ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/SC-HCL/12, 2019/SC-A/104

ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ސުޕްރީމް ކޯޓުހައިކޯޓުގެ ފަނޑިޔާރުންގެ HC-RM/2019/82(NR) ނިންމުމުގައި…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 އޮކްޓޫބަރު 2020ދަށު ކޯޓު: ހައިކޯޓު HC-RM/2019/82(NR)ބާވަތް: ޓެކްސްއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2019/82(NR)، HC-RM/2019/41، 95-CR/PRIV/2019/31، 1250/Cv-C/2018
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ގްރީން ޓެކްސާއި ޖޫރިމަނާ ހޯދުމަށް މީރާއިން ކުރި ދަޢުވާގައި ސިވިލް ކޯޓުން ފައިސާ ދައްކަން ޙުކުމްކުރުމުން ކުންފުނިން ހައިކޯޓަށް އިސްތިއުނާފުކުރިއެވެ. ހައިކޯޓުގެ ރަޖިސްޓްރާރ މައްސަލަ ބަލައިނުގަތުމުން، އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމިއެވެ.
ވާޤިޢާ
ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ގްރީން ޓެކްސް ނުދެއްކުމުން، ޓެކްސާއި ޖޫރިމަނާ ހޯދުމަށް މީރާއިން ސިވިލް ކޯޓުގައި ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރިއެވެ. ކުންފުނިން ދަޢުވާއަށް އިންކާރުކުރިއެވެ. ސިވިލް ކޯޓުން 07 މާރޗް 2019 ގައި ގްރީން ޓެކްސްގެ ގޮތުގައި 16,308 ޑޮލަރާއި ޖޫރިމަނާ ދައްކަން ޙުކުމްކުރިއެވެ. ކުންފުނިން 19 މާރޗް 2019 ގައި ހައިކޯޓަށް އިސްތިއުނާފުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓެކްސް ދައްކާ ފަރާތުން މީރާއަށް ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޝަކުވާއެއް ހުށަހަޅާފައިނުވާތީ، ޓެކްސް ހޯދުމަށް މީރާއިން ސިވިލް ކޯޓުގައި ކުރި ދަޢުވާގެ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތުމަކީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން އެދުނީ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި ނިންމުން ބާޠިލުކޮށް، މައްސަލަ ހައިކޯޓުން އަލުން ބަލަން އަމުރުކުރުމަށެވެ. ރަޖިސްޓްރާރ ބުނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ އިސްތިއުނާފުގެ ޙައްޤު އުފެދެނީ މީރާގެ ނިންމުމަށް އިޢުތިރާޟުކުރުމުން ކަމަށާއި، ޝަކުވާއެއް ހުށަހަޅާފައިނުވާތީ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ރަޖިސްޓްރާރ ޙަވާލާދިން ހައިކޯޓުގެ 2014/HC-A/01 ޤަޟިއްޔާއަކީ ސުޕްރީމް ކޯޓުގެ 2016/SC-A/23 ޤަޟިއްޔާއިން ބާޠިލުކުރެވިފައިވާ މައްސަލައެކެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 49 ވަނަ މާއްދާގައި ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހެޅުމުން ޢަމަލުކުރެވިދާނެ ގޮތްތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ށ) ގެ ދަށުން ލިބޭ އިސްތިއުނާފުކުރުމުގެ ޙައްޤު ހަނިނުކުރެވޭނެތީ، މި މައްސަލައަކީ ހައިކޯޓުން ބަލައިގަނެ ކުރިއަށް ގެންދަންޖެހޭ މައްސަލައެކެވެ.

ނިންމުން

ހައިކޯޓުގެ ފަނޑިޔާރުންގެ HC-RM/2019/82(NR) ނިންމުމުގައި…

ހައިކޯޓުގެ ފަނޑިޔާރުންގެ HC-RM/2019/82(NR) ނިންމުމުގައި ޙަވާލާދީފައިވާ ސަބަބުތަކަކީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ 1250/Cv-C/2018 ޤަޟިއްޔާއަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ނިންމައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑަށް އަންގައިފި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހައިކޯޓުގެ ނަންބަރު 2014/HC-A/01 ޤަޟިއްޔާއަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 ޤަޟިއްޔާއިން ބާޠިލުކުރެވިފައިވާ މައްސަލައެކެވެ.

HN2 ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 49 ވަނަ މާއްދާގައި ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހެޅުމުން ޢަމަލުކުރެވިދާނެ ގޮތްތައް ބަޔާންކުރެވިފައިވާއިރު، އެ މާއްދާގެ (ށ) ގެ ދަށުން ލިބިދެވޭ އިސްތިއުނާފުކުރުމުގެ ޙައްޤު ހަނިނުކުރެވޭނެތީ، ޓެކްސް ހޯދުމަށް ސިވިލް ކޯޓުގައި ކުރާ ދަޢުވާއެއްގެ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލައަކީ ހައިކޯޓުން ބަލައިގަނެ ކުރިއަށް ގެންދަންޖެހޭ މައްސަލައެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
ޑރ. އަޒްމިރާލްދާ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު:

2020/SC-HCL/12

މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު:

(2019/SC-A/104) 2020/SC-L/156

ހުށަހެޅުނު ތާރީޚު:

08 ސެޕްޓެމްބަރ 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:

ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-420/2006)

ޢާންމު ނަން:

ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑް

ދާއިމީ އެޑްރެސް:

ގ. ނީމު، ދެވަނަ ފަންގިފިލާ

މިހާރުގެ އެޑްރެސް:

ގ. ނީމު، ދެވަނަ ފަންގިފިލާ

ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު:

HC-RM/2019/41

ހުށަހެޅުނު ތާރީޚު:

10 ޖޫން 2019ނިމުނު ތާރީޚު:

24 ޖޫން 2019

ހުށަހެޅިފައިވާ މައްސަލަ

[1]ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2018 ޤަޟިއްޔާގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ފަރާތުން ޤާނޫނު ނަންބަރު 02/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން، ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުން ގްރީން ޓެކްސްގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ އެ ފައިސާއާއި، ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާއާއި، އަދި އަރަމުންދާ ޖޫރިމަނާ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކުރިއެވެ. މީރާއިން ކޮށްފައިވާ މި ދައުވާއަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރު ކުރިއެވެ. އަދި ސިވިލް ކޯޓުގައި އިއުތިރާޒުތަކެއް ހުށަހަޅާފައިވާކަން އެނގެންއޮވެއެވެ. އެ ޤަޟިއްޔާގައި 07 މާރޗް 2019 ގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގްރީން ޓެކްސްގެ ގޮތުގައި USD16,308 (ސޯޅަހާސް ތިންސަތޭކަ އަށެއް ޑޮލަރު) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހި ނުދައްކާ އޮންނަކަމަށާއި، އަދި ކަނޑައެޅިފައިވާ ތާރީޚަށް ޤާނޫނުގައިވާގޮތުގެ މަތިން ޓެކްސް ދައްކާފައިނުވާތީއާއި ޓެކްސް ބަޔާންހުށަހަޅާފައިނުވާތީ، 07 މާރޗް 2019 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ދައްކަންޖެހޭ ކަމަށެވެ.

[2]ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 19 މާރޗް 2019 ގައި ހައިކޯޓަށް ހުށަހެޅިއެވެ. އަދި އެ މައްސަލާގައި ހައިކޯޓުގެ ނަންބަރު 95-CR/PRIV/2019/31 "ރަޖިސްޓްރާރގެ ނިންމުން" (19 މެއި 2019) ގައި ނިންމާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންވަނީ މީރާއިން ފޮނުވި އޮޑިޓް ނޯޓިސްއަކާ ގުޅިގެން މީރާއިން އަދަދެއް ކަނޑައެޅުމަށްފަހު އެކަން ޓެކްސް ދައްކާ ފަރާތަށް އެންގުމުން، އެކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި، އެ ޤާނޫނުން ބާރުލިބިގެން ހެދިފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގައިވާ އިޖުރާއަތުތަކާ އެއްގޮތަށް އިއުތިރާޒުކޮށް މީރާއަށް ހުށަހެޅުމުން، އެ ހުށަހެޅުމާއި ގުޅިގެން މީރާއިން ނިންމި ނިންމުމާއި މެދު ޓެކްސް ދައްކާ ފަރާތުން ހިތްހަމަ ނުޖެހޭނަމަ، އެ ނިންމުން ނިންމިތާ 30 ދުވަހުގެ ތެރޭގައި ކަމަށް ހައިކޯޓުގެ ނަންބަރު 2014/HC-A/277 ޤަޟިއްޔާއިން އެނގެންއޮންނަކަމަށެވެ. އަދި މީރާއިން ނިންމާ ނިންމުމެއް ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފުކުރުމަށް އަދި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާފައިނުވުމަކީ ތަޤާދުމުގެ އުޞޫލުން އެ ނިންމުމަކީ ނިހާއީ ނިންމުމެއް ކަމުގައި ބެލެވޭނެ ކަމެއްކަމަށާއި، އެ ނިންމުމަކީ ތަންފީޒުކުރުމުގެ ބާރު ޤާނޫނީގޮތުން ލިބިފައިވާ ނިންމުމެއްކަމަށާއި، އަދި އެ ނިންމުމާއި އެއްގޮތަށް ޢަމަލުކުރުމާއިމެދު އިޢުތިރާޒުކުރުމަކީ ޓެކްސް ދައްކަންޖެހޭ ފަރާތަށް އޮތް ޙައްޤެއްނޫންކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭކަމަށް ހައިކޯޓުގެ ނަންބަރު 2014/HC-A/01ޤަޟިއްޔާއިން އުޞޫލު ކަނޑައަޅާފައިވާކަމަށެވެ.

[3]ނަމަވެސް، ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ އެކު ހުށަހެޅި އެއްވެސް ލިޔުމަކުން މީރާއަށް ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޓެކްސް އާއި ގުޅިގެން ދައްކަންޖެހޭ އަދަދާމެދު ޝަކުވާއެއް ހުށަހެޅިކަން އެނގެންނެތަތީ، ހައިކޯޓުގެ ނަންބަރު 2014/HC-A/01 އަދި ނަންބަރު 2014/HC-A/277 ޤަޟިއްޔާއާ ޙާވާލާދީ އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.

[4]ބުނެވުނު ހައިކޯޓުގެ "ރަޖިސްޓްރާރގެ ނިންމުން" މުރާޖަޢާކޮށްދިނުމަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގެ ނަންބަރު HC-RM/2019/41 ފޯމުން ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު HC-RM/2019/82(NR) "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތުގެ ރިޕޯޓު" (24 ޖޫން 2019) ގައި ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ ރަޖިސްޓްރާރގެ ނިންމުން ބިނާކޮށްފައިވަނީ ހަރުދަނާ އަސާސެއްގެ މައްޗަށްކަމަށް ފެންނާތީ އާއި ނިންމުމަށް ބަދަލުގެންނަންޖެހޭ މަޤުބޫލު ސަބަބެއް ހުށަހަޅާފައިނުވާތީ، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.

[5]ހުށަހެޅިފައިމިވާ މައްސަލައަކީ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖޭހޭ ތަނެއްނެތްކަމަށް ކަނޑައަޅައި ހައިކޯޓުގެ ފަނޑިޔާރުން މުރާޖަޢާކޮށް ނިންމި ނިންމުން ބާޠިލުކޮށްދިނުމަށާއި، އެ މައްސަލަ އެ ކޯޓުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/156 ފޯމުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން ބެލުނު މައްސަލައެވެ.

[6]ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2018 ޤަޟިއްޔާއަކީ ހައިކޯޓުން ބަލައިގަނެވެން ނެތް މައްސަލައެއްކަމަށް ރަޖިސްޓްރަރގެ ނިންމުމުން ނިންމާފައިވާއިރު، އެ ނިންމުމުގައި އެ މައްސަލަ ބަލައިގަނެވެން ނެތް ސަބަބު ބަޔާންކޮށް ޙަވާލާ ދީފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/01 ޤަޟިއްޔާއަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 ޤަޟިއްޔާއިން މިހާރު ބާތިލުކުރެވިފައިވާ މައްސަލައެއްކަން ފާހަގަކުރަމެވެ. އަދި ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 49 ވަނަ މާއްދާގައި ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހެޅުމުން ޢަމަލު ކުރެވިދާނެ ގޮތްތައް ބަޔާންކުރެވިފައިވާއިރު، އެ މާއްދާގެ (ށ) ގެ ދަށުން ލިބިދެވޭ އިސްތިއުނާފު ކުރުމުގެ ޙައްޤު ހަނިނުކުރެވޭނެތީ، ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2018 ޤަޟިއްޔާއަކީ ހައިކޯޓުން ބަލައިގަނެ ކުރިއަށް ގެންދަންޖެހޭ މައްސަލައެއްކަމަށް ދެކެމެވެ.

ނިންމުން

[7]އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1250/Cv-C/2018 ޤަޟިއްޔާއަކީ ހައިކޯޓުން ބަލައިގަނެވިދާނެ މައްސަލައެއްކަމަށް ނުފެންނަކަމަށް ހައިކޯޓުގެ ނަންބަރު 95-CR/PRIV/2019/31 "ރަޖިސްޓްރާރގެ ނިންމުން" ގައި ނިންމުމުން، އެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅުމުން، ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނަންބަރު HC-RM/2019/82(NR) "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތުގެ ރިޕޯޓު" ގައި ޙަވާލާދީފައިވާ ސަބަބުތަކަކީ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ނޫންކަމުން، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް އަންގައި، މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:

ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

19 ޞަފަރަ 1442

06 އޮކްޓޯބަރ 2020

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ