޮތް މައްސަލައިގެ ދަށު ކޯޓުގެ ޙުކުމެވެ.
36މި މުޢާމަލާތުގައި ޖުމްލަ 1,840,050.00ރ. (އެއް މިލިއަން އަށްލައްކަ ސާޅީސްހާސް ފަންސާސް ރުފިޔާ) ވިމަސް މޯލްޑިސް އަށް ދޫކުރެވިފައިވާކަމަށް ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ބުނެފައިވެއެވެ. އަދި އިތުރަށް ދޫކުރެވިފައިވާ ފައިސާ ކަނޑައެޅިފައިވާ ގޮތުގެ މަތިން، އަނބުރާ ހޯދުމުގެ ދައުވާއެއް ސިވިލް ކޯޓުގައި މިހާރު ކުރިއަށްދާކަން ހުށަހެޅިފައިވާ ކަންކަމުން އެނގެއެވެ.
37މި ބުނެވުނު ހަޤީގަތްތަކުގެ ޚުލާސާއަށް، ނަޒަރު ކުރާއިރު ދައުލަތަކީ މި މުޢާމަލާތުގެ ތިންވަނަ ފަރާތެކެވެ. ދައުލަތާއި ވިމަސް މޯލްޑިވްސް އާމެދު ކޮންޓްރެކްޓެއް ނެތެވެ. ދައުލަތުން މި މުޢާމަލާތުގައި ބައިވެރިވެފައިވަނީ ޙަވާލާދެވޭ ފައިސާ ހިމެނެނީ ސުނާމީ ކާރިސާގެ ހިޔާވަހި ފޯރުކޮށްދިނުމުގެ މަޝްރޫޢެއްކަމަށް ވެފައި ދައުލަތުގެ މަސްލަހަތު އޮތްކަމަކަށްވެފައި، ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ ތެރެއިން މިފަދަ އެހެން ފަރާތްތަކަށް ފައިސާ ދެއްކުމަށް ޖާމިނުވެފައިވާ އުޞޫލުތަކުގެ މަތިންނެވެ.
ފައިސާއަށް ދައުލަތުން ޖާމިނުވިތޯ
38HN1މި މުޢާމަލާތުގައި ހިމެނޭ ފައިސާއަކީ ޕާރފޯމަންސް ބިލްޑަރސްގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެކެވެ. އެހެންކަމުން މި ދަރަނި ދެއްކުމަކީ އެ ކުންފުނީގެ ޒިންމާއެކެވެ. ދައުލަތަކީ މި މުޢާމަލާތުގައި ތިންވަނަ ފަރާތެކެވެ.
39މި ކޯޓުގެ އެޓަރނީ ޖެނެރަލް އޮފީސް ވ. އަޙްމަދު ސިޔާމް، މި ޤަޟިއްޔާގައި ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ދަރަނި ސާބިތުކުރި ޤަޟިއްޔާގައި ޚަސްމެއްކަމަށް ނުހިމެނޭ ފަރާތެއްގެ މައްޗަށް އެ ދަރަނި ދެއްކުމުގެ އިލްތިޒާމު ބަދަލުކުރުމަކީ ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި ހުއްދަވާނެ ކަމެއް ނޫނެވެ. އަދި ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި މިފަދަ ކަމެއް ހުއްދަވާނީ ހަމަ އެކަނި އިސްތިސްނާއީ ޙާލަތެއްގައެވެ. ދަރަނި ސާބިތުކުރި ޤަޟިއްޔާގައި ހިމެނޭ ޚަސްމުންނާއި އެފަދަ ދަރަންޏެއް އަދާކުރަން އެއްބަސްވާ ތިންވަނަ ފަރާތެއް ހުރިނަމަ އެ ފަރާތެއް ޙުކުމް ތަންފީޒުކުރުމުގެ މަޖިލީހަށް ހާޟިރުވެ އެ ދަރަންޏާއި ޙަވާލުވާން އަމިއްލަ ރުހުމުގައި އެއްބަސްވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެ އިޤްރާރުވާ ޙާލަތުގައިކަން އެނގެއެވެ.
40HN2މި މައްސަލައަށް ބަލައިފިނަމަ، ކަން ހިނގާފައިވާގޮތް އެންމެ ސާފުވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ޤަޟިއްޔާ އިންނެވެ. މިގޮތުން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ".. އެފައިސާގެ ތެރެއިން ދައުލަތުން ދެއްކުމަށް އެއްބަސްވެފައިވަނީ ހަމައެކަނި ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތުގެ އަސްލު އަގަށްވާ ފައިސާ (principle amount) އެކަނިކަމަށްވާއިރު، އަދި އެނޫން އެހެން އެއްވެސް ފައިސާއެއް ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ދައުލަތުގެ ފަރާތުން އިންކާރުކުރާކަން އެނގެން އޮންނައިރު، އެ އަމުރު އެ ޤަޟިއްޔާއެއްގެ ތެރޭގައި ނެރުއްވާފައިވާ ޤަޟިއްޔާ ނިސްބަތްވާ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާގައި ޝަރީޢަތުން ކުރައްވާފައިވާ ޙުކުމުގައި ޕާރފޯމަންސް ބިލްޑަރސް އެންޑް ކޯރޕަރޭޝަންގެ މައްޗަށް ސާބިތުވެފައިވާ ފައިސާގެ ތެރެއިން ދައުލަތުން ދެއްކުމަށް އެއްބަސްވެފައިވާ ފައިސާގެ ޢަދަދު ފިޔަވައި އެހެން އިތުރު ފައިސާއެއް ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކާ ޚަލާސްކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް ޝަރީޢަތުން އަމުރުކުރެވިގެން ނުވާކަން.."
41އެހެންކަމުން، ދައުލަތުން މި މުޢާމަލާތުގައި ޝަރީޢަތުގެ މަޖިލީހުގައި ޖާމިނުވެފައިވަނީ މި މުޢާމަލާތުގައި ހިމެނޭ ފައިސާގެ އަސްލު ޢަދަދު ކަމުގައިވާ 72,500ރ. (ހަތްދިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) އަށެވެ.
42HN3ވުމާއެކު ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ޤަޟިއްޔާގައި ޕާރގޯމަންސް ބިލްޑަރސް އިން ވިމަސް މޯލްޑިވްސްއަށް ދިނުމަށް ޙުކުމްކޮށްފައިވާ 72,500ރ. (ހަތްދިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) އާއި މި ދެންނެވި ޤަޟިއްޔާގައި ބަޔާންކުރާ 01 ޖޫން 2010 މި ތާރީޚުން ފެށިގެން އެ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމައަށް ދުވާލަކަށް 2% އިންޓްރެސްޓުގެ ގޮތުގައި އަރާ ފައިސާއަށް ދައުލަތުން ޖާމިނުވެފައި ނުވެއެވެ. އަދި 72,500ރ. (ހަތްދިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) ހިމެނޭ މުޢާމަލާތެއް އިމެއް ނެތި މިފަދަ ބޮޑު އިންޓްރެސްޓް އެއް ތަބްރީރު ކުރެވިދާނެ ހަމައެއް މި ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް މި ޤަޟިއްޔާއަށް ރިޢާޔަތްކުރެވި ފެންނާކަށެއް ނެތެވެ.
43HN4ކަންމިހެން އޮތްއިރު، އިސްތިއުނާފު ކުރާ ފަރާތުން ފައިސާ ދެއްކުމާގުޅޭ ގޮތުން ތަޢާގުދީ ގުޅުމެއް ދައުލަތާދެމެދު އޮތްކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނާ ޙަވާލާދެވި ބަޔާންކުރަނީ މަތީގައި ބަޔާންކުރެވިފައިވާ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ޤަޟިއްޔާގެ ޙުކުމް ދައުލަތާ އެއްކޮޅަށް އޮއްވައި، މި މުޢާމަލާތުގައި ހިމެނޭ ފައިސާ އިންޓްރެސްޓް ހިމެނޭހެން ދައުލަތުން ވިމަސް މޯލްޑިވްސް އަށް ދައްކާފައިވާތީ އެވެ. މި ފައިސާ ޖަމާކުރުމަކުން ދައުލަތާއި ވިމަސް މޯލްޑިސްއާ ދެމެދު ތަޢާގުދީ ގުޅުމެއް އުފެދިފައި ނުވެއެވެ. މި މުޢާމަލާތުގައި ދައުލަތާއި ވިމަސް މޯލްޑިވްސް ދެމެދުގައި އުފެދިފައިވާ ގުޅުމަކީ އެޓަރނީ ޖެނެރަލް އޮފީސް ވ. އަޙްމަދު ސިޔާމް މި ޤަޟިއްޔާގައި، ބުނާ ފަދަ ޙުކުމް ތަންފީޒުކުރުމުގެ މި މުޢާމަލާތުގައި ތަންފީޒީ ފުރަތަމަ މައްސަލައިގެ ތެރެއިން 1,840,050.00ރ. (އެއް މިލިއަން އަށްލައްކަ ސާޅީސްހާސް ފަންސާސް ރުފިޔާ) ދަށު ކޯޓުން ނަގައިދީފައިވެއެވެ. އަދި އިތުރަށް 2,769,500ރ. (ދެ މިލިއަން ހަތްލައްކަ ފަސްދޮޅަސް ނުވަހާސް ފައްސަތޭކަ ރުފިޔާ) ދައުލަތުން ވިމަސް މޯލްޑިސް އަށް ދޭންޖެހޭ ކަމަށް އިސްތިއުނާފު މި ކުރެވޭ ދަށު ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައި ވެއެވެ. [2021] SC 50 މި މައްސަލައަށް ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، ޝަރުތު ޖަޒާއީއާ ގުޅޭގޮތުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ޚުލާޞާއަކީ، ޖަޒާއީ ޝަރުޠެއްގެ ދަށުން ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީ، އެއްބަސްވުމުގައި ޖޫރިމަނާ ނުވަތަ ޝަރުޢު ޖަޒާއީއާ ގުޅޭގޮތުން ހިމެނިފައިވާ މާއްދާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއްތޯ (ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއްތޯ) ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ (ޕެނަލްޓީ ކްލޯޒްއެއްތޯ) ބެލުމަށްފަހު، ޝަރުޢު ޖަޒާއީގެ ދަށުން ފައިސާ ނަގައި ދިނުމާމެދު ގޮތެއް ނިންމުމެވެ. އަދި މިފަދައިން ބަލާބެލުމުގައި އެ ފައިސާ ނަގައިދެވޭނީ، އެ ފައިސާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއް ކަމަށް ވާނަތީބެއެވެ. [2021] SC 74 މައްސަލައެއްގައި ތިންވަނަ ފަރާތެއްގެ ހައިސިއްޔަތުން ދައުލަތުން ދަރަންޏަށް ޝަރީޢަތުގެ މަޖިލީހުގައި ޖާމިނުވެފައި އޮންނަ އޮތުމެވެ.
44މި ދެންނެވި ހަމައިން ޝަރީޢަތުގެ މަޖިލީހުގައި ކަންހިނގާފައިވާގޮތް ސާފުވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ޤަޝިއްޔާ އިންނެވެ. މި ޙުކުމާ ޚިލާފަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 251/P2C/2018 ނަންބަރު ޤަޟިއްޔާގައި އިންޓްރެސްޓް ފައިސާ ހިމެނޭހެން ފައިސާ ނަގައިދީފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް އިސްތިއުނާފު މި ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-S-A/22 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ރަނގަޅަށެވެ.
ނިންމުން
45މި ބުނެވުނު ކަންކަމަށް ރިޢާޔަތް ކުރާއިރު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
46މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސައިން ޝަހީދު
47މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ޙުކުމް ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-S-A/22 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- ކުންފުނި ރަޖިސްޓްރީ ނަންބަރު C-16/2004
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 138-ES2/241/2012/21 (05 ސެޕްޓެންބަރު 2012)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ޤަޟިއްޔާގައި މި މުޢާމަލާތުގައި ހިމެނޭ ފައިސާގެ އަސްލު ޢަދަދު ކަމުގައި 72,000ރ. (ހަތްދިހަ ދޭހާސްރުފިޔާ) ބަޔާންކޮށްފައިވަނީ ލިޔުމުގެ ކުށަކުން މި މުޢާމަލާތުގައި ހިމެނޭ ދަރަނި ސާބިކޮށްފައިވާ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 43/P2C/2010 ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ބެލުމުން އެނގެއެވެ.
- މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-C/P02C/2018/1 ސިޓީ (03 ޑިސެންބަރު 2018) ސިޓީ
- މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-C/PRIV/2018/626 (05 ޑިސެންބަރު 2018) ސިޓީ
- މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-C/PRIV/2018/655 (20 ޑިސެންބަރު 2018) ސިޓީ
- މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-C/P02C/2018/3 (20 ޑިސެންބަރު 2018) ސިޓީ
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލުގެ އިދާރާއަށް 05 ސެޕްޓެންބަރު 2012 ގައި ފޮނުވާފައިވާ ނަންބަރު 138-ES2/241/2012/21 ސިޓީ
- 15 އެޕްރީލް 2026 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ [2021] SC 7410
- [2021] SC 74
- މި މުޢާމަލާތުގައި ތަންފީޒީ ފުރަތަމަ މައްސަލައިގެ ތެރެއިން 1,840,050.00ރ. (އެއީ މިލިއަން އަށްލައްކަ ސާޅީސްހާސް ފަންސާސް ރުފިޔާ) ދަށު ކޯޓުން ނަގައިދީފައިވެއެވެ. އަދި އިތުރަށް 2,769,500ރ. (ދެ މިލިއަން ހަތްލައްކަ ފަސްދޮޅަސް ނުވަހާސް ފައްސަތޭކަ ރުފިޔާ) ދައުލަތުން ވިމަސް މޯލްޑިސ އަށް ދޭންޖެހޭ ކަމަށް އިސްތިއުނާފު މި ކުރެވޭ ދަށު ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައި ވެއެވެ.
- [2021] SC 50
- މި މައްސަލައަށް ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، ޝަރުޠު ޖަޒާއީއާ ގުޅޭގޮތުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ޚުލާޞާއަކީ، ޖަޒާއީ ޝަރުޠެއްގެ ދަށުން ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީ، އެއްބަސްވުމުގައި ޖޫރިމަނާ ނުވަތަ ޝަރުޠު ޖަޒާއީއާ ގުޅޭގޮތުން ހިމެނިފައިވާ މާއްދާއަކި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއްތޯ (ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއްތޯ) ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ (ޕެނަލް ޓީ ކްލޯޒްއެއްތޯ) ބެލުމަށްފަހު، ޝަރުޠު ޖަޒާއީގެ ދަށުން ފައިސާ ނަގައި ދިނުމާމެދު ގޮތެއް ނިންމުމެވެ. އަދި މިފަދައިން ބަލާބެލުމުގައި އެ ފައިސާ ނަގައިދެވޭނީ، އެ ފައިސާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދޒާއެއ ކަމަށް ވާނަމައެވެ.
- [2021] SC 74
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- އެޓަރނީ ޖެނެރަލް އޮފީސް ވ. އަޙްމަދު ސިޔާމް [2021] SC 74
- ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50
ޝަރީޢަތުގެ ވީޑިއޯ
- ▶ ޝަރީޢަތުގެ އަޑުއެހުން 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
- ▶ ޙުކުމް އިއްވުން
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.