އެސެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2025/52، 95-CR/PRIV/2025/56، 1185/Cv-C/2020
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 1185/Cv-C/2020 ގައި، "ނަސްރު 5" ދޯނި ކުއްޔަށް ދިނުމުގެ އެއްބަސްވުން އަޙްމަދު މުޙައްމަދު ބާޠިލުކުރީ އެއްބަސްވުމާ ޚިލާފަށްކަމަށް ނިންމައި، ބާކީ 4 މަހަށް -/200,000ރ. ދޭންޖެހޭކަމަށް ކަނޑައެޅިއެވެ. ހައިކޯޓުގެ ރަޖިސްޓްރާރު 95-CR/PRIV/2025/56 ގައި އިސްތިއުނާފު ބަލައިނުގަތުމަށް ނިންމި ނިންމުން، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2025/52 ގައި ދެމެހެއްޓިއެވެ.
- ވާޤިޢާ
- 29 ޖަނަވަރީ 2018 ގައި ވި އެއްބަސްވުމެއްގެ ދަށުން އަޙްމަދު މުޙައްމަދުގެ "ނަސްރު 5" ދޯނި އެސެޓް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނެވެ. މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާޠިލުކުރުމުން، ކުންފުނިން USD110,000.00 ގެ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރިއެވެ. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ނުލިބި ހައިކޯޓަށް އިސްތިއުނާފު ހުށަހެޅުމުން، ރަޖިސްޓްރާރު 07 ދުވަހުގެ މުހުލަތު ދިނުމަށްފަހު އިތުރު ފުރުޞަތު ނުދިނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 269 ވަނަ މާއްދާގެ (ރ) ގައިވާ މުއްދަތުގައި ނުލިބުމަކީ، އޭގެ ޒާތުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ ސަބަބެއްތޯއާއި، އިސްތިއުނާފުގެ އޮޅުގަނޑު ގިރާކުރާ ޤާނޫނީ ބަޙުޘެއް ނެތްކަމަށް ބުނެ ހުއްދަ ނުދިން ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު ހަނިކުރުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އެސެޓް ޕްރައިވެޓް ލިމިޓެޑުން ބުނީ، ދަށު ކޯޓުގެ ފުލް ރިޕޯޓް ލިބުމުގެ ކުރިން ހުށަހެޅި އެޕީލެއް ފުރިހަމަނުވާކަމަށް ކަނޑައަޅައި ބަލައިނުގަތުމަކީ ޤާނޫނުއަސާސީގައި އިސްތިއުނާފުކުރުމަށް ލިބިދީފައިވާ ޙައްޤު ހަނިކުރުން ކަމަށާއި، އެޕީލް ފޯމާއި މުރާޖަޢާ ފޯމުގައި ސާފުކޮށް ބަޔާންކުރި ކަންކަމަށް ރިޢާޔަތްނުކޮށް ފަނޑިޔާރުން ނިންމި ކަމަށެވެ. ހައިކޯޓަށް ހުށަހެޅީ ކޮންޓްރެކްޓާބެހޭ ޤާނޫނު (4/91) ގެ 23 ވަނަ މާއްދާއާއި [2021] SC 52 ގެ އުޞޫލުތަކާ ޚިލާފުވުމުގެ ނުކުތާއެވެ.
- ކޯޓުގެ ސަބަބުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނު (32/2021) ގެ 269 ވަނަ މާއްދާގެ (ރ) ގައިވާ 15 ދުވަހުގެ ތެރޭ ރިޕޯޓު ނުފޮނުވުމަކީ އިޖުރާއީ އައިބެކެވެ. ނަމަވެސް ކޯޓުތަކުގެ ޤާނޫނު (22/2010) ގެ 43 ވަނަ މާއްދާގެ (ށ) އިން އެނގެނީ، އިޖުރާއީ އައިބަކާ ގުޅިގެން ހުއްދަ ދެވޭނީ ޝަރީޢަތުގެ އިންޞާފުވެރިކަމަށް އަސަރުކުރާނަމަ ނުވަތަ ޚަޞްމެއްގެ ޙައްޤަށް ހުރަސްއެޅޭނަމައެވެ. ސަބަބުތައް ހިމެނޭ ޚުލާސާ ރިޕޯޓު ކުންފުންޏަށް ލިބިފައިވާއިރު ގެއްލުމެއް ލިބުނުކަމެއް ނުބުނެއެވެ. ވީމާ، ހަމައެކަނި އެ އުނިކަމަކީ ހުއްދަ ދޭން ފުދޭ ސަބަބެއް ނޫނެވެ. ބަޙުޘެއް ނެތްކަމަށް ހައިކޯޓުން ނިންމުމަކީ އިސްތިއުނާފުގެ ޙައްޤު ހަނިކުރުމެއް ވެސް ނޫނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 1185/Cv-C/2020 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަކަމަށާއި، ހައިކޯޓުގެ HC-RM/2025/52 ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ނިންމި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 269 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ މުއްދަތުގައި ކޯޓުން ޚަޞްމުންނަށް ދޫކޮށްފައި ނުވުމަކީ އިޖުރާއީ އައިބެކެވެ. ނަމަވެސް، ހަމައެކަނި އެކަމުގެ މައްޗަށް ބުރަވެ، އެއީ އިސްތިއުނާފު ބަލައިގަތުމުގެ އަސާސަކަށް ފުދޭ ސަބަބެއް ނޫނެވެ.
HN2 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) އިން އެނގެނީ، އިޖުރާއީ އައިބަކާ ގުޅިގެން ދަށުކޯޓުގެ ޙުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދެވޭނީ، އެކަމުގެ ސަބަބުން ޝަރީޢަތުގެ އިންޞާފުވެރިކަމަށް އަސަރުކުރާ ނަމަ ނުވަތަ ޚަޞްމެއްގެ ޙައްޤެއް ފުރިހަމައަށް ބޭނުންކުރުމަށް ހުރަސްއެޅޭ ނަމައެވެ.
HN3 ދަށު ކޯޓުން ނިންމި ނިންމުމަށް ވާޞިލުވި ސަބަބުތައް އެކުލެވޭ ޚުލާސާ ރިޕޯޓަކީ، އިސްތިއުނާފުކުރާ ނިންމުމުގެ އަސާސްތައް ދެނެގަތުމަށާއި، އިސްތިއުނާފީ ނުކުތާ ކޯޓަށް ސާފުވާ މިންވަރަށް އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތު ފުދޭ މިންވަރަށް ހިމެނޭ ރިޕޯޓެކެވެ. އެފަދަ ރިޕޯޓެއް ލިބިފައިވާ ޙާލަތެއްގައި، ފުރިހަމަ ރިޕޯޓު ނުލިބުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައި ނުވާނަމަ، ފުރިހަމަ ރިޕޯޓު ނުލިބުމަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ ސަބަބެއް ނޫނެވެ.
HN4 އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށް، އިސްތިއުނާފުގެ އޮޅުގަނޑު ގިރާކުރާފަދަ ޤާނޫނީ ބަޙުޘެއް ނެތްކަމަށް ނިންމައި ހައިކޯޓުން އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަކީ، ޤާނޫނުއަސާސީގައި އިސްތިއުނާފުކުރުމަށް ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް ނިންމާ ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަބްދުލްޣަނީ މުޙައްމަދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޢަބްދުލްޣަނީ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2026/SC-HCL/01
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2025/SC-L/100
ހުށަހެޅުނު ތާރީޚު: 30 އޮގަސްޓް 2025
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: އެސެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޢާންމު ނަން: އެސެޓް
ދާއިމީ އެޑްރެސް: މއ. ކޮކޯގެ، މާލެ
މިހާރުގެ އެޑްރެސް: މއ. ކޮކޯގެ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2025/52
ހުށަހެޅުނު ތާރީޚު: 01 ނޮވެންބަރު 2025
ނިމުނު ތާރީޚު: 24 ނޮވެންބަރު 2025
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 އަޙްމަދު މުޙައްމަދުގެ ނަމުގައިވާ "ނަސްރު 5" އެވެކިޔާ ދޯނި ކުއްޔަށް ދިނުމުގެ ގޮތުން އަޙްމަދު މުޙައްމަދުއާއި އެސެޓް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި 29 ޖަނަވަރީ 2018 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެކުރީން، އެއްބަސްވުމާ ޚިލާފަށް އަޙްމަދު މުޙައްމަދުގެ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވާ ކަމަށް ބުނެ، އެކަމުގެ ސަބަބުން އެސެޓް ޕްރައިވެޓް ލިމިޓެޑްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އަޙްމަދު މުޙައްމަދުގެ މައްޗަށް އެސެޓް ޕްރައިވެޓް ލިމިޓެޑް އިން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. މި ދަޢުވާގައި އެސެޓް ޕްރައިވެޓް ލިމިޓެޑްއިން އެދިފައިވަނީ، ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާ އަޙްމަދު މުޙައްމަދު ޚިލާފުވެފައިވާކަމާއި، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމަކީ އަޙްމަދު މުޙައްމަދުގެ ފަރާތުން ޒިންމާވާންޖެހޭ ގެއްލުމެއް ކަމަށް ކަނޑައަޅައި ދިނުމާއެކު، ގެއްލުމުގެ ބަދަލުގެ ގޮތުގައި USD110,000.00 (އެއްލައްކަ ދިހަހާސް އެމެރިކާ ޑޮލަރު) ދެއްކުމަށް އަޙްމަދު މުޙައްމަދުގެ މައްޗަށް އަންގާ ޙުކުމް ކޮށްދިނުމަށާއި، ޢަދުލު އިންޞާފު ޤާއިމްކުރުމަށް އެވަގުތެއްގައި ނެރެންޖެހޭ އެންމެހާ އަމުރެއް ނެރެދިނުމަށެވެ. 11 މާރިޗު 2020 ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވުނު މި މައްސަލަ ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 1185/Cv-C/2020 ޤަޟިއްޔާއިންނެވެ.
[2]4.2 ސިވިލް ކޯޓުގެ ނަންބަރު 1185/Cv-C/2020 ޤަޟިއްޔާއިން ނިންމާފައިވަނީ؛
4.2.1- "ނަސްރު 5" ކިޔާ އުޅަނދު ކުއްޔަށް ހިފުމަށް ވެފައިވާ އެއްބަސްވުން އަޙްމަދު މުޙައްމަދުގެ ފަރާތުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށާއި؛
4.2.2- އެސްޓް ޕްރައިވެޓް ލިމިޓެޑުއިން ހޯދުމަށް އެދިފައިވާ ފައިސާއާއި ޤާނޫނީ ޚަރަދު ނަގައިދެވެން ނެތްކަމަށާއި؛
4.2.3- އެއްބަސްވުމުގެ ބާކީ އޮތް 04 (ހަތަރެއް) މަސް ދުވަހުގެ މުއްދަތަށް ކޮންމެ މަހަކަށް -/50,000ރ. (ފަންސާސްހާސް ރުފިޔާ) ދިނުމަށް އަޙްމަދު މުޙައްމަދު ހުށަހެޅި ހުށަހެޅުމަށް ރިޢާޔަތްކޮށް، އެއްބަސްވުމުގެ މުއްދަތުގެ ބާކީގައިވާ 04 (ހަތަރެއް) މަސް ދުވަހަށްވާ ޖުމްލަ -/200,000ރ. (ދެލައްކަ ރުފިޔާ) އަކީ އަޙްމަދު މުޙައްމަދުގެ ފަރާތުން އެސްޓް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައެވެ.
[3]4.3 ސިވިލް ކޯޓުގެ ނަންބަރު 1185/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި 09 އޮގަސްޓު 2025 ގައި އެސެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1185/Cv-C/2020 ޤަޟިއްޔާ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ [2021] SC 52 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ.
[4]4.4 އެސެޓް ޕްރައިވެޓް ލިމިޓެށްގެ ފަރާތުން ހުށަހެޅި އިސްތިއުނާފާ ގުޅިގެން ހައިކޯޓުގެ ނަންބަރު 95-CR/PRIV/2025/56 "ރަޖިސްޓްރާރގެ ނިންމުން" އިން ނިންމާފައިވަނީ، އެސްޓް ޕްރައިވެޓް ލިމިޓުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ދަށު ކޯޓުގެ ޙުކުމް ބަދަލުކުރަންޖެހޭ، ނުވަތަ ދަށު ކޯޓުގެ ޙުކުމަށް ވާޞިލުވުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބަޔާންކޮށް ޤާނޫނީ ބަހުސެއް ހުށަހަޅާފައި ނުވާތީއާއި ދަށު ކޯޓުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވިދާނެ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް ވުޖޫދުގައިވާކަން ބަޔާންކޮށްދީފައި ނުވާތީއާއި ސުޕްރީމް ކޯޓުގެ ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލްޕްމަންޓް ކޯޕަރޭޝަން އަދި ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލްޕްމަންޓް ކޯޕަރޭޝަން ނިންމުމާއި، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 39 ޤަޟިއްޔާގައި ބަޔާންކުރާ ފަދައިން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަޙުޘެއް މި މައްސަލައިގައި އޮތްކަމަށް ބެލެން ނެތުމުން، ހައިކޯޓުގެ ޤަވާޢިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ މި މައްސަލަ ބަލައި ގެނެވެން ނެތްކަމަށެވެ.
[5]4.5 ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި އެސެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު HC-RM/2025/02 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ނިންމާފައިވަނީ "ރަޖިސްޓްރާރގެ ނިންމުން" ބާޠިލުކުރާނެ ތަނެއް ނެތްކަމަށެވެ. މި ނިންމެވުން ނިންމެވީ ހައިކޯޓުން މައްސަލަ މުރާޖަޢާ ކުރެއްވި 03 (ތިނެއް) ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
[6]4.6 ހައިކޯޓުގެ ބުނެވުނު "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިސްތިއުނާފު ކުރުމަށްޓަކައި އެސެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 02 (ދޭއް) ނުކުތާއެއް ހުށަހެޅިއެވެ. އެ ނުކުތާތަކަކީ: (1) ދަށު ކޯޓުގެ ފުލް ރިޕޯޓް ލިބުމުގެކުރިން ހުށަހަޅާފައިވާ އެޕީލަކަށްވާތީ، އެ ޙާލަތުގައި އެޕީލް ފުރިހަމަނުވާ ކަމަށް ކަނޑައަޅައި މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގައި އިސްތިއުނާފުކުރުމަށް ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް ފަނޑިޔާރުން ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި (2) އެޕީލް ފޯމު މުރާޖަޢާ ފޯމުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމެއްނެތި ފަނޑިޔާރުން ގޮތެއް ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.
[7]4.7 ސިވިލް ކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ (ފުލް) ރިޕޯޓް ނުލިބެނީސް އިސްތިއުނާފު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގައި އިސްތިއުނާފުކުރުމަށް ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް ފަނޑިޔާރުން ނިންމާފައިވާ ނިންމުމެއްކަމަށް އެސެޓް ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރެއެވެ. ހައިކޯޓުގެ އިސްތިއުނާފު ފޯމު އިޞްލާޙުކޮށް ހުށަހަޅަން އެސެޓް ޕްރައިވެޓް ލިމިޓެޑްއިން ހައިކޯޓުގައި ފުރުޞަތަކަށް އެދިފައިވެއެވެ. އިސްތިއުނާފު ފޯމުގައި އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކުރުމަށާއި، އިސްތިއުނާފުކުރެވޭ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު މަޙުޟަރު ބަޔާންތަކާއި އެންމެހައި ލިޔެކިޔުންތަކާއެކު ހުށަހެޅުމަށް، 10 ސެޕްޓެންބަރު 2025 ގެ ނިޔަލަށް 07 (ހަތެއް) ދުވަހުގެ މުހުލަތެއް އެސެޓް ޕްރައިވެޓް ލިމިޓެޑަށް ހައިކޯޓުގެ ރަޖިސްޓްރާރ ދީފައިވެއެވެ.
[8]4.8 އިސްތިއުނާފު ފޯމު އިޞްލާޙުކޮށް އަލުން ހައިކޯޓަށް ހުށަހެޅިއިރުވެސް، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައިނުވާތީ، މައްސަލައިގެ ފުރިހަމަ ރިޕޯޓު ލިބުމުން އިސްތިއުނާފު ފޯމުގެ 7 ވަނަ ނަންބަރު އިތުރަށް ފުރިހަމަކުރުމަށް ފުރުޞަތަށް އަނެއްކާވެސް ހައިކޯޓުގައި އެދިފައިވެއެވެ.
[9]4.9 އެހެންނަމަވެސް، ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ހައިކޯޓުގެ ޤަވާޢިދުގެ ދަށުން ރަޖިސްޓްރާރއަށް ލިބިގެންވަނީ 07 (ހަތެއް) ދުވަހުގެ އިޚްތިޔާރެއް ކަމާއި، މި މުއްދަތު ކުރުކުރުމުގެ ނުވަތަ ދިގު ކުރުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންނުވާތީ، އިސްވެ ޙަވާލާދެވުނު އިސްތިއުނާފު ފޯމު އިޞްލާޙުކުރުމަށް ދީފައިވާ މުއްދަތުގެ އިތުރަށް، އިތުރު ފުރުޞަތެއް ދެވެން ނެތްކަމަށެވެ. އަދި މައްސަލަ ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދަން ބޭނުންވާނަމަ އެކަން 18 ސެޕްޓެންބަރު 2025 ގެ 12:00 ގެ ކުރިން ހައިކޯޓަށް އެންގުމަށެވެ. އަދި އެސެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ޖަވާބު ދީފައިވަނީ ރަޖިސްޓްރޭޝަން ޕްރޮސަސް ކުރިއަށް ގެންގޮސްދިނުމަށެވެ.
[10]4.10 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 269 ވަނަ މާއްދާގެ (ރ) ގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، މައްސަލައިގައި ޙުކުމްކުރާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކޯޓުން ތައްޔާރުކޮށް، ޚަޞްމުންނަށް ފޮނުވަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބުނެފައިވާގޮތުގެ މަތިން ބަޔާންކުރެވުނު މުއްދަތުގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ސިވިލް ކޯޓުން އެސެޓް ޕްރައިވެޓް ލިމިޓެޑްއަށް މި މައްސަލައިގައި ފޮނުވާފައެއް ނުވެއެވެ. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ކަނޑައެޅިފައިވާ މުއްދަތުގައި ދޫކޮށްފައި ނުވުމަކީ، ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިޖުރާއީ އައިބެކެވެ. ނަމަވެސް، އިޖުރާއީ އިލްތިޒާމެއް ފުރިހަމަނުވުމަކީ، އޭގެ ޒާތުގައި އެއްވެސް އިސްތިސްނާއެއް ނެތި އިސްތިއުނާފު ބަލައިގަންނަންޖެހޭ ސަބަބެއް ހެއްޔެވެ؟
[11]4.11 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައި ކަނޑައެޅިދާނެ ޙާލަތްތަކެއް ބަޔާންކޮށްފައިވެއެވެ. އެ ޙާލަތްތަކަކީ:
(1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން؛
(2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން؛
(3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން؛
(4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން؛ މިއެވެ.
[12]4.12 އެހެންކަމުން، މަތީގައި ބަޔާންކުރެވުނު ޤާނޫނީ ނައްޞުން އެނގެނީ އިޖުރާއީ އައިބަކާ ގުޅިގެން ދަށުކޯޓުގެ ޙުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަދެވޭނީ އެކަމުގެ ސަބަބުން ޝަރީއަތުގެ އިންޞާފުވެރިކަމަށް އަސަރުކުރާ ނަމަ ނުވަތަ ޚަޞްމެއްގެ ޙައްޤެއް ފުރިހަމައަށް ބޭނުންކުރުމަށް ހުރަސްއެޅޭ ނަމަ އެވެ. މި މައްސަލައަށް ބަލާއިރު، ސިވިލް ކޯޓުން ނިންމި ނިންމުމަށް ވާޞިލުވި ސަބަބުތައް އެކުލެވޭ ޚުލާސާ ރިޕޯޓެއް ހައިކޯޓަށް މައްސަލަ ހުށަހެޅިއިރު އެސެޓް ޕްރައިވެޓް ލިމިޓެޑްއަށް ލިބިފައިވެއެވެ. މި ޚުލާސާ ރިޕޯޓަކީ، އިސްތިއުނާފުކުރި ނިންމުން ނުވަތަ ނުކުތާގެ އަސާސްތައް ދެނެގަތުމަށާއި، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ ކޯޓަށް ސާފުވާ މިންވަރަށް އެކުލަވައިލުމަށް އެ ފަރާތަށް ބޭނުންވާ މަޢުލޫމާތު ފުދޭ މިންވަރަށް ހިމެނޭ ރިޕޯޓެކެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ސިވިލް ކޯޓުގެ ފުރިހަމަ ރިޕޯޓު ލިބިފައި ނުވި ނަމަވެސް، ހުށަހެޅިފައިވާ ނުކުތާތައް ތަފުޞީލުކޮށްދިނުމަށް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ފުރިހަމަ ރިޕޯޓު ލިބެންދެން ފުރުޞަތުދިނުމަށް އެދުން ފިޔަވައި، އެކަމުގެ ސަބަބުން އެސެޓް ޕްރައިވެޓް ލިމިޓެޑްއަށް ގެއްލުމެއް ލިބިފައިވާކަން އެ ފަރާތުން ހައިކޯޓުގައި ބުނެދީފައެއް ނުވެއެވެ.
[13]4.13 ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބިފައި ނުވުމަކީ އިޖުރާއީ އުނިކަމެކެވެ. އެހެންނަމަވެސް އެއީ ހަމައެކަނި އެކަމުގެ މައްޗަށް ބުރަވެ، އިސްތިއުނާފު ބަލައިގަތުމުގެ އަސާސަކަށް ފުދޭ ސަބަބެއް ކަމުގައި ނުދެކެމެވެ. އަދި މި މައްސަލައިގައި ހައިކޯޓަށް ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށް، އިސްތިއުނާފު އޮޅުގަނޑު ގިރާކުރާފަދަ ޤާނޫނީ ބަޙުޘެއް ނެތްކަމަށް ނިންމާފައިވާ ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގައި އިސްތިއުނާފުކުރުމަށް ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައިވެސް ނުދެކެމެވެ.
[14]4.14 އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ހައިކޯޓުގެ ނަންބަރު HC-RM/2025/52 ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމަން ފެނެއެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1185/Cv-C/2020 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2025/52 ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)
ޢަބްދުލްޣަނީ މުޙައްމަދު
ޢަލީ ރަޝީދު ޙުސައިން
10 ޝަޢްބާން 1447
28 ޖަނަވަރީ 2026
ފުޓްނޯޓު
- ރަޖިސްޓްރީ ނަންބަރު P5250B-03-05-U
- ސަރޓިފިކޭޓް އޮފް ރަޖިސްޓްރޭޝަން ނަންބަރު C-0077/2016
- ޤާނޫނު ނަންބަރު 4/91
- ދިވެހިރާއްޖޭގެ ސުޕްރީމް ނަންބަރު 2019/SC-A/85 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ނަންބަރު 2019/SC-L/87 "މައްސަލަ ބަލައިގަތުމާމެދު ނިންމިގޮތް"
- ދިވެހިރާއްޖޭގެ ސުޕްރީމް ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމިގޮތް"
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 269 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާގެ (ށ)
- ހައިކޯޓުގެ ޤަވާޢިދު (2011) ގެ 27 ވަނަ މާއްދާ
- ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/91) ގެ 23 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ (އިސްތިއުނާފުކުރުމުގެ ޙައްޤު)
- ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ [2021] SC 52 (2019/SC-A/85)
- ސުޕްރީމް ކޯޓުގެ ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލްޕްމަންޓް ކޯޕަރޭޝަން (2019/SC-L/87)
- ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލްޕްމަންޓް ކޯޕަރޭޝަން (2019/SC-L/91)
- ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 39 (2022/SC-A/51)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.