ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 41 · 2021/SC-A/107ސުޕްރީމް ކޯޓު · 4 ޖުލައި 2022

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް

ސުޕްރީމް ކޯޓު
6 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 4 ޖުލައި 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/155 ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރު 2021/HC-A/156 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އެ ދެ ޤަޟިއްޔާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރުC-0024/1988) (މީގެ ފަހުން "ދިރާގު") އަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

މީރާގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލުން (މީގެފަހުން ޓްރައިބިއުނަލް) ނިންމާފައިވާ ދެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި ދެ މައްސަލައަކީ ޓްރައިބިއުނަލްގެ ނަންބަރު TAT-CA-W/2018/008 މައްސަލައާއި، ނަންބަރު TAT-CA-W/2018/009 މައްސަލައެވެ. މި ދެ މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވަނީ 25 ނޮވެމްބަރ 2020 ގައެވެ. އަދި މި ދެ މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި މީރާގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ21 ފެބްރުއަރީ 2021 ގައެވެ.

މި މައްސަލަތަކާ ގުޅިގެން ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި މައްސަލަ ބެލި ފަނޑިޔާރުން މި ދެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޤާނޫނުގައި މި ފަދަ މައްސަލަތައް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައިތޯ މައްސަލައިގެ ދެ ފަރާތާ ސުވާލު ކޮށްފައިވެއެވެ.

އިސްތިއުނާފުގެ މުއްދަތާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަހުސް ކުރެވިފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި މި ބާވަތުގެ މައްސަލަތައް އިސްތިއުނާފު ކުރުމަށް ދީފައިވާ 60 ދުވަހުގެ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންކަން ނުވަތަ ނޫންކަމާމެދުގައެވެ. މި ބަހުސް އުފެދެން މެދުވެރިވެފައިވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން ބާރު ލިބިގެން މީރާގެ ފަރާތުން ހަދާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައި "މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޤާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ." މިހެން އޮތް މާއްދާ މި މައްސަލައަށް ތަޠުބީޤު ކުރުމުންނެވެ.

ހައިކޯޓުގައި ކުރެވުނު ޤާނޫނީ ބަހުސްގައި މައްސަލައިގެ ދެ ފަރާތުންމެ ފާހަގަ ކޮށްފައިވަނީ، ޤާނޫނުގައި ބަޔާންކޮށްފައިވާ އިސްތިއުނާފުގެ މުއްދަތު މި ބާވަތުގެ ހުރިހާ މައްސަލައެއްގައި ހައިކޯޓުން ގުނަމުން އައިސްފައިވަނީ، ހައިކޯޓުގެ ގަވާއިދާ އެއްގޮތަށް ބަންދު ދުވަސްތައް ނުހިމަނައި ކަމުގައެވެ.

މި މައްސަލަތަކުގައި ހައިކޯޓުން ނިންމާފައިވަނީ، އިސްތިއުނާފުގެ މުއްދަތު ގުނަންޖެހޭނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމުގައެވެ. ހައިކޯޓުން މިފަދައިން ނިންމުމުގައި ބަރޯސާވެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަށެވެ. އަދި ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އަށްވެސް އެ ނިންމުމުގައި ރިޢާޔަތް ކޮށްފައިވެއެވެ. އެ އަކުރުގައި ބަޔާންވެފައި އޮތީ އަންނަނިވި ޢިބާރާތެވެ.

"މި މާއްދާގެ (ހ) ގައި އިސްތިއުނާފުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ވީނަމަވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ނުވަތަ އެ ފަދަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކުން، ވަކި ބާވަތެއްގެ މައްސަލައެއް އިސްތިއުނާފުކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާނަމަ އެ ފަދަ މައްސަލަތަކުގައި އިސްތިއުނާފުގެ މުއްދަތުކަމުގައި ބަލަންވާނީ އެ ޤާނޫނެއްގައި ނުވަތަ އެ ޤަވާޢިދެއްގައި ކަނޑައެޅިފައިވާ މުއްދަތެވެ."

ބަންދު ދުވަސްތައް ހިމަނައިގެން ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައިވާ އުސޫލުން އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމުން މި މައްސަލަތަކުގައި ނުކުންނަ ނަތީޖާ ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން މި ދެ މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވަނީ، 25 ނޮވެމްބަރ 2020 ގައި ކަމުން، މި ޤާނޫނުގައި އިސްތިއުނާފު ކުރުމަށް ދީފައިވާ 60 ދުވަސް ހަމަވާނީ 24 ޖެނުއަރީ 2021 ގައި ކަމަށާއި، މި ދެ މައްސަލަ މީރާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ، އިސްތިއުނާފުގެ މުއްދަތު ހަމަވިފަހުން 21 ފެބްރުއަރީ 2021 ގައި ކަމުގައި ހައިކޯޓުން ނިންމާފައިވެއެވެ. ކަންމިހެން އޮތުމުން މި ދެ މައްސަލައަކީ އެ ކޯޓުން އިތުރަށް ބަލައި ކުރިއަށް ގެންދެވޭނެ މައްސަލަތަކެއް ނޫން ކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާ

ހައިކޯޓުން މި ދެ މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ މީރާގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ އިސްތިއުނާފީ ނުކުތާއެކެވެ. މި ނުކުތާގައި އެ އިދާރާއިން ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި ވާހަކަ ދެކެވޭ ދެ މައްސަލަ ޓްރައިބިއުނަލުން ނިންމައި، މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު މީރާއަށް ލިބިފައިވަނީ މައްސަލަ ނިމުނުތާ 76 (ހަތްދިހަ ހައެއް) ދުވަސް ފަހުން ކަމުގައެވެ. ވުމާއެކު، މި މައްސަލައިގައި އިސްތިއުނާފުގެ މުއްދަތު ގުނަންވާނީ، ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް [2021] SC 42 މައްސަލައިގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު މީރާއަށް ލިބުނު ތާރީޚުން ފެށިގެން ކަމުގައެވެ. ނަމަވެސް މި މައްސަލައިގައި ހައިކޯޓުން އިސްތިއުނާފުގެ މުއްދަތު ގުނަން ފަށާފައިވަނީ ޓްރައިބިއުނަލުން މައްސަލަ ނިންމި ތާރީޚުން ފެށިގެން ކަމުގައެވެ.

މިއީ މީރާގެ ފަރާތުން ހައިކޯޓުގައި މި މޭރުމުން ފާހަގަ ކުރި ނުކުތާއެއް ނޫނެވެ. ވުމާއެކު، މި އިސްތިއުނާފީ ނުކުތާ ހުށަހެޅުމަށްފަހު، ސުޕްރީމް ކޯޓުން ނިންމާފައިވާ، ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 މައްސަލައިގައި ހައިކޯޓުގައި ފާހަގަ ނުކުރާ އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުގައި ފާހަގަ ކުރުމާބެހޭ ގޮތުން ބަޔާންވެފައިވާ އުސޫލުތަކުގެ މަންފާ މީރާއަށް ލިބެންޖެހޭނެ ކަމުގައި ބުނެ، މީރާގެ ފަރާތުން ވާހަކަ ދައްކާފައިވެއެވެ. އަދި ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤު މީރާއަށް ފުރިހަމައަށް ހިފޭނީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު އެ އިދާރާއަށް ލިބުނު ތާރީޚުން ފެށިގެން އިސްތިއުނާފުގެ މުއްދަތު ގުނަން ފެށުމުން ކަމުގައި ވެސް ބުނެފައިވެއެވެ.

އިސްތިއުނާފީ ނުކުތާއަށް ދީފައިވާ ރައްދު

މީރާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ދޭނެ ރައްދެއް ނެތް ކަމުގައި ދިރާގުގެ ފަރާތުން ބުނެފައިވެއެވެ.

ނަމަވެސް ހައިކޯޓުގެ ނިންމުމާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ފާހަގަ ކުރަން ބޭނުންވާ ޤާނޫނީ ނުކުތާއެއް އޮތްކަމުގައި ބުނެ އެ ނުކުތާ ތަފުސީލުކޮށްފައިވެއެވެ. މި ގޮތުން އެ ކުންފުނީގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޤާނޫނީ ބާރުވެރިކަމާއެކު ތަންފީޒު ކުރެވޭ ގަވާއިދެއް ހެދޭނީ އެ ގަވާއިދު ހެދުމަށް ޤާނޫނަކުން ބާރު ދީފައި އޮވެގެން ކަމުގައްޔާއި، މިފަދައިން ހެދޭ ގަވާއިދުތައް ހަދަންވާނީ، ޤާނޫނުން ބާރު ލިބިދޭ ތަރަހައިގެ ތެރޭގައިކަން، ޤާނޫއަސާސީގެ 247 ވަނަ މާއްދާއާއި، 271 ވަނަ މާއްދާ އާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ބ) ގައިވާ އިބާރާތުން އެނގޭކަމުގައެވެ. އަދި ގަވާއިދު ހެދުމެކޭ އެއްފަދައިން ގަވާއިދުގައިވާ މާއްދާއެއް މާނަ ކުރަންވެސް ޖެހޭނީ ގަވާއިދު ހެދުމަށް ޤާނޫނުން ދީފައިވާ ބާރުގެ އިމުގެ ތެރޭގައިކަމުގައެވެ.

މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންވެފައިވާ އިސްތިއުނާފު ކުރުމުގެ މުއްދަތާ ގުޅޭ ގަވާއިދު ހެދުމުގެ ބާރަކީ، ނުވަތަ އެ މާއްދާގައި ބަޔާންވެފައިވާ މުއްދަތެއް ގުނާނެ ގޮތް ގަވާއިދެއްގައި މާނަ ކުރުމަކީ، މީރާއަށް ލިބޭ ބާރެއް ނޫންކަމުގައްޔާއި، އިސްތިއުނާފުގެ މުއްދަތު ގުނާނެ ގޮތްފަދަ ކަންކަން ކަނޑައަޅައި ގަވާއިދު ހެދުމުގެ ބާރު ލިބޭނީ އިސްތިއުނާފީ ކޯޓުތަކަށް ކަމުގައި ދިރާގުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. އަދި މި ކަމަށް މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާ އާއި، ޤާނޫނުއަސާސީގެ 156 ވަނަ މާއްދާއިން ބާރު ލިބޭ ކަމުގައި އެ ކުންފުނީގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ

މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ހައިކޯޓުގައި މީރާގެ ފަރާތުން ފާހަގަ ނުކުރި ނަމަވެސް، މި ދެ މައްސަލައިގައި އިސްތިއުނާފުގެ މުއްދަތު ގުނަން ފަށަންޖެހޭނީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް [2021] SC 42 މައްސަލައިގައި ފާހަގަކޮށްފައިވާ ފަދައިން މައްސަލަތަކުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމުން ހެއްޔެވެ؟ މި ސުވާލެވެ. މި ސުވާލުގެ ޖަވާބު ހޯދުމުގައި އަހުރެން އެންމެ ފުރަތަމަ ބަލާނީ، މީރާގެ ފަރާތުން ޙަވާލާދޭ ދީބާޖާ މައްސަލައިގައި އިސްތިއުނާފުކުމުގެ މުއްދަތު ގުނުމާމެދު މީރާގެ ފަރާތުން ފާހަގަކުރާ އުސޫލަކީ ކޮބައިކަމެވެ. އެއަށްފަހު، ހައިކޯޓުގައި ފާހަގަ ނުކުރާ ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުގައި ފާހަގަކޮށް އެކަމުގެ މަންފާ މީރާއަށް ލިބި ދެވޭނެ ހާލަތެއް މި މައްސަލައިގައި މެދުވެރިވެފައިވާކަން ނުވަތަ ނޫންކަން ކަނޑައަޅާނަމެވެ.

ދީބާޖާ މައްސަލައިގެ އަލީގައި އިސްތިއުނާފުގެ މުއްދަތު ގުނުން

މައްސަލައެއްގައި ފަނޑިޔާރަކު ލިޔުއްވާފައިވާ ރައުޔެއް، އެ ރައުޔުގައިވާ އެންމެ ޖުމްލައަކުން ދެނެނުގަނެވިދާނެއެވެ. ވަކި ޤާނޫނީ އުސޫލަކާމެދު ފަނޑިޔާރެއްގެ ރައުޔެއް ދެނެގަތުމުގައި ނުވަތަ އެ ރައުޔުގައި ބުނާ އެއްޗެއް ދޭހަ ކުރުމުގައި ފަނޑިޔާރު ރައުޔު ލިޔުއްވި މައްސަލައިގެ ވާޤިޢާތަކާއި، އެ ވާޤިޢާތަކަށް ޤާނޫނު ތަޠުބީޤު ކުރުމުގައި ފަނޑިޔާރު ގެންގުޅެފައިވާ ތަރުތީބާއި، ސިޔާޤު (context) ދެނެގަންނަން ޖެހެއެވެ. މީގެ އިތުރަށް ވަކި ޤާނޫނަކާ ޙަވާލާދީ ރައުޔުގައި ވަކި ކަމެއް ފާހަގަ ކުރައްވާފައިވާނަމަ، އެ ޤާނޫނުގައި އެކަމާބެހޭ ގޮތުން ބަޔާންވެފައިވާ ޤާނޫނީ އުސޫލުތައް ދެނެގަތުމަކީ ވެސް އެ ރައުޔެއް ދެނެގަތުމުގައި ބޭނުން ކުރެވިދާނެ ކަމެކެވެ.

ދީބާޖާ މައްސަލައިގައި މީރާގެ ފަރާތުން ޙަވާލާ ދޭ ޢިބާރާތް އޮތީ އެ މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގެ 36 ވަނަ ޕެރެގްރާފުގައެވެ. އެ ޕެރެގްރާފު އޮތީ، އެ މައްސަލައި އިސްތިއުނާފުގެ މުއްދަތާ ގުޅޭ ވަޤިޢާތަކާއި، އެ ވާޤިޢާތަކާ ގުޅޭ ގޮތުން ފަނޑިޔާރު ފާހަގަ ކުރެއްވި އުސޫލުތައް ހިމެނޭ "އިސްތިއުނާފުގެ މުއްދަތު" އަރިމަތީ ސުރުޚީގެ ދަށުގައެވެ. މި ސުރުޚީގެ ދަށުގައި ހުރި ޕެރެގްރާފުތައް ފެށިފައިވަނީ 30 ވަނަ ޕެރެގްރާފުންނެވެ. ނިމިފައިވަނީ 38 ވަނަ ޕެރެގްރާފަށެވެ.

މި ޕެރެގްރާފުތަކުގައި ފަނޑިޔާރު ފާހަގަ ކުރައްވާފައިވާ ކަންކަމުގެ ޚުލާޞާއަކީ، ބައެއް ކޯޓުތަކުން ބައެއް ފަހަރު ދޫކުރާ "މައްސަލައިގެ ޚުލާޞާ ރިޕޯޓު" އަކީ އެއިގެ މައްޗަށް ބިނާކޮށް ފުރިހަމަ އިސްތިއުނާފެއް ކުރެވިދާނެ ރިޕޯޓެއް ނޫންކަމާއި، މައްސަލައިގެ ފުރިހަމަ "ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު" ޤާނޫނުގައިވާ މުއްދަތުގައި ނުލިބި، އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ގޮސްފިނަމަ އެކަމަކީ އިސްތިއުނާފު ކުރުމަށް ހުރަސްއެޅޭ ކަމެއް ކަމުގައެވެ. އަދި އެއީ ހައިކޯޓުގެ ގަވާއިދުގައި ބުނާފަދަ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް ކަން ނުވަތަ ނޫންކަމާމެދު އެ ކޯޓުން ގޮތެއް ކަނޑައެޅިދާނެ ހާލަތެއްކަމެވެ. މި މިންވަރަށް ބަޔާން ކުރެއްވުމަށްފަހު، ފަނޑިޔާރު ދެން އެ މައްސަލައިގައި ތަފުސީލުކޮށް ބަޔާންކޮށް ދެއްވާފައިވަނީ، އަމިއްލަ ބާރު ނުފޯރާ ސަބަބަކީ ކޮބައިކަމާއި، އެ މައްސަލައިގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބުމަކީ، މައްސަލަ އިސްތިއުނާފު ކުރުން ލަސްވި އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއްކަމުގައި އެ މައްސަލަ ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާޠިލު ކުރި ކުރުމާމެދު ފަނޑިޔާރަށް ފެނިވަޑައިގެންނެވި ގޮތެވެ.

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބި އިސްތިއުނާފުގެ މުއްދަތުގައި އިސްތިއުނާފު ނުކުރެވުމަކީ، އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް ކަމުގައި ނިންމެވިކަން ދީބާޖާ މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގެ 52 ވަނަ ޕެރެގްރާފުން އިތުރަށް ކަށަވަރުވެއެވެ. މިއީ ދީބާޖާ މައްސަލައިގެ ކުރިންނާއި، އަދި އެ މައްސަލައިގެ ފަހުން ވެސް ސުޕްރީމް ކޯޓުން މި މައުޟޫޢުގައި ނިންމާފައިވާ ނިންމުންތަކުގައި ދަމަހައްޓާފައިވާ އުސޫލެކެވެ.

އަހުރެންވެސް އެއްބަހެވެ. ދީބާޖާ މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގެ 36 ވަނަ ޕެރެގްރާފުގައި "... މިފަދަ ހާލަތެއްގައި އިސްތިއުނާފު މުއްދަތު ގުނަންވާނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމުން ކަމުގައި ދެކެމެވެ." މި ފަދައިން ފާހަގަ ކުރައްވާފައިވެއެވެ. އެހެން ނަމަވެސް، ކުރިން އިޝާރާތް ކުރި ގޮތަށް އެ ޖުމުލަ ފަނޑިޔާރު ބޭނުން ކުރައްވާފައިވަނީ އިސްތިއުނާފުގެ މުއްދަތު ފެށޭ ޕޮއިންޓް ފާހަގަ ކުރުމަށް ކަމުގައި ނުބެލެވެއެވެ. އެ ޖުމުލަ ބޭނުންކޮށްފައި އެ ވަނީ، ކުރިން އިޝާރާތް ކުރި ގޮތަށް މުޅިން އެހެން ސިޔާޤެއް (context) ގައެވެ. އިސްތިއުނާފުގެ މުއްދަތު ފެށޭނެ ޕޮއިންޓް އޮތީ ޤާނޫނުގައި ބަޔާންވެފައެވެ.

އައު ޤާނޫނީ ނުކުތާއެއް ބަލައިގަތުމާމެދު

ކުރިން އިޝާރާތް މިކުރި ދީބާޖާ މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލަކީ ހައިކޯޓުގައި އެ އުސޫލާމެދު މީރާއިން އެއްވެސް ކަމެއް ފާހަގަ ކޮށްފައިނުވާ އުސޫލެއް ކަމުގައި މީރާގެ ފަރާތުން ވެސް ބުނެފައިވެއެވެ. ކަން އެހެން އޮތުމުން މީރާއިން ފާހަގަ ކޮށްފައިވަނީ، ހައިކޯޓުގައި ފާހަގަ ކޮށްފައި ނުވާ އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ ޙާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް[2021] SC 75 މައްސަލައެވެ. އެ މައްސަލައިގައި ހައިކޯޓުގައި ފާހަގަ ނުކުރާ އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ ހާލަތްތަކެއް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަ ކުރައްވާފައި ވެއެވެ. އެ ހާލަތްތައް ތިރީގައި މިވަނީއެވެ.

ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތް ކުރަންޖެހޭ ނުކުތާއަކަށްވުން ނުވަތަ،

ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ

އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވުން.

މި ހާލަތްތައް ބަޔާން ކުރެއްވުމަށްފަހު، އެ މައްސަލައިގައި ފަނޑިޔާރު އިތުރަށް ފާހަގަ ކުރައްވާފައިވަނީ،

"އައު ނުކުތާއަކަށް ރިޢާޔަތްކުރާނަމަ، އެ ނުކުތާއަކާ ގުޅިގެން މައްސަލައިގެ އިތުރު ވާޤިއާތަކެއް ކަށަވަރުކުރަން ނުޖެހުމާއި، އެ ނުކުތާއެއް ދަށު ކޯޓަށް ހުށަނޭޅުނު ސަބަބާއި އަދި މި ނޫންވެސް އެހެނިހެން މައްސަލައިގެ ވަށައިގެންވާ ކަންކަމަކީ އެ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގައި ރިއާޔަތްކުރެވިދާނެ ކަންކަމެވެ."

މި ފަދައިންނެވެ.

ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަ ކުރައްވާފައިވާ ސުޕްރީމް ކޯޓުގައި ފާހަގަ ކުރާ އައު ޤާނޫނީ ނުކުތާތައް ބަލައިގަނެވިދާނެ އުސޫލުތަކަކީ، ޢާންމު އުސޫލުތަކެއް ނޫނެވެ. އެއީ އިސްތިސްނާ ތަކެކެވެ. ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޢާންމު އުސޫލުތައް ބަޔާންވެފައި އެ ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައެވެ. ބަޔާންވެފައިވާ، މި ޢާންމު އުސޫލުތަކުގެ ޚުލާޞާއަކީ، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމެވެ. އެއީ އެ ނިންމުމަށް ވާސިލުވުމުގައި ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި އޮތުމެވެ. ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތިވުމެވެ. މިއިން ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް، ޢާންމު ގޮތެއްގައި އެކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެއެވެ. ނުވަތަ އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެއެވެ.

ކަޕޫރުﷲ ޔޫސުފް މައްސަލައިގައިވާ ހާލަތަކުން ކުރެ ހާލަތަކަށް މި މައްސަލަ ފެތޭކަން ނުވަތަ ނޫންކަން ދެނެގަމުގައި އައު ޤާނޫނީ ނުކުތާއަކަށް ރިޢާޔަތް ކުރުމުގައި ބެލިދާނެ ކަމަށް އެ މައްސަލައިގައި ފާހަގަ ކޮށްފައިވާ ކަންކަން މި މައްސަލައިގައި ހުރިނެތް ގޮތް ދެނެގަންނަންޖެހޭ ކަމުގައި ދެކެމެވެ.

(ހ) އިތުރު ވާޤިޢާއެއް ކަށަވަރު ކުރަން ޖެހޭތަ؟

ސުޕްރީމް ކޯޓުގައި ހައިކޯޓުގައި ފާހަގަ ނުކުރާ އައު ނުކުތާއަކަށް ރިޢާޔަތް ކުރުމުގައި، އެ ނުކުތާއަށް ރިޢާޔަތް ކޮށްގެން ކުރިއަށް ދިއުމުގައި އިތުރު ވާޤިޢާއެއް ކަށަވަރު ކުރަންޖެހޭކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ.

މި މައްސަލައަށް ބަލާއިރު، ސުޕްރީމް ކޯޓުން ނިންމާފައިވާ ދީބާޖާ މައްސަލައާ އެއްގޮތަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމުން އިސްތިއުނާފުގެ މުއްދަތު ގުނާނަމަ، އެ މައްސަލައިގެ ވާޤިޢާތަކާއި، މި މައްސަލައިގެ ވާޤިޢާތަކާ އެއްގޮތް ވާންޖެހެއެވެ. އެހެނީ އެއް އުސޫލެއް ހިނގާނީ އެއްބާވަތުގެ މައްސަލަތަކަށެވެ. މި މައްސަލައަށް ބަލާއިރު، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތައް ލިބުން ލަސްވެގެން އެއްވެސް ކަމެއް މީރާގެ ފަރާތުން ހައިކޯޓުގައި ފާހަގަ ކޮށްފައި ނުވެއެވެ. އަދި އެ ރިޕޯޓުތައް ނުލިބުމުގެ ސަބަބުން އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަމެއް ލިބިފައިވާކަމަށް ބުނެ އެ މޭރުމުން ހައިކޯޓުގައި މީރާގެ ފަރާތުން ވާހަކަ ދައްކާފައިނުވެއެވެ. މިއާ ޚިލާފަށް މީރާގެ ފަރާތުން ހައިކޯޓުގައި މުޅިންވެސް ވަކާލާތު ކޮށްފައިވަނީ މި މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ތެރޭގައި ކަމުގައެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކޮށްފައިވާނަމަ، އިސްތިއުނާފު ކުރުމުގެ މުއްދަތު އިތުރަށް ލިބެންޖެހޭނެ ކަމުގައި ނުވަތަ އިސްތިއުނާފު ކުރުމުގެ ޙައްޤު ފުރިހަމައަށް ލިބިދެވޭނީ އިތުރު މުއްދަތެއް ލިބިގެންކަމުގައި ބުނެ ބަހުސްކުރުމުގެ ފުރުސަތު އޮންނާނެ ކަމުގައި ނުބެލެވެއެވެ. އެހެނީ ޤާނޫނުގައި އިސްތިއުނާފުގެ މުއްދަތު ބަޔާންވުމުން ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އެހެން އަސާސީ ޙައްޤުތަކެކޭ އެއްފަދައިން، އިސްތިއުނާފު ކުރުމުގެ ޙައްޤު އެއިގެ އެންމެ ފުރިހަމަ ގޮތުގައި އެއް އުސޫލަކުން ލިބިދެވޭނެ ގޮތް ޤާނޫނަކުން އިންތިޒާމުވީ ކަމުގައި ބަލަންޖެހެއެވެ. ވުމާއެކު، މި މައްސަލައިގައި އިތުރު ވާޤިޢާއެއް ކަށަވަރު ކުރުމުގެ މާނައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

(ށ) އައު ޤާނޫނީ ނުކުތާ ހައިކޯޓަށް ހުށަނޭޅުނު ސަބަބު

ދީބާޖާ މައްސަލައިގައި ބަޔާންވެފައިވާ އުސޫލުން އިސްތިއުނާފުގެ މުއްދަތު ގުނަންޖެހޭނެ ކަމުގައި ހައިކޯޓުގައި ވާހަކަ ދެކެވިފައި ނުވާ ވަކި ސަބަބެއް މީރާގެ ފަރާތުން ފާހަގަ ކޮށްފައިނުވެއެވެ. މީގެ އިތުރަށް ސުޕްރީމް ކޯޓުގައި މީރާގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ކުރިން އިޝާރާތް ކުރި ފަދައިން، މި މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ، ޤާނޫނުގައި އިސްތިއުނާފު ކުރުމަށް ދީފައިވާ 60 ދުވަހުގެ މުއްދަތުގައި ކަމުގައެވެ.

(ނ) އިސްތިއުނާފު ކުރުމުގެ ޙައްޤު

މީރާއިން ބުނާ ގޮތުން މި ދެ މައްސަލައިގައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންވެފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤު މީރާއަށް ފުރިހަމައަށް ލިބިގެންދާނީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް [2021] މައްސަލައިގައި އިސްތިއުނާފުގެ މުއްދަތު ގުނުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތައް މީރާއަށް ލިބުނު ތާރީޚުން ފެށިގެން އެ މުއްދަތު ގުނުމުން ކަމުގައެވެ. އަދި ޤާނޫނުއަސާސީގައި އިސްތިއުނާފު ކުރުމުގެ ޙައްޤާ ބެހޭ ގޮތުން ލިޔެވިފައިވާ 56 ވަނަ މާއްދާ ކިޔަންވާނީ، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި، 68 ވަނަ މާއްދާ އާއި، 69 ވަނަ މާއްދާ އަށް ރިޢާޔަތްކޮށްގެން ކަމުގައެވެ.

މި ނުކުތާގައިވެސް އަހުރެން ތަކުރާރުކުރަން މިޖެހެނީ ކުރިން ވެސް އިޝާރާތްކުރި ވާހަކަތަކެވެ. ވަކި މައްސަލައެއްގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުން ޢަމަލު ކުރުމުން އަސާސީ ޙައްޤެއް ފުރިހަމައަށް ލިބިގެންދާނެ ކަމުގައި ބުނާނަމަ، އަދި ވަކި މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއްގެ މަންފާ ލިބެންޖެހޭނެ ކަމުގައި އެ ނިންމުމުގައިވާ އުސޫލެއް ތަޠުބީޤު ކުރެވޭނެ ހާލަތެއް އޮތްކަމުގައި ބުނާނަމަ، އެ ބުނުން ބިނާވެފައި އޮންނަންވާނީ ސުޕްރީމް ކޯޓުން އުސޫލު ކަނޑައެޅި މައްސަލަ އާއި، އެ އުސޫލު ތަޠުބީޤު ކުރުމަށް އެދޭ މައްސަލައިގައި ކަންހިނގާފައިވާ ގޮތާ އެއްގޮތްކަމުގެ މައްޗަށެވެ. ވާޤިޢާތަކުގެ އެއްގޮތް ކަމުގެ މައްޗަށެވެ. މި އެއްގޮތް ކަމަށް ރިޢާޔަތް ނުކުރެވޭނަމަ، ކޯޓުތަކުގެ ނިންމުންތަކުގައި ހަމަހަމަ ކަމާއި، އެއްގޮތް ކަމެއް ނުގެންގުޅެވޭނެއެވެ. ކޮންމެ މައްސަލައަކަށް ކަނޑައެޅިގެން އަންނާނީ ވަކި ޚާއްޞަ އުސޫލެކެވެ. މިއީ އިންސާފާއި، ހަމަހަމަ ކަމުގެ އުސޫލާ ދުރުކަމެކެވެ.

މި މައްސަލައަށް ބަލާއިރު، މީރާއަށް ފުރިހަމައަށް އިސްތިއުނާފީ ހައްޤު ލިބިދިނުމުގައި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި، 68 ވަނަ މާއްދާ އާއި، 69 ވަނަ މާއްދާ އަށް ރިޢާޔަތް ކުރުމަށް އެދޭކަން ހާމަ ކުރިނަމަވެސް، އެ ފަދައިން ރިޢާޔަތް ކުރަންޖެހޭ ސަބަބެއް މީރާއަށް ބުނެދެވިފައިވާކަމުގައި އަހުރެން ނުދެކެމެވެ. އެ ފަދަ ތަފުސީލެއް އިސްތިއުނާފު ފޯމުންނާއި، ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން ހާމަކުރެވިފައި ނުވެއެވެ. ވުމާއެކު، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާމެދު އިތުރަށް ކުރާނެ ބަހުސެއް އޮތް ކަމުގައިވެސް ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

މަތީގައި މި ބަޔާންކުރި ކަންކަމުގެ އަލީގައި ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް[2021] SC 75 މައްސަލައިގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް، ހައިކޯޓުގައި ފާހަގަ ނުކުރާ އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުން ބަލައިގަންނަން ޖެހޭ ހާލަތެއް މި މައްސަލައިގައި ނެތްކަމުގައި ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ. އަދި އެއިގެ ނަތީޖާއެއްގެ ގޮތުން ހައިކޯޓުގެ ނަންބަރު 2021/HC-A/155 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2021/HC-A/156 ޤަޟިއްޔާއަކީ މީރާއިން އެދޭ ފަދައިން ހައިކޯޓުން ބަލައިގަނެ ކުރިއަށް ގެންދަންޖެހޭ ދެ ޤަޟިއްޔާކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމުގައި ކަނޑައަޅަން ވެސް އަހުރެންނަށް ފެނެއެވެ.

އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމާމެދު

މި މައްސަލައިގައި ހައިކޯޓުގެ ނިންމުމާ ގުޅިގެން ފާހަގަ ކުރުން މުހިންމު ކަމުގައި ފެންނަ ނުކުތާއެއް ކަމުގައިވާތީ މި ކަންކަން ފާހަގަކުރަމެވެ.

މި މައްސަލައިގައި ދިރާގުގެ ފަރާތުން ފާހަގަ ކުރި އެއްކަމަކީ، މީރާއިން ހަދާފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައިވާ މުއްދަތު ގުނުމުގެ އުސޫލަކީ އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމަށް ބޭނުން ކުރެވޭނެ އުސޫލެއް ނޫންކަމުގައެވެ. އަދި މިކަމަށް ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައިވާ "ޤާނޫނު" މާނަކުރުމާއި، 271 ވަނަ މާއްދާ ފާހަގަ ކުރެއެވެ.

ޤާނޫނުއަސާސީގެ މި ދެ މާއްދާއަށް ބަލާއިރު، 274 ވަނަ މާއްދާގައި "ޤާނޫނު" ކަމުގައި ބަޔާންވެފައިވަނީ، "ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފައިވާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ބާރުލިބިގެން، އެ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ގަވާއިދު ތަކަށެވެ." އަދި 271 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި އޮތީ، "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާޢިދަކީ ޤާނޫނުން ބާރު ލިބިފައިވާ، އަދި ޤާނޫނީ ބާރާއެކު ތަންފީޛުކުރެވޭނޭ އެއްޗެކެވެ. އަދި ރައްޔިތުން އެ މައްޗަށް ޢަމަލުކުރާންޖެހޭ އެންމެހައި ޤަވާޢިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެ ޤަވާޢިދުތައް ހެދުމުގެ ބާރު ލިބިގެން ހަދާ ޤަވާޢިދުތަކަކަށް ވާންވާނެއެވެ." މި ފަދައިންނެވެ.

ޢާންމު އުސޫލުން ތިލަކޮށް ބުނާނަމަ، ޤާނޫނެއްގެ އިމަކީ ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނުން އިންތިޒާމު ކުރަން ބޭނުންވި ކަންކަމުގެ ދާއިރާއެވެ. މިކަންކަން ޤާނޫނުގެ ތަޢާރުފާއި، މަޤުޞަދާއި، ޤާނޫނުގެ ދާއިރާއިން ޢާންމު ގޮތެއްގައި ސާފުވާނެއެވެ. މި އުސޫލުން ބަލާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެވެ. ވުމާއެކު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދެއް، ޓެކްސް ނެގުމުގެ އިދާރީ ކަންކަމުން ބޭރުން އެހެން ކަންކަމަށް ބޭނުން ނުކުރެވޭނެއެވެ.

ހަމަ މި އުސޫލުން ކޯޓުތަކާބެހޭ ޤާނޫނަކީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމު ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުޞޫލުތައް ބަޔާން ކުރުމުގެ ޤާނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިސްތިއުނާފީ މައްސަލަތައް ބެލުމަކީ، ހައިކޯޓާއި ސުޕްރީމް ކޯޓަށް ޤާނޫނުން މަތިކޮށްފައިވާ މަސައްކަތެކެވެ. މީގެ އިތުރުން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާބެހޭ ގަވާއިދު ހެދުމަކީ ޤާނޫނުއަސާސީން ކޯޓުތަކަށް ދީފައިވާ ބާރެކެވެ. ވުމާއެކު، އިސްތިއުނާފުގެ މުއްދަތު ގުނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް ގަވާއިދެއް ހެދޭނީ އެ ދެ ކޯޓަށެވެ.

ޤާނޫނުން ބާރު ލިބިގެން އެކުވައިލެވޭ ގަވާއިދުތައް ޤާނޫނުގެ އިމުން ބޭރުވާނަމަ ނުކުންނާނެ އެއް ނަތީޖާއަކީ ދައުލަތުގެ އިދާރާތަކުގެ މަސައްކަތް ޤާނޫނުން އެކަށައަޅާފައިވާ ގޮތަށް ކުރުމަށް ދަތިވުމެވެ. ބަހުސްގެ ބޭނުމަށް ކުރިމަތީގައި އޮތް މިސާލު ނަގަމާ ހިނގާށެވެ. ހައިކޯޓާއި، ސުޕްރީމް ކޯޓުގެ އިސްތިއުނާފު މުއްދަތު ގުނާނެ ގޮތް ޓެކްސްގެ މައްސަލަތަކުގައި މީރާއިން، މަޢުލޫމާތު ހޯދުމުގެ ޙައްޤާ ގުޅޭ މައްސަލަތަކުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން، ވަޒީފާއާބެހޭ މައްސަލަތަކުގައި އެހެން އިދާރާއަކުން އެކަށައަޅަން ވެއްޖެނަމަ، ހަމަހަމަކަމާއި އެއްގޮތްކަން ދަމަހައްޓައި ޤާނޫނުގައި ބަޔާންވެފައިވާ ގޮތަށް ހައިކޯޓާއި ސުޕްރީމް ކޯޓުގެ މަސައްކަތް އިންތިޒާމު ކުރުމަށް ހުރަސް އެޅިގެންދާނެއެވެ. ނަމަވެސް، ޤާނޫނުން ކަނޑައެޅިގެން މިފަދަ މުއްދަތެއް ކަނޑައެޅުމުގެ ބާރު އެއިން އިދާރާއަކުން ހަދާ ގަވާއިދަކުން އިންތިޒާމު ކުރުމުގެ ބާރު ދީފައިވާ ހާލަތަކީ، މުޅިން އެހެން ހާލަތެކެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމާއެކު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ފާހަގަ ކޮށްފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/155 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2021/HC-A/156 ޤަޟިއްޔާއަކީ އެ ކޯޓުން އަލުން ބަލައިގަނެ ކުރިއަށް ގެންދަންޖެހޭނެ ދެ މައްސަލަ ކަމުގައި ކަނޑައަންޖެހޭނެ ސަބަބެއް ނެތްކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ