އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތްތައް ވ. މުޙައްމަދު ޙަމްދާން
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން، އެޖެންޑާގައި ވަކިކުރުމުގެ ކަން ނުހިމެނޭތީ ކުންފުންޏާބެހޭ ޤާނޫނުގެ 49 ވަނަ މާއްދާއާ ޚިލާފަށް ވަކިކުރި ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށާއި، އޭނާއަކީ މިހާރުވެސް ބޯޑުގެ މެންބަރެއްކަމަށް ޙުކުމްކުރިއެވެ.
- ވާޤިޢާ
- ކުންފުނީގެ މައިނޯރިޓީ ހިއްސާދާރެއް އަދި ޑިރެކްޓަރެއް ވަކިކުރުމަށް 3 އޮގަސްޓު 2020 ގައި ބޭއްވި ޝެއަރހޯލްޑަރސް ޖެނެރަލް މީޓިންގގައި ނިންމިއެވެ. ޖަލްސާގެ ނޯޓިސްގެ އެޖެންޑާގައި ހިމެނުނީ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ބަދަލުގެނައުން ކަމަށާއި، އޭނާ ވަކިކުރުމުގެ ކަން ސާފުކޮށް ނުހިމެނުނެވެ. އޭނާ ޖަލްސާއަށް ހާޟިރެއް ނުވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުންޏަށް ގެއްލުންވާގޮތަށް ޢަމަލުކުރާކަމަށް ބުނެ ޑިރެކްޓަރަކު ވަކިކުރުމުގައި ކުންފުންޏާބެހޭ ޤާނޫނުގެ 49 ވަނަ މާއްދާއަށް ރުޖޫޢަވުން ލާޒިމްތޯ ނުވަތަ 48 ވަނަ މާއްދާގެ ދަށުން ކުންފުނީގެ ހިންގާ ގަވާއިދަށް ޢަމަލުކުރުން ފުދޭތޯ، އަދި ވަކިކުރުމުގެ ކަން އެޖެންޑާގައި ސާފުކޮށް ނުހިމަނައި ނޯޓިސް ދީގެން ބޭއްވި ޖަލްސާއެއްގައި ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނީގެ ފަރާތުން ބުނީ 48 ވަނަ މާއްދާއާއި ހިންގާ ގަވާއިދުގެ 13 އަދި 15 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭތީ 49 ވަނަ މާއްދާއަށް ރުޖޫޢަވާން ނުޖެހޭކަމަށާއި، ކުޑަ އިޖުރާއީ އައިބަކުން ނިންމުން ބާޠިލު ނުވާނެކަމަށެވެ. ރައްދުވާ ފަރާތުން ބުނީ ގެއްލުންވާ ޢަމަލެއްގެ ސަބަބުން ވަކިކުރާއިރު 49 ވަނަ މާއްދާއަށް ޢަމަލުކުރަންޖެހޭކަމަށާއި، އެޖެންޑާ ސާފުކޮށް ބަޔާންކޮށް ނޯޓިސް ނުދޭކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- 49 ވަނަ މާއްދާއަށް ރުޖޫޢަވުން ލާޒިމް ނޫން ނަމަވެސް، ހިންގާ ގަވާއިދުގެ 12 ވަނަ މާއްދާގައި އެޖެންޑާގެ ތަފްސީލާއެކު 14 ދުވަހުގެ ނޯޓިސް ދޭން ލާޒިމްކުރާއިރު، ވަކިކުރުމުގެ ކަން އެޖެންޑާގައި ނުހިމަނާތީ ހިންގާ ގަވާއިދާއި 48 ވަނަ މާއްދާއާ އެއްގޮތަށް ވަކިކުރިކަމަށް ނުބެލެވޭތީ ދަށުކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2716/Cv-C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ކުންފުންޏާބެހޭ ޤާނޫނުގެ 48 ވަނަ މާއްދާއާއި 49 ވަނަ މާއްދާ އެއްރޮއްޖަކުން ކިޔާއިރު، ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރާނީ ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށެވެ. 49 ވަނަ މާއްދާގެ (ހ) ގައިވާ ޚާއްޞަ އިޖުރާއަތު (14 ދުވަހުގެ ނޯޓިސް، އާންމު ޖަލްސާ، ޚާއްޞަ ޤަރާރު) އަކީ ހިންގާ ގަވާއިދުގައި އެފަދަ އިޖުރާއަތެއް ނެތް ހާލަތުގައި ޢަމަލުކުރެވިދާނެ އިޖުރާއަތެކެވެ. (ޕެރ. 24-28)
49 ވަނަ މާއްދާގައިވާ ޙާލަތެއް (ޚިޔާނާތް، ގެއްލުންވާ ޢަމަލު) މެދުވެރިވެގެން ޑިރެކްޓަރަކު ވަކިކުރާ ނަމަވެސް، ހިންގާ ގަވާއިދުގައިވާ އިޖުރާއަތު ދޫކޮށް ކޮންމެހެން 49 ވަނަ މާއްދާއަށް ރުޖޫޢަވުން ލާޒިމެއް ނޫނެވެ. އެގޮތަށް ލާޒިމްކަމަށް ދޭހަވާގޮތަށް ދަށުކޯޓުން މާނަކުރުމަކީ ރަނގަޅު މާނަކުރުމެއް ނޫނެވެ. (ޕެރ. 28-29)
ޑިރެކްޓަރަކު ވަކިކުރުމަށް ބާއްވާ އާންމު ޖަލްސާއެއްގެ ނޯޓިސްގައި އެކަން އެޖެންޑާގައި ސާފުކޮށް ލިސްޓުކުރަންޖެހޭނެއެވެ. ހަމައެކަނި ހިންގާ ގަވާއިދަށް ނުވަތަ އަސާސީ ގަވާއިދަށް ބަދަލުގެނައުން އެޖެންޑާގައި ހިމެނުމުން ޑިރެކްޓަރަކު ވަކިކުރުމުގެ ފުރިހަމަ ނޯޓިސް ދެވުނީކަމަށް ނުބެލެވޭނެއެވެ. ބަދަލުގެނައުމަށް އުޅޭ މާއްދާ ނުވަތަ ކަން ބަޔާންނުކޮށް ނޯޓިސް ދިނުމުން ނޯޓިސް ދިނުމުގެ މަޤްޞަދު ޙާޞިލު ނުވާނެއެވެ. (ޕެރ. 32-33)
ނޯޓިސް އާއި އެޖެންޑާގެ އިޖުރާއަތު ފުރިހަމަނުކޮށް، މައިނޯރިޓީ ހިއްސާދާރެއް/ޑިރެކްޓަރެއްގެ ޣައިރު ޙާޟިރުގައި، އޭނާގެ މައްޗަށްވާ ތުހުމަތަށް ބަސްބުނުމުގެ ފުރުޞަތު ނުދީ އޭނާ ވަކިކުރުމަކީ ޤާނޫނުގައިވާ އިޖުރާއަތާ ދިމާއިދިކޮޅު ކަމެކެވެ. އެފަދައިން ޢަމަލުކުރުމުގައި ކުންފުނީގެ ހެޔޮ ނިޔަތް (good faith) އޮތްކަމަށް ނުބެލެވޭނެއެވެ. އަދި އެއީ ކުޑަ އިޖުރާއީ އައިބެއް ކަމުގައި މާނަ ނުކުރެވޭނެއެވެ. (ޕެރ. 34, 36)
ޖިނާއީ މައްސަލަތަކުގައި އިޖުރާއީ ޤާނޫނުތަކަށް ޢަމަލުނުކުރުމުގެ ނަތީޖާ ބަޔާންކުރާ ސުޕްރީމް ކޯޓުގެ އުޞޫލުތަކާއި ކޮންޓްރެކްޓާ ގުޅޭ އުޞޫލުތައް، ޤާނޫނުން ވަކިގޮތަކަށް ތަރުތީބުކޮށްފައިވާ ކުންފުނީގެ ކަންކަމަށް އެ ޤާނޫނާ ފުށުއަރާގޮތަށް ތަޠުބީޤު ނުކުރެވޭނެއެވެ. (ޕެރ. 36)
ފުރިހަމަ އެޖެންޑާ ބަޔާންކޮށް ނޯޓިސް ނުދީ މައިނޯރިޓީ ހިއްސާދާރަށް ގެއްލުންވާގޮތަށް ކުންފުނީގެ ކަންކަން ނިންމުމުގެ އިޚްތިޔާރެއް މެޖޯރިޓީ ހިއްސާދާރުންނަށް ނުލިބެއެވެ. އިޖުރާއަތު ފުރިހަމަނުވާތީ، ވަކިކުރި ސަބަބު (ގެއްލުންވާ ޢަމަލު) ސާބިތުވޭތޯ ބެލުމަށް ދާން ނުޖެހެއެވެ. (ޕެރ. 40)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 48 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) އާއި (ށ)
- އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދު (Articles of Association) ގެ 12، 13 އަދި 15 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2020/SC-A/46 (ދައުލަތް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2022/SC-A/82 (އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2019/SC-A/85 (ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް)
- ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2023/HC-A/256 (ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ ފަހީމް)
- ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2017/HC-A/356، 357، 358 (އިބްރާހީމް ރަޝީދު ވ. އެކްސްޕާރޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 2 ފަރާތެއް)
ފަނޑިޔާރުން
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު، (މި ރައުޔަށް ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު ޢަބްދުލްމާނިޢު
ޙުސައިން ތާއީދުކުރައްވާފައި) މައްސަލައިގެ ތަޢާރަފު
1މިއީ ސިވިލް ކޯޓުގެ ނަންބަރު 2716/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑް އާއި ސުލައިމާން ގެޑިޒް އާއި މުރާތު ގެޑިޒް އާއި ގދ.ރަތަފަންދޫ، […] އަޙްމަރު މުޙައްމަދު އާ މި 4 (ހަތަރެއް) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ، ދަފްތަރު ނަންބަރު ރސ. 6852، މުޙައްމަދު ޙަމްދާން އެވެ.
ސިވިލް ކޯޓުގައި ކުރެވުނު ދައުވާ
2މާލެ، ދަފްތަރު ނަންބަރު ރސ. 6852، މުޙައްމަދު ޙަމްދާން އަކީ އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑްގެ މައިނޯރިޓީ ޙިއްސާދާރެއް އަދި ޑިރެކްޓަރެއްގެ ގޮތުގައި ހުރި ފަރާތެކެވެ.
3އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މުޙައްމަދު ޙަމްދާން ވަކި ކުރުމަށް 3 އޮގަސްޓު 2020 ގައި ބޭއްވުނު "ޝެއަރހޯލްޑަރސް ޖެނެރަލް މީޓިންގ" ގައި ކުންފުނީގެ ބޯޑުން ނިންމާފައިވެއެވެ. އެ ޖަލްސާގައި މުޙައްމަދު ޙަމްދާން ބައިވެރިވެފައި ނުވެއެވެ.
4އެ ކުންފުނީގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ޙަމްދާންގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2716/Cv-C/2020 ޤަޟިއްޔާގައި ދައުވާ ހުށަހެޅިއެވެ.
5އެގޮތުން ހުށަހެޅި ދައުވާ އަކީ އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑް އުފެއްދިއިރު، ޙިއްސާދާރެއް އަދި ޑިރެކްޓަރެއްގެ ގޮތުގައި ހުރި މުޙައްމަދު ޙަމްދާން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައިވަނީ ޤާނޫނާއި ކުންފުނި ހިންގުމުގެ އުޞޫލުތަކާ ޚިލާފަށް އަދި މުޙައްމަދު ޙަމްދާންއަށް އެނގުމެއްނެތި ކަމަށްބުނެ، ކުންފުނީގެ ބޯޑުން މުޙައްމަދު ޙަމްދާން ވަކިކޮށްފައިވަނީ ކުންފުނި ހިންގުމުގެ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، ކުންފުނީގެ ޑިރެކްޓަރުކަމުން މުޙައްމަދު ޙަމްދާން ވަކިކުރުމުގެ މުޢާމަލާތަކީ ބާޠިލު މުޢާމަލާތެއްކަމުގައި ކަނޑައަޅައިދިނުމަށާއި، އަދި މުޙައްމަދު ޙަމްދާންއަކީ މިހާރުވެސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑް އާއި، ސުލައިމާން ގެޑިޒް (Suleyman Gediz) އާއި، މުރާތު ގެޑިޒް (Murat Gediz) އަދި ގދ.ރަތަފަންދޫ، […] އަޙްމަރު މުޙައްމަދުއާ މި 4 (ހަތަރެއް) ފަރާތަށް ރައްދުވާގޮތަށް މުޙައްމަދު ޙަމްދާން ހުށަހެޅި ދައުވާއެވެ.
ސިވިލް ކޯޓުގެ ޙުކުމް
6އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑް އާއި ސުލައިމާން ގެޑިޒް (Suleyman Gediz) (ޕާސްޕޯޓް ނަންބަރު ) އާއި މުރާތު ގެޑިޒް (Murat Gediz) އާއި ގދ.ރަތަފަންދޫ، […] އަޙްމަރު މުޙައްމަދުއަށް ރައްދުވާގޮތަށް ދަފްތަރު ނަންބަރު ރސ 6852، މުޙައްމަދު ޙަމްދާން ހުށަހަޅާފައިވާ މި މައްސަލައިގައި، އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރެއް އަދި ޑިރެކްޓަރެއްގެ ގޮތުގައި ހުރި މުޙައްމަދު ޙަމްދާން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ވަކިކުރުމަށް ނިންމި ބައްދަލުވުމުގެ އެޖެންޑާގައި މުޙައްމަދު ޙަމްދާން ޑިރެކްޓަރު ކަމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް އެޖެންޑާ ކުރެވިފައިވާކަން އެނގެން ނެތުމުން، މުޙައްމަދު ޙަމްދާން ކުންފުނީގެ ޑިރެކްޓަރުކަމުން ވަކި ކޮށްފައިވަނީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 49 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާތީ، މުޙައްމަދު ޙަމްދާން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ވަކިކުރުމަށް ނިންމި ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، މުޙައްމަދު ޙަމްދާންއަކީ އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްކަމުގައި ކަނޑައަޅައި، ޙުކުމްކޮށްފީމެވެ."
7ސިވިލް ކޯޓުގެ އެ ޙުކުމާމެދު ހިތްހަމަނުޖެހިގެން ދައުވާ ރައްދުވި އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑް އާއި ސުލައިމާން ގެޑިޒް އާއި މުރާތު ގެޑިޒް އާއި އަޙްމަރު މުޙައްމަދުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާ
8ސިވިލް ކޯޓުގެ ނަންބަރު 2716/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މި މައްސަލައިގައި ހުށަހެޅިފައިވަނީ 1 (އެކެއް) ނުކުތާއެވެ. އެ ނުކުތާ އަކީ: ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 49 ވަނަ މާއްދާ މާނަކޮށް ތަޠުބީޤުކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް އެ މާއްދާ މާނަކޮށް ތަޠުބީޤުކުރުމާއެކު މައްސަލައިގެ ވަށައިގެންވާ ޙަޤީޤަތްތަކާއި ވާޤިއާތައް ޝަރީޢަތަށް ސާފުވެ ސާބިތުވި ނަމަވެސް، އެއިން ކަމަކަށް ރިޢާޔަތްކުރުމެއްނެތި އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑްގެ ހިންގުމަށް ހުރަސް އެޅޭގޮތަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތްތަކުގެ ވާހަކަ އަދި އެދޭގޮތް
9އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އެއިރު ޢަމަލުކުރަމުންދިޔަ ކުންފުންޏާބެހޭ ޤާނޫނުގެ 49 ވަނަ މާއްދާ، ދަށުކޯޓުން ތަޠުބީޤުކޮށްފައިވަނީ ގޯސްކޮށް، އެ ޤާނޫނުގެ 48 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެއްނެތި، ކުންފުނި ހިންގުމަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އެގޮތުން ކުޑަ އިޖުރާއީ އައިބެއްގެ ސަބަބުން ކުންފުނީގެ މުޅި ނިންމުން ބާޠިލްކުރަންނުޖެހޭ ކަމަށެވެ. މިކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2022/SC-A/82) ޤަޟިއްޔާއިން ބާރު ލިބޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް (2019/SC-A/85) ޤަޟިއްޔާއަށް ބަލާއިރު ކޮންޓްރެކްޓާ ޚިލާފު އިޖުރާއަތަކުން ކޮންޓްރެކްޓް ބާޠިލްކުރި ނަމަވެސް ކޮންޓްރެކްޓް ބާޠިލްވާނެ ކަމަށް ކަނޑައަޅާފައިވާކަމަށެވެ.
10މުޙައްމަދު ޙަމްދާން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައިވަނީ ކުންފުންޏަށް ގެއްލުންވާގޮތަށް ޢަމަލުކުރަމުންދިއުމުން ކުންފުނީގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް 15 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި އެކަމުގައި ކުންފުންޏާބެހޭ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކޮށްފައިވާކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ ފަހީމް (2023/HC-A/256) ޤަޟިއްޔާއަށް ބެލުމުންވެސް ކުންފުނީގެ ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރަންޖެހެނީ ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށްކަން އެނގޭ ކަމަށެވެ.
11މުޙައްމަދު ޙަމްދާން ކުންފުނީގެ އަހަރީ އާންމު ޖަލްސާތަކުގައި ތަކުރާރުކޮށް ބައިވެރިނުވުމާއި، ކުންފުނީގެ ހިއްސާދާރުންނަށާއި ވިޔަފާރި ޕާރޓްނަރުން ހިމެނޭހެން 12 އޮގަސްޓު 2020 ގައި މުޙައްމަދު ޙަމްދާން ފޮނުވާފައިވާ އީމެއިލްއަށް ބެލުމުން ކުންފުންޏަށް ސީދާ ގެއްލުންވާގޮތަށް މުޙައްމަދު ޙަމްދާން ޢަމަލުކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ. ޤާނޫނު ކިޔަންވާނީ އެއްރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައި ޑަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (2020/SC-A/46) ޤަޟިއްޔާގައި ކަނޑައަޅާފައިވީ ނަމަވެސް ދަށުކޯޓުން ޤާނޫނު މާނަކޮށްފައިވަނީ މި އުސޫލާ ޚިލާފަށް ކަމަށެވެ. އެގޮތުން މި މައްސަލައިގައި ވާހަކަދެކެވޭ ހާލަތުގައި ކުންފުންޏާބެހޭ ޤާނޫނުގެ 49 ވަނަ މާއްދާއަށް ރުޖޫޢަވާން ކޮންމެހެން ނުޖެހޭ ކަމަށެވެ. އަދި ޙަމްދާން ވަކިކުރުމަށް ނިންމުނު މީޓިންގ އަށް ދައުވަތު ދިން ނޯޓިސްގައި އެޖެންޑާގެ ގޮތުގައި ސީދާ އެ އައިޓަމް ސާފު އިބާރާތުން ބަޔާންކޮށްފައި ނުވި ނަމަވެސް، ކުންފުނީގެ އަސާސީ ގަވާއިދަށާއި ހިންގާ ގަވާއިދަށް ބަދަލު ގެނައުން ހިމެނިފައިވާތީ، ކުންފުނީގެ ހިންގާ ގަވާއިދަށް ގެނެވޭ ބަދަލުގައި ޑިރެކްޓަރުންގެ އަދަދާއި ކޯރަމް ބަދަލުކުރެވިދާނެކަން ތަސައްވުރުކުރެވޭނެ ކަމަށެވެ.
12ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ރަޝީދު ވ. އެކްސްޕާރޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 2 ފަރާތެއް (2017/HC-A/356,357,358) ޤަޟިއްޔާގައި ކުންފުނީގެ ހިއްސާގެ އަގު ބަދަލުކުރުމަށް ނިންމާފައިވާ ނިންމުން ރަނގަޅުނޫން ކަމަށް ކަނޑައަޅާފައިވަނީ ޖަލްސާގެ ނޯޓިސް ފޮނުވުނުއިރު އެޖެންޑާގައި ކުންފުނީގެ އަސާސީ ގަވާއިދަށް ބަދަލުގެނައުން ހިމެނިފައިނުވާތީ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދަށް ބަދަލު ގެނައުން އެޖެންޑާގައި ހިމަނާ، ނޯޓިސް ދީފައިވާ ކަމަށެވެ.
13ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުތަކަށް ޖަވާބުދެމުން އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ މުޙައްމަދު ޙަމްދާން އަކީ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރެއް ކަމަށެވެ. މި މައްސަލައިގައި މުޙައްމަދު ޙަމްދާން ކުންފުނީގެ ބޯޑުން ވަކިކުރުމުގައި ހެޔޮ ނިޔަތް އޮތްކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނާނީ ކުންފުންޏަށްކަން ޤަބޫލުކުރާކަމަށެވެ. ނަމަވެސް ދަށުކޯޓަށް ހުށަހެޅުނު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތް ހެކިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މުޙައްމަދު ޙަމްދާން 12 އޮގަސްޓު 2020 ދުވަހު ކުންފުނީގެ ޑިރެކްޓަރުންނާއި ކުންފުނީގެ ވިޔަފާރި ޕާރޓްނަރުންނަށް ފޮނުވާފައިވާ އީމެއިލް އަށް ބެލުމުން، މުޙައްމަދު ޙަމްދާން ސީދާ ކުންފުންޏަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާކަން އެނގެން އޮތް ހިނދު، ކުންފުންޏާމެދު މުޙައްމަދު ޙަމްދާންގެ ހެޔޮ ނިޔަތެއް ނެތުމުން، ކުންފުނީގެ ހެޔޮ ނިޔަތާމެދު ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
14އިސްތިއުނާފުކުރާ ފަރާތްތަކުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ދަށުކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުމަށެވެ.
އިސްތިއުނާފުރައްދުވާ ފަރާތުގެ ވާހަކަ އަދި އެދޭގޮތް
15އިސްތިއުނާފު ރައްދުވާ މުޙައްމަދު ޙަމްދާންގެ ފަރާތުން ޖަވާބުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ކުންފުނީގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާ އާއި 15 ވަނަ މާއްދާގައި ބަޔާންކުރަނީ އެއިރު ޢަމަލުކުރަމުންދިޔަ ކުންފުންޏާބެހޭ ޤާނޫނުގެ 48 ވަނަ މާއްދާގައި ބުނާ ހާލަތުގައި އާންމު އުސޫލުން ކަންކުރަންވީ ގޮތުގެ ވާހަކަ ކަމަށެވެ. ހަމައެހެންމެ އެ ހާލަތުގައިވެސް ކުންފުނީގެ ހިންގާ ގަވާއިދުގެ 12 ވަނަ މާއްދާއަށް ޢަމަލުކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް ކުންފުނިން އެފަދައިން ޢަމަލުކޮށްފައި ނުވާކަމަށެވެ.
16މި މައްސަލައިގައި ތަކުރާރުކޮށް ދަށުކޯޓާއި ހައިކޯޓުގައިވެސް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ މުޙައްމަދު ޙަމްދާން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައިވަނީ ކުންފުންޏަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާތީ ކަމަށެވެ. އެހާލަތުގައި އެފަދަ ސަބަބަކަށްޓަކައި ޑިރެކްޓަރަކު ވަކިކުރެވިދާނެކަން ބަޔާންކުރަނީ ކުންފުންޏާބެހޭ ޤާނޫނުގެ 49 ވަނަ މާއްދާގައި ކަމަށެވެ. އެ ޤާނޫނުގެ 48 ވަނަ މާއްދާއަކީ ކުންފުނީގެ ޑިރެކްޓަރުން ވަކިކޮށް އައްޔަން ކުރުމާގުޅޭ އާންމު މާއްދާއެއް ކަމަށެވެ. މިހާލަތުގައި ޢަމަލުކުރަންޖެހޭ ކުންފުންޏާބެހޭ ޤާނޫނުގެ 49 ވަނަ މާއްދާއަށް ކުންފުނިން ޢަމަލުކޮށްފައިނުވާކަމަށެވެ. އެގޮތުން ކުންފުނިން ބޯޑު މީޓިންގ އަށް ނޯޓިސް އަދި އެޖެންޑާ ފޮނުވިއިރު، ކުންފުނީގެ ޑިރެކްޓަރަކު ނުވަތަ މުޙައްމަދު ޙަމްދާން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރުމާމެދު ގޮތެއް ނިންމުން ހިމެނިފައި ނެތް ކަމަށެވެ. އެދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައި މުޙައްމަދު ޙަމްދާން ވަކިކުރުމާމެދު ގޮތެއް ކަނޑައެޅުން އޮތް ކަލަކޮށް އިސްތިއުނާފުކުރާ ފަރާތްތަކުން އެއްބަސްވާއިރު، ސާފުކޮށް އެފަދައިން ބަޔާންކޮށް މުޙައްމަދު ޙަމްދާން އަށް ނޯޓިސް ފޮނުވާފައި ނުވާކަމަށެވެ.
17މީގެ އިތުރުން މުޙައްމަދު ޙަމްދާން ހާޟިރުނުވުމުން ކުންފުނީގެ ހިންގުން ހުއްޓޭނެކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކުރި ނަމަވެސް، މުޙައްމަދު ޙަމްދާން އަކީ މައިނޯރިޓީ ހިއްސާދާރެއް ކަމަށާއި، މުޙައްމަދު ޙަމްދާން ހާޟިރުނުވާ ހާލަތުގައިވެސް ކުންފުނީގެ ބޯޑު ބައްދަލުވުންތައް ބޭއްވޭނެގޮތް ކުންފުނީގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.
18ހަމައެހެންމެ މި މައްސަލައިގައި މިދެކެވެނީ ކުޑަ އިޖުރާއީ އައިބެއްގެ ވާހަކަ ނޫން ކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2022/SC-A/82) ޤަޟިއްޔާއަކީ ޖިނާއީ މައްސަލަތަކުގައި އިޖުރާއީ ޤާނޫނުތަކަށް ޢަމަލުނުކުރުމުގެ ނަތީޖާ ބަޔާންކުރާ ޤަޟިއްޔާއަކަށް ވީއިރު، އެ އުސޫލުތައް މި މައްސަލައަށް ތަޠުބީޤުނުކުރެވޭނެ ކަމަށެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް (2019/SC-A/85) ޤަޟިއްޔާއަކީ ކޮންޓްރެކްޓާ ގުޅޭ އުސޫލު ބަޔާންކޮށްފައިވާ ޤަޟިއްޔާއެއް ކަމަށެވެ. ކުންފުންޏާބެހޭ ކަންކަން ހިންގަން ޖެހެނީ ކުންފުންޏާބެހޭ ޤާނޫނާ އެއްގޮތަށް ކަމަށެވެ.
19ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ރަޝީދު ވ. އެކްސްޕާރޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 2 ފަރާތެއް (2017/HC-A/356,357,358) ޤަޟިއްޔާގައި ކުންފުނީގެ ހިއްސާގެ އަގު ބަދަލުކުރުމަށް ނިންމާފައިވާ ނިންމުން ރަނގަޅުނޫން ކަމަށް ކަނޑައަޅާފައިވަނީ އެފަދައިން ނިންމި ޖަލްސާއަށް ނޯޓިސް ފޮނުވުނުއިރު އެޖެންޑާގައި ކުންފުނީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމާ ގުޅޭ އެއްވެސް އައިޓަމެއް ބަޔާންކޮށްފައިނުވާތީ ކަމަށެވެ. މި މައްސަލައިގައިވެސް އެފަދައިން ފޮނުވުނު ނޯޓިސްގައި އެޖެންޑާ ސާފުވާހެން ތަފްސީލުކޮށް ބަޔާންކޮށްފައި ނުވާކަމަށެވެ.
20އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށުކޯޓުގެ ޙުކުމް ދަމަހައްޓައިދީ، އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުން ކަމަށެވެ.
ދަށުކޯޓުގެ ޙުކުމް ބިނާކުރި ސަބަބު
21މުޙައްމަދު ޙަމްދާން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ދަށުކޯޓުން ކަނޑައެޅީ އެއިރު ޢަމަލުކުރަމުންދިޔަ ކުންފުންޏާބެހޭ ޤާނޫނު (މީގެ ފަހުން "ކުންފުންޏާބެހޭ ޤާނޫނު" ކަމަށް ބުނެފައިވާ)ގެ 49 ވަނަ މާއްދާ އާއި ކުންފުނީގެ ހިންގާ ގަވާއިދުގެ 12 ވަނަ މާއްދާއާ އެއްގޮތަށް ޖަލްސާގެ ފުރިހަމަ އެޖެންޑާއާއެކު 14 ދުވަހުގެ ނޯޓިސް ދެވިފައިނުވާތީއެވެ. އެގޮތުން އެ ޖަލްސާއާ ގުޅިގެން ދެވުނު ނޯޓިސްގައި ހިމެނުނު އެޖެންޑާގައި މުޙައްމަދު ޙަމްދާން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރުމާމެދު ގޮތެއް ނިންމުން ހިމެނިފައިނުވާކަމަށް ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފުގެ އަސާސް
22މިހާރު މިބެލޭ އިސްތިއުނާފު ހުށަހެޅިފައިމިވަނީ ދަށުކޯޓުގެ އެ މާނަކުރުން ގޯސް ކަމަށްބުނެ އެކަމުގެ މައްޗަށް ނުކުތާ ހުށަހަޅައިގެންނެވެ. އެގޮތުން އެ ހާލަތުގައި ކޮންމެހެން އެއިރު ޢަމަލުކުރަމުންދިޔަ ކުންފުންޏާބެހޭ ޤާނޫނުގެ 49 ވަނަ މާއްދާއަށް ރުޖޫޢަވާން ނުޖެހޭކަމަށާއި ކުންފުނީގެ ޑިރެކްޓަރުން ވަކިކޮށް އައްޔަން ކުރާނީ ކުންފުނީގެ ހިންގާ ގަވާއިދުގައިވާގޮތުގެ މަތިން ކަމަށް އެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންވެގެންވާއިރު، އަދި ކުންފުނިން ކަންކޮށްފައިވަނީ ކުންފުނީގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާ އާއި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ކަމަށް ވާއިރު ދަށުކޯޓުން މިކަމަށް ރިޢާޔަތްކޮށްފައިނުވާކަން އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ކުންފުނީގެ ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރުން- ޤާނޫނު ބުނަނީ ކީކޭ؟
23އެއިރު ޢަމަލުކުރަމުންދިޔަ ކުންފުންޏާބެހޭ ޤާނޫނުގެ 48 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގައި ކުންފުނީގެ ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރުމާގުޅޭގޮތުން ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
48. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ޢައްޔަންކޮށް، އިންތިޚާބުކޮށް، ވަކިކުރާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތެއްގެ މަތިންނެވެ.
49.(ހ) ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް، ކުންފުންޏަށް ޚިޔާނާތްތެރިވެއްޖެނަމަ، ނުވަތަ ކުންފުންޏަށް ގެއްލުންވާފަދަ ޢަމަލެއްކޮށްފިނަމަ، ނުވަތަ އެފަދަ ޢަމަލެއްކުރަން އުޅެފިނަމަ ނުވަތަ ކުރަންއުޅޭނަމަ، ކުންފުނީގެ އާންމު ޖަލްސާއެއްގައި ފާސްކުރާ ޚާއްޞަ ޤަރާރަކުން، އެ މެންބަރަކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރެވިދާނެއެވެ. މިގޮތުން ބާއްވާ ޢާންމު ޖަލްސާގެ ނޯޓިސް، އެ ޖަލްސާ ބޭއްވުމުގެ 14 ދުވަސް ކުރިން ދޭންވާނެއެވެ.
(ށ) ކުންފުނީގެ ހިންގާ ގަވާއިދުގައި ވަކިގޮތަކަށް ކަނޑައެޅި ބަޔާންވެގެން ނުވާހާ ހިނދަކު، ޕްރައިވެޓް ކުންފުންޏަކުން ފާސްކުރާ ޚާއްޞަ ޤަރާރަކުން، އެ ކުންފުންޏެއްގެ ޑިރެކްޓަރަކު ވަކިކުރެވިދާނެއެވެ.
24HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (2020/SC-A/46) ޤަޟިއްޔާގައި ބަޔާންކޮށްދެއްވާފައިވާ އުސޫލުން އިސްވެ ނަކަލުކުރެވުނު ދެ މާއްދާ އެކުއެކީގައި އެއްރޮއްޖަކުން ކިއުމުން އަހުރެންނަށް ދޭހަކުރެވެނީ އަންނަނިވި މާނައެވެ.
25ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ޢައްޔަންކޮށް، އިންތިޚާބުކޮށް، ވަކިކުރާނީ، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށެވެ. މިއީ ކުންފުނީގެ ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރުމުގެ އިޖުރާއަތު ބަޔާންކުރާ ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކުރާ އާންމު އިޖުރާއަތެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ ފަހީމް (2023/HC-A/256) ޤަޟިއްޔާއިންވެސް މިކަމަށް ބާރުލިބެއެވެ.
26އެ މާއްދާއާ ޖެހިގެން އޮތް 49 ވަނަ މާއްދާގެ (ހ) ގައި އެވަނީ ކުންފުނީގެ ހިންގާ ގަވާއިދުގައި ކުންފުނީގެ ޑިރެކްޓަރުން ވަކިކޮށް އައްޔަންކުރާނެ ގޮތެއް ބަޔާންކޮށްފައިނުވާ ހާލަތުގައި، ޚާއްސަ 4 (ހަތަރެއް) ހާލަތެއް ބަޔާންކޮށް، އެފަދަ ސަބަބަކާހުރެ ކުންފުނީގެ ޑިރެކްޓަރަކު ވަކިކުރަންޖެހިއްޖެނަމަ ޢަމަލުކުރެވިދާނެ އިޖުރާއަތެވެ. އެގޮތުން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް: (1) ކުންފުންޏަށް ޚިޔާނާތްތެރިވެއްޖެނަމަ، (2) ނުވަތަ ކުންފުންޏަށް ގެއްލުންވާފަދަ ޢަމަލެއްކޮށްފިނަމަ، (3) ނުވަތަ އެފަދަ ޢަމަލެއްކުރަން އުޅެފިނަމަ، (4) ނުވަތަ އެފަދަ ޢަމަލެއް ކުރަންއުޅޭނަމަ، އެ ޑިރެކްޓަރަކު ވަކިކުރުމުގައި އެ ޤާނޫނުގެ 49 ވަނަ މާއްދާއަށް ޢަމަލުކުރެވިދާނެއެވެ. އެގޮތުން އެ މާއްދާގައި ބުނާ ގޮތުން އެކަން ކުރަންޖެހެނީ: (1) 14 (ސާދަ) ދުވަހުގެ ނޯޓިސް ދިނުމަށްފަހު، (2) ކުންފުނީގެ އާންމު ޖަލްސާއެއްގައި، (3) ފާސްކުރާ ޚާއްސަ ޤަރާރަކުންނެވެ.
27ހަމައެހެންމެ ކުންފުނީގެ ހިންގާ ގަވާއިދުގައި ވަކިގޮތަކަށް ކަނޑައެޅި ބަޔާންވެގެން ނުވާހާ ހިނދަކު، ޕްރައިވެޓް ކުންފުންޏަކުން ފާސްކުރާ ޚާއްސަ ޤަރާރަކުން، އެ ކުންފުންޏެއްގެ ޑިރެކްޓަރަކު ވަކިކުރެވިދާނެކަން ކުންފުންޏާބެހޭ ޤާނޫނުގެ 49 ވަނަ މާއްދާ (ށ) ގައި ސާފުކޮށް ބަޔާންވެގެން އެވަނީއެވެ.
28HN2އިސްވެ ފާހަގަކުރެވުނު ޤާނޫނީ މާއްދާތަކަށް ރިޢާޔަތްކޮށް ބަލާއިރު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންކަން ސާފެވެ. އެފަދަ އިޖުރާއަތެއް ކުންފުނީގެ ހިންގާ ގަވާއިދުގައި ނެތް ނަމަ، ކުންފުންޏަށް ޚިޔާނާތެއް ވުމުން ނުވަތަ ކުންފުންޏަށް ގެއްލުމެއް ލިބޭގޮތަށް ޑިރެކްޓަރަކު ޢަމަލުކުރުމުން ނުވަތަ އެފަދަ ޢަމަލެއް ކުރަން އުޅުމުން، ކުންފުންޏާބެހޭ ޤާނޫނުގެ 49 ވަނަ މާއްދާއާ އެއްގޮތަށް 14 (ސާދަ) ދުވަހުގެ ނޯޓިސް ދީ އެކަން ކުރެވިދާނެއެވެ. ނަމަވެސް އެ ޤާނޫނުގެ 49 ވަނަ މާއްދާގައި ބުނާފަދަ ހާލަތެއް މެދުވެރިވެގެން ކުންފުނީގެ ޑިރެކްޓަރަކު ވަކިކުރާނަމަ، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތު ދޫކޮށް ކޮންމެހެން 49 ވަނަ މާއްދާއަށް ރުޖޫޢަވުން ލާޒިމް ކަމުގައި ނުދެކެމެވެ. އެހެނީ އާންމު އުސޫލުން ކުންފުނީގެ ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރާނީ ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށްކަން އެ ޤާނޫނުގެ 48 ވަނަ މާއްދާގައި ކަނޑަޅައި ބަޔާންކޮށްފައި ވާތީއެވެ.
29އެހެންކަމުން ކުންފުނީގެ ޑިރެކްޓަރުން ވަކިކުރުމުގައި، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުގެ މައްޗަށް، ކުންފުންޏާބެހޭ ޤާނޫނުގެ 49 ވަނަ މާއްދާއަށް ޢަމަލުކުރުން ލާޒިމްކަމަށް ދޭހަވާ މޭރުމުން ދަށުކޯޓުން އެ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ.
ކުންފުނީގެ ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރުން- ކުންފުނީގެ ހިންގާ ގަވާއިދު
30މި މައްސަލައިގައި ދެން ބަލާލާނީ ކުންފުނީގެ ހިންގާ ގަވާއިދަށެވެ. އެގޮތުން އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 12 ވަނަ މާއްދާ، 13 ވަނަ މާއްދާ އަދި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
12 “At least fourteen clear days notice shall be given on any General Meeting; (exclusive of the day on which the notice is served but inclusive of the day for which the notice is given) by either email or text, specifying the purpose, the place, the day and the hour of meeting and in case of special business the general nature of that business and the agenda of the meeting, in a manner hereinafter mentioned or in such other manner, if any, as may be prescribed by the Company in General Meeting, to every member of the company and to such other persons as are under the regulations of the company entitled to receive such notices from the Company. A shareholder may request to postpone the meeting on reasonable grounds for not more than one occasion.”
13 “In the event that a Director(s)/ Shareholder(s) for any reason consistently fail to attend 3 consecutive Board meetings or shareholders meetings which require the Director(s)/ Shareholder(s) presence to achieve quorum, the remaining Directors or shareholders may continue such meetings and enable the company to continue its decision making process. In such cases the minimum quorum required to continue the meeting would be 2 director(s)/ shareholder(s)...”
15 “The Company in a General Meeting may from time to time increase or reduce the number of Directors in accordance with article 13, and may also determine in what rotation the increased or reduced number is to go in or out of office.”
31ކުންފުނީގެ ހިންގާ ގަވާއިދުގެ އިސްވެ ނަކަލު ކުރެވުނު މާއްދާތަކަށް ބެލިއިރު، 12 ވަނަ މާއްދާއިން އެނގެން އޮތީ ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވާނަމަ، ޖަލްސާ ބާއްވާ ތާރީޚާއި، ތަނާއި، ގަޑި އަދި އެޖެންޑާ އެނގޭ ގޮތަށް 14 ދުވަހުގެ ނޯޓިސް ފޮނުވަންޖެހޭކަމެވެ. އަދި 13 ވަނަ މާއްދާގައި ކުންފުނީގެ ނިންމުންތައް ނިންމުމަށް 2 ޑިރެކްޓަރުން ޙާޟިރުވުމުން ފުދޭ ކޯރަމްގެ ޙާލަތު ބަޔާންކޮށްފައިވެއެވެ. އަދި އެ ޙާލަތަކީ ކުންފުނީގެ ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރެވިދާނެ ކޯރަމެއްކަން ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާ އާ ޙަވާލާދީ 15 ވަނަ މާއްދާގައި އެވަނީއެވެ.
32HN3އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ހިންގާ ގަވާއިދުގެ 12، 13 އަދި 15 ވަނަ މާއްދާ އެކުއެކީ ކިޔާލުމުން ކުންފުނީގެ ޑިރެކްޓަރަކު ވަކިކުރާނަމަ، މިފަދަ ނިންމުމެއް ނިންމުމަށްޓަކައި ކުންފުނީގެ އާންމު ޖަލްސާއެއް ތާވަލުކޮށް 14 (ސާދަ) ދުވަހުގެ ނޯޓިސް ފޮނުވަންޖެހޭކަމާއި، އެޖެންޑާގައި ސާފުކޮށް އެ އައިޓަމެއް ލިސްޓު ކުރަންޖެހޭކަން އެނގެއެވެ.
33ހަމައެކަނި ކުންފުނީގެ ހިންގާ ގަވާއިދަށް ބަދަލު ގެނައުން ނުވަތަ އަސާސީ ގަވާއިދަށް ބަދަލުގެނައުން ނުވަތަ މި ދެ ކަންތައް އެކުގައި ހިމެނުމަކުން ކުންފުނީގެ ޑިރެކްޓަރަކު ވަކިކުރާ ޙާލަތުގައި އެކަމުގެ ފުރިހަމަ ނޯޓިސް ދެވުނީ ކަމަކަށް އަދި އެޖެންޑާގައި ހިމެނުނީ ކަމަކަށް ނުބެލެވޭނެއެވެ. އަދި އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި އެކި ކަންކަން ހިމެނިގެންވާއިރު ބަދަލު ގެންނަން އުޅޭ މާއްދާއެއް ނުވަތަ ކަމެއް ބަޔާންކުރުމަކާ ނުލައި ނޯޓިސް ދިނުމުން އެކަމަށް އެކަށީގެންވާ މިންވަރަށް ތައްޔާރުވެ ހާޟިރުވުމަށް އެ ނޯޓިސް ރައްދުވާ ފަރާތަށް ނުވަތަ ފަރާތްތަކަށް ފުރުސަތު ނުލިބޭނެއެވެ. ނޯޓިސް ދިނުމުގެ މަޤްސަދު ހާސިލުނުކުރެވޭނެއެވެ.
34HN4މީގެ އިތުރުން އެފަދައިން ސާފުކޮށް އެކަން އެޖެންޑާގައި ހިމެނެން އޮވެމެ، ނޯޓިސް އާއި އެޖެންޑާގެ މި އިޖުރާއަތު ފުރިހަމަކުރުމެއްނެތި އެފަދަ ޖަލްސާއެއް ބާއްވައި، މައިނޯރިޓީ ހިއްސާދާރެއްގެ/ޑިރެކްޓަރެއްގެ ޣައިރު ޙާޟިރުގައި، ތުހުމަތުކުރެވޭ އެ ކަމަކާ ގުޅިގެން ބަސްބުނުމުގެ ފުރުސަތު ދިނުމެއްނެތި އެ ޑިރެކްޓަރަކު ވަކިކުރުމަށް ނިންމުމަކީ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތާ ދިމާ އިދިކޮޅު ކަމެކެވެ. އަދި އެފަދައިން ކަންކުރުމުގައި ކުންފުނީގެ ހެޔޮ ނިޔަތް (good faith) އޮތް ކަމަށް ބެލެވިދާނެ ކަމުގައި ނުދެކެމެވެ.
ކުންފުނީގެ ހިންގާ ގަވާއިދަށް ކުންފުނިން ޢަމަލުކުރިތޯ؟
35މުޙައްމަދު ޙަމްދާން އަކީ އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑްގެ މައިނޯރިޓީ ހިއްސާދާރެއް އަދި ޑިރެކްޓަރެއްގެ މަޤާމުގައި ހުރި މީހެކެވެ. މުޙައްމަދު ޙަމްދާން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރުމާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވުނު ކުންފުނީގެ އާންމު ޖަލްސާގެ އެޖެންޑާގައި އެ އައިޓަމް ސާފުކޮށް ލިސްޓުކޮށްފައި ނެތް ކަމީ ޚިލާފެއް ނެތް ވާގިއާއެކެވެ.
36HN5އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މުޙައްމަދު ޙަމްދާން ވަކިކުރުމަށް ނިންމުނު ސަބަބަކީ ކުންފުންޏަށް ގެއްލުންވާގޮތަށް ޢަމަލުކުރަމުން ދިއުމުން ކަމަށް ކުންފުނީގެ ފަރާތުން ދަށުކޯޓާއި ހައިކޯޓުގައި ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ. ކުންފުނީގެ އެފަދަ ނިންމުމަކީ ޑިރެކްޓަރަކާ ސީދާ ގުޅުންހުރި އަދި ކުންފުނީގެ ހިއްސާދާރުންނާއި، މުޅި ކުންފުނީގެ ހިންގުމާ ގުޅުންހުރި ނިންމުމަކަށްވާއިރު، އެޖެންޑާގައި ސާފުކޮށް އެކަން ބަޔާންކުރަންޖެހޭނެއެވެ. ޑިރެކްޓަރުގެ މައްޗަށް ކުރެވޭ އެ ތުހުމަތެއް ބަޔާންކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެއެވެ. އެހެންކަމުން އެކަން އެޖެންޑާގައި ސާފުކޮށް ހިމަނާފައި ނެތުމަކީ އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރާފަދަ ކުޑަ އިޖުރާއީ އައިބެއް ކަމަށް މާނަކުރެވިދާނެ ކަމުގައި ނުދެކެމެވެ. އިޖުރާއީ އައިބުތަކާ ގުޅިގެން މި މައްސަލައަށް އިސްތިއުނާފުކުރާ ފަރާތްތަކުން ތަޠުބީޤުކުރުމަށް އެދޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2022/SC-A/82) ޤަޟިއްޔާއަކީ ޖިނާއީ މައްސަލަތަކުގައި އިޖުރާއީ ޤާނޫނުތަކަށް ޢަމަލުނުކުރުމުގެ ނަތީޖާ ބަޔާންކުރާ ޤަޟިއްޔާއަކަށް ވީއިރު، އެ އުސޫލުތައް މި މައްސަލައަށް އެ މޭރުމުން ތަޠުބީޤުކުރެވިދާނެ ކަމުގައި ނުދެކެމެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް (2019/SC-A/85) ޤަޟިއްޔާއަކީ ކޮންޓްރެކްޓާ ގުޅޭ އުސޫލުތައް ބަޔާންކުރާ ޤަޟިއްޔާއެއް ކަމުގައިވީއިރު، ޤާނޫނުން ވަކި ގޮތަކަށް ކުންފުންޏާބެހޭ ކަންކަން ތަރުތީބުކުރެވިފައި ވާހިނދު، އެ ޤާނޫނީ އުސޫލުތަކާ ފުށުއަރާ ގޮތަށް މި މައްސަލައަށް އެހެން އުސޫލުތަކެއް ތަޠުބީޤުކުރެވިދާނެ ކަމުގައި ނުދެކެމެވެ.
37އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ ޑިރެކްޓަރުންގެ ބޯޑުން މުޙައްމަދު ޙަމްދާން ވަކިކޮށްފައިވަނީ އެ ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށް ޤާނޫނުގެ 48 ވަނަ މާއްދާއާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ކުންފުނީގެ ހިންގާ ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީ ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވޭނީ އެޖެންޑާ ބަޔާންކޮށް، 14 (ސާދަ) ދުވަހުގެ ނޯޓިސް ދިނުމަށްފަހުގައި ކަމަށެވެ. އަދި ނޯޓިސް ދިނުމުގައި އެޖެންޑާގެ ތަފްސީލު ހިމަނަންޖެހެއެވެ. ކުންފުނިން އެކަން ކޮށްފައި ނުވެއެވެ.
38އެހެންކަމުން އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތާ ޚިލާފަށް މި ހާލަތުގައި އޮންސީޒް އެންޑް ސްކައި ޕްރައިވެޓް ލިމިޓެޑްގެ އެ ނިންމުން ނިންމާފައިވަނީ ކުންފުންޏާބެހޭ ޤާނޫނުގެ 48 ވަނަ މާއްދާއާ އެއްގޮތަށް އެ ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށް ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތެވެ.
39ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ރަޝީދު ވ. އެކްސްޕާރޓް މޮޓޯސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 2 ފަރާތެއް (2017/HC-A/356,357,358) ޤަޟިއްޔާގައި ކުންފުނީގެ ހިއްސާގެ އަގު ބަދަލުކުރުމަށް ނިންމާފައިވާ ނިންމުން ރަނގަޅުނޫން ކަމަށް ކަނޑައަޅާފައިވަނީ އެފަދައިން ނިންމި ޖަލްސާއަށް ނޯޓިސް ފޮނުވުނުއިރު އެޖެންޑާގައި ކުންފުނީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމާ ގުޅޭ އެއްވެސް އައިޓަމެއް ހިމަނާފައިނުވުމުންނެވެ. މި މައްސަލައިގައިވެސް މިއޮތީ އެފަދަ ހާލަތެކެވެ.
40HN6ކަންމިހެން އޮތް އިރު، މުޙައްމަދު ޙަމްދާން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރުމަށް ނިންމި ސަބަބުގެ މައުޟޫޢަށް ބަލާ، އެހާލަތު އޮތްކަން ސާބިތުވޭތޯ ނޫންތޯ ގޮތް ކަނޑައެޅުމާ ހަމައަށް މި މައްސަލައިގައި ދާންޖެހޭ ސަބަބެއް ނެތެވެ. ދަށުކޯޓުންވެސް އެ މައުޟޫޢަށް ގޮތް ކަނޑައަޅާފައި ނުވެއެވެ. އެ ސަބަބުގެ މައްޗަށް ބަސްބުނުމުގެ ފުރުސަތު ޚުދު މުޙައްމަދު ޙަމްދާން އަށް ދެވިފައިވާކަން އެނގޭކަށް ނެތެވެ. އަދި ބަހުސްގެ ބޭނުމަށް އެފަދަ ހާލަތެއް ވުޖޫދުވެފައިވާ ކަމަށް ބެލި ނަމަވެސް، ފުރިހަމަ އެޖެންޑާ ބަޔާންކޮށް ނޯޓިސް ދިނުމެއް ނެތި، މައިނޯރިޓީ ހިއްސާދާރަށް ގެއްލުންވާގޮތަށް ކުންފުނީގެ ކަންކަން ނިންމުމުގެ އިޚްތިޔާރެއް މެޖޯރިޓީ ހިއްސާދާރުންނަށް ލިބިގެން ނުވެއެވެ. އަދި އެފަދައިން ކަން ކޮށްފައިވާ ހާލަތުގައި އެކަން ޤާނޫނީގޮތުން ޞައްޙަކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް އޮތް ކަމުގައި އަހުރެންނަށް ޤަބޫލުނުކުރެވެއެވެ.
ނިންމަން ފެންނަގޮތް
41އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2716/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު؛
42ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު؛
43ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
44މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2716/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ. މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- […]
- ޕާސްޕޯޓް ނަންބަރު، އިސްތަންބޫލު، ތުރުކިއޭ
- ޕާސްޕޯޓް ނަންބަރު، އިސްތަންބޫލު، ތުރުކިއޭ
- […]
- […]
- ދަށުކޯޓަށް ހުށަހެޅިފައިވާ ކުންފުނީގެ ޕްރޮފައިލް މައުލޫމާތު އަދި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު
- ދަށުކޯޓަށް ހުށަހެޅިފައިވާ ޝެއަރހޯލްޑަރސް ޖެނެރަލް މީޓިންގގެ ޔައުމިއްޔާ (3 އޮގަސްޓު 2020)- ޑޮކިއުމަންޓް 1
- ދަށުކޯޓަށް ހުށަހެޅިފައިވާ ޝެއަރހޯލްޑަރސް ޖެނެރަލް މީޓިންގގެ ޔައުމިއްޔާ (3 އޮގަސްޓު 2020)- ޑޮކިއުމަންޓް 1
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 48 ވަނަ މާއްދާ
- ދަށުކޯޓަށް ހުށަހެޅިފައިވާ ކުންފުނީގެ ހިންގާ ގަވާއިދު (Articles of Association)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.