ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 110 · 2021/SC-A/30ސުޕްރީމް ކޯޓު · 30 ނޮވެމްބަރު 2021

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓު
16 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 ނޮވެމްބަރު 2021ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ޖިނާއީމަނީ ލޯންޑްރިންގމަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށްޣައިރު ޤާނޫނީ ޢަމަލު- ކަފާލާތުން ދޫކޮށްލުންޖަލު ޙުކުމް ތަންފީޛުކުރުން ފަސްކުރުންޖޫރިމަނާގެ އަދަބު ތަންފީޛުކުރުން ފަސްކުރުން– ޤާނޫނީ އިންޒާރުތަޙްޤީޤުކުރުމުގެ ބާރުޖޮއިންޓް އިންވެސްޓިގޭޝަންޤާނޫނު ތަންފީޛުކުރާ އެހެން އިދާރާއަކުން ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބޭ ކުށްތައްދަޢުވާ ސާފުކޮށްދިނުންދަޢުވާއާ ގުޅޭ ލިޔުންތައް ޙަވާލުކުރުންއިބްތިދާއީ އަޑު އެހުމަށްފަހު ޝަރީޢަތްތައް ފެށުމުގެ މުއްދަތުކުށުގެ ޢަމަލުގެ ރުކުންކުށުގެ ނިޔަތުގެ ރުކުންކުށުގެ ޢަމަލީ ޢުންޞުރާއި ނަތީޖާއާ ހުރިގުޅުންކުށްކޮށްގެން ހޯދާފައިވާ ފައިސާ ނުވަތަ މުދާއިކުއިޒިޝަން ކޮސްޓްއިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާޤާޟީންގެ މަޖިލިސް ކަނޑައެޅުންހެކި ހުށަހެޅި ކަންކަން ފިޔަވާ އެހެން ކަންކަން ސާބިތުކުރުމަށް އެ ހެކި ބޭނުންކުރުންދިފާޢީ ހެކިތަކަށް ރިޢާޔަތްކުރުންދަޢުވާގައި ކުށުގެ ޢަމަލުގެ ތަފުސީލު ހިމެނުންޖޫރިމަނާކުރުމުގައި ދިވެހި ފައިސާގެ ބަދަލުގައި ބޭރުގެ ފައިސާ ބޭނުންކުރުންޖޫރިމަނާގެ އަދަބު މަތިކުރުންމަނީ ލޯންޑްރިންގ ކުށުގެ ނިޔަތުގެ ރުކުންތައްޗެކް ޑިޕޮސިޓް ސްލިޕްދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ކަނޑައެޅުންހެކިބަސް ބަލައިގަތުންޝަފަހީ ހެކިންގެ ހެކިބަސް ބަލައިގަތުންދިފާޢީ ހެކިންގެ ހެކިބަސް ބަލައިގަތުންޤާނޫނުއަސާސީގެ 1751 (އ)68 ވަނަ މާއްދާޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 5 (ހ)82 (ބ)107 (ނ)(2)155 (ހ)(1)156 (ށ)ޤާނޫނުލްއުޤޫބާތުގެ 15މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު 555 (ށ) ވަނަ މާއްދާކޯޓުތަކުގެ ޤާނޫނުގެ 45 (ހ)ހެއްކާބެހޭ ޤާނޫނު 06 ވަނަ މާއްދާސިޔާސީ ޕާޓީގެ ޤާނޫނު 40 ވަނަ މާއްދާއިންތިޚާބުތަކާބެހޭ ޤާނޫނު 68 ވަނަ މާއްދާފަނޑިޔާރުންގެ ޤާނޫނު 05 (ށ) (1) ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު 12 (ހ)20 (ނ)މަނިޓަރީ ޤަވާޢިދު 05 ވަނަ މާއްދާ

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލަ އިސްތިއުނާފުކުރާ މއ. ކާމިނީހުޅަގުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވެއެވެ. އަދި ކްރިމިނަލް ކޯޓުގެ މި ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވެއެވެ.

މިއީ މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށް ނިންމި އެ ކޯޓުގެ ނަންބަރު 2019/HC-A/637 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދެ މަރުޙަލާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ތަފުސީލުކޮށް ހިމަނާފައިވެއެވެ. ނަމަވެސް، މި މައްސަލައިގައި އަހުރެންގެ ރައުޔު ތަރުތީބު ކުރުމަށްޓަކައި މައްސަލައިގެ މައިގަނޑު ހާދިސާތައް ވަކިވަކިން އެނގޭނެހެން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަޔާންކުރަން ގަސްދުކުރަމެވެ.

އެމް.އެމް.ޕީ.އާރް.ސީއާ ގުޅޭ އޮޑިޓް ރިޕޯޓުތައް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ރަޖިސްޓްރީ ނަންބަރު C-0509/2011) (މީގެ ފަހުން އެމް.އެމް.ޕީ.އާރް.ސީ) ގެ މާލީ މުޢާމަލާތްތައް އޮޑިޓްކޮށް ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިފައިވާތީ 17 ނޮވެންބަރ 2013 އިން 27 އޮކްޓޫބަރު 2015 ގެ ނިޔަލަށް އެ ކުންފުނީގެ މާލީ މުޢާމަލާތްތައް ހުރި ނެތް ގޮތް ދެނެގަތުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެމް.އެމް.ޕީ.އާރް.ސީގެ ޚާއްޞަ އޮޑިޓެއް ކޮށްފައިވެއެވެ. މި އޮޑިޓް ރިޕޯޓު ޢާންމުކޮށްފައިވަނީ 04 ފެބްރުވަރީ 2016 ގައެވެ.

މި އޮޑިޓުން ފާހަގަކުރެވިފައިވާ އެއްކަމަކީ، ރަށްރަށާއި، ފަޅުތަކާއި ބިންތައް ކުއްޔަށް ދީގެންނާއި އަދި އެ ނޫންވެސް ގޮތްގޮތުން އެމް.އެމް.ޕީ.އާރް.ސީއަށް ލިބުނު ފައިސާގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ފައިސާއިން ޖުމުލަ 79.37 މިލިޔަން ޑޮލަރު (1.22 ބިލިޔަން ރުފިޔާ) ދައުލަތަށް ހޯދަން ޖެހިފައިވާކަމެވެ. އަދި މި ފައިސާގެ ތެރޭގައި އެސް.އޯ.އެފުން ހޯދަންޖެހޭ 70.17 މިލިޔަން ޑޮލަރު ހިމެނޭކަން މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ގއ.ވޮޑަމުލާ ކުއްޔަށް ދިނުމުގެ މުޢާމަލާތް

ގއ. ވޮޑަމުލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ޔުނައިޓެޑް އިންޓަރނޭޝަނަލް ހޮޓެލްސް ގްރޫޕް ކޮމްޕެނީ ޑަބްލިޔު.އެލް.އެލް (ޔުނައިޓެޑް އިންޓަރނޭޝަނަލް) އަށް އެމް.އެމް.ޕީ.އާރް.ސީން 01 އޮކްޓޯބަރ 2015 ގައި ހުށަހަޅާފައިވެއެވެ. ޔުނައިޓެޑް އިންޓަރނޭޝަނަލް އިން މި ހުށަހެޅުން ގަބޫލުކޮށް މި މުޢާމަލާތާ ގުޅިގެން ދައްކަންޖެހޭ ފައިސާ 2015 އޮކްޓޯބަރ 06 ވާ އަންގާރަ ދުވަހާ ހަމައަށް އެ ކުންފުނީގެ ރާއްޖޭގެ ބޭންކް އެކައުންޓަށް ލިބޭނެ ގޮތް ހަދާނެ ކަން އަންގާފައިވެއެވެ.

ގއ. ވޮޑަމުލާއާ ގުޅިގެން ޔުނައިޓެޑް އިންޓަރނޭޝަނަލްއިން އެމް.އެމް.ޕީ.އާރް.ސީއަށް އިޖާބަ ދީފައިވާތީ، އެކަން އެ ކުންފުންޏަށް އަންގައި މި މުޢާމަލާތާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާ މުޢާމަލާތު ކުރާނީ އެމް.އެމް.ޕީ.އާރް.ސީކަމުގައި އަންގާފައިވެއެވެ. އަދި މި މުޢާމަލާތާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.އެމް.ޕީ.އާރް.ސީއާ ދެމެދު ސޮއިކުރެވޭ ވޮޑަމުލާ ކުއްޔަށް ދިނުމުގެ އެއްބަސްވުމާއި، އެމް.އެމް.ޕީ.އާރް.ސީއާއި ޔުނައިޓެޑް އިންޓަރނޭޝަނަލްއާ ދެމެދު ސޮއިކުރެވޭ ސޭލް އެންޑް ޕާޗޭސް އެގްރިމެންޓްގެ ޑްރާފް މިނިސްޓްރީ އޮފް ޓޫރިޒަމުން ޔުނައިޓެޑް އިންޓަރނޭޝަނަލްއަށް ފޮނުވާފައިވެއެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށް އެ ރަށާ ގުޅޭ ޙައްޤުތައް ޔުނައިޓެޑް އިންޓަރނޭޝަނަލްއަށް ބަދަލުކޮށްފައިވެއެވެ. އަދި މި މުޢާމަލާތާ ގުޅިގެން ވޮޑަމުލާގެ ހެޑް ލީސް އިކުއިޒިޝަން ޕޭމަންޓްގެ ގޮތުގައި US$1,000,000/- (އެއްމިލިޔަން އެމެރިކާ ޑޮލަރު) ލިބިފައިވާކަން އެމް.އެމް.ޕީ.އާރް.ސީން ޔުނައިޓެޑް އިންޓަރނޭޝަނަލްއަށް އަންގާފައިވެއެވެ. މި ޓްރާންސެކްޝަންގެ ހުރިހާ ކަމެއް ނިމިފައިވަނީ 08 އޮކްޓޯބަރ 2015 ގައެވެ.

އެސް.އޯ.އެފްގެ އެކައުންޓަށް ފައިސާ ޖަމާވުން

ގއ. ވޮޑަމުލާ ކުއްޔަށް ދިނުމަށް އެމް.އެމް.ޕީ.އާރް.ސީއާއި ޔުނައިޓެޑް އިންޓަނޭޝަނަލްއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާ ގުޅިގެން އެ ރަށާ ގުޅިގެން އެމް.އެމް.ޕީ.އާރް.ސީއަށް ލިބެންޖެހޭ ފައިސާ އެމް.އެމް.ޕީ.އާރް.ސީއަށް ލިބިފައިވާކަން ޔުނައިޓެޑް އިންޓަރނޭޝަނަލްއަށް އަންގާފައިވަނިކޮށް 11 އޮކްޓޯބަރ 2015 ގައި ބޭންކް އޮފް މޯލްޑިވްސްގައި އެސް.އޯ.އެފްއިން ހުޅުވާފައިވާ އެ ކުންފުނީގެ ނަންބަރު 002-701832-1101 ޔޫއެސްޑޮލަރ އެކައުންޓަށް US$1,000,000/- (އެއްމިލިޔަން އެމެރިކާ ޑޮލަރު) ޖަމާކޮށްފައިވެއެވެ. މި ފައިސާ ޖަމާކޮށްފައިވަނީ މޮރިޝަސް ކޮމާޝަލް ބޭންކްގެ ނަންބަރު 0000000000048593 އެކައުންޓުން ދޫކޮށްފައިވާ ޗެކަކުންނެވެ. މި ޗެކްގެ ނަންބަރެއްގެ ގޮތުގައި އެސް.އޯ.އެފްގެ އެކައުންޓް ސްޓޭޓްމަންޓްގައިވާ ނަންބަރަކީ 0495402 އެވެ. ނަމަވެސް މި ޗެކް ނަންބަރު ޗެކް ޖަމާކުރި ސްލިޕްގައި ބަޔާންކޮށްފައިވަނީ 0494502 މި ނަންބަރުގެ ގޮތުގައެވެ. މި ސްލިޕްގައިވާ އިތުރު މަޢުލޫމާތަށް ބަލާއިރު، މި ޗެކް ޖަމާ ކޮށްފައިވަނީ އިޝްފާހް ނަމަކަށް ކިޔާ މީހެކެވެ. އެ މީހާގެ އައި.ޑީ ކާޑު ނަންބަރަކީއެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފައިސާއެއް ހޯދުމަށް ކުރި މަސައްކަތެއް

މި މައްސަލަ އިސްތިއުނާފުކުރާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ، 17 ނޮވެމްބަރު 2013 އިން ފެށިގެން 16 ނޮވެމްބަރު 2018 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނާ ގޮތުން ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި28 ސެޕްޓެމްބަރު 2015 ގައި ގޮވުމެއް ގޮއްވާލި ހާދިސާ ހިނގިފަހުން، އެއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމުގައި ހުރި ހ. ސާމަރާ، އަޙްމަދު އަދީބް ޢަބްދުލްޣަފޫރަށް ފޯނުން ގުޅައި، އަޙްމަދު އަދީބް ޢަބްދުލްޣަފޫރުގެ އަތުގައި އެ ވަގުތު ހުރި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފައިސާއެއް ދިނުމަށް އެދުނެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނާ ގޮތުން މި ފައިސާއަކީ ސިޔާސީ އެކި ކަންކަމުގައި ޚަރަދު ކުރުމަށް އެކި ފަރާތްތަކުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދީފައިވާ ފައިސާއެވެ. މި ފައިސާ އަޙްމަދު ޢަބްދުލްޣަފޫރުގެ އަތުގައި ހުންނަނީ މި ފަދަ ފައިސާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ބަލަހައްޓައިދީ ހަދަނީ އަޙްމަދު އަދީބް ޢަބްދުލްޣަފޫރު ކަމުގައިވާތީއެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަމިއްލަ ފައިސާ ހޯދުމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ކިބައިން އެދިފައިވަނީ ފޯނުން ކަމުގައި ބުނުމުގެ އިތުރަށް މި ފައިސާގެ ޢަދަދަކީ ކިހައި މިންވަރެއްކަން އަދި މިއީ ކޮން ފަރާތްތަކަކުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދީފައިވާ ފައިސާއެއްކަން ފަދަ މި ފައިސާގެ އެއްވެސް ތަފުސީލެއް މި މައްސަލައިގެ ތަޙްޤީޤުންނާއި ޝަރުޢީ މަރުޙަލާތަކުން ސާފުވެފައިނުވެއެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފައިސާ ހޯދުމަށް އަޙްމަދު އަދީބް ޢަބްދުލްޣަފޫރާ ފޯނުން ކުރި މުޢާމަލާތުގައި އެ ފައިސާ ޖަމާކުރާނެ އެކައުންޓް ނަންބަރުވެސް ފޯނުން ކިޔައިދިން ކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނެއެވެ. ނަމަވެސް، މި ހުރިހައި ކަމަކަށް އަޙްމަދު ޢަބްދުލްޣަފޫރު އިންކާރު ކުރެއެވެ.

އަޙްމަދު އަދީބް ޢަބްދުލްޣަފޫރު މި މުޢާމަލާތަށް އިންކާރު ކުރިނަމަވެސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނާ ގޮތުން މިއީ ހިނގިކަމެކެވެ. މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފް ފުލުހުންނަށް ދިން ބަޔާނުން މިކަމަށް ކޮންމެވެސް ވަރަކަށް ބާރުދޭކަން ފާހަގަ ކުރެވެއެވެ. ސަބަބަކީ އަޙްމަދު އަދީބް ޢަބްދުލްޣަފޫރު ގާތުގައި އޭނާ ހުއްޓާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފޯން ކޯލެއް އަޙްމަދު އަދީބް ޢަބްދުލްޣަފޫރަށް އައިކަމަށް އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ފޯނު ކޯލާ ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެކައުންޓަކަށް ފައިސާއެއް ޖަމާކުރުމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބުނިކަމަށް މުޙައްމަދު ޢައްލާމް ލަޠީފް މި ބަޔާނުގައި ބުނެފައިވެއެވެ. ދައުލަތުގެ ފަރާތުން މުޙައްމަދު ޢައްލާމް ލަޠީފްގެ މި ބަޔާން ކްރިމިނަލް ކޯޓަށް ހުށަހަޅައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި އޭނާ ހާޒިރުކޮށްދިނުމަށް އެދުނު ނަމަވެސް، ދައުލަތުން ހެކި ހުށަހަޅަންޖެހޭ މަރުޙަލާގައި ހުށަހަޅާފައިވާ ހެއްކެއް ކަމުގައި ނުވާތީ ކްރިމިނަލް ކޯޓުން މުޙައްމަދު ޢައްލާމް ލަޠީފް ހެއްކެއްގެ ގޮތުގައި ބަލައި ނުގަތުމަށް ނިންމާފައިވެއެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަކަށް ފައިސާ ޖަމާވުން

ފައިސާއެއް ހޯދުމުގެ މުޢާމަލާތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އަޙްމަދު އަދީބް ޢަބްދުލްޣަފޫރާ ދެމެދު ހިނގި ތާރީޚެއް އެނގެން ނެތްނަމަވެސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނާ ގޮތުން އެ މުޢާމަލާތް ހިނގިފަހުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި (މީގެ ފަހުން އިސްލާމިކް ބޭންކް) ހުޅުވާފައިވާ ނަންބަރު 200-10002200-01-9901 އެކައުންޓަށް 13 އަދި 15 އޮކްޓޯބަރ 2015 ގައި މިއިން ކޮންމެ ދުވަހަކު (ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ މަގުން ޖުމުލަ 01 (އެކެއް) މިލިޔަން އެމެރިކާ ޑޮލަރު ޖަމާވެފައިވެއެވެ. މި ފައިސާ ޖަމާކޮށްފައިވަނީ ބެންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ އެސް.އޯ.އެފްގެ ނަންބަރު 7701-701832-002 އެކައުންޓުގެ ނަންބަރު 000247 ޗެކާއި، އެ އެކައުންޓުގެ ނަންބަރު 000248 ޗެކުންކަން، އެސް.އޯ.އެފް.ގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓުންނާއި، އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރުމަށް ފުރާފައިވާ ޗެކް ޑިޕޮސިޓް ސްލިޕްތަކުން އެނގެއެވެ. އަދި މި ފައިސާ ޖަމާ ކޮށްފައިވަނީ އަޙްމަދު އިޝްފާހު ނަމަކަށް ކިޔާމީހެއްކަންވެސް މި ސްލިޕްތަކުން އެނގެއެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނާ ގޮތުން އެސް.އޯ.އެފްގެ ފަރާތުން ފައިސާއެއް ހޯދުމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިފައިނުވާނެއެވެ. އަދި އެސް.އޯ.އެފް ކުންފުނީގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދަންނަ ބަޔަކުވެސް ނޫޅޭނެއެވެ. އަދި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަޙްމަދު އަދީބް ޢަބްދުލްޣަފޫރުގެ ފަރާތުން ހޯދުމަށް އެދުނު ފައިސާ ދޭނީ އެސް.އޯ.އެފްގެ ފަރާތުންކަން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބުނެފައިވެސް ނުވެއެވެ. އަދި އެސް.އޯ.އެފް ކުންފުންޏަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދަންނަ ކުންފުންޏެއް ނޫންކަމުގައިއާއި، އެ ކުންފުނިން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދޭންޖެހޭ ފައިސާއެއް ނޯންނާނެ ކަމުގައިވެސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނެއެވެ.

އަދި އެސް.އޯ.އެފްގެ ފަރާތުން ފައިސާއެއް ޖަމާވިކަން އެނގިފައިވަނީ 2016 ވަނަ އަހަރުގެ މެދެއްހައި ހިސާބު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެއިރުގެ ރައީސް ޙަސަން ލުޠުފީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ގުޅައި އެ ވާހަކަ ބުނުމުން ކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނެއެވެ.

ފައިސާ ދައުރު ކުރުމާއި އިންވެސްޓް ކުރުން

އިސްލާމިކް ބޭންކްގައި އޮތް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންބަރު9901-01-10002200-200 އެކައުންޓަށް ޖަމާވި އެއް މިލިޔަން އެމެރިކާ ޑޮލަރު އެ އެކައުންޓުން އެހެން ދެ އެކައުންޓަކަށް ދެ ފަހަރެއްގެ މަތިން ޓްރާންސްފަރ ކޮށްފައިވެއެވެ.

ފުރަތަމަ އެ ފައިސާ ޓްރާންސްފަރ ކޮށްފައިވަނީ، އެ ބޭންކްގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 9011-21-00022002-000 ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަށެވެ. މި އެކައުންޓަށް ޓްރާސްފަރ ކޮށްފައިވަނީ މި އެއް މިލިޔަން އެމެރިކާ ޑޮލަރު އެ އެކައުންޓަށް ޖަމާވުމުގެ ކުރިން 07 އޮކްޓޯބަރ 2015 ގައި ނަންބަރު9901-01-10002200-200 އެކައުންޓަށް ޖަމާވެފައިވާ 250 (ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރާއި، އަދި 07 ޖޫން 2016 ގައި ޖަމާވެފައިވާ 1,118,000.00 (އެއްމިލިޔަން އެއްލައްކަ އަށާރަހާސް) އެމެރިކާ ޑޮލަރ އާއި 21 ފެބްރުއަރީ 2017 ގައި ޖަމާވެފައިވާ 1,295,000.00 (އެއްމިލިޔަން ދެ ލައްކަ ނުވަދިހަ ފަސްހާސް) އެމެރިކާ ޑޮލަރާއެކު ޖުމުލަ 3,413,250.00 (ތިން މިލިޔަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރެއެވެ.

ދެވަނައަށް މި ފައިސާ ދައުރު ކޮށްފައިވަނީ އެ ބޭންކްގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 9011-51-00022002-000 ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށެވެ.

ކުރިން އިޝާރާތްކުރި ދެ އެކައުންޓަށްވެސް ފައިސާ ޓްރާންސްފަރ ކޮށްފައިވަނީ 14 މާރޗް 2017 ގައެވެ. އަދި ފައިސާ އެންމެ ފަހުން ޓްރާންސްފަރކުރި ކުރުމަކީ، ބޭންކާ ވާހަކަ ދެއްކުމަށްފަހު ޕޮލިސީއެއް ހަދައި އެ ފައިސާ ބޭނުންކޮށްގެން ބޭންކުން ކުރާ ވިޔަފާރިން ވަކި އިންސައްތައެއް ފައިދާގެ ގޮތުގައި ލިބޭ ގޮތަށް ފައިސާ އިން އިންވެސްޓްކުރުމަށް ކުރި ޓްރާންސްފަރއެއް ކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނެއެވެ.

އެސް.އޯ.އެފުން ފައިސާ ޖަމާކޮށްފައިވާކަން އެންގުން

އެމް.އެމް.ޕީ.އާރް.ސީއިން 2012 ފެބްރުއަރީ މަހުން ފެށިގެން ޓޫރިޒަމްގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ދޫކުރުމުގައި ޤާނޫނުތަކާ ޚިލާފަށް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ޢަމަލު ކޮށްފައިވާ ކަމާއި، އެ މުޢާމަލާތުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއާއި އެ ތަންތަން ދޫކުރުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ބެލެވޭ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤު ކުރުމުގެ ތެރޭގައި، އެމް.އެމް.ޕީ.އާރް.ސީގެ ފައިސާ އެސް.އޯ.އެފަށް ވަދެފައިވާ ކަން ފާހަގަ ކުރެވޭކަމާއި، އަދި އެސް.އޯ.އެފުން ދެ ދުވަހެއްގެ މަތިން އެއް މިލިޔަން އެމެރިކާ ޑޮލަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާކަން އެ ކޮމިޝަނުން 21 ފެބްރުއަރީ 2018 ގައި ސިޓީއަކުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަންގާފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެ ކޮމިޝަނުން ބަލާ މައްސަލަ ނިމެންދެން އެ ފައިސާއިން އެއްވެސް މުޢާމަލާތެއް ނުކޮށް އެ ފައިސާ ބެހެއްޓޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދިފައިވެއެވެ. އަދި އެ ފައިސާއާމެދު އަމަލުކުރަން އެ ކޮމިޝަނަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ އެ ފައިސާ "އެސްކްރޯ އެކައުންޓް" އަކަށް ޖަމާކޮށްފައި ބެހެއްޓުންކަން އަންގާފައިވެއެވެ. އަދި އެކަމާމެދު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފެންނަ ގޮތެއް އަންގައި ދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދިފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން 21 ފެބްރުއަރީ 2018 ގައި ފޮނުވި ސިޓީއަށް ޖެހިގެން އައި ދުވަހު (22 ފެބްރުއަރީ 2018) ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސިޓީއަކުން ޖަވާބުދީފައިވެއެވެ. މި ޖަވާބުގައި އިސްލާމިކް ބޭންކްގައިވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާ އެ ފައިސާއަކީ، ސިޔާސީ ގޮތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތާއީދުކުރާ ފަރާތްތަކުން ސިޔާސީ މަސައްކަތްތަކަށް ދީފައިވާ ފައިސާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ފައިސާ ބަލަހައްޓަމުން އައީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުކަމަށާއި، އެ ފައިސާ ހޯދުމަށްޓަކައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރާ މުޢާމަލާތު ކުރިކަމަށާއި، އެ ފައިސާ ޖަމާކޮށްފައިވާކަމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބުނެފައިވާކަމަށާއި، އެ ފައިސާއަކީ ބޭންކަކުން ބޭންކަކަށް ޖަމާ ކޮށްފައިވާ ފައިސާއެއްކަމުގައިވާތީ އެއީ ކޮންތަނަކުން އައި ފައިސާއެއްކަން ބަލާފައި ނުވާނެކަން ބަޔާންކޮށްފައިވެއެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ ގޮތަށް އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން "ހުށަހަޅާ" ކަމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ސިޓީގައި ބުނެފައިވެއެވެ. އަދި އެކަމުގައި ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ދޭނެކަންވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެސްކްރޯ އެކައުންޓް ހުޅުވުމާއި އެ އެކައުންޓަށް ފައިސާ ޖަމާކުރުން

އެސްކްރޯ އެކައުންޓެއް ހުޅުވައި އިސްލާމިކް ބޭންކްގައި އޮތް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން އެސް.އޯ.އެފުން ޖަމާކޮށްފައިވާ އެއް މިލިޔަން އެމެރިކާ ޑޮލަރު އެ އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއެކު 25 މާރޗް 2018 ގައި އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއެކު ސޮއިކުރެވުނު އެއްބަސްވުމާ އެއްގޮތަށް އިސްލާމިކް ބޭންކްގައި އޮތް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަކަށް އެސް.އޯ.އެފުން ޖަމާކޮށްފައިވާ އެއް މިލިޔަން އެމެރިކާ ޑޮލަރު، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާކަން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 13 ޖޫން 2018 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވުނު އެސްކްރޯ އެކައުންޓަށް ޖަމާކުރަންޖެހޭނީ އިސްލާމިކް ބޭންކްގައި އޮތް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިޔަން އެމެރިކާ ޑޮލަރު ނަމަވެސް، އެ އެކައުންޓަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަމާކޮށްފައިވަނީ އެ ފައިސާ ނޫންކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފާހަގަ ކުރެވިގެން އެ ކޮމިޝަނުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގިއެވެ. މި ފަދައިން އަންގާފައިވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކްގައިވާ އެކައުންޓަކަށް އެސް.އޯ.އެފުން އެއް މިލިޔަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިދާރާއިން ހޯދަން ބޭނުންވާ ބައެއް މައުލޫމާތު އެ އިދާރާއާ ހިއްސާ ކުރުމުގެ ގޮތުން އެ ކޮމިޝަނުން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފޮނުވި ސިޓީއިންނެވެ.

މަނީ ލޯންޑްރިންގގެ ތަޙްޤީޤު ފެށުން

އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑަރކޮށް، އެ ފައިސާއާ ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަޙްޤީޤުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދޮގު މައުލޫމާތު ދީފައިވާކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤު ކުރަން ފެށިއެވެ.

މި ތަޙްޤީޤުގައި "ތުހުމަތު ކުރެވޭ ފަރާތާއި ސުވާލު ކުރުމުގެ ކުރިން ދެވޭ ޤާނޫނީ އިންޒާރު" ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދީފައިވަނީ 08 ޖެނުއަރީ 2019 ގައެވެ. މި ޤާނޫނީ އިންޒާރަށް ބަލާއިރު، މި ޤާނޫނީ އިންޒާރުގައި ތަފާތު 05 ކުށެއް ބަޔާންކޮށް އެ ކުށްތަކާ ގުޅޭ ޤާނޫނީ މާއްދާތަކަށް ޙަވާލާ ދީފައިވެއެވެ. މި ކުށްތަކުގެ ތެރޭގައި މަނީ ލޯންޑްރިންގގެ ހަރަކާތެއް ނުވަތަ ޢަމަލެއް ހިންގުމުގެ ކުށް ހިމެނިފައިވެއެވެ.

ދައުވާ ފަރުމާ ކޮށްފައިވާ ގޮތް

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޤާނޫނީ އިންޒާރު ދިންތާ 36 ދުވަސްވީ ފަހުން 13 ފެބްރުއަރީ 2019 ގައި އެ ތަޙްޤީޤުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު (މަނީ ލޯންޑްރިންގގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އުފުލިއެވެ.

މި ދަޢުވާ ފަރުމާ ކޮށްފައިވާ ގޮތަށް ބަލާއިރު ދަޢުވާގައި ހިމެނެނީ ނިޔަތުގެ އެންމެ ރުކުނަކާއި، ޢަމަލުގެ ދެ ރުކުނެވެ. ނިޔަތުގެ ރުކުނަކީ ޖަމާވި ފައިސާއަކީ އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާކަން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތެއް އޮތްކަމަށް ދަޢުވާގައި އޮންނަ އޮތުމެވެ. ޢަމަލުގެ ދެ ރުކުނުގެ ތެރެއިން،

ފުރަތަމަ ރުކުނަކީ، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި އެ ފައިސާއިން މަންފާ ހޯދުމަށްޓަކައި 36 މަސްދުވަހަށް އެ ފައިސާއިން އިންވެސްޓްކުރި ކުރުމެވެ.

ދެވަނަ ރުކުނަކީ، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ އެ ފައިސާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރި ފައިސާކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވި ނަމަވެސް، އެއްބަސްވުމާ ޚިލާފަށް އެހެން އެކައުންޓަކުން އެސްކްރޯ އެކައުންޓަށް އެއް މިލިޔަން އެމެރިކާ ޑޮލަރު ޓްރާންސްފަރކޮށް، އެސް.އޯ.އެފުން ޖަމާކުރި އެއްމިލިޔަން ޑޮލަރުގެ އަސްލު އޮޅުވާލުމެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތް

މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އުފުލުމުން އެ ދަޢުވާ ސާފު ނުވާކަމަށް ބުނެފައިވެއެވެ. އަދި މިފަދައިން ބުނުމަށްފަހު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮތް އެކައުންޓަކަށް ޖަމާވެފައިވާ އެއްމިލިޔަން ޑޮލަރަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަމިއްލައަށް ޖަމާކުރި ފައިސާއެއް ނޫންކަމަށާއި، ދަޢުވާ ހުށަހެޅުމަށްފަހު ދައުލަތުން ދައުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކިތަކަކީ ތަޙްޤީޤު މަރުޙަލާގައި އެ ހެކިތަކާމެދު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ސުވާލު ކުރެވިފައިވާ ހެކިތަކަކަށް ނުވާތީ އެ ހެކިތަކާމެދު އެއްޗެއް ބުނަން ނޭނގޭ ކަމަށް ކްރިމިނަލް ކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ބުނެފައިވެއެވެ. ނަމަވެސް، މި ދަޢުވާގެ އަސްލަށް އިންކާރު ކުރާކަމަށާއި، ދިފާޢުގައި ހެކި ހުށަހެޅުމުގެ ފުރުސަތަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އެދިފައިވެއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމުމުގައި، ދަޢުވާގައިވާ ކުށުގެ ޢަމަލު ފުރިހަމަވުމަށްޓަކައި، ފުރިހަމަވާންޖެހޭ ޢަމަލުގެ ރުކުނާއި ނިޔަތުގެ ރުކުނަކީ ކޮބައިކަން ބަޔާން ކޮށް، އެ ދެ ރުކުން މި މައްސަލައިގައި ފުރިހަމަވާކަމަށް ބުނެދީފައިވެއެވެ.

ކުށުގެ ނިޔަތް ތުހުމަތު ކުރެވޭ މީހާގެ ކިބައިގައި އޮތްކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި ކްރިމިނަލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ރުޖޫޢަވެފައިވަނީ މަނީ ލޯންޑްރިންގ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގައިވާ ނަންބަރުތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޙަވާލާދޭ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރަށެވެ. މި ގޮތުން އެ ދެ ނަންބަރުން މި މައްސަލައާ ގުޅޭ ނައްޞުގެ ގޮތުގައި އޮތް، "ވަކި މުދަލަކީ ނުވަތަ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން ނުވަތަ ފައިސާއެއްކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތެއް އޮތުން" މި ޢިބާރާތް ފަނޑިޔާރުން ފާހަގަ ކޮށްފައިވެއެވެ. އަދި މި ހާލަތުގައި ފައިސާ ނުވަތަ މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ނުވަތަ މުދަލެއްކަން ސާބިތުވެފައި އޮންނަން ނުޖެހޭނެ ކަމާއި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ނުވަތަ މުދާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވުން ފުދޭނެ ކަމަށް ވެސް ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ.

ކުށުގެ ނިޔަތުގެ ރުކުން ސާބިތުވާކަމަށް ނިންމުމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ކިތާބީ ހެކިތަނުންނާއި ޝަފަހީ ހެކިތަކުން ފާހަގަ ކުރެވޭ 07 ކަމެއް ކްރިމިނަލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ. މި ގޮތުން ފާހަގަ ކޮށްފައިވާ ކަންކަން ތިރީގައި މިވަނީއެވެ.

މި މައްސަލައިގައި ވާހަކަ ދެކެވޭ އެއް މިލިޔަން އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމާއި، އެންމެ ރަނގަޅު ގޮތަކީ އެ ފައިސާ ދައުލަތަށް ދިނުންކަމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެންގިކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެއިރުގެ ނައިބު ރައީސް މުޢައްވިޒު ރަޝީދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވާކަން.

ދެ ދުވަހެއްގެ މަތިން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް އެކައުންޓަކަށް އެއް މިލިޔަން އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ކިތާބީ ހެކިތަކުން އެނގޭކަން.

ގއ. ވޮޑަމުލާގެ ފައިސާ ލިބުން ލަސްވެގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގުޅިކަމަށް ޢަބްދުﷲ ޒިޔާތު ހެކިބަސް ދެމުން ބުނެފައިވާކަން.

ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓް ނުލިބިގެން ލަސްވެގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގުޅިކަމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ހެކިބަސް ދެމުން ބުނެފައިވާކަން.

މި މައްސަލައިގައި ވާހަކަ ދެކެވޭ ފައިސާއަކީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޙަވާލުގައި ހުރި ކެމްޕެއިން ފައިސާ ކަމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނާއިރު، އަމިއްލައަށް މަންފާ ހޯދުމުގެ ނިޔަތުގައި އެ ފައިސާއިން މަންފާ ލިބޭ ގޮތަށް އިންވެސްޓް ކުރުމުގެ މާނައެއް ނެތްކަން. އަދި ސިޔާސީ ޕާޓީއަށް ލިބޭ ފައިސާ ޖަމާކުރަން ޖެހެނީ ޕާޓީގެ އެކައުންޓަށް ކަމަށް ސިޔާސީ ޕާޓީގެ ޤާނޫނުގެ 40 ވަނަ މާއްދާގައި އޮންނަކަން.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާއިފައިވާ ފައިސާ ކަމަށް ބެލެވޭ ކަމަށާއި، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ބެލެވޭ ކަމަށާއި، އެކަން ތަހްޤީޤު ކުރަމުން ދާކަމަށާއި، އެންމެ ރަނގަޅު ގޮތަކީ އެ ފައިސާ ދައުލަތާއި ޙަވާލުކުރުން ކަމަށް 21 ފެބްރުއަރީ 2018 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނަމްބަރު 123-C4/MIS/2018/76 ސިޓީން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް އަންގާފައިވާކަން.

15 ނޮވެމްބަރ 2018 ގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅާފައިވާ މާލީ ބަޔާނުގައި އެސް.އޯ.އެފްގެ އެކައުންޓުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ، "އެމް.އެމް.ޕީ.އާރް.ސީގެ ފައިސާއިން ދިންކަމަށް އަދީބު ބުނާ ފައިސާ" ކަމަށް ބަޔާންކޮށްފައި ވުމުން، އެ ފައިސާއަކީ ކުށްކޮށްގެން ހޯދާއިފައިވާ ފައިސާ ކަމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށްވެސް ޝައްކު ކުރެވޭކަން ސާފުކޮށް އެނގޭކަން.

މި މައްސަލައިގައި ކުށުގެ ޢަމަލުގެ ރުކުން ފުރިހަމަވުމުގައި މައިގަނޑު ދެ ކަމެއް މައްސަލަ ބެލި ފަނޑިޔާރުން ފާހަގަ ކޮށްފައިވެއެވެ. ފުރަތަމަ ކަމަކީ، މި މައްސަލައިގައި ވާހަކަ ދެކެވޭ ފައިސާއިން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންވެސްޓްކޮށް މަންފާ ހޯދުމެވެ. ދެވަނަ ކަމަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާ ޚިލާފަށް އެ އެއްބަސްވުމުގެ ދަށުން އެސްކްރޯ އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ފިޔަވައި އެހެން ފައިސާއެއް އެ އެކައުންޓަށް ޖަމާކޮށް އޮޅުވާލާފައިވުމެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ ސާބިތު ކުރުމަށްޓަކައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހުށަހެޅި ޝަފަހީ ދެ ހެކިން ކަމުގައިވާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ޢަބްދުﷲ ޒިޔާތަކީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރުގައި އެ ދެ މީހުން ވަޒީފާއިން ވަކިކޮށް އަދަބު ލިބިފައިވާ ބައެއްކަމުގައިވާތީއާއި، އެމް.އެމް.ޕީ.އާރް.ސީއާ ގުޅުން ހުރި ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ދެ މީހުން ކަމުގައިވާތީ އެ ދެ މީހުންގެ ހެކި ބަހުގައި ޝައްކު އުފެދޭނެކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، އެ ދެ މީހުންގެ ހެކިބަހުގައި އުފެދޭ ޝައްކު މި މައްސަލައިގައި ލިބިފައިވާ ޝަފަހީ ހެއްކާއި، ކިތާބީ ގިނަ ހެކިތަކުގެ ސަބަބުން ކުޑަކޮށްދޭ ކަން ފާހަގަ ކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ކުށުގެ ޢުޤޫބާތެއްގެ ގޮތުން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 05 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 5,000,000 (ފަސް މިލިއަން އެމެރިކާ ޑޮލަރުން) ޖޫރިމަނާކޮށް، އެ ފައިސާ ޙުކުމް ކުރި ތާރީޚުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަންގައި ޙުކުމްކޮށް މައްސަލަ ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމި ގޮތް

ކްރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/637 ޤަޟިއްޔާއިންނެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ދެކޭ 75 ސަބަބެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ. މި ސަބަބުތަކުގެ ތެރޭގައި މި މައްސަލައިގެ ތަޙްޤީޤު މަރުޙަލާއިން ފެށިގެން ދަޢުވާ ކުރުމާއި، ޝަރީޢަތުގެ ކުރިއާއި ފަހުގެ މަރުޙަލާއާއި، އަދި އަދަބު ކަނޑައެޅުމުގެ މަރުޙަލާގައި ޤާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެކޭ ތަފާތު ސަބަބުތައް ހިމެނެއެވެ. ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކުރުމުގައި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތު ރައުޔުގައި ފާހަގަ ކޮށްފައިވާ މައިގަނޑު ބަހުސަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ބޭނުމަށްޓަކައި، ކުށް ކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާގެ އަސްލު އޮޅުވާލުމާއި، ބޭނުންކުރުމާއި އަތުގައި ބެހެއްޓުންފަދަ ޢަމަލުތަކުން ފުރިހަމަވާ މަނީ ލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި، މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް (Predicate offence) ސާބިތުވާންޖެހޭނެ ކަން ނުވަތަ ނޫކަމެވެ. މި ޤާނޫނީ ބަހުސްގައި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ އެފަދަ ކުށްތައް ސާބިތުވާކަމަށް ކަނޑައެޅުމުގައި، މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާކުށް ސާބިތުވާން ނުޖެހޭނެ ކަމުގައެވެ. މައިގަނޑު ސަބަބަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 08 ވަނަ މާއްދާގައި "ކުށް ކޮށްގެން ހޯދާ މުދާ" މާނަކުރުމުގައި އެ ޤާނޫނުގެ 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށަށް، ކުށް ކޮށްގެން މުދާ ހޯދުމުގައި ހަވާލާދޭ ކުށް މަޙްދޫދު ކުރުމުގެ ބަދަލުގައި 08 ވަނަ މާއްދާގައި އެ ކުށަކީ "ދިވެހިރާއްޖޭގެ ޤާނޫނެއްގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ އެއްވެސް ކުށެއް" މި ފަދައިން ބަޔާންކޮށްފައި އޮންނަ އޮތުން ކަމުގައި ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓަށް އިސްތިއުނާފީ ނުކުތާތަކުގެ ބޭރުން ހުށަހަޅާފައިވާ ދެ ހުށަހެޅުމެއް

މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރަމުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ބޭރުން އިތުރު ދެ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެ ގޮތުން ހުށަހަޅާފައިވާ ފުރަތަމަ ހުށަހެޅުމަކީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެވެ. ދެވަނަ ހުށަހެޅުމަކީ، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޛު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެވެ.

މި ދެ ހުށަހެޅުމަކީ، މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ނިންމުމުގެ ކުރިން އެ ދެ ނިންމުމާމެދު ގޮތެއް ނިންމަންޖެހޭ ނިންމުންތަކެއް ކަމުގައިވާތީ މި ދެ ނިންމުމާމެދު 04 އޮކްޓޯބަރ 2021 ވަނަ ދުވަހު މި މައްސަލައިގައި ބޭއްވުނު އަޑުއެހުމުގައި މި ދެ ނިންމުމާމެދު ނިންމި ގޮތް ހާމަކޮށްފައިވާނެއެވެ. ނަމަވެސް، އަހުރެންގެ މި ރައުޔު ފުރިހަމަކުރުމުގެ ގޮތުން އިސްތިއުނާފީ ނުކުތާތަކަށް ދިއުމުގެ ކުރިން އެ ނިންމުންތައް ނަކަލު ކޮށްލަން ގަސްތުކުރަމެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަފާލާތުން ދޫކޮށްދިނުމަށް އެދި ހުށަހެޅުން

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން 30 މާރޗް 2021 ވަނަ ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަފާލާތުގެ އުސޫލުން ދޫކޮށްދިނުމަށް އެދި ސިޓީއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވާފައިވެއެވެ. ކަފާލާތުން ދޫކޮށްދިނުމަށް އެދި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު އެ ހުށަހެޅުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

ޖިނާއީ މައްސަލައެއްގައި ދަށު މަރުޙަލާގެ ކޯޓަކުން ކޮށްފައިވާ ޙުކުމެއް އޭގެ މަތީ މަރުޙަލާގެ ކޯޓުގައި އިސްތިއުނާފު ކުރުމުގެ ނަތީޖާއަކީ، އެ ޙުކުމަކުން ނިހާއީ ޙުކުމެއްގެ ސިފަ އުނިވެގެންދާނެ ކަމެއް ކަމުގައިވާތީ، އެ ހާލަތުގައި ކުށް ސާބިތުވެފައިވާ މީހާ ކަފާލާތަށް އެދޭ އިރު އެ އެދެނީ އެމީހަކީ ކުށުން ބަރީޢަވެގެންވާ މީހެއް ކަމުގައި ބަލައި ކަފާލާތުން ދޫކޮށް ދިނުންކަން.

ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާއިން ކަފާލާތަކީ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ޙައްޤެއްކަން އެނގޭއިރު، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައިވާ އަސާސީ ޙައްޤު ލިބިދިނުމުގެ ތެރެއިން ކަފާލާތުގެ ޙައްޤު ލިބިދެވެން ޖެހޭނެކަން.

ކަފާލާތަކީ ދުސްތޫރީ ޙައްޤެއްކަމާއި، ޤާނޫނެއް ހެދިފައި ނެތުމަކީ ދުސްތޫރީ ޙައްޤެއް ނިގުޅައިގަނެވިދާނެ ކަމެއް ނޫންކަން.

ކަފާލާތުން ކުށް ސާބިތުވެފައިވާ މީހަކު ދޫކޮށް ދިނުމުގައި ފުރިހަމަވާންޖެހޭ މީހުންގެ ކިބައި ފުރިހަމަވާންޖެހޭ އެންމެހައި ޝަރުޠުތައް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ހަމަވާކަން.

ކަފާލާތުން ދޫކުރުމަކީ މިނިވަން ދީމިޤްރާޠީ ގައުމުތަކުގައިވެސް ލިބިދެވޭ އަސާސީ ހައްޤެއްކަން.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދީފައިވާ ރައްދު

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަފާލާތުން ދޫކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖަވާބުދާރީވަމުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

ކަފާލާތުގެ ދަށުން ދޫވުމަކީ، ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކަށް ލިބިދެވޭ އަސާސީ ހައްޤެއް ނޫންކަން.

ދަށު މަރުޙަލާގެ ކޯޓަކުން ކޮށްފައިވާ ޙުކުމެއް މަތީ މަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަކީ އޭގެ ޒާތުގައި ޤާނޫނުގައި ބަޔާންކޮށްފައިނުވާ އިޖުރާއަތެއް ފައުޅުވެ އެ މީހާގެ މައްޗަށް އެ އިޖުރާއަތު ހިނގަން ފަށަންޖެހޭނެ ކަމެއް ނޫންކަމުން ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛުކުރާ މީހަކު ކަފާލާތުން ދޫވުމަކީވެސް މި ފަދައިން ފައުޅުވެ ހިނގާނެ އިޖުރާއަތެއް ނޫންކަން.

ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާއަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން ހިނގާނެ އިޖުރާއަތެއް ބަޔާންކޮށްފައިވާ ދެ މާއްދާއަކަށް ވުމުން، މި ދެ މާއްދާއަކީ، މި ހުށަހެޅުމުގެ މައްޗަށް ހިނގާނެ މާއްދާތަކެއް ނޫންކަން.

ޖިނާއީ ޙުކުމެއް ތަންފީޛު ކުރަމުންދާ މީހަކު ކަފާލާތުގެ އުސޫލުން ދޫވުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ބަލައިގެންފައިވާ އިޖުރާއަތެއް ނޫންކަން އަދި އެ ޤާނޫނުން ތަންޒީމުކޮށްފައިވާ ކަމެއްވެސް ނޫންކަން.

ޖިނާއީ ޙުކުމެއް ތަންފީޛުކުރުމުގެ މަރުޙަލާގެ ކުރިންނާއި ފަހުން ކަފާލާތުގެ އުސޫލުން މީހުން ދޫކުރާ ގައުމުތަކުގައި އެފަދައިން މީހުން ދޫކުރަނީ އެ ގައުމުތަކުގެ ޤާނޫނުތަކުގައި އެކަމުގެ ތަފުސީލީ އިޖުރާއާތު ބަޔާން ކުރުމަށްފަހުގައިކަން.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަފާލާތުން ދޫކުރުމާމެދު ހައިކޯޓުން ގޮތެއް ނިންމާފައިވާއިރު، އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަކާނުލައި އަލުން އެ ހުށަހެޅުން ހުށަހަޅައި ސުޕްރީމް ކޯޓުން ގޮތެއް ނިމިގެން ދިއުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއަށް ރިޢާޔަތް ކުރާއިރު، އެކަމުގެ ސަބަބުން ނުރަނގަޅު މެސެޖެއް ފޯރުކޮށްދެވިދާނެ ކަމެއްކަން.

ޖިނާއީ ޙުކުމެއް ތަންފީޛުކުރާ މީހަކު ކަފާލާތުން ދޫކުރުމުގައި ޤާނޫނު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއާއި، 49 ވަނަ މާއްދާއަށް ބަލާއިރު، ކަފާލާތުން ދޫކުރުން ހިމެނިފައިވަނީ ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުން ދޫކޮށްލެވޭ ހާލަތުގައި އެ މީހުން ދޫކުރުމުގައި ކޯޓުތަކުން ޢަމަލުކުރުމަށް އޮތް އިޚްތިޔާރުތަކުގެ ތެރެއިން އިޚްތިޔާރެއްގެ ގޮތުގައެވެ. މި ފަދައިން ކުށުގެ ތުހުމަތުކުރެވޭ މީހުން ދޫކުރުމާ ގުޅޭ ތަފުސީލީ އިޖުރާއަތު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންވެފައިވެއެވެ.

ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވާކަމަށް ދަށު މަރުޙަލާގެ ކޯޓަކުން އިއްވާފައިވާ ޙުކުމެއް އިސްތިއުނާފު ކުރުމަކީ، އޭގެ ޒާތުގައި އެ މީހާގެ މައްޗަށް އިއްވާފައިވާ ޙުކުމުގެ ބާރު ދަށްވާނެ ޙުކުމެއް ނޫނެވެ. އަދި އެ ޙުކުމަކީ ވުޖޫދުވެފައިނުވާ ޙުކުމެއް ކަމުގައި ބަލާނެ ޖާގަ އޮތްކަމެއްވެސް ނޫނެވެ. އަދި މިފަދަ ޙުކުމެއް މީހެއްގެ މައްޗަށް އިއްވުމުގެ ނަތީޖާއަކީ، އެ ޙުކުމް ތަންފީޛު ކުރުމަށްޓަކައި އެމީހެއްގެ މައްޗަށް ހިންގާ އިޖުރާއަތުތައް ހިންގުމުގައި އެ އިޖުރާއަތު ހިންގުމަށް ބޭނުންވާ މިންވަރަށް ޤާނޫނުއަސާސީގައި ލިބިދީފައިވާ އަސާސީ ޙައްޤުތައް ހިފެހެއްޓިފައިވާ މީހެއް ކަމުގައި ބެލެވުމެވެ. މި ހާލަތުގައި އެމީހެއްގެ މައްޗަށް ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމުގެ މަރުޙަލާގައި އިތުރު އިޖުރާއާތެއް ހިނގާނީ ޤާނޫނުގައި އެ އިޖުރާއާތެއް ބަޔާންވުމުންނެވެ.

ޤާނޫނުއަސާސީއާއި، ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި، މި ނޫންވެސް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުތަކަށް ބަލާއިރު، ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަފާލާތުގެ އުސޫލުން ކޯޓުމެދުވެރިކޮށް ދޫވުމަކީ އެ ފަދަ މީހަކަށް ލިބިދީފައިވާ ޙައްޤެއް ކަމުގައި ބަޔާންކޮށް، އެ ފަދައިން މީހުން ދޫކުރުމުގައި ކޯޓުތަކުގެ ދައުރެއް އެއިން ޤާނޫނެއްގައި ބަޔާންވެފައި ނުވެއެވެ.

މި ހުށަހެޅުމާ ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހުން ކަފާލާތުގެ އުސޫލުން މިނިވަން ދީމިޤްރާތީ މުޖުތަމައު ތަކުގައިވެސް ދޫކުރަނީ އެ މުޖުތަމައުތަކުގައި އެކަމަށް ޤާނޫނު އެކަށައަޅައި، އެ ޤާނޫނުތަކުގައި ބަޔާވެފައިވާ އުސޫލުންކަން އެނގެއެވެ.

ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާއަށް ބަލާއިރު، އެ ދެ މާއްދާގައި ވާހަކަ ދެކެވެނީ ހައްޔަރު ކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތަކާ ބެހޭގޮތުންނާއި، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓޭނެ ހާލަތްތަކާއި، ބަންދުގައި ނުބަހައްޓައި ދޫކޮށްލާއިރު، ކޯޓަށް ލިބިގެންވާ އިޚްތިޔާރުތަކާ މެދުގައެވެ. މި މާއްދާތަކުގެ ތެރެއިން ކަފާލާތުގެ ވާހަކަ ބަޔާންވެފައިވަނީ 49 ވަނަ މާއްދާގައެވެ. އެ މާއްދާގައި ކަފާލާތު ހިމެނިފައިވަނީ ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން ބަންދުގައި ހުރި މީހަކު ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުން ދޫކުރުމަކީ ކޯޓަށް ލިބިގެންވާ އިޚްތިޔާރެއްކަން ބުނެދިނުމުގެ ގޮތުންނެވެ. އަދި ޤާނޫނުއަސާސީގެ މި ނޫން އެހެން މާއްދާއެއްގައި ނުވަތަ ރާއްޖޭގައި ޢަމަލުކުރާ އެހެން ޤާނޫނެއްގައިވެސް ޝަރީޢަތުން ޙުކުމެއް ކުރުމުގެ ފަހުން އެ ޙުކުމް ތަންފީޛުކުރާ މީހަކު ކަފާލާތުން ދޫކުރުމާބެހޭ އުސޫލެއް ބަޔާންވެފައިނުވެއެވެ.

ކަފާލާތުގެ އުސޫލުން ޖިނާއީ ޙުކުމެއް ތަންފީޛު ކުރަމުންދާ މީހަކު ދޫކުރުމަކީ، އެކަމުގައި ޢާންމު މަސްލަހަތެއް އެކުލެވިގެންވާ ކަމެއްކަމުގައިވާނަމަ، އެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ކަމާބެހޭ ޤާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެކެވެ. މިފަދަ ޤާނޫނީ އިންތިޒާމެއްނެތި، ކޯޓުގެ އަމުރަކުން ނުވަތަ ނިންމުމަކުން އުސޫލުތައް ކަނޑައަޅައި ޖިނާއީ ޙުކުމް ތަންފީޛުކުރަމުންދާ މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމަކީ ޤާނޫނުއަސާސީ އާއި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ޢަމަލުކުރެވުންދާ ޤާނޫނުތަކުގެ ދަށުން ކުރެވިދާނެ ކަމެއް ކަމުގައި ނުދެކެމެވެ.

ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި، ޖިނާއީ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ދޫވުމަކީ، އެ ފަދަ މީހަކަށް ލިބިގެންވާ އަސާސީ ޙައްޤެއްކަމުގައި ޤާނޫނީ ގޮތުން ބަލާނެ ޖާގައެއް ނެތެވެ. އަދި ދުރާލައި ލިޔެވިފައިވާ ތަފުސީލީ އިޖުރާއަތެއް ނެތި ޖިނާއީ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ނުވަތަ އެ ނޫންވެސް އުސޫލެއްގެ ދަށުން އިސްތިއުނާފީ މަރުޙަލާގައި ދޫކުރުމަކީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމާއި، ހާމަކަމާއެކު އިންސާފުން ޝަރީޢަތްކުރެވުމުގެ މަބްދައާ އެއްގޮތަށް ކުރެވޭނެ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ، މިފަދަ ދުރާލައި ލިޔެވިފައިވާ ތަފުސީލޫ އުސޫލެއްނެތި، އިސްތިއުނާފީ މަރުޙަލާގައި ޖިނާއީ ޙުކުމެއް ތަންފީޒުކުރަމުންދާ މީހުން ކޯޓުތަކުން ދޫކުރަމުން ފަށައިފިނަމަ، އެކި މައްސަލަތަކުގައި އެކި ގޮތަށް ޢަމަލުކުރުމުގެ ދޮރު ހުޅުވިގެންދާނެއެވެ. ވުމާއެކު، މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިފައިވާ ފަދައިން ކަފާލާތުން ދޫކުރެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.

ޖަލު ޙުކުމް ތަންފީޛުކުރުން ފަސްކުރުން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/637 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ކްރިމިނަލް ކޯޓުގެ ނަންބަރު 60/Cr-C/2019 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން އެދިފައިވެއެވެ. ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ޢުޤޫބާތެއްގެ ގޮތުން ކަނޑައަޅާފައިވަނީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 05 (ފަހެއް) އަހަރު ދުވަހަށް ޖަލަށް ލުމާއެކު $5,000,000/- (ފަސްމިލިޔަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުމަށެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަލާއިރު އެ ޙުކުމުގައި ޖަލު އަދަބާއި އެކު ޖޫރިމަނާ އަދަބު ކަނޑައަޅާފައިވެއެވެ. ޖަލު އަދަބު ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވިދާނެތޯ ބަލާއިރު، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙުކުމް ތަންފީޛުކުރުމުގެ އުސޫލުތަކުގެ ތެރެއިން ޖިނާއީ މައްސަލައެއްގައި ކަނޑައަޅާފައިވާ އަދަބެއް ތަންފީޛުކުރުން ފަސްކުރެވިދާނެކަން ނުވަތަ ނޫންކަމަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 21 ވަނަ މާއްދާއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއިން ލިބިދޭ ބާރު އިންތިޒާމު ކުރުމުގެ ގޮތުން ގަވާއިދުގައި ހިމަނާފައިވާ މާއްދާއެކެވެ.

ކޯޓުތަކުގެ ޤާނޫނަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުޞޫލުތައް ބަޔާންކުރާ ޢާންމު ޤާނޫނެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 2010 އޮކްޓޯބަރ 21 ވަނަ ދުވަހުގައެވެ. ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޢާންމު އުސޫލުތަކަށް ޢަމަލުކުރަމުން ދަނިކޮށް، 2016 މެއި 02 ވަނަ ދުވަހު ޖިނާއީ އިޖުރާއަތުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރިއެވެ. އަދި އެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާޙާ އެއްގޮތަށް އެ ޤާނޫނަށް ޢަމަލުކުރަން ފެށިފައިވަނީ 02 ޖުލައި 2017 ގައެވެ. މިއީ ކޯޓުތަކުން ޝަރީޢަތް ކުރުމުގައި ޢަމަލުކުރަމުން ދިޔަ އިޖުރާއަތުތަކުގެ ތެރެއިން ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ޤާނޫނެވެ. ވުމާއެކު، ޝަރީޢަތް ކުރުމުގެ ޢާންމު އުސޫލުތައް އެ ގޮތުގައި ވަނިކޮށް، އައު އުސޫލުތަކެއް މި ޚާއްޞަ ޤާނޫނު ތަޢާރަފުވިއެވެ. ވުމާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ޖިނާއީ މައްސަލަތަކަށް މަޙްދޫދުވެފައިވާ ޚާއްޞަ ޤާނޫނެކެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި ޖިނާއީ މައްސަލައެއްގައި ދަށު މަރުޙަލާގެ ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމް އެއިގެ މަތީ މަރުޙަލާގެ ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ޖިނާއީ ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިޖުރާއަތެއް ބަޔާންވެފައިނުވެއެވެ. އަދި މިފަދަ އެހެން އިޖުރާއަތެއް ޖިނާއީ ޢަދުލުގެ ނިޒާމުގައި ޢަމަލުކުރެވެމުންދާ އެނޫން ޤާނޫނެއްގައިވެސް ބަޔާންވެފައިނެތެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 21 ވަނަ މާއްދާ ކިޔަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަފްހޫމުތައް ނުގެއްލޭނެ ގޮތަށްކަމުގައިވާއިރު، މިފަދައިން އެ މާއްދާ ކިޔާއިރު، ޖިނާއީ މައްސަލައެއްގައި އިއްވާފައިވާ ޙުކުމެއް ތަންފީޛުކުރުން ފަސްކުރުމުގައި އެ މާއްދާއަކީ ޢަމަލުކުރެވޭނެ މާއްދާއެއް ނޫނެވެ.

އެހެންކަމުން، މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 60/Cr-C/2019 ޤަޟިއްޔާއިން ކޮށްފައިވާ 05 (ފަހެއް) އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކުރާނެ ތަނެއްނެތްކަމަށް އަހުރެން ދެކެމެވެ.

ޖޫރިމަނާގެ އަދަބު ތަންފީޛުކުރުން ފަސްކުރުން

ކްރިމިނަލް ކޯޓުގެ ޙުކުމުގައި އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާއަށް ބަލާއިރު، އެ ޤަޟިއްޔާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 5000000.00 US$ (ފަސް މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުމަށް ޙުކުމްކޮށް، އެ ފައިސާ ކްރިމިނަލް ކޯޓުގެ އެ ޤަޟިއްޔާގައި ޙުކުމް ކުރި ތާރީޚު (28 ނޮވެންބަރު 2019) އިން ފެށިގެން 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަމުރުކޮށްފައިވެއެވެ.

ޖިނާއީ އަދަބެއްގެ ގޮތުން ޖޫރިމަނާކުރާ ހާލަތުގައި، އެ ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭ ގޮތާއި، އެ ފައިސާ ނުދައްކައިފި ހާލަތުގައި އެ ފައިސާ ހޯދުމުގެ އުސޫލުތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 188 ވަނަ މާއްދާގައި ބަޔާންވެފައިވާ އުސޫލުތަކެކެވެ. މި އުސޫލުތަކަށް ބަލާއިރު، ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ޢަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނެގޭނެކަން އެ މާއްދާގެ (ނ) ގައި ބަޔާންވެފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ޖޫރިމަނާގެ ފައިސާ ނުދައްކާ ހާލަތުގައި އެ ފައިސާ ހޯދުމަށް ކަނޑައެޅިފައި އޮތް އުސޫލަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމުން އެ ފައިސާ ހޯދުމުގައި ޢާންމު އުސޫލުން އަމަލުކުރާ ގޮތަށް އަމަލުކޮށްގެން އެ ފައިސާ ހޯދުމެވެ. މި ޢާންމު އުސޫލަކީ، މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެ ފަދަ ފައިސާ ހޯދުމެވެ.

ޖޫރިމަނާގެ ފައިސާއާ ގުޅޭ ގޮތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ސިވިލް ކޯޓަށް ޖޫރިމަނާގެ ފައިސާ ހޯދުމުގެ މައްސަލައެއް ހުށަހަޅާފައިވާކަން އެނގެއެވެ. ނަމަވެސް މި މައްސަލައިގެ ތަފުސީލެއް އެ ފަރާތަށް ލިބިފައިނުވާކަމުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި އަމުރު ނެރެދިނުމަށް އެދި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމޫގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށާއި، ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައި ދިރާސާކުރިއިރު އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނަންބަރު 2019/HC-A/637 ޤަޟިއްޔާއާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ކްރިމިނަލް ކޯޓުގެ ނަންބަރު 60/Cr-C/2019 ޤަޟިއްޔާގައިގެ ޙުކުމުގައިވާ ޖޫރިމަނާގެ ފައިސާ ހޯދުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތް ހިންގައި ގޮތެއް ކަނޑައަޅައިފިނަމަ، ސުޕްރީމް ކޯޓުން ބަލަމުންދާ މި މައްސަލައިގައި އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެކަމުގައި އަހުރެންގެ އިތުރުން މި މައްސަލަ ބެލުމުގައި ބައިވެރިވާ ދެ ފަނޑިޔާރުންނަށް ފެންނާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 60/Cr-C/2019 ޤަޟިއްޔާގެ ޙުކުމުގައިވާ ޖޫރިމަނާގެ ފައިސާ ހޯދުމުގެ ގޮތުން، އެ ޤަޟިއްޔާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކުމަށް ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާއެއް ހޯދުމަށް ކޯޓަކަށް ހުށަހެޅިފައިވާނަމަ ހުށަހެޅިފައިވާ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިއުމަށާއި، މި ނޫންވެސް މި ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނުވަތަ ދައުލަތުގެ އެހެންވެސް އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) ދަށުން ޝަރުޢީ ކޯޓުތަކަށާއި، ދައުލަތުގެ ކަމާގުޅުންހުރި އެންމެހައި އިދާރާތަކުގެ މައްޗަށް މި ކޯޓުގެ ނަންބަރު 2021/SC-B4/TF/03 (05 އޮކްޓޫބަރު 2021) އަމުރު ނެރެފައިވާނެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުކަމަށް ދެކިގެން އެ މައްސަލަ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ 22 ނުކުތާއެއް ހުށަހަޅާފައިވެއެވެ. ތިރީގައި އިސްތިއުނާފީ ނުކުތާތައް މި ބަޔާންކުރަނީ މި މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން އިސްތިއުނާފީ ނުކުތާތައް ތަރުތީބުކޮށް، އަދި އެ ނުކުތާތައް އިސްތިއުނާފީ އަޑުއެހުމުގައި ހުށަހަޅައި ރައްދު ދީފައިވާ ތަރުތީބުންނެވެ.

ފުރަތަމަ ނުކުތާއަކީ، މި މައްސަލަ ފުލުހުން ތަޙްޤީޤު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި ނުކުތާއާ ގުޅިގެން އެ ކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) މި މައްސަލައިގައި މާނަކޮށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި، ދަޢުވާއެއް ގައި ކުށް ބަޔާންކުރުމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ ޢަމަލާއި، އޭނާ ކުށް ކުރި ކަމަށް ބުނާ ވަގުތާއި ތަން ބަޔާން ކުރަންވާނެ ކަމަށާއި، އަދި އެ ކުށަކީ، މީހަކާ ދެކޮޅަށް ހިންގުނު ކުށެއް ކަމުގައިވާނަމަ، ނުވަތަ ވަކި އެއްޗެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ، އެ މީހެއް ނުވަތަ އެ އެއްޗެއްގެ ތަފްޞީލުވެސް ބަޔާންކުރަންވާނެ ކަމަށް ބުނެފައިވާއިރު، މި ތަފުސީލުތައް ދަޢުވާގައި ހިމެނިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާމެދު ހައިކޯޓުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގައި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާ ނުބައިކޮށް މާނަކޮށް ތަޠުބީޤު ކޮށްފައިވާކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.

ހަތަރުވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމުގައި އިބްތިދާއީ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ދައުވާއާގުޅޭ ގިނަ ލިޔެކިއުންތަކެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާ ހަވާލު ނުކޮށް ކަމުގައިވާތީ، އެ ކަމުގެ ސަބަބުން އެ މަރުހަލާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާއާއި 106 ވަނަ މާއްދާ މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަކަށް ނޫންކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ފަސްވަނަ ނުކުތާއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް ދައުލަތުން ކުރާ ދަޢުވާއަކީ ކޮބައިކަން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސާފު ކޮށްދިނުމަކާނުލައި އިބްތިދާއީ މަރުހަލާ އާއި ޝަރީޢަތުގެ މަރުހަލާ ކުރިއަށް ގެންގޮސް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ނިންމުމުގައި ޤާނޫނު މާނަކޮށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަކަށް ނޫންކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.

ހަވަނަ ނުކުތާއަކީ މި މައްސަލައިގައި ކުށުގެ ޢަމަލީ ޢުންޞުރާއި، ކުށުގެ ނަތީޖާއާއި ގުޅުމެއް ނެތްއިރު، ޤާނޫނުލްއުޤޫބާތުގެ 22 ވަނަ މާއްދާއާ ޚިލާފަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ހަތްވަނަ ނުކުތާއަކީ، އިބްތިދާއީ މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ އެއްކޮށް ކުރިއަށް ގެންގޮސްފައިވުމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ޝަރީޢަތް ފެށުމުގެ ކުރިން ދޭންޖެހޭ މުއްދަތު ދިނުމެއްނެތި ޝަރީޢަތުގެ މަރުޙަލާ ފަށާފައިވުމާ ގުޅިގެން ހައިކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަ ކުރި ނުކުތާއާ ގުޅިގެން ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާއާއި 118 ވަނަ މާއްދާ މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

އަށްވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުން މި މައްސަލަ ބެލި ޤާޟީންގެ މަޖިލިސް އެކުލަވާލެވިފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި ހައިކޯޓުން ކަނޑައެޅުމުގައި ކޯޓުތަކުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ނުވަވަނަ ނުކުތާއަކީ، މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންނަކީ، ޢަދުލުވެރިކަން ގެއްލިފައިވާ އަދި ކުށުގެ ބައިވެރިން ކަމުގައި ބެލެވޭ ބައެއްގެ އިތުރުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ޢަދާވާތްތެރިކަން އޮތް ބައެއްކަމުގައިވާއިރު، އެ ހެކިންގެ ހެކިބަހާ ކޮރޮބަރޭޓްކުރެވޭނެ ހެކިތަކެއް ނެތްއިރު، އެ ހެކިންގެ ހެކިބަހަށް ހައިކޯޓުން ބުރަދަން ދީފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ދިހަވަނަ ނުކުތާއަކީ، މި މައްސަލައިގައި ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކަށް (އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-C4/MIS/2018/76 21 ފެބްރުއަރީ 2018 ސިޓީއާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 2014 ޖެނުއަރީ 01 އިން 2018 ނޮވެމްބަރ 11 ގެ ނިޔަލަށް ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅާފައިވާ މާލީ ބަޔާނުގައިވާ ޢިބާރާތް) ހައިކޯޓުން ބުރަދަން ދީފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

އެގާރަވަނަ ނުކުތާއަކީ، މި މައްސަލައިގައި ވާހަކަ ދެކެވޭ އެސްކްރޯ އެކައުންޓުގެ އެގްރީމެންޓުގައި 25 މާރޗް 2018 ސޮއިކުރިއިރު ވެސް އެ އެއްބަސްވުމުގައި ލިޔެފައިވާ އެކައުންޓުގައި ފައިސާ ނެތްކަން ސާބިތުވާކަމާއި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޢަދަދަށް އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރުމުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރެވުނީ ކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާއާމެދު ހައިކޯޓުން ނިންމާފައިވަނީ މި ވާޤިޢާއާ ގުޅުންހުރި ޙަޤީޤަތްތަކާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ބާރަވަނަ ނުކުތާއަކީ، މި މައްސަލައިގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ 40 ވަނަ މާއްދާއާއި، އިންތިޚާބުތަކާބެހޭ ޤާނޫނުގެ 68 ވަނަ މާއްދާ ހައިކޯޓުން މާނަކޮށް، ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ތޭރަވަނަ ނުކުތާއަކީ، މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ، ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަން އެއްވެސް ހެއްކަކުން ސާބިތުވާން ނެތްއިރު، އެ ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައި ކަނޑައަޅާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ސާދަވަނަ ނުކުތާއަކީ، ދައުލަތުން ހެކި ހުށަހެޅި ސަބަބުތައް ނޫން އެހެން ސަބަބުތައް ސާބިތުކުރުމަށް އެ ހެކިތައް ބޭނުންކޮށްފައިވާކަން ސާފުކޮށް އެނގެން އޮތްއިރު، ދައުލަތުން ހެކި ހުށަހަޅާފައިވާ ސަބަބުތައް ނޫން ސަބަބުތަކެއް ސާބިތުކުރުމަށް އެ ހެކިތައް ބޭނުންކޮށްފައިވާކަން އެނގޭނޭ ހަރުދަނާ އެއްވެސް ހުއްޖަތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެއްކިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ތަރަހައިން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ފަނަރަވަނަ ނުކުތާއަކީ، މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދިފާޢީ ހެކިތަކަށް ޝަރީޢަތުން ރިޢާޔަތް ކުރި ގޮތެއް އެނގެން ނެތުމާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހެޅި ދިފާޢު ސާބިތުކޮށް ނުދެވުނު ސަބަބު ބަޔާންކޮށް ދީފައިނުވާކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި ނުކުތާއާ ގުޅިގެން އެ ކޯޓުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 155 ވަނަ މާއްދާގެ (ހ) ގެ (1) އާއި، އެ ޤާނޫނުގެ 156 ވަނަ މާއްދާގެ (ށ) މި މައްސަލައިގައި މާނަކޮށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ސޯޅަވަނަ ނުކުތާއަކީ މި މައްސަލަ ހައިކޯޓުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމާފައިވަނީ ޤާނޫނުލްއުޤޫބާތުގެ 28 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ސަތާރަވަނަ ނުކުތާއަކީ، މި މައްސަލައިގައި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާ ހައިކޯޓުން މާނަކޮށް ތަޠުބީޤު ކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.

އަށާރަވަނަ ނުކުތާއަކީ، މި މައްސަލައިގައި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ހައިކޯޓުން މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް، ކުށުގެ ތުހުމަތުގައިވާމީހާއަށް ފައިދާ ވާގޮތަށް މާނަކުރުމުގެ ބަދަލުގައި ކުށުގެ ތުހުމަތުގައިވާ މީހާއަށް ގެއްލުންވާ ގޮތަށް ކަމުގައިބުނެ ފާހަގަ ކުރި ނުކުތާއެވެ.

ނަވާރަވަނަ ނުކުތާއަކީ މި މައްސަލައިގައި ހައިކޯޓުން ހެކި ވަޒަންކޮށް ތަޠުބީޤުކޮށްފައިވަނީ ޢިމްރާން ޢަބްދުﷲ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ކަނޑައެޅިފައިވާ ކަމާބެހޭ އުސޫލުތަކާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ވިހިވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައެޅި ނަމަވެސް، މި މައްސަލައިގައި އެކަށީގެންވާ ޝައްކުތަކެއް ފެންނަން ހުރިއިރު، ހައިކޯޓުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި، ޤާނޫނުލްޢުޤޫބާތުގެ 15 ވަނަ މާއްދާއާއި ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

އެކާވީސްވަނަ ނުކުތާއަކީ، މި މައްސަލައިގައި މަނިޓަރީ ގަވާއިދުގެ 05 ވަނަ ނަންބަރާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ބާވީސްވަނަ ނުކުތާއަކީ، މި މައްސަލައިގައި އަދަބު ކަނޑައެޅުމުގައި ޖޫރިމަނާގެ އަދަބު މަތި ކޮށްފައިވަނީ އެކަމުގައި ކަނޑައެޅިފައިވާ ޤާނޫނީ ޖަވާޒުތަކާއި އަދަބު މަތިކުރުމުގައި ކޯޓުން ޢަމަލުކުރަމުން އަންނަ ޢާންމު ޢުރުފާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތަކަށް ދީފައިވާ ރައްދު

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަންނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދަންޖެހޭނީ، ޤާނޫނު ތަންފީޛުކުރާ އެއް އިދާރާއިން ތަޙްޤީޤުކުރަމުންދާ ކުށަކީ ޤާނޫނު ތަންފީޛުކުރާ އެހެން އިދާރާއަކުން ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބޭ ކުށެއް ކަމުގައިވާ ހާލަތުގައި ކަމަށާއި، މި މައްސަލައަށް މި އުސޫލު ތަޠުބީޤު ކުރާއިރު، މަނީ ލޯންޑްރިންގގެ ކުށް ތަޙްޤީޤު ކުރުމުގެ އިޚްތިޞާޞް ލިބިގެންވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކަން ޤާނޫނުން ސާފު ކޮށް އެނގޭކަން.

މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވެފައިވާނެ ކަމަށާއި، މި ގޮތުން ކުށް ފެށިގެން އައި ތާރީޚާއި، ކުށް ކުރީ ކޮން ގޮތަކަށް ކަމާއި، ފައިސާ ޖަމާވި ގޮތާއި، ކުށުގެ ޢަމަލުގެ ތަފުސީލުތައް ހިމެނިފައިވާނެކަން.

މި މައްސަލައިގައި ހައިކޯޓުން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާ ނުބައިކޮށް މާނަކޮށް ތަޠުބީޤުކޮށް ފައިވާކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނިނަމަވެސް އެ ފަދައިން އެ ދެ މާއްދާ މާނަކޮށް ތަޠުބީޤު ކޮށްފައިވާ ގޮތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެދެވިފައި ނުވާކަމަށާއި، އެމް.އެމް.ޕީ.އާރްސީގެ ޚިޔާނާތުގެ މައްސަލައަކީ އެތައް ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވެފައި، އެ މައްސަލައިގައި އެކި ފަރާތްތަކުގެ މައްޗަށް އެކި ތުހުމަތު ކުރެވި އެތަކެއް ތަޙްޤީޤު ތަކެއް އެއްފަހަރާ ހިނގަމުންދާ މައްސަލައަކަށް ވުމުން ތަޙްޤީޤު ނިމޭ މިންވަރަކުން ތަޙްޤީޤު ނިމޭ މައްސަލަތަކުގައި ދަޢުވާ ކުރުމަކީ، ހަމަހަމަކަން އެއް ފަރާތްކޮށް ތަފާތު ކުރުމެއް ގެންގުޅުން ކަމުގައި ނުބެލެވޭނެކަން.

ކްރިމިނަލް ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމުގައި އިބްތިދާއީ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ދައުވާއާގުޅޭ ގިނަ ލިޔެކިއުންތަކެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ހަވާލު ނުކޮށް ކަމަށާއި، އެ ކަމުގެ ސަބަބުން އެ މަރުހަލާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާއާއި 106 ވަނަ މާއްދާ މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަކަށް ނޫންކަމުގައި ބުނިނަމަވެސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޙަވާލު ނުކުރެވި ވަނީ ފޯލިޔޯ ނަންބަރު 56 (އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު123-B/171/2018/97 ސިޓީގެ 06 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ރިޕޯޓު) ކަމަށާއި، އަދި އެކަން އެނގުނު ހިސާބުން އެ ރިޕޯޓު އެ ފަރާތާ ޙަވާލުކޮށް، އެ ރިޕޯޓު ދިރާސާކޮށް އެ ރިޕޯޓާ ގުޅިގެން ހެކިންނާ ސުވާލުކޮށް، ހުށަހެޅުމެއް އޮތްނަމަ އެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ޝަރީޢަތުން ފަހި ކޮށްދީފައިވުމުން، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބެލެވޭނެ ހަމައެއް ނެތްކަން.\

ކުށުގެ ޢަމަލީ ޢުންޞުރާއި، ކުށުގެ ނަތީޖާއާއި ގުޅުމެއް ނެތްއިރު، ޤާނޫނުލްއުޤޫބާތުގެ 22 ވަނަ މާއްދާއާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމި ކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނިނަމަވެސް، އެ ފަދައިން ބުނާ ޤާނޫނީ ސަބަބެއް ބުނެ ދީފައިނުވާކަމަށާއި، މަނީ ލޯންޑްރިންގގެ ކުށަކީ، ޢަމަލުން ފުރިހަމަވާ ކުށެއް ކަމުގައިވާތީ، އެ ކުށް ސާބިތުވުމުގައި އެ ކުށުގެ ޢަމަލުން ނުކުންނަ ވަކި ނަތީޖާއަކަށް ޤާނޫނީ ގޮތުން ބަލަން ނުޖެހޭނެކަން.

ކްރިމިނަލް ކޯޓުން މި މައްސަލަ ކުރިއަށް ދިޔައިރު، މައްސަލައިގެ އިބްތިދާއީ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ އެކުއެކީގައި ކުރިއަށް ގެންދިޔަ ގެންދިއުމާމެދު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އެއްވެސް އިޢުތިރާޟެއް އެ މަރުޙަލާގައި ހުށަހަޅާފައި ނުވާކަމަށާއި، އެއީ އިޖުރާއީ އައިބެއް ކަމުގައި ބެލިނަމަވެސް، އެ އައިބުގެ ސަބަބުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެއްވެސް އަސާސީ ޙައްޤަކަށް އުނިކަމެއް އައިސްފައި ނުވާތީ، ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108, 2020/SC-A/109, 2020/SC-A/110 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުން އެ އިޖުރާއަތު ހިންގާފައިވާ ގޮތުގެ ސަބަބުން މި މައްސަލައިގެ ނިންމުމަށް އަސަރު ނުކުރާނެކަން.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔައިރު، މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗް އެކުލަވާލެވިފައިވާ ގޮތާމެދު ކްރިމިނަލް ކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހަމައެކަނި ފާހަގަ ކޮށްފައިވަނީ އެ މައްސަލަ ބެލި ޤާޟީންގެ މަޖިލީހުގައި ޤާޟީ ޢަލީ ރަޝީދު ޙުސައިން ހިމެނިފައިވާތީ އިންސާފު އޭގެ އެންމެ މަތީ މިންވަރަށް ގާއިމުކުރުމުގެ ބޭނުމުގައި ޤާޟީ ޢަލީ ރަޝީދު ޙުސައިން މައްސަލައިން ތަނާޒުލުވުން އެ ފަރާތުން އެދޭ ކަން ކަމުގައި ވިޔަސް، ހައިކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ކްރިމިނަލް ކޯޓުން މި މައްސަލަ ބެލި ޤާޟީންގެ މަޖިލިސް އެކުލަވާލެވިފައިވަނީ އެކަމާ ގުޅިގެން އެ ކޯޓުން ޢަމަލުކުރުމަށް އެކުލަވާލެވިފައިވާ އުސޫލާ ޚިލާފަށް ކަމުގައިވާއިރު، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވަނީ ދަށު މަރުޙަލާގެ ކޯޓުގައި އެ ނުކުތާ އެފަދައިން ފާހަގަ ކޮށްފައިނުވާތީ މި ނުކުތާއަކީ ހައިކޯޓުގެ މަރުޙަލާގައި ނެގިދާނެ ނުކުތާއެއް ނޫންކަމުގައިކަމާއި، ކަންމިހެން އޮތުމުން މި ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބެލެވެން ނެތްކަން.

މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހުށަހެޅުނު ޝަފަހީ ހެކިންގެ ތެރެއިން އަޙްމަދު އަދީބް ޢަބްދުލްޣަފޫރާއި ޢަބްދުﷲ ޒިޔާތުގެ ހެކިބަހަށް ޝަރީޢަތުން ބުރަދަން ދީފައިވަނީ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުންކަމަށާއި، އަދި މުޢައްވިޒު ރަޝީދުގެ ހެކިބަސް ބަލައި ގަންނަން ނުޖެހޭފަދަ ހަރުދަނާ ޙުއްޖަތެއް ހައިކޯޓުގައި ދެއްކިފައި ނުވާކަމަށް އެ ކޯޓުން ނިންމާފައިވާއިރު، އަޙްމަދު އަދީބް ޢަބްދުލްޣަފޫރާއި، ޢަބްދުﷲ ޒިޔާތުގެ ހެކިބަހާމެދު ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެއްކިފައިނުވާކަން އަދި މުޢައްވިޒު ރަޝީދުގެ ހެކިބަސް ބަލައި ނުގަނެވޭނެކަމަށް ސުޕްރީމް ކޯޓުގައި ދައްކާ ވާހަކަތަކަކީ ހައިކޯޓުގެ މަރުޙަލާގައި އެފަދައިން ދެއްކި ވާހަކަތަކެއް ނޫންކަން.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުގެ ތެރޭގައި ހިމެނޭ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 21 ފެބްރުއަރީ 2018 ގެ ސިޓީއަށް ބަލާއިރު، އެ ސިޓީން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިޔަން އެމެރިކާ ޑޮލަރަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ދޭހަވާކަން.

އެސްކްރޯ އެކައުންޓުގެ އެގްރީމެންޓުގައި 25 މާރޗް 2018 ސޮއިކުރިއިރު ވެސް އެ އެއްބަސްވުމުގައި ލިޔެފައިވާ އެކައުންޓުގައި ފައިސާ ނެތްކަން ސާބިތުވާއިރު، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޢަދަދަށް އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރުމުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރެވުނީ ކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާއާމެދު ހައިކޯޓުން ނިންމާފައިވަނީ މި ވާޤިޢާއާ ގުޅުންހުރި ޙަޤީޤަތްތަކަށް ރިޢާޔަތް ކުރުމެއްނެތި ކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނިނަމަވެސް، ހައިކޯޓުން މި ނުކުތާގައި ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ބުނެދެވިފައި ނުވާކަމަށާއި، ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، އެސްކްރޯ އެއްބަސްވުމުގައި ސޮއިކުރިއިރު، ޢަބްދުﷲ ޔާމީންޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވި އެއް މިލިޔަން އެމެރިކާ ޑޮލަރު އެ އެކައުންޓުގައި ނެތްކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެނގޭކަން ސާބިތުވާ އެއްވެސް ހެއްކެއް ނެތްކަން.

ސިޔާސީ ޕާޓީގެ ޤާނޫނުގެ 40 ވަނަ މާއްދާއާއި، އިންތިޚާބުތަކާބެހޭ ޤާނޫނުގެ 68 ވަނަ މާއްދާ ހައިކޯޓުން މާނަކޮށް، ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޤާނޫނީ ބަހުސެއްގެ ގޮތުގައި ފާހަގަކުރާ ކަންކަމަކީ އެ ފަރާތުން ހައިކޯޓުގައި އެ ފަދައިން ފާހަގަ ކޮށްފައިވާ ކަންކަމެއް ނޫންކަން.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި، މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ، ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަން ސާބިތުކޮށް ދިނުން ޤާނޫނީ ގޮތުން ލާޒިމު ނޫންކަމަށާއި، އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތެއް އޮތުމުން ފުދޭނެކަން.

ދައުލަތުން ހެކި ހުށަހެޅި ސަބަބުތައް ނޫން އެހެން ސަބަބުތައް ސާބިތުކުރުމަށް އެ ހެކިތައް ބޭނުންކޮށްފައިވާކަން ސާފުކޮށް އެނގެން އޮތްއިރު، ދައުލަތުން ހެކި ހުށަހަޅާފައިވާ ސަބަބުތައް ނޫން ސަބަބުތަކެއް ސާބިތުކުރުމަށް އެ ހެކިތައް ބޭނުންކޮށްފައިވާކަން އެނގޭނޭ ހަރުދަނާ އެއްވެސް ހުއްޖަތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެއްކިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ތަރަހައިން ބޭރުން ކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނިނަމަވެސް، ހައިކޯޓުން މި ނުކުތާގައި ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ބުނެދެވިފައިނުވާކަމަށާއި، ހެކިންގެ ފަރާތުން ސާފުކުރަން ބޭނުންވާ އެންމެހައި ކަންކަން ދަޢުވާ ފޯމާއެކު ހުށަހަޅަންޖެހޭ ޤާނޫނީ އެއްވެސް އަސާސެއް ނެތްކަން.

މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދިފާޢީ ހެކިތަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަމަށާއި، އަދި އެކަން ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވާ ކަމަށާއި، ދިފާޢީ ހެކިތަކުގެ ތެރެއިން ޙުކުމަށް އަސަރު ކުރާފަދަ އެއްވެސް ހެއްކަކަށް ކްރިމިނަލް ކޯޓުން ރިޢާޔަތް ނުކޮށް ދޫކޮށްލާފައި ނެތްކަން ހައިކޯޓުގެ ނިންމުމުން އެނގޭކަން.

ޤާނޫނުލްއުޤޫބާތުގެ 28 ވަނަ މާއްދާއަކީ، ޤާނޫނުލްޢުޤޫބާތުގެ 20 ވަނަ ބާބުގައި ބަޔާންކޮށްފައިވާ "ކުށުގެ ޒިންމާ އުފުލުމުގެ އަސާސީ މިންގަނޑުތަކާއި ކުށުގެ ޒިންމާ އަދި ކުށުން ކުރިމަތިވާ ގެއްލުމުގެ ޒިންމާ އުފުލުމާ ގުޅޭ ދިފާޢު" ތަކުގެ ތެރެއިން "ކުށްކަމުގައި ބެލެވޭ ޢަމަލުގެ ޒާތަށާއި ޙާލަތްތަކުގެ މައްޗަށް ބުރަވެ ކޯޓުން ނުބަލާ ދޫކޮށްލެވޭ ޢަމަލުތައް" ބަޔާންކޮށްފައިވާ މާއްދާކަމާއި، މި މާއްދާގައިވާ ދިފާޢެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަޅާފައިނުވާތީވެ، ހައިކޯޓުން މި ނުކުތާގައި ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ނުބެލެވޭނެކަން.

ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށްފައިވާ ޤާނޫނެއް ކަމަށާއި، އެ ޤާނޫނު މާނަކުރަންޖެހޭނީ އެ ޤާނޫނުގެ މަޤްޞަދު ނުގެއްލޭ ގޮތަށް ކަމަށާއި، އެ ޤާނޫނުގެ 05 ވަނަ މާއްދާއާއި، 07 ވަނަ މާއްދާއާއި އަދި 08 ވަނަ މާއްދާއަކީވެސް، ކަމާ ގުޅުންހުރި ބައިނަލްއަޤުވާމީ ކޮންވެންޝަންތަކާއި ބެސްޓް ޕްރެކްޓިސްތަކާއި، ފައިނޭންޝިއަލް އެކްޝަން ޓާސްކް ފޯރސް( އެފް.އޭ.ޓީ.އެފްގެ ހުށަހެޅުންތަކާ އެއްހަމަކޮށްހުރި މާއްދާތަކެއްކަމަށާއި، އެ ޤާނޫނުގައި ކުށާއި އަދަބު ބަޔާންވެފައި އޮތް އޮތުން ޤާނޫނުއަސާސީގެ 61 ވަނަ މާއްދާއާ ޚިލާފު ނުވާކަން އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންގަނޑުން އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ސާބިތުވުމަށްވެސް ހުރަހެއް ނެތްކަން.

މި މައްސަލައިގައި ކުށް ސާބިތުކުރުމަށް ހުރަސްއަޅާފަދަ، ސުޕްރީމް ކޯޓުގެ ޢިމްރާން ޢަބްދުﷲ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވާފަދަ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމަށް ހުރަސްއަޅާ ކޮންމެ ޝައްކެއް" ނެތްކަމާއި، މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ، އަދި އެ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހުށަހެޅުނު ހެކިތަކުން އޭނާ ކުށެއްކޮށްފިކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތުމުން ކަން.

ކުށުގެ ޢުޤޫބާތެއްގެ ގޮތުގައި ކުރެވޭ ޖޫރިމަނާގެ ފައިސާއަކީ މަނިޓަރީ ގަވާއިދުގެ 5 ވަނަ ނަންބަރުގެ އިމުގެ ތެރެއަށް ވަންނަ ފައިސާއެއް ނޫންކަމުގައިވާތީއާއި، މަނީ ލޯންޑްރިންގގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ކުށުގެ ޢަމަލު ހިންގި ފައިސާގެ ޢަދަދުން ޖޫރިމަނާ ކުރުމަށް ބަޔާންވެފައިވާތީ، މަނިޓަރީ ގަވާއިދުގެ 05 ވަނަ މާއްދާއާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ނުބެލެވޭކަން.

މި މައްސަލައިގައި ޖޫރިމަނާގެ އަދަބު ކަނޑައަޅާފައިވަނީ މަނީ ލޯންޑްރިންގގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ބުނާ ހުދޫދުގެ ތެރޭގައިކަމަށްވާތީ، އެއީ ޤާނޫނާ ޚިލާފަށް ކަނޑައެޅިފައިވާ ޖޫރިމަނާގެ ޢަދަދެއް ކަމުގައި ނުބެލެވޭނެކަން.

މައްސަލަ ދިރާސާ ކުރުމުގައި ކުރިމަތިވި ދަތިތައް

އަހުރެންގެ ކުރިމަތީގައި އޮތް މި މައްސަލައަކީ އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި މައިގަނޑު ގޮތެއްގައި އަހުރެން ގޮތެއް ކަނޑައަޅަންޖެހޭނީ ހައިކޯޓުން މި މައްސަލަ ނިންމުމުގައި ޤާނޫނާ ޚިލާފުވެފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. މި ކަންކަން ދެނެގަތުމަށް މި މައްސަލަ ދިރާސާ ކުރުމަށް އަހުރެން ފެށިއިރު، ފާހަގަ ކުރެވުނީ، މި މައްސަލައަކީ ނިސްބަތުން ލިޔުންތައް ގިނަ މައްސަލައެއްކަމެވެ. އަދި މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ މިހައިތަނަށް ހައިކޯޓުން ލިޔެފައިވާ އެންމެ ދިގު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓެވެ. އަދި މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތައްވެސް ނިސްބަތުން ގިނަކަމެވެ.

އިސްތިއުނާފީ ނުކުތާތަކަށް ރުޖޫޢަވިއިރު، އެ ނުކުތާތަކުގައި ހައިކޯޓުން އެ ނުކުތާތަކާ ގުޅިގެން ނިންމާފައިވާ ނިންމުންތަކަކީ ކޮބައިކަން އެނގޭނެހެން ސާފުކޮށް ޙަވާލާ ދީފައިނުވެއެވެ. އެއް ވާޤިޢާއަކާ ގުޅޭ އެއް ނުކުތާއަށްވުރެ ގިނަ ނުކުތާ، ތަރުތީބެއްނެތި އިސްތިއުނާފު ފޯމުގެ އެތަން މިތަނަށް ވިއްސިވިހާލިވެފައިވެއެވެ. އިސްތިއުނާފީ ނުކުތާތައް އިސްތިއުނާފީ ފޯމުގައި ހިމަނާފައިވާ ތަރުތީބުން ހުށަހެޅުމުގެ ފުރުސަތު ޝަރީޢަތުގައި ދީފިނަމަ، މައްސަލައިގެ ވަގުތު އިގުތިސާދު ނުކުރެވިދާނެތީވެ، އިސްތިއުނާފު ކުރާ ފަރާތުގެ ޙައްޤު ނުގެއްލޭނެހެން އެ ނުކުތާތައް އަލުން ތަރުތީބު ކުރުމަށްފަހު އެ ނުކުތާތައް އެ ތަރުތީބުން ހުށަހަޅައި ޖަވާބު ދިނުމަށް ނިންމުނީ މި ސަބަބާހުރެއެވެ. އަހުރެންގެ މި ރައުޔުގައި އިސްތިއުނާފީ ނުކުތާތަކަށް ޙަވާލާ ދީފައިވަނީ އެ ނުކުތާތައް ހުށަހަޅަން ޝަރީޢަތުން ފުރުސަތު ދިން ތަރުތީބުންނެވެ.

އިސްތިއުނާފީ ނުކުތާތައް ބަޔާންކުރުމުގައި، އެ ނުކުތާތަކާމެދު ހައިކޯޓުން ނިންމާފައިވަނީ ކިހިނަކުންކަމާއި، އެ ނިންމުން އޮތީ ހައިކޯޓުގެ ނިންމުމުގެ ކޮން ސަފުހާއެއްގައިކަމާއި، ވަކި ކަމަކަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާނަމަ، އެ ވާހަކައެއް ހައިކޯޓުގައި ދެއްކިކަން ނުވަތަ ރިޢާޔަތް ކުރަންޖެހޭ ސަބަބު ސާފުކޮށް އެނގެން ވާނެއެވެ. އިސްތިއުނާފީ ނުކުތާއެއްގައި އެއްވެސް ކޯޓެއްގެ ނިންމުމަކަށް ޙަވާލާދޭނަމަ ޙަވާލާ ދޭންވާނީ އެ ނިންމުމަކީ ކޮބައިކަން އެނގޭނެފަދައަކުންނެވެ. ބޭރު ގައުމެއްގެ ކޯޓަކުން ނިންމާފައިވާ މައްސަލައެއްނަމަވެސް މިފަދައިން ޢަމަލު ކުރެވެންވާނެއެވެ. މިކަން މި މޭރުމުން ހުންނަ ނަމަ، ހުރިހާ ފަރާތެއްގެ ވަގުތު ސަލާމަތް ކޮށް، މައްސަލަ ދިރާސާ ކުރުން ލުއި ފަސޭހަވެގެންދާނެއެވެ.

މި އިސްތިއުނާފީ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި އިސްތިއުނާފީ ފޯމުގައި އިސްތިއުނާފީ ނުކުތާތައް ހިމެނިފައިވާ އިމުން ބޭރުވެ އިސްތިއުނާފު ކުރާ ފަރާތުން ވާހަކަ ދައްކާފައިވެއެވެ. ނަމަވެސް މި ކަންކަމަށް އަހުރެންގެ މި ރައުޔުގައި ބުރަދަނެއް ނުދެމެވެ. އެހެނީ އިސްތިއުނާފީ ނުކުތާތައް ލިޔުމުން ހުށަހެޅުމުގެ ބޭނުމަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް އެ ނުކުތާތަކުގެ ތަރަހައިން ބޭރުނުވެ ވާހަކަ ދެއްކުމާއި ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދިނުމެވެ. އެ ނުކުތާތަކުން ބޭރުން ވާހަކަ ދައްކާނަމަ، އިސްތިއުނާފީ އިންތަކާއި މިންތައް ނުހިފެހެއްޓޭނެއެވެ. ކަންމިހެން އޮތްނަމަވެސް، އިސްތިއުނާފީ ނުކުތާތަކާ ބެހޭ ގޮތުން ދެ ފަރާތުން ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ދެއްކުމަށް ކޯޓުން ފުރުސަތު ދީފައިވާނެއެވެ. ސަބަބަކީ، މި މައްސަލައިގައި ހައިކޯޓަށް ލިޔުމުން ހުށަހެޅުނު ލިޔުންތަކާއި، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގައި ނުހަނު ކުރުކޮށް ވާހަކަ ދައްކާފައި ހުރުމުން މައްސަލައިގެ ޚަޞްމުންގެ ހުށަހެޅުންތަކުގެ ތަފުސީލުތައް ގެއްލިގެން ގޮސްދާނެ ކަމަށް ފެންނާތީއެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

ހުށަހެޅިފައިވާ މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށާއި، އެ ނުކުތާތަކުގެ ރައްދުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އަހުރެން އެންމެ ފުރަތަމަ ގޮތެއް ކަނޑައަޅާނީ ޝަރީޢަތުގެ މަރުޙަލާގެ ކުރިއަށް އަންނަ އިޖުރާއީ ކަންކަމާ ގުޅޭ ގޮތުން މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާމެދުގައެވެ. މި ގޮތުން އިސްތިއުނާފީ ފުރަތަމަ ނުކުތާއިން ފެށިގެން ފަސްވަނަ ނުކުތާގެ ނިޔަލަށް ހުރި ނުކުތާތަކާއި، ހަތްވަނަ ނުކުތާއާމެދު، އަހުރެންނަށް ފެންނަ ގޮތް ބަޔާން ކުރާނަމަވެ.

ޝަރީޢަތުގެ ކުރީގެ މަރުޙަލާއާ ގުޅޭ އިސްތިއުނާފީ ނުކުތާތަކަށް ގޮތް ކަނޑައެޅުމަށްފަހު ދެން ގޮތެއް ކަނޑައަޅާނީ ޝަރީޢަތުގެ މަރުޙަލާއާ ގުޅޭ އިސްތިއުނާފީ ނުކުތާތަކާމެދުގައެވެ. މި ގޮތުން އިސްތިއުނާފީ 08 ވަނަ ނުކުތާއާއި، 06 ވަނަ ނުކުތާއާއި، 16 ވަނަ ނުކުތާއާއި، 14 ވަނަ ނުކުތާއާއި، 15 ވަނަ ނުކުތާއާއި، 21 ވަނަ ނުކުތާއާއި 22 ވަނަ ނުކުތާއާމެދު ގޮތެއް ކަނޑައަޅާނަމެވެ.

މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކީ، ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާ މުދާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވިގެން ދަޢުވާކުރެވޭ މަނީ ލޯންޑްރިންގގެ މައްސަލަތަކުގައި، ކުށް ސާބިތުކުރުމުގައި "މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް" ނުވަތަ ޕްރިޑިކޭޓް އޮފެންސް ސާބިތުވާންޖެހޭނެކަން ނުވަތަ ނޫން ކަމާމެދުގައެވެ.

މި ނުކުތާއާމެދު ގޮތެއް ކަނޑައެޅުމުގައި އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން ދަޢުވާ އުފުލިފައިވާ މީހާއަށް ޝައްކުކުރެވޭ ހާލަތެއް އޮތްކަން ނުވަތަ ނޫންކަން ޝަރީޢަތުން ވަޒަންކުރާނީ ކިހިނަކުންކަން ދެނެގަންނަންޖެހެއެވެ. އަދި މިފަދައިން ވަޒަންކުރުމުގައި ހެކި ހުންނަންޖެހޭނެ މިންވަރަކީ ކޮބައިކަންވެސް ދެނެގަންނަންޖެހެއެވެ. މި ނުކުތާއާ މެދު ގޮތެއް ކަނޑައެޅިގެން އަންނައިރު، މަނީ ލޯންޑްރިންގގެ ޤާނޫނުގެ 05 ވަނަ މާއްދާއާއި، 07 ވަނަ މާއްދާއާއި 08 ވަނަ މާއްދާ މާނަކޮށް ތަޠުބީޤު ކުރުމާ ގުޅިގެން ފާހަގަކޮށްފައިވާ އިސްތިއުނާފީ 17 ވަނަ ނުކުތާއާއި 18 ވަނަ ނުކުތާއާމެދު ގޮތެއް ކަނޑައެޅިގެން ދާނެއެވެ.

ކުށުގެ ނިޔަތުގެ ރުކުނާ ގުޅޭ އިސްތިއުނާފީ މައިގަނޑު ދެ ނުކުތާއާމެދު ގޮތެއް ކަނޑައެޅުމަށްފަހު ދެން އަހުރެން ގޮތެއް ކަނޑައަޅާނީ މި މައްސަލައިގެ ހެކިތަކާ ގުޅިގެން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާމެދުގައެވެ. އޭގެތެރޭގައި އެ ރުކުން ސާބިތުކުރުމަށް ހެކި ބޭނުންވާކަމަށް ކަނޑައެޅިއްޖެނަމަ، މި އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން އެ ފަދަ ހެކިތަކާ ގުޅޭ އަންނަނިވި ތަރުތީބުން ބާކީ ހުރި އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅާނަމެވެ. މި ތަރުތީބު އަހުރެން މި ބަލަނީ ތުހުމަތު ކުރެވޭ ކުށުގެ ޢަމަލު ހިނގާފައިވާކަމަށް ބެލެވޭ ތަރުތީބަށެވެ.

މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހެކިބަސް ދީފައިވާ ޝަފަހީ ހެކިންނަކީ ޢަދުލުވެރި ބައެއް ނޫންކަމުގައި ބުނެ ފާހަގަ ކުރި އިސްތިއުނާފީ 09 ވަނަ ނުކުތާ

މި މައްސަލައިގައި ހުށަހެޅުނު ކިތާބީ ހެކިތަކުން ހެކި ވަޒަންކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ފާހަގަކުރި އިސްތިއުނާފީ 10 ވަނަ ނުކުތާ

މި މައްސަލައިގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ 40 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި އިސްތިއުނާފީ 12 ވަނަ ނުކުތާ

އިސްލާމިކް ބޭންކަށް ޖަމާވެފައިވާ ފައިސާއިން މުޢާމަލާތު ނުކުރުމަށް އެންގުމަށްފަހު، އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށް އެންގި ވާގިއާ ކަށަވަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ފާހަގަކުރި އިސްތިއުނާފީ 11 ވަނަ ނުކުތާ

އިސްތިއުނާފީ 13 ވަނަ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަ ކޮށްފައިވާ އެއްކަމަކީ، މި މައްސަލައިގައި އެމް.އެމް.ޕީ.އާރް.ސީއަށް ލިބެންޖެހޭނެ ކަމުގައި ދައުލަތުން ބުނާ ފައިސާ އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވިކަމާމެދު ޝައްކެއް އުފެދޭ ކަމެވެ. މި ޝައްކު އިތުރަށް ކަށަވަރު ވެފައިވަނީ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ފަހުން ކްރިމިނަލް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޒިޔާތުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ފެނުމުން ކަމަށެވެ. މި ރިޕޯޓުގައި ގއ. ވޮޑަމުލާގެ ފައިސާ ދެއްކުމަށް ވޮޑަމުލާ ކުއްޔަށް ދޫކުރި ފަރާތުން އެމް.އެމް.ޕީ.އާރް.ސީއަށް ދޫކޮށްފައިވާ ޗެކްގެ ނަންބަރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޒިޔާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ބަޔާންކޮށްފައި އޮތް ގޮތާއި، އެ ޗެކް ޖަމާވިކަމަށް ބުނާ އެސް.އޯ.އެފް.ގެ އެކައުންޓް ސްޓޭޓްމަންޓްގައި ބަޔާންވެފައި އޮތް ގޮތާ ތަފާތުތަކެއް އެބަހުއްޓެވެ. އެ ތަފާތު އިތުރަށް ބެލުމުން އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި އެ ޗެކް ޑިޕޮޒިޓް ކުރިކަމަށް ބެލެވޭ ޑިޕޮޒިޓް ސްލިޕްގައިވާ ނަންބަރާއި، ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ޒިޔާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ބަޔާންކޮށްފައިވާ ނަންބަރާ ދިމާވާއިރު، ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރު އެސް.އޯ.އެފްގެ އެކައުންޓް ސްޓޭޓްމަންޓްގައިވާ ނަންބަރާ ދިމާނުވާކަން އެނގިފައިވާ ކަމަށެވެ.

އިސްތިއުނާފީ 13 ވަނަ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގައި އިސްތިއުނާފީ 19 އަދި 20 ވަނަ ނުކުތާއާމެދު ގޮތެއް ކަނޑައެޅިގެން ދާނެއެވެ. އަދި އިސްތިއުނާފީ 13 ވަނަ ނުކުތާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އެއްކޮޅަށް ނިމިއްޖެނަމަ، މި ރައުޔުގެ 72 ވަނަ ޕެރެގްރާފުގައިވާ ތަރުތީބުން އެ ނުކުތާތަކާމެދު އަހުރެންނަށް ފެންނަ ގޮތް ބަހުސްގެ ބޭނުމަށާއި، އުސޫލުތައް ތަޠުބީޤު ކުރެވިގެންދާ ގޮތް ބުނެދިނުމުގެ ގޮތުން ބަޔާންކުރާނަމެވެ.

މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން އައު ހެކިތަކެއް ހުށަހަޅާފައިވެއެވެ. އެ ހެކިތަކުގެ ތެރެއިން ޝަފަހީ ހެކިން ބަލައި ނުގަތުމަށް މި މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި އެންމެ ފަހުން ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ނިންމާފައިވާނެއެވެ. ބާކީ ހެކިތައް ބަލައިގަންނަނަމަ، އެކަން އަދި ބަލައި ނުގަންނަނަމަ، އެކަމުގެ ސަބަބު އެ ހެއްކާ ގުޅޭ އިސްތިއުނާފީ ނުކުތާއާމެދު ގޮތެއް ނިންމުމުގައި އަހުރެން ހިމަނާނަމެވެ.

މަތީގައި މި ބަޔާންކުރި ތަރުތީބުން މި މައްސަލައިގައި އަހުރެންގެ ރައުޔު ތަފުސީލުކޮށް ބަޔާންކުރުމަށްފަހު، ޖުމުލަ ގޮތެއްގައި އަހުރެންނަށް މި މައްސަލައިން ފާހަގަ ކުރެވޭ ކަމެއް އޮވެއްޖެނަމަ، އެކަމެއް ބަޔާންކޮށް، މި މައްސަލަ ނިންމަން ފެންނަ ގޮތް ހާމަކުރާނަމެވެ.

ތަޙްޤީޤާއި ދަޢުވާކުރުމާއި އިބްތިދާއީ މަރުޙަލާއާ ގުޅޭ އިސްތިއުނާފީ ނުކުތާތައް

ތަޙްޤީޤާއި، ދަޢުވާ ކުރުމާއި، އިބްތިދާއީ މަރުޙަލާއާ ގުޅިގެން މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޖުމުލަ 07 ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ހުރިހާ ނުކުތާތައް ހިމެނޭނެހެން ފަސް ކަމެއްގައި އަހުރެންނަށް ފެންނަ ގޮތް ތިރީގައި މި ބަޔާން ކުރަނީއެވެ.

ތަޙްޤީޤު ކުރިއަށް ގެންދިއުން

އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާއި އެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) މާނަކޮށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައެވެ. ސަބަބަކީ، މި މައްސަލައިގައި އެހެން މައްސަލަތަކާ ޚިލާފަށް މަނީ ލޯންޑްރިންގގެ ކުށާއި، އެ ކުށާ ގުޅިފައިވާ ކުށެއް ކަމުގައިވާ ކޮރަޕްޝަންގެ ކުށް ހިމެނިފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި ހިންގަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ޖޮއިންޓް އިންވެސްޓިގޭޝަނެކެވެ. ނަމަވެސް، މި މައްސަލަ ހަމަ އެކަނި ފުލުހުންގެ އިދާރާއިން ތަޙްޤީޤު ކޮށްފައި އޮތުމުން އެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފެވެ. އަދި މި ތަޙްޤީޤުގެ މައްޗަށް ބިނާކޮށް ކުރި ދަޢުވާއަކީ، އެ ދަޢުވާގައިވާ ކުށާ ގުޅިގެން ތަޙްޤީޤުގައި އެއްވެސް ވަރަކަށް ސުވާލުކޮށްފައިވާ ތަޙްޤީޤެއް ނޫން ކަމަށެވެ.

މި ނުކުތާގައި ހައިކޯޓުން ނިންމާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ ދަށުން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަންޖެހޭނީ، "ޤާނޫނު ތަންފީޛުކުރާ އެއް އިދާރާއިން ތަޙްޤީޤުކުރަމުންދާ ކުށަކީ ޤާނޫނު ތަންފީޛުކުރާ އެހެން އިދާރާއަކުން ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބޭ ކުށެއް ކަމުގައިވާނަމަ"، އެވެ. މި އުސޫލު މި މައްސަލައަށް ތަޤުބީޤުކުރާއިރު، މި މައްސަލައިގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަންޖެހޭނީ މަނީ ލޯންޑްރިންގގެ ކުށް ތަޙްޤީޤު ކުރުމުގެ ބާރު ދެ އިދާރާއަށް ލިބިފައިވާނަމައެވެ. ނަމަވެސް، މަނީ ލޯންޑްރިންގެ ކުށް ތަޙްޤީޤު ކުރުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިގެން ނުވާކަން، އެންޓި ކޮރަޕްޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާއާއި 23 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

ޖޮއިންޓް އިންވެސްޓިގޭޝަން ހިންގުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި އޮތީ،

"ފުލުހުން ތަޙްޤީޤުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ވަކި ޚާއްޞަ ބާވަތެއްގެ ޖިނާއީ ތަޙްޤީޤު ހިންގުމުގެ ބާރު ޤާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިޚްތިޞާޞް ހިނގާނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް ޢަމަލުކުރަންވާނެއެވެ.

(ހ) އެ ކުށުގެ އެ ބައިގެ ތަޙްޤީޤު އެ އިދާރާއަކުން ކުރިއަށް ގެންދިޔުމަށްޓަކައި އެ އިދާރާއަށް މައްސަލަ ހުށަހެޅުން؛ ނުވަތަ

(ށ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގިދާނެއެވެ." މި ފަދައިންނެވެ.

އަދި މި ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގައި އޮތީ

"ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދަޢުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤުކުރެވިފައި އޮންނަންވާނެއެވެ." މި ފަދައިންނެވެ.

މަނީ ލޯންޑްރިންގގެ ކުށުގެ މައްސަލަތަކަށް ބަލާއިރު، މަނީ ލޯންޑްރިންގގެ ކުށް ފުރިހަމަވުމުގައި، ބައެއް ފަހަރު މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށެއް ބޭނުންވެއެވެ. އަނެއްބައި ފަހަރު، އެ ކުށެއް ކޮށްގެން ހޯދާފައިވާ މުދާ ނިސްބަތްވާ ކުށެއް ބޭނުންވެއެވެ. އަދި ބައެއް ހާލަތުގައި ރާއްޖެއިން ބޭރުގައި ހިނގާ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ އެހެން ކުށެއްވެސް ތަޙްޤީޤު ކުރެވިފައި އޮންނަންޖެހިދާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެހެން ޖިނާއީ މައްސަލަތަކާ ޚިލާފަށް މަނީ ލޯންޑްރިންގގެ މައްސަލަތަކަކީ ހުރިހާ ހާލަތެއްގައި އެންމެ ކުށެއް ތަޙްޤީޤު ކޮށްގެން ތަޙްޤީޤު ފުރިހަމަ ކުރެވިދާނެ މައްސަލަތަކެއް ނޫނެވެ.

މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރުމަށް ބަލާއިރު، ޢާންމު ޖިނާއީ މައްސަލަތައް ތަޙްޤީޤު ކުރާ އުސޫލުން މަނީ ލޯންޑްރިންގގެ ކުށް ތަޙްޤީޤު ކުރުމުގެ ބާރަކީ، ފުލުހުންނަށް ލިބިގެންވާ ބާރެކެވެ. އަދި މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަކަށް ޖަމާވި އެއް މިލިޔަން އެމެރިކާ ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށާއި، އެ ކުށަކީ ކޮރަޕްޝަންގެ ކުށް ކަމުގައި ދައުލަތުން ބުނެއެވެ. މި ހާލަތުގައި އުފެދޭ އެއް ސުވާލަކީ، މަނީ ލޯންޑްރިންގގެ ކުށުގެ ތަޙްޤީޤުގެ ތެރެއިން ކޮރަޕްޝަންގެ ކުށް ތަޙްޤީޤު ކުރެވެންޖެހޭ ހެއްޔެވެ؟ އަނެއް ސުވާލަކީ ކޮރަޕްޝަންގެ ކުށް ތަޙްޤީޤު ނުކުރާނަމަ މަނީ ލޯންޑްރިންގގެ ކުށުގެ ތަޙްޤީޤަކީ ބާޠިލު ތަޙްޤީޤެއް ހެއްޔެވެ؟ އަހުރެން މި ސުވާލުތަކުގެ ޖަވާބު ދޭނީ، މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމުގައި ގުޅިފައިވާ ކުށް ސާބިތުވާންޖެހޭނެކަމަށް ބުނެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ 17 އަދި 18 ވަނަ ނުކުތާއަށް ޖަވާބު ދިނުމަށްފަހުގައެވެ.

މި އިސްތިއުނާފީ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކުރާ ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި އޭނާގެ މައްޗަށް ދަޢުވާ ކުރެވިފައިވާ ކުށާ ގުޅިގެން ތަޙްޤީޤުގައި އެއްވެސް ސުވާލެއް ނުކުރާކަމަށެވެ. ސުވާލު ކޮށްފައިވަނީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. މިކަން "ތުހުމަތު ކުރެވޭ ފަރާތާ ސުވާލުކުރުމުގެ ކުރިން ދެވޭ ޤާނޫނީ އިންޒާރު" އިން އެނގޭ ކަމަށެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ފުލުހުން ހިންގި ތަޙްޤީޤުގައި 08 ޖެނުއަރީ 2019 ގައި ދީފައިވާ ޤާނޫނީ އިންޒާރުގައި މަނީ ލޯންޑްރިންގގެ ކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ޤާނޫނުގެ 53 ވަނަ މާއްދާއާ ޙަވާލާދީ އިންޒާރު ދީފައިވާކަން އެ އިންޒާރުން އެނގެއެވެ. އަދި ތުހުމަތު ކުރެވޭ މައްސަލައިގެ ތަފުސީލުގައިވެސް މަނީ ލޯންޑްރިންގގެ ކުށުގެ ވާހަކަ ހިމެނިފައިވެއެވެ. އަދި މި އިންޒާރުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އޭނާގެ ވަކީލުގެ ހާޒިރުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އަދި 08 ޖެނުއަރީ 2019 ގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހުންނަށް ދީފައިވާ ބަޔާނުގައި މަނީ ލޯންޑްރިންގގެ ކުށާ ގުޅިގެން ސުވާލުކުރެވިފައިވެއެވެ. މި ވާޤިޢާތައް މި ގޮތަށް ލިޔުމުން ހާމަކޮށް ފެންނަން ހުރިއިރު، މިކަން މި ބަޔާންކުރެވުނު ގޮތާ ޚިލާފަށް ހުރިކަން އެނގޭނެ ހެއްކެއް ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހާމަކޮށްފައިނުވެއެވެ. ހަމައެކަނި އޮތީ މިފަދައިން ބުނާ ބުނުމެކެވެ. ކަން މިހެން އޮތް އިރު، އިސްތިއުނާފީ ނުކުތާގެ މި ބައިގައި ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ތަފާތު ކުރުމުގެ ތެރެއިން އުފުލާފައިވާ ދަޢުވާއެއް ބަލައިގަނެ ކުރިއަށް ގެންދިއުން

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކުރާ އިސްތިއުނާފީ 03 ވަނަ ނުކުތާގައި ބުނަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އުފުލައި، އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ޚިލާފަށް ހަމަހަމަ ކަމުގެ އުސޫލުން ބޭރުންކަމަށެވެ. އަދި މި ނުކުތާ ކްރިމިނަލް ކޯޓެކޭ އެއްފަދައިން ހައިކޯޓުގައިވެސް ފާހަގަ ކުރިކަމަށާއި، މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާ މާނަކޮށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

މި ނުކުތާއާ ގުޅިގެން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހައިކޯޓުން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާ މާނަކޮށް ތަޠުބީޤުކޮށްފައި އޮތް އޮތުން ރަނގަޅު ނޫންކަމުގައި ބުނިނަމަވެސް އެ ފަދައިން ރަނގަޅު ނޫންކަމަށް ބުނާ ޤާނޫނީ ސަބަބެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާކަމަށެވެ.

ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ވަނީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ހައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި ތަފާތު ކޮށްގެން ނުވާނެ ވާހަކައެވެ. މީގެ އިތުރުން 20 ވަނަ މާއްދާގައިވަނީ، "ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެކެވެ." މި ފަދައިންނެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޤާނޫނުއަސާސީގައިވާ ހަމަހަމަ ކަމާއި ތަފާތު ނުކުރުމުގެ އުސޫލާބެހޭ ގޮތުން ހައިކޯޓުގައި ފާހަގަ ކުރި އިސްތިއުނާފީ ނުކުތާއާ ގުޅިގެން އެ ކޯޓުގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައިވަނީ، "ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އެއް ހާލަތެއްގައި ހުރި މީހެއްގެ މައްޗަށް ދަޢުވާ ނުކޮށް ދޫކޮށްލާފައިވާކަމުގެ ޙުއްޖަތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެއްކިފައި ނުވާތީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 60/Cr-C/2019 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ޚިލާފަށް ތަފާތު ކުރުމުގެ ތެރެއިން އުފުލާފައިވާ ދަޢުވާއެއް ކަމުގައި ބެލެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ." މި ފަދައިންނެވެ.

މި ނުކުތާގައި ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާ މާނަކޮށްފައި ނުވެއެވެ. އަދި އެ މާއްދާ ތަޠުބީޤު ކުރެވޭނެ ހާލަތެއް އޮތްކަން ވަޒަންކުރުމުގައި އެފަދައިން ތަފާތު ކޮށްފައިވާކަން އެނގޭނެ ހުއްޖަތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދެއްކިފައި ނުވާކަން ހައިކޯޓުން ނިންމާފައިވެއެވެ.

ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައިވުމާއެކު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދަޢުވާ އުފުލުމުގައި ތަފާތު ކުރުމެއް ގެންގުޅެފައިވާނެކަން އެނގޭނެ ހެއްކެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން ނުވަތަ ނޫންކަމަށް ބަލާއިރު، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި، 20 ވަނަ މާއްދާ ފާހަގަކޮށް، މި މައްސަލައިގެ ތަޙްޤީޤުކޮށް ދަޢުވާ ކުރުމުގައި އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނަތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެމެދު ތަފާތު ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ ހުށަހެޅުމުގައި މިކަން ސާބިތު ކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިވާކަން ކްރިމިނަލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެންނެތެވެ.

މީގެ އިތުރަށް އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނަތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާއި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ އެއް ހަމައެއްގައި ތިބި ބައެއް ނޫންކަން ނުވަތަ އެއް ހާލަތެއްގައި ތިބި ބައެއް ނޫންކަން ބަޔާކޮށް ދިނުމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ދަޢުވާ ކުރެވިފައިވާ ހާދިސާގައިވާ ޢަމަލު ހިނގިއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުރި މީހެއްކަމުގައި ހައިކޯޓުން ނިންމުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫންކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނިނަމަވެސް، އެ ފަދައިން ހައިކޯޓުން ނިންމާފައިނުވެއެވެ. މި ނުކުތާގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާހަކަ ހައިކޯޓުން ބަޔާންކޮށްފައިވަނީ އެހެން އިސްތިއުނާފީ ނުކުތާތަކާމެދު ފަނޑިޔާރަށް ފެންނަ ގޮތް ހާމަކުރުމުގެ ކުރިން ދެ ފަރާތުން އެ ނުކުތާއާމެދު ދައްކާފައިވާ ވާހަކަތައް ބަޔާންކުރުމުގެ ގޮތުންނެވެ.

ކަން މިހެން އޮތުމާއެކު، މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމާމެދު ޤާނޫނީ ބަހުސެއްގެ މައްޗަށް ބިނާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ދަޢުވާގައި ތަފުސީލުތައް ނެތުމާއި ދަޢުވާ ސާފުކޮށް ނުދެވުން

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އިސްތިއުނާފީ 2 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލުނު މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ކުށުގެ ޢަމަލުގެ ތަފުސީލުތައް ހިމެނިފައިނުވާކަމަށެވެ. އަދި މިކަމުގެ ސަބަބުން އިބްތިދާއީ މަރުޙަލާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލުނު ދަޢުވާއަކީ ކޮބައިކަން ސާފުކޮށްދެވިފައި ނުވާކަމަށެވެ. މި ނުކުތާގައި ހައިކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި ކުށާގުޅޭ ތަފުސީލީ މަޢުލޫމާތު އެކަށީގެންވާ މިންވަރަށް ދަޢުވާ ފޯމުގައި ހިމެނިފައިވާ ކަމަށެވެ.

މި ނުކުތާގެ ރައްދުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ މިންވަރަށް ދަޢުވާގައި ކުށުގެ ޢަމަލުގެ ތަފުސީލުތައް ހިމެނިފައިވާނެ ކަމަށެވެ. މި ގޮތުން ދަޢުވާގައި މަނީ ލޯންޑްރިންގ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ 02 އަދި 03 ވަނަ ނަންބަރުގައިވާ ކުށުގެ ޢުންޞުރުތައް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޢަމަލުން ފުރިހަމަވާ ގޮތް ތަފުސީލުކޮށް ދަޢުވާގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ދަޢުވާގައިވާ ކުށުގެ ޢަމަލު ތަފުސީލުކޮށް އިބްތިދާއީ މަރުޙަލާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ބުނެދެވިފައިވާނެކަމަށާއި، މި ނުކުތާގައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ނުވާކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު، އެ އަކުރުގައި އޮންނަނީ، "ދަޢުވާއެއްގައި ކުށް ބަޔާން ކުރުމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ ޢަމަލާއި، އޭނާ ކުށް ކުރި ކަމަށް ބުނާ ވަގުތާއި ތަން ބަޔާން ކުރަންވާނެއެވެ. އަދި އެ ކުށަކީ، މީހަކާ ދެކޮޅަށް ހިންގުނު ކުށެއް ކަމުގައިވާނަމަ، ނުވަތަ ވަކި އެއްޗެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ، އެ މީހެއް ނުވަތަ އެ އެއްޗެއްގެ ތަފްޞީލުވެސް ބަޔާން ކުރަންވާނެއެވެ." މި ފަދައިންނެވެ. އަދި ދަޢުވާއަށް ޖަވާބުދާރީވުމަށް އެންގުމުގެ ކުރިން، "ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން ދަޢުވާ ލިބޭ ފަރާތަށް އެނގޭތޯ ސުވާލުކޮށް، އޭނާއަށް ދަޢުވާ ސާފުވެފައިނުވާނަމަ ދަޢުވާ ސާފުކޮށްދިނުމަށް" މައްސަލަ ބަލާ ފަނޑިޔާރު އަންގަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ދަޢުވާއެއް އޮންނަންވީ ގޮތް ބަޔާންކޮށްދީފައިއެވަނީ މީހެއްގެ މައްޗަށް އުފުލޭ ދަޢުވާގައި ބަޔާންކުރާ ކުށުގެ ޢަމަލަކީ، ކޮބައިކަމާއި، އެ ކުށުގެ ޢަމަލު މަނާކުރާ ޤާނޫނީ މާއްދާއާއި، ކުށުގެ އަދަބު ފަދަ، އެމީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށަކީ ކޮބައިކަމާއި، އެ ދަޢުވާއިން ދިފާޢުވުމަށްޓަކައި ކުރެވޭނީ ކޮން ކަންތައްތަކެއްކަން އެނގޭނެ ބީދައަކުން އެ ދަޢުވާ އުފުލިފައިވުން ކަށަވަރު ކޮށްދިނުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ އެންމެހައި ހައްޤުތައް ކަށަވަރުކުރެވޭނެ ފަދައަކުން އެ ދަޢުވާ އޮތުމެވެ. އަދި ދަޢުވާ ސާފު ނުވާކަމަށާއި، ދަޢުވާގައި ހުންނަ އުނިކަންކަން ފާހަގަކޮށް އެކަންކަމާ ގުޅޭ ގޮތުން އިބްތިދާއީ މަރުޙަލާގައި އެކަށީގެންނުވާ ވަގުތު ހޭދަވިޔަ ނުދިނުމެވެ.

ސުވާލަކީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތަށް ގއ. ވޮޑަމުލާގެ ވާހަކަ ދަޢުވާގައި ހިމެނިފައި ނެތުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި ދަޢުވާގައިވާ އުނިކަމެއް ހެއްޔެވެ؟ އަދި އެ ރަށުގެ ވާހަކަ ނެތުމުގެ ސަބަބުން ދަޢުވާއިން ދިފާޢުވުމަށް ހުރަހެއް ކުރިމަތިވި ހެއްޔެވެ؟

މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލި ދަޢުވާގެ ތަފުސީލު ބަޔާންށްފައިވާ ފޯމަށް ބަލާއިރު، އެ ފޯމުގައި މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިޔަން ޑޮލަރަކީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ ފައިސާ ދައުލަތަށް ލިބެންޖެހެނީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ފައިސާއަށް ވާތީކަމުގައި ބުނެފައިނުވެއެވެ. ނަމަވެސް، އެއީ އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ ފައިސާކަން ދަޢުވާ ފޯމުން ސާފުވެއެވެ. މީގެ އިތުރުން ކުށުގެ ޢަމަލު ހިންގިތަނާއި، ވަގުތަށް ބަލާއިރު، ދަޢުވާ ފޯމުގައި ކުށުގެ ޢަމަލު ހިންގިތަނަކީ، މިވެނި ތަނެއްކަމާއި، ކުށުގެ ޢަމަލު ހިންގާފައިވަނީ މި ވެނި ވަގުތަކު ކަމުގައި ދަޢުވާ ފޯމުގައި ބަޔާންވެފައިނުވެއެވެ.

ކުށުގެ ޢަމަލުގެ ތަފުސީލުތައް ދަޢުވާ ފޯމުގައި ބަޔާންކޮށް ދިނުމުގައި، ކުށުގެ ޢަމަލު ހިންގި ވަކިތަނަކާއި، ވަގުތެއް ބަޔާން ނުކުރެވިދާނެއެވެ. މިސާލަކަށް އެ ކުށަކީ އެއްތަނަށްވުރެ ގިނަ ތަންތަނުގައި ހިންގާފައިވާ ކުށަކަށްވުން ނުވަތަ އެއް ވަގުތަކަށްވުރެ ގިނަ ވަގުތުގައި ކުށުގެ ޢަމަލުގެ އެކިބައިތައް ފުރިހަމަވާ ޢަމަލެއް ކަމުގައިވެސް ވެދާނެއެވެ. އަދި ކުށުގެ ޢަމަލަކީ، އޭގެ ޒާތުގައި ފުރިހަމަވުމަށް ވަކި ތަނެއް ބޭނުންނުވާ ޢަމަލަކަށްވެސް ވެދާނެއެވެ. މި ސަބަބަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ދަޢުވާގެ ދިފާޢު ތައްޔާރުވުމަށް ބަލާއިރު، ދަޢުވާ ފޯމުގައި ކުށުގެ ތަފުސީލުތައް ހިމެނިފައި އޮތްގޮތުގެ ސަބަބުން ދިފާޢު ބިނާކުރުމަށް ހުރަސްއެޅޭނަމަ، ނުވަތަ ދަޢުވާ އުފުލިފައިވާ މީހާގެ އެހެންވެސް ހައްޤެއް ދަޢުވާއާ ގުޅިގެން ގެއްލޭނަމަ، އެކަންކަން ފާހަގަ ކުރާނެ މަރުޙަލާއެއް ބަޔާންކޮށްދީފައިވެއެވެ. އެ މަރުޙަލާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ދަޢުވާ ސާފުކޮށް ދިނުމަށް އޮންނަ މަރުޙަލާއެވެ. މި މަރުޙަލާގައި، ދަޢުވާ ސާފުކޮށްދިނުމުގައި ދައުލަތުގެ ފަރާތުން ދައްކާ ވާހަކަ ފުށުއަރައިގެން ނުވާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ދަޢުވާ ތަފުސީލު ކުރުމުގައި ވަކި ކަމެއް ހިނގާފައިވަނީ މިވެނި ގޮތަކަށް ކަމުގައި ބުނެ އެ ކަމެއް ހިނގާފައިވާ ގޮތް ބުނެދިނުމުގައި ދެ ފަހަރު ދެ ގޮތަކަށް ބުނެދެވިގެން ނުވާނެއެވެ.

މި މައްސަލައަށް ބަލާއިރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަކަށް ޖަމާވި އެއް މިލިޔަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބެންޖެހޭ އަސާސަކީ އެއީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ފައިސާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައިވާތީކަން ދައުލަތުން މި މައްސަލައިގައި ދައްކާފައިވާ ވާހަކަތަކުންނާއި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އެނގެއެވެ. މިކަމުގައި ފުށުއެރުމެއް ނުވަތަ ތަފާތެއް ދައުލަތުން ގެންގުޅެފައިނުވެއެވެ. އަދި މިފަދައިން ދަޢުވާ އިން ދިފާޢުވެވޭނެ ފަދައިން ކުށްކުރި ވަގުތާއި، ތަނުގެ މަޢުލޫމާތުވެސް ދަޢުވާ ތަފުސީލުކޮށް ސާފުކޮށް ދިނުމުގެ މަރުޙަލާގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

ކަންމިހެން އޮތުމުން މި ނުކުތާގައި، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި އަހުރެން ނުދެކެމެވެ. އަދި މި ނުކުތާގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާ އުފުލުމުގައި މަނީ ލޯންޑްރިންގެ ޤާނޫނުގެ 05 ވަނަ މާއްދާއިން ޙަވާލާދޭ އަކުރެއް، ނަންބަރެއް ހިމަނާފައިނުވާކަމުގައި ބުނެ ފާހަގަ ކުރި ކަންކަމާމެދު އަހުރެން ގޮތެއް ކަނޑަނާޅަމެވެ. ސަބަބަކީ އެއީ އިސްތިއުނާފީ ފޯމުގައި ހިމަނާފައިވާ ވާހަކަތަކެއް ނޫނެވެ. އަދި އެ ވާހަކަތަކަށް ޖަވާބުދާރީ ވުމަށް މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާފައިވެސް ނުވާނެއެވެ.

ދަޢުވާއާ ގުޅޭ ލިޔުންތައް ނުލިބި އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންދިއުން

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކުރާ އިސްތިއުނާފީ 04 ވަނަ ނުކުތާއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގައި ދަޢުވާއަށް ޖަވާބުދާރީވާން އެންގުމުގެ ކުރިން ދަޢުވާއާ ގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ދަޢުވާއާ ގުޅޭ ގިނަ ލިޔުންތަކެއް އެ ފަރާތަށް ލިބިނުދީ މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ލިޔުންތަކާ ގުޅިގެން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. މި ނުކުތާއާ ގުޅިގެން މައްސަލައަށް އަސަރުކުރާވަރުގެ އިޖުރާއީ އައިބެއް ކުރިމަތިވެފައިވާ ކަމުގެ ހަރުދަނާ ޙުއްޖަތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދެއްކިފައިނުވާކަމަށް ހައިކޯޓުން ނިންމުމުގައި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 106 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 84 ވަނަ މާއްދާ މާނަކޮށް، އަދި ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައި އޮތީ، "ޖިނާއީ ކުށެއްގެ ދަޢުވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަށް ބަލައިގެންފިނަމަ، އެ ތާރީޚުން ފެށިގެން ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ދަޢުވާ ލިބޭ ފަރާތަށް އެކަން އަންގައި، އެ ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ، ދަޢުވާ ލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ." މި ފަދައިންނެވެ. އަދި އެ ޤާނޫނުގެ 106 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައިވަނީ އިބްތިދާއީ އަޑުއެހުމުން ހާސިލު ކުރަންޖެހޭ ކަންތައްތަކެވެ. މި ކަންތައްތަކުގެ ތެރޭގައި، "ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުން" ހިމެނިފައިވެއެވެ.

މި ނުކުތާއާ ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ނުލިބިވާ ލިޔުންތައް ކަމުގައި ފާހަގަ ކޮށްފައިވަނީ ދެ ލިޔުމެކެވެ. އެއީ، މި މައްސަލައިގައި ދައުލަތުގެ ފަރާތުން ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އެސް.އޯ.އެފްގެ އެކައުންޓް ސްޓޭޓްމަންޓާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-B/171/2018/97 ސިޓީގެ 06 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ރިޕޯޓެވެ.

މި ލިޔެކިޔުންތަކާމެދު ކްރިމިނަލް ކޯޓުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެސް.އޯ.އެފްގެ އެކައުންޓް ސްޓޭޓްމަންޓް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ނ) ގެ 01 ވަނަ ނަންބަރާއި 02 ވަނަ ނަންބަރުގެ ދަށުން ޝަރީޢަތުން ކަނޑައަޅާ ގޮތެއްގެ މަތިން ހާމަކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވެއެވެ. އަދި މި ފަދައިން އެދުމާއެކު އެ މާއްދާގެ (ށ) ގެ ދަށުން އެ އަމުރާމެދު ގޮތެއް ކަނޑައަޅައި ނިމެންދެން އެ ލިޔުން ވަގުތީ ގޮތުން ދޫނުކުރުމަށް ޝަރީޢަތުން ނިންމައި އެކަން އިއުލާންކޮށްފައިވެއެވެ. އަދި ހެކި ރައްކާތެރިކުރުމުގެ ދާއިމީ އަމުރެއް ނެރޭނީ ޝަރީޢަތުން ހުށަހަޅާ ހުށަހެޅުންތަކުގައި އެކަމާ ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރުމަށްފަހުގައި ކަން އަންގާފައިވެއެވެ. މި ނުކުތާގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދިރާސާކުރުމުން އެސް.އޯ.އެފްގެ އެކައުންޓް ސްޓޭޓްމަންޓް ހާމަނުކުރުމުގެ ދާއިމީ އަމުރެއް ޝަރީޢަތުން ނެރެދިންކަން ނުވަތަ ނޫންކަން އެ ރިޕޯޓުން އެނގެން ނެތެވެ. މީގެ އިތުރަށް އެ ސްޓޭޓްމަންޓާ ގުޅިގެން އިތުރު ހުށަހެޅުމެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވެއެވެ. އަދި އެ ސްޓޭޓްމަންޓާބެހޭ ގޮތުން މައްސަލައިގެ ދެ ފަރާތުންމެ ތަފުސީލުކޮށް ޝަރީޢަތުގެ މަރުޙަލާގައި ވާހަކަ ދައްކާފައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-B/171/2018/97 ސިޓީގެ 06 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ރިޕޯޓާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެ ރިޕޯޓު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ޙަވާލުކުރެވިފައިނުވާކަން ޝަރީޢަތަށް އެނގުމާއެކު، އެ ރިޕޯޓު އެ ފަރާތަށް ދޫކޮށް، އެ ރިޕޯޓު ދިރާސާކުރުމަށް ވަގުތުދީ، އެ ރިޕޯޓާމެދު ހުށަހެޅުމެއް އޮތްނަމަ އެ އެފަދަ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ޝަރީޢަތުން ދީފައިވާކަން ފާހަގަ ކުރެވެއެވެ.

މި ނުކުތާގައި ހައިކޯޓުން ފާހަގަ ކޮށްފައިވާފަދަ މައްސަލައަށް އަސަރުކުރާފަދަ ކަމެއް ނުވަތަ އިޖުރާއީ އައިބެއް އޮތްތޯ ބެލުމުގައި ގެންގުޅޭނެ ގާނޫނީ ޓެސްޓަކީ، ޢަލީ ޒުބައިރު އާއި އިތުރު ދެ މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 53 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ޓެސްޓެވެ. މި ޓެސްޓް ތަޤުބީޤު ކުރުމަށްޓަކައި އިޖުރާއަތު ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި، އެ އިޖުރާއަތު ފުރިމަވެފައިވާ ގޮތް ބަލަންޖެހެއެވެ. އެއަށްފަހު، އެ އިޖުރާއަތު ފެތެނީ އަންނަނިވި ހާލަތުންކުރެ ކޮން ހާލަތަކަށްތޯ ބަލަންޖެހެއެވެ.

ފުރަތަމަ ހާލަތަކީ، އިޖުރާއީ ޤާނޫނުގައި ވަކިކަމެއް ކުރުން މަނާކޮށްފައި ވަނިކޮށް އެ ނޫން ގޮތަކަށް އެކަންކުރުމެވެ. މިހާލަތުގައި ނުކުންނާނެ ނަތީޖާއަކީ އެކަމަކީ ޣައިރު ޤާނޫނީ ކަމަކަށްވުމެވެ. އަދި މިފަދަ ކަމެއް ފަހުން ޤާނޫނީ ކަމަކަށް ނުހެދޭނެއެވެ.

ދެވަނަ ހާލަތަކީ، އިޖުރާއަތު ޤާނޫނުގައި އިޖުރާއަތު ބަޔާންވެފައިވާ ގޮތަށް އެންމެ ފުރިހަމައަށް އެ އިޖުރާއަތު ފުރިހަމަކޮށްފައި ނެތުމެވެ. އުނިކަންތަކާއެކު ނުވަތަ އައިބުތަކާއެކު އެކަން ކޮށްފައިއޮތުމެވެ. މި ހާލަތުގައި އެ އުނިކަމަކީ ޠަބީޢީ އިންސާފުގެ ހަމަތަކާ ޚިލާފު އުނިކަމަކަށް ނުވަތަ ޢައިބަކަށް ވެގެން ނުވާނެއެވެ. އަދި މި ހާލަތުގައި ފުރިހަމަ ނުކުރެވުނު އިޖުރާއަތު ފުރިހަމަކޮށް އިސްލާހު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން މި ނުކުތާގައި ފާހަގަކޮށްފައިވާ ދެ ލިޔުމާ ގުޅިގެން ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެސް.އޯ.އެފްގެ އެކައުންޓް ސްޓޭޓްމަންޓް ޤާނޫނުގައި ބުނާ ވަގުތުގައި ދޫކޮށްފައިނުވެއެވެ. ނަމަވެސް، އެ ލިޔުން ފަހުން ދޫކޮށް، އެ ލިޔުމާމެދު ދެ ފަރާތުން ވާހަކަ ދައްކައި ޖަދަލުކޮށްފައިވެއެވެ. އަދި އެންޓި ކޮރަޕްޝަނުގެ ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓު ދޫނުކުރެވި އޮތްކަން އެނގުމާއެކު، އެ ރިޕޯޓާ ގުޅިގެން އެކަށީގެންވާ ވަގުތުދީ، ހުށަހެޅުމެއް ނުވަތަ ފާހަގަ ކުރަން ބޭނުންވާ އެންމެހައި ކަންކަން ފާހަގަ ކުރުމުގެ ފުރުސަތު ޝަރީޢަތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދީފައިވާކަން އެނގެއެވެ. ވުމާއެކު، މި ދެ ލިޔުމާ ގުޅޭ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު އުނިކަންކަމާއެކު ނަމަވެސް، ޠަބީޢީ އިންސާފުގެ ހަމަތަކާ އެއްގޮތަށް ފުރިހަމަ ވެފައިވާކަން އެނގެއެވެ.

ކަންމިހެން އޮތުމުން، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި އަހުރެން ނުދެކެމެވެ.

އިބްތިދާއީ އަޑުއެހުން ނިންމައި ވަގުތުން ޝަރީޢަތް ފެށުން

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަ ކުރާ އިސްތިއުނާފީ 07 ވަނަ ނުކުތާގައި ފާހަގަކުރަނީ، މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިބްތިދާއީ އަޑުއެހުންތައް ނިމުނީކަމަށް އިޢުލާން ކުރުމަށްފަހު، ހަމަ އެ ދުވަހު ޝަރީޢަތުގެ މަރުޙަލާ ފެށުނީ ކަމުގައި އިޢުލާންކޮށް މައްސަލަ ކުރިއަށް ގެންދިޔަ ގެންދިއުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާއާއި 118 ވަނަ މާއްދާއާ ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ އިޖުރާއަތެއްކަމަށެވެ. ނަމަވެސް މި ނުކުތާއާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 140 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައިވާ ފަދައިން ކުށުން ބަރީޢަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިދީފައިވާ ކަމަށް ހައިކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންނަށް ބެލެވޭތީ ކްރިމިނަލް ކޯޓުން ޝަރީޢަތް ފެށުމުގައި ޢަމަލު ކޮށްފައިވާ ގޮތް ޤާނޫނާ ޚިލާފު ކަމުގައި ބެލެވެން ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށެވެ.

މި ނުކުތާއާ ގުޅިގެން ދައުލަތުގެ ފަރާތުން ބުނެފައިވަނީ މި އިޖުރާއީ އައިބަކީ މައްސަލައިގެ މައުޟޫޢަށް އަސަރުކުރާފަދަ އިޖުރާއީ އައިބެއް ނޫންކަމަށާއި، އަދި މި ކަމުގެ ސަބަބުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަސާސީ ޙައްޤަކަށް އުނިކަމެއް އައިސްފައިނުވާކަމަށެވެ.

ޝަރީޢަތް ފެށުމުގެ ކުރިން ވަގުތު ދިނުމާބެހޭ ގޮތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކުރާ ޤާނޫނީ މާއްދާތަކުގެ ތެރެއިން ފުރަތަމަ މާއްދާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ހ) އެވެ. ދެވަނަ މާއްދާއަކީ އެ ޤާނޫނުގެ 118 ވަނަ މާއްދާގެ (ހ) އެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ އަކުރު ގައި އޮންނަނީ އަންނިވި ފަދައިންނެވެ.

"ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތް ކަމަށް މި ޤާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން ފަނޑިޔާރު ނިންމައިފިނަމަ، މި ޤާނޫނުގެ ސާދަވަނަ ބާބުގައިވާ ގޮތުގެމަތިން ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުން އުނިނުވާ ގޮތަށް، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދަޢުވާ ލިބޭ ފަރާތާ މަޝްވަރާކުރުމަށްފަހު، ކޯޓުން ކަނޑައަޅައި ތާވަލުކުރަންވާނެއެވެ."

އަދި އެ ޤާނޫނުގެ 118 ވަނަ މާއްދާގެ (ހ) ގައި އޮތީ،

"ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅާ އެންމެހައި ހުށަހެޅުމެއް، ޝަރީޢަތް ފެށުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ އަޑުއެހުންތައް ބާއްވާނެ ގޮތެއް، މި ޤާނޫނުގެ 116 ވަނަ މާއްދާގެ ދަށުން ތާވަލުކުރާއިރު ފަނޑިޔާރު ނިންމަންވާނެއެވެ." މި ފަދައިންނެވެ.

މި ނުކުތާއާމެދު ގޮތެއް ނިންމުމުގައި ހައިކޯޓުން ފާހަގަ ކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 140 ވަނަ މާއްދާއަކީ، ދަޢުވާއަށް އިންކާރުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީޢަތުގެ އަޑުއެހުން ތާވަލު ކުރުމާގުޅޭ އުސޫލުތައް ބަޔާން ކޮށްފައިވާ މާއްދާއެވެ. މި ގޮތުން މި މާއްދާގެ (ހ) ގައިވަނީ އިބްތިދާއީ އަޑުއެހުމުގައި ދަޢުވާއަށް އިންކާރުކުރާ މީހުންގެ ތެރެއިން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކުގައި، އެ މައްސަލައިގެ ލިޔުންތައް ދަޢުވާލިބޭ މީހާއަށް ލިބޭތާ ގިނަވެގެން 70 ދުވަހުގެ ތެރޭގައި ޝަރީޢަތުގެ އަޑުއެހުން ބާއްވަން ވާނެކަމަށެވެ. އަދި (ށ) ގައިވަނީ ބަންދެއްގައި ނެތް މީހުންގެ މައްސަލަތަކުގައި، އެ މައްސަލައިގެ ލިޔުންތައް ދަޢުވާލިބޭ މީހާއަށް ލިބޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޝަރީޢަތުގެ އަޑުއެހުން ބާއްވަން ވާނެކަމަށެވެ. 70 ދުވަހުގެ މުއްދަތަކާއި 90 ދުވަހުގެ މުއްދަތެއް (ހ) އާއި (ށ) ގައި ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ނ) ގައި ވަނީ،

"މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ޙާލަތުގައި ފިޔަވައި، މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވާ ތާރީޚުން ފެށިގެން ނުވަތަ ދަޢުވާއާގުޅޭ ލިޔެކިޔުން ދަޢުވާ ލިބޭ ފަރާތަށް ލިބޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވުމުގެ ކުރިން، އެ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުން ބާއްވައިގެންނުވާނެއެވެ." މި ފަދައިންނެވެ.

މި އަކުރުގައި އެ ޙަވާލާދީފައިވާ މާއްދާގެ (ރ) ގައި އޮތީ ދަޢުވާ ލިބޭ މީހާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން މި މާއްދާގައިވާ މުއްދަތުތަކަށްވުރެ އަވަހަށް ބޭއްވުމަށް އެދޭ ހާލަތުގައި އެކަމަށް މި މާއްދާ ހުރަސްނާޅާ ވާހަކައެވެ.

ކުރިން މި ބަޔާންކުރެވުނު 116 ވަނަ މާއްދާގެ (ހ) އާއި 118 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު ފާހަގަކުރެވޭ ފުރަތަމަކަމަކީ، ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް ކަނޑައަޅަންވާނީ ދެ ފަރާތާ މަޝްވަރާ ކުރުމަށްފަހުގައިކަމެވެ. ދެވަނަ ކަމަކީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް، ޝަރީޢަތް ފެށުމުގެ 30 ދުވަސްކުރިން ހުށަހަޅަންޖެހޭކަމެވެ. ނަމަވެސް، މި މާއްދާގައި މުއްދަތު ގުނުމުގައި އަމަލު ކުރާނެ އުސޫލެއް ބަޔާންވެފައި ނުވެއެވެ. އެ އުސޫލު ބަޔާންވެފައިވަނީ ޤާނޫނުގެ 140 ވަނަ މާއްދާއާއި 141 ވަނަ މާއްދާގައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 140 ވަނަ މާއްދާގައި ބޭނުންކޮށްފައިވާ ބަސްމަގަށް ބަލާއިރު، އެ މާއްދާގައި ބަންދުގައި ތިބޭ މީހުންނާއި، ބަންދުން ދޫވެފައި ތިބޭ މީހުންގެ މައްސަލަތައް ޝަރީޢަތަށް ތާވަލު ކުރުމަށް ދީފައިވަނީ އެންމެ ލަސްވެގެން އެކަން ކުރަންޖެހޭނެ މުއްދަތެވެ. މިކަން އެނގެނީ އެ މާއްދާގެ (ހ) އާއި (ށ) ގައި "ލިޔުންތައް ލިބޭތާ ގިނަވެގެން" މި ފަދައިން ބަޔާންކުރުމަށްފަހު އެ ހާލަތާ ގުޅޭ މުއްދަތު ބަޔާންކޮށްފައި އޮތުމުންނެވެ. އަދި މި މާއްދާގެ (ނ) ގައިވާ ޢިބާރާތުގައި ވަނީ ޝަރީޢަތުގެ އަޑުއެހުން، މައްސަލަ ބަލާ ފަނޑިޔާރު އަވަސްކުރަން ބޭނުންވިނަމަވެސް، ދަޢުވާ ލިބޭ ފަރާތުން އެކަމަށް އެއްބަސްނުވާނަމަ، 30 ދުވަސް ހަމަވުމުގެ ކުރިން ޝަރީޢަތުގެ އަޑުއެހުން ބޭއްވުން މަނާކޮށްފައެވެ. އަދި މި މުއްދަތު ގުނާނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވާ ތާރީޚުން ފެށިގެން ނުވަތަ ދަޢުވާއާ ގުޅޭ ލިޔެކިޔުންތައް ދަޢުވާ ލިބޭ ފަރާތަށް ލިބޭ ތާރީޚުން ފެށިގެން ކަމުގައި މި މާއްދަގައި ބަޔާންވެފައިވެއެވެ.

ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ހިނގާ މުއްދަތު ޝަރީޢަތް ފެށުމުގެ ކުރިން ދިނުން ޤާނޫނުގެ 140 ވަނަ މާއްދާއިން ލާޒިމުކުރާ މުއްދަތުގައި ނުހިމެނޭނެކަން ބަޔާންކޮށްފައިވަނީ ޤާނޫނުގެ 141 ވަނަ މާއްދާގައެވެ. ނަމަވެސް މިފަދައިން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ހޭދަވާ މުއްދަތު ޝަރީޢަތް ފެށުމުގެ ކުރިން ދިނުން ލާޒިމު މުއްދަތުގެ ތެރޭގައި ނުހިމެނޭކަން އެ މާއްދާއިން ހަނިކޮށްފައިވަނީ ބަންދުގައި ތިބޭ މީހުންނާއި، ބަންދުން ދޫވެފައި ތިބޭމީހުންގެ ޝަރީޢަތް ފެށުމުގެ ކުރިން ދޭންޖެހޭ ލާޒިމު މުއްދަތު ބަޔާންކޮށްފައިވާ 140 ވަނަ މާއްދާގެ (ހ) އާއި (ށ) އާއެވެ. މިކަމުގެ ސަބަބުން ނުކުންނަ ނަތީޖާއަކީ، 140 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 30 ދުވަސް ގުނުމުގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަށް ހޭދަވާ މުއްދަތު ހިމެނުމަށް ޤާނޫނު ހުރަސްނާޅާ ކަމެވެ. މިކަން އިތުރަށް ކަށަވަރު ވެގެންދަނީ 140 ވަނަ މާއްދާގެ (ރ) އާއި 141 ވަނަ މާއްދާގެ (ށ) ގައި ޝަރީޢަތް ފެށުމުގެ މުއްދަތު އަވަސްކުރުމަށް އެދުމަށް ދަޢުވާ ލިބޭ މީހާއަށް ދީފައިވާ އިޚްތިޔާރުންނެވެ.

މި ބަހުސްގެ ޚުލާޞާއަކީ، ކިތަންމެ އަވަހަށް ޝަރީޢަތް ފެށުމަށް މައްސަލަ ބަލާ ފަނޑިޔާރު ބޭނުންވިނަމަވެސް، އެކަމަށް ދަޢުވާ ލިބޭ ފަރާތުން އިއުތިރާޟު ކުރާނަމަ، އެ މައްސަލައިގެ ލިޔުންތައް ދަޢުވާ ލިބޭ ފަރާތަށް ޙަވާލުކުރާ ތާރީޚުން ފެށިގެން، ނުވަތަ އިބްތިދާއީ އަޑުއެހުން ބާއްވާ ތާރީޚުން ފެށިގެން 30 ދުވަސް ހަމަވުމުގެ ކުރިން މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ފެށުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެން ނުވާކަމެވެ. ނަމަވެސް ދަޢުވާލިބޭ ފަރާތުން ޝަރީޢަތް ފެށުން އަވަސްކުރުމަށް ބޭނުންވާނަމަ، މި 30 ދުވަހަށްވުރެ އަވަހަށްވެސް ޝަރީޢަތުގެ އަޑުއެހުން ފެށިދާނެކަމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 140 ވަނަ މާއްދާއަކީ މި ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ސުވާލު އުފައްދާ މާއްދާއެއް ނޫންކަމުގައި ބުނިނަމަވެސް، އެ ޤާނޫނުގެ 116 ވަނަ މާއްދާއާއި 118 ވަނަ މާއްދާގައި ޝަރީޢަތް ފެށުމުގެ ކުރިން މުއްދަތު ގުނާނެ ގޮތެއް ބަޔާންވެފައި ނުވާތީއާއި، އެކަން ބަޔާންވެފައިވާ މާއްދާއަކީ 140 ވަނަ މާއްދާއާއި 141 ވަނަ މާއްދާކަމުން، މި މާއްދާތަކަކީ ވަކިވަކިން މާނަކޮށް، އެއިން ނަތީޖާއެއް ނެރެވޭނެ މާއްދާތަކެއް ނޫނެވެ.

މި ނުކުތާގައި ހައިކޯޓުން ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގެ ލިޔުންތައް ލިބުނު ތާރީޚުން ފެށިގެން 30 ދުވަހަށްވުރެ، ދިގު މުއްދަތެއް ހޭދަވެފައިވާތީ މައްސަލައިގެ ޝަރީޢަތް ފެށުމުގައި އިޖުރާއީ ގޯހެއް ނެތްކަމަށެވެ. ސުވާލަކީ އެހެންކަމުގައިވާނަމަ، 116 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދައިން ޝަރީޢަތުގެ އަޑުއެހުންތައް ތާވަލު ކުރުމުގައި މަޝްވަރާ ނުކުރުންވެސް އެންމެ ރަނގަޅު ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ މަޝްވަރާ ކުރަންވާނެއެވެ. މި މަޝްވަރާ ކުރުމުގެ ބޭނުމަކީ ދެ ފަރާތުގެ ޙައްޤުތައްމެ ކަށަވަރުކޮށް، މައްސަލައިގައި ދެންވާނީ ކިހިނެއްކަން، ދެން އޮތީ ކޮން ކަމެއްކަން ދެ ފަރާތަށްމެ އެނގުމާއި ފެނުމުގެ ތެރެއިން ހާމަކަމާއެކު ކުރިއަށް ގެންދިއުމެވެ. އަދި ވަކިން ޚާއްޞަކޮށް ދަޢުވާ އުފުލިފައިވާ މީހާގެ އަސާސީ ޙައްޤަކަށް އެއްވެސް އުނިކަމެއް ލިބުނަ ނުދިނުމެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގެ ލިޔުންތައް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ޙަވާލުކޮށްފައިވަނީ 17 ފެބްރުއަރީ 2019 ގައެވެ. އަދި މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި 21 ޖުލައި 2019 ގައި ބޭވުނު އިބްތިދާއީ އަޑުއެހުމުގައި، އިބްތިދާއީ މަރުޙަލާ ނިމުނީކަން އިޢުލާން ކުރުމަށްފަހު، އެ އަޑުއެހުމުގައި ޝަރީޢަތުގެ މަރުޙަލާ ފެށުނީކަން އިޢުލާންކޮށް، ދަޢުވާ ހުށަހަޅައި، ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވެއެވެ. އަދި ޝަރީޢަތުގެ މަރުޙަލާ ފެށުމުން އެ ދުވަހު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހާޒިރުވީ އިބްތިދާއީ އަޑުއެހުމަށް ތައްޔާރުވެގެން ކަމަށާއި، ދިފާޢީ ހެކިންގެ ނަންތަކާއި ދިފާޢު ބިނާކޮށްގެން އަންނަ ދުވަހު ޝަރީޢަތް ކުރިއަށް ގެންގޮސް ދިނުމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އެދިފައިވެއެވެ. އަދި އެ ފުރުސަތު ޝަރީޢަތުން ދިނުމަށްޓަކައި 05 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު 04 އޮގަސްޓް 2019 ގައި މައްސަލައިގެ އިތުރު ޝަރީޢަތުގެ އަޑުއެހުމެއް އޮންނާނެކަން އިޢުލާންކޮށް އެ ދުވަހުގެ އަޑުއެހުން ނިންމާފައިވެއެވެ. މި ދުވަހުގައި ޝަރީޢަތް ފެށުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ވަކި އިޖުރާއަތަކާ ޚިލާފުވެގެން ވަކި ކަމެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިނުވެއެވެ. 21 ޖުލައި 2019 ގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން މަޝްވަރާ ނުކުރުމުގެ ސަބަބުން އިޖުރާއީ އައިބެއް ކުރިމަތިވިނަމަވެސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޙައްޤެއް އުނިވާ ގޮތަށް ޝަރީޢަތުން ޢަމަލުކޮށްފައިވާ ކަމުގައި އަހުރެންނަށް ނުފެނެއެވެ. މައްސަލައިގެ އަޑުއެހުންތައް ތާވަލު ކުރެވުމާއި، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ކޮންކަމެއްކަމާއި، މި ފަދަ އެންމެހައި ކަންކަން ޝަރީޢަތުން ދިޔައީ އިޢުލާން ކުރަމުންނެވެ. އަދި މައްސަލައިގެ ލިޔުންތައް ލިބުނުތާ 30 ދުވަސް ހަމަވެފައިވުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 140 ވަނަ މާއްދާގައި (ނ) ގެ ދަށުން ޝަރީޢަތް ފެށުމަށް ހުރަހެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. ނަމަވެސް، ޝަރީޢަތް ފެށުމުގައި ޢަބްދުﷲ ޔާމީންޢަބްދުލް ޤައްޔޫމްގެ ޙައްޤެއް، ވަކިން ޚާއްޞަކޮށް ދިފާޢުވުމުގެ ޙައްޤަށް އުނިކަމެއް އައިސްފައިވާކަން ފާހަގަވިނަމަ، އަހުރެންގެ މި ރައުޔު ތަފާތުވީހެވެ.

ކަންމިހެން އޮތުމުން މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި އަހުރެން ނުދެކެމެވެ.

ޤާޟީންގެ މަޖިލިހާއި ހެކި ވަޒަންކުރުމާއި ޙުކުމްކުރުމާ ގުޅޭ އިސްތިއުނާފީ ނުކުތާތައް

މި މައްސަލަ ބެލުމަށް އެކުލަވާލެވުނު ޤާޟީންގެ މަޖިލިހާއި، ހެކިވަޒަންކުރުމާއި، ޙުކުމް ކުރުމުގައި ހުރި އައިބުތަކެއް ފާހަގަކޮށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން މައިގަނޑު 07 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. ތިރީގައި މިވަނީ އެ ނުކުތާތަކާމެދު އަހުރެންގެ ރައުޔެވެ.

ޤާޟީންގެ މަޖިލިސް ކަނޑައެޅުން

އިސްތިއުނާފީ 08 ވަނަ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކޮށްފައިވަނީ ކްރިމިނަލް ކޯޓުން މި މައްސަލަ ބަލައި ޙުކުމްކުރި ޤާޟީންގެ މަޖިލިސް އެކުލަވާލެވިފައިވާ ގޮތާމެދު ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި އެ ކޯޓުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

ކޯޓުތަކުގެ ޤާނޫނުގެ 45 ވަނަ މާއްދާއަކީ އިޖުރާއަތެއް ބާޠިލުކަމުގައި ބުނެ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ހާލަތު ބަޔާންކުރާ މާއްދާއެކެވެ. މި މާއްދާގެ (ހ) ގައި އޮންނަނީ އަންނަނިވި ޢިބާރާތެވެ.

"ޙުކުމްކުރުމުގެ ކުރިއަށް ނުވަތަ ނިންމުން ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާޠިލުކަމަށް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އެ އިޖުރާއަތުގެ ނުކުތާއަކީ ޙުކުމަށް ސީދާ އަސަރެއްކޮށްފައިވާ ނުކުތާއަކަށްވެފައި، މައްސަލަ ބެލި ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި އެ ނުކުތާއެއް ފާހަގަކުރުމުން، އެ ނުކުތާއަށް ނަޒަރުނުކޮށް ދޫކޮށްލާފައިވާނަމައެވެ."

މި ނުކުތާގެ ތަފުސީލަށް ބަލާއިރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މި މައްސަލަ އެންމެ ފުރަތަމަ އެ ކޯޓުން ބެލި ޤާޟީއަށް މައްސަލަ ކުރިއަށް ނުގެންދެވޭނެ ޙާލަތެއް މެދުވެރިވުމުން އެ އަށްފަހު، އެ ކޯޓުން މައްސަލަ ބެލުމަށް އެކުލަވާލެވުނު ޤާޟީންގެ މަޖިލިހަކީ، ކްރިމިނަލް ކޯޓުގެ އުޞޫލު ނަންބަރު 01/2015 (މައްސަލަ ޙަވާލުކުރުމާއި، ތަނާޒުލުވުމާއި، ތަޙުވީލުކުރުމާއި، ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 11 ވަނަ މާއްދާގެ (ށ) އާއި 13 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށް އެކުލަވާލާފައިވާ ބާޠިލު ޤާޟީންގެ މަޖިލިހެއް ކަމުގައެވެ. އަދި މިކަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މިކަމަކީ ކްރިމިނަލް ކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަ ކުރުމުގެ ފުރުސަތު އޮވެމެ، ފާހަގަކޮށްފައިވާ ކަމެއް ކަމުގައިނުވާތީ، ކޯޓުތަކުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ހައިކޯޓުގައި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރެވޭނެ ކަމެއް ނޫންކަމުގައި އެ ކޯޓުން ނިންމާފައިވެއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބެލި ޤާޟީންގެ މަޖިލިސް އެކުލަވާލެވިފައިވާ ގޮތާމެދު ކަންހިނގާފައިވާ ގޮތަށް ބަލާއިރު، 17 ނޮވެމްބަރު 2019 ގައި އެ ކޯޓުގައި އޮތް އަޑުއެހުމުގައި މި މައްސަލަ ބެލި ޤާޟީންގެ މަޖިލީހުގައި އެއިރު ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ ރަޝީދު ޙުސައިން ހިމެނޭއިރު، އެ މައްސަލައާ ގުޅިގެން މީޑިއާގައި ޢަލީ ރަޝީދު ޙުސައިން ވާހަކަ ދައްކާފައިވާކަމުގައި ބުނެ، އެ ޤާޟީންގެ މަޖިލީހުގައި ޤާޟީ ޢަލީ ރަޝީދު ޙުސައިން ހިމެނިފައިވުމާމެދު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އިޢުތިރާޟެއް ހުށަހެޅިއެވެ. މި އިޢުތިރާޟުގައި ކްރިމިނަލް ކޯޓުގެ އުޞޫލު ނަންބަރު 01/2015 (މައްސަލަ ޙަވާލުކުރުމާއި، ތަނާޒުލުވުމާއި، ތަޙުވީލުކުރުމާއި، ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ ވާހަކައެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އެދުވަހު ފާހަގަކޮށްފައި ނުވެއެވެ. އަދި އެ ދުވަހު މި މައްސަލައިގެ އަޑުއެހުންތައް ނިމުނުކަން އިޢުލާންކޮށް ފައިވެއެވެ.

ޝަރީޢަތުގެ އަޑުއެހުން ނިމުނުކަން އިޢުލާންކުރުމުގެ ފަހުން، 26 ނޮވެމްބަރ 2019 ގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ކްރިމިނަލް ކޯޓުގެ އުޞޫލު ނަންބަރު 01/2015 (މައްސަލަ ޙަވާލުކުރުމާއި، ތަނާޒުލުވުމާއި، ތަޙުވީލުކުރުމާއި، ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ ވާހަކަ ބަޔާންކޮށް މައްސަލަ ބެލި ޤާޟީންގެ މަޖިލީހާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމުގައްޔާއި، މި ސިޓީގައި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ސޮއިކޮށް، ތާރީޚާއި ގަޑި ލިޔެފައިވުމުން މި ސިޓީ ކްރިމިނަލް ކޯޓަށް ލިބިފައިވާ ކަމުގައްޔާއި، މިއީ މައްސަލައާ ގުޅުންހުރި ސިޓީއެއްކަމުން މި ސިޓީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނެން ޖެހޭނެކަމަށްވެސް މި ކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެފައިވެއެވެ.

ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުން ނިމުނުކަން އިޢުލާން ކުރުމުން އެކަމުގެ މައްޗަށް އަންނާނެ ނަތީޖާއަކީ، އެ މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހަޅާ ހުށަހެޅުންތަކާއި، ދައްކާ ވާހަކަތަކަށް ނިމުމެއް އައުމެވެ. އަދި ޤާނޫނުގައި ބަޔާންކުރާ އިސްތިސްނާއީ ދެ ހާލަތެއްގައި މެނުވީ ދެން އެ މައްސަލަ ހުޅުވިގެން ނުދިއުމެވެ. މި ދެ އިސްތިސްނާއީ ހާލަތުގެ ތެރެއިން ފުރަތަމަ ހާލަތަކީ، މައްސަލައިގެ ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ހާލަތެއް މައްސަލަ ބަލާ ފަނޑިޔާރަށް ކުރިމަތިވުމެވެ. ދެވަނަ ހާލަތަކީ ކުރިން ލިބިފައިނުވާ އައު ހެއްކެއް ލިބުނުއިރު، އެ ހެކި ޝަރީޢަތަށް ހުށަހެޅުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ފަނޑިޔާރަށް ޤަބޫލު ކުރެވުމެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެލި ޤާޟީންގެ މަޖިލިހާ ގުޅޭ ގޮތުން ހައިކޯޓުގައި ފާހަގަ ކުރި ނުކުތާ އެފަދައިން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނައުމަށް ފޮނުވާފައިވާ ސިޓީއަކީ، މައްސަލައިގެ އަޑުއެހުން ނިމުނުކަން އިޢުލާންކުރުމަށްފަހު ފޮނުވާފައިވާ ސިޓީއަކަށްވާތީ، އެ ސިޓީއަކީ ޝަރީޢަތަށް ހުށެޅިފައިވާ ސިޓީއެއްކަމުގައި އަހުރެން ނުދެކެމެވެ. އަދި އެ ސިޓީގައިވާ ކަންކަމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އަޑުއެހުން ނިމުނުކަން އިޢުލާން ކޮށްފައިވާ މައްސަލައެއްގެ އަޑުއެހުން އަލުން ހުޅުވައިގެން ކުރިއަށް ގެންދަންޖެހޭފަދަ ކަންކަމެއް ކަމުގައިވެސް އަހުރެން ނުދެކެމެވެ. ކަންމިހެން އޮތް އިރު، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި އަހުރެން ނުދެކެމެވެ.

ޤާނޫނުލްޢުޤޫބާތުގެ 22 ވަނަ މާއްދާއާއި 28 ވަނަ މާއްދާ

އިސްތިއުނާފީ 06 ވަނަ ނުކުތާއާއި، 16 ވަނަ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 22 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައިވާ ދިފާޢު ފާހަގަކޮށް ހުށަހަޅާފައިވާ ދެ ނުކުތާއެވެ. ޤާނޫނުލްޢުޤޫބާތުގެ މި ދެ މާއްދާއަކީ އެ ޤާނޫނުގެ 20 ވަނަ ބާބުގައި ހިމެނޭ "ކުށުގެ ޒިންމާ އުފުލުމުގެ އަސާސީ މިންގަނޑުތަކާއި، ކުށުގެ ޒިންމާ އަދި ކުށުން ކުރިމަތިވާ ގެއްލުމުގެ ޒިންމާ އުފުލުމާގުޅޭ ދިފާޢުތައް" ކުގެ ތެރެއިން ދެ ދިފާޢެއް ބަޔާންކުރާ ދެ މާއްދާއެވެ.

މި އިސްތިއުނާފީ ނުކުތާގެ ތަފުސީލަށް ދިއުމުގެ ކުރިން ފާހަގަކުރެވުނު ކަމަކީ، މިއީ މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ނަގާފައިވާ ދިފާޢުތަކެއް ނޫނެވެ. އަދި މިއީ ޤާނޫނުލްޢުޤޫބާތާ ޙަވާލާދީ ނެގޭނެ ދިފާއެއްވެސް ނޫނެވެ. މަނީ ލޯންޑްރިންގގެ ޤާނޫނަކީ ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ޤާނޫނުލްޢުޤޫބާތުގެ މައްޗަށް އިސްކަން ލިބިގެންވާ ޤާނޫނެކެވެ. ޤާނޫނުލްޢުޤޫބާތުގެ މައްޗަށް އިސްކަން ލިބޭ ޤާނޫނުތަކުގެ ދަށުން ހުށަހެޅޭ ދަޢުވާތަކުގައި ޤާނޫނުލްޢުޤޫބާތުގައިވާ އުސޫލުތަކުގެ ތެރެއިން ހިނގާނީ، އެ އުސޫލުތައް ހިނގުމަށް ޤާނޫނުލްޢުޤޫބާތު ނުވަތަ އިސްކަންލިބޭ ޤާނޫނުން ހުއްދަކުރާ އުސޫލުތައް އެކަންޏެވެ. މި މޭރުމުން ބަލާއިރު، ޤާނޫނުލްޢުޤޫބާތުގައިވާ "ހުއްދަކުރެވިގެންވާ ދިފާޢު" ތަކާއި، "މަޢާފުލިބެނިވި ދިފާޢު" ތަކާއި، "ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢު" ތައް މެނުވީ އެހެން ދިފާޢެއް މަނީ ލޯންޑްރިންގގެ ޤާނޫނުގެ ދަށުން އުފުލޭ ދަޢުވާތަކުގައި ދިފާޢެއްގެ ގޮތުން ބޭނުމެއް ނުކުރެވޭނެއެވެ.

ސުޕްރީމް ކޯޓުގައި މި ދެ ނުކުތާގެ ތެރެއިން ޤާނޫނުލްޢުޤޫބާތުގެ 22 ވަނަ މާއްދާއާ ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ދަޢުވާ ކޮށްފައިވާ ކުށަށް ބަލާއިރު، އެ ކުށަކީ ޕްރިޑިކޭޓް އޮފެންސް ނުވަތަ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށެއްކަމުގައިވާތީ، ޢަމަލީ ޢުންޞުރާއި ނަތީޖާއާ ގުޅުމެއް އޮންނާނެކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލުނު ދަޢުވާއަކީ، ނަތީޖާއަށް ބަލަންނުޖެހޭ ކުށެއްކަމުގައި ހައިކޯޓުން ނިންމާފައިވަނީ ކުށުގެ ޠަބީއަތަށް ނުބަލައި ޤާނޫނާ ޚިލާފަށް ކަމަށެވެ.

ކުށަކީ ޢަމަލުގެ ނަތީޖާގެ މައްޗަށް ބިނާވެފައިވާ ކުށެއްކަން (ރިޒަލްޓް ކްރައިމް) ނުވަތަ ނަތީޖާއާ ގުޅުމެއް ނެތް ހަމައެކަނި ޢަމަލުގެ މައްޗަށް ބިނާވެފައިވާ ކުށެއްކަން (ކޮންޑަކްޓް ކްރައިމް) އެނގޭނީ އެ ކުށް ޤާނޫނުގައި ތަޖުރީމުކޮށްފައިވާ ގޮތަށް ބަލައިގެންނެވެ. އަދި ކުށުގެ ޠަބީޢަތްވެސް ދެނެގަންނާނީ އެ ކުށް ޤާނޫނުގައި ތަޖުރީމުކޮށްފައިވާ ގޮތަށް ބަލައިގެންނެވެ. މި އުސޫލުން ބަލާއިރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، މަނީ ލޯންޑްރިންގގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށުގެ ޢަމަލު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކޮށްފައިވާކަމަށް ބެލެވިގެން ކޮށްފައިވާ ދަޢުވާއެއް ކަމުގައިވާއިރު، އެ ދެ އަކުރުގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލު ފުރިހަމަވުމުގައި ހަރުފަތެއް ނުވަތަ ހަރުފަތްތަކެއް ނުވަތަ މަރުޙަލާއެއް ނުވަތަ މަރުޙަލާތަކެއް ގިރާކޮށް ވަކި ނަތީޖާއަކަށް ވާސިލުވުމެއް ހިމެނިފައިނުވާކަން، ޤާނޫނުގެ ނައްޞަށް ބެލުމުން ސާފުކޮށް އެނގެއެވެ.

މި ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަށް ބަލާއިރު، ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބެއް ބުނެދެވިފައިވާ ކަމުގައި އަހުރެން ނުދެކެމެވެ. ވުމާއެކު މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމާމެދު ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް އޮތްކަމުގައިވެސް އަހުރެން ނުދެކެމެވެ.

ޤާނޫނުލްޢުޤޫބާތުގެ 28 ވަނަ މާއްދާއާ ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާ ކަމަކީ، މި ނުކުތާއާ ގުޅިގެން ހައިކޯޓުން ގޮތެއް ކަނޑައެޅުމުގައި ޤާނޫނުލްޢުޤޫބާތުގެ 28 ވަނަ މާއްދާގެ (ށ) އާއި (ނ) އާ ޙަވާލާދީ އެ ކޯޓުގައި ފާހަގަކުރި އިސްތިއުނާފީ ނުކުތާއަށް ގޮތެއް ނިންމުމުގައި އެ ދެ އަކުރުގައިވާ ކަންކަމަށް ރިޢާޔަތްކޮށްފައިނުވާ ކަމެވެ. މި ގޮތުން 28 ވަނަ މާއްދާގެ (ށ) އާއި (ނ) އަށް ބަލާއިރު، މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތު ކުރާ ކުށުން ދައުލަތަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތި، އަދި އުނިކަމެއްނެތްކަން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކުރެއެވެ. ސަބަބަކީ މި މައްސަލައިގައި ލޯންޑަރ ކުރިކަމަށް ބުނާ ފައިސާގެ ޢަދަދަށް ދައުލަތުގެ މަސްލަހަތަށް ފަހިވާ ގޮތަށް ފައިސާތަކެއް ހިފެއްޓިފައިވުމެވެ. އަދި މި ނުކުތާގައި ގޮތެއް ކަނޑައެޅުމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ، ދައުލަތުގެ ފައިސާކަން ހައިކޯޓުން ކަނޑައެޅީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަންވެސް ހައިކޯޓުގެ ނިންމުމުން އެނގެން ނެތްކަން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކުރެއެވެ.

މި ނުކުތާގައި ހައިކޯޓުން ފާހަގަކޮށްފައިވަނީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދަޢުވާ ކޮށްފައިވާ ކުށުގެ ޢަމަލަކީ ޢާންމު އުސޫލެއްގެ ގޮތުން ހުއްދަ ކުރެވިގެންވާ ޢަމަލެއް ނޫންކަން ޤާނޫނުލްޢުޤޫބާތުގެ 28 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮތުމުގެ މައްޗަށް އެކަނި ބެލިނަމަވެސް މި މައްސަލައަކީ ކޯޓުން ބެލުމަކާ ނުލައި ދޫކޮށްލެވޭނެ މައްސަލައެއް ކަމުގައި ބަލާނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.

ޤާނޫނުލްޢުޤުބާތުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުގައިވާ ދެ ނަންބަރާއި، ދެ އަކުރުގައި ވަނީ ކުށްކަމުގައި ބެލެވޭ ޢަމަލުގެ ޒާތަށާއި ޙާލަތްތަކުގެ މައްޗަށް ބުރަވެ ކޯޓުން ނުބަލާ ދޫކޮށްލެވޭ ޢަމަލުތަކެއް ބަޔާންކޮށްފައެވެ. މި ޢަމަލުތައް ބަޔާންކުރުމުގައި (ހ) ގެ 02 ވަނަ ނަންބަރުގައިވާ ޢަމަލު ނިންމުމަށްފަހު "ނުވަތަ" ބޭނުން ކުރުމަށްފަހު (ށ) ގައިވާ ޢަމަލު ބަޔާންކޮށް، އަދި (ށ) ގައިވާ ޢަމަލު ބަޔާންކުރުމަށްފަހު "ނުވަތަ" ބޭނުން ކޮށްފައިވުމުން (ހ) އަކީ އެ ޢަމަލުތަކުގެ ޢާންމު ތަޢުރީފު ބަޔާންކުރާ މާއްދާކަމާއި، އަދި (ހ) ގެ ފަހަތަށް އައިސްފައިވާ ދެ ނަންބަރު އެކުއެކީގައި ކިޔުނުނަމަވެސް، އެއިގެ ފަހަތަށް ދެ އަކުރުގައި ބަޔާން ކޮށްފައިވަނީ ކުށުގެ ޢަމަލުގެ ވަކިވަކި ތަޢުރީފުތައް ކަން އެނގެއެވެ. ވުމާއެކު (ހ) އާ ޙަވާލާދީ ހައިކޯޓުން މި މާއްދާގައި ގޮތެއް ކަނޑައަޅާފައިވުމަކީ، ޤާނޫނީ އުސޫލުތަކާ ޚިލާފުކަމެއް ކަމުގައި ބުނުމަކީ އަސާސެއް އޮތް ވާހަކައެއް ނޫނެވެ. ވުމާއެކު މި ނުކުތާއަކީ ޤާނޫނީ ބަހުސެއްގެ ތެރެއިން ގޮތެއް ނިންމަންޖެހޭ ނުކުތާއެއް ކަމުގައި ނުދެކެމެވެ.

ހެކި ހުށަހެޅި ކަންކަން ފިޔަވައި އެހެން ކަންކަން ސާބިތުކުރުމަށް ހެކި ބޭނުންކުރުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްތިއުނާފުކުރި 14 ވަނަ ނުކުތާއަކީ، ދައުލަތުން ހެކި ހުށަހެޅި ކަންކަން ފިޔަވައި އެހެން ކަންތައްތަކެއް ސާބިތުކުރުމަށް ކްރިމިނަލް ކޯޓުން ދައުލަތުން ހުށަހެޅި ހެކި ބޭނުންކޮށްފައިވާ ކަމަށެވެ. މިކަން ހައިކޯޓުގައި ފާހަގަކުރުމުން އެ ކޯޓުން ނިންމާފައިވަނީ މިފަދައިން ހެކި ބޭނުންކޮށްފައިވާކަން އެނގޭނެ ހަރުދަނާ އެއްވެސް ޙުއްޖަތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހައިކޯޓަށް ދެއްކިފައި ނުވާކަމަށެވެ. މިފަދައިން ހައިކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރުގެ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.

މި ނުކުތާއާ ގުޅިގެން ދައުލަތުން ބުނެފައިވަނީ، ދައުލަތުން ހެކި ހުށަހެޅި ކަންކަން ފިޔަވައި އެހެން ކަންތައްތަކެއް ސާބިތުކުރުމަށް ބޭނުން ކޮށްފައިވާ ކަމުގެ ޙުއްޖަތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ހައިކޯޓުގައި ދެއްކިފައިނުވާއިރު، މި ނުކުތާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް އޮތްކަމުގައި ނުދެކޭ ކަމަށެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގައިވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެ ކަންކަމެވެ. މި ކަންކަމުގެ ތެރެއިން ފުރަތަމަ ކަމަކަށް އެ އަކުރުގެ 01 ވަނަ ނަންބަރުގައި އޮތީ، "މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ" މި ފަދައިންނެވެ.

މި ނުކުތާ ސުޕްރީމް ކޯޓުގައި ތަފުސީލުކުރަމުން މި މައްސަލައިގައި ދައުލަތުގެ ފަރާތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޝަފަހީ ހެކިން ދައުލަތުން ހުށަހެޅި ސަބަބާއި، އެ ސަބަބުގެ ބޭރުން މައްސަލަ ބެލި ފަނޑިޔާރުން އެ ހެކިންގެ ހެކިބަހުން ބުރަދަން ދީފައިވާ ކަންކަން ފާހަގަ ކޮށްފައިވެއެވެ. މިފަދައިން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކުރުމުން މި ނުކުތާއާމެދު ގޮތެއް ނިންމުމުގައި އަހުރެން ބެލީ މި ވާހަކަތައް މި މޭރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާކަން ނުވަތަ ނޫންކަމަށެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިނުވާނަމަ، ނުވަތަ ދެއްކުމުގެ ފުރުސަތު ލިބިފައިނުވާނަމަ، އެކަން ހައިކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރި ފޯމުގައި ބަޔާންކޮށްފައިވާކަން ނުވަތަ ނޫންކަމަށެވެ.

މި ނުކުތާއާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ މަޙްޟަރު ބަޔާންތަކާއި، ހައިކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރަމުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުގައި، ދައުލަތުން ހެކި ހުށަހެޅި ކަންކަން ފިޔަވައި އެހެން ކަންތައްތަކެއް ސާބިތުކުރުމަށް ކްރިމިނަލް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުން އެ ހެކި ބޭނުން ކޮށްފައިވާކަން އެނގޭނެ އެއްވެސް ވާހަކައެއް ހިމެނިފައިނުވެއެވެ. ވުމާއެކު ހައިކޯޓުގެ ފަނޑިޔާރުންގެ ކުރިމަތީގައި ބަހުސް ނުކުރެވޭކަމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފީ ނުކުތާއެއްގައި ފާހަގަކުރި ނަމަވެސް، އެކަމަކީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަހުސްކޮށް ގޮތް ކަނޑައެޅޭނެ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ އެއީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ އުސޫލާ ޚިލާފު ކަމެކެވެ. ވުމާއެކު މި ނުކުތާ އަހުރެން ބަލައި ނުގަންނަމެވެ.

ބަހުސްގެ ބޭނުމަށްޓަކައި ބެލިނަމަވެސް، ހެކިވެރިޔަކު ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަހުގެ އަސާސަކަށް ވާނީ ހުވައި މަތީގައިހުރެ، އެ ހެކިވެރިޔަކަށް އެ ވާޤިޢާއެއް އިވުނު، ނުވަތަ ފެނުނު، ނުވަތަ ނަގައި ގަނެވުނު ގޮތެއް ޙަޤީޤަތާ އެއްގޮތަށް ކިޔައި ދިނުމެވެ. މި ކިޔައިދިނުން ފަހަރެއްގައި އެ ހެކިވެރިޔަކު ހުށަހެޅި ސަބަބުން ބޭރަށްވެސް ގޮސްދާނެއެވެ. އަދި އެ ސަބަބު ފުދޭ ވަރަށް ވުރެ ކުރުވެސް ވެދާނެއެވެ. އަދި ކިއެއްތަ އެ ހެކިވެރިޔަކު ހުށަހެޅި ސަބަބާ ދިމާ އިދިކޮޅަށްވެސް ހެކިބަސް ދީފާނެއެވެ. މުހިންމު ކަމަކީ އިންސާފުގެ ހަމަތަކާއެއްގޮތަށް އެ ހެކިވެރިޔާއާ ސުވާލުކޮށް، ޠަޢުނުކުރުމުގެ ފުރުސަތު މައްސަލައިގެ ޚަޞްމުންނަށް ލިބިދީފައި ވުމެވެ. މި ހުރިހައި ހާލަތެއްގައިވެސް އެ ހެކިބަހުން ކުރިމަތީގައި އޮތް މައްސަލައިގައި ފަނޑިޔާރަށް ގަބޫލުކުރެވޭ ގޮތް ނުވަތަ ދޭހަވާ ދޭހަވުން ބަޔާންކުރެވެންވާނެއެވެ. މިކަމަށް ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ޢަމަލުކުރެވުންދާ ޤާނޫނުތަކުން އެއްވެސް ހުރަހެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ދިފާޢީ ހެކިތަކަށް ރިޢާޔަތްކުރި ގޮތް އެނގެން ނެތުން

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ 15 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދިފާޢީ ހެކިތަކަށް އެ ކޯޓުގައި މައްސަލަބެލި ފަނޑިޔާރުން ޙުކުމަށް ވާސިލުވިއިރު ރިޢާޔަތްކޮށްފައިނުވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ޙުކުމަށް ވާސިލުވެފައިވަނީ ދައުލަތުގެ ދަޢުވާއަށާއި، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށާއި، ހީވި ހީތަކެއްގެ މައްޗަށެވެ. ނަމަވެސް މިކަންކަން ހައިކޯޓުގައި ފާހަގަކުރުމުން އެ ކޯޓުން ނިންމާފައިވަނީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދިފާޢީ ހެކިތަކަށް ރިޢާޔަތްކުރަންޖެހި ރިޢާޔަތްކޮށްފައި ނުވާ ހަރުދަނާ އެއްވެސް ކަމެއް ފާހަގަކުރެވިފައިވާ ކަމުގައި ބެލެވެން ނެތްކަމަށެވެ. ނަމަވެސް މިއީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، ހައިކޯޓުން މި ނުކުތާގައި ނިންމި ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 156 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 01 އަދި 02 ވަނަ ނަންބަރާ ޚިލާފު ކަމަށެވެ. އެހެނީ ދަޢުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޙުކުމްކުރާއިރު، އެ ޙުކުމުގައި، "ދެ ފަރާތުން ހުށަހެޅި ހެއްކަށް ރިޢާޔަތްކުރާއިރު، ކުށުގެ ޢަމަލު ހިނގާފައިވާ ގޮތާ ގުޅޭގޮތުން ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަމާއި"، "ދަޢުވާ ލިބޭ ފަރާތުން ދިފާޢެއް ހުށަހަޅާފައިވާނަމަ، އެ ދިފާޢު އޭނާއަށް ސާބިތުކޮށްނުދެވުނު ކަމަށް ފަނޑިޔާރު ނިންމި ސަބަބުތައް" ބަޔާންކުރުން ލާޒިމެވެ. އަދި މި ނުކުތާއާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާއާއި 137 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ހެކިތައް ހާމަނުކޮށް ސިއްރުކޮށްފައިވާ ކަމަށާއި، މި ކަމުގެ ސަބަބުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދިފާޢު ބިނާކުރުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

ދައުލަތުގެ ފަރާތުން މި ނުކުތާއާ ގުޅިގެން ޖުމުލަ ގޮތެއްގައި ބުނެފައިވަނީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހެޅި ހުރިހާ ދިފާޢީ ހެކިތަކަށް މައްސަލަ ބެލި ފަނޑިޔާރުން ރިޢާޔަތްކުރި ގޮތް ތަފުސީލުކޮށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ ކަމަށާއި، މި ނުކުތާއާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާއާއި 137 ވަނަ މާއްދާ ފާހަގަކުރި ނަމަވެސް، އެއީ އެ ފަދައިން ހައިކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކޮށްފައިވާ މާއްދާތަކެއް ނޫންކަމުގައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 156 ވަނަ މާއްދާގެ (ށ) ގެ ދަށަށް ތަރުތީބުވެފައި ހުރި ނަންބަރުތަކަށް ބަލާއިރު، އެ ނަންބަރުތަކުގައި ބަޔާންވެފައި ހުރި ކަންކަމަކީ، ކުށް ސާބިތުވާކަމަށް ނިންމާ ހާލަތުގައި ޙުކުމުގައި ހިމަނަންޖެހޭނެ ކަންކަމެވެ. ސުވާލަކީ މިތަނުގައި ޙުކުމަކީ ކޮބައިހެއްޔެވެ؟ އެއީ ޢާންމުކޮށް ފެންނަ ކޯޓުތަކުން މައްސަލަ ބަލައި ނިންމުމަށްފަހު ދޫކުރާ "ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު" ނުވަތަ ޝަރީޢަތް ނިމުނު ގޮތުގައި" "ޙުކުމް" މި ގޮތަށް ލިޔެ ދަށު ރޮނގު ދަމާ ފަވާފައި އޮންނަ އަރިމަތީ ސުރުޚީގެ ދަށުގައި އޮންނަ އެއް ޖުމުލައިގެ ޢިބާރާތް ހެއްޔެވެ؟ ނުވަތަ ޙުކުމަކީ، އެ މައްސަލައިގެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތަކާއި، އެ ސަބަބުތަކުން ވާސިލުވެވުނު ނިންމުމަށް ނުވަތަ ނިންމުންތަކަށް ޖުމުލަ ގޮތެއްގައި މުޚާޠަބުކުރާ ގޮތް ހެއްޔެވެ؟ އަހުރެން ބުނާނީ ޙުކުމަކީ، ފަހުން މި ބުނި ގޮތަށް މައްސަލައިގެ ނިންމުމަށް ފަނޑިޔާރު ސަބަބުތަކާއި، އެ ސަބަބުތަކުން ވާސިލުވެވުނު ނިންމުމަށް ނުވަތަ ނިންމުންތަކަށް ޖުމުލަ ގޮތެއްގައި މުޚާޠަބު ކުރެވޭ ގޮތް ކަމުގައެވެ. މިކަމަށް އަންނަނިވި ޙުއްޖަތްތައް އަހުރެން ދައްކަމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 181 ވަނަ މާއްދާގައިވަނީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތެވެ. މި މާއްދާގެ (ހ) ގެ 06 ވަނަ ނަންބަރުގައި "މި ޤާނޫނުގެ 155 ވަނަ މާއްދާގެ (ށ) ގައި ނުވަތަ 156 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މަޢުލޫމާތު ހިމެނޭގޮތުން، އެ މައްސަލައިގައި ކޮށްފައިވާ ޙުކުމް" މި ފަދައިން ބަޔާންކޮށްފައިވެއެވެ. މި އަކުރުގައި ބަޔާންކޮށްފައިވާ އެ ޤާނޫނުގެ 155 ވަނަ މާއްދާއާއި 156 ވަނަ މާއްދާގައިވާ މަޢުލޫމާތުތަކަކީ، ޢާންމު ގޮތެއްގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތަކުގައި، ފާހަގަ ކުރެވޭ ނުކުތާތަކުގައި ހިމެނޭ މަޢުލޫމާތެވެ.

ޙުކުމަކީ، ސަބަބުތަކުގެ މައްޗަށް ބިނާވާ ނިންމުމެކެވެ. އެ ނިންމުމަށް ވާސިލުވި ސަބަބުތަކަކީ، އެ ނިންމުމާ ވަކި ނުކުރެވޭނެ އެއްޗެއްކަން އެނގޭ އެއްކަމަކީ، ޙުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރެވޭ ހާލަތުގައި އެ ޙުކުމް ނުވަތަ ނިންމުން ބިނާކުރި ސަބަބުތައް ޤާނޫނާ ޚިލާފުކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން ފުދޭކަމެވެ. މިކަން ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 155 ވަނަ މާއްދާއާއި 156 ވަނަ މާއްދާގައި ހިމެނޭ ކަންކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވޭ ނުކުތާތަކުގައި ހިމެނުމަށްފަހު، އަލުން އެ ބައިތައް "ޙުކުމް" ގެ ނަމުގައި އަރިމަތީ ސުރުޚީއެއްގެ ދަށުން އަލުން ލިޔުމަކީ ތަކުރާރު ކުރުމެކެވެ. އަދި ދިގު އެއް ޖުމުލައެއްގައި ހުރިހާ ސަބަބުތަކެއް މަހާލައި ތަކުރާރުކުރުމުން އެކަމަށް އިތުރު ޤާނޫނީ ބާރުވެރިކަމެއް ނުވަތަ ބުރަދަނެއް ލިބިގެންވެސް ނުދެއެވެ. އަދި މި ފަދައިން ތަކުރާރުކުރުމަކީ މިއީ ކޯޓުކުގެ ނިންމުންތަކުގެ ޠަބީޢަތާ ޚިލާފުކަމެކެވެ. އެހެނީ ކޯޓުތަކުގެ ނިންމުންތަކަކީ، ސާފުކޮށް، އެ ނިންމުންތައް މުޚާޠަބުކުރެވޭ މީހުންނަށް ފަހުމުވާ އުސޫލަކުން ލިޔެވިފައި ހުންނަންވާނެ އެއްޗެކެވެ.

މި ނުކުތާއާ ގުޅިގެން މި މައްސަލަގައި ކްރިމިނަލް ކޯޓުން ތައްޔާރުކޮށްފައިވާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެންމެ ފުރަތަމަ ފާހަގަކުރެވޭ ކަމަކީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ސާފުކޮށް ދިފާޢެއް ހުށަހަޅާފައި ނުވެއެވެ. ދިފާޢަކީ ކޮބައިތޯ ތަކުރާރުކޮށް ޝަރީޢަތުން ސުވާލު ކުރުމުން، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކޮށްފައިވަނީ އިޖުރާއީ ބައެއް ކަންކަމާއި، މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންނާ ގުޅިގެން ފާހަގަ ކުރާ ކަންކަމެވެ. މި ކަންކަމަކީ، ވަކި މަރުޙަލާއެއްގައި ގޮތް ކަނޑައެޅިފައިވާ ކަންތައްތަކެއް ކަމަށާއި، ދިފާޢުގައި ހުށަހަޅަނީ ކޮން ހެކިތަކެއް ތޯ ޝަރީޢަތުން ސުވާލު ކުރުމުން ދިފާޢުގައި ޝަފަހީ ހެއްކަކާއި، 08 ސެޕްޓެމްބަރ 2016 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމް.އެމް.އޭ) ނެރެފައިވާ ނޫސްބަޔާނަކާއި، ސިވިލް ކޯޓުގެ ނަންބަރު 705/Cv-C/2017 ޤަޟިއްޔާ ހުށަހަޅާފައިވެއެވެ.

މަތީގައި މިދެންނެވި ހެކިތަކުން ޝަފަހީ ހެކި ހާޒިރު ނުކުރެވުނުކަމާއި، ސިވިލް ކޯޓުގެ ނަންބަރު 705/Cv-C/2017 ޤަޟިއްޔާއަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުން ރިޢާޔަތްކުރި ގޮތް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި މައްސަލަ ބެލި ފަނޑިޔާރުން ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް، އެމް.އެމް.އޭގެ ނޫސްބަޔާނަށް ރިޢާޔަތްކުރި ގޮތެއް ފާހަގަކޮށްފައިނުވެއެވެ. ޤާނޫނުގެ ބޭނުމަށްޓަކައި، ފަނޑިޔާރުން ޙުކުމުގައި ހިމަނަންޖެހެނީ، ދެ ފަރާތުން ހުށަހެޅި ހެއްކަށް ޖުމުލަކޮށް ރިޢާޔަތްކުރާއިރު، ކުށުގެ ޢަމަލު ހިނގާފައިވާ ގޮތާ ގުޅޭގޮތުން ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަމެވެ. އެމް.އެމް.އޭގެ ނޫސްބަޔާނަށް ބަލާއިރު، ދައުލަތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ހުށަހެޅި ދަޢުވާގައި ބުނާ ކުށުގެ ޢަމަލު ފުރިހަމަވުމުގައި ނުވަތަ ކުށުގެ ޢަމަލު ހިންގުމުގައި އެ އިދާރާގެ ދައުރެއް ނުވަތަ ބައިވެރިވުމެއް ނުވަތަ އެ ނޫސް ބަޔާނުގައި ބުނެފައިވާ ކަންކަމުންކުރެ ކަމެއް އެ ދަޢުވާގައި ހިމެނިފައިނުވެއެވެ. ވުމާއެކު މިއީ ކުށުގެ ޢަމަލު ހިނގާފައިވާ ގޮތާ ގުޅޭ ގޮތުން ރިޢާޔަތް ކުރެވިދާނެ ހެއްކެއް ނޫނެވެ. އަދި އެ ހެއްކަށް ރިޢާޔަތްކުރި ގޮތް ބަޔާންވެފައި ނެތުމަކީ، ޙުކުމުގެ ކުރިއަށް އައި އިޖުރާއީ އައިބެއް ކަމުގައި ނުދެކެމެވެ. ވުމާއެކު، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި އަހުރެން ނުދެކެމެވެ.

ދިވެހި ފައިސާގެ ބަދަލުގައި ބޭރު ފައިސާއަކުން ޖޫރިމަނާކުރުން

ޢަބްދުއްﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން މި ކޯޓުގައި ފާހަގަކުރި އިސްތިއުނާފީ 21 ވަނަ ނުކުތާގައި ބުނަނީ، މި މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޖޫރިމަނާކުރުމުގައި ކްރިމިނަލް ކޯޓުން ދިވެހި ރުފިޔާގެ ބަދަލުގައި އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައި އޮތުން ޤާނޫނާ ޚިލާފު ކަމަށެވެ. އަދި މި ކަން ހައިކޯޓުގައި ފާހަގަކުރުމުން ކްރިމިނަލް ކޯޓުން މި ކަމުގައި ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށް މަނިޓަރީ ގަވާއިދުގެ 05 ވަނަ މާއްދާއާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) މާނަކޮށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

މި ނުކުތާގެ ރައްދުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ މަނިޓަރީ ގަވާއިދުގެ 05 ވަނަ މާއްދާގައި ކޯޓުތަކުން ކުރާ ޖޫރިމަނާގެ ވާހަކަ ހިމެނިފައިނުވާކަމަށާއި، މަނީ ލޯންޑްރިންގގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ނައްޞުގައި ޖޫރިމަނާކުރެވޭނެ ގޮތް ބަޔާންކުރުމުގައި "ކުށުގެ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާ" އިން ޖޫރިމަނާކުރެވޭނެ ކަމުގައި ސާފުކޮށް ބުނެފައިވުމުން، މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލޯންޑަރކުރި ފައިސާއަކީ އެމެރިކާ ޑޮލަރު ކަމުގައިވުމުން ކްރިމިނަލް ކޯޓުން ޖޫރިމަނާގެ ފައިސާ ކަނޑައެޅުމުގައި އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުން ޤާނޫނާ ޚިލާފު ކަމުގައި ނުބެލެވޭނެކަމަށެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން މި ނުކުތާގައި ފާހަގަކުރާ، މަނިޓަރީ ގަވާއިދުގެ 05 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި އޮންނަނީ، "ދިވެހިރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި، މަސައްކަތުގެ އަގާއި، ޚިދުމަތުގެ އަގާއި، ފީ އާއި، ކުލި ފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުންކުރުމަކީ މަނާކަމެކެވެ. އަގު އަދާކުރުމަށް ފައިސާގެ އިތުރަށް ބޭންކް ޓްރާސްފަރ އާއި ޗެކްވެސް ހިމެނޭނީ ފައިސާ ކަމުގައެވެ." މި ފަދައިންނެވެ.

މި ނުކުތާގައި މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) އަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޙަވާލާ ދީފައިވަނީ މަނިޓަރީ ޤަވާޢިދުގެ 05 ވަނަ މާއްދާއާ ޚިލާފަށް ޖޫރިމަނާ ކޮށްފައި އޮތުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނާ ޚިލާފަށް ޖޫރިމަނާކޮށްފައި އޮތް އޮތުމެއްކަން ފާހަގަކުރުމުގެ ގޮތުންނެވެ. ހައިކޯޓުގެ ނިންމުމެއް ޤާނޫނުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފުވުމަކީ، ޤާނޫނުގެ ބޭނުމަށްޓަކައި އެ ނިންމުމެއް ޤާނޫނާ ޚިލާފުވިކަމަށް ބެލެވިދާނެ ސަބަބެކެވެ. ކޮންމެހެން އެ ނިންމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާ ޚިލާފުވިކަން އިސްތިއުނާފީ ބޭނުމަށް ފާހަގަކުރުން މުހިންމެއް ނޫނެވެ.

މަނިޓަރީ ގަވާއިދުގެ 05 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ކޯޓުތަކުން ކުރާ ޖޫރިމަނާގެ ވާހަކަ ހިމެނިފައިނުވެއެވެ. މީގެ އިތުރުން، މަނީ ލޯންޑްރިންގގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ނައްޞުގައި ޖޫރިމަނާ ކުރެވޭނެ ގޮތް ބަޔާންކުރުމުގައި "ކުށުގެ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާ" އިން ޖޫރިމަނާ ކުރެވޭނެކަން ބަޔާން ކޮށްފައި ވެއެވެ. މީގެ އިތުރަށް މަނީ ލޯންޑްރިންގގެ ޤާނޫނަށް ބަލާއިރު، އެ ޤާނޫނުގައި ބަޔާން ވެފައިވާ "މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް" ތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ކުރާ ކުށްތައް ހިމެނެއެވެ. މީގެ އިތުރަށް ކުށް ކޮށްގެން ހޯދާ މުދަލުގެ ތެރޭގައި ރާއްޖެއިން ބޭރުން ލިބޭ ނުވަތަ ހޯދާ ފައިސާ ނުވަތަ މުދާ ހިމެނޭކަން ފާހަގަ ކުރެވެއެވެ. ވުމާއެކު، ކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުށުގެ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާއިން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެ ޤާނޫނުގެ 53 ވަނަ މާއްދާއިން ދީފައިވަނީ، އެ ޤާނޫނުގެ މަފްހޫމުތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ދެމެހެއްޓުމަށާއި، ޤާނޫނުގައި ކަނޑައެޅިފައިވާ ކުށުގެ ޠަބީޢަތަށް ބަލައިގެންކަން ސާފުކޮށް އެނގެއެވެ. ވުމާއެކު މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުކަމުގައި އަހުރެން ނުދެކެމެވެ.

ޖޫރިމަނާގެ އަދަބު މަތިކޮށްފައި އޮތުން

އިސްތިއުނާފީ 22 ވަނަ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅުމުގައި ޖަލުގެ އަދަބު ކަނޑައެޅުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޖަލު އަދަބުގެ އެންމެ ދަށް މިންވަރު އިޚްތިޔާރުކުރުމަށްފަހު، ޖޫރިމަނާގެ އަދަބު ކަނޑައެޅުމުގައި އެންމެ މަތީ ޢަދަދު އިޚްތިޔާރުކޮށްފައިވަނީ އެކަމުގައި ޤާނޫނުގައި ކަނޑައެޅިފައިވާ އިންތަކާ ޚިލާފަށް ކަމަށެވެ. އަދި މިއީ ކޯޓުތަކުން ޢާންމު ގޮތެއްގައި އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާ އުސޫލުތަކާ ޚިލާފަށް ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަބެއްކަމަށެވެ. މި ކަންކަން ހައިކޯޓުގައި ފާހަގަކުރުމުން އެ ކޯޓުން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، މި މައްސަލައަކީ އިޢުތިރާފުގެ މައްޗަށް ސާބިތުވެފައިވާ މައްސަލައެއް ނޫންކަމަށާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ކުށުގެ ޢަމަލު ހިނގިއިރު، ދައުލަތުގެ މުދަލާއި ފައިސާއަށް ރައްކާތެރިވުމުގެ އެންމެ އިސް ޒިންމާއާ ޙަވާލުވެ ހުރި ފަރާތްކަމުގައިވާތީ، ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖޫރިމަނާ މަދުކުރަންޖެހޭ މަޤުބޫލު ޙުއްޖަތެއް ދެއްކިފައިނުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

މި ނުކުތާގެ ރައްދުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަދަބު ކަނޑައަޅާފައިވަނީ މަނީ ލޯންޑްރިންގ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ޖޫރިމަނާ ކުރުމަށް ހުއްދަކޮށްފައިވާ އިމުގެ ތެރެއިން ކަމުގައެވެ. އަދި މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބަލާނެ ހުއްޖަތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސުޕްރީމް ކޯޓުގައި ބުނެދެވިފައިނުވާ ކަމުގައެވެ.

މި މައްސަލައިގައި އަދަބު ކަނޑައަޅާފައިވަނީ މަނީ ލޯންޑްރިންގ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އެ މާއްދާއިން އަދަބު ކަނޑައެޅުމުގައި އަންނަނިވި ދެ ގޮތުންކުރެ ގޮތެއް އިޚްތިޔާރު ކުރެވިދާނެކަން އެ އަކުރަށް ބެލުމުން އެނގެއެވެ.

ފުރަތަމަ ގޮތަކީ -/100,000 (އެއްލައްކަ) ރުފިޔާއާއި -/1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 (ފަހެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ދެވަނަ ގޮތަކީ، ކުށުގެ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ޢަދަދު (ލޯންޑަރކުރި ފައިސާގެ ޢަދަދު) ގެ 5 (ފަހެއް) ގުނައަށްވުރެ އިތުރުނުވާ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 (ފަހެއް) އަހަރާއި 15 (ފަނަރަ) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތަށް ބަލާއިރު، އަދަބު ކަނޑައެޅުމުގައި އެ ކޯޓުން ބުރަވެފައިވަނީ މި ދެންނެވި ދެ ގޮތުގެ ތެރެއިން ދެވަނަ ގޮތަށް ކަން އެނގެއެވެ. އެއީ ލޯންޑަރ ކުރުމުގައި ބޭނުންކުރި ފައިސާގެ ޢަދަދުން ޖޫރިމަނާ ކޮށްފައި އޮތުމުންނެވެ.

ޖޫރިމަނާ ކުރުމުގައި މަނީ ލޯންޑްރިންގ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ އިޚްތިޔާރުތަކުގެ ތެރެއިން ދެވަނަ އިޚްތިޔާރަށް ބަލާއިރު، ކުށުގެ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ޢަދަދުގެ 05 ގުނައަށްވުރެ އިތުރުނުވާ ޢަދަދަކުން ޖޫރިމަނާ ކުރުން ޤާނޫނުގެ ނައްޞުގައި އޮތުމުން އެއީ ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އަދަބު އެންމެ މަތި ކުރެވޭނެ މިންވަރުކަން އެނގެއެވެ. ޖަލު އަދަބަށް ބަލާއިރު، އެންމެ ދިގު މުއްދަތަކަށް ޖަލަށް ލެވޭނީ 15 އަހަރު ދުވަހަށްކަން އެ މާއްދާއިން އެނގެއެވެ. މި މާއްދާގެ ނައްޞުން އިތުރަށް އެނގިގެންދަނީ، އަދަބު ކަނޑައެޅުމުގައި ޖޫރިމަނާގެ އަދަބާއި ޖަލު އަދަބަކީ ވަކި ނުކުރެވޭނެ އެކުއެކީގައި ކަނޑައަޅަންޖެހޭނެ އަދަބެއް ކަމެވެ.

ޖިނާއީ މައްސަލަތަކުގައި ކަނޑައެޅޭ އަދަބުގެ މިންވަރު މަތިކޮށް ދަށްކުރުމުގެ އިޚްތިޔާރު ޤާނޫނުން ލިބިދީފައިވާ ހާލަތްތަކުގައި އަދަބު މަތިކޮށް ދަށްކުރުމުގައި ބަލާ ކަންތައްތަކެއް މީގެ ކުރިންވެސް ރާއްޖޭގައި ޢަމަލު ކުރެވެމުން ދިޔަ ބައެއް ގާނޫނުތަކުގައި ވެއެވެ. އޭގެ ތެރޭގައި، ކުށް ތަކުރާރު ކުރުމާއި، ޖަމާޢަތް ހަދައިގެން ކުށް ކުރުމާއި، ކުޑަކުދިން ލައްވައި ކުށް ކުރުވުމާއި، މަޤާމުގެ ބޭނުން ހިފައިގެން ކުށް ކުރުމާއި، ވަކި ވަގުތެއްގައި ކުށް ކުރުމާއި، ކުށް ކުރުމުގައި ހަތިޔާރު ގެންގުޅުމާއި، ކުށުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބުންފަދަ ކަންކަން ހިމެނެއެވެ. މުހިންމުކަމަކީ، އަދަބު މަތި ކުރުމުގެ އިޚްތިޔާރެއް ޤާނޫނުން ލިބިދީފައި އޮތްނަމަ، އެ އިޚްތިޔާރުގެ ބޭނުން ހިފާ ސަބަބު ފަނޑިޔާރު ބަޔާންކުރުމެވެ. އަދި އެ އިޚްތިޔާރު ބޭނުންކުރުމުގައި އިންސާފުގެ ހަމަތަކުން އެއްކިބާ ނުވުމެވެ.

ޤާނޫނުގައި އެހެން ވަކި ގޮތެއް ކަނޑައަޅާފައި ނުވާ ހާލަތުގައި، ކުށެއް ސާބިތުވުމުން އެއް ބާވަތަށްވުރެ ގިނަ ބާވަތުގެ އަދަބު އެކުއެކީގައި ކަނޑައެޅުމުގެ އިޚްތިޔާރު ޤާނޫނު ދޭ ހާލަތުގައި، ކަނޑައެޅޭ އަދަބުގެ ބާވަތްތަކުން ކަނޑައެޅޭ އަދަބު މަތިކޮށް ދަށް ކުރަންވާނީ އަދަބުގެ ބާވަތުން ނިސްބަތުން އެއްވަރުކޮށެވެ. މިސާލަކަށް ޖަލުގެ އަދަބާ އެކު ޖޫރިމަނާ ކުރުމަށް ކުރަންޖެހޭ ހާލަތުގައި ޖޫރިމަނާގެ އަދަބު ބޮޑު ކުރާނީ ޖަލު އަދަބު ބޮޑު ކުރެވޭ ނިސްބަތުން ހަމަ ހަމަކޮށެވެ.

އަހުރެންގެ ކުރިމަތީގައި މި އޮތް މައްސަލައަށް ބަލާއިރު، ޖަލު އަދަބުގެ މިންވަރު ޤާނޫނުގައި ބުނާ އެންމެ ދަށް މިންވަރަށް ކަނޑައެޅުމަށްފަހު، ޖޫރިމަނާގެ ފައިސާ ޤާނޫނު ހުއްދަކުރާ އެންމެ މަތީ މިންވަރަށް ކަނޑައެޅި ސަބަބެއް މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައި ނުވެއެވެ. އަދި ޖޫރިމަނާގެ އަދަބު ޤާނޫނު ހުއްދަކުރާ މިންވަރުގެ ތެރޭގައި ހިފެހެއްޓިފައި ވީނަމަވެސް، ދެ ބާވަތުގެ އަދަބު އެކުއެކީގައި ކަނޑައެޅޭ ހާލަތުގައި، ދެ އަދަބު ނިސްބަތުން ހަމަހަމަ ނުކުރެވޭނަމަ، އަދި އެގޮތަށް ނިންމި އެކަށީގެންވާ ސަބަބެއް ފަނޑިޔާރުންނަށް ބުނެދެވިފައިނުވާނަމަ، ޤާނޫނު ދީފައިވާ އިޚްތިޔާރުގެ ބޭނުން ހިފާފައިވަނީ ހަމަހަމަ ކަމާއި، އިންސާފުވެރިކަމާއެކު ނޫންކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. އެހެނީ ޤާނޫނު ދޭ ކޮންމެ އިޚްތިޔާރެއްގެ ބޭނުން ފަނޑިޔާރުން ހިފަންވާނީ ހަމަހަމަކަމާއި އިންސާފުގެ އަސާސްތަކާ އެއްގޮތަށެވެ.

ކަންމިހެން އޮތުމުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅުމުގައި ޖޫރިމަނާގެ އަދަބު މަތިކޮށްފައިވަނީ، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ. އަދި މި ނުކުތާގައި ޖޫރިމަނާގެ އަދަބު މަތި ކުރެވޭނެ ކަމުގައި ހައިކޯޓުން ދައްކާފައިވާ ހުއްޖަތްތަކަކީ، ކްރިމިނަލް ކޯޓުން އެފަދައިން ބަޔާންކޮށްފައިވާ ހުއްޖަތްތަކެއް ކަމުގައިނުވާތީ، އެ ކަންކަން އަހުރެން ބަލައި ނުގަންނަމެވެ. ވުމާއެކު، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ އެއްގޮތް ކަމުގައި އަހުރެން ނުދެކެމެވެ.

މަނީ ލޯންޑްރިންގ ކުށުގެ ނިޔަތުގެ ރުކުނާގުޅޭ އިސްތިއުނާފީ ނުކުތާތައް

މި މައްސަލައިގައި އެއްކަމެއްގައި އެންމެ ތަފުސީލުކޮށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ވާހަކަ ދައްކާފައިވަނީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގގެ ކުށުގެ ނިޔަތުގެ ރުކުނާ ގުޅިގެންނެވެ. މި ވާހަކަ ދައްކާފައިވަނީ އިސްތިއުނާފީ 13 އަދި 16 ވަނަ ނުކުތާގައެވެ.

ކުށުގެ ނިޔަތުގެ ރުކުނާ ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތެއް އޮތްކަމަށް ބުނެ ކުރާ ދަޢުވާތަކުގައި، އެ މުދަލަކީ ކޮން ކުށެއް ކޮށްގެން ހޯދި މުދަލެއްކަން ސާބިތުކޮށް ދޭންޖެހޭނެ ކަމުގައެވެ. އަދި މިއާ ޚިލާފަށް މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް، ނުވަތަ ޣައިރު ޤާނޫނީ ޢަމަލު ސާބިތުކޮށް ދޭން ނުޖެހޭނެކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި، މަނީ ލޯންޑްރިންގގެ ޤާނޫނުގެ 05 ވަނަ މާއްދާއާއި 07 ވަނަ މާއްދާއާއި، 08 ވަނަ މާއްދާ ކިޔަން ޖެހޭނީ ތުހުމަތުކުރެވޭ މީހާއަށް ފައިދާ ވާގޮތަށް ކަމުގައެވެ. މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން އަންނަނިވި ކަންކަން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ޙަވާލާދީ މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައިވެސް، ޕްރިޑިކޭޓް އޮފެންސް ނުވަތަ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް ސާބިތުވެގެން މެނުވީ، މަނީ ލޯންޑްރިންގގެ ކުށް ސާބިތު ނުވާކަން އެކި ގައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުން އެނގޭކަމަށް ބުނި ބުނުން.

ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަމަށް މަނީ ލޯންޑްރިންގެ ޤާނޫނުގެ ބޭނުމަށް ބެލެވޭނީ، އެ މުދަލަކީ އެ ޤާނޫނުގެ 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށްތަކުގެ ލިސްޓްގައި ހިމެނޭ ކުށެއް ކަމުގައިވާނަމަކަން.

މަނީ ލޯންޑްރިންގގެ ޤާނޫނުގައި ބުނާ މަނީ ލޯންޑަރ ކުރުމުގެ މަފްހޫމުގެ ތެރެއަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތު ކުރާ ޢަމަލު ނުފެތޭކަން.

އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތެއް އޮތްކަމުގައި ކަނޑައަޅައި ކުށް ސާބިތުކުރުމަކީ ޤާނޫނުއަސާސީގެ 51 ވަނަ (އ) ގެ މަޤްޞަދާ ޚިލާފު ކަމެއްކަން.

މި ނުކުތާއަށް ޖުމުލަ ގޮތެއްގައި ދައުލަތުން ދީފައިވާ ރައްދަށް ބަލާއިރު، ދައުލަތުން ފާހަގަކޮށްފައިވަނީ މި ނުކުތާގައި މަނީ ލޯންޑްރިންގގެ ޤާނޫނުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޙަވާލާދޭ މާއްދާތަކަށް ބަލާއިރު، މަނީ ލޯންޑްރިންގގެ ކުށް ސާބިތުވުމުގައި، މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް ސާބިތުވުން ލާޒިމެއް ނޫންކަމުގައެވެ. އަދި މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައެވެ.

ރާއްޖޭގައި ޢަމަލުކުރެވޭ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނަށް ބަލާއިރު، މި ޤާނޫނު އެކަށައަޅާފައިވަނީ، ދިވެހިރާއްޖެއަކީ އޭޝިއާ ޕެސިފިކް ގްރޫޕް (އޭ.ޕީ.ޖީ) އޮން މަނީ ލޯންޑްރިންގގެ މެމްބަރު ގައުމެއް ކަމުގައިވެފައި، މި ބައިނަލްއަގުވާމީ ޖަމްޢިއްޔާގެ މައިގަނޑު މަޤުޞަދު ކަމުގައިވާ މަނީ ލޯންޑްރިންގ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށްޓަކައި ފައިނޭންޝިއަލް އެކްޝަން ޓާސްކް ފޯސް (އެފް.އޭ.ޓީ.އެފް) އިން ކަނޑައަޅާފައިވާ 40 ރިކޮމެންޑޭޝަނާއި 09 ޚާއްޞަ ރިކޮމެންޑޭޝަންތައް ރާއްޖޭގައި ތަންފީޛުކޮށް ޢަމަލު ކުރުމުގެ ގޮތުންނެވެ. އެފް.އޭ.ޓީ.އެފްގެ ރިކޮމެންޑޭޝަންތަކަށް ބަލާއިރު، މަނީ ލޯންޑްރިންގ ކުށެއް ކަމުގައި ކަނޑައަޅަންޖެހޭނީ އދ. ގެ ދެ ކޮންވެންޝަނެއްގެ އިމުގެ ތެރޭގައެވެ. ފުރަތަމަ ކޮންވެންޝަނަކީ (Vienna Convention) ވިއެނާ ކޮންވެންޝަނެވެ. ދެވަނަ ކޮންވެންޝަނަކީ (Palermo Convention) ޕަލެރމޯ ކޮންވެންޝަނެވެ. މިއީ މި މައްސަލައިގެ ޚަޞްމުންގެ މެދުގައި ޚިލާފެއް ނެތްކަމެކެވެ.

ބައިނަލްއަގުވާމީ ގޮތުން އުފުލަންޖެހޭ އިލްތިޒާމެއް އުފުލުމަށްޓަކައި ރައްޔިތުންގެ މަޖިލިހުން އެކަށައަޅާ ކަމާބެހޭ ޤާނޫނެއް ކިޔުމުގައި، އެ ޤާނޫނުގެ ނައްޞާއި، އެ ޤާނޫނާ އެއްގޮތް އެހެން ގައުމުތަކުގެ ޤާނޫނުތަކާއި، އެ ޤާނޫނާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ބެލިދާނެއެވެ.

ޤާނޫނުގެ މާއްދާތައް

މި ނުކުތާއާމެދު ގޮތެއް ކަނޑައެޅުމުގައި އެންމެ ފުރަތަމަ އަހުރެން ބަލަނީ އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދޭ ޤާނޫނުގެ މާއްދާތަކަށެވެ. މި ގޮތުން އެންމެ ފުރަތަމަ މި ބަލާލަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 05 ވަނަ މާއްދާއަށެވެ. މި މާއްދާއަކީ މަނީ ލޯންޑްރިންގއަކީ ކޮބައިކަން ބަޔާންކޮށްދީފައިވާ މާއްދާއެވެ. މި މާއްދާގައި އޮތީ އަންނަނިވި ޢިބާރާތެވެ.

މަނީ ލޯންޑްރިންގ 5. "މަނީ ލޯންޑްރިންގ" ކަމަށް ބުނެފައިއެވަނީ:

(ހ) (1) ވަކި މުދަލަކީ ޣައިރު ޤާނޫނީ ޢަމަލަކުން ހޯދާފައިވާ މުދަލެއްކަން ސިއްރުކުރުމުގެ ނުވަތަ އޮޅުވާލުމުގެ މަޤްޞަދުގައި، ނުވަތަ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށެއް ކުރުމުގައި ބައިވެރިވި ފަރާތަކަށް ޙައްޤުވާ އަދަބުން އެފަރާތެއް މިންޖުކޮށްދިނުމަށްޓަކައި، އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ބަދަލުކުރުން ނުވަތަ އެ މުދަލަށް ބަދަލެއް ގެނައުމަށް؛ ނުވަތަ

(2) ވަކި މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއްގެ އަސްލު، ނުވަތަ އެ މުދަލެއް ލިބުނު ގޮތް، ނުވަތަ އެ މުދަލެއް ހުރިތަން، ނުވަތަ އެ މުދަލެއް ބަދަލުކުރެވޭ ފަރާތެއް، ނުވަތަ އެ މުދަލެއް ގެންދެވޭ ތަނެއް، ނުވަތަ އެ މުދަލުގެ ވެރިފަރާތް، ނުވަތަ އެ މުދަލާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ލިބިދޭ ޙައްޤެއް ސިއްރުކުރުން ނުވަތަ އޮޅުވާލުމަށް؛ ނުވަތަ

(3) ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަތަ ވަކި މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލެއް ހޯދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ބޭނުންކުރުމަށް؛ ނުވަތަ

(4) މި މާއްދާގެ (1)، (2) އަދި (3) ގައި ބަޔާންކޮށްފައިވާ ޢަމަލެއް ކުރުމުގައި އެހީތެރިވެދިނުން ނުވަތަ އެފަދަ ޢަމަލެއް ކުރުމަށް މަގުފަހިކޮށްދިނުން ނުވަތަ އެފަދަ ޢަމަލެއް ކުރުމަށް ހިތްވަރުދިނުން ނުވަތަ އެއިން ޢަމަލެއް ހިންގުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން ނުވަތަ އެފަދަ ޢަމަލެއް ކުރުމަށް ރޭވުން، ނުވަތަ އެފަދަ ޢަމަލެއް ކުރަން އުޅުމަށް.

(ށ) މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް ކުރާ ފަރާތަކީވެސް މަނީ ލޯންޑްރިންގގެ ކުށް ކުރި ފަރާތެއް ކަމުގައި މި ޤާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ.

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 05 ވަނަ މާއްދާއަށް ބަލާއިރު އަހުރެންނަށް އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

މަނީ ލޯންޑްރިންގއަކީ ކޮބައިކަން ނުވަތަ މަނީ ލޯންޑްރިންގގެ ހަރަކާތްތަކާއި ޢަމަލުތަކަކީ ކޮބައިކަން ބުނެދީފައި އެވަނީ އެ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުން 3 ވަނަ ނަންބަރުގެ ނިޔަލަށެވެ. 04 ވަނަ ނަންބަރުގައި އެވަނީ 01 ވަނަ ނަންބަރުން 03 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގގެ ހަރަކާތްތައް ނުވަތަ ޢަމަލުތަކުގެ ތެރެއިން މުޅިން ފުރިހަމަނުވާ ހަރަކާތްތަކާއި ޢަމަލުތަކެވެ.

މި މާއްދާއަށް ބަލާއިރު، މަނީ ލޯންޑްރިންގގެ ހަރަކާތް ނުވަތަ ޢަމަލަށް ނިސްބަތްކުރެވޭ މުދާ ސިފަކުރުމުގައި ދެ ޢިބާރާތެއް ބޭނުންކޮށްފައިވެއެވެ. ފުރަތަމަ ޢިބާރާތަކީ، "ޣައިރު ޤާނޫނީ ޢަމަލަކުން ހޯދާފައިވާ މުދަލެއް" ކަމަށް ބަޔާންކޮށްފައި އޮންނަ ޢިބާރާތެވެ. ދެވަނަ ޢިބާރާތަކީ، "ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް" ކަމަށް ބަޔާންކޮށްފައި އޮންނަ ޢިބާރާތެވެ. މި ދެ ޢިބާރާތުގެ ތެރެއިން "މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް" ތަކަކީ ކޮބައިކަން މި ޤާނޫނުގެ 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި "ކުށް ކޮށްގެން ހޯދާ މުދާ" އަކީ ކޮބައިކަން މި ޤާނޫނުގެ 08 ވަނަ މާއްދާގައި ބަޔާންކޮށްދީފައިވެއެވެ. ވުމާއެކު، މި ޤާނޫނު މާނަކުރުމުގައި މި ޢިބާރާތްތަކަށް ޤާނޫނުގައި ދީފައިވާ މާނަކުރުމަށް ރައްކާތެރިވާންޖެހޭނެ ކަމުގައި ޤަބޫލުކުރަމެވެ.

މީގެ އިތުރުން މި މާއްދާގައި ޤާނޫނުގައި ވަކި މާނަކުރުމެއް ދިފައިނުވާ ޢިބާރާތެއްވެއެވެ. އެއީ "ޣައިރު ޤާނޫނީ ޢަމަލަކުން ހޯދާފައިވާ މުދާ" އެވެ. މި ޢިބާރާތް މާނަކުރުމުގައި ރުޖޫޢަވާންޖެހޭނީ ޤާނޫނުގެ 07 ވަނަ މާއްދާއާއި 08 ވަނަ މާއްދާއަށެވެ. ކުރު ގޮތަކަށް ބުނާނަމަ، މި ޤާނޫނުގެ ބޭނުމަށްޓަކައި ޤާނޫނު ހުއްދަ ނުކުރާ ޣައިރު ޤާނޫނީ ޢަމަލަކީ، ޤާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ޢަމަލުތަކެވެ. ސަބަބަކީ އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން ލިބިދީފައިވެއެވެ.

މަނީ ލޯންޑްރިންގގެ ހަރަކާތެއް ނުވަތަ ޢަމަލެއް ބަޔާންކުރުމުގައި، މި މާއްދާގައި މި ޤާނޫނުގެ އެހެން އެއްވެސް މާއްދާއަކަށް އަދިވަކިން ޚާއްޞަކޮށް، 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށްތައް" ކަށް ޙަވާލާދީފައެއް ނުވެއެވެ.

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 07 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި އޮތީ އަންނަނިވި ޢިބާރާތެވެ.

މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް 7. "މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް" ކަމަށް ބުނެފައިއެވަނީ، މި ޤާނޫނުގައި ކުށް ކޮށްގެން ހޯދާ މުދާ ކަމުގައި ބަޔާންކޮށްފައިވާ މުދަލެއް ކުށް ކުރާ ފަރާތަށް ލިބިގަނެވިދާނެ އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރުގައި ކުރާ ކުށްތައްވެސް ހިމެނެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ކުށަކީ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށެއް ކަމުގައި މި ޤާނޫނުގެ ބޭނުމަށްޓަކައި ބެލޭނީ، އެ ޢަމަލަކީ، އެ ޢަމަލު ހިންގި ޤައުމުގެ ޤާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލެވޭ ޢަމަލެއް ކަމުގައިވުމުގެ އިތުރުން، އެއީ އެ ޢަމަލު ދިވެހިރާއްޖޭގައި ހިނގައިފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުންވެސް ކުށެއް ކަމުގައި ބެލެވޭ ޢަމަލެއް ކަމުގައިވާނަމައެވެ.

(ހ) ޓެރަރިޒަމްގެ ކުށް؛

(ށ) ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛

(ނ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛

(ރ) މީހުން ޓްރެފިކްކުރުމުގެ ކުށް؛

(ބ) ހަތިޔާރު ޓްރެފިކްކުރުމުގެ ކުށް؛

(ޅ) ކޮއިން ނުވަތަ ނޫޓު ކައުންޓަރފީޓްކުރުމުގެ ކުށް؛

(ކ) އިންސައިޑަރ ޓްރޭޑިންގގެ ކުށް؛

(އ) ކޮރަޕްޝަންގެ ކުށް؛

(ވ) އޯގަނައިޒްޑް ކްރިމިނަލް ގްރޫޕްތައް މެދުވެރިކޮށް ހިންގޭ އެންމެހައި ކުށް؛

(މ) މި މާއްދާގެ (ހ) އިން ފެށިގެން (ވ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ އިތުރުން، ޖިނާއީ ބޮޑު ކުށެއް ކަމުގައި އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ކޮންމެ ކުށެއް.

(ފ) މި މާއްދާގެ (ހ) އިން ފެށިގެން (ވ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ އިތުރުން، ޖިނާއީ ބޮޑު ކުށެއް ކަމުގައި އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ކޮންމެ ކުށެއް.

މި މާއްދާއަށް ބެލުމުން މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށްތަކަކީ ވަކި ކުށްތަކެކެވެ. މި ކުށްތައް ވަކިކޮށްފައި އެ ވަނީ މަނީ ލޯންޑްރިންގގެ ހަރަކާތްތައް ނުވަތަ ޢަމަލުތައް ބަޔާންކޮށްފައިވާ 05 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައެވެ. އަދި މި ކުށްތަކަކީ، ވަކި ކުށްތަކެއްކަން ބަޔާންކޮށް ލިސްޓްކުރި ނަމަވެސް، މިފަދައިން ވަކިކޮށް، ހަނިކުރެވޭނީ ރާއްޖޭގައި ކުރާ ކުށްތަކަށް ނުވަތަ ރާއްޖޭގައި ހިނގާ ކުށުގެ އަމަލުތަކަށް އެކަންޏެވެ. އެކަން އެނގެނީ، ރާއްޖެއިން ބޭރުގައި ހިނގާ މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށްތަކަކީ ކޮބައިކަން ބުނެދިނުމުގައި، މި މާއްދާ ފެށުމުގައި "...އެ ޢަމަލަކީ، އެ ޢަމަލު ހިންގި ޤައުމުގެ ޤާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލެވޭ ޢަމަލެއް ކަމުގައިވުމުގެ އިތުރުން، އެއީ އެ ޢަމަލު ދިވެހިރާއްޖޭގައި ހިނގައިފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުންވެސް ކުށެއް ކަމުގައި ބެލެވޭ ޢަމަލެއް ކަމުގައިވާނަމައެވެ." މިފަދައިން ބަޔާންކޮށްފައި އޮތުމުންނެވެ. އެހެން ގޮތަކަށް ބުނާނަމަ، ރާއްޖެއިން ބޭރުގައި ހިނގާ މަނީ ލޯންޑްރިންގގެ ޢަމަލެއްގައި، މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށަކީ، މި މާއްދާގައި ލިސްޓް ކުރެވިފައިވާ ކުށަކަށް ނުވެދާނެއެވެ.

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 08 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި އޮތީ "ކުށް ކޮށްގެން ހޯދާ މުދާ" ގެ ތަޢުރީފެވެ. އެ މާއްދާގައި އޮތީ އަންނަނިވި ޢިބާރާތެވެ.

"ކުށް ކޮށްގެން ހޯދާ މުދާކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޤާނޫނެއްގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ އެއްވެސް ކުށެއް ކުރުމުގެ ސަބަބުން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، ދިވެހިރާއްޖެއިން ނުވަތަ ދިވެހިރާއްޖެއިން ބޭރުން، ލިބޭ ނުވަތަ ހޯދާ ފައިސާ ނުވަތަ މުދަލަށެވެ. މީގެ ތެރޭގައި އެފަދަ ފައިސާ ނުވަތަ މުދަލުން ހޯދާ ނުވަތަ ބަދަލުކޮށްފައިވާ މުދަލާއި، އެ މުދާ އިންވެސްޓްކޮށްގެން ލިބޭ މުދާވެސް ހިމެނެއެވެ."

މަނީ ލޯންޑްރިންގގެ ޤާނޫނުގެ 08 ވަނަ މާއްދާއިން ސާފުކޮށް އެނގޭ އެއްކަމަކީ، ރާއްޖޭގެ ޤާނޫނެއްގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއް ކޮށްގެން މުދަލެއް ހޯދައިފިނަމަ އެ މުދަލަކީ ކުށް ކޮށްގެން ހޯދި މުދަލެއް ކަމުގައި ބެލެވޭނެކަމެވެ. މި މާއްދާގެ ބޭނުމަށްޓަކައި އެ ކުށަކީ 07 ވަނަ ނަންބަރުގެ އަކުރުތަކުގައި ލިސްޓްކުރެވިފައިވާ ކުށަކަށް ވާކަށްނުޖެހެއެވެ.

ތިން މާއްދާއިން ކުރެވޭ ދޭހަ

މަނީ ލޯންޑްރިންގގެ ޤާނޫނުގެ 05 ވަނަ މާއްދާއާއި، 07 ވަނަ މާއްދާއާއި، 08 ވަނަ މާއްދާ އެކުއެކީގައި ކިޔާލުމުން އެނގިގެންދަނީ، މަނީ ލޯންޑްރިންގގެ ޤާނޫނުގެ ބޭނުމަށްޓަކައި ކުށް ކޮށްގެން ހޯދާ މުދަލާ ގުޅިގެން އުފެދޭ ތުހުމަތު ތަކާއި، އުފުލޭ ދަޢުވާތަކާއި، ކުށް ސާބިތުކުރުމުގައި މުދަލާ ގުޅޭ ކުށް، އެ ޤާނޫނުގެ 07 ވަނަ މާއްދާގެ އަކުރުތަކުގައި ލިސްޓް ކުރެވިފައިވާ "މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ" ކުށްތަކަށް ވާން ނުޖެހޭނެކަމެވެ. ހަމައެކަނި ރާއްޖޭގެ ޤާނޫނެއްގައި ކަނޑައަޅާފައިވާ ކުށެއް ކަމުގައި އެ ކުށް ވުމުން ފުދޭނެކަމެވެ. މި ފަދައިން މަނީ ލޯންޑަރ ކުރެވޭ ކުށްތައް ފުޅާ ކުރުމަކީ، އެފް.އޭ.ޓީ.އެފް ގެ 03 ވަނަ ރިކޮމެންޑޭޝަނާއި، ޕަރލެމޯ ކޮންވެންޝަންގެ އިތުރުން، ޔޫރަޕްގެ ގައުމުތަކުގައި މި މަޢުޟޫޢުގައި އަމަލުކުރެވޭ ވޯސޯ ކޮންވެންޝަނާއި، ސްޓްރާސްބަރގް ކޮންވެންޝަން ގައިވެސް ބާރުއަޅާފައިވާ ކަމެކެވެ.

ސުވާލަކީ، މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި، ނުވަތަ މިނިވަން ދީމިޤްރާޠީ ގައުމުތަކުގައިވެސް މިކަން އޮންނަ ގޮތް ހެއްޔެވެ؟ މި ސުވާލަށް އަހުރެންދޭނެ ކުރު ޖަވާބަކީ، އާނއެކެވެ. މިކަން އެފް.އޭ.ޓީ.އެފްގެ ރިކޮމެންޑޭޝަންތަކަށް އިޖާބަ ދިނުމުގެ ގޮތުން ގައުމުތަކުން އެކަށައަޅާފައިވާ ޤާނޫނުތަކުން ސާފުކޮށް އެނގެއެވެ. ޖުމުލަކޮށް ބަލާއިރު، މި މައުޟޫޢުގައި އެކަށައަޅާފައިވާ ޤާނޫނުތައް ދެ ބަޔަކަށް ބެހެއެވެ. ފުރަތަމަ ބަޔަކީ، މަނީ ލޯންޑަރކުރެވޭނީ ވަކި ޚާއްޞަ ކުށްތަކަކުން ކަމުގައި އެ ގައުމުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގައުމުތަކެވެ. ނުވަތަ (Predicate offence approach) ގެންގުޅޭ ގައުމުތަކެވެ. ދެވަނަ ބަޔަކީ ރާއްޖެ ފަދައިން ގާނޫނެއްގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކާ ގުޅިގެންވެސް މަނީ ލޯންޑަރ ކުރެވޭ ނުވަތަ (All crime approach) ގެންގުޅޭ ގައުމުތަކެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހައިކޯޓާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ތަކުރާރުކޮށްފައިވާ އެއް ވާހަކައަކީ، މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް ސާބިތު ކުރުމަށްފަހު މެނުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މަނީ ލޯންޑްރިންގގެ ކުށެއް ސާބިތުވާކަމަށް ކަނޑަނާޅާ ކަމަށެވެ. ކުރިމަތީގައި މި އޮތް މައްސަލައަށް ނިސްބަތްކޮށް ބުނާނަމަ، މުދާ ހޯދާފައިވަނީ ކޮން ކުށެއް ކޮށްގެންކަން ކަނޑައެޅުމަށްފަހު މެނުވީ ކުށް ކޮށްގެން ހޯދި މުދަލެއް ލިބިގަތްކަމުގައި ކަނޑަނޭޅޭނެއެވެ. މި ނުކުތާ ތަފުސީލު ކުރަމުން އިނގިރޭސި ވިލާތާއި، ސިންގަޕޯރގެ ކޯޓުތަކުން މި މައުޟޫޢުގައި ނިންމާފައިވާ މައްސަލަތަކަށް ހަވާލާ ދީފައިވެއެވެ. މީގެ ތެރޭގައި ސިންގަޕޯރ ހައިކޯޓުން ނިންމާފައިވާ Ang Jeanette v Public Prosecutor މައްސަލައާއި، އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްގެ R v Montila މައްސަލައާއި، ކޯޓް އޮފް އެޕީލްއިން ނިންމާފައިވާ R v. Anwoir & Others، މައްސަލައަކީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އެންމެ ބޮޑަށް އުސްއަލި ކުރި މައްސަލަތަކެވެ.

މި ދެންނެވި މައްސަލަތަކަށް ޙަވާލާދީ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން މި ނުކުތާގައި ގުޅިފައިވާ ކުށް ސާބިތުކުރުމަކީ ލާޒިމުކަމެއް ކަމުގައި ތަކުރާރުކޮށް ބުނަމުން އަންނަ އައުމަށް އަހުރެން އެއްބަހެއް ނުވަމެވެ. ސަބަބަކީ އެއިން އެއްވެސް މައްސަލައެއްގައި، އަދި މި މައުޟޫޢުގައި އެނޫން ގައުމުތަކުން ނިންމާފައިވާ މައްސަލަތަކުގައި ވެސް، ބަލަމުންދާ މައްސަލައިގެ ތެރޭގައި އެއް ކުށަށްފަހު އަނެއް ކުށް ސާބިތުވާކަމަށް ނިންމާފައި ނުވެއެވެ. ނުވަތަ އެ ހާދިސާއާގުޅޭ އެހެން މައްސަލައެއްގައި ޕްރިޑިކޭޓް އޮފެންސް ސާބިތުވުމަށްފަހު، ދެވަނަ މައްސަލައިގައި ޕްރޮސީޑްސްއާ ގުޅިގެން ލޯންޑަރ ކުރުމުގެ ކުށް ސާބިތުކޮށްފައި ނުވެއެވެ. އެހެން ނަމަވެސް، ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ މައްސަލަތަކުގައި ހެކީގެ މައްޗަށް ބިނާކޮށް ކުށް ކޮށްގެން ހޯދި މުދާ ނިސްބަތްވާ ކުށް ހިނގިކަމާއި، ހޯދި މުދަލަކީ އެ ކުށުގެ ސަބަބުން ލިބުނު އެއްޗެއްކަން ސާބިތު ކުރެވޭ ގޮތް އެ މައްސަލަތަކުން ނުހަނު ސާފުކޮށް ފެނެއެވެ.

ކަން މިހެން އޮތްއިރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން، މަނީ ލޯންޑަރ ކުރެވޭނީ ހަމައެކަނި މަނީ ލޯންޑްރިންގގެ ޤާނޫނުގެ 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށަކާ ގުޅިގެންކަމަށް ބުނާ ބުނުމަކީ މަނީ ލޯންޑްރިންގގެ ޤާނޫނާ ފުށުއަރާ ބުނުމެކެވެ. އެހެނީ އެއީ މި މައުޟޫޢުގައި ދުނިޔޭގެ އެހެން ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރަމުން އަންނަ އުސޫލު ރަނގަޅަށް ބެލުމެއްނެތި ބުނާ ކުށް ބުނުމެކެވެ.

މި އުސޫލުތައް އަހުރެންގެ ކުރިމަތީގައި މި އޮތް މައްސަލައަށް ތަޤުބީޤުކުރާއިރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި ނުވަތަ އެ ދަޢުވާ ކުރުމުގެ ކުރިން، މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް ސާބިތު ކުރުމަކީ، ނުވަތަ ޤާނޫނާ ޚިލާފު ޢަމަލެއް ޝަރީޢަތަށް ސާބިތުވެފައި އޮތުމަކީ ޤާނޫނު ލާޒިމު ކުރާ ކަމެއް ނޫނެވެ. ސުވާލަކީ، ފައިސާ ހޯދި ކުށް ސާބިތު ނުކޮށް ދަޢުވާގައި ބުނާ މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާނީ ކިހިނަކުން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަހުރެން ތިރީގައިވާ ފޮޅުވަތްތަކުގައި މި ތަފުސީލު ކުރަނީއެވެ.

ޝައްކުކުރެވޭ ޙާލަތެއް އޮތްކަން ދެނެގަތުން

މަތީގައި ބުނިފަދައިން ދަޢުވާގައި ނުވަތަ އެ ދައުވާކުރުމުގެ ކުރިން، މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ކުށް ސާބިތު ކުރުމަކީ، ނުވަތަ ގާނޫނާ ޚިލާފު އަމަލެއް ޝަރިއަތަށް ސާބިތުވެފައި އޮތުމަކީ ޤާނޫނު ލާޒިމު ކުރާ ކަމެއް ނޫނެވެ. މަނީ ލޯންޑްރިންގގެ ޤާނޫނުގައި ބުނެފައިވާ "ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތެއް" އޮތްކަމަށް ލޯންޑަރިންގގެ ދައުވާ ލިބޭ ފަރާތަށް ގަބޫލުކުރެވޭނޭ ކަމަށް ބެލެވޭ ސަބަބުތަކެއް ނުވަތަ ވާގިއާތަކެއް ހުރިކަމަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާނަމަ މަނީ ލޯންޑަރިންގގެ ކުށެއް ސާބިތުކުރުމަށް އެވަރުން ފުދެއެވެ.

ވީމާ، މަނީ ލޯންޑްރިންގގެ ޤާނޫނުގައި ބުނެފައިވާ "ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތެއް" އޮތްކަން ކަނޑައަޅާނީ ކިހިނަކުން ހެއްޔެވެ؟ އެ ފަދައިން ކަނޑައަޅާނީ ހައިކޯޓުގެ ނިންމުމުގައިވާ ފަދައިން ޤާނޫނުގައި އޮތް ޢިބާރާތް އެކުއެކީގައި ކިޔައިގެން ހެއްޔެވެ. ނުވަތަ އެ ޢިބާރާތުގައިވާ ވަކިވަކި ބައިތައް ވަކިވަކިން ކިޔައިގެން ހެއްޔެވެ. އަހުރެން "ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތެއް އޮތްކަން" މި ޢިބާރާތް ކިޔާނީ ފަހުން މި ބުނި ގޮތަށް ޢިބާރާތް ވަކިވަކި ބައިތައް ވަކިވަކިން ކިޔައިގެންނެވެ.

ޤާނޫނުގައި އޮތީ، "ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި..." މިހެންނެވެ. މި ޢިބާރާތުގައި މުހިންމު ތިން ބައެއް ހިމެނެއެވެ.

184.1- ފުރަތަމަ ބަޔަކީ ކުށް ކޮށްގެން ހޯދާ މުދަލެވެ. އެ މުދަލަކީ، ޤާނޫނުގެ 08 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ޤާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކޮށްގެން ހޯދާ މުދަލެވެ. މި ކުށަކީ ކޮން ކުށެއްކަން ނުވަތަ މި ވާޤިޢާ ޝަރީޢަތަށް ގަބޫލުކުރެވޭ މިންވަރަށް ބަޔާންކޮށް ދޭންވާނެއެވެ. މި ކުށް ސިފަކުރުމުގައި ދަޢުވާގައި ވަކި ކަންތައްތަކެއް ހިމަނާފައިވާނަމަ، އެ ކަންތައްތައް އެ މަގުން ހިނގާފައިވާކަން ހެކީގެ މައްޗަށް ބިނާކޮށް ޝަރީޢަތަށް ބުނެދެވެންވާނެއެވެ. އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުން ޤާނޫނު ލާޒިމެއް ނުކުރެއެވެ. އަދި އެ މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދާކަން އެހެން މައްސަލައެއްގައި ސާބިތުވެފައި އޮތުންވެސް ޤާނޫނު ލާޒިމެއް ނުކުރެއެވެ. މި ތަނުގައި ފާހަގަކުރުން މުހިންމު ކަމަކީ، ހައިކޯޓުން ނިންމާފައިވާ ފަދައިން މަނީ ލޯންޑްރިންގގެ ކުށް ބިނާވެފައިވާ ޣައިރު ޤާނޫނީ ޢަމަލު ނުވަތަ ކުށަކީ ހަމައެކަނި ދަޢުވާކުރާ ފަރާތުން ބަޔާންކޮށްދިނުމަކުން ފުދޭނެ ކަމެއް ނޫންކަމެވެ.

184.2- ދެވަނަ ބަޔަކީ، އެކަށީގެންވާ ސަބަބު ވަޒަންކުރުމެވެ. މި ސަބަބު ވަޒަންކުރާނީ، އެހެނިހެން ސަބަބުތައް ޝަރީޢަތުން ވަޒަންކުރާ އުސޫލުން ހެކީގެ މައްޗަށް ބިނާކޮށެވެ. މި ހެކި ދެ ގޮތަކަށް ހުރެދާނެއެވެ. ފުރަތަމަ ގޮތަކީ، އެ ފައިސާ ނުވަތަ މުދަލާ ގުޅުންހުރި ސީދާ ހެއްކެވެ. މި ފަދަ ހެކިތަކުގެ ތެރޭގައި ކުށް ކޮށްގެން ހޯދާފައިވާ ވަކި ފައިސާއެއް ނުވަތަ މުދަލެއް ހޯދަން އެދުން، ނުވަތަ ހޯދުމަށް މަސައްކަތް ކުރިކަން އެނގޭނެ ހެކިތައް ހިމެނެއެވެ. ދެވަނަ ގޮތަކީ ނުސީދާ ހެއްކެވެ. މި ހެކިތަކުގެ ތެރޭގައި ތުހުމަތު ކުރެވޭ މީހާގެ މާލީ ހާލަތާއި، އާމްދަނީ ލިބެން ހުރި ނެތްގޮތާއި، އޭނާގެ އަރަންޏާއި ދަރަނި ހުރި ނެތް ގޮތާއި، ވިޔަފާރިއެއް ކުރާނަމަ، އެފަދަ އެހެން ވިޔަފާރީގެ ނަފާއަށްވުރެ އާދަޔާ ޚިލާފަށް ނަފާ އިތުރުވެފައި ވުމާއި، ލިބޭ އާމްދަނީއަކީ ޓެކްސް ދައްކަންޖެހޭ އާމްދަނީއެއްނަމަ ޓެކްސް ދައްކާފައިވާކަން ނުވަތަ ނޫންކަން އެނގޭނެފަދަ ހެކި ނުވަތަ ގަރީނާ ނުވަތަ އެފަދަ މަޢުލޫމާތު ހިމެނެއެވެ. ކުރު ގޮތަކަށް ބުނާނަމަ، މި ބަޔާންކުރި މައިގަނޑު ދެ ގޮތުން ކުރެ ގޮތަކަށް ނުވަތަ އެ ގޮތްވެސް ހިމެނޭ ގޮތަށް ހުށަހަޅާ ހެކިތަކުން ތުހުމަތުކުރެވޭ މީހާއަށް ލިބިފައިވާ މުދާ ނުވަތަ ފައިސާއަކީ، ތުހުމަތުކުރެވޭ ކުށް ފިޔަވައި އެނޫން ދެވަނަ ގޮތަކުން ލިބިފައިވާ އެއްޗެއް ނޫންކަން ޝަރީޢަތަށް ބުނެދެވެންވާނެއެވެ. ފަހަރެއްގައިވެސް އެކަށީގެންވާ ސަބަބު ބުނެދިނުމަކީ ހެކިތަކުން ބާރުނުލިބޭ، އާދައިގެ ހީވުމެއްގެ މައްޗަށް ނުވަތަ ޚިޔާލީ ތަސައްވުރެއްގެ މައްޗަށް ބިނާކޮށް ޝަރީޢަތަށް ބުނެދޭ ބުނެދިނުމަކަށް ވެގެން ނުވާނެއެވެ.

184.3- ތިންވަނަ ބަޔަކީ، ޝައްކު ކުރެވޭ ހާލަތް ވުޖޫދުވުމެވެ. މިއީ ކުރިން މި ދެންނެވުނު ދެބައިގެ ނަތީޖާއެވެ. މި ނަތީޖާ ނުކުންނަކަން ވަޒަންކުރާނީ، ކުރިން މި ބުނި ހުރިހާ ހެކިތައް އެއްތަންކޮށް ޖުމުލަކޮށް ބަލައިގެންނެވެ. މި ގޮތުން އެ ހެކިތަކަށް ބުރަދަން ދޭ ދިނުމުގައި ތުހުމަތުކުރެވޭ މީހާއަށް އެ ފައިސާ ނުވަތަ މުދާ ލިބުނީ ޞައްޙަ މަގަކުންކަމަށް ޝައްކުކުރެވޭނެ އެކަށޭނެ ހާލަތެއް އޮތްކަމަށް ނުވަތަ މަޢުލޫމާތެއް ލިބިފައިވާކަމަށް ޢާންމު ވިސްނުމުން ވިސްނާއިރު ކަނޑައެޅިގެން ގޮސްފިނަމަ، ޝައްކު ކުރެވޭ ހާލަތެއް ވުޖޫދުވީ ކަމުގައި ބަލަންވާނެއެވެ.

މަތީގައި މި ބުނި ކަންކަން ޝަރީޢަތުން ވަޒަންކުރުމުގައި ތުހުމަތު ކުރެވޭ މީހާ ދައްކާ ވާހަކަތަކާއި، އެ މީހާގެ ދިފާޢު ބިނާކުރާ ގޮތް ސަމާލުކަން ދީގެން ވަޒަންކުރަންވާނެއެވެ. މިފަދައިން ވަޒަންކުރުމުގައި އެ ފަރާތުން ޝަރީޢަތަށް ހުށަހަޅާ ހެކިތަކާއި، އެ ފައިސާ ނުވަތަ މުދާ ލިބުނު ގޮތާމެދު އެކި މަރުޙަލާގައި ދައްކާ ވާހަކަތައް ހުރި ނެތް ގޮތަށް ބަލަންވާނެއެވެ. މި ފަދައިން ބަލަންޖެހޭ އެންމެ މުހިންމު ސަބަބަކީ، ޤާނޫނުގައި ކުށުގެ ނިޔަތުގެ ރުކުނުގެ މިންގަނޑު ޝައްކުގެ ދަރަޖައަށް ދަށް ކޮށްފައި އޮންނަ އޮތުމެވެ.

މި ތަނުގައި ވާހަކަ މިދެކެވޭ ހެކިތަކަކީ، ކުށުގެ ނިޔަތުގެ ރުކުނާ ގުޅޭ ވާޤިޢާތައް ފުރިހަމަވުމަށްޓަކައި ބޭނުންވާ ހެކިތަކެވެ. މި ހެކިތައް ވަޒަންކުރުމާއި، ތުހުމަތުކުރެވޭ މީހާ އެ މުދާ ނުވަތަ ފައިސާ އާމެދު ބުނާ ބުނުން ވަޒަންކުރުމުގައި ދައުލަތުން އުފުލާފައިވާ ދަޢުވާގައިވާ ތަފުސީލުތައް ހުރިނެތް ގޮތް ޝަރީޢަތުން ބަލަންވާނެއެވެ.

މަތީގައި ބުނެވުނު ކުށުގެ ނިޔަތުގެ ރުކުނާ ގުޅޭ ޤާނޫނީ އުސޫލުތައް އަހުރެންގެ ކުރިމަތީގައި މި އޮތް މައްސަލައަށް ތަޠުބީޤު ކުރުމުގައި އަހުރެން އިޚްތިޔާރު ކުރާނީ މި މައްސަލައިގައި ވާހަކަ ދެކެވޭ ކުށް ހިނގާފައިވާކަމަށް ބެލެވޭ ތަރުތީބެވެ. އެ ގޮތުން އެންމެ ފުރަތަމަ އަހުރެން ގޮތެއް ނިންމާނީ މި މައްސަލައިގެ ތަޙްޤީޤު ކުރުމުގައި މަނީ ލޯންޑްރިންގގެ ކުށާއެކު ކޮރަޕްޝަންގެ ކުށް ތަޙްޤީޤު ކުރެވެން ޖެހޭނެކަން ނުވަތަ ނޫންކަމާއި، ކޮރަޕްޝަންގެ ކުށް ތަޙްޤީޤު ނުކުރާނަމަ މި މައްސަލައިގައި ހިންގާފައިވަނީ ބާޠިލު ތަޙްޤީޤެއް ކަމުގައި ކަނޑައެޅިދާނެކަމާމެދު މި ރައުޔުގެ 82 ވަނަ ޕެރެގްރާފުގައި އަހުރެން އުފެއްދި ދެ ސުވާލާ މެދުގައެވެ. އަދި އެ އަށްފަހު މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން ޖަމާވި އެއް މިލިޔަން އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ކަށަވަރު ނުވާކަމަށް ބުނެ ހުށަހެޅިފައިވާ އިސްތިއުނާފީ 13 ވަނަ ނުކުތާއާމެދު އަހުރެން ގޮތެއް ނިންމާނަމެވެ.

މަނީ ލޯންޑްރިންގގެ ކުށް ތަޙްޤީޤު ކުރުން

ކުށް ކުރުމުގެ ސަބަބުން ފައިސާއެއް ނުވަތަ މުދަލެއް ލިބުމުގެ މައްޗަށް ދަޢުވާ ކުރެވޭ މައްސަލަތަކުގައި އެ މުދާ ނުވަތަ ފައިސާ ލިބުނު ކުށުގެ ވާޤިޢާ ސާބިތުކުރެވޭނީ އެ ކުށް ތަޙްޤީޤުކޮށް ހޯދޭ ހެކިތަކެއް މައްޗަށެވެ. މި މައްސަލައިގައިނަމަ، ކޮރަޕްޝަންގެ ކުށް ތަޙްޤީޤު ކުރެވިގެންނެވެ. ނަމަވެސް ކޮރަޕްޝަންގެ ކުށް ތަޙްޤީޤު ނުކޮށް ހަމައެކަނި މަނީ ލޯންޑްރިންގގެ ކުށް ތަޙްޤީޤު ކުރެވިފައި އޮތުމުގެ މައްޗަށް ބިނާކޮށް މި މައްސަލައިގެ މުޅި ތަޙްޤީޤު ބާޠިލުވާނެ ކަމުގައި އަހުރެން ނުދެކެމެވެ. ސަބަބަކީ، ތަޙްޤީޤު ކުރެވިފައިވާ ބަޔަކީ، ތަޙްޤީޤު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކުން ތަޙްޤީޤު ކޮށްފައިވާ ބައެކެވެ. މުޅި މައްސަލައަށް ބަލައި އެކަށީގެންވާ މިންވަރަށް ތަޙްޤީޤު ނުކުރެވުމުގެ ނަޖީއާއަކަށް ވެގެންދާނީ، ދަޢުވާ ކުރުމަށް ހުރަސްއެޅުމާއި، އަދި ދަޢުވާ ކުރާ ޙާލަތުގައި އެ ދަޢުވާ ސާބިތު ނުވުން ނުވަތަ ސާބިތު ނުވުމުގެ އިޙްތިމާލު ބޮޑުވެގެން ދިއުމެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާއެއްތަ؟

އިސްތިއުނާފީ 13 ވަނަ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ މި މައްސަލައިގައި އޭނާގެ އެކައުންޓަށް ޖަމާވެފައިވާ އެއްމިލިޔަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ކަށަވަރުނުވާކަމެވެ. އަދި މިކަން މި ގޮތުގައި ވަނިކޮށް އޭނާގެ އެކައުންޓަށް ޖަމާވެފައިވަނީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައި ކްރިމިނަލް ކޯޓާއި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައެވެ.

މި ނުކުތާއަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ފައިސާކަން ދައުލަތުން ސާބިތުކޮށް ދޭން ނުޖެހޭނެކަމުގައެވެ. އަދި އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި ހުރި ފައިސާކަން ސާބިތު ވުމުން ޤާނޫނުގައި ބަޔާންކުރާ މިންވަރަށް އެކަން ސާބިތުކުރެވުނީ ކަމުގައެވެ. އަދި މިކަމުގައި ހައިކޯޓުން ނިންމާފައިވާ ގޮތް ޤާނޫނާ ޚިލާފުކަމުގައި ބަލާނެ ހަމައެއް ނެތްކަމުގައެވެ.

މި ނުކުތާގައި ހައިކޯޓުން ފާހަގަކޮށްފައިވަނީ، މި ފައިސާއަކީ ގއ. ވޮޑަމުލާއާ ގުޅުންހުރި ފައިސާކަން ސާބިތު ކޮށްދޭން ނުޖެހޭކަމަށެވެ. ކުށް ކޮށްގެން ހޯދި ފައިސާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު އުފެދޭ ހާލަތެއް އޮތުމުން ޤާނޫނުގެ ބޭނުމަށް ފުދުނީކަމުގައެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކުގެ ތަފުސީލަށް ދިއުމުގައި އެންމެ ފުރަތަމަ ބަލަން މިޖެހެނީ މި މައްސަލައިގައި ދައުލަތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލި ދަޢުވާގައި މި މައްސަލައިގައި ވާހަކަދެކެވޭ އެއް މިލިޔަން އެމެރިކާ ޑޮލަރާ ގުޅޭ ވާޤިޢާ ގެނެސްފައިވަނީ ކިހިނަކުންކަމެވެ. ދެން އެއަށްފަހު އެ ވާޤިޢާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާއި، އެ ހެކިތަކަށް ޝަރީޢަތުން ބުރަދަން ދީފައިވާ ގޮތަށް ބަލާނަމެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި އެއް މިލިޔަން އެމެރިކާ ޑޮލަރާމެދު ބުނެފައިވަނީ، "... ޑޮލަރަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާކަން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި..." މި ފަދައިންނެވެ.

މި ދަޢުވާއަށް ބަލާއިރު ދަޢުވާއާއި، ދަޢުވާގައިވާ ވާޤިޢާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ކަންކަމުން މި ބުނަނީ، މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލިބިގަތްކަމަށް ބުނާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށެވެ. ރާއްޖޭގެ ޤާނޫނެއްގައި ބަޔާންކުރާ ކުށެއް ކުރި ފަރާތަކީ، އެސް.އޯ.އެފް ކަމަށެވެ. މަނީ ލޯންޑްރިންގގެ ޢަމަލެއްގެ ގޮތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކޮށްފައިވަނީ ދެ ޢަމަލެއް ކަމުގައެވެ. އެ ދެ ޢަމަލަކީ ފައިސާގެ އަސްލު އޮޅުވާލުމާއި، އެ ފައިސާ ބޭނުންކުރުމެވެ. މި ދެ ޢަމަލަށް ބޭނުންވާ ނިޔަތަކީ، ޤާނޫނުގައި ބުނާ ކުށެއް ކުރުމުގެ ތެރެއިން އެސް.އޯ.އެފަށް މި ފައިސާ ލިބިފައިވާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޝައްކުކުރެވޭ ހާލަތެއް އޮތުމެވެ.

ދަޢުވާގައިވާ "ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާކަން" މި ވާޤިޢާ ސާބިތުކުރުމަށް ދައުލަތުން ގިނަ ކިތާބީ ހެކިތަކެއް ހުށަހަޅާފައިވެއެވެ. މި ކިތާބީ ހެކިތަކުގެ ތެރޭގައި ޔުނައިޓެޑް އިންޓަރނޭޝަނަލް އިން ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ފައިސާ ދެއްކުމަށް އެމް.އެމް.ޕީ.އާރ.ސީއަށް ދޫކުރި ޗެކް ބޭންކް އޮފް މޯލްޑިވްސްގައިވާ އެކައުންޓަށް ޖަމާކުރުމުގެ ގޮތުން ލިޔެފައިވާ ޑިޕޮޒިޓް ސްލިޕާއި، ބޭންކް އޮފް މޯލްޑިވްސްގައި އެސް.އޯ.އެފްގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 7701-701832-002 އެކައުންޓުގެ ސްޓޭޓްމަންޓް ހިމެނެއެވެ. މިކަންކަމުން އެނގިގެންދަނީ ކްރިމިނަލް ކޯޓުގެ މަރުޙަލާގައި ދަޢުވާގައި އެ ފައިސާއަށް ދީފައިވާ ސިފަކުރުން އެ ގޮތަށް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅައި މަސައްކަތް ކޮށްފައިވާކަމެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއީ ގއ. ވޮޑަމުލާއާ ގުޅުންހުރި ފައިސާކަން ސާބިތުކުރުމަށް ދައުލަތުން މަސައްކަތް ކޮށްފައިވާކަމެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވި އެއް މިލިޔަން އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ކަށަވަރުނުވާ އެއް ސަބަބެއްގެ ގޮތުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކޮށްފައިވާ އެއްކަމަކީ، މި ފައިސާ ޖަމާކުރި ޑިޕޮސިޓް ސްލިޕްގައި، މޮރިޝަސް ކޮމާޝަލް ބޭންކްގެ ނަންބަރު 0000000000048593 އެކައުންޓުން ދޫކޮށްފައިވާ ކަމަށް ބުނާ ޗެކް ނަންބަރާއި، މި މައްސަލައިގައި ހުށަހަޅާފައިވާ އެސް.އޯ.އެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި 11 އޮކްޓޯބަރ 2015 ގައި އެ ކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރުގެ މުޢާމަލާތުގެ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާ ނުވާކަމަށެވެ. އަދި މި ޗެކަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މި މައްސަލައިގައި ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ލިޔުމެއް ނޫންކަމުގައްޔާއި، މި ފަދައިން ދިމާ ނުވާކަން ކަށަވަރުވެފައިވަނީ ގއ. ވޮޑަމުލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޒިޔާތު މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި މި ޗެކްގެ ނަންބަރު ލިޔެފައިވަނީ އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި ހުށަހެޅުނު ޑިޕޮސިޓް ސްލިޕްގައިވާ އެ ޗެކް ނަންބަރު އޮތް ގޮތަށް ކަމުގައިވުމުންނެވެ. ނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޒިޔާތު މައްސަލަ ނިމިފައިވަނީ އިސްތިއުނާފު ކުރެވިފައިވާ މި މައްސަލަ ހައިކޯޓުގައި 17 ޑިސެމްބަރ 2019ގައި އިސްތިއުނާފު ކުރިފަހުން 07 ޑިސެމްބަރ 2020 ގައި ކަމުން ޢަބްދުﷲ ޒިޔާތުގެ މައްސަލައިގެ ވާހަކަ އެ ގޮތަށް ހައިކޯޓުގައި ބަޔާންކޮށްފައި ނުވާނެ ކަމަށެވެ.

މި ނުކުތާއާ ގުޅިގެން ހައިކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރުގެ ޗެކް މި މައްސަލައިގައި ފެންނަން ނެތްކަމަށާއި، އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން އެނގޭނެ ހެއްކެއް ނެތްކަން ފާހަގަ ކޮށްފައިވެއެވެ. އަދި މި މައްސަލައިގައި އެއް މިލިޔަން އެމެރިކާ ޑޮލަރު ޖަމާކުރުމަށްޓަކައި ފުރާފައިވާ ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަންބަރާއި، 11 އޮކްޓޯބަރ 2015 ގައި އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން އެމެރިކާ ޑޮލަރުގެ މުޢާމަލާތާ ގުޅޭ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާނުވާކަން މި މައްސަލަ ދިރާސާކުރުމުގެ ތެރޭގައި ފާހަގަކުރެވުނެވެ.

ޑިޕޮސިޓް ސްލިޕަކީ އަތު ލިޔުމުން ލިޔެފައިވާ ސްލިޕެއް ކަމުގައިވާތީއާއި، ޗެކް ނަންބަރު ކަށަވަރު ކުރެވޭ ގޮތަކީ އެ ޗެކް ނަންބަރު ފެނުމުން ކަމުގައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޒިޔާތު މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ކްރިމިނަލް ކޯޓުން ހޯދުނެވެ. މިފަދައިން ހޯދަން ޖެހުނީ މި މައްސަލައިގައި ސުޕްރީމް ކޯޓަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިވާ ރިޕޯޓުގައި ބަޔާންތަކާއި ލިޔެކިޔުންތައް ހިމެނިފައިނުވުމުގެ އިތުރަށް އެ ރިޕޯޓުގައިވެސް ޗެކް ނަންބަރު އޮތީ ލިޔެފައިވާތީ ހަމައެކަނި އެ ލިޔުމަށް ބަރޯސާ ނުވުމުގެ ގޮތުންނެވެ.

ކްރިމިނަލް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޒިޔާތު މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ހޯދައި ދިރާސާކުރުމުން އެނގިގެން ދިޔައީ، އެ މައްސަލައިގައި ޢަބްދުﷲ ޒިޔާތުގެ މައްޗަށް ޚިޔާނަތުގެ ދަޢުވާކޮށްފައި އޮތީ، އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި ވާހަކަ ދެކެވޭ ވޮޑަމުލާގެ މުޢާމަލާތާ ގުޅިގެން އެމް.އެމް.ޕީ.އާރް.ސީއަށް ލިބެންޖެހޭ އެއް މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކާ ޢަބްދުﷲ ޒިޔާތު ޙަވާލުވެ، އެ ޗެކް އެ ކުންފުންޏަށް ލިބިފައިނުވާތީ އެވެ. އަދި މި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުންތަކާއި، ޑިޕޮސިޓް ސްލިޕަކީވެސް މި މައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުންތަކާއި ޑިޕޮސިޓް ސްލިޕްކަމެވެ. އަދި އެ މައްސަލައިގައި އެއް މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކްގައިވާ ނަންބަރު، ދެ މައްސަލައިގައިމެ ހުށަހެޅިފައިވާ ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރާ ދިމާވާއިރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލައިގައި، 11 އޮކްޓޯބަރ 2015 ގައި އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން އެމެރިކާ ޑޮލަރުގެ މުޢާމަލާތާ ގުޅޭ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާނުވެ އެވެ. އެ ޗެކްގައި އޮތް ނަންބަރަކީ، 0494502 އެވެ. މިއީ ޑިޕޮސިޓް ސްލިޕްގައިވެސް އޮތް ނަންބަރެވެ. އެކައުންޓް ސްޓޭޓްމަންޓްގައި އޮތީ 0495402 އެވެ.

ޗެކްގެ ނަންބަރުގެ މި ފުށުއެރުމަށް ބަލާއިރު، މި ފުށުއެރުމަކީ، މި މައްސަލަ ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ކުރިއަށް ދިޔައިރު ފާހަގަ ކުރެވެންޖެހޭނެފަދަ ފުށުއެރުމެވެ. އެހެނީ އެ ދެ މަރުޙަލާގައި މި މައްސައިގެ ލިޔުންތަކުގެ ތެރެއިން ޗެކް ފެންނަން ނެތް ނަމަވެސް، ޗެކްގެ ނަންބަރު ޑިޕޮސިޓް ސްލިޕާއި، އެކައުންޓް ސްޓޭޓްމަންޓްގައި ޗެކްގެ ނަންބަރު އޮތީ ތަފާތު ކޮށެވެ. ކަންމިހެން އޮތް އިރު، އެކައުންޓް ސްޓޭޓްމަންޓުގައި 11 އޮކްޓޯބަރ 2015 ގައި ޖަމާވެފައިވާ ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ޔުނައިޓެޑް އިންޓަރނޭޝަލްއިން އެމް.އެމް.ޕީ.އާރް.ސީ އަށް ދޫކުރި ޗެކުން ޖަމާވެފައިވާ އެއްމިލިޔަން ޑޮލަރުކަމާމެދު ޝައްކު އުފެދެއެވެ. ޚުދު މި ޝައްކު ފިލުވައި ނުލެވޭކަން ދައުލަތުން މި މައްސަލައިގައި 18 ނޮވެމްބަރ 2021 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުން ސާފުވެއެވެ. އަދި އެ ދުވަހުގެ އަޑުއެހުމުން މި ޗެކް ނަންބަރުގެ ފުށުއެރުމަކީ، މި މައްސަލައިގައި ދަޢުވާ ކުރިއިރުވެސް ދައުލަތަށް އެނގިފައިވާ މަޢުލޫމާތެއްކަން އެނގިގެން ގޮސްފައިވެއެވެ. އަދި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ފުށުއެރުން ފާހަގަ ކުރުމުން މި ނުކުތާއަށް ދައުލަތުގެ ފަރާތުން ސާފުކޮށް ވާހަކަ ދައްކާފައިނުވާކަންވެސް ފާހަގަ ކުރަމެވެ. ކަންމިހެން އޮތްއިރު މި ޝައްކުގެ އާޚިރު ނަތީޖާއަކީ، އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމާމެދު ސުވާލު އުފެދުމެވެ. މި ސުވާލަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބެއެވެ.

ކަންމިހެން އޮތްއިރު، ދައުލަތުގެ ދަޢުވާގައި މި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ބަޔާންކޮށްފައި އޮތުމުން މި ވާޤިޢާ މިފަދައިން ކަށަވަރު ކުރެވެންޖެހޭނެއެވެ. ކުށުގެ ވާޤިޢާ ކަށަވަރު ކުރުމެއްނެތި، ލިބިފައިވާ ފައިސާއަކީ އެ ކުށް ކުރުމުގެ ސަބަބުން ލިބިފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގެ އެކަށޭނެކަން ވަޒަން ނުކުރެވޭނެއެވެ. ވުމާއެކު، މި ނުކުތާގައި ޖުމުލަކޮށް ކުށް ކޮށްގެން ހޯދި ފައިސާއެއްކަން ޝައްކު ކުރެވުމުން ފުދޭ ކަމުގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ އެއްގޮތްކަމުގައި އަހުރެން ނުދެކެމެވެ.

އިސްތިއުނާފީ 13 ވަނަ ނުކުތާގައި، މި މައްސަލައިގައި އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމާމެދު ފާޅުކަންބޮޑު ޝައްކެއް އުފެދުމުން މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ 19 އަދި 20 ވަނަ ނުކުތާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ އެ ދެ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި އެކަށީގެންވާ ޝައްކެއްނެތި ކުށް ސާބިތުވުމަށް ޤާނޫނުގައި އޮންނަ މިންވަރަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުން ކުށް ސާބިތު ނުވާކަމުގައްޔާއި، ސުޕްރީމް ކޯޓުގެ ޢިމްރާން ޢަބްދުﷲ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ބަޔާންކޮށްފައިވާ ފަދައިން ކުށް ސާބިތުވުމުގައި އުފެދޭ ޝައްކުގެ މަންފާ ތުހުމަތު ކުރެވޭ ފަރާތަށް ލިބިދޭންޖެހޭނެ ކަމުގައެވެ.

ދައުލަތުން މި މައްސަލައިގައި މަނީ ލޯންޑްރިންގގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 03 ވަނަ ނަންބަރާ ޙަވާލާދީ ކުށް ތަސައްވުރު ކޮށް، އެ ކުށް ހިނގިކަމަށް ބުނާ ވާޤިޢާ އެފަދައިން ހިނގިކަމާމެދު ޝައްކު އުފެދިފައިވުމުން، އެއިގެ ފަހަށް ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތެއް އޮތްކަމުގައި ދެ މަރުޙަލާއިން ބުރަވެފައިވާ ހެކިތަކާ ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިވާ އަންނަނިވި ނުކުތާތަކާމެދު ގޮތެއް ކަނޑައެޅުމެއް ނެތިވެސް މި މައްސަލައިގެ ނިންމުމަށް ވާސިލު ވެވިދާނެއެވެ. ނަމަވެސް ކުރިން އިޝާރާތްކުރި ގޮތަށް ބަހުސްގެ ބޭނުމަށާއި، ޤާނޫނީ އުސޫލުތައް ތަޤުބީޤުކުރާ ގޮތް ސާފު ކޮށްދިނުމުގެ ގޮތުން އެ ނުކުތާތަކާމެދު އަހުރެންނަށް ފެންނަ ގޮތް ބަޔާން ކުރާނަމަވެ. އެހެނީ ބަހުސްގެ ބޭނުމަށްޓަކައި އެ ހުރިހައި ނުކުތާތަކެއް ދައުލަތާ އެއްކޮޅަށް ނިމުނު ކަމުގައިވިޔަސް މި މައްސަލައިގައި ކުށުގެ ވާޤިޢާގައި އުފެދޭ ޝައްކުގެ މަންފާއިން އިސްތިއުނާފުކުރާ ފަރާތް މަޙްރޫމުކުރެވޭނެ ކަމުގައި އަހުރެން ނުދެކެމެވެ. ވުމާއެކު އަންނަނިވި އިސްތިއުނާފީ ނުކުތާތަކަށް ވަކިވަކިން އަހުރެން އަލިއަޅުވާލަމެވެ.

މި މައްސަލައިގައި ހުށަހެޅުނު ޝަފަހީ ހެކިންނަކީ ޢަދުލުވެރި ބައެއް ނޫންކަމަށް ބުނެ ފާހަގަ ކުރި އިސްތިއުނާފީ 09 ވަނަ ނުކުތާ.

މި މައްސަލައިގައި ހުށަހެޅުނު ކިތާބީ ހެކިތަކުގެ ތެރެއިން އޮޑިޓަރ ޖެނެރަލަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުށަހެޅި މާލީ ބަޔާނުގައިވާ ކަމާގުޅޭ ޢިބާރާތާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-C4/MIS/2018/76 ސިޓީއާ ގުޅިގެން ފާހަގަކުރި އިސްތިއުނާފީ 10 ވަނަ ނުކުތާ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ކޮން ފައިސާއެއްކަމާމެދު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކި ވާހަކަތަކުގެ މައްޗަށް ސިޔާސީ ޕާޓީގެ ޤާނޫނުގެ 40 ވަނަ މާއްދާ ތަޠުބީޤު ކުރި ގޮތާމެދު ފާހަގަކުރި އިސްތިއުނާފީ 12 ވަނަ ނުކުތާ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވި އެއް މިލިޔަން އެމެރިކާ ޑޮލަރުން މުޢާމަލާތް ނުކުރުމަށް އެންގުމަށްފަހު، އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ޖަމާކުރުމަށް އެންގި އެންގުމާ ގުޅިގެން ފާހަގަކުރި އިސްތިއުނާފީ 11 ވަނަ ނުކުތާ.

ޝަފަހީ ހެކިންގެ ހެކިބަސް ބަލައިގަތުން

އިސްތިއުނާފީ 09 ވަނަ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަކުރަނީ މި މައްސަލައިގައި ދައުލަތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހުށަހެޅި ޝަފަހީ ހެކިންގެ ހެކިބަސް ބަލައިގަނެ ބުރަދަން ދިނުމުގައި ކްރިމިނަލް ކޯޓުން ޢަމަލުކޮށްފައިވާ ގޮތް ރަނގަޅުކަމުގައި ހައިކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފުކަމުގައެވެ. މި ނުކުތާ އިތުރަށް ތަފުސީލުކުރަމުން ބުނެފައިވަނީ މި މައްސަލައިގައި ހެކިބަސްދީފައިވާ އަޙްމަދު އަދީބު އަބްދުލްޣަފޫރާއި ޢަބްދުﷲ ޒިޔާތަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާމެދު ޢަދާވަތްތެރިކަން އޮތް ދެމީހުން ކަމުގައިވާތީ އެ ދެމީހުންގެ ހެކިބަސް ގުޅުވައިލެވޭ އެހެން ގަރީނާތަކެއް ނެތި ބަލައި ނުގަނެވޭނެކަމުގައެވެ. އަދި މި މައްސަލައިގައި ހެކިބަސް ދިފައިވާ މުޢައްވިޒު ރަޝީދު ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ދޮގު ހަދާފައިވާއިރު، އެއީ ޢަދުލުވެރިކަމާއެކު ހެކިބަސް ދީފައިވާ މީހެއްކަމުގައި ނުބެލެވޭނެ ކަމަށެވެ. ކަންމިހެން އޮތް އިރު މި ހެކިވެރިންގެ ހެކިބަހަކީ ޢަބްދުﷲ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަސް ބަލައިގަތުމުގެ އުސޫލާ ޚިލާފަށް ބަލައި ބުރަދަން ދީފައިވާ ހެކިބަހެއްކަމުގައެވެ.

މި ނުކުތާއަށް ރައްދު ދެމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ އަޙްމަދު އަދީބް ޢަބްދުލްޣަފޫރާއި، ޢަބްދުﷲ ޒިޔާތުގެ ހެކިބަހަށް ބުރަދަން ދީފައިވަނީ އެ ދެ މީހުންގެ ހެކިބަހަށް ބާރުލިބޭ އިތުރު ހެކިތަކެއް ހުރުމުންކަމަށެވެ. އަދި މި މައްސަލައިގައި މުޢައްވިޒު ރަޝީދު ހެކިބަސް ދެމުން ދޮގު ހަދާފައިނުވާކަން، 07 ފެބްރުއަރީ 2017 ގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންޓި ކޮރަޕްޝަނަށް ދީފައިވާ ބަޔާނުން ސާފުކޮށް އެނގޭކަމަށެވެ. އަދި ޝަފަހީ ހެކިންގެ ހެކިބަހާބެހޭ ގޮތުން ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ބެލެވޭނެ ހުއްޖަތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައި ނުވާކަމުގައެވެ.

ޝަފަހީ ހެކިންގެ ތެރެއިން ޢަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޢަބްދުﷲ ޒިޔާތަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާމެދު ރުޅިވެރިކަން އޮންނާނެ ބައެއްކަން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ތަފުސީލާއެކު ކިޔައިދީފައިވެއެވެ. މިކަން ކްރިމިނަލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށް، އެ ދެމީހުންގެ ހެކިބަހުގައި ޝައްކު އުފެދޭކަން ފާހަގަކޮށް، އެހެން ނަމަވެސް، އެ ދެމީހުންގެ ހެކިބަހަށް ބާރުދޭ ޝަފަހީ ހެއްކަކާއި، ކިތާބީ ގިނަ ހެކިތަކެއް ހުރުމުން އެ ޝައްކުތައް ކުޑަކޮށްދޭ ކަމުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި ޝަފަހީ ހެއްކަކީ ކާކުކަމެއް އަދި ގިނަ ކިތާބީ ހެކިތަކަކީ ކޮބައިކަމެއް އަދި އެ ދެހެކިންގެ ހެކިބަހާއި މި ބުނި އިތުރު ހެކިތައް ގުޅުވައިލެވެނީ ކިހިނަކުންކަން ކްރިމިނަލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިނުވެއެވެ. މި ފަދައިން ފާހަގަކޮށްފައިނުވާއިރު، ޢަބްދުﷲ ޒިޔާތު އާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ހެކިބަހުގައި އުފެދޭ ޝައްކު ފިލައިދަނީ ކިހިނަކުންކަން ދެނެ ނުގަނެވެއެވެ. އަދި މިކަން މި މޭރުމުން އޮތްއިރު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން މި ނުކުތާގައި ނިންމާފައިވާ ނިންމުމަށް ތަފުސީލު ކޮށްދިނުމެއްނެތި ހައިކޯޓުން ތާއީދުކޮށްފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތާ ސުވާލުކުރުމުން މި ދެހެކިންގެ ހެކިބަހަށް ބާރުލިބޭ އެހެން ހެކިތަކަކީ ކޮބައިކަމާއި، ބާރު ލިބޭ ގޮތް އަންގައިދޭ ތާވަލެއް ޝަރީޢަތަށް ހުށަހެޅިއެވެ. އަހުރެންނަށް މި ތާވަލަށް އަދި މި ހެކި ގުޅުވައިލެވޭ ގޮތްކަމަށް ދައުލަތުން ބުނާ ގޮތަށް ބުރަވުމަށް ދަތިވެއެވެ. މި ގޮތަށް ބުރަވުމަށް ދަތިވަނީ، މި ހެކި ގުޅުވައިލެވޭ ގޮތް ދަށު މަރުޙަލާއިން މައްސަލަ ބެލި ފަނޑިޔާރުން އެއްވެސް މިންވަރަކަށް ތަފުސީލުކޮށްފައި ނެތުމެވެ. އަދި މިފަދަ އެއްވެސް ތަފުސީލެއްނެތި، ދައުލަތުގެ ފަރާތުން އެ ހެކިތައް ގުޅޭ ގޮތް ބަޔާންކޮށްދޭ ދިނުމަށް ބަރޯސާވުން ރައްކާތެރިކަމުގައި ނުދެކެމެވެ. ކަންމިހެން އޮތްއިރު، އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ޢަބްދުﷲ ޒިޔާތުގެ ހެކިބަހަށް އެހެން ހެކިތަކުން ބާރުލިބޭކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ސަބަބު ބަޔާންކޮށް ނިންމާފައިވާ ނިންމުމެއްކަމުގައި އަހުރެން ނުދެކެމެވެ.

މުޢައްވިޒު ރަޝީދުގެ ހެކިބަހަށް ބަލާއިރު، އެ ހެކިބަސް ބަލައި ނުގަނެވޭނެކަމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައިކޯޓުގައި ފާހަގަކޮށްފައިވާ ސަބަބަކީ މުޢައްވިޒު ރަޝީދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދޮގު ހަދާފައިވާތީކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެއެވެ. މި ފަދައިން ދޮގު ހެދިކަމަށް ފާހަގަ ކޮށްފައިވަނީ، މުޢައްވިޒު ރަޝީދު ރައީސް އޮފީހުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ބައްދަލުކުރިކަމަށް ބުނިނަމަވެސް، އެއީ ޙަޤީޤަތެއް ނޫންކަމުގައިވާތީ ކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެއެވެ.

މިކަމަށް ބަލާއިރު، ހައިކޯޓުން ފާހަގަކޮށްފައިވަނީ، މުޢައްވިޒު ރަޝީދުގެ ހެކިބަހަށް 07 ފެބްރުއަރީ 2017 ގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންޓި ކަރަޕްޝަން ކޮމިޝަނަށް ދީފައިވާ ބަޔާނުން ބާރުލިބޭ ކަމަށެވެ. އެ ބަޔާނުގައި އެ ބަޔާން ނެގީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިކަމަށް ބުނެފައިވާ ކަމަށެވެ. މި ނުކުތާގައި ކަން ހިނގާފައިވާ ގޮތް އިތުރަށް ބަލާއިރު ފާހަގަ ކުރެވެނީ، މުޢައްވިޒު ރަޝީދު ދޮގުހެދިކަމަށް ބުނާ ބުނުން ފިޔަވައި އެހެން އެއްވެސް ހެއްކެއް ޝަރީޢަތަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިނުވާކަމެވެ. އަދި އެ ފަދަ ހެއްކެއް ހޯދުމަށް ކުރި މަސައްކަތުން ހެއްކެއް ލިބިފައިނުވާކަން ހައިކޯޓުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ. ވުމާއެކު، މި ހާލަތުގައި މުޢައްވިޒު ރަޝީދު ދޮގެއް ހެދިކަން އެނގޭނެ ގޮތެއް ނެތްއިރު، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި އަހުރެން ނުދެކެމެވެ.

ޝަފަހީ ހެކިން ދީފައިވާ ހެކިބަހުން ލިބޭ ބުރަދަން

ޝަފަހީ ހެކިންގެ ހެކިބަސް ކްރިމިނަލް ކޯޓުން ބޭނުންކޮށްފައިވަނީ ކުށުގެ ނިޔަތުގެ ރުކުން ސާބިތު ކުރުމަށްޓަކައެވެ. ތިރީގައި މި ބަލާލަނީ، ޝަފަހީ ހެކިންގެ ހެކިބަހުން އެ ރުކުން ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކިބަސް ލިބޭކަން ނުވަތަ ނޫންކަމަށެވެ.

މުޢައްވިޒު ރަޝީދުގެ ހެކިބަސް

މުޢައްވިޒް ރަޝީދުގެ ހެކިބަހާމެދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ފާހަގަ ކޮށްފައިވަނީ، "ދައުވާލިބޭ ފަރާތުގެ އެކައުންޓަށް އެސް.އޯ.އެފް އިން ޖަމާކުރި އެއްމިލިޔަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވި ފައިސާކަމާއި، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ އެ ފައިސާ ދައުލަތަށް ދިނުން ކަމަށް ދަޢުވާލިބޭ ފަރާތަށް އެންގިކަމަށް އެ އިރު އޭ.ސީ.ސީގެ ނައިބު ރައީސް މުޢައްވިޒް ރަޝީދު ހެކިބަސް ދެމުން ބުނެފައިވާކަމާއި..." މިފަދައިންނެވެ.

މުޢައްވިޒު ރަޝީދު ކްރިމިނަލް ކޯޓަށް ދީފައިވާ ހެކިބަހަށް ބަލާއިރު، އެ ހެކިބަހުގައި މި މައްސަލައިގައި ވާހަކަ ދެކެވޭ ފައިސާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަކަށް ޖަމާވި ކަމަށާއި، މި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގާތުގައި ބުނިކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ހެކިބަހާ ގުޅިގެން ދެ ދުވަސްމަތިން ތަކުރާރުކޮށް މުޢައްވިޒު ރަޝީދު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމުގައި ބުނެފައިއެވަނީ ފައިސާ ދައުރުކޮށްފައިވާ ގޮތުގެ މައްޗަށް ބަލައި މުޢައްވިޒު ރަޝީދަށް ގަބޫލު ކުރެވޭ ގޮތުގެ މައްޗަށް ބުނެފައިވާ ބުނުމެއްކަން އެނގެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މިއީ ހަރުދަނާ ވާޤިޢާތަކެއް ނުވަތަ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ބުނެފައިވާ ބުނުމެއް ނޫންކަން އެނގެއެވެ. މިކަން ކަށަވަރުވަނީ، މި މައްސަލައާ ގުޅިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް އެކުންފުންޏެއްގެ ދެ ޗެކަކުން ފައިސާ ޖަމާވި އެސް.އޯ.އެފް ކުންފުނިން ފައިސާ ޖަމާކޮށްފައިވަނީ ކީއްވެގެންކަން ތަޙްޤީޤު ކޮށްފައި ނުވާކަމަށާއި، އެ އެއްމިލިޔަން ޑޮލަރުގެ ޙަޤީޤަތް ހޯދިފައިނުވާކަމަށާއި، އަދި އެސް.އޯ.އެފް ކުންފުނިފަދަ އަމިއްލަ ކުންފުނިތައް ތަޙްޤީޤު ކުރުމުގެ ބާރަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންވާ ބާރެއްވެސް ނޫންކަމަށް ޚުދު މުޢައްވިޒު ރަޝީދު ކްރިމިނަލް ކޯޓުގައި ދީފައިވާ ހެކިބަހުން ފެންނަން އޮތުމެވެ.

ކަންމިހެން އޮތްއިރު، މުޢައްވިޒް ރަޝީދުގެ ހެކިބަހަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއާމެދު ޝައްކެއް އުފެއްދުމަށް އެކަށީގެންވާ ސަބަބެއް ގާއިމުކުރެވޭ ހެކިބަހެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި މުޢައްވިޒް ރަޝީދުގެ ހެކިބަހަށް ބުރަނުވެވޭނެ ކަމަށް ބުނެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާފައިވާ، މުޢައްވިޒް ރަޝީދުގެ އޯޑިއޯކަމަށް ބުނާ އޯޑިއޯ ކްލިޕްގައިވާ އަޑާއި އެ ކްލިޕްގެ ޞައްޙަކަމާމެދު އެއްވެސް ތަހުޤީޤީ އިދާރާއެއްގެ ރިޕޯޓު ހުށަހަޅާފައިނުވާ ހިނދު، އެއީ މި މައްސަލައިގައި ރިޢާޔަތްކުރެވިދާނެ ހެއްކެއް ކަމުގައި އަހުރެން ނުދެކެމެވެ.

އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޢަބްދުﷲ ޒިޔާތުގެ ހެކިބަސް

އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ހެކިބަސް ދެމުން އެމް.އެމް.ޕީ.އާރް.ސީގެ ފައިސާ މާރުކޮށްގެން އެ ފައިސާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޙަވާލުކޮށްފައި ހުންނާނެކަމަށާއި، އަދި އެ ފައިސާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނެގެން އެކިތަންތަނަށް ގެންގޮސްފައި ހުންނާނެ ކަމަށާއި، ވޮޑަމުލާގެ އެއްބަސްވުމުގައި ސޮއިކުރަން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންގިކަމަށާއި، ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓް ނުލިބިގެން ލަސްވެގެންވެސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނިކަމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ހެކިބަސް ދެމުން ބުނިކަމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ.

އަދި ޢަބްދުﷲ ޒިޔާތުގެ ހެކިބަހާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ފާހަގަ ކޮށްފައިވަނީ، "ގއ. ވޮޑަމުލާގެ ފައިސާ ލިބުން ލަސްވެގެން ދަޢުވާލިބޭ ފަރާތުން ގުޅިކަމަށް" ހެކިބަސް ދެމުން ޢަބްދުﷲ ޒިޔާތު ބުނެފައިވާ ކަމަށެވެ.

މިކަން މި ގޮތަށް ފާހަގަ ކުރުމަށްފަހު، އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޢަބްދުﷲ ޒިޔާތަކީ އެމް.އެމް.ޕީ.އާރް.ސީގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ދެ މީހުންކަމަށާއި، އެ ދެ މީހުންނަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ "ވެރިކަމުގައި" ވަޒީފާއިން ވަކިކޮށް އަދަބު ލިބިފައިވާ ބައެއްކަމުގައިވާތީ އެ ދެމީހުންގެ ހެކިބަހުގައި ޝައްކު އުފެދޭ ކަމަށް މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލައިގައި ލިބިފައިވާ އެހެނިހެން ހެކިތަކުން މި ޝައްކު ކުޑަކޮށްދޭކަންވެސް ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ.

އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ޢަބްދުﷲ ޒިޔާތުގެ ހެކިބަހުގައި ޝައްކު އުފެދޭ އުފެދުމާމެދު މި މައްސަލައިގެ އެއްވެސް މަރުޙަލާއެއްގައި ދެ ބަސްވުމެއް ނެތެވެ. އަދި އެ ޝައްކު އުފެދޭ ހާލަތުތަކަށް ބަލާއިރު، އެ ޝައްކު އުފެދޭނެކަމުގައި އަހުރެން ދެކެމެވެ.

ނަމަވެސް މި މައްސަލައިގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ހެކިބަހުގައި ފާހަގަކޮށްފައިވާ ކަންކަން އެގޮތަށް ހުރިކަމަށް ދަލާލަތު ކޮށްދޭ އިތުރު އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިނުވެއެވެ. މީގެ އިތުރުން، ގއ. ވޮޑަމުލާގެ ފައިސާ ލިބުން ލަސްވެގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢަބްދުﷲ ޒިޔާތަށް ގުޅިކަން ދޭހަވާ ހެއްކެއް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ފާހަގަ ކޮށްފައި ނުވެއެވެ. އަދި ދެ މަރުޙަލާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތަކުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ޢަބްދުﷲ ޒިޔާތުގެ ހެކިބަހުން ފާހަގަކޮށްފައިވާ ކަންކަމަށް ބާރުލިބޭ ނުވަތަ ގުޅުވައިލެވޭ ހެކިތަކެއް އަހުރެންނަށް ފާހަގަ ނުކުރެވެއެވެ. ކަންމިހެން އޮތް އިރު، އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ޢަބްދުﷲ ޒިޔާތުގެ ހެކިބަހަކީ އެ ހެކިބަހަށް ބާރު ލިއްބައިދޭ އެހެން ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ހާލަތުގައި އެ ހެކިބަހަށް ބުރަދަނެއް ދިނުން ރައްކާތެރި ހެކިބަހެއް ކަމުގައި އަހުރެން ނުދެކެމެވެ.

މި ތަނުގައި އަހުރެން ފާހަގަކުރަމެވެ. ޢަބްދުﷲ ޒިޔާތާއި، އަޙްމަދު އަދީބް ޢަބްދުލްޣަފޫރުގެ ހެކިބަސް ގުޅުވައިލެވޭކަމަށް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ޙަވާލާދީފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު TR-2017/275 ރިޕޯޓަކީ މި މައްސަލައިގެ އެއްވެސް ފަރާތަކުން ވަކި ކަމެއް ސާބިތުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޕޯޓެއް ނޫނެވެ. އެހެން ނަމަވެސް، އެ ރިޕޯޓާ ގުޅިގެން ހެކިންނާ ސުވާލުކޮށް އެ ރިޕޯޓާ ޙަވާލާދީ މައްސަލައިގެ ވާޤިޢާތައް ކަށަވަރު ކުރުމަށް މަސައްކަތް ކޮށްފައިވާކަން ކްރިމިނަލް ކޯޓާއި ހައިކޯޓުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން ފާހަގަވެއެވެ. މިއީ ޤާނޫނީ ހަމަތަކުގެ މަތިން މިކަން ހިނގަންވާނެ ގޮތެއް ނޫނެވެ. އެ ރިޕޯޓާ ގުޅިގެން ހެކިންނާ ސުވާލުކުރަން ބޭނުންވާނަމަ އެކަމަށް އެދޭ ފަރާތަކުން އެ ރިޕޯޓު ޝަރީޢަތަށް ހުށަހެޅެންވާނެއެވެ. ކަންމިހެން އޮތްއިރު، އެ ރިޕޯޓާ ގުޅިގެން ދެ ފަރާތުންމެ ދައްކާފައިވާ ވާހަކަތަކީ، އިސްތިއުނާފީ ހަމަތަކުގެ މަތިން އަހުރެން ގޮތެއް ނިންމުމުގައި ބުރަވާނެ ވާހަކަތަކެއް ނޫނެވެ.

މާލީ ބަޔާނުގައިވާ ޢިބާރާތް

އިސްތިއުނާފީ 10 ވަނަ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެ ކިތާބީ ހެއްކަކުން ކްރިމިނަލް ކޯޓާއި ހައިކޯޓުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި ފާހަގަކޮށްފައިވެއެވެ. މި ގޮތުން ފާހަގަކުރާ ފުރަތަމަ ކަމަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އޮޑިޓަރ ޖެނެރަލްއަށް ހުށަހެޅި މާލީ ބަޔާނުގައިވާ ޢިބާރާތުން ހެކި ވަޒަންކުރި ގޮތެވެ. ދެވަނަ ކަމަކީ 21 ފެބްރުއަރީ 2018 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވިކަމަށް ބުނާ އެ ކޮމިޝަނުގެ ނަމްބަރު 123-C4/MIS/2018/76 ސިޓީއިން ހެކި ވަޒަންކުރި ގޮތެވެ.

މާލީ ބަޔާނުގައިވާ ޢިބާރާތާ ގުޅިގެން ކްރިމިނަލް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވަނީ، "އެސް.އޯ.އެފްގެ އެކައުންޓުން ދަޢުވާލިބޭ ފަރާތުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެމް.އެމް.ޕީ.އާރް.ސީގެ ފައިސާއިން ދިންކަމަށް އަދީބު ބުނާ ފައިސާކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވުމުން އެ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ދަޢުވާލިބޭ ފަރާތަށް ޝައްކު ކުރެވޭނެކަން ސާފު ކޮށް އެނގެން އޮތްކަމަށެވެ. މި ނުކުތާގައި ހައިކޯޓުން ފާހަގަކޮށްފައިވަނީ، މިފަދައިން ބަޔާންކޮށްފައި އޮތުމުން އެ ފައިސާއާމެދު ޝައްކު އުފެދޭ ހާލަތެއް ވުޖޫދުވާ ކަމަށެވެ.

މާލީ ބަޔާނުގައިވާ ޢިބާރާތަށް ބަލާއިރު، އެ ޢިބާރާތް ހިމެނިފައިވަނީ އެ ބަޔާނުގެ 3.2 ވަނަ ނަންބަރުގައިވާ "ދާންހުރި ފައިސާ" މި ސުރުޚީގެ ދަށުން ބަޔާންކުރި ތަފުސީލު ގައެވެ. މި ސުރުޚީގެ ތިރީގައިވާ ތާވަލުގައި "ފައިސާ ދޭންޖެހޭ ފަރާތް" މި ސުރުޚީގެ ދަށުގައި ލިޔެފައިވާ ފުރަތަމަ ފޮޅުވަތުގައި ވަނީ،"އެމް.އެމް.ޕީ.އާރް.ސީ އިން ދިންކަމަށް އަދީބު ބުނާ ފައިސާ" މިހެންނެވެ. އެ ފޮޅުވަތުގެ ތިރީގައި އޮތް ބްރެކްޓްގައި އިތުރަށް ލިޔެފައި އޮތީ، "މި ފައިސާވަނީ އޭ.ސީ.ސީގެ ފޭވަރގައި އޮތް ބީ.އެމް.އެލް އެސްކްރޯ އެއްގައި" މިހެންނެވެ. މި ތަފުސީލު ބަޔާންކޮށްފައިވާ ތާވަލުގެ އެންމެ ވާތްފަރާތަށް އޮތް ކޮލަމުގައި އޮތީ "ދެއްކި ފައިސާގެ ޢަދަދު" މިހެން ލިޔެފައެވެ. މި ސުރުޚީގެ ދަށުގައި އެއް މިލިޔަން އެމެރިކާ ޑޮލަރު ވިޔަ އަކުރުން ލިޔެފައިވެއެވެ. ކްރިމިނަލް ކޯޓާއި ހައިކޯޓުން ފަހުން މި ބުނި ބްރެކެޓްގައިވާ ޢިބާރާތުގެ ވާހަކަ ބަޔާންކޮށްފައިނުވެއެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ބުނެފައިވަނީ މާލީ ބަޔާނުގައި އެ އޮތީ އެސް.އޯ.އެފުން އިސްލާމިކް ބޭންކްގައި އޮތް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ވާހަކައެއް ނޫންކަމުގައެވެ. އެކަން ބްރެކެޓްގައި ތަފުސީލުކޮށް ބަޔާންކޮށްފައި އެއޮތީ ކަމުގައެވެ. އަދި އެމް.އެމް.ޕީ.އާރް.ސީގެ ފައިސާއިން އަދީބު ދިންކަމަށް ބުނާ ފައިސާކަމަށް ބަޔާންކޮށްފައި އެވަނީ އެވަގުތު އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ވާހަކަ ބަޔާންކުރުމުގެ ގޮތުންނެވެ. އަދި ބަޔާނުގައިވާ މި ޢިބާރާތުން ބަޔާނުގައި މިވާ ފައިސާއަކީ ކުށެއް ކޮށްގެން ލިބިފައިވާ ފައިސާއެއްކަން ދޭހަ ނުވާކަމަށެވެ.

މާލީ ބަޔާނުގައިވާ ޢިބާރާތަކުން މާނަ ނަގާނަމަ އެ ބަޔާނުގައިވާ ހުރިހާ ޢިބާރާތްތަކަށް ބަލަންޖެހޭނެކަމުގައި ދެކެމެވެ. މާލީ ބަޔާނަކީ 15 ނޮވެމްބަރ 2018 ގައި ފުރިހަމަ ކޮށްފައިވާ ބަޔާނެކެވެ. މި ބަޔާނުގައިވާ ތާރީޚުގެ ކުރިން މި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެމެދު ސިޓީތަކެއް ބަދަލުކޮށް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބަޔާނެއް އެ ކޮމިޝަނުން ނަގާފައިވެއެވެ. އެ ހިސާބަށް ކަންތައް ވެފައިވާ ގޮތުގެ ވާޤިޢާތަކަށް ބަލައި، މާލީ ބަޔާނުގެ 3.2 ގައިވާ ޢިބާރާތްތަކަށް ބަލާއިރު، މާލީ ބަޔާނުގައިވާ ޢިބާރާތުން ދެ މާނައެއް ދޭހަވެއެވެ. ފުރަތަމަ މާނައަކީ، "އެމް.އެމް.ޕީ.އާރް.ސީގެ ފައިސާއިން ދިންކަމަށް ބުނާ ފައިސާ" އެ ވަގުތު ހުރީ "އޭ.ސީ.ސީގެ ފޭވަރގައި އޮތް ބީ.އެމް.އެލްގެ" އެކައުންޓެއްގައެއް ނޫނެވެ. އެ ފައިސާ ހުރީ އިސްލާމިކް ބޭންކްގައެވެ. މި މާނަ މިނެގެނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށެވެ. މާލީ ބަޔާނުގައިވާ ޢިބާރާތުން ނެގޭ ދެވަނަ މާނައަކީ، އެސްކްރޯ އެކައުންޓެއްގައި ހުރި ފައިސާއަށް އިޝާރާތްކޮށް ބްރެކެޓްގައި ލިޔެފައިވާ އިބާރާތުން މި ފައިސާއަކީ، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯގައިވާ ފައިސާކަން ދޭހަވެއެވެ. މިކަމަށް "ދެއްކި ފައިސާ" ގެ ޢަދަދަކަށް އެއް މިލިޔަން އޮތުމުން މިކަމަށް އިތުރަށް ބާރުލިބެއެވެ. އެހެނީ ދެއްކި ފައިސާގެ ސިފައެއް އިސްލާމިކް ބޭންކްގެ އެކައުންޓެއްގައި ހުރި އެއްމިލިޔަން ފައިސާއަކަށް ނިސްބަތް ނުކުރެވޭނެއެވެ. މި މާނަ މި ކުރެވެނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އެއްކޮޅަށެވެ.

މި ފަދައިން ދެ މާނަ ދޭހަވާއިރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް މާލީ ބަޔާނުގައިވާ ޢިބާރާތުގެ މާނަކުރުން ބޭނުންކުރާނަމަ، އެކަމަށް އިތުރު ހެއްކެއް ނުވަތަ ގަރީނާއެއް ބޭނުންވާނެ ކަމުގައި ދެކެމެވެ. މާލީ ބަޔާނުގައިވާ ޢިބާރާތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ނެގޭ މާނައަށް ބުރަދަން ނުދެވޭ ސަބަބު ޖެހިގެން އޮތް ނުކުތާއާ ގުޅިގެން އެބަ ތަފުސީލު ކުރަމެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސިޓީގައިވާ ޢިބާރާތް

އިސްތިއުނާފީ 10 ވަނަ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ފާހަގަ ކޮށްފައިވާ ދެވަނަ ލިޔުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ 21 ފެބްރުއަރީ 2018 ގެ ސިޓީގައިވާ ޢިބާރާތެވެ. އެ ޢިބާރާތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވި އެއް މިލިޔަން އެމެރިކާ ޑޮލަރަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ ބީދައިން ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ބެލެވޭނެ ޢިބާރާތެއް ނެތްކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ބުނެއެވެ. ކަންމިހެން އޮތްއިރު މި ނުކުތާގައި ހައިކޯޓުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށެވެ.

ކްރިމިނަލް ކޯޓުން އެ ސިޓީއާ ގުޅިގެން ފާހަގަކޮށްފައިވަނީ، "އެސް.އޯ.އެފްއިން ދަޢުވާލިބޭ ފަރާތުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާއިފައިވާ ފައިސާ ކަމަށް ބެލެވޭ ކަމަށާއި، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ބެލެވޭ ކަމަށާއި، އެކަން ތަހްޤީޤު ކުރަމުން ދާކަމަށާއި، އެންމެ ރަނގަޅު ގޮތަކީ އެފައިސާ ދައުލަތާއި ޙަވާލުކުރުން ކަމަށް 21 ފެބްރުއަރީ 2018 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުންގެ ނަންބަރު 123-C4/MIS/2018/76 ސިޓީއިން ދަޢުވާލިބޭ ފަރާތަށް އަންގާފައިވާކަމާއި.." މިފަދައިންނެވެ.

މި ސިޓީގައިވާ ތިން ޕެރެގްރާފަށް ބަލާއިރު، ފުރަތަމަ ޕެރެގްރާފުގައިވަނީ އެމް.އެމް.ޕީ.އާރް.ސީގެ މައްސަލަ ތަޙްޤީޤު ކުރުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި އެސް.އޯ.އެފުން ދެ ފަހަރެއްގެ މަތިން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަކަށް އެއް މިލިޔަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމެވެ. ދެ ވަނަ ޕެރެގްރާފުގައި އޮތީ، މި ފައިސާއިން މުޢާމަލާތެއް ނުކޮށް ބެހެއްޓޭނެ ގޮތެއް ހަމަޖައްސައި ދިނުމަކީ އެ ކޮމިޝަނުގެ އެދުމެއް ކަމަށެވެ. އަދި އެ ފައިސާއާމެދު އަމަލުކުރުމަށް ފެންނަ ގޮތަކީ އެސްކްރޯ އެކައުންޓަކަށް އެ ފައިސާ ޖަމާކޮށްފައި ބެހެއްޓުންކަމަށެވެ. ތިންވަނަ ޕެރެގްރާފުގައި އޮތީ އެސްކްރޯ އެކައުންޓަކަށް ފައިސާ ޖަމާކުރުމާމެދު ފެންނަ ގޮތެއް އެ ކޮމިޝަނަށް އެންގުމަށެވެ. މުޅި ސިޓީގައި، "ވެދުންސަލާމާއި އިޙްތިރާމާ ދެމެދު" އޮތް ވާހަކަތަކަށް ބަލާއިރު، އެ ފައިސާއަކީ ކުށް ކޮށްގެން އެސް.އޯ.އެފަށް ލިބިފައިވާ ފައިސާއެއްކަމުގައި އެ ސިޓީގައި ބަޔާން ކޮށްފައިވާތީ އަހުރެންނަށް ނުފެނުނެވެ. އަދި، މި މައްސަލަ ތަޙްޤީޤު ކޮށް ދަޢުވާ ކުރުމާ ހަމައަށްވެސް އެ ފައިސާގެ އަސްލު ހޯދިފައިނުވާކަމާއި، އެ ފަދައިން ތަޙްޤީޤު ކުރުމުގެ ބާރު ލިބިގެންވާކަމަށް ޤަބޫލުނުކުރާކަން، އެ ކޮމިޝަނުން ޝަރީޢަތުގައި ހެކިބަސް ދީފައިވާ ފަރާތްތަކުގެ ހެކިބަހުން އެނގެއެވެ. އަދި މިކަން މިފަދައިން އޮތްކަން އެސްކްރޯ އެއްބަސްވުމުން ސާފުކޮށް އެނގެއެވެ.

އަހުރެންވެސް އެއްބަހެވެ. ތަޙްޤީޤީ އިދާރާއަކުން ޖިނާއީ ކުށެއް ބަލަމުން ދާކަން މީހެއްގެ ގާތުގައި ބުނުމުން އަދި އެ ބަލަމުންދާ ކުށަކީ އެ މީހާއާ ކޮންމެވެސް ވަރަކަށް ގުޅުންހުރި ކުށެކޭ ބުނުމުން ޝައްކެއް ވާނެއެވެ. ސުވާލަކީ އެ އުފެދޭ ޝައްކަކީ ދަޢުވާ ބިނާކޮށްފައިވާ ޤާނޫނުގެ މާއްދާގެ ބޭނުމަށް ފުދޭ ޝައްކެއް ހެއްޔެވެ؟ އަހުރެންގެ ޖަވާބަކީ ޝައްކެއް އުފެދޭ ތޯ ބެލުމުގެ ކުރިން ނުވަތަ ޝައްކުގެ އެކަށޭނެކަން ވަޒަންކުރުމުގެ ކުރިން އެހެން ކަމެއް ވަޒަންކުރަންޖެހެއެވެ. އެ ކަމަކީ، އެ މުދާ ހޯދި ގޮތް ޤާނޫނުގައި ބުނާ ކުށަކަށް ނިސްބަތް ކުރެވޭކަން ނުވަތަ ނޫންކަމެވެ. އެ ކުށުގެ ވާޤިޢާތައް ހުރީ ކިހިނަކުން ހެއްޔެވެ؟ ދިމާވާ ކަމެއްގެ ސަބަބުން އެ ވާޤިޢާތައް ބަދަލުވުމުގެ އިޙްތިމާލު އެބަ އޮތް ހެއްޔެވެ؟

ކުރިކަމަށް ބެލެވޭ ކުށާކާ ނުގުޅުވައި ކުށް ކުރިކަމާމެދު އުފެދޭ ޝައްކުގެ އެކަށޭނެކަން ޙަޤީޤަތުގައި ވަޒަން ނުކުރެވޭނެއެވެ. އެފަދައިން ޝައްކުގެ އެކަށޭނެކަން ޝަރީޢަތުން ވަޒަންކޮށްފިނަމަ ނުކުންނާނެ ނަތީޖާއަކީ، މަނީ ލޯންޑްރިންގގެ ކުށް ސާބިތުވާފަހުން ފެންމަތިވާ ކަންކަމުން މަނީ ލޯންޑްރިންގގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅާފައިވާ މީހާ ދޫވުމުގެ އިޙްތިމާލު ބޮޑުވެގެން ދިއުމެވެ. އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާކަމާމެދު ފާޅުކަންބޮޑު ޝައްކުތަކެއް އުފެދިގެން ދިއުމެވެ.

މި ދެންނެވި ކަންކަން ބަހުސްގެ ބޭނުމަށް މި މައްސަލައަށް ތަޠުބީޤު ކުރަމާ ހިނގާށެވެ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށް ސާބިތުވާކަމަށް ތިން މަރުޙަލާއިންވެސް ނިމުނު ފަހުން، ކުށް ސާބިތުވުމުގައި ވާހަކަ ދެކެވުނު އެއް މިލިޔަން އެމެރިކާ ޑޮލަރަކީ، ޤާނޫނީ ގޮތުން ޞައްޙަ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބުން ޙައްޤު ފައިސާއެއްކަން އެނގިގެން ދިޔައީއެވެ. ކުށް ސާބިތުވާކަމަށް ހުރިހާ މަރުޙަލާއެއްގައި ކަނޑައެޅިގެން ދިޔައިރު، ކުށުގެ ޢަމަލާ ގުޅޭ އެއްވެސް ވާޤިޢާއެއް ކަށަވަރެއް ނުކުރެވެއެވެ. ތަޙްޤީޤެއް ނުކުރެވެއެވެ. މި ޙާލަތުގައި ހަމައެކަނި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އުފެދޭނެ އާދައިގެ ޝައްކަކީ އެ ޝައްކުގެ މައްޗަށް ބިނާކޮށް ދެކޮޅުނުހެދޭނެ ހުއްޖަތްތަކެއް (Irresistible Inference) ނަގައިގަނެވޭނެ ޝައްކަކަށް ނުވާނެއެވެ.

ކަންމިހެން އޮތުމުން ކުށުގެ ވާޤިޢާ ކަށަވަރު ކުރުމެއްނެތި، މާލީ ބަޔާނުގައިވާ ޢިބާރާތާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާއި، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޝައްކެއް ކުރެވޭނެކަމަށް ބަލައި ހެކިވަޒަންކުރުމަކީ، އެއީ މި ބާވަތުގެ މައްސަލަތަކުގައި ހެކި ވަޒަންކުރެވޭ ޤާނޫނީ އުސޫލާ އެއްގޮތަށް ވަޒަންކޮށްފައިވާ ހެކިބަހެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި މި ހެކިތަކާބެހޭ ގޮތުން ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ އެއްގޮތް ކަމުގައި އަހުރެން ނުދެކެމެވެ.

ސިޔާސީ ޕާޓީގެ ޤާނޫނު ތަޠްބީޤު ކުރުން

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނާ ގޮތުން މި މައްސަލައިގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ 40 ވަނަ މާއްދާ ދެ މަރުޙަލާއިންވެސް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައެވެ. އެހެނީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަތުގައި ހުރި ފައިސާއަކީ ސިޔާސީ ޕާޓީއަކަށް ދީފައި ހުރި ފައިސާއެއްކަމުގައި ނުވަތަ އެ ފައިސާއަކީ ކޮބައިކަން ބުނެދިނުމުގައި އެއްވެސް މަރުޙަލާއެއްގައި "ސިޔާސީ ޕާޓީ" މި ލަފުޒުވެސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބޭނުންކޮށްފައިނުވާނެއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ 40 ވަނަ މާއްދާގައި އޮތީ އަންނަނިވި ޢިބާރާތެވެ.

"ކޮންމެ ޕާޓީއަކުންވެސް، އެ ޕާޓީއެއްގެ ފައިސާގެ ކަންކަން ބަލަހައްޓާނެ ވަކި މީހަކު ޢައްޔަންކުރަންވާނެއެވެ. އަދި އެމީހަކު މި ޤާނޫނުގެ 40 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޕާޓީއަށް ލިބޭ ފައިސާއާއި ތަކެތީގެ ހިސާބުތަކާއި ޕާޓީން ކުރާ ޚަރަދުގެ ހިސާބުތައް ބަލަހައްޓަންވާނެއެވެ."

ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަލާއިރު، ސިޔާސީ ޕާޓީގެ ޤާނޫނުގެ 40 ވަނަ މާއްދާއާ ގުޅިގެން ލިޔެފައިވަނީ،

"ދަޢުވާލިބޭ ފަރާތުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޙަވާލުގައި ހުރި ކެމްޕެއިން ފައިސާ ކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފައިވާއިރު، އަމިއްލައަށް މަންފާ ހޯދުމުގެ ނިޔަތުގައި އެ ފައިސާއިން މަންފާ ލިބޭ ގޮތަށް އިންވެސްޓްކުރުމުގެ މާނައެއް ނެތްކަމާއި، ޕާޓީއަށް ލިބޭ ފައިސާ ޖަމާކުރަން ޖެހެނީ ޕާޓީގެ އެކައުންޓަށް ކަމަށް ޤާނޫނު ނަމްބަރު 2013/04 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 40 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމާއި،.." މި ފަދައިންނެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ 40 ވަނަ މާއްދާގައި ޕާޓީއަށް ލިބޭ ފައިސާ ޖަމާކުރަންޖެހޭނީ ޕާޓީގެ އެކައުންޓަކަށް ކަމުގައި ބަޔާންވެފައިނުވެއެވެ. އެފަދަ ވާހަކައެއް އޮތީ 41 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގައެވެ. މި ނަންބަރަށް ބަލާއިރު، "ކޮންމެ ޕާޓީއަކަށް ލިބޭ އާމްދަނީއާއި، އެ ޕާޓީއަކުން ކުރާ ޚަރަދުގެ ތަފްޞީލު ހިސާބުތައް، އަންނަނިވި އުސޫލުން ލިޔެ ބަލަހައްޓަންވާނެއެވެ." މި ފަދައިން އެ މާއްދާގެ (ހ) ގައި ބަޔާންކުރުމަށްފަހު، 02 ވަނަ ނަންބަރުގައި ބަޔާންވެފައި އޮތީ، "ޕާޓީގެ ނަމުގައި ބޭންކު އެކައުންޓެއް ހުޅުވައި އެ އެކައުންޓަށް ޕާޓީގެ ފައިސާ ޖަމާކޮށް، ބެލެހެއްޓުން" މި ފަދައިންނެވެ.

އަދި މި މައްސަލައިގައި އަހުރެންގެ ކުރިމައްޗަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ވާހަކަ ދެކެވޭ އެއް މިލިޔަން އެމެރިކާ ޑޮލަރަކީ، ސިޔާސީ ޕާޓީއަކަށް އެއްވެސް ފަރާތަކުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދީފައިވާ "ސިޔާސީ ޕާޓީއެއްގެ" ފައިސާއެއްކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ބުނެފައިނުވެއެވެ. ނުވަތަ އެއްވެސް މާނައެއްގައި އެއީ ސިޔާސީ ޕާޓީއަކަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ބެލެވޭނެ ޢިބާރާތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު އެކި މަރުޙަލާތަކުގައި ދައްކާފައިވާ ވާހަކަތަކުން ދޭހައެއް ނުވެއެވެ. ކަންމިހެން އޮތް އިރު، ސިޔާސީ ޕާޓީގެ ޤާނޫނުގެ 40 ވަނަ މާއްދާ ތަޠުބީޤުކުރެވޭނެ ކަމުގައި އަހުރެން ނުދެކެމެވެ.

އެސްކްރޯ އެއްބަސްވުމަށް ޢަމަލުކުރުން

އިސްތިއުނާފީ 11 ވަނަ ނުކުތާގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާހަގަކުރަނީ 25 މާރޗް 2018 ގައި އެސްކްރޯ އެއްބަސްވުމުގައި ސޮއިކުރިއިރު އެއްބަސްވުމުގައި ލިޔެފައިވާ ފައިސާ އިސްލާމިކް ބޭންކްގައިވާ އެކައުންޓްގައި ފައިސާ ނެތްކަން ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ 14 މާރޗް 2017 ގެ ބޭންކް ސްޓޭޓްމަންޓުން ސާބިތުވާކަމަށެވެ. މި ހާލަތުގައި އެއްބަސްވުމަށް ޢަމަލުކުރުމުގެ ގޮތުން އެއް މިލިޔަން އެމެރިކާ ޑޮލަރު ޖަމާކުރުމުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރެވުނީ ކަމުގައި ބަލަންވާނެއެވެ. ނަމަވެސް، މި ނުކުތާގައި ހައިކޯޓުން ގޮތެއް ނިންމާފައިވަނީ މި ވާޤިޢާތަކަށް ބެލުމެއްނެތިއެވެ.

މި ނުކުތާގައި ހައިކޯޓުން ޤާނޫނާ ޚިލާފަށް ނިންމާފައިވަނީ ކޮން ކަމެއްކަން ސާފެއް ނޫނެވެ. އެހެނީ މި މައްސަލަ ފެންމަތިވެ ތަޙްޤީޤު ކުރަން ފެށިފައިވަނީ އެސްކްރޯ އެކައުންޓަށް، އެސްކްރޯ އެއްބަސްވުމުގައި ބަޔާންކުރި ފައިސާ ފިޔަވައި އެހެން ފައިސާއެއް ޖަމާކުރުމާ ހަމައިންކަން މައްސަލައިގެ ލިޔެކިޔުންތައް ބެލުމުން އެނގެއެވެ. ދަޢުވާ ފޯމާއެކު 14 މަރޗް 2017 ގެ ތާރީޚުގެ އެކައުންޓް ސްޓޭޓްމަންޓް ހުށަހަޅާފައި އޮތުމަކީ، އެ ތާރީޚުގައި އެ ސްޓޭޓްމަންޓް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާކަމުގައި ބެލެވޭ ކަމެއް ނޫނެވެ. އަދި މިފަދައިން ބަލާނެ އިތުރު ކަމެއް މި މައްސަލައިން އަހުރެންނަށް ފާހަގަ ނުކުރެވެއެވެ. ވުމާއެކު، މި ނުކުތާގައި ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.

އެއް މިލިޔަން އެމެރިކާ ޑޮލަރުގެ ޙަޤީޤަތް ހޯދުން

މި މައްސަލައަށް ބަލާއިރު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަން ކަށަވަރެއް ނުވެއެވެ. އެ ފައިސާ ޖަމާވެފައިވަނީ އެސް.އޯ.އެފް ކިޔާ ކުންފުންޏަކުންނެވެ. މި މައްސަލައިގައި ކުރެވިފައިވާ ތަޙްޤީޤުގައި އެ ކުންފުންޏާ ގުޅޭ ތަޙްޤީޤެއް އެދެވޭ ގޮތުގައި ކޮށްފައިވާކަމުގައި ނުބެލެވެއެވެ. އަދި އަހުރެން ހައިރާންވީ، އެސް.އޯ.އެފް ކުންފުންޏަކީ އެމް.އެމް.ޕީ.އާރް.ސީގެ މައްސަލައިގައި މަނީ ލޯންޑަރކުރުމަށް ބޭނުންކުރި އެންމެ ވަރުހުރި އާލާތްކަމަށް ދައުލަތުން ތަކުރާރުކޮށް ބުނުމަށްފަހު، އެ ކުންފުނީގެ އިސްފަރާތްތަކަށް ދަޢުވާވެސް ނުކުރުމަށް ނިންމާފައިވާ ވާހަކަ ބުނުމުންނެވެ. މީގެ އިތުރަށް މި ފައިސާ ޖަމާކުރުމުގެ މުޢާމަލާތާ ގުޅިގެން ފައިސާ ޖަމާކުރުމުގައި ހަރަކާތްތެރިވި ދެ މީހުންގެ ހެކިބަސް ކްރިމިނަލް ކޯޓުން ނަގާފައިނުވުމަކީ މި މައްސަލައިގައި ލިބިފައިވާ ހެކި ބަލިކަށިވެދާނެ ހާލަތެއްކަމުގައި ބަލައި އެ ހެކިންގެ ހެކިބަސް އެކޯޓުން ނަގައި މައްސަލަ ނިންމުމުގެ ކުރިން އެ ހެކިންގެ ހެކިބަހަށް އެ ކޯޓުން ބުރަދަނެއް ހޯދަން ދައުލަތުން މަސައްކަތް ކޮށްފައިނުވެއެވެ. މި ފަދައިން މަސައްކަތްކޮށް، އެ ކޯޓުން އެކަމުގައި ކާމިޔާބުނުވިނަމަ، އެކަން އިސްތިއުނާފީ މަރުޙަލާގައި ދައުލަތަށް ފަހި ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރެވުނީހެވެ.

އެސް.އޯ.އެފް ކުންފުންޏަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބުނާ ގޮތުން އެ ކުންފުންޏަކީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ދަންނަ ކުންފުންޏެއް ނޫނެވެ. ކަންމިހެން އޮތްނަމަވެސް، އެ ކުންފުނިން ޖަމާކުރި ފައިސާ ހިމަނައިގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ އިންވެސްޓްކޮށްފައެވެ. މި ފަދައިން އިންވެސްޓްކޮށްފައިވަނީ މި ފައިސާއަކި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ފައިސާއެއްކަމަށް ޤަބޫލުކޮށްގެން ކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ބުނިނަމަވެސް މިއީ މި ފައިސާއާމެދު ކަންތައް ކުރަންޖެހޭ ގޮތެއް ނޫނެވެ. އެހެނީ، މި ފައިސާއިން އިންވެސްޓްކުރިއިރު، މި ފައިސާގެ ޙަޤީޤަތާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި މި ފައިސާއާމެދު ދައުލަތުގެ އިދާރާތަކުން ތަޙްޤީޤު ކުރާކަން އެނގިހުރެ، މި ފައިސާއިން އިންވެސްޓް ކުރުމަކީ، ތަޙްޤީޤު އިދާރާތަކުން ޤާނޫނީ އިމުގެ ތެރެއިން ކުރާ ތަޙްޤީޤުތަކަށާއި، ބަލާބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި، ޤާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ ޢަމަލެއް ކަމުގައި ބެލެވޭ ޢަމަލެކެވެ.

ކަންމިހެން އޮތުމުން، މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން އެމެރިކާ ޑޮލަރުގެ ހަގީގަތް ބެލުމުގެ ފުރުސަތު އަދިވެސް އޮތްކަމުގައި ދެކެމެވެ. އަދި މި ބެލުންތަކުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާއާއި، އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާނަމަ، އެ ފައިދާއެއް ހިމެނޭނެހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާކަމުގައިވެސް އަހުރެން ދެކެމެވެ. ނަމަވެސް މިފަދައިން މި ފައިސާ ހޯދުމުގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ކުށުގެ ޢަމަލާ ގުޅިގެން ޤާނޫނުއަސާސީގެ 60 ވަނަ މާއްދާއިން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބޭ ޙައްޤަށް އުނިކަމެއް އައިސްގެން ނުވާނެކަން ވެސް ފާހަގަ ކުރަމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

އަހުރެންގެ ރައުޔުގައި ތަފުސީލުކުރި ކަންކަމުގެ އަލީގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުންތަކުގެ އަންނަނިވި ކަންކަން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި ދެކޭތީ އެކަންކަމަށް އަހުރެން ތާއީދު ކުރަމެވެ.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އުފުލައި، އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބެލެވެން ނެތްކަމަށް ނިންމާފައިވާ ނިންމުން.

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލުނު މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ކުށުގެ ޢަމަލުގެ ތަފުސީލުތައް ހިމެނިފައިވާކަމަށް ނިންމާފައިވާ ނިންމުން.

ދަޢުވާއަށް ޖަވާބުދާރީވުމަށް އެންގުމުގެ ކުރިން މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ނުލިބުނު ނަމަވެސް ނުލިބިވާ ލިޔުންތަކާއި، މައްސަލަގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައަށް އަސަރުކުރާވަރުގެ އިޖުރާއީ އައިބެއް ކުރިމަތިވެފައިވާ ކަމުގެ ހަރުދަނާ ޙުއްޖަތެއް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ދެއްކިފައިނުވާކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން.

އިބްތިދާއީ އަޑުއެހުން ނިންމި ދުވަހު ޝަރީޢަތުގެ އަޑުއެހުން ފެށުން ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފު ނޫންކަމުގައި ހައިކޯޓުން ނިންމި ނިންމުން.

ކްރިމިނަލް ކޯޓުން މި މައްސަލަ ބެލި ޤާޟީންގެ މަޖިލިސް އެކުލަވާލާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި ނިންމި ނިންމުން.

ހެކި ހުށަހެޅި ކަންކަން ފިޔަވައި އެހެން ކަންކަން ސާބިތުކުރުމަށް ހެކި ބޭނުންކުރިކަން އެނގެން ނެތްކަމަށް ނިންމި ނިންމުން.

ދިފާޢީ ހެކިތަކަށް ރިޢާޔަތްކުރި ގޮތް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 156 ވަނަ މާއްދާގެ (ށ) ޚިލާފު ނޫންކަމުގައި ނިންމި ނިންމުން.

ދިވެހި ފައިސާގެ ބަދަލުގައި ބޭރު ފައިސާއަކުން ޖޫރިމަނާ ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި ނިންމި ނިންމުން.

މަތީގައި ބުނެވިދިޔަ ކަންކަމަށް އަހުރެން ތާއީދު ކުރިނަމަވެސް، މަނީ ލޯންޑްރިންގގެ ކުށް ތަޙްޤީޤު ކުރުމުގައި ޖޮއިންޓް އިވެސްޓިގޭޝަނެއް ކުރިއަށް ގެންދަން ޖެހޭނެތަނެއް ނެތްކަމުގައި ހައިކޯޓުން ބަޔާންކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައްޔާއި، ކުށާ ގުޅޭ ޤާނޫނީ އުސޫލުތައް ހައިކޯޓުން އެކަށައެޅުމުގައި، މަނީ ލޯންޑްރިންގގެ ކުށް ބިނާވެފައިވާ ޣައިރު ޤާނޫނީ ޢަމަލަކީ ކޮބައިކަން ނުވަތަ ކުށަކީ ކޮބައިކަން ދަޢުވާ ކުރާ ފަރާތުން ހަމައެކަނި ބަޔާންކޮށް ދިނުމުން ފުދޭނެކަމަށް ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށް ސާބިތުވާކަމަށް ނިންމުމުގައި ހެކި ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ކަނޑައެޅުމަށް ފެނެއެވެ. ވުމާއެކު، މައްސަލައިގައި ކްރިމިނަލް ކޯޓާއި، ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކުރަންޖެހޭނެ ކަމުގައި ދެކެމެވެ.

އަދި މި މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން އެމެރިކާ ޑޮލަރުގެ ހަގީގަތް ބަލައި، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާއާއި، އެ ފައިސާއިން އިންވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާނަމަ، އެ ފައިދާ ހިމެނޭނެހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާކަމުގައި ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.

މި މައްސަލައިގައި، އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވި ފައިސާއާމެދު އުފެދޭ ސުވާލުތައް އިސްވެ ބަޔާންކުރެވިއްޖެއެވެ. އެ ވާހަކަތައް ތަކުރާރުކުރާކަށް ނެތީމެވެ. އަދި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހެކިބަސް ދިން ޝަފަހީ ދެ ހެކިންނަކީ އެމީހުންގެ ހެކިބަހަށް ބުރަދަނެއް ދިނުމަށްޓަކައި އިތުރު ހެކި ބޭނުންވާ ދެމީހުންކަމުގައިވާއިރު، އެފަދަ ހެކިތަކެއް މި މައްސަލައިގައި ހުށަހެޅިފައިނުވެއެވެ. މީގެ އިތުރުން، އެކައުންޓަށް ޖަމާވި ފައިސާގެ އަސްލު ޙަޤީޤަތް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެނގޭނެ ހެކިތަކެއް ޝަރީޢަތަށް ހުށަހެޅިފައިހުރިނަމަ، ނުވަތަ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކް ތަކުން ޢަމަލުކުރަންޖެހޭ ގަވާއިދާ އެއްގޮތަށް ބޭންކްތަކުން ޢަމަލުކޮށްފައިވާ އިޖުރާއަތުގެ ތެރޭގައި މާލީ އިދާރާތަކުގައި ރެކޯޑުކުރެވިފައި ހުންނާނެ ކަމަށް ޤަބޫލުކުރެވޭ މި ބުނެވުނު ޒާތުގެ ހެކި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހުށަހެޅިފައިވީނަމަ، އަހުރެންގެ މި ރައުޔު ތަފާތުވީހެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނަންބަރު 60/Cr-C/2019 ޤަޟިއްޔާއާއި، އެ ޤަޟިއްޔާއަށް ތާއިދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2019/HC-A/637 ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، މި މައްސަލައިގައި މއ. ކާމިނީހުޅަގުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން އެމެރިކާ ޑޮލަރުގެ ހަޤީޤަތް ހޯދައި އެ ފައިސާއަކީ، ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ، އެ ފައިސާއާއި، އެ ފައިސާއިން އިވެސްޓްކޮށްގެން މަންފާއެއް ލިބިފައިވާނަމަ، އެ މަންފާއެއް ހޯދުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާ ކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ