މުޙައްމަދު ނަޞީރު ވ. ޙަލީމަތު މުޙައްމަދު އާއި އިތުރު 3 ފަރާތް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2025/26، 95-CR/INDIV/2025/145، 1383-CVC-2023
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވާރިސުން ހުށަހެޅި ދަޢުވާއެއްގައި ސިވިލް ކޯޓުގެ 1383-CVC-2023 އިން ގޯތި ވިއްކުމުގެ މުޢާމަލާތް ފުރިހަމަނުވާކަމަށް ކަނޑައަޅައި، ގޯތި ވާރިސުންނާ ޙަވާލުކޮށް، ދައްކާފައިވާ 500,000 ރުފިޔާ އުނިކޮށް 5,123,200 ރުފިޔާ ކުލި ދެއްކުމަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ ރަޖިސްޓްރާރު އިސްތިއުނާފު ބަލައިނުގަތުމުން، HC-RM/2025/26 ގައި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ނިންމުން ދެމެހެއްޓިއެވެ.
- ވާޤިޢާ
- ހ. ހިންހުރަ ވިއްކުމަށް ޙައްވާ ޙަސަންފުޅާއި މުޙައްމަދު ނަޞީރުގެ މެދުގައި 06 ނޮވެމްބަރ 2014 ގައި އެއްބަސްވުމެއް ވެ، ނަޞީރު އެ ގޯތި ބޭނުންކުރަމުން ދިޔައެވެ. 2016 ގައި ޙައްވާ ނިޔާވުމުން ފެމިލީ ކޯޓުގެ 1236/Fm-C/2019 އިން ގޯތި ތަރިކައިގެ ގޮތުގައި ދަރިންނަށް ކަނޑައެޅިއެވެ. ވާރިސުން ކުލިއާއި ބިލުތަކާއި ގެއްލުމުގެ ބަދަލު ހޯދުމަށް ނަޞީރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަރިކައިގެ ގޯއްޗެއް ވިއްކި މުޢާމަލާތެއް ފުރިހަމަނުވާކަމަށާއި ކުލީގެ އެއްބަސްވުމެއް ނެތްކަމަށް ކަނޑައަޅަމުން ގޯތި ވާރިސުންނާ ޙަވާލުކޮށް ކުލި ދެއްކުމަށް ސިވިލް ކޯޓުން ކުރި ޙުކުމުގެ މައްޗަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ޤާނޫނީ ބަހުސެއް ނެތްކަމަށް ބުނެ، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ނިންމުން ޞައްޙަތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ނަޞީރު ބުނީ، ގޯތި ގަނެ އަގު ދައްކާ ޚަލާޞްކޮށްފައިވާއިރު، އެއްބަސްވުމާ ޚިލާފަށް ގޯތި ވާރިސުންނާ ޙަވާލުކުރުމަށާއި، ކުލީގެ މުޢާމަލާތެއް ނެތްއިރު ކުލި ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމެއް ކަމަށާއި، އަޤައްލިއްޔަތު ރައުޔުގައި ފާހަގަކުރި ކަންކަމާ މެދު އަޣުލަބިއްޔަތު ރައުޔުގައި އެއްވެސް ކަނޑައެޅުމެއް ނުވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ފެމިލީ ކޯޓާއި ސިވިލް ކޯޓުގެ ޤަޟިއްޔާތަކުގެ މައިގަނޑު ބަޙުޘަކީ ގޯތި ވިއްކި މުޢާމަލާތެވެ. ފެމިލީ ކޯޓުން ރިޢާޔަތްކޮށްފައިވަނީ ވާރިސުންނާ އެއްކޮޅަށް ހުރި ހެކިބަހަށް އެކަނިއެވެ. ކުލީގެ އެއްބަސްވުމެއް ނެތްކަމަށް ކަނޑައަޅައިގެން ކުލި ހިސާބުކުރިގޮތް ނޭނގެއެވެ. މިއީ ކަން ހިނގިގޮތް ސާފުވެގެން މެނުވީ ފައިޞަލާކުރެވޭނެ ކަމެއް ނޫނެވެ. ޤާނޫނީ ބަހުސެއް އޮތް މިފަދަ ހުށަހެޅުމެއް ފުރަތަމަ މަރުޙަލާއިން ބަލައިނުގަތުމަކީ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެކެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ސިވިލް ކޯޓުގެ 1383-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމި ނިންމުން (HC-RM/2025/26) ބަދަލުކޮށް، މިއީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ނިންމައި، ނިންމި ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި މުޙައްމަދު ނަޞީރު އެ މައްސަލަ އަލުން ހުށަހަޅައިފިނަމަ އެ ފޯމު ބަލައިގަތުމަށް ހައިކޯޓަށް އެންގި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ގޯތި ގަނެވިއްކުމާ ގުޅޭ މުޢާމަލާތެއް ހިމެނޭ މައްސަލައެއްގައި، އެ މުޢާމަލާތާ ގުޅޭ ގޮތުން އުފެދޭ ކަންކަމަކީ ކަން ހިނގިގޮތް ދެފަރާތުން ސާފުވެގެން މެނުވީ ފައިޞަލާކުރެނިވި ޙުކުމެއް ކުރެވިދާނެ ކަންތައްތަކެއް ކަމަށް ނުފެންނަނަމަ، އެ ޙުކުމް އިސްތިއުނާފުކުރުމަށް ކުރާ ހުށަހެޅުމަކީ ޤާނޫނީ ބަހުސެއް އޮތް ހުށަހެޅުމެއް ކަމަށް ބެލެވޭނެއެވެ.
HN2 ޤާނޫނީ ބަހުސެއް އޮތް އިސްތިއުނާފީ ހުށަހެޅުމެއް، އިސްތިއުނާފީ ފުރަތަމަ މަރުޙަލާއިން ބަލައި ނުގަތުމަކީ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން އަންނާނެ ކަމެކެވެ.
HN3 ބެހިފައިވާ ތަރިކައިގެ ގޯއްޗެއް ވިއްކި މުޢާމަލާތާ ގުޅޭ ގޮތުން ކުރިން ކޮށްފައިވާ ޙުކުމެއްގައި ރިޢާޔަތްކޮށްފައިވަނީ އެއްކޮޅަށް ހުރި ހެކިބަހަށް އެކަނިކަމުގައި ވާއިރު، އަދި ދެފަރާތުގެ މެދުގައި ކުލީގެ އެއްބަސްވުމެއް ވުޖޫދުވެފައި ނެތްކަމަށް ކަނޑައަޅާ ޙުކުމަކުން ކުލި ކަނޑައަޅައި ހިސާބުކުރިގޮތް އެނގޭކަށް ނެތްނަމަ، އެ ޙުކުމުގެ މައްޗަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކުގައި ޤާނޫނީ ބަހުސެއް ނެތްކަމަށް ބުނެ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުލްޣަނީ މުޙައްމަދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- އެބައޮތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2025/SC-HCL/16
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2025/SC-L/66
ހުށަހެޅުނު ތާރީޚު: 25 އޮގަސްޓް 2025
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: މުޙައްމަދު ނަޞީރު
ޢާންމު ނަން: ނަޞީރު
ދާއިމީ އެޑްރެސް: ފިނިފެންމާގެ، ގދ. ވާދޫ
މިހާރުގެ އެޑްރެސް: ހ. ހިންހުރަ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2025/26
ހުށަހެޅުނު ތާރީޚު: 30 ޖޫން 2025
ނިމުނު ތާރީޚު: 23 ޖުލައި 2025
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ފެމިލީ ކޯޓުގެ ނަންބަރު 1236/Fm-C/2019 ޤަޟިއްޔާއިން ހ. ހިންހުރަ، މާލެ، ޙައްވާ ޙަސަންފުޅުގެ ތަރިކަ ވާރިސުންގެ މެދުގައި ހަމަޖެއްސުމުގައި، މަރުޙޫމާގެ ވާރިސުންގެ ތެރެއިން 05 އަންހެން ދަރިންކަމަށްވާ އަސްމާ މުޙައްމަދުއާއި، ޚަދީޖާ މުޙައްމަދު އާއި، ޙަލީމަތު މުޙައްމަދު އާއި ފާޠިމަތު މުޙައްމަދު އާއި ސަކީނާ މުޙައްމަދުއަށް ލިބިގެންވާކަމަށް ކަނޑައަޅަފައިވާ މަރުޙޫމާގެ ތަރިކައިގެ ތެރޭގައި ހިމެނޭ ހ. ހިންހުރަ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ، އެއްވެސް ވާރިސަކަށް މަންފާއެއް ނުވާގޮތަށް ގދ. ފިނިފެންމާގެ، މުޙައްމަދު ނަޞީރު ބޭނުންކުރަމުންދާތީ، ޙައްވާ ޙަސަންފުޅު ނިޔާވި ދުވަހުން ފެށިގެން ޢިމާރާތުގެ ކުލި ދައްކަންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށާއި، ކުލީގެ ގޮތުގައި ދަޢުވާ ކުރުމާ ހަމައަށް -/4,312,800ރ. (ހަތަރު މިލިއަން ތިންލައްކަ ބާރަހާސް އަށް ސަތޭކަ ރުފިޔާ) މި މައްސަލައިގައި ދަޢުވާކުރާ، ޚަދީޖާ މުޙައްމަދު އާއި، ޙަލީމަތު މުޙައްމަދު އާއި ފާޠިމަތު މުޙައްމަދު އާއި ސަކީނާ މުޙައްމަދުއަށް މުޙައްމަދު ނަޞީރު ދައްކަންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށާއި، ގޯތި ހަވާލުކުރުމާ ހަމައަށްވެސް މުޙައްމަދު ނަޞީރު ކުލި ދައްކަންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށާއި، މުޙައްމަދު ނަޞީރު ގޯތި ބޭނުންކުރި މުއްދަތުގައި އެ ފަރާތުން ބޭނުންކޮށްފައިވާ ފެންބިލުތަކަށް 68,981.25ރ. (ފަސްދޮޅަސް އަށްހާސް ނުވަ ސަތޭކަ އަށްޑިހަ އެއް ރުފިޔާ ފަންސަވީސް ލާރި) އާއި ކަރަންޓް ބިލްތަކަށް ނުދައްކާހުރި ފައިސާ މުޙައްމަދު ނަޞީރުގެ އަތުން ނަގައިދިނުމަށާއި ކުލި ނުދެއްކުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި -/1,140,000ރ. (އެއް މިލިއަން އެއް ލައްކަ ސާޅިސް ހާސް ރުފިޔާ) އާއި ލިބެމުންދާ ގެއްލުމުގެ ބަދަލާއި އަދި ޙައްޤު ހޯދުމަށް ޤާނޫނީ ވަކީލަށް ކުރަންޖެހުނު ޚަރަދުގެ ގޮތުގައި -/35,000ރ. (ތިރީސް ފަސްހާސް ރުފިޔާ) އާއި، ޝަރީޢަތުގެ ޚަރަދު އެކީ އެއްފަހަރާ ހޯދުމަށް އެދި ހ. މެންގޯފްލަރވަރ، މާލެ، ޚަދީޖާ މުޙައްމަދު އާއި، ހ. ސަފާރީ، މާލެ، ޙަލީމަތު މުޙައްމަދު އާއި ހ. ކިޔުބާވިލާ، މާލެ، ފާޠިމަތު މުޙައްމަދު އާއި ހ. ޝަންގހާއީ، މާލެ، ސަކީނާ މުޙައްމަދުގެ ފަރާތުން މުޙައްމަދު ނަޞީރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވެއެވެ. 25 އެޕްރީލް 2023 ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވުނު މި މައްސަލަ ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 1383-CVC-2023 ޤަޟިއްޔާއިންނެވެ.
[2]4.2 ސިވިލް ކޯޓުގެ ނަންބަރު 1383-CVC-2023 ޤަޟިއްޔާއިން ނިންމާފައިވަނީ،
4.2.1. ގޯތި ވިއްކުމުގެ އެއްބަސްވުމެއް ވެފައި ވީނަމަވެސް، ގޯތި ވިއްކުމުގެ މުޢާމަލާތް ފުރިހަމަވެފައި ނުވާ ކަމަށާއި،
4.2.2. 06 ނޮވެންބަރު 2014 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކުލީގެ މުޢާމަލާތެއް އުފަންވެފައިވާ ކަމަށް ބަލަންޖެހޭ ހަމައެއް ނެތް ކަމާއި،
4.2.3 މުޙައްމަދު ނަޞީރުގެ ފަރާތުން ގޯތި ގަތުމުގެ ގޮތުން ދައްކާފައިވާ ކަމަށް ޝަރީޢަތަށް ސާބިތުވާ ފައިސާގެ ޖުމުލަ މިންވަރަކީ -/500,000ރ. (ފަސްލައްކަ ރުފިޔާ) ކަމާއި،
4.2.4 13 މާރިޗު 2025 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު ނަޞީރުއާއި އޭނާގެ ފަރާތުން ބައިތިއްބާފައިވާ މީހުންނާއި ތަކެތި ނެރެ ހ. ހިންހުރައެވެ ކިޔާ ގޯތި ހުސްކޮށް ދަޢުވާކުރާ ފަރާތްތަކާ (ޚަދީޖާ މުޙައްމަދު އާއި، ޙަލީމަތު މުޙައްމަދު އާއި ފާޠިމަތު މުޙައްމަދު އާއި ސަކީނާ މުޙައްމަދު އާ) ޙަވާލުކުރުމަށާއި،
4.2.5 23 ސެޕްޓެންބަރ 2016 އިން ފެށިގެން 13 އެޕްރީލް 2025 ގެ ނިޔަލަށްވާ 3124 (ތިންހާސް އެއްސަތޭކަ ސައުވިސް) ދުވަހަށް، ދުވަހަކަށް -/1,800ރ. (އެއްހާސް އަށްސަތޭކަ) ގެ ރޭޓުން ޖުމުލަ -/5,623,200ރ. (ފަސްމިލިއަން ހަލައްކަ ތޭވީސްހާސް ދުއިސައްތަ ރުފިޔާ) އަކީ ހ. ހިންހުރައެވެ ކިޔާ ގޯތީގެ ކުލިކަމަށް ކަނޑައަޅައި، މި ފައިސާއިން މުޙައްމަދު ނަޞީރުގެ ފަރާތުން ދައްކާފައިވާ -/500,000ރ. (ފަސް ލައްކަ ރުފިޔާ) އުނިކުރުމުން ބާކީވާ -/5,123,200ރ. (ފަސް މިލިއަން އެއްލައްކަ ތޭވީސްހާސް ދުއިސައްތަ ރުފިޔާ) އަކީ މުޙައްމަދު ނަޞީރުގެ ފަރާތުން ޚަދީޖާ މުޙައްމަދު އާއި، ޙަލީމަތު މުޙައްމަދު އާއި ފާޠިމަތު މުޙައްމަދު އާއި ސަކީނާ މުޙައްމަދު އަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި،
4.2.6 ގޯތި ހަވާލުކުރުމާ ހަމައަށް ފެންބިލާއި ކަރަންޓް ބިލަށް މުޙައްމަދު ނަޞީރު ނުދައްކައިވާ ފައިސާއެއްވާނަމަ އެ ފައިސާއަކީ މުޙައްމަދު ނަޞީރުގެ ފަރާތުން ޚަދީޖާ މުޙައްމަދު އާއި، ޙަލީމަތު މުޙައްމަދު އާއި ފާޠިމަތު މުޙައްމަދު އާއި ސަކީނާ މުޙައްމަދުއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި،
4.2.7 ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/35,000ރ. (ތިރީސް ފަސްހާސް ރުފިޔާ) އަކީ މުޙައްމަދު ނަޞީރުގެ ފަރާތުން ޚަދީޖާ މުޙައްމަދު އާއި، ޙަލީމަތު މުޙައްމަދު އާއި ފާޠިމަތު މުޙައްމަދު އާއި ސަކީނާ މުޙައްމަދުއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި،
4.2.8 ޚަދީޖާ މުޙައްމަދު އާއި، ޙަލީމަތު މުޙައްމަދު އާއި ފާޠިމަތު މުޙައްމަދު އާއި ސަކީނާ މުޙައްމަދުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.
[3]4.3 ސިވިލް ކޯޓުގެ ނަންބަރު 1383-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި 10 އެޕްރީލް 2025 ގައި މުޙައްމަދު ނަޞީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛
4.3.1 އެއްބަސްވުމުގެ 10ވަނަ މާއްދާއާ ޚިލާފަށް ތަން ޙަވާލުކުރުމަށް ޙުކުމުގެ 3ވަނަ ޕެރެގްރާފްގައި ކަނޑައަޅަފައިވަނީ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށްކަން؛
4.3.2 ހ. ހިންހުރައެވެ ކިޔާ ގޯތި ވިއްކި އެއްބަސްވުމުގެ ދަށުން ކުލީގެ މުޢާމަލާތެއް އުފަންވެފައިނުވާއިރު، 23 ސެޕްޓެންބަރ 2016 އިން ފެށިގެން ކުއްޔެއް ދައްކަންޖެހޭކަމަށް ޝަރީޢަތުން ހިސާބުތަކެއް ހައްދަވާފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށްކަން؛
4.3.3 އެއްބަސްވުމާ ޚިލާފަށް ވާރިސުންނާ ތަން ހަވާލުކުރުމަށް ކޮށްފައިވާ ޙުކުމަކީ ވަކި ފަރާތަކަށް ޖެހިގެން ކޮށްފައިވާ ބާޠިލް ޙުކުމެއްކަން؛ މިއެވެ.
[4]4.4 މުޙައްމަދު ނަޞީރު ހުށަހެޅި އިސްތިއުނާފާ ގުޅިގެން ހައިކޯޓުގެ ނަންބަރު 95-CR/INDIV/2025/145 ރަޖިސްޓްރާރގެ ނިންމުމުން ނިންމާފައިވަނީ، މުޙައްމަދު ނަޞީރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ދަށު ކޯޓުގެ ޙުކުމް ބަދަލުކުރަންޖެހޭ، ނުވަތަ ދަށުކޯޓުގެ ޙުކުމަށް ވާޞިލުވުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށް ޤާނޫނީ ބަހުސެއް ހުށަހަޅާފައި ނުވާތީއާއި، ދަށުކޯޓުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވިދާނެކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް ވުޖޫދުގައިވާކަން ބަޔާންކޮށްދީފައި ނުވާތީއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 އަދި 2019/SC-L/91 ނިންމުމާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާގައި ބަޔާންކުރާ ފަދައިން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް މި މައްސަލައިގައި އޮތްކަމަށް ބެލެން ނެތުމުން، ހައިކޯޓުގެ ޤަވާއިދު (2011) ގެ 27ވަނަ މާއްދާއާ ޙަވާލާދީ މި މައްސަލަ ބަލައި ގަނެވެން ނެތްކަމަށެވެ.
[5]4.5 ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި މުޙައްމަދު ނަޞީރުގެ ފަރާތުން ހުށަހެޅުމުން ހައިކޯޓުގެ ނަންބަރު 26/HC-RM/2025 ނިންމުމުން ނިންމަވާފައިވަނީ "ރަޖިސްޓްރާރ ގެ ނިންމުން" ބާޠިލުކުރާނެ ތަނެއް ނެތްކަމަށެވެ. މި ނިންމެވުން ނިންމެވީ ހައިކޯޓުން މައްސަލަ މުރާޖަޢާ ކުރެއްވި 03 (ތިނެއް) ފަނޑިޔާރުންގެ ތެރެއިން 02 (ދޭއް) ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
[6]4.6 ހައިކޯޓުގެ ނަންބަރު 26/HC-RM/2025 ނިންމުން އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މުޙައްމަދު ނަޞީރުގެ ފަރާތުން ހުށަހެޅި މައިގަނޑު ނުކުތާތަކަކީ:
4.6.1 ޙައްވާ ޙަސަންފުޅުގެ މިލްކެއްގެ ގޮތުގައި އޮތް ހ.ހިންހުރައެވެ ކިޔާ ޢިމާރާތާއިގޯތި، ސިވިލްކޯޓުގައި 06 ނޮވެމްބަރ 2014 މ.ގައި ރަޖިސްޓަރީކުރި އެއްބަސްވުމެއް ދަށުން ގަނެ، އަގުދައްކާ ޚަލާޞްކޮށްފައި ވަނިކޮށް، 23 ސެޕްޓެމްބަރ 2016 ގައި ޙައްވާ ޙަސަންފުޅު ނިޔައުވެފައިވާތީ، އަލްމަރުޙޫމާ ޙައްވާ ޙަސަންފުޅުގެ ތަރިކައިގެ މައްސަލައިގައި ބަޔާންވެދިޔަ އެއްބަސްވުމާ ޚިލާފަށް ހ.ހިންހުރަ ޢިމާރާތާއި ގޯއްޗަކީ ޙައްވާ ޙަސަންފުޅުގެ ތަރިކަ ކަމަށް ބެލެވިގެން ބާޠިލުގޮތުގައި ޙުކުމްކުރެވިފައި އޮތަސް ހުށަހެޅިފައިވާ ދަޢުވާއަކީ، ޢިމާރާތާއި ގޯތި ލިބިގަތުމަށް ހުށަހެޅި ހުށަހެޅުމަކަށް ވެފައި، 06 ނޮވެމްބަރ 2014 މ. ގެ އެއްބަސްވުމާ ޚިލާފަށް ހ.ހިންހުރަ ޢިމާރާތާއި ގޯތި އަލްމަރްޙޫމާ ޙައްވާ ޙަސަންފުޅުގެ ވާރިސުންނާއި އަނބުރާ ޙަވާލުކުރުމަށް ޝަރްޢީ އަދި ޤާނޫނު ހަމަތަކާ ޚިލާފަށް ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛
4.6.2 06 ނޮވެމްބަރ 2014 ގެ އެއްބަސްވުމުގެ 2ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީއާއެކު މުޙައްމަދު ނަޞީރުއާ ޙަވާލުކުރި ޢިމާރާތާއި ގޯތި، ޙައްވާ ޙަސަންފުޅު ނުވަތަ ޙައްވާ ޙަސަންފުޅުގެ ވާރިސުންގެ ބެލުމުގެ ދަށަށް އަނބުރާ ގެނެވިފައިނުވާއިރު، އަދި އެ ޢިމާރާތާއި ގޯތީގެ އަތުގެ ވެރިފަރާތަކީ އެއްބަސްވުމުގެ ދަށުން މުޙައްމަދު ނަޞީރު ކަމަށްވާއިރު، ޙައްވާ ޙަސަންފުޅު ނިޔައުވި ދުވަހުން ފެށިގެން އެޢިމާރާތާއި ގޯއްޗަށް ޝަރީޢަތުން ކުއްޔެއް ކަނޑައަޅައި އެ ކުލީގެ ގޮތުގައި ފައިސާގެ ބޮޑު އަދަދެއް މުޙައްމަދު ނަޞީރު އެ ވާރިސުންނަށް ދޭންޖެހޭކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
4.6.3 [ހައިކޯޓުގެ] ރަޖިސްޓްރާރގެ ނިންމުން ރަނގަޅުނޫން ކަމަށް [ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ފޯމުގެ] 3ވަނަ ނަންބަރުގައި މުޙައްމަދު ނަޞީރު ފާހަގަކުރި ނުކުތާގައި އަދި އެ ނުކުތާ އިތުރަށް ތަފްސީލުކުރުމުގެ ގޮތުން އެފޯމުގައި ބަޔާންކުރި ކަންތައްތަކުގެ މައްޗަށް [ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރި ނިންމުމުގެ] އަޣުލަބިއްޔަތު ރައުޔުގައި އެއްވެސް ކަމެއް ބަޔާންކުރައްވާފައި ނުވުމާއި [އަޤައްލިއްޔާ ރައުޔުގައި] ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް އަޣުލަބިއްޔަތު ރައުޔުގައި ޤާނޫނީ ގޮތުން އެއްވެސް ކަނޑައެޅުއްވުމެއް ފާހަގަކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ މިއެވެ.
[7]4.7 މި މައްސަލައިގައި ހުށަހެޅުނު ކަންކަމަށް ބެލިއިރު، ސިވިލް ކޯޓުގެ ނަންބަރު 1383-CVC-2023 ޤަޟިއްޔާގައި ހަވާލާދީފައިވާ ހ. ހިންހުރަ، ޙައްވާ ޙަސަންފުޅުގެ ތަރިކައާ ގުޅިގެން ފެމިލީ ކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 1236/Fm-C/2019 ޤަޟިއްޔާއާއި ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައިވެސް މައިގަނޑު އެއް ބަޙުޘަކީ ހ. ހިންހުރަ މުޙައްމަދު ނަޞީރުއަށް ވިއްކުމާ ގުޅޭ ގޮތުން ކުރެވުނު މުޢާމަލާތެވެ. ގޯތި ވިއްކުމުގެ މުޢާމަލާތެއް ހިނގިކަމަށް ފެމިލީ ކޯޓުގެ ޤަޟިއްޔާގެ ތެރެއިން އެ މައްސަލައިގައި ހިމެނޭ ބައެއް ވާރިސުން ބުނެފައިވަނީމަވެސް، ފެމިލީ ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ ޙައްވާ ޙަސަންފުޅުގެ ވާރިޘުންނާއި އެއްކޮޅަށް ހުރި ހެކިބަހަށް އެކަނިކަން އެ ޤަޟިއްޔާއިން އެނގެން އޮވެއެވެ. އަދި ގޯތި ވިއްކުމުގެ މުޢާމަލާތާ ގުޅިގެން މުޙައްމަދު ނަޞީރުއާއި ޙައްވާ ޙަސަންފުޅުއާ ދެމެދު ކުލީގެ އެއްބަސްވުމެއް ވުޖޫދުވެފައި ނެތްކަމަށް ސިވިލް ކޯޓުން ކަނޑައެޅިއިރު، ސިވިލް ކޯޓުގެ ޙުކުމުން ކުލި ކަނޑައަޅައި ހިސާބުކުރިގޮތް މި މައްސަލައިގެ ތެރެއިން އެނގޭކަށް ނެތެވެ.
[8]4.8 މި މައްސަލައަކީ އެއްބަސްވުމެއްގެ ދަށުން ގޯތި ގަނެވިއްކުމާ ގުޅޭ މުޢާމަލާތެއް ހިމެނޭ މައްސަލައަކަށްވެފައި، އެ މުޢާމަލާތާ ގުޅިގެން މަތީގައި ފާހަގަކުރި ކަންކަމަކީ، ކަން ހިނގިގޮތް ދެފަރާތުން ސާފުވެގެން މެނުވީ ފައިޞަލާ ކުރިނިވި ޙުކުމެއް ކުރެވިދާނެ ފަދަ ކަންތައްތަކެއް ކަމަށް ނުފެންނާތީ، މި ހުށަހެޅުމަކީ ޤާނޫނީ ބަހުސެއް އޮތް ހުށަހެޅުމެއްކަމަށް ބެލެވެއެވެ. އަދި މިފަދަ ހުށަހެޅުންތައް، އިސްތިއުނާފީ ފުރަތަމަ މަރުޙަލާއިން ބަލައި ނުގަތުމަކީ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން އަންނާނެ ކަމެއް ކަމުގައި ދެކެމެވެ.
[9]4.9 އެހެންކަމުން، މުޙައްމަދު ނަޞީރުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ޤާނޫނީ ބަހުސެއް ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިންމި ނިންމުމަށް، ބަދަލު ގެންނަން ޖެހޭ ކަމަށް ދެކެމެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1383-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު ނަޞީރުގެ ފަރާތުން ހުށަހެޅުމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ފެންނާތީ މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މުޙައްމަދު ނަޞީރުގެ ފަރާތުން އެ މައްސަލަ އަލުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ އެ ފޯމު ބަލައިގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢަބްދުﷲ ޙަމީދު
ޢަބްދުލްޣަނީ މުޙައްމަދު
މުޙައްމަދު ސަލީމް
23 ރަބީޢުލްއައްވަލް 1447
15 ސެޕްޓެމްބަރ 2025
ފުޓްނޯޓު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A055089
- ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާ
- ހައިކޯޓުގެ ޤަވާއިދު (2011) ގެ 27 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ 2019/SC-L/87
- ސުޕްރީމް ކޯޓުގެ 2019/SC-L/91
- ސުޕްރީމް ކޯޓުގެ 2022/SC-A/51
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.