ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/71، 479/Cv-C/2017
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސަރުކާރުން ލީސް އެގްރީމަންޓު ނިމުމަކަށް ގެނައީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން (479/Cv-C/2017) ޙުކުމްކޮށް، ހައިކޯޓުން (2019/HC-A/71) އެ ޙުކުމް ދެމެހެއްޓުމުން، ދައުލަތުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- ގދ. ކާޑެއްދޫ އެއަރޕޯޓު ތަރައްޤީކޮށް ހިންގުމަށް 50 އަހަރަށް ވިލާ އެއަރއަށް ކުއްޔަށް ދީ، މުޤާބިލުގައި ބ. މެންދޫ ދޭން ސަރުކާރުން އެއްބަސްވިއެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފަށް އެއަރޕޯޓު ހިންގި ކަމަށް ބުނެ، 2017 ގައި ސަރުކާރުން އެގްރީމަންޓު އުވާލިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވިލާ އެއަރ އިން ލީސް އެގްރީމަންޓާ ޚިލާފުވެއްޖެ ކަމަށް ދައުލަތުން ތުހުމަތުކުރާ ކަންކަމަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ހުއްދަވާ މިންވަރުގެ ބުރަދަން ހުރި ސީރިއަސް ޚިލާފެއް ނޫންކަމަށް ބަލައި، ސަރުކާރުން ލީސް އެގްރީމަންޓު ނިމުމަކަށް ގެނެސްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ހައިކޯޓުން ކަނޑައެޅުން ޞައްޙަތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ސޭފްޓީ އާއި ކޮމްޕްލަޔަންސް ރިޕޯޓުތަކުން މިންގަނޑުތަކާ ޚިލާފުވިކަން ދައްކާ ކަމަށާއި، ހައިކޯޓުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނިންމި ކަމަށެވެ. ވިލާ އެއަރއިން ބުނީ އެއީ މަރާމާތުގެ ކުދި ކަންތައްތައް ކަމަށާއި، އުވާލީ ހެޔޮ ނިޔަތުގައި ނޫން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނީ ޚިލާފުތަކުގެ ޖުމްލަ ނަތީޖާއަކީ ބުރަދަން ހުރި ސީރިއަސް ޚިލާފެއް ނަމަ ކަމަށް ކޯޓުން ކަނޑައެޅިއެވެ. ތިންވަނަ ފަރާތެއްގެ ރިޕޯޓު ހެކިން ސާބިތުނުވާކަމާއި، އޮތޯރިޓީއިން ހިންގުމުގެ ހުއްދަ ދީފައިވާކަމާއި، މަރާމާތުގެ ކަންކަމަކީ ސީރިއަސް ޚިލާފެއް ނޫންކަމާއި، އެފަދަ ޚިލާފެއް ދައުލަތުން ސާބިތުނުކުރާކަން ފާހަގަކުރިއެވެ.
ނިންމުން
ހައިކޯޓުގެ 2019/HC-A/71 ޙުކުމް ޤާއިމު: ސަރުކާރުން ލީސް އެގްރީމަންޓު…ހައިކޯޓުގެ 2019/HC-A/71 ޙުކުމް ޤާއިމު: ސަރުކާރުން ލީސް އެގްރީމަންޓު ނިމުމަކަށް ގެނެސްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި މައްސަލައެއްގެ ގޮތުގައި ދަޢުވާކުރުމުގެ ޙައްޤު ވިލާ އެއަރއަށް ލިބިގެންވާކަން ދެމެހެއްޓި (ފަނޑިޔާރުންގެ އިއްތިފާޤުން). މައިގަނޑު ރައުޔުގައި ގެއްލުމުގެ ބަދަލު ހިސާބުކުރާނެ އުޞޫލުތައް ބަޔާންކުރެއްވި ނަމަވެސް، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވީ އެއީ އިސްތިއުނާފީ ނުކުތާތަކުގައި ނުހިމެނޭ ކަމަކަށްވާތީ އެކަމާމެދު ބަސްބުނުން އެކަށީގެންނުވާ ކަމަށެވެ.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓުގެ އެއް ފަރާތުން ކޮންޓްރެކްޓާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ އެ ކޮންޓްރެކްޓު އުވާލުމަށް ކޮންޓްރެކްޓުގެ އަނެއް ފަރާތަށް ހުއްދަވާ ސަބަބެއް ނޫނެވެ. ކޮންޓްރެކްޓުގެ އެއް ބައިވެރިއަކު އަދާކުރަންޖެހޭ ކަން ކުރަން އެއްބަސްވެފައިވާ ގޮތަށް ނުކޮށްފިނަމަ، އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު މައުސޫމު ފަރާތަށް ލިބިދޭ ޚިލާފެއްކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ، އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމަ އެވެ. އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުންކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ އެ ޚިލާފުގެ ބުރަދަނާ ސީރިއަސް ކަމުގެ މައްޗަށެވެ. ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނީ އެ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ޚިލާފަކަށް ވާ ނަމައެވެ.
HN2 ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފު ވެއްޖެކަމަށް ބެލެވޭނީ ގާނޫނު ހުއްދަކުރާ އެއްވެސް ސަބަބެއްނެތި ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތަކުގެ ތެރެއިން އިލްތިޒާމެއް ނުވަތަ އިލްތިޒާމްތަކެއް އަދާނުކުރުމުންނެވެ. ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަކޮށްފި ކަމަށް ވާނީ ކޮންޓްރެކްޓުގައި ބުނެފައިވާ ގޮތަށް އެކަން ކުރުމުންނެވެ.
HN3 ކޮންޓްރެކްޓުގެ ބައިވެރިޔަކު ކޮންޓްރެކްޓާ ޚިލާފުވެއްޖެކަން ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭނީ އެގޮތަށް ބުނާ ފަރާތުންނެވެ. ހެކި ހުށަހެޅުމެއް ނެތި ދައުވާކުރާ ފަރާތުން ކުރާ ތުހުމަތުތައް ކިތަންމެ ގިނައިން ޝަރީއަތުގެ މަޖިލީހުގައި ތަކުރާރު ކުރި ނަމަވެސް ދައުވާކުރާ ފަރާތުން ކުރާ ދައުވާއަށް އެކަމުން ލިބޭނެ ބާރެއް ނެތެވެ. ދައުވާކުރާ ފަރާތުން ތުހުމަތުކުރާ ކޮންމެ ކަމަކީ ޝަރީއަތް ކުރުމުގައި ހަމަޖެހިފައި އޮންނަ އުސޫލުން ހެކި ހުށަހަޅައިގެން ސާބިތުކޮށްދޭންޖެހޭ ކަމެކެވެ.
HN4 ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ ޒާތުގެ ޚިލާފެއް ކަމަށް ވިޔަސް އެ ކޮންޓްރެކްޓު އޮޓަމެޓިކުން ނިމުމަކަށް ނާންނާނެއެވެ. ސަބަބަކީ، އެ ޚިލާފަށް ބެލުމެއް ނެތި ކޮންޓްރެކްޓާއިގެން ކުރިއަށް ދިއުމަށް ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތަށް އިޚްތިޔާރުކުރުމުގެ ހައްގު ލިބިގެންވާތީ އެވެ. ދެ ފަރާތުން ކުރެ ފަރާތަކުން ކޮންޓްރެކްޓާ ޚިލާފުވެއްޖެ ނަމަ ވަގުތުން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ކޮންޓްރެކްޓުގައި ބަޔާންކުރެވިފައި ވިޔަސް ކޮންޓްރެކްޓު ނިމުމަކަށް އައިސްފައިވާ ކަމަށް ނުބެލެވޭނެއެވެ.
HN5 ކޮންޓްރެކްޓުގެ ބައިވެރިއެއްގެ ޚިލާފަކާ ގުޅިގެން ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނީ، (ހ) އަނެއް ފަރާތުން ކޮންޓްރެކްޓު ދޫކޮށްލުން، (ށ) އަނެއް ފަރާތަށް ކޮންޓްރެކްޓުގައި ބުނެފައިވާ ކަންތައް ނިންމުމަކީ މުސްތަހީލު ކަމެއް ކަމަށްވުން، ނުވަތަ (ނ) އަނެއް ފަރާތުން ކޮންޓްރެކްޓުގެ މައިގަނޑުކަމަކާ ޚިލާފުވުމުގެ ހާލަތްތަކުގައެވެ. އަނެއް ފަރާތުން ކޮންޓްރެކްޓު ދޫކޮށްލުން ކަމަށް ބެލެވޭ ހާލަތްތަކަކީ ކޮންޓްރެކްޓުގައި ވާ ކަންތައްތައް އޭނާ ކުރަން ގަސްތު ނުކުރާކަން އޭނާގެ އަމަލުތަކުން ނުވަތަ ބަހުން އެނގި ފައުޅުވާ ހާލަތްތަކެވެ.
HN6 ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ މިންވަރުގެ ބުރަދަން ހުރި ޚިލާފެއްތޯ ކަނޑައެޅުމަށްޓަކައި ތަފާތު ގިނަ ވާގިއާތަކުގެ މައްޗަށް ރިއާޔަތް ކުރަންޖެހެއެވެ. މައުސޫމު ފަރާތް ހިމާޔަތްކުރުމަށްޓަކައި ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ އާއި ކޮންޓްރެކްޓު ނިމުމަކަށް ގެނެސްފިނަމަ ޚިލާފުވީ ފަރާތުގެ ހައްގުތަކަށް ލިބިގެންދާނެ ގެއްލުމަކީ ކޮބައިތޯ، މި ދެ ކަންތަކުގެ ވަޒަން ހަމަކުރުމުގެ މަސައްކަތް ކުރުމަށްފަހު، މައުސޫމު ފަރާތަށް ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ހުއްދަކުރާ ކަމަށް ބުރަވެވޭނަމަ ކޯޓުން ކަނޑައަޅަނީ ޚިލާފުވި ފަރާތުން ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވެއްޖެ ކަމަށެވެ.
HN7 ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ އަނެއް ފަރާތުން ޚިލާފު ވެއްޖެތޯ ކޯޓުން ބެލުމުގައި، ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ބޭނުންވާ ފަރާތަށް އެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ސަބަބުން ބޭއިންސާފު މުއްސަނދިކަމެއް ލިބޭނެ ކަމަށްވާ ނަމަ، އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ މިންވަރުގެ ބުރަދަން ހުރި ކަމެއް ކަމަށް ކޯޓުތަކުން ނުބެލުން އެކަށީގެންވެއެވެ. ޚިލާފުގެ ސަބަބުން ލިބުނު ގެއްލުމަކީ ވަރަށް ފަސޭހައިން ސާދާ ސީދާކޮށް ފައިސާއިން ހިސާބުކޮށް ބަދަލު ނަގައި ދެވިދާނެ ކަމެއް ނަމަ ބަދަލު ދިނުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށްވުރެ މާ ރަނގަޅެވެ.
HN8 ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އެކަމަކާ ޚިލާފުވުމުން ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނެ ކަންކަން ކަނޑައަޅައި ކޮންޓްރެކްޓުގައި ބަޔާންކުރުމުގެ މިނިވަންކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވެއެވެ. އެހެން ނަމަވެސް އެ ގޮތަށް ބަޔާންކޮށްފައިވާ މާއްދާއަކާ ޚިލާފުވުމުން މައުސޫމު ފަރާތަށް ލިބޭ ގެއްލުމަކީ ނިސްބަތުން ވަރަށް ކުޑަ ގެއްލުމަކަށް ވާނަމަ އެ މާއްދާއަކީ ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ހަމަ ދެއްކޭ މިންވަރުގެ ކަމެއް ނޫންކަމަށް ކޯޓުން ކަނޑައެޅުމުގެ ފުރުސަތު އޮންނާނެއެވެ.
HN9 ހެޔޮ ނިޔަތުގައި ނޫން ގޮތަކަށް ކޮންޓްރެކް ނިމުމަކަށް ނުގެނެވުމަކީ ކޮންމެ ކޮންޓްރެކްޓެއްގައި ހިމެނޭ ޒިމްނީ ޝަރުތެކެވެ. އެހެން ކަމުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގައި ހެޔޮ ނިޔަތް ނެތުމަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު މަހުދޫދު ކޮށްފާނޭ ސަބަބެކެވެ.
HN10 ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ކަންކަމަށް އަނެއް ފަރާތުން އިންކާރުކުރާ ހާލަތުގައި، މި ފަދަ ރިޕޯޓުތަކަކީ އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުވެ ތެދު ބުނުމަށް ހުވާކުރުމަށް ފަހު އެ ރިޕޯޓުގައިވާ ކަންކަމަކީ ތެދުކަމަށް ބުނުމުގެ ކުރިން ކަމެއް ސާބިތުކުރުމަށް ޝަރީއަތުގައި ފުދޭނެ އެއްޗެއް ނޫނެވެ.
HN11 ތުހުމަތުކުރެވޭ ޚިލާފުތަކަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ހުއްދަވާ މިންވަރުގެ ބުރަދަންހުރި ސީރިއަސް ނަތީޖާތަކެއް ނިކުންނަ ކަންތައްތަކެއް ކަން ސާބިތުކޮށް ދިނުމަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައި ފަރާތުން ސާބިތުކޮށްދޭން ޖެހޭ ކަމެކެވެ. ހިނގަމުންދާ އެއަރޕޯޓެއްގައި އަބަދުވެސް ރަނގަޅުކޮށް އިސްލާހުކޮށް މަރާމާތު ކުރަންޖެހޭ ކަންކަން ހުންނާނޭތީވެ، އެފަދަ ކަންކަން ހުރުމަކީ އެ ކަންކަމާ ޚިލާފުވެގެން ލީސް އެގްރީމަންޓު ނިމުމަކަށް ގެނައުން ހުއްދަވާ މިންވަރުގެ ބުރަދަން ހުރި ސީރިއަސް ނަތީޖާތަކެއް ނިކުންނަ ކަންކަމެއް ނޫނެވެ.
HN12 ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމްވާ ކަންތައްތައް ކުރަންވާނީ އެ ކޮންޓްރެކްޓުގައިވާ ގޮތުގެމަތިން ކަމާއި އެ ގޮތާ ޚިލާފުވާ ގޮތަކަށް އަމަލުކުރެވޭނީ އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އެކަމަށް ދުލެއް ދީފި ނަމައެވެ. އެފަދަ ކޮންމެ ޚިލާފަކީ އެ ޚިލާފަކާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް މައުސޫމު ފަރާތަށް ދައުވާ ކުރެވިދާނެ ކަންކަމެވެ. ނަމަވެސް ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ މާއްދާ ތަކުގައިވާ އިލްތިޒާމުތަކަކީ ދެ ދަރަޖައަށް ނުވަތަ ތިން ދަރަޖައަށް ބެހިގެންވާ މާއްދާތަކެއް ކަމުން، އެއިން ކޮންމެ ދަރަޖައެއްގެ އިލްތިޒާމަކާ ޚިލާފުވުމަކީ އެ ޚިލާފުގެ ނަތީޖާއެއްގެ ގޮތުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުން މައުސޫމު ފަރާތަށް ހުއްދަވާ އިލްތިޒާމުތަކެއް ނޫނެވެ. ކޮންޓްރެކްޓެއް ނިމުމަކަށް ގެނައުން ހުއްދަވާނީ، ތުހުމަތުކުރެވޭ ޚިލާފުގެ ޖުމްލަ ނަތީޖާއަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ޖަސްޓިފައި ކުރާ މިންވަރުގެ ބުރަދަން ހުރި ސީރިއަސް ނަތީޖާތަކެއް ނިކުންނަ ޚިލާފެއް ކަމަށް ވާނަމައެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ފާޠިމަތު ޙަލީމް، ޒުލައިޚާ އިބްރާހީމް، އީމާނު ހާނީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އަޙްމަދު މުޢިއްޒު، އަޙްމަދު ޝަފީޤް، ނަދީމް އިބްރާހީމް، މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ، ޝަފީޤް އެންޑް މަސްތޫރު އެލް.އެލް.ޕީ
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/85
ޝަރީޢަތް ނިމުނުގޮތް
ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު
10 މެއި 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2019/HC-A/71
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ވިލާ އެއަރ ޕވޓ ލޓޑ
ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް/މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން)
ޤާނޫނީ ވަކީލު: އަޙްމަދު މުޢިއްޒު، މުޢިއްޒު އެންޑް ކޯ އެލްއެލްޕީ
އަޙްމަދުޝަފީޤު، ޝަފީޤު އެންޑް މަސްތޫރު އެލްއެލްޕީ
ނަދީމް އިބްރާހީމް، ޝަފީޤު އެންޑް މަސްތޫރު އެލްއެލްޕީ ޤާނޫނީ ވަކީލު: ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ޙަލީމް،ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛާ ޒުލައިޚާ އިބްރާހީމް، ސްޓޭޓް އެޓަރނީ އަލްއުސްތާޛް އީމާން ހާނީ
މަދަނީ – އެއްބަސްވުމާ ހިލާފުވުން – ކޮންޓްރެކްޓާ ޚިލާފުވެގެން ކޮންޓްރެކްޓު ނިމުމަކަށް ގެނައުން – ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން – ބުރަދަން ހުރި ސީރިއަސް ޚިލާފު – ގެއްލުމުގެ ބަދަލު – ގެއްލުމުގެ ބަދަލު ހިސާބުކުރާނެ ގޮތް
ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތައާރަފް
1HN1އަލްމާއިދާ ސޫރަތުގެ ފުރަތަމަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ޢަޤުދުތައް ފުއްދާށެވެ!" ކީރިތި ޤުރުއާނުގެ މި މޫރިތި އާޔަތުން އެނގެނީ އަގުދުތަކަށް ވަފާތެރިވުމަކީ ވާޖިބެއް ކަމެވެ. ލޯޑް ޖަސްޓިސް ރޮސްކިލް 'ދަ ހަންސާ ނޯޑް' ގަޒިއްޔާގައި ވިދާޅުވެފައިވާ ފަދައިން ކޮންޓްރެކްޓު ހަދަނީ އެއަށް އަމަލު ކުރުމަށެވެ. ހިތަށް އެރީމަ ހިތަށް އެރިގޮތަކަށް އެ ކޮންޓްރެކްޓު އުވާލުމަކަށް ނޫނެވެ. ގާނޫނު ހުއްދަ ކުރާ ހާލަތެއް ނެތި ކޮންޓްރެކްޓު އުވާލުމަކީ އޭގެ ނަތީޖާ އާއި މާލީ ގޮތުން ކުރިމަތިލާން ޖެހޭނެ ކަމެކެވެ. އެހެންކަމުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަކީ އެހާ ލުއި ކަމެއް ނޫނެވެ. ކޮންޓްރެކްޓުގެ އެއް ފަރާތުން ކޮންޓްރެކްޓާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ އެ ކޮންޓްރެކްޓު އުވާލުމަށް ކޮންޓްރެކްޓުގެ އަނެއް ފަރާތަށް ހުއްދަވާ ސަބަބެއް ނޫނެވެ. ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓަކާ ޚިލާފުވެގެން، ދެފަރާތެއްގެ ދެމެދުގައި ވާސިލުވެވިފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނީ އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމައެވެ. ޚިލާފުވީ ކަމަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމެއް ކަމަށްވާނީ އެ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ނަތީޖާއެއް ނިކުންނަ ކަމަކަށްވާ ނަމައެވެ. މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ، ތުހުމަތުކުރެވޭ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ޚިލާފެއްތޯ ބެލުމަށް ކަނޑައެޅިފައިވާ ގާނޫނީ ހަމަތަކަކީ ކޮބައިތޯ އާއި މި ބަލާ މައްސަލައިގައި ހިމެނޭ ކޮންޓްރެކްޓު ކަމުގައިވާ ދިވެހި ސަރުކާރާއި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 6 ނޮވެމްބަރ 2013 ގައި ސޮއިކުރި ކޮންޓްރެކްޓާ ވިލާ އެއަރ އިން ޚިލާފުވެއްޖެ ކަމަށް ދައުލަތުގެ ފަރާތުން ތުހުމަތުކުރާ ކަންކަމަކީ ކޮންޓްރެކްޓެއް ނިމުމަކަށް ގެނައުން ހުއްދަވާ މިންވަރުގެ ބުރަދަން ހުރި ސީރިއަސް ނަތީޖާއެއް ނިކުންނަ ޚިލާފެއްތޯއެވެ.
2މި އިސްތިއުނާފީ ގަޒިއްޔާގައި ބެލެވޭ މައްސަލަ އަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އާއި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ގދ. ކާޑެއްދޫ އެއަރޕޯޓް ތަރައްގީކޮށް ހިންގައި ބެލެހެއްޓުމަށް ވިލާ އެއަރ އާ ހަވާލުކޮށްފައި ވަނިކޮށް، އެ އެއްބަސްވުން ދިވެހި ސަރުކާރުން ނިމުމަކަށް ގެނައުމުން އުފެދިފައިވާ ޚުސޫމަތެކެވެ. މި މައްސަލައިގައި ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފައި ވަނީ އެއްބަސްވުން ދިވެހި ސަރުކާރުން ނިމުމަކަށް ގެނެސްފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ. ދައުލަތުން އެ ކަމަށް އިންކާރު ކުރެއެވެ. މިއީ މި ޚުސޫމަތާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އިސްތިއުނާފީ ގަޒިއްޔާގައި ހައިކޯޓުން ކުރި ހުކުމާ މެދު ހިތް ހަމަނުޖެހިގެން ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރި މައްސަލައެކެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
3މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އާއި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން 'ވިލާ އެއަރ' ނުވަތަ 'އިސްތިއުނާފު ރައްދުވާ ފަރާތް') އާ ދެމެދު 6 ނޮވެމްބަރ 2013 ގައި ސޮއިކުރެވުނު ލީސް އެގްރީމަންޓެއްގެ (މީގެ ފަހުން "ލީސް އެގްރީމަންޓު") ދަށުން ގދ. ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯޓް (މީގެ ފަހުން ކާޑެއްދޫ އެއަރޕޯޓް) ތަރައްގީކޮށް ހިންގައި ބެލެހެއްޓުމަށްޓަކައި އެ އެއަރޕޯޓް 50 އަހަރު ދުވަހުގެ މުއްދަތަށް ވިލާ އެއަރ އަށް ދިވެހި ސަރުކާރުން (މީގެ ފަހުން 'ސަރުކާރު') ކުއްޔަށް ދީފައިވެއެވެ. އަދި ކާޑެއްދޫ އެއަރޕޯޓް ތަރައްގީކޮށް ހިންގައި ބެލެހެއްޓުމުގެ މުގާބިލެއްގެ ގޮތުގައި ބ. މެންދޫ އެވެ ކިޔާ ފަޅުރަށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށް ވިލާ އެއަރ އަށް ދޭން ސަރުކާރުން އެއްބަސްވެފައި ވެއެވެ.
4ވިލާ އެއަރ އިން ލީސް އެގްރީމަންޓާ ޚިލާފުވެފައިވާ ކަމަށް ބުނެ، 18 ޖެނުއަރީ 2017 ގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ވިލާ އެއަރ އަށް ފޮނުވި488-ASS/PRIV/2017/06 ސިޓީ އިން ލީސް އެގްރީމަންޓު އުވާލާފައި ވެއެވެ.
5ލީސް އެގްރީމަންޓު އުވާލުމަށްޓަކައި މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ވިލާ އެއަރ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ސިޓީގައިވާ ނޯޓިސްއަކީ، ލީސް އެގްރީމަންޓުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް ވިލާ އެއަރ އިން ކާޑެއްދޫ އެއަރޕޯޓް ހިންގުމުގައި އަމަލުކޮށްފައި ނުވާތީ، ލީސް އެގްރީމަންޓުގެ 40 ވަނަ މާއްދާގެ (i) އިން ލީސް އެގްރީމަންޓު ނިމުމަކަށް ގެނައުމަށް ސަރުކާރަށް ލިބިދޭ ބާރުގެ ދަށުން، އެ ލީސް އެގްރީމަންޓުގެ 41 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދިން ނޯޓިސްއެއް ކަމަށާއި، އެ ނޯޓިސް ދޭތާ 15 ދުވަހުގެ ތެރޭގައި ލީސް އެގްރީމަންޓު ނިމުމަކަށް އަންނާނެ ކަމަށެވެ.
6ލީސް އެގްރީމަންޓު ނިމުމަކަށް ގެނައުމުގެ ހައްގު ސަރުކާރަށް ލިބިގެން ނުވާކަމަށް ބުނެ ވިލާ އެއަރ ގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ވިލާ އެއަރ ގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ؛ (1) ލީސް އެގްރީމަންޓު ނިމުމަކަށް ގެނައުމަށް ނޯޓިސް ދިނުމުގެ ހައްގު ދިވެހި ސަރުކާރަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި ދިނުމަށާއި، (2) އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން އެއަރޕޯޓް ތަރައްގީކޮށް ހިންގުމަށް ވެފައިވާ އެއްބަސްވުމާއި ބ. މެންދޫގެ ލީސް އެގްރިމަންޓުގެ ދަށުން ވިލާ އެއަރ އަށް ލިބިގެންވާ ހައްގުތައް ލިބިދިނުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އަށް އަމުރުކޮށް ދިނުމަށާއި، (3) އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
7ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ، ސަރުކާރުން ލީސް އެގްރީމަންޓު ނިމުމަކަށް ގެނެސްފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ؛ (1) ލީސް އެގްރީމަންޓު ސައްހަކަން މަތީ ދެމިއޮތް ކަމަށާއި، (2) ލީސް އެގްރީމަންޓާ އެއްގޮތަށް އަމަލުކުރުމަށް ދައުލަތަށް އަންގާ ކަމަށާއި، (3) ސަރުކާރުން ލީސް އެގްރީމަންޓު ބާތިލުކޮށް އެއަރޕޯޓު އަތުލުމުގެ ސަބަބުން ވިލާ އެއަރ އަށް ގެއްލުމެއް ލިބިފައިވާ ނަމަ އެ ގެއްލުމެއްގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ވިލާ އެއަރ އަށް ލިބިގެންވާ ކަމަށެވެ.
ހައިކޯޓުގެ އިސްތިއުނާފު
8ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައި ވެއެވެ. ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ވިލާ އެއަރ ގެ ފަރާތުން ކާޑެއްދޫ އެއަރޕޯޓު ތަރައްގީކޮށް ހިންގަންވާނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ. އަދި ލައިސަންސް ނެގުމާއި، ހުއްދަ އާއި ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމާނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ކަމަށް ލީސް އެގްރީމަންޓުގެ 06 އަދި 07 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އައިލެންޑް އޭވިއޭޝަންގެ މަތިންދާ ބޯޓަށް ގެއްލުންވި ހާދިސާއަކާ ގުޅޭގޮތުން15 ސެޕްޓެމްބަރު 2016 ގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ކުންފުނިން ހެދި ސޭފްޓީ އެސެސްމަންޓް ރިޕޯޓާ ގުޅިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން 03 ނޮވެމްބަރ 2016 ގައި ހެދި ކޮމްޕްލައަންސް އިންސްޕެކްޝަން ރިޕޯޓާއި، 16 ނޮވެމްބަރ 2016 ގައި ހެދި ފޮލޯއަޕް ރިޕޯޓުގައިވެސް ކާޑެއްދޫ އެއަރޕޯޓުގެ ފެންވަރު ދަށްވެގެން އެއަރޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އަންގާފައި ނުވާކަމަށެވެ. އެ ރިޕޯޓުތަކަށް ފަހު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެއަރޕޯޓު އިވެލުއޭޓް ކުރުމަށްފަހު 01 ޖަނަވަރީ 2017 ގައި ކާޑެއްދޫ އެއަރޕޯޓު އޮޕަރޭޓް ކުރުމުގެ ހުއްދަ ވިލާ އެއަރ އަށް ދީފައިވާތީވެ، ވިލާ އެއަރ އިން ކާޑެއްދޫ އެއަރޕޯޓު އޮޕަރޭޓް ކުރަމުން އައީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާ އެއްގޮތަކަމަށް ބަލަންޖެހޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ. މީގެ އިތުރުން، ކާޑެއްދޫ އެއަރޕޯޓު ވިލާ އެއަރގެ ކިބައިން ނެގުމާ ހަމައަށް އެއަރޕޯޓުގައި ބޯޓުތައް ޖައްސަމުން ގެންދިޔަ ކަމަށާއި، އެގޮތުން ދުވާލެއްގެ މައްޗަށް އެތައް ބޯޓެއް ޖައްސާކަމަށް ވިލާ އެއަރ ގެ ފަރާތުން ބުނެފައިވާއިރު، އެކަމަށް ދައުލަތުގެ ފަރާތުން އިންކާރުކޮށްފައި ނުވާތީވެ، ލީސް އެގްރިމެންޓްގެ 15 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ކަނޑައަޅާފައިވާ ގަވާއިދުތަކާ މިންގަނޑުތަކާ އެއްގޮތަށް ވިލާ އެއަރ އިން ކާޑެއްދޫ އެއަރޕޯޓު ހިންގުމުގައި އަމަލު ކޮށްފައިނުވާ ކަމަށް ބުނެ، ސަރުކާރުން ލީސް އެގްރީމަންޓް ބާތިލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު
9ސުޕްރީމް ކޯޓުގެ މި ގަޒިއްޔާއަކީ މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅުމުން ބެލި އިސްތިއުނާފުގެ ގަޒިއްޔާއެވެ. ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމުގައި ވިލާ އެއަރ އިން ކާޑެއްދޫ އެއަރޕޯޓް ހިންގަމުން ގޮސްފައިވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް ލިބެންޖެހޭ އެންމެހައި ހުއްދަތައް ލިބިގެން ކަމަށާއި އެއަރޕޯޓުގެ ފެންވަރު ދަށްވެގެން އޮޕަރޭޝަންތައް ހުއްޓާލުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އަންގާފައި ނެތްކަމުގެ މައްޗަށް ބިނާކޮށް ވިލާ އެއަރ އިން ލީސް އެގްރީމަންޓާ ޚިލާފުވެފައިނުވާ ކަމަށް ކަނޑައަޅާފައިވަނީ؛ (1) އެއްބަސްވުން ބާތިލުކުރުމާ، އެއްބަސްވުން މާނަކުރުމުގައި މިނިވަން ދީމިގްރާތީ ގައުމުތަކުން އަމަލުކުރާ އުސޫލާ ޚިލާފަށް، އަދި (2) ލީސް އެގްރީމަންޓުގެ ގެ 40 ވަނަ މާއްދާގެ (i) ގެ ދަށުން އެއްބަސްވުން ބާތިލުކުރުމަށް ސަރުކާރަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް ކަމަށެވެ.
ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން
10ލީސް އެގްރީމަންޓުގެ ދަށުން، ކާޑެއްދޫ އެއަރޕޯޓް ތަރައްގީކޮށް ހިންގައި ބެލެހެއްޓުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވަނީ 50 އަހަރަށެވެ. އަދި ކާޑެއްދޫ އެއަރޕޯޓް ތަރައްގީކޮށް ހިންގައި ބެލެހެއްޓުމުގެ މުގާބިލެއްގެ ގޮތުގައި ބ. މެންދޫ އެވެ ކިޔާ ފަޅުރަށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށް ވިލާ އެއަރ އަށް ދޭން ވެސް ސަރުކާރުން އެއްބަސްވެފައި ވެއެވެ.
11ލީސް އެގްރީމެންޓުގެ 21 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކާޑެއްދޫ އެއަރޕޯޓުގެ ކުލީގެ ގޮތުގައި ވިލާ އެއަރ އިން ސަރުކާރަށް އަހަރަކު US$30000 (ތިރީސް ހާސް ޔޫއެސް ޑޮލަރު) ދައްކަން ޖެހެއެވެ. މީގެ އިތުރުން، ރިސޯޓު ހިމެނޭ ގޮތުން މުޅި ޕްރޮޖެކްޓުން ކޮންމެ އަހަރަކު ލިބޭ ސާފު ފައިދާގެ 15 އިންސައްތަ ވިލާ އެއަރ އިން ސަރުކާރަށް ދައްކަން ޖެހެއެވެ.
12ލީސް އެގްރީމެންޓުގައިވާ ގޮތުން، އެއަރޕޯޓު އަލުން ތަރައްގީ ކުރުމުކީ ލީސް އެގްރީމެންޓުގެ ޝަރުތެކެވެ. އެއްބަސްވުމުގައިވާ ގޮތުން ވިލާ އެއަރގެ ފަރާތުން ހުށަހަޅައިފައިވާ ޕްރޮޕޯސަލްއާ އެއްގޮތްވާ ގޮތުގެމަތިން، އެއަރޕޯޓު ހިންގަން ފަށާ ދުވަހުން ފެށިގެން 10 އަހަރު ތެރޭގައި އެއަރޕޯޓް އަލުން ތަރައްގީކޮށް ނިންމަން ޖެހެއެވެ.
13ލީސް އެގްރީމަންޓުގައިވާ ގޮތުން ވިލާ އެއަރގެ ފަރާތުން ކާޑެއްދޫ އެއަރޕޯޓު ތަރައްގީކޮށް ހިންގަންވާނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ. އެއްބަސްވުމުގައި ބުނެފައިވާ ގޮތުން ހުއްދަތައް ނެގުމާއި، ހުއްދައާ ގުޅޭ އެންމެ ފަހު ނިންމުން ނިންމާނީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިންނެވެ. ލީސް އެގްރީމެންޓްގެ 06 އަދި 07 ވަނަ މާއްދާގައި ބުނެފައިވަނީ އެ އޮތޯރިޓީގެ ނިންމުމަކީ އެންމެފަހު ނިންމުން ކަމަށާއި، ދިވެހި ސަރުކާރުން ވެސް އަދި އެ ނޫންވެސް އެހެން ފަރާތަކުން ވެސް އެ ނިންމުމަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.
14ލީސް އެގްރީމަންޓުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ވިލާ އެއަރގެ ފަރާތުން އެއަރޕޯޓު ހިންގައި ބެލެހެއްޓުމުގައި ގްރައުންޑް ހޭންޑްލިންގ، ރިފިއުލިންގ، އެއަރ ޓްރެފިކް ކޮންޓްރޯލް، ސެކިއުރިޓީ، ފަޔަރ އެންޑް ރެސްކިއު އަދި އެނޫންވެސް އެއާޕޯޓުގައި ހުންނަންޖެހޭ ވިޔަފާރި ޚިދުމަތްތައް ހުންނަން ޖެހޭނީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
15ލީސް އެގްރީމަންޓު ނިމުމަކަށް ގެނެވޭނެ ތިން ހާލަތު އެ އެއްބަސްވުމުގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ. އެއީ:
40 (i) - ވިލާ އެއަރ އިން، ލީސް އެގްރީމަންޓުގެ 15، 16، 17 އަދި/ނުވަތަ 13 ވަނަ މާއްދާއާ ޚިލާފުވުން.
40 (ii) - ލީސް އެގްރީމެންޓުގެ 13 ވަނަ މާއްދާގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އެއަރޕޯޓް އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ވިލާ އެއަރ އިން ނުނިންމުން ނުވަތަ އެއަރޕޯޓު ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ވިލާ އެއަރ ފޭލި ވުން.
40 (iii) - ވިލާ އެއަރ ބަނގުރޫޓުވުން ނުވަތަ އުވައިލުން.
16ލީސް އެގްރީމަންޓުގެ 40 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތުގައި އެއްބަސްވުން ނިމުމަކަށް ގެނެވޭ ސަބަބު ލިޔުމުން އަންގަންވާނެ ކަމަށް އެއްބަސްވުމުގެ 41 ވަނަ މާއްދާގައި ބުނެފައިވެއެވެ.
ލީސް އެގްރިމަންޓު ނިމުމަކަށް ގެނައުން
17ލީސް އެގްރީމެންޓްގެ ދަށުން ވިލާ އެއަރ އިން އެއަރޕޯޓު ހިންގަމުން ގެންދާތާ ތިން އަހަރު ވެފައިވަނިކޮށް، 18 ޖަނަވަރީ 2017 ގައި މިނިސްޓްރީ އޮފް ޓުއަރިޒަމުގެ ނަންބަރު488-ASS/PRIV/2017/06 ސިޓީ އިން މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ވިލާ އެއަރ އަށް ނޯޓިސް ފޮނުވިއެވެ.
18މި ނޯޓިހުގައި ބުނެފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް ވިލާ އެއަރ އިން ކާޑެއްދޫ އެއަރޕޯޓް ހިންގުމުގައި އަމަލުކޮށްފައި ނުވާތީ، އެއްބަސްވުމުގެ 40 ވަނަ މާއްދާގެ (i) އިން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ލިބިދޭ ބާރުގެ ދަށުން، އެ ނޯޓިސް ދޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށެވެ.
19ލީސް އެގްރީމެންޓު ނިމުމަކަށް ގެނައުމަށް ސަރުކާރުން ވިލާ އެއަރ އަށް ފޮނުވި ސިޓީގައި ލީސް އެގްރީމެންޓު ނިމުމަކަށް ގެންނަނީ ލީސް އެގްރީމެންޓުގެ 15 ވަނަ މާއްދާއާ ޚިލާފުވެފައިވާތީ ކަމަށް ބުނެފައިވީ ނަމަވެސް، ވިލާ އެއަރ އިން އެއްބަސްވުމާ ޚިލާފަށް ކުރީ ކޮންކަމެއް ކަން ނުވަތަ ކޮށްފައިނުވަނީ ކޮން ކަމެއްކަން ބުނެފައި ނެތެވެ.
20ސަރުކާރުން ލީސް އެގްރީމެންޓު ނިމުމަކަށް ގެނެސްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުން އެދި ވިލާ އެއަރ ގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ދައުވާގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ، ފާއިތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ވިލާ އެއަރ އިން އެއަރޕޯޓު ހިންގާފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ކަމަށެވެ. އަދި އެއަރޕޯޓުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ރަންވޭގެ ހާލަތު ދަށްވެ އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރުމުގެ ސަބަބުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ މަތިންދާ ބޯޓަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ މަތިންދާ ބޯޓަށް ގެއްލުންވި އެ ހާދިސާއާ ގުޅޭގޮތުން 15 ސެޕްޓެމްބަރު 2016 ގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން އެއަރޕޯޓުގެ ސޭފްޓީ އެސެސްމެންޓް ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށާއި އެ ރިޕޯޓުގައި، އެއަރޕޯޓުގެ ރަންވޭ އޮތީ އެންމެ ރައްކާތެރި ހާލަތެއްގައި ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމުގެ ސަބަބަކީ އެއަރޕޯޓު ބެލެހެއްޓުމުގެ މެނުއަލްތަކާ އެއްގޮތަށް އެއަރޕޯޓު ބެލެހެއްޓުމުގެ މަސައްކަތް ކުރެވެމުން ގޮސްފައި ނެތުން ކަމުގައި ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ދައުލަތުގެ ފަރާތުން ބުނެފައި ވެއެވެ. އަދި އެއަރޕޯޓުގެ މެނުއަލްތަކަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް އެއަރޕޯޓު ބެލެހެއްޓުމަށްޓަކައި ތައްޔާރުކޮށްފައިވާ މެނުއަލް ތަކަކަށް ވީ ހިނދު، އެ މެނުއަލްތަކާ އެއްގޮތަށް އަމަލުކޮށްފައި ނެތުމަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ދައުވާކުރާ ފަރާތުން ޚިލާފުވެފައި ވާކަން ދަލީލުކޮށްދޭ ކަމެއް ކަމަށް ދައުލަތުގެ ފަރާތުން ބުނެފައި ވެއެވެ. މީގެ އިތުރުން އެ ރިޕޯޓުގެ 3 ވަނަ ސަފްހާއިން 5 ވަނަ ސަފްހާއާ ހަމައަށް ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ބަލައި ނުގަނެވޭނެ މިންވަރަކަށް ސަލާމަތީ ކަންތައްތައް ހުރި ކަމަށް އެ ރިޕޯޓުގައި ބުނެފައިވާތީވެ، އާންމުން ބޭނުންކުރާ އެއަރޕޯޓެއްގައި އެފަދަ މިންވަރަކަށް ނުރައްކަލެއް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައި ވެއެވެ.
ސޭފްޓީ އެސެސްމަންޓް ރިޕޯޓާއި ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓުތައް
21ސޭފްޓީ އެސެސްމެންޓް ރިޕޯޓް: އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ މަތިންދާ ބޯޓަކަށް ގެއްލުންވި ހާދިސާއަކާ ގުޅިގެން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ކާޑެއްދޫ އެއަރޕޯޓު އިންސްޕެކްޓު ކުރުމަށްފަހު 15 ސެޕްޓެމްބަރ 2016 ގައި 'ސޭފްޓީ އެސެސްމަންޓް ރިޕޯޓް' އެއް އެކަށައަޅާފައި ވެއެވެ. މި ރިޕޯޓު އައިލަންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ހަދާފައިވަނީ އެފަރާތުގެ މަތިންދާ ބޯޓަކަށް ގެއްލުން ވެގެން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެ ރިޕޯޓު ހެދުމުގެ މަގްސަދަކީ ކާޑެއްދޫ އެއަރޕޯޓުގެ ރަންވޭ އާއި އޭޕްރަންގެ ސަލާމަތީ ހާލަތު ދެނެގަތުން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
22އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ "ސޭފްޓީ އެސެސްމަންޓް ރިޕޯޓް" ގެ އެއްވެސް ތަނެއްގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ބޯޓަށް ގެއްލުން ލިބުނީ ކާޑެއްދޫ އެއަރޕޯޓުން ކަމަށް ބުނެފައި ނެތެވެ. އެ ރިޕޯޓް ނިންމާލަމުން ކާޑެއްދޫ އެއަރޕޯޓުގެ އޮޕަރޭޝަންސް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވެއެވެ.
23އައިލެންޑް އޭވިއޭޝަންގެ 'ސޭފްޓީ އެސެސްމަންޓް ރިޕޯޓު' އަށް ފަހުވެސް އެ ކުންފުނީގެ ބޯޓުތައް އައީ ކާޑެއްދޫ އެއަރޕޯޓްގައި ޖައްސަމުންނެވެ.
24ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓް: 15 ސެޕްޓެމްބަރ 2016 ގައި އައިލެންޑް އޭވިއޭޝަނުން ނެރެފައިވާ 'ސޭފްޓީ އެސެސްމަންޓް ރިޕޯޓު' މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ދިރާސާކޮށް، އަދި އެއަރޕޯޓު ހިންގަމުންދާ ގޮތް ބެލުމަށްފަހު، 03 ނޮވެމްބަރ 2016 ގައި އެއަރޕޯޓުގެ 'ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓް' އެއް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ނެރުނެވެ.
25މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން 03 ނޮވެމްބަރ 2016 ގައި ހެދި 'ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓް' ގައި ބުނެފައިވަނީ: (1) ކާޑެއްދޫ ސެކިއުރިޓީ ފުޅަފުގެ %85 (އަށްޑިހަ ފަހެއް އިންސައްތަ) ފުރިހަމަކޮށްފައިވާ ކަމަށާއި، ނުނިމި ހުރި ބައިގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، (2) އެއިރޯޑްރޯމް ފަޔަރ ފައިޓިންގ ކެޓަގަރީ 5 އާ ގުޅިގެން ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ކާޑެއްދޫ އެއަރޕޯޓަކީ ކެޓަގަރީ 4 ގެ އެއަރޕޯޓެއް ކަމަށާއި، ކެޓަގަރީ 4 ގެ އެއަރޕޯޓެއް އޮޕަރޭޓް ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ފުރިހަމަކޮށްފައިވާ ކަމަށާއި، (3) ކެޓަގަރީ 5 ގެ އެއަރ ކްރާފްޓް ޖެއްސުން އިތުރުވާނެކަމަށް ލަފާކުރެވޭތީ، ކެޓަގަރީ 5 ގެ އޮޕަރޭޝަންތަކަށް ބޭނުންވާ ފަޔަރ ފައިޓިންގ އަޕްގްރޭޑް ކުރުމަށް ލަފާދޭކަމާއި، އެހެންނަމަވެސް ދީފައިވާ މުއްދަތަށް އެކަން ކޮށްފައި ނުވާ ކަމަށާއި، އެކަން ނުކުރެވިފައިވަނީ ފަޔަރ ފައިޓިންގ އަޕްގްރޭޑް ކުރުމަށް އިތުރު އުޅަނދެއް ބޭނުންވާތީ ކަމަށާއި، އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އުޅަނދުގެ އަގުގެ ދެބައިކުޅަ އެއްބައި ދައްކާފައިވާ ކަމަށާއި އިދާރީ ދަތިތަކެއް ހުރުމުން ރައްދުކުރުން ލަސްވެފައިވާ ކަމަށެވެ. ކާޑެއްދޫ އެއަރޕޯޓުގެ ރަންވޭ އާއި ގުޅިގެން ރިޕޯޓުގެ 9 އަދި 10 ވަނަ ޕެރެގްރާފުގައި ރަންވޭގައި ތަންތަން ކަނޑައިގެން ގޮސްފައި ހުރިކަމަށް ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން، އެ ތަންތަން ރަނގަޅު ކުރުމަށާއި، ރަންވޭގެ ހާލަތު ވަޒަން ކުރުމަށްފަހު އެ ކަންކަން ރަނގަޅު ކުރުމަށް އިސްލާހީ ރޭވުމެއް ހުށަހެޅުމަށް ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
2603 ނޮވެމްބަރ 2016 ގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ހެދި 'ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓް' އަށް ފަހު 16 ނޮވެމްބަރ 2016 ގައި ފޮލޯ އަޕް އިންސްޕެކްޝަން އަޕްޑޭޓް އެއް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ހެދި އެވެ.
27މި ފޮލޯ އަޕް ރިޕޯޓަށް ބަލާއިރު، 03 ނޮވެމްބަރ 2016 ގައި ހެދި 'ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓު'ގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރެއިން އެއަރޕޯޓުގެ ފުޅަފުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށްފައިވާ ކަމާއި، އެއަރޕޯޓުގެ ސަލާމަތީ ޕްރޮގްރާމްވެސް ނިންމައި ހުއްދަ ހޯދުމަށް ފޮނުވާފައިވާ އިރު، އެއަރޕޯޓުގެ ކެޓަގަރީ 5 ގެ އޮޕަރޭޝަނަށް ބޭނުންވާ ފަޔަރ ފައިޓިން އަޕްގްރޭޑްގެ މަސައްކަތް އޭރުވެސް އެއްކޮށް ފުރިހަމަ ނުވާކަމަށާއި އެ ކަންކަން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި ނުނިމި ހުރި ކަންކަން ނިންމުމަށްޓަކައި އިތުރު މުއްދަތެއް ދެވިފައިވާ ކަމަށް ބުނެފައި ވެއެވެ. މިއިން އެއްވެސް ރިޕޯޓެއްގައި އެއަރޕޯޓުގެ ހާލަތު ދަށްވެގެން އެއަރޕޯޓުގެ ހިންގުން ހުއްޓާލުމަށް ލަފާ ދީފައިވާކަން އެނގެން ނެތެވެ. އެހެންނަމަވެސް، ބައެއް ކަންކަން ރަނގަޅުކުރުމަށް ވިލާ އެއަރ އަށް މުހުލަތުތަކެއް ދީފައިވާކަން އެނގެއެވެ.
2803 ނޮވެމްބަރ 2016 ގައި ހެދި ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓާއި، 16 ނޮވެމްބަރ 2016 ގައި ހެދި ފޮލޯ އަޕް ރިޕޯޓުގެ ފަހުން، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ ނަންބަރު MCAA-AD-A007 ސެޓިފިކެޓް އޮފް އޮތޮރައިޒޭޝަންގެ ދަށުން ކާޑެއްދޫ އެއަރޕޯޓު ހިންގުމުގެ ހުއްދަ 01 ޖަނަވަރީ 2017 ގައި ވިލާ އެއަރ އަށް ދީފައި ވާކަން ކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެއެވެ.
ކޮންޓްރެކްޓާ އެއްގޮތަށް އަމަލުކުރުން
29HN2HN3ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަކޮށްފި ކަމަށް ވާނީ ކޮންޓްރެކްޓުގައި ބުނެފައިވާ ގޮތަށް އެކަން ކުރުމުންނެވެ. ގިނަ އަގްދީ އިލްތިޒާމުތަކަކީ މުތުލަގު މަސްއޫލިއްޔަތު އޮންނަ އިލްތިޒާމުތަކެކެވެ. އޭގެ މާނައަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު ވަކި ކަމެއް ކުރުމަށް ވައުދު ވެފައިވާނަމަ، އެ އިލްތިޒާމް އަދާކޮށްފި ކަމަށް ބެލެވޭނީ އެ ކަމެއް ތުނޑުން ތުނޑަށް ކުރުމުންނެވެ. އެފަރާތަށް ވީ އެންމެ ރަނގަޅަކަށް އެކަން ކުރުމަކުން ނުފުދެއެވެ. އެ މިންވަރު ހާސިލުނުވާ ނަމަ ބެލެވޭނީ ކޮންޓްރެކްޓާ ޚިލާފުވީ ކަމަށެވެ. ކޮންޓްރެކްޓާ ޚިލާފުވުމުގެ އެންމެ އާއްމު ނަތީޖާއަކަށް ވާނީ ކޮންޓްރެކްޓާ ޚިލާފުވީ ފަރާތުން ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތަށް (މައުސޫމް ފަރާތް) ލިބުނު ގެއްލުމުގެ ބަދަލު ފައިސާއިން ދޭން ޖެހުމެވެ. ފައިސާއިން ނަގައިދެވޭ ބަދަލަކީ ފުދޭ ބަދަލަކަށް ނުވާނަމަ ކޮންޓްރެކްޓާ އެއްގޮތަށް އަމަލުކުރުމަށް ޚިލާފުވީ ފަރާތަށް ކޯޓުން އަމުރުކުރާނެއެވެ. ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފު ވެއްޖެކަމަށް ބެލެވޭނީ ގާނޫނު ހުއްދަކުރާ އެއްވެސް ސަބަބެއްނެތި ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތަކުގެ ތެރެއިން އިލްތިޒާމެއް ނުވަތަ އިލްތިޒާމްތަކެއް އަދާނުކުރުމުންނެވެ. ކޮންޓްރެކްޓުގެ ބައިވެރިޔަކު ކޮންޓްރެކްޓާ ޚިލާފުވެއްޖެކަން ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭނީ އެގޮތަށް ބުނާ ފަރާތުންނެވެ.
30ކޮންޓްރެކްޓުގައި ވަކި ގޮތަކަށް އަމަލުކުރުމަށް އެއްބަސްވެފައިވާ ނަމަ އެއާ ޚިލާފު ގޮތަކަށް އަމަލުކުރެވޭނީ ކޮންޓްރެކްޓުގެ އަނެއް ފަރާތުން އެގޮތަށް އެއްބަސްވެފައިވާ ނަމަ އެވެ. ނުވަތަ އެކަމެއް ކުރުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ ބާރު ނުފޯރާ ކަމެއްގެ ސަބަބުން ކުރެވެން ނެތްކަމެއް ކަމަށް ވެއްޖެ ނަމައެވެ.
ކޮންޓްރެކްޓު ނިމުމަކަށް އަތުވެއްޖެތޯ ބެލުމުގައި ފަނޑިޔާރުން ރިއާޔަތްކުރަންވާނޭ ކަންކަން
31ކޮންޓްރެކްޓާ ޚިލާފުވެގެން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ މައުލޫއަކީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ އެންމެ އުނދަގޫ އެއް މައުލޫއެވެ. ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވެގެން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ނިންމާ ހިނދު، އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އެކަމަށް އިއުތިރާޒުކޮށް ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބިގެން ނުވާކަމަށް ބަޔާންކޮށް ކުރިމަތި ކުރާ ދިފާއުތަކުގެ ސަބަބުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ހިމާޔަތް ކޮށްދޭންޖެހޭ މަސްލަހަތުތައް ވަޒަންކޮށް އެކި ފަރާތްތަކުގެ މަސްލަހަތުތައް ހިމާޔަތްކޮށް ލިބިދިނުމުގައި ފަނޑިޔާރުން ރިއާޔްތަކުރަންޖެހޭ ކަންކަން ވަރަށް ގިނައެވެ. އެގޮތުން ރިއާޔަތް ކުރަންޖެހޭ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
(ހ) ޚިލާފުނުވާ ފަރާތުގެ މަސްލަހަތު
ކޮންޓްރެކްޓާ ޚިލާފަށް ކުރި ކަމަކީ އޭގެ ސަބަބުން ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތަށް ގެއްލުމެއް ނެތް ކަމަކަށްވާ ނަމަ، ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތަށް ލިބޭނެ ހަމައެކަނި ފަރުވާ އަކީ ނުވަތަ ހައްލަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމެވެ. މި ހާލަތުގައި، ނަގައިދޭންޖެހޭ ގެއްލުމުގެ ބަދަލުގެ ސުވާލެއް ނުއުފެދެއެވެ. ބައެއް ފަހަރަށް، ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ ކޮންޓްރެކްޓާ ޚިލާފުވުމުން ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތަށް އެކަމުގެ ސަބަބުން ލިބޭ ފައިދާ ބޮޑުވާ ގޮތްވެސް މެދުވެރިވެއެވެ. މިސާލަކަށް، އެއީ ކުއްޔަށް ދިނުމުގެ ކޮންޓްރެކްޓެއް ކަމަށް ވާނަމަ ކޮންޓްރެކްޓް ނިމުމަކަށް ގެނެސް އެއަށް ވުރެ ބޮޑު ކުއްޔެއްގައި އެހެން ފަރާތަކަށް އެތަން ކުއްޔަށް ދިނުމުގެ ފުރުސަތު ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތަށް ލިބޭތަން އަތުވެދާނެއެވެ. އެހެން ކަމުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި މި ކަމަކީވެސް ފަނޑިޔާރުން ވިސްނަންވާނޭ ކަމެކެވެ.
(ށ) ޚިލާފުވާ ފަރާތުގެ މަސްލަހަތު
ކޮންޓްރެކްޓާ ޚިލާފުވީ ފަރާތަށް އެ ކޮންޓްރެކްޓު ދެމެހެއްޓުމުގައި އޮތް ފައިދާ ނުވަތަ މަސްލަހަތު ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތުގެ މަސްލަހަތަށްވުރެ މާ ބޮޑުވާ ފަހަރުވެސް އާދެއެވެ. އޭނާ ކޮންޓްރެކްޓަށް އަމަލުކުރުމުގައި ބޮޑު ހޭދައެއް ކޮށްފައި އޮތުން އެކަށީގެންވެއެވެ. ބޮޑު ހޭދައެއް ކޮށްގެން ކުއްޔަށް ހިފި ތަނުގައި ބޮޑު އިމާރާތެއް ކޮށްފައި ހުރެދާނެއެވެ. މުދާ ދުރު ތަނަކަށް އުފުލާފައި ހުރެދާނެއެވެ. ކޮންޓްރެކްޓު ނިމުމަކަށް އައުމުގެ ސަބަބުން މިފަދަ ހޭދަތައް ބީވެގެން ދިއުމަކީ ކޮންޓްރެކްޓާ ޚިލާފުވީ ފަރާތުން ބޭނުންވާ ގޮތް ކަމަށް ނުވެދާނެއެވެ. އަދި މިގޮތަށް މެދުވެރިވާ ފަހަރު، މައުސޫމު ފަރާތަށް (ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތަށް) ބޭއިންސާފު މުއްސަނދި ކަމެއްވެސް ލިބިދާނެއެވެ. ބާޒާރުގައި ތަކެތީގެ އަގު ދަށްވުމުގެ ސަބަބުން ނުވަތަ އަގު ބޮޑުވުމުގެ ސަބަބުން އުފުލަން ޖެހޭ ބުރަ އާއި ތަކުލީފު އިންތިހާއަށް ބޮޑުވެދާނެއެވެ. އަތުގައި ހުރި މުދާ ބޭނުން ނުކުރެވުމުގެ ސަބަބުން އެ ހަލާކުވެ ނުވަތަ އޭގެ އަގު ދަށް ވެދާނެއެވެ.
32އިސްވެ ދިޔަ ޕެރެގްރާފުގައި ބަޔާންކުރި ސަބަބު ތަކަށްޓަކައި، ފެންނަ ފެނުމުގައި އެކަމަކީ ކޮންޓްރެކްޓާ ޚިލާފު ކަމެއްކަމަށް ފެނުނު ނަމަވެސް އެކަންކަމަކީ ކޮންމެހެން ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ހުއްދަވާ ހާލަތެއް ނޫނެވެ. އަދި އެ ސަބަބުތަކަށްޓަކައި، ކޮންޓްރެކްޓް ނިމުމަކަށް ގެނައުމުގެ ހައްލު ވަކި އިންތަކެއްގެ ތެރޭގައި ކޯޓުތަކުގެ ހުކުމްތަކުން ހިފަހައްޓާފައި ވެއެވެ.
ކޮންޓްރެކްޓާ ޚިލާފުވެގެން ކޮންޓްރެކްޓު އޮޓަމެޓިކުން ނިމުމަކަށް ނާންނާނެ
33HN4ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ ޒާތުގެ ޚިލާފެއް ކަމަށް ވިޔަސް އެ ކޮންޓްރެކްޓު އޮޓަމެޓިކުން ނިމުމަކަށް ނާންނާނެއެވެ. ސަބަބަކީ، އެ ޚިލާފަށް ބެލުމެއް ނެތި ކޮންޓްރެކްޓާއިގެން ކުރިއަށް ދިއުމަށް ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތަށް އިޚްތިޔާރުކުރުމުގެ ހައްގު ލިބިގެންވާތީ އެވެ. ދެ ފަރާތުން ކުރެ ފަރާތަކުން ކޮންޓްރެކްޓާ ޚިލާފުވެއްޖެ ނަމަ ވަގުތުން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ކޮންޓްރެކްޓުގައި ބަޔާންކުރެވިފައި ވިޔަސް ކޮންޓްރެކްޓު ނިމުމަކަށް އައިސްފައިވާ ކަމަށް ނުބެލެވޭނެއެވެ. ސަބަބަކީ އެގޮތަށް ބެލެވޭ ނަމަ ތިމާ އަމިއްލައަށް ކޮންޓްރެކްޓާ ޚިލާފުވެފައި ކޮންޓްރެކްޓު ނިމުމަކަށް އައިސްފައިވާ ކަމަށް ކޮންޓްރެކްޓުގެ ބައިވެރިޔަކު ދައުވާކޮށްފާނެތީވެ، އެ ފުރުސަތު ނުދިނުމެވެ. އެފަދަ ފުރުސަތެއް ދިނުމަކީ އަދާލަތުގެ ހަމަތަކާ ޚިލާފު ގޮތަކަށް ވާނެތީއެވެ.
ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ނިޔަތް އޮތްކަން ވާގިއާއަކުން ދޭހަވާން ޖެހޭނެ
34ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތުން ގަސްތުކުރާކަން އޭނާގެ އަމަލުން ދޭހަވާން ޖެހޭނެއެވެ. ވަކި ތާރީޚެއްގެ ކުރިން ވަކި ކަންތައްތަކެއް ނުކޮށްފިނަމަ ކޮންޓްރެކްޓު ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު ދީފައިވާ މައްސަލަތަކުގައި ވެސް ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު އޭނާ ބޭނުން ކޮށްފިކަން އޭނާގެ އަމަލުތަކުން ދޭހަވާން ޖެހޭނެއެވެ. އާންމު ގޮތެއްގައި އެއްވެސް ކަމެއް ނުކޮށް ހަނު ހުންނަ ހުރުމުން ނުވަތަ ކަމެއް ނުކޮށް ހިމޭނުން ހުންނަ ހުރުމުން ކޮންޓްރެކްޓު ނިމުމަކަށް ގެނައިކަން ދޭހައެއް ނުކުރެވޭނެއެވެ.
35އާންމު ގޮތެއްގައި ކޮންޓްރެކްޓު ނިމުމަކަށް ގެނައިކަން އަންގަނީ ކޮންޓްރެކްޓާ ޚިލާފުވި ފަރާތަށް އަންގާ އެންގުމަކުންނެވެ. ކޮންޓްރެކްޓުގައި ވަކި ގޮތަކަށް އަންގަން އޮތް ނަމަ އަންގާނީ އެގޮތަކަށެވެ. ނޯޓިސް ފޮނުވުމުގައި އައިބެއް ހުރި ނަމަވެސް ކޮންޓްރެކްޓު ޓާރމިނޭޓް ކޮށްފިކަން އަނެއް ފަރާތަށް އެނގި މައުރޫފުވެއްޖެ ނަމަ ބައެއް ހާލަތްތަކުގައި އެވަރުން ފުދިދެއެވެ. ކޮންޓްރެކްޓު ޓަރމިނޭޓް ކޮށްފިކަން ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުގެ އަމަލުން އެނގޭނަމަ އެވަރުން ފުދޭނެއެވެ.
36ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުން ކޮންޓްރެކްޓުގެ އަނެއް ފަރާތަށް ކޮންޓްރެކްޓާ އެއްގޮތަށް އަމަލުކުރަން އަންގައިފިނަމަ، އެ ޚިލާފާ އެކުވެސް އެ ކޮންޓްރެކްޓަށް އަމަލުކުރަން ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުން ބޭނުން ވަނީކަން އެނގެއެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، އެ ޚިލާފު އެ ފަރާތުން ގަބޫލުކޮށް އެ ޚިލާފު އޮތުމާއެކުވެސް ކޮންޓްރެކްޓައިގެން ކުރިއަށް ދާން ބޭނުންވަނީ ކަން އެނގެއެވެ. ނަމަވެސް އެ އެންގުމާ އެއްގޮތަށް ޚިލާފުވީ ފަރާތުން އަމަލުނުކުރި ނަމަ އެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ބާރު ޚިލާފުނުވާ ފަރާތަށް ލިބިގެންވެއެވެ. ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ ކުރަންޖެހޭ ކަމެއް ކުރުމަށް އަންގައި ނުވަތަ ކަމެއް އިސްލާހުކުރުމަށް އަންގައި އެކަން ކުރަންދެން މައުސޫމު ފަރާތުން ކުރަންޖެހޭ ކަމެއް ނުކޮށް މަޑުކޮށްގެން ހުންނަ ހުރުމަކީ އޭނާ ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ކަމަށް ނުބެލެވޭނެއެވެ. މިސާލަކަށް މުވައްޒަފަކު މަސައްކަތަށް ނުކުންނަން އެންގުމަށްފަހު އެ މުވައްޒަފު މަސައްކަތަށް ނުކުންނަންދެން އެ މުވައްޒަފަށް މުސާރަ ނުދީ ހުރުމަކީ ވަޒީފާދޭ ފަރާތުން ކޮންޓްރެކްޓް ނިމުމަކަށް ގެނައީ ކަމަށް މާނައެއް ނުކުރެވޭނެއެވެ.
37އަދި އިތުރު ކަމެއް ފާހަގަކޮށްލާނަމެވެ. ކޮންޓްރެކްޓު ބައިކުޅަ ބައިން ނިމުމަކަށް ނުގެނެވޭނެ އެވެ. ކޮންޓްރެކްޓު ނިމުމަކަށް އަންނަންޏާ ކޮންޓްރެކްޓު ނިމޭނީ އެކުގައެވެ.
ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގައި މައުސޫމު ފަރާތުގެ އިޚްތިޔާރު ހަނިވާ ހާލަތު
38މައުސޫމު ފަރާތުން އެފަރާތަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު ނާޅައި ހުރެއްޖެ ނަމަ އޭނާއަށް ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ކުޑަކުރެވޭނެއެވެ. ކޮންޓްރެކްޓާ އަނެއް ފަރާތުން ޚިލާފު ވެއްޖެކަން އެނގި ހުރުމާއެކުވެސް ކޮންޓްރެކްޓު ނިމުމަކަށް ނުގެނެސް ހުންނަ ހާލަތުގައި ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ބާރު އެޅުންވެސް މި މަފްހޫމުގެ ތެރޭގައި ހިމެނެއެވެ. މިސާލަކަށް، ބައިކުޅަ ބައިން އަގު ދައްކަމުންގޮސް އަގުދައްކައި ޚަލާސްކުރާ ގޮތަށް މުދަލެއް ގަތުމަށާ ވިއްކުމަށް ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގަންނަ ފަރާތުން ދައްކަންޖެހޭ އިންސްޓޯލްމަންޓު ނުދެއްކުމުން އެއްބަސްވުމުގައިވާ ގޮތަށް ކޮންޓްރެކްޓު ނިމުމަކަށް ނުގެނެސް ވިއްކާ ފަރާތް ހުންނަ ހާލަތުގައި ގެއްލުމުގެ އަދަދު އިތުރު ވުމަށް މެދުވެރިވުމުގައި އެ ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ނުގެނެސް ހުންނަ ހުރުމަށް ރިއާޔަތް ކުރެވޭނެއެވެ. ސަބަބަކީ މައުސޫމު ފަރާތުން އެފަރާތަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމަކީ ކޮންޓްރެކްޓާބެހޭ ގާނޫނު އޭނާގެ މައްޗަށް ލާޒިމުކުރާ ކަމަކަށް ވާތީއެވެ. ހަމަ މި އުސޫލުން ވަކި މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމަން އެއްބަސްވެފައިވާ އިމާރާތް ކުރުމުގެ އެއްބަސްވުން ތަކާ ގުޅިގެން އަނެއް ފަރާތުން ކޮންޓްރެކްޓާ ޚިލާފުވުމުން ލިބޭ ގެއްލުމުގެ މިންވަރު ކުޑަކުރުމަށް، މަސައްކަތް ހަވާލުކުރި ފަރާތުން ފިޔަވަޅު އަޅާފައި ނުވާނަމަ، އެ ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ކުޑަކުރެވޭނެއެވެ. އަދި ވަކި މުއްދަތަކަށް ކުއްޔަށް ގެންދާ ތަކެއްޗާ ގުޅިގެން އެ މުދަލެއް އެއްބަސްވެފައިވާ މުއްދަތުގައި އަނބުރާ ހަވާލުކޮށްފައި ނުވާނަމަ، އެ ކޮންޓްރެކްޓު ނިމުމަކަށް ގެނެސް ގެއްލުމުގެ ބަދަލުގެ މިންވަރު ކުޑަކުރުމަކީ ކުއްޔަށް ދިން ފަރާތުގެ ގާނޫނީ ޒިންމާއެކެވެ. ގެއްލުމުގެ މިންވަރު ކުޑަކުރަން ފިޔަވަޅު އަޅާފައިނުވާ ނަމަ ކުއްޔަށް ދިން ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލު ކުޑަކުރެވޭނެއެވެ. އެހެންކަމުން މައުސޫމު ފަރާތަށް ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް އޮންނަ އިޚްތިޔާރު ވަނީ ވަކި ދާއިރާއެއްގެ ތެރޭގައި ހިފެހެއްޓިފައެވެ.
ޚިލާފަކާ ގުޅިގެން ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނެ ހާލަތުތައް
39HN5ކޮންޓްރެކްޓުގެ ބައިވެރިއެއްގެ ޚިލާފަކާ ގުޅިގެން ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
(ހ)އަނެއް ފަރާތުން ކޮންޓްރެކްޓު ދޫކޮށްލުން.
(ށ)އަނެއް ފަރާތަށް ކޮންޓްރެކްޓުގައި ބުނެފައިވާ ކަންތައް ނިންމުމަކީ މުސްތަހީލު ކަމެއް ކަމަށްވުން.
(ނ)އަނެއް ފަރާތުން ކޮންޓްރެކްޓުގެ މައިގަނޑުކަމަކާ ޚިލާފުވުން.
40އަނެއް ފަރާތުން ކޮންޓްރެކްޓު ދޫކޮށްލުން ކަމަށް ބެލެވޭ ހާލަތްތަކަކީ ކޮންޓްރެކްޓުގައި ވާ ކަންތައްތައް އޭނާ ކުރަން ގަސްތު ނުކުރާކަން އޭނާގެ އަމަލުތަކުން ނުވަތަ ބަހުން އެނގި ފައުޅުވާ ހާލަތްތަކެވެ. އަނެއް ފަރާތަށް ކޮންޓްރެކްޓުގައި ބުނެފައިވާ ކަންތައް ނިންމުމަކީ އެ ފަރާތުގެ އަމަލުތައް ހުރިގޮތުން މުސްތަހީލު ކަމެއް ކަން މައުސޫމު ފަރާތަށް ފެންނަ ހާލަތުތަކެވެ. މިސާލަކަށް ކޮންޓްރެކްޓަކީ 12 މަސްދުވަހުން ނިންމަންޖެހޭ 5 ބުރި އިމާރާތެއް ހެދުމުގެ ކޮންޓްރެކްޓަކަށް ވާއިރު، އެ ކޮންޓްރެކްޓަށް އަމަލުކުރަން ފެށިތާ 10 ވަނަ މަހުގައި އަދި ކިރިޔާ ހުރީ އެ އިމާރާތުގެ ބިންގާ އެޅިފައި ކަމަށްވާނަމަ އެ އިމާރާތް ކުރިއަށް އޮތް ދެމަހުގެ ތެރޭގައި ނިންމުމަކީ މުސްތަހީލު ކަމެއް ކަމަށް މައުސޫމު ފަރާތަށް ފެންނަ ނަމަ އެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު މައުސޫމު ފަރާތަށް ލިބިގެންވެއެވެ. މި ދެ ގޮތަށް ކޮންޓްރެކްޓާ ޚިލާފުވާ ހާލަތްތަކަށް 'އެންޓިސިޕޭޓަރީ ބްރީޗް' އެވެ ކިޔައި މުޚާތަބު ކުރެވެއެވެ. ދެން އޮތީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވާ ހާލަތްތަކެވެ.
އަނެއް ފަރާތުން ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން
41ކޮންޓްރެކްޓުގެ އެއް ބައިވެރިއަކު އަދާކުރަންޖެހޭ ކަން ކުރަން އެއްބަސްވެފައިވާ ގޮތަށް ނުކޮށްފިނަމަ، އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު މައުސޫމު ފަރާތަށް ލިބިދޭ ޚިލާފެއްކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ، އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމަ އެވެ. އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުންކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ އެ ޚިލާފުގެ ބުރަދަނާ ސީރިއަސް ކަމުގެ މައްޗަށެވެ. ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނީ އެ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ޚިލާފަކަށް ވާ ނަމައެވެ.
42HN6އެ ޚިލާފަކީ ބުރަދަން ހުރި ސީރިސް ޚިލާފެއްތޯ ނުވަތަ ނޫންތޯ ނިންމުމަކީ ބައެއް ފަހަރު އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކަން ކަނޑައެޅުމަށްޓަކައި ތަފާތު ގިނަ ވާގިއާތަކުގެ މައްޗަށް ރިއާޔަތް ކުރަންޖެހެއެވެ. އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ ޚިލާފެއް ކަމަށް ބެލުމަށް އެކިއެކި ފަރާތްތަކުން އެކި ޓެސްޓުތައް ބޭނުންކުރެއެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ މިންވަރުގެ ބުރަދަންހުރި ޚިލާފަކަށްވާނީ، އެ ޚިލާފުގެ ސަބަބުން ކޮންޓްރެކްޓުގެ މައުސޫމު ފަރާތް އެ ކޮންޓްރެކްޓުން ހޯދި ވިޔަފާރިން މަހުރޫމު ކުރުވަނިވި ޚިލާފެއް ކަމަށް ވާނަމައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ މިންވަރުގެ ބުރަދަންހުރި ޚިލާފަކަށްވާނީ އެ ޚިލާފު ކޮންޓްރެކްޓުގެ ފުނަށް ގޮސް ކޮންޓްރެކްޓުގެ މުލާ ހަމައަށް ގޮސްފައިވާ ނަމައެވެ. ޓްރެއިޓެލް ގެ ފޮތުގައި އޭނާ ވިދާޅުވެފައިވަނީ އެ ޚިލާފަކީ ކިހާ ބުރަދަން ހުރި ސީރިއަސް ޚިލާފެއް ކަމަށް ކޯޓުން ބަލަނީ އެ ޚިލާފުގެ ނަތީޖާއަށް ރިއާޔަތްކޮށްގެން ކަމަށެވެ.
The question for the court . . . is whether the cumulative effect of the breaches of contract complained of is so serious as to justify the innocent party in bringing the contract to an end. The technical label is ‘repudiatory’ but that is just a label to describe the consequence which may flow”. (Rice v Great Yarmouth BC [2003] T.C.L.R. 1 at 35)
43މި ރައުޔަށް ބުރަވާ ފަރާތްތަކުން ރިއާޔަތްކުރާނީ މައުސޫމު ފަރާތް ހިމާޔަތްކުރުމަށްޓަކައި ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ އާއި ކޮންޓްރެކްޓު ނިމުމަކަށް ގެނެސްފިނަމަ ޚިލާފުވީ ފަރާތުގެ ހައްގުތަކަށް ލިބިގެންދާނެ ގެއްލުމަކީ ކޮބައިތޯއެވެ. މި ދެ ކަންތަކުގެ ވަޒަން ހަމަކުރުމުގެ މަސައްކަތް ކުރުމަށްފަހު، މައުސޫމު ފަރާތަށް ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ހުއްދަކުރާ ކަމަށް ބުރަވެވޭނަމަ ކޯޓުން ކަނޑައަޅަނީ ޚިލާފުވި ފަރާތުން ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވެއްޖެ ކަމަށެވެ. ހަމައެގޮތަށް، މައުސޫމު ފަރާތަށް ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ހުއްދަކުރާ ކަމަށް ފަނޑިޔާރަށް ބުރަނުވެވޭ ނަމަ ކަނޑައަޅަނީ ޚިލާފުވި ފަރާތުން ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފު ނުވާ ކަމަށެވެ.
44HN7ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ އަނެއް ފަރާތުން ޚިލާފު ވެއްޖެތޯ ކޯޓުން ބެލުމުގައި، ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ބޭނުންވާ ފަރާތަށް އެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ސަބަބުން ބޭއިންސާފު މުއްސަނދިކަމެއް ލިބޭނެ ކަމަށްވާ ނަމަ، އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ މިންވަރުގެ ބުރަދަން ހުރި ކަމެއް ކަމަށް ކޯޓުތަކުން ނުބެލުން އެކަށީގެންވެއެވެ.
45ބައެއް ފަހަރު ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ކޯޓުން ހުއްދަކުރަނީ، އެ ޚިލާފަކާ ގުޅިގެން ނަގައިދެވޭ ގެއްލުމުގެ ބަދަލަކީ އެފަރާތަށް ފުދޭ އެއްޗަކަށް ނުވާ ނަމައެވެ. މިސާލަކަށް ޚިލާފުގެ ސަބަބުން ލިބުނު ގެއްލުމަކީ ވަރަށް ފަސޭހައިން ސާދާ ސީދާކޮށް ފައިސާއިން ހިސާބުކޮށް ބަދަލު ނަގައި ދެވިދާނެ ކަމެއް ނަމަ ބަދަލު ދިނުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށްވުރެ މާ ރަނގަޅެވެ.
46ކޮންޓްރެކްޓާ ޚިލާފުވި ނިސްބަތް (ރޭޝިއޯ) ބޮޑުވާ ވަރަކަށް އެ ޚިލާފަކީ ބުރަދަން ހުރި ޚިލާފެއް ކަމަށް ކޯޓުން ނިންމުން ގާތެވެ. މިސާލަކަށް ވިއްކާ ފަރާތުން ތެޔޮ ޑެލިވަރ ކޮށްދޭން ޖެހެނީ ދެ ފަހަރު މަތިންނެވެ. އެތަނުން ފުރަތަމަ ފަހަރު ގަންނަ ފަރާތުން އެ ތެޔޮ ބަލައި ނުގަނެފިނަމަ އެއީ ބުރަދަން ހުރި ޚިލާފެކެވެ. އެއާ ޚިލާފަށް ކޮންމެ ހަފްތާއަކު 3 ދުވަހު ކުކުޅު ބިސް ކޭހެއް ސަޕްލައިކޮށް ދިނުމުގެ 2 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އެ ކޮންޓްރެކްޓަށް އަމަލުކުރަމުން ގެންދާތާ އަހަރު ދުވަސް ވެފައިވަނިކޮށް އެތަނުން އެއް ދުވަހު ކުކުޅު ބިސް ކޭސް ޑެލިވަރ ނުކުރެވުނު ނަމަ އެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ކޯޓުން ހުއްދަކުރުން ގާތެއް ނޫނެވެ. ހޯންގް ކޯންގް ފަރ ގަޒިއްޔާގައި ޗާޓަރ ޕާޓީ އެއްގެ ދަށުން 24 މަހުގެ މުއްދަތަށް ޚިދުމަތް ދޭން ފެއްޓިއެވެ. އެ ބޯޓު ޗާޓަރަށް ނެގި ފަހުން ބޯޓަކީ ކަނޑަށްހެޔޮ ނޫން ބޯޓެއް ކަން އެނގުނެވެ. ބޯޓު މަރާމާތުކޮށް ކަނޑަށްހެޔޮ އެއްޗަކަށް ހެދުމުގެ މަސައްކަތަށް 20 ހަފްތާ ހޭދަވިއެވެ. ބޯޓު ޗާޓަރު ކުރި ފަރާތުން އެ ޗާޓަރޕާޓީ ތަފާތު އެތަށް ސަބަބުތަކަކަށްޓަކައި ނިމުމަކަށް ގެނައުމަށް މަސައްކަތްކުރިއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ބޯޓު ކަނޑަށްހެޔޮ ނުވުމުގެ ސަބަބުން ޗާޓަރު ކުރި ފަރާތުން އެ ބޯޓުން ހާސިލުކުރަން ބޭނުންވި މަގްސަދު ހާސިލުނުވުމެވެ. ކޯޓުން މި ޒުވާބު ގަބޫލުނުކުރީ ބޯޓު މަރާމާތު ކުރުމަށްފަހު 24 މަސް ދުވަހުގެ ތެރެއިން ބޯޓުގެ މަރާމާތުގެ މުއްދަތު ކެނޑުމުންވެސް އެ ބޯޓު ބޭނުންކުރަން 17 މަސް ދުވަސް ލިބިފައި އޮތުމުންނެވެ.
47ވަކި ކަމެއް ކަނޑައެޅިފައިވާ މުއްދަތަކުން ކުރަމުން ގެންދިއުމަށް ވެވިފައި ހުންނަ އެއްބަސްވުންތަކުގައި، ޚިލާފުވި ފަރާތުން ބައެއް ކަންކަން ނުކޮށް ހުރުމުގެ ސަބަބުން ކުރިއަށް އޮތް މުއްދަތުގައި އެކަން ގަވާއިދުން ކުރިއަށްދާނެ ކަމުގެ ޔަގީންކަމާ މެދު ސުވާލު އުފެދޭ ހާލަތްތަކުގައި އެއީ ބުރަދަން ހުރި ސީރިއަސް ޚިލާފެއް ކަމަށް ބަލައި، ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ކޯޓުން ހުއްދަކުރުން ގާތެވެ. ބްރެޑްފަޑް ވ. ވިލިއަމްސް ގަޒިއްޔާގައި ދައުވާކުރާ ފަރާތުގެ ބޯޓު 12 މަސްދުވަހަށް (މޭ މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ މޭ މަހާ ހަމައަށް) ދައުވާ ލިބޭ ފަރާތުން ޗާޓަރަށް ނެގިއެވެ. ނަމަވެސް އެ އަހަރުގެ ސެޕްޓެމްބަރު މަހު ދައުވާ ލިބޭ ފަރާތުން ރައްދު ކޮށްދޭންޖެހޭ ކާގޯ އެއްބަސްވުމާ ޚިލާފަށް ރައްދުކޮށް ނުދިނެވެ. އަދި މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ކާގޯ ގެނެސްދޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ކޯޓުން ބެލީ މި މައްސަލައިގައި ގެއްލުމުގެ ބަދަލަކީ ފުދޭނެ އެއްޗެއް ކަމަށް ނުވާތީވެ، ދައުވާކުރާ ފަރާތުން ކޮންޓްރެކްޓް ނިމުމަކަށް ގެނައި ގެނައުން ރަނގަޅު ކަމަށެވެ. ހޯންގް ކޯންގް ފަރ ގަޒިއްޔާގައި ކޯޓުން ބުނެފައިވަނީ މަރާމާތަށް ފަހު އެ ބޯޓުގައި ކޮންޓްރެކްޓުގެ ކުރިއަށް އޮތް މުއްދަތުގައި ކަނޑު ދަތުރުފަތުރު ނުކުރެވޭނެ ކަމަށް ބެލެވޭ މަގުބޫލު ސަބަބެއް ނެތް ކަމަށެވެ. އެކަހަލަ މަރާމާތެއް އަލުން ކުރަންޖެހިދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބެއް ނެތް ކަމަށެވެ.
48ބައެއް ފަހަރަށް ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ބޭނުންވެދާނެ ސަބަބަކީ ބާޒާރަށް އަންނަ ބަދަލެއްގެ ސަބަބުން އޭނާއަށް ކޮންޓްރެކްޓުން ލިބިފައިވާ ވިޔަފާރިއަކީ ފައިދާވަމުންދާ ވިޔަފާރިއަކަށް ނުވެދާ ހާލަތެވެ. އެހެން ސަބަބުތަކެއް ނެތް ނަމަ، މައިގަނޑު ޚިލާފެއް ނެތް ކަމަށް ބަލައި، އެފަދަ ހާލަތުގައި އެ ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ކޯޓުން އިއުތިރާޒު ކުރާނެއެވެ. ލޯޑް ޖަސްޓިސް ރޮސްކިލް 'ދަ ހަންސާ ނޯޑް' ގަޒިއްޔާގައި ވިދާޅުވެފައިވަނީ:
“Contracts are made to be performed and not to be avoided according to the whims of market fluctuation.”
"ކޮންޓްރެކްޓް ހަދަނީ އަމަލުކުރުމަށެވެ. ބާޒާރަށް އަންނަ ބަދަލަކާ ގުޅިގެން އެއްކިބާ ކުރުމަކަށް ނޫނެވެ."
ލޯޑް ޖަސްޓިސް ރޮސްކިލްގެ މި ވިދާޅުވުމަކީ ހޯންގ ކޯންގް ފަރ ގަޒިއްޔާގައި ކަންވެފައިވާ ގޮތުގެ އަލީގައި ވިދާޅުވި އެއްޗަކަށް ވެސް ވެދާނެއެވެ. އެހެނީ އެ ގަޒިއްޔާގައި ހިމެނުނު ބޯޓު މަރާމާތުކޮށް ނިމުނުއިރު އޮތީ ނާލުގެ ބާޒާރު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެއީ ބޯޓު ޗާޓަރަށް ނެގި ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ބޭނުންވި އެއް ސަބަބެވެ.
ގަސްތުގައި ކޮންޓްރެކްޓާ ޚިލާފުވުން
49ޚިލާފުވި ފަރާތުން ކޮންޓްރެކްޓާ ޚިލާފުވީ ގަސްތުގައި ކަމަށް ވީ ނަމަވެސް އެއީ އެ ސަބަބަށްޓަކައި ކޮންމެހެން ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނެ ސަބަބެއް ނޫނެވެ. ނަމަވެސް ގަސްތުގައި ކޮންޓްރެކްޓާ ޚިލާފުވީ ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި އަމަލުނުކޮށް ދޫކޮށްލުމުގެ ނިޔަތުގައި ކަމަށްވާނަމަ، ޚިލާފުވީ ފަރާތުން ކޮންޓްރެކްޓު ދޫކޮށްލީ ކަމާއި، އެއީ އެންޓިސިޕޭޓަރީ ބްރީޗްއެއް ކަމަށް ބަލައި ކޮންޓްރެކްޓު ނިމުމަކަށް ގެނެވިދާނެއެވެ. ގަސްތުގައި ކޮންޓްރެކްޓާ ޚިލާފުވި ނަމަވެސް، ކޮންޓްރެކްޓު ނިމުމަކަށް ގެނެވެނީ އެ ޚިލާފަކީ ބުރަންދަން ހުރި ސީރިއަސް ޚިލާފެއް ކަމަށް ވާނަމަ އެވެ.
50ކޮންޓްރެކްޓާ ޚިލާފު ވެވުނީ ނުބައި ނިޔަތެއް ނެތި އެރި އޮޅުމަކުން ނުވަތަ ލިބުނު ލަފައެއްގެ ސަބަބުން ކަމަށްވާ ނަމަ އެއީ ކޯޓުން ރިއާޔަތް ކުރެވިދާނެ ކަމެކެވެ.
ދެފަރާތުން ވަކި ގޮތަކަށް ކަނޑައެޅުން
51HN8ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އެކަމަކާ ޚިލާފުވުމުން ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނެ ކަންކަން ކަނޑައަޅައި ކޮންޓްރެކްޓުގައި ބަޔާންކުރުމުގެ މިނިވަންކަން ކޮންޓްރެކްޓުގެ ބަރިވެރިންނަށް ލިބިގެންވެއެވެ. އެހެންކަމުން ކޮންޓްރެކްޓުގައިވާ ވަކި ކަމަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެ ނަމަ ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނެ ކަމަށް ބަޔާންކޮށްފައި ވަނިކޮށް އެކަމަކާ ޚިލާފުވެއްޖެ ނަމަ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަކީ ހުއްދަ ކަމެކެވެ. އެހެން ނަމަވެސް އެ ގޮތަށް ބަޔާންކޮށްފައިވާ މާއްދާއަކާ ޚިލާފުވުމުން މައުސޫމު ފަރާތަށް ލިބޭ ގެއްލުމަކީ ނިސްބަތުން ވަރަށް ކުޑަ ގެއްލުމަކަށް ވާނަމަ އެ މާއްދާއަކީ ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ހަމަ ދެއްކޭ މިންވަރުގެ ކަމެއް ނޫންކަމަށް ކޯޓުން ކަނޑައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ވިކްމަން ލިމިޓެޑް ވ ސްކުލަރ އޭޖީ ގަޒިއްޔާގައި ޚުސޫމަތު އުފެދުނު މުދާ ޑިސްޓްރިބިއުޓްކޮށް ވިއްކައިދިނުމުގެ އެއްބަސްވުމުގައިވާ މާއްދާއެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އެންމެ އިޚްލާސްތެރި ހަ ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު އެއްފަހަރު ޒިޔާރަތްކުރަންވާނެ ކަމަށެވެ. މި އެއްބަސްވުމުގެ މުއްދަތަކީ ހަތަރު އަހަރެވެ. މި ގަޒިއްޔާގައި ހައުސް އޮފް ލޯޑްސް އިން ނިންމީ މައުސޫމް ފަރާތަށް މި އެއްބަސްވުން ނިމުމަކަށް ނުގެނެވޭނެ ކަމަށެވެ. ހައުސް އޮފް ލޯޑްސް އިން ބުނެފައިވަނީ 4 އަހަރު ތެރޭގައި 1400 ވަރަކަށް ޒިޔާރަތް ކުރަންޖެހޭއިރު، އެތަނުން އެއްދުވަހު ޒިޔާރަތް ނުކުރި ނަމަވެސް މި ވަރުގެ ސީރިއަސް ނަތީޖާއެއް އެކަމުން ނެރުމަކީ ދެ ފަރާތުގެ ނިޔަތް ކަމަށް ބެލެވެން ނެތް ކަމަށެވެ.
އިނޮމިނޭޓް މާއްދާ (އިންޓަރމީޑިއެޓް މާއްދާ)
52ޒަމާނުއްސުރެ، ކޮންޓްރެކްޓެއްގައި ހުންނަ މާއްދާތައް ބެހިގެންވާ ކަމަށް ބެލެވިފައި އޮތީ ދެ ގިންތި އަކަށެވެ. އެއީ އަސާސީ މާއްދާތަކާއި ސާނަވީ މާއްދާތަކެވެ. ކޮންޓްރެކްޓެއް ނިމުމަކަށް ގެނެވޭނެ ކަމަށް ބަޔާންކޮށްފައި އޮންނަނީ ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓުގެ އަސާސީ މާއްދާއަކާ ޚިލާފުވުމުންނެވެ. ސާނަވީ މާއްދާއަކާ ޚިލާފުވެއްޖެ ނަމަ ހަމައެކަނި ނަގައިދެވޭނީ ގެއްލުމުގެ ބަދަލެވެ. ހޮންގް ކޮންގ ފަރ ގަޒިއްޔާ މަޝްހޫރު ވެފައިވާ އެއް ސަބަބަކީ، ޒަމާނުއްސުރެ ކޮންޓްރެކްޓުގައި ހުންނަ މާއްދާތައް ދެ ބަޔަކަށް ބެހިފައި އޮތް އޮތުމަށް ބަދަލެއް ގެނެވި ތިން ވަނަ ބާވަތެއްގެ މާއްދާތަކެއް (އިންޓަރމީޑިއެޓް ޓާރމްސް ނުވަތަ އިނޮމިނޭޓް ޓަރމްސް) ވެސް ކޮންޓްރެކްޓުގައި ހިމެނޭ ކަމަށް އެ ގަޒިއްޔާގައި ކަނޑައެޅުމެވެ. ނަމަވެސް ޚިލާފުވި މާއްދާ އަކީ އިނޮމިނޭޓް މާއްދާއެއް (މެދުފަންތީގެ މާއްދާއެއް) ނަމަ އެ މާއްދާއަކާ ޚިލާފުވެގެން ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނީ، އެ ޚިލާފުގެ ނަތީޖާއަކީ މައުސޫމު ފަރާތަށް ކޮންޓްރެކްޓުން ލިބެން އޮތް މަންފާއިން މައިގަނޑު ގޮތެއްގައި މަހުރޫމުވުން ކަމަށް ވާނަމައެވެ. އެ ޚިލާފުގެ ނަތީޖާއަކީ މައުސޫމު ފަރާތަށް ކޮންޓްރެކްޓުން ލިބެން އޮތް މަންފާއިން މައިގަނޑު ގޮތެއްގައި މަހުރޫމުވުން ކަމަށް ނުވާނަމަ އިނޮމިނޭޓް މާއްދާއަކާ ޚިލާފުވުމުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގެއް ނުލިބޭނެއެވެ. ލިބޭނީ ގެއްލުމުގެ ބަދަލެވެ. ހޮންގް ކޮންގ ފަރ ގަޒިއްޔާ ގައި ބުނެފައިވާ ގޮތުން ބޯޓު ކަނޑަށްހެޔޮ ބޯޓަކަށް ވާންޖެހޭނެ ކަމަށް އެ ކޮންޓްރެކްޓުގެ މާއްދާއެއްގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާއާ ޚިލާފުވި ނަމަވެސް، އެ މާއްދާއަކީ އިނޮމިނޭޓް މާއްދާއެއް ކަމަށްވާތީވެ، ކޮންޓްރެކްޓުގެ ދަށުން ބޯޓު ޗާޓަރުކުރި ފަރާތަށް އެ ކޮންޓްރެކްޓުގެ ދަށުން ލިބެން އޮތް މަންފާގެ މައިގަނޑު ބައިން އެ ފަރާތް މަހުރޫމުވެފައި ނުވާތީވެ، އެ ޗާޓަރ ޕާޓީ ނިމުމަކަށް ނުގެނެވޭނެ ކަމަށް އެ ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ. ނަމަވެސް، މި ތިންވަނަ ބާވަތުގެ މާއްދާއަށް ވަރަށް ގިނަ ފަރާތްތަކުން ފާޑު ކިޔައި އެއީ ކޮންޓްރެކްޓުގައި ހިމެނޭ މާއްދާތަކުގެ ވަކި ގިންތިއެއް ނޫންކަމަށް ބުނެފައިވެއެވެ.
ކޮންޓްރެކްޓު ނިމުމަކަށް ގެނައުން މަނާކުރާ މާއްދާ
53ކޮންޓްރެކްޓެއްގައި އެ ކޮންޓްރެކްޓު ނިމުމަކަށް ނުގެނެވޭނެ ކަމަށް ބަޔާންކުރާ މާއްދާއެއް ހިމަނާފައިވާ ނަމަ އެ ފަދަ މާއްދާއަކަށް ބާރު ލިބެނީ ކިހާ މިންވަރަކަށް ބާވައެވެ. މި ފަދަ މާއްދާތަކާ ބެހޭގޮތުން އަމަލުކުރެވޭ އުސޫލަކީ އެ މާއްދާތަކުގެ މައްޗަށް ބުއްދީގެ ހަމަތަކުގެ ޓެސްޓް އާއި އިންސާފުގެ ޓެސްޓް ތަތުބީގުކުރުމެވެ. ކޯޓުން އެ ފަދަ މާއްދާ ތަކުގެ މައްޗަށް މި ދެ ޓެސްޓު ތަތުބީގުކުރުމުގެ ނަތީޖާއަކަށް ވާނީ އެ މާއްދާ އެގޮތަށް ކޮންޓްރެކްޓުގައި ލިޔެފައިވަނިކޮށް، ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވެއްޖެ ނަމަ އެ ޚިލާފުގެ ސަބަބުން ނިކުންނަ ނަތީޖާއަށް ބަލައި، އެ ޚިލާފަކީ ބުރަދަން ހުރި މައިގަނޑު ޚިލާފެއް ކަމަށްވާ ނަމަ ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ރަނގަޅުކަމަށް ނިންމުމެވެ.
ކޮންޓްރެކްޓުގެ މާއްދާތައް ލިޔެފައިވާ ގޮތަށް ތަންފީޒުކުރުން
54ކުރިން ވެސް ބަޔާންކުރި ފަދައިން، ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ވަކި ކަމަކާ ޚިލާފުވެއްޖެ ނަމަ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު އަނެއް ފަރާތަށް ލިބިގެންވާ ކަމަށް ކޮންޓްރެކްޓުގައި ސަރީހަކޮށް ބުނެވިދާނެއެވެ. މިސާލަކަށް، ކުއްޔަށް ނަގާ ބޯޓު ވަކި ތާރީޚެއްގައި، ވަކި ބަނދަރެއްގައި، މުދާ ބަރާކުރެވޭ ގޮތަށް ތައްޔާރަށް އޮންނަންވާނެ ކަމަށާއި އެ ތާރީޚުގައި އެ ބަނދަރުގައި އެ ބޯޓު ތައްޔާރަށް ނެތް ނަމަ ކޮންޓްރެކްޓު ނިމުމަކަށް ގެނެވިދާނެ ކަމަށް ކޮންޓްރެކްޓުގައި ބުނެވިދާނެއެވެ. މި ބާވަތުގެ މާއްދާތައް މިހެން ލިޔުމުގެ ބޭނުމަކީ ދެބަސްވުމަށް މަގުފަހި ވިޔަ ނުދިނުމާއި ވަކި ކަމެއް ނުކުރުމުގެ ނަތީޖާއަކީ ކޮބައިކަން ޔަގީންކަމާއެކު ކަށަވަރު ކުރެވޭނެ ގޮތަށް ހަމަޖެއްސުމެވެ. މި ގޮތަށް ބަޔާންކުރުމުން އެ ޚިލާފަކީ ކޮންޓްރެކްޓް ނިމުމަކަށް ގެނައުން ހުއްދަވާ ފަދަ ބުރަދަން ހުރި ޚިލާފެއްތޯ ނުވަތަ ނޫންތޯ ކޯޓުގައި ބަހުސްކުރުމަށް ހިނގާ ވަގުތު ސަލާމަތް ކުރެވޭނެއެވެ. އެހެންކަމުން ކޮންޓްރެކްޓު ތަންފީޒުކުރެވޭނެ ކަމުގެ ޔަގީންކަމާއި އިތުބާރު އުފެއްދުމަށް، މި ބާވަތުގެ މާއްދާތައް ކޯޓުތަކުން އާންމު ގޮތެއްގައި ތަންފީޒު ކޮށްދޭނެއެވެ. ކޮންޓްރެކްޓުގައި ވަކި ކަމެއް ވަކިގޮތަކަށް ނުކޮށްފިނަމަ ކޮންޓްރެކްޓު ނިމުމަކަށް ގެނެވިދާނެ ކަމަށް ބުނެފައި ހުންނަ ހާލަތުގައި އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ މިންވަރުގެ ބުރަދަންހުރި މައިގަނޑު ޚިލާފެއް ނޫންކަމަށް ކޮންޓްރެކްޓުގެ ބައިވެރިއަކު ބުނާނަމަ އެކަން ސާބިތުކޮށް ދިނުމަކީ އެ ފަރާތެއްގެ ޒިންމާއެކެވެ. އެ ޚިލާފުގެ ނަތީޖާއަކީ ބުރަދަންހުރި ސީރިއަސް ނަތީޖާއެއް ނޫންކަމަށް ސާބިތުކޮށް ދެވިއްޖެ ނަމަ، އެ ހާލަތުގައި ކޮންޓްރެކްޓު ނިމުމަކަށް ގެނެވިދާނެ ކަމަށް ކޮންޓްރެކްޓުގައި ބުނެފައި އޮތް ނަމަވެސް، އެ ކޮންޓްރެކްޓު ނިމުމަކަށް ނުގެނެވޭނެ ކަމަށް ކޯޓުން ނިންމުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އެއް މިސާލަކީ ކުރިންވެސް ބަޔާންކުރެވުނު ރައިސް ވ. ގްރޭޓް ޔާމަތު ބީސީ ގަޒިއްޔާއެވެ. މި ބަޔާންކުރެވުނު އުސޫލާ ޚިލާފަށް ވަކި ވަގުތެއްގައި ވަކި ގޮތަކަށް ކަންކުރުމަށް ކޮންޓްރެކްޓުގައި ލިޔުމުގައި ދެ ފަރާތުގެ ނިޔަތަކީ ވަގުތާއި ކުރަންޖެހޭ ކަމުގެ މުހިންމުކަން ދެ ފަރާތަށް އެނގި ތިބެގެން ވަކި ކަމެއް ވަކިގޮތަކަށް ހާސިލުކުރުމުގެ ނިޔަތުގައި ލިޔެފައިވާ މާއްދާއެއް ކަމަށް ބުނެ އެކަން ސާބިތުކޮށްދެވިއްޖެ ނަމަ އެ މާއްދާއެއް އެއޮތް ގޮތަށް ކޯޓުން ތަންފީޒު ކޮށްދޭނެއެވެ. ނަމަވެސް ވަގުތާއި ހާލަތުގެ މުހިންމުކަން ބަޔާންކޮށް ވަކި މަގްސަދެއް ހާސިލުކުރުމަށް ލިޔެފައިވާ މާއްދާއަކާ ޚިލާފުވާ ހިނދު އެއްބަސްވުމުގައިވާ ގޮތަށް ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގައި ލަސްވެފައިވާ ނަމަ އެގޮތަށް އެ މާއްދާ މާނަކުރުމަށް ކޯޓުތަކުން ފަސްޖެހިދާނެ އެވެ.
55ޚިދުމަތް ލިބިމުގައި ނުވަތަ މުދަލެއް ގަތުމުގައި ބާގެއިން ކުރުމުގެ ފުރުސަތު ނުލިބޭ ބާވަތުގެ އެއްބަސްވުންތަކުގައި، މިސާލަކަށް، ހަޔަރ-ޕާޗެސް އެގްރީމަންޓުތަކުގެ ދަށުން އެއް ފަހަރު ނަމަވެސް ޕޭމަންޓު ނުދެއްކި ހިނގައްޖެ ނަމަ، އެއްބަސްވުން ނިމުމަކަށް ގެނެސް އެ މުދާ އަތުލެވިދާނެ ކަމަށް ބަޔާންކޮށްފައި ހުންނަ އެއްބަސްވުންތަކުގައި، އެގޮތަށް އެއް ޕޭމަންޓެއް ނުވަތަ މަދު ޕޭމަންޓުތަކެއް ގަވާއިދުން ނުދެއްކި ދިޔަ ނަމަވެސް ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ކޯޓުތަކުން ނިންމުން އެކަށީގެންވެއެވެ. އެ ހާލަތުގައިވެސް ޚިލާފުގެ ނިސްބަތަށް ރިއާޔަތްކުރުން މުހިންމެވެ.
56ކޮންޓްރެކްޓުގައި ބުނާ ވަކި ހާލަތްތަކެއްގައި ކޮންޓްރެކްޓު ނިމުމަކަށް ގެނެވިދާނެ ކަމަށް ބުނާ މާއްދާއަކީ އަނިޔާވެރިކަމަށް މަގުފަހިކުރުވާ ގޮތަށް ލިޔެފައިވާ މާއްދާއެއް ނަމަ އެ މާއްދާ ކޯޓުން ތަންފީޒުކޮށް ނުދިނުމަކީ އެކަށީގެންވާ ކަމެކެވެ.
57HN9ޚިލާފަކާ ގުޅިގެން ކޮންޓްރެކްޓު ނިމުމަކަށް ގެނައުން މަހުދޫދު ކުރެވިދާނެ ބައެއް ހާލަތުތަކަކީ:
(ހ) ޚިލާފެއް ވިޔަސް ކޮންޓްރެކްޓު ނިމުމަކަށް ނުގެނެވޭނެ ކަމަށް ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ހާލަތް. ނަމަވެސް އެ މާއްދާއަކީ ހަރުކަށި، އަނިޔާވެރި، އަދި ބޭއިންސާފަށް މަގު ފަހިކުރާ މާއްދާއެއް ނަމަ ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ކޯޓުން ހުއްދަކުރާނެއެވެ.
(ށ) ހެޔޮ ނިޔަތުގައި ނޫން ގޮތަކަށް ކޮންޓްރެކް ނިމުމަކަށް ނުގެނެވުމަކީ ކޮންމެ ކޮންޓްރެކްޓެއްގައި ހިމެނޭ ޒިމްނީ ޝަރުތެކެވެ. އެހެން ކަމުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގައި ހެޔޮ ނިޔަތް ނެތުމަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު މަހުދޫދު ކޮށްފާނޭ ސަބަބެކެވެ.
ދެފަރާތުން ކޮންޓްރެކްޓާ ޚިލާފުވުން
58ދެފަރާތުން ކޮންޓްރެކްޓާ ޚިލާފުވެފައިވާ ހާލަތުގައި ބަލަންޖެހޭނީ ކޮންޓްރެކްޓާ ޚިލާފުވުމުގެ އަމަލުތައް ހިނގާފައިވާ ގޮތުގެ އިސްފަސް ތަރުތީބަށެވެ. އޭ ކޮންޓްރެކްޓާ ޚިލާފު ވެފައިވަނީ ބީ ގެ ޚިލާފުގެ ކުރިން ކަމަށް ވާނަމަ، ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު ބީ އަށް ލިބިގެންވެއެވެ. އަދި އެ ހައްގު ބީ ބޭނުން ކޮށްފިނަމަ، ބީ ފަހުން ވެފައިވާ ޚިލާފުވުމަކީ ކޮންޓްރެކްޓާ ޚިލާފުވުން ކަމަށް ނުބެލެވޭނެއެވެ. ނަމަވެސް ބީ އަށް ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް ލިބިގެންވާ ހައްގު ބޭނުންކޮށްފައި ނުވާ ނަމަ، ބީ ގެ ޚިލާފާ ގުޅިގެން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު އޭ އަށް ލިބިގެންވެއެވެ. ޑީއާރްސީ ޑިސްޓްރިބިއުޝަން ލޓޑ ވ. އަލްވާ ގަޒިއްޔާގައި ބީ ގެ ފަހުގެ ޚިލާފާ ގުޅިގެން ކޮންޓްރެކްޓް ނިމުމަކަށް ގެނައުމުގެ 30 ދުވަހުގެ ނޯޓިސްއެއް އޭ ގެ ފަރާތުން ބީ އަށް ދިނެވެ. އެއަށްފަހު ބީ ވަގުތުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށްޓަކައި އޭ އަށް ނޯޓިސް ފޮނުވިއެވެ. ކޯޓުން ނިންމީ ބީ ގެ ފަރާތުން ކޮންޓްރެކް ނިމުމަކަށް ގެނައި ގެނައުން ރަނގަޅު ކަމަށެވެ. ނަމަވެސް ބީ އަށް ގެއްލުމުގެ ބަދަލު ލިބުނީ އޭގެ ފަރާތުން ބީ އަށް ފޮނުވި ނޯޓިސްގެ ދަށުން ކޮންޓްރެކްޓު ނިމުމަކަށް އަންނާނެ މުއްދަތާ ހަމައަށެވެ.
59ދެފަރާތުން އެއް ވަގުތެއްގައި ކޮންޓްރެކްޓާ ޚިލާފުވެއްޖެ ނަމަ އާއްމު އުސޫލަކީ އަނެއް ފަރާތުގެ ޚިލާފާ އަޅުވައި ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު ދެފަރާތަށް ލިބުމެވެ. އެހެން ނަމަވެސް އަނެއް ފަރާތުގެ ފުރަތަމަ ޚިލާފާ ގުޅިގެން އުފެދޭ ނަތީޖާއިން އެއްކިބާ ވުމަށްޓަކައި އަޅާ ފިޔަވަޅުތަކާ ގުޅިގެން އެހެން ގޮތަކަށްވެސް މި ހާލަތު މާނަކުރެވެއެވެ.
60ކޮންޓްރެކްޓުގައި ވަކި ކަމެއް ކުރަންވީ ވަގުތެއް ބުނެފައި ނުވާނަމަ އެކަމެއް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކުރުމަކީ ކޮންޓްރެކްޓުގެ ޒިމްނީ ޝަރުތެކެވެ. ކޮންޓްރެކްޓުގައި ވަކި ވަގުތެއްގައި ކަމެއް ކުރުމަކީ ކޮނޓްރެކްޓުގެ މުހިއްމު ޝަރުތެއް ކަމަށް ބުނެފައިވާނަމަ، ކަނޑައެޅިފައިވާ ވަގުތުގައި އެކަމެއް ނުކުރުމަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނެވިދާނެ ކަމެކެވެ. ނަމަވެސް އަދާލަތުގެ ހަމަތައް ބޮޑަށް ބުރަވަނީ އެކަމުން ނިކުންނަ ނަތީޖާއަކީ ބުރަދަންހުރި މައިގަނޑު ކަމެއް ކަމަށް ނުވާނަމަ އެފަދަ ހާލަތްތަކުގައި ކޮންޓްރެކްޓު ނިމުމަކަށް ނުގެނެވޭނެ ކަމަށެވެ.
ކޮންޓްރެކްޓާ ޚިލާފުވުމުގެ ނަތީޖާ
61ޚިލާފުވެގެން ކޮންޓްރެކްޓެއް ޓަރމިނޭޓް ކުރާ ހާލަތުގައި ކޮންޓްރެކްޓާ ޚިލާފުވި ފަރާތުގެ މައްޗަށް ދެ ބާވަތެއްގެ އިލްތިޒާމެއް އޮވެއެވެ. އެއީ:
(1)އަސާސީ އިލްތިޒާމް
(2)ސާނަވީ އިލްތިޒާމް
އަސާސީ އިލްތިޒާމް
62އަސާސީ އިލްތިޒާމަކީ ކޮންޓްރެކްޓުގެ ދަށުން އޭނާ ފުރިހަމަ ކުރަން ވައުދު ވެފައިވާ ކަންކަމެވެ. ސާނަވީ އިލްތިޒާމަކީ އަސާސީ އިލްތިޒާމް އަދާނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ދިނުން ލާޒިމުވުމެވެ.
63އާންމު އުސޫލަކީ މައުސޫމު ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ފަހުން އަދާކުރަންޖެހޭ އަސާސީ އިލްތިޒާމުތަކުން ޚިލާފުވީ ފަރާތް ވީއްލިގެން ދިއުމެވެ. އޭގެ މާނައަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމާ ހަމައަށް ކުރަންޖެހި ނަމަވެސް އެހާތަނަށް ނުކޮށް ހުރި ކަންކަން ކުރަން ލާޒިމުވުމެވެ. ނަމަވެސް އޭނާ އޭގެ ކުރިން ދައްކާފައިވާ ފައިސާގެ މުގާބިލު އޭނާއަށް ލިބިފައި ނުވާނަމަ އެ ފައިސާ އަނބުރާ ލިބިގަތުމަކީ އޭނާގެ ހައްގެކެވެ. އެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް މެދުވެރިވީ އޭނާ ކޮންޓްރެކްޓާ ޚިލާފަށް ކުރި ކަމަކުން ކަމަށްވިޔަސް މެއެވެ. މައުސޫމު ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށްފަހު، ޚިލާފުވި ފަރާތުން ކުރާ ކަންކަމަށް ނުވަތަ އެފަހުން ކުރަންޖެހޭ ކަންކަމަށް ފައިސާ ދެއްކުމަށް ނުވަތަ ފައިސާ ލިބިގަތުމަށް އިންކާރު ކުރުމުގެ ހައްގު މައުސޫމު ފަރާތަށް ލިބިގެންވެއެވެ.
64ނަމަވެސް ކޮންޓްރެކްޓުގެ އަސާސީ އިލްތިޒާމު ތަކުގެ ބޭރުން ދެ ފަރާތުން އެއްބަސްވެފައި ހުންނަ ކަންކަން ކޮންޓްރެކްޓު ނިމުމަކަށް އައުމަށްފަހު ދެމިހުރެއެވެ. މިސާލަކަށް ކޮންޓްރެކްޓުގައިވާ ޑިސްޕިއުޓް ރިސޮލިއުޝަން މާއްދާ އާއި ހިސާބުތައް ހޯދުން ފަދަ ކަންކަން ކޮންޓްރެކްޓު ނިމުނަސް ދިރިދެމި އޮންނާނެއެވެ.
ސާނަވީ އިލްތިޒާމް
65ކުރިންވެސް ބުނިހެން، ސާނަވީ އިލްތިޒާމަކީ އަސާސީ އިލްތިޒާމް އަދާނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ދިނުން ލާޒިމު ވުމެވެ. ކޮންޓްރެކްޓު ނިމުމަކަށް ގެނައުމާ އެއްކޮށް ޚިލާފުވީ ފަރާތުގެ މައްޗަށް ގެއްލުމުގެ ބަދަލު ދިނުމުގެ ސާނަވީ އިލްތިޒާމް އުފެދެއެވެ. އެ ގޮތުން، ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ކުރިން ވެފައިވާ ޚިލާފުތަކަށް ބަދަލު ދިނުމާއި އެ ކަންކަން ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުމާއި ކޮންޓްރެކްޓު ނިމުމަކަށް ގެނައުމާ ގުޅިގެން މުސްތަގުބަލުގައި އަދާކުރަންޖެހޭ ކަންކަން ނުކުރުމުގެ ސަބަބުން ލިބޭ ގެއްލުންވެސް ހިމެނެއެވެ.
66މިސާލަކަށް، މުދަލެއް ކުއްޔަށް ނަގައިގެން އެ މުދާ ގަތުމުގެ ބޭނުމުގައި ސޮއިކޮށްފައިވާ އެގްރިމެންޓެއްގެ ދަށުން މުދަލުގެ ވެރިފަރާތަށް ދައްކަންޖެހޭ އިންސްޓޯލްމަންޓު އެއްބަސްވެފައިވާ ގަވާއިދުން ނުދައްކައިގެން މުދަލުގެ ވެރި ފަރާތުން އެގްރިމަންޓު ނިމުމަކަށް ގެންނަ ހާލަތުގައި އެހާތަނަށް ދައްކަންޖެހި ނުދައްކައި ހުރި އިންސްޓޯލްމަންޓު ދައްކަންޖެހޭނެއެވެ. ނަމަވެސް އޭގެ ފަހުން ކޮންޓްރެކްޓުގެ ދަށުން ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިލްތިޒާމުން އެ ފަރާތް ވީއްލުނީއެވެ. ނަމަވެސް، އޭގެ އިތުރުން އެތިގަނޑުގެ ވެރި ފަރާތަށް ލިބޭ ގެއްލުމަށް ބަދަލު ދިނުމަށް މުދާ ނެގި ފަރާތުގެ މައްޗަށް ލާޒިމުވާނެއެވެ. މިސާލަކަށް ބާކީ އޮތް މުއްދަތަށް އެހެން ފަރާތަކަށް އެ އެތި ކުއްޔަށް ނުދެވުނު ނަމަ ނުވަތަ ކުއްޔަށް ދެވުނީ ދަށް އަގެއްގައި ނަމަ އެ ގެއްލުމުގެ މިންވަރަށް މުދާނެގި ފަރާތުން މުދަލުގެ ވެރިފަރާތަށް ގެއްލުމުގެ ބަދަލު ދޭންޖެހޭނެއެވެ.
ކޮންޓްރެކްޓުގައި ދިނުމަށް އެއްބަސްވެފައިވާ ފައިސާ
67އަސާސީ އިލްތިޒާމެއްގެ ގޮތުގައި ކޮންޓްރެކްޓުގެ ދަށުން ޚިލާފުވި ފަރާތުން ދައްކަން އެއްބަސްވެފައިވާ ފައިސާއެއް، ޚިލާފަކާ ގުޅިގެން މައުސޫމު ފަރާތުން ކޮންޓްރެކްޓް ނިމުމަކަށް ގެންނަ އިރު، އެ ފައިސާއަކީ ޚިލާފުވި ފަރާތުން އެހާތަނަށް ދައްކަން ޖެހި ނުދައްކައި ހުރި ފައިސާއެއް ނަމަ، އެ ފައިސާއަކީ ޚިލާފުވި ފަރާތުން ދައްކަންޖެހޭނެ ފައިސާ އެކެވެ. އެ ފައިސާ ދައްކަން ޖެހެނީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައެއް ނޫނެވެ. އެ ފަރާތުން ކޮންޓްރެކްޓުގެ ދަށުން އަދާކުރަން އެއްބަސްވެފައިވާ އިލްތިޒާމެއް އަދާކޮށްފައި ނެތުމުންނެވެ. މިސާލަކަށް ކޮންޓްރެކްޓުގެ ދަށުން ޚިލާފުވި ފަރާތުން ދައްކަން ޖެހިފައި އޮތް ޑިޕޮސިޓް ފައިސާއެއް ނުދައްކައި އޮއްވާ، އެހެން ޚިލާފަކާ ގުޅިގެން މައުސޫމު ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެންނަ އިރު އެ ޑިޕޮސިޓް ފައިސާއަކީވެސް ކޮންޓްރެކްޓު ނިމުމަކަށް ގެނައި އިރު ދައްކަންޖެހި ނުދައްކައި އޮތް ފައިސާއަކަށް ވާތީ އެ ޑިޕޮސިޓް ފައިސާ މައުސޫމު ފަރާތަށް ދޭންޖެހޭނެއެވެ. އެހެންނަމަވެސް މި ފައިސާ ނުދެއްކުމުގެ ގަސްތުގައި ކޮންޓްރެކްޓުގެ ދަށުން ކުރަންޖެހޭ ކަމެއް ނުކޮށް ކޮންޓްރެކްޓާ ޚިލާފުވެއްޖެ ނަމަ މި ފަދަ ފައިސާއަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައެއް ހާލަތުތަކުގައި ނަގައިދެވިދާނެ ފައިސާއެކެވެ.
ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ އުސޫލުތައް މި މައްސަލައަށް ތަތުބީގުކުރުން
68މަތީގައި ބަޔާންކުރި އުސޫލުތަކަށް ބެލުމުން އެނގެނީ ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވެއްޖެ ނަމަ ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނީ، އެ ޚިލާފަކީ ބުރަދަންހުރި ސީރިއަސް ނަތީޖާއެއް ނިކުންނަ ޚިލާފަކަށް ވާ ނަމައެވެ. އެހެން ކަމުން މި ހާލަތުގައި ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ ވިލާ އެއަރ އިން އެއްބަސްވުމާ ޚިލާފަށް ކަމެއް ކޮށްފައިވޭތޯ އާއި އެ ފަދަ ޚިލާފުތަކެއް ވެފައިވާ ނަމަ، އެ ތުހުމަތުކުރެވޭ ޚިލާފުތަކުގެ ޖުމްލަ ނަތީޖާއަކީ ލީސް އެގްރީމެންޓު ސަރުކާރުން ނިމުމަކަށް ގެނައުން ޖަސްޓިފައި ކުރާ މިންވަރުގެ ބުރަދަން ހުރި ސީރިއަސް ނަތީޖާތަކެއްތޯއެވެ.
69ދައުލަތުން ބުނެފައިވަނީ، ވިލާ އެއަރގެ ފަރާތުން އެއަރ ޕޯޓް ހިންގަމުން ގެންދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެއަރޕޯޓު ހިންގާފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ކަމަށެވެ. އަދި އެއަރޕޯޓުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ރަންވޭގެ ހާލަތު ދަށްވެ، އެކަށީގެންވާ ގޮތެއްގައި މެއިންޓެނަންސް ނުކުރުމުގެ ސަބަބުން އައިލެންޑް އޭވިއޭޝަންގެ މަތިންދާ ބޯޓަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އައިލެންޑް އޭވިއޭޝަންގެ މަތިންދާ ބޯޓަށް ގެއްލުންވި މި ހާދިސާއާ ގުޅޭގޮތުން 15 ސެޕްޓެމްބަރު 2016 ގައި އެ ފަރާތުން އެއަރޕޯޓުގެ ސޭފްޓީ އެސެސްމެންޓު ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށާއި، ރަންވޭ އޮތީ އެންމެ ރައްކާތެރި ހާލަތެއްގައި ނޫން ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ. އެކަމުގެ ސަބަބަކީ އެއަރޕޯޓު ބެލެހެއްޓުމުގެ މެނުއަލްތަކާ އެއްގޮތަށް އެއަރޕޯޓު ބެލެހެއްޓުމުގެ މަސައްކަތް ކުރެވެމުން ގޮސްފައި ނެތުން ކަމުގައި ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ދައުލަތުގެ ފަރާތުން ބުނެފައި ވެއެވެ. އަދި އެ މެނުއަލްތަކާ އެއްގޮތަށް އަމަލުކޮށްފައި ނެތުމަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ދައުވާކުރާ ފަރާތުން ޚިލާފުވެފައިވާ ކަން ދަލީލުކޮށްދޭ ކަމެއް ކަމަށް ދައުލަތުގެ ފަރާތުން ބުނެފައި ވެއެވެ. މީގެ އިތުރުން އެ ރިޕޯޓުގެ 3 ވަނަ ސަފްހާއިން 5 ވަނަ ސަފްހާއާ ހަމައަށް ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، "އިންޓޮލެރަބްލް" ނުވަތަ ބަލައި ނުގަނެވޭނެ މިންވަރަކަށް ސަލާމަތީ ކަންތައްތައް ދަށަށް ގޮސްފައި ހުރި ކަމަށް އެ ރިޕޯޓުގައި ބުނެފައިވާތީވެ، އާންމުން ބޭނުންކުރާ އެއަރޕޯޓެއްގައި މިފަދަ މިންވަރަކަށް ނުރައްކަލެއް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ފަރާތުން ބުނެފައި ވެއެވެ. ނަމަވެސް މި ރިޕޯޓަށް ބަލާއިރު، އައިލަންޑް އޭވިއޭޝަން ގެ މަތިންދާ ބޯޓަށް ގެއްލުންވީ ކާޑެއްދޫ އެއަރޕޯޓުން ކަމަށް ސާފުކޮށް ބުނެފައި ނެތެވެ. އަދި އައިލަންޑް އޭވިއޭޝަނުން އެއަރޕޯޓު އިންސްޕެކްޓް ކޮށްފައިވަނީ އެ ބޯޓު އެހެން އެއަރޕޯޓުތަކަށް އެތައް ފަހަރު ދިޔަ ފަހުންނެވެ. މި އެސެސްމަންޓު އައިލަންޑް އޭވިއޭޝަނުން ހެދީ އެތަނުގެ ބޯޓުތައް ހަފްތާއަކު އެއް ފަހަރު އިންސްޕްކްޓުކުރާ އުސޫލުގެ ތެރެއިން ބޯޓަކަށް ގެއްލުން ވެފައި ހުރެގެން އެކަން މެދުވެރިވީ ކިހިނެތްތޯ ބެލުމަށެވެ.
70HN10އައިލެންޑް އޭވިއޭޝަނުން 15 ސެޕްޓެމްބަރު 2016 ގައި ހަދާފައިވާ ކާޑެއްދޫ އެއަރޕޯޓުގެ ސޭފްޓީ އެސެސްމެންޓު ރިޕޯޓު ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވަނީ ލީސް އެގްރީމަންޓުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް ވިލާ އެއަރ އިން ކާޑެއްދޫ އެއަރޕޯޓް ހިންގުމުގައި އަމަލުކޮށްފައި ނުވާކަން ސާބިތުކޮށް ދިނުމަށެވެ. ނަމަވެސް މި ރިޕޯޓުގައި ބުނެފައިވާ ގޮތަށް ރަންވޭގެ ހާލަތު ދަށްވެފައިވާކަން، ޝަރީއަތުގައި ކަންކަން ސާބިތުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސާބިތުކޮށް ދެވިފައި ނެތެވެ. އެހެނީ މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ވިލާ އެއަރ ގެ ފަރާތުން އިންކާރު ކުރުމުން، އެ ރިޕޯޓު ހެދި މީހުން ހެކިންގެ ގޮތުގައި ޝަރީއަތަށް ހާޒިރުކޮށް އެ ކަންކަން ސާބިތުކުރުމަށް ދައުލަތުން މަސައްކަތް ކޮށްފައެއް ނެތެވެ. އަދި އެ ނޫން އެހެން ހެއްކަކުވެސް ހާޒިރުކުރެވިފައެއް ނެތެވެ. އެ ރިޕޯޓުގެ މިނިވަންކަމާ މެދުގައި ވެސް ވިލާ އެއަރގެ ފަރާތުން ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން އެ ރިޕޯޓު ހަދާފައިވާ އައިލެންޑް އޭވިއޭޝަނަކީ ވިލާ އެއަރ ގެ ވިޔަފާރީގެ ވާދަވެރިއަކު ކަން ފާހަގަކޮށްފައިވާ އިރު އެ ޝައްކުތައް ފިލުވާލުމަށް ދައުލަތުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. މި ފަދަ ރިޕޯޓުތަކަކީ އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުވެ ތެދު ބުނުމަށް ހުވާކުރުމަށް ފަހު އެ ރިޕޯޓުގައިވާ ކަންކަމަކީ ތެދުކަމަށް ބުނުމުގެ ކުރިން ކަމެއް ސާބިތުކުރުމަށް ޝަރީއަތުގައި ފުދޭނެ އެއްޗެއް ނޫނެވެ. މީގެ އިތުރުން އެ ރިޕޯޓު އެކުލަވާލާފައިވަނީ ޝަރީއަތަށް އެ ރިޕޯޓު ހުށަހަޅައިގެން ކަމެއް ސާބިތުކޮށް ދިނުމުގެ މަގްސަދުގައި ކަންވެސް އެނގެން ނެތެވެ. އެ ރިޕޯޓު ނިންމާލަމުން ކާޑެއްދޫ އެއަރޕޯޓުގެ އޮޕަރޭޝަންސް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާތީ އާއި، އެ ރިޕޯޓު ހެދި ފަހުންވެސް އައިލަންޑް އޭވިއޭޝަންގެ މަތިންދާ ބޯޓުތައް ކާޑެއްދޫ އެއަރޕޯޓުގައި ޖައްސަމުން ގެންދިއުމުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ އެހާ ސީރިއަސް ކަންތައް ތަކެއް ކަމާމެދު ސުވާލު އުފައްދާނެ ޖާގައޮތް ކަމަށް ދެކެމެވެ.
71ލީސް އެގްރީމަންޓުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް ވިލާ އެއަރ އިން ކާޑެއްދޫ އެއަރޕޯޓް ހިންގުމުގައި އަމަލުކޮށްފައި ނުވާކަން ސާބިތުކޮށް ދިނުމަށްޓަކައި ހެކީގެ ގޮތުގައި ދައުލަތުން އިތުރަށް ޝަރީއަތަށް ހުށަހަޅާފައިވަނީ، އައިލެންޑް އޭވިއޭޝަނުން 15 ސެޕްޓެމްބަރު 2016 ގައި ހަދާފައިވާ ކާޑެއްދޫ އެއަރޕޯޓުގެ ސޭފްޓީ އެސެސްމެންޓު ރިޕޯޓާ ގުޅިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކާޑެއްދޫ އެއަރޕޯޓު ހިންގަމުންދާ ގޮތް ބެލުމަށްފަހު 03 ނޮވެމްބަރ 2016 ގައި ހަދާފައިވާ އެއަރޕޯޓުގެ 'ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓް' އާއި އެ ރިޕޯޓަށް ފަހު، ކަން ވެފައިވާ ގޮތް ބެލުމުގެ ގޮތުން 16 ނޮވެމްބަރ 2016 ގައި ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ހަދާފައިވާ ރިޕޯޓެވެ.
72މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހެދި 'ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓް' ގެ 03 ވަނަ ޕެރެގްރާފުގައި ބުނެފައިވަނީ: (1) ކާޑެއްދޫ އެއަރޕޯޓުގެ ސެކިއުރިޓީ ފުޅަފުގެ %85 (އަށްޑިހަ ފަހެއް އިންސައްތަ) ފުރިހަމަކޮށްފައިވާ ކަމަށާއި، ނުނިމި ހުރި ބައިގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، (2) އެއިރޯ ޑްރޯމް ފަޔަރ ފައިޓިންގ ކެޓަގަރީ 5" ގުޅިގެން ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ކާޑެއްދޫ އެއަރޕޯޓަކީ ކެޓަގަރީ 4 ގެ އެއަރޕޯޓެއް ކަމާއި، ކެޓަގަރީ 4 ގެ އެއަރޕޯޓެއް އޮޕަރޭޓް ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ފުރިހަމަ ކޮށްފައިވާކަމަށް ރިޕޯޓުގެ 5 ވަނަ ޕެރެގްރާފުގައި ފާހަގަ ކޮށްފައިވާ ކަމާއި، (3) ކެޓަގަރީ 5 ގެ އެއަރކްރާފްޓް ޖެއްސުން އިތުރުވާނެކަމަށް ލަފާކުރެވޭތީ، ކެޓަގަރީ 5 ގެ އޮޕަރޭޝަންތަކަށް ބޭނުންވާ ފަޔަރ ފައިޓިންގ އަޕްގްރޭޑް ކުރުމަށް ލަފާދޭ ކަމާއި، އެހެން ނަމަވެސް ދީފައިވާ މުއްދަތަށް އެކަން ކޮށްފައި ނުވާކަމާއި، އެކަން ނުކުރެވިފައި ވަނީ ފަޔަރ ފައިޓިންގ އަޕްގްރޭޑް ކުރުމަށް އިތުރު ވެހިކަލް އެއް ބޭނުންވާތީކަމާއި، އެ ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމާއި، ވެހިކަލްގެ ހާފް ޕޭމަންޓް ދައްކާފައި ހުރި ކަމަށާއި އިދާރީ ދަތިތަކެއް ހުރުމުން ޑެލިވަރީ ޕްރޮސެސް ލަސްވެފައިވާ ކަމަށެވެ. ކާޑެއްދޫ އެއަރޕޯޓުގެ ރަންވޭއާއި ގުޅިގެން ރިޕޯޓުގެ 09 އަދި 10 ވަނަ ޕެރެގްރާފުގައި ރަންވޭގައި ކަނޑައިގެން ގޮސްފައި ތަންތަން ހުރިކަމަށް ފާހަގަ ކޮށްފައިވާކަމާއި، އެހެންކަމުން އެ ތަންތަން ރަނގަޅު ކުރުމަށާއި، ރަންވޭގެ ހާލަތު ވަޒަން ކުރުމަށްފަހު އެ ކަންކަން ރަނގަޅު ކުރުމަށް އިސްލާހީ އެކްޝަން ޕްލޭނެއް ހުށަހެޅުމަށް ބުނެފައި ވާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
7303 ނޮވެމްބަރ 2016 ގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ހެދި 'ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓް' އަށްފަހު 16 ނޮވެމްބަރ 2016 ގައި ފޮލޯ އަޕް އިންސްޕެކްޝަން އަޕްޑޭޓް އެއް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ހެދި އެވެ.
74މި ފޮލޯ އަޕް ރިޕޯޓަށް ބަލާއިރު، 03 ނޮވެމްބަރ 2016 ގައި ހެދުނު ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓް' ގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރެއިން އެއަރޕޯޓުގެ ފުޅަފުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށްފައި ވާކަމާއި، އެއަރޕޯޓުގެ ސެކިއުރިޓީ ޕްރޮގްރާމްވެސް ނިންމާ ހުއްދަ ހޯދުމަށް ފޮނުވާފައި ވާއިރު، އެއަރޕޯޓުގެ ކެޓަގަރީ 5 ގެ އޮޕަރޭޝަންއަށް ބޭނުންވާ ފަޔަރ އަޕްގްރޭޑްގެ މަސައްކަތް އަދިވެސް އެއްކޮށް ފުރިހަމަ ނުވާކަމާއި އެ ކަންކަން ނިންމުމަށް މަސައްކަތް ކުރަމުންދާކަމާއި، އަދި ނުނިމި ހުރި ކަންކަން ނިންމުމަށްޓަކައި އިތުރު މުއްދަތެއް ދެވިފައި ވާކަން މިފޮލޯ އަޕް ރިޕޯޓުގައި ބުނެފައި ވެއެވެ. މިއިން އެއްވެސް ރިޕޯޓެއްގައި އެއަރޕޯޓުގެ ހާލަތު ދަށްވެގެން އެއަރޕޯޓުގެ ހިންގުން ހުއްޓާލުމަށް ލަފާދީފައި ވާކަން އެނގެން ނެތެވެ. އެހެން ނަމަވެސް، އެ ކަންކަން ރަނގަޅު ކުރުމަށް ވިލާ އެއަރ އަށް މުހުލަތްތަކެއް ދީފައިވާކަން އެނގެއެވެ.
75ސިވިލް އޭވިއޭޝަނުން ތައްޔާރުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ވިލާ އެއަރ އިން ރަނގަޅު ނުކުރާ ކަމަށާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ކާޑެއްދޫ އެއަރޕޯޓު ހިންގަމުން ގޮސްފައި ނުވާކަމަށް ދައުލަތުން ތަކުރާރުކޮށް ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވެއެވެ. ނަމަވެސް އެ ކަންކަމަށް ވިލާ އެއަރ އިން އިންކާރުކޮށްފައި ވީނަމަވެސް، ދައުލަތުން ތުހުމަތު ކުރާ ކަންކަން ސާބިތުވާނޭ ހެކި ހުށަހަޅާފައެއް ނުވެއެވެ. ހެކި ހުށަހެޅުމެއް ނެތި ދައުވާކުރާ ފަރާތުން ކުރާ ތުހުމަތުތައް ކިތަންމެ ގިނައިން ޝަރީއަތުގެ މަޖިލީހުގައި ތަކުރާރު ކުރި ނަމަވެސް ދައުވާކުރާ ފަރާތުން ކުރާ ދައުވާއަށް އެކަމުން ލިބޭނެ ބާރެއް ނެތެވެ. ދައުވާކުރާ ފަރާތުން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ ދައުވާކުރާ ފަރާތުން ތުހުމަތުކުރާ ކޮންމެ ކަމަކީ ޝަރީއަތް ކުރުމުގައި ހަމަޖެހިފައި އޮންނަ އުސޫލުން ހެކި ހުށަހަޅައިގެން ސާބިތުކޮށްދޭންޖެހޭ ކަމެއް ކަމެވެ. ހެއްކަކުން ބާރުލިބިފައި ނެތް ކޮންމެ ތުހުމަތަކީ ކަނޑުގައި އަޅާ ރޮނގެއް ފަދަ އެއްޗެއް ކަމެވެ. މިގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ކާޑެއްދޫ އެއަރޕޯޓު ހިންގަމުން ގޮސްފައި ނުވާކަމަށް ދައުލަތުން ބުނި ބުނުމާ ގުޅިގެން ވިލާ އެއަރ ގެ ފަރާތުން ބުނެފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ހިންގާ ރެގިއުލަރ އިންސްޕެކްޝަން ތަކަށްފަހު ރަނގަޅުކުރަން ހުންނަ ކުދިކުދި ކަންތައްތައް ފާހަގަކުރުމަކީ އާންމު އުސޫލުން ހިނގާ ކަމެއް ކަމަށާއި، ހިންގަމުންދާ އެއަރޕޯޓެއްގައި އަބަދުވެސް ކުރަންޖެހޭ މަރާމާތު ހުންނާނެ ކަމަށާއި، އެ ކަންކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެންގުމުން ރަނގަޅުކުރުމަށް ދީފައިވާ މުއްދަތުގައި ރަނގަޅު ކުރަމުންދާ ކަމަށެވެ. ވިލާ އެއަރގެ މިޖަވާބު ނަފީކޮށް މިކަން އޮތީ އެގޮތަށް ނޫންކަމަށް ޝަރީއަތަށް ސާބިތުކޮށް ދިނުމަށް ދައުލަތުން ހެއްކެއް ހުށަހަޅާފައެއް ނެތެވެ.
76HN1103 ނޮވެމްބަރ 2016 ގައި ހެދި ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓާއި، 16 ނޮވެމްބަރ 2016 ގައި ހެދި ފޮލޯ އަޕް ރިޕޯޓަށްފަހު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ނަންބަރު MCAA-AD-A007 ސެޓިފިކެޓް އޮފް އޮތޮރިޒޭޝަންގެ ދަށުން ކާޑެއްދޫ އެއަރޕޯޓު އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިކަން މި މައްސަލައިގެ ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެއެވެ. އެހެންކަމުން، 03 ނޮވެމްބަރ 2016 ގައި ހެދި ކޮމްޕްލަޔަންސް އިންސްޕެކްޝަން ރިޕޯޓާއި، 16 ނޮވެމްބަރ 2016 ގައި ހެދި ފޮލޯ އަޕް ރިޕޯޓަށް ބަލާއިރު އެ ރިޕޯޓުތަކުގައި ސިވިލް އޭވިއޭޝަން އޮތީރިޓީއިން ފާހަގަކޮށްފައިވާ ކަންކަމަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސަލާމަތީ އަދިވެސް އެނޫން އެހެން އުސޫލުތަކަށް ބަލާއިރު ލީސް އެގްރީމަންޓު ނިމުމަކަށް ގެނައުން ހުއްދަވާ މިންވަރުގެ ބުރަދަންހުރި ސީރިއަސް ނަތީޖާތަކެއް ނިކުންނަ ކަންތައްތަކެއް ކަން ސާބިތުކޮށް ދިނުމަކީ ދައުލަތުގެ ފަރާތުން ސާބިތުކޮށްދޭން ޖެހޭ ކަމެއް ކަމަށްވާއިރު، ޚަބީރުންގެ ހެކި ހުށަހަޅައިގެން ނުވަތަ އެނޫންވެސް ބާވަތެއްގެ ހެކި ހުށަހަޅައިގެން ދައުލަތުން އެކަން ޝަރީއަތުގައި ސާބިތުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ. ހިނގަމުންދާ އެއަރޕޯޓެއްގައި އަބަދުވެސް ރަނގަޅުކޮށް އިސްލާހުކޮށް މަރާމާތު ކުރަންޖެހޭ ކަންކަން ހުންނާނޭތީވެ، އެފަދަ ކަންކަން ހުރުމަކީ އެ ކަންކަމާ ޚިލާފުވެގެން ލީސް އެގްރީމަންޓު ނިމުމަކަށް ގެނައުން ހުއްދަވާ މިންވަރުގެ ބުރަދަން ހުރި ސީރިއަސް ނަތީޖާތަކެއް ނިކުންނަ ކަންކަމެއް ނޫނެވެ.
77HN12ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ ކާޑެއްދޫ އެއަރޕޯޓު ހިންގަމުން ދިއުމުގައި ފެންވަރު ދަށްވެގެން އޮޕަރޭޝަން ހުއްޓާލުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އަންގާފައި ނެތް ކަމުގެ މައްޗަށް ބިނާކޮށްގެން، ވިލާ އެއަރ އިން އެއްބަސްވުމާ ޚިލާފު ވެފައި ނުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި އެއްބަސްވުން މާނަކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެހެނީ ކޮންޓްރެކްޓުގެ 20 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމްވާ ކަންތައްތައް ކުރަންވާނީ އެ ކޮންޓްރެކްޓުގައިވާ ގޮތުގެމަތިން ކަމާއި އެ ގޮތާ ޚިލާފުވާ ގޮތަކަށް އަމަލުކުރެވޭނީ އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އެކަމަށް ދުލެއް ދޭ ހާލަތުގައި އެކަނި ކަމަށެވެ. މި ރައުޔުގެ 29 އަދި 30 ވަނަ ޕެރެގްރާފުގައި ވެސް ފާހަގަކުރި ފަދައިން ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމްވާ ކަންތައްތައް ކުރަންވާނީ އެ ކޮންޓްރެކްޓުގައިވާ ގޮތުގެމަތިން ކަމާއި އެ ގޮތާ ޚިލާފުވާ ގޮތަކަށް އަމަލުކުރެވޭނީ އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އެކަމަށް ދުލެއް ދީފި ނަމައެވެ. އެފަދަ ކޮންމެ ޚިލާފަކީ އެ ޚިލާފަކާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް މައުސޫމު ފަރާތަށް ދައުވާ ކުރެވިދާނެ ކަންކަމެވެ. ނަމަވެސް މި ރައުޔުގެ އިސްވެދިޔަ ޕެރެގްރާފުތަކުގައި ބަޔާންކުރެވިފައިވާ ފަދައިން ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ މާއްދާ ތަކުގައިވާ އިލްތިޒާމުތަކަކީ ދެ ދަރަޖައަށް ނުވަތަ ތިން ދަރަޖައަށް ބެހިގެންވާ މާއްދާތަކެއް ކަމުން، އެއިން ކޮންމެ ދަރަޖައެއްގެ އިލްތިޒާމަކާ ޚިލާފުވުމަކީ އެ ޚިލާފުގެ ނަތީޖާއެއްގެ ގޮތުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުން މައުސޫމު ފަރާތަށް ހުއްދަވާ އިލްތިޒާމުތަކެއް ނޫނެވެ. ކޮންޓްރެކްޓުގައި ހުންނަ މާއްދާތަކާއި އިލްތިޒާމްތައް ޝަރީއަތުން ދަރަޖަކުރުމުގެ އާޚިރު މަގްސަދަކީ ކޮންޓްރެކްޓުގެ ދެ ބައިވެރިންގެ މަސްލަހަތު ހިމާޔަތްކޮށް އަދުލުއިންސާފު ގާއިމުކުރުމެވެ. އެކަން އިސްވެ ދިޔަ ޕެރެގްރާފުތަކުގައި ސާފުކޮށް ތަފްސީލު ކޮށްދީފައި އެވަނީއެވެ. ކޮންޓްރެކްޓެއް ނިމުމަކަށް ގެނައުން ހުއްދަވާނީ، ތުހުމަތުކުރެވޭ ޚިލާފުގެ ޖުމްލަ ނަތީޖާއަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ޖަސްޓިފައި ކުރާ މިންވަރުގެ ބުރަދަން ހުރި ސީރިއަސް ނަތީޖާތަކެއް ނިކުންނަ ޚިލާފެއް ކަމަށް ވާނަމައެވެ. މި މައްސަލައިގައި ވިލާ އެއަރ އިން ޚިލާފުވެއްޖެ ކަމަށް ދައުލަތުގެ ފަރާތުން ބުނާ ކަންކަމަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ޖަސްޓިފައި ކުރާ މިންވަރުގެ ބުރަދަން ހުރި ސީރިއަސް ނަތީޖާތަކެއް ނިކުންނަ ޚިލާފުތަކެއް ކަމަށް އަހުރެންނަށް ބުރަ ނުވެވެއެވެ.
ހެޔޮ ނިޔަތް
78ވިލާ އެއަރގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ، ލީސް އެގްރީމަންޓު ސަރުކާރުން ނިމުމަކަށް ގެނައީ ވިލާ އެއަރ އިން ކޮންޓްރެކްޓާ ޚިލާފުވެގެން ނޫން ކަމަށާއި، ލީސް އެގްރީމަންޓު ސަރުކާރުގެ ފަރާތުން ބާތިލުކުރީ ހެޔޮ ނިޔަތުގައި ނޫން ކަމަށާއި ސިޔާސީ ބޭނުމެއްގައި ކަމަށެވެ. މި ރައުޔުގެ 57 ވަނަ ޕެރެގެރާފުގެ (ނ) ގައި ބުނެފައިވާ ފަދައިން ހެޔޮ ނިޔަތުގައި ނޫންގޮތަކަށް ކޮންޓްރެކްޓް ނިމުމަކަށް ނުގެނެވުމަކީ ކޮންމެ ކޮންޓްރެކްޓެއްގައި ހިމެނޭ ޒިމްނީ ޝަރުތެކެވެ. ނަމަވެސް މި މައްސަލައިގައި ސަރުކާރުން ލީސް އެގްރީމަންޓު ނިމުމަކަށް ގެނައީ ހެޔޮ ނިޔަތުގައި ނޫންކަން ވަކި ނުކުތާއެއްގެ ގޮތުގައި ސާބިތުކުރުމަށް ވިލާ އެއަރ އިން އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތެވެ.
ކޮންޓްރެކްޓު ނިމުމަކަށް ގެނައުމާބެހޭ ނުކުތާ ނިންމުން
79ލީސް އެގްރީމަންޓު ސަރުކާރުގެ ފަރާތުން ނިމުމަކަށް ގެނެސްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަން، މަތީގައި ބަޔާންކުރި ސަބަބު ތަކުން އެނގެއެވެ.
ގެއްލުމުގެ ބަދަލު
80ސަރުކާރުން ލީސް އެގްރީމަންޓާ ޚިލާފުވެފައިވާތީވެ، ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު ވިލާ އެއަރ އަށް ލިބިގެންވާ ކަމަށް އަމުރުކޮށް ދިނުމަށް ވިލާ އެއަރ އިން ކޯޓުގައި އެދިފައިވެއެވެ. ވިލާ އެއަރ އަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ އެސްޓިމޭޓެއް ޝަރީއަތަށް ހުށަހެޅުމަށް ވިލާ އެއަރ އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ހުށަހަޅާފައި ވެއެވެ. އަދި އެ ރިޕޯޓުގައި ވިލާއިން ލިބިފައިވާ ގެއްލުން ކަމަށް ބުނެފައިވާ އަދަދަކީ ރަނގަޅު އަދަދެއް ނޫންކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވާ ކަމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވާހަދައްކާފައި ވެއެވެ.
81އިސްވެ ފާހަގަކުރި ފަދައިން ލީސް އެގްރީމަންޓު ސަރުކާރުގެ ފަރާތުން ނިމުމަކަށް ގެނެސްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުވާތީވެ، ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ވިލާ އެއަރ އަށް ލިބިގެންވެއެވެ. ވިލާ އެއަރ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި މައްސަލައެއްގެ ގޮތުގައި ވިލާ އެއަރ އިން ދައުވާކޮށްފިނަމަ، ވިލާ އެއަރ އަށް ހައްގުވާ ގެއްލުމުގެ ބަދަލު ހިސާބުކޮށް އެ އަދަދު ކަނޑައަޅަންވާނީ ތިރީގައި މި ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންސާފުވެރިކަމާ އެކުގައެވެ. ވިލާ އެއަރ އަށް ހައްގުވާ ގެއްލުމުގެ ބަދަލު ހިސާބު ކުރާނޭ އުސޫލެއް ތިރީގައި ބަޔާންކޮށްފައި މިވަނީ ގެއްލުމުގެ ބަދަލާބެހޭ ގޮތުން ވިލާ އެއަރ އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ގެއްލުމުގެ އެސްޓިމޭޓާއި އެ އެސްޓިމޭޓްއާ ބެހޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަ ކުރާ ކަންތައްތަކެއް ހުރި ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާތީވެ، ބަދަލާމެދު އުފެދިފައިވާ ޚުސޫމަތު އިންސާފުވެރިކަމާއެކު ކަނޑައެޅޭނީ އިންސާފުވެރި އުސޫލެއް މި ކޯޓުން ކަނޑައަޅާފައި އޮތުމުން ކަމަށްވާތީ އާއި މި މައްސަލައިގައި ވިލާ އެއަރ އަށް ބަދަލު ހައްގުވެގެންވާ ކަމަށް މި ކޯޓުން ކަނޑައަޅާ ހިނދު، އެ ފަދަ އިންސާފުވެރި އުސޫލެއް އޮތުން ކޮންމެހެން ބޭނުންކަމަށް އަހުރެންނަށް ބުރަވެވޭތީއެވެ.
ގެއްލުމުގެ ބަދަލު ހިސާބުކުރާނޭ ގޮތް
82ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން އަނެއް ފަރާތަށް ކޯޓުން ނަގައިދޭ ގެއްލުމުގެ ބަދަލުގެ މަގްސަދަކީ އެ ކޮންޓްރެކްޓަށް ފުރިހަމައަށް އަމަލުކޮށް ނިމުނުނަމަ، ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތް މާލީ ގޮތުން ހުންނާނޭ މަގާމާ ވީހާވެސް ގާތަށް ގެންގޮސް ދިނުމެވެ. ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތް މާލީ ގޮތުން ހުންނާނޭ މަގާމާ ވީހާވެސް ގާތަށް ގެންގޮސް ދިނުމުގެ މާނަ އަކީ ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތް ކޮންޓްރެކްޓުގެ ޒަރީއާއިން ހޯދި ވިޔަފާރީގެ މަންފާ އޭނާއަށް ލިބިދިނުމެވެ. މިބާވަތުގެ ގެއްލުމުގެ ބަދަލަށް "އެކްސްޕެކްޓޭޝަން ޑެމޭޖަސް" އެވެ ކިޔަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދައުވާކުރާ ފަރާތުން އެ ކޮންޓްރެކްޓުން ހާސިލުކުރަން އުއްމީދު ކުރި މަސްލަހަތު ހިމާޔަތްކޮށް ދިނުމަށް ކޯޓުން މަސައްކަތް ކޮށްދޭތީއެވެ.
83އެކްސްޕެކްޓޭޝަން ޑެމޭޖަސްގައި ހިމެނެނީ ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތަށް ލިބުނު ސީދާ ގެއްލުމާއި ނުސީދާ ގެއްލުމެވެ. އެކަން ކަށަވަރުކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އާއި (2) ގައެވެ. ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ގައި ބުނާ ސީދާ ގެއްލުމަކީ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ ކޮންޓްރެކްޓުގައިވާ ކަންތައްތައް ނުކުރުމުން ނުވަތަ ފުރިހަމަ ނުކުރުމުން ލިބުނު ގެއްލުމެވެ. ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބުނެފައިވަނީ ނުސީދާ ގެއްލުމުގެ ވާހަކައެވެ. ނުސީދާ ގެއްލުމަކީ، ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ ކޮންޓްރެކްޓުގައިވާ ކަންތައްތައް ނުކުރުމުގެ ސަބަބުން ނުވަތަ ފުރިހަމަ ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެކަމާ ވިދިގެން ލިބިފައިވާ ގެއްލުމެވެ.
ސީދާ ގެއްލުން
84ސީދާ ގެއްލުމުގެ ބަދަލު ހިސާބުކުރުމަށްޓަކައި ކުރަންޖެހޭނެ ކަމަކީ ކޮންޓްރެކްޓާ ޚިލާފުވީ ފަރާތުން ކޮންޓްރެކްޓަށް އަމަލު ނުކުރުމުގެ ސަބަބުން ނުވަތަ ފުރިހަމައަށް އަމަލު ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު (value) ހޯދުމެވެ. މި ގޮތުން، ކޮންޓްރެކްޓާ ޚިލާފުވީ ފަރާތުން ކޮންޓްރެކްޓުގެ ބައެއް ފުރިހަމަކޮށްފައިވާ ނަމަ، ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތަށް ލިބޭނީ، ކޮންޓްރެކްޓުގެ ދަށުން އެފަރާތަށް ލިބެންޖެހޭ ޚިދުމަތުގެ ނުވަތަ މުދަލުގެ ޖުމްލަ އަގުގެ ތެރެއިން (Total value) އެ ކޮންޓްރެކްޓުގެ ދަށުން ލިބިފައިވާ ޚިދުމަތް ނުވަތަ މުދަލުގެ އަގު (value received) ކަނޑާލުމުން އޮންނަ ތަފާތެވެ.
މިސާލަކަށް: ކޮންޓްރެކްޓެއްގެ ދަށުން ޏ ގެ ފަރާތުން ސ އަށް ވިއްކާފައިވަނީ 60 ބަސްތާގެ ވަޅޯ މަހެވެ. އެ 60 ބަސްތާ ވަޅޯ މަހުގެ އަގު ސ ހުރީ ދައްކާފައެވެ. 60 ބަސްތާގެ ތެރެއިން ސ އަށް ލިބުނީ 45 ބަސްތާ އެވެ. ވަޅޯ މަސް ވިއްކާފައިވަނީ ބަސްތާއަކަށް 2,000.00 ރުފިޔާގެ މަގުންނެވެ. 60 ބަސްތާގެ އަގަކީ 120,000.00 ރުފިޔާއެވެ. ވީމާ، ކޮންޓްރެކްޓުގެ ދަށުން ސ އަށް ލިބެންޖެހޭ ޖުމްލަ އަގަކީ 120,000.00ރުފިޔާގެ އަގެވެ. ނަމަވެސް ސ ގަންނަން އެއްބަސްވި 60 ބަސްތާގެ ތެރެއިން ސ އަށް ލިބުނީ 45 ބަސްތާ ކަމަށްވާތީވެ، ކޮންޓްރެކްޓުގެ ޖުމްލަ އަގުގެ ތެރެއިން ސ އަށް ލިބުނީ 90,000.00ރުފިޔާގެ އަގެވެ. 15 ބަސްތާ ލިބިފައިނުވާތީވެ، ކޮންޓްރެކްޓުން ސ. އަށް ލިބެންޖެހޭ މަންފާގެ ތެރެއިން ސ އަށް ގެއްލިފައިވަނީ ވަނީ 15 ބަސްތާގެ އަގެވެ.
85މި ބަޔާންކުރި ހާލަތުގައި ސ އަށް ލިބެންޖެހޭ 15 ބަސްތާގެ އަގު ހަދާނީ ކޮން ތާރީޚަކަށް ނިސްބަތް ކޮށްގެން ހެއްޔެވެ. ކޮންޓްރެކްޓުގައި ސޮއިކުރި ތާރީޚުގައި ވަޅޯ މަސް ލިބެން ހުރި އަގުން ހެއްޔެވެ. ނުވަތަ ވަޅޯ މަސް ސ އަށް ރައްދު ކުރަންޖެހޭ ތާރީޚުގައި ވަޅޯ މަސް ލިބެން ހުރި އަގުން ހެއްޔެވެ. ނުވަތަ ކޯޓުން ހުކުމް ކުރާ ތާރީޚުގައި ވަޅޯ މަސް ލިބެން ހުރި އަގުން ހެއްޔެވެ. މި ގޮތުން އެންމެ އިންސާފުވެރިކަމަށް ފެންނަ ގޮތަކީ ކޮންޓްރެކްޓާ ޚިލާފުވި އިރު ބާޒާރުން ވަޅޯ މަސް ލިބެން ހުރި އަގުން 15 ބަސްތާ ވަޅޯ މަހުގެ އަގު ހެދުން ކަމަށް ގަބޫލުކުރެވެއެވެ.
ނުސީދާ ގެއްލުން
86ނުސީދާ ގެއްލުމަކީ ގެއްލުން ކުޑަކުރުމަށް މައުސޫމު ފަރާތުން މަސައްކަތް ކުރުމާއެކުވެސް އަނެއް ފަރާތުން ކޮންޓްރެކްޓާ ޚިލާފުވުމުގެ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުންތަކެވެ. ސީދާ ގެއްލުމަށް ބަދަލު ނަގައިދިނުމުގެ އިތުރުން، ކޮންޓްރެކްޓާ ޚިލާފުވުމުގެ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުންތަކަށް ވެސް ފައިސާއިން ބަދަލު ނަގައިދިނުން ހުއްދައެވެ. ނަމަވެސް މިގޮތުން ނަގައިދޭ ބަދަލު ނަގައިދެވޭނީ އެ ގެއްލުމަކީ ކޮންޓްރެކްޓާ ޚިލާފުވެއްޖެނަމަ އެ ގެއްލުމެއް މެދުވެރިވެދާނެ ކަމަށް ކޮންޓްރެކްޓާ ޚިލާފުވި ފަރާތަށް އެނގޭ، ނުވަތަ އެނގެންޖެހޭނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތައް ހުންނަ ކަންކަމެވެ. ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (2) އިން އެކަން އެނގެއެވެ.
ސިދާ ގެއްލުމުގެ ބަދަލާއި ނުސީދާ ގެއްލުމުގެ ބަދަލުގެ އަދަދުން އުނިކުރަންޖެހޭ ފައިސާ
87ސިދާ ގެއްލުމު އަގާއި ނުސީދާ ގެއްލުމުގެ އަގު ފައިސާއިން ހިސާބުކުރުމަށް ފަހު، ސިދާ ގެއްލުމުގެ އަގާއި ނުސީދާ ގެއްލުމުގެ އަގުން އަންނަނިވި އަދަދުތައް ކޯޓުން އުނިކުރަން ޖެހޭނެއެވެ.
(ހ)މައުސޫމު ފަރާތުން ކުރިއަށް އޮތްތަނުގައި އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަން ނުޖެހުމުގެ ސަބަބުން ސަލާމަތްކުރެވުނު ޚަރަދު.
(ށ)މައުސޫމު ފަރާތުން ގެއްލުން ކުޑަކުރުމަށް މަސައްކަތް ނުކުރުމުގެ ސަބަބުން ހިނގާފައިވާ ޚަރަދު ނުވަތަ ލިބިފައިވާ ގެއްލުން.
(ނ)ޚިލާފުގެ ނަތީޖާއެއްގެ ގޮތުން ލިބިފައިވާ މަންފާތައް
(ރ)ޔަގީން ނުކުރެވޭ ގޮތަށް އަދި އަސާސެއް ނެތި ލަފާކޮށްފައިވާ ގެއްލުންތައް.
(ބ)ޚިލާފުގެ މާދުރު ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުންތައް
(ޅ)މައުސޫމު ފަރާތުގެ އަމަލެއްގެ ސަބަބުން އިތުރުވި ގެއްލުން
(ކ)ތިންވަނަ ފަރާތެއްގެ އަމަލެއްގެ ސަބަބުން ނުވަތަ އެ ދެމެދަށް ވަންނަ އެނޫންވެސް ސަބަބަކާ ހުރެ މެދުވެރިވާ ގެއްލުން
އުނިކުރަންޖެހޭ ފައިސާ ނަގައިދެވޭނެ ބަދަލު
މައުސޫމު ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުން ސަލާމަތްކުރެވުނު ޚަރަދު ސީދާ ގެއްލުން
ޚިލާފުވި ފަރާތުގެ ކޮބައިން ލިބުނު މަންފާގެ އަގު ނުސީދާ ގެއްލުން
ޚިލާފުގެ ސަބަބުން މަންފާއެއް ލިބިފައިވާ ނަމަ އެ މަންފާ ނުވަތަ ޚަރަދު ކުޑަވެފައިވާ ނަމަ އެ މިންވަރު ގެއްލުން ކުޑަކުރަން މަސައްކަތް ނުކުރުމުގެ ސަބަބުން ހިނގާފައިވާ ޚަރަދު މައުސޫމު ފަރާތުގެ އިހުމާލުން އިތުރުވީ މިންވަރު ކަމާނުބެހޭ ސަބަބުތަކަކާ ހުރެ މެދުވެރިވީ ގެއްލުން
(Loss from intervening causes) ޔަގީން ނުކުރެވޭ އަދި އަސާސެއް ނެތި ލަފާކޮށްފައިވާ ގެއްލުންތައް
(loss too speculative or uncertain) ވުމާ ވަރަށް ދުރު ގެއްލުން
(Loss too remote) ސަލާމަތް ކުރެވުނު ޚަރަދު
88މައުސޫމު ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަން ނުޖެހުމުގެ ސަބަބުން ސަލާމަތް ކުރެވުނު ޚަރަދު ގެއްލުމުގެ ބަދަލުން އުނިކުރަން ޖެހޭނެއެވެ. މިފަދަ ޚަރަދެއްގެ މިސާލެއް ނަގަމާ ހިނގާށެވެ. މިސާލަކަށް ކޮންޓްރެކްޓާ ޚިލާފުވި ފަރާތުން ދައުވާކުރާ ފަރާތަށް ދޭންޖެހޭ ގެއްލުމުގެ ބަދަލުގެ މިންވަރަކީ ހުކުމްކުރި ދުވަހު 15 ބަސްތާ ވަޅޯ މަސް ބާޒާރުން ލިބެންހުރި އަގު ކަމުގައިވާ 37,500.00 ރުފިޔާއެވެ. ނުލިބި އޮތް 15 ބަސްތާ ބަލައި ދާން ނުޖެހުމުގެ ސަބަބުން 1,000.00 ރުފިޔާގެ ޚަރަދު މައުސޫމު ފަރާތުން ކުރަން ނުޖެހުމުގެ ސަބަބުން އެ 1,000.00 ރުފިޔާ މައުސޫމު ފަރާތަށް ސަލާމަތް ކުރެވިފައިވެއެވެ. އެހެންކަމުން ގެއްލުމުގެ އަދަދުކަމަށް ހިސާބު ކުރެވިފައިވާ 37,500.00 ރުފިޔާއިން މި 1,000.00 ރުފިޔާ އުނިކުރަން ޖެހެއެވެ. މި ހާލަތުގައި މައުސޫމު ފަރާތަށް ނަގައިދޭ ގެއްލުމުގެ ބަދަލުގެ މިންވަރަކީ 36,500.00 ރުފިޔާއެވެ. ސަލާމަތްކުރެވޭ ޚަރަދުގެ ތެރެއިން އޯވަރހެޑް ޚަރަދަކީ ފިކްސްޑް ޚަރަދެއް ނަމަ އެ ޚަރަދު އުނި ނުކުރެވޭނެއެވެ. ނަމަވެސް އޯވަރހެޑް ޚަރަދަކީ ނިސްބަތުން ބަދަލުވާ އަދަދެއް ނަމަ އެ އަދަދު ގެއްލުމުގެ ބަދަލުން އުނި ކުރެވިދާނެއެވެ.
ގެއްލުން ކުޑަކުރަން މަސައްކަތް ކުރުމުގެ ވާޖިބު
89ކޮންޓްރެކްޓްގެ އެއް ފަރާތުން ކޮންޓްރެކްޓާ ޚިލާފުވެއްޖެ ކަން ޚިލާފުނުވާ ފަރާތަށް އެނގޭ ހިނދު ނުވަތަ ކޮންޓްރެކްޓާ ޚިލާފުވާނެކަން ޚިލާފުނުވާ ފަރާތަށް އެނގޭ ހިނދު، އެ ޚިލާފުގެ ސަބަބުން ލިބޭ ނުވަތަ ލިބިދާނެ ގެއްލުން ކުޑަ ކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަމެކެވެ. އެކަށީގެންވާ މަސައްކަތް ކޮށްގެން ނުވަތަ އެކަށީގެންވާ ފިޔަވަޅު އަޅައިގެން އެއްކިބާ ކުރެވޭނެ ގެއްލުމަށް ކޯޓުން ބަދަލު ނަގައި ނުދޭނެއެވެ. ނަމަވެސް ގެއްލުން ކުޑަ ކުރުމަށްޓަކައި ދައުވާކުރާ ފަރާތުން ބޮޑު ޚަރަދެއް ކުރަން ޖެހުމަކީ ނުވަތަ ބުރައެއް އުފުލަން ޖެހުމަކީ ނުވަތަ ވިޔަފާރިކުރާ ތަނުގެ އޮނިގަނޑަށް ނުވަތަ ވިޔަފާރިއަށް ބަދަލު ގެނައުމަކީ ދައުވާކުރާ ފަރާތުން ކުރުން ލާޒިމު ކަންކަމެއް ނޫނެވެ. ދައުވާކުރާ ފަރާތުން ކުރަންޖެހޭ ހަމައެކަނި ކަމަކީ ގެއްލުން ކުޑަ ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމެވެ. އެކަށީގެންވާ ފިޔަވަޅު އެޅުމުންވެސް ގެއްލުން ކުޑަ ނުކުރެވުނު ނަމަ އެއީ ދައުވާކުރާ ފަރާތުގެ ކުށެއް ނޫނެވެ.
ޔަގީންނުކުރެވޭ ގެއްލުން
90ކޮންމެ ޚިލާފަކާ ގުޅިގެންވެސް ދައުވާކުރާ ފަރާތަށް ރަމްޒީ ބަދަލެއް ލިބޭނެއެވެ. ނަމަވެސް، އެއަށްވުރެ އިތުރަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އެ ގެއްލުމަކީ ދައުވާލިބޭ ފަރާތުގެ ސަބަބުން ނުވަތަ ދައުވާކުރާ ފަރާތުން ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށް ވެފައި، އެ ގެއްލުމުގެ މިންވަރުގެ ބުއްދިއަށް ގަބޫލުކުރެވޭ ފައިސާގެ އެސްޓިމޭޓެއް ދެވޭ ނަމައެވެ. އެ ޚިލާފުގެ ސަބަބުން ދައުވާކުރާ ފަރާތުން ކުރަން ޖެހުނު ޚަރަދު ދައުވާކުރާ ފަރާތުން ސާބިތުކޮށްދޭން ޖެހޭނެއެވެ. ނުވަތަ ބާޒާރުގެ އަގުތަކަށް ބަލައިގެން ސާބިތުކޮށް ދެވިދާނެއެވެ.
91ނަމަވެސް ކޮންޓްރެކްޓު ދެމިއޮތް ނަމަ މުސްތަގުބަލުގައި ލިބޭނޭ ފައިދާ ކަނޑައެޅުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަހަލަ ހާލަތްތަކުގައި ދައުވާކުރާ ފަރާތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ފައިދާއަކީ މާބޮޑަށް ސްޕެކިއުލޭޓިވް ނުވަތަ ޔަގީން ނުކުރެވޭ އެއްޗެއް ނަމަ އެ އަށް ބަދަލެއް ނުލިބޭނެއެވެ. ބަދަލު ނަގައިދެވޭނީ އެ ފައިދާއަކީ ލިބޭނެ ކަމަށް އެކަށީގެންވާ މިންވަރަކަށް ޔަގީންކުރެވޭ ފައިދާއެއް ކަމަށް ވާނަމައެވެ.
ޚިލާފުގެ މާދުރު ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުންތައް
92އެ ގެއްލުމަކީ ޚިލާފުގެ މާދުރު ނަތީޖާއެއްގެ ގޮތުން ލިބުނު ގެއްލުމެއްތޯ ބެލުމުގައި އާއްމުކޮށް ބޭނުންކުރާ ޓެސްޓަކީ ހެޑްލީ ވ. ބެކްސެންޑޭލް ޓެސްޓެވެ. އެއީ އެ ގެއްލުމަކީ؛ (1) ތަބީއީ ގޮތުން ޚިލާފުން ފެށިގެން ދެމިގެން އައި ގެއްލުމަކަށް ވުމާއި، (2) އެ ގެއްލުމަކީ ކޮންޓްރެކްޓާ ޚިލާފުވެއްޖެ ނަމަ އަނެއް ފަރާތަށް ލިބޭނޭ ގެއްލުމެއް ކަމަށް ދެފަރާތަށް ވިސްނިފައި އޮންނަ ގެއްލުމެއް ކަމަށް ސަލާމަތް ބުއްދި ހުރި މީހަކަށް ގަބޫލުކުރެވޭ ގެއްލުމެވެ. މިއީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (2) އިން ވެސް ގާއިމުކޮށްފައިވާ އުސޫލެވެ.
93ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ގެއްލުނު ފައިދާ ސާބިތުކުރުމަށް ދައުވާކުރާ ފަރާތަށް ތަފާތު މެތަޑްތައް ބޭނުން ކުރެވިދާނެއެވެ. އޭގެ ތެރެއިން އެއް މެތަޑަކީ "ބިފޯ އެންޑް އާފްޓަރ" މެތަޑެވެ. މި މެތަޑުގައި އަޅާކިޔާނީ ދައުވާލިބޭ ފަރާތުން ކޮންޓްރެކްޓާ ޚިލާފުވުމުގެ ކުރިން ލިބުނު އާމްދަނީގެ ހިސާބުތަކާއި އެ ޚިލާފުގެ ފަހުން ދައުވާކުރާ ފަރާތުގެ އާމްދަނީ ގެ ހިސާބުތަކަށް އައި ބަދަލެވެ. ދެވަނަ މެތަޑަކީ "ޔާޑްސްޓިކް ތިއަރީ" އެވެ. މީގައި ދައުވާކުރާ ފަރާތުން ހެކި ހުށަހަޅާނީ ދައުވާލިބޭ ފަރާތުގެ ޚިލާފުގެ އަސަރު ނުކުރާ، ހަމަ އެ މާކެޓް ކޮންޑިޝަންގައި ހިންގަމުންދާ ދައުވާކުރާ ފަރާތުގެ ވިޔަފާރި ތަނެއްގެ ހިސާބުތަކާއި ދައުވާލިބޭ ފަރާތުގެ ޚިލާފުގެ އަސަރު ކުރި ހަމަ އެ މާކެޓް ކޮންޑިޝަންގައި ހިންގަމުންދާ ދައުވާކުރާ ފަރާތުގެ ވިޔަފާރި ތަނެއްގެ އާމްދަނީގެ ހިސާބުތަކަށް އައި ބަދަލުތައް ސާބިތުކުރުމަށެވެ. ދައުވާ ލިބޭ ފަރާތުގެ ޚިލާފުގެ ސަބަބުން ދައުވާކުރާ ފަރާތަށް ގެއްލުނު ފައިދާ ސާބިތުކުރާނެ އަނެއް ގޮތަކީ ދައުވާކުރާ ފަރާތަށް ގެއްލުނު ފައިދާ ޚަބީރުންގެ ހެކިބަހުން ސާބިތުކުރުމެވެ. ފަހަކަށް އައިސް ތަހުޒީބުވެފައިވާ ޖުރިސްޑިކްޝަންތަކުގައި އިސްކަންދެނީ ސޮފިސްޓިކޭޓެޑް އިގްތިސާދީ އަދި މާލީ ޑޭޓާ ގެ މައްޗަށް ބުރަވެ ޚަބީރުން ދޭ ރައުޔުގެ މައްޗަށް ބިނާކޮށް ގެއްލުނު ފައިދާ ކަނޑައެޅުމަށެވެ. އަދި އަނެއް މެތަޑަކީ ޚިލާފުގެ ސަބަބުން ދައުވާލިބޭ ފަރާތަށް ލިބުނު ފައިދާ ހިސާބުކުރުމަށްފަހު އެ އަދަދު ދައުވާކުރާ ފަރާތަށް ނަގައި ދިނުމެވެ.
94އަނެއް ފަރާތުން ކޮންޓްރެކްޓާއި ޚިލާފު ނުވިނަމަ، ދައުވާކުރާ ފަރާތަށް މުސްތަގުބަލުގައި އެ ކޮންޓްރެކްޓު ފުރިހަމަކުރެވުނު ނަމަ ލިބޭނެ ކަމަށް ބެލެވޭ ފައިދާ ސާބިތުކޮށްދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެއީ ކުރިއަށް އޮތްތަނުގައި ދިމާވެދާނެ ކޮންޓިންޖެންސީތަކުގެ ސަބަބުން އުފެދޭ އަންސަރޓެންޓީގެ އިތުރުން، ވައުދުކޮށްފައިވާ ކަމެއް ނުކުރުމުގެ އަގު ފައިސާގެ އަދަދަކުން ކަނޑައެޅުމާއި، ދައުވާކުރާ ފަރާތުން އެ ކޮންޓްރެކްޓު ފުރިހަމަ ކުރުމަށް ހިނގާނޭ ޚަރަދު އަންދާޒާ ކުރުމަކީ އުނދަގޫ ކަމަކަށް ވާތީއެވެ. ނަމަވެސް ކޮންޓްރެކްޓު ނިމުމަކަށް ގެނައި ތާރީޚާ ހަމައަށް ދައުވާކުރާ ފަރާތުން ކޮށްފައިވާ ޚަރަދުތައް ސާބިތުކުރުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ދައުވާކުރާ ފަރާތަށް މުސްތަގުބަލުގައި އެ ކޮންޓްރެކްޓު ފުރިހަމަކުރެވުނު ނަމަ ލިބޭނެ ކަމަށް ބެލެވޭ ފައިދާ ސާބިތުކޮށް ނުދެވުނު ނަމަ ރަމްޒީ ބަދަލެއް ދައުވާ ކުރާ ފަރާތަށް ނަގައި ދިނުމަކީ ކޯޓުގެ އިޚްތިޔާރުގައިވާ ކަމެކެވެ.
95މުސްތަގުބަލުގައި ލިބޭނެ ފައިދާ ސާބިތުކޮށް ނުދެވުނު ނަމަވެސް ކޮންޓްރެކްޓަށް ބަރޯސާ ވެގެން ދައުވާކުރާ ފަރާތުން އަމަލުކުރި ނަމަ އޭނާ ކުރި ޚަރަދު އާއްމުގޮތެއްގައި އޭނާއަށް ސާބިތުކޮށްދެވޭނެއެވެ. މި ހާލަތުގައި އޭނާއަށް ލިބުނު މަންފާ އުނިކޮށް، އޭނާ އެ ކޮންޓްރެކްޓަށް ބަރޯސާ ވެގެން ކުރި ޚަރަދު އޭނާއަށް ނަގައިދެވޭނެއެވެ. މިގޮތަށް ބަދަލު ނަގައިދިނުމުގެ ބޭނުމަކީ ކޮންޓްރެކްޓަށް ވާސިލުވުމުގެ ކުރިން ދައުވާކުރާ ފަރާތް މާލީގޮތުން ހުރި ހާލަތަށް ވުރެ ދަށް ހާލަތަކަށް ދިޔަ ނުދިނުމެވެ. މިގޮތަށް ބަދަލު ނަގައި ދިނުމުން ކޮންޓްރެކްޓު ފުރިހަމަ ކުރެވުނު ނަމަ ދައުވާކުރާ ފަރާތް މާލީ ގޮތުން ހުންނާނޭ ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ދައުވާކުރާ ފަރާތް ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެނީ ކޮންޓްރެކްޓު އެކުގައި ފުރިހަމަ ކުރެވުނު ނަމަ ދައުވާކުރާ ފަރާތަށް ނެޓް ލޮސްއެއް ވުމުގެ އިހުތިމާލު އޮތުމަކީވެސް އެކަށީގެންވާ ކަމަކަށް ވާތީއެވެ. މިގޮތަށް ކޮންޓްރެކްޓަށް ބަރޯސާ ވުމުގެ ގެއްލުމުގެ ބަދަލު ނަގައިދޭ ނަމަ، ބަލަންޖެހޭ އެންމެ މުހިންމު ކަމަކީ، ކޮންޓްރެކްޓު ފުރިހަމަކުރެވުނު ނަމަ ދައުވާކުރާ ފަރާތް ހުރުން އެކަށީގެންވާ ވަރަށް ވުރެ ރަނގަޅު ހާލަތަކަށް ނުވަތަ އިތުރު ފައިދާއެއް ނަގައިދިނުމުން އެއްކިބާ ވުމެވެ. ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތަށް ލިބޭނެ ކަމަށް ހުށަހަޅާ ފައިދާގެ އަދަދަށް އިންކާރު ކުރާނަމަ އެ އަދަދަށް ފައިދާ ނުވާނެ ކަން ދެއްކުމަށް ހެކި ހުށަހަޅަންވާނެއެވެ. އެ ކޮންޓްރެކްޓުން ދައުވާކުރާ ފަރާތަށް ފައިދާ ނުވާނެ ކަމަށާއި ވާނީ ގެއްލުން ކަމަށް ދައްކައިދީފި ނަމަ ދައުވާކުރާ ފަރާތަށް ނަގައިދެވޭނީ ހަމައެކަނި ސީދާ ގެއްލުމުގެ ބަދަލާއި ނުސީދާ ގެއްލުމުގެ ބަދަލެވެ. މުސްތަގުބަލުގައި ލިބޭނެ ފައިދާގެ ބައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައި ނުދެވޭނެއެވެ.
ކޮންޓްރެކްޓުގެ ބައެއް ފުރިހަމަކުރާ ހާލަތު
96މުދާ ވިއްކުމުގެ އެއްބަސްވުމެއްގައި، ވިއްކާ ފަރާތުން ގަންނަ ފަރާތަށް ފޮނުވަންޖެހޭ މުދާ ރައްދު ކޮށްދީފައިވާ ހާލަތުގައި މުދާ ގަންނަ ފަރާތުން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ، ވިއްކި ފަރާތަށް އެ ފަރާތުން އެއްބަސްވުމުގެ ދަށުން ފުރިހަމަކުރި ކަންކަމަށް ގަންނަ ފަރާތުން އަގު ދައްކަންވާނެއެވެ. އަދި ފައިސާ ދެއްކުން ލަސްވެފައިވާނަމަ ގެއްލުމުގެ ބަދަލު ނަގައިދެވޭނެއެވެ. އެހެންނަމަވެސް ގަންނަ ފަރާތުން ކޮންޓްރެކްޓާ ޚިލާފުވީ ވިއްކާ ފަރާތުން ކޮންޓްރެކްޓުގައި އެފަރާތުން ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ ކުރިން ކަމަށްވާ ނަމަ ގެއްލުމުގެ ބަދަލު ހިސާބުކުރުން އުނދަގޫ ވާނެއެވެ.
97ކޮންސްޓްރަކްޝަން ކޮންޓްރެކްޓު ތަކުގައި، މަސައްކަތް ހަވާލުކުރި ފަރާތުން ކޮންޓްރެކްޓާ ޚިލާފުވީ އިމާރާތްކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރު ފެށުމުގެ ކުރިން ކަމަށްވާ ނަމަ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޮންޓްރެކްޓަރަށް ލިބޭނީ އެ ކޮންޓްރެކްޓު ފުރިހަމަ ކުރިނަމަ އެފަރާތަށް ލިބޭނެ ފައިސާ އިން އޭނާ އެ ކޮންޓްރެކްޓުގެ ދަށުން ފުރިހަމަކުރަންޖެހޭ މަސައްކަތް ފުރިހަމަ ކުރުމަށް އޭނާގެ އަތުން ހިނގާނޭ ޚަރަދު އުނިކުރުމަށްފަހު އޮންނަ އެއްޗެކެވެ. އެއާ ޚިލާފަށް، މަސައްކަތް ހަވާލުކުރި ފަރާތުން ކޮންޓްރެކްޓާ ޚިލާފުވީ ކޮންޓްރެކްޓަރު އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ފަހުގައި ކަމަށްވާ ނަމަ، އަދި އިމާރާތްކުރުމުގެ މަސައްކަތަށް ކޮންޓްރެކްޓަރުގެ ފަރާތުން ޚަރަދު ކޮށްފައިވާ ނަމަ، އެހާތަނަށް ކޮންޓްރެކްޓަރު އަތުން ހިނގާފައިވާ ޚަރަދު ގެ އަދަދު ކޯޓުން ބަލަންވާނެއެވެ. އަދި އިމާރާތް ކުރުމުގެ މަސައްކަތަށް ކޮންޓްރެކްޓަރު ގަނެފައިވާ މެޓީރިއަލްތައް އެހެން ތަނެއްގައި ކުރާ އިމާރާތެއްގައި ބޭނުންކުރުމުގެ އަގު ކޮންޓްރެކްޓަރުގެ އަތުން ހިނގާފައިވާ ޚަރަދުން އުނިކުރަންވާނެއެވެ އެއަށްފަހު ކޮންޓްރެކްޓުގެ އަގުން އިމާރާތްކުރާ ފަރާތުން އިމާރާތްކުރުމަށް ހިނގާނޭ ޚަރަދު އުނިކުރުމަށްފަހު، ކޮންޓްރެކްޓަރަށް ގެއްލުނު ފައިދާގެ އަދަދު ކަނޑައަޅާނީއެވެ.
ކޮންޓްރެކްޓާ ޚިލާފަށް ކުރި ކަން ރަނގަޅު ކުރަންދާނެ ޚަރަދު އެކުގައި ނަގައި ނުދިނުން
98ބައެއް ހާލަތްތަކުގައި ޑިފެކްޓިވް ޕާރފޮމަންސް އިން ލިބުނު ގެއްލުން، ރަނގަޅު ކުރުމަށް ދާނެ ޚަރަދަކީ ނިސްބަތުން މާބޮޑު ޚަރަދެއް ކަމުގައިވާ ނަމަ، ގެއްލުމުގެ ބަދަލު އެކުގައި ނަގައިދިނުމުގެ ބަދަލުގައި ޑިފެކްޓިވް ޕާރފޮމަންސްގެ އަގާއި ފުލް ޕާރފޮމަންސްގެ އަގުގެ ތަފާތު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަކީ އެންމެ ޚަރަދު ކުޑަ އަދި އިންސާފުވެރި ގޮތެވެ.
99މިސާލަކަށް ޖެކަބް އެންޑް ޔަންގްސް އިންކް ވ. ކެންޓް ގަޒިއްޔާއަށް ބަލައިލަމާ ހިނގާށެވެ. މި މައްސަލައިގައި ހިމެނޭ މުއާމަލާތުގައި ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތުން ކޮންޓްރެކްޓުގައި ބުނެފައިވަނީ ވަކި މެނުފެކްޗަރަރ އަކު އުފައްދާ ބްރޭންޑްގެ ހޮޅި އެޅުމަށެވެ. ނަމަވެސް އެ ވައްތަރު ހޮޅި އެޅުމުގެ ބަދަލުގައި ކޮންޓްރެކްޓަރު ބޭނުންކުރީ އެހެން ފަރާތަކުން އުފައްދާފައިވާ ހޮޅިއެވެ. ކޮންޓްރެކްޓަރު އެ ގޭގައި އެޅި ހޮޅިއަކީވެސް ހަމަ އެ ފެންވަރުގެ އެއް މިނެއްގެ އެއް އަގެއްގެ ހޮޅިއެވެ. ނަމަވެސް މަސައްކަތް ހަވާލުކުރި ފަރާތަށް އެކަން އެނގުމުން ކޮންޓްރެކްޓަރު އެއްބަސްވުމާ ޚިލާފުވެފައިވާތީ ކޯޓުގައި ދައުވާ ކުރީ އެ ގޭގައި ހުރި ހުރިހާ ހޮޅިތަކެއް ނަގައި ކޮންޓްރެކްޓުގައި ބުނެފައިވާ ބްރޭންޑްގެ ހޮޅި އަލުން އެޅުމަށް އަމުރުކޮށް ދިނުމަށެވެ. ނަމަވެސް އެ ހޮޅިތައް ނަގައި އަލުން އެގޭގައި ހޮޅި އަޅާނަމަ ގޭގެ ބޮޑު ބައެއް ތަޅާލައިގެން ނޫނީ އެކަން ކުރެވޭކަށް ނެތެވެ. އަދި އެކަމަށް ހިނގާނޭ ޚަރަދުވެސް އިންތިހާއަށް ބޮޑެވެ. ކޯޓުން ކަނޑައެޅީ ދައުވާ ލިބޭ ފަރާތުގެ ޚިލާފަކީ މައުސޫމް އަދި ކުޑަ ޚިލާފެއް ކަމަށް ވާތީވެ، މަސައްކަތް ހަވާލުކުރި ފަރާތަށް ހައްގުވަނީ ކޮންޓްރެކްޓުގައި ބުނެފައިވާ ގޮތަށް އަޅާފައިވާ ގެއެއްގެ ބާޒާރުގެ އަގާއި އަސްލު ހޮޅި އަޅާފައި ހުރި ގޭގެ ބާޒާރުގެ އަގުގެ ތަފާތު ބެލުމަށްފަހު، އެ ތަފާތަށްވާ މިންވަރު ކަމަށެވެ.
ވިލާ އެއަރ އަށް ގެއްލުމުގެ ބަދަލު ނަގައި ދިނުން
100ކުރިންވެސް ބަޔާންކުރި ފަދައިން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ވިލާ އެއަރ އަށް ކޯޓުން ބަދަލު ނަގައި ދޭންވާނީ މަތީގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. މީގެ އިތުރުން ގެއްލުމުގެ އަދަދު ހިސާބު ކުރުމުގައި ތިރީގައި މިވާ ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެ އެވެ.
101ވިލާ އެއަރ ގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޑޮމެސްޓިކް އެއަރޕޯޓެއް ހިންގުމަކީ އޭގެ ޒާތުގައި އެއަރޕޯޓު ހިންގާ ފަރާތަށް ފައިދާވާނެ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން އާންމު ގޮތެއްގައި އެއަރޕޯޓު ހިންގަން އަމިއްލަ ފަރާތްތަކަށް ސަރުކާރުން ކުއްޔަށް ދޫކުރަނީ އެއަރޕޯޓު ހިންގާ ފަރާތަށް އެކަމުގެ ސަބަބުން ލިބޭނެ ގެއްލުން ފޫބެއްދުމަށްޓަކައި ރިސޯޓު ނުވަތަ ހޮޓާ ހެދުމަށް ރަށެއް ނުވަތަ ބިމެއް ހަވާލުކުރާ އުސޫލުން ކަމަށެވެ.
102އެއްބަސްވުމާ ޚިލާފަށް ސަރުކާރުން ބ. މެންދޫ ވިލާ އެއަރ އާ ހަވާލުކޮށްފައި ނުވާ ކަމަށް ވިލާ އެއަރ އިން ޝަރީއަތުގައި ބުނެފައި ވެއެވެ. ވިލާ އެއަރ ގެ ފަރާތުން ބުނެފައިވަނީ އެއްބަސްވެފައިވާ ގޮތަށް ސަރުކާރުން ވިލާ އެއަރ އާ ބ. މެންދޫ ހަވާލުކޮށްފައި ނުވާ ކަމަށާއި، ސަރުކާރުން ލީސް އެގްރީމަންޓު ނިމުމަކަށް ގެނެސްފައިވަނީ އެ އަގްދީ އިލްތިޒާމް އަދާކުރުމެއްނެތި އެ ޚިލާފު މަތީގައި ސަރުކާރު ދެމިއޮތް ހާލުގައި ކަމަށެވެ. މި ޚިލާފާ އަޅުވައި ލީސް އެގްރީމަންޓު ނިމުމަކަށް ގެނައުމަށް ވިލާ އެއަރ އިން މަސައްކަތް ކޮށްފައެއް ނުވެއެވެ. ކޮންޓްރެކްޓާ ޚިލާފަށް ކޮންޓްރެކްޓުގެ އެއް ފަރާތުން ކުރާ ކަމަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ އެ ޚިލާފު ރައްދުވާ ފަރާތުގެ މައްޗަށް ގާނޫނު ލާޒިމުކުރާ ކަމަކެވެ. ޚިލާފެއްގެ ސަބަބުން ގެއްލުން ލިބިފައިވާ ނަމަ އެ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ކޮންޓްރެކްޓުގެ އަނެއް ފަރާތަށް ލިބިގެންވީ ނަމަވެސް، އެ ޚިލާފު ހުއްޓުވުމަށް ފިޔަވަޅު ނާޅައި، އެ ޚިލާފު ދެމިގެން ދިއުމަށް ދޫކޮށްލުމަކީ ހުއްދަކަމެއް ނޫނެވެ. އެ ޚިލާފު ދެމިގެން ދިއުމަށް ދޫކޮށްލުމަކީ، އެކަމުގެ ސަބަބުން ވިލާ އެއަރ އަށް ލިބޭ ގެއްލުމުގެ ބަދަލު ކުޑަކުރުމަށް ގާނޫނުން ވިލާ އެއަރގެ މައްޗަށް ލާޒިމުކޮށްފައި އޮންނަ އޮތުމާ ޚިލާފުކަމަކަށް ވާތީވެ، މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ އަދަދު ކަނޑައެޅުމުގައި މިކަމަށް ރިއާޔަތް ކުރަންވާނެ އެވެ.
103މަތީގައި އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން އަހުރެންނަށް ފެންނަނީ ސިވިލް ކޯޓުގެ ނަންބަރު 479/Cv-C/2017 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ބައްލާފައިވާ އެކޯޓުގެ ނަންބަރު 2019/HC-A/71 ގަޒިއްޔާގައި ހުކުމް ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
104މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކުރައްވާފައިވާ ޤާނޫނީ ނުކުތާތަކަށާއި މައްސަލައިގެ ނަތީޖާއަށް އަހުރެން ތާއީދުކުރަމެވެ. އަދި، ގެއްލުމުގެ ބަދަލު ހިސާބުކުރުމާގުޅޭ ސާފު އަދި އެއްގޮތް އުޞޫލެއް ދިވެހިރާއްޖެއަށް ނުހަނު ބޭނުންވެފައިވާކަން އަހުރެން ޤަބޫލުކުރާ ހިނދު، އަދި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ގެއްލުމުގެ ބަދަލު ހިސާބު ކުރުމާ ބެހޭގޮތުން ބައެއް ހިމަނުއްވާފައިވަނީ ސަރުކާރުން ލީސް އެގްރީމަންޓާ ޚިލާފުވެފައިވުމުގެ ސަބަބުން ވިލާ އެއަރ އަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދަން ވަކި މައްސަލައެއްގެ ގޮތުގައި ދައުވާކުރުމުގެ ހައްގު އެކުންފުންޏަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައިވުމުން، އެކަމުގައި ޢަމަލުކުރާނެ ގޮތެއް ސާފުކޮށްދެއްވުމުގެ ގޮތުންކަމުގައި ވާހިނދު، ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި ގެއްލުމުގެ ބަދަލު ހިސާބުކުރުމާ ގުޅޭ ޤާނޫނީ ނުކުތާތަކެއް ނުހިމެނޭތީ އާއި، މިއީ އެކަމުގެ މައްޗަށް ސިވިލް ކޯޓުގައާއި ހައިކޯޓުގައި ވާހަކަ ދެކެވިފައިވާ ކަމަކަށް ނުވާތީ، މި މައްސަލައިގެ ތެރެއިން ގެއްލުމުގެ ބަދަލު ހިސާބުކުރާނެ ގޮތާމެދު ބަސް ބުނުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
105މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 479/Cv-C/2017 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2019/HC-A/71 ގަޒިއްޔާގައި ހައިކޯޓުން ހުކުމް ކުރައްވާފައިވަނީ ގާނޫނާ އެއްގޮތަށްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދު (ރިޔާސަތު)
ޢާއިޝާ ޝުޖޫން މުޙައްމަދު
މަޙާޒު ޢަލީ ޒާހިރު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1)
- ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (2)
- ކީރިތި ޤުރުއާނުގެ އަލްމާއިދާ ސޫރަތުގެ ފުރަތަމަ އާޔަތް
- 'ދަ ހަންސާ ނޯޑް' ގަޟިއްޔާ (The Hansa Nord)
- ހޯންގް ކޯންގް ފަރ ގަޟިއްޔާ (Hongkong Fir)
- Rice v Great Yarmouth BC [2003] T.C.L.R. 1
- ބްރެޑްފަޑް ވ. ވިލިއަމްސް ގަޟިއްޔާ (Bradford v Williams)
- ވިކްމަން ލިމިޓެޑް ވ ސްކުލަރ އޭޖީ ގަޟިއްޔާ (Wickman Ltd v Schuler AG)
- ޑީއާރްސީ ޑިސްޓްރިބިއުޝަން ލޓޑ ވ. އަލްވާ ގަޟިއްޔާ (DRC Distribution Ltd v Ulva)
- ހެޑްލީ ވ. ބެކްސެންޑޭލް ގަޟިއްޔާ (Hadley v Baxendale)
- ޖެކަބް އެންޑް ޔަންގްސް އިންކް ވ. ކެންޓް ގަޟިއްޔާ (Jacob & Youngs Inc v Kent)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.