ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2023] SC 46 · 2023/SC-A/07

ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 ނޮވެމްބަރު 2023ބާވަތް: ޓެކްސްއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2021/HC-A/365، 2021/HC-A/367، 2021/HC-A/371
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޓްރައިބިއުނަލުން އިޖުރާއީ ނުކުތާ ބަލައިނުގަނެ، މައުޟޫޢީ ގޮތުން ބަލައި ނޫމަޑި ރިޒޯޓްސްއަށް ބައެއް ޓެކުހުގެ ޢަދަދުތައް ދައްކަން ނުޖެހޭކަމަށް ނިންމިއެވެ. ހައިކޯޓުން، މުއްދަތު ގުނަންވާނީ ބަންދު ދުވަސްތައް ހިމަނައިގެން (ގަވާއިދުގެ 77 (ށ)) ކަމަށް ބަލައި، ޓްރައިބިއުނަލަށް އިސްތިއުނާފުކުރީ މުއްދަތު ހަމަވުމަށްފަހުކަމަށް ނިންމި، މައުޟޫޢަށް ގޮތެއް ނިންމިއެވެ.
ވާޤިޢާ
ނޫމަޑި ރިޒޯޓްސްއާ ގުޅޭ މީރާގެ ދެ އޮބްޖެކްޝަން ރިވިއު ނިންމުމެއް ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފުކުރުމުން، މައްސަލަތައް ކުރިއަށް ދަނިކޮށް 15 ޖުލައި 2021 ގައި، މައްސަލަތައް ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ 30 ދުވަހުގެ މުއްދަތުން ބޭރުންކަމުގެ އިޖުރާއީ ނުކުތާ މީރާއިން ނެގިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ 30 ދުވަހުގެ މުއްދަތު ފަހަނައަޅާފައިވާކަމުގެ އިޖުރާއީ ނުކުތާ، މައްސަލައިގެ އިބްތިދާއީ މަރުޙަލާ ނިމުމަށްފަހު މީރާއިން ނެގުމުން، އެ ނުކުތާގެ މައްޗަށް ހައިކޯޓުން މައްސަލަތައް ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ނޫމަޑި ރިޒޯޓްސް ބުނީ ގަވާއިދުގެ 77 (ށ) ބޭނުންކޮށް ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާ މާނަކުރީ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ. ދެފަރާތުންވެސް އެދުނީ މައްސަލަ މައުޟޫޢީ ގޮތުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކުރުމަށެވެ.
ކޯޓުގެ ސަބަބުތައް
އިޖުރާއީ ނުކުތާ ނަގަންޖެހެނީ އިބްތިދާއީ މަރުޙަލާގައި ކަމަށް އުރީދޫ ވ. މީރާގައި ކަނޑައަޅާފައިވާއިރު، މީރާއިން ނުކުތާ ނަގާފައިވަނީ އެ މަރުޙަލާ ނިމުމަށްފަހު ކަމުން، މުއްދަތު ގުނުމުގެ ބަހުސަށް ގޮތެއް ކަނޑައަޅަންޖެހޭ ހިސާބަށް ނުދެއެވެ؛ އެހެންކަމުން ހައިކޯޓުގެ އިޖުރާއީ ނިންމުން ބާޠިލުކޮށް ތަޙުވީލުކުރެވުނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ އިޖުރާއީ ނިންމުން ބާޠިލު، މައުޟޫޢީ ގޮތުން ބެލުމަށް ހައިކޯޓަށް ތަޙުވީލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޓެކްސްއާބެހޭ › ޓެކްސްއާބެހޭ – އިޖުރާއީ ނުކުތާ ނެގުން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު

HN1 އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. މީރާ ([2023] SC 25) ގައި ކަނޑައެޅި ހަމައަށް ބަލާއިރު، އިޖުރާއީ ނުކުތާ ނަގަންޖެހެނީ ނުވަތަ އެފަދަ ކަމެއް ފާހަގަކުރަންޖެހެނީ މައްސަލައިގެ އިބްތިދާއީ މަރުޙަލާގައެވެ.

HN2 ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަކީ ކޯޓުތަކުން އިސްތިއުނާފުކުރުމުގެ މުއްދަތު ގުނުމަށް ބޭނުންކުރެވިދާނެ އުޞޫލެއް ނޫނެވެ؛ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައިވާ އިސްތިއުނާފީ މުއްދަތުތައް ގުނުމުގައި ތަބާވާންޖެހޭނީ އިސްތިއުނާފުކުރެވޭ ކޯޓަކުން ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ގަވާއިދެއް ހަދާފައިވާނަމަ އެ ތަނެއްގެ ގަވާއިދަށެވެ.

HN3 ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއްގައި މުއްދަތު ގުނުމާ ގުޅޭ އިޖުރާއީ ބަހުސެއް އުފެދިއްޖެނަމަ، ރުޖޫޢަވާންޖެހޭނީ ޓްރައިބިއުނަލްގެ ގަވާއިދަށް ނުވަތަ ޓްރައިބިއުނަލުން މުއްދަތު ގުނުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އުޞޫލަށެވެ.

HN4 މުއްދަތު ގުނުމާގުޅޭ އިޖުރާއީ ނުކުތާ ނަގާފައިވަނީ ޓްރައިބިއުނަލުގައި މައްސަލައިގެ އިބްތިދާއީ މަރުޙަލާ ނިމުމަށްފަހު ނަމަ، އެ ނުކުތާއަކީ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ؛ އެފަދަ ނުކުތާއެއްގެ މައްޗަށް ހައިކޯޓުން ނިންމާފައިވާ އިޖުރާއީ ނިންމުން ބާޠިލުކޮށް، މައުޟޫޢީ ގޮތުން ބެލުމަށް ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓަށް ތަޙުވީލުކުރެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއް ސުޢޫދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 12 ޖަނަވަރީ 2023 · ރަޖިސްޓްރީކުރީ 9 ފެބުރުއަރީ 2023 · ނިމުނީ 9 ނޮވެމްބަރު 2023 (9.0 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 46 2023/SC-A/07 ޝަރީޢަތް ނިމުނުގޮތް ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއްސުޢޫދު

ނިމުނު ތާރީޚު 09 ނޮވެންބަރު 2023

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/365 2021/HC-A/367 2021/HC-A/371 ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/07 ޤަޟިއްޔާ

އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު:

ޑެޕިއުޓީ މެނޭޖަރ

ފަތުޙުﷲ އިސްމާޢީލް

މަދަނީ - ޓެކްސްއާބެހޭ- އިޖުރާއީ ނުކުތާ ނެގުން – ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު

– މައްސަލަ ތަޙުވީލުކުރުން

ފިހުރިސްތު

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 1

ތަޢާރުފު 1

ކަންހިނގާފައިވާ ގޮތުގެ ޚުލާސާ 2

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު 5

މައްސަލަ ތަޙުވީލުކުރުން 10

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 10

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 10

ޙުކުމް 10

` ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 46 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/365 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/367 ޤަޟިއްޔާ އާއި އަދި އެ ކޯޓުގެ ނަންބަރު 2021/HC-A/371 ޤަޟިއްޔާ (މި ތިން ޤަޟިއްޔާއަށް މީގެ ފަހުން "އިސްތިއުނާފު ކުރެވޭ މައްސަލަ" މިހެން އިޝާރާތް ކޮށްފައިވާ) އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް1ގެ (މީގެ ފަހުން "ނޫމަޑި ރިޒޯޓްސް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2023/SC-A/07 ޤަޟިއްޔާ އިން ބެލި އިސްތިއުނާފީ މައްސަލަ އެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.

2މި އިސްތިއުނާފުގައި އޮތީ އިޖުރާއީ ސުވާލެކެވެ. މި ސުވާލު ބިނާވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމަށް ދީފައި އޮންނަ 30 ދުވަހުގެ މުއްދަތު2 ގުނުމާ ގުޅޭ ގޮތުންނެވެ.

ކަންހިނގާފައިވާ ގޮތުގެ ޚުލާސާ

3ނޫމަޑި ރިޒޯޓްސް އާ ގުޅޭގޮތުން މީރާގެ ނަންބަރު 220-OA/2018/44 އޮބްޖެކްޝަން ރިވިއު ރިޕޯޓެއް 10 ނޮވެންބަރު 2019 ގައި މީރާއިން ނިންމިއެވެ. އެ ނިންމުން

24 ޑިސެންބަރު 2019 ގައި ނޫމަޑި ރިޒޯޓްސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު

TAT-CA-B/2019/026 މައްސަލަ އިންނެވެ.

4އަދި މީރާގެ ނަންބަރު 220-OA/2020/08 އޮބްޖެކްޝަން ރިވިއު ރިޕޯޓު 19 މޭ 2020 ގައި ނޫމަޑި ރިޒޯޓްސް އާ ގުޅޭގޮތުން ނިންމިއެވެ. އެ ނިންމުން ވެސް 25 އޮގަސްޓު 2020 ގައި ނޫމަޑި ރިޒޯޓްސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/012 މައްސަލަ އިންނެވެ.

5ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މި މައްސަލަތައް ކުރިއަށް ދަނިކޮށް މީރާގެ ފަރާތުން

15 ޖުލައި 2021 ގައި އިޖުރާއީ ނުކުތާއެއް ޓްރައިބިއުނަލްއަށް ހުށަހެޅި އެވެ. މި އިޖުރާއީ ނުކުތާގައި ފާހަގަ ކޮށްފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ނޫމަޑި ރިޒޯޓްސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފީ މުއްދަތުން ބޭރުން ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވާތީ، އެ މައްސަލަ އަކީ ޓްރައިބިއުނަލް އިން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމުގައި ކަނޑައަޅައި ދިނުމަށެވެ. މި އިޖުރާއީ ނުކުތާ އާ ގުޅިގެން 24 އޮގަސްޓު 2021 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ތިން މެންބަރުންގެ އިއްތިފާޤުން ނިންމާފައިވަނީ އިޖުރާއީ ނުކުތާ ބަލައި ނުގަނެ، މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދިއުމަށެވެ.3

6ޓެކްސް އެޕީލް ޓްރައިބިއުނަލް އިން މި ދެ މައްސަލައިގައި ނިންމާފައިވާ ގޮތް ތިރީގައި ބަޔާންކުރެވިފައި އެ ވަނީއެވެ.

6.1. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2019/026 މައްސަލަ

09 ސެޕްޓެންބަރު 2021 ގައި މައުޟޫއީ ގޮތުން ބަލާ ނިންމާފައިވަނީ މީރާގެ ނަންބަރު

220-OA/2018/44 އޮބްޖެކްޝަން ރިވިއު ރިޕޯޓުގައި މީރާއިން ނިންމާފައިވާ ނިންމުމަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ޅ) އަދި (ކ) އާ ޚިލާފު ނިންމުމެއް ކަމަށާއި، އެ ނިންމުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މީރާއިން ކަނޑައަޅާފައިވާ އަދަދުގެ ތެރެއިން 95,951.00$ (ނުވަދިހަ ފަސްހާސް ނުވަސަތޭކަ ފަންސާސް އެއް އެމެރިކާ ޑޮލަރު) އަކީ ނޫމަޑި ރިޒޯޓްސް އިން ދައްކަންޖެހޭ ފައިސާ އެއް ނޫން ކަމަށާއި، އެ ފައިސާގެ ތެރެއިން އެއްވެސް އަދަދެއް ދައްކާފައިވާނަމަ 60 ދުވަހުގެ ތެރޭގައި އަނބުރާ ރައްދު ކުރުމަށެވެ.

6.2. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/012 މައްސަލަ

09 ސެޕްޓެންބަރު 2021 ގައި ނިންމާފައިވަނީ މީރާގެ ނަންބަރު 220-OA/2020/08 އޮބްޖެކްޝަން ރިވިއު ރިޕޯޓުގައި އިސްތިއުނާފު ކުރާ ފަރާތުން އެ ފަރާތުގެ ގުޅުންހުރި ފަރާތަކަށް ދޫކޮށްފައިވާ ލޯނާއި ގުޅިގެން ނިންމާފައިވާ ނިންމުމަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ޅ) އާ ޚިލާފު ނިންމުމެއް ކަމަށާއި، މީރާގެ އޮޑިޓު ރިޕޯޓުގައި އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަށް މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓުން ބަދަލުގެނެސް، މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމެންޓް މުރާޖަޢާކޮށް ޓެކުހުގެ ގޮތުގައި އިތުރަށް ދައްކަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ $34,374.00 (ތިރީސް ހަތަރުހާސް ތިންސަތޭކަ ހަތްދިހަ ހަތަރު އެމެރިކާ ޑޮލަރު) ގެ ތެރެއިން $1,530.00 (އެއްހާސް ފަސްސަތޭކަ ތިރީސް އެމެރިކާ ޑޮލަރު) އަކީ ނޫމަޑި ރިޒޯޓްސް އިން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް ކަނޑައަޅައި، އެ ފައިސާގެ ތެރެއިން އެއްވެސް އަދަދެއް ދައްކާފައިވާނަމަ 60 ދުވަހުގެ ތެރޭގައި އަނބުރާ ރައްދު ކުރުމަށެވެ.

7ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އެ ދެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މީރާގެ ފަރާތުން އެ ދެ ނިންމުން އިސްތިއުނާފު ކުރިއިރު ނޫމަޑި ރިޒޯޓްސްގެ ފަރާތުން އޭގެ ތެރެއިން އެއް ނިންމުމެއް އިސްތިއުނާފު ކުރިއެވެ. އޭގެ ތަފުޞީލު ތިރީގައި ބަޔާންކުރެވިފައި އެ ވަނީއެވެ.

7.1. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2019/026 މައްސަލަ އާއި ނަންބަރު TAT-CA-B/2020/012 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށްޓަކައި މީރާގެ ފަރާތުން ހުށަހެޅުމުން އެ ދެ މައްސަލަ ބަލާފައިވަނީ

ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2021/HC-A/365 ޤަޟިއްޔާ އާއި ނަންބަރު

2021/HC-A/367 ޤަޟިއްޔާ އިންނެވެ.

7.2. ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ނޫމަޑި ރިޒޯޓްސްގެ ފަރާތުން ހުށަހެޅި އެ ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2020/012 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށްޓަކައި ނޫމަޑި ރިޒޯޓްސްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2021/HC-A/371 ޤަޟިއްޔާ އިންނެވެ.

8މި މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫއީ ގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިއަށް އުފުލުނީ އިޖުރާއީ ދެބަސްވުމެކެވެ. ނަތީޖާއެއްގެ ގޮތުން މީރާއިން ނިންމާ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅުމުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންތޯ ނުވަތަ ނޫންތޯގެ މައްޗަށް އިޖުރާއީ ނިންމުމެއް ނިންމައި، ނޫމަޑި ރިޒޯޓްސްގެ ފަރާތުން މީރާގެ ނިންމުންތައް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވުމަށް ފަހުގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅިއެވެ.4

9ދިވެހިރާއްޖޭގެ ހައިކޯޓުން މި ނިންމުން ބިނާކޮށްފައިވަނީ، މީރާގެ ނަންބަރު 220-AO/2020/08 ނިންމުމާއި ނަންބަރު 220-AO/2018/44 ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އިސްތިއުނާފު ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް އެ ހުށަހެޅުން ބަލައިގެންފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާ އާ ޚިލާފަށް ކަމަށެވެ.

10މި ތިން ޤަޟިއްޔާގައި ހިމެނޭ މައުޟޫއީ އެއްވެސް ކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވެއެވެ. އޭގެ ފަހުން، ނޫމަޑި ރިޒޯޓްސްއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

11ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު

2021/HC-A/365 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/367 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/371 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ދެކި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅާފައިވަނީ މައިގަނޑު 03 (ތިނެއް) ނުކުތާ އެވެ.

11.1. ފުރަތަމަ ނުކުތާ އަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގައިވާ މުއްދަތުތައް ގުނުމަށް އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ބޭނުންކުރުމުން ނިކުންނަ ދެކޮޅު ނުޖެހޭ ނަތީޖާ އާ ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ރިޢާޔަތްނުކޮށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް5 ގައި ގަވާއިދު ހެދުމުގެ ބާރު ދިން ޤާނޫނުގެ ތަރަހައިން ބޭރަށް ދާ ގޮތަށް ގަވާއިދު ތަޠުބީޤު ނުކުރުމަށް ކަނޑައެޅި އުޞޫލާ ޚިލާފަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާ މާނަކުރުމުގައި އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ބޭނުންކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް މައްސަލަ ނިންމާފައިވުން.

11.2. ދެވަނަ ނުކުތާ އަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ގުނަން ޖެހޭނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ތަޠުބީޤު ކޮށްގެން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 62 ވަނަ މާއްދާ އާއި، ދައްރުޖުލް ގަވާނީން (hierarchy of laws) ގެ އުޞޫލު ތަކާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ވުމާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމަށް ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާ އުޞޫލަކީ ޤާނޫނާ ޚިލާފު އަދި ޤާނޫނީ ބުރަދަނެއް ނެތް އުޞޫލެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-DM/02 ޤަޟިއްޔާގައި [ގަވާއިދު] އަކީ ކޮބައިކަން ބަޔާންކޮށް ކަނޑައަޅާފައިވާ އުޞޫލު ތަކާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ބ) އާއި، ޤާނޫނު މާނަކުރުމުގެ ހަމައެއް ކަމަށްވާ “Ut Res Magis Valeat Quam Pereat” އާ ޚިލާފަށް ކަމަށް ވުން.

11.3 ތިންވަނަ ނުކުތާ އަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މޫސާ މުޙައްމަދު6 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިޖުރާއީ ޤާނޫނުގެ އެކަށީގެންވާ މާނަ ކުރުމަކަށް ބަރޯސާވެ ކޮށްފައިވާ ޢަމަލުތަކުގެ މަންފާ ދިނުމަށް އޮތް އުޞޫލާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 1-99 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް7 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިޖުރާއީ ޤާނޫނާ ގުޅިގެން އަރާ ޙަޤީޤީ އޮޅުން ތަކާއި އަމިއްލަ ބާރު ނުފޯރުވޭ ޙާލަތްތަކުގެ މަންފާ އެ އޮޅުމެއް އެރި ނުވަތަ އެ ޙާލަތެއް މެދުވެރިވި ފަރާތަކަށް ދިނުމަށް އޮތް އުޞޫލުތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވުން.

12ބަޔާންވެދިޔަ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ނޫމަޑި ރިޒޯޓްސް އިން މި އިސްތިއުނާފުގައި އެދިފައިވަނީ، އިސްތިއުނާފު ކުރެވޭ މައްސަލަ މައުޟޫއީ ގޮތުން ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރުމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތް މީރާއިން ވެސް އެދިފައިވަނީ އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް މައުޟޫއީ ގޮތުން ބެލުމަށްޓަކައި ތަޙުވީލުކޮށް ދިނުމެވެ.

13އެހެންކަމުން، އިސްތިއުނާފު ކުރެވޭ މައްސަލަ މައުޟޫއީ ގޮތުން ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރަންޖެހޭ ކަމަށް ޚަސްމުންގެ މެދުގައި ދެބަސްވުމެއް ނެތެވެ.

14HN1މި އިސްތިއުނާފުގައި އޮތް ޖަވާބު ލިބެންޖެހޭ ސުވާލަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމަށް އޮންނަ މުއްދަތު ގުނުމާގުޅޭ ގޮތުންނެވެ. މި ސުވާލުގެ ޖަވާބު ހޯދުމަށް ރުޖޫޢަވާންޖެހޭ ރަނގަޅު މަރުޖިޢަކީ މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ8 މި ޤަޟިއްޔާ ކަމަށް ދެ ޚަސްމުން ފާހަގަ ކުރެއެވެ. އަދި އެ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންކޮށްދީފައިވާ ހަމައަށް ބަލައި، އިޖުރާއީ ނުކުތާ ނަގަން ޖެހެނީ ނުވަތަ އެ ފަދަ ކަމެއް ފާހަގަ ކުރަން ޖެހެނީ މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި ކަން އެނގެއެވެ.

15HN4ކުރިމަތީގައި މި އޮތް އިސްތިއުނާފު ކުރެވޭ މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ނޫމަޑި ރިޒޯޓްސްގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ކަނޑައެޅިފައި އޮންނަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ނޫން ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް މީރާއިން ޓްރައިބިއުނަލްގައި ނަގާފައިވަނީ އިބްތިދާއީ މަރުޙަލާގައި ނޫން ކަމާމެދު ދެބަސްވުމެއް ނެތެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަ ތަކުން ސާފުވެއެވެ. ވުމާއެކު، މި އިސްތިއުނާފު އިތުރަށް ކުރިއަށް ގެންގޮސް ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް އޮތް ކަމަށް އަހުރެންނަށް ފާހަގަ ނުކުރެވެއެވެ.

16HN2ޓްރައިބިއުނަލުގައި މީރާއިން ކުރިމަތިކުރި އިޖުރާއީ ސުވާލު ބިނާވެފައި އޮތީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅަން އޮންނަ 30 ދުވަހުގެ މުއްދަތު ގުނަން ޖެހޭނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުޞޫލުން ބަންދު ދުވަސްތައް ނުހިމަނައި ކަމަށެވެ.9 މި މާއްދާއަށް ރިޢާޔަތްކޮށް މުއްދަތު ގުނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ގިނަ މައްސަލަ ތަކެއްގައި ނިންމާފައިވާކަން ފާހަގަ ކުރަމެވެ.

17މިގޮތުން، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަކީ ކޯޓުތަކުން އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމަށް ބޭނުންކުރެވިދާނެ އުޞޫލެއް ނޫން ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް10 ގައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައެވެ. އަދި އޭގެ ފަހުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް11 އާއި ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ12 ފަދަ މައްސަލަ ތަކުގައި މި އުޞޫލު ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަމަހައްޓާފައެވެ. މީގެ އިތުރަށް މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ13 މި ޤަޟިއްޔާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފީ މުއްދަތުތައް ގުނުމުގައި ތަބާވާންޖެހޭނީ އެ އިސްތިއުނާފެއް ކުރެވޭ ކޯޓަކުން ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލްއިން ގަވާއިދެއް ހަދާފައިވާނަމަ އެ ތަނެއްގެ ގަވާއިދަކަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

18HN3އެހެންކަމުން، ސާފުވާ ކަމަކީ ކުރިމަތީގައި މި އޮތް އިސްތިއުނާފު ކުރެވޭ މައްސަލައިގައި މުއްދަތު ގުނުމުގައި އިޖުރާއީ ބަހުސެއް އުފަން ވެއްޖެނަމަ، ރުޖޫޢަވާންޖެހޭނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދަށް ނުވަތަ އެ ޓްރައިބިއުނަލްއިން މުއްދަތު ގުނުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އުޞޫލަށެވެ. ނަމަވެސް، އިސްތިއުނާފު ކުރެވޭ މައްސަލައިގައި، ކަން ހިނގާފައިވާ ގޮތަށް ބަލައި އެފަދަ އިޖުރާއީ ބަހުސެއްގައި ގޮތެއް ކަނޑައަޅަންޖެހޭ ހިސާބަށް ގޮސްފައި ނުވެއެވެ. ސަބަބަކީ، މުއްދަތު ގުނުމާގުޅޭ އިޖުރާއި ނުކުތާ މީރާއިން ނަގާފައިވަނީ ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ދިޔައިރު އިބްތިދާއީ މަރުޙަލާ ކަޑައްތުކުރި ފަހުން ކަމުގައި ވާތީއެވެ.

މައްސަލަ ތަޙުވީލުކުރުން

19ކަންމިހެން އޮތުމާއެކު، އިސްތިއުނާފު ކުރެވޭ މައްސަލައިގައި އޮތް އިޖުރާއީ ނުކުތާ މީރާއިން ނަގާފައިވަނީ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ14 ގައި ކަނޑައަޅާފައިވާ އުޞޫލު ތަކާއި ޚިލާފަށް ކަމަށްވާތީވެ އިސްތިއުނާފު ކުރެވޭ މައްސަލަ މައުޟޫއީ ގޮތުން ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރަންޖެހޭ ކަމަށް ދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

20މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

21މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/365 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/367 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/371 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި އިޖުރާއީ ނިންމުން ބާޠިލުކޮށް، އެ ކޯޓަށް މީރާގެ ފަރާތުން އިސްތިއުނާފު ކުރަން ހުށަހެޅި ނަންބަރު 2021/HC-A/365 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/367 ޤަޟިއްޔާ އާއި އަދި ނޫމަޑި ރިޒޯޓްސްގެ ފަރާތުން އިސްތިއުނާފު ކުރަން ހުށަހެޅި ނަންބަރު 2021/HC-A/371 ޤަޟިއްޔާ މައުޟޫއީ ގޮތުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކުރުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޙުސްނުއްސުޢޫދު މުޙައްމަދު އިބްރާހީމް މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)

1 ކުންފުނި ރަޖިސްޓްރީ ނަންބަރު C-04/2007

2ޤާނޫނު ނަންބަރު 2010/3 ( ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ)

3 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2019/026 އާއި ނަންބަރު TAT-CA-B/2020/012އިޖުރާއީ ނުކުތާއާމެދު ނިންމިގޮތުގެ ރިޕޯޓު

4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/365,371,367 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް، ޞަފްޙާ 24

5 [2022] SC 41

6 [2022] SC 24

7 [2021] SC 24

8 [2023] SC 25

9 މި މާއްދާގައި ވަނީ "މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ޤާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ."

10 ފުޓް ނޯޓު 5

11 [2022] SC 42

12 [2022] SC 71

13 [2022] SC 84

14 ފުޓް ނޯޓު 8

2023/SC-A/07 [2023] SC 46

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ