ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-B12/25

ނަން ސިއްރުކޮށްފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 21 ޖަނަވަރީ 2027ޙުކުމުގެ ހާލަތު
ހައިކޯޓު · 22 ނޮވެމްބަރު 2026ދަށު ކޯޓު: ކްރިމިނަލް ކޯޓު CO/29009/Cr-C/2026ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު CO/29009/Cr-C/2026
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ޝަރުޠުތައް ފުރިހަމަވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި އެ ޤާނޫނުގެ 30، 31 އަދި 33 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ތުހުމަތުކުރެވޭ މީހާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.
ވާޤިޢާ
އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހަކު (ނަމާއި އެޑްރެސް ސިއްރުކޮށްފައި) ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ހުށަހެޅި ފޯމުގައި ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް ބަންދުކުރުމަށް އަމުރުކޮށްފައިވޭތޯއާއި، ތަޙްޤީޤު މަރުޙަލާގައި ބަންދުގައި ބެހެއްޓުމަށް ކުއްޖާގެ ބަޔާން ނުވަތަ އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ހެކި ލާޒިމުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ފޯމުގައި ނެތް ތުހުމަތެއްގެ މައްޗަށް ބަންދުކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ހުށަހެޅި ހެކި އެ ޤާނޫނުގެ 47 ވަނަ މާއްދާއާއި ހެއްކާބެހޭ ޤާނޫނުގެ 117 އަދި 118 ވަނަ މާއްދާއިން ބަލައިގަނެވޭ ހެކި ނޫން ކަމަށާއި، ކުއްޖާގެ ބަޔާން ނެތި ބަންދުކުރުމަކީ މުޚްތާރު ޤަޟިއްޔާއާ ޚިލާފު ކަމަށެވެ. ޕްރޮސިކިއުޝަނުން ބުނީ އަމުރަކީ ޤާނޫނާ އެއްގޮތަށް ނެރުނު ޞައްޙަ އަމުރެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ކަނޑައެޅީ، ފޯމުން ތުހުމަތު ސާފުވާނަމަ ޤާނޫނުގެ 30 ވަނަ މާއްދާގެ އިޖުރާއަތު ފުރިހަމަވާ ކަމަށާއި، ތަޙްޤީޤު މަރުޙަލާގައި ބަލަންޖެހެނީ ކޮންމެވެސް މިންވަރެއްގެ ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިތޯ ކަމަށާއި، އެ ޤާނޫނުގެ 47 ވަނަ މާއްދާއާއި މުޚްތާރު ޤަޟިއްޔާއަކީ ކުށް ސާބިތުކުރުމުގެ މަރުޙަލާއާ ގުޅޭ އުސޫލުތަކެއް ކަމަށެވެ. އެހެންކަމުން ދަށުކޯޓުގެ އަމުރު ބާޠިލުކުރާނެ ސަބަބެއް ނެތެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއަކީ މި ގާނޫނުގެ ދަށުން ތުހުމަތުކުރެވޭ މައްސަލަތަކުގައި ބަންދުގައި ބެހެއްޓުމަށް އެދުމުގައި ފުލުހުން އަދި ޕްރޮސިކިއުޓަރ ޖެނެރަލް އަމަލު ކުރަންޖެހޭ އިޖުރާއަތު ބަޔާންކުރާ މާއްދާއެވެ. މި މާއްދާގައި ބަޔާންކުރާ އިޖުރާއަތަކީ، ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް ފުލުހުންނަށް ފެނިއްޖެ ހާލަތެއްގައި އެފަދަ އަމުރެއް ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ކޯޓަށް ހުށަހެޅުމެވެ.

HN2 މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ބޭނުންވާކަމަށް ފުރަތަމަ ގަބޫލު ކުރެވެންޖެހޭ ފަރާތަކީ ފުލުހުންނެވެ. ފުލުހުންނަށް އެފަދައިން ގަބޫލުކުރެވިއްޖެނަމަ، ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށްފައިވާ ލިޔުމަކުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާތުގައި އެދުމެވެ. ތުހުމަތުކުރެވޭ މީހާއަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެންނަ ހާލަތުގައި ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމެވެ. މި އިޖުރާއަތަށް އަމަލު ކޮށްފައިވާނަމަ، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތަށް އަމަލު ކޮށްފައިވާކަމަށް ބެލެވޭނެއެވެ.

HN3 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ހުށަހަޅާ ފޯމުގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ މާއްދާއާއި ގާނޫނު ބަޔާންކުރަން ވަކި ބައެއް ޚާއްސަ ކުރެވިފައި ނެތްއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް މި ފޯމުން ސާފުވާން އޮތްނަމަ، އެކަން ފުރިހަމަވެފައި އޮތްކަމަށް ބަލަންޖެހެއެވެ. ކުށުގެ ތުހުމަތުކުރެވޭ ސަބަބުތައް ބަޔާންކުރާ ހެކިތަކާއި އޭނާ ބަންދުގައި ބަހައްޓަންޖެހޭކަމަށް ދެކޭ ސަބަބުތައް ބަޔާންކޮށް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު އެނގެން އޮތްނަމަ، މި އިޖުރާއަތު އޮތީ ގޯސްކޮށް ކަމުގައި ބުނެވިދާނެކަމަށް ނުދެކެމެވެ.

HN4 ދެ ކުށުގައި ވެސް އެއްގޮތް ކުށުގެ އުންސުރުތަކުގެ ތެރޭގައި ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުން ހިމެނޭ ހިނދު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް އެ ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ތުހުމަތު ވެސް ކުރެވިގެންދެއެވެ.

HN5 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާ ހަވާލާދީ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕްރޮސިކިއުޝަންއިން ހުށަހަޅާ ހާލަތުގައި އެ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކޮށްފައިވާ ކަންކަން ސާބިތު ކޮށްދޭންޖެހެއެވެ. ޕްރޮސިކިއުޝަންއިން ސާބިތުކޮށްދޭންޖެހޭ ކަންކަމާއި ފަނޑިޔާރު ރިއާޔަތްކުރަންވާނެ ކަންކަން މި ގާނޫނުގެ 31 އަދި 32 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ސަބަބުތައް ބަޔާން ކޮށްފައިވާނަމަ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަވެފައިވާކަމަށް ބެލެވޭނެއެވެ.

HN6 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާ ހިލާފުވެފައިވާކަމަށް ކަނޑައެޅޭނެ ހާލަތަކީ އެ މާއްދާގެ ދަށުން ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އެ މާއްދާގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަ ކޮށްފައި ނުވާ ހާލަތުގައެވެ. އެ މާއްދާއަކީ އިޖުރާއީ ޝަކުލިއްޔާތުތަކެއް ފުރިހަމަވާންޖެހޭކަން ބަޔާންކުރާ މާއްދާއެކެވެ.

HN7 މީހެއްގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ ހާލަތުގައި އޭނާ ބަންދުގައި ބެހެއްޓުމުގައި، ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވޭތޯ ބަލާ މިންގަނޑާއި ޝަރީއަތުގެ މަރުހަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލާއިރު، ހެކި ވަޒަންކުރާ މިންގަނޑާ ތަފާތެވެ. މީހެއްގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތުކުރެވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި، ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލާ މަރުހަލާގައި ހެކި ވަޒަންކުރަންޖެހޭ މިންގަނޑަށް ކުރާކަށް ނުޖެހެއެވެ. ހުށަހަޅާ ހެއްކަކީ މާ ފުރިހަމަ، ނުވަތަ އެންމެ ވަރުގަދަ ހެއްކަށް ނުވެދާނެއެވެ. ތަހުގީގު މަރުހަލާގައި މީހެއްގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން ކަނޑައެޅުމަށް އެ މިންވަރު ފުދޭނެއެވެ.

HN8 ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމަކީ ޔަގީނާ ދިމާއަށް ފަނޑިޔާރުގެ ވިސްނުން ދަތުރުކުރުމުގެ ރާސްތާގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމަށްވުރެ އެއީ ދަށް ދަރަޖައެކެވެ. ނަމަވެސް، ޝައްކަށް ވުރެ މަތީ ދަރަޖައެކެވެ. ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމަކީ، މައްސަލައިގައި ލިބިހުރި މައުލޫމާތުގެ މިންވަރަށް ބަލާއިރު ފަނޑިޔާރުގެ އަތުގައި އޮތް މައްސަލައިގައި ޖިނާއީ ހަރަކާތެއް ހިނގާކަން ފަރުވާތެރި، ސަބަބުވެރި މީހަކަށް ގަބޫލުކުރުމެވެ. އެކަން ބިނާވާންޖެހޭނީ ސާފު ވާގިއާއެއް ނުވަތަ ވާގިއާތަކެއްގެ މައްޗަށެވެ. ބުއްދީގެ ހަމަތަކުން ބަލާއިރު، އެ ވާގިއާއިން ނުވަތަ ވާގިއާތަކުން ފިޔަވަޅެއް އެޅުން ލާޒިމުވާކަން ދޭހަވުމެވެ.

HN9 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދައަކީ މި ގާނޫނުގެ ދަށުން އުފުލާ ދައުވާއެއްގައި މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ވަސީލަތްތަކެވެ. މިއީ ދައުވާ އުފުލާފައިވާ މަރުހަލާގައި ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި ރިއާޔަތް ކުރެވިދާނެ ހެކިތަކެވެ. މި ފަދަ މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭކަން ނުވަތަ ނޫންކަން ނުވަތަ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން ކަނޑައެޅުމުގައި މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލު ތަތުބީގުކުރަންޖެހޭކަމަށް ބުނުމަކީ މި މާއްދާ ތަސައްވަރުކުރާ ގޮތާ ހިލާފު ބުނުމެކެވެ.

HN10 ބަންދުގައި ބެހެއްޓުމުގެ މަރުހަލާގައި ފަނޑިޔާރު ގޮތެއް ކަނޑައަޅަންޖެހޭ ކަމަކީ، ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ކަނޑައެޅުމެވެ. އެ ހެއްކަކީ ޝަރީއަތުގެ މަރުހަލާގައި ހެކި ވަޒަންކުރާ މިންގަނޑުން ހެކި ބަލައިގަތުމުގެ މަރުހަލާއެއް ނޫނެވެ. ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެކިތަކުން ނެރެވޭ ޖުމްލަ ނަތީޖާއަކީ މުއްތަހަމުގެ އަމަލުތައް ހުރި ގޮތުން އޭނާގެ މައްޗަށް ކުށެއް ކުރިކަމުގެ ތުހުމަތު އުފަންވާ އެކަށީގެންވާ ސަބަބުތަކެއް ހުރިކަން ނުވަތަ ނޫންކަމެވެ.

HN11 ތަހުގީގު މަރުހަލާގައި ހެކިތަކުގެ ސައްހަކަމާއި، އެ ހެއްކަކީ ބަލައިގަނެވޭނެ ހެއްކެއްކަން ނުވަތަ ނޫންކަން ކަނޑައަޅާ ހާލަތުގައި މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން މައްސަލައިގެ ހެކިތައް ބަލައިގަތުމާ މެދު އިސްތިއުނާފީ ކޯޓަށް އޮންނާނީ ބަސް ބުނެވިފައެވެ. އެހެންކަމުން، މި މަރުހަލާގައި، ދައުލަތުން ހުށަހެޅި ހެއްކަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިކަން ނުވަތަ ނޫންކަން ކަނޑައެޅިދާނެކަމަށް ނުދެކެމެވެ.

HN12 މުޚްތާރު ގަޒިއްޔާއަކީ ކުށުގެ ދައުވާ އުފުލިފައިވާ މައްސަލަތަކުގައި ކުއްޖާގެ ބަޔާން އެއީ އަސާސް ކަމުގައި ބަލައި، އެ ވާހަކަތައް އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބަލަންޖެހޭކަން ބަޔާންކުރާ ގަޒިއްޔާއެކެވެ. ތަހުގީގު މަރުހަލާގައި ބަންދުގައި ބެހެއްޓުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ބަލަންޖެހޭ ކަމަކީ މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން ނުވަތަ ނޫންކަމެވެ. އެކަން ކަނޑައެޅުމުގައި ކުއްޖާގެ ބަޔާން އޮތުން ލާޒިމެއް ނޫނެވެ. ކުއްޖާ އެ ވާހަކަތައް ކިޔައިދިން މީހަކު އެ ވާހަކަ ތަހުގީގަށް ކިޔައިދީފައި އޮތްއިރު، އެ ވާހަކަތަކާއި މައްސަލައިގައި ދެން ލިބުނު ހެކިތަކުން މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ކުރެވޭކަމަށް ގަބޫލުކުރެވޭނަމަ، އެކަން ސަބަބާއެކު ބަޔާން ކޮށްދީފައި އޮތުމުން ފުދޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ނޫރުއްސަލާމް އަބޫބަކުރު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޙުސައިން ސާމީ، އަޙްމަދު ނައުޝާދު، އާޔަތު ޢަބްދުﷲ
ބެންޗު
އިސްމާޢީލް ޝަފީޢު (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
އިސްމާޢީލް ޝަފީޢު
ރައުޔު ލިޔުނު ފަނޑިޔާރު
އިސްމާޢީލް ޝަފީޢު · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ފަރާތްތަކާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މި ލިޔުމުން ބައެއް ނަންތަކާއި ތަފްޞީލު ފޮރުވާފައިވޭ.

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު

މައްސަލައިގެ ތައާރަފު

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު CO/29009/Cr-C/2026 (03 ނޮވެންބަރު 2026) "ކޯޓު އަމުރު" ނެރެފައިވަނީ، ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ބަޔާންކޮށް އެ އަމުރު އިސްތިއުނާފުކުރުމަށް އެދި (ނަމާއި އެޑްރެސް ސިއްރުކޮށްފައި) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ގަޒިއްޔާއެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ޕްރޮސިކިއުޝަން" ނުވަތަ "ދައުލަތް") އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2އިސްތިއުނާފުކުރާ ފަރާތް، އިތުބާރުކުރެވޭ މަގާމެއްގައިހުރެ، އޭނާގެ 18 (އަށާރަ) އަހަރުން ދަށުގެ ދޮންދަރިއަކަށް 2026 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 2 ނޮވެންބަރު 2026 ދުވަހު ހައްޔަރު ކޮށްފައިވެއެވެ.

3އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަ ބޮޑު މިނަށާއި، މައްސަލައިގައި ލިބިފައިހުރި ހެކިތަކާއި، އަދި އިސްތިއުނާފުކުރާ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަތީ އާއި މުޖުތަމައުގައި އުޅޭ ކުޑަކުދިންގެ ސަލާމަތަށް ނުރައްކާވާނެކަމަށް ފެންނާތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 އަދި 31 ވަނަ މާއްދާއާ ހަވާލާދީ، އިސްތިއުނާފުކުރާ ފަރާތް 30 (ތިރީސް) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ޕްރޮސިކިއުޝަނުން ހުށަހެޅިއެވެ.

4ޕްރޮސިކިއުޝަންގެ މި ހުށަހެޅުމާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (އ) ގައި ހުރި ކަންކަން ފުރިހަމަވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާއި، 31 ވަނަ މާއްދާ އާއި 33 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިސްތިއުނާފުކުރާ ފަރާތް 30 (ތިރީސް) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

5އިސްތިއުނާފު ކުރާ ފަރާތް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

އިސްތިއުނާފީ ނުކުތާތައް

6އިސްތިއުނާފު ކޮށްފައިވާ ކޯޓު އަމުރު ނެރެފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ބުނެ، އެ އަމުރު އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން 3 (ތިނެއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛

6.1 ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފުކުރާ ފަރާތް 30 (ތިރީސް) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އެދި ހުށަހެޅި ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށްވާއިރު، އަދި އެ ހުށަހެޅުން ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހެޅި ފޯމަކުން ކަމަށްވާއިރު، އެ ފޯމުގައި އިސްތިއުނާފުކުރާ ފަރާތް ބަންދު ކޮށްދިނުމަށް އެދިފައިވަނީ، އޭނާގެ ދޮންދަރިޔަކާ ބެހުނުކަމުގެ ތުހުމަތުގައި، އެ ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ކުށުގެ ތުހުމަތުގައި ކަމަށްވެފައި، އަދި އެ ފޯމުގައި އިތުރު އެހެން ތުހުމަތެއް ކޮށްފައި ނުވަނީސް، އެ ފޯމަށް ގޮތް ނިންމެވުމުގެ ބަދަލުގައި، އެ ފޯމުގައި ނެތް ތުހުމަތެއްގެ މައްޗަށް ހެކި ލިބިފައިވާކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރާ ފަރާތް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއިން ކަނޑައަޅާފައިވާ އިޖުރާއަތާ ހިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

6.2 ދެވަނަ ނުކުތާއަކީ: އިސްތިއުނާފުކުރާ ފަރާތް 30 (ތިރީސް) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ފުދޭވަރަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހެޅިފައިވާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުން ނިންމައި، ލިބިފައިވާކަމަށް ބަޔާންކުރާ ހެކިތަކަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާއާއި، ހެއްކާބެހޭ ގާނޫނުގެ 117 އަދި 118 ވަނަ މާއްދާއަށް ބަލާއިރު ގާނޫނީ ގޮތުން ބަލައިގަނެވޭ ހެކިތަކެއް ނޫންކަން އެނގެން އޮންނައިރު، އިސްތިއުނާފުކުރާ ފަރާތް ބަންދުކުރުމަށް ނިންމާފައިވަނީ ހަވާލާދެވުނު މާއްދާތަކާ ހިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

6.3 ތިންވަނަ ނުކުތާއަކީ: ކުޑަކުދިންނާމެދު ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ހެކި ވަޒަންކުރުމުގައި އަސާސަކަށް ބަލާނީ، ކުއްޖާގެ ބަސް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ގަޒިއްޔާގައި ކަނޑައަޅާފައިވަނިކޮށް، ކުއްޖާގެ ބަހެއް ތަހުގީގަށް މިހާތަނަށް ލިބިފައި ނެތި އަދި ކުއްޖާގެ އިންޓަވިއު އެއްވެސް ބަޔާނެއް ވެސް ފެންނަން ނެތި، އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކޮށް ބަންދުކޮށްގެން ތަހުގީގު ހިންގަންޖެހޭކަމަށް ބަލާފައިވަނީ، ހަވާލާދެވުނު ގަޒިއްޔާއިން މި ބާވަތުގެ މައްސަލަތަކުގައި ހެކީގެ މިންގަނޑު ލުއިކޮށްފައިވާ އުސޫލުތައް މާނަކޮށް ތަތުބީގުކުރުމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުގެ ބަހުސް އަދި އެދޭ ގޮތް

7އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި އެ ގާނޫނުގެ ދަށުން ތުހުމަތުކުރެވޭ މީހުން ބަންދުކުރުމަށް ހާއްސަ އިޖުރާއަތެއް ކަނޑައަޅާފައިވާއިރު، އެންމެ އަސާސީ އެއްކަމަކީ ފުލުހުންގެ ތުހުމަތު ތަކަށް ބަލައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބަންދުކުރުމަށް އެދި ހުށަހެޅުން ކަމަށާއި، މި ހާލަތުގައި ކޯޓުން ގޮތެއް ނިންމަންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުށަހެޅުމަށް ކަމަށެވެ. އެ ނޫން ހުށަހެޅުމަކަށް ގޮތް ނިންމައިފިނަމަ އެ މާއްދާއާ ހިލާފުވާކަމަށް ބެލެވޭނެ ކަމަށެވެ. އެގޮތުން ބަންދުކުރުމަށް ބޭއްވުނު މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުގެ ދޮންދަރިއެއް ނުހުންނާނެކަމަށް ބުނެފައިވާނެ ކަމަށާއި، ވީމާ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށްކަން ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ ފޯމުން އެނގޭއިރު، ފުލުހުންގެ އިންޒާރުގައި ހުރި ކަންކަމަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ހެކި ހުރިކަމަށް ބަލައި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އެ ގާނޫނުގެ 30 ވަނަ މާއްދާގެ އިޖުރާއަތާ ހިލާފަށް ކަމަށެވެ.

8އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ކުއްޖާ އެހެންމީހަކަށް ކިޔައިދޭ ކިޔައިދިނުން ގާއިދުވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ލިސްޓުގައި ތިބި މީހުންނަށް ކަމަށާއި، ކުއްޖާ ކިޔައިދިންކަމަށް ބުނެ ކޮންމެ މީހަކު ކިޔައިދޭ ކިޔައިދިނުމެއް އެ ގާނޫނުގެ ދަށުން ހެކި ކަމުގައި ނުބެލެވޭނެ ކަމަށާއި މިއީ ހެއްކާބެހޭ ގާނޫނުގެ 117 ވަނަ މާއްދާއާ 118 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު ކޯޓަށް ބަލައިގަނެވޭނެ ހެއްކެއް ނޫން ކަމަށެވެ.

9އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލުގައި ޖުމްލަކޮށް ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ގަޒިއްޔާގެ 33 ވަނަ ނުކުތާއަށް ބެލުމުން ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލަންޖެހޭއިރު، މި މައްސަލައިގައި ކުއްޖާގެ ބަހެއް ނެތްކަމަށާ ވީމާ، ދެން ހުރި ހެކިތައް ކޮރޮބޮރޭޓް ކުރާނެ އަސާސެއް ނެތްކަމަށެވެ. ތަހްގީގު މަރުހަލާ ވިޔަސް ހެކި ވާނީ ހެއްކަށް ކަމަށާއި ތަފާތު ވާނީ އެ ހެއްކަށް ދޭ ބުރަދަން ކަމަށް ގަބޫލުކުރާކަމަށެވެ.

10އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު CO/29009/Cr-C/2026 ކޯޓު އަމުރު ބާތިލުކޮށްދެއްވައި އިސްތިއުނާފުކުރާ ފަރާތް ވަގުތުން މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްދެއްވުމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު އަދި އެދޭގޮތް

11އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ޕްރޮސިކިއުޝަނުން ޖުމްލަކޮށް ފާހަގަކޮށްފައިވަނީ ހުށަހެޅިފައިވާ އިސްތިއުނާފަކީ ގާނޫނީ ބަހުސެއް ނެތް އިސްތިއުނާފެއް ކަމަށެވެ. އެގޮތުން ފާހަގަކޮށްފައިވަނީ، މައްސަލައިގާ ޕްރޮސިކިއުޝަނުން ތުހުމަތުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ ޢަމަލު ހިންގުމުގެ ތުހުމަތުކަމަށާއި، ތަހުގީގު ބައްޓަންވެފައިވަނީ ވެސް އެފަދައިން ކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ފެތޭ ހާލަތު ބަޔާންކޮށް ތަހުގީގުތެރޭގައި ހޯދޭ ހޯދުންތަކުން އެކަން ސާބިތުކުރުމުގެ މަރުހަލާއަކީ މި މަރުހަލާއެއް ނޫންކަމަށެވެ. އަދި، ތަހުގީގު މަރުހަލާގައި އޭނާގެ މައްޗަށް ދައުވާކުރެވޭ ކުށް ހިމަނާފައިނުވި ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލަ ސާފުވެފައިވާނަމަ ދައުވާކުރުމަށް ހުރަހެއް ނެތްކަން ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަންސާމް ގަޒިއްޔާއިން އެނގޭކަމަށެވެ.

12އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގާ ހެއްކެއް ނެތް ކަމަށް ބުނި ނަމަވެސް، ހެކި ހުށަހަޅާފައިވާނެ ކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާއަކީ އިވުނު ކަމަށް ބުނާ ހެކި (hearsay evidence) ބަލައިގަތުމުގެ އިސްތިސްނާއީ ހާލަތް ބަޔާންކުރާ މާއްދާ ކަމަށްވާއިރު، އެ މާއްދާގެ (ޅ) އަދި (ކ) ގެ ދަށުން ހެކި ހުށަހެޅޭނެ ކަމަށެވެ.

13މީގެއިތުރުން، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ގަޒިއްޔާގައި ބަޔާންކޮށްފައިވާ އުސޫލަކީ ކުށް ސާބިތުކުރުމުގެ މަރުހަލާގައި ރިއާޔަތްކުރަންޖެހޭ ކަންކަން ކަމަށާއި، ބަންދުކުރުމުގެ މަރުހަލާގައި ރިއާޔަތްކުރަންޖެހޭނީ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އާދަމް ރަޝީދު ގަޒިއްޔާއާއި، ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާއާއި، ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ގަޒިއްޔާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަކަށް ކަމަށެވެ.

14ޕްރޮސިކިއުޝަނުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު CO/29009/Cr-C/2026 ކޯޓު އަމުރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 28 ވަނަ މާއްދާއިން 33 ވަނަ މާއްދާއާ އިޖުރާއީ ގޮތުންނާއި މާއްދީ ގޮތުން އެއްގޮތަށް ކޯޓަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ސައްހަ އަމުރެއްކަމަށްވާތީ، އެ އަމުރަށް ބަދަލެއް ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދެއްވުމަށެވެ.

ޝަރީއަތަށް ފާހަގަކުރެވުނު ކަންތައްތައް

ފުރަތަމަ އިސްތިއުނާފީ ނުކުތާ

15ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދިފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން، އެ މާއްދާގައި ބަޔާންކުރާ ފޯމުން ކަމަށް ވީހިނދު، އެ ފޯމުގައި ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތް ބަންދުކުރުމަށް ނިންމި ނިންމުމަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިޖުރާއަތާ ޚިލާފު ނިންމުމެއް ކަމަށެވެ.

16HN1ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއަކީ މި ގާނޫނުގެ ދަށުން ތުހުމަތުކުރެވޭ މައްސަލަތަކުގައި ބަންދުގައި ބެހެއްޓުމަށް އެދުމުގައި ފުލުހުން އަދި ޕްރޮސިކިއުޓަރ ޖެނެރަލް އަމަލު ކުރަންޖެހޭ އިޖުރާއަތު ބަޔާންކުރާ މާއްދާއެވެ. މި މާއްދާގައި ބަޔާންކުރާ އިޖުރާއަތަކީ، ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް ފުލުހުންނަށް ފެނިއްޖެ ހާލަތެއްގައި އެފަދަ އަމުރެއް ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ކޯޓަށް ހުށަހެޅުމެވެ. މި މާއްދާއަކީ އެފަދަ އަމުރަކަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާނެ ގޮތުގެ އިޖުރާއަތް ބަޔާންކުރާ މާއްދާއެވެ. އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އެދޭނެ ގޮތުގެ ތަފްސީލުތަކެއް މި މާއްދާގައި ބަޔާން ކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މާއްދާއާ ހަވާލާދީ، އަމުރަކަށް އެދޭ ހާލަތްތަކުގައި ހުށަހަޅާނެ ޚާއްސަ ފޯމެއް އޮވެއެވެ. މި މައްސަލައިގައި މި އަމުރަށް އެދި ހުށަހަޅާފައިވަނީ އެ ފޯމުންނެވެ.

17HN2ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތު އެ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އަމަލުކުރާ ހާލަތުގައި ކަން ހިނގާނީ އަންނަނިވި ގޮތަށެވެ. މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ބޭނުންވާކަމަށް ފުރަތަމަ ގަބޫލު ކުރެވެންޖެހޭ ފަރާތަކީ ފުލުހުންނެވެ. ފުލުހުންނަށް އެފަދައިން ގަބޫލުކުރެވިއްޖެނަމަ، އެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުން އެދި ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށްފައިވާ ލިޔުމަކުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާތުގައި އެދުމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅޭ މި ހުށަހެޅުމުގެ މައްޗަށް ބަލައި، ތުހުމަތުކުރެވޭ މީހާއަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެންނަ ހާލަތުގައި އެ މީހަކު ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމެވެ. މި އިޖުރާއަތަށް އަމަލު ކޮށްފައިވާނަމަ، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތަށް އަމަލު ކޮށްފައިވާކަމަށް ބެލެވޭނެއެވެ.

18އިސްތިއުނާފުކުރާ ފަރާތުގެ ބަހުސަކީ ކުއްޖާއަކީ އޭނާގެ ދޮންދަރިއަކަށް ނުވާއިރު، ކުއްޖާއަކީ އޭނާގެ ދޮންދަރިއެއްކަން ބަޔާންކޮށް، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު މި ފޯމުގައި ބަޔާން ކޮށްފައި އޮތުމެވެ. އެއީ ހަގީގަތަކަށް ނުވާއިރު، ކްރިމިނަލް ކޯޓުން ގޮތެއް ނިންމާފައިވަނީ މި ފޯމުގައި ބަޔާން ކޮށްފައި ހުރި ކަންކަމުގެ މައްޗަށް ކަމަށްވާއިރު، މި ފޯމުގައި ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު ކޮށްފައި ނުވާކަމާއި، ފޯމުގައި ބަޔާންކޮށްފައި ނުވާ ތުހުމަތެއްގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

19ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާ ހަވާލާދީ އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ޕްރޮސިކިއުޝަންއިން ހުށަހެޅި ފޯމުގައި ކުއްޖާއަކީ އިސްތިއުނާފުކުރާ ފަރާތުގެ ދޮންދަރިއެއްކަމަށް ބަޔާންކޮށްފައި ވެއެވެ. ޕްރޮސިކިއުޝަންގެ ހުށަހެޅުމުގައި އެފަދައިން ބަޔާންކޮށްފައިވާ ސަބަބާ ގުޅިގެން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޮންމެވެސް މިންވަރަކަށް ވާހަކަ ދައްކާފައި ވެއެވެ. ސަބަބެއްގެ ގޮތުގައި ބަޔާން ކޮށްފައިވަނީ، މައްސަލައާއެކު ހުށަހެޅުނު ބަޔާންތަކުން، ކުއްޖާ، އިސްތިއުނާފުކުރާ ފަރާތާ މުހާތަބުކުރަނީ 'ބައްޕި' ގެ ގޮތުގައި ކަމުގައި ވާތީއާއި އެފަދައިން ކުއްޖާގެ ވާހަކަތަކުން ދޭހަވާތީކަމަށް ބަޔާންކޮށް އެ މޭރުމުން ޕްރޮސިކިއުޝަނުން ފާހަގަ ކޮށްފައި ވެއެވެ. ތަހުގީގަށް ހޯދިފައިވާ ބަޔާންތަކުން، އިސްތިއުނާފުކުރާ ފަރާތަކީ ކުއްޖާގެ ދޮންބައްޕަކަމަށް ކުއްޖާ ގަބޫލުކުރާކަން އެނގޭކަމަށް ބެލެވޭ ކަންތައްތަކެއް ހުރުމުން، އެ ތުހުމަތު ކޮށްފައިވާކަން ޕްރޮސިކިއުޝަންއިން ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން ސާފުވެފައި ވެއެވެ. އެހެންކަމުން، ދަށު ކޯޓަށް ހުށަހެޅި ފޯމުގައި އެފަދައިން ބަޔާން ކޮށްފައިވަނީ ތަހުގީގަށް ލިބިފައިވާ ބަޔާންތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްކަން ޕްރޮސިކިއުޝަންގެ ބަހުން ސާފު ވެއެވެ. އިސްތިއުނާފުކުރެވިފައިވާ ބަންދު އަމުރަކީ މި މައްސަލައިގެ ތުހުމަތުގައި ބަންދުގައި ބަހައްޓަން ކުރި ފުރަތަމަ އަމުރެވެ. މިއީ ތަހުގީގު މަރުހަލާގެ އެންމެ ކުރީކޮޅު ކަމަށްވާތީ، ތަހުގީގަށް އެހިނދަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް މި ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރިކަން ޕްރޮސިކިއުޝަންއިން ދަށު ކޯޓަށް ވަނީ ހުށަހަޅާފައެވެ.

20އިސްތިއުނާފުކުރާ ފަރާތަކީ ކުއްޖާގެ ދޮންބައްޕަ ކަމަށް ބަންދުގައި ބެހެއްޓުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން އެކަމަށް އިންކާރުކޮށްފައިވެއެވެ. އެހެންކަމުން، އެ ގުޅުމަކީ ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވާ ވާގިއާއެކެވެ. ދައުލަތުން ބަޔާންކުރާ ގުޅުމަށް ބާރުދޭ ބައެއް ކަންކަން ތަހުގީގަށް ލިބިފައިވާކަން، ކްރިމިނަލް ކޯޓަށް ހުށަހެޅުނު ލިޔުންތަކުން ފުރަތަމަ ނަޒަރުން (prima facie) ފެނެއެވެ. އެހެންކަމުން، ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ތުހުމަތުކުރެވޭ މިންވަރުގެ އަސާސެއް މި މަރުޙަލާގައި އޮތްކަމަށް ފެނެއެވެ. ބަންދުގައި ބެހެއްޓުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކުރި ތުހުމަތަށް އެފަދަ އަސާސެއް އޮތްއިރު، އިސްތިއުނާފުކުރާ ފަރާތް ބަންދުކޮށްފައިވަނީ އެ ފޯމުގައި ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް ކަމަށް، ނުވަތަ އެ ގާނޫނުގެ 30 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބެލެވޭކަށް ނެތެވެ.

21HN3ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ހުށަހަޅާ ފޯމުގައި ކުށުގެ ތުހުމަތުކުރެވޭ މާއްދާ ބަޔާންކުރަން ވަކި ޚާއްސަ ބައެއް ފޯމުގައި ނެތްކަން ސާފެވެ. މި މައްސަލައާ ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ މާއްދާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާ ކަމުގައި ބަޔާން ކޮށްފައިވަނީ އޭނާ ބަންދުގައި ބަހައްޓަން އެދޭ ސަބަބު ތަފްސީލު ބަޔާންކުރަން ޚާއްސަ ކޮށްފައިވާ ބައިގައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއަކީ މިފަދަ އަމުރެއް ހޯދުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް ބަލާ ބެލުންތައް ބެލުމަށްފަހު އެފަދަ އަމުރެއް ހޯދުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓުގައި އެދޭނެ އިޖުރާއަތު ބަޔާންކުރާ މާއްދާއެވެ. ކުށުގެ ތުހުމަތުކުރެވޭ ސަބަބުތައް ބަޔާންކުރާ ހެކިތަކާއި އޭނާ ބަންދުގައި ބަހައްޓަންޖެހޭކަމަށް ދެކޭ ސަބަބުތައް ބަޔާންކޮށް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު އެނގެން އޮތްނަމަ، މި އިޖުރާއަތު އޮތީ ގޯސްކޮށް ކަމުގައި ބުނެވިދާނެކަމަށް ނުދެކެމެވެ.

22HN4މިފަދައިން އެދި ހުށަހަޅާ ފޯމުގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ މާއްދާއާއި ގާނޫނު ބަޔާންކުރަން ވަކި ބައެއް ޚާއްސަ ކުރެވިފައި ނެތްއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް މި ފޯމުން ސާފުވާން އޮތްނަމަ، އެކަން ފުރިހަމަވެފައި އޮތްކަމަށް ބަލަންޖެހެއެވެ. ތެދެކެވެ. އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތުކަން ސާފުކޮށް އެ އިބާރާތުން ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް، ދެ ކުށުގައި ވެސް އެއްގޮތް ކުށުގެ އުންސުރުތަކުގެ ތެރޭގައި ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުން ހިމެނޭ ހިނދު، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ތުހުމަތު ވެސް އިސްތިއުނާފުކުރެވޭ ފަރާތުގެ މައްޗަށް ކުރެވިގެންދާކަން މިކަމުން ސާފުވެއެވެ. މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކޮށް އޭނާއަށް ގާނޫނީ އިންޒާރު ދިން އިރުގައި ވެސް މި ކުށުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައި ވެއެވެ. އެހެންކަމުން، މި ކުށުގެ ތުހުމަތަކީ އޭނާގެ މައްޗަށް ނުކުރާ ނުވަތަ ނުކުރެވޭ ތުހުމަތެއް ކަމުގައި ބަލައި، ނުކުރެވޭ ތުހުމަތެއްގެ މައްޗަށް ބިނާކޮށް އޭނާ ހައްޔަރުކޮށް ބަންދުކުރުން ކަމުގައި ބެލެވިދާނެކަމަށް ނުދެކެމެވެ.

23HN5ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގައި ހުރި ކަންކަން ޕްރޮސިކިއުޝަނުން ހުށަހެޅުމުން، މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތް ބަންދު ކުރުމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމާފައިވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާ ހަވާލާދީ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕްރޮސިކިއުޝަންއިން ހުށަހަޅާ ހާލަތުގައި އެ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކޮށްފައިވާ ކަންކަން ސާބިތު ކޮށްދޭންޖެހެއެވެ. ޕްރޮސިކިއުޝަންއިން ދަށު ކޯޓަށް ހުށަހެޅި ފޯމުގައި އެކަންކަން ތަފްސީލުކޮށް ބަޔާންކޮށްދީފައި ވެއެވެ. މި ހުށަހެޅުމުގެ މައްޗަށް ބަލައި، އިސްތިއުނާފުކުރާ ފަރާތް ބަންދުކުރުމަށް ފަނޑިޔާރު ނިންމަވާފައިވަނީ މި ގާނޫނުގެ 32 ވަނަ މާއްދާގައި ހުރި ކަންކަމަށް ރިއާޔަތްކޮށްކަން ތަފްސީލުކޮށް ބަޔާން ކޮށްފައި ވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ބަންދުގައި ބަހައްޓަން އެދި ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ މައްސަލަތަކުގައި ޕްރޮސިކިއުޝަންއިން ސާބިތުކޮށްދޭންޖެހޭ ކަންކަމާއި ފަނޑިޔާރު ރިއާޔަތްކުރަންވާނެ ކަންކަން މި ގާނޫނުގެ 31 އަދި 32 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ސަބަބުތައް ބަޔާން ކޮށްފައިވާނަމަ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަވެފައިވާކަމަށް ބެލެވޭނެކަމަށް އަހުރެން ދެކެމެވެ.

24HN6ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާ ހިލާފުވެފައިވާކަމަށް ކަނޑައެޅޭނެ ހާލަތަކީ އެ މާއްދާގެ ދަށުން ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އެ މާއްދާގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަ ކޮށްފައި ނުވާ ހާލަތުގައެވެ. އެ މާއްދާއަކީ އިޖުރާއީ ޝަކުލިއްޔާތުތަކެއް ފުރިހަމަވާންޖެހޭކަން ބަޔާންކުރާ މާއްދާއެކެވެ. އެ މާއްދާގައި ބަޔާންކުރާ ވަކި ކަމެއް ފުރިހަމަ ކޮށްފައި ނުވާނަމަ، އެ މާއްދާއާ ޕްރޮސިކިއުޝަނުން ހިލާފުވެފައިވާކަމަށް ބެލެވިދާނެއެވެ. ނަމަވެސް، މި ފޯމު ހުށަހެޅުމުގައި މި މާއްދާގައި ބަޔާންކުރާ އިޖުރާއަތެއް ޕްރޮސިކިއުޝަނުން ފުރިހަމަ ނުކޮށް ހުށަހަޅާފައިވާ ތަނެއް ނުފެނެއެވެ. އެހެންކަމުން، ދަށު ކޯޓުން އިސްތިއުނާފުކުރާ ފަރާތް ބަންދުކުރުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާ ހިލާފުވެފައިވާކަމަށް ކަނޑައަޅާނެ ހާލަތެއް އަހުރެންނަކަށް ނުފެނެއެވެ.

ދެވަނަ އަދި ތިންވަނަ އިސްތިއުނާފީ ނުކުތާ

25އިސްތިއުނާފުކުރާ ފަރާތް ހުށަހަޅާފައިވާ ދެވަނަ އަދި ތިންވަނަ އިސްތިއުނާފީ ނުކުތާ ގުޅެނީ މިފަދަ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެއްކާއި ހެކި ވަޒަންކުރުމާ ގުޅޭ ގޮތުން ކޮށްފައިވާ ބަހުސަށެވެ. އެހެންކަމުން، މި ދެ ނުކުތާއާ ގުޅިގެން ޝަރީއަތަށް ފާހަގަކުރެވޭ ކަންކަން ޖުމުލަ ގޮތެއްގައި ބަޔާންކުރާނަމެވެ.

26ދެވަނަ އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތް ފާހަގަކޮށްފައިވަނީ ކުއްޖާ މި ވާހަކަތައް ކިޔައިދިން ފަރާތްތައް ކަމުގައި ބަޔާންކޮށް ދަށު ކޯޓަށް ހުށަހަޅާފައިވާ ފަރާތްތަކަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ، މި ފަދަ މައްސަލަތަކުގައި ބަލައިގަނެވޭނެ ހެކިތަކުގެ ތެރޭގައި ނުހިމެނޭ އަދި ހެއްކާބެހޭ ގާނޫނުގެ 117 ވަނަ މާއްދާގައި ބަޔާންކުރާ އިވުނުކަމަށް ބުނާ ހެކި ކަމަށެވެ. އެހެންކަމުން، އެ ހެއްކަކީ ބަލައިގަނެވޭނެ ހެއްކެއް ނޫންކަމަށާއި އެ ހެކީގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭތޯ ބެލުމުގައި ރިއާޔަތް ނުކުރެވޭނެ ކަމަށެވެ.

27HN7މީހެއްގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ ހާލަތުގައި އޭނާ ބަންދުގައި ބެހެއްޓުމުގައި، ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވޭތޯ ބަލާ މިންގަނޑާއި ޝަރީއަތުގެ މަރުހަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލާއިރު، ހެކި ވަޒަންކުރާ މިންގަނޑާ ތަފާތެވެ.

28HN8މި މައްސަލައިގައި ދަށު ކޯޓުން ނެރެފައިވާ އަމުރުގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް އުފެދޭ މިންވަރަށް ހެކި ހުރިކަމަށް ބަޔާން ކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމަކީ ކޮބައިކަން ބަޔާން ކޮށްދީފައި ވެއެވެ. އެ ގަޒިއްޔާގެ 31 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމަކީ ޔަގީނާ ދިމާއަށް ފަނޑިޔާރުގެ ވިސްނުން ދަތުރުކުރުމުގެ ރާސްތާގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމަށްވުރެ އެއީ ދަށް ދަރަޖައެކެވެ. ނަމަވެސް، ޝައްކަށް ވުރެ މަތީ ދަރަޖައެކެވެ. ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމަކީ، މައްސަލައިގައި ލިބިހުރި މައުލޫމާތުގެ މިންވަރަށް ބަލާއިރު ފަނޑިޔާރުގެ އަތުގައި އޮތް މައްސަލައިގައި ޖިނާއީ ހަރަކާތެއް ހިނގާކަން ފަރުވާތެރި، ސަބަބުވެރި މީހަކަށް ގަބޫލުކުރުމެވެ. އެކަން ބިނާވާންޖެހޭނީ ސާފު ވާގިއާއެއް ނުވަތަ ވާގިއާތަކެއްގެ މައްޗަށެވެ. ބުއްދީގެ ހަމަތަކުން ބަލާއިރު، އެ ވާގިއާއިން ނުވަތަ ވާގިއާތަކުން ފިޔަވަޅެއް އެޅުން ލާޒިމުވާކަން ދޭހަވުމެވެ.

29މީހެއްގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތުކުރެވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި، ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލާ މަރުހަލާގައި ހެކި ވަޒަންކުރަންޖެހޭ މިންގަނޑަށް ކުރާކަށް ނުޖެހެއެވެ. މިއީ ތަފާތު ދެ މަރުހަލާއެކެވެ. ހުށަހަޅާ ހެއްކަކީ މާ ފުރިހަމަ، ނުވަތަ އެންމެ ވަރުގަދަ ހެއްކަށް ނުވެދާނެއެވެ. ތަހުގީގު މަރުހަލާގައި މީހެއްގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން ކަނޑައެޅުމަށް އެ މިންވަރު ފުދޭނެއެވެ.

30މި މައްސަލައާ ގުޅިގެން ދަށު ކޯޓަށް ހުށަހެޅުނު ލިޔުންތަކާއި ބަޔާންތަކުން އިސްތިއުނާފުކުރެވޭ ފަރާތުގެ މައްޗަށް ކުށުގެ ތުހުމަތެއް ކުރެވޭ ސަބަބުތަކެއް ހުރިކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ބެލެވޭނެ ހާލަތެއް އޮތްކަމަށް ނުދެކެމެވެ. ތަހުގީގަށް ލިބިފައިވާ ބަޔާންތަކަށް ބާރުލިބިދޭ އިތުރު ލިޔެކިޔުންތަކެއް ވެސް ހުށަހަޅާފައިވާއިރު، މިއީ ތަހުގީގު މަރުހަލާގައި މިފަދަ މައްސަލައެއްގައި މީހަކު ބަންދުގައި ބެހެއްޓުމުގައި، އެ މީހެއްގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭތޯ ނުވަތަ ނޫންތޯ ބަލާއިރު، އެ މިންވަރަށް ހެކި ހުރިކަމަށް ބެލެވޭނެ ހާލަތެކެވެ.

31އިސްތިއުނާފުކުރާ ފަރާތުގެ ބަހުސަކީ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށް ކަނޑައެޅުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ރިއާޔަތް ކޮށްފައިވާ ބަޔާނަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގައި ވެސް އަދި މި މާއްދާގެ އެހެން ނަންބަރެއްގައި ވެސް ބަޔާންކޮށްފައިވާ ފަރާތެއްގެ ބަޔާނެއް ކަމުގައި ނުވާތީ، އެ ބަޔާނަށް ރިއާޔަތްކުރެވިގެން ނުވާނެ ކަމަށެވެ.

32HN9HN10ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދައަކީ މި ގާނޫނުގެ ދަށުން އުފުލާ ދައުވާއެއްގައި މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ވަސީލަތްތަކެވެ. މިއީ ދައުވާ އުފުލާފައިވާ މަރުހަލާގައި ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި ރިއާޔަތް ކުރެވިދާނެ ހެކިތަކެވެ. މި ފަދަ މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭކަން ނުވަތަ ނޫންކަން ނުވަތަ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން ކަނޑައެޅުމުގައި މި ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލު ތަތުބީގުކުރަންޖެހޭކަމަށް ބުނުމަކީ މި މާއްދާ ތަސައްވަރުކުރާ ގޮތާ ހިލާފު ބުނުމެއްކަމަށް އަހުރެން ދެކެމެވެ. މި މަރުހަލާގައި ފަނޑިޔާރު ގޮތެއް ކަނޑައަޅަންޖެހޭ ކަމަކީ، ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމަކީ ކޮބައިކަން ބަޔާންކޮށްފައިވާ މިންވަރަށް ހެކި ހުރިކަމަށް ކަނޑައެޅުމެވެ. އެ ހެއްކަކީ ޝަރީއަތުގެ މަރުހަލާގައި ހެކި ވަޒަންކުރާ މިންގަނޑުން ހެކި ބަލައިގަތުމުގެ މަރުހަލާއެއް ނޫނެވެ. ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެކިތަކުން ނެރެވޭ ޖުމްލަ ނަތީޖާއަކީ މުއްތަހަމުގެ އަމަލުތައް ހުރި ގޮތުން އޭނާގެ މައްޗަށް ކުށެއް ކުރިކަމުގެ ތުހުމަތު އުފަންވާ އެކަށީގެންވާ ސަބަބުތަކެއް ހުރިކަން ނުވަތަ ނޫންކަމެވެ.

33HN11މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތް ހުށަހަޅާފައިވާ އެއްކަމަކީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާ އާއި ހެއްކާބެހޭ ގާނޫނުގެ 117 އަދި 118 ވަނަ މާއްދާއާ ހަވާލާދީ ގާނޫނީ ގޮތުން ބަލައިގަނެވޭނެ ހެކިތަކެއް ނޫންކަމަށް ބަޔާން ކޮށްފައި ވެއެވެ. މި މައްސަލައަކީ ތަހުގީގު މަރުހަލާގައި އޮތް މައްސަލައެކެވެ. މައްސަލައިގައި މިހާތަނަށް ދައުވާކޮށް ޝަރީއަތް ފެށިފައެއް ނުވެއެވެ. މި މަރުހަލާގައި މި ކޯޓުން މި ހެކިތަކުގެ ސައްހަކަމާއި، އެ ހެއްކަކީ ބަލައިގަނެވޭނެ ހެއްކެއްކަން ނުވަތަ ނޫންކަން ކަނޑައަޅާ ހާލަތުގައި މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން މައްސަލައިގެ ހެކިތައް ބަލައިގަތުމާ މެދު އިސްތިއުނާފީ ކޯޓަށް އޮންނާނީ ބަސް ބުނެވިފައެވެ. އެހެންކަމުން، މި މަރުހަލާގައި، ދައުލަތުން ހުށަހެޅި ހެއްކަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިކަން ނުވަތަ ނޫންކަން ކަނޑައެޅިދާނެކަމަށް ނުދެކެމެވެ.

34ތިންވަނަ އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުގެ ބަހުސަކީ މިފަދަ މައްސަލަތަކުގައި އެންމެ މުހިއްމު ހެއްކަކީ ކުއްޖާގެ ބަޔާން ކަމުގައިވާއިރު، އެފަދަ ބަޔާނެއް ނެތި ހުށަހަޅާ މިފަދަ މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ގަޒިއްޔާ (މީގެ ފަހުން މުޚްތާރު ގަޒިއްޔާ") ގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލާ ހިލާފު ކަމަށެވެ.

35HN12މި ނުކުތާއާ ގުޅިގެން ވެސް ޝަރީއަތުން ފާހަގަކުރަން އޮތީ، ދެވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ފާހަގަކުރި ފަދަ ކަމެކެވެ. މުޚްތާރު ގަޒިއްޔާއަކީ ކުށުގެ ދައުވާ އުފުލިފައިވާ މައްސަލަތަކުގައި ކުއްޖާގެ ބަޔާން އެއީ އަސާސް ކަމުގައި ބަލައި، އެ ވާހަކަތައް އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބަލަންޖެހޭކަން ބަޔާންކުރާ ގަޒިއްޔާއެކެވެ. މި މައްސަލައަކީ މުޚްތާރު ގަޒިއްޔާއާ ތަފާތު މަރުހަލާއެއްގެ މައްސަލައެކެވެ. މި މައްސަލައަކީ ތަހުގީގު މަރުހަލާގައި ބަންދުގައި ބެހެއްޓުމުގައި ހެކީގެ މިންގަނޑު ވަޒަންކުރަންޖެހޭ މަރުހަލާއެކެވެ. މުޚްތާރު ގަޒިއްޔާއަކީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި ހެކި ވަޒަންކުރާނެ މިންގަނޑު ބަޔާންކުރާ ގަޒިއްޔާއެކެވެ. މި މައްސަލަ މިއޮތް މަރުހަލާގައި ދަށު ކޯޓުގެ ފަނޑިޔާރު ބަލަންޖެހޭ ކަމަކީ މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަން ނުވަތަ ނޫންކަމެވެ. އެކަން ކަނޑައެޅުމުގައި ކުއްޖާގެ ބަޔާން އޮތުން ލާޒިމެއް ނޫނެވެ. ކުއްޖާ އެ ވާހަކަތައް ކިޔައިދިން މީހަކު އެ ވާހަކަ ތަހުގީގަށް ކިޔައިދީފައި އޮތްއިރު، އެ ވާހަކަތަކާއި މައްސަލައިގައި ދެން ލިބުނު ހެކިތަކުން މުއްތަހަމުގެ މައްޗަށް ކުށުގެ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ކުރެވޭކަމަށް ގަބޫލުކުރެވޭނަމަ، އެކަން ސަބަބާއެކު ބަޔާން ކޮށްދީފައި އޮތުމުން ފުދޭނެއެވެ. އެހެންކަމުން، ދަށު ކޯޓުގެ ނިންމުމަކީ މުޚްތާރު ގަޒިއްޔާގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލާ ހިލާފަށް ނިންމާފައިވާ މައްސަލައެއްކަމަށް އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

36އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، އިސްތިއުނާފުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު CO/29009/Cr-C/2026 (03 ނޮވެންބަރު 2026) "ކޯޓު އަމުރު" ބާތިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި އިސްތިއުނާފު ނިންމަން އަހުރެންނަށް ފެނެއެވެ.

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔު

37މި މައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް ތާއީދު ކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު

38މި މައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު CO/29009/Cr-C/2026 (03 ނޮވެންބަރު 2026) "ކޯޓު އަމުރު" ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ

ފަނޑިޔާރު އިސްމާޢީލް ޝަފީޢު (ރިޔާސަތު)

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ފުޓްނޯޓު

  1. […]
  2. ކްރިމިނަލް ކޯޓުގެ ނަންބަރު CO/28950/Cr-C/2026 ކޯޓު އަމުރު (ހައްޔަރު ކުރުން) (02 ނޮވެންބަރު 2026)
  3. ދިވެހި ފުލުހުންގެ ހިދުމަތުގެ ނަންބަރު […] ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމް
  4. ގާނޫނު ނަންބަރ 12/2009
  5. ގާނޫނު ނަންބަރު 12/2009 ގެ ދަށުން ބަންދާމެދު ގޮތެއް ނިންމުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާ ފޯމު
  6. ކްރިމިނަލް ކޯޓުގެ ނަންބަރު CO/29009/Cr-C/2026 ކޯޓު އަމުރު (03 ނޮވެންބަރު 2026)
  7. ގާނޫނު ނަންބަރު 11/2022
  8. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ގަޒިއްޔާ
  9. ގާނޫނު ނަންބަރު 12/2009
  10. ގާނޫނު ނަންބަރު 11/2022
  11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ގަޒިއްޔާ
  12. ގާނޫނު ނަންބަރު 12/2009
  13. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/55 ގަޒިއްޔާ
  14. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ގަޒިއްޔާ
  15. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/47 ގަޒިއްޔާ
  16. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ގަޒިއްޔާ
  17. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/19 ގަޒިއްޔާ
  18. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 ގަޒިއްޔާ
  19. ބަންދުގައި ބެހެއްޓުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމާއެކު ހުށަހެޅުނު ހެކިވެރިޔާގެ ބަޔާން (01 ނޮވެންބަރު 2026 ގައި ތަޙުޤީޤަށް ދީފައިވާ ބަޔާން) އަދި އިތުރު ހެއްކަކު 02 ނޮވެންބަރު 2026 ގައި ތަޙުޤީޤަށް ދީފައިވާ ބަޔާން).
  20. މި ރިޕޯޓުގެ 28 ވަނަ ނުކުތާގައި ބަޔާންކުރާ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރިކަމަށް ބަޔާންކުރާ މިންގަނޑު.
  21. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 ގަޒިއްޔާ
  22. މި ރިޕޯޓުގެ 28 ވަނަ ނުކުތާގައި ބަޔާންކުރާ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރިކަމަށް ބަޔާންކުރާ މިންގަނޑު.
  23. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 ގަޒިއްޔާ
  24. މި ރިޕޯޓުގެ 28 ވަނަ ނުކުތާގައި ބަޔާންކުރާ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރިކަމަށް ބަޔާންކުރާ މިންގަނޑު.
  25. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ގަޒިއްޔާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ