ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2025/55، 95-CR/PRIV/2025/162، TAT-RG-R/2025/001، 223-LE/PRIV/2025/98
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓެކްސް އެޕީލް ޓްރައިބިއުނަލުން (223-LE/PRIV/2025/98) ހިލްސައިޑް ވިލާގެ މައްސަލަ މުއްދަތު ފާއިތުވުމުން ބަލައިނުގަތުމަށް ނިންމައި، އެ ނިންމުން ޓްރައިބިއުނަލުން (TAT-RG-R/2025/001) ދެމެހެއްޓިއެވެ. އިސްތިއުނާފުގެ ހުއްދަ ހައިކޯޓުގެ ރަޖިސްޓްރާރު ނުދީ (95-CR/PRIV/2025/162)، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2025/55 ގައި އެ ނިންމުން ދެމެހެއްޓިއެވެ.
- ވާޤިޢާ
- ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުން މީރާއިން ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑް އޮޑިޓްކޮށް، 12 ސެޕްޓެމްބަރު 2024 ގައި ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް ފޮނުވިއެވެ. ކުންފުނިން 24 އޮކްޓޯބަރު 2024 ގައި އިޢުތިރާޒު ހުށަހެޅިއެވެ. އިޢުތިރާޒު ނިމުނުގޮތުގެ ރިޕޯޓު 19 ފެބުރުއަރީ 2025 ގައި ޙަވާލުކުރުމުން، ކުންފުނިން 1 ޖޫން 2025 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައިވާ 60 ދުވަހުގެ މުއްދަތު ގުނަންވީ ބަންދު ދުވަސްތައް ހިމަނައިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގަވާއިދާ އެއްގޮތަށްތޯ ނުވަތަ ބަންދު ދުވަސްތައް ނުހިމަނައިތޯއާއި، މުއްދަތު ހަމަވުމަށްފަހު ހުށަހެޅި މައްސަލަ ޓްރައިބިއުނަލުން ބަލައިނުގަތުން ރަނގަޅުކަމަށް ހައިކޯޓުން ނިންމުން ޤާނޫނާ އެއްގޮތްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ހިލްސައިޑް ވިލާއިން ބުނީ، މުއްދަތު ގުނުމުގައި ބަންދު ދުވަސްތައް ނުހިމަނާނެކަމަށް އުރީދޫ މޯލްޑިވްސް އަދި އޭޑީކޭ އެންޓަރޕްރައިޒަސް ވ. މީރާ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، ހައިކޯޓުން އެކަމަށް ރިޢާޔަތް ނުކުރި ކަމަށާއި، ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފަށް ޓްރައިބިއުނަލުން ޢަމަލުކުރުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. މީރާގެ ހުށަހެޅުންތައް ނިންމުމުގައި ނެތެވެ.
- ކޯޓުގެ ސަބަބުތައް
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި 60 ދުވަސް ގުނާނެ ގޮތެއް ބަޔާންކޮށްފައި ނުވެއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 1-71 ވަނަ މާއްދާގެ އާންމު ޤަވާޢިދަކީ ބަންދު ދުވަސްތައް ނުހިމަނައި ގުނުން ނަމަވެސް، 2022 ގެ އިސްލާޙާއެކު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގައި ބަންދު ދުވަސްތައް ހިމަނައިގެން ގުނާނެކަމަށް ބަޔާންކޮށްފައިވެއެވެ. އުރީދޫ އަދި އޭޑީކޭ މައްސަލަތަކުން ޓްރައިބިއުނަލުގެ އުޞޫލަށް ބަދަލު އައިސްފައި ނުވެއެވެ. 2022/SC-A/09,10 (މޯލްޑިވްސް ބޭ) ގައި ކަނޑައެޅި ގޮތަށް ތަބާވާންޖެހޭނީ ޓްރައިބިއުނަލުގެ ގަވާއިދަށެވެ. 19 ފެބުރުއަރީ 2025 ން ފެށިގެން 60 ދުވަސް ހަމަވީ 19 އެޕްރީލް 2025 ގައި ކަމުން، ހައިކޯޓުގެ ނިންމުން ރަނގަޅެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ހައިކޯޓުގެ HC-RM/2025/55 (ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް) އަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ނިންމި ނިންމުން ދެމެހެއްޓި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި މީރާއިން ނިންމާ ނިންމުމަކާމެދު އިޢުތިރާޒްކުރާނަމަ އެ ނިންމުމެއް 60 ދުވަސް ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ 60 ދުވަސް ގުނުމުގައި ޢަމަލުކުރާނެ އުޞޫލެއް އެ ޤާނޫނުގައި ބަޔާންކޮށްފައިނުވެއެވެ.
HN2 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފީ މުއްދަތުތައް ގުނުމުގައި ތަބާވާންޖެހޭނީ އެ އިސްތިއުނާފެއް ކުރެވޭ ކޯޓަކުން ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ގަވާއިދެއް ހަދާފައިވާނަމަ އެ ތަނެއްގެ ގަވާއިދަށެވެ. އެހެންކަމުން، މައްސަލައެއް އިސްތިއުނާފަށް ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހަޅާއިރު ރިޢާޔަތްކުރަންޖެހޭނީ އެ ކޯޓެއްގެ ނުވަތަ އެ ޓްރައިބިއުނަލެއްގެ ޤަވާޢިދާ އެއްގޮތަށެވެ.
HN3 ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގައި ދުވަހުން ބަޔާންކޮށްފައިވާ މުއްދަތު ބަންދު ދުވަސްތައް ނުހިމަނައި ގުނުމުގެ ޤަވާޢިދު ހިނގަނީ އިދާރީ ޤާނޫނުގައި ނުވަތަ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކުއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދަށް 2022 ގައި ގެނެވުނު ފުރަތަމަ އިސްލާޙާއެކު، ޓްރައިބިއުނަލަށް ބެލިދާނެ މައްސަލަތަކުގައި މުއްދަތު ގުނާނީ ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
HN4 އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަދި އޭޑީކޭ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާތަކުން، މީރާއިން ނިންމާ ނިންމުންތައް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމަށް އޮންނަ މުއްދަތު ގުނުމުގައި ޓްރައިބިއުނަލުން ޢަމަލުކުރާ އުޞޫލަށް ބަދަލު އައިސްފައި ނުވެއެވެ.
HN5 މީރާއިން އިޢުތިރާޒް ނިމުނުގޮތުގެ ރިޕޯޓު ޓެކްސް ދައްކާ ފަރާތާ ޙަވާލުކުރި ތާރީޚުން ފެށިގެން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ ދަށުން ލިބޭ 60 ދުވަސް ހަމަވުމަށްފަހު ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއް ބަލައިނުގަތުމަށް ޓްރައިބިއުނަލުން ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، މުޙައްމަދު އިބްރާހީމް، ޢަބްދުﷲ ޙަމީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2026/SC-HCL/04
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2026/SC-L/14
ހުށަހެޅުނު ތާރީޚު: 26 ފެބުރުވަރީ 2026
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑް
ޢާންމު ނަން: ހިލްސައިޑް ވިލާ
ދާއިމީ އެޑްރެސް: ހ. ޖަޒީރާ ބިލްޑިންގ، މާލެ
މިހާރުގެ އެޑްރެސް: ހ. ޖަޒީރާ ބިލްޑިންގ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2025/55
ހުށަހެޅުނު ތާރީޚު: 12 ނޮވެންބަރު 2025
ނިމުނު ތާރީޚު: 29 ޑިސެންބަރު 2025
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ގެ 20 ވަނަ މާއްދާގެ ދަށުން ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑް އޮޑިޓް ކުރުމަށްފަހު އޮޑިޓް ރިޕޯޓާއި، ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް ރިޕޯޓު ތައްޔާރުކޮށް ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑަށް 12 ސެޕްޓެމްބަރު 2024 ގައި ރައްދުކޮށްފައިވެއެވެ.
[2]4.2 ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް ރިޕޯޓާމެދު ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިޢުތިރާޒްކުރާކަން ފާހަގަކޮށް އެ 24 އޮކްޓޯބަރު 2024 ގައި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނޯޓިސް އޮފް އޮބްޖެކްޝަން މީރާއަށް ހުށަހެޅިއެވެ. އަދި މި އިއުތިރާޒާ ގުޅިގެން މީރާއިން ނިންމާފައިވާ ނިންމުން ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 01 ޖޫން 2025 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ހުށަހެޅިއެވެ.
[3]4.3 މި ހުށަހެޅުމާމެދު ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމާފައިވަނީ، ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްއިން ހުށަހަޅާފައިވާ މައްސަލައަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ނިންމި ނިންމުމަކާމެދު ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާއިރު، މި މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅަން ޖެހޭނީ ގަވާއިދު ނަންބަރު 2022/R-147 ގެ 1-99 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނިންމުން ނިންމާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކަމަށާއި، ނަމަވެސް، މި މައްސަލަ ހުށަހަޅާފައިވަނީ މީރާއިން ނިންމުން ނިންމިތާ 60 (ފަސްދޮޅަސް) ދުވަސް ފާއިތުވީ ފަހުން ކަމަށްވާތީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަ ނުވާތީ، މި މައްސަލަ ޓްރައިބިއުނަލުން ބަލައި ނުގަތުމަށް ނިންމައިފީމެވެ." މިފަދައިންނެވެ.
[4]4.4 ޓްރައިބިއުނަލުން މިފަދައިން މައްސަލަ ބެލެން ނެތްކަމަށް ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑަށް 23 ޖޫން 2025 ގައި ސިޓީއަކުން އެންގުމުން، އެ ނިންމުން މުރާޖަޢާކުރުމަށް އެދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅިއެވެ. މި ފަދައިން ހުށަހެޅުމުން ޓްރައިބިއުނަލްއިން ނިންމާފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަޖިސްޓްރާރގެ ނިންމުން ރަނގަޅުކަމަށެވެ.
[5]4.5 ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއިން މުރާޖަޢާކޮށް ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ ޓްރައިބިއުނަލުން މިމައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ ރަގަޅަށް ކަމަށެވެ.
[6]4.6 ހައިކޯޓުގެ ރެޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ދިނުމަށް އެދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ މުރާޖަޢާ ކުރި ފަނޑިޔާރުން ނިންމާފައިވަނީ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.
[7]4.7 ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިންމިގޮތް އިސްތިއުނާފު ކުރުމަށް އެދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މައިގަނޑު އެއް ނުކުތާއެވެ. އެ ނުކުތާގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުޘެއް ހުށަހެޅިފައިވާ ކަމަށް ނުފެންނަ ކަމަށް ހައިކޯޓުގެ ނިންމުމުގައި ނިންމާފައިވަނީ، މި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި އިރު އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ޙަވާލާދީ އެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތައް ބަޔާންކުރުމަށްފަހު ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބަޔާންކޮށްކަމަށްވާއިރު، ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ދަށު މަރުޙަލާގެ ކޯޓުތަކުން އެއަށްވުރެ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާންޖެހޭ ނިންމުންތަކެއްކަމަށްވާއިރު، އެއާ ޚިލާފަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއިން ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަނޑައެޅުމާ ޚިލާފަށްކަމަށެވެ.
[8]4.8 މިއިސްތިއުނާފުގައި ދައުރުވާ ސުވާލު ބިނާވަނީ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ މުއްދަތު ގުނުމާގުޅޭގޮތުންނެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި މީރާއިން ނިންމާ ނިންމުމަކާމެދު އިއުތިރާޒްކުރާނަމަ އެ ނިންމުމެއް 60 (ފަސްދޮޅަސް) ދުވަސް ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، 60 (ފަސްދޮޅަސް) ދުވަސް ގުނުމުގައި ޢަމަލުކުރާނެ އުޞޫލެއް ބަޔާންކޮށްފައިނުވެއެވެ.
[9]4.9 ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 1-71 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އިދާރީ ޤާނޫނުގައި ނުވަތަ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޤާނޫނާއި ޤަވާއިދުގައި ދުވަހުން ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރުގެ ބަންދު ދުވަސްތައް ނުހިމަނައެވެ.
[10]4.10 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދަށް 2022 ގައި ގެނެވުނު ފުރަތަމަ އިސްލާޙާއެކު ގަވާއިދުގެ 99-1 ވަނަ މާއްދާގެ (ހ) ގައި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބެލިދާނެ ކަމަށް ކަނޑައަޅާފައިވާ މައްސަލަތަކުގައި މުއްދަތު ގުނާނީ ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންކަން ބަޔާންކޮށްފައިވެއެވެ.
[11]4.11 އިސްތިއުނާފުކުރުމަށް އެދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައާއި އޭޑީކޭ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ މުއްދަތު ގުނުމުގައި ޢަމަލުކުރާނޭ ގޮތުގެ އުޞޫލަކީ ބަންދު ދުވަސްތައް ނުހިމަނާކަމަށާއި، އެކަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާ އިރުވެސް ހައިކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. މި ނުކުތާއަށް ރިޢާޔަތްކުރާއިރު، މީރާއިން ނިންމާ ނިންމުންތައް ޓްރައިބިއުނަލަށް ހުށަހެޅުމަށް އޮންނަ 30 ދުވަހުގެ މުއްދަތު ގުނުމުގައި ޓްރައިބިއުނަލުން ޢަމަލު ކުރާ އުޞޫލަށް ބުނެވިދިޔަ ދެ ޤަޟިއްޔާއިން ބަދަލު އައިސްފައި ނުވެއެވެ.
[12]4.12 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުތައް ގުނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ވ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި ކަނޑައަޅާފައިވަނީ، "ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފީ މުއްދަތުތައް ގުނުމުގައި ތަބާވާންޖެހޭނީ އެ އިސްތިއުނާފެއް ކުރެވޭ ކޯޓަކުން ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ގަވާއިދެއް ހަދާފައިވާނަމަ އެ ތަނެއްގެ ގަވާއިދަށެވެ." މިފަދައިންނެވެ.
[13]4.13 މީރާގެ ފަރާތުން އިއުތިރާޒް ކުރި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްފައިވަނީ 19 ފެބުރުއަރީ 2025 ގައެވެ. އަދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހަޅާފައިވަނީ 1 ޖޫން 2025 ގައެވެ.
[14]4.14 ވުމާއެކު، ސުޕްރީމް ކޯޓުގެ މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ވ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލު އިސްތިއުނާފަށް ހުށަހެޅިފައިވާ މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމަށް ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ހުށަހަޅާއިރު ރިޢާޔަތްކުރަންޖެހޭނީ އެ ކޯޓެއްގެ ނުވަތަ އެ ޓްރައިބިއުނަލެއްގެ ޤަވާޢިދާ އެއްގޮތަށްކަމަށް ވީއިރު، މީރާގެ ރިޕޯޓު ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްއަށް ހަވާލުކޮށްފައިވަނީ 19 ފެބުރުއަރީ 2025 ކަމާއި، އެ ތާރީޚުން ފެށިގެން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އަދި ޓެކްސް ޓްރައިބިއުނަލްގެ ޤަވާއިދުގެ ދަށުން 60 (ފަސްދޮޅަސް) ދުވަސް (ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) ހަމަވާ ތާރީޚަކީ 19 އެޕްރީލް 2025 ކަން އެނގެން އޮވެއެވެ.
[15]4.15 މިހެންކަމުން، ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑް އިން ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ދެކެމެވެ.
5. ނިންމުން:
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމުން، އިސްތިއުނާފު ކުރުމަށް އެދި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު HC-RM/2025/55 [ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލު ގެންނަންޖަހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޙުސައިން ޝަހީދު
މުޙައްމަދު އިބްރާހީމް
ޢަބްދުﷲ ޙަމީދު
19 ޝައްވާލް 1447
07 އޭޕްރިލް 2026
ފުޓްނޯޓު
- ޤާނޫނު ނަންބަރު 5/2011
- ރަޖިސްޓްރޭޝަން ނަންބަރު C-039/2011
- މީރާގެ ނަންބަރު AR-LTAS/BPT/2024/11 (11 ސެޕްޓެންބަރު 2024)
- މީރާގެ ނަންބަރު 1024798/NOTA-BPT/LTAS/2024/04 (12 ސެޕްޓެންބަރު 2024)
- ޤާނޫނު ނަންބަރު 3/2010
- ގަވާއިދު ނަންބަރު 2021/R-75 (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާޢިދު 2021 އަށް 1 ވަނަ އިސްލާހު ގެނެވުނު ގަވާޢިދު
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 223-LE/PRIV/2025/98 (23 ޖޫން 2025)
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-RG-R/2025/001 ނިންމުން
- ހައިކޯޓުގެ ނަންބަރު 95-CR/PRIV/2025/162 "ރަޖިސްޓްރާރގެ ނިންމުން" (29 އޮކްޓޫބަރު 2025)
- ހައިކޯޓުގެ ނަންބަރު HC-RM/2025/55 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" (29 ޑިސެންބަރު 2025)
- ފުޓް ނޯޓް 10
- ފުޓް ނޯޓް 9
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/09,10 ޤަޟިއްޔާ
- އބމ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (ޤާނޫނު ނަންބަރު 3/2010) ގެ 44 ވަނަ މާއްދާގެ (ހ)
- ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 5/2011) ގެ 20 ވަނަ މާއްދާ
- ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 1-71 ވަނަ މާއްދާ
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2022/R-147) ގެ 1-99 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2022/SC-A/09,10 (މޯލްޑިވްސް ބޭ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
- ސުޕްރީމް ކޯޓުގެ އޭޑީކޭ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.