ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
(ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/281 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމުގައި ދެކި ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް، ރަޖިސްޓްރީ ނަންބަރު C-234/99 (މީގެ ފަހުން" ޑީއައި ރިޒޯޓްސް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މި ކޯޓުގެ ނަންބަރު 2021/SC-A/102 ޤަޟިއްޔާ އިން ބެލި މައްސަލަ އެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") އަށެވެ.
މި މައްސަލައިގައި އޮތީ އިޖުރާއީ ސުވާލެކެވެ. އެއީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ގުނުމުގެ މައްޗަށެވެ.
މައްސަލައިގެ ފަސްފަހަތް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރުTAT-CA-B/2018/010 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި 07 އޮކްޓޫބަރު 2020 ގައި ޑީއައި ރިޒޯޓްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރެވުނުއިރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ދީފައިވާ މުއްދަތަކީ 30 (ތިރީސް) ދުވަހެވެ.
މި މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ ޤާނޫނުގައި މިފަދަ މައްސަލަތައް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައިތޯ ދިވެހިރާއްޖޭގެ ހައިކޯޓުގައި ސުވާލު އުފެދި، އެކަމުގެ މައްޗަށް އިޖުރާއީ ނިންމުމެއް ނިންމައި، މި މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވުމަށްފަހުގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅިއެވެ.
މި އިޖުރާއި ސުވާލު އުފެދުމުގެ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވޭ މައްސަލަތަކުގެ މުއްދަތު ގުނުމުގައި ޢަމަލުކުރަމުންދާ ހަމައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ބ) ގައިވާ ފަދައިން ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.
ނަމަވެސް، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން މުއްދަތު ގުނާފައި ވަނީ އެ ކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައި ވަނީ މިފަދައިންނެވެ.
"މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޤާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ."
ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައިވާ އުސޫލުން އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމުން ހުށަހެޅިފައިވާ މި މައްސަލައިގައި ނިކުންނަ ނަތީޖާއަކީ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ހަމަވުމެވެ. އެއީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައި ވަނީ 25 އޮގަސްޓު 2020 ގައި ކަމަށްވެފައި، އިސްތިއުނާފު ކުރުމަށް އޮންނަ 30 (ތިރީސް) ދުވަސް ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ގުނުމުން އިސްތިއުނާފީ މުއްދަތު ހަމަވާ ތާރީޚަކީ 24 ސެޕްޓެންބަރު 2020 އެވެ. އެހެންނަމަވެސް މި މައްސަލަ އިސްތިއުނާފު ކުރެވިފައި ވަނީ މި މުއްދަތަށް ފަހު 70 އޮކްޓޫބަރު 2020 ގައި ކަމަށް ވުމުން މިއީ މައްސަލަ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ހަމަވުމަށްފަހު ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި އެވެ.
އިސްވެ ބަޔާންކުރެވުނު ގޮތަށް މި މައްސަލަ ނިންމާފައި ވުމުން ޑީއައި ރިޒޯޓްސް އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ޑީއައި ރިޒޯޓްސް އިން ހުށަހަޅާފައިވާ ނުކުތާގައި ބުނެފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 156 ވަނަ މާއްދާ އަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 96 ވަނަ މާއްދާ އަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްނުކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އިން ލިބިދޭ ޙައްޤުތައް ގެއްލޭގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު އަދި އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން މުއްދަތުތައް ގުނުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާ ތަތުބީޤުކުރަންޖެހޭ ކަމަށް ކަނޑައަޅާފައި ވުމެވެ.
ބަޔާންވެދިޔަ އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް ޑީއައި ރިޒޯޓްސް އިން އެދިފައި ވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/281 ޤަޟިއްޔާގެ އިޖުރާއީ ނިންމުމާއި އެ ނިންމުމުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ބާތިލުކަމުގައި ކަނޑައަޅުއްވައި ދެއްވައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާ އަކީ މައުޟޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމުގެ މައްޗަށެވެ.
އިސްތިއުނާފުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަ
ޑީއައި ރިޒޯޓްސް އިން މި އިސްތިއުނާފުގައި ބަޔާންކޮށްފައި ވަނީ 02 (ދޭއް) ކަމެވެ. އެއީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ގުނާނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުޞޫލުން ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންތޯ އާއި އަދި އެ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ އެހެން މާއްދާތަކަށް ވެސް ތަތުބީޤު ކުރެވިދާނެތޯ މައްޗަށެވެ.
ބަޔާންވެދިޔަ 02 (ދޭއް) ކަމުގެ މައްޗަށް ތަފްސީލުގައި ވާހަކަ ދައްކަމުން ޑީއައި ރިޒޯޓްސް އިން ބުނެފައި ވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައިވާ އުޞޫލުން ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގައި އިސްތިއުނާފީ މުއްދަތު ގުނުމުގައި ޢަމަލު ކުރެވިދާނެތޯ ބެލުމަށްޓަކައި ދެނެގަންނަން ޖެހެނީ ގަވާއިދު ހެދުމުގެ ތަރަހަ ކަމާއި މިގޮތުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގައި ބުނާ އިސްތިއުނާފީ މުއްދަތާ ގުޅިގެން ގަވާއިދު ހެދުމުގެ ބާރު މީރާއަށް ލިބިފައިވާ ނައްސެއް ފެންނާނަކަށް ނެތް ކަމަށެވެ. ވުމާއެކު، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 55 ވަނަ މާއްދާއަށް އިސްތިއުނާފީ މުއްދަތު ގުނުމަށް ތަތުބީޤު ކުރެވޭނެ މާއްދާއެއް ނޫންކަމަށް ދެކޭ ކަމަށެވެ. އޭގެ ބަދަލުގައި ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގައި އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ގުނުމުގައި ޢަމަލުކުރަންވީ ގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ބ) ބަޔާންކުރެވިފައި ވާ ކަމަށެވެ. އެ އަކުރުގައި ބަޔާންކޮށްފައި ވަނީ
" މި މާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަންޖެހޭ މުއްދަތު ގުނާނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތުގެ މަތީންނެވެ."
ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް ތަބާވުމުން ނިކުންނަ ނަތީޖާ ރައްދުވަނީ ހަމައެކަނި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ބުނާ އިސްތިއުނާފީ މުއްދަތަށް އެކަނި ނޫން ކަމަށް ޑީއައި ރިޒޯޓްސް އިން ދެކޭ ކަމަށެވެ. މިގޮތުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް އޮންނަ މުއްދަތާއި އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައެއް ނިންމުމަށް އެ މާއްދާގެ (ބ) ގައި ދީފައިވާ މުއްދަތު ގުނުމުގައިވެސް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަށް އިސްކަން ދިނުން ކަމާއި، އެ ގޮތުގެމަތިން ޢަމަލުކުރެވިދާނެ ކަމަށް ނުދެކޭ ކަމަށެވެ.
މީރާގެ ފަރާތުން ރައްދުގައި ފާހަގަކޮށްފައި ވަނީ ޑީއައި ރިޒޯޓްސް އިން އެދިފައިވާ ފަދައިން މި މައްސަލަ އަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގައި މުއްދަތު ގުނުމާ ގުޅޭގޮތުން އުޞޫލުތަކެއް ކަނޑައަޅާފައި އޮތުމުން މުއްދަތު ގުނުމުގައި ޢަމަލުކުރުމަށް އިސްކުރަންޖެހޭނީ އެ ކޯޓުގެ ގަވާއިދު ކަމަށެވެ.
ޓެކްސް ނެގުމާގުޅޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފީ މުއްދަތު ކަނޑައެޅުމުގެ ބަހުސަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައި އޮތް ބަހުސެއް ނޫނެވެ. ހަމަ މިއާއެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގައި މުއްދަތު ގުނުމުގައި ޢަމަލުކުރާނެ އުޞޫލެއް ނެތަތީވެ، ޓެކްސް ނެގުމުގެ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަށް މުއްދަތު ގުނުމުގައި ރުޖޫއަ ވާންޖެހޭކަމަށް މީރާ އިން ދެކޭ ކަމަށެވެ.
މި މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމާ މައްސަލަތަކުގައި އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ގުނުމުގައި ތަބާވާންޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދަށް ކަމަށް މި މައްސަލައިގައި ހިމެނޭ ޚަސްމުންގެ މެދުގައި ދެބަސްވުމެއް ނެތެވެ. އަދި މި މައްސަލަ މައުޟޫއީ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ ގޮތެއް ކަނޑައެޅުމާމެދު ވެސް ދެ ބަސްވުމެއް ނެތެވެ. ހަމައެކަނި އޮތް ސުވާލަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމުގައި އޮންނަ މުއްދަތު ގުނުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ، އެ ކޯޓުގެ ގަވާއިދު އެއްކިބާކޮށް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް ރުޖޫޢަވެފައިވާތީވެ އެކަމުގެ ސައްޙަކަން ކަނޑައެޅުމުގެ މައްޗަށެވެ.
މުއްދަތު ގުނުމާގުޅޭ ހަމަ
ޓެކްސް ނެގުމާގުޅޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު ގުނުމަށް ބޭނުންކުރެވިދާނެ އުޞޫލެއް ނޫން ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ގައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައެވެ. އަދި އޭގެ ފަހުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަރނޭޝަނަލް (ލަބްއާން) ލިމިޓެޑް މި މައްސަލައިގައި ތަތުބީޤުކޮށްފައި ވެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ގައި ބަޔާންކޮށްފައި ވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެވެ. ވުމާއެކު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދެއް، ޓެކްސް ނެގުމުގެ އިދާރީ ކަންކަމުން ބޭރުން އެހެން ކަންކަމަށް ބޭނުން ނުކުރެވޭނެއެވެ.
ހަމަ މި އުސޫލުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ގާއިމުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިސްތިއުނާފީ މައްސަލަތައް ބެލުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޤާނޫނުން މަތިކޮށްފައިވާ މަސައްކަތެކެވެ. މީގެ އިތުރުން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލު އިންޞާފު ގާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާބެހޭ ގަވާއިދު ހެދުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޯޓުތަކަށް ދީފައިވާ ބާރެކެވެ. ވުމާއެކު، އިސްތިއުނާފުގެ މުއްދަތު ގުނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް ގަވާއިދެއް ހެދޭނީ އެ ދެ ކޯޓަށެވެ. އަދި ޢަމަލު ކުރަންޖެހޭނީވެސް އެ ދެ ކޯޓުން ހަދާފައިވާ ގަވާއިދު ތަކަށެވެ.
ވުމާއެކު، ޓެކްސް ނެގުމާގުޅޭ އިދާރީ ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފީ މުއްދަތުތައް ގުނުމުގައި ތަބާވާންޖެހޭނީ އެ އިސްތިއުނާފެއް ކުރެވޭ ކޯޓަކުން ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ގަވާއިދެއް ހަދާފައިވާނަމަ އެ ތަނެއްގެ ގަވާއިދަށެވެ. ހުށަހެޅިފައިވާ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދަށެވެ.
އުސޫލުތައް ތަތުބީޤުކުރުން
ބަޔާންވެދިޔަ ހަމަ މި މައްސަލައަށް ތަތުބީޤު ކުރާއިރު، މި މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވަނީ 25 އޮގަސްޓު 2020 ގައި ކަމަށް ވެފައި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގައިވާ ފަދައިން އިސްތިއުނާފީ މުއްދަތު ގުނާއިރު ނިކުންނަ ނަތީޖާ އަކީ މި މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ 7 އޮކްޓޯބަރު 2020 ކަމުގައި ވުމުން، އެއީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ކަމަށް ބަލަންޖެހޭ ކަމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމާއެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2018/010 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން، އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2020/HC-A/281 ޤަޟިއްޔާގެ ނިންމުމަށް ބަދަލުގެނެސް މި މައްސަލަ އަކީ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ޑީ.އައި ރިޒޯޓްސްގެ ފަރާތުން ހުށަހަޅައިފިނަމަ އެ ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.