ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނަޒީދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 20/Cr-C/2022
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ކުށް ސާބިތުކޮށް، އެއްބަސްވުމުގައިވާ ޖަލު އަދަބު ކަނޑައަޅައި، ޤާނޫނުލްޢުޤޫބާތުގެ އަދަބު އެއްހަމަކުރުމުގެ އިޚްތިޔާރުގެ ދަށުން އޭގެ ބައެއް ޖޫރިމަނާއަކަށް ބަދަލުކުރިއެވެ؛ ގެއްލުމުގެ ބަދަލު ދިނުމަށްވެސް އަމުރުކުރިއެވެ.
- ވާޤިޢާ
- އެޕާޓްމެންޓެއް ދިގު މުއްދަތަކަށް ކުއްޔަށް ހިފާފައިވާކަމުގެ ސައްޙަ ނޫން އެއްބަސްވުމެއް ދައްކައިގެން އެ އެޕާޓްމެންޓް އެހެން މީހަކަށް ކުއްޔަށް ދީ ފައިސާ ހޯދިކަމުގެ މަކަރާއި ޙީލަތްހެދުމުގެ ދަޢުވާއެއްގައި، ދަޢުވާ ލިބޭ ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު ޖަލު އަދަބަކާއި ގެއްލުމުގެ ބަދަލަށް އިޢުތިރާފުގެ އެއްބަސްވުމެއް ވެ، ކްރިމިނަލް ކޯޓުން އެ އެއްބަސްވުން ބަލައިގަތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މަކަރާއި ޙީލަތްހެދުމުގެ ކުށުގެ މައްސަލައެއްގައި ކޯޓުން ބަލައިގަތް އިޢުތިރާފުގެ އެއްބަސްވުމުގައިވާ ޖަލު އަދަބު، ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖޫރިމަނާއަކަށް ބަދަލުކޮށް (އެއްހަމަކޮށް) ޙުކުމްކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭތޯ؛ އަދި ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރުމުގެ އުޞޫލާ ޚިލާފުވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ބަލައިގަތް އިޢުތިރާފުގެ އެއްބަސްވުމާ ފުށުއަރާ އަދަބެއް ކަނޑައެޅުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފު ކަމަށާއި، ޖޫރިމަނާއަށް ބަދަލުކުރީ އަދަބު ކަނޑައެޅުމުގެ އުޞޫލާ ޚިލާފަށް ކަމަށެވެ. ދަޢުވާ ލިބޭ ފަރާތުން އެދުނީ ލުއި ގޮތެއް ނިންމުމަށެވެ.
- ކޯޓުގެ ސަބަބުތައް
- އަޣުލަބިއްޔަތުގެ ރައުޔުގައި، ބަލައިގަތް އިޢުތިރާފުގެ އެއްބަސްވުމަކީ ބަނދެވޭ އެއްބަސްވުމެއް ކަމަށާއި އަދަބަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ފަނޑިޔާރަށް ނެތް ކަމަށް ކަނޑައެޅިނަމަވެސް، ޖޫރިމަނާ ނުދައްކާތީ ދަށު ކޯޓުން އަދަބު ޖަލު ޙުކުމަކަށް ބަދަލުކޮށް ތަންފީޛުކުރަމުންދާތީ ޙުކުމަށް ބަދަލުގެނައުމުގެ ފާއިލިއްޔަތެއް ނެތް ކަމަށް ނިންމިއެވެ. ފަނޑިޔާރު ފަރްހީޒް ދެކިވަޑައިގަތީ އިޢުތިރާފުގެ އެއްބަސްވުމުގައިވާ އަދަބު ކަނޑައެޅުމަށްފަހު ޤާނޫނުލްޢުޤޫބާތުގެ ދަށުން އެއްހަމަކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭ ކަމަށެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (އަޣުލަބިއްޔަތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޕްރޮސިކިއުޓަރ ޖެނެރަލްއާއި ކުށުގެ ތުހުމަތުގައިވާ ނުވަތަ ދައުވާލިބޭ މީހާއާ ދެމެދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާގޮތުގެ މަތިން އިއުތިރާފުގެ އެއްބަސްވުމެއްވެ، އެ އެއްބަސްވުން ބަލައިގަތުމަށް މައްސަލަ ބަލާ ފަނޑިޔާރު ނިންމާ ހިސާބުން، އެ އޮތީ ދެފަރާތުގެ މެދުގައި ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވެވިފައެވެ.
HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) ގައި، އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމުގެ ނުވަތަ ބަލައިނުގަތުމަށް ނުވަތަ ބަދަލު ކުރުމަށް އެންގުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
HN3 ޕްރޮސިކިއުޓަރ ޖެނެރަލް އާއި ދައުވާލިބޭ މީހާއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވުން ޤާނޫނުގައި ހުއްދަ ކޮށްފައިވާއިރު، އެ އެއްބަސްވުން ހެދުމުގެ އެންމެ އަސާސީ އެއް ބޭނުމަކީ އޭނާގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމަށްޓަކައި ކަމާއި ލުއި އަދަބަކަށް އެއްބަސްވުމަށް ނުވަތަ ދައުވާލިބޭ ފަރާތަށް ލުއި ލިބޭގޮތަށް އެއްބަސްވުމެއް ވުންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 103 ވަނަ މާއްދާ އާއި 104 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ 4 ވަނަ ނަންބަރު އަދި (ކ) އެއް ރޮއްޖަކުން ކިއުމުން ސާފުކޮށް ދޭހަވެއެވެ.
HN4 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އާއި 162 ވަނަ މާއްދާގެ (ރ) އެކުގައި ބެލުމުން މި މާއްދާތަކުގެ ސާފު އިބާރާތުން އެނގެން އޮތް ކަމަކީ، އިއުތިރާފުގެ އެއްބަސްވުމެއް ބަލައިގަތުމަށް މައްސަލަ ބަލާ ފަނޑިޔާރު ނިންމައިފިނަމަ، އެ އެއްބަސްވުމަކީ ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ކަމާއި، ކުށަށް އަދަބު ކަނޑައަޅަންވާނީ އެ އެއްބަސްވުމުގައިވާގޮތުގެ މަތިން ކަމެވެ.
HN5 އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމަށް ނިންމުމަށްފަހު އެ އެއްބަސްވުމުގައިވާ އަދަބަށް އުނިއިތުރު ގެނައުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް އޮތް އިޚްތިޔާރެއް ނޫނެވެ. އެހެނީ އިއުތިރާފުގެ އެއްބަސްވުން ބަލައިގަންނަ ހާލަތުގައި، އެ އެއްބަސްވުމަށް ޢަމަލުކުރުމާމެދު ކަންކަން ބަޔާންކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެއްވެސް މާއްދާއެއްގައި މައްސަލަ ބަލާ ފަނޑިޔާރަށް އެ އެއްބަސްވުމުގައިވާ ކަމަކަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ލިބިދީފައިނެތެވެ.
HN6 އަމުދުން ދައުވާލިބޭ ފަރާތަށް އާޚިރުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެއްބަސްވި ލުޔަށްވުރެ، ބުރަ ބޮޑުވާގޮތަށް އަދަބު ބަދަލުކޮށްގެން ނުވާނެއެވެ. އެއީ ދައުވާލިބޭ ފަރާތަށް ލުއިލިބޭގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެކުލަވާލާ އިއުތިރާފުގެ އެއްބަސްވުމުގެ މަޤްސަދާވެސް ޚިލާފުކަމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ޙަސީން
- ބެންޗު
- ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ފާޠިމަތު ފަރްހީޒާ
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފް ކުރާ ފަރާތް")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށެހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […]، އިބްރާހީމް ނަޒީދު (މީގެ ފަހުން "އިބްރާހީމް ނަޒީދު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
މައްސަލައިގެ ފަސްފަހަތް
3އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާއަކީ، އިބްރާހީމް ނަޒީދުގެ މައްޗަށް މަކަރާއި ޙީލަތްހެދުމުގެ ކުށުގެ ދަޢުވާ ކޮށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައެވެ.
4ދައުލަތުން މި ދަޢުވާ ކޮށްފައިވަނީ، އިބްރާހީމް ނަޒީދު، މާލެ، […] ގޭގެ 3 ވަނަ ފަންގިފިލާގައި ހުރި 3 ކޮޓަރީގެ އެޕާޓްމެންޓް (302G)، ދިގު މުއްދަތަކަށް ކުއްޔަށް ހިފާފައިވާ ކަމުގެ ސައްޚަނޫން އެއްބަސްވުމެއް ދައްކައިގެން، ދެންނެވުނު އެޕާޓްމެންޓް 4 އަހަރު ދުވަހުގެ މުއްދަތަކަށް، […] ފަތުޙުﷲ ޢައްބާސްއަށް ކުއްޔަށް ދިނުމަށް 20 މޭ 2019 ވަނަ ދުވަހު އެއްބަސްވުމެއްހަދައި، ފަތުޙުﷲ ޢައްބާސްގެ އަތުން 550000ރ (ފަސްލައްކަ ފަންސާސްހާސް ރުފިޔާ) އަށްވާ USD 35668 (ތިރީސް ފަސްހާސް ހަސަތޭކަ ފަސްދޮޅަސް އަށެއް އެމެރިކާ ޑޮލަރު) މަކަރާއި ޙީލަތުން ހޯދާފައިވާކަމަށް ބާޔާންކޮށެވެ.
5ދެންނެވުނު ދައުވާގައި ދައުލަތުން އެދިފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރުގެ (i) އާއި (iv) ގެ ދަށުން މަކަރާއި ޙީލަތްހެދުމުގެ ކުށުން […] އިބްރާހީމް ނަޒީދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައިދެއްވާ، 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް އިބްރާހީމް ނަޒީދުގެ މައްޗަށް ކަނޑައަޅައިދެއްވާ، މިކަމުގެ ސަބަބުން ފަތުޙުﷲ ޢައްބާސް އަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން، ފަތުޙުﷲ ޢައްބާސްގެ އަތުން ހޯދި ފައިސާގެ ތެރެއިން އަނބުރާ ދައްކަންޖެހި ނުދައްކާވާ ފައިސާގެ އަދަދު ކަމުގައިވާ 355208.33ރ (ތިންލައްކަ ފަންސާސް ފަސްހާސް ދުއިސައްތަ އަށް ރުފިޔާ ތެއްތިރީސް ލާރި) އިބްރާހީމް ނަޒީދުގެ އަތުން ނަގައިދިނުމަށެވެ.
6އެ ޤަޟިއްޔާގައި ކުރެވުނު ދައުވާއާ ގުޅިގެން ޝަރީޢަތުގައި މައްސަލައިގެ އިބްތިދާޢީ އަޑުއެހުމުގައި އިބްރާހީމް ނަޒީދު ދަޢުވާއަށް އިޢުތިރާފުވެ، އިޢުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއިއެކު ވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ފަތުޙުﷲ ޢައްބާސް ދެންނެވުނު އެޕާޓްމެންޓް ބޭނުންކުރި މުއްދަތު އުނިކުރުމަށްފަހު ބާކީވާ ފައިސާއަކީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާކަމަށާއި، އިޢުތިރާފުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ދޭންޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
729 ސެޕްޓެންބަރު 2022 ތާރީޚުގައި، އިބްރާހީމް ނަޒީދުއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުން ބަލައިގަތްކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވެއެވެ. އެ އެއްބަސްވުމުގައި ވަނީ އިބްރާހީމް ނަޒީދަށް ކަނޑައެޅޭނެ އަދަބަކީ 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުމުގެ އަދަބެއްކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި އިބްރާހީމް ނަޒީދުގެ އަތުން 355203.33ރ (ތިންލައްކަ ފަންސާސް ފަސްހާސް ދުއިސައްތަ ތިންރުފިޔާ ތެއްތިރީސް ލާރި) ނެގުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ.
8އެއަށްފަހު އަވަސްނިޔާގެ އަޑުއެހުމެއް ބާއްވާ، އިބްރާހީމް ނަޒީދުގެ އިޢުތިރާފް ދަމަހައްޓާފައިވާތީ، އެއީ ސައްޚަ އިއުތިރާފެއް ކަމަށް ކަނޑައަޅާ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އިބްރާހީމް ނަޒީދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ އަދަބާމެދު ވާހަކަދެއްކުމުގެ ފުރުޞަތު ދެފަރާތަށް ދެވިފައިވެއެވެ.
9އަދަބާމެދު ވާހަކަދައްކަމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، މިއީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމަށާއި، ދެފަރާތުގެ މެދުގައި އެކުލަވާލެވިފައިވާ އިޢުތިރާފުގެ އެއްބަސްވުން ޝަރީޢަތުން ބަލައިގަނެފައިވާތީ، ދެންނެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަބު އިބްރާހީމް ނަޒީދުގެ މައްޗަށް ކަނޑައަޅައިދިނުމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) ގައިވާ ގޮތަށް އަދަބު ކަނޑައެޅޭނީ ހަމައެކަނި އެއްބަސްވުމުގައިވާ އަދަބު ކަމަށާއި، ޝަރީޢަތުން އަދަބު ކަނޑައެޅުމުގެ އުޞޫލުގެ 25 ވަނަ މާއްދާއަށް ބަލާއިރުވެސް ޖިނާޔަތުގެ ކުށެއްގައި ޖޫރިމަނާގެ އަދަބެއް ކަނޑަނޭޅޭނެކަމަށް ފާހަގަކޮށްފައިވެއެވެ.
10އިބްރާހީމް ނަޒީދު އެދިފައިވަނީ އަދަބު ކަނޑައެޅުމުގައި ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުގެ ބާވަތް ބަދަލުކޮށް މަސްހުނި އަދަބެއް ކަނޑައަޅައިދިނުމަށް ކަމަށް ދަށު ކޯޓުން ފާހަގަކޮށްފައިވެއެވެ.
11ޕްރޮސިކިއުޓަރ ޖެނެރަލް އާއި އިބްރާހީމް ނަޒީދު އާ ދެމެދު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުން ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވީނަމަވެސް، އެއްބަސްވުމުގައި ބަޔާންކުރާ އަދަބު ކަނޑައެޅުމަށްފަހު، މައްސަލަ ބަލާ ފަނޑިޔާރަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުގެ ބާވަތް ބަދަލުކޮށްދިނުމަށް ހުރަހެއް ނެތްކަމަށް ދެކޭކަމުގައި ދަށު ކޯޓުގެ ރިޕޯޓުގެ 10 ވަނަ ނުކުތާގައި ފާހަގަކޮށްފައިވެއެވެ.
12އިބްރާހީމް ނަޒީދުގެ ފަރާތުން އަދަބުގެ ބާވަތް ބަދަލުކޮށްދިނުމަށް އެދިފައިވާތީ، އަދަބު ކަނޑައެޅުމުގެ އުޞޫލުތައް ތަތުބީޤުކުރުމަށްފަހު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
ކްރިމިނަލް ކޯޓުގެ ޙުކުމް
" ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން؛
(1) މަކަރާއިޙީލަތް ހެދުމުގެ ކުށުން، އިބްރާހީމް ނަޒީދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،
(2) މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު)ގެ 212 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ، އެ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރުގެ (i) އާއި (iv) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ)ގެ ދަށުން، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އިބްރާހީމް ނަޒީދު 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށް،
(3) އިބްރާހީމް ނަޒީދުގެ މައްޗަށް ކަނޑައެޅުނު 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުމުގެ އަދަބުގެ ތެރެއިން 2 އަހަރު ދުވަހުގެ ޖަލު އަދަބު، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 1005 ވަނަ މާއްދާގެ (ހ)އާއި، އެ ޤާނޫނުގެ 1202 ވަނަ މާއްދާގެ ދަށުން، 144000ރ (އެއްލައްކަ ސާޅީސް ހަތަރުހާސް ރުފިޔާ) އިން ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް،
(4) މި ފައިސާ މިއަދުން (07 ނޮވެމްބަރ 2022) ފެށިގެން، 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް، އިބްރާހީމް ނަޒީދުއަށް އަންގައި،
(5) އިބްރާހީމް ނަޒީދު ކުޅަ މިކުށުގެ ސަބަބުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 355208.33ރ (ތިންލައްކަ ފަންސާސް ފަސްހާސް ދުއިސައްތަ އަށް ރުފިޔާ ތެއްތިރީސް ލާރި)، ގެއްލުން ލިބުނު ފަރާތުގެ ހައިސިއްޔަތުން، ހއ.ތުރާކުނު، ދިލްކުސާގެ، ފަތުޙުﷲ ޢައްބާސް އަށް އިބްރާހީމް ނަޒީދު ދޭންޖެހޭ ކަމަށާއި، މި ފައިސާއަކީ އިބްރާހީމް ނަޒީދުގެ މައްޗަށް ސާބިތު ދަރަންޏެއްކަމަށް، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 189 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި،
(6) ފަތުޙުﷲ ޢައްބާސް އަށް މި ފައިސާ ލިބިދިނުމުގެ ގޮތުން، މިއަދުން (07 ނޮވެމްބަރ 2022) އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް، އިބްރާހީމް ނަޒީދު އަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް، މި ޤަޟިއްޔާ ނިންމީއެވެ."
13ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާގެ ނިންމުން ބިނާކޮށްފައިވާ އަސާސްތައްކަމުގައި އަންނަނިވި ނުކުތާތައް ފާހަގަކުރެވެއެވެ.
13.1 މި މައްސަލައިގައި ދައުވާ އުފުލާފައިވާ މާއްދާއަށް ރިޢާޔަތް ކުރާއިރުގައި، މިއީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމާއި، މި ކުށަށް ކަނޑައެޅިފައިވާ އަދަބުގެ އަސާސީ މިންގަނޑަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުންކަން؛
13.2 މިދައުވާއާއި ގުޅިގެން އިޢުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީ، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ފަދައިން 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު އަދަބު ކަނޑައަޅަން ޖެހޭކަން؛
13.3 ބަޔާންކުރަނިވި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރުގައި، މުޅި އަދަބު އެކީ ޖަލު އަދަބު ކަނޑައެޅުމަށްވުރެ މި މައްސަލައިގައި މަޞްލަޙަތު ބޮޑީ މަސްހުނި އަދަބެއް ކަނޑައެޅުމުންކަން؛
1) އިބްރާހީމް ނަޒީދުގެ މައްޗަށް ކަނޑައެޅޭ އަދަބު ލުއިކޮށްދިނުމަށް އެދިފައިވުން،
2) ގެއްލުމުގެ ބަދަލު ދިނުމަށް އެއްބަސްވެފައިވުން،
3) މައްސަލަ އަވަހަށް ނިންމުމަށް އެއްބާރުލުން ދީފައިވުން،
4) މި ކުށަކީ ޖިސްމާނީ އަނިޔާވެރިކަމެއް ހިމެނޭ ޖިނާއީ ކުށަކަށް ނުވުން،
5) ޖަލު އަދަބެއް ކަނޑައެޅުމުގެ ސަބަބުން ދައުލަތުގެ މައްޗަށް އޮންނާނޭ މާލީ އަދި އިދާރީ ބުރަ،
6) ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ފަރާތަށް ގެއްލުމުގެ ބަދަލު ލިބިދިނުމަށް މަގުފަހިކޮށްދޭ މިންވަރު.
13.4 ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގެ (ހ) އާއި ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ކަންތައްކުރާނޭ ގޮތުގެ އުޞޫލަށް ރިޢާޔަތްކޮށް، އަދަބު ކަނޑައެޅުމުގައި ކުށްވެރިޔާ ޖަލަށްލުމުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެހެން އަދަބެއް ކަނޑައެޅުމަށް ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން، އެންމެ މަޞްލަޙަތު ހުރި ގޮތަކީ މަސްހުނި އަދަބެއް ކަނޑައެޅުން ކަމުގައި ޝަރީޢަތަށް ފެނުން؛
13.5 އިބްރާހީމް ނަޒީދުގެ މައްޗަށް ކަނޑައެޅޭ އަދަބުގެ ތެރެއިން 2 އަހަރު ދުވަހުގެ އަދަބު ޖޫރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކުރާ ޙާލަތުގައި ބަދަލުކުރެވޭނޭ އަދަބަކީ 144000ރ (އެއްލައްކަ ސާޅީސްހަތަރުހާސް ރުފިޔާ) ކަމުގައި އެނގެން އޮތުން؛
13.6 ދައުވާ ލިބޭ ފަރާތުން އަދަބާއި ބެހޭގޮތުން ދެއްކި ވާހަކަތަކާއި، ބޭންކް ސްޓޭޓްމެންޓަށާއި ވަޒީފާއަދާކުރާކަމުގެ ލިޔުމަށް ރިޢާޔަތްކުރާއިރުގައި މީނާއަކީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 1202 ވަނަ މާއްދާގެ (ރ)ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާފަދައިން ޖޫރިމަނާ ދެއްކޭނެ ވަޞީލަޔްތައް ލިބިފައިވާ މީހެއްކަމަށް ބުރަވެވެން އޮތުން؛
13.7 ޖިނާއީ ބޮޑުކުށެއްގައި ޖޫރިމަނާއަށް އެވެސް މިންވަރެއް ބަދަލު ނުކުރެވޭނެކަމަށް ދައުލަތުން ބުނެފައިވީނަމަވެސް، ޖޫރިމަނާގެ އަދަބު ކަނޑަނޭޅޭނީ، މުޅި އަދަބު އެކަށް ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރާ ޙާލަތުގައިކަން ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ 24 ވަނަ މާއްދާއާއި 25 ވަނަ މާއްދާ އެކުއެކީ ކިޔާލުމުން ދޭހަވުން؛
13.8 ޖޫރިމަނާ ކުރުމުގެ އަދަބެއް ކަނޑައެޅުނު ނަމަވެސް އަދަބާއި އެއްގޮތަށް ޖޫރިމަނާ ނުދައްކާނަމަ ޖަލު އަދަބު ތަންފީޛު ކޮށްދިނުމަށް ކޯޓުގައި އެދުމުގެ ބާރު ދައުލަތަށް އޮތުން؛
13.9 އިސްވެ ދެންނެވުނު ސަބަބާއި، ޖިނާއީ ކުށްތަކުގައި އިޢުތިރާފުވުމަށް ބާރުއެޅުމުގެ ގޮތުން ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ 24 ވަނަ މާއްދާއާއި 25 ވަނަ މާއްދާ މާނަކުރުމުގައި ހަރުކަށި މާނަކުރުމާއި ދުރަށް ދާން ޖެހޭކަމަށް ޝަރީޢަތުން ދެކުން؛
13.10 އިޢުތިރާފުގެ އެއްބަސްވުމުގައި 355203.33ރ (ތިންލައްކަ ފަންސާސް ފަސްހާސް ދުއިސައްތަ ތިން ރުފިޔާ ތެއްތިރީސް ލާރި)، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައި ދިނުމަށް އެދިފައިވީނަމަވެސް ރަނގަޅު ގޮތަކީ ދައުވާގައި ދައުލަތުން އެދިފައިވީ ފަދައިން ޖުމްލަ 355208.33ރ (ތިންލައްކަ ފަންސާސް ފަސްހާސް ދުއިސައްތަ އަށް ރުފިޔާ ތެއްތިރީސް ލާރި)، ރުފިޔާ ނަގައިދިނުން ކަމަށް ދެފަރާތުން އެއްބަސްވެފައިވުމާއި، އަދި މި ޢަދަދު ދައްކަންޖެހޭ ސަބަބަކީ، ބަދަލު ލިބޭ ފަރާތުން ދެންނެވުނު އެޕާރޓްމެންޓް ބޭނުންކުރި މުއްދަތު ކަނޑާފައި ބާކީވާ ފައިސާކަމަށް ދެފަރާތުން ޝަރީޢަތުގައި އެއްބަސްވެފައިވުން؛
13.11 ގެއްލުމުގެ ބަދަލު ލިބިދޭ ފަރާތަށް ލިބެންޖެހޭ އިތުރު ބަދަލެއް އޮތްނަމައީ، އެ ބަދަލެއް ހޯދުމަށް އެދި މަދަނީ ދަޢުވާއެއް ކުރުމަށް ހުރަހެއް ނެތްކަން؛
13.12 ޖިނާއީ ކުށެއް ސާބިތުވެ އެކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ބަދަލު ނަގައިދިނުމަށް ނިންމައިފި ޙާލަތުގައި އެ ބަދަލަކީ 100,000ރ. (އެއްލައްކަ ރުފިޔާ) އަށްވުރެ ބޮޑުއަދަދެއް ކަމުގައިވާނަމައީ އެ ފައިސާ ދައްކަން އަމުރުކުރަންވާނީ 6 މަސްދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭވަރަށްވުރެ މަދުނޫން އަދަދެއް ދައްކާ ޚަލާސްކުރާ ގޮތަށްކަމަށް އެނގެން އޮތުން؛
14ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާގައި އިޢުތިރާފުގެ އެއްބަސްވުމާ ފުށުއަރާގޮތަށް އަދަބު ކަނޑައަޅާފައިވާކަމަށާއި، ދެންނެވުނު ޤަޟިއްޔާގައި ޖޫރިމަނާގެ އަދަބު ކަނޑައަޅާފައިވަނީ، ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލުގެ 25 ވަނަ މާއްދާގެ (ށ) އާއީ (ނ) އާއި ޚިލާފަށްކަމަށް ދެކިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
15ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިވަނީ އަންނަނިވި 2 (ދޭއް) ނުކުތާތަކުގެ މައްޗަށެވެ.
15.1 ފުރަތަމަ ނުކުތާއަކީ؛ ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާގައި، މި މައްސަލައިގައި ވެފައިއޮތް އިޢުތިރާފުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަބު ނޫން އަދަބެއް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ރ) އާއި އެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
15.2 ދެވަނަ ނުކުތާއަކީ؛ ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާގައި، ޖޫރިމަނާގެ އަދަބު ކަނޑައަޅުއްވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 11 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، 1000 ވަނަ މާއްދާގެ (ށ) އިން ހާޞިލުކުރަން ބޭނުންވާ މަޤްޞަދު ހާޞިލުނުވާގޮތަށް، އުޞޫލު ނަންބަރު: 02/2021 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 25 ވަނަ މާއްދާގެ (ށ) އާއި (ނ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
16ޕްރޮސިކިއުޓަރ ޖެނެރަލް އާއި އިބްރާހީމް ނަޒީދުއާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވަނިކޮށް، އަދި އެ އެއްބަސްވުން ދަށު ކޯޓުން ބަލައިގަތުމަށްފަހު، އެ އެއްބަސްވުމާ ފުށުއަރާގޮތަށް ދަށު ކޯޓުން އަދަބު ކަނޑައަޅާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އާއި އެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށާއި، އެގޮތުން އެ މާއްދާތަކުގައި ސާފުކޮށް އޮތީ އިޢުތިރާފުގެ އެއްބަސްވުން ބަލައިގަތުމަށް ކޯޓުން ނިންމައިފިނަމަ، އެއްބަސްވުމުގައިވާ އަދަބު ކަނޑައެޅުމަށް ކަމަށާއި، ދަށު ކޯޓުގެ ޙުކުމުގައި އިބްރާހީމް ނަޒީދުގެ އަދަބު ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް، ދެފަރާތުގެ މެދުގައި އޮތް އިޢުތިރާފުގެ އެއްބަސްވުމުގައިވާ ގޮތަށް 2 (ދޭއް) އަހަރާއި 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްދިނުމަށް އެދޭ ކަމަށެވެ.
17ދައުލަތުގެ ފަރާތުން ހުށަހެޅި ކަންކަމުގެ ރައްދުގައި އިބްރާހީމް ނަޒީދުގެ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ލުއި ގޮތަކަށް ޙުކުމް ކުރެވެން އޮތް ނަމަ އެފަދައިން އެކަން ކޮށްދިނުމަށް އެދޭ ކަމަށާއި، މައްސަލައާއި ގުޅިގެން ޤާނޫނީ ވަކި ސްޓޭންޑެއް ނަގަން ނެތް ކަމަށެވެ.
އެދޭ ގޮތް:
18މިމައްސަލަ ހުށަހެޅިއިރު އިސްތިއުނާފު ފޯމުގައި ދައުލަތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާގައި އަދަބު ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އާއި އެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ކަނޑައަޅާ، ދެފަރާތުގެ ދެމެދުގައި އޮތް އިޢުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް ޖަލަށް ލުމަށް ޙުކުމް ކޮށްދިނުމަށެވެ.
19އެހެންނަމަވެސް، މައްސަލައިގެ އަޑުއެހުމާ ހިސާބަށް އައިއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާ އެއްގޮތަށް ޖޫރިމަނާ ފައިސާ ދައްކާފައިނުވާތީ، ޖަލު ޙުކުމް ތަންފީޛުކުރުމަށް ޤަޟިއްޔާއެއް ހުށަހެޅި އަދަބު ކަނޑައެޅިފައިވާތީ، ދައުލަތުން އެދިފައިވަނީ އަންނަނިވި ފަދައިންނެވެ.
"ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާގައި، އިބްރާހީމް ނަޒީދުގެ މައްޗަށް ޖޫރިމަނާގެ އަދަބު ކަނޑައަޅުއްވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އާއި އެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) އާއި، ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި ދެއްވައި، ޙަވާލާދެވުނު ޤަޟިއްޔާގައި އިބްރާހީމް ނަޒީދާއެކު ޕްރޮސިކިއުޝަނުން ވެފައިވާ އިޢުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް، މީނާ 02 (ދޭއް) އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލަށް ލުމަށް ޙުކުމްކުރައްވާފައިވަނީ، ޤާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅުއްވާދެއްވުން އެދެމެވެ."
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
ހައިކޯޓުގެ ކުރިމަތީގައި އޮތް ޤާނޫނީ ސުވާލު
20ހުށަހެޅިފައިވާ އިސްތިއުނާފަށާއި ދެފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، މިކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ސުވާލުތަކަށެވެ.
20.1 އިޢުތިރާފުގެ އެއްބަސްވުމުގައިވާ އަދަބުގެ ބާވަތަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭތޯ؟
20.2 އަދަބުގެ ބާވަތް ބަދަލުކޮށްފައިވަނީ ޖަލު އަދަބު ޖޫރިމަނާ އަށް ބަދަލުކުރުމުގެ އުޞޫލާ ޚިލާފަށްތޯ؟
އިޢުތިރާފު އެއްބަސްވުމުގައިވާ އަދަބުގެ ބާވަތް ބަދަލުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭތޯ؟
21އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) އާއި އެޤާނޫނުގެ 162 ވަނަ މާއްދާގައި، އިޢުތިރާފްގެ އެއްބަސްވުމަކީ ޝަރީޢަތަށް ބަލައިގަނެފައިވާ އެއްބަސްވުމެއް ނަމަ އަދަބު ކަނޑައަޅަންވާނީ، އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އެއްބަސްވުން ބަލައިގަތުމަށް ފަހު، ދެފަރާތުން އެއްބަސްވެފައިވާ އަދަބަށް އެއްވެސް ބަދަލެއް ގެނައުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންނުވާ ކަމަށެވެ.
22ދަށު ކޯޓު ރިޕޯޓަށް ބެލުމުން، ދައުވާއާއި ގުޅިގެން އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާތީ، މައްސަލައިގައި ކަނޑައެޅޭނެ އަދަބަކީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގައިވާ އަދަބު ކަމަށް ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ޤާނޫނުލްއުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1202 ވަނަ މާއްދާގެ ދަށުން ކުށްވެރިޔާގެ މައްޗަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެމިންވަރުގެ އެހެން އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދީފައިވާތީ، އެއްބަސްވުމުގައި ބަޔާންކުރާ އަދަބު (އަސްލީ އަދަބު) ގެ ގޮތުގައި ކަނޑައެޅުމަށްފަހު އެއާ އެއް ހަމަ އެހެން އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
23ސުވާލަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 162 ވަނަ މާއްދާގެ ސަބަބުން ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1202 ވަނަ މާއްދާގެ ދަށުން އަދަބު އެއް ހަމަކުރުމަށް ފަނޑިޔާރަށް ލިބޭ ބާރު ހަނިވެގެންދޭތޯއެވެ. މިފަރަޤު ދަނެގަތުމަށްޓަކައި އަދަބު އެއްހަމަކުރުމަކީ ކޮބައިކަމާއި، އިޢުތިރާފުގެ އެއްބަސްވުމަކީ ކޮބައިތޯއާއި މިދެމަފްހޫމްގެ މަޤްސަދާއި ޤާނޫނު ފަރުމާ ކުރެވިފައިވާ ގޮތުން މިދެމަރުހަލާގައި ކޯޓަށާއި ޕްރޮސިކިއުޝަނަށް ލިބިދީފައިވާ އަދި ހަނިކުރެވިފައިވާ ބާރުތަކަކީ ކޮބައިކަން ދަނެގަންނަން ޖެހެއެވެ.
އަދަބު އެއްހަމަކުރުން
24މިމައްސަލަ ނިންމުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ އަދަބު ކަނޑައެޅުމަށްފަހު ވެސް ޤާނޫނުލްއުޤޫބާތުގެ ދަށުން އަދަބުގެ ބާވަތް ބަދަލުކުރުމަކީ، ލިބިފައިވާ އިޚްތިޔާރެއް ކަމަށެވެ. ޤާނޫނީ އަސާސެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1005 ވަނަ މާއްދާއެވެ.
25ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން އަދަބު ކަނޑައަޅާނަމަ، އަދަބު ކަނޑައަޅަންވާނީ، އެ ޤާނޫނުގެ ތިންވަނަ ބައިގައި ބަޔާންވެގެންވާ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާއި، އަދަބު ކަނޑައެޅުމުގެ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 159 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
26އެޤާނޫނުގެ 3 ވަނަ ބައި އަކީ "ކަނޑައެޅޭނެ އަދަބު މިންވަރު" މިސުރުޙީގެ ދަށުން އަދަބާއި ގުޅޭ އުޞޫލުތައް ބަޔާންކުރާ ބައެވެ. އެގޮތުން ޤާނޫނުގެ 1002 ވަނަ މާއްދާގައި "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކުރާ ތާވަލެއް" ހިމެނިފައިވާއިރު، 1001 ވަނަ މާއްދާގެ (ނ) ގައި "މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށުގެ ދަރަޖަ ބަޔާންކުރާ ކޮލަމްގެ ގޮޅިއާގުޅޭ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުށުގެ އަދަބުގެ މިންވަރަށް ގެންނަންޖެހޭ އުނި އިތުރު ގެނައުމަށްފަހު ކަނޑައަޅާ ގޮޅީގައި ބަޔާންކުރާ އަދަބަކީ އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު"ކަމަށް ބަޔާންކޮށްފައިވެއެވެ.
27މިމައްސަލަ ނިންމުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ އަދަބު ކަނޑައެޅުމަށް ފަހު، ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބުގެ ބާވަތް ބަދަލުކުރުމަކަށް ހުރަހެއް ނެތް ކަމަށެވެ. ޤާނޫނީ އަސާސެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަކޮށްފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1005 ވަނަ މާއްދާއެވެ.
28ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"މި ޤާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައި ކުށެއްގެ އަދަބުގައި ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅާފައިވާނެއެވެ. އެހެންނަމަވެސް، އެގޮތުން ކަނޑައެޅޭނެ ޖަލުގެ މުއްދަތާ އެއް މިންވަރެއްގެ އެހެން އަދަބެއް ނުވަތަ ތަފާތު އެކިއެކި ބާވަތުގެ އަދަބުތައް އެއްކުރުމަށްފަހު ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތާ އެއްހަމަ އަދަބު އެކުށްވެރިއެއްގެ މައްޗަށް ކަނޑައެޅިދާނެއެވެ. މިގޮތުން ކަނޑައެޅޭ އަދަބުގެ މުއްދަތާއި ބާވަތް ވާންވާނީ މި ޤާނޫނުގެ 1005 ވަނަ މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެމަތިންނެވެ."
29ބުނެވުނު މާއްދާގެ ދަށުން ޤާނޫނުން ބަލައިގަނެފައިވާ މިއުޞޫލަކީ، އަދަބު އެއް ހަމަކުރުން (conversion of sentence) ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ބާވަތް ބަދަލުކުރުމުގެ މަފްހޫމެވެ. ކުށަށް ކަނޑައެޅޭ އަދަބު އެއާ އެއްމިންވަރެއްގެ އެހެން ބާވަތެއްގެ އަދަބަކަށް ބަދަލުކުރުމެވެ. މިއީ ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅިފައިވާ އަދަބުގެ ދަރަޖަ ބަދަލު ކުރުމާ (mitigate & aggrevate) ތަފާތު މަފްހޫމެކެވެ.
30އަދަބުގެ ދަރަޖަ ބަދަލުކުރާއިރު، އަދަބުގެ މިންވަރަށް ބަދަލެއް އާދެއެވެ. މިސާލަކަށް ޖިނާޔަތު 1 ދަރަޖައިގެ ކުށުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ 10 އަހަރެވެ. ޤާނޫނުގައި ކަނޑައެޅިފައިވާ އަސާސެއްގެ (ކުށަށް އިއުތިރާފުވުމުން 1 ދަރަޖަ ލުއިވުން) މައްޗަށް ބިނާކޮށް 1 ދަރަޖަ ލުއި ވެއްޖެނަމަ، ކަނޑައެޅޭ އަދަބު 7 އަހަރާއި 6 މަހަށް ލުއިވެގެން ދެއެވެ. އެހެންނަމަވެސް، އެއްހަމަ ކުރާއިރު، އަދަބާ އެއްމިންވަރެއްގެ އަދަބެއް އެހެން ބާވަތަކުން ކަނޑައެޅުމުގެ އިޚްތިޔާރު ޤާނޫނުން ކޯޓަށް ލިބިދެއެވެ. މިސާލަކަށް، 1 އަހަރުގެ ޖަލު ބަންދަކީ -/72,000ރ. ނުވަތަ އެއްއަހަރުގެ އާމްދަނީ (ދެޢަދަދުން ބޮޑު ޢަދަދެއް) އެއްހަމަ އަދަބެއް ކަމަށް ޤާނޫނުގައި ކަނޑައެޅިފައިވާތީ، އެއްއަހަރުގެ ޖަލު ބަންދު، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން، ބުނެވުނު ޢަދަދުގެ ޖޫރިމަނާއަކަށް ބަދަލުކޮށް ޙުކުމްކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބެއެވެ.
31އަދަބު އެއް ހަމަކުރުމުން، އަދަބު ތަންފީޛުކުރުމުގައި މީހާއަށް ލުއިތަކެއް ލިބިގެންދާކަމީ ޝައްކެއް އޮތް ކަމެއް ވެސް ނޫނެވެ. އަދަބު އެއް ހަމަކުރުމުގެ މަފްހޫމް ޤާނޫނުން ބަލައިގަތުމުގެ މައިގަނޑު މަޤްސަދަކީ ވެސް، މައްސަލައިގެ ޙާލަތަށް ބަލައި ކުށްވެރިޔާ އަނބުރާ މުޖުތަމައުއަށް ގެނައުމަށް އެންމެ ބޮޑަށް ބާރު އަޅާ އަދަބުގެ ބާވަތް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބިދިނުމެވެ.
އެއްބަސްވެވިގެން އުފުލޭ ދައުވާ
32ޖިނާއީ ކުށުގެ ތަޙްޤީޤުތައް ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށާއި، އެފަދަ ތަޙްޤީޤުތަކާއި ޝަރީޢަތްތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމުގެ މަޤްސަދު ހާސިލުކުރުމުގެ ބޭނުމުގައި ދުނިޔޭގެ ގިނަ ޖިނާއީ ޢަދުލުގެ ނިޒާމުތައް ބަލައިގަނެފައިވާ ޤާނޫނީ އެއް އިޖުރާއަތަކީ "ޕްލީ ބާގެއިނިންގ"ގެ އުޞޫލުތަކާއި ހަމަތަކެވެ.
33ޕްލީ ބާގެއިނިންގ އަކީ، މުއްތަހަމާއި ދައުލަތާއި ދެމެދު ކުރެވޭ މަޝްވަރާގެ މައްޗަށް ބިނާކޮށް، ލުއި އަދަބެއް ނުވަތަ އެހެނިހެން އިނާޔަތްތަކެއް ލިބުމުގެ މުޤާބިލުގައި ތުހުމަތަށް ނުވަތަ ދައުވާއަށް އިއުތިރާފުވުމަށް އެއްބަސްވާ ގާނޫނީ އިޖުރާއަތެކެވެ. މިގޮތުން، ބޮޑު ކުށަކަށް ތުހުމަތުކުރެވޭ ޙާލަތުގައި އެދައުވާ ކުރުމުގެ ބަދަލުގައި އެއަށްވުރެ ކުޑަ ކުށަކަށް ދައުވާކުރެވި އެކުށަށް އިޢުތިރާފުވުމަށް އެއްބަސްވުން، ގިނަ ދައުވާތައް ކުރެވެން އޮތް ޙާލަތެއްގައި އެއް ދައުވާއެއް ކުރުމަށާއި އެދައުވާއަށް އިޢުތިރާފުވުމަށް އެއްބަސްވުން ހިމެނެއެވެ.
34ޕްލީ ބާގެއިނިންގގެ މިއިންތިޒާމް ޖިނާއީ ޢަދުލުގެ ނިޒާމުތަކުން ބަލައިގަންނަނީ، މިއިންތިޒާމްގެ ސަބަބުން ދައުލަތަށާއި ޝަރުޢީ ކޯޓުތަކަށާއި އަދި ތުހުމަތުކުރެވޭ ފަރާތްތަކަށާއި މުޖުތަމަޢަށް ޖުމުލަ ގޮތެއްގައި ފަސޭހަ ލުއިތަކެއް ލިބޭތީއެވެ. ދައުވާ ލިބޭ ފަރާތުގެ މައްޗަށް ވަކި ކުށެއް ސާބިތުވާނެ ކަމުގެ ޔަޤީންކަން ދައުލަތަށް ލިބޭއިރު، ދައުވާ ލިބޭ ފަރާތަށް ޝަރީއަތުގައި ކުރިމަތިވެދާނެ ބޮޑު އަދަބަށް ވުރެ ކުޑަ އަދަބެއް ކަނޑައެޅެއެވެ. ޝަރީއަތުގެ ދިގު މަރުހަލާތައް ފުރިހަމަކުރަންޖެހޭ މައްސަލަތައް މަދުވެ އިންސާފުގެ ރާސްތާ ކުރުވެގެންދެއެވެ.
35ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ޕްލީ ބާގެއިނިންގގެ މިއުޞޫލު ބަލައިގަނެފައިވަނީ، އެޤާނޫނުގެ 98 ވަނަ މާއްދާއާއި، 104 ވަނަ މާއްދާއާއި، 162 ވަނަ މާއްދާއިންނެވެ. ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުޞަތު ދީ، މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމަޢުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދަޢުވާކުރުމުގެ ބަދަލުގައި ނަސޭޙަތްދީ، މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވެއެވެ. މިގޮތުން، 1 (އެކެއް) އަހަރު ދުވަހަށް ވުރެ ދިގު ނޫން ޖަލުގެ އަދަބު ކަނޑައެޅޭ މައްސަލަތަކުގައި ދައުވާ ކުރުމުގެ ބަދަލުގައި ނަސޭޙަތްދީ މައްސަލަ ނިންމުމުގެ ފުރުސަތު މި ޤާނޫނުގެ 98 ވަނަ މާއްދާގެ (ނ) އިން ލިބެއެވެ.
36ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާއިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުށަހެޅުމަށް ނުވަތަ މުއްތަހަމުގެ ހުށަހެޅުމަށް، ދެފަރާތުގެ ދެމެދުގައި އިޢުތިރާފުގެ އެއްބަސްވުމެއް ވެވިދާނެ ކަން އެނގެއެވެ. މި ގޮތުން މިމާއްދާގައިވާ ޝަރުޠުތަކަށް ބަލާއިރު، މިބާވަތުގެ އެއްބަސްވުމަކަށް ވަނުމުގައި މީހާ ކުށަށް އިޢުތިރާފުވަނީ ކުށުގެ ރުކުންތަކާއި އުންސުރުތަށް ތަފްސީލުކޮށް ކަށަވަރުކޮށްކަމާއި، ތަޙްޤީޤަށް ހޯދިފައިވާ ހޯދުންތަކުން އިޢުތިރާފަށް ވާގިވެރިވުމުގެ އިތުރުން އިޢުތިރާފުވާ ކަންތައްތަކާއި، ތަޙްޤީޤުގައި ހޯދިފައިވާ ހޯދުންތަކާއި އެކަށީގެންވާ ނިސްބަތަކަށް ދިމާވާން ޖެހޭއިރު، ދައުލަތުން ހުށަހަޅާ ލުއިތަކާއި މުއްތަހަމު ފޯރުކޮށްދޭ މަޢުލޫމާތުން އުފައްދާ ނަތީޖާއާ ވަޒަން ހަމަވާންޖެހޭ ކަން އެނގެއެވެ. މިޝަރުޠުތަކުން މިބާވަތުގެ އެއްބަސްވުމަށް ދެފަރާތުންވެސް ވަންނަނީ އެއްބަސްވުމުގެ ސަބަބުން ދެފަރާތުން ވެސް ހާސިލުކުރަން ބޭނުންވާ ވަރަށް ޚާއްސަ ވަކި މަޤްސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ދެފަރާތުގެ މައްޗަށް ޙަކަމެއްގެ ގޮތުގައި ބޭނުންކުރުމަށްކަން ސާފެވެ.
37މިމައްސަލައިގައި ހިމެނޭ އެއްބަސްވުންތަކަށް ވަންނަ އިރު، ޤާނޫނުގެ މިމާއްދާ މަތީގައި ބުނެވުނު މިންވަރަށް ތަފްސީލެއް ނޫނެވެ. އެހެންނަމަވެސް، އޭރުވެސް ޤާނޫނުގެ 104 ވަނަ މާއްދާގެ (ހ) ގައި، ތުހުމަތުކުރެވޭ މީހާއާއި ޕްރޮސކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފްވެއްޖެނަމަ ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއް ވެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފުވޭތޯ ބެލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެ ކަންތައްތަކުގެ ތެރޭގައި އޭނާގެ މައްޗަށް އިތުރު ދަޢުވާއެއް ނުކުރާނެކަމަށް ހުށަހެޅުމާއި އޭނާގެ މައްޗަށް ކޮށްފައިވާ ބައެއް ދަޢުވާ އަނބުރާ ގެންދެވިދާނެކަމަށް ހުށަހެޅުމާއި އަދި ކުށުގެ އަދަބު ލުއިކޮށްދިނުމަށް އެދޭނަމަ، އަދަބު ލުއިކޮށްދެވިދާނެ ގޮތްތަކެއް ހުށަހެޅިދާނެ ކަމަށް ޤާނޫނުގެ 96 ވަނަ މާއްދާގައި އޭރު ބަޔާންކޮށްފައިވެއެވެ.
އަދަބު ލުއިކުރުމަށް ހުށަހެޅުމަށް ޕްރޮސިކިއުޝަނަށް އޮތް ބާރު
38މިމައްސަލަ ހިނގަމުން ދިޔައިރު ޢަމަލުކުރެވެމުން ދިޔަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.
"(ށ) މިމާއްދާގެ ދަށުން ވެވޭ އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ދަށް ނުވާނެ އަދަބެކެވެ. ނުވަތަ، ޤާނޫނުގައި އެކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅައެއްބަޔަށް ވުރެ ކުޑަ ނުވާނެ އަދަބެކެވެ."
39މި މައްސަލައިގައި ހިމެނޭ ދައުވާއަކީ، ޤާނޫނުލްޢުޤޫބާތުގެގެ ދަށުން އުފުލިފައިވާ ދައުވާއެކެވެ. ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ ކޮންމެ ކުށަކީ ދަރަޖަކުރެވިގެންވާ ކުށެކެވެ. އެޤާނޫނުގެ ދަށުން ކަނޑައެޅޭނެ އަދަބު 1001 ވަނަ މާއްދާގައި ބަޔާންކުރަމުން، ޤާނޫނުގެ 1 ވަނަ ބަޔާއި 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، 1002 ވަނަ މާއްދާގެ އަލީގައި "އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ކަނޑައަޅަންވާނެކަމަށާއި، 1002 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންތައްތަކުގެ އަލީގައި އަދަބުގެ މިންވަރު މައްޗަށް ޖައްސަންޖެހޭ ޙާލަތްތައް އެއްކޮށް، އެއިން އަދަބުގެ މިންވަރުން ދަށަށް ޖައްސަންޖެހޭ ކަންކަން ކެނޑުމުން، އަންނަ އަދަބުގެ މިންވަރަކީ އެކުށަކާއި ގުޅިގެން ދެވޭނެ އަދަބު ކަނޑައަޅާ ގޮޅިކަމަށް ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކަނޑައެޅޭ އަޞްލީ އަދަބަކީ ޖަލު ބަންދުކަމަށް ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ގައި ބަޔާންކުރެއެވެ.
40މީގެ އިތުރުން، ޤާނޫނުލްއުޤޫބާތުގެ 1001 ވަނަ މާއްދާގެ (ނ) ގައި، "...ކުށުގެ އަދަބުގެ މިންވަރަށް ގެންނަންޖެހޭ އުނި އިތުރު ގެނައުމަށްފަހު ކަނޑައަޅާ ގޮޅީގައި ބަޔާންކުރާ އަދަބަކީ އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އަދަބު ލުއިކުރުމަށް ޕްރޮސިކިއުޝަނަށް އޮތް ބާރަކީ، މިމިންވަރަށް ވުރެ ދަށް ނުވާނެ އަދަބަކަށް އެއްބަސްވުން ކަން އެނގެއެވެ.
41ކުރިން ވެސް ފާހަގަކުރެވުނު ފަދައިން، މިމައްސަލަ ތަކުގައި ހިމެނޭ އެއްބަސްވުން ހެދުމުގައި އަދަބު ލުއި ކުރުމުގައި ދައުލަތަށް ހުށަހެޅޭ ކަންތައްތައް ޤާނޫނުގައި މަހުދޫދުކުރެވިފައިވަނީ ކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ލުއި ނުވާނެ މިންވަރަކަށް އަދަބު ކަނޑައެޅުމަށެވެ. އަދަބު އެއް ހަމަކުރުމަކީ، އަދަބު ލުއިކުރުން ކަމަށް ޤާނޫނު ބަލައިނުގަންނައިރު، އެއްބަސްވުން ވެވުނުއިރު، އަދަބު އެއް ހަމަކޮށް ހުށަހެޅުމުގެ އިޚްތިޔާރެއް ދައުލަތަށް ނެތެވެ.
42އިސްތިއުނާފުން ބެލެވެމުން މިދާ މައްސަލައިގައި އިބްރާހީމް ނަޒީދުއާ ދައުލަތާ ދެމެދު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުން ވެފައިވަނީ 29 ސެޕްޓެމްބަރު 2022 ގައެވެ. އޭރު ޢަމަލުކުރެވެމުންދިޔަ އުޞޫލުތަކަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށް ނުވާނެ އަދަބަކަށެވެ. އެހެންކަމުން، މިމައްސަލައިގައި އިސްވެ ބަޔާންކޮށްފައިވާ ފަދައިން، އަސާސީ އަދަބެއްގެ ގޮތުގައި ޖަލު އަދަބު ކަނޑައެޅިފައިވާ މައްސަލައެއްގައި އެއަށް ވުރެ "ލުއި" ވާގޮތަކަށް އެއްބަސްވުމަކަށް އައުމަށް ޤާނޫނު ތަންދޭ ކަމުގައި ނުބެލެވެއެވެ.
އެއްބަސްވުމާ އެއްގޮތަށް ޙުކުމްކުރުމަށް ޝަރީޢަތަށް ލާޒިމުވުން
43ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، "ދަޢުވާ ލިބޭ ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމާމެދު އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ގޮތެއް ނިންމަންވާނެ" ކަމަށެވެ. އަދި، އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، މި މާއްދާގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުން ކަމަށްވާނަމަ، އޭނާގެ މައްޗަށް ޙުކުމްކޮށް، އަދަބު ކަނޑައެޅުމުގައި އެ އެއްބަސްވުމާ އެއްގޮތަށް ފަނޑިޔާރު ޙުކުމްކޮށް އަދަބު ކަނޑައަޅަންވާނެ ކަމަށެވެ.
44މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) ގައިވެސް ދަޢުވާ ލިބޭ ފަރާތަކީ، މި ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އަދި އެ އެއްބަސްވުމަކީ އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ބަލައިގެންފައިވާ އެއްބަސްވުމެއްނަމަ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައިވެއެވެ.
45މި ދެމާއްދާ އެކުއެކީގައި ކިޔައި ލަފްޒީ މާނަކުރުމަކަށް ގޮސްފިނަމަ، ދައުލަތުން ހުށަހަޅާފައިވާ ފަދައިން، އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް ޙުކުމް ކުރުން ފިޔަވައި އިތުރު އިޚްތިޔާރެއް ފަނޑިޔާރަށް ލިބިގެންނުވެއެވެ. ނަމަވެސް، އިސްވެ ބަޔާންކުރެވުނު، ޕްލީ ބާގެއިނިންގގެ އުސޫލާއި އަދަބު އެއްހަމަކުރުމުގެ މަޤްސަދަށް ބަލާއިރު، ޕްރޮސިކިއުޝަނާއި ދައުވާ ލިބޭ ފަރާތުން ވެފައިވާ އެއްބަސްވުމުގައިވާ އަދަބު ކަނޑައެޅުމަށް ފަހު، އެއަދަބުގެ ބާވަތް ބަދަލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން، ބިނާވެގެންދާނީ ޕްރޮސިކިއުޝަނުން އެއްބަސްވުން ހެދުމުގައި އަދަބު އެއް ހަމަކުރުމަށް ފަނޑިޔާރަށް ލިބޭ ބާރަށް ރިޢާޔަތްކުރުމުގެ ފުރުސަތު އޮތުމުގެ މައްޗަށެވެ.
46މަތީގައި ބަޔާންކުރެވުނު ފަދައިން، ޤާނޫނުލްޢުޤޫބާތުގެ ދަށުން، އަދަބު އެއްހަމަކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ޕްރޮސިކިއުޝަނުން، އޭރު ޢަމަލުކުރަމުން ދިޔަ އުޞޫލަށް ބަލާއިރު، ބާރު ލިބިގެންވަނީ، ކަނޑައެޅޭނެ އަދަބުގެ އެންމެ ލުއި މިންވަރަށް ވުރެ ދަށް ނުވާނެ އަދަބަކަށް އެއްބަސްވުމަށެވެ. ޤާނޫނު އޭރު އޮތް ގޮތުން، އަދަބު އެއްހަމަކުރުމާ ގުޅޭ އުޞޫލުތަކަށް ރިޢާޔަތްކޮށް އެއް ހަމަ އަދަބެއް ހުށަހެޅުމުގެ ބާރެއް ޕްރޮސިކިއުޝަނަށް ލިބިގެނެއް ނުވެއެވެ.
47އެހެންކަމުން، މަޤްސަދަށް އިސްކަންދިނުމުގެ އުޞޫލަށް ރިޢާޔަތްކޮށް، އޭރު ޢަމަލުކުރެވެމުންދިޔަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އާއި 162 ވަނަ މާއްދާއިން ފަނޑިޔާރަށް ލާޒިމްވަނީ ކަނޑައެޅޭނެ އަދަބުގެ ގޮތުގައި އެއްބަސްވެފައިވާ މިންވަރަށް އެއްބަސްވުމާ އެއްގޮތަށް އަދަބު ކަނޑައެޅުމަށެވެ. ޤާނޫނުލްޢުޤޫބާތުން ލިބިދޭ އަދަބު އެއް ހަމަކުރުމުގެ އިޚްތިޔާރު ހަނިވެގެން ނުދެއެވެ.
48މިމައްސަލައިގައި އިބްރާހީމް ނަޒީދުގެ މައްޗަށް އުފުލި ދައުވާގައި އަދަބު ބިނާކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުންނެވެ. މިއީ ޖިނާއަތު ދަރަޖަ 3 ގެ ކުށެކެވެ. ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހެވެ. ޢާންމު އުޞޫލުން ބަލާއިރު، މައްސަލައިގެ ޝަރީޢަތް ނުފެށެނީސް މުއްތަހަމަކު ކުށަށް އިޢުތިރާފްވެއްޖެނަމަ، އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ އަދަބު ލުއިވެގެންދެއެވެ. މާނައަކީ، އަދަބުގެ މިންވަރު 2 އަހަރާއި 4 މަހާއި 24 ދުވަހަށް ބަދަލުވެގެންދެއެވެ.
49ދައުލަތާއި އެކު އެއްބަސްވުމެއް ނެތި ޝަރީޢަތުގައި އިޢުތިރާފުވާ މީހާއަށް ހަމަ މިއަދަބުގެ ބާވަތް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1005 ވަނަ މާއްދާގެ ދަށުން އެހެން ބާވަތަކަށް ބަދަލުކުރުމަށް ފުރުސަތު ލިބެއެވެ. އިޢުތިރާފް އެއްބަސްވުމުގެ ދަށުން ތަޙްޤީޤު މަރުހަލާއިން ފެށިގެން ތަޙްޤީޤަށް އެއްބާރުލުންދީ، ކުށުގެ އިތުރު ބައިވެރިން ހޯދުމުގައި އެހީތެރެވެދޭ މީހަކަށް، ޝަރީޢަތަށް އައިސް އިޢުތިރާފުވާ މީހާއަށް ވުރެ ހަރުކަށި އަދަބެއް ލިބޭ ގޮތަށް ޤާނޫނު މާނަކުރުމީ މުޅި ޤާނޫނުގެ މަޤްސަދު ގެއްލޭ ކަމެއް ކަމުގައި ދެކެމެވެ.
50އަދި، ޤާނޫނު ތަރުތީބުކުރެވިފައިވާ ގޮތުން ނިކުންނަ މިދެކޮޅުނުޖެހޭ ނަތީޖާ އޮތްކަން ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފައިވާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު 04 ވަނަ އިޞްލާޙުން އެނގެއެވެ. އެގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގެ (ކ) ގައި އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރެވޭނޭ ގޮތް ބަޔާންކުރަމުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގައި ބަޔާންކުރާ ކުށަކާ ގުޅިގެންނަމަ، އެ ކުށަށް އެއްބަސްވެވޭ އަދަބު، ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގައި ހިމެނޭ، އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލުގައި ބަޔާންކުރާ ގޮތަށް ބަދަލުކޮށް، އެގޮތުގެމަތިން އެއްބަސްވުމުގައި ހިމެނިދާނެކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މިމާއްދާ މިހާރު އޮތްގޮތަށް ރިޢާޔަތްކޮށް ހެދޭ އެއްބަސްވުމެއްގައި ދައުލަތުން ރިޢާޔަތްކުރާނެ އެއްކަމަކީ އެއްހަމަކުރުމުގެ މިއުޞޫލު ކަމުގައިވުމުން، އަދަބު ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1005 ވަނަ މާއްދާއިން ލިބޭ އިޚްތިޔާރު ހަނިވާކަން ސާފެވެ.
51ބުނެވުނު އެންމެހައި ކަންތައްތަކަށް ރިޢާޔަތްކޮށް މިމައްސަލައިގައި ހިމެނޭ އެއްބަސްވުންތައް ވެވުނުއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނު އޮތްގޮތަށް ރިޢާޔަތްކުރާއިރު، ދަށު ކޯޓުން މިފަދަ އިޚްތިޔާރެއް އޮތް ކަމަށް މާނަކުރި ކުރުމަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި ނުދެކެމެވެ.
ޖަލު އަދަބު ޖޫރިމަނާ އަށް ބަދަލުކުރުމުގެ އުޞޫލާ ޚިލާފުވެފައިވޭތޯ؟
52މިނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ޚަސްމަކު ޖަލު އަދަބެއް ޖޫރިމަނާއަކަށް ބަދަލުކުރުމަށް އެދޭ ޙާލަތުގައި ފަނޑިޔާރަށް އެކަމުގެ އިޚްތިޔާރު ލިބިގެންވީ ނަމަވެސް، އެއިޚްތިޔާރު ތަޠްބީޤުކުރެވެންވާނީ ގަވާއިދުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތަރަހައިގެ ތެރެއިން ކަމަށާއި، ޝަރީޢަތުން އަދަބު ކަނޑައެޅުމުގެ އުޞޫލުގެ 25 ވަނަ މާއްދާގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމެއް ނެތި މިމައްސަލައިގައި އަދަބު ކަނޑައެޅިފައިވާ ކަމަށެވެ.
53އެގޮތުން، އެމާއްދާގެ ދަށުން، ތަކުރާރުކޮށް މިބާވަތުގެ ކުށް ކުރާ މީހެއްތޯ ބަލަންޖެހޭ ކަމަށާއި، މިބާވަތުގެ ކުށްތަކުގެ ރެކޯޑު އިސްތިއުނާފު ރައްދުވާ ފަރާތުގެ އޮތްކަމަށާއި، އެހެންކަމުން، މިޙާލަތުގައި ޖޫރިމަނާގެ އަދަބަށް ބަދަލުކުރުމުގެ ޝަރުޠުތައް ފުރިހަމަނުވާތީ، މިމައްސަލައިގައި ޖޫރިމަނާގެ އަދަބު ކަނޑައެޅިގެން ނުވާނެ ކަމަށެވެ.
54ދަށު ކޯޓުގެ ރެކޯޑުތަކަށް ބަލާއިރު، އަދަބު އެއްހަމަކޮށް ޖޫރިމަނާގެ ބާވަތަށް ބަދަލުކޮށްދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދުމުން ދައުލަތުން އެކަމަށް އިންކާރުކޮށްފައިވެއެވެ. އެގޮތުން، މިއީ ޖިނާޔަތުގެ ކުށެއް ކަމުގައިވުމުން ޖޫރިމަނާއަކަށް ބަދަލުނުކުރެވޭނެ ކަމަށް ތައުނުކޮށްފައިވާއިރު އެކަމާ މެދު ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވެއެވެ. ޝަރީޢަތުގެ އެނިންމުމަށް މިއިސްތިއުނާފުގައި ތައުނުކޮށްފައި ނުވެއެވެ.
55ދަށުކޯޓުގެ ރެކޯޑުތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ކުށުގެ ރެކޯޑަށް ރިޢާޔަތްކޮށް އަދަބާ މެދު ވަކިއެއްޗެއް ދައުލަތުން ފާހަގަކޮށްފައިވާކަން އެނގެން ނެތެވެ. މީހެއްގެ ކުށުގެ ރެކޯޑު އޮވުމުގެ ސަބަބުން އަދަބު އެއްހަމަކުރުމަށް ހުރަހެއް އެޅޭނަމަ އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނައުމަކީ ދައުލަތުގެ ޒިންމާއެކެވެ.
56ހައިކޯޓުން މައްސަލަ ބެލުމުގައި ޢަމަލުކުރަންވާނީ ދަށު ކޯޓުގައި ހުށަހެޅުނު އަސާސްތަކުގެ މައްޗަށް ކަމަށްވެފައި މީހެއްގެ ކުށުގެ ރެކޯޑަކީ ވާޤިއީގޮތުން ކަށަވަރުކުރެވޭނެ ކަމަކަށްވާއިރު، މިވާޤިއާ ދައުލަތުގެ ފަރާތުން ދަށުކޯޓުގައި ފާހަގަކޮށްފައި އޮތް ކަމަށް ނުބެލޭވޭތީ، މިބަހުޘުގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރެވޭ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި ނުދެކެމެވެ. މިކޯޓަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކުށުގެ ރެކޯޑަކީ ދަށު ކޯޓުން މައްސަލަ ނިމުނު ފަހުން 28 ފެބްރުއަރީ 2023 ގައި ޕްރިންޓްކޮށްފައިވާ ލިޔުމެއް ކަން އެލިޔުމުން އެނގެއެވެ.
ނިންމަން ފެންނަގޮތް
57އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
58އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާގައި، މި މައްސަލައިގައި ވެފައިއޮތް އިޢުތިރާފުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަބު ނޫން އަދަބެއް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ރ) އާއި އެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މިނުކުތާއާމެދު އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
އިއުތިރާފުގެ އެއްބަސްވުން ޝަރީޢަތުން ބަލައިގަތުމަށް ނިންމުމަށްފަހު، އެ އެއްބަސްވުމުގައިވާ އަދަބަށް އުނިއިތުރު ގެނެސް އަދަބު ކަނޑައެޅުމުގެ އާންމުއުސޫލު ތަޠުބީޤުކުރެވިދާނެތޯ؟
59HN1HN2ފުރަތަމަ ކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއާއި ކުށުގެ ތުހުމަތުގައިވާ ނުވަތަ ދައުވާލިބޭ މީހާއާ ދެމެދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާގޮތުގެ މަތިން އިއުތިރާފުގެ އެއްބަސްވުމެއްވެ، އެ އެއްބަސްވުން ބަލައިގަތުމަށް މައްސަލަ ބަލާ ފަނޑިޔާރު ނިންމާ ހިސާބުން، އެ އޮތީ ދެފަރާތުގެ މެދުގައި ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވެވިފައެވެ. މިފަދައިން އަހުރެން މި ފާހަގަކުރަނީ ކުށުގެ ތުހުމަތުގައިވާ މީހާ އާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ވެވިދާނެކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ހަމަ އެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) ގައި އެ އެއްބަސްވުން ބަލައިގަތުމުގެ ނުވަތަ ބަލައިނުގަތުމަށް ނުވަތަ ބަދަލު ކުރުމަށް އެންގުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީއެވެ. އެގޮތުން އެ މާއްދާގެ (ރ) ގައި އޮތީ އަންނަނިވި ފަދައިންނެވެ.
108(ރ) މި މާއްދާގެ ދަށުން ހުށަހަޅާ އެއްބަސްވުމަކީ، އެހާތަނަށް މައްސަލައިގައި ލިބިފައިވާ ހެއްކަށް ބަލާއިރު، ނުވަތަ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގައި ހިމެނޭ މުހިންމު ކަންކަމަށް އެކަށީގެންވާ މިންވަރަކަށް ރިޢާޔަތްކުރުމެއްނެތި ހުށަހަޅާފައިވާ އެއްބަސްވުމެއްނަމަ، އެ އެއްބަސްވުމާމެދު އަލުން ވިސްނުމަށް އެންގުމުގެ ބާރު، ނުވަތަ އެއްބަސްވުން ބަލައިނުގަތުމަށް ނިންމުމުގެ ބާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުންނަމަ، އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި، އެ ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ފަނޑިޔާރު އަދަބު ކަނޑައަޅައި، ޙުކުމްކުރަންވާނެއެވެ.
60HN3އިސްވެ ފާހަގަކުރެވުނު ފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އާއި ދައުވާލިބޭ މީހާއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވުން ޤާނޫނުގައި ހުއްދަ ކޮށްފައިވާއިރު، އެ އެއްބަސްވުން ހެދުމުގެ އެންމެ އަސާސީ އެއް ބޭނުމަކީ އޭނާގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމަށްޓަކައި ކަމާއި ލުއި އަދަބަކަށް އެއްބަސްވުމަށް ނުވަތަ ދައުވާލިބޭ ފަރާތަށް ލުއި ލިބޭގޮތަށް އެއްބަސްވުމެއް ވުންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 103 ވަނަ މާއްދާ އާއި 104 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ 4 ވަނަ ނަންބަރު އަދި (ކ) އެއް ރޮއްޖަކުން ކިއުމުން ސާފުކޮށް ދޭހަވެއެވެ. އެގޮތުން އެ މާއްދާތަކުގައި އޮތީ އަންނަނިވި ފަދައިންނެވެ.
103. ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހަކީ، މި ޤާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ނަސޭހަތް ދިނުމަށްފަހު ދަޢުވާ ނުކޮށް ދޫކޮށްލުމަށް ޝަރުޠު ހަމަވާ މީހެއް ކަމުގައިނުވާނަމަ، ނުވަތަ އޭނާގެ މައްޗަށް އޭނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމަށްޓަކައި މި ޤާނޫނުގެ 104 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިޢުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ވެވިދާނެއެވެ.
104 (ހ) ކުށުގެ ތުހުމަތުގައިވާ މީހަކު، ތަޙްޤީޤު މަރުޙަލާގައި، ނުވަތަ އޭނާގެ މައްޗަށް ދަޢުވާ އުފުލޭ ޙާލަތުގައި އިބްތިދާއީ އަޑުއެހުން ނިމުމުގެ ކުރިން ކުށަށް އިޢުތިރާފުވެއްޖެނަމަ، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އޭނާއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
104 (ނ) މި މާއްދާގެ (ހ) ގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހަކު ކުށަށް އިޢުތިރާފުވާ ޙާލަތުގައި، އޭނާއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވާންވާނީ، އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ. ...އަދި
(4) އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން ދައުލަތުން ދިނުމަށް ހުށަހަޅާ ލުއިތަކަކީ، ދަޢުވާ ލިބޭ ފަރާތުން ފޯރުކޮށްދޭ މަޢުލޫމާތުން އުފައްދައިދޭ ނަތީޖާއާ ވަޒަންހަމަވާ ލުއިތަކަކަށްވުން.
104 (ކ) މި މާއްދާގެ ދަށުން ވެވޭ އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރެވޭނީ އަންނަނިވި ގޮތުގެމަތިންނެވެ..."
61ހަމައެހެންމެ މިފަދައިން މިކަން ކަނޑައެޅިފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް އާއި ދައުވާލިބޭ މީހާއާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރަނީ، ޤާނޫނުގައި ހުއްދަކުރާ މިންގަނޑަކުން ލުއި އަދަބެއް ލިބިގެންދާ ގޮތަށެވެ. މި މައްސަލައިގައި އޮތް އިއުތިރާފުގެ އެއްބަސްވުން ހެދިފައިވަނީވެސް އެފަދައިން ކުށުގެ އަސާސީ އަދަބަށްވުރެ ލުއި އަދަބެއް ކަނޑައެޅޭނެ ގޮތުގެ މަތިން އެއްބަސްވެގެންނެވެ.
62މީގެ އިތުރުން، މި އިއުތިރާފު އެއްބަސްވުން ދަށު ކޯޓުން ވަނީ ބަލައިގަނެފައެވެ. ދެން އުފެދޭ ސުވާލަކީ ޕްރޮސިކިއުޓަރ ޖެނެރަލްއާއި ދައުވާލިބޭފަރާތާ ދެމެދު ލުއި އަދަބަކަށް އެއްބަސްވެ، އިއުތިރާފުގެ އެއްބަސްވުމެއް ވެފައި ވަނިކޮށް، އެ އަދަބަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބޭތޯއެވެ. މިސުވާލާމެދު ރިޢާޔަތްކުރުމުގައި އިޢުތިރާފު އެއްބަސްވުން ބަލައިގަންނަ ހާލަތުގައި ޤާނޫނު ބުނަނީ ކީކޭތޯ ބަލާލާނަމެވެ. އެގޮތުން ކުރިންވެސް ފާހަގަކުރެވުނު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) ގައި ސާފުކޮށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
108 (ރ) "... މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުންނަމަ، އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި، އެ ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ފަނޑިޔާރު އަދަބު ކަނޑައަޅައި، ޙުކުމްކުރަންވާނެއެވެ."
63މީގެ އިތުރުން މި މައްސަލަ ދަށު ކޯޓުން ނިންމިއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު އައިސްފައިނުވާތީ، އެއިރު އެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) ގައި އޮތީ އަންނަނިވި ފަދައިންނެވެ.
162 (ރ) ދަޢުވާ ލިބޭ ފަރާތަކީ، މި ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އަދި އެ އެއްބަސްވުމަކީ އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ބަލައިގެންފައިވާ އެއްބަސްވުމެއްނަމަ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިންނެވެ.
64HN4HN5HN6އެހެންކަމުން މި މާއްދާތަކަށް އެކުގައި ބެލުމުން މި މާއްދާތަކުގެ ސާފު އިބާރާތުން އެނގެން އޮތް ކަމަކީ އިއުތިރާފުގެ އެއްބަސްވުމެއް ބަލައިގަތުމަށް މައްސަލަ ބަލާ ފަނޑިޔާރު ނިންމައިފިނަމަ، އެ އެއްބަސްވުމަކީ ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ކަމާއި، ކުށަށް އަދަބު ކަނޑައަޅަންވާނީ އެ އެއްބަސްވުމުގައިވާގޮތުގެ މަތިން ކަމެވެ. އަދި އެ އެއްބަސްވުމަކީ ކޯޓަށް ހުށަހެޅޭއިރުވެސް، ޕްރޮސިކިއުޓަރ ޖެނެރަލް އާއި ދައުވާލިބޭ ފަރާތާ ދެމެދު ލުއި އަދަބަކަށް އެއްބަސްވެ، އެގޮތުގެ މަތިން އެކުލަވާލާފައިވާ އެއްބަސްވުމަކަށްވާއިރު، އަދި އެ އެއްބަސްވުން ބަލައިގަތުމަށް ނިންމުމަށްފަހު އެ އެއްބަސްވުމުގައިވާ އަދަބަށް އުނިއިތުރު ގެނައުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް އޮތް އިޚްތިޔާރެއް ނޫންކަމެވެ. އަދި އަމުދުން ދައުވާލިބޭ ފަރާތަށް އާޚިރުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެއްބަސްވި ލުޔަށްވުރެ، ބުރަ ބޮޑުވާގޮތަށް އަދަބު ބަދަލުކޮށްގެން ނުވާނެއެވެ. އެހެނީ އިއުތިރާފުގެ އެއްބަސްވުން ބަލައިގަންނަ ހާލަތުގައި، އެ އެއްބަސްވުމަށް ޢަމަލުކުރުމާމެދު ކަންކަން ބަޔާންކޮށްފައިވާ އިސްވެ ފާހަގަކުރެވުނު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެއްވެސް މާއްދާއެއްގައި މައްސަލަ ބަލާ ފަނޑިޔާރަށް އެ އެއްބަސްވުމުގައިވާ ކަމަކަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ލިބިދީފައިނެތެވެ. އަދި އެއީ ދައުވާލިބޭ ފަރާތަށް ލުއިލިބޭގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެކުލަވާލާ އިއުތިރާފުގެ އެއްބަސްވުމުގެ މަޤްސަދާވެސް ޚިލާފުކަމެއް ކަމުގައި ދެކެމެވެ.
65ޕްރޮސިކިއުޓަރ ޖެނެރަލް އާއި އިބްރާހީމް ނަޒީދުއާ ދެމެދު އޮތް އިއުތިރާފުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ އިއުތިރާފުވުމުގެ ސަބަބުން ކަނޑައެޅޭނެ އަދަބަކީ 2 (ދޭއް) އަހަރާއި 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބު ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 355203.33ރ (ތިންލައްކަ ފަންސާސް ފަސްހާސް ދުއިސައްތަ ތިންރުފިޔާ ތެއްތިރީސް ލާރި) ނަގައިދިނުމަށެވެ. އެހެންކަމުން ދަށު ކޯޓުން ހަޤީޤަތުގައި ކަނޑައަޅަންޖެހޭނީ އިއުތިރާފުގެ އެއްބަސްވުމުގައިވާ މި އަދަބެވެ.
66އިސްތިއުނާފީ ފުރަތަމަ ނުކުތާގައި މިފަދައިން ކަނޑައެޅިގެން ދިއުމުން އިސްތިއުނާފީ ދެވަނަ ނުކުތާއަށް މިހިނދުގައި ރިޢާޔަތްކުރުމުގެ ބޭނުމެއް ނެތެވެ.
މި މައްސަލަ ނިންމަން ދައުލަތުން މިހާރު އެދޭގޮތް
67ދައުލަތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރެވުނު ދަށު ކޯޓުގެ ޤަޟިއްޔާގެ ޙުކުމުގައި ޖުރުމާނާގެ ބައެއް ކަނޑައެޅިފައިވީނަމަވެސް، އެ ޖުރުމާނާ ފައިސާ އިބްރާހީމް ނަޒީދު ދައްކާފައިނުވާތީ އެކަން ދަށު ކޯޓަށް ހުށަހެޅުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2023/Cr-C/654 ޤަޟިއްޔާއިން މިހާރު އިބްރާހީމް ނަޒީދުގެ ޙުކުމް ދައުލަތުން އެދުނު ފަދައިން ޖަލު ޙުކުމަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި މިހާރު އެ ޙުކުމް ތަންފީޛްކުރަމުންދާކަމަށެވެ. އެހެންކަމުން މިހާރު އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގައި އިބްރާހީމް ނަޒީދުގެ ޙުކުމް ޖަލު ޙުކުމަކަށް ބަދަލުކުރުމުގެ ފާއިލިއްޔަތެއް ނެތް ކަމަށެވެ.
ނިންމަން ފެންނަ ގޮތް
68އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން، ދަށުކޯޓުގެ ޙުކުމަށް މިހިނދުގައި ބަދަލުގެނައުމުގެ ފާއިލިއްޔަތެއް ނެތް ކަމަށް ކަނޑައަޅައި ޙުކުމްކުރަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު:
69ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޤަޟިއްޔާގެ ޙުކުމަށް މިހިނދުގައި ބަދަލު ގެނައުމުގެ ޤާނޫނީހަމައެއް ނެތް ކަމަށް ކަނޑައަޅައި މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު ފާޠިމަތު ފަރްހީޒް (ރިޔާސަތު)
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ފުޓްނޯޓު
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 212 މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރުގެ (i) އާއި (iv) އާ ޙަވާލާދީ،އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1)ގެ ދަށުންކަމަށް ދަށުކޯޓުގެ ރިޕޯޓުގެ 2 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވޭ.
- ދަށު ކޯޓުގެ ރިޕޯޓުގެ ޕެރެގްރާފް 8
- ދަށު ކޯޓުގެ ރިޕޯޓުގެ ޕެރެގްރާފް 9
- ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 8 ވަނަ ޕެރެގްރާފުގައި މިފަދައިން ފާހަގަކޮށްފައިވެއެވެ.
- ދަށު ކޯޓުގެ ރިޕޯޓުގެ ޕެރެގްރާފް 9
- 20/Cr-C/2022 ޤަޟިއްޔާގެ 19 ވަނަ ނުކުތާ
- ދަށު ކޯޓުގެ ރިޕޯޓުގެ ޕެރެގްރާފް 20 ގެ (ބ) ގެ I އަދި II
- 20/Cr-C/2022 ޤަޟިއްޔާގެ ޙުކުމުގެ (4) ގައި "07 ނޮވެމްބަރ 2021" ލިޔެވިފައިވަނީ އިމްލާ ކުށަކުން ކަމަށް ލަފާކުރެވޭ.
- ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގެ (ހ)
- ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 48 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރު
- ޕްރޮސިކިއުޓަރ ޖެނެރަލްގެ ނަންބަރު 196-A/95/2025/9 (07 ޖަނަވަރީ 2025) ސިޓީ
- މިމައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ ހެދުނު ފަހުން އިސްލާޙުކުރެވިފައި
- ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޝަރީޢަތް ނިމުނު ގޮތުގެ 11 ވަނަ ޕެރެގްރާފް
- ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޝަރީޢަތް ނިމުނު ގޮތުގެ 11 ވަނަ ޕެރެގްރާފް
- ޤާނޫނު ނަންބަރު 9/2014
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 9/2014
- ކްރިމިނަލް ކޯޓުގެ ނަންބަރު 20/Cr-C/2022 ޝަރީޢަތް ނިމުނު ގޮތުގެ 11 ވަނަ ޕެރެގްރާފް
- އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތައް- ޤާނޫނުލްޢުޤޫބާތުގެ 1100ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ގެ 2 ވަނަ މާއްދާގެ (ހ)- މަޤްސަދު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016 "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ގެ 97 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ހަތަރުވަނަ އިސްލާހު ގެނައުމުގެ ކުރިން
- ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނު
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު 4 ވަނަ އިޞްލާޙުގެ ދަށުން 96 ވަނަ މާއްދާ ވަނީ އުވާލެވިފައި
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ހަތަރުވަނަ އިސްލާހު ގެނައުމުގެ ކުރިން
- ޤާނޫނު ނަންބަރު 9/2014
- ޤާނޫނުލްޢުޤޫބާތުގެ 90 ވަނަ މާއްދާ
- ޤާނޫނުލްޢުޤޫބާތުގެ 1001 (ހ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު"
- ބުނެވުނު އުޞޫލުގެ 4 ވަނަ މާއްދާގެ (ހ)
- 24 ނޮވެމްބަރު 2022 ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާޙްގެ ކުރިން
- ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަށް 24 ނޮވެމްބަރު 2022 ވަނަ ދުވަހު ގެނައި އިޞްލާޙުން 162 ވަނަ މާއްދާގެ(ރ) އުވާލާފައިވޭ
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 އަދި 162 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަށް 4 ވަނަ އިޞްލާޙް ގެނެސްފައިވަނީ 24 ނޮވެމްބަރު 2022 ވަނަ ދުވަހު
- ޤާނޫނު ނަންބަރު 9/2014
- ނަންބަރު 2021/02
- 24 އޮކްޓޫބަރު 2022 ގައި ދަށު ކޯޓުގެ މަޙްޟަރު ބަޔާންގެ 5 ޞަފްޙާ
- ދަށު ކޯޓުގެ ރިޕޯޓުގެ ޕްރެގްރާފް 20 ގެ (ބ) ގެ V
- ދަށު ކޯޓުން މައްސަލަ ނިމުނީ 07 ނޮވެންބަރު 2022 ގައެވެ.
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- އިއުތިރާފު އެއްބަސްވުމުގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- އެ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާޙުގެ ދަށުން 162 ވަނަ މާއްދާގެ (ރ) ވަނީ އުނިކުރެވިފައެވެ.
- ޤާނޫނު ނަންބަރު 12/2016
- ދަށުކޯޓަށް ހުށަހެޅުނު އިއުތިރާފުގެ އެއްބަސްވުމުގެ 10، 10.1، އަދި 10.2 ވަނަ ނަންބަރު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 96 ވަނަ މާއްދާ (4 ވަނަ އިޞްލާޙުގެ ކުރިން؛ އެ އިޞްލާޙުން އުވާލެވިފައި)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 97 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 98 ވަނަ މާއްދާ އަދި 98 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 103 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 104 ވަނަ މާއްދާ، އޭގެ (ހ)، (ނ) ގެ (4) އަދި (ކ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ނ) އަދި (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 159 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 162 ވަނަ މާއްދާގެ (ރ) (24 ނޮވެމްބަރު 2022 ގައި ގެނެވުނު 4 ވަނަ އިޞްލާޙުން އުވާލެވިފައި)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 189 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 24 ނޮވެމްބަރު 2022 ގައި ގެނެވުނު 4 ވަނަ އިޞްލާޙު
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 11 ވަނަ މާއްދާގެ (ށ) ގެ (1)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 90 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 210 ވަނަ މާއްދާގެ (ށ) ގެ (1)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2)، އަދި (ށ) ގެ (2) ގެ (i) އަދި (iv)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1000 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1001 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1002 ވަނަ މާއްދާ، އޭގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1004 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1005 ވަނަ މާއްދާ އަދި 1005 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1100 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1106 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1202 ވަނަ މާއްދާ އަދި 1202 ވަނަ މާއްދާގެ (ރ) ގެ (1)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 4 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 24 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 25 ވަނަ މާއްދާ، އޭގެ (ށ) އަދި (ނ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 48 ވަނަ މާއްދާގެ (ރ) ގެ (4)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.