އިބްރާހީމް އިސްމާޢީލް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2023/62، 95-CR/INDIV/2023/314، 1924/Cv-C/2020
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 1924/Cv-C/2020 ގައި ނިންމީ، އެމްޑީއެންގެ ރަޖިސްޓްރީ ބާޠިލުކުރި ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅާނެ ހަމައެއް ނެތްކަމަށެވެ. އޭގެ އިސްތިއުނާފުކުރުމުގެ މަޞްލަޙަތު އިބްރާހީމް އިސްމާޢީލަށް އޮތްކަން ނޭނގޭތީ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2023/314 ގައި މައްސަލަ ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/62 ގައި އަޣްލަބިއްޔަތުން އެ ނިންމުން ދެމެހެއްޓިއެވެ.
- ވާޤިޢާ
- ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާ ޙަވާލާދީ 32 ވަނަ މާއްދާގެ ދަށުން، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (އެމްޑީއެން) ގެ ރަޖިސްޓްރީ 2019 ގައި ޖަމްޢިއްޔާތަކާބެހޭ ރަޖިސްޓްރާރ ބާޠިލުކުރިއެވެ. އެގްޒެކްޓިވް ޑިރެކްޓަރ ހުށަހެޅި ދަޢުވާ ސިވިލް ކޯޓުން ނިންމުމުން، ޚަޞްމެއް ނޫން އިބްރާހީމް އިސްމާޢީލް، މެމްބަރެއްގެ ޙައިޘިއްޔަތާއި އެމްޑީއެންއާ ހެދި އެއްބަސްވުމާއި އާންމު މަޞްލަޙަތު ފާހަގަކޮށް އިސްތިއުނާފުކުރުމުގެ ހުއްދައަށް ހައިކޯޓަށް އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމެއް މުރާޖަޢާކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނީ ކޮން ކަމަކަށްތޯއާއި، ހުރިހާ ސަބަބަކާމެދު ގޮތެއް ނުނިންމި ނަމަވެސް ނިންމުމުގެ ޤާނޫނީ އަސާސާމެދު ނިންމުމަކީ އެކަށީގެންވާ މުރާޖަޢާއެއްތޯއާއި، ރަޖިސްޓްރާރގެ ސަބަބުތައް ރަނގަޅުކަމަށް ބުނެ ތާއީދުކުރާ ފަނޑިޔާރުގެ ރައުޔަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ (5) ގައިވާ ސަބަބު ބަޔާންނުކުރުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިބްރާހީމް އިސްމާޢީލް ބުނީ، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރި އެއް ފަނޑިޔާރެއްގެ ރައުޔު ބިނާކުރި ގޮތެއް ނޭނގޭ ކަމަށާއި، އަނެއް ފަނޑިޔާރުގެ ރައުޔުގެ ސަބަބުތަކާ ހުށަހެޅި ސަބަބުތަކާ ގުޅުން ކުޑަ ކަމަށާއި، ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކުރި ގޮތެއް ނިންމުމުގައި ނެތުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ (5) އަދި (ށ) އާއި، ސުޕްރީމް ކޯޓުގެ 2023/SC-HCL/24 އާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމުގައި ބަލަނީ އެ ނިންމުމުގެ ޤާނޫނީ ސަބަބުތަކާއި އަސާސްތަކުގެ ޞައްޙަކަމަށެވެ. ރަޖިސްޓްރާރ ބިނާކުރީ އެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ށ) ގެ މަޞްލަޙަތަށް ކަމަށްވާއިރު، އެކަމާމެދު ފަނޑިޔާރުން އަޣްލަބިއްޔަތުން ނިންމާފައިވާތީ، ހުރިހާ ސަބަބަކާމެދު ގޮތެއް ނުނިންމި ނަމަވެސް މުރާޖަޢާކޮށްފައިވަނީ އެކަށީގެންވާ މިންވަރަށެވެ. ރަޖިސްޓްރާރގެ ސަބަބުތަކަށް ތާއީދުކުރާ ފަނޑިޔާރަކު އެ ސަބަބުތައް އަލުން ނަކަލުކުރަން ނުޖެހޭއިރު، އެކަން ބަޔާންކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ (5) ގައިވާ ސަބަބު ނެތުމެއް ނޫނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 1924/Cv-C/2020 ގަޒިއްޔާ އިސްތިއުނާފުކުރުމުގެ މަޞްލަޙަތު އިބްރާހީމް އިސްމާޢީލަށް އޮތްކަން ނޭނގޭތީ މައްސަލަ ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ދެމެހެއްޓި HC-RM/2023/62 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމެއް މުރާޖަޢާކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކުރާނީ ރަޖިސްޓްރާރ އޭނާގެ ނިންމުމަށް ވާޞިލުވީ ޤާނޫނީ ސަބަބުތަކާއި، އެ ނިންމުމުގެ ޤާނޫނީ އަސާސްތަކުގެ ޞައްޙަކަމަށެވެ.
HN2 ރަޖިސްޓްރާރގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ހުށަހަޅާ ހުރިހާ ސަބަބުތަކާމެދު ފަނޑިޔާރުން ގޮތެއް ކަނޑަނޭޅި ނަމަވެސް، ރަޖިސްޓްރާރގެ ނިންމުން ބިނާކޮށްފައިވާ ޤާނޫނީ އަސާސާ ގުޅޭގޮތުން ފަނޑިޔާރުން ގޮތެއް ނިންމާފައިވާނަމަ، ރަޖިސްޓްރާރގެ ނިންމުމަށް ވާޞިލުވީ ޤާނޫނީ ސަބަބުތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށް ވަޒަންކުރުމަށްފަހު އެ ނިންމުން މުރާޖަޢާކޮށްފައިވާ ކަމުގައި ބެލެވޭނެއެވެ.
HN3 ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމެއް ފަނޑިޔާރުންގެ މަޖިލީހުން މުރާޖަޢާކުރުމުގައި، ރަޖިސްޓްރާރގެ ނިންމުން ބިނާކޮށްފައިވާ ސަބަބުތަކަށް ފަނޑިޔާރު ތާއީދުކުރާނަމަ، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތުގެ ރިޕޯޓުގައި އެ ސަބަބުތައް އަކުރުން އަކުރަށް އަލުން ނަކަލުކުރަން ނުޖެހޭނެއެވެ.
HN4 ރަޖިސްޓްރާރގެ ނިންމުމާއި އެ ނިންމުން ބިނާކުރި ސަބަބުތައް ރަނގަޅުކަމަށް މުރާޖަޢާކުރި ފަނޑިޔާރު ރިޕޯޓުގައި ބަޔާންކުރާނަމަ، އެއީ އެ ފަނޑިޔާރުގެވެސް ނިންމުމާއި ނިންމުން ބިނާކުރާ ސަބަބު ކަމުގައި ބެލެވޭނެއިރު، އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ (5) ގައި ބުނާ "ޙުކުމަށް ފަނޑިޔާރު ރުޖޫޢަވި ސަބަބު" ބަޔާންކޮށްފައި ނެތުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- އެބައޮތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/02
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2023/SC-L/132
ހުށަހެޅުނު ތާރީޚު: 11 ޑިސެމްބަރު 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: އިބްރާހީމް އިސްމާޢީލް
ޢާންމު ނަން: އިބްރާ
ދާއިމީ އެޑްރެސް: މއ. ބޯގަންވިލާ، މާލެ
މިހާރުގެ އެޑްރެސް: މއ. ބޯގަންވިލާ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2023/62
ހުށަހެޅުނު ތާރީޚު: 17 ސެޕްޓެމްބަރު 2023
ނިމުނު ތާރީޚު: 30 އޮކްޓޯބަރު 2023
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން ދިޔަ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (މީގެ ފަހުން "އެމްޑީއެން" ކަމަށް ބުނެފައިވާ) ގެ ރަޖިސްޓްރީ، ބުނެވުނު ޤާނޫނުގެ މ.19 (ހ) އަދި (ށ) އާ ޙަވާލާދީ އެޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން 05 ނޮވެމްބަރ 2019 ގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުގައިވާ ޖަމްޢިއްޔާތަކާބެހޭ ރަޖިސްޓްރާރ ބާޠިލްކުރިއެވެ.
[2]4.2 ޖަމްޢިއްޔާތަކާބެހޭ ރަޖިސްޓްރާރގެ މި ނިންމުމަކީ ޤާނޫނުއަސާސީގެ މ.30 (ށ) އިން ކަށަވަރުކޮށްދީފައިވާ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ މިނިވަންކަމާއި، ގާނޫނުއަސާސީގެ މ.43 ގައި ބުނެފައިވާ އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތަށް ކަންކުރުމުގެ ހައްޤާއި، ޤާނޫނޫ ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާ ޚިލާފު ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި ދިނުންއެދި އެމްޑީއެންގެ އެގްޒެކްޓިވް ޑިރެކްޓަރ، މއ. ބޯގަންވިލާ، މާލެ، ޝަހިންދާ އިސްމާޢީލް ގެ ފަރާތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މައްޗަށް ދަޢުވާކޮށް 16 ސެޕްޓެމްބަރ 2020 ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 1924/Cv-C/2020 ގަޒިއްޔާއިންނެވެ.
[3]4.3 ސިވިލް ކޯޓުގެ ނަންބަރު 1924/Cv-C/2020 ގަޒިއްޔާއިން ބެލި މައްސަލަ 28 މާރިޗު 2023 ގައި ނިންމާފައިވަނީ ޖަމްޢިއްޔާތަކާބެހޭ ރަޖިސްޓްރާރގެ ނިންމުމަކީ ޤާނޫނުއަސާސީގެ މ.30 (ށ) އާއި މ.43 އާއި ޤާނޫނޫ ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާ ޚިލާފު ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
[4]4.4 ސިވިލް ކޯޓުގައި ހިންގުނު އެކޯޓުގެ ނަންބަރު 1924/Cv-C/2020 ގަޒިއްޔާގައި މއ. ބޯގަންވިލާ، މާލެ، އިބްރާހީމް އިސްމާޢީލްގެ މަސްލަޙަތު ހިމެނޭކަމެއް ކަމަށްބުނެ އެ ގަޒިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އިބްރާހީމް އިސްމާޢީލްގެ ފަރާތުން 02 ޖުލައި 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ.
[5]4.5 އިބްރާހީމް އިސްމާޢިލް އަކީ ސިވިލް ކޯޓުގެ ނަންބަރު 1924/Cv-C/2020 ގަޒިއްޔާގެ ޙަސްމެއް ކަމަށް ނުވިނަމަވެސް، މި މައްސަލަ އިސްތިއުނާފުކުރުމުގައި އިބްރާހީމް އިސްމާޢީލްގެ މަސްލަޙަތު އޮތްކަން ސާބިތުކުރުމަށްޓަކައި އިބްރާހީމް އިސްމާޢީލްގެ ފަރާތުން މައިގަނޑު 3 ސަބަބެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އެއީ،
(ހ) ޤާނޫނުއަސާސީއިން ލިބިދީފައިވާ ޖަމްއިއްޔާ ހަދައިގެން އުޅުމުގެ ހައްގަށް އުނިކަން ލިބޭތީ އެމްޑީއެންގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން ދައުވާ ކުރުމުގެ މަސްލަޙަތު ލިބިފައިވުން.
(ށ) ވަކި އުޖޫރައެއް ދޭގޮތަށް ޖަމްޢިއްޔާއަށް އެހީ އާއި ލަފާ ފޯރުކޮށްދިނުމުގެ ގޮތުން އެމްޑީއެން އާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދައުވާ ކުރުމުގެ މަސްލަޙަތު ލިބިފައިވުން.
(ނ) އެމްޑީއެން އުވާލަން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅާނެ ހަމައެއް ނެތްކަމުގައި ސިވިލް ކޯޓުން ނިންމި ނިންމުން ނިހާއީ ޙުކުމަކަށް ވެއްޖެނަމަ، ގާނޫނުއަސާސީއިން ލިބިދޭ ހައްޤުތަކަށް އުނިކަން އަންނާނޭކަމަށާއި، އެހެންކަމުން މި މައްސަލައަކީ އާންމު މަސްލަހަތު އެކަމުގައި ހިމެނޭ ދުސްތޫރީ މައްސަލައެއް ކަމުގައިވުން.
[6]4.6 އިބްރާހީމް އިސްމާޢީލްގެ ފަރާތުން ހުށަހެޅި މި މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމިއެވެ. އެ ނިންމުމުގައި ހައިކޯޓުގެ ރަޖިސްޓްރާރ ބުނެފައިވަނީ އިބްރާހީމް އިސްމާޢީލް އާއި އެމްޑީއެން އާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރެވޭނެފަދަ ކަންކަން އިބްރާހީމް އިސްމާޢިލްގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށާއި އަދި މި މައްސަލަ އާންމު މަސްލަހަތާ ގުޅިފައިވާ ގޮތަކީ ކޮބައިކަން އިބްރާހީމް އިސްމާޢީލްގެ ފަރާތުން ބަޔާންކޮށްދީފައި ނުވާކަމަށެވެ. އަދި އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 1924/Cv-C/2020 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މއ. ބޯގަންވިލާ، އިބްރާހީމް އިސްމާޢީލް އަށް މި މައްސަލަ އިސްތިއުނާފުކުރުމުގެ މަޞްލަޙަތު އޮތްކަން އެނގެން ނެތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ މ.31 (ށ) އަށް ޙަވާލާދީ ހައިކޯޓަށް މި މައްސަލަ ބަލައިގަނެވެން ނެތްކަން އަންގާކަމަށެވެ. ހައިކޯޓުގެ ރަޖިސްޓްރާރގެ މި ނިންމުން މުރާޖަޢާކުރުން އެދި 17 ސެޕްޓެންބަރު 2023 ގައި އިބްރާހީމް އިސްމާޢިލްގެ ފަރާތުން ހުށަހެޅިއެވެ.
[7]4.7 ހައިކޯޓުގެ ރަޖިސްޓްރާރގެ އިސްވެ ބުނެވުނު ނިންމުން މުރާޖަޢާ ކުރުން އެދި އިބްރާހީމް އިސްމާޢީލްގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ ޖަމްޢިއްޔާއެއްގެ މެމްބަރަކަށް ވުމުގެ ސަބަބުގެ މައްޗަށް އެކަނި ބިނާކޮށް އިސްތިއުނާފުކުރުމުގެ ހައްގު އުފަންވާވަރުގެ މަސްލަހަތެއް އޮތްކަމަށް ނުދެކޭކަމަށާއި، އެމްޑީއެންއާ އިބްރާހިމް އިސްމާޢީލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްޑީއެންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން ދައުވާކުރުމުގެ ހައިސިއްޔަތު އިބްރާހީމް އިސްމާޢީލަށް ލިބޭކަމަށް ނުދެކޭކަމަށެވެ. އަދި ވަކި ޖަމްއިއްޔާއެއް އުވާލުމާ ގުޅިގެން ހުށަހެޅި މައްސަލައެއް ޤާނޫނު އަސާސީއާ ޚިލާފުކަމަށް ބުނެ ހުށަހަޅާ ކޮންމެ އިސްތިއުނާފެއް އޭގެ ޒާތުގައި ދުސްތޫރީ މައްސަލައަކަށް ބަދަލުވެގެން ނުދާނެކަމަށެވެ. އެހެންކަމުން، ރަޖިސްޓްރާރ ގެ ނިންމުމުގައި ބަޔާންކޮށްދީފައިވާ ސަބަބުތައް ރަނގަޅުކަމަށާއި އިބްރާހީމް އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށެވެ.
[8]4.8 މިއީ ސިވިލް ކޯޓުގެ ނަންބަރު 1924/Cv-C/2020 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އެދި އިބްރާހީމް އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތްކަމަށް އެ ކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް ތާއީދުކޮށް އެ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަކީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިނަމާފައިވާ ނިންމުމެއް ކަމަށްބުނެ، ހައިކޯޓުގެ ފަނޑިޔާރުންގެ އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިބްރާހީމް އިސްމާޢީލްގެ ފަރާތުން އިސްތިއުނާފުކުރުމުން ބެލުނު މައްސަލައެވެ.
[9]4.9 އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިބްރާހީމް އިސްމާޢީލްގެ ފަރާތުން ހުށަހެޅި ފޯމު ގައި ބުނެފައިވަނީ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކުރި އެއް ފަނޑިޔާރެއްގެ ރައުޔު ބިނާކުރެއްވި ގޮތެއް އެނގެން ނެތްކަމަށާއި އަދި އެހެން ފަނޑިޔާރެއްގެ ރައުޔުގައި ލިޔުއްވާފައިވާ ސަބަބުތަކާ ހުށަހެޅިފައިވާ ސަބަބުތައް ގުޅުން ކުޑަކަމަށެވެ. އަދި މިކަންތަކަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ މ.261 (ހ) (5) އަދި (ށ) އާއި އަދި ސުޕްރީމް ކޯޓުގެ ނިންމެވުން ނަންބަރު 2023/SC-HCL/24 ގެ 4.19 އިން 4.22 އަށް ބަޔާންކޮށްފައިވާ ކަންކަމާ އަދި ޤާނޫނުއަސާސީގެ މ.143 (ރ) އާ ޚިލާފު ކަންތައްކަތެއް ކަމަށެވެ.
[10]4.10 އަދި މީގެ އިތުރަށް އިބްރާހީމް އިސްމާޢިލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްވެ ބުނެވުނު ފޯމުގައި ބަޔާންކޮށްފައިވަނީ "ރަޖިސްޓްރާރގެ ނިންމުން ރަގަޅު ނޫންކަމަށް ދެކި ހުށަހެޅި ސަބަބުތަކަށް ރިޢާޔަތް ކޮށްފައިވާ ގޮތެއް، ތައުނު ކުރެވެނިވި ސިފައެއްގައި ނިންމެވުމުގައި ބަޔާންވެފައި ނެތް" ކަމަށާއި އަދި މިއީ ސުޕްރީމް ކޯޓުގެ ނިންމެވުން ނަންބަރު 2023/SC-HCL/24 ގެ 4.19 އިން 4.22 އަށް ބަޔާންކޮށްފައިވާ ކަންކަމާ އަދި ޤާނޫނުއަސާސީގެ މ.143 (ރ) އާ ޚިލާފު ކަންތައްކަތެއް ކަމަށެވެ.
[11]4.11 ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމެއް މުރާޖައާކުރުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ މ.39 (ށ) ގައި އޮތީ އަންނަނިވި ގޮތަށެވެ.
(ށ) "ރަޖިސްޓްރާރގެ ނިންމުން އަލުން ބެލުމުގައި އަސާސެއްކަމުގައި ބަލަންވާނީ، ރަޖިސްޓްރާރގެ ނިންމުން ބިނާކުރި ޤާނޫނީ އަސާސްތަކެވެ."
އެހެންކަމުން، ރަޖިސްޓްރާގެ ނިންމުމެއް މުރާޖަޢާ ކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކުރާނީ ރަޖިސްޓްރާރ އޭނާގެ ނިންމުމަށް ވާސިލުވީ ޤާނޫނީ ސަބަބުތަކާއި، އެ ނިންމުމުގެ ގާނޫނީ އަސާސްތަކުގެ ސައްހަކަމަށެވެ.
[12]4.12 މި މައްސަލަ ބަލައިގަތުން ހައިކޯޓުގެ ރަޖިސްޓްރާރ ބިނާކޮށްފައި އޮތީ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ މ.31 (ށ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތުގެ މަސްލަހަތު މިމައްސަލައިގައި އޮތުމާއި ނެތުމަށެވެ. ރަޖިސްޓްރާރގެ ނިންމުން މުރާޖައާ ކުރުމުގައި، މި މައްސަލައިގައި އިބްރާހީމް އިސްމާޢީލްގެ މަސްލަހަތު އޮތުމާ ގުޅޭގޮތުން މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ގޮތެއް ނިންމާފައިވާކަން ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. އެހެންކަމުން،ރަޖިސްޓްރާރގެ ނިންމުން ރަގަޅު ނޫންކަމަށް ބުނެ އިބްރާހީމް އިސްމާޢީލް ހުށަހެޅި ހުރިހާ ސަބަބުތަކާމެދު ފަނޑިޔާރުން މި މަރުހަލާގައި ގޮތެއް ކަނޑަނޭޅި ނަމަވެސް، ރަޖިސްޓްރާރގެ ނިންމުން ފަނޑިޔާރުން މުރާޖަޢާކޮށްފައިވަނީ މައްސަލަ ބަލައިނުގަންނަން ރަޖިސްޓްރާރ ނިންމި ނިންމުމަށް ވާސިލުވީ ޤާނޫނީ ސަބަބުތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކޮށް، ވަޒަން ކުރުމަށްފަހު ކަމުގައި ދެކެމެވެ.
[13]4.13 ރަޖިސްޓްރަރ ނިންމާފައިވާ ނިންމުމެއް ފަނޑިޔާރުންގެ މަޖިލިހުން މުރާޖަޢާ ކުރުމުގައި، ރަޖިސްޓްރާރގެ ނިންމުން ބިނާކޮށްފައި އޮތް ސަބަބުތަކަށް ފަނޑިޔާރު ތާއީދު ކުރާނަމަ، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތުގެ ރިޕޯޓުގައި، އަކުރުން އަކުރަށް އެ ސަބަބުތައް އަލުން ނަކަލު ކުރަނެޖެހޭ ކަމަށް ނުދެކެމެވެ. އަދި ރަޖިސްޓްރާރ ނިންމުމާއި، އެނިންމުން ބިނާ ކުރި ސަބަބުތައް ރަގަޅުކަމަށް މުރާޖަޢާ ކުރި ފަނޑިޔާރު ރިޕޯޓުގައި ބަޔާންކުރާނަމަ އެއީ އެފަނޑިޔާރުގެވެސް ނިންމުންކަމުގައި އަދި ނިންމުން ބިނާކުރާ ސަބަބު ކަމުގައި ބެލުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ މ.261 (ހ) (5) ގައި ބުނާ "ހުކުމަށް ފަނޑިޔާރު ރުޖޫއަވި ސަބަބު" ބަޔާންކޮށްފައި ނެތުން ކަމަށް ނުދެކެމެވެ.
5. ނިންމުން
އިސްވެ ބަޔާންވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2023/62 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
އަޒްމިރާލްދާ ޒާހިރު
ޙުސްނުއްސުޢޫދު (ރިޔާސަތު)
ޢަލީ ރަޝީދު ޙުސައިން
12 ރަޖަބް 1445
23 ޖަނަވަރީ 2024
ފުޓްނޯޓު
- ރަޖިސްޓްރީ ނަންބަރު T/2006/64/36
- މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަންބަރު 141-CE/PRIV/2019/1496 ސިޓީ (05 ނޮވެމްބަރ 2019)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A039179
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A063911
- ރަޖިސްޓްރާރގެ ނިންމުން ނަންބަރު : 95-CR/INDIV/2023/314
- ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް ނަންބަރު : HC-RM/2023/62
- އިބމ
- އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު ނަންބަރު 2023/SC-L-132
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 1/2003) ގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 1/2003) ގެ 32 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 261 ވަނަ މާއްދާގެ (ހ) ގެ (5) އަދި (ށ)
- ސުޕްރީމް ކޯޓުގެ 2023/SC-HCL/24
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.