ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 84 · 2022/SC-A/09, 2022/SC-A/10

މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް އަދި ވައްބިންވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ސުޕްރީމް ކޯޓުޓެކްސް އެޕީލް ޓްރައިބިއުނަލުގެ TAT-CA-W/2019/003 އަދި…
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 ނޮވެމްބަރު 2022ދަށު ކޯޓު: ހައިކޯޓު 2021/HC-A/200، 2021/HC-A/201ބާވަތް: ޓެކްސްއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2021/HC-A/200، 2021/HC-A/201، TAT-CA-W/2019/003، TAT-CA-W/2019/004
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމި ދެ މައްސަލަ ދެ ކުންފުންޏަކުން ހައިކޯޓަށް އިސްތިއުނާފުކުރުމުން، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދު ދުވަސްތައް ހިމަނައިގެން ގުނާއިރު މުއްދަތު ހަމަވުމަށްފަހު ހުށަހެޅިކަމަށް ބުނެ، ހައިކޯޓުން އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނެވެ.
ވާޤިޢާ
މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓަކާ ގުޅިގެން ދެ ކުންފުންޏަކުން ހުށަހެޅި މައްސަލަތައް ޓެކްސް އެޕީލް ޓްރައިބިއުނަލުން 24 ނޮވެންބަރު 2020 ގައި ނިންމިއެވެ. ކުންފުނިތަކުން 18 ފެބުރުއަރީ 2021 ގައި ހައިކޯޓަށް އިސްތިއުނާފު ހުށަހެޅިއެވެ. ޤާނޫނުގައިވާ 60 ދުވަސް ބަންދު ދުވަސްތައް ހިމަނައިގެން ގުނާނަމަ 24 ޖަނަވަރީ 2021 ގައި މުއްދަތު ހަމަވާނެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަންވާނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދު ދުވަސްތައް ހިމަނައިގެންތޯ، ނުވަތަ ހައިކޯޓުގެ ގަވާއިދާ އެއްގޮތަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފީ މުއްދަތާ ގުޅިގެން ގަވާއިދު ހެދުމުގެ ބާރު މީރާއަށް ނުލިބޭތީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ތަޠުބީޤުނުވާކަމަށާއި، ހައިކޯޓުގެ ގަވާއިދަށް ތަބާވާންޖެހޭކަމަށް ކުންފުނިތަކުން ބުންޏެވެ. ހައިކޯޓުގެ ގަވާއިދަށް އިސްކަންދޭންޖެހޭކަމާއި މައްސަލަ މައުޟޫޢީ ގޮތުން ބަލަންޖެހޭކަމަށް މީރާއިންވެސް އެއްބަސްވި ނަމަވެސް، ޓްރައިބިއުނަލުގެ ގަވާއިދުގައި އުޞޫލެއް ނެތުމުން ޓްރައިބިއުނަލަށް ހުށަހަޅާ މުއްދަތަށް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާ ހިނގާކަމަށް ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ހައިކޯޓަށް އިސްތިއުނާފުކުރާ މުއްދަތު ގުނުމަށް ބޭނުން ނުކުރެވޭނެ ކަމަށް ކުރިން ނިންމި މައްސަލަތަކަށް ކޯޓުން ތަބާވިއެވެ. އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދު ޓެކްސް ނެގުމުގެ އިދާރީ ކަންކަމުން ބޭރަށް ނުހިނގާއިރު، އިސްތިއުނާފުގެ މުއްދަތު ގުނުމުގެ ގަވާއިދު ހެދޭނީ ހައިކޯޓާއި ސުޕްރީމް ކޯޓަށެވެ. ހައިކޯޓުގެ ގަވާއިދުގެ ގޮތުން ގުނާއިރު ދެ އިސްތިއުނާފުވެސް މުއްދަތުގެ ތެރޭގައި ހުށަހެޅިއެވެ.

ނިންމުން

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ TAT-CA-W/2019/003 އަދި…

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ TAT-CA-W/2019/003 އަދި TAT-CA-W/2019/004 މައްސަލަތައް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން 2021/HC-A/200 އަދި 2021/HC-A/201 ގައި ނިންމި ނިންމުންތަކަށް ބަދަލުގެނެސް، އެ ދެ މައްސަލަ ހައިކޯޓުގެ ގަވާއިދާ އެއްގޮތަށް ގުނާއިރު އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާތީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭކަމަށް ކަނޑައަޅައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހުށަހަޅައިފިނަމަ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެވުނެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމަށް ބޭނުންކުރެވިދާނެ އުޞޫލެއް ނޫނެވެ.

HN2 ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ، ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެވެ. ވުމާއެކު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދެއް، ޓެކްސް ނެގުމުގެ އިދާރީ ކަންކަމުން ބޭރުން އެހެން ކަންކަމަށް ބޭނުން ނުކުރެވޭނެއެވެ.

HN3 ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިސްތިއުނާފީ މައްސަލަތައް ބެލުމަކީ، ހައިކޯޓާއި ސުޕްރީމް ކޯޓަށް ޤާނޫނުން މަތިކޮށްފައިވާ މަސައްކަތެކެވެ. ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލު އިންޞާފު ގާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާބެހޭ ގަވާއިދު ހެދުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޯޓުތަކަށް ދީފައިވާ ބާރެކެވެ. ވުމާއެކު، އިސްތިއުނާފުގެ މުއްދަތު ގުނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް ގަވާއިދެއް ހެދޭނީ އެ ދެ ކޯޓަށެވެ. އަދި ޢަމަލު ކުރަންޖެހޭނީވެސް އެ ދެ ކޯޓުން ހަދާފައިވާ ގަވާއިދު ތަކަށެވެ.

HN4 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފީ މުއްދަތުތައް ގުނުމުގައި ތަބާވާންޖެހޭނީ އެ އިސްތިއުނާފެއް ކުރެވޭ ކޯޓަކުން ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ގަވާއިދެއް ހަދާފައިވާނަމަ އެ ތަނެއްގެ ގަވާއިދަށެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނިންމުމެއް ހައިކޯޓަށް އިސްތިއުނާފުކުރުމުގައި ތަބާވާންޖެހޭނީ ހައިކޯޓުގެ ގަވާއިދަށެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ފަތުޙުﷲ އިސްމާޢީލް، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތް ތަމްސީލުކުރީ
މަރްޔަމް ޔާޝާ
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

[1]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/200 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/201 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 02 (ދޭއް) އިސްތިއުނާފީ މައްސަލައެއް ހުށަހެޅުނެވެ.

(ހ) ފުރަތަމަ މައްސަލަ އަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/09 ޤަޟިއްޔާ އިން ބެލިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ" މިހެން އިޝާރަތްކޮށްފައިވާ ) އަށް ރައްދުވާ ގޮތަށް މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މޯލްޑިވްސް ބޭ" މިހެން އިޝާރާތްކޮށްފައިވާ) އިން ހުށަހެޅި މައްސަލައެވެ.

(ށ) ދެވަނަ މައްސަލަ އަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/10 ޤަޟިއްޔާ އިން ބެލިފައިވާ މީރާ އަށް ރައްދުވާ ގޮތަށް ވައްބިންވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ވައްބިންވެސްޓް" މިހެން އިޝާރާތްކޮށްފައިވާ) އިން ހުށަހެޅި މައްސަލަ އެވެ.

[2]މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު، ބުނެވުނު 02 (ދޭއް) އިސްތިއުނާފީ މައްސަލަ އެކުއެކީގައި ހިންގުމަށްފަހު، އެ 02 (ދޭއް) ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާއެވެ.

[3]މި އިސްތިއުނާފުގައި އޮތީ އިޖުރާއީ ސުވާލެކެވެ. އެއީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ގުނުމުގެ މައްޗަށް ބިނާކޮށް މި އިސްތިއުނާފުގައި އިޝާރާތްކުރެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ދެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ތޯ ކަނޑައެޅުމަށެވެ.

މައްސަލައިގެ ފަސްފަހަތް

[4]މޯލްޑިވްސް ބޭގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި އެ ޓްރައިބިއުނަލްގެ ނަންބަރުTAT-CA-W/2019/003 މައްސަލަ އާއި ވަންބިންވެސްޓުއިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި ނަންބަރު TAT-CA-W/2019/004 މައްސަލަ (މީގެ ފަހުން "ދެ މައްސަލަ" މިހެން އިޝާރާތްކުރެވިފައިވާ) ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށްޓަކައި 18 ފެބުރުވަރީ 2022 ގައި މޯލްޑިވްސް ބޭ އާއި ވައްބިންވެސްޓްގެ ފަރާތުން ހުށަހެޅިއެވެ. މި ދެ މައްސަލަ އަކީ މީރާގެ އޮބްޖެކްޝަން ރިވިއު ރިޕޯޓަކާ ގުޅިގެން ހުށަހެޅުނު ދެ މައްސަލައެވެ.

[5]ދިވެހިރާއްޖޭގެ ހައިކޯޓަށް މި ދެ މައްސަލަ އިސްތިއުނާފު ކުރެވުނުއިރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ދީފައިވާ މުއްދަތަކީ 60 (ފަސްދޮޅަސް) ދުވަހެވެ.

[6]މި ދެ މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ ޤާނޫނުގައި މިފަދަ މައްސަލަތައް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައިތޯ ދިވެހިރާއްޖޭގެ ހައިކޯޓުގައި ސުވާލު އުފެދި، އެކަމުގެ މައްޗަށް އިޖުރާއީ ނިންމުމެއް ނިންމައި، މި ދެ މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވުމަށްފަހުގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅިއެވެ.

[7]މި އިޖުރާއި ސުވާލު އުފެދުމުގެ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވޭ މައްސަލަތަކުގެ މުއްދަތު ގުނުމުގައި ޢަމަލުކުރަމުންދާ ހަމައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ) ގައިވާ ފަދައިން ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

[8]ނަމަވެސް، މި ދެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން މުއްދަތު ގުނާފައި ވަނީ އެ ކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައި ވަނީ މިފަދައިންނެވެ.

[9]"މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޤާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ."

[10]ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައިވާ އުސޫލުން އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމުން ހުށަހެޅިފައިވާ މި ދެ މައްސަލައިގައި ނިކުންނަ ނަތީޖާ އަކީ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ހަމަވުމެވެ. އެއީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން މި ދެ މައްސަލަ ނިންމާފައި ވަނީ 24 ނޮވެންބަރު 2020 ގައި ކަމަށްވެފައި، އިސްތިއުނާފު ކުރުމަށް އޮންނަ 60 (ފަސްދޮޅަސް) ދުވަސް ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ގުނުމުން އިސްތިއުނާފީ މުއްދަތު ހަމަވާ ތާރީޚަކީ 24 ޖަނަވަރީ 2021 އެވެ. އެހެންނަމަވެސް މި ދެ މައްސަލަ އިސްތިއުނާފު ކުރެވިފައި ވަނީ މި މުއްދަތަށް ފަހު 18 ފެބުރުވަރީ 2021 ގައި ކަމަށް ވުމުން މިއީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ހަމަވުމަށްފަހު ހުށަހެޅިފައިވާ ދެ މައްސަލަ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި އެވެ.

[11]އިސްވެ ބަޔާންކުރެވުނު ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި ދެ މައްސަލަ ނިންމާފައި ވާތީވެ، މޯލްޑިވްސް ބޭ އާއި ވައްބިންވެސްޓް އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

[12]މޯލްޑިވްސް ބޭ އާއި ވައްބިންވެސްޓްގެ ފަރާތުން ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2021/HC-A/200 އާއި ނަންބަރު 2021/HC-A/201 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ދެކި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅާފައި ވަނީ މައިގަނޑު 02 (ދޭއް) ނުކުތާ އެވެ.

[13]11.1. ފުރަތަމަ ނުކުތާ އަކީ، ޤާނޫނުއަސާސީގެ 156 ވަނަ މާއްދާ އަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 96 ވަނަ މާއްދާ އަށާއި، ދިވެހިރާއްޖޭގެ ހައިކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްނުކޮށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ ހައްގުތައް ގެއްލޭ ގޮތަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން މުއްދަތުތައް ގުނުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާ ތަޠުބީޤުކުރަންޖެހޭ ކަމުގައި ކަނޑައަޅައިފައިވުން.

[14]11.2. ދެވަނަ ނުކުތާ އަކީ، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވުން.

[15]މޯލްޑިވްސް ބޭ އާއި ވައްބިންވެސްޓް އިން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާ އާ މެދު ގޮތެއް ކަނޑައަޅަން ބޭނުންނުވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެ ދެ ކުންފުނިން ބަޔާންކޮށްފައި ވާތީވެ، މި އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ އަކީ، އިސްތިއުނާފީ ފުރަތަމަ ނުކުތާ އެވެ.

[16]ބަޔާންވެދިޔަ އިސްތިއުނާފީ ދެ ނުކުތާގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ބޭ އާއި ވައްބިންވެސްޓް އިން މި އިސްތިއުނާފުގައި އެދިފައި ވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/200 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/201 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިޖުރާއީ ނިންމުން ބާތިލުކޮށް ދެއްވައި، އެ ދެ ޤަޟިއްޔާ އަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ދެ މައްސަލަ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އިސްތިއުނާފުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަ

[17]މޯލްޑިވްސް ބޭ އާއި ވައްބިންވެސްޓް އިން މި އިސްތިއުނާފުގައި ބަޔާންކޮށްފައިވާ މައިގަނޑު ކަމަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ގުނާނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުޞޫލުން ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންތޯ އާއި އަދި އެ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ އެހެން މާއްދާތަކަށް ވެސް ތަތުބީޤު ކުރެވިދާނެތޯ މައްޗަށެވެ.

[18]ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ތަފްސީލުގައި ވާހަކަ ދައްކަމުން މޯލްޑިވްސް ބޭ އާއި ވައްބިންވެސްޓް އިން ބުނެފައި ވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) ގައިވާ އުޞޫލުން ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގައި އިސްތިއުނާފީ މުއްދަތު ގުނުމުގައި ޢަމަލު ކުރެވިދާނެތޯ ބެލުމަށްޓަކައި ދެނެގަންނަން ޖެހެނީ ގަވާއިދު ހެދުމުގެ ތަރަހަ ކަމާއި މިގޮތުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގައި ބުނާ އިސްތިއުނާފީ މުއްދަތާ ގުޅިގެން ގަވާއިދު ހެދުމުގެ ބާރު މީރާއަށް ލިބިފައިވާ ނައްސެއް ފެންނާކަށް ނެތް ކަމަށެވެ. ވުމާއެކު، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 55 ވަނަ މާއްދާއަށް އިސްތިއުނާފީ މުއްދަތު ގުނުމަށް ތަޠުބީޤު ކުރެވޭނެ މާއްދާއެއް ނޫން ކަމަށް ދެކޭ ކަމަށެވެ. އޭގެ ބަދަލުގައި ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަ ތަކުގައި އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ގުނުމުގައި ޢަމަލުކުރަންވީ ގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގައި ބަޔާންކުރެވިފައި ވާ ކަމަށެވެ.

[19]ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް ތަބާވުމުން ނިކުންނަ ނަތީޖާ ރައްދުވަނީ ހަމައެކަނި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ބުނާ އިސްތިއުނާފީ މުއްދަތަށް އެކަނި ނޫން ކަމަށް މޯލްޑިވްސް ބޭ އާއި ވައްބިންވެސްޓް އިން ދެކޭ ކަމަށެވެ. މިގޮތުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް އޮންނަ މުއްދަތާއި އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 55 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައެއް ނިންމުމަށް އެ މާއްދާގެ (ބ) ގައި ދީފައިވާ މުއްދަތު ގުނުމުގައިވެސް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަށް އިސްކަން ދިނުން ކަމާއި، އެ ގޮތުގެމަތިން ޢަމަލުކުރެވިދާނެ ކަމަށް ނުދެކޭ ކަމަށެވެ.

[20]މީރާގެ ފަރާތުން ރައްދުގައި ފާހަގަކޮށްފައި ވަނީ މޯލްޑިވްސް ބޭ އާއި ވައްބިންވެސްޓް އިން އެދިފައިވާ ފަދައިން މި މައްސަލަ އަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް ދެކޭ ކަމަށެވެ. އަދި މުއްދަތު ގުނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގައި އުޞޫލުތަކެއް ކަނޑައަޅާފައި އޮތުމުން މުއްދަތު ގުނުމުގައި އިސްކުރަންޖެހޭނީ އެ ކޯޓުގެ ގަވާއިދު ކަމަށެވެ.

[21]ނަމަވެސް،ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ އިސްތިއުނާފީ މުއްދަތު ކަނޑައެޅުމުގެ ބަހުސަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައި އޮތް ބަހުސެއް ނޫނެވެ. ހަމަ މިއާއެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގައި މުއްދަތު ގުނުމުގައި ޢަމަލުކުރާނެ އުޞޫލެއް ނެތަތީވެ، ޓެކްސް ނެގުމުގެ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަށް މުއްދަތު ގުނުމުގައި ރުޖޫއަ ވާންޖެހޭ ކަމަށް މީރާ އިން ދެކޭ ކަމަށެވެ.

[22]މި އިސްތިއުނާފުގައި ބަހުސްކުރެވޭ ނުކުތާ އަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މި ޤަޟިއްޔާގައި ހުށަހެޅުނު ނުކުތާ އެވެ. އަދި އެ ޤަޟިއްޔާގައި ބަޔާންކޮށްފައި ވަނީ އިސްތިއުނާފީ މުއްދަތު ގުނުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދަށް ތަބާވުމަށެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމާ މައްސަލަތަކުގައި އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ގުނުމުގައި ތަބާވާންޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދަށް ކަމަށް މި މައްސަލައިގައި ހިމެނޭ ޚަސްމުންގެ މެދުގައި ދެބަސްވުމެއް ނެތްކަން ފާހަގަކުރަމެވެ. އަދި މި މައްސަލަ މައުޟޫއީ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ ގޮތެއް ކަނޑައެޅުމާމެދު ވެސް ދެ ބަސްވުމެއް ނެތެވެ.

[23]ވުމާއެކު މިހާރު އޮތް ސުވާލަކީ، މި އިސްތިއުނާފުގައި އިޝާރާތްކުރެވޭ ދެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނީ އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ތެރޭގައިތޯ ކަނޑައެޅުމުގެ މައްޗަށެވެ.

[24]މުއްދަތު ގުނުމާގުޅޭ ހަމަޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމަށް ބޭނުންކުރެވިދާނެ އުޞޫލެއް ނޫން ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ގައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައެވެ. އަދި އޭގެ ފަހުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަރނޭޝަނަލް (ލަބްއާން) ލިމިޓެޑް އާއި ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ފަދަ މައްސަލަތަކުގައި މި އުޞޫލު ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަމަހައްޓާފައެވެ.

[25]މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ގައި ބަޔާންކޮށްފައި ވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެވެ. ވުމާއެކު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދެއް، ޓެކްސް ނެގުމުގެ އިދާރީ ކަންކަމުން ބޭރުން އެހެން ކަންކަމަށް ބޭނުން ނުކުރެވޭނެއެވެ.

[26]ހަމަ މި އުސޫލުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ގާއިމުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިސްތިއުނާފީ މައްސަލަތައް ބެލުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޤާނޫނުން މަތިކޮށްފައިވާ މަސައްކަތެކެވެ. މީގެ އިތުރުން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލު އިންޞާފު ގާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާބެހޭ ގަވާއިދު ހެދުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޯޓުތަކަށް ދީފައިވާ ބާރެކެވެ. ވުމާއެކު، އިސްތިއުނާފުގެ މުއްދަތު ގުނުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް ގަވާއިދެއް ހެދޭނީ އެ ދެ ކޯޓަށެވެ. އަދި ޢަމަލު ކުރަންޖެހޭނީވެސް އެ ދެ ކޯޓުން ހަދާފައިވާ ގަވާއިދު ތަކަށެވެ.

[27]ވުމާއެކު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފީ މުއްދަތުތައް ގުނުމުގައި ތަބާވާންޖެހޭނީ އެ އިސްތިއުނާފެއް ކުރެވޭ ކޯޓަކުން ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ގަވާއިދެއް ހަދާފައިވާނަމަ އެ ތަނެއްގެ ގަވާއިދަށެވެ. ހުށަހެޅިފައިވާ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދަށެވެ.

އުސޫލުތައް ތަތުބީޤުކުރުން

[28]ބަޔާންވެދިޔަ ހަމަ ތަޠުބީޤު ކުރާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-W/2019/004 މައްސަލަ އާއި ނަންބަރު TAT-CA-W/2019/003 އާއެކު މި ދެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައި ވަނީ 24 ނޮވެންބަރު 2020 ގައި ކަމަށްވެފައި، އިސްތިއުނާފު ކުރުމަށް 18 ފެބުރުވަރީ 2021 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާތީވެ، އެ ދެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާ ކަމަށް ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

[29]މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

[30]މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

[31]ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމާއެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-W/2019/004 މައްސަލަ އާއި ނަންބަރު TAT-CA-W/2019/003 ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް އާއި ވައްބިންވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން، އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2020/HC-A/200 ޤަޟިއްޔާ އާއި ނަންބަރު 2020/HC-A/201 ޤަޟިއްޔާގެ ނިންމުމަށް ބަދަލުގެނެސް އެ ދެ މައްސަލަ އަކީ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ ދެ މައްސަލަ ކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް އާއި ވައްބިންވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅައިފިނަމަ އެ ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ ދެ މައްސަލަ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ)
  • ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އަދި (ބ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 156 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 96 ވަނަ މާއްދާ
  • ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
  • ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް
  • ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަރނޭޝަނަލް (ލަބްއާން) ލިމިޓެޑް
  • ސުޕްރީމް ކޯޓުގެ ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ