ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2023/34، (MISL)95-CR/PRIV/2023/13، HC-RM/2022/68، 95-CR/PRIV/2022/54، TAT-GA-GR/2019/030
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ TAT-GA-GR/2019/030 ގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/PRIV/2022/54 ގައި ބަލައިނުގަނެ، ފަނޑިޔާރުން HC-RM/2022/68 ގައި އެ ނިންމުން ބާޠިލުކުރިއެވެ. އަލުން ހުށަހެޅުމުން ރަޖިސްޓްރާރ (MISL)95-CR/PRIV/2023/13 ގައި ބަލައިނުގަނެ، ފަނޑިޔާރުން HC-RM/2023/34 ގައި އެ ނިންމުމަށް ބަދަލެއް ނުގެނައެވެ.
- ވާޤިޢާ
- ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އިސްތިއުނާފު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގެ 30 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ކަމަށް ބުނެ ރަޖިސްޓްރާރ ބަލައިނުގަތެވެ. 22 ސެޕްޓެމްބަރ 2022 ގައި ފަނޑިޔާރުން އެ ނިންމުން ބާޠިލުކޮށް، 02 އޮކްޓޯބަރ 2022 ގައި އީ-މެއިލުން ފޮނުވިއެވެ. ފަހުން ހުށަހެޅި އިސްތިއުނާފު ހައިކޯޓުގެ ގަވާއިދު (2011) ގެ 29 ވަނަ މާއްދާގެ (ޅ) ގެ 10 ދުވަހުގެ ތެރޭގައި އަލުން ހުށަހަޅާފައި ނުވާތީ ބަލައިނުގަތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރަޖިސްޓްރާރގެ ނިންމުން ގޯސްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމުމަށްފަހު، ހައިކޯޓުގެ ގަވާއިދު (2011) ގެ 29 ވަނަ މާއްދާގެ (ޅ) ގައިވާ 10 ދުވަހުގެ ތެރޭގައި މައްސަލަ އަލުން ހުށަހަޅަންޖެހޭ ޝަރުޠު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ މަދަނީ އިސްތިއުނާފުތަކަށް ހިނގާތޯއާއި، އެ މުއްދަތުގައި އަލުން ހުށަހަޅާފައިނުވާ މައްސަލަ ބަލައިނުގަތުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިން ބުނީ، ރަޖިސްޓްރާރގެ ދެވަނަ ނިންމުން މުރާޖަޢާކުރަން ހުށަހެޅި ސަބަބުތަކާމެދު ގޮތެއް ނުނިންމައި، ސަބަބު ބަޔާންނުކޮށް، ހައިކޯޓުގެ ގަވާއިދު (2011) ގެ 29 ވަނަ މާއްދާގެ (ޅ) ފުޅާކޮށް ގޯސްކޮށް މާނަކޮށް ތަޠުބީޤުކުރި ކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 42 ވަނަ މާއްދާއާ ޚިލާފަށް، އެ ޤާނޫނުގެ މަޤްޞަދަށް ރިޢާޔަތްނުކޮށް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ އިސްތިއުނާފީ ޙައްޤު ގެއްލޭގޮތަށް މައްސަލަ ނިންމި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 27 ވަނަ ބާބާއި 283 ވަނަ މާއްދާގައި އިސްތިއުނާފުގެ އިޖުރާއަތު ބަޔާންކޮށް، 42 ވަނަ މާއްދާގައި ދަޢުވާގެ އިޖުރާއަތު ފުރިހަމަކުރަން ކޯޓުން އަންގަންވާނެކަން ބުނެއެވެ. ފަނޑިޔާރުންގެ ނިންމުން ކުންފުންޏަށް 02 އޮކްޓޯބަރ 2022 ގައި ފޮނުވި، އެކަން އެނގިފައިވާކަން 09 މާރޗް 2023 ގެ ސިޓީއިން އެނގެއެވެ. ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ގަވާއިދަށް ޢަމަލުކުރެވޭތީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ޅ) ގެ 10 ދުވަހުގެ ޝަރުޠު މަދަނީ އިޖުރާއަތު ބަލައިގަނެއެވެ. އެހެންކަމުން މައްސަލަ ބަލައިނުގަތުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: (MISL)95-CR/PRIV/2023/13 ގެ ދަށުން މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/34 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމުގައި ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން، އިސްތިއުނާފުކުރެވޭ މައްސަލަތައް ބަލައިގަތުމުގައި ހައިކޯޓުގެ ގަވާއިދަށް ޢަމަލުކުރެވޭތީ، ހައިކޯޓުގެ ގަވާއިދަކީ މައްސަލަތައް ބަލައިގަތުމުގައި ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާއެކު ޢަމަލުކުރެވޭ ގަވާއިދެކެވެ.
HN2 ހައިކޯޓުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރގެ ނިންމުން ގޯސްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާ މައްސަލައެއް، ފަނޑިޔާރުން ނިންމާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އަލުން ހުށަހަޅަންޖެހޭނެ ކަމަކީ ހައިކޯޓުގެ މަދަނީ އިޖުރާއަތު ބަލައިގަންނަ ކަމެކެވެ.
HN3 ރަޖިސްޓްރާރގެ ނިންމުން ގޯސްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމުމަށްފަހު، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ޅ) ގައިވާ އިޖުރާއަތާ އެއްގޮތަށް 10 ދުވަހުގެ ތެރޭގައި އަލުން ހުށަހަޅާފައިނުވާ މައްސަލައެއް ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- މަޙާޒު ޢަލީ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2023/SC-HCL/23
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2023/SC-L/97
ހުށަހެޅުނު ތާރީޚު: 13 އޮގަސްޓް 2023
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑް
ޢާންމު ނަން: ބެއަރފުޓް
ދާއިމީ އެޑްރެސް: ގ. ހުދުރުވާގެ، މާލެ
މިހާރުގެ އެޑްރެސް: ގ. ހުދުރުވާގެ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2023/34
ހުށަހެޅުނު ތާރީޚު: 21 މެއި 2023
ނިމުނު ތާރީޚު: 11 ޖުލައި 2023
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-GA-GR/2019/030 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މި އިސްތިއުނާފީ މައްސަލައާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ އެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ކަމަށްވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅައެވެ.
[2]4.2- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-GA-GR/2019/030 މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން މުރާޖަޢާކޮށް ދިނުމަށް އެދި ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.
[3]4.3- ހައިކޯޓުގެ ނަންބަރު 68/HC-RM/2022 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމާފައިވަނީ، ހައިކޯޓުގެ ނަންބަރު 54/95-CR/188/2022 "ރަޖިސްޓްރާރގެ ނިންމުން" ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭ ކަމަށް ކަނޑައަޅައެވެ.
[4]4.4- ހައިކޯޓުގެ ނަންބަރު 54/95-CR/188/2022 "ރަޖިސްޓްރާރގެ ނިންމުން" ހައިކޯޓުގެ ފަނޑިޔާރުން ބާޠިލް ކުރުމާ ގުޅިގެން އެ ނިންމުން އިސްތިއުނާފު ކުރުމަށް ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. މި އިސްތިއުނާފާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، "ހުށަހެޅިފައިވާ އިސްތިއުނާފު ފޯމެއް ބަލައި ނުގަތުމަށް ރަޖިސްޓްރާރ ނިންމާ ނިންމުން އަލުން ބަލައި ދިނުމަށް އެދި ހައިކޯޓުގެ ޤަވާއިދު 2011 ގެ 17 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތަކާމެދު ފަނޑިޔާރުން ގޮތެއް ނިންމަވާއިރު، ރަޖިސްޓްރާރގެ ނިންމުން ގޯސްކަމަށް ނިންމައިފިނަމަ އެ މައްސަލައެއް 10 ދުވަހުގެ ތެރޭގައި އަލުން ހުށަހަޅަންޖެހޭ ކަމަށް، އެ ޤަވާއިދުގެ 29 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައި އޮންނަ އިރު، ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަޔާންވެދިޔަ އިޖުރާއަތާ އެއްގޮތަށް އެ މައްސަލަ އަލުން ހުށަހަޅާފައި ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅައެވެ.
[5]4.5- މިގޮތަށް ހައިކޯޓުން ނިންމުމުން ހައިކޯޓުގެ އެ ނިންމުން މުރާޖަޢާ ކުރުމަށް އެދި ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅިއެވެ. މި ހުށަހެޅުމާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ، ރަޖިސްޓްރާރގެ ނިންމުން ބަދަލުކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ދެއްކިފައިނުވާތީ އެ ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް ކަނޑައަޅައެވެ.
[6]4.6- ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓަށް މައިގަނޑު 02 (ދޭއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ:
(ހ) ރަޖިސްޓްރާރގެ ދެވަނަ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ބެއަރފުޓުން ހުށަހެޅި ސަބަބުތަކާ މެދު ގޮތެއް ނުނިންމައި އަދި ފަނޑިޔާރުން ނިންމި ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުމެއް ނެތި ހައި ކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ޅ) އިން ދޭހަވާ މާނައަށް ވުރެ ފުޅާކޮށް އެ މާއްދާ މާނަކޮށް އަދި އެ މާއްދާގައި ނުހިމެނޭ ކަންތަކެއް ހިމެނޭ ކަމަށް ބަލައިގެން ހައި ކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ޅ) ގޯސްކޮށް މާނަކޮށް ތަތުބީގުކޮށްފައިވުން.
(ށ) މަދަނީ އިޖުރާއަތުގެ ގާނޫނު ގެ 42 ވަނަ މާއްދާއާ ހިލާފަށް އިޖުރާއަތު ހިންގައި، މަދަނީ އިޖުރާއަތުގެ ގާނޫނު ތައާރަފްކުރީ ކޮން އުނިކަމެއް ފޫބެއްދުމަށްޓަކައި ކަމާއި ކޮން ހައްލެއް ހޯދައިދިނުމަށް ކަމަށް ރިއާޔަތްނުކޮށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭ އިސްތިއުނާފީ ހައްގު ގެއްލޭ ގޮތަށް މައްސަލަ ނިންމައިފައިވުން. މިއެވެ.
[7]4.7- ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އަންނަނިވި ކަންކަން ފާހަގަވެއެވެ.
[8]4.8- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ސައްބީސްވަނަ ބާބުގައި މަދަނީ މައްސަލަތައް މަތީ މަރުޙަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރާނެ ގޮތުގެ އިޖުރާއަތުތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން މި ޤާނޫނުގެ 283 ވަނަ މާއްދާގައި ބަޔާންކުރަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ އިޖުރާއަތުތަކެވެ.
[9]4.9- ހަމަ އެފަދައިން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 42 ވަނަ މާއްދާގައި، ކޯޓަށް ހުށަހެޅޭ ދަޢުވާއެއްގެ އިޖުރާއަތު ފުރިހަމަނުވާނަމަ، އެ އިޖުރާއަތެއް ފުރިހަމަކުރުމަށާއި، ދަޢުވާއަކާ ގުޅިގެން ހުށަހެޅޭ ލިޔެކިޔުމާއި، ދަޢުވާއަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެ ނޫންވެސް ކަންކަން ފުރިހަމަ ކުރުމަށް ކޯޓުން އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
[10]4.10- މި މައްސަލައަށް ބަލާއިރު، ހައިކޯޓުގެ ނަންބަރު 68/HC-RM/2022 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" 02 އޮކްޓޯބަރ 2022 ގައި ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑަށް އީ-މެއިލް މެދުވެރިކޮށް ފޮނުވާފައިވާކަން ހައިކޯޓުގެ ފަނޑިޔާރުން ފާހަގަ ކޮށްފައިވެއެވެ. އަދި 22 ސެޕްޓެމްބަރ 2022 ގައި މައްސަލަ ބަލައިގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި ގޮތް އެ ކުންފުންޏަށް އެނގިފައިވާކަން 09 މާރޗް 2023 ގައި އެ ކުންފުނީގެ ފަރާތުން ހައިކޯޓަށް ފޮނުވާފައިވާ ސިޓީއިން އެނގެއެވެ.
[11]4.11- ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދަށް ބަލާއިރު، އިސްތިއުނާފު ކުރެވޭ މައްސަލަތައް ބަލައިގަތުމުގައި ޤާނޫނުގައި ނުވަތަ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންވެފައިވާ ކަންކަމުގައި "ހައިކޯޓުގެ ގަވާއިދަށް" ޢަމަލު ކުރެވޭނެކަން އެ ގަވާއިދުގެ 38 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ. ވުމާއެކު، ހައިކޯޓުގެ ގަވާއިދަކީ، މައްސަލަތައް ބަލައިގަތުމުގައި ހައިކޯޓުގެ މަދަނީ އިޖުރާއަތު ގަވާއިދު ދަންނަ، އަދި އެ ގަވާއިދަކަށް ޢަމަލު ކުރެވޭ ގަވާއިދެއް ކަންއެނގެއެވެ.
[12]4.12- ކަންމިހެން އޮތުމުން، ހައިކޯޓުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރގެ ނިންމުން ގޯސް ކަމަށް ހައިކޯޓުގެ ނިންމާ ނިންމުންތައް އެ މައްސަލައެއް ފަނޑިޔާރުން ނިންމާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އަލުން ހުށަހަޅަންޖެހޭނެ އޮންނަ އޮތުމަކީ، ހައިކޯޓުގެ މަދަނީ އިޖުރާއަތު ބަލައިގަންނަ ކަމެއްކަން އެނގެއެވެ. ވުމާއެކު، މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ނުދެކެމެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު (MISL)95-CR/PRIV/2023/13 "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" (09 މެއި 2023) އިސްތިއުނާފުކުރުމަށް އެދި ބެއަރފުޓް ނޫމަޑި ހޮޓެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅައިފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމުގައި ކަނޑައަޅައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
މުޙައްމަދު އިބްރާހީމް
20 ޞަފަރު 1445
05 ސެޕްޓެމްބަރ 2023
ފުޓްނޯޓު
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/PRIV/2022/54 'ރަޖިސްޓްރާރ ނިންމުން'
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (MISL)95-CR/PRIV/2023/13 "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" (09 މެއި 2023)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 34/HC/RM/2023 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް. (11 ޖުލައި 2023)
- ޤާނޫނު ނަންބަރު 32/2021
- ޤާނޫނު ނަންބަރު 32/2021
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 280 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 42 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 27 ވަނަ ބާބު
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދު (2011) ގެ 17 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދު (2011) ގެ 29 ވަނަ މާއްދާގެ (ޅ)
- ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 38 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.