ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/SC-HCL/14, 2024/SC-L/64

އާމިރު ޙަސަން ވ. އިބްރާހީމް ރަޝީދު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 13 އޮކްޓޫބަރު 2024ދަށު ކޯޓު: ހައިކޯޓު HC-RM/2024/45ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2024/45، 95-CR/INDIV/2024/206، 3558-CVC-2023
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 3558-CVC-2023 ގައި ނިންމީ، ހަމަ އެ އެޕާޓްމަންޓާ ގުޅޭ 2821-CVC-2022 ޤަޟިއްޔާ ނިމިފައިވާތީ ރެސްޖުޑިކާޓާގެ މަބްދަޢަށް ރިޢާޔަތްކޮށް ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2024/206 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/45 ގައި ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ނިންމިއެވެ.
ވާޤިޢާ
23 އޭޕްރީލް 2022 ގެ އެއްބަސްވުމުގެ ދަށުން ކުލީގެ އެޑްވާންސްގެ ގޮތުގައި 150,000 ރުފިޔާ އިބްރާހީމް ރަޝީދަށް ދިނުމަށްފަހު 2 ކޮޓަރީގެ އެޕާޓްމަންޓް ހަވާލުނުކުރުމުން، އާމިރު ޙަސަން 2821-CVC-2022 ގައި ތަން ހަވާލުކުރުމުގެ އަމުރެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ނެރުމަށާއި ގެއްލުމުގެ ބަދަލަށް ދަޢުވާކުރިއެވެ. އެ ދެކަމެއް ނުލިބޭނެކަމަށް ޙުކުމްކުރުމުން، އިސްތިއުނާފު ނުކޮށް 3558-CVC-2023 ގައި ތަން ޝަރީޢަތް މެދުވެރިކޮށް ހަވާލުކޮށްދިނުމަށް އަލުން ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުރިން ނިމިފައިވާ ދަޢުވާއަކާ އެއް ފަރާތްތަކެއްގެ މެދުގައި، ހަމަ އެ އެޕާޓްމަންޓް ލިބިދިނުމަށް ތަފާތު ޢިބާރާތަކުން ނުވަތަ ތަފާތު މެދުވެރި ފަރާތެއް މެދުވެރިކޮށް އަލުން ހުށަހަޅާ ދަޢުވާއަކަށް ރެސްޖުޑިކާޓާގެ މަބްދަޢު ތަޠްބީޤުވޭތޯއާއި، ސިވިލް ކޯޓުގެ ޙުކުމަކީ ދުސްތޫރީ އުޞޫލުތަކާ ޚިލާފު ޙުކުމެއްކަމަށް ބުނުމަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް މަޤުބޫލު ސަބަބެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އާމިރު ޙަސަން ބުނީ، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)، 17، 18، 20، 42 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގެ ދުސްތޫރީ އުޞޫލުތަކާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގެ (ހ) ގެ (4) އާއި (ށ) އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2019/SC-L/87، 2019/SC-L/91 އަދި 2022/SC-A/51 ގެ މަބްދަޢުތަކާ ޚިލާފު ކަމަށާއި، ދެ ދަޢުވާގެ ފަރުވާއާއި ސީއާ ތަފާތުވާތީ ރެސްޖުޑިކާޓާ ތަޠްބީޤު ނުކުރެވޭނެ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދެ ދަޢުވާގައިވެސް ދަޢުވާކުރާ ފަރާތާއި ދަޢުވާ ރައްދުވާ ފަރާތް އެއްއެވެ. ތަން ލިބިދިނުމަށް މެދުވެރިކުރުވި ފަރާތާއި ދަޢުވާގެ ޢިބާރާތް ތަފާތުވިޔަސް، ދެ ދަޢުވާއިން ހާޞިލްކުރަން ބޭނުންވި ނަތީޖާއަކީ އެޕާޓްމަންޓް އާމިރު ޙަސަންއަށް ލިބިދިނުމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ނިހާއީ ނިންމުމެއް ނިންމާފައިވާ މައްސަލައެއް އަލުން ހުށައެއް ނޭޅޭނެއެވެ. ފުރަތަމަ ނިންމުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރުމުގެ ބަދަލުގައި އަލުން ދަޢުވާކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނިންމުން ގޯސްވި ގޮތެއް ހައިކޯޓުގައި ބުނެފައިނުވާތީއާއި އަސާސީ ޙައްޤުތަކާ ފުށުއަރާކަން ނުފެންނާތީ، ދުސްތޫރީ އުޞޫލުތަކާ ޚިލާފުކަމަށް ބުނުމަކީ މަޤުބޫލު ސަބަބެއް ނޫނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 3558-CVC-2023 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަކަމަށް ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/45 "ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދެ ދަޢުވާއެއްގައިވެސް ދަޢުވާ ކުރާ ފަރާތާއި ދަޢުވާ ރައްދުވާ ފަރާތް އެއްކަމަށްވެ، ދެ ދަޢުވާއިން ހާޞިލްކުރަން ބޭނުންވި ނަތީޖާ ގުޅިފައިވާ މައުޟޫޢު އެއްކަމަށްވާނަމަ، ދަޢުވާގެ ޢިބާރާތް ތަފާތުވި ނަމަވެސް ނުވަތަ ދަޢުވާގައި ހޯދަން އެދޭ ކަމެއް ލިބިދިނުމަށް މެދުވެރިކުރުވާ ފަރާތް ތަފާތުވިޔަސް، އެ ދެ ދަޢުވާއަކީ ހަމަ އެއް މައުޟޫޢެއްގައި ހުށަހަޅާ ދަޢުވާ ކަމުގައި ބެލެވޭނެއެވެ.

HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ ދަށުން، ވަކި މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން އެ މައްސަލަ ބަލައި ނިހާއީ ނިންމުމެއް ނިންމާފައިވާނަމަ، އެ ނިންމުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤުގެ ބޭނުންހިފައި އިސްތިއުނާފުކުރުމުގެ ބަދަލުގައި، ހަމަ އެ މައުޟޫޢުގައި އެއް ނަތީޖާއެއް ހާޞިލްކުރުމަށް އެ ކޯޓަށް ނުވަތަ އެހެން ކޯޓަކަށް އަލުން ހުށަހަޅާ ދަޢުވާއެއް ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫނެވެ.

HN3 ދަށު ކޯޓުގެ ޙުކުމަކީ ދުސްތޫރީ އުޞޫލުތަކާ ޚިލާފު ޙުކުމެއްކަމަށް ބުނުމަކީ، އެ ނިންމުން ގޯސްވި ގޮތެއް ބަޔާންކޮށްދީފައި ނުވާނަމަ، އަދި ދަށު ކޯޓުގެ ޙުކުމަކީ ޤާނޫނުއަސާސީއިން ލިބިދޭ އަސާސީ ޙައްޤުތަކާ ފުށުއަރާގޮތަށް ކޮށްފައިވާ ޙުކުމެއްކަން ނުފެންނަނަމަ، އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް މަޤުބޫލު ސަބަބެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އަޒްމިރާލްދާ ޒާހިރު، އަޙްމަދު މުޢުތަޞިމް ޢަދުނާން، ޙުސްނުއްސުޢޫދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2024/SC-HCL/14

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2024/SC-L/64

ހުށަހެޅުނު ތާރީޚު: 11 ސެޕްޓެންބަރު 2024

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: އާމިރު ޙަސަން

ޢާންމު ނަން: އާމިރު ޙަސަން

ދާއިމީ އެޑްރެސް: މާލޭ މުނިސިޕަލްޓީ ދަފްތަރު ރސ9245، މާލެ

މިހާރުގެ އެޑްރެސް: މ.ޝައިނިންގ ސްޓަރ، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2024/45

ހުށަހެޅުނު ތާރީޚު: 22 ޖުލައި 2024

ނިމުނު ތާރީޚު: 13 އޮގަސްޓު 2024

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 ދަފްތަރު ނަންބަރު ރސ. 9245، މާލެ، އާމިރު ޙަސަން (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A051878) އާއި މ. ލަންސިމޫގެއާގެ އިބްރާހީމް ރަޝީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A086337) އާ ދެމެދުގައި 23 އޭޕްރީލް 2022 ގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުލީގެ އެޑްވާންސް ފައިސާގެ ގޮތުގައި -/150,000ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އާމިރު ޙަސަންގެ ފަރާތުން އިބްރާހީމް ރަޝީދުއަށް ދިނުމުން އެ ފައިސާއާ އިބްރާހީމް ރަޝީދު ޙަވާލުވުމަށްފަހު، އިބްރާހީމް ރަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 2 ކޮޓަރީގެ އެޕާރޓްމަންޓް އާމިރު ޙަސަންއާ ޙަވާލުކޮށްފައި ނުވާތީ، އެ އެޕާރޓްމަންޓް ޝަރީޢަތް މެދުވެރިކޮށް ހޯދައިދިނުމަށް އެދި އިބްރާހީމް ރަޝީދުގެ މައްޗަށް އާމިރު ޙަސަން ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވެއެވެ. 22 ނޮވެންބަރ 2023 ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވުނު މި މައްސަލަ ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 3558-CVC-2023 ޤަޟިއްޔާއިންނެވެ.

[2]4.2. ސިވިލް ކޯޓުގެ ނަންބަރު 3558-CVC-2023 ޤަޟިއްޔާގެ މައުޟޫޢަކީ އެއްބަސްވުމުގައި ބަޔާންކުރާ 2 ކޮޓަރީގެ އެޕާޓްމަންޓް ޝަރީޢަތް މެދުވެރިކޮށް ހަވާލުކޮށްދިނުމުގެ މައުޟޫއެވެ. ސިވިލް ކޯޓުގެ ބުނެވުނު މައްސަލައިގެ ކުރިން ހަމަ މި މައުޟޫޢު ގައި ބުނެވުނު 2 ކޮޓަރީގެ އެޕާޓްމަންޓްއާ ގުޅޭގޮތުން ސިވިލް ކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2821-CVC-2022 ޤަޟިއްޔާގައި 22 ޖޫން 2023 ގައި ޙުކުމްކޮށްފައިވަނީ، 02 ކޮޓަރީގެ އެޕާޓްމަންޓްގެ ތަޅުދަނޑިއާއި ތަން އާމިރު ޙަސަންއާ ހަވާލުކޮށްދިނުމުގެ އަމުރެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ނެރެދެވޭނެ ތަނެއް ނެތްކަމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދުނު ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 2821-CVC-2022 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރާއި 5.1 އަށް ރިޢާޔަތްކުރުމުން ކުލީގެ އެޑްވާންސް ފައިސާގެ ގޮތުގައި އާމިރު ޙަސަންގެ ފަރާތުން އިބްރާހީމް ރަޝީދުއަށް ދީފައިވާ -/150,000ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އަނބުރާ އާމިރު ޙަސަން އަށް ދީފައިވާކަން އެނގެން އޮންނަކަމަށް ސިވިލް ކޯޓުގެ ނަންބަރު 3558-CVC-2023 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3.2 ގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 3558-CVC-2023 ޤަޟިއްޔާގައި އެ ކޯޓުން ބަލާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2821-CVC-2022 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމެއްނެތި، ހަމަ އެ މައުޟޫޢުގައި 02 ވަނަ މައްސަލައެއް ސިވިލް ކޯޓަށް ހުށަހުށަހެޅުމުން ރެސްޖުޑިކާޓާގެ އުސޫލުން ބަލާއިރު ސިވިލް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދެވިދާނެތޯއެވެ.

[3]4.3. ސިވިލް ކޯޓުގެ ނަންބަރު 3558-CVC-2023 ޤަޟިއްޔާއިން ނިންމާފައިވަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މި ދަޢުވާއަކީ ރެސްޖުޑިކާޓާގެ ޤާނޫނީ މަބްދަޢުއަށް ރިޢާޔަތްކޮށް އެ ކޯޓުގައި އިތުރަށް ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށެވެ.

[4]4.4. ސިވިލް ކޯޓުގެ ނަންބަރު 3558-CVC-2023 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 27 މާރިޗް 2024 ގައި އާމިރު ޙަސަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އާމިރު ޙަސަންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި 18 ވަނަ މާއްދާއާއި 16 ވަނަ މާއްދާގެ (ހ) އާއި 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި 69 ވަނަ މާއްދާ ގައި ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށެވެ. އަދި ސިވިލް ކޯޓުގެ ދެ ދަޢުވާގައި ހޯދުމަށް އެދިފައިވާ ފަރުވާއާއި ދެ ދަޢުވާގެ ސީއާ ތަފާތުވުމުން ރެސްޖުޑިކާޓާގެ މަބްދަޢު ތަޠުބީޤު ނުކުރެވޭނެކަމަށެވެ.

[5]4.5. އާމިރު ޙަސަން ހުށަހެޅި އިސްތިއުނާފާ ގުޅިގެން ހައިކޯޓުގެ ނަންބަރު 95-CR/INDIV/2024/206 ރަޖިސްޓްރާރ ގެ ނިންމުމުން ނިންމާފައިވަނީ، އާމިރު ޙަސަންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ދަށު ކޯޓުގެ ޙުކުމް ބަދަލުކުރަންޖެހޭ، ނުވަތަ ދަށުކޯޓުގެ ޙުކުމަށް ވާޞިލުވުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށްދީފައިނުވާތީއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށްދީފައިނުވާތީއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ނިންމުމާއި، ނަންބަރު 2019/SC-L/91 ނިންމުން އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އޮޅުގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް މި މައްސަލައިގައި އޮތްކަމަށް ބެލެވެން ނެތުމުން އެ ނިންމުންތަކާއި ހައިކޯޓުގެ ޤަވާއިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ މި މައްސަލަ ބަލައި ގަނެވެން ނެތްކަމަށެވެ.

[6]4.6. ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމުން ހައިކޯޓުގެ ނަންބަރު HC-RM/2024/45 ނިންމުމުން ނިންމާފައިވަނީ ރަޖިސްޓްރާރ ގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށެވެ.

[7]4.7. މިއީ، ހައިކޯޓުގެ ނަންބަރު HC-RM/2024/45 ނިންމުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އާމިރު ޙަސަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ.

[8]4.8. ހައިކޯޓުގެ ނަންބަރު HC-RM/2024/45 ނިންމުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އާމިރު ޙަސަން 03 ނުކުތާއެއް ހުށަހެޅިއެވެ. އެ ނުކުތާތަކަކީ؛

4.8.1 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: HC-RM/2024/45 ނިންމުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި 18 ވަނަ މާއްދާ އާއި 16 ވަނަ މާއްދާގެ (ހ) އާއި 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ އާއި މި މާއްދާތަކުގައި ކަނޑައެޅި ބަޔާންވެފައިވާ ދުސްތޫރީ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްވުން؛

4.8.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: HC-RM/2024/45 ނިންމުމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި އަދި ހަމަ މި މާއްދާގެ (5 ވަނަ މާއްދާގެ) (ށ) ގައި ކަނޑައެޅި ބަޔާންވެފައިވާ ޤާނޫނީ އުޞޫލާ ވެސް ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްވުން؛

4.8.3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: HC-RM/2024/45 ނިންމުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ޤާނޫނީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 2019/SC-L/87 ނިންމުމާއި ނަންބަރު: 2019/SC-L/91 ނިންމުމާއި އަދި ނަންބަރު: 2022/SC-A/51 ޤަޟިއްޔާގައި ކަނޑައެޅިބަޔާންވެފައިވާ ޤަޟާއީ މުބުދައުތަކާ ވެސް ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްވުން؛ މިއެވެ.

[9]4.9. މި މައްސަލައިގައި ހުށަހެޅުނު ނުކުތާތަކަށާއި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 3558-CVC-2023 ޤަޟިއްޔާއަކީ ދެފަރާތުގެ ދެމެދުވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ 2 ކޮޓަރީގެ އެޕާޓްމަންޓް ޝަރީޢަތް މެދުވެރިކޮށް ހަވާލުކޮށްދިނުމަށް އެދި ހުށަހެޅުނު މައްސަލައެކެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 2821-CVC-2022 ޤަޟިއްޔާއަކީ ބުނެވުނު 02 ކޮޓަރީގެ އެޕާޓްމަންޓްގެ ތަޅުދަނޑިއާއި ތަން އާމިރު ޙަސަންއާ ހަވާލުކޮށްދިނުމުގެ އަމުރެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ނެރެދިނުމަށާއި ތަން ހަވާލުނުކޮށް ހިނގާ މުއްދަތަށް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅުނު މައްސަލައެކެވެ. މި ދެ މައްސަލައިގައިވެސް ދަޢުވާ ކުރާ ފަރާތަކީ އާމިރު ޙަސަން އެވެ. އަދި ދަޢުވާ ރައްދުވަނީ އިބްރާހީމް ރަޝީދުއަށެވެ.

[10]4.10. އާމިރު ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ފުރަތަމަ ދަޢުވާގައި އާމިރު ޙަސަންއަށް ތަން ލިބިދިނުމަށް މެދުވެރި ކުރުވަން އެދިފައިވާ ފަރާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ. އަދި ދެވަނަ ދަޢުވާގައި ތަން ލިބިދުނުމަށް އެދިފައިވަނީ ޝަރީޢަތް މެދުވެރިކޮށެވެ. ސިވިލް ކޯޓަށް ހުށަހެޅުނު ފުރަތަމަ ދަޢުވާގައިވެސް 02 ކޮޓަރީގެ އެޕާޓްމަންޓްގެ ތަޅުދަނޑިއާއި ތަން ހަވާލުކޮށްދިނުމުގެ އަމުރެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ނެރެދިނުމަށް އެދުމުގެ ބޭނުމެއްގެ ގޮތުގައި ފެންނަން އޮތީ، 02 ކޮޓަރީގެ އެޕާޓްމަންޓް އާމިރު ޙަސަންއަށް ލިބިދިނުމެވެ. އެހެންކަމުން، ސިވިލް ކޯޓަށް ހުށަހެޅުނު މި ދެ މައްސަލައިގެ ދަޢުވާގެ ޢިބާރާތް ތަފާތުވި ނަމަވެސް، ނުވަތަ ދަޢުވާގައި ތަން ލިބިދިނުމަށް މެދުވެރިކުރުވާފައިވާ ފަރާތް ތަފާތުވިޔަސް، ހާޞިލް ކުރަން ބޭނުންވި ނަތީޖާ ގުޅިފައިވާ މައުޟޫޢަކީ 02 ކޮޓަރީގެ އެޕާޓްމަންޓް އާމިރު ޙަސަންއަށް ލިބިދިނުންކަން މި ދެ ދަޢުވާގެ ސީއާއަށް ބެލުމުންވެސް އެނގެއެވެ.

[11]4.11. މިގޮތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާގައި "ވަކި މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން، އެ މައްސަލަ ބަލައި، ނިހާއީ ނިންމުމެއް ނިންމާފައިވާނަމަ، އެ މައުޟޫޢުގައި އެ ކޯޓަށް ނުވަތަ އެހެން ކޯޓަކަށް އަލުން އެ މައްސަލަ ހުށައެއްނޭޅޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

[12]4.12 މިޙާލަތުގައި ކޯޓުގެ ކުރިމަތީގައި އޮންނާނެ ސުވާލަކީ، ސިވިލް ކޯޓުން ނިންމި ފުރަތަމަ ނިންމުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤުގެ ބޭނުން ހިފައި ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުގެ ބަދަލުގައި، ހަމަ އެއްކަމަކާ ގުޅިގެން އެއް ނަތީޖާއެއް ހާޞިލް ކުރަން ކޯޓަށް ހުށަހަޅާ މައްސަލަތައް ބެލުމުގެ ބާރު ކޯޓަށް ލިބިގެންވޭތޯ ކަނޑައެޅުމެވެ. އެގޮތުން، ސިވިލް ކޯޓުގެ މި ނިންމުން ގޯސްވިގޮތް ހައިކޯޓުގައި ބުނެފައިވިފައިވާ ކަމަކަށް ނުފެނެއެވެ. އަދި ސިވިލް ކޯޓުގެ ޙުކުމަކީ ޤާނޫނުއަސާސީއިން ލިބިފައިވާ އަސާސީ ޙައްޤުތަކާއި ފުށުއަރާގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ނުފެނެއެވެ.

[13]4.13. އެހެންކަމުން، ސިވިލް ކޯޓުގެ ޙުކުމަކީ ދުސްތޫރީ އުޞޫލުތަކާ ޚިލާފު ޙުކުމެއްކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި ސަބަބަކީ މަޤުބޫލު ސަބަބެއް ނޫން ކަމަށް ހައިކޯޓުގެ ނަންބަރު HC-RM/2024/45 ނިންމުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 3558-CVC-2023 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/45 ނިންމުމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

އަޒްމިރާލްދާ ޒާހިރު

އަޙްމަދު މުޢުތަޞިމް ޢަދުނާން

ޙުސްނުއްސުޢޫދު

10 ރަބީޢުލްއާޚިރު 1446

13 އޮކްޓޯބަރ 2024

ފުޓްނޯޓު

  1. ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
  2. ޤާނޫނު ނަންބަރު 32/2021
  3. ޤާނޫނު ނަންބަރު 22/2010
  4. ޤާނޫނު ނަންބަރު 32/2021
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ