މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2021/SC-A/50
ޝަރީޢަތް ނިމުނުގޮތް
މަފްތޫޙް ސަޢީދު ވ ޕްރޮސިކިއުޓަރ ޖެނެރަލް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު
30 ޖޫން 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2021/HC-B12/14
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މަފްތޫޙް ސަޢީދު
ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ ނީޝާން ވަހީދުޕަބްލިކް ޕްރޮސިކިއުޓަރ އާމިނަތު ޝީޒާ
ޕަބްލިކް ޕްރޮސިކިއުޓަރ މަރްޔަމް ޝިމްހާ މުސްތަފާ ރަޝީދުޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުޝާދު
ޕަބްލިކް ޕްރޮސިކިއުޓަރ މުޙައްމަދު އަފްރާޙް ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު، ލެކްޒަވީ ޗެމްބަރސް
ޖިނާއީ މައްސަލަ – ބަންދު އަމުރު – ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ މ. 26 (މ)، (ފ) – ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ މ.212 (ނ) އަދި މ.60 (ބ) - ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން - ކޮންމެވެސް މިންވަރެއްގެ ހެކި ހުރުން – ސަބަބުވެރި މީހާ – ފަރުވާތެރި، ސަބަބުވެރި މީހެއް
މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)ތަޢާރުފު
ކޮންމެ އިންސާނަކީ އެ މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު، ކުށުން ބަރީއަވެގެންވާ މައުސޫމު މީހެކެވެ. މީހެއްގެ މިނިވަންކަމުގެ ޒައްރެއްގެ މިންވަރުވެސް ހިފެހެއްޓޭނީ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުތަކެއްގެ ތެރެއިންނެވެ. އެ ސަބަބަށްޓަކައި، ކުށުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ޝަރީއަތްކޮށް ހުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓުމަށްޓަކައި، ގާނޫނު ލާޒިމުކުރާ އެހެން ކަންކަމުގެ އިތުރުން، އެންމެ ކުޑަމިނުން އެމީހަކާ ދެކޮޅަށް "ތުހުމަތުކުރެވޭ މިންވަރަށް" ނުވަތަ ކުށްކުރިކަމުގެ "ކޮންމެވެސް މިންވަރެއްގެ ހެކި" ހުރުމަކީ މަޖުބޫރު މާއްދާއެކެވެ. ހެކީގެ މި ދެ މިންގަނޑުގެ ތެރެއިން "ކޮންމެވެސް މިންވަރެއްގެ ހެކި" އަކީ މުއްތަހަމް ބަންދުގައި ހުންނަ މުއްދަތު ހިނގައި ހޭދަވަމުންދާ މިންވަރުން ތަހުގީގުގެ ތެރެއިން އިތުރު ހެކި ނުހޯދޭނަމަ ބަންދުގެ ސައްހަކަން ގެއްލުވާލުމުގެ ތަބީއަތު ލިބިގެންވާ މިންގަނޑެކެވެ.
މި އިސްތިއުނާފުގެ މައްސަލަ އުފެދިގެން އައިސްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ މ.26 (ރ) ގެ (1)، (3)، (5) ގެ ދަށުން މަފްތޫޙް ސަޢީދު، ގެ ބަންދުގެ މުއްދަތު އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދެފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު، އޭނާގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކުރުމަށް 30 މޭ 2021 ގައި ހުށަހެޅުމުން، މަފްތޫޙް ސަޢީދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ބެލެވޭ އެކަށީގެންވާ ހެކި ގަރީނާ ހުށަހެޅިފައި ނެތް ކަމަށާއި، އެހެންކަމުން، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމާ ގުޅިގެންނެވެ. އެ ނިންމުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ .60 ވަނަ މާއްދާގެ (ބ) ގެ ދަށުން މަފްތޫޙް ސަޢީދު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައިވެއެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ އަމުރު އިސްތިއުނާފު ކުރުމަށްޓަކައި މަފްތޫޙް ސަޢީދު ("މަފްތޫޙް ސަޢީދު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ހަވާލާދީފައިވާ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ. އިސްތިއުނާފުގެ މި މައްސަލަ ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށުގެ އަމަލުތަކެއް ހިންގަން އުޅޭކަމުގެ ތުހުމަތުކޮށް، 15 މޭ 2021 ގައި ފުލުހުން މަފްތޫޙް ސަޢީދު ހައްޔަރުކުރިއެވެ.
ފުލުހުން މަފްތޫޙް ސަޢީދު ހައްޔަރުކުރީ އައްޑު އަތޮޅު ހިތަދޫގައި ވަކި ޖަމާއަތެއްގެ ގޮތުގައި (1) ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ (2) އައި.އީ.ޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، (3) އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުންދީފާނެ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މަފްތޫޙް ސަޢީދުގެ ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުކުރެވޭތީ، މަފްތޫޙް ސަޢީދު ދޫވެފައި ހުރެއްޖެ ނަމަ މަފްތޫޙް ސަޢީދުގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ފެތުރިދާނެ ކަމަށް ބެލެވޭތީ ކަމަށް ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމު S2C-MD/2021/81 ގައި ފުލުހުން ބުނެފައިވެއެވެ.
މަފްތޫޙް ސަޢީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް 16 މޭ 2021 ގައި ފުލުހުން ހުށަހެޅުމުން އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވަނީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފެންނާތީ އާއި ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރިކަމަށް ފުލުހުން ހޯދާފައިވާ ހެކި ގަރީނާތަކަށް ރިއާޔަތްކޮށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ރ) ގެ (1)، (3)، (5) ގެ ދަށުން 23 މޭ 2021 ދުވަހުގެ 14:34 ގެ ނިޔަލަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ. 23 މޭ 2021 ގައި އަނެއްކާވެސް ހަމަ އެ ގާނޫނުގެ ދަށުން، މަފްތޫޙް ސަޢީދުގެ ބަންދުގެ މުއްދަތު 30 މޭ 2021 އަށް އިތުރުކޮށްފައި ވެއެވެ. 30 މޭ 2021 ދުވަހު އަނެއްކާވެސް ފުލުހުން އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވަނީ 30 މޭ 2021 ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް މަފްތޫޙް ސަޢީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށެވެ. މަފްތޫޙް ސަޢީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް 30 މޭ 2021 ގައި ހުށަހެޅުމުން އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C-CA/179/2021 އަމުރުގައި އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ މަފްތޫޙް ސަޢީދު ބަންދުކުރި މައްސަލައިގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ބެލެވޭ އެކަށީގެންވާ ހެކި ގަރީނާ ހުށަހެޅިފައި ނުވުމާއެކު އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މަފްތޫޙް ސަޢީދު ބަންދުން ދޫކޮށްލުމަށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފުކުރިއެވެ.
ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފު
މި މައްސަލަ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ މަފްތޫޙް ސަޢީދުގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވިފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށްވާއިރު، އެ ގާނޫނުގެ 26 ވަނަ މާއްދާގެ (ރ) ގައި ބުނާ ހާލަތު ވުޖޫދުގައިވާނަމަ، އެ މާއްދާގެ (މ) ގެ ދަށުން 14 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ބަންދުކުރުމަށް ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށެވެ. އަދި މަފްތޫޙް ސަޢީދު ވަނީ 16 މޭ 2021 އިން ފެށިގެން 30 މޭ 2021 ގެ ނިޔަލަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ރ) ގެ (1)، (3)، (5) ގައި ބުނާ ހާލަތު އޮތްކަމަށް ބަލައިގެން ބަންދުކޮށްފައި ކަމަށެވެ. ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހަކު، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ.26 ވަނަ މާއްދާގެ (މ) ގެ ދަށުން ބަންދުކުރެވޭނެ އެންމެ ދިގު މުއްދަތަކީ 14 ދުވަސް ކަމަށްވާތީވެ، އެ 14 ދުވަސް ހަމަވުމުން، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްނަމަ އެ ހާލަތުގައި އެމީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ރުޖޫއަވާން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާއްމު އިޖުރާއަތަށް ކަމަށާއި، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ.26 ވަނަ މާއްދާގެ (މ) ގެ ދަށުން ބަންދުކުރުމަށް ހުއްދަ ކުރެވިފައިވާ 14 ދުވަސް ހަމަވުމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އާންމު އިޖުރާއަތުގެ ދަށުން އެމީހަކު އިތުރަށް ބަންދުކުރުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން ހުއްދަކުރާ ކަމަށާއި، އެހެން ކަމުން މަފްތޫޙް ސަޢީދު ބަންދުން ދޫކޮށްލުމަށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާ ޚިލާފަށް ކަމަށެވެ.
އިސްވެ ދިޔަ ނުކުތާގެ ތަފްސީލުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ މ.26 (މ) ގެ ދަށުން ބަންދުކުރުމަށް ހުއްދަކުރެވިފައިވާ 14 ދުވަސް ހަމަވުމުން، ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އާންމު އިޖުރާއަތުގެ ދަށުން އެމީހަކު އިތުރު މުއްދަތަކަށް ބަންދުކުރުމަށްޓަކައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން ހުއްދަކުރާ ގޮތުގެ މަތިން ރުޖޫއަވާން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް ކަމަށެވެ. މިގޮތުން، މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތް ނަމަވެސް؛ (1) އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގައި ހެކި ފޮރުވަފާނެ ކަމަށް، ނުވަތަ (2) ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެ ކަމަށްޓަކައި، ނުވަތަ (3) ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ (4) ފިލާފާނެ ކަމަށްޓަކައި، ނުވަތަ (5) ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ސަބަބެއް އޮވެއްޖެ ނަމަ، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެ ނަމަ، އަދި، (6) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާގައިވާ ކަންކަމަށް ރިއާޔަތްކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ.60 ވަނަ މާއްދާގެ (ބ) ގެ ދަށުން އެމީހަކު ބަންދުކުރެވިދާނެކަން އެނގެން އޮންނަ ކަމަށެވެ. އެގޮތުން ބަލާއިރު، ކޮންމެވެސް މިންވަރެއްގެ ހެކި މި މައްސަލައިގައި މަފްތޫޙް ސަޢީދުއާ ދެކޮޅަށް ހުރިއިރު، "މަފްތޫޙް ސަޢީދު ބަންދުކުރި މައްސަލައިގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ބެލެވޭ އެކަށީގެންވާ ހެކި ގަރީނާ ހުށަހެޅިފައި ނެތް" ކަމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައި މަފްތޫޙް ސަޢީދު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ކަމަށެވެ.
އިސްތިއުނާފުގެ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގި އެ ކޯޓުގެ 2021/HC-B12/14 ނަންބަރު ގަޒިއްޔާގެ ނިންމުމުގައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ހުށަހެޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ގަބޫލުކޮށްފައިވެއެވެ. އެގޮތުން، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހަކު، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ މ.26 (މ) ގެ ދަށުން ބަންދުކުރުމަށް ހުއްދަކުރެވިފައިވާ 14 ދުވަސް ހަމަވުމުން، ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އާންމު އިޖުރާއަތުގެ ދަށުން އިތުރު މުއްދަތަކަށް ބަންދުކުރުމަށްޓަކައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން ހުއްދަކުރާ ގޮތުގެމަތިން ރުޖޫއަވާން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
އިސްވެ މި ބަޔާންކުރި ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކުރުމަށް ފަހު، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެS2C-CA/179/2021 ކޯޓު އަމުރު ބާތިލުކޮށް، އެ އަމުރުގެ ދަށުން ބަންދުން ދޫކޮށްލާފައިވާ މަފްތޫޙް ސަޢީދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން އަމުރުކޮށްފައިވެއެވެ.
މަފްތޫޙް ސަޢީދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ.60 ވަނަ މާއްދާގެ (ބ) ގެ ދަށުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ.60 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ސަބަބުތައް ހުރުމުން، މަފްތޫޙް ސަޢީދު ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތް ނަމަވެސް، އޭނާގެ ގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށްކުރިކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމުން ކަމަށް ބުނެފައިވެއެވެ.
އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/14 ގަޒިއްޔާގައި ހައިކޯޓުން ނިންމި ނިންމުން މަފްތޫޙް ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. ތިރީގައި މިވަނީ މަފްތޫޙް ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކެވެ.
(ހ) ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މަފްތޫޙް ސަޢީދު ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުން ދަށު ކޯޓުގައި އެދިފައިނުވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިޖުރާއަތްތައް އޭނާގެ މައްޗަށް ހިންގަންޖެހޭކަމަށް ކަނޑައަޅައި ހައިކޯޓުން މައްސަލަ ނިންމާފައިވުން.
(ށ) ދަށު ކޯޓަށް އަދި ހައިކޯޓަށް އިންޓެލިޖެންސް ރިޕޯޓެއް ފިޔަވައި އިތުރު އެއްވެސް ހެއްކެއް ހުށަހެޅިފައި ނެތި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް މައްސަލަ ނިންމާފައިވުން.
(ނ)ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ) އާއި 60 ވަނަ މާއްދާގެ (ށ) (1) އިން ފެށިގެން (4) އަށް ހުރި ނަންބަރު ތަކުގައި ބަޔާންކުރާ ސަބަބުތަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމާ ޚިލާފަށް މައްސަލަ ނިންމާފައިވުން.
(ރ) އެއްވެސް މިންވަރެއްގެ ހެއްކެއް ނެތި މަފްތޫޙް ސަޢީދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފަށްކަމުގައި ވުން.
(ބ) ގާނޫނީ ސަބަބެއް ނެތި، ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފަށް މަފްތޫޙް ސަޢީދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވުން.
ޓެރަރިޒަމް ގާނޫނުގެ ދަށުން ބަންދުކުރެވުނު މީހެއްގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ހިންގުން
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ނަމަ، އެ ޚާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތަކުގައި ތަހުގީގުކުރުމާއި މީހުން ބަންދުކުރުމާއި ޝަރީއަތްކުރުމުގައި އަމަލުކުރާނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އާންމު އިޖުރާއަތުތައް އެ ޚާއްސަ ގާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތުގެ މިންވަރުގެ ނިސްބަތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އާންމު އިޖުރާއަތުން އިސްތިސްނާ ވާނެއެވެ. ވީމާ، މި އުސޫލަށް ބަލާއިރު، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއް ކަމަށްވާތީވެ، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހަކު، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ މ.26 (މ) ގެ ދަށުން ބަންދުކުރުމަށް ހުއްދަކުރެވިފައިވާ 14 ދުވަސް ހަމަވުމުން، ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އާންމު އިޖުރާއަތުގެ ދަށުން އިތުރު މުއްދަތަކަށް ބަންދުކުރުމަށްޓަކައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ ގެ (ފ) އިން ހުއްދަކުރާ ކަމަށާއި އެ ހާލަތުގައި ފަނޑިޔާރު ރުޖޫއަވާން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް ކަމަށް، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ.
މަފްތޫޙް ސަޢީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގައިވެސް ހައިކޯޓުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާ ގެ (ފ) ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެފައި ނެތެވެ. އޭގެ ބަދަލުގައި މަފްތޫޙް ސަޢީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މަފްތޫޙް ސަޢީދު ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުން ދަށު ކޯޓުގައި އެދިފައި ނުވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އިޖުރާއަތުތައް އޭނާގެ މައްޗަށް ހިންގަން ޖެހޭކަމަށް ކަނޑައަޅައި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ.32 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މަފްތޫޙް ސަޢީދުގެ ބަންދު އިތުރުކުރުމަށް ދަށު ކޯޓުގައި ފުލުހުން އެދިފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މަފްތޫޙް ސަޢީދު ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުން ދަށުކޯޓުގައި އެދިފައި ނުވާ އިރު، މަފްތޫޙް ސަޢީދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެގޮތަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ސަބަބުތަކަށްޓަކައި ކަމަށް ބުނެފައިވެއެވެ. އެ ސަބަބުތަކަކީ:
(ހ)ދަށު ކޯޓުގައި ދައުލަތުން ނޭދޭ ކަމަކަށް އަދި ދަށުކޯޓުން އެކަމާބެހޭ ގޮތުން ގޮތެއް ކަނޑައަޅާފައިނުވާ ކަމަކަށް އިސްތިއުނާފުގެ މަރުހަލާގައި ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގ ބަޔާންވެދިޔަ ސުޕްރީމް ކޯޓުގެ ގަޒިއްޔާގެ އުސޫލާއި، ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައިވުން. މި އުސޫލުގެ ދަށުން ދަށު ކޯޓުގެ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައި ނެތްކަމަކަށް ރިއާޔަތްނުކޮށް އޮވެގެން އެ ސަބަބަށްޓަކައި ދަށު ކޯޓުގެ ހުކުމެއް ނުވަތަ ނިންމުމެއް ބާތިލުކުރުންވެސް ބުނެވިދިޔަ ގާނޫނީ ހަމަތަކާ ޚިލާފުވާނެ ކަން.
(ށ)މަފްތޫޙް ސަޢީދުގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ހިންގުމަށް ދަށު ކޯޓުގައި އެދިފައި ނެތި، ހައިކޯޓުގައި މުޅިން އަލަށް މަފްތޫޙް ސަޢީދު ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދުނު އެދުމަކީ، ކޯޓުތަކުގެ ގާނޫނުގެ.32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލާ ވެސް ހިލާފު ކަމެއް ކަމުގައިވުން.
(ނ)އަދި އެގޮތަށް އަމަލުކުރުމުގެ ނަތީޖާއަކީ، އެ ނުކުތާ އިސްތިއުނާފުކުރުމުގެ އެއް މަރުހަލާވެސް މަފްތޫޙް ސަޢީދަށް ގެއްލިގެންދިއުން.
(ރ)މަފްތޫޙް ސަޢީދުގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ހިންގަން ޖެހޭކަމަށް ދައުލަތުން ދަށު ކޯޓުގައި އެދިފައި ނުވާކަމަށް ތަކުރާރުކޮށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވުން. އަދި ދަށު ކޯޓުގެ ފަނޑިޔާރު ތަކުރާރުކޮށް ދައުލަތާ ސުވާލުކުރުމުންވެސް، އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދެނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ދަށު ކޯޓުގައި ބުނެފައިވާކަން ފާހަގަކޮށް ދަށު ކޯޓުގެ އަޑުއެހުންތަކުގެ ރިކޯޑިންގ އަޑުއައްސަވައިދިނުމަށް ހައިކޯޓުގައި އެދިފައިވުން.
(ބ)ހައިކޯޓުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި، މަފްތޫޙް ސަޢީދުގެ މައްޗަށް ޖިނާއީ އިޖުރާއަތު ގާނޫނު ހިންގުމަށް ދަށު ކޯޓުގައި އެދުނުތޯ ނުވަތަ ނޫންތޯ ކުރެވުނު ބަހުސްގެ ނުކުތާއަށް އެއްވެސް ގޮތެއް ނިންމާފައި ނުވާކަން. އެ ނުކުތާއާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތެއް ވެސް ބަޔާން ކުރައްވާފައި ނުވާކަން.
(ޅ)އެހެންވީމާ، މަފްތޫޙް ސަޢީދުގެ މައްޗަށް ޖިނާއީ އިޖުރާއަތު ގާނޫނު ހިންގުމަށް ދަށު ކޯޓަށް ހުށަހެޅިފައި ނެތުމުންނާއި، އަދި އޭނާ ބަންދުގައި ބަހައްޓައިދިނުމަށް ދަށު ކޯޓުގައި އެދުނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންކަމަށް ވާތީވެ، ދަށު ކޯޓުން ގޮތެއް ކަނޑައެޅީ އެ ކޯޓަށް ހުށަހެޅުނު ހުށަހެޅުންތަކުގެ މައްޗަށް ކަމަށްވާއިރު، މަފްތޫޙް ސަޢީދުގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ހިންގަން ޖެހޭކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ، ބުނެވިދިޔަ ގާނޫނީ ހަމަތަކާ ހިލާފަށް ކަމުގައިވުން.
މަފްތޫޙް ސަޢީދުގެ ފަރާތުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ނުކުތާއާ ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ ތަކުންނާއި ޝަރީއަތަށް ހުށަހެޅުނު ލިޔުންތަކުން އެނގެނީ މަފްތޫޙް ސަޢީދުގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކުރުމަށް 30 މޭ 2021 ގައި ހުށަހެޅިއިރު މަފްތޫޙް ސަޢީދުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކެއްގެ މައްޗަށް ކަމެވެ. މި މައްސަލައިގައި މަފްތޫޙް ސަޢީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް 30 މޭ 2021 ގައި އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މުއްދަތުގެ މަޖިލީހަށް ހާޒިރުވި ފުލުސް އޮފިސަރު ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ބަންދުގެ މުއްދަތު އިތުރުކުރަން އެދެނީ ކޮން އިޖުރާއަތެއްގެ ދަށުން ކަމަށް ސާފުކޮށް އެ މަޖިލީހުގައި ބުނެފައި ނުވާ ކަމަށާއި ނަމަވެސް މަފްތޫޙް ސަޢީދުގެ މައްޗަށް ތުހުމަތުކުރެވެނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ކުށްތަކެއްގެ މައްޗަށް ކަމަށް އެ މަޖިލީހުގައި ބުނެފައިވާ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ.212 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ނަމަ، އެ ޚާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތަކުގައި ތަހުގީގުކުރުމާއި މީހުން ބަންދުކުރުމާއި ޝަރީއަތް ކުރުމުގައި އަމަލު ކުރަންޖެހޭނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ކަމަށް ވާތީވެ، މުއްދަތުގެ މަޖިލީހުގައި މުއްތަހަމު ބަންދުކުރުމުގެ މުއްދަތު އިތުރުކުރުމަށް އެދެނީ ކޮން ގާނޫނެއްގެ ދަށުން ކަމަށް ސަރީހަ އިބާރާތުން ފުލުހުން ބަޔާންކޮށްފައި ނެތް ނަމަވެސް، މުއްތަހަމުގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއްގެ މައްޗަށްކަން މުއްދަތުގެ މަޖިލީހުގައި ފުލުހުން ބަޔާންކޮށްފައިވާނަމަ، ފަނޑިޔާރު އަމަލުކުރަންވީ ގޮތް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ.212 ވަނަ މާއްދާގެ (ނ) އިން އެނގެން އޮވެއެވެ. ވީމާ މުއްތަހަމުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދެނީ ކޮން ގާނޫނެއްގެ ދަށުން ކަމަށް ސަރީހަ ބަހުން ބުނެފައި ނެތުމަކީ، އެ އިޖުރާއަތު ދަށުކޯޓުން ތަތުބީގުކޮށްފައި ނުވާކަމަށް އިސްތިއުނާފުގެ މަރުހަލާގައި ބުނެވޭނެ ސަބަބެއް ނޫނެވެ. ސަބަބަކީ ދަށުކޯޓުގައި ހިންގަން ޖެހެނީ ކޮން އިޖުރާއަތެއްކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ.212 ވަނަ މާއްދާގެ (ނ) އިން އޮޅުމެއްނެތި އެނގެން އޮންނާތީއެވެ. އަހުރެންވެސް އެއްބަހެވެ. އެންމެ ރަނގަޅު ގޮތަކީ މުއްދަތު އިތުރުކުރަން އެދޭ ފޯމުގައި މުއްދަތު އިތުރުކުރަން އެދެނީ ކޮން އިޖުރާއަތެއްގެ ދަށުން ކަމަށް ބަޔާންކުރުމެވެ. އަދި ތަހުގީގީ އިދާރާއިން މުއްދަތުގެ މަޖިލީހަށް ހާޒިރުވާ މުވައްޒަފު ވެސް ބަންދުގެ މުއްދަތު އިތުރުކުރަން އެދެނީ ކޮން އިޖުރާއަތެއްގެ ދަށުން ކަމަށް ސާފުކޮށް ބުނުމެވެ. ނަމަވެސް އެހާލަތުގައި ތަތުބީގުކުރެވޭނީ ކޮން އިޖުރާއީ ގާނޫނެއްކަން އޮޅުމެއްނެތި ގާނޫނުން އެނގެން އޮތުމުން، ތަތުބީގުކުރެވޭ އެ އިޖުރާއަތު ދަށު ކޯޓުން ތަތުބީގު ކުރިގޮތް ގޯސް ކަމުގައިވާނަމަ އެކަން އިސްތިއުނާފުގެ މަރުހަލާގައި ނެގުމަށް ހުރަހެއް އޮތް ކަމަށް ނުދެކެމެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މަފްތޫޙް ސަޢީދުގެ ބަންދު އިތުރުކުރުމަށް ދަށު ކޯޓުގައި ފުލުހުން އެދިފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެހެންކަމުން އެ ގާނޫނުގެ 26 ވަނަ މާއްދާގެ (މ) ގެ ދަށުން 14 ދުވަހަށް މަފްތޫޙް ބަންދުކުރެވިފައިވާތީވެ، އިތުރަށް މަފްތޫޙްގެ ބަންދުގެ މުއްދަތު އިތުރުކުރަން އެދިއްޖެ ހާލަތެއްގައި ބަންދުގެ މުއްދަތު ދެން އިތުރުކުރެވޭނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ(ނ) ގައި ބަޔާންކޮށްފައިވާ އުސޫލުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންކަން އެނގެން އޮތުމުން، ދަށު ކޯޓުގައި ދައުލަތުން ނޭދޭ ކަމަކަށް އަދި ދަށުކޯޓުން އެކަމާބެހޭ ގޮތުން ގޮތެއް ކަނޑައަޅާފައި ނުވާ ކަމަކަށް އިސްތިއުނާފުގެ މަރުހަލާގައި ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ވީމާ މި ސަބަބަށްޓަކައި، އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގެ ގަޒިއްޔާ އިސްތިއުނާފުކުރަން ހުށަހެޅި މި ނުކުތާ ގަބޫލުކުރެވެން ނެތެވެ.
މުއްދަތުގެ މަޖިލީހަށް ހުށަހެޅިފައިނުވާ ހެކީގެ މައްޗަށް އިސްތިއުނާފީ މަރުހަލާގައި ރިއާޔަތްކުރުން
މި މައްސަލަ އިސްތިއުނާފުކުރާ ފަރާތް ކަމުގައިވާ މަފްތޫޙު ސަޢީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާގައި ބުނެފައިވަނީ ދަށު ކޯޓަށް އަދި ހައިކޯޓަށް އިންޓެލިޖެންސް ރިޕޯޓެއް ފިޔަވައި އިތުރު އެއްވެސް ހެއްކެއް ހުށަހެޅިފައި ނެތް ހިނދު، މަފްތޫޙް ސަޢީދުގެ ބަންދުގެ މުއްދަތު އިތުރުކުރަން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އިސްތިއުނާފުކުރެވޭ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް ކަމަށެވެ. އެހެނީ، ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގެ 37 ވަނަ ނުކުތާގައި ބުނެފައިވަނީ "މީހަކު ހައްޔަރުކުރަން ދަށު ކޯޓަށް ހެއްކާގުޅޭ އެކަށީގެންވާ މައުލޫމާތު ހުށަނާޅައި، މައްސަލައެއް އިސްތިއުނާފު ކުރުމަށްފަހު، އިސްތިއުނާފީ ކޯޓަކަށް އައު ހެކި ހުށަހެޅި ކަމުގައި ވިޔަސް، ފަހުން އިސްތިއުނާފީ ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަނި ރިއާޔަތް ކުރެވިގެން އިސްތިއުނާފީ ކޯޓުން މީހެއްގެ ބަންދާމެދު ގޮތެއް ނިންމިދާނެ ކަމަކަށް ނުދެކެމެވެ" މިގޮތަށެވެ. މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ހައިކޯޓުގެ ރިޕޯޓުގެ 20.2 ގައި މަފްތޫޙް ސަޢީދުގެ މައްޗަށް ހުށަހެޅިފައިވާ ހެކި ގަރީނާކަމުގައި ފަނޑިޔާރުން ދެކެވަޑައިގަންނަވާ ކަންކަން ލިސްޓްކޮށްފައިވާ ކަމަށާއި، އެގޮތުން މަފްތޫޙް ސަޢީދުގެ ގެ ބަލައި ފާސްކޮށްގެން ނެގުނު އިނގިރޭސި ބަހުން ލިޔެފައި އޮތް ޑޮކިއުމެންޓަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ. މަފްތޫޙް ސަޢީދުގެ ބަޔާން ތަހުގީގަށް ނެގިފައިވާއިރު، މި ޑޮކިއުމެންޓަކީ އެއްވެސް އިރެއްގައި ދަށު ކޯޓަށް ހުށަހެޅުނު އެއްޗެއް ނޫނެވެ. މި ޑޮކިއުމެންޓުގެ ވާހަކަ އެއްވެސް އިރެއްގައި ދައުލަތުން ދަށު ކޯޓުގައި ދައްކާފައެއް ވެސް ނުވެއެވެ. އިތުރަށް، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، މި ޑޮކިއުމެންޓަށް ރިއާޔަތްކުރުމަށްޓަކައި ހައިކޯޓުން ފާހަގަކުރި ސަބަބުގައި ބަޔާންކުރާ ގާނޫނީ ނުކުތާގައި ބަޔާންކުރާ އުސޫލަށް ވެސް މި ޑޮކިއުމެންޓްގެ ހާލަތެއް ނުފެތޭ ކަމަށެވެ. ހައިކޯޓު ރިޕޯޓުގެ 23 ވަނަ ޕެރެގްރާފުގައި ހައިކޯޓުން ފާހަގަކޮށްފައި އޮންނަނީ "...ނަމަވެސް ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނުވާ ހެކި އިސްތިއުނާފު މަރުހަލާގައި ހުށަހެޅުމަށް ގާނޫނު ހުއްދަކުރެއެވެ..." މިގޮތަށެވެ. ނަމަވެސް ހަވާލާދެވޭ ޑޮކިއުމެންޓަކީ، މަފްތޫޙް ސަޢީދު ހައްޔަރުކުރެވުނު ދުވަހު އޭނާގެ ގެ ބަލައި ފާސްކޮށްގެން ނެގުނު ޑޮކިއުމެންޓެއްކަމަށް ފުލުހުން ބުނާއިރު، އެއީ ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނެތް ހެއްކެއްގެ ގޮތުގައި ހައިކޯޓުން ބެލި ގޮތެއް ނުވަތަ ސަބަބެއް އެނެގެން ނެތް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވެއެވެ. މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެ ހެކި ދަށު ކޯޓަށް ހުށައެޅިފައި ނުވާއިރު، އެއަށް ދަށު ކޯޓުގެ ފަނޑިޔާރު ރިއާޔަތްކޮށްފައި ނުވާކަމަށް ބުނެ ދަށު ކޯޓުގެ ނިންމުން ބާތިލުކުރި ކުރުމަކީ ބުއްދީގެ ގޮތުން ވެސް ހަމަޖެހޭ ކަމެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން އެ ހެއްކަށް ތައުނުކުރުމުގެ ފުރުސަތު އިސްތިއުނާފީ މަރުހަލާއެއް ވެސް ވަނީ ގެއްލިގެން ގޮސްފައެވެ. މީގެ އިތުރުން މިއީ ހައިކޯޓަށް ވެސް ހުށަހެޅުނު ޑޮކިއުމެންޓެއް ނޫނެވެ. އިސްތިއުނާފު ފޯމުގައި ވެސް އެ ޑޮކިއުމެންޓްގެ ވާހަކައެއް ނެތެވެ. އެހެންވީމާ، ދަށު ކޯޓަށް އަދި ހައިކޯޓަށް ވެސް ހުށަހެޅިފައި ނުވާ ޑޮކިއުމެންޓެއް މަފްތޫޙް ސަޢީދުއާ ދެކޮޅަށް ބަލައިގަނެ އެއަށް ރިއާޔަތްކޮށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ، ހަވާލާދެވުނު ގާނޫނީ އުސޫލުތަކާއި ހަމަތަކާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ބުނެފައި ވެއެވެ.
އިސްވެ ދިޔަ ޕެރެގްރާފުގައި މި ބަޔާންކުރި ފަދައިން، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިންޓެލިޖެންސް ރިޕޯޓެއް ފިޔަވައި، ދަށު ކޯޓަށާއި ހައިކޯޓަށް، އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާކަމަށާއި ހައިކޯޓުގެ ހުކުމުގައި ހައިކޯޓުން ރިއާޔަތްކުރި ލިޔުމަކީ ދަށު ކޯޓަށް ހުށަހެޅިފައިނުވާ އަދި އެއާ ބެހޭގޮތުން ދަށުކޯޓުގައި ވާހަކަ ދެކެވިފައިވާ ލިޔުމެއް ނޫން ކަމަށާއި، އަދި އެ ލިޔުން ހައިކޯޓަށް ވެސް ހުށަހެޅިކަން އިސްތިއުނާފުކުރާ ފަރާތަށް އެނގެން ނެތް ކަމުން ހައިކޯޓުގެ ޝަރިއަތުގެ މަޖިލީހުގައިވެސް އެއާ ބެހޭ ގޮތުން ވާހަކަ ދެކެވިފައިނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ.59 ވަނަ މާއްދާއަށް ބަލާއިރު، ބަންދުގެ މުއްދަތު މަޖިލީހަކީ އެހެން ޝަރީއަތުގެ މަޖިލިސްތަކުގެ އާންމު އުސޫލުތަކާ އެއްގޮތަށް، ދެ ފަރާތުން ހުށަހަޅާ ކަންކަމަށް މައްސަލަ ބަލާ ފަނޑިޔާރު ރިއާޔަތްކޮށް، ހެކި ހުށަހެޅިފައިވާނަމަ، އެ ހެއްކަށް ދެވޭ ބުރަދަން ވަޒަންކޮށް ނިންމުންތައް ނިންމަންޖެހޭ މަޖިލީހެއް ކަމަށެވެ. ސުވާލަކީ އެ ހެއްކާ އަދި ގަރީނާ ހުރިކަން މުއްދަތުގެ މަޖިލީހުގައި ހާމަކުރާނީ ކިހާ މިންވަރަކަށްތޯއެވެ؟ ދަށު ކޯޓުގެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައި ނެތް ލިޔުމެއް ނުވަތަ އެނޫންވެސް ހެއްކެއް އިސްތިއުނާފުގެ މަރުހަލާގައި ހުށަހެޅިދާނެ ހެއްޔެވެ؟ އަދި ދަށުކޯޓުގެ މުއްދަތުގެ މަޖިލީހަށް ހުށަހެޅުނު ހުރިހާ ހެއްކާ ގަރީނާ އަކީ ކޮބައިކަން މުއްދަތު މަޖިލީހުގެ ފަނޑިޔާރު ނެރޭ އަމުރުގައި ބަޔާންކުރަންޖެހޭ ހެއްޔެވެ؟
ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިން ނިންމާފައިވާ ގަޒިއްޔާއެއް ކަމުގައިވާ ޢަބްދުﷲ ޖާވިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވަނީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހަކީ އެއްވެސް ހާލަތެއްގައި އެ މީހެއްގެ މައްޗަށް ޝަރީޢަތް ހިންގައި އެ މީހެއްގެ މައްޗަށް ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ދިފާއުވެ ހެކިންނާ ސުވާލުކޮށް ހެކި ތައުނުކުރުމަށް ބޭއްވޭ މަޖިލީހެއްގެ ނޫންކަމަށާއި، ބަންދުގެ މުއްދަތުގެ މަޖިލީހެއްގައި ހަމައެކަނި ތުހުމަތުގައިވާ މީހެއްގެ މައްޗަށް ހުރި ހެކިތަކަކީ ކޮބައިކަން އިޖުމާލީ ގޮތެއްގައި ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ބަޔާންކޮށް ދިނުމުން ފުދޭނެކަމަށާއި، ކުށެއްގެ ތުހުމަތުގައިވާ މީހަކަށް އެ މީހެއްގެ މައްޗަށް ހުރި ހެކިތަކާއި ގަރީނާތަކުގެ ތަފުސީލު ތަހުގީގު މަރުހަލާގެ ތެރޭގައި އެނގިއްޖެނަމަ، އެ ކަމަކީ އެ ކަމުގެ ސަބަބުން މައްސަލައިގެ ތަހުގީގަށް ހުރަސްއެޅި ހެކި ނައްތާލުމާއި ހެއްކަށް ނުފޫޒު ފޯރުވިދާނެފަދަ ސަބަބެއްކަމުގައި ނޫނީ ވެގެން ނުދާނެކަމަށެވެ. ޢަބްދުﷲ ޖާވިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ހުކުމުގައިވާ މި ރައުޔު ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގެ ހުކުމުގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމްގެ ރައުޔުގެ 26، 27 އަދި 28 ވަނަ ޕެރެގްރާފުގައި ނަގަހައްޓާފައިވެއެވެ.
ބަންދުގެ މުއްދަތު މަޖިލީހަށް ހުށަހެޅޭ ހެއްކާ ގަރީނާއަކީ ހައްޔަރުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ބަންދުގެ މުއްދަތު އިތުރުކުރުމާބެހޭ ގޮތުން ހަދާފައިވާ އިޖުރާއީ ގާނޫނުތަކުގައި ބަޔާންކުރާ މިންވަރަށް ހެކި ހުރިކަން ނޫންކަން ފަނޑިޔާރު ކަށަވަރުކުރުމުގެ ވަސީލަތެއްގެ ގޮތުން ހުށަހެޅޭ އެއްޗެކެވެ. އެހެން ކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަބްދުﷲ ޖާވިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވާ ފަދައިން އަދި ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގެ ހުކުމުގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމްގެ ރައުޔުގެ 26، 27، 28 އަދި 29 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދައިން، ބަންދުގެ މުއްދަތު މަޖިލީހެއްގައި ހަމައެކަނި ތުހުމަތުގައިވާ މީހެއްގެ މައްޗަށް ހުރި ހެކިތަކަކީ ކޮބައިކަން އިޖުމާލީ ގޮތެއްގައި ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ބަޔާންކޮށް ދިނުމުން ފުދޭނެއެވެ. އެ ހެކިތަކުގެ ތަފްސީލު ކުށުގެ ތުހުމަތުގައިވާ މީހަކަށް ދޭކަށް ނުޖެހޭނެއެވެ. އެއްވެސް ހެއްކަކަށް ނުވަތަ ގަރީނާއަކަށް ނުވަތަ ސަބަބަކަށް ދަށު ކޯޓުގެ ފަނޑިޔާރު ރިއާޔަތް ކުރުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއިން ހުށަހަޅާ ނަމަ އެކަމެއް ބަންދުގެ މުއްދަތުގެ މަޖިލީހުގައި ބަޔާންކޮށް އެކަން މުއްތަހަމުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
ދަށުކޯޓުގެ ބަންދުގެ މުއްދަތު މަޖިލީހަށް ހުށަހަޅަން ފުރުސަތު އޮތް ހެއްކެއް ނުވަތަ ގަރީނާއެއް އެ މަޖިލީހަށް ހުށަނާޅައި އޮންނަ ހާލަތުގައި އެ ހެކި ނުވަތަ ގަރީނާއެއް އިސްތިއުނާފީ ކޯޓަށް ހުށަހަޅައިގެން ނުވާނެއެވެ. މުއްދަތުގެ މަޖިލީހަށް ހުށަހެޅިފައިނުވާ އައު ހެއްކާއި ގަރީނާ އެފަހުން ކުރެވޭ ތަހުގީގުގެ ތެރޭގައި ލިބި، މުއްތަހަމު ބަންދުގައި ބެހެއްޓުމަށް ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި އެ ހާލަތުގައި ތަތުބީގުކުރެވޭ އިޖްރާއީ ގާނޫނުގެ ދަށުން މުއްތަހަމު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ކަމަށް ފުލުންނަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް އަށް ގަބޫލުކުރެވޭނަމަ އެ މީހަކު ބަންދުގައި ބެހެއްޓުމަށް ދަށު ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެ ފަރާތްތަކަށް ލިބިގެންވެއެވެ. އިސްތިއުނާފީ މަރުހަލާގައި މުއްތަހަމު ބަންދުގައި ބެހެއްޓުމަށް އިޖުރާއީ ގާނޫނުގައި ބަޔާންކުރާ ސަބަބެއް އޮތް ކަމަށް ދައުލަތުގެ ފަރާތުން ބުނާނަމަ އެ މައްސަލައެއްގައި އެ ހެއްކެއް އަލުން ވަޒަންކޮށް، އެ މައްސަލައެއްގައި މުއްތަހަމު ބަންދުގައި ބެހެއްޓުމާމެދު ނުވަތަ ބަންދުގެ މުއްދަތު އިތުރު ކުރުމާމެދު ގޮތެއް ކަނޑައެޅުމަށް އިސްތިއުނާފީ ކޯޓުން އެ މައްސަލައެއް ދަށުކޯޓަށް ތަހުވީލުކުރާނީއެވެ. މިހެން ހަދަން ޖެހޭ ސަބަބަކީ، މުއްތަހަމު ބަންދުގައި ބަހައްޓާނީތޯ ނުވަތަ ބަންދުގެ މުއްދަތު އިތުރުކުރާނީތޯ ކަނޑައެޅުމަކީ އާޚިރުގައި ވާގިއާތަކެއްގެ މައްޗަށް ބިނާވާ ސުވާލެއް ކަމަށްވާތީވެ، އިސްތިއުނާފުގެ މަރުހަލާގައި އެ ވާގިއާތައް މާނަކޮށް އެ ވާގިއާތަކާ މެދު ގޮތެއް ކަނޑައެޅުމަކީ އިސްތިއުނާފީ ކޯޓަށް ކުރެވޭނެ ކަމެއް ކަމަށް ނުވާތީއެވެ.
ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގެ ހުކުމުގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމްގެ ރައުޔުގެ 37 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވަނީ މީހަކު ހައްޔަރުކުރަން ދަށު ކޯޓަށް ހެއްކާގުޅޭ އެކަށީގެންވާ މައުލޫމާތު ހުށަނާޅައި، މައްސަލައެއް އިސްތިއުނާފު ކުރުމަށްފަހު، އިސްތިއުނާފީ ކޯޓަކަށް އައު ހެކި ހުށަހެޅި ކަމުގައި ވިޔަސް، ފަހުން އިސްތިއުނާފީ ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަނި ރިއާޔަތް ކުރެވިގެން އިސްތިއުނާފީ ކޯޓުން މީހެއްގެ ބަންދާމެދު ގޮތެއް ނިންމައިގެން ނުވާނެ ކަމަށެވެ. މި މައްސަލައިގައި މަފްތޫޙު ސަޢީދު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށްޓަކައި ހައިކޯޓުގެ ފަނޑިޔާރުން ރިއާޔަތްކޮށްފައިވާ މަފްތޫޙް ސަޢީދު ހައްޔަރުކުރެވުނު ދުވަހު އޭނާގެ ގެ ބަލައި ފާސްކޮށްގެން ނެގި ކަމަށް ބުނާ ލިޔުން ބަންދުގެ މުއްދަތު މަޖިލީހުގައި ދަށުކޯޓުގެ ފަނޑިޔާރުގެ ސަމާލުކަމަށް ނުގެންނަކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާއިރު، އަދި އިސްތިއުނާފުކުރާ ފަރާތުގެ މި ބުނުމަށް ޕްރޮސިކިއުޝަނުން އިންކާރު ކުރާއިރު، އެ ލިޔުން ބަންދުގެ މުއްދަތު މަޖިލީހުގައި ދަށުކޯޓުގެ ފަނޑިޔާރުގެ ސަމާލުކަމަށް ފުލުހުން ގެނައިކަން ކަށަވަރުކުރެވޭނޭ އެއްވެސް ވަސީލަތެއް ނުވަތަ ގޮތެއް ޕްރޮސިކިއުޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނެތުމުން، އެ ލިޔުން 30 މޭ 2021 ގައި އޮތް މުއްދަތުގެ މަޖިލީހަށް ހުށަހެޅިކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ. ވީމާ، މަފްތޫޙް ސަޢީދު ހައްޔަރުކުރެވުނު ދުވަހު އޭނާގެ ގެ ބަލައި ފާސްކޮށްގެން ނެގި ކަމަށް ބުނާ ލިޔުމަކީ ބަންދުގެ މުއްދަތު މަޖިލީހުގައި މުއްތަހަމުގެ ސަމާލުކަމަށް ގެނެސްފައިވާ ލިޔުމަކަށް ނުވާތީވެ، މަފްތޫޙް ސަޢީދު ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައިވަނީ ހަމައެކަނި އެ ހެކީގެ މައްޗަށް ބުރަވެގެން ކަމަށްވާތީވެ، ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފު އަމުރެއްކަމަށް ދެކެމެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި މާއްދާ
އިސްތިއުނާފީ ތިންވަނަ ނުކުތާގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ) އާއި.60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރު ތަކުގައި ބަޔާންކުރާ ސަބަބުތަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ. މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މަފްތޫޙް ސަޢީދު ބަންދުގައި ބަހައްޓަން ޖެހޭކަމަށް ހައިކޯޓުން ކަނޑައެޅި ގާނޫނީ އަސާސްތައް ހައިކޯޓުން ފާހަގަކޮށްފައި އޮންނަނީ، ހައިކޯޓުގެ ރިޕޯޓުގެ 22 ވަނަ ނުކުތާގައި ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެ ނުކުތާގައި ހައިކޯޓުން ހަވާލާދީފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ) އާއި.60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރު ތަކަށާއި އެ ގާނޫނުގެ 59 ވަނަ މާއްދާއަށް ކަމަށެވެ. އިތުރަށް ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ .60 ވަނަ މާއްދާގެ (ށ) ގައި އޮތީ، ކުށެއްގެ ތުހުމަތުގައި މީހަކު ފުރަތަމަ ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން އަމަލުކުރަންޖެހޭ އިޖުރާއަތެއް ކަމަށާއި، މި މައްސަލައިގައި އިސްތިއުނާފު ކުރެވުނީ މަފްތޫޙް ސަޢީދު ދެފަހަރެއްގެ މަތީން ބަންދުކުރުމަށްފަހު، 14 ދުވަސް ފަހުން އޭނާ ދޫކޮށްލި ދޫކޮށްލުމުގެ އިސްތިއުނާފެއް ކަމަށާއި އެހެންކަމުން އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަށް ފެތޭ ހާލަތެއް ނޫން ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމޭނީ، "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ" ކަން އެ އަކުރަށް ބެލުމުން އެނގޭ ކަމަށާއި، ހައިކޯޓުގެ ނިންމުމުގައި 39 ވަނަ ނުކުތާގައި ހައިކޯޓުން ބުނެފައި އޮންނަނީ ތުހުމަތުކުރެވޭ ކޮންމެވެސް ވަރެއްގެ ހެކި މި މައްސަލައިގައި ލިބިފައިވާކަމަށެވެ. ކޮންމެވެސް ވަރެއްގެ ހެއްކާއި ތުހުމަތުކުރެވޭ މިންވަރުގެ ހެއްކާ މިއީ ދެމިންގަނޑެއް ކަމަށާއި، ކޮންމެވެސް ވަރެއްގެ ހެކި ލިބިގެން ގާނޫނުގެ.60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ތިންވަނަ ނުކުތާގައި ބުނެފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މަފްތޫޙް ސަޢީދު ބަންދުކުރުމަށް އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ. ނަމަވެސް އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގެ ރިޕޯޓުގައިވާ ފަނޑިޔާރުންގެ ރައުޔުގެ 40 ވަނަ ޕެރެގްރާފުން އެނގެނީ މަފްތޫޙް ސަޢީދު ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ އަދި މަފްތޫޙް ސަޢީދު ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ކަމެވެ. އިސްވެ ބަޔާންކުރި ފަދައިން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (މ) ގެ ދަށުން 14 ދުވަހަށް ބަންދު ކުރެވިފައިވާ މީހެއްގެ ބަންދުގެ މުއްދަތު ހަމަވުމުގެ ކުރީން އެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފިނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން އެ މީހަކު ބަންދުގައި ބެހެއްޓުމަށް އެދުމުގެ އިޚްތިޔާރު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ.60 ވަނަ މާއްދާގެ ވަކި އަކުރެއްގެ ދަށުން މުއްތަހަމުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދޭ ހާލަތުގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަނޑިޔާރު އަމުރުކުރަންވާނީ އެ މާއްދާގެ އެ އަކުރުގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކޮށްގެން، އަދި އެ އަކުރުގައި ބަޔާންކޮށްފައިވާ މިންވަރަށް ހެކި ހުރިކަމަށް ފަނޑިޔާރަށް ބުރަވެވޭ ނަމައެވެ. މިގޮތުން މުއްތަހަމުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ.60 ވަނަ މާއްދާގެ (ބ) ގެ ދަށުން ކަމުގައިވާނަމަ ބަންދުގެ މުއްދަތު އިތުރުކުރަން ފަނޑިޔާރަށް ފެންނަ ހާލަތުގައި ބަންދުގެ މުއްދަތު އިތުރުކުރަން ފަނޑިޔާރު އަމުރުކުރަންވާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ.60 ވަނަ މާއްދާގެ (ބ) ގައި ބުނާ ކަންކަމަށް ރިއާޔަތްކޮށްގެން އެ އަކުރުގައި ބަޔާންކުރާ މިންވަރަށް ހެކި ހުރިކަމުގައި އެފަނޑިޔާރަށް ބުރަވެވޭ ނަމައެވެ.
ހެކީގެ މިންވަރު
އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މަފްތޫޙް ސަޢީދު ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައިވަނީ، އެއްވެސް މިންވަރެއްގެ ހެއްކެއް ނެތި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ. މި ނުކުތާގެ ތަފްސީލު ދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވަނީ މަފްތޫޙް ސަޢީދު ގެ މައްޗަށް ހައިކޯޓަށް މައްސަލަ ހުށަހެޅުނު ހިސާބުން ފެށިގެން ހިންގަންޖެހެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ކަމަށެވެ. ނަމަވެސް، އެއްވެސް މިންވަރެއްގެ ހެއްކެއް ނެތި، އެއްވެސް މީހެއް ބަންދުގައި ނުބެހެއްޓޭނެކަން ގާނޫނުގެ.60 ވަނަ މާއްދާގެ ހުރިހާ އަކުރަކަށް ބެލުމުން ވެސް އެނގޭ ކަމަށެވެ. މަފްތޫޙް ސަޢީދުގެ ފުރަތަމަ ބަންދު 7 ދުވަހަށް، އަދި ދެވަނަ ބަންދު 7 ދުވަހަށް އިތުރުކޮށް އެކު ޖުމުލަ ސާދަ ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓާފައިވަނީ، ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބަރޯސާވެގެންކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާފުކޮށް އެނގޭ ކަމަށެވެ. ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، 14 ދުވަހު ބަންދުގައި ގެންގުޅުމަށްފަހު، އެއަށްވުރެ ދިގު މުއްދަތަކަށް ބަންދުގެ މުއްދަތު އިތުރުކުރުމުގައި، އިންޓެލިޖެންސް ރިޕޯޓަކީ އެއްވެސް މިންވަރެއްގެ ހެކިކަމުގައި ބެލުމަކީ ދިވެހިރާއްޖޭގައި އޮތް ގާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށެވެ. ހައިކޯޓުގެ ރިޕޯޓުގައި މުޅިން އަލަށް، މަފްތޫޙް ސަޢީދުގެ ގެ ބަލައިފާސްކޮށް ނެގިކަމަށް ބުނާ ޑޮކިއުމެންޓަކާ ހަވާލާދީފައިވީނަމަވެސް، އެއީ ހައިކޯޓަށް ހުށަހެޅުނު ޑޮކިއުމެންޓެއް ނޫންކަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމަށް ބެލުމުންވެސް އެނގޭ ކަމަށެވެ. އަދި އެ ޑޮކިއުމެންޓްގައި އޮތް އެއްޗެއް ތުހުމަތުކުރެވޭ ކުށާ ގުޅުވާލެވޭ ހަމައެއްވެސް އަސާސެއްނެތް ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރުމުގައި ހާސިލުކުރަންޖެހޭ ހެކީގެ އެންމެ ކުޑަ މިންވަރު
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ.26 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) ގެ ދަށުން ބަންދުކުރެވޭ މީހަކު އެ އަކުރުގައި ބުނެފައިވާ މުއްދަތަށްވުރެ ދިގުމުއްދަތަކަށް ބަންދުގައި ބަހައްޓަންޖެހިއްޖެ ނަމަ އެފަދަ މީހަކު ބަންދުގައި ބަހައްޓަންޖެހޭ ހާލަތްތައް 26 ވަނަ މާއްދާހެ (ރ) ގައި ބަޔާންކޮށްފައިވާ ކަމަށާއި އެ މާއްދާގެ (ރ) ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާ ނަމަ ކުށުގެ ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހުށަހެޅި ދާނެ ކަމަށެވެ. އަދި.26 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ އެ އަކުރުގައި ބުނެފައިވާ ހާލަތްތަކުންކުރެ ހާލަތެއް އޮތް ނަމަ ކުށުގެ ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރަންވާނެ ކަމަށެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ.26 ވަނަ މާއްދާގެ (ރ) ގައިވާ ހާލަތްތަކަށް ވަކިވަކިން ބަލާއިރު އެއިން އެނގެނީ އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭމީހާގެ ބަންދުގެ މުއްދަތު އިތުރުކުރުން ލާޒިމުވުމަށް ހުރަސްކުރަންޖެހޭ އެންމެ ތިރީ އޮޅިގަނޑަކީ ނުވަތަ ހާސިލުކުރަންޖެހޭ އެންމެ ކުޑަ މިންވަރަކީ ޓެރަރިޒަމްގެ އަމަލެއް ދުރުނޫން މުސްތަގުބަލެއްގައި ހިންގާފާނެކަމުގެ އިންޓެލިޖެންސް ފުލުހުންނަށް ލިބިފައި އޮތުމެވެ. ވީމާ ޓެރަރިޒަމްގެ އަމަލެއް ދުރުނޫން މުސްތަގުބަލެއްގައި ހިންގާފާނެކަމުގެ އިންޓެލިޖެންސް ފުލުހުންނަށް ލިބިފައިވާ ނަމަ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (މ) ގެ ދަށުން 14 ދުވަހަށް ބަންދުގެ މުއްދަތަށް ވުރެ ދިގު ނުވާގޮތަށް މުއްދަތު އިތުރު ކުރުން ފަނޑިޔާރު ގެ މައްޗަށް ލާޒިމުވެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 (ބ) ގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ހާސިލުކުރަންޖެހޭ ހެކީގެ އެންމެ ކުޑަ މިންވަރު
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (މ) ގެ ދަށުން ބަންދުކުރުމަށް ހުއްދަކުރެވިފައިވާ 14 ދުވަސް ހަމަވުމުން، ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އާންމު އިޖުރާއަތުގެ ދަށުން އެމީހަކު އިތުރު މުއްދަތަކަށް ބަންދުކުރުމަށްޓަކައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން ހުއްދަކުރާ ގޮތުގެމަތިން ރުޖޫއަވާން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ.60 ވަނަ މާއްދާގެ (ބ) އަށް ކަމުގައިވާތީވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ.60 ވަނަ މާއްދާގެ (ބ) ގެ ދަށުން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހާސިލުކުރަންޖެހޭ ހެކީގެ މިންވަރަކީ ކޮބައިތޯ ބަލައިލާނަމެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތް ކަމުގައި ވިޔަސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ސަބަބުތައް ތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް ކުރިކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެ ނަމަ 15 ދުވަހަށްވުރެ އިތުރު ނުވާނެ ގޮތުގެ މަތިން ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެ ކަމަށެވެ. މި މާއްދާ މި މައްސަލައަށް ތަތުބީގު ކުރުމަށްޓަކައި މި މާއްދާގައި ހަވާލާދީފައިވާ ހެކީގެ ދެ މިންގަނޑު ކަމަށްވާ "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން" އަދި "ކޮންމެވެސް މިންވަރެއްގެ ހެކި ހުރުން" މި ދެ މިންގަނޑުގެ ފަރަގަކީ ކޮބައިތޯ ވަކިވަކިން ބަލައިލާނަމެވެ.
ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން
ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމަކީ ކުރެވޭ ހަމައެކަނި ކުރެވޭ ޝައްކަކަށްވުރެ މަތީ ދަރަޖައެއް ހާސިލުވުމެވެ. އެމިންވަރު ހާސިލުވާނީ އެކަށީގެންވާ މިންވަރަކަށް އިތުބާރުކުރެވޭ ގޮތަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި އެފަރާތަށް އެނގިފައިވާ ވާގިއާތަކާއި ހާލަތަށް ބަލައި މުއްތަހަމު ކުށްކޮށްފައިވާ ކަމަށް ނުވަތަ ކުށް ކުރަމުން ގެންދާ ކަމަށް ފަރުވާތެރި، ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭނެ ނަމައެވެ. އެއީ ޔަގީން ކަމުގެ މަހައްލާއި ޝައްކުގެ މަހައްލާއި ދެމެދުގެ ދަރަޖައެކެވެ. އިސްވެ މި ބަޔާންކުރި ޓެސްޓު ގައި ފަނޑިޔާރު ރިއާޔަތްކުރަންވާނީ އޭނާގެ ކުރިމައްޗަށް ހުށަހެޅުނު ވާގިއާ ތަކާއި މުއްތަހަމް ކުށްކުރި ކަމަށް ކުރެވޭ ޝައްކުތަކުގެ މައްޗަށެވެ. އެ ވާގިއާ ތަކާއި ހާލަތުތަކުން ކުރެވެނީ މުއްތަހަމް ކުށެއް ކުރިކަމުގެ ހަމައެކަނި ޝައްކެއް ނަމަ އެވަރުން ނުފުދޭނެއެވެ. ޝައްކުގެ މަހައްލުން ނެއްޓި ކައިވަތެއްހާ ތަން ނަމަވެސް ޔަގީނުގެ މަންޒިލާ ދިމާއަށް ހޭރިޔާކުރެވެންވާނެއެވެ. ޔަގީނުގެ އިމުގެ ތެރެއަށް ވަނުން ލާޒިމެއް ނޫނެވެ. މިތަނުގައި "ފަރުވާތެރި، ސަބަބުވެރި މީހެއް" ކަމަށް ބުނެފައި މިވަނީ އެއްވެސް ގާނޫނީ ތަމްރީނެއް ހަދާފައިނުވާ، އާދައިގެ ދިރިއުޅުމެއްގައި އުޅޭ، މަގުމަތިން ދިމާވާ، ނުވަތަ މާލެއިން ރަށަށް ދަތުރުކުރާ ފެރީއަކުން ދިމާވާ މުދައްރިސެއް ނުވަތަ މާވަޑިއެއް ނުވަތަ ކެޔޮޅެއްގެ ވާހަކައެވެ. މިތަނުގައި "ފަރުވާތެރި، ސަބަބުވެރި މީހެއް" ގެ ނަޒަރުން ވާގިއާތަކާއި ހާލަތު ވަޒަންކުރަން ބުނެފައިވީ ނަމަވެސް ތަމްރީން ލިބިހުރި ތަޖުރިބާވެރި ފުލުސް އޮފިސަރެއްގެ ރައުޔަކީ ބައެއް ބާވަތުގެ މައްސަލަތަކުގައި ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ މިސާލަކަށް މަސްތުވާތަކެތީގެ ނުވަތަ މަނީ ލޯންޑަރިންގ ގެ ކުށެއްގައި ތުހުމަތުކުރުމަށް ލިބިފައިވާ ވާގިއާތަކާއި ހާލަތުތަކަށް ބަލައި މުއްތަހަމުގެ ކުށެއް އޮތް ކަމަށް މުދައްރިސަށް ނުވަތަ ކެޔޮޅަށް ނަގައި ނުގަނެވޭ ހާލަތުގައި، ތަމްރީން އާއި ތަޖުރިބާ ލިބިހުރި ފުލުސް އޮފިސަރަކަށް އެނޫން ގޮތަކަށް އެ ވާގިއާތަކުން ދޭހަތައް ނެރުމުގެ ގާބިލުކަން ލިބިގެންވާތީއެވެ. ވީމާ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ކަމުގައި ފަނޑިޔާރު ބުރަވާންވާނީ ކުށެއްގައި ތުހުމަތުކުރުމަށް ލިބިފައިވާ ވާގިއާތަކާއި ހާލަތުތަކަށް ބަލައި މުއްތަހަމް ކުށްކޮށްފައިވާ ކަމަށް ނުވަތަ ކުރަމުން ގެންދާ ކަމުގެ ޔަގީންކަން 50 ޕަސެންޓަށްވުރެ އެއް ޕަސެންޓް ނަމަވެސް އިތުރުވާނަމައެވެ. މިސާލެއް ބަޔާންކޮށްލާނަމެވެ. މީހަކު މެންދަމުގެ ފަހުގެ ވަގުތެއްގައި ގެއަކުން ނުކުމެގެން އަންނަނިކޮށް ފުލުސް އޮފިސަރަކު އޭނާ ހައްޔަރުކުރިއެވެ. އެހާލަތުގައި އެމީހާ ހައްޔަރުކުރުމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަން ކަށަވަރުކުރެވޭނީ އޭނާ ހައްޔަރުކުރަން ޖެހޭކަމަށް ފުލުސް އޮފިސަރަށް ގަބޫލުކުރުމަށް މެދުވެރިވި ވާގިއާތަކަށް ބަލައިގެންނެވެ. އެގޮތުން، އެ މީހާ އާދަޔާ ޚިލާފަށް ހާސްވެ ތުރުތުރު އެޅުން، ފުލުހުންނަށް އަތުނުވާން ދުއްވައިގަތުން، ވަގަށް ނަގާފައިވާ ތަކެތި ކަމަށް ބެލެވޭ ތަކެތި އަތުގައި ހުރުން ފަދަ ކަންކަން ހިމެނެއެވެ. އެއިން ވާގިއާ އެއް ނެތް ނަމަ އެމީހާގެ މައްޗަށް އެކުރެވެނީ ހަމައެކަނި ޝައްކެކެވެ. އެވަރުން ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ނުބެލެވޭނެއެވެ. ފުލުހުން މީހަކު ހައްޔަރުކުރަނީ މީހަކު ދޭ މައުލޫމާތަކަށް ނުވަތަ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ކަމުގައިވާ ނަމަ، އެ މައުލޫމާތަށް ބާރުދެނިވި އިތުރު އެހެން ވާގިއާއެއް ނެތް ނަމަ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ނުބެލެވޭނެއެވެ.
ކޮންމެވެސް މިންވަރެއްގެ ހެކި ހުރުން
"ކޮންމެވެސް މިންވަރެއްގެ ހެކި ހުރުން" އަކީ ޔަގީނާ ދިމާއަށް ފަނޑިޔާރުގެ ވިސްނުން ދަތުރުކުރުމުގެ ރާސްތާގައި "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން" އަށް ވުރެ ދަށް ދަރަޖައެކެވެ. ނަމަވެސް ޝައްކަށް ވުރެ މަތީ ދަރަޖައެކެވެ. ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމަކީ، މައްސަލައިގައި ލިބިހުރި މައުލޫމާތުގެ މިންވަރަށް ބަލާއިރު ފަނޑިޔާރުގެ އަތުގައި އޮތް މައްސަލައިގައި ޖިނާއީ ހަރަކާތެއް ހިނގާކަން ފަރުވާތެރި، ސަބަބުވެރި މީހަކަށް ގަބޫލުކުރެވުމެވެ. އެކަން ބިނާވާންޖެހޭނީ ސާފު ވާގިއާއެއް ނުވަތަ ވާގިއާތަކެއްގެ މައްޗަށެވެ. ބުއްދީގެ ހަމަތަކުން ބަލާއިރު، އެ ވާގިއާއިން ނުވަތަ ވާގިއާތަކުން ފިޔަވަޅެއް އެޅުން ލާޒިމުވާކަން ދޭހަވުމެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މ.60 (ބ) ގެ ދަށުން ތުހުމަތުކުރެވިފައިވާ މީހާ ކުށްކުރިކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެ ނަމަ 15 ދުވަހަށްވުރެ އިތުރު ނުވާނެ ގޮތުގެ މަތިން އެ މީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެކަން އެނގެން އޮތް ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރެވޭ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން އެ ފަރާތް ބަންދުކުރުމަށް ހައިކޯޓުގެ ކުރިމަތީގައި އޮތީ އިންޓެލިޖެންސް ރިޕޯޓު އެކަނި ކަމަށާއި، އެ ރިޕޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގައި ބުނާ ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމުގެ މިންގަނޑު ހާސިލުނުކުރެވޭ ކަމަށެވެ. އަހުރެންނަށް އިސްތިއުނާފުކުރާ ފަރާތުގެ މި ވާހަކައާ އެއްބަސްވެވެއެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (މ) ގެ ދަށުން 14 ދުވަހަށް ބަންދުގެ މުއްދަތަށް ވުރެ ދިގު ނުވާގޮތަށް މުއްދަތު އިތުރު ކުރުމަށް އިންޓެލިޖެންސް ރިޕޯޓު ފުދުނު ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ މަގުސަދަށްޓަކައި ހަމައެކަނި އެ އިންޓެލިޖެންސް ރިޕޯޓަކީ ކޮންމެވެސް މިންވަރެއްގެ ހެކި ކަމަށް ބަލައި ނުގަނެވޭނެއެވެ. ސަބަބަކީ މި ރައުޔުގެ 29 އަދި 30 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމުގެ އޮޅިގަނޑު ގިރާކުރެވޭނީ އެ އިންޓެލިޖެނެސް ރިޕޯޓުގެ އިތުރުން، ސާފު ވާގިއާއެއް ނުވަތަ ވާގިއާތަކަކުން ފަނޑިޔާރުގެ އަތުގައި އޮތް މައްސަލައިގައި ޖިނާއީ ހަރަކާތެއް ހިނގާކަން ފަރުވާތެރި، ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭ ނަމައެވެ. ނަމަވެސް ހައިކޯޓުގެ ކުރިމަތީގައި އެފަދަ ވާގިއާއެއް އޮތް ކަމަށް ބެލެވެން ނެތެވެ. ސަބަބަކީ މަފްތޫޙް ސަޢީދުގެ ގެ ބަލައިފާސްކޮށް ނެގިކަމަށް ބުނާ ޑޮކިއުމެންޓަކާ ހަވާލާދީފައިވީނަމަވެސް، އެ ލިޔުން ދަށުކޯޓުގެ މުއްދަތު މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮވެމެ، އެ ލިޔުން ފުލުހުން ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިކަން މުއްދަތުގެ މަޖިލީހުގައި މުއްތަހަމަށް އެނގޭގޮތަށް ހާމަކޮށްފައިނުވާތީވެ، އެ ލިޔުމަކީ ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން ހައިކޯޓުގެ އެ މަރުހަލާގައި ރިއާޔަތްކުރެވޭނެ ވާގިއާއެއް ކަމަށް ނުވާތީ އެވެ.
ހައިކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ފަނޑިޔާރު ކުރި ކަމަށްބުނާ ސުވާލު
އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ 5 ވަނަ ނުކުތާގައި ބުނެފައިވަނީ މަފްތޫޙް ސަޢީދު ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައިވަނީ ގާނޫނީ ސަބަބެއް ނެތި، ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ހެއްކެއް ގަރީނާއެއް ނެތި މަފްތޫޙް ސަޢީދު ބަންދުގައި ބަހައްޓައިދިނުމަށް އެދިގެން ހައިކޯޓަށް ދައުލަތުން ހުށަހަޅާފައިވާތީ، އެކަމާމެދު ކަންބޮޑުވެ، މިމައްސަލަ ބެއްލެވި ފަނޑިޔާރަކު ދައުލަތުގެ ވަކީލުންނާ މުހާތަބުކޮށް ވަރަށް ހޫނުކޮށް ވާހަކަދައްކާފައިވާ ކަމަށެވެ. އަދި މިގޮތަށް ހެކި ނެތި މީސްމީހުން ބަންދަށް ލުމަށް އެދުމުން އެފަދަ މީހުން ހެކި ނެތިގެން ނުވަތަ އިޖުރާއަތްތައް ގޯސްކޮށް ހުރެގެން ބަންދުކުރެވެން ނެތްކަމަށް ކަނޑައެޅުމުން މީހުން އެއްޗެހި ކިޔަނީ ކޯޓަށް ކަމަށް ވެސް ފަނޑިޔާރު ފާހަގަކުރި ކަމަށެވެ. ފަނޑިޔާރުގެ އެބަސްފުޅުތަކުން ހާމަޔަށް ފެންނާން އޮތް ކަމަކީ، މި މައްސަލާގައި މަފްތޫޙް ސަޢީދު ބަންދުގައި ބަހައްޓައިދިނުމަށް ހައިކޯޓުގައި ދައުލަތުން އެދި ހުށަހެޅި ގާނޫނީ ބިނާ ރަނގަޅުކަމުގައި ފަނޑިޔާރަށް ގަބޫލު ނުކުރެއްވޭ ކަމެވެ. އަދި ބަންދުގައި ބެހެއްޓުމަށް ދައުލަތުން ހުށަހަޅާ ހެކި ވެސް ފަނޑިޔާރަށް ގަބޫލުނުކުރެވޭ ކަން ކަމަށެވެ. އެކަމަކު ކޯޓަށް ބަދުބަސް ރައްދުވެދާނެތީ ފަނޑިޔާރުގެ ކަންބޮޑުވުން އޮތީ ކަމަށެވެ.
އިސްތިއުނާފު ބިނާކުރަންޖެހެނީ ހުކުމުގައި ފަނޑިޔާރުން ކަނޑައަޅާފައިވާ ކަންކަމުގެ މައްޗަށް ކަމަށްވެފައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން މި މައްސަލައިގައި ހުކުމްކޮށްފައިވަނީ އެ ފަނޑިޔާރުންގެ އިއްތިފާގުން ކަމުގައި ވާތީވެ، ހުކުމުގެ ބޭރުން ޝަރީއަތުގައި ފަނޑިޔާރުން ކުރިކަމަށް ބުނާ ސުވާލުތަކެއްގެ މައްޗަށް އިސްތިއުނާފީ މި ނުކުތާ ބިނާކޮށްފައިވާތީވެ، މި ނުކުތާ ބަލައިގަނެވެންނެތެވެ.
ނިންމުން
މި ރައުޔުގެ 21 ވަނަ ޕެރެގްރާފުގައި ބަޔާންކުރެވުނު ފަދައިން ބަންދުގެ މުއްދަތުގެ މަޖިލީހަށް ހުށަހެޅިފައިނުވާ އައު ހެއްކާއި ގަރީނާ އެފަހުން ކުރެވޭ ތަހުގީގުގެ ތެރޭގައި ލިބި، މުއްތަހަމް ބަންދުގައި ބެހެއްޓުމަށް ގާނޫނުއަސާސީގެ މ.49 އާއި އެ ހާލަތުގައި ތަތުބީގުކުރެވޭ އިޖްރާއީ ގާނޫނުގެ ދަށުން މުއްތަހަމު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ކަމަށް ފުލުންނަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް އަށް ގަބޫލުކުރެވޭނަމަ އެ މީހަކު ބަންދުގައި ބެހެއްޓުމަށް ދަށު ކޯޓަށް އަލުން ހުށަހެޅުމުގެ އިޚްތިޔާރު އެ ފަރާތްތަކަށް ލިބިގެންވެއެވެ. ދަށު ކޯޓަށް ހުށަނާޅާ ހެއްކެއް އިސްތިއުނާފީ ކޯޓަށް ހުށަހަޅައިގެން އިސްތިއުނާފީ މަރުހަލާގައި މުއްތަހަމު ބަންދުގައި ބެހެއްޓުމަށް އެދިއްޖެނަމަ އިސްތިއުނާފީ ކޯޓުން އެހެކިތައް ވަޒަން ކުރުމުގެ ބަދަލުގައި އެ ހެއްކެއް އަލުން ވަޒަންކޮށް، އެ މައްސަލައެއްގައި މުއްތަހަމް ބަންދުގައި ބެއްޓުމާމެދު ނުވަތަ ބަންދުގެ މުއްދަތު އިތުރުކުރުމާމެދު ގޮތެއް ކަނޑައެޅުމަށް އިސްތިއުނާފީ ކޯޓުން އެ މައްސަލައެއް ދަށުކޯޓަށް ތަހުވީލުކުރާނީއެވެ. މިހެން ހަދަން ޖެހޭ ސަބަބަކީ، މުއްތަހަމް ބަންދުގައި ބަހައްޓާނީތޯ ނުވަތަ ބަންދުގެ މުއްދަތު އިތުރުކުރާނީތޯ ކަނޑައެޅުމަކީ އާޚިރުގައި ވާގިއާތަކެއްގެ މައްޗަށް ބިނާވާ ސުވާލެއް ކަމަށްވާތީވެ، އިސްތިއުނާފުގެ މަރުހަލާގައި އެ ވާގިއާތައް މާނަކޮށް އެ ވާގިއާތަކާ މެދު ގޮތެއް ކަނޑައެޅުމަކީ ހަމަޖެހޭކަމަކަށް ނުވުމެވެ. އިސްތިއުނާފީ މަރުހަލާގައި ހެކިތަކާމެދު ބަހުސްކޮށް އެއިން ދޭހަވާ އެއްޗެއް ނުވަތަ އެހެކީގެ ބުރަދަން އިސްތިއުނާފީ ކޯޓުން އެ މަރުހަލާގައި ކަނޑައަޅައިފިނަމަ، އަސްލު މައްސަލައިގެ ޝަރިއަތަށް ހުށަހަޅަން ޖެހިދާނެ ހެއްކަކާމެދު އަސްލު މައްސަލައިގައި ޝަރިއަތްކުރުމުގެ ކުރިން ވަކި ތަސައްވުރެއް އުފެދި ތައައްސުބެއް އުފެދުމުގެ އިހުތިމާލު އޮންނާނެތީވެ، އެކަމުން އެއްކިބާވުން ލާޒިމުވެއެވެ. ހަމަ އެގޮތަށް އެ ހެއްކަކީ ދަށުކޯޓަށް ކުރިން ހުށަހެޅުނު ހެއްކަކަށް ވީނަމަވެސް، އެ ހެކި ވަޒަންކޮށް، އެކިއެކި ވާގިއާތަކާމެދު ބަހުސްކޮށް ފަނޑިޔާރުން އެ ހެކިތަކުން ދޭހަވާއެއްޗެއް ނުވަތަ އެ ހެކީގެ ބުރަދަން ކަނޑައަޅަންޖެހިއްޖެ ހާލަތެއްގައިވެސް، އެ ހެކިތަކަށް ރިއާޔަތްކޮށް ކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެ މަތިން މީހަކު ބަންދުގައި ބަހައްޓާނީތޯ ނުވަތަ ބަންދުގެ މުއްދަތު އިތުރުކުރާނީތޯ ދަށުކޯޓުން ކަނޑައެޅުމަށްޓަކައި އެ މައްސަލައެއް އިސްތިއުނާފީ ކޯޓުން ދަށުކޯޓަށް ތަހުވީލު ކުރާނީއެވެ.
އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C-CA/179/2021 އަމުރުގައި އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ މަފްތޫޙް ސަޢީދު ބަންދުކުރި މައްސަލައިގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ބެލެވޭ އެކަށީގެންވާ ހެކި ގަރީނާ ހުށަހެޅިފައި ނުވުމާއެކު އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ބުނެފައިވަނީ އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C-CA/179/2021 އަމުރު ނެރުނު އިރު، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުގެ ކުރިމަތީގައި އޮތީ ހަމައެކަނި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ކަމަށެވެ. އެ އިންޓެލިޖެންސް ރިޕޯޓަށް ބާރުލިބޭ އެހެން ހެއްކެއް މުއްތަހަމަށް އެނގޭގޮތަށް ދަށުކޯޓުގެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައި އޮތްކަން އެނގެން ނެތެވެ. އެހެންކަމުން ހަމަ އެކަނި އިންޓެލިޖެންސް ރިޕޯޓެއް އޮވެގެން، އެއަށް ބާރުލިބޭ އެހެން ހެއްކެއްނެތި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ.60 ވަނަ މާއްދާގެ (ބ) ގައި ބުނާ "ކޮންމެވެސް މިންވަރެއްގެ ހެކި" ހުރިކަމުގެ އޮޅިގަނޑު ދަށުކޯޓުގައި ގިރާ ނުކުރެވޭކަމަށް ދަށުކޯޓުގެ ފަނޑިޔާރު ނިންމީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތެވެ.
މަފްތޫޙް ސަޢީދު ހައްޔަރުކުރެވުނު ދުވަހު އޭނާގެ ގެ ބަލައިފާސްކޮށްގެން ނެގި ކަމަށް ބުނާ ލިޔުމަކީ ބަންދުގެ މުއްދަތު މަޖިލީހުގައި މުއްތަހަމްގެ ސަމާލުކަމަށް ގެނެސްފައިވާ ލިޔުމަކަށް ނުވާތީވެ، މަފްތޫޙް ސަޢީދު ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/14 ނަންބަރު ގަޒިއްޔާގައި ހައިކޯޓުން އަމުރުކޮށްފައިވަނީ ދަށުކޯޓަށް ހުށަހެޅިފައިނުވާ (މިތަނުގައި ހުށަހެޅިފައިނުވާ ކަމަށް ބުނެފައި މިވަނީ އެ ލިޔުން މުއްދަތުގެ މަޖިލީހުގައި މުއްތަހަމަށް ހާމަކޮށްފައިވާ ކަން އެނގެން ނެތީމައެވެ) ހެއްކެއްގެ މައްޗަށް ބުރަވެގެން ކަމަށް ބެލެވޭތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2021/HC-B12/14 ނަންބަރު ގަޒިއްޔާގައި މަފްތޫޙް ސަޢީދު ބަންދުކުރުމަށް ނިންމާފައިވާ ނިންމުމަކީ، އެ ހެއްކާއި، އަދި މަފްތޫޙް ސަޢީދު ބަންދުކުރި ފަހުން ތަހުގީގުގެ ތެރޭގައި އަލުން އިތުރު ހެކި ލިބިފައިވާ ކަމަށް ބުނެފައިވާތީވެ، އެ ފަދަ ހެކި ހުރިތޯ ބަލައި، ހެކި ހުރި ނަމަ، އެހެއްކެއްގެ އަލީގައި މަފްތޫޙް ސަޢީދުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރަންޖެހޭ ކަމަށް ދެކެމެވެ. ނަމަވެސް ކޯޓުތަކާބެހޭ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އޮތް ގޮތުން މި މައްސަލައިގައި ދަށުކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ސުޕްރީމް ކޯޓުން ސީދާ ދަށުކޯޓަށް ތަހުވީލުކުރެވެން ނެތެވެ. އަދި މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި މައްސަލައިގެ ވާގިއާތަކުގެ މައްޗަށް ބިނާކޮށްގެން ގޮތެއް ނިންމުމަށް ކޯޓުތަކާބެހޭ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރެވެން ވެސް ނެތެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ހައިކޯޓަކީ އިސްތިއުނާފީ ކޯޓަކަށްވާއިރު، އިސްތިއުނާފީ ކޯޓަކީ ވާގިއާތައް ކަށަވަރުކޮށް ހެކި ވަޒަން ކުރުމުގެ މަރުހަލާއެއް ކަމަށް ނުވާތީ އާއި ބަންދުގެ އަމުރުގެ މިފަދަ މައްސަލަތަކުގައި އިސްތިއުނާފީ ކޯޓަކުން އެ މައްސަލައިގެ އަސްލު ޝަރިއަތް ހިންގުމުގެ ކުރިން ހެކި ވަޒަންކޮށް އެއާމެދު ބަހުސްކޮށް ހެދުމަކީ އުސޫލެއްގެ ގޮތުން މައްސަލައިގެ އަސްލު ޝަރިއަތަށް ހުށަހަޅަންހުރި ހެކިތަކާމެދު ތައައްސުބެއް އުފެދިދާނެ ކަމަކަށް ވެދާނެތީވެ، މި މައްސަލަ އެހެން އިސްތިއުނާފީ ކޯޓަކަށް ތަހުވީލުކުރުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫނެވެ. ވީމާ މި ހާލަތުގައި، އިސްވެ ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/14 ގަޒިއްޔާގައި މަފްތޫޙް ސަޢީދު ބަންދުކުރުމަށް ނިންމާފައިވާ ނިންމުމަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ފިޔަވައި ތަހުގީގަށް އެހެނިހެން ހެކި ލިބިފައިވާނަމަ އެ ހެކިތަކަށް ރިއާޔަތްކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މަފްތޫޙް ސަޢީދު ގެ ބަންދުގެ މުއްދަތު އިތުރުކުރަންޖެހޭތޯ ބެލުމަށް މި މައްސަލަ އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިގެންވާ ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/14 ނަންބަރު ގަޒިއްޔާގައި މަފްތޫޙް ސަޢީދު ބަންދުކުރުމަށް ނެރެފައިވާ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ފިޔަވައި މަފްތޫޙް ސަޢީދުގެ މައްޗަށް ތަހުގީގުގައި އެހެނިހެން ހެކި ލިބިފައިވާނަމަ އެ ހެކިތަކަށް ރިއާޔަތްކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މަފްތޫޙް ސަޢީދު ގެ ބަންދުގެ މުއްދަތު އިތުރުކުރަންޖެހޭތޯ ބެލުމަށް މި މައްސަލަ އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ.
މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދުޢަލީ ރަޝީދު ޙުސައިން)ރިޔާސަތު(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.