ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-B12/3

މުޙައްމަދު ޢާރިފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 3 ފެބުރުއަރީ 2026ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-B10/SHN/761-2025/2026/02ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-B10/SHN/761-2025/2026/02
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން ހުށަހެޅުން ބަލައި ނުގަތުމަށް ނިންމައި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ޝަރުޠުތައް ދަޢުވާގެ ސަބަބުގައި ފުރިހަމަވާ ކަމަށާއި، ކޮން ފޯމުތަކަކަށް ބަދަލު ގެނެސްގެންކަން ދައުލަތުން ސާފުކޮށްދީފައިވާތީ ހުރިހާ ފޯމު ނަންބަރެއް ދަޢުވާގެ ސަބަބުގައި ހިމެނުމަކީ ދައުލަތަށް ލާޒިމުކުރެވޭ ކަމެއް ނޫން ކަމަށް ކަނޑައެޅިއެވެ.
ވާޤިޢާ
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލިއެވެ. ދަޢުވާގެ ސަބަބުގައި ބަދަލު ގެނައިކަމަށް ބުނާ ފޯމުތަކުގެ ތަފްޞީލު ނެތުމުން، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ) އާ އެއްގޮތަށް ދަޢުވާ އިސްލާޙުކުރުމަށް އަމުރުކޮށްދިނުމަށް އެދި، އެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޖިނާއީ ދަޢުވާއެއްގެ ސަބަބުގައި ކުށުގެ ޢަމަލުގައި ހިމެނޭ ކޮންމެ ފޯމެއްގެ ނަންބަރު ނުވަތަ ތަފްޞީލު ބަޔާން ނުކުރުމުން، އެ ދަޢުވާ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ އުޞޫލާ ޚިލާފަށް ހުށަހެޅިފައިވާ ދަޢުވާއަކަށް ވެ، އެ ދަޢުވާ އިސްލާޙުކުރަން އަންގަންޖެހޭތޯ؛ އަދި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 85 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، އެފަދަ އުނިކަމަކުން ދަޢުވާއަށް އަސަރުކުރޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރާ ފަރާތުން ބުނީ، ބަދަލު ގެނައިކަމަށް ބުނާ ފޯމުތަކަކީ ކޮބައިކަން ދަޢުވާގެ ސަބަބުގައި ބަޔާންކޮށްފައި އޮންނަންޖެހޭނެ ކަމަށާއި ދަޢުވާގެ ސަބަބަކީ ޖަދުވަލު 2 ގައި ހުށަހަޅާ ހެކި ލިސްޓަކުން ދެނެގަންނަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. ދައުލަތުން ބުނީ، ފޯމުތަކުގެ ތަފްޞީލު ދަޢުވާ ފޯމުގެ ޖަދުވަލު 2 ގައި ހިމަނައި އަޑުއެހުމުގައި ސާފުކޮށްދީފައިވާތީ، ޖަދުވަލު 1 ގައި އެ ތަފްޞީލު ނެތުމަކީ ދަޢުވާ އިސްލާޙުކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދަޢުވާގެ ސަބަބުގައި ކުށުގެ ޢަމަލުގައި ހިމެނޭ އެއްޗަކީ ފޯމުތައްކަމާއި، އެއީ ކޮން އިޢުލާނެއްގެ ދަށުން ކޮން ޕޯޓަލެއް މެދުވެރިކޮށް ހުށަހެޅި ފޯމުތަކެއްކަން ބަޔާންކޮށްފައިވާތީ، ވަކިވަކި ފޯމުތަކުގެ ނަންބަރު ނުހިމެނުމުން ދަޢުވާއަކީ ކޮބައިކަން ދަޢުވާލިބޭ ފަރާތަށް އޮޅިދާނެ ހާލަތެއް ދިމާވެފައިނުވާކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. އެހެންކަމުން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 85 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ދަޢުވާއަށް އަސަރުކުރާފަދަ ސަބަބެއް ނެތް ކަމަށާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މިންވަރަށް ދަޢުވާ ތަފުޞީލުކޮށްފައިވާ ކަމަށް ނިންމިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައެޅި، ދަށުކޯޓުގެ ނިންމުން ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޖިނާއީ ކުށެއްގެ ދަޢުވާއެއްގައި ފުރިހަމަވާންޖެހޭ ކަންކަން ބަޔާންވެގެންވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ބ) ގައި، ދަޢުވާގައި އެއްޗެއް ހިމެނޭނަމަ އެ އެއްޗެއްގެ ތަފުޞީލު ހިމަނަންޖެހެއެވެ.

HN2 މީހެއްގެ މައްޗަށް އުފުލޭ ޖިނާއީ ކުށެއްގެ ދަޢުވާއަކީ، ދަޢުވާގައި ބަޔާންކުރާ ކުށުގެ ޢަމަލަކީ، ކޮބައިކަމާއި، އެ ކުށުގެ ޢަމަލު މަނާކުރާ ޤާނޫނީ މާއްދާއާއި، ކުށުގެ އަދަބު ފަދަ، އެމީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށަކީ ކޮބައިކަމާއި، އެ ދަޢުވާއިން ދިފާޢުވުމަށްޓަކައި ކުރެވޭނީ ކޮން ކަންތައްތަކެއްކަން އެނގޭނެ ބީދައަކުން އުފުލިފައިވާ ދަޢުވާއަކަށް ވާންޖެހެއެވެ.

HN3 ދަޢުވާ ފޯމުގައި ކުށް ބަޔާންކުރުމުގައި ނުވަތަ ދަޢުވާއާގުޅޭ އެނޫންވެސް ތަފްޞީލެއް ބަޔާންކުރުމުގައި ހިމަނަންޖެހޭ އެއްޗެއް ނުހިމެނި އޮތުމަކީ، އޭގެ ސަބަބުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ދަޢުވާ ދަޢުވާލިބޭ ފަރާތަށް އޮޅިދާނެ ޙާލަތެއްގައި މެނުވީ، އެ ދަޢުވާއަށް އަސަރުކުރާނެކަމެއް ކަމުގައެއް ނުބެލެވޭނެއެވެ. މި ޙާލަތުގައި ބަލަންޖެހޭނީ، ދައުލަތުން ހުށަހަޅާފައިވާ ދަޢުވާގެ ތަފުޞީލަށް ބެލުމުން ދަޢުވާއަކީ ކޮބައިކަން އޮޅުންއަރާތޯއެވެ.

HN4 ކުށުގެ ޢަމަލުގައި ހިމެނޭ ފޯމުތަކުގެ ނަންބަރުތައް، ނުވަތަ ވަކިވަކި ފޯމުތައް އެނގޭނެ ތަފްސީލުތައް ދައުވާކުރާ ސަބަބުގައި ބަޔާން ނުކުރިނަމަވެސް، މިއީ ކޮން ދަޢުވާއެއް ކަމާއި، ދަޢުވާކުރެވުނު ސަބަބާއި، ބަދަލު ގެނެވުނުކަމަށް ތުހުމަތުކޮށްފައިވަނީ ކޮންކަމަށް ހުށަހެޅި ކޮންތަނެއްގައި ހުރި ފޯމުތަކަކަށްކަން ދައުވާކުރާ ސަބަބުގައި ތަފްސީލުކޮށްދީފައިވުމުން، ދައުވާލިބޭ ފަރާތަށް އެފަރާތުގެ މައްޗަށް ކުރެވިފައިވާ ދައުވާއަކީ ކޮބައިކަން އޮޅިދާނެ ފަދަ ހާލަތެއް ދިމާވެފައިވާކަމުގައި ނުބެލެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ނޫރުއްސަލާމް އަބޫބަކުރު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ފާޠިމަތު މީޝާ، އަޙްމަދު ފަރާޝް ޝާކިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ދީބާނާޒް ފަހުމީ، އިބްރާހީމް މާހިރު
ރިޔާސަތު
މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު) · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، އިބްރާހީމް މާހިރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ޝަރީޢަތް ނިމުނުގޮތް

ޤަޟިއްޔާ ނަންބަރު: 2026/HC-B12/3

އިސްތިއުނާފުކުރި ފަރާތް: މުޙައްމަދު ޢާރިފް

އިސްތިއުނާފު ރައްދުވި ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ފަނޑިޔާރު ދީބާނާޒް ފަހުމީ

ފަނޑިޔާރު އިބްރާހީމް މާހިރު

ނިމުނު ތާރީޚް: 15 ޝަޢުބާން 1447 / 03 ފެބްރުވަރީ 2026

ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 06 ޝަޢުބާން 1447 / 25 ޖަނަވަރީ 2026

އިސްތިއުނާފުކުރެވުނު މައްސަލަ:

ނަންބަރު: 145-B10/SHN/761-2025/2026/02

ނިންމި ތަން: ކްރިމިނަލް ކޯޓު

ބާވަތް: ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން

ހުށަހެޅުނު ތާރީޚް: 15 ނޮވެންބަރު 2025

ނިމުނު ތާރީޚް: 11 ޖަނަވަރީ 2026

އިސްތިއުނާފުކުރި ފަރާތް: މުޙައްމަދު ޢާރިފް

ޤާނޫނީ ވަކީލު: އދ. ނޫރުއްސަލާމް ޢަބޫބަކުރު

އިސްތިއުނާފު ރައްދުވި ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤާނޫނީ ވަކީލުން: ޕަބްލިކް ޕްރޮސިކިއުޓަރ އދދ. ފާޠިމަތު މީޝާ، ޕަބްލިކް ޕްރޮސިކިއުޓަރ އދދ. އަޙްމަދު ފަރާޝް ޝާކިރު

ޖިނާއީ- ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) - ދަޢުވާ އޮންނަންވީގޮތް- ދަޢުވާގެ ސަބަބު ތަފްސީލުކުރުން

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

ތަޢާރުފު

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/761-2025/2026/02 "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު ޢާރިފް (މީގެ ފަހުން "މުޙައްމަދު ޢާރިފް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގި ގޮތް

2ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ.

3މި ދަޢުވާ ބަލަމުންދަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 761/Cr-C/2025 ޤަޟިއްޔާއިންނެވެ.

4މިޤަޟިއްޔާގެ ތެރެއިން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެއް ގޮތުގައި ތިން ހުށަހެޅުމެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅިއެވެ. އޭގެ ތެރެއިން ފުރަތަމަ ހުށަހެޅުމަކީ، ދައުލަތުގެ ދަޢުވާ ފަރުމާކޮށްފައިވަނީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 82 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ކަމަށްވާތީ، އިސްތިއުނާފު ކުރާ ފަރާތުން ދަޢުވާއަށް ޖަވާބުދާރީވާންޖެހޭ ކަންކަން އެނގޭ ގޮތަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) އާ އެއްގޮތަށް ދަޢުވާ ހުށަހަޅާ ފޯމުގައިވާ އުނިކަންތައް އިސްލާޙުކުރުމަށް އަމުރުކޮށްދިނުމަށް އެދި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ހުށަޅާފައިވާ ހުށަހެޅުމެވެ.

5މި ހުށަހެޅުމުގެ ރައްދުގައި ދައުލަތުން ފާހަގަކޮށްފައިވަނީ އިބްތިދާއީ މަރުޙަލާގައި ދަޢުވާއާ ގުޅޭގޮތުން ދިފާޢުން ސާފުކުރަން އެދުނު މަޢުލޫމާތުތައް ސާފުކޮށްދެވިފައިވާނެ ކަމަށާއި އަދި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ދަޢުވާކުރެވޭ ސަބަބާއި އެފަރާތުން ކުރިކަމަށް ބުނާ ޢަމަލުވެސް ދަޢުވާގައި ބަޔާންކުރާތީ، ދަޢުވާ ބައްޓަންކުރުމުގައި އުނިކަމެއް ހުރިކަމަށް ދައުލަތުން ނުދެކޭކަމަށެވެ.

6ބުނެވިދިޔަ ހުށަހެޅުން ހިމެނޭހެން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ތިން ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/761-2025/2026/02 "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި ނިންމީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމައި، މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ އަދި މައުޟޫޢީ ގޮތުން ބަލަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައެވެ.

7މި މައްސަލައިގައި މުޙައްމަދު ޢާރިފްގެ ފަރާތުން އިސްތިއުނާފުކޮށްފައި މިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 761/Cr-C/2025 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/761-2025/2026/02 "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި ނިންމި ނިންމުމެވެ.

8އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އެ ހުށަހެޅުން ބަލައި ނުގަތުމަށް ނިންމުމަށް ވާޞިލުވި ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

8.1 އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާ ކަމަށާއި، ދަޢުވާކޮށްފައިވާ ސަބަބަށް ބަލާއިރު މިއީ ދަޢުވާ ލިބޭ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަރސްޓްރކްޗަރގެ ސީނިއަރ އެގްޒެކްޓިވްގެ މަޤާމާއި، ގެދޮރުވެރިޔާ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުންނާއި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސް ސުޕަވައިޒަރެއްގެ ގޮތުގައި ހުރެ، އުސޫލާ ޚިލާފަށް ޝަރުޠު ހަމަނުވާ މީހުންނަށް ޝަރުޠު ހަމަވާކަމަށް ކަނޑައަޅައި، އަދި އުޞޫލާ ޚިލާފަށް ފޯމުތަކަށް ޕޮއިންޓްދިނުމަށް އިސްތިއުނާފުކުރާ ފަރާތުގެ ދަށުން މަސައްކަތުގައި އުޅުނު މުވައްޒަފުންނަށް އިރުޝާދުދީފައިވާ މައްސަލަ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

8.2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާއަށް ބަލާއިރު، ދަޢުވާލިބޭ މީހާ ހިންގި ކަމަށް ބުނާ ޢަމަލާއި، ދަޢުވާލިބޭ މީހާ ކުށްކުރި ކަމަށް ބުނާ ވަގުތާއި ތަނާއި، އެކުށަކީ މީހަކާ ދެކޮޅަށް ހިންގުނު ކުށެއް ކަމުގައިވާނަމަ، ނުވަތަ ވަކި އެއްޗެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ އެމީހެއް ނުވަތަ އެއްޗެއްގެ ހިމެނޭ ކުށެއް ކަމުގައިވާނަމަ އެމީހެއް ނުވަތަ އެ އެއްޗެއްގެ ތަފުޞީލު ދަޢުވާގައި ފުރިހަމަ ވާންޖެހޭ ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ޝަރުޠުތައް ދަޢުވާގެ ސަބަބުގައި ފުރިހަމަވާ ކަމަށެވެ.

8.3 ބަދަލުގެނައި ކަމަށް ބުނާ ހުރިހާ ފޯމެއް ދަޢުވާގައި ހިމަނަންވާނެ ކަމަށް ބަޔާންކުރާ އެއްވެސް ޤާނޫނީ އަސާސެއް ދެއްކިފައި ނުވާކަމަށާއި، މި މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދަޢުވާކޮށްފައިވަނީ ކޮން ފޯމުތަކަކަށް ބަދަލު ގެނެސްގެންކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ޙަވާލާދީ ދައުލަތުން ސާފުކޮށްދީފައިވާ ކަމަށާއި، އެހުރިހައި ފޯމު ނަންބަރުތައް ދަޢުވާ ފޯމުގެ ސަބަބު ބައިގައި ހިމެނުމަކީ ޤާނޫނީ ގޮތުން ދައުލަތަށް ލާޒިމުކުރެވިދާ ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.

8.4 އިސްތިއުނާފުކުރާ ފަރާތަށް ތަޙުޤީޤު މަރުޙަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވަކި ވަކި ފޯމުތަކާ ގުޅިގެން ސުވާލުކޮށް އެވާހަކަތައް ބަޔާނުގައި ހިމަނާފައިވާކަންވެސް ފާހަގަކުރާ ކަމަށެވެ. އެހެންކަމުން މިއީ ކޮން ފޯމުތަކެއްކަން އެކަށީގެންވާ ގޮތަކަށް ސާފުކޮށްދެވިފައިވާ ކަމަށް ދެކޭކަމަށެވެ.

8.5 ދަޢުވާ ބައްޓަންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ދެކޭކަމަށެވެ.

އިސްތިއުނާފީ ނުކުތާ

9ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/761-2025/2026/02 "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު ޢާރިފުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި، އެ ނުކުޠާ ތަފުސީލުކޮށްފައިވެއެވެ.

9.1 މުޙައްމަދު ޢާރިފުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ބިނާކޮށްފައިވަނީ ދަޢުވާކުރެވުނު ކުށުގެ ވާޤިޢާގައި ބަދަލު ގެނެވުނު ފޯމުތަކެއް ހިމެނޭކަމަށް ބަޔާންކުރުމުގެ މައްޗަށް ކަމަށްވީނަމަވެސް، އެ ފޯމުތަކުގެ ކުޑަ ނަމަވެސް ތަފުޞީލެއް ދަޢުވާގެ ސަބަބުގައި ބަޔާންކޮށްފައި ނުވާއިރު، ދަޢުވާގެ ސަބަބު އޮތީ ދަޢުވާލިބޭ ފަރާތުން ޖަވާބުދާރީވާންޖެހޭ ކަންކަން އެނގޭ ގޮތަށްކަމަށް ނުވާއިރު، އެ ދަޢުވާ އިސްލާޙުކުރަން އަންގާނެ ތަނެއް ނެތްކަމަށް، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/761-2025/2026/02 ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމުން ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ދަޢުވާ އޮންނަންވީ އުޞޫލާ ޚިލާފަށް ކަމަށްވުން.

އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ

10އިސްތިއުނާފީ ނުކުތާގެ ތަފުޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޖިނާއީ މައްސަލައެއްގެ ދަޢުވާ އޮންނަންވީ ގޮތުގެ އުޞޫލު ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގައި ކަމަށާއި، އެ މާއްދާގެ (ބ) ގައި ނިޔާކުރާ ގޮތުން، ދަޢުވާއެއްގައި ކުށް ބަޔާންކުރުމުގެ އިތުރުން، ކުށުގެ ތުހުމަތުކުރެވޭ މީހާ ހިންގި ޢަމަލާއި، އޭނާ ކުށް ކަމަށް ބުނާ ވަގުތާއި ތަނާއި، ކުށް ކުރުމުގައި ވަކި އެއްޗެއް ހިމެނޭނަމަ، އެ އެއްޗެއްގެ ތަފުޞީލުތައް ބަޔާންކޮށްފައި އޮންނަން ޖެހޭކަމަށެވެ.

11މިމައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދަޢުވާކުރަނީ ގެދޮރުވެރިޔާ ޕޯރޓަލްގައި ހުރި ފޯމުތަކަކަށް ގެދޮރުވެރިޔާ ޕޯރޓަލް މެދުވެރިކޮށް ބަދަލުގެނެސްފައިވާ ކަމުގެ ދަޢުވާ ކަމަށާއި، އެހެންކަމުން ބަދަލު ގެނައިކަމަށް ބުނާ ފޯމުތަކަކީ ކޮބައިކަން ދަޢުވާގެ ސަބަބުގައި ބަޔާންކޮށްފައި އޮންނަންޖެހޭނެ ކަމަށާއި ދަޢުވާގެ ސަބަބަކީ ޖަދުވަލު 2 ގައި ހުށަހަޅާ ހެކި ލިސްޓަކުން ދެނެގަންނަންޖެހޭ އެއްޗެއް ނޫންކަމަށެވެ.

12މިމައްސަލައިގައި ބައެއް ފަރާތްތަކުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާތަކުގައި އެފަރާތްތަކުން ބަދަލުގެނައިކަމަށް ބުނާ ފޯމުތައް އެފޯމުތައް ހުށަހެޅި ފަރާތްތަކުގެ ނަންތަކާއެކު ހިމަނާފައިވެސް ވާކަމަށެވެ.

13ބަދަލު ގެނައިކަމަށް ބުނާ ފޯމުތަކަކީ ދަޢުވާ އުންސުރުތަކާ އޭގެ ޒާތުން ގުޅިފައިވާ އެއްޗެއްހިތަކެއް ކަމެއްވާއިރު، އޭގެ އެއްވެސް ފޯމެއްގެ ކުޑަ ނަމަވެސް ނަންބަރެއް ނުވަތަ އެއިން ފޯމެއްގެ ތަފުސީލެއް ދަޢުވާގައި ބަޔާންކޮށްފައިނުވާނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ޝަރުޠު މިދަޢުވާގައި ފުރިހަމަވާނެގޮތެއް ނޯންނާނެކަމަށެވެ.

އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް

14އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/761-2025/2026/02 "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" ބާޠިލުކޮށްދިނުމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ

15އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ދައުލަތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ދަޢުވާ ސަބަބުގެ ޢިބާރާތުގައި އިޝާރާތްކޮށްފައިވާ "ފޯމުތައް" މި ލަފުޒު އިތުރަށް ތަފުޞީލުކޮށްދީފައިވަނީ ދަޢުވާ ފޯމުގެ ޖަދުވަލު 2 ގައި ކަމަށާއި، މި ފޯމުތަކުގެ ތަފްސީލު ފޯލިއޯ 63 ،64 ، 65 އިން ފެންނަން ހުންނާނެކަމަށެވެ.

16އަދި މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހިންގުނު އަޑުއެހުންތަކުގައި ދައުލަތުން ދަޢުވާ ރައްދުވާ ފަރާތަށް ދަޢުވާ ސާފުކޮށްދީފައިވާނެ ކަމަށާއި، ދަޢުވާ ސާފުކޮށްދިނުމުގެ ތެރޭގައި "ފޯމުތައް" އެލަފުޒު ނިސްބަތްވަނީ ކޮންކޮން ފޯމުތަކަކަށްކަން ދަޢުވާލިބޭ ފަރާތަށް ސާފުވާ މިންވަރަށް ސާފުކޮށްދީފައިވާނެކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/30 ޤަޟިއްޔާގައި ބަޔާންކުރާ ފަދައިން "ދަޢުވާއިން ދިފާޢުވެވޭނެ ފަދަ" ތަފުސީލު މި މައްސަލައިގައި ޖަދުވަލުގައި ހިމަނައި، އަޑުއެހުމުގައި ސާފުކޮށްދީފައިވާނެ ކަމަށެވެ.

17އެހެންކަމުން މި މައްސަލައިގެ ހުށަހަޅާފައިވާ ދަޢުވާގައި ބަޔާންކުރާ ޢަމަލާ ގުޅުންހުރި އެންމެހައި ފޯމުތައް ދަޢުވާ ފޯމުގެ ޖަދުވަލު 2 ގައި ހިމަނާފައިވާއިރު، އެ ހުރިހާ ތަފުސީލެއް ދަޢުވާކުރާ ސަބަބުގެ ގޮތުގައި ޖަދުވަލު 1 ގައި ނެތުމަކީ އެކަމުގެ ސަބަބުން ދަޢުވާ އިސްލާޙުކުރަންޖެހޭ ސަބަބެއް ނޫންކަމަށާއި އަދި އެއީ ދަޢުވާއަށް އެކަމުގެ ސަބަބުން އަސަރެއް ކުރާނެކަމެއް ނޫންކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

18އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/761-2025/2026/02 "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" އަށް ބަދަލު ގެންނާނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

ޝަރީޢަތުން ފާހަގަކުރާ ކަންކަން

19މި އިސްތިއުނާފުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއަކީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ އުޞޫލާ ޚިލާފަށް ހުށަހެޅިފައިވާ ދަޢުވާއެއްތޯއެވެ.

20HN1ޖިނާއީ ކުށަކާ ގުޅިގެން އުފުލޭ ދަޢުވާއެއް އޮންނަންވީ ގޮތް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރެވިފައިވާއިރު، ޖިނާއީ ކުށެއްގެ ދަޢުވާއެއްގައި ފުރިހަމަވާންޖެހޭ ކަންކަން ބަޔާންވެގެންވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގައެވެ. މި އިސްތިއުނާފުގައި އޮތް ބަހުސަކީ މި ބުނެވުނު މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން އެ މާއްދާގެ (ބ) ގައި، ދަޢުވާގައި އެއްޗެއް ހިމެނޭނަމަ އެ އެއްޗެއްގެ ތަފުޞީލު ހިމަނަންޖެހޭ އުޞޫލާ ޚިލާފަށް ދަޢުވާ ފަރުމާ ކޮށްފައިވުމެވެ.

21ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރަނީ އަންނަނިވި ޢިބާރާތުންނެވެ. "ދަޢުވާއެއްގައި ކުށް ބަޔާންކުރުމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ ޢަމަލާއި، އޭނާ ކުށް ކުރި ކަމަށް ބުނާ ވަގުތާއި ތަން ބަޔާންކުރަންވާނެއެވެ. އަދި އެ ކުށަކީ، މީހަކާ ދެކޮޅަށް ހިންގުނު ކުށެއް ކަމުގައިވާނަމަ، ނުވަތަ ވަކި އެއްޗެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ، އެ މީހެއް ނުވަތަ އެ އެއްޗެއްގެ ތަފްޞީލުވެސް ބަޔާންކުރަންވާނެއެވެ." މިފަދައިންނެވެ.

22HN2ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/30 ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ "ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ދަޢުވާއެއް އޮންނަންވީ ގޮތް ބަޔާންކޮށްދީފައި އެވަނީ މީހެއްގެ މައްޗަށް އުފުލޭ ދަޢުވާގައި ބަޔާންކުރާ ކުށުގެ ޢަމަލަކީ، ކޮބައިކަމާއި، އެ ކުށުގެ ޢަމަލު މަނާކުރާ ޤާނޫނީ މާއްދާއާއި، ކުށުގެ އަދަބު ފަދަ، އެމީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށަކީ ކޮބައިކަމާއި، އެ ދަޢުވާއިން ދިފާޢުވުމަށްޓަކައި ކުރެވޭނީ ކޮން ކަންތައްތަކެއްކަން އެނގޭނެ ބީދައަކުން އެ ދަޢުވާ އުފުލިފައިވުން ކަށަވަރު ކޮށްދިނުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ އެންމެހައި ހައްޤުތައް ކަށަވަރުކުރެވޭނެ ފަދައަކުން އެ ދަޢުވާ އޮތުމެވެ. އަދި ދަޢުވާ ސާފު ނުވާކަމަށާއި، ދަޢުވާގައި ހުންނަ އުނިކަންކަން ފާހަގަކޮށް އެކަންކަމާ ގުޅޭ ގޮތުން އިބްތިދާއީ މަރުޙަލާގައި އެކަށީގެންނުވާ ވަގުތު ހޭދަވިޔަ ނުދިނުމެވެ." މިފަދައިންނެވެ.

23HN3ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާގައި ތުހުމަތުކުރެވޭ ފަރާތާމެދު ތުހުމަތުކުރެވޭ ކުށް ދަޢުވާ ފޯމުގައި ބަޔާންކުރުމުގައި ނުވަތަ ދަޢުވާއާގުޅޭ އެނޫންވެސް ތަފްޞީލެއް ބަޔާންކުރުމުގައި ކުށެއް އޮތުމަކީ، ނުވަތަ ކުށް ބަޔާންކުރުމުގައި ނުވަތަ ދަޢުވާއާގުޅޭ އެނޫން ވެސް ތަފްޞީލެއް ބަޔާންކުރުމުގައި ހިމަނަންޖެހޭ އެއްޗެއް ނުހިމެނި އޮތުމަކީ އޭގެ ސަބަބުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ދަޢުވާ ދަޢުވާލިބޭ ފަރާތަށް އޮޅިދާނެ ޙާލަތެއްގައި މެނުވީ، އެ ދަޢުވާއަށް އަސަރުކުރާނެކަމެއް ކަމުގައެއް ނުބެލެވޭނެކަމަށް ބަޔާންކުރެއެވެ

24ބުނެވުނު ހަމައިން ބަލާއިރު، މީހެއްގެ މައްޗަށް އުފުލޭ ޖިނާއީ ކުށެއްގެ ދަޢުވާއަކީ، ދަޢުވާގައި ބަޔާންކުރާ ކުށުގެ ޢަމަލަކީ، ކޮބައިކަމާއި، އެ ކުށުގެ ޢަމަލު މަނާކުރާ ޤާނޫނީ މާއްދާއާއި، ކުށުގެ އަދަބު ފަދަ، އެމީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށަކީ ކޮބައިކަމާއި، އެ ދަޢުވާއިން ދިފާޢުވުމަށްޓަކައި ކުރެވޭނީ ކޮން ކަންތައްތަކެއްކަން އެނގޭނެ ބީދައަކުން އުފުލިފައިވާ ދަޢުވާއަކަށް ވާންޖެހެއެވެ.

25މިމައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލާ އެއްގޮތަށް އުފުލިފައިވާ ދައުވާއެއް ހެއްޔެވެ؟ އެ މާއްދާގެ (ބ) ގައި ބަޔާންކުރާ މިންވަރަށް ދަޢުވާ ތަފުޞީލުކުރެވިފައިވޭ ހެއްޔެވެ؟

26އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް ބަލާއިރު، މިފަރާތުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާ ކަމަށް ދައުވާ ފޯމުގައި ބަޔާންކޮށްފައިވާއިރު، ދަޢުވާ ފޯމާއެކު ދަޢުވާކުރާ ސަބަބުތަކާއި، ދައުވާ ސާބިތުކުރަން ބޭނުންވާ ހެއްކާއި ޤަރީނާގެ ތަފްސީލު ޖަދުވަލު 1 އާއި ޖަދުވަލު 2 ގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށް އެ ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވެއެވެ.

27"ދަޢުވާކުރާ ސަބަބުތައް" ގޮތުގައި ދައުވާ ފޯމުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވަނީ، "މުޙައްމަދު އާރިފް، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރަސްޓަރކްޗަރގެ ސީނިއަރ އެގެޒެކްޓިވް ޑިރެކްޓަރގެ މަޤާމުގައި ހުރިއިރު، ގެދޮރުވެރިން ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުންނާއި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައިހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓަރކްޗަރގެ ނަންބަރު (IUL)471-HDS3/471/2022/154 "ބިންވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރައްހަދުން ބަންޑާރަ ގޯތި ދޫކުރުމާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓް ދޫކުރުން" (27 ޖޫން 2022) އިޢުލާނުގެ ދަށުން ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލުމުން، ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހެޅި ފޯމުތައް 2023 ވަނަ އަހަރު އިވެލުއޭޓް ކުރިއިރު، އުޞޫލު ނަންބަރު 2022/G-20 "ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު" އާއި ފްލެޓް ދޫކުރުމަށް ކުރި އިޢުލާނުގައިވާ ޝަރުޠުތަކާ ޚިލާފަށް، ގެދޮރުވެރިޔާ ޕޯޓަލްގެ ތެރެއިން ފޯމުތަކަށް ޕޮއިންޓްދީ، ޕޮއިންޓް އިތުރުކޮށް، އުޞޫލާ ޚިލާފަށް ޕޮއިންޓް ދިނުމަށް މީނާގެ ދަށުން މި ސްކީމުގައި މަސައްކަތު އުޅުނު މުވައްޒަފުންނަށް އިރުޝާދު ދީ، ފްލެޓަށް ޝަރުޠު ހަމަނުވާ ފަރާތްތަކެއްގެ ޝަރުޠު ހަމަވާކަމަށް ކަނޑައަޅައި، މިނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީ" މިފަދައިންނެވެ.

28ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މިންގަނޑަށް ދަޢުވާގެ ތަފުސީލު މިމައްސަލައިގެ ދަޢުވާއިން ދެނެގަނެވޭތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ކުށުގެ ޢަމަލުގައި ހިމެނޭ 'އެއްޗަކީ' ބަދަލު ގެނައިކަމަށް ބުނާ ފޯމުތަކެވެ. ދަޢުވާގެ ސަބަބުގައި އެ އެއްޗަކީ 'ފޯމު' ކަން ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ އެ ފޯމުތަކަކީ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރަސްޓަރކްޗަރގެ ނަންބަރު (IUL)471-HDS3/471/2022/154 "ބިންވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރައްހަދުން ބަންޑާރަ ގޯތި ދޫކުރުމާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓް ދޫކުރުން (27 ޖޫން 2022) އިޢުލާނުގެ ދަށުން ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލުމުން، ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހެޅި ފޯމުތައް ކަމަށްވެސް ދަޢުވާކުރާ ސަބަބުގައި ބަޔާންކޮށްފައިވެއެވެ. ދަޢުވާކުރާ ގުޅުންހުރި ފޯމުތައް ދަޢުވާ ފޯމުގެ ޖަދުވަލު 2 ގައި ހިމަނައި ފޯމުތައް ހިމެނޭ ސީޑީ(ފޯލިއޯ 63) ގެ ގޮތުގައި ހުށަހަޅާފައިވާއިރު، ފޯލިއޯ ނަންބަރު 63 ގައި ހިމަނާފައިވާ ހުރިހާ ފޯމުތަކަކީ ދަޢުވާގެ ސަބަބުގެ ތެރޭގައި ހިމެނޭ ފޯމުތަކެއް ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. ދަޢުވާގައި ހިމެނޭ ފޯމުތަކަކީ ކޮބައިކަން ދަށު ކޯޓުގައި ދައުލަތުން ސާފުކޮށްދީފައިވާކަން ދަށުކޯޓުގެ ނިންމުމުގައިވެސް ފާހަގަކޮށްފައިވެއެވެ.

29HN4އިސްތިއުނާފު ކުރާފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ބަލާއިރު، ފޯލިއޯ 63 ގައިވާ އެންމެހާ ފޯމުތަކުގެ ނަންބަރުތައް، ނުވަތަ ވަކިވަކި ފޯމުތައް އެނގޭނެ ތަފްސީލުތައް ދައުވާކުރާ ސަބަބުގައި ބަޔާން ނުކުރުމަކީ އެކަމުގެ ސަބަބުން، ދައުވާލިބޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ދައުވާ، ދައުވާލިބޭ ފަރާތަށް އޮޅިދާނެ ހާލަތެއް މެދުވެރިވެފައިވޭތޯ ބަލާއިރު، މިއީ ކޮން ދަޢުވާއެއް ކަމާއި، ދަޢުވާކުރެވުނު ސަބަބާއި، ބަދަލު ގެނެވުނުކަމަށް ތުހުމަތުކޮށްފައިވަނީ ކޮންކަމަށް ހުށަހެޅި ކޮންތަނެއްގައި ހުރި ފޯމުތަކަކަށްކަން ދައުވާކުރާ ސަބަބުގައި ތަފްސީލުކޮށްދީފައިވުމުން، ދައުވާލިބޭ ފަރާތަށް އެފަރާތުގެ މައްޗަށް ކުރެވިފައިވާ ދައުވާއަކީ ކޮބައިކަން އޮޅިދާނެ ފަދަ ހާލަތެއް ދިމާވެފައިވާކަމުގައި ނުބެލެވެއެވެ.

30އެހެންކަމުން، މި ޙާލަތުގައި ބަލަންޖެހޭނީ، ދައުލަތުން ހުށަހަޅާފައިވާ ދަޢުވާގެ ތަފުޞީލަށް ބެލުމުން ދަޢުވާއަކީ ކޮބައިކަން އޮޅުންއަރާތޯއެވެ. މި ޙާލަތުގައި، މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ދަޢުވާގެ ތަފުޞީލަށް ބެލުމުން އެފަދަ އޮޅުމެއްނެތެވެ. ނަތީޖާއަކީ، ޖިނާއީ އިޖުރާއަތުގެ 85 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ދަޢުވާއަށް އަސަރުކުރާފަދަ ސަބަބެއްނެތުމެވެ.

31އެހެންކަމުން މިމައްސަލައިގައި ދަޢުވާގެ ސަބަބު ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މިންވަރަށް ދަޢުވާ ތަފުޞީލު ކޮށްފައިވެއެވެ.

ނިންމަން ފެންނަގޮތް

32އިސްވެ ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/761-2025/2026/02 "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފުކޮށް، މުޙައްމަދު ޢާރިފުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، އެނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް ތާއިދުކުރަމެވެ.

ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު

34މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް ތާއިދުކުރަމެވެ.

ޙުކުމް:

ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/761-2025/2026/02 "ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން" މުޙައްމަދު ޢާރިފުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު އިބްރާހީމް މާހިރު

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)

ފަނޑިޔާރު ދީބާނާޒް ފަހުމީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ