މާލެ ހައި ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2023/44، 95-CR/PRIV/2023/39، 2589/Cv-C/2022
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 2589/Cv-C/2022 ގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ދަޢުވާއަކީ ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ޙުކުމްކުރިއެވެ. އޭގެ އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/PRIV/2023/39 ގައި ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާގެ ދަށުން ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/44 ގައި އެ ނިންމުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- އެމް.އީ.އެސް ހިންގި ޢިމާރާތް ދޫކުރުމުގެ އެއްބަސްވުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބާޠިލުކުރުމުން މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ބަދަލު ހޯދުމުގެ ޙައްޤު ލިބޭކަމަށް ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން 2020/SC-A/111 ގައި ތާއީދުކުރިއެވެ. އޭގެފަހުން ތަނުކުއްޔާއި ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ދަޢުވާ ކުރިއެވެ. ހައިކޯޓުން މުއްދަތު ފަހަނައެޅިކަމަށް ބުނެ ފުރަތަމަ ހުއްދަ ނުދިން ނިންމުން ސުޕްރީމް ކޯޓުން 2023/SC-HCL/11 ގައި ބަދަލުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމުގައި ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ ތަޠުބީޤުކުރުމުން ނިންމުން ޤާނޫނާ ޚިލާފުވޭތޯއާއި، ސުޕްރީމް ކޯޓުން ކުރިން ބަލައިގަތުމަށް ނިންމި މައްސަލަ ތަފާތު ސަބަބަކާހުރެ ބަލައިނުގަތުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފުތޯއާއި، އިސްތިއުނާފީ ނުކުތާތަކާމެދު ސަބަބު ބަޔާންނުކޮށް ނިންމާ ނިންމުމެއް ޤާނޫނީ އުޞޫލުތަކާ އެއްގޮތްވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިން ބުނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 426 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޠުބީޤުވާނީ އެ ޤާނޫނުގެ 282 ވަނަ މާއްދާގެ (ހ) ކަމަށާއި، ސުޕްރީމް ކޯޓުން ބަލައިގަތުމަށް ނިންމި މައްސަލަ ބަލައިނުގަތުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމަށާއި، ނުކުތާތަކަށް ޖަވާބުނުދީ ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 އާއި 291 ވަނަ މާއްދާއާ ޚިލާފު ކަމަށާއި، ޤާނޫނުއަސާސީގެ 43 އާއި 65 ވަނަ މާއްދާގެ ޙައްޤުތަކުން މަޙްރޫމުވި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 282 ވަނަ މާއްދާއިން ދޭހަވަނީ އެއް ދޭހައެއް ކަމުން، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ ތަޠުބީޤުކުރުމަކީ ޚިލާފެއް ނޫނެވެ. ހައިކޯޓުން ދެވަނަ ފަހަރަށް ބަލައިނުގަތީ ތަފާތު ސަބަބަކާހުރެ ކަމުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ތަޠުބީޤެއް ނުވެއެވެ. ނަމަވެސް ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމަކީ އިސްތިއުނާފުކުރުމަށް ފުރިހަމަވާންޖެހޭ އަސާސީ ކަމެއް ކަމުން، އެއްވެސް ނުކުތާއަކާމެދު ވާހަކައެއް ބަޔާންނުކޮށް ފަނޑިޔާރުން ނިންމި ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނިންމުމެއް ނޫނެވެ. ކޯޒް އޮފް އެކްޝަން އެސްޓޮޕަލްގެ ވާޤިޢާތައް ސިވިލް ކޯޓުން ސާފުކޮށް ބަޔާންކޮށްފައި ނުވެއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ސިވިލް ކޯޓުގެ 2589/Cv-C/2022 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2023/44 ނިންމުން ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެންގި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 282 ވަނަ މާއްދާގައި ކޯޓެއްގެ ނިންމުމެއް އިސްތިއުނާފު ކުރެވޭނެ ހާލަތްތައް ބަޔާންކުރުމުގައި ޢިބާރާތް ކުރުމުގައި ތަފާތުތަކެއް ހުރި ނަމަވެސް، ދެ ޤާނޫނުން ދޭހަވަނީ އެއް ދޭހައެކެވެ. އެއީ ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވުން، ނުވަތަ ޤާނޫނު މާނަކުރުމުގައި ނުވަތަ ތަޠުބީޤު ކުރުމުގައި ގޯހެއް އޮތުމާއި، މައްސަލައިގެ ޙުކުމަށް އެކަމުގެ އަސަރުކުރުމެވެ.
HN2 މަދަނީ މައްސަލައެއްގައި އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ނިންމުމުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 426 ވަނަ މާއްދާގެ (ހ) ގައިވާ އުޞޫލުން އެ ޤާނޫނުގެ 282 ވަނަ މާއްދާގެ (ހ) ތަޠުބީޤު ނުކޮށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ ތަޠުބީޤުކުރުމަކީ އެކަމުގެ ސަބަބުން އިތުރު ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫނުވާތީ، ހަމައެކަނި އެ ސަބަބަށްޓަކައި އެ ނިންމުން ޤާނޫނާ ޚިލާފުވާކަމަށް ނުދެކެވޭނެއެވެ.
HN3 މައްސަލައެއް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުމެއް ޤާނޫނާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން ނިންމުމަށްފަހު، ދެވަނަ ފަހަރަށް އެ މައްސަލަ ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމާފައިވަނީ ސުޕްރީމް ކޯޓުން ކުރިން ނިންމި ސަބަބުތަކުގެ މައްޗަށް ނޫން، މުޅިން ތަފާތު ސަބަބަކާ ހުރެ ކަމުގައިވާނަމަ، އެއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ތަޠުބީޤު ކުރެވޭނެ ހާލަތެއް ނޫނެވެ.
HN4 ދަށު ކޯޓުގެ ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީގެ މާއްދާތަކުން ލިބިދޭ ޙައްޤުން މަޙްރޫމުވެފައިވާ ކަމަށް ބުނާ ނުކުތާއެއްގައި، އެ ނިންމުން އެ މާއްދާތަކާ ޚިލާފުވާ ގޮތެއް ބުނެދީފައި ނުވާނަމަ، އަދި ޖުމުލަ ގޮތެއްގައި އިންސާފު ހޯދުމަށް ހުރަސްއެޅިފައިވާ ވާހަކައާއި ދަށު ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ކަންވެފައިވާ ގޮތުގެ ވާހަކަ ފާހަގަކޮށްފައިވާ ނަމަ، އެ ނުކުތާއަކީ ގޮތެއް ކަނޑައެޅޭނެ ނުކުތާއެއް ނޫނެވެ.
HN5 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކުރެވޭނީ ހަމައެކަނި ކޯޓުގެ ޙުކުމްތަކެއް ނޫނެވެ. ކޯޓު އަމުރުތަކާއި އެ ނޫން ނިންމުންތަކާއި، ވަގުތީ އަމުރުތަކާއި، ޙުކުމް ތަންފީޛު ކުރާ ކޯޓުން ނިންމާ ނިންމުންތައް ވެސް އިސްތިއުނާފު ކުރެވެއެވެ.
HN6 މައްސަލަ ބަލައިގަތުމާމެދު ނިންމާ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމަށް ޞަރީޙަ މާއްދާއެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ނެތް ނަމަވެސް، ނިންމުމަކަށް ވާސިލުވި ސަބަބު ބަޔާންކުރުމަކީ އެ ނިންމުމެއް އިސްތިއުނާފު ކުރުމަށްޓަކައި އެ ނިންމުމުގައި ފުރިހަމަވާންޖެހޭ އަސާސީ ކަމެކެވެ.
HN7 ނިންމުމުގެ ސަބަބު ތަފުސީލުކޮށް ބަޔާންކޮށްގެން މެނުވީ، ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާގައިވާ ކޯޓުތަކުގެ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރުމުގެ ފުރުޞަތު ފޯރުކޮށްދެވޭނެ ގޮތެއް ނޯންނާނެއެވެ. އެހެނީ، ސަބަބުތައް ނެތްނަމަ ނިންމުމަށް ވާސިލުވި ސަބަބެއް ސާފެއް ނުވާނެ ފަދައިން، ނިންމުން ޤާނޫނާ ޚިލާފުވި ނަމަވެސް އެ ނިންމުން އިސްތިއުނާފު ކުރެވޭނެ ގޮތެއް ނޯންނާނެއެވެ.
HN8 ރަޖިސްޓްރާރގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ތަފުސީލާއެކު ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރެއިން އެއްވެސް ނުކުތާއަކާމެދު، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިންމި ގޮތުގައި އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާނަމަ، މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫނެވެ.
HN9 ދަށު ކޯޓުން ކޯޒް އޮފް އެކްޝަން އެސްޓޮޕަލް މައްސަލައަކަށް ތަޠުބީޤުކުރުމުގައި، ކުރިން ނިމިފައި ހުރި މައްސަލަތަކާއި އެ މައްސަލައިގެ ކޯޒް އޮފް އެކްޝަން އެސްޓޮޕަލް ބޭނުންކުރަންޖެހޭ ވާޤިޢާތައް ސާފުކޮށް ބަޔާންކޮށްފައި ނުވުމަކީ، އެ ނިންމުމަކީ އިސްތިއުނާފު ކުރުމަށް ހުއްދަ ދޭންޖެހޭ މައްސަލައެއްކަމުގައި ބެލުމަށް ބުރަވެވޭ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އަޙްމަދު މުޢުތަޞިމް ޢަދުނާން، މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- މަޙާޒު ޢަލީ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2023/SC-HCL/24
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2023/SC-L/103
ހުށަހެޅުނު ތާރީޚު: 20 ސެޕްޓެމްބަރ 2023
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: މާލެ ހައި ޕްރައިވެޓް ލިމިޓެޑް
ޢާންމު ނަން: މާލެ ހައި ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: މއ. ބޯގަންވިލާ، މާލެ
މިހާރުގެ އެޑްރެސް: މަންދު ކޮލެޖް
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2023/44
ހުށަހެޅުނު ތާރީޚު: 18 ޖޫން 2023
ނިމުނު ތާރީޚު: 29 އޮގަސްޓް 2023
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 މާލެ ހައި ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ދެމެދު އެމް.އީ.އެސް ހިންގި ޢިމާރާތް ދޫކުރުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އެ އެއްބަސްވުން ބާޠިލު ކުރުމާ ގުޅިގެން މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބުނު އެންމެހައި ބަދަލު ހޯދުމުގެ ޙައްޤު އޮތް ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކޮށް މައްސަލަ ނިންމާފައިވެއެވެ.
[2]4.2 ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެން، މާލެ ހައި ޕްރައިވެޓް ލިމިޓެޑް އިން ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިއެވެ. މި މައްސަލައިގައި ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާއިން ނިންމާފައިވަނީ ސީދާ ބަދަލުގެ ގޮތުގައި ޝަރީޢަތް ނިމެންދެން ކުންފުނީގެ މަސައްކަތް ހިންގުމަށް ޚަރަދު ކުރަންޖެހޭ ތަނުކުލި ހިމަނައި، ޙުކުމްކުރި ދުވަހާ ހަމައަށް ހިނގާފައިވާ ކުލި ހިސާބުކޮށް އެ ކުލި ދެއްކުމަށް އަމުރުކޮށެވެ. އަދި ދެ ފަރާތުން އެއްބަސްވެފައިވާ ގޮތާ އެއްގޮތަށް Specific performance ގެ ދަޢުވާ ނިމުމުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ދޭންޖެހޭ ބަދަލު ނިންމައި އެ ކުންފުންޏަށް ދައްކައި ޚަލާސްކުރުމަށް ނިންމި ނިންމުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އަދި ތަން ޙަވާލުކޮށްފައި ނުވާތީ އެ ކުންފުންޏަށް ލިބެންޖެހޭ ޚަރަދު ހޯދުމަށް އަދި މަހު ކުއްޔާ، ސީދާ ގެއްލުމުގެ ބަދަލު ދެއްކުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި މާލެ ހައި ޕްރައިވެޓް ލިމިޓެޑް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
[3]4.3 ސިވިލް ކޯޓުގެ ނަންބަރު 2589/Cv-C/2022 ޤަޟިއްޔާ ނިންމާފައިވަނީ، މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މައްޗަށް ހުށަހެޅި ދަޢުވާއަކީ، ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށެވެ.
[4]4.4 ސިވިލް ކޯޓުގެ ނަންބަރު 2589/Cv-C/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އެ ހުށަހެޅުން ބަލައި ނުގަނެ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމާފައިވެއެވެ. މި ނިންމުން މިގޮތުގެ މަތިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ނިންމުން އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތުމަށް ނިންމާ އެކަން ހައިކޯޓަށް އަންގާފައިވެއެވެ.
[5]4.5 ސުޕްރީމް ކޯޓުގެ މި އެންގުމާ އެއްގޮތަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑް އިން އެ މައްސަލަ ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ހައިކޯޓަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ދަށު ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނުވަތަ ދަށު ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށްދީފައި ނުވާތީ އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށްދީފައި ނުވާތީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުމުގައި ފާހަގަކުރާފަދަ ޤާނޫނީ ބަހުސެއް ހުށަހެޅިފައިވާ ކަމަށް ބެލެވެން ނެތަތީ، ހައިކޯޓުގެ ޤަވާއިދު (2011) ގެ 27 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ކަނޑައަޅައެވެ.
[6]4.6 ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް އެދި މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން ފަނޑިޔާރުންގެ ނިންމާފައިވަނީ ރަޖިސްޓްރާރގެ ނިންމުމަށް ތާޢީދުކޮށެވެ.
[7]4.7 ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓަށް މައިގަނޑު 04 (ހަތަރެއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ:
(ހ) ޤާނޫނު އަސާސީގެ 56 ވަނަ މާއްދާއާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 (ހ) (1) ގައި ބަޔާންކުރާ އިސްތިޢުނާފު ކުރުމުގެ ޙައްޤު ނިގުޅައިގަނެވިފައިވުން.
(ށ) ޤާނޫނު އަސާސީގެ 143 (ރ) އާއި ހައި ކޯޓުން ޚިލާފުވެފައިވުން.
(ނ) ޤާނޫނު ނަންބަރު 32/2021 "މަދަނީ އިޖުރާއަތުގެ ޤާނޫނު" ގެ 261 އާ ޚިލާފުވެފައިވުން ކަމާއި، އިތުރަށް މި ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ރެސްޖުޑިކާޓާގެ މަބްދައު ތަޠްބީޤްކޮށްފައިވަނީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށްކަން.
(ރ) ޤާނޫނުއަސާސީގެ 43 (ނ) އާއި 65 ވަނަ މާއްދާއިން ލިބިދޭ ޙައްޤުން މަޙްރޫމްވުން، މިއެވެ.
އިސްތިއުނާފު ކުރެވޭނެ ހާލަތުތައް
[8]4.8 މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ނުކުތާއަށް ބަލާއިރު، އެ ނުކުތާގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 426 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، މި މައްސަލައިގެ މައްޗަށް ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ ހައިކޯޓުން ތަޠުބީޤު ކުރި ކުރުން ރަނގަޅު ނޫންކަމުގައެވެ. އަދި މި މައްސަލައަށް ތަޠުބީޤުވާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 282 ވަނަ މައްދާ (ހ) ކަމުގައެވެ.
[9]4.9 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ އާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 282 ވަނަ މާއްދާއަށް ބަލާއިރު، އެ ދެ ޤާނޫނުގައިމެ ބަޔާންކޮށްފައިވަނީ ކޯޓެއްގެ ނިންމުމެއް އިސްތިއުނާފު ކުރެވޭނެ ހާލަތްތަކެވެ. ދެ ޤާނޫނުގެ ތެރެއިން މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އިސްތިއުނާފު ކުރެވޭނެ ޢާންމު ހާލަތު ބަޔާންކޮށް ދެމުން ބަޔާންވެފައިވަނީ، ކޯޓުގެ ނިންމުން ޤާނޫނުއަސާސީ އާއި، ނުވަތަ ޤާނޫނަކާ ޚިލާފުވެގެން ނުވަތަ ކޯޓުން ޤާނޫނު މާނަކޮށްފައިވަނީ ނުވަތަ ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައިވެފައި އެކަމުގެ ސަބަބުން މައްސަލައިގެ ނިންމުމަށް އަސަރު ކޮށްފައިވުމެވެ.
[10]4.10 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ބަލާއިރު، އެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައިވަނީ، "އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން" މި ފަދައިންނެވެ.
[11]4.11 މަތީގައިވާ މާއްދާތަކަށް ބަލާއިރު، ޢިބާރާތް ކުރުމުގައި ތަފާތު ތަކެއް ހުރި ނަމަވެސް، ދެ ޤާނޫނުން ދޭހަވަނީ އެއް ދޭހައެކެވެ. އެއީ ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވުމެވެ. ނުވަތަ ޤާނޫނު މާނަކުރުމުގައި ނުވަތަ ތަޠުބީޤު ކުރުމުގައި ގޯހެއް އޮތުމެވެ. އަދި މައްސަލައިގެ ޙުކުމަށް އެކަމުގެ އަސަރުކުރުމެވެ. ވުމާއެކު، މި މައްސަލައަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 426 ވަނަ މާއްދާގެ (ހ) ގައިވާ އުސޫލުން 282 ގެ (ހ) ތަޠުބީޤު ކޮށްފައިނެތުމަކީ އެކަމުގެ ސަބަބުން އިތުރު ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫނެވެ. އަދި މި ސަބަބަށްޓަކައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ނުދެކެމެވެ.
[12]4.12 މި ނުކުތާގައި ދެން އޮތް ސުވާލަކީ، ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ރަނގަޅު ހެއްޔެވެ؟ ތިންވަނަ ނުކުތާއާމެދު ގޮތް ނިންމުމުގައި މި ސުވާލަށް ޖަވާބު ލިބިގެންދާނެއެވެ.
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
[13]4.13 މި މައްސަލަ ހުށަހަޅަމުން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވާ ދެވަނަ ނުކުތާގައިވަނީ ކުރިން މި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުންވަނީ ކަނޑައަޅާފައިކަމުގައެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާއެކު މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މި މައްސަލަ ބަލައި ނުގަތުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމުގައެވެ.
[14]4.14 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެފައިވަނީ، "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމުގައެވެ.
[15]4.15 މާލެ ހައި ޕްރައިވެޓް ލިމިޓެޑުން މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މި މައްސަލަ ފުރަތަމަ ފަހަރަށް ބަލައި ނުގަތުމަށް ނިންމާފައިވަނީ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ބުނެފައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުން އިސްތިއުނާފުކޮށްފައިވާ ކަމުގައި ކަނޑައަޅައެވެ. އެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ސުޕްރީމް ކޯޓުން ނިންމުމަށްފަހު، ދެވަނަ ފަހަރަށް މި މައްސަލަ އެ ކޯޓަށް ހުށަހެޅުމުން އިސްތިއުނާފު ބަލައިގަނެފައިނުވަނީ އިސްތިއުނާފީ ނުކުތާތަކުން ސިވިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބެލެވޭ ސަބަބުތަކެއް ނެތްކަމުގައި ބުނެއެވެ.
[16]4.16 ކަން މިހެން އޮތުމުން ދެވަނަ ފަހަރަށް ހައިކޯޓުން މި މައްސަލައިގެ އިސްތިއުނާފު ދެވަނަ ފަހަރަށް ބަލައި ނުގަތުމަށް ނިންމާފައިވަނީ، ސުޕްރީމް ކޯޓުން ކުރިން ނިންމި ސަބަބުތަކުގެ މައްޗަށް ނޫނެވެ. މުޅިން ތަފާތު ސަބަބަކާ ހުރެއެވެ. ވުމާއެކު، މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ތަޠުބީޤު ކުރެވޭނެ ހާލަތެއް ނޫނެވެ. އަދި މި ނުކުތާއަށް ބިނާކޮށް ހައިކޯޓުން މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ނުބެލެވެއެވެ.
ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ އާއި 65 ވަނަ މާއްދާއާ ގުޅޭ
[17]4.17 މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި ނިންމުން ރަނގަޅު ނޫންކަމުގައި އެ ކުންފުނިން ފާހަގަ ކުރާ 04 ވަނަ ނުކުތާގައި ބުނެފައިވަނީ، އެ ނިންމުގެ ސަބަބުން ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާއި 65 ވަނަ މާއްދާއިން ލިބިދޭ ހައްޤުން މަޙްރޫމުވެފައިވާ ކަމުގައެވެ.
[18]4.18 މި ނުކުތާގައި ހައިކޯޓުގެ ނިންމުން މި މާއްދާއާ ޚިލާފުވާ ގޮތެއް ބުނެދީފައިނުވެއެވެ. މި ނުކުތާގައި ޖުމުލަ ގޮތެއްގައި އެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވަނީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން އިންސާފު ހޯދުމަށް ހުރަސްއެޅިފައިވާ ވާހަކަ އާއި، މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދިޔައިރު ކަންވެފައިވާ ގޮތުގެވާހަކައެވެ. ކަންމިހެން އޮތުމުން މި ނުކުތާއަކީ ގޮތެއް ކަނޑައެޅޭނެ ނުކުތާއެއް ކަމުގައި ނުދެކެމެވެ.
ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުން
[19]4.19 މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރާ 3 ވަނަ ނުކުތާގައި ބުނެފައިވަނީ، ހައިކޯޓުގެ ފަނޑިޔާރުން މައްސަލަ ބަލައިނުގަތުމަށް ނިންމި ސަބަބު ބަޔާން ކޮށްފައިވާ ކަމުގައެވެ. ރަޖިސްޓްރާރގެ ނިންމުން ރަނގަޅު ނޫންކަމުގައި އެ ކުންފުނީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ޖަވާބުދީފައިނުވާ ކަމުގައެވެ. އަދި "ރަޖިސްޓްރާރ ފާހަގަ ކުރައްވާ ކަންކަމަކީ ޤާނޫނީ ގޮތުން އެކަން އޮތް ގޮތްކަމަށްވާތީ" ކަން ފާހަގަކޮށް ފަނޑިޔާރުން ރަޖިސްޓްރާރގެ ނިންމުމަށް ތާއީދު ކުރިކުރުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 291 ވަނަ މާއްދާގެ (ކ) އާއި (އ) އާ ޚިލާފު ކަމުގައެވެ.
[20]4.20 މި ނުކުތާގައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވާ ޤާނޫނީ މާއްދާތަކަކަކީ ކޯޓުން "ޙުކުމް" ކުރުމުގައި ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރަން ޖެހޭނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާތަކެކެވެ. ސުވާލަކީ، މައްސަލަ ބަލައިގަތުމާމެދު ނިންމާ ނިންމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ހައިކޯޓުގެ ޙުކުމަކަށް ނުވާއިރު، އެ ނިންމުމަށް ވާސިލުވި ސަބަބުތައް ތަފުސީލުކޮށް ބަޔާންވެފައި ނެތް ހާލަތްތަކުގައި ކުރިން އިޝާރާތްކުރި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 291 ވަނަ މާއްދާގެ (ކ) އާއި (އ) އަށް ރިޢާޔަތްކޮށް މި ނުކުތާގައި ގޮތެއް ކަނޑައެޅިދާނެ ހެއްޔެވެ؟
[21]4.21 މަދަނީ އިޖުރާއަތުގެ ޤާނޫނު ބުނާގޮތުން އިސްތިއުނާފު ކުރެވޭނީ، ހަމައެކަނި ކޯޓުގެ ޙުކުމްތަކެއް ނޫނެވެ. ކޯޓު އަމުރުތަކާއި އެ ނޫން ނިންމުންތައް ވެސް އިސްތިއުނާފު ކުރެވެއެވެ. ވަގުތީ އަމުރުތަކާއި، ޙުކުމް ތަންފީޛު ކުރާ ކޯޓުން ނިންމާ ނިންމުންތައް ވެސް އިސްތިއުނާފު ކުރެވެއެވެ. މި ކަންކަމުގެ ތެރެއިން ޙުކުމްތަކާއި، ކޯޓު އަމުރުތަކުގައި އެ ޙުކުމަށް ވާސިލުވި ސަބަބު އަދި އެ އަމުރު ބިނާކޮށްފައިވާ ސަބަބު ބަޔާންކުރުން ޤާނޫނު ލާޒިމުކޮށްފައިވެއެވެ. ނަމަވެސް، މައްސަލަ ބަލައިގަތުމާމެދު ނިންމާ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމަށް ޞަރީޙަ މާއްދާއެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ލިޔެވިފައި ނެތެވެ. ނަމަވެސް ނިންމުމަކަށް ވާސިލުވި ސަބަބު ބަޔާންކުރުމަކީ، އެ ނިންމުމެއް އިސްތިއުނާފު ކުރުމަށްޓަކައި އެ ނިންމުމުގައި ފުރިހަމަވާންޖެހޭ އަސާސީކަމެކެވެ. އެހެނީ އެ ސަބަބުތައް ނެތްނަމަ، އެ ނިންމުން ރަނގަޅުވި ނަމަވެސް އެ ނިންމުމަށް ވާސިލުވީ ސަބަބެއް ނިންމުމުން ސާފެއް ނުވާނެއެވެ. އަދި އެ ނިންމުން ޤާނޫނާ ޚިލާފުވި ނަމަވެސް، އެ ނިންމުން އިސްތިއުނާފު ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. މި ސަބަބަށްޓަކައި، ނިންމުމުގެ ސަބަބު ތަފުސީލުކޮށް ބަޔާންކޮށްގެން މެނުވީ ޢާންމު ގޮތެއްގައި ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤު ފޯރުކޮށްދޭނެ ގޮތެއް ނޯންނާނެއެވެ. އަދި ވަކިން ޚާއްޞަކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާގައިވާ ކޯޓުތަކުގެ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ގޮތެއް ނޯންނާނެއެވެ.
[22]4.22 މި މައްސަލައަށް ބަލާއިރު، ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނެ އިސްތިއުނާފު ކުރާފަރާތުން ތަފުސީލާއެކު ހަތަރު ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެއިން އެއްވެސް ނުކުތާއަކާމެދު ރަޖިސްޓްރާގެ ނިންމުން މުރާޖަޢާކޮށް ނިންމި ގޮތުގައި އެއްވެސް ވާހަކައެއް ބަޔާންކޮށްފައިނުވެއެވެ. ކަންމިހެން ހުރުމުން ހައިކޯޓުގެ ފަނޑިޔާރުން މި މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުދެކެމެވެ.
[23]4.23 މި ކަންކަމުގެ އިތުރަށް، މި މައްސަލަ އިސްތިއުނާފު ކުރަމުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ފާހަގަ ކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ސިވިލް ކޯޓުން ކޯޒް އޮފް އެކްޝަން އެސްޓޮޕަލް މި މައްސަލައަށް ތަޠުބީޤު ކުރުމުގައި، ސިވިލް ކޯޓުން ކުރިން ނިމިފައި ހުރި މައްސަލަތަކާއި (ސިވިލް ކޯޓުގެ ނަންބަރު 2806/Cv-C/2020 ޤަޟިއްޔާ އާއި އެ ކޯޓުގެ 1097/Cv-C/2021 ނަންބަރު ޤަޟިއްޔާ)، މި މައްސަލައިގެ ކޯޒް އޮފް އެކްޝަން އެސްޓޮޕަލް ބޭނުންކުރަންޖެހޭ ވާޤިޢާތަކަކީ ސާފުކޮށް ބަޔާންކޮށްފައިވާތީ އެ ކޯޓުގެ ނިންމުމުން ފާހަގަ ނުވެއެވެ.
[24]4.24 އިސްވެދިޔަ ސަބަބުތައް އެ ގޮތަށް ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 2589/Cv-C/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން، އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން، ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމަށް ހުއްދަ ދޭންޖެހޭ މައްސަލައެއްކަމުގައި ފެންނަތީ، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް އަންގައި، މި މައްސަލަ ނިންމަން ފެނެއެވެ.
5. ނިންމުން
އިސްވެދިޔަ ސަބަބުތައް އެ ގޮތަށް ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 2589/Cv-C/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން، އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން، ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމަށް ހުއްދަ ދޭންޖެހޭ މައްސަލައެއްކަމުގައި ފެންނަތީ، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް އަންގައި، މި މައްސަލަ ނިންމަން ފެނެއެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
އަޙްމަދު މުޢުތަޞިމް ޢަދުނާން
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
ޢަލީ ރަޝީދު ޙުސައިން
26 ރަބީޢުލްއައްވަލް 1445
10 އޮކްޓޯބަރ 2023
ފުޓްނޯޓު
- ހައިކޯޓުގެ ނަންބަރު 2018/HC-A/99 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/111 ޤަޟިއްޔާ
- ސިވިލް ކޯޓުގެ ނަންބަރު 1907/Cv-C/2021 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު HC-IH/2023/04 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" (26 ފެބުރުއަރީ 2023)
- ނަންބަރު 2023/SC-HCL/11 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް"
- ނަންބަރު 95-CR/PRIV/2023/39 ރަޖިސްޓްރާރގެ ނިންމުން
- ނަންބަރު HC-RM/2023/44 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާގައި (އިސްތިއުނާފުކުރުމަށް ހުށަހެޅުން) ބަޔާންކޮށްފައިވަނީ، "(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މައްސަލަތަކުގައި ކޯޓުތަކުން ނިންމާ އަންނަނިވި ނިންމުންތައް، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ނިންމުމެއް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ. 1. ހުކުމްތަކާއި، ކޯޓު އަމުރުތަކާއި، އެނޫންވެސް ނިންމުންތައް؛ 2. ވަގުތީ އަމުރު؛ 3. ހުކުމް ތަންފީޒުކުރާ ކޯޓަކުން ނިންމާ ނިންމުންތައް. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގެ ހަސްމުންނަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ނިންމުން އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެންވެއެވެ. (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގެ ހަސްމަކަށްނުވާ، އެހެންނަމަވެސް އެ ހުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ރައްދުވާ ފަރާތަކަށް އެފަދަ ނިންމުމެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އިސްތިއުނާފުކުރެވިދާނެއެވެ." މިފަދައިންނެވެ.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގައި (ހުކުމެއް ފުރިހަމަވާންޖެހޭ މައިގަނޑު ކަންކަން) ބަޔާންވެފައިވަނީ، "(ހ) މަދަނީ މައްސަލައަކާމެދު ގޮތެއް ކަނޑައަޅައި ކުރާ ހުކުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ. 1. އެ ހުކުމް އިއްވި ފަނޑިޔާރުގެ ނަމާއި ސޮއި އަދި މަގާމު ބަޔާންކޮށްފައި އޮތުން؛ 2. ހުކުމްކުރި ތާރީޚު ބަޔާންކޮށްފައި އޮތުން؛ 3. ކޯޓުގެ ސިއްކަ ޖަހާފައި އޮތުން؛ 4. ހުކުމް ތަންފީޒުކުރެވޭ ތާރީހަކީ ހުކުމްކުރި ތާރީޚު ކަމުގައިނުވާނަމަ، އެފަދައިން ހުކުމް ތަންފީޒުކުރެވޭނެ ތާރީހެއް ހިމަނާފައި އޮތުން؛ 5. ހުކުމަށް ފަނޑިޔާރު ރުޖޫއަވި ސަބަބުތައް ބަޔާންކޮށްފައި އޮތުން. (ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ތަފްސީލުތައް ހުކުމުގައި ހިމަނާއިރު، ދައުވާގައި ވަކި ކަމެއް ހިނގި ގޮތާމެދު ސުވާލު އުފައްދާފައިވާނަމަ، އަދި އެކަންކަމާގުޅޭ ވަކިވަކި ގާނޫނީ ސުވާލު އުފައްދާފައިވާނަމަ، އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅާފައި އޮންނަންވާނެއެވެ.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 240 ވަނަ މާއްދާގައި (އަމުރާމެދު ގޮތެއް ނިންމުން) ބަޔާންވެފައިވަނީ، "(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އަމުރަށް އެދޭ ފޯމު ހުށަހަޅާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ކޯޓުން އެ އަމުރާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ. (ށ) މި ބާބުގެ ދަށުން ކޯޓުން އަމުރެއް ނެރެދޭ ހާލަތުގައި އެ އަމުރުގައި އަންނަނިވި ކަންކަން ފަނޑިޔާރު ބަޔާންކުރަންވާނެއެވެ. 1. އަމުރަށް އެދުނު ފަރާތާއި އަމުރު ރައްދުވާ ފަރާތް؛ 2. އަމުރުގެ ބާވަތް؛ 3. އަމުރު ބިނާކޮށްފައިވާ ވާގިއާ އަދި ގާނޫނީ ސަބަބުތައް؛ 4. ވަކި މުއްދަތެއްގައި އަމުރު ތަންފީޒުކުރަންޖެހޭ ނަމަ އެ މުއްދަތު؛ 5. އަމުރުގެ ތަންފީޒީ ބާރު ހިނގާނީ ވަކި މުއްދަތަކަށްނަމަ، އެ މުއްދަތު؛ 6. އެނޫންވެސް އަމުރާގުޅޭ މުހިންމު ކަންކަން. (ނ) އެދިފައިވާ އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން ނިންމާ ހާލަތުގައި، އެފަދައިން ކޯޓުން ނިންމި ސަބަބުތަކާއެކު އެ ނިންމުން، އަމުރަށް އެދުނު ފަރާތަށާއި އަމުރު ރައްދުވާ ފަރާތަށާއި ދައުވާގެ އެންމެހައި ހަސްމުންނަށް، އެ ނިންމުން ނިންމި ތާރީޚުގައި ދޭންވާނެއެވެ."
- ސިވިލް ކޯޓުގެ ނިންމުމުގެ 8.3.4 ވަނަ ޕެރެގްރާފުން ފެށިގެން 09 ވަނަ ޕެރެގްރާފްގެ ނިޔަލަށް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 29 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 240 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 261 ވަނަ މާއްދާގެ (ހ) ގެ (5)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 280 ވަނަ މާއްދާގެ (ހ) ގެ (1)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 282 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 291 ވަނަ މާއްދާގެ (ކ) އަދި (އ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 426 ވަނަ މާއްދާގެ (ހ)
- ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2010) ގެ 5 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2020/SC-A/111
- ސުޕްރީމް ކޯޓުގެ 2023/SC-HCL/11
- ސުޕްރީމް ކޯޓުގެ 2019/SC-L/91
- ހައިކޯޓުގެ 2018/HC-A/99
- ހައިކޯޓުގެ HC-IH/2023/04
- ސިވިލް ކޯޓުގެ 1907/Cv-C/2021
- ސިވިލް ކޯޓުގެ 2806/Cv-C/2020
- ސިވިލް ކޯޓުގެ 1097/Cv-C/2021
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.