ޢަޒްމީނު ރަޝީދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B5/CN/2025/01
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މައްސަލަ ކުއްޖާގެ ފަރާތުން ޢަޒްމީނު ރަޝީދު ހުށަހަޅާ މައްސަލައެއްކަމަށް ރަޖިސްޓްރޭޝަން މަރުޙަލާއިން ނިންމައި ރަޖިސްޓްރީކޮށްފައިވާތީ، ކުއްޖާގެ މަސްލަހަތު ޙިމާޔަތްކުރާނެ ފަރާތަކީ ޢަޒްމީނު ރަޝީދު ކަމަށް އަލުން ކަނޑައަޅަންޖެހޭ ސަބަބެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމިއެވެ.
- ވާޤިޢާ
- ސްކޫލުގެ މުދައްރިސާއި ސްކޫލުގެ އިހުމާލުން ކުޑަކުއްޖަކަށް ލިބުނު ގެއްލުމުގެ ބަދަލު ދައުލަތުން ހޯދުމަށް ކުއްޖާގެ ފަރާތުން ސިވިލް ކޯޓަށް ދައުވާއެއް ހުށަހަޅާ، އެ މައްސަލާގައި ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ގޮތުގައި ޢަޒްމީނު ރަޝީދު އައްޔަންކޮށްދިނުމަށް ކޯޓު އަމުރަކަށް އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުޑަކުއްޖެއްގެ ފަރާތުން ހުށަހެޅި ބަދަލު ހޯދުމުގެ ދައުވާއެއް ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއްގެ ގޮތުން ހުށަހެޅި ދައުވާއެއްގެ ގޮތުގައި ރަޖިސްޓްރޭޝަން މަރުހަލާއިން ކަށަވަރުކޮށް ރަޖިސްޓްރީވެފައިވާ ހާލަތުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް މައްސަލަ ބަލާ ފަނޑިޔާރު އަލުން ކަނޑައަޅަން ޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ސިވިލް ކޯޓުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާ ޚިލާފަށް މާނަކޮށްފައިވާކަމަށާއި، ހައިކޯޓުގެ 2022/HC-A/484 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ޢަމަލުނުކޮށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފުވެފައިވާކަމަށާއި، ރަޖިސްޓްރާރަށް ނުލިބޭ ބާރެއް ލިބޭކަމަށް ބަލައި މައްސަލަ ހުށަހެޅި ފަރާތް ބަދަލުކޮށްފައިވާކަމަށް އިސްތިއުނާފުކުރި ފަރާތުން ބުންޏެވެ.
- ކޯޓުގެ ސަބަބުތައް
- ސިވިލް ކޯޓުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާ އިސްތިއުނާފުކުރި ފަރާތުން ބުނާ ގޮތަށް މާނަކޮށްފައިނުވާތީއާއި، ސާބިޤާ ޤަޟިއްޔާގެ ވާގިއާއާ ބޮޑެތި ފަރަގުތައް ހުރުމާއެކު އެ އުޞޫލުތައް ތަޠުބީޤުކުރެވޭ ގޮތެއް ދައްކާފައިނުވާތީއާއި، ދައުވާ ރަޖިސްޓްރޭޝަން މަރުހަލާއިން ކަށަވަރުކޮށް ރަޖިސްޓްރީވުމަށްފަހު ޝަރީޢަތުގެ މަރުހަލާގައި އިތުރު ޚިލާފެއް ނެތްނަމަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް އަލުން ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއް ނެތީތީ ދަށުކޯޓުގެ ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނެތެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށުކޯޓުން ޤާނޫނުގެ މާއްދާއެއް އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ގޮތަށް މާނަކޮށް ކަމެއް ފާހަގަކޮށްފައިނުވާނަމަ، އެ ނުކުތާގައި ދަށުކޯޓުން ހެދި ގޯހެއް ބުނެދެވިފައި ނުވާތީ، އެ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫނެވެ.
HN2 ކުރީގެ ޤަޟިއްޔާއެއްގެ ވާގިއާއާއި ބަލަމުންދާ މައްސަލައިގެ ވާގިއާގައި ބޮޑެތި ފަރަގުތަކެއް ހުރިއިރު، އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަން އެ މޭރުމުން މައްސަލައަށް ތަޠުބީޤުކުރެވޭ ގޮތެއް، ނުވަތަ ދަށުކޯޓުގެ ނިންމުމުގެ ސަބަބުން އިންސާފަށް ހުރަސްއެޅޭ ގޮތެއް ނުވަތަ ކުއްޖާގެ މަސްލަހަތަށް އުނިކަން އަންނަގޮތެއް ބުނެދެވިފައި ނުވާނަމަ، ދަށުކޯޓުން ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް ނުބެލެވޭނެއެވެ.
HN3 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން، މައްސަލައިގައި ހިމެނޭ ކުޑަކުއްޖަކީ ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތަކީ ދައުވާކުރާ ފަރާތް ކަމުގައި ވާ ހާލަތުގައި، އެ ދައުވާކުރަނީ ކުޑަކުއްޖާގެ ފަރާތުން ނުވަތަ ރައްކާތެރިކަން ލިބިގެންވާ މީހާގެ ފަރާތުން މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތަކުން ކަން ކޯޓުގެ ރަޖިސްޓްރޭޝަން މަރުހަލާއިން ކަށަވަރުކޮށްގެން ނޫންގޮތަކަށް އެމައްސަލައެއް ކޯޓުގައި ރަޖިސްޓްރީ ކުރެވިގެން ނުވާނެއެވެ.
HN4 ދަޢުވާކުރަނީ ކުޑަކުއްޖެއްގެ ނުވަތަ ރައްކާތެރިކަން ލިބިގެންވާ މީހެއްގެ ފަރާތުން މަންމަ ނުވަތަ ބައްޕަ ކަން އެނގެން އޮވެފައި މަސްލަހަތު ފުށުއަރާފަދަ ސަބަބެއް ފެންނަން ނެތްނަމަ އެފަދަ މައްސަލަތައް އެފަދައިން ރަޖިސްޓްރީކުރެވިދާނެއެވެ. އަދި މަންމަ ނުވަތަ ބައްޕަ ކަން އެނގެން ނެތްނަމަ، އެފަދައިން ދައުވާ ހުށަހަޅާ ފަރާތަކީ މަސްލަޙަތު ހިމާޔާތްކޮށްދޭ ފަރާތް ނުވަތަ ޤާނޫނީ ބެލެނިވެރިޔާކަން ކަމާބެހޭ ރަސްމީ ލިއުމަކުން އެނގެން އޮތްނަމަ އެފަދަ މައްސަލަތައްވެސް އެގޮތުގައި ރަޖިސްޓްރީކުރެވިދާނެއެވެ.
HN5 ދައުވާކުރަނީ ކުޑަކުއްޖާ ނުވަތަ ރައްކާތެރިކަން ލިބިގެންވާ މީހެއްގެ ފަރާތުން ޤާނޫނީ ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތުންކަން އެ ދައުވާއަކުން އެނގެން އޮންނަންވާނެއެވެ.
HN6 މައްސަލަ ރަޖިސްޓްރީކުރުމަށްފަހު، އިބްތިދާއީ ނުވަތަ ޝަރީޢަތުގެ މަރުހަލާގައި އިތުރު ޚިލާފެއް ނެތް ނަމަ، އާންމު އުސޫލުން ޝަރީޢަތުގެ މަރުހަލާގެ ތެރެއިން ދައުވާކުރާފަރާތުގެ މަސްލަހަތު ހިމާޔަތްކުރާނެ ފަރާތެއް އަލުން ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
HN7 ދައުވާކުރާ ފަރާތުގެ ގޮތުގައި "ކުޑަކުއްޖެއް (މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއްގެ ގޮތުން ...)" މިފަދައިން ރަޖިސްޓްރޭޝަން މަރުހަލާ އަދި ޝަރީޢަތުގެ މަރުހަލާގައި ބޭނުންކުރުމަށް ޤާނޫނީ ހުރަހެއް ނެތެވެ. އަދި ދައުވާކުރާ ފަރާތަކީ ސީދާ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް ކަމަށް ބަލައިގެން މައްސަލަ ކުރިއަށްގެންދަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
HN8 ކުޑަކުއްޖަކީ ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތަކީ ދައުވާކުރާ ފަރާތް ކަމުގައި ވެފައި، މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް ކަށަވަރުކޮށް އެ މައްސަލަ ރަޖިސްޓްރީކުރުމުން، އަލުން އެފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅަން ޖެހޭނީ އެ މައްސަލައިގެ މައުޟޫޢުގައި މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް ކަނޑައެޅުން ހިމެނޭ ހާލަތުގައެވެ. ނުވަތަ ކަނޑައެޅިފައިވާ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަކީ އެފަދަ ފަރާތެއް ނޫން ކަމަށް ބުނެ ޝަރީޢަތުގެ މަރުހަލާގެ ތެރެއިން ޚިލާފެއް އުފައްދާ، މައްސަލައިގެ ޚަސްމަކު ނުވަތަ މަސްލަހަތު އޮތް އެހެންވެސް ފަރާތަކުން ސުވާލު އުފައްދައިފިނަމައެވެ. ނުވަތަ މައްސަލަ ބެލުމުގެ ތެރެއިން އެފަދަ ކަމެއް އެކަށީގެންވާ ސަބަބުގެ މައްޗަށް ބަލައި މައްސަލަ ބަލާ ފަނޑިޔާރަށް ފާހަގަކުރެވިއްޖެނަމައެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ފަތުޙުﷲ އިސްމާޢީލް، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ފަރާތްތަކާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މި ލިޔުމުން ބައެއް ނަންތަކާއި ތަފްޞީލު ފޮރުވާފައިވޭ.
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު، (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ތާއީދު ކުރައްވާފައި)
މައްސަލައިގެ ތަޢާރަފު
1ކުޑަކުއްޖަކަށް ސްކޫލުގެ މުދައްރިސާއި، ސްކޫލުގެ އިހުމާލުން ގެއްލުން ވެފައިވާކަމަށް ބުނެ، އެ ކުއްޖާއަށް ލިބިފައިވާ ޖިސްމާނީ ގެއްލުންތަކާއި، ނަފްސާނީ ގެއްލުންތަކާ ގުޅިގެން، އެ ކުއްޖާއަށް ލިބެންޖެހޭ ގެއްލުމުގެ ބަދަލާއި، އެގްރެވޭޓެޑް ޑެމޭޖަސް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެޑިއުކޭޝަން) ގެ ފަރާތުން އެ ކުއްޖާއަށް ދޭންޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ކުޑަކުއްޖާގެ ފަރާތުން ސިވިލް ކޯޓަށް ނަންބަރު 3449-CVC-2024 ޤަޟިއްޔާ ހުށަހެޅިއެވެ.
2ބުނެވުނު ޤަޟިއްޔާގައި، އެ ކުޑަކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ގޮތުގައި ޢަޒްމީނު ރަޝީދު އައްޔަންކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ކޯޓު އަމުރަށް އެދި ހުށަހަޅާ ފޯމު ހުށަހެޅުނެވެ.
3އެ ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ އަންނަނިވި ފަދައިންނެވެ.
"ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ... ސުކޫލުގެ މުދައްރިސާއި، ސުކޫލުގެ އިހުމާލުން ގެއްލުން ވެފައިވާތީ، ކުއްޖާއަށް ލިބިފައިވާ ޖިސްމާނީ ގެއްލުންތަކާއި، ނަފްސާނީ ގެއްލުންތަކާ ގުޅިގެން، ކުއްޖާއަށް ލިބެންޖެހޭ ގެއްލުމުގެ ބަދަލާއި، އެގްރެވޭޓެޑް ޑެމޭޖަސް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެޑިއުކޭޝަން) ގެ ފަރާތުން ކުއްޖާއަށް ދޭންޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދި ޢަޒްމީނު ރަޝީދުގެ ފަރާތުން ހުށަހެޅި މި ކޯޓުގެ ނަންބަރު 3449-CVC-2024 ޤަޟިއްޔާއާ ގުޅިގެން، މި މައްސަލައަކީ ... ގެ ފަރާތުން ޢަޒްމީނު ރަޝީދު ހުށަހަޅާ މައްސަލައެއްކަމަށް ކޯޓުގެ ރަޖިސްޓްރޭޝަން މަރުޙަލާއިން ނިންމައި، މި ޤަޟިއްޔާ ރަޖިސްޓްރީކޮށްފައިވާތީ، ޢަޒްމީނު ރަޝީދުގެ ފަރާތުން އެދުނުފަދައިން ކުއްޖާގެ މަސްލަޙަތު ޙިމާޔަތްކުރާނެ ފަރާތަކީ ޢަޒްމީނު ރަޝީދު ކަމަށް، އަލުން ކަނޑައަޅަންޖެހޭ ސަބަބެއްނެތްކަމަށް ކަނޑައަޅައިފީމެވެ."
4އިސްވެ ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 144-B5/CN/2025/01 ނިންމުމާ މެދު ހިތްހަމަނުޖެހިގެން ޢަޒްމީނު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތެއް ނުހިމެނެއެވެ.
5މި ޤަޟިއްޔާއަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއްކަމުގައިވާތީ، މި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތް ލިޔެފައިވާނީ އެ ކުއްޖާއަކީ ކޮންކުއްޖެއްކަން ދަނެގަނެވިދާނެ އެންމެހާ މައުލޫމާތު އުނިކުރުމަށް ފަހުގައެވެ.
އިސްތިއުނާފީ ނުކުތާތައް
6ސިވިލް ކޯޓުގެ ނަންބަރު ނަންބަރު 144-B5/CN/2025/01 ނިންމުން އިސްތިއުނާފުކުރަމުން ޢަޒުމީނު ރަޝީދުގެ ފަރާތުން އަންނަނިވި 03 (ތިނެއް) ނުކުތާ ހުށަހަޅާފައި ވެއެވެ.
• ފުރަތަމަ ނުކުތާ އަކީ: މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 87 ވަނަ މާއްދާގެ (ހ) ގައި ނުހިމެނޭ ކަމެއް ހިމެނޭ ކަމަށް ބަލައިގެން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) މާނަކޮށްފައިވުމާއި އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) އަކީ ބަރީއަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް އުފައްދާ މާއްދާއެއް އިރު ވެސް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) މާނަކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާ އަކީ: ހައިކޯޓުން ނިންމާފައިވާ ޢާއިޝަތު ޒަޢީމާ މައްސަލައިގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން މަސްލަހަތު ހިމާޔަތްކުރާނެ ފަރާތެއް އައްޔަންކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ޢަމަލުކުރުން ސިވިލް ކޯޓުގެ މައްޗަށް ލާޒިމުއިރު ވެސް އެ އުޞޫލުތަކަށް އަމަލުނުކޮށް، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ސިވިލް ކޯޓުން ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: މައްސަލައެއް ހުށަހެޅުމުން ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ތެރެއިން ކުރެވޭނެ ކަންތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާ އާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު ގެ 46 ވަނަ މާއްދާއިން އެނގެން އޮންނަ އިރު ދަޢުވާކުރާ ފަރާތުގެ ގޮތުގައި ދަޢުވާ ފޯމުގައި އޮތް ފަރާތް ނޫން އެހެން ފަރާތަކީ މައްސަލަ ހުށަހެޅި ފަރާތް ކަމަށް ރަޖިސްޓްރާރގެ އިސްނެގުމަށް ކަނޑައެޅިދާނެ ކަމަށް ނިންމައި ސިވިލް ކޯޓުން މައްސަލަ ހުށަހެޅި ފަރާތް ބަދަލުކޮށްފައިވަނީ ރަޖިސްޓްރާރގެ ލިބިގެންނުވާ ބާރެއް ރަޖިސްޓްރާރއަށް ލިބިގެންވާ ކަމަށް ބަލައިގެން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާފަރާތުން އެދޭގޮތް
7މި މައްސަލައިގައި ޢަޒްމީނު ރަޝީދުގެ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ނިންމުން ބާޠިލްކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ސިވިލް ކޯޓުގައި މައުޟޫއީ މައްސަލަ ބަލާ ޤާޟީ ކަނޑައަޅަންޖެހޭ ކަމުގައި ކަނޑައަޅައިދިނުމަށެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާ
8HN1އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 87 ވަނަ މާއްދާގެ (ހ) ގައި ނުހިމެނޭ ކަމެއް ހިމެނޭ ކަމަށް ބަލައިގެން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) މާނަކޮށްފައިވުމާއި އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) އަކީ ބަރީއަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް އުފައްދާ މާއްދާއެއް އިރު ވެސް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) މާނަކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
8.1. މިނުކުތާގައި ޢަޒްމީނު ރަޝީދުގެ ފަރާތުން ފާހަގަކުރި ކަމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ކޯޓުން އައްޔަން ކުރަންޖެހެނީ މައްސަލައެއްގައި ދައުވާ ހުށަހަޅާ ފަރާތުގެ ގޮތުގައި ނޫން ގޮތަކަށް ކުޑަކުއްޖަކު ހިމެނޭ މައްސަލަތަކުގައި ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ނ) އާއި 37 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް އެ މާއްދާ މާނަކޮށްގެން ކަމަށެވެ.
8.2. ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގެ 5 އަދި 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް އައްޔަން ކުރުމުގައި އާންމު އުސޫލުން އެކޯޓުން ކަންކުރަމުން އައިސްފައިވާ އުސޫލެވެ. އެގޮތުން މައްސަލައެއްގައި ކުޑަކުއްޖަކު ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ހިމެނޭނަމަ މަސްލަހަތު ރައްކާތެރިކުރާނެ ފަރާތެއް އައްޔަންކޮށްފައިވާ ޤަޟިއްޔާތަކެއް ބަޔާންކުރުމަށްފަހު، އެކަމުގައި ޢަމަލުކޮށްފައިވާ އިޖުރާއަތު ބަޔާންކޮށްފައިވެއެވެ. ނަމަވެސް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ކޯޓުން އައްޔަން ކުރަންޖެހެނީ މައްސަލައެއްގައި ދައުވާ ހުށަހަޅާ ފަރާތުގެ ގޮތުގައި ނޫން ގޮތަކަށް ކުޑަކުއްޖަކު ހިމެނޭ މައްސަލަތަކުގައި ކަމަށް މާނަކޮށް އެފަދަ މޭރުމަކުން ދަށުކޯޓުގެ ފަނޑިޔާރު އެއްވެސް ކަމެއް އެ ނިންމުމުގައި ބަޔާންކޮށްފައި ނުވެއެވެ.
8.3. އެހެންކަމުން މި އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ގޮތަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) ސިވިލް ކޯޓުން މާނަކޮށް ކަމެއް ފާހަގަކޮށްފައިނުވާތީ، މިނުކުތާގައި ދަށުކޯޓުން ހެދި ގޯހެއް އިސްތިއުނާފުކުރާ ޢަޒްމީނު ރަޝީދުއަށް ބުނެދެވިފައި ނުވެއެވެ. އެހެންކަމުން މިނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާ
9HN2ދެވަނަ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުން ނިންމާފައިވާ ޢާއިޝަތު ޒަޢީމާ މައްސަލައިގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން މަސްލަހަތު ހިމާޔަތްކުރާނެ ފަރާތެއް އައްޔަންކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ޢަމަލުކުރުން ސިވިލް ކޯޓުގެ މައްޗަށް ލާޒިމުއިރު ވެސް އެ އުޞޫލުތަކަށް އަމަލުނުކޮށް، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ސިވިލް ކޯޓުން ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
9.1. މިނުކުތާގައި ޢަޒްމީނު ރަޝީދުގެ ފަރާތުން ފާހަގަކުރި ކަމަކީ ހައިކޯޓުން ނިންމާފައިވާ ޢާއިޝަތު ޒަޢީމާ މައްސަލައިގައި ކުޑަކުއްޖަކު ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ހިމެނޭ މައްސަލައެއް ކުރިއަށްގެންދަންޖެހޭނީ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް އައްޔަންކުރުމަށްފަހުގައި ކަމަށާއި އެކަން ކުރަންޖެހޭނީ މައްސަލަ ބަލާ ފަނޑިޔާރު ކަމަށް ކަނޑައެޅިފައިވީނަމަވެސް، ސިވިލް ކޯޓުން މި އުސޫލާ ޚިލާފު ވެފައިވާކަމަށެވެ. އެގޮތުން ރަޖިސްޓްރޭޝަން މަރުހަލާގައި މަސްލަހަތު ހިމާޔަތްކުރާނެ ފަރާތެއް ކަނޑައެޅިފައިވާކަމަށް ބަލައިގެން ގޮތް ނިންމާފައިވާކަމަށެވެ.
9.2. ޢާއިޝަތު ޒަޢީމާ މައްސަލަ އަށް ބަލާއިރު، އެ މައްސަލައަކީ މަރްޔަމް ޒަޢީމާ އަކީ އަމިއްލަ ނިންމުންތައް ނިންމުމުގެ އަހުލިއްޔަތު ނެތް ފަރާތެއްކަމުގައި ކަނޑައަޅައިދިނުމަށާއި، މަރްޔަމް ޒަޢީމާއަކީ އޭނާގެ މުދަލުން ތަސައްރުފުނުކުރެވޭ ޙާލަތަށްގޮސްފައިވާ ފަރާތެއްކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާ ހަޖުރުކޮށް އޭނާގެ މުދަލުގެ ހަވާލުދާރީއަކީ އޭނާގެ އެއްބަނޑު އަންހެން ކޮއްކޮ ޢާއިޝަތު ޒަޢީމާކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާގެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކޮށް، އޭނާގެ ޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ޤާނޫނީ ބެލެނިވެރިޔަކު ޢައްޔަންކޮށް، އެ ޤާނޫނީ ބެލެނިވެރިޔާއަކީ ޢާއިޝަތު ޒަޢީމާކަމަށް ކަނޑައަޅައިދިނުމަށް އެދި ޢާއިޝަތު ޒަޢީމާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ޢާއިޝަތު ޒަޢީމާގެ ފަރާތުން ހުށަހެޅި އެ މައްސަލައަކީ ރައްކާތެރިކަން ލިބިގެންވާ ފަރާތެއްގެ މަޞްލަޙަތު ހިމެނޭ މައްސަލައެއްކަމުގައިވާތީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން މަރްޔަމް ޒަޢީމާގެ ޤާނޫނީ ބެލެނިވެރިޔަކު އެނގޭނެ ލިޔުމެއް ހުށަހެޅުމަށް އެންގި އެންގުން އިސްތިއުނާފުކުރެވުނު މައްސަލައެކެވެ. އެ މައްސަލައިގައި އުސޫލުތައް ބިނާވެގެންދިޔައީ މި ވާގިއާތަކުގެ މައްޗަށެވެ. އެގޮތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ހިމެނޭ މައްސަލައެއް ކޯޓުގައި ހިންގަންވާނީ، އެ ފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތެއް އެ މައްސަލައިގެ ތެރެއިން އެ ކޯޓުން ޢައްޔަންކުރުމަށްފަހުގައި ކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
9.3. މިހާރު މި ބެލޭ އިސްތިއުނާފުގައި ދަށު ކޯޓުގެ ނިންމުމުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ ކުއްޖާގެ ފަރާތުން ޢަޒްމީނު ރަޝީދު ހުށަހެޅި މައްސަލައެއްގެ ގޮތުގައި، ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ތެރެއިން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކޯޓުގައި ރަޖިސްޓްރީކޮށްފައިވާތީ، މައްސަލަ ރަޖިސްޓްރީވުމުގެ ނަތީޖާއެއްގެ ގޮތުން ކުއްޖާގެ ފަރާތުން ޢަޒްމީނު ރަޝީދު ހުށަހެޅި މައްސަލައިގައި ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާނެ ފަރާތަކީ ޢަޒްމީނު ރަޝީދު ކަމަށް އަލުން ކަނޑައަޅަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
9.4. ދަށު ކޯޓުގެ ނިންމުމުގައި މިކަން މިގޮތުގައި ފާހަގަކޮށްފައިވާތީ، މިކޯޓުން ސިވިލް ކޯޓަށް ލިޔެގެން މައުލޫމާތު ސާފުކުރުމުން، އެކޯޓުގައި އެ މައްސަލަ ރަޖިސްޓްރީކުރުމުގައި ދައުވާކުރާފަރާތުގެ ގޮތުގައި ބޭނުންކުރެވިފައިވަނީ ޢަޒްމީނު ރަޝީދުގެ ނަން ކަމުގައި ބަޔާންކޮށް މިކޯޓަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
9.5. ސިވިލް ކޯޓުން ދިން މި މައުލޫމާތު ޢަޒްމީނު ރަޝީދުއާ ހިއްސާކުރުމުން، މައްސަލަ ރަޖިސްޓްރީކުރެވުނު މަރުހަލާގައި ޢަޒްމީނު ރަޝީދު ދައުވާކުރާ މައްސަލައެއްގެ ގޮތުގައި މައްސަލަ ރަޖިސްޓްރީކޮށްފައިވާކަން އަންގާފައިނުވާކަމަށާއި އެފަދައިން ދައުވާފޯމު އިސްލާހުކުރަންވެސް އަންގާފައިނުވާކަމަށް ޢަޒްމީނު ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި އިސްތިއުނާފުގައި ހައިކޯޓުން ހޯދުމަށް އެދޭ ފަރުވާއަށް ބަދަލެއް ނާންނަ ކަމަށް ފާހަގަކޮށް ލިޔުމުން ޖަވާބު ދީފައިވެއެވެ.
9.6. ނަމަވެސް ސިވިލް ކޯޓުގެ ނިންމުމަށާއި، ސިވިލް ކޯޓުން މިކޯޓާ ހިއްސާކުރި މައުލޫމާތަށް ނަޒަރު ކުރާއިރު ސާފުވާ ކަމަކީ، ސިވިލް ކޯޓުގައި މައްސަލަ ރަޖިސްޓްރީވެ، މައްސަލަ ބަލާ ފަނޑިޔާރާ ހަމައަށް މައްސަލައިގެ ފައިލު ލިބުނު އިރު ދައުވާކުރާ ފަރާތުގެ ގޮތުގައި ބޭނުންކުރެވިފައިވަނީ ޢަޒްމީނު ރަޝީދުގެ ނަން ކަމެވެ. އަދި މިމައްސަލައިގައި އިސްތިއުނާފުކުރެވިފައިވާ ނިންމުމުގައިވެސް، ކުއްޖާއާ ޢަޒްމީނު ރަޝީދުއާ އޮތް ގުޅުމަކީ ކޮބައިކަން ފަނޑިޔާރު ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި އެކަންކަން ރަޖިސްޓްރޭޝަން މަރުހަލާއިންވެސް ކަށަވަރުކޮށްފައިވާކަމަށް ދަށުކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ކުއްޖާގެ ފަރާތުން ޢަޒްމީނު ރަޝީދު ހުށަހަޅާ މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާތީ، އަލުން ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާނެ ފަރާތެއްގެ ގޮތުގައި ޢަޒްމީނު ރަޝީދު ކަނޑައަޅަންޖެހޭ ސަބަބެއް ނެތް ކަމަށް ދަށުކޯޓުގެ ފަނޑިޔާރު ނިންމުމުން، މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު ދަށުކޯޓުގެ ފަނޑިޔާރު ހަދާފައިވާ ޤާނޫނީ ގޯހެއް މިނުކުތާގައި ޢަޒްމީނު ރަޝީދު އަށް ބުނެދެވިފައިވާކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ މިހާލަތުގައި ޢާއިޝަތު ޒަޢީމާ މައްސަލަ އާއި މި މައްސަލައިގެ ވާގިއާގައި ބޮޑެތި ފަރަގުތަކެއް ހުރިއިރު، އެ މައްސަލައިގައި ކަނޑައަޅާފައިވާ ކަންކަން އެ މޭރުމުން މި މައްސަލައަށް ތަޠުބީޤުކުރެވޭ ގޮތެއް ޢަޒްމީނު ރަޝީދުއަށް ބުނެދެވިފައި ނުވެއެވެ. ހަމައެހެންމެ ދަށުކޯޓުގެ ފަނޑިޔާރުގެ އެ ނިންމުމުގެ ސަބަބުން އިންސާފަށް ހުރަސްއެޅޭ ގޮތެއް ނުވަތަ ކުއްޖާގެ މަސްލަހަތަށް އުނިކަން އަންނަގޮތެއް ޢަޒްމީނު ރަޝީދުއަށް މިނުކުތާގައި ބުނެދެވިފައި ނުވެއެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާ
10HN3HN4HN5HN6HN7HN8އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ މައްސަލައެއް ހުށަހެޅުމުން ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ތެރެއިން ކުރެވޭނެ ކަންތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާ އާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގެ 46 ވަނަ މާއްދާއިން އެނގެން އޮންނަ އިރު ދަޢުވާކުރާ ފަރާތުގެ ގޮތުގައި ދަޢުވާ ފޯމުގައި އޮތް ފަރާތް ނޫން އެހެން ފަރާތަކީ މައްސަލަ ހުށަހެޅި ފަރާތް ކަމަށް ރަޖިސްޓްރާރގެ އިސްނެގުމަށް ކަނޑައެޅިދާނެ ކަމަށް ނިންމައި ސިވިލް ކޯޓުން މައްސަލަ ހުށަހެޅި ފަރާތް ބަދަލުކޮށްފައިވަނީ ރަޖިސްޓްރާރގެ ލިބިގެންނުވާ ބާރެއް ރަޖިސްޓްރާރއަށް ލިބިގެންވާ ކަމަށް ބަލައިގެން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
10.1. ދަށުކޯޓުގެ ނިންމުމަށް ބެލިއިރު، މިނުކުތާގައި ފާހަގަކޮށްފައިވާ ފަދައިން ދަޢުވާ ފޯމުގައި އޮތް ފަރާތް ނޫން އެހެން ފަރާތަކީ މައްސަލަ ހުށަހެޅި ފަރާތް ކަމަށް ރަޖިސްޓްރާރގެ އިސްނެގުމަށް ކަނޑައެޅިދާނެ ކަމަށް ދަށުކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނުވެއެވެ. އަދި އެފަދަ މޭރުމަކުން ކަމެއް ފާހަގަކޮށްފައިވެސް ނުވެއެވެ. ދަށުކޯޓުގެ ފަނޑިޔާރު ފާހަގަކުރި ކަމަކީ ދަށު ކޯޓުގައި މައްސަލަ ރަޖިސްޓްރީ ކޮށްފައި އޮތީ ކުއްޖާގެ ފަރާތުން ޢަޒްމީނު ރަޝީދު ހުށަހަޅާ މައްސަލައެއްގެ ގޮތުގައި ކަމެވެ. ރަޖިސްޓްރާރގެ ނިންމުން ރަނގަޅުތޯ ނުވަތަ ނޫންތޯ، އެމައްޗަށް ކަމެއް ފާހަގަކޮށްފައި ނުވެއެވެ. އެހެންކަމުން މި ނުކުތާއަކީ އެކަށީގެންވާ ޤާނޫނީ ބަހުސެއް އޮތް ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ.
ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތަކުން ހުށަހަޅާ މަދަނީ ދައުވާ
10.2. ބަހުސްގެ ބޭނުމަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ހ) ގައި "ކުޑަކުއްޖަކު ނުވަތަ ރައްކާތެރިކަން ލިބިގެންވާ އެހެން ފަރާތެއް ހިމެނޭ މައްސަލައެއް ކޯޓުގައި ހިންގަންވާނީ، އެފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް ޢައްޔަންކުރުމަށްފަހުގައެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، މައްސަލައިގައި ހިމެނޭ ކުޑަކުއްޖަކީ ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތަކީ ދައުވާކުރާ ފަރާތް ކަމުގައި ވާ ހާލަތުގައި، އެ ދައުވާކުރަނީ ކުޑަކުއްޖާގެ ފަރާތުން ނުވަތަ ރައްކާތެރިކަން ލިބިގެންވާ މީހާގެ ފަރާތުން މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތަކުން ކަން ކޯޓުގެ ރަޖިސްޓްރޭޝަން މަރުހަލާއިން ކަށަވަރުކޮށްގެން ނޫންގޮތަކަށް އެމައްސަލައެއް ކޯޓުގައި ރަޖިސްޓްރީ ކުރެވިގެންވާނެ ކަމަކަށް އަހުރެން ނުދެކެމެވެ. އެގޮތުން ދަޢުވާކުރަނީ ކުޑަކުއްޖެއްގެ ނުވަތަ ރައްކާތެރިކަން ލިބިގެންވާ މީހެއްގެ ފަރާތުން މަންމަ ނުވަތަ ބައްޕަ ކަން އެނގެން އޮވެފައި މަސްލަހަތު ފުށުއަރާފަދަ ސަބަބެއް ފެންނަން ނެތްނަމަ އެފަދަ މައްސަލަތައް އެފަދައިން ރަޖިސްޓްރީކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ ދަޢުވާކުރަނީ ކުޑަކުއްޖެއްގެ ނުވަތަ ރައްކާތެރިކަން ލިބިގެންވާ މީހެއްގެ ފަރާތުން، މަންމަ ނުވަތަ ބައްޕަ ކަން އެނގެން ނެތްނަމަ، އެފަދައިން ދައުވާ ހުށަހަޅާ ފަރާތަކީ މަސްލަޙަތު ހިމާޔާތްކޮށްދޭ ފަރާތް ނުވަތަ ޤާނޫނީ ބެލެނިވެރިޔާކަން ކަމާބެހޭ ރަސްމީ ލިއުމަކުން އެނގެން އޮތްނަމަ އެފަދަ މައްސަލަތައްވެސް އެގޮތުގައި ރަޖިސްޓްރީކުރެވިދާނެއެވެ. އަދި ދައުވާކުރަނީ ކުޑަކުއްޖާ ނުވަތަ ރައްކާތެރިކަން ލިބިގެންވާ މީހެއްގެ ފަރާތުން ޤާނޫނީ ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތުންކަން އެ ދައުވާއަކުން އެނގެން އޮންނަންވާނެއެވެ. މައްސަލަ ރަޖިސްޓްރީކުރުމަށްފަހު، އިބްތިދާއީ ނުވަތަ ޝަރީޢަތުގެ މަރުހަލާގައި އިތުރު ޚިލާފެއް ނެތް ނަމަ، އާންމު އުސޫލުން ޝަރީޢަތުގެ މަރުހަލާގެ ތެރެއިން ދައުވާކުރާފަރާތުގެ މަސްލަހަތު ހިމާޔަތްކުރާނެ ފަރާތެއް އަލުން ކަނޑައަޅަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
10.3. މި އުސޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، ދައުވާގައި ދައުވާކުރާފަރާތުގެ ގޮތުގައި "ކުޑަކުއްޖެއް (މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއްގެ ގޮތުން ޢަޒްމީނު ރަޝީދު)" މިފަދައިން ބަޔާންކޮށްފައި އޮތުމާއެކު ރަޖިސްޓްރޭޝަން މަރުހަލާގައި ބަލަންޖެހޭ ޤާނޫނީ ބެލުންތައް ބަލައި، ކުއްޖާގެ ފަރާތުން މައްސަލަ ހުށަހަޅާފަރާތަކީ ޢަޒްމީނު ރަޝީދުކަމުގައި ބަލައި އެގޮތުގައި މައްސަލަ ރަޖިސްޓްރީ ކޮށްފައި ވެއެވެ. ނަމަވެސް ދައުވާފޯމުގައި ބަޔާންކޮށްފައިވާ ފަދައިން ދައުވާކުރާ ފަރާތުގެ ގޮތުގައި "ކުޑަކުއްޖެއް (މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއްގެ ގޮތުން ޢަޒްމީނު ރަޝީދު)" މިފަދައިން ރަޖިސްޓްރޭޝަން މަރުހަލާ އަދި ޝަރީޢަތުގެ މަރުހަލާގައި ބޭނުންކުރުމަށް ޤާނޫނީ ހުރަހެއް އޮތް ކަމުގައި ނުދެކެމެވެ. އަދި ދައުވާކުރާ ފަރާތަކީ ސީދާ ޢަޒްމީނު ރަޝީދު ކަމަށް ބަލައިގެން މައްސަލަ ކުރިއަށްގެންދަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
10.4. މައްސަލައިގައި ހިމެނޭ ކުޑަކުއްޖަކީ ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތަކީ ދައުވާކުރާ ފަރާތް ކަމުގައި ވެފައި، މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް ކަށަވަރުކޮށް އެ މައްސަލަ ރަޖިސްޓްރީކުރުމުން، އަލުން އެފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅަން ޖެހޭނީ އެ މައްސަލައިގެ މައުޟޫޢުގައި މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް ކަނޑައެޅުން ހިމެނޭ ހާލަތުގައެވެ. ނުވަތަ މައްސަލަ ރަޖިސްޓްރީވެގެން އައިއިރު ކަނޑައެޅިފައިވާ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަކީ އެފަދަ ފަރާތެއް ނޫން ކަމަށް ބުނެ ޝަރީޢަތުގެ މަރުހަލާގެ ތެރެއިން ޚިލާފެއް އުފައްދާ، މައްސަލައިގެ ޚަސްމަކު ނުވަތަ މަސްލަހަތު އޮތް އެހެންވެސް ފަރާތަކުން ސުވާލު އުފައްދައިފިނަމައެވެ. ނުވަތަ މައްސަލަ ބެލުމުގެ ތެރެއިން އެފަދަ ކަމެއް އެކަށީގެންވާ ސަބަބުގެ މައްޗަށް ބަލައި މައްސަލަ ބަލާ ފަނޑިޔާރަށް ފާހަގަކުރެވިއްޖެނަމައެވެ. މިހާރު މި ބެލޭ އިސްތިއުނާފުގައި އެފަދަ ހާލަތެއް ނެތެވެ. އެހެނީ ދަށުކޯޓަށް ހުށަހެޅުނު މައުޟޫޢީ ދައުވާއަކީ ބަދަލު ހޯދުމުގެ ދައުވާއެކެވެ. މައްސަލައިގައި ހިމެނޭ އެއްވެސް ޚަސްމެއްގެ ފަރާތުން، ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއްގެ ގޮތުގައި ޢަޒްމީނު ރަޝީދު ކަނޑައެޅިފައިވުމާމެދު އިޢުތިރާޟް ކޮށްފައި ނުވެއެވެ. އަދި އެފަދަ ޚިލާފެއް މައްސަލައިގެ ތެރެއިން އުފަންވެފައިވެސް ނުވެއެވެ.
ނިންމަން ފެންނަގޮތް
11އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 144-B5/CN/2025/01 "ކޯޓު އަމުރަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް" ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު
12ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
13ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
14މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 144-B5/CN/2025/01 "ކޯޓު އަމުރަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް" ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ފަނޑިޔާރު ޙުސައިން މަޒީދު (ރިޔާސަތު)
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ފުޓްނޯޓު
- ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާ ފޯމުގައި ބަޔާންކޮށްފައިވަނީ ދައުވާކުރާ ފަރާތުގެ ގޮތުގައި ކުޑަކުއްޖާގެ ނަމެވެ. އެއަށްފަހު އެ ނަމުގެ ކައިރީގައި (މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތުގެ ގޮތުން ޢަޒުމީނު ރަޝީދު) މިފަދައިން ބަޔާންކޮށްފައިވެއެވެ.
- މި އަމުރަށް އެދޭ ފަރާތުގެ ގޮތުގައި ފޯމުގައި ބަޔާންކޮށްފައިވަނީ ކުޑަކުއްޖާގެ ނަމެވެ. އެއަށްފަހު އެ ނަމުގެ ކައިރީގައި (މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތުގެ ގޮތުން ޢަޒުމީނު ރަޝީދު) މިފަދައިން ބަޔާންކޮށްފައިވެއެވެ.
- ސިވިލް ކޯޓުގެ ނަންބަރު 144-B5/CN/2025/01 "ކޯޓު އަމުރަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް"
- ކުއްޖާގެ މައުލޫމާތު އުނިކޮށްފައި
- ކުއްޖާގެ މައުލޫމާތު އުނިކޮށްފައި
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)
- ޢާއިޝަތު ޒަޢީމާ މައްސަލަ- ހައިކޯޓުގެ ނަންބަރު 2022/HC-A/484 ޤަޟިއްޔާ ("ޢާއިޝަތު ޒައީމާ މައްސަލަ")
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
- ޤަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)
- ޢާއިޝަތު ޒަޢީމާ މައްސަލަ- ހައިކޯޓުގެ ނަންބަރު 2022/HC-A/484 ޤަޟިއްޔާ
- ޢާއިޝަތު ޒަޢީމާ މައްސަލަ- ހައިކޯޓުގެ ނަންބަރު 2022/HC-A/484 ޤަޟިއްޔާ
- ޢާއިޝަތު ޒަޢީމާ މައްސަލަ- ހައިކޯޓުގެ ނަންބަރު 2022/HC-A/484 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
- އިސްތިއުނާފުކުރެވިފައިވާ ނިންމުމުގެ 10 ވަނަ ނަންބަރު އަދި "ނިންމުން"
- ސިވިލް ކޯޓުގެ ނަންބަރު 144-A/95/2025/18 (10 ޖުލައި 2025) ސިޓީ
- ޢަޒްމީނު ރަޝީދުގެ ވަކީލުންގެ ފަރާތުން 20 ޖުލައި 2025 ދުވަހު މިކޯޓަށް ފޮނުވި ސިޓީއާއި ލިޔުންތައް
- ޢާއިޝަތު ޒަޢީމާ މައްސަލަ- ހައިކޯޓުގެ ނަންބަރު 2022/HC-A/484 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
- ޤަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 429 ވަނަ މާއްދާގެ (ސ) ގައި ޤާނޫނީ ބެލެނިވެރިޔާ މާނަކޮށްދީފައިވެއެވެ. އެގޮތުން އެއީ ކުއްޖާގެ މައިންބަފައިންނާއި، މައިންބަފައިން ނެތް ޙާލަތެއްގައި ކުއްޖާގެ ޝަރުޢީ ބަލަދުވެރިޔާއާއި، ކުއްޖާގެ ބެލެނިވެރިކަމާ ޤާނޫނީގޮތުން ޙަވާލުވެފައިވާ ފަރާތް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި "ޤާނޫނީ ބެލެނިވެރިޔާ" ގެ ލަފުޒު ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކުގެ މައްސަލަތަކަށްވެސް ނިސްބަތްކުރެވޭނެހެން މާނަކުރަންޖެހޭކަން ހައިކޯޓުގެ ނަންބަރު 2022/HC-A/484 ޤަޟިއްޔާ (ޢާއިޝަތު ޒަޢީމާ މައްސަލަ) ގެ 18 ވަނަ ނުކުތާގައި ކަނޑައެޅިފައިވެއެވެ.
- މައްސަލަ ހުށަހެޅި ދައުވާފޯމުގައި މިފަދައިން ބަޔާންކޮށްފައިވާއިރު، ހަމައެގޮތުގައި މައްސަލަ ރަޖިސްޓްރީކުރެވިފައިވެއެވެ. ނަމަވެސް މައްސަލަ ރަޖިސްޓްރީވުމަށްފަހު، ކޯޓުގައި އެ މައްސަލައިގެ ދައުވާކުރާފަރާތުގެ ގޮތުގައި ބޭނުންކުރެވިފައިވަނީ ޢަޒްމީނު ރަޝީދުގެ ނަމެވެ.
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 429 ވަނަ މާއްދާގެ (ސ) ("ޤާނޫނީ ބެލެނިވެރިޔާ" ގެ މާނަ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 99 ވަނަ މާއްދާގެ (ށ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ
- ހައިކޯޓުގެ 2022/HC-A/484 (ޢާއިޝަތު ޒަޢީމާ މައްސަލަ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އަދި 37 ވަނަ މާއްދާގެ (ހ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- ޤަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު) ގެ 46 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.