އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސިޔާމް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
[2021] SC 74
2019/SC-A/32
ޝަރީޢަތް ނިމުނުގޮތް
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސިޔާމް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
18 އޯގަސްޓް 2021 އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2017/HC-S-A/25
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
އަޙްމަދު ސިޔާމް
ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕމަންޓް)
ބަދަލުގައި: އަލްއުސްތާޛް ޢަލީ ޝާހް، ބީޗްހައުސް، ގއ. ވިލިނގިލި ޤާނޫނީ ވަކީލު: ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛް އީމާން މުޙައްމަދު ރަޝީދު،ސްޓޭޓް އެޓަރނީ އަލްއުސްތާޛާ ސަހުނާ ޢަބްދުއްސަމަދު
މަދަނީ މައްސަލަ – ހުކުމް ތަންފީޒުކުރުމުގެ ބާރުގެ ދާއިރާ – ފައިސަލާކުރަނިވި ހުކުމުގެ ބާރު
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސިޔާމް
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތައާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު2017/HC-S-A/25 ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ބެލި މައްސަލައެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގއ. ވިލިނގިލި، ކަނޑުފެހި، އަޙްމަދު ސިޔާމް (އައިޑީ ކާޑް ނަންބަރު، މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ " އަޙްމަދު ސިޔާމް"( އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
ގއ. ވިލިނގިލީގައި އަޙްމަދު ސިޔާމް ހިންގަމުން ގެންދިޔަ "ކަނޑުފެހި ހާޑްވެއަރ" ފިހާރައިން ޕާރފޯމަންސް ބިލްޑާރސް އެންޑް ޑިވެލޮޕަރސް ކޯޕަރޭޝަން (މީގެ ފަހުން "ޕީބީޑީސީ") ކުންފުނިން ނަގާފައިވާ މުދަލަށް އެ ކުންފުނިން އެ ފިހާރައަށް ދައްކަންޖެހޭ 315446.00 (ތިންލައްކަ ފަނަރަހާސް ހަތަރުސަތޭކަ ސާޅީސްހައެއް) ރުފިޔާ ނުދައްކައިގެން އަޙްމަދު ސިޔާމް އެ ކުންފުނީގެ މައްޗަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ދައުވާކުރިއެވެ. އަޙްމަދު ސިޔާމްގެ ފަރާތުން ޕީބީޑީސީ ގެ މައްޗަށް ކުރި ދައުވާގެ މައްސަލަ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ބެލީ އެ ކޯޓުގެ ނަންބަރު 32/P2C/2013 ގަޒިއްޔާގައެވެ. އެ ގަޒިއްޔާގައި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ އަޙްމަދު ސިޔާމްގެ ފަރާތުން ޕީބީޑީސީގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށާއި، އެހެންކަމުން ޕީބީޑީސީގެ ފަރާތުން "ކަނޑުފެހި ހާޑްވެއަރ" ފިހާރައިން ނަގާފައިވާ މުދަލަށް ދައްކަންޖެހޭ 315446.00 (ތިންލައްކަ ފަނަރަހާސް ހަތަރުސަތޭކަ ސާޅީސްހައެއް) ރުފިޔާ ޕީބީޑީސީގެ ފަރާތުން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަޙްމަދު ސިޔާމްއަށް ދެއްކުމަށެވެ.
އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/P2C/2013 ގަޒިއްޔާއިން ސާބިތުވެފައިވާ ދަރަނި އެ ގޮތުގެމަތީން ޕީބީޑީސީގެ މައްޗަށް ސާބިތުވެފައިވަނިކޮށް، އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ހިންގާފައިވާ އެ ކޯޓުގެ ނަންބަރު 179/P2C/2015 ގަޒިއްޔާގައި އަޙްމަދު ސިޔާމްގެ ފަރާތުން އެދިފައިވަނީ ނަންބަރު 32/P2C/2013 ގަޒިއްޔާ އިން ޕީބީޑީސީގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އެ ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ޕީބީޑީސީއިން ދައްކާފައިނުވާތީވެ، އެ ދަރަނި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހޯދުމަށެވެ.
ޕީބީޑީސީގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އެ ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދައްކާފައިނުވާތީވެ، އެ ދަރަނި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހޯދުމަށް އަޙްމަދު ސިޔާމްގެ ފަރާތުން ދައުވާކުރުމުން، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/P2C/2013 ގަޒިއްޔާ އިން ޕީބީޑީސީގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އެ ގަޒިއްޔާގެ ހުކުމާ އެއްގޮތަށް ދައްކާފައިނުވާތީވެ، މި ދަރަނި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ދައްކަންޖެހޭނެ ކަމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 179/P2C/2015 ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ. މިގޮތަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 179/P2C/2015 ގަޒިއްޔާގައި ނިންމާފައިވަނީ އަންނަނިވި ސަބަބުތަކަށްޓަކައި ކަމަށް އެ ގަޒިއްޔާގެ ހުކުމުގައި ބުނެފައިވެއެވެ.
(ހ) ޕީބީޑީސީ އިން ކޮށްފައިވާ މަސައްކަތްތަކަށް ނުދެވިހުރި ފައިސާއެއް ވާނަމަ، މިނިސްޓްރީގެ ފަރާތުން ހަމަޖެހޭ އުސޫލެއްގެ މަތިން އެ ފައިސާދީ ޚަލާސްކުރާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގގެ ނަންބަރު 138-ES2/241/2012/21 (05 ސެޕްޓެމްބަރ 2012) ސިޓީގައި ބަޔާންކޮށްފައިވުން.
(ށ) ޕީބީޑީސީ އިން އެކި ފަރާތްތަކަށް ފައިސާ ދިނުމަށް އަންގައި ކޮށްފައިވާ ހުކުމްތަކެއް ކަމަށްވާ ގއ. މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 42/P2C/2013، 47/P2C/2013، 69/P2C/2013، 117/P2C/2013 ގަޒިއްޔާތަކުގައި ހިމެނޭ ސާބިތު ދަރަނީގެ މައްސަލަތަކުގެ ފައިސާއަށް ދިވެހި ދައުލަތުގެ ފަރާތުން ޖާމިނުވެ އެ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އެ ފައިސާ ދައްކައި ޚަލާސް ކޮށްފައިވާ ކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ގަޒިއްޔާގެ ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވެފައިވާކަން.
(ނ) ޝަރުއީ އުސޫލަކީ އެއް ހާލަތެއް އުފަންވެފައިވާ ބަޔަކާމެދު ހަމަހަމަކޮށް، ތަފާތުކުރުމެއް ނެތި ކަންކަން ހިންގުން ކަމަށްވާތީވެ، ގއ. ވިލިނގިލީ ކޯޓުގެ ނަންބަރު 32/P2C/2013 ގަޒިއްޔާ އިން ޕީބީޑީސީގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަށް މިނިސްޓްރީ އޮފް ހައުސިންގ އިން ޒިއްމާވާން ޖެހޭކަން.
ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު2017/HC-S-A/25 ގަޒިއްޔާ އިން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 179/P2C/2015 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު
ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު2017/HC-S-A/25 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ހައިކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/193 ގަޒިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނުކުތާގެ (ނ) އަށް ރިއާޔަތްނުކޮށް ކަމަށާއި، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/P2C/2013 ގަޒިއްޔާ އިން ޕީބީޑީސީގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ ހުކުމް ތަންފީޒުކުރުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި ހިންގި އެ ކޯޓުގެ ނަންބަރު 179/P2C/2015 ގަޒިއްޔާގައި އެ ދަރަންޏަށް މިނިސްޓްރީ އޮފް ހައުސިންގ އިން ޒިއްމާވާން ޖެހޭކަމަށް ކަނޑައެޅި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކުރީ، ހުކުމް ތަންފީޒު ކުރުމުގެ ގަޒިއްޔާއެއް ހިންގުމުގައި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ދާއިރާގެ ބޭރުން ކަމަށެވެ.
ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބަލާ ފަނޑިޔާރުގެ އިޚްތިސާސް
ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު ގަޒިއްޔާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމް ބަޔާންކުރައްވާފައިވަނީ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީއަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އެކަނި ކަމަށާއި، ތަންފީޒުގެ މަރުހަލާގައި ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުލޫއު އަލުން ހުޅުވައި ބެލުމެއް ނޯންނާނެކަމަށެވެ. އިސްވެ މި ބަޔާންކުރި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މި އުސޫލަށް ބަލާއިރު، ގަޒިއްޔާއެއްގެ ހުކުމުގެ ދަށުން ފައިސާ ދެއްކުމުގެ އިލްތިޒާމު އަދާކުރަންޖެހެނީ އެ ގަޒިއްޔާގެ ޚަސްމުންގެ ތެރެއިން ވަކި ޚަސްމަކު ކަމަށް ކަނޑައަޅައި، އެ ހުކުމަކީ ފައިސަލާކުރަނިވި ހުކުމެއްގެ ބާރު ލިބިފައިވާ ޝަރުއީ ހުކުމެއް ކަމަށް ވެފައިވަނިކޮށް، އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ހުށަހެޅޭ ގަޒިއްޔާއެއްގައި، ދަރަނި ސާބިތުކުރި ގަޒިއްޔާގައި ޚަސްމެއް ކަމަށް ނުހިމެނޭ ފަރާތެއްގެ މައްޗަށް އެ ދަރަނި ދެއްކުމުގެ އިލްތިޒާމު ބަދަލުކުރުމަކީ ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގެ ތެރޭގައި ކުރުން ހުއްދަ ކަމެއް ނޫނެވެ. ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި މިފަދަ ކަމެއް ކުރުން ހުއްދަވާނެ ހަމައެކަނި އިސްތިސްނާ ހާލަތަކީ ދަރަނި ސާބިތުކުރި ގަޒިއްޔާގައި ހިމެނޭ ޚަސްމުންނާއި އެފަދަ ދަރަންޏެއް އަދާކުރަން އެއްބަސްވާ ތިންވަނަ ފަރާތެއް ހުރިނަމަ އެ ފަރާތެއް ހުކުމް ތަންފީޒުކުރުމުގެ މަޖިލީހަށް ހާޒިރުވެ އެގޮތަށް އެ ދަރަންޏާއި ހަވާލުވާން އަމިއްލަ ރުހުމުގައި އެއްބަސްވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނެ އިގުރާރުވާ ހާލަތެވެ.
ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/P2C/2013 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ އަޙްމަދު ސިޔާމްގެ ފަރާތުން ޕީބީޑީސީގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށާއި، އެހެންކަމުން ޕީބީޑީސީގެ ފަރާތުން "ކަނޑުފެހި ހާޑްވެއަރ" ފިހާރައިން ނަގާފައިވާ މުދަލަށް ދައްކަންޖެހޭ 315446.00 (ތިންލައްކަ ފަނަރަހާސް ހަތަރުސަތޭކަ ސާޅީސްހައެއް) ރުފިޔާ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޕީބީޑީސީގެ ފަރާތުން އަޙްމަދު ސިޔާމްއަށް ދެއްކުމަށެވެ.
ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/P2C/2013 ގަޒިއްޔާގައި ކޮށްފައިވާ ހުކުމް މަތީ މަރުހަލާއެއްގެ ކޯޓަކަށް އިސްތިއުނާފުކުރެވިފައި ނުވާތީވެ އެ ހުކުމް ވަނީ ފައިސަލާކުރަނިވި ހުކުމަކަށް ވެފައެވެ.
ހުކުމް ތަންފީޒުކުރުމުގެ ގޮތުން ކޯޓުތަކަށް ހުށަހެޅޭ ގަޒިއްޔާތަކާ ގުޅިގެން، އެ ގަޒިއްޔާތަކުގައި ސާބިތުވެފައިވާ ދަރަނީގެ ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، ހުކުމް ތަންފީޒުކުރުމަށް ހުށަހެޅުނު ގަޒިއްޔާގައި އެ ދަރަންޏާމެދު މައުލޫއީ ގޮތުން ވާހަކަދެކެވި، ދަރަނި ސާބިތުވި ގަޒިއްޔާގެ ހުކުމަށް ބަދަލުގެނެސް އަދި ދަރަނި އަދާކުރަންޖެހޭ ފަރާތް ބަދަލުކޮށް ހެދުމަކީ ސާބިތުދަރަނީގެ މައްސަލަތައް ކޯޓުން ބަލައި ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާ ޚިލާފު ކަމެކެވެ. ހުކުމް ތަންފީޒުކުރުމުގެ ގޮތުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުގެ ހަމައެކަނި ދައުރަކީ ސާބިތުވެފައިވާ ދަރަނި ނުވަތަ އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކޮށްފައިވޭތޯ ބެލުމާއި، އެ ކަންކަން އަދާކޮށްފައިނުވާނަމަ، ހުކުމްތަންފީޒުކުރުމުގެ ގޮތުން ހަދާފައިވާ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމެވެ.
ވީމާ، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/P2C/2013 ގަޒިއްޔާގައި ޕީބީޑީސީގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ދައުލަތުން ދެއްކުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 179/P2C/2015 ގަޒިއްޔާގައި އަމުރުކޮށްފައިވަނީ ގާނޫނާއި ޝަރީއަތްކުރުމުގެ އިޖުރާއަތުތަކާއި ޚިލާފަށް ކަމުގައިވާތީވެ، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 179/P2C/2015 ގަޒިއްޔާއާއި އެ ހުކުމަށް ތާއީދުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު 2017/HC-S-A/25 ގަޒިއްޔާ ބާތިލުކުރަންޖެހޭ ކަމަށް ފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 32/P2C/2013 ގަޒިއްޔާއިން ޕީބީޑީސީގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ދައުލަތުން ދެއްކުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 179/P2C/2015 ގަޒިއްޔާގައި އަމުރުކޮށްފައިވަނީ ގާނޫނާއި ޝަރީއަތްކުރުމުގެ އިޖުރާއަތުތަކާއި ޚިލާފަށް ކަމުގައިވާތީވެ، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 179/P2C/2015 ގަޒިއްޔާއާއި އެ ހުކުމަށް ތާއީދުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓު / ދެކުނު ގޮފީގެ ނަންބަރު2017/HC-S-A/25 ގަޒިއްޔާގެ ހުކުމް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.
މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމް)ރިޔާސަތު(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.