މުޙައްމަދު ޝަމްޢާން ވަޙީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2025/HC-B12/10، 2025/HC-B12/9
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހައިކޯޓުން (2025/HC-B12/10) 15 ދުވަހުގެ ބަންދު އަމުރު ބާޠިލުނުކޮށް، މަނީ ލޯންޑަރިންގއާ ގުޅިފައިވާ ކޮރަޕްޝަން ތަޙުޤީޤުކުރުމުގައި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76 ވަނަ މާއްދާއަށް ޢަމަލުނުކުރުމަކީ ގޯހެއް ނޫންކަމަށް ކަނޑައެޅިއެވެ. (2025/HC-B12/9) ގައި ޝަހީބް އިބްރާހީމް ގެ މިންގަނޑަށް ބަލައި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ދަމަހައްޓައި، އިސްތިއުނާފީ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަމަށް ކަނޑައެޅިއެވެ.
- ވާޤިޢާ
- ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ މުވައްޒަފުން ބިދޭސީންގެ އަތުން ރަސްމީ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި މާލީ މަންފާ ހޯދައި އެ ފައިސާ ލޯންޑަރކުރި ކަމުގެ ތުހުމަތުގައި 21 މާރިޗު 2025 ގައި ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން 15 ދުވަހަށް ބަންދުކޮށް، ދެން 06 އެޕްރީލް 2025 ގައި ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބުނެ ޝަރީޢަތް ނިމެންދެން ބަންދުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މަނީ ލޯންޑަރިންގއާ ގުޅިފައިވާ ކޮރަޕްޝަންގެ ކުށުގެ ތުހުމަތުގައި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބައިވެރިވުމެއް ނެތި ފުލުހުން ބަންދު އަމުރަށް އެދުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ އަދި އެއީ ބަންދު އަމުރު ބާޠިލުވާ ސަބަބެއްތޯ؛ އަދި ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމުގެ ސަބަބުން ޝަރީޢަތް ނިމެންދެން ބަންދުކުރުމުގައި ތަޠްބީޤުކުރަންޖެހޭ މިންގަނޑާއި، ހައިކޯޓުން އެ މިންގަނޑު ތަޠްބީޤުކުރި ގޮތް ރަނގަޅުތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރާ ފަރާތުން ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބައިވެރިވުމެއް ނެތި ފުލުހުން ބަންދަށް އެދުމަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76 ވަނަ މާއްދާއާ ޚިލާފު ކަމަށާއި އޭގެ ނަތީޖާއަކީ ތަޙުޤީޤު ބާޠިލުވުން ކަމަށާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ ބަންދަކީ ހެކި ނެތި އިފްތިރާޟެއްގެ މައްޗަށް ކުރި ބަންދެއް ކަމަށެވެ. ދައުލަތުން ބުނީ މަނީ ލޯންޑަރިންގއަކީ ފުލުހުންގެ އިޚްތިޞާޞްގެ ކުށެއް ކަމަށާއި، ޖޮއިންޓް އިންވެސްޓިގޭޝަނަށް ކޮމިޝަން އެއްބަސްވެފައިވާ ކަމަށާއި، ޝަހީބް އިބްރާހީމް ގައިވާ ގޮތުން ފަނޑިޔާރު ބަލަނީ ހާލަތު ވުޖޫދުވުމުގެ އިޙްތިމާލަށް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އަޣްލަބިއްޔަތު ރައުޔުގައި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76 ވަނަ މާއްދާ ލާޒިމު ނަމަވެސް ބަންދުކުރީ ފުލުހުންގެ އިޚްތިޞާޞްގެ މަނީ ލޯންޑަރިންގ ތުހުމަތުގައި ކަމުންނާއި ޖޮއިންޓް އިންވެސްޓިގޭޝަން ފަސްނުޖެހި ފެށުމުން ބަންދަށް އެދުމަށް ހުރަހެއް ނެތެވެ. ޝަހީބް އިބްރާހީމް ގެ މިންގަނޑުން، ތުހުމަތުކުރެވޭ މީހާގެ މަޤާމާއި ހެކިންނާ އޮތް ގުޅުމަށް ބަލައި ކުރި ޝަރީޢަތް ނިމެންދެން ބަންދަކީ ޤާނޫނާ ޚިލާފު ނިންމުމެއް ނޫނެވެ. ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ޚިލާފު ރައުޔުގައި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ދެއްކުމުގެ ބުރަ ދައުލަތުން އުފުލާފައި ނުވާތީ 2025/HC-B12/9 ބާޠިލުކުރަންޖެހޭ ކަމަށް ދެކެވަޑައިގެންފައިވެއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ދެ ނިންމުން ޤާއިމް (އަޣްލަބިއްޔަތުން)؛ ނަމަވެސް 2025/HC-B12/10 ގައި ކޮރަޕްޝަންގެ ކުށް ކޮމިޝަންގެ ބައިވެރިވުމެއް ނެތި ތަޙުޤީޤުކުރެވޭނެ ކަމަށް ކުރި ކަނޑައެޅުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފުކަމަށް ކަނޑައެޅި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން، ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައެއްގައި ވަކި ޚާއްޞަ ބާވަތެއްގެ ޖިނާއީ ތަޙުޤީޤު ހިންގުމުގެ ބާރު ޤާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިޚްތިޞާޞް ހިނގާނަމަ، ފުލުހުން ޖެހެނީ އެ ކުށުގެ އެބައި އެ އިދާރާއަށް ހުށަހެޅުން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމެވެ؛ މި މާއްދާއަކީ އިޚްތިޔާރީ މާއްދާއެއް ނޫނެވެ (ޕީޖީ ވ. ޢަބްދުލް މުހައިމިން). މަނީ ލޯންޑަރިންގއާ ގުޅިފައިވާ ކޮރަޕްޝަންގެ ކުށަކީ (ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާ) އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިޚްތިޞާޞް ލިބިފައިވާ ވަކި ކުށަކަށްވާތީ، އެ ކުށް ކޮމިޝަންގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް ތަޙުޤީޤުކުރެވޭނެ ކަމަށް ކަނޑައެޅުމަކީ 76 ވަނަ މާއްދާއާ ޚިލާފު ކަނޑައެޅުމެކެވެ.
HN2 ނަމަވެސް، ތުހުމަތުކުރެވޭ މީހާ ބަންދުކުރީ ފުލުހުންނަށް ތަޙުޤީޤުކުރުމުގެ އިޚްތިޞާޞް ލިބިފައިވާ މަނީ ލޯންޑަރިންގ ކުށުގެ ތުހުމަތުގައި ކަމަށްވާނަމަ، ގުޅިފައިވާ ކޮރަޕްޝަންގެ ބައި ކޮމިޝަނަށް ހުށަހެޅުމުގެ ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަން ހިންގުމުގެ އިޚްތިޔާރު އޮތުމާއެކު، ކޮމިޝަންގެ ބައިވެރިވުމެއް ނެތި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް އެދުމަށް ފުލުހުންނަށް ޤާނޫނީ ހުރަހެއް ނެތެވެ؛ ކޮރަޕްޝަންގެ ކުށް ތަޙުޤީޤު ނުކޮށް ހަމައެކަނި މަނީ ލޯންޑަރިންގ ތަޙުޤީޤުކުރުމުން މުޅި ތަޙުޤީޤު ބާޠިލެއް ނުވެއެވެ (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕީޖީ [2021] SC 110).
HN3 76 ވަނަ މާއްދާގެ އިޖުރާއަތަށް ޢަމަލުކުރުމަށް ވަކި ވަގުތެއް ކަނޑައަޅާފައި ނެތުމާއެކު، މައްސަލަ ރަޖިސްޓަރީކުރުމަށްފަހު ފަސްނުޖެހި ޖޮއިންޓް އިންވެސްޓިގޭޝަނަށް ފުލުހުން އެދި ކޮމިޝަނުން އެއަށް އެއްބަސްވެފައިވާނަމަ، ބަންދު އަމުރަށް އެދުމުގެ ކުރިން ކޮމިޝަން ތަޙުޤީޤުގައި ބައިވެރިނުވުމަކީ 76 ވަނަ މާއްދާއާ ޚިލާފުވުމެއް ނޫނެވެ.
HN4 ބަންދު މުއްދަތު އިތުރުކުރި އަމުރެއް އިސްތިއުނާފުކުރާ މައްސަލައެއްގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނީ ބަންދުކުރި ކުރުން ޤާނޫނާ ޚިލާފުވޭތޯ ނުވަތަ ނޫންތޯއެވެ؛ 76 ވަނަ މާއްދާއާ ޚިލާފުވުމުން މުޅި ތަޙުޤީޤު ބާޠިލުވާނެތޯ ކަނޑައަޅާނެ މަޙައްލަކީ އެއީ ނޫނެވެ.
HN5 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ އުސޫލުން، ބަންދާމެދު ގޮތެއް ނިންމުމުގައި ތަޠްބީޤުކުރަންޖެހޭނީ ހައިކޯޓުގެ ކުރީގެ ނިންމުމެއްގެ އުސޫލަށްވުރެ، އޭގެ ފަހުން ސުޕްރީމް ކޯޓުން ޝަހީބް އިބްރާހީމް ވ. ޕީޖީ ގައި ކަނޑައަޅައި ތަޠްބީޤުކުރަމުން އަންނަ އުސޫލެވެ.
HN6 ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ހާލަތެއް (ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ހާލަތު ހިމެނޭ ގޮތުން) ވުޖޫދުވޭތޯ ކަނޑައެޅުމުގައި ފަނޑިޔާރު ތަޠްބީޤުކުރަންޖެހޭ މިންގަނޑަކީ، ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާއިރު އެފަދަ ސަބަބެއް ވުޖޫދުވުން، ވުޖޫދުނުވުމަށްވުރެ ގާތްކަން ބޮޑުތޯ ބެލުމެވެ؛ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ފަނޑިޔާރަށް ރިޢާޔަތްކުރެވިދާނެ ކަންކަން ބަޔާންކޮށްފައިވެއެވެ.
HN7 ތުހުމަތުކުރެވޭ ޢަމަލު ހިނގިއިރު ތުހުމަތުކުރެވޭ މީހާއަކީ ރައްޔިތުން އިތުބާރުކުރާ، ބާރާއި ނުފޫޒު އޮތް މަޤާމެއްގައި ހުރި މީހެއް ކަމާއި، ހެކިބަސް ދޭން ތިބި މީހުންނާ އޭނާއާ އޮތް ގުޅުމަށް ބަލައި، ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމުގެ އިޙްތިމާލު އޮތްކަމަށް ކަނޑައަޅައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި ނިންމުމަކީ، އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނާ ޚިލާފުވާ ގޮތެއް ބުނެނުދެވޭހާ ހިނދަކު ބަދަލުކުރަންޖެހޭ ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަބްދުﷲ ޙަމީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- އެބައޮތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
2....
މައްސަލައިގެ ފަސްފަހަތް
4.... ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަސިއްޔާއިން ނިންމި ނިންމުން
5.... ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަސިއްޔާއިން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 މައްސަލަ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި
6.... ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 މައްސަލަ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި
8....
ނުކުތާ
10.... އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބައިވެރިވުމެއް ނެތި ފުލުހުން އަމުރަށް އެދުން ޤާނޫނާ ޚިލާފުކަމަށް ބުނާ ބުނުން
15 ..... ހެއްކަށް ނުފޫޒު ފޯރުވުމުގެ ހާލަތު އޮތްކަމަށް ބާރުލިބޭ ހެކި ނެތިސް ބަންދުނުކުރެވޭނެކަމަށް ބުނާ ބުނުން
18 .....
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
18 ..... ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތާގުޅޭ
21 ..... ހެއްކަށް ނުފޫޒު ފޯރުވުމުގެ ހާލަތް އޮތްކަން ކަނޑައަޅަންޖެހޭ ގޮތް
27 .....
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
27 .....
ޙުކުމް
بِسْمِ الرَّحْمَنِ މުޙައްމަދު ޝަމްޢާން ވަޙީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2025] SC 16 ފަނޑިޔާރު ޙުސައިން ޝަހީދުގެ ރަޢުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1. މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 މައްސަލަ ނިންމާފައިވާ ގޮތް ޤާނޫނީ އުސޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ […] މުޙައްމަދު ޝަމްޢާން ވަޙީދު (އައިޑީ ގެ ފަރާތުން އެ ދެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. މި ދެ މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އަށެވެ.
2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާގެ އިސްތިއުނާފު މައްސަލައަކީ މި ކޯޓުގެ ނަންބަރު 2025/SC-A/30 ޤަޞިއްޔާއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޞިއްޔާގެ އިސްތިއުނާފު މައްސަލައަކީ މި ކޯޓުގެ ނަންބަރު 2025/SC-A/31 ޤަޟިއްޔާއެވެ. އިސްވެ ބުނެވުނު މިކޯޓުގެ އިސްތިއުނާފީ ދެ ޤަޟިއްޔާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/559 ކޯޓު އަމުރާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/670 ކޯޓު އަމުރުގެ ދަށުން މުޙައްމަދު ޝަމްޢާން ވަޙީދުގެ ބަންދާމެދު ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައެޅި ކަނޑައެޅުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ހުށަހަޅާފައިވާ ދެ މައްސަލަ ކަމަށްވާތީ، މި ދެ މައްސަލަ މި ކޯޓުގައި ހިންގާ ބަލާފައިވަނީ އެކުއެކީގައެވެ.
މައްސަލައިގެ ފަސްފަހަތް
3. ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު އަދި އޭނާއާ ބައިވެރިވާ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަތުން އިމިގްރޭޝަން ކޮންޓްރޯލާއަށާއި އިމިގްރޭޝަން މުވައްޒަފުންނަށް ލިބިދޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެ ޢަމަލުތަކުން މާލީ މަންފާ ހޯދައި އެ ފައިސާ އަތުގައި ބަހައްޓައި އޭގެއިން މުޢާމަލާތްކޮށް ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/HA/2025/145 ހައްޔަރުކުރުމުގެ އަމުރުގެ ދަށުން 21 މާރިޗް 2025 ގެ 23:42 ގައި މުޙައްމަދު ޝަމްޢާން ވަޙީދު ހައްޔަރުކުރެވުނެވެ.
4. 22 މާރިޗް 2025 ގައި ބަންދާމެދު ގޮތެއް ކަނޑައެޅުމަށް މުޙައްމަދު ޝަމްޢާން ވަޙީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނެވެ. އަދި ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/559 ކޯޓު އަމުރުގެ ދަށުން މުޙައްމަދު ޝަމްޢާން ވަޙީދު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް، 22 މާރިޗް 2025 ގެ 23:07 ން 06 އެޕްރީލް 2025 ގެ 23:06 އަށް ބަންދުގައި ބެހެއްޓުމަށް ނިންމިއެވެ.
5. އެ އަމުރުގައި މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް މީނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން، ހެކީގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓާއި، ސްނެޕް ޝޮޓްތަކާއި، ހެކިންގެ ބަޔާންތަކާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި، ބަލައި ފާސްކުރުމަށް ހިފެހެއްޓުނު އިންވެންޓްރީ ހުށަހަޅާފައިވެއެވ.
6. އަދި ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 4 ވަނަ ނަންބަރާއި އެ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގައި ހުރިކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ، ބަންދުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ.
7. އޭގެ ފަހުން، 06 އެޕްރީލް 2025 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/670 ކޯޓު އަމުރުގެ ދަށުން މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވެއެވެ.
8. ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވަފާނެކަމަށް ބެލެވޭތީއެވެ.
9. މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން މި ދެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/559 ކޯޓު އަމުރު ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާގައެވެ. އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/670 ކޯޓު އަމުރު އިސްތިއުނާފު ކުރުމުން ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޝިއްޔާގައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާއިން ނިންމުން
10.ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާއަކީ މުޙައްމަދު ޝަމްޢާން ވަޙީދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހާޒިރުކުރުމުން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/559 ކޯޓު އަމުރުން ނިންމި ނިންމުން ހައިކޯޓުން ބެލި މައްސަލައެވެ. ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާގައި ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/559 ކޯޓު އަމުރު ބާޠިލުކުރާނެ ތަނެއް ނެތްކަމަށެވެ. މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
10.1މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ތުހުމަތުކުރަނީ ކޮރަޕްޝަންގެ ޢަމަލުން ހޯދި މުދައު ނުވަތަ ފައިސާ ލޯންޑަރކުރުން ކަމަށާއި، މަނީ ލޯންޑްރިންގގެ ކުށާއި ލޯންޑަރކުރުމަށް އެ ފައިސާ ހޯދުމަށް ހިންގި ކޮރަޕްޝަނުގެ ކުށުގެ ތުހުމަތުވެސް އޮތީ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށްކަމަށާއި، އެހެންކަމުން، ލޯންޑަރކުރުމަށް ބޭނުންކުރި ފައިސާއަކީ ކޮރަޕްޝަންގެ ކުށުން ހޯދި ފައިސާތޯ ތަޙުޤީޤުގެ ތެރެއިން ފުލުހުންނަށް ބެލޭނެކަން؛
10.2 މީހެއްގެ މައްޗަށް ތުހުމަތުކުރެވެނީ ހަމައެކަނި ކޮރަޕްޝަންގެ ޢަމަލެއް ކަމަށްވާ ޙާލަތުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށް ޢަމަލުކުރަން ޖެހުނަސް، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވެނީ ކޮރަޕްޝަންގެ ޢަމަލެއް ކުޅައުމާއެކު އެ ކުށްކޮށްގެން ހޯދި މުދާ ނުވަތަ ފައިސާ ލޯންޑަރކުރުމުގެ ކުށެއް ކަމަށްވާ ހާލަތުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި އޮތް އިޖުރާއަތަށް ޢަމަލު ނުކުރުމަކީ ޤާނޫނީގޮތުން ގޯހެއް ނޫންކަން އަދި އެކުށާ ގުޅިފައިވާ ކުށާގުޅޭގޮތުން ތުހުމަތުކުރެވޭ ފަރާތާ ދެކޮޅަށް ލިބިފައިވާ ހެކި ޤަރީނާތަކަށް ބެލޭނެކަން؛ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޟިއްޔާއިން ނިންމި ނިންމުން
11ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޟިއްޔާއަކީ މުޙައްމަދު ޝަމްޢާން ވަޙީދު 06 އެޕްރީލް 2025 ން ފެށިގެން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު މައްސަލައެވެ. މި މައްސަލައިގައިވެސް ދިވެހިރާއްޖޭ ހައިކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ. މި ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
11.1 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ހާލަތެއް ވުޖޫދުވެފައިވޭތޯ ބެލުމުގައި ފަނޑިޔާރު ގޮތް ނިންމަންޖެހެނީ އެފަދަ ޙާލަތެއް ވުޖޫދުވުން، އެފަދަ ހާލަތެއް ވުޖޫދުނުވުމަށްވުރެ ގާތްކަން ބޮޑު ކަމުގެ މައްޗަށް ރިޢާޔަތްކޮށްކަމަށާއި، އެ ހާލަތަކީ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަން މަސައްކަތްކޮށްފާނެ ކަމުގެ ހާލަތު ކަމުގައި ވިޔަސް އެކަން ދެނެގަންނަން އޮތް މިންގަނޑަކީ އެއީ ކަން؛
11.2 ހެކިބަސްދޭންހުރި މީހަކަށް ނުފޫޒުފޯރުވަން މަސައްކަތްކޮށްފާނެކަމުގެ ހާލަތު އޮތްކަމަށް ކަނޑައަޅާފައިވަނީ ހެކިބަސްދޭން ތިބި މީހުންނާއި މުޙައްމަދު ޝަމްޢާން ވަޙީދުއާ އޮތް ގުޅުމުގެ މިންވަރަށާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް މިންވަރަށާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ އެހެން ނަންބަރުތަކުގައިވާ ބައެއް ކަންކަމަށް ރިޢާޔަތްކޮށްކަން އެނގޭކަން؛
12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 މައްސަލަ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާ
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުޞޫލާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފީ އެއް ނުކުތާއެވެ. އެ ނުކުތާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެއްވެސް ބައިވެރިވުމެއް ނެތި، ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް އެކަނި ބެލިދާނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށް ވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމްތަކަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢާންމު މާނައަށް ބެލުމުގެ އުސޫލާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް އެޔަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކުރާ އުޞޫލާ ޚިލާފަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ މާނަކޮށް އަދި އެ މާއްދާގައި ކަނޑައަޅާފައިވާ އިޖުރާއަތާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
14މިނުކުތާގެ ތަފުސީލުގައި މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ބުނެފައިވަނީ ފުލުހުން ޤާނޫނީ އިންޒާރުގައި ޙަވާލާދީފައިވާ މާއްދާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ހިމަނާފައިވާކަމަށާއި، އެއީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށް ކަމަށާއި، މި ތުހުމަތުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އިން ޤާނޫނީ އިންޒާރުދީގެން މައްސަލައެއް ބަލާނަމަ، އެއީ ދެ އިދާރާއެއް އިޚްތިޞާޞް ވަންނަ މައްސަލައެއްކަމާމެދު ބަހުސެއް ނެތްކަމަށާއި، މި ޙާލަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބުނާ ޙާލަތުކަމަށާއި، އެ މާއްދާއާ ޚިލާފުވުމުގެ ނަތީޖާއަކީ ތަޙުޤީޤެއްގެ އެންމެހާ ފިޔަވަޅުތައް ބާޠިލުވުންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލް މުޙައިމިން އަދި އިތުރު ފަރާތެއް މައްސަލައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަބްދުލް މުޙައިމިން އަދި އިތުރު ފަރާތެއް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އިން އެނގޭކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެއްވެސް ބައިވެރިވުމެއްނެތި އެދުނު ކަމަކަށް މުޙައްމަދު ޝަމްޢާން ވަޙީދު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ.
15އިސްތިއުނާފުގެ ރައްދުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ މި މައްސަލައަކީ ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކޮށް އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ނޫންކަމަށާއި، މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ޙަވާލާދޭ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލް މުޙައިމިން އަދި އިތުރު ފަރާތެއް މައްސަލައާ މި މައްސަލައާ ތަފާތުކަމަށާއި، އެ މައްސަލައިގައި އެގޮތަށް ނިންމާފައިވަނީ މުޅި މައްސަލައިގެ ތަޙުޤީޤު އެކުގައި ނިމި ދަޢުވާކުރިއިރުވެސް އެއްވެސް މިންވަރަކަށް ޚާއްޞަ އިޚްތިޞާޞް އޮތް އިދާރާއެއްގެ ބައިވެރިވުމެއް ނުވަތަ އެންގުމެއްވެސް މައްސަލައިގެ ތެރެއިން ފެންނަން ނެތުމުންކަމަށާއި، މި މައްސަލައިގައި ހުށަހަޅާފައިވާ އަމުރަކީ ތަޙުޤީޤުގެ އެންމެ ކުރީކޮޅު ނެރެފައިވާ ބަންދު އަމުރެއްކަމަށެވެ. މަނީ ލޯންޑްރިންގގެ ކުށުގެ ޠަބީޢަތަކީ ވަކި ކުށެއް ކަމުގައިވިޔަސް، މި ކުށަކީ އެހެން ކުށަކާ ގުޅިލާމެހިފައިވާ ކުށެއްކަމަށާއި، މަނީ ލޯންޑްރިންގގެ ކުށް ތަޙުޤީޤުކުރުމަށާއި ދަޢުވާކުރުމަށް އެއާ ގުޅިފައިވާ predicate offense ގެ ކުށް ސާބިތުވެފައި އޮންނަން ނުޖެހޭކަމަށާއި، ކޮރަޕްޝަންގެ ކުށް ތަޙުޤީޤުނުކޮށް ހަމައެކަނި މަނީ ލޯންޑްރިންގގެ ކުށް ތަޙުޤީޤުކޮށްފައި އޮތް އޮތުމުގެ މައްޗަށް ބިނާކޮށް މުޅި މައްސަލައިގެ ތަޙުޤީޤު ބާޠިލުނުވާނެކަން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގެ 182 ވަނަ ޕެރެގްރާފާއި 188 ވަނަ ޕެރެގްރާފުން ސާފުކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 މައްސަލަ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާ
16ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޟިއްޔާގެ ނިންމުން ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީވެސް އިސްތިއުނާފީ އެއް ނުކުތާއެވެ. އެ ނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައަށް ރިއާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތައް މައްސަލަތަކަށް ތަތުބީގުކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ވާގިއާތަކުގެ އެއްގޮތްކަމުގެ މައްޗަށް ބަލައިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތައް ތަތުބީގުކުރުމުގެ އުސޫލާ ޚިލާފަށްކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޟިއްޔާއަކީ، ޤާނޫނުއަސާސީގެ 143 (ރ) ގައި ބަޔާންކޮށްފައިވާ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް އެޔަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުމުގެ ދުސްތޫރީ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
17މި ނުކުތާގެ ތަފުސީލުގައި މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުކުރުމަށް ކަނޑައެޅި ސަބަބަކީ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލު އޮތްކަމަށް ބަލައިގެންކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ ހާލަތު އޮތްކަމަށް ބާރުލިބޭ އިތުރު އެއްވެސް ކަމެއް ހުށަހަޅާފައިނުވަނީސް، އެގޮތަށް ކަނޑައަޅާފައިވަނީ އިފްތިރާޟެއްގެ މައްޗަށް ކަމަށާއި، އިފްތިރާޟެއްގެ މައްޗަށް ބިނާކޮށް ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ކަނޑަނޭޅޭނެކަމަށާއި އެކަން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިން އެނގޭކަމަށާއި، ކުށެއްގެ ތުހުމަތުގައި ހުރި މީހަކު ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒުފޯރުވަފާނެކަމަށްޓަކައި ބަންދުކުރުމަށް ނިންމަންވާނީ އެކަމަށް ވަކިން ހެކި ހުރެގެންކަމަށެވެ.
18މި ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މައްސަލައެއްކަމަށް ނުދެކޭކަމަށާއި، ބަންދާމެދު ގޮތެއް ނިންމުމުގައި ވަކި ޙާލަތެއް އޮތްތޯ ރިޢާޔްކުރަންޖެހޭ ކަންކަން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށާއި، އަދި ބަންދުގައި ބަހައްޓަންޖެހޭ ޙާލަތެއް ވަޒަންކުރުމުގައި ފަނޑިޔާރުގެ ކުރިމަތީގައި އޮތް ސުވާލަކީ އެފަދަ ޙާލަތެއް ވުޖޫދުވެދާނެކަމުގެ އިހްތިމާލު އޮތްކަން ދެނެގަތުންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން އެނގޭކަމަށެވެ.
19މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން މި ދެ މައްސަލައިގައި ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމުގައި އަހުރެން އެންމެ ފުރަތަމަ ޖަވާބު ދޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއަށެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާއަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބައިވެރިވުމެއް ނެތި ފުލުހުން އަމުރަށް އެދުން ޤާނޫނާ ޚިލާފުކަމަށް ބުނާ ބުނުން
20ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ބުނެފައިވަނީ މި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބައިވެރިވުމެއް ނެތި ފުލުހުން ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދިފައިވުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ ޚިލާފުކަމަށެވެ.
21މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް މި ނުކުތާ ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މިނުކުތާއާ ގުޅިގެން ނިންމާފައިވަނީ މަނީ ލޯންޑްރިންގގެ ކުށުގެ ތުހުމަތާ ގުޅިގެން އެ މަނީ ލޯންޑްރިންގ ކުށާ ގުޅިފައިވާ ކުށް ކަމަށްވާ ކޮރަޕްޝަންގެ ޢަމަލު އެންޓި ކޮރަޕްޝަން ކޮމިޝަނާ ނުބައްސާ ހަމައެކަނި ފުލުހުންނަށް މުޅި ތަޙުޤީޤު ކުރިއަށް ގެންދެވޭނެކަމަށެވެ.
22HN1ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބުނަނީ އެއް އިދާރާއަށް ވުރެ ގިނަ އިދާރާއަށް ޖިނާއީ މައްސަލައެއް ތަޙުޤީޤުކުރުމުގެ ބާރު ލިބިގެންވާ ޙާލަތުގައި ޢަމަލުކުރާނެ ގޮތުގެ ވާހަކައެވެ. ފުލުހުން ތަޙްޤީޤުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ވަކި ޚާއްޞަ ބާވަތެއްގެ ޖިނާއީ ތަޙްޤީޤު ހިންގުމުގެ ބާރު ޤާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިޚްތިޞާޞް ހިނގާނަމަ، ދެ ގޮތަކަށް ޢަމަލުކުރެވިދާނެކަން އެ މާއްދާއިން އެނގެއެވެ. އެއީ، އެ ކުށުގެ އެބައިގެ ތަޙްޤީޤު އެ އިދާރާއަކުން ކުރިއަށް ގެންދިއުމަށްޓަކައި އެ އިދާރާއަކަށް މައްސަލަ ހުށަހެޅުން ނުވަތަ ޤާނޫނުގައިވާ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޝަންއެއް ހިންގުމެވެ. މި މާއްދާއަކީ އިޚްތިޔާރީ މާއްދާއެއް ނޫންކަމަށް މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލް މުހައިމިން އަދި އިތުރު 7 ފަރާތެއް މައްސަލައިގައި ކަނޑައަޅާފައިވެއެވެ.
23މި މައްސަލައިގައި މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ކުރެވުނު މައިގަނޑު ތުހުމަތަކީ ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ ދަށުން މަނީ ލޯންޑްރިންގ ކުށާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ހ) އަދި (ށ) ދަށުން ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު ބޭނުންކުރުމުގެ ކޮރަޕްޝަންގެ ކުށެވެ. މަނީ ލޯންޑްރިންގ ކުށަކީ ފުލުހުންނަށް ތަޙުޤީޤުކުރުމުގެ އިޚްތިޞާޞް ލިބޭ ކުށެކެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބުނާ ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު ބޭނުންކުރުމުގެ ކުށަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ތަޙުޤީޤުކުރުމުގެ އިޚްތިޞާޞް ލިބޭ ކުށެއްކަމާމެދު މި މައްސަލައިގެ ދެފަރާތުގެވެސް ބަހުސެއް ނެތެވެ. ވުމާއެކު، މަނީ ލޯންޑްރިންގ އާ ގުޅިފައިވާ ކޮރަޕްޝަންގެ ކުށަކީ ވަކި ކުށެއްކަމުގައިވާއިރު، އަދި އެކުށް ތަޙުޤީޤުކުރުމުގެ އިޚްތިޞާޞް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާތީ، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާގައި މަނީ ލޯންޑްރިންގ އާ ގުޅިފައިވާ ކޮރަޕްޝަންގެ ކުށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބައިވެރިވުމެއްނެތި ތަހުގީގު ކުރެވޭނެކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފުކަމަށް ދެކެމެވެ.
24HN2ނަމަވެސް، މި މައްސަލައިގައި އުފައްދާ ސުވާލަކީ މި މައްސަލައިގައި މަނީ ލޯންޑްރިންގ ކުށާ ގުޅިފައިވަނީ ކޮރަޕްޝަނުގެ ކުށެއް ކަމަށްވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އެދެވިދާނެ ކަމާމެދުއެވެ. މި މައްސަލައިގައި، މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުކޮށްފައިވަނީ އޭނާގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ތުހުމަތު އޮވެގެންކަމަށްވާއިރު، މަނީ ލޯންޑްރިންގ ކުށުގެ ތަޙުޤީޤު ހިންގުމުގެ އިޚްތިޞާޞް ލިބިފައި އޮތީ ފުލުހުންނަށްކަން އެނގެއެވެ. އަދި މަނީ ލޯންޑްރިންގ ކުށާ ގުޅިފައިވާ ކުށުގެ ބައިގެ ތަޙުޤީޤު ހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުން ނުވަތަ ޖޮއިންޓް އިންވެސްޓް ސްކަނެއް ހިންގުމުގެ އިޚްތިޔާރު މި މައްސަލައިގައި އޮތްކަން އެނގެއެވެ. އަދި ކޮރަޕްޝަންގެ ކުށް ތަޙުޤީޤު ނުކޮށް ހަމައެކަނި މަނީ ލޯންޑްރިންގގެ ކުށް ތަޙުޤީޤުކޮށްފައި ވީނަމަވެސް، އެކަމުގެ މައްޗަށް ބިނާކޮށް މުޅި ތަޙުޤީޤު ބާޠިލު ނުވާނެކަމަށް މި ކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިން އެނގެން އޮތުމުން، މަނީ ލޯންޑްރިންގގެ ކުށުގެ ތުހުމަތުވެސް ކުރެވޭ މައްސަލައެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބައިވެރިވުމެއްނެތި ތުހުމަތު ކުރެވޭ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދުމަށް ފުލުހުންނަށް ޤާނޫނީ ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ.
25HN3އަދި މި މައްސަލަ ފުލުހުންގެ ޚިދުމަތުގައި ރަޖިސްޓްރީކުރެވުނ 20 މާރޗް 2025 ގައި ކަމަށްވާއިރު، އޭގެ 01 (އެކެއް) ދުވަސް ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދިއުމަށް 22 މާރޗް 2025 ގައި ފުލުހުން ހުށަހެޅުމުން، 23 މާރޗް 2025 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ޖޮއިންޓް އިންވެސްޓިގޭޝަން އެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ދައުލަތުން ބުނެފައިވާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބުނާ އިޖުރާއަތުން މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ލަސްތަކެއް ވެފައިވާކަމަށްވެސް ޤަބޫލެއްނުކުރެވެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބުނާ އިޖުރާއަތަށް ޢަމަލުކުރުމަށް ވަކި ވަގުތެއް ބަޔާންކޮށްފައި ނުވާއިރު، އަދި ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ތަޙްޤީޤު ހިންގުމުގެ އިޚްތިޞާޞް ލިބިގެންނުވާ، މަނީ ލޯންޑްރިންގގެ ކުށުގެ ތުހުމަތު ހިމެނޭއިރު، ދިވެހި ފުލުހުންގެ ފަރާތުން ބަންދު އަމުރަށް އެދުމުގެ ކުރިން އެހިނދަށް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުގައި ބައިވެރިވެފައި ނެތުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފުވީކަމަށް ބުނެވިދާނެކަމަށް ނުފެނެއެވެ.
26HN4މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބުނާ އިޖުރާއަތާ ޚިލާފުވުމުގެ ނަތީޖާއަކީ މައްސަލައިގެ ތަޙުޤީޤު އެއްކޮށް ބާޠިލުވުންކަމަށް މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، މި މައްސަލައަކީ ކްރިމިނަލް ކޯޓުން ބަންދު މުއްދަތު އިތުރުކޮށްފައިވާ ކުރުން ޤާނޫނާ ޚިލާފުކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލައެއް ކަމުގައިވާއިރު، މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭނީ ބަންދުކުރި ކުރުން ޤާނޫނާ ޚިލާފުވޭތޯ ނުވަތަ ނޫންތޯ އެވެ.
27އެހެންކަމުން، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 މައްސަލައިގައި މަނީ ލޯންޑްރިންގ އާ ގުޅިފައިވާ ކޮރަޕްޝަންގެ ކުށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބައިވެރިވުމެއްނެތި ތަޙްޤީޤު ކުރެވޭނެކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފުކަމަށް ކަނޑައެޅުމާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބައިވެރިވުމެއްނެތި މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުގައި އެދުމަށް ފުލުހުންނަށް ޤާނޫނީ ހުރަހެއް އޮތްކަމަކަށް ނުފެންނާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/559 ކޯޓު އަމުރު ބާޠިލު ކުރާނެ ތަނެއް ނެތްކަމަށް އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ. ހެއްކަށް ނުފޫޒު ފޯރުވުމުގެ ހާލަތު އޮތްކަމަށް ބާރުލިބޭ ހެކި ނެތިސް ބަންދުނުކުރެވޭނެކަމަށް ބުނާ ބުނުން
28ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައަށް ރިއާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 143 (ރ) އާ ޚިލާފަށްކަމަށެވެ.
29ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ބުނެފައިވަނީ ނަންބަރު 2025/HC-B12/9 މައްސަލައިގައި އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ޙާލަތު އޮތްކަމަށް ބާރުލިބޭ ހެއްކެއް ނެތި އިފްތިރާޟެއް (assumption) އެއްގެ މައްޗަށް ކަމަށް ބިނާކޮށްކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔއަށާ ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ހާލަތެއް ވުޖޫދުވެފައިވޭތޯ ބެލުމުގައި ފަނޑިޔާރު ގޮތް ނިންމަންޖެހެނީ އެފަދަ ޙާލަތެއް ވުޖޫދުވުން، އެފަދަ ހާލަތެއް ވުޖޫދުނުވުމަށްވުރެ ގާތްކަން ބޮޑު ކަމުގެ މައްޗަށް ރިޢާޔަތްކޮށްކަމަށެވެ.
30HN5ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ސުޕްރީމް ކޯޓުގައިވެސް ފާހަގަކޮށްފައިވަނީ ހަމަ އެއް ކަންތައްތަކެކެވެ. އެފަރާތުން ޙަވާލާދީފައިވާ ހައިކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ކަނޑައަޅާފައިވަނީ ތަޙުޤީޤުގައި އޮތް އެހެން މައްސަލައެއްގެ ހެއްކަކަށް ނުފޫޒު ފޯރުވިކަމުގެ އިންޓެލިޖެންސް މަޢުލޫމާތަކީ ބަލަމުންދިޔަ މައްސަލައިގެ ތުހުމަތުގައިވާ ފަރާތް ބަންދުގައި ބެހެއްޓުމަށް ރިޢާޔަތް ނުކުރެވޭނެ ކަމަށެވެ. އަދި މަނީ ލޯންޑްރިންގގެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވިކަމުގެ ހެއްކެއް ހުށަހަޅާފައިނުވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އޭގެ ފަހުން ނިންމި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު ބަޔާންކޮށްފައިވެއެވެ. އަދި އޭގެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި އެކި މައްސަލަތަކުގައި މި އުޞޫލު ތަޠުބީޤު ކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައިވާ އުޞޫލުން މި މައްސަލައަށް ހައިކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައިވާ އުޞޫލު ތަޠުބީޤުކުރަންޖެހޭ ސަބަބެއް ނުފެނެއެވެ.
31HN6ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރަށް ރިޢާޔަތްކުރެވިދާނެ ކަންކަން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން އެ މާއްދާގެ (ހ) ގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެމަތީން، ތުހުމަތުކުރެވޭ މީހާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބެލުމުގައި ފަނޑިޔާރަށް ރިޢާޔަތްކުރެވިދާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި މި ޙާލަތު އޮތްކަން ދެނެގަންނާނެ މިންގަނޑު އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 މައްސަލައިގައި ހަވާލާދީފައިވާ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގެ ޕެރެގްރާފް 25 ގައި ބަޔާންކޮށްފައިވެއެވެ.
32އެ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ފަނޑިޔާރު ތަޠުބީޤު ކުރަންޖެހޭ މިންގަނޑަކީ ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާކަމަށާއި، މިފަދައިން ބަލާ ބެލުމުގައި އެ ފަދަ ސަބަބެއް ވުޖޫދުވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމުގައި ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
33HN7މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުން ހުށަހެޅި ސަބަބަށް ބަލާއިރު، މި ޢަމަލު ހިންގިއިރު މުޙައްމަދު ޝަމްޢާން ވަޙީދުއަކީ ރައްޔިތުން އިތުބާރުކުރާ ވަޒީފާއެއްގައި ވަޒީފާ އަދާކުރަމުންދިޔަ ބާރާއި ނުފޫޒު އޮތް ފަރާތެއްކަމަށް ބުނެ ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 4 ވަނަ ނަންބަރާ ޙަވާލާދީފައިވެއެވެ. އަދި މައްސަލައާ ގުޅިގެން ލިބިފައިވާ ހެކި ހުށަހަޅާފައިވާއިރު، މިކަންކަމަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުން މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވަނީ މައްސަލައިގައި ހެކިބަސް ދޭންތިބި މީހުންނަށް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލު އޮތަތީ، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް މުޙައްމަދު ޝަމްޢާން ވަޙީދުއަށް ބުނެދެވިފައި ނުވެއެވެ.
34ވުމާއެކު، ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
35އަހުރެންގެ ކުރިމަތީގައި މިއޮތް ދެ މައްސަލައަށް ބަލާއިރު، ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔުގައި އަހުރެން އެއްބަސްވާ ކަންތައްތަކެއް އަދި އަހުރެންގެ ޚިޔާލު ތަފާތުވާ ކަންތައްތަކެއް އެބަހުއްޓެވެ. އެހެންކަމުން، އިސްތިއުނާފުކޮށްފައިވާ ހައިކޯޓުގެ ދެ މައްސަލައިގައި އަހުރެން ދެކޭގޮތް ތިރީގައި ހިމަނަމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތާގުޅޭ
36ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/559 ކޯޓު އަމުރުގެ ދަށުން މުޙައްމަދު ޝަމްޢާން ވަޙީދު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކުރި އަމުރު އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާ ނިންމުމުގެ ތެރެއިން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76 ވަނަ މާއްދާގައި އޮތް އިޖުރާއަތަށް ޢަމަލު ނުކުރުމަކީ ޤާނޫނީގޮތުން ގޯހެއް ނޫންކަމުގައި ހައިކޯޓުން ބަޔާންކޮށްފައިވާތީ، އެ ބިނާގެ މައްޗަށް ކްރިމިނަލް ކޯޓުގެ (އިސްވެ ބަޔާންކުރި) އަމުރަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކޮށް، މުޙައްމަދު ޝަމްޢާން ވަޙީދު ވަގުތުން މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، އަހުރެން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
36.1 ފުލުހުންނަކީ ޖިނާއީ ތަޙްޤީޤު ކުރުމުގެ އާންމު ބާރާއި އިޚްތިޔާރު ލިބިފައިވާ ބައެއް ނަމަވެސް، އެ ބާރާއި އިޚްތިޔާރުގެ އިންތަކެއް ހުރެއެވެ. މިގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއަށާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު ގެ 159 ވަނަ މާއްދާއަށް ބެލުމުން، ފުލުހުން ތަޙްޤީޤުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ވަކި ޚާއްޞަ ބާވަތެއްގެ ޖިނާއީ ތަޙްޤީޤު ހިންގުމުގެ ބާރު ޤާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިޚްތިޞާޞް ހިނގާނަމަ، ފުލުހުން ޖެހެނީ އެ ކުށުގެ އެ ބައިގެ ތަޙްޤީޤު އެ އިދާރާއަކުން ކުރިއަށް ގެންދިޔުމަށްޓަކައި އެ އިދާރާއަށް މައްސަލަ ހުށަހަޅަން ނުވަތަ ގަވާއިދުގައިވާ ގޮތުގެމަތިން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގާށެވެ. ޤާނޫނުގައި މި ކަންކަން ބަޔާންކޮށްފައިވާ ގޮތުން މިކަމުގައި ފުލުހުން އަމަލުކުރަންޖެހޭ ގޮތަކީ ކޮބައިކަމުގެ މައްޗަށް އިތުރު މާނަކުރުމެއް ނެރެވިދާނެ ހާލަތެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އަދި އެހެންކަމުން، އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ ބައިވެރިވުމެއްނެތި ކޮރަޕްޝަންގެ ކުށް ފުލުހުންނަށް ތަޙުޤީޤު ކުރެވިދާނެކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުން ބާތިލުކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
2.36 22 މާރޗް 2025 ގައި މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުގައި ބަހައްޓައިދިނުން އެދި ފުލުހުން ހުށަހަޅާފައިވާ ހުށަހެޅުމަށާއި، އޭނާ 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަލާއިރު، މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުކުރުމަށް ހުށަހަޅާފައިވަނީ އަދި އޭނާ އެ އަމުރުގެ ދަށުން ބަންދުގައި ބަހައްޓާފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 30 ވަނަ މާއްދާއާއި، 513 ވަނަ މާއްދާއާއި، 80 ވަނަ މާއްދާއާއި، 81 ވަނަ މާއްދާއާއި، 82 ވަނަ މާއްދާ، އަދި ޤާނޫނު ނަންބަރު 09/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާއަށް ހަވާލާދީ ކަން އެނގެން އޮވެއެވެ.
36.3. ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށަކީ ކޮރަޕްޝަންގެ އަމަލަކާ ގުޅޭ ކުށެއް ކަމުގައިވެފައި، ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާއެއްކަމުގައިވާތީ، ފުލުހުންގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އަމަލުކޮށްފައިނުވާތީ، އެ ބިނާގެ މައްޗަށް މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު، އަދި އެ އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކުރަންޖެހޭކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ކޮރަޕްޝަން ކަމުގައި ނުހިމެނޭ އެހެން ކުށްތަކުގެ ތުހުމަތު ކޮށްފައި އޮވެމެ، އެކަން އެފަދައިން އޮތުމުން، ފުލުހުންގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އަމަލުކޮށްފައި ނުވާތީ، އެ ސަބަބަށްޓަކައި އޭނާ ބަންދުގައި ބަހައްޓަންޖެހޭކަން ނުވަތަ ނޫންކަމާމެދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކަމަށް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.
36.4. މި ކަންކަމުގެ އިތުރުން، 22 މާރޗް 2025 ގައި މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރަކީ 15 (ފަނަރަ) ދުވަހަށް ދެމިގެންދާގޮތަށް ނެރެފައިވާ އަމުރެއް ކަމުގައިވެފައި، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިފައިވަނީ އަދި މި ކޯޓުން މި ނިންމުން މި ނިންމަނީ އެ 15 (ފަނަރަ) ދުވަހުގެ މުއްދަތު ފަހަނައަޅާ ދިޔަތާ އެތަކެއް ދުވަހެއް ފަހުން ކަމުގައިވާތީ، ކަމުގެ ފާއިލިއްޔަތު ގެއްލިފައިވާކަންވެސް ފާހަގަކުރަމެވެ. ހެއްކަށް ނުފޫޒު ފޯރުވުމުގެ ހާލަތް އޮތްކަން ކަނޑައަޅަންޖެހޭ ގޮތް
37ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/670 ކޯޓު އަމުރުގެ ދަށުން 06 އެޕްރީލް 2025 ގައި މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމި ނިންމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ނަންބަރު 2025/HC-B12/9 މައްސަލައިގައި އެ ކޯޓުން ކްރިމިނަލް ކޯޓުގެ އަމުރު ދަމަހައްޓާފައިވަނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަށް ހަވާލާދީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ހާލަތެއް ވުޖޫދުވެފައިވޭތޯ ބެލުމުގައި ފަނޑިޔާރު ގޮތް ނިންމަންޖެހެނީ އެފަދަ ޙާލަތެއް ވުޖޫދުވުން، އެފަދަ ހާލަތެއް ވުޖޫދުނުވުމަށްވުރެ ގާތްކަން ބޮޑު ކަމުގެ މައްޗަށް ރިޢާޔަތްކޮށްކަމަށާއި، އެ ހާލަތަކީ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަން މަސައްކަތްކޮށްފާނެ ކަމުގެ ހާލަތު ކަމުގައި ވިޔަސް އެކަން ދެނެގަންނަން އޮތް މިންގަނޑަކީ އެއީ ކަމުގައި ބުނެ އަދި ހެކިބަސްދޭން ތިބި މީހުންނާއި މުޙައްމަދު ޝަމްޢާން ވަޙީދުއާ އޮތް ގުޅުމުގެ މިންވަރަށާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް މިންވަރަށް ބެލުމަށް ފަހުކަމަށް ބަޔާންކޮށްފައިވާއިރު، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ޙާލަތު އޮތްކަމަށް ބާރުލިބޭ ހެއްކެއް ނެތި އިފްތިރާޟެއް (assumption) ގެ މައްޗަށް ކަމަށް ބިނާކޮށްކަމަށް މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ބުނެއެވެ.
38މި ނުކުތާގައި އަހުރެންނަށް އަންނަނިވި ކަންކަން ފާހަގަވެއެވެ.
38.1. މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތެއް ކޮށް، އެ މީހަކު ބަންދުގައި ބަހައްޓައިދިނުމަށް އެދޭ ހާލަތުގައި، ކޯޓުން ގޮތް ކަނޑައަޅަންޖެހެނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 މާއްދާއާއި 60 ވަނަ މާއްދާ، އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ގެ 13 ވަނަ މާއްދާއަށް ރިއާޔަތްކޮށްކަމުގައި ޝަހީބް އިބްރާހީމް މައްސަލައިގައި ބަޔާންކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައިވާ އުސޫލުތަކުގެ އަލީގައި، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދު ކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންކަން ނުވަތަ ނޫންކަން ކަނޑައަޅައި، އެ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރު މައިގަނޑު ދެ ސުވާލެއްގެ ޖަވާބު ހޯދަން ޖެހޭކަމުގައި އެ މައްސަލައިގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާ މެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަން ބެލުމުގެ އިތުރުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަން ފަނޑިޔާރު ބަލަންޖެހޭ ކަމުގައި ބަޔާންކޮށްފައިވެއެވެ.
38.2. ޝަހީބް އިބްރާހީމް މައްސަލައިގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ހާލަތެއް ވުޖޫދުވެފައިވޭތޯ ބެލުމުގައި ފަނޑިޔާރު ގޮތް ނިންމަންޖެހެނީ އެފަދަ ޙާލަތެއް ވުޖޫދުވުން، އެފަދަ ހާލަތެއް ވުޖޫދުނުވުމަށްވުރެ ގާތްކަން ބޮޑު ކަމުގެ މައްޗަށް ކަމުގައި ބަޔާންކުރުމުގެ އިތުރުން، ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބާއްވާ އަޑުއެހުމުގައި، (ހ) މުއްތަހަމް ބަންދުކޮށްފައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަން ބުނެދިނުމުގެ ޒިންމާ އަދި (ށ) އޭނާ ކުށްކުރިކަން ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަން ބުނެދިނުމުގެ ޒިންމާ އުފުލަންޖެހޭނީ މީހާ ބަންދުކުރަން އެދޭ ފަރާތުންކަމުގައި ވެސް ކަނޑައަޅާފައި އޮވެއެވެ.
38.3. ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ފާހަގަކޮށްފައިވާ ފަދައިން (1) ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން (burden of production) އަދި، (2) ހުށަހަޅާ ހެއްކަކީ (އަނެއް ފަރާތުން ހުށަހަޅާ ހެއްކާ އަޅާކިޔާއިރު) އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް (burden of persuasion) ވާންޖެހޭކަން ފާހަގަކުރަމެވެ.
38.4. މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ޝަރުމީލާ ޝަރީފް ވ.ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައަށް ބެލުމުން، ޙަޤީޤަތްތައް (facts) ސާބިތުކުރާ މިންގަނޑަށް އަލިއަޅުވާލާ، ޙަޤީޤަތެއް އޮތީ އެގޮތުގައި ކަމަށް ބެލޭނީ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހާ ކަންކޮށްފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތަށް ޤަބޫލުކުރެވޭ އެކަށީގެންވާ މިންވަރަކަށް (reasonable satisfaction) ހުށަހެޅިއްޖެ ނަމަ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރު ދެކޭ ގޮތެއްގެ މައްޗަށް ނުވަތަހީވާ ހީވުމެއްގެ މައްޗަށް ކުރެވޭ ޤަބޫލުކުރުމެއް ކަމުގައި ވެގެން ނުވާނެ ކަމުގައާއި، އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރަންވާނީ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ އަލީގައި، އެ ހެއްކާއި ޤަރީނާއިން ކަން ހިނގާފައިވާގޮތާއި ތަރުތީބަށް ބަލައި، ކުރެވޭ ތުހުމަތުގެ ކުޑަބޮޑުމިނަށާއި، އެކަމެއް އެފަދައިން ހިނގުމުގެ ފުރުޞަތު އޮތް ނެތް މިންވަރެއް ވަޒަންކޮށް، އަދި އެކަމުގެ ނަތީޖާއަށްވެސް ރިއާޔަތްތެރިކަމެއް ދީގެން ކަމުގައި ބަޔާންކޮށްފައި އޮވެއެވެ.
38.5. އަހުރެންގެ ކުރިމަތީގައި މިހާރު މިއޮތް މައްސަލައަށް ބަލާއިރު، ހެއްކަށް ނުފޫޒު ފޯރުމުގެ އިހްތިމާލު އޮތްކަމުގައި ބުނެ މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީ ހެކިބަސް ދޭން ތިބި ބައެއް ފަރާތްތަކަކީ އޭނާގެ ދަށުން އިމިގްރޭޝަންގައި މަސައްކަތްކުރި މުވައްޒަފުންކަމަށްވެފައި، އެ ފަރާތްތަކާ އެކު ވަޒީފާގެ ގޮތުން އޮތް ގުޅުން ފިޔަވައި ގާތްގުޅުމެއް އޮތްކަމަށް ބެލެވޭ ކަންތައްތަކެއް ހުރުމުން، އޭނާގެ ހައިސިއްޔަތާއި ހެކިންނާ އޮތް ގުޅުމަށް ބިނާކޮށް، ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭ ކަމަށް ބަޔާންކޮށް ކަމުގައިވެފައި، ކްރިމިނަލް ކޯޓުން އެފަދައިން ނިންމާފައިވަނީ މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ޙާލަތު އޮތްކަމަށް ބާރުލިބޭ ހެއްކެއް ނެތި، އިފްތިރާޟެއް (assumption) ގެ މައްޗަށް ކަމަށް ބިނާކޮށްކަމަށް މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، ޕްރޮސިކިއުޝަންގެ ފަރާތުންވެސް ތަކުރާރުކޮށް ބުނެފައިވަނީ މުޙައްމަދު ޝަމްޢާން ވަޙީދު ހުރި މަޤާމުގެ އާރާއި ބާރުގެ މައްޗަށް ބިނާކޮށް އެ އަމުރު އެގޮތުގައި ނެރެންޖެހޭ ކަމަށް ދެކޭ ކަމުގައެވެ. މި ނުކުތާގައި މުޙައްމަދު ޝަމްޢާން ވަޙީދުއާއި މައްސަލައިގައި ހިމެނޭ ހެކިންނާއި ގާތްގުޅުމެއް އޮތްކަމަށް ބެލެވޭ ކަންތައްތަކެއް ހުރި ކަމުގައި ދައުލަތުން ބަޔާންކޮށްފައިވާއިރު، އެ ހެކިންނަކީ މުޙައްމަދު ޝަމްޢާން ވަޙީދުއާ ދެކޮޅަށް ހެކިބަސް ދީފައިވާ ފަރާތްތަކެއް ކަމުގައިވާތީ، އެ ގާތްކަން އިފްތިރާޟު ކުރުމުގެ ފުރުސަތުވެސް އޮތްކަމަށް ނުދެކޭކަމުގައި މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވެއެވެ.
38.6 މައްސަލައެއްގައި ހުށަހަޅާ ދަފްޢެއް ސާބިތުކޮށްދިނުމަކީ ދަފްޢު އުފުލާ ފަރާތުގެ ޒިންމާއެއްކަން މި ކޯޓުގެ އެތަކެއް މައްސަލަތަކެއްގައި ކަނޑައަޅާފައިވެއެވެ. އަދި އެފަދައިން ދަފްޢު ސާބިތުކުރުމަށްޓަކައި، ނުވަތަ މިހާލަތުގައި މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލެއް އޮތް ކަން ޝަރީޢަތަށް ދެއްކުމުގެ ގޮތުން، ދައުލަތުގެ ފަރާތުން މުޙައްމަދު ޝަމްޢާން ވަޙީދު ހުރި މަޤާމުގެ އާރާއި ބާރާއި، ހެކިންނާއި ގާތްގުޅުމެއް އޮތްކަމަށް ބެލެވޭ ކަންތައްތަކެއް ހުރި ކަމުގައި ބުނުމުގެ އިތުރުން، އެ ނުކުތާއާ ގުޅޭ burden of production ގެ އެއްވެސް ޒިންމާއެއް އުފުލާފައިވާކަން އެގެން ނެތެވެ. އަދި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އެންމެ ކުޑަމިނުން މުޙައްމަދު ޝަމްޢާން ވަޙީދުއާއި ހެކިންނާއި ގާތްގުޅުމެއް އޮތްކަމަށް ދައުލަތުގެ ފަރާތުން ދެކެނީ ކޮން ކަންކަމެއް ވުޖޫދުގައި ހުރެގެންކަންވެސް ތަފްސީލުކޮށްދީފައި ނުވާކަންވެސް ފާހަގަވެއެވެ.
38.7. ހެއްކަށް ނުފޫޒު ފޯރުވުމަކީ ކޮންމެ ބާވަތެއްގެ ކުށަކާއި ގުޅިގެންވެސް ފެންމަތިވެދާނެ ހާލަތެކެވެ. މިގޮތުން ގޭންގް ކުށްތަކާއި، ޑްރަގްއާ ގުޅުންހުރި ކުށްތަކާއި، ގެވެށި އަނިޔާއާއި، ވަގުފާރިކުރުމާއި، ޖިންސީ ކުށްތަކާއި، ކުޑަކުދިން އަދި ދުވަސްވީ މީހުންނާ ދެކޮޅަށް ކުރާ ކުށްތަކާއި، ތިމާވެއްޓާއި ދެކޮޅަށް ކުރާ ކުށްތަކާއި، 'ވައިޓް ކޮލަރ' ކުށްތައްކަމުގައި ހިމެނޭ ބާވަތްތަކުގެ ކުށްތައް، އަދި މިނޫންވެސް ކުށްތަކުގެ ތެރެއިން ހެކިންނަށް ނުފޫޒު ފޯރުވުމަކީ ޖިނާއީ ނިޒާމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް ފެންނަ މަންޒަރެކެވެ. މިގޮތުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ އަމަލުތަކުގެ ބާވަތްތަކާއި ބައެއް މިސާލުތައް ފާހަގަކުރުން މުހިންމުކަމުގައި ފެންނާތީ، އެފަދަ ބައެއް ކަންކަން ތިރީގައި ހިމަނަމެވެ.
(ހ) އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދޭނެކަމުގެ އިންޒާރު (ސާފުކޮށް ނުވަތަ އެފަދައިން ދޭހަވާގޮތަށް) މިބާވަތުގެ ތެރޭގައި ޖިސްމާނީ (މިސާލަކަށް: އަނިޔާ ކުރުން ނުވަތަ އަނިޔާ ކުރާނެކަމުގެ ބިރުދެއްކުން)؛ ނަފްސާނީ / ސައިކޮލޮޖިކަލް (މިސާލަކަށް: މީހާ ބޭޒާރުވާފަދަ ނުވަތަ ލަދުގަންނަ ޒާތުގެ ޒާތީ މަޢޫލޫމާތު އާންމުކުރުން ނުވަތަ އާންމުކުރާނެކަމުގެ ބިރު ދެއްކުން)؛ އިޖްތިމާޢީ (މިސާލަކަށް: ހެކިބަސްދީފިނަމަ ބޮޑު މާލީ ގެއްލުމެއް ކުރިމަތިކުރުވާނެކަމުގެ ބިރު ދެއްކުން)؛ ޤާނޫނުގެ ނަހަމަ ބޭނުންކުރުން (މިސާލަކަށް: ހެކިބަސްދޭންހުރި މީހާއާ ގުޅޭ މައްސަލަތައް ފުލުހުންނަށް ނުވަތަ ކޯޓަށް ހުށަހެޅުން)؛ ބާރުދެއްކުން (މިސާލަކަށް: އެކުގައި އުޅޭ ގޭންގްގެ މެމްބަރުން އެމީހުންގެ ބާރުވެރިކަމާއެކު ކޯޓަށް ހާޒިރުވެ ކުށެއްގެ ތުހުމަތުގައިވާ މީހާއާ އެކުހުރިކަން ހެކިންނަށް ދެއްކުން)؛ ސޯޝަލް މީޑިޔާ (މިސާލަކަށް: ގޯނާކުރުން، ސިއްރު މަޢުލޫމާތު އާންމުކުރުން) ހިމެނެއެވެ.
(ށ) ސްޓޯކް ކުރުން (މިސާލަކަށް: ހެކިވެރިން އުޅޭ ނޫޅޭގޮތް ބަލައި (ޓްރެކް ކުރަން) ދިއުން ނުވަތަ މީހުން ފޮނުވުން)
(ނ) މުދަލަށް ގެއްލުން ދިނުން (މިސާލަކަށް: ދުއްވާ އުޅަނދަށް ނުވަތަ ގެދޮރަށް ގެއްލުންދިނުން)
(ރ) ރަމްޒީ އަމަލުތައް (މިސާލަކަށް: މަރުވެފައިވާ މަހެއް ނުވަތަ މުދަލެއް ހެކިވެރިޔާއަށް ފޮނުވުން) މަތީގައި ހިމަނާފައި އެވަނީ ހެކިންނަށް ނުފޫޒު ފޯރުވާ ނުވަތަ އެމީހުންނަށް ބިރުދެއްކުމަށް ކޮށްއުޅޭ ބައެއް ބާވަތުގެ އަމަލުތަކެވެ. ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބަހައްޓަންޖެހެނީ ހެކިންނަށް ނުފޫޒު ފޯރުވާ ނުވަތަ އެމީހުންނަށް ބިރުދެއްކުމުގެ އިހްތިމާލު އޮތަތީ ކަމުގައި ބުނާނަމަ، ދައުލަތުގެ ފަރާތުން އެފަދަ ކަމެއް ހިނގާފައިވާކަން ނުވަތަ ހިނގުމުގެ އިހްތިމާލު އޮތްކަން (މި ރައުޔުގެ 38.4 އަދި 38.6 ގައި ބަޔާންކޮށްފައިވާ ފަދައިން) ކޯޓަށް ދައްކުވާދޭންވާނެއެވެ.
38.8. އަހުރެންގެ ކުރިމަތީގައި މިއޮތް ބާވަތުގެ މައްސަލަތަކުގައި ގޮތް ކަނޑައަޅަންޖެހޭނީ ކުށެއް ސާބިތުނުވާހާ ހިނދަކު އެމީހަކީ ކުށުން ބަރީޢަވެގެންވާ މައުސޫމު މީހެއް ކަމުގެ އަސާސްއާއި، ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެ ފަހަރަކީ މީހެއްގެ މިނިވަންކަން ހިފެހެއްޓި ބަންދުކުރެވިގެން ވާނެ ހާލަތެއް ވުޖޫދުވާ ސަބަބެއް ނޫންކަމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މި އަސާސްތައް އެ ނޫން ގޮތަކަށް ފުރޮޅިގެން ދާނަމަ، އެ ކަމަކީ ޤާނޫނު ނެގެހެއްޓުމަށްޓަކައި، އެނޫންގޮތެއް ނެތް ޙާލަތުގައި އެޅޭ އިސްތިސްނާއީ ފިޔަވަޅެއް ކަމުގައި ބަލައިގެންކަމަށް ޝަހީބް އިބްރާހީމް މައްސަލައިގައި ބަޔާންކޮށްފައި އޮންނާތީއާއި، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމުގެ އިހްތިމާލު އޮތްކަމުގައި ދައުލަތުގެ ފަރާތުން ބުނި ބުނުމުގެ މައްޗަށް އެކަނި ކަމުގައިވާތީ، އެއީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ހާލަތެއް ވުޖޫދުގައިވާކަމުގައި ބެލިދާނެ ހާލަތެއްކަމުގައި އަހުރެން ނުދެކެމެވެ.
38.9. އެހެންކަމުން، 06 އެޕްރީލް 2025 ގައި މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/670 ކޯޓު އަމުރުން ނިންމި ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2025/HC-B12/9 މައްސަލައިން ނިންމާފައިވާ ނިންމުމަކީ ބާޠިލުކުރަންޖެހޭ ނިންމުމެއްކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
39މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.*
ޙުކުމް
ދެންފަހެ އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމާއެކު، (1) އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާގައި މަނީ ލޯންޑްރިންގ އާ ގުޅިފައިވާ ކޮރަޕްޝަންގެ ކުށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބައިވެރިވުމެއްނެތި ތަޙްޤީޤު ކުރެވޭނެކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ ޚިލާފުކަމަށް ކަނޑައެޅުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/559 ކޯޓު އަމުރު ބާޠިލު ކުރާނެ ތަނެއް ނެތްކަމަށް އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/10 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް؛ އަދި (2) މުޙައްމަދު ޝަމްޢާން ވަޙީދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/670 ކޯޓު އަމުރު ބާޠިލު ކުރާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/9 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ތާއީދުކޮށް، ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމު
- ޤާނޫނު ނަންބަރު 12/2016
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ
- ގަވާއިދު ނަންބަރު 2021-SC-REG-01
- ޤާނޫނު ނަންބަރު 13/2010
- ޤާނޫނު ނަންބަރު 4/2011
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2022/SC-A/77 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2022/HC-B12/84,85,85,87,88,89,90,91 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/30 ޤަޟިއްޔާ [2021] SC 110
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސުޕްރީމް ކޯޓުގެ 2021/SC-A/107 ޤަޟިއްޔާ [2022] SC 41
- ހައިކޯޓުގެ ނަންބަރު 2019/HC-A/41 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/77 [2022] SC 61
- ޤާނޫނު ނަންބަރު 10/2014
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/30 ޤަސިއްޔާ SC 110 [2021]
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/93 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2019/HC-A/41 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2019/HC-A/41 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 99 ވަނަ މާއްދާ.
- ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 93 ވަނަ މާއްދާގެ (ރ)
- ގަވާއިދު ނަންބަރު 2019/R-1052
- ކްރިމިނަލް ކޯޓުގެ "ބަންދާމެދު ގޮތް ނިންމުމަށް އެދި ހުށަހަޅާ ފޯމު" (ހުށަހަޅާފަރާތުގެ ރިފަރެންސް ނަންބަރު MF/209413 [މައްސަލަ ނަންބަރު LC2025/03317] 22 މާރޗް 2025)
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/559 "ކޯޓު އަމުރު" (22 މާރޗް 2025)
- މީހެއްގެ ޢަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުން
- ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މަޢޫލޫމާތު ބޭނުންކުރުން
- ކުށެއް ކުރަން އުޅުން
- ކުށެއް ކުރުމަށް އެދުން
- ކުށް ކުރުމަށް ރޭވުން
- މަނީ ލޯޑްރިންގގެ ކުށް
- ޤާނޫނުއަސާސީގެ 202 ވަނަ މާއްދާގެ (ހ) އަދި (ށ) އަދި ޤާނޫނު ނަންބަރު 12/2008 (އެންޓީ-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ ގެ 22 ވަނަ މާއްދާ
- މިއީ ފުލުހުންގެ ތަޙުޤީޤުގެ ސައްހަކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަސް ބުނަންޖެހޭ މަހައްލެއް ނޫނެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ
- ގަވާއިދު ނަންބަރު 2021-SC-REG-01
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާގެ ޕެރެގްރާފް 17
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާގެ ޕެރެގްރާފް 25
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާގެ ޕެރެގްރާފް 23 އަދި 24
- އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ)، ޕެރެގްރާފް 12
- ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 ޤަޟިއްޔާގެ ޕެރެގްރާފް 14
- އެއީ reasonable satisfaction ގެ މިންގަނޑު establish ކުރެވިއްޖެކަން
- އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ) ޕެރެގްރާފް 12
- Express or implied
- ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ) ޕެރެގްރާފް.12 * ލިޔުމުގައިވާ ކުށް "35. މި މައްސަލައިގައި ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ."، "39. މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދު ރައުޔަށް އަހުރެން ތާއީދުކުރަމެވެ." އަށް 09 ޖުލައި 2025 ގައި އިޞްލާޙުކުރެވިފައިވެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ، 60 ވަނަ މާއްދާ (ބ ހިމެނޭ ގޮތުން)، 76 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ، 143 ވަނަ މާއްދާގެ (ރ)، 202 ވަނަ މާއްދާގެ (ހ) އަދި (ށ)
- ގަވާއިދު ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 30، 80، 81، 82 އަދި 513 ވަނަ މާއްދާ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 93 ވަނަ މާއްދާގެ (ރ) އަދި 99 ވަނަ މާއްދާ
- ގަވާއިދު ނަންބަރު R-1052/2019 (ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) ގެ 159 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2008/12 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 22 ވަނަ މާއްދާ
- 2020/SC-A/93 ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- [2022] SC 61 (2022/SC-A/77) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލް މުހައިމިން އަދި އިތުރު 7 ފަރާތެއް
- 2022/HC-B12/84-91 ޢަބްދުލް މުހައިމިން އަދި އިތުރު ފަރާތެއް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- [2021] SC 110 (2021/SC-A/30) ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- 2019/HC-A/41 ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- [2022] SC 41 (2021/SC-A/107) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް
- 2013/SC-A/28 އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް
- 2014/SC-A/19 ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.