ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 67 · 2022/SC-A/82ސުޕްރީމް ކޯޓު · 30 އޮކްޓޫބަރު 2022

އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 އޮކްޓޫބަރު 2022ބާވަތް: ކޯޓު އަމުރު

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައެއް ހިންގުމަށްޓަކައި، އެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ އެއް ފަރާތް ކަމުގައިވާ އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހައިކޯޓުން 07 ޖޫން 2022 ގައި ނެރެފައިވާ ކޯޓު އަމުރަކީ ޤާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމުގައި ބުނެ އެ އަމުރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދައުލަތް) އަށެވެ.

ކަންހިނގާފައިވާ ގޮތް

ކްރިމިނަލް ކޯޓުގެ ނަންބަރު 190/Cr-C/2020 ޤަޟިއްޔާގައި އަރުޝަދު ޚާލިދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. އެ ކޯޓުން އެ މައްސަލައިގައި އަރުޝަދު ޚާލިދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޙުކުމްކުރިއެވެ. މި ޙުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފު ހައިކޯޓަށް ހުށަހެޅުނު ކަމުގައި ހައިކޯޓުން ނެރެފައިވާ އަމުރުގައި ބަޔާންކޮށްފައިވާ ތާރީޚަކީ 2021 ޑިސެމްބަރ 28 ވަނަ ދުވަހެވެ. އަދި މި މައްސަލައަށް ހައިކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ 2022/HC-A/51 އެވެ.

އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން އަމުރު ކޮށްފައިވަނީ 07 ޖޫން 2022 ގައެވެ. މި އަމުރުގައި ބަންދުގައި ބަހައްޓައިގެން އޭނާ ހާޒިރު ކުރުމަށް ނިންމި ސަބަބުތަކުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

(ހ) އަރުޝަދު ޚާލިދު ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ އެޑްރެހާއި ފޯނު ނަންބަރަކީ މިހާރު އަރުޝަދު ޚާލިދު ދިރިއުޅޭ އެޑްރެސް ކަމުގައި ނުވުމާއި، ފޯނު ނަންބަރަކީ އޭނާ ގެންގުޅޭ ފޯނު ނަންބަރު ކަމުގައި ނުވުން.

(ށ) އަރުޝަދު ޚާލިދު މިހާރު ދިރިއުޅޭ ވަކި އެޑްރެހެއް އެނގިފައި ނުވުން.

(ނ) އަރުޝަދު ޚާލިދު ހައިކޯޓަށް ހާޒިރުވެފައި ނުވުން.

(ރ) އަރުޝަދު ޚާލިދުގެ ހާޒިރުގައި މެނުވީ މައްސަލައިގެ ޝަރީޢަތް ކުރިއަށް ނުގެންދެވުން.

(ބ) އަރުޝަދު ޚާލިދަކީ ހައިކޯޓަށް ހާޒިރުނުވެ ފިލާފާނެ މީހެއް ކަމުގައި ބެލެވުން.

އަރުޝަދު ޚާލިދު ބުނާ ގޮތުން ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމުމުން އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަމުގައެވެ. ނަމަވެސް ފުރައިގެން ދިއުމުގެ ކުރިން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވޭތޯ އޭނާ ބެލިކަމަށާއި، އެއިރު އެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިނުވާ ކަމުގައެވެ. އަދި ބޭސްފަރުވާއަށް ސްރީލަންކާގައި ހުއްޓައި ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި، އޭނާއާ މުޢާމަލާތު ކުރެވޭނެ އީ-މެއިލް އެޑްރެސް އޭނާގެ އާއިލާގެ ފަރާތުން ހައިކޯޓާ ހިއްސާ ކުރި ކަމުގައެވެ.

އަރުޝަދު ޚާލިދާއި ހައިކޯޓާ ދެމެދު ކުރެވިފައިހުރި މުޢާމަލާތްތަކަށް ބަލާއިރު، 2022 ޖޫން 07 ދުވަހު އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހައިކޯޓުން އަމުރު ކުރުމުގެ ކުރިން ކްރިމިނަލް ކޯޓުގެ ނަންބަރު 190/Cr-C/2020 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި ރަޖިސްޓްރީވެފައިވާ ނަންބަރު 2022/HC-A/51 ޤަޟިއްޔާއާ ގުޅިގެން ހައިކޯޓާ މުޢާމަލާތު ކުރިކަން އެނގެން ނެތެވެ.

ހައިކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ފުލުހުން އަރުޝަދު ޚާލިދު ހައްޔަރު ކޮށްފައިވަނީ 10 އޮކްޓޯބަރ 2022 ގައެވެ. އަރުޝަދު ޚާލިދު ބުނާ ގޮތުން މި ތާރީޚާ ހަމައަށްވެސް، އޭނާއަށް ރައްދުވާ ގޮތަށް ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް އެ ކޯޓުން ތާވަލު ކޮށްފައި ނުވެއެވެ.

އިސްތިއުނާފީ ނުކުތާތައް

ހައިކޯޓުން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމަށް އަމުރު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ އަރުޝަދު ޚާލިދުގެ ފަރާތުން ކުރި އިސްތިއުނާފު ބިނާކޮށްފައިވަނީ އަންނަނިވި ތިން ނުކުތާގެ މައްޗަށެވެ.

ފުރަތަމަ ނުކުތާއަކީ، ހައިކޯޓުން އޭނާ ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާގެ ތަފުސީލުގައި އަރުޝަދު ޚާލިދުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ޤާނޫނުގެ 174 ވަނަ މާއްދާގެ ދަށުން ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރު ކުރުމަށް އެ މާއްދާގައި ހުއްދަކޮށްފައިވާ ހާލަތެއް މި މައްސަލައިގައި ކުރިމަތި ވެފައިނުވާ ކަމުގައެވެ. މި ގޮތުން އަރުޝަދު ޚާލިދަށް ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއް ރައްދުވެފައި ނުވާ ކަމުގައްޔާއި، ކޯޓު އަމުރެއް ހަވާލު ކުރުމަށް ހައިކޯޓުން މަސައްކަތް ވެސް ކޮށްފައި ނުވާކަމުގައެވެ. އަދި ކޯޓު އަމުރަކާ ޙަވާލު ނުވުމަށް އަރުޝަދު ޚާލިދު މަސައްކަތް ކޮށްފައި ނުވާނެ ކަމުގައެވެ.

ދެވަނަ ނުކުތާއަކީ، ހައިކޯޓުން ނެރެފައިވާ އަމުރަކީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 52 ވަނަ މާއްދާ އަދި 76 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ ޖަދުވަލު 01 ގައިވާ ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، ހައިކޯޓުގެ އަމުރަކީ ޤާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމުގައިބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާ ތަފުސީލު ކުރަމުން އަރުޝަދު ޚާލިދުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ޤާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ށ) ގައި "ހައިކޯޓުން މައްސަލަތައް ބަލައި ނިންމާންވާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން" ކަމުގައި އޮންނައިރު، އިސްތިއުނާފު ކުރެވިފައިވާ އަމުރުގައި ސޮއިކޮށްފައިވަނީ ހައިކޯޓުގެ އެންމެ ފަނޑިޔާރަކު ކަމުގައެވެ.

މި ކަންކަން ފާހަގަ ކުރުމަށްފަހު އަރުޝަދު ޚާލިދުގެ ފަރާތުން އެދިފައިވަނީ ހައިކޯޓުގެ ނަންބަރު95-B2/CHT/2022/2477 ކޯޓު އަމުރު އަމުރު ބާޠިލު ކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާގެ ރައްދުގައި ދައުލަތުގެ ފަރާތުން ފާހަގަ ކޮށްފައި ވަނީ އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހައިކޯޓުން އަމުރު ކުރުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާ އަށާއި، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 76 ވަނަ މާއްދާ އަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިވާ ކަމުގައެވެ. މި ގޮތުން ހައިކޯޓުގައި ބަލަމުން ދިޔަ އެ ކޯޓުގެ ނަންބަރު 2020/HC-A/21 ޤަޟިއްޔާއާ ގުޅިގެން އަރުޝަދު ޚާލިދު ރަށުން ބޭރަށް ދާނަމަ، ހައިކޯޓަށް އެންގުމަށް އެ ކޯޓުން އަންގާފައިވާ ކަމުގައްޔާއި، ނަމަވެސް އަރުޝަދު ޚާލިދު ރާއްޖެއިން ބޭރަށް ދިޔައިރު ހައިކޯޓަށް އަންގާފައި ނުވާކަން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރާމެދު ގޮތެއް ނިންމުމަށް ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުން ފާހަގަ ކޮށްފައިވާކަން ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 15 ގައިވާ ކޯޓު އަމުރުގެ ނަމޫނާގައިވާ ހުރިހާ މަޢުލޫމާތެއް (އަރުޝަދު ޚާލިދުގެ މިހާރުގެ އެޑްރެހާއި، ފޯނު ނަންބަރު ފަދަ މަޢުލޫމާތު) ހައިކޯޓުން ނެރެފައިވާ އަމުރުގައި ހިމެނިފައި ނުވާ ކަމަށާއި، އެފަދަ މައުލޫމާތު މަދުވުމަކީ އެ އަމުރު ޤާނޫނާ ޚިލާފުވާ ސަބަބެއް ކަމުގައި ނުބެލެވޭނެ ކަމުގައެވެ. އަދި އެ އަމުރުގައި ކޯޓަށް ހާޒިރު ކުރަންޖެހޭ ތާރީޚާއި ވަގުތު ނެތުމަކީ، އެ އަމުރުގެ ދަށުން ބަންދު ކުރެވޭ މީހަކު މުއްދަތެއް ނެތް ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނާނެ ކަމެއް ނޫންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގޭ ކަމުގައެވެ. އަދި ކޯޓަށް ހާޒިރު ކުރާ ތާރީޚާއި ވަގުތެއް ހިމެނުމުން ބައެއް ހާލަތުގައި އެފަދަ އަމުރުގެ މަޤުޞަދު ހާސިލު ނުވެ ހިނގައިދާނެ ކަންވެސް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަ ކޮށްފައި ވަނީ، މި މައްސަލައިގައި ހައިކޯޓުން ނެރެފައިވާ އަމުރަކީ، ޤާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައިވާ "މައްސަލަ"އިގެ މަފްހޫމުގެ ތެރެއަށް ވަންނާނެ އެއްޗެއް ނޫން ކަމުގައެވެ.

މި ކަންކަން ފާހަގަ ކުރުމަށްފަހު ދައުލަތުން އެދިފައިވަނީ ހައިކޯޓުގެ ނަންބަރު95-B2/CHT/2022/2477 ކޯޓު އަމުރަކީ ޤާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.

ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

ކުރިމަތީގައިވާ މައްސަލައަށް ބަލާއިރު، އިސްތިއުނާފީ ތިން ނުކުތާއަށް ވަކިވަކިން ގޮތް ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ. ވުމާއެކު، އިސްތިނާފީ ނުކުތާތަކުގެ ތަރުތީބުން އަހުރެންގެ ރައުޔު ތަރުރީބު ކުރަން ގަސްދުކުރަމެވެ.

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުން

ޖިނާއީ މައްސަލަތަކުގައި ކޯޓަށް ހާޒިރުވުމާއި، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ އުސޫލުތައް ބަޔާން ކޮށްފައިވާ މާއްދާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާއެވެ. ތިރީގައި މިވަނީ އެ މާއްދާގެ (ހ) އާއި (ށ) ގެ ޢިބާރާތެވެ.

ކޯޓަށް ހާޒިރުވުން 174. (ހ) ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބޭ ކޮންމެ މީހަކު އެ އަމުރުގައި ކަނޑައަޅާފައިވާ ތާރީޚުގައި، އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް ކޯޓަށް ހާޒިރުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދައިން ކޯޓަށް ހާޒިރު ވުމުގެ އަމުރު ރައްދުވެ، މަޤްބޫލު ޢުޛުރެއް ނެތި އަމުރުގައިވާ ގަޑިއަށް ހާޒިރު ނުވެއްޖެނަމަ، ނުވަތަ އަމުރު ބަލައި ނުގެންފިނަމަ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބަލައި، އޭނާއާމެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. ހާޒިރުނުވި މީހަކީ ނުވަތަ އަމުރު ބަލައިނުގަތް މީހަކީ، ދަޢުވާ ލިބޭ ފަރާތް ކަމުގައިވާނަމަ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ އިޚްތިޔާރުވެސް ކޯޓަށް ލިބިގެންވެއެވެ.

ޤާނޫނުގެ 174 ވަނަ މާއްދާއަށް ބަލާއިރު، ކޯޓު އަމުރެއް ލިބިއްޖެނަމަ، އެ އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރު ވުމަކީ ލާޒިމު ކަމެއްކަން އެނގެއެވެ. އަދި ގަޑިއަށް ހާޒިރު ނުވުމާއި، ކޯޓު އަމުރު ބަލައި ނުގަތުން ބަޔާންކޮށް، މި ދެ ހާލަތަކީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވީ ކަމުގައި ބެލެވޭނެ ދެ ހާލަތުކަން އެ މާއްދާއިން ސާފުވެއެވެ. އަދި މި ދެ ހާލަތުންކުރެ ހާލަތެއް މެދުވެރިވީ ދަޢުވާ ލިބޭ މީހަކަށް ނަމަ، އެ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމުގެ އިޚްތިޔާރު މި މާއްދާ އިން ކޯޓަށް ލިބިދީފައި ވެއެވެ.

ކަންމިހެން އޮތުމުން ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރު ކުރުމުގައި މި މާއްދާގެ (ށ) ގައި ބަޔާން ވެފައިވާ ދެ ހާލަތުގެ ތެރެއިން ހާލަތެއް މެދުވެރިވާން ޖެހެއެވެ. އެއް ހާލަތަކީ ކޯޓު އަމުރަށް ހާޒިރު ނުވުމެވެ. ދެވަނަ ހާލަތަކީ އަމުރު ބަލައި ނުގަތުމެވެ. ޚުލާޞާއަކީ، މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމުގެ ކުރިން އެ މީހާ ހާޒިރު ކުރުމަށް ކޯޓުން ނެރެފައިވާ އަމުރެއް އޮތުން މި މާއްދާ ލާޒިމު ކުރެއެވެ. އެހެނީ ކޯޓު އަމުރެއް ނެތި، ކޯޓު އަމުރަކާ އެއްގޮތަށް ކޯޓަށް ހާޒިރުނުވީ ކަމުގައި ބަލާނެ ތަނެއް ނޯންނާނެއެވެ. އަދި އަމުރެއް ބަލައި ނުގަތުމުގެ ހާލަތެއް އުފަންވާނީ ވެސް ކޯޓު އަމުރެއް އޮވެގެންނެވެ.

މި އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، 2022 ޖޫން 07 ވަނަ ދުވަހު އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ހައިކޯޓުން ނެރުމުގެ ކުރިން އަރުޝަދު ޚާލިދު ހައިކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރެއް މި މައްސަލައިގެ ލިޔެކިޔުންތަކުން ފެންނަން ނެތެވެ. އަދި މި މައްސަލައާ ގުޅިގެން ހައިކޯޓުން ސާފުކުރި މަޢުލޫމާތާއި، އެ ކޯޓުން ގެނެވުނު ލިޔުންތަކުގެ ތެރޭގައި ވެސް އެ ތާރީޚުގެ ކުރިން އަރުޝަދު ޚާލިދު ހައިކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރެއް ފެންނަން ނެތެވެ. ވުމާއެކު، 07 ޖޫން 2022 ގައި ހައިކޯޓުން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާ އާ އެއްގޮތަށް ނެރެފައިވާ އަމުރެއް ކަމުގައި ނުދެކެމެވެ.

ކޯޓު އަމުރުގައި ހިމެނޭ މަޢުލޫމާތު

އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފުސީލުގައި އަރުޝަދު ޚާލިދުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ހައިކޯޓުން ނެރެފައިވާ އަމުރަކީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 15 ގައިވާ ނަމޫނާއާ އެއްގޮތަށް އޮތް އަމުރެއް ނޫން ކަމުގައެވެ. މި ގޮތުން އެ ގަވާއިދުގެ ޖަދުވަލު 15 ގައިވާ ނަމޫނާ އަށް ބަލާއިރު، ބަންދުކުރާ މީހާ ކޯޓަށް ހާޒިރު ކުރަންޖެހޭ ތާރީޚާއި ގަޑި އަމުރުގައި އޮންނަންޖެހޭއިރު، ހައިކޯޓުން ނެރެފައިވާ އަމުރުގައި އެފަދަ ތާރީޚެއް އަދި ގަޑިއެއް ވެސް ހިމެނިފައި ނުވާ ކަމުގައެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 52 ވަނަ މާއްދާގައި ބުނެފައިވަނީ ޝަރީޢަތްތަކާ ގުޅިގެން ބަންދު ކޮށްގެން ކޯޓަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް ކޯޓަށް ހާޒިރު ކުރުމަށްޓަކައި އަމުރު ފޮނުވާނީ އެ ގަވާއިދުގެ ޖަދުވަލު 15 ގައިވާ ނަމޫނާއާ އެއްގޮތަށް ކަމުގައެވެ. ގަވާއިދުގެ ޖަދުވަލު 15 ގައިވާ ކޯޓު އަމުރުގެ ނަމޫނާއަށް ބަލާއިރު، ބަންދު ކުރެވޭ މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަންޖެހޭ ތާރީޚާއި ވަގުތު އެ އަމުރުގައި އޮންނަންޖެހޭކަން އެނގެއެވެ.

ހައިކޯޓުން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވާ އަމުރުގައި ހާޒިރު ކުރަންޖެހޭ ތާރީޚާއި ވަގުތެއް ބަޔާން ކޮށްފައި ނުވެއެވެ. ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރާ މީހާ ވާނީ، ކޯޓު އަމުރެއް ލިބި ކޯޓަށް ހާޒިރު ނުވި މީހެއް ކަމުގައެވެ. ނުވަތަ ކޯޓު އަމުރު ބަލައި ނުގަތް މީހެއް ކަމުގައެވެ. އެފަދަ މީހަކު ބަންދު ކޮށްގެން ވަކި ވަގުތެއްގައި ކޯޓަށް ހާޒިރު ކުރުމަކީ، ހުރިހާ ހާލަތެއްގައި ނުކުރެވިދާނެ ކަމެކެވެ.

ކަންމިހެން އޮތް ނަމަވެސް، ގަވާއިދުގެ ބޭނުމަށްޓަކައި އެފަދަ މީހަކު ކޯޓަށް ހާޒިރު ކުރުމަށް ކޯޓުން ކަނޑައަޅާ ވަކި ތާރީޚަކާއި ވަގުތެއް އޮތުން މުހިންމެވެ. ސަބަބަކީ މި އަމުރަކީ މީހެއްގެ މިނިވަންކަން ހިފެހެއްޓޭ އަމުރަކަށް ވުމުގެ އިތުރުން، އެ މަޢުލޫމާތުތަކަކީ، އަމުރު ރައްދުވާ ފަރާތުން އަމުރާ އެއްގޮތަށް އަމަލު ކުރުމަށް މުހިންމު މަޢުލޫމާތު ތަކެކެވެ. އަދި މިފަދަ އަމުރުތަކުގެ މަޤުޞަދު ހާސިލު ކުރުމަށްޓަކައި، ބަންދު ކުރެވޭ މީހާ ކޯޓަށް ހާޒިރު ކުރެވޭނެ ތާރީޚާއި ވަގުތު ފަދަ މުހިންމު މަޢުލޫމާތު ނުހިމަނާ ހާލަތުގައި، މި އަމުރުގެ ދަށުން މީހަކު ބަންދު ކުރުމަށްފަހު، ކަންތައް ކުރަންވާނެ ގޮތުގެ އިރުޝާދުތައް އަމުރު ރައްދުވާ ފަރާތަށް ދިނުމަށްޓަކައި، އަމުރުގެ "އިތުރު ބަޔާން" ގައި އެފަދަ މަޢުލޫމާތު ހިމެނިދާނެވެ.

ބަންދު ކުރެވޭ މީހާ ކޯޓަށް ހާޒިރު ކުރަންޖެހޭ ތާރީޚާއި ވަގުތު އަމުރުން އުނިވުމަކީ، އެއިގެ ޒާތުގައި އަމުރުގެ ޞައްޙަ ކަމަށް އަސަރުކުރާ ކަމެއް ކަމުގައި ނުދެކެމެވެ. ސަބަބަކީ، މި އަމުރުގެ ދަށުން ބަންދު ކުރެވޭ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރެވޭނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގައި ބަޔާން ވެފައިވުމެވެ. އެ އަކުރުގެ ދަށުން ބަންދު ކުރެވޭ މީހަކު ގިނަވެގެން ފުލުހުންގެ ބެލުމުގެ ދަށުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ބެހެއްޓޭނީ 72 ގަޑިއިރުގެ މުއްދަތަށެވެ.

ކަންމިހެން އޮތުމުން މި މައްސަލައިގައި ހައިކޯޓުން ނެރެފައިވާ އަމުރުގައި ބަންދު ކުރެވޭ މީހާ ކޯޓަށް ހާޒިރު ކުރަންޖެހޭ ތާރީޚާއި ވަގުތު ނެތުމަކީ އެ ސަބަބަށްޓަކައި އެ އަމުރަކީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 52 ވަނަ މާއްދާ އާ ޚިލާފު އަމުރެއް ކަމުގައި ނުދެކެމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (އ) ގައި ކޯޓަށް ހާޒިރު ކުރުމަށްޓަކައި ބަންދުކުރެވޭ މީހުން ކޯޓަށް ހާޒިރުނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތު ބަޔާން ކޮށްފައި ނެތްނަމަ، މުއްދަތެއް ނެތް ގޮތަށް މީހަކު ބަންދުކުރެވި، ބަންދު ކުރެވޭ މީހާގެ އަސާސީ ޙައްޤުތަކެއް ގެއްލޭނެ ހާލަތެއް ވުޖޫދު ވެދާނެ ކަމަށްޓަކައި އަހުރެންގެ ރައުޔު މިކަމުގައި ތަފާތުވީހެވެ.

އަމުރު ނެރުމުގައި ރިޢާޔަތް ކުރަންޖެހޭ ކަންކަން

އިސްތިއުނާފީ ދެވަނަ ނުކުތާގައި އަރުޝަދު ޚާލިދުގެ ފަރާތުން ފާހަގަ ކޮށްފައިވާ އެއްކަމަކީ ހައިކޯޓުން އަމުރު ނެރުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 76 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރަށް ރިޢާޔަތް ކޮށްފައި ނުވާކަމުގައެވެ. އަދި ހަމަ މި މޭރުމުން ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ) ބަޔާން ކޮށްފައިވާ ކަންކަމަށް އެ ކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމުގައެވެ. އަދި މި ސަބަބަށްޓަކައި ހައިކޯޓުގެ އަމުރަކީ ޤާނޫނާ ޚިލާފު އަމުރެއް ކަމުގައެވެ.

ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 76 ވަނަ މާއްދާގެ (ށ) ގައި އޮތީ އަންނަނިވި ޢިބާރާތެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމުގެ އަމުރު ނެރޭއިރު އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.

(1) ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، މަޤުބޫލު އުޒުރެއްނެތި އެއަމުރަށް ހާޒިރުވެފައިނުވުން ނުވަތަ ކޯޓު އަމުރާ ޙަވާލުނުވުން؛

(2) އެ އަމުރު ނިސްބަތްވާ މީހާއަކީ ފިލާފާނެ މީހެއްކަމަށް ބެލެވުން.

ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރު ކުރުމުގައި ބަލާނެ ކަންކަން ބަޔާން ކުރުމުގެ ގޮތުން ހިމެނިފައިވާ ޢިބާރާތް ތިރީގައި މި ވަނީއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމުރު ނެރުމުގައި ބަލާނީ ތިރީގައި ބަޔާން ކުރެވިފައިވާ ކަންތައްތަކަށެވެ.

(1) ދަޢުވާއާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރެއް ކުރިން ފޮނުވި، މަޤުބޫލު އުޒުރެއްނެތި އެ އަމުރަށް ހާޒިރުވެފައި ނުވާ ފަރާތެއް ކަމުގައިވުން

(2) ދަޢުވާއާ ގުޅިގެން ކޯޓަށް ހާޒިރު ކުރަންޖެހޭ ފަރާތަކީ، ކޯޓަށް ހާޒިރު ނުވާނެ ނުވަތަ ފިލާފާނެފަދަ ފަރާތެއް ކަމަށް ހައިކޯޓަށް ޤަބޫލު ކުރެވުން.

މި ބަޔާންކުރި ދެ ގަވާއިދުގެ މާއްދާތަކަށް ބަލާއިރު، ދެ ގަވާއިދުގައިމެ، ބަންދުގައި ބަހައްޓައިގެން މީހަކު ހާޒިރު ކުރުމުގައި އެންމެ ފުރަތަމައަށް ރިޢާޔަތް ކުރަންޖެހޭނެ ކަމަކީ، ކޯޓަށް ހާޒިރުވުމުގެ އަމުރެއް ފޮނުވުމުން އެ އަމުރާ އެއްގޮތަށް އެ މީހަކު ހާޒިރު ނުވުމެވެ. ދެވަނަ ކަމަކީ، އަމުރު ނިސްބަތްވާ މީހާއަކީ ފިލާފާނެ މީހެއް ކަމުގައި ނުވަތަ ހާޒިރު ނުވާނެ މީހެއް ކަމުގައި ބެލެވުން ނުވަތަ ޤަބޫލު ކުރެވުމެވެ.

އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރު ކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާގެ (ށ) ގައި ބަޔާން ވެފައިވާ ދެ ހާލަތުން ކުރެ ހާލަތެއް މެދުވެރި ވުމުން ކަމުގައި ތަފުސީލު ކޮށް އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އަހުރެން ބަޔާން ކޮށްފީމެވެ. އެ ދެ ހާލަތަކީ ކޯޓު އަމުރު ރައްދުވެ އެ އަމުރަށް ހާޒިރުނުވާ ހާލަތާއި، ކޯޓު އަމުރު ބަލައި ނުގަންނަ ހާލަތެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާގައި ބަޔާން ވެފައިވާ މި ދެ ޙާލަތަކީ، މީހަކު ބަންދު ކުރެވިދާނެ ދެ ހާލަތެއް ކަމުގައިވާއިރު، ޤާނޫނުގެ މި މާއްދާއަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޙައްޤު ހަނި ކުރެވޭ ހާލަތު ބަޔާންކޮށްފައިވާ "ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުގެ މާއްދާކަން އެނގެއެވެ. ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދުކުރެވޭނީ އެކަމަށް ޤާނޫނު ހުއްދަ ކުރުމުން ކަމުގައިވާއިރު، މި ނުކުތާގައި ވާހަކަދެކެވޭ، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 76 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު ގައްޔާއި، ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންވެފައިވާ "ފިލާފާނެ މީހަކު ކަމުގައި ބެލެވޭ" ހާލަތާއި، "ކޯޓަށް ހާޒިރު ނުވާނޭ މީހަކު ކަމުގައި ބެލެވޭނެ ހާލަތަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާ ދަންނަ ހާލަތުތަކެއް ނޫނެވެ. އަދި މި ހާލަތުތަކަކީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް މީހަކު ހާޒިރު ކުރުމުގައި ރިޢާޔަތް ކުރަންޖެހޭނެ ހާލަތުތަކެއް ނޫނެވެ.

އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ އަމުރަށް ބަލާއިރު، އެ އަމުރު ނެރުމުގައި އެ ކޯޓުން ރިޢާޔަތް ކޮށްފައިވަނީ ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 76 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގެ އިތުރުން ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރަށް ކަން އެ އަމުރުން ސާފެވެ. މިކަން އިތުރަށް ކަށަވަރު ކުރެވެނީ ކުރިން ވެސް އިޝާރާތް ކުރި ފަދައިން އަރުޝަދު ޚާލިދު ހައިކޯޓަށް ހާޒިރު ކުރުމަށް އިތުރު އަމުރެއް ނެރެފައި ނުވުމެވެ.

ކަންމިހެން އޮތުމުން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ އަމުރަކީ، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 76 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރަށް ރިޢާޔަތް ކޮށްގެން ނެރެފައިވާ އަމުރެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތް ކުރިކަމުގައި އެ އަމުރުގައި އޮތް ނަމަވެސް، އެ އަމުރަކީ އެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރަށް ރިޢާޔަތް ކޮށްގެން ނެރެފައިވާ އަމުރެއް ކަމުގައި ބެލެވެން ނެތެވެ. މި ސަބަބުތަކަށްޓަކައި، ހައިކޯޓުގެ އަމުރަކީ ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 76 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރާއި، ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރާ ޚިލާފު އަމުރެއް ކަމުގައި ދެކެމެވެ.

ކޯޓު އަމުރުގައި ސޮއިކުރުން

އިސްތިއުނާފީ ތިންވަނަ ނުކުތާގައި އަރުޝަދު ޚާލިދުގެ ފަރާތުން ފާހަގަ ކޮށްފައި ވަނީ، އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ އަމުރު ޤާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމުގައެވެ. އެހެނީ އެ އަކުރުގައި އޮތީ "ހައިކޯޓުން މައްސަލަތައް ބަލައި ނިންމާންވާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން" ކަމުގައިވި ވީނަމަވެސް، އިސްތިއުނާފު ކުރެވިފައިވާ އަމުރަކީ ހައިކޯޓުގެ އެންމެ ފަނޑިޔާރަކު ސޮއިކޮށް ނެރެފައިވާ އަމުރެއް ކަމުގައެވެ.

ޤާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، އެ އަކުރުގެ ޢިބާރާތުގައި އޮތީ ހައިކޯޓުން މައްސަލަތައް ބަލައި ނިންމާންވާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ކަމުގައެވެ. ކޯޓުތަކުން ބަލާ "މައްސަލަ"އަކީ ކޮބައިކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ނ) ގައި ބަޔާން ވެފައިވެއެވެ. އެ އަކުރުގައި އޮތީ، "މައްސަލަ ކަމަށް ބުނެފައި އެވަނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ކޯޓުގެ ނިޔާއަކަށް އެދި ކޯޓަށް ހުށަހަޅާ ކަންކަމަށެވެ." މި ފަދައިންނެވެ.

ވުމާއެކު، ހައިކޯޓުން ބަލާ މައްސަލަތަކަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ބޭނުމަށްޓަކައި، ކޯޓުތަކުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ހައިކޯޓުގެ ނިޔާއަކަށް އެދި ހައިކޯޓަށް ހުށަހަޅާ ކަންކަމެވެ. އެހެންކަމުން، ހައިކޯޓުގެ ނިޔާއަކަށް ނުވަތަ ނިންމުމަކަށް އެދި ހުށަހަޅާ ކަންކަން ބަލައި ގޮތެއް ނިންމަންވާނީ، އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންކަން އެނގެއެވެ.

މި އުސޫލު ހުށަހެޅިފައިވާ މައްސަލައަށް ތަޠުބީޤު ކުރާއިރު، ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރު ކުރުމަށާއި، އެ ނޫން ގޮތަކަށް ވެސް މީހުން ހާޒިރު ކުރުމަށް ކޯޓުން ކުރާ އަމުރުތަކަކީ، އެ އަމުރުތައް ނެރުމަށް އެދި ހައިކޯޓަށް ހުށަހެޅުމުން ނެރޭ އަމުރުތަކެއް ނޫނެވެ. އެ އަމުރުތަކަކީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ހިންގުމަށާއި، އެ ނޫންވެސް ޤާނޫނު ދަންނަ ބޭނުންތަކަށް އެކިއެކި ފަރާތްތައް ކޯޓަށް ހާޒިރު ކުރުމަށް ކޯޓުން ކަނޑައަޅާ ތާރީޚާއި، ވަގުތު ބަޔާންކޮށް، ނެރޭ އަމުރުތަކެކެވެ. ވުމާއެކު، މި ފަދަ އަމުރުތަކަކީ ޤާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިސްނާވާ އަމުރުތަކެއް ކަމުގައި ދެކެމެވެ.

ކަންމިހެން އޮތުމުން އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހައިކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ށ) އާ ޚިލާފު އަމުރެއް ކަމުގައި އަހުރެން ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

މަތީގައި މި ބަޔާން ކުރި ސަބަބުތަކުގެ އަލީގައި، އަރުޝަދު ޚާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހައިކޯޓުން ނެރެފައިވާ އެ ކޯޓުގެ ނަންބަރު 95-B2/CHT/2022/2477 (07 ޖޫން 2022) ކޯޓު އަމުރަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާ އާއި، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 76 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރާއި، ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ގެ 16 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރާ ޚިލާފު އަމުރެއް ކަމުގައިވާތީ އެ އަމުރަކީ ބާޠިލު އަމުރެއް ކަމުގައި ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

އަދި ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 52 ވަނަ މާއްދާ އާއި، ޤާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެ އަމުރަކީ އެ މާއްދާތަކާ ޚިލާފު އަމުރެއް ނޫންކަމުގައި އަހުރެން ފާހަގަ ކުރިނަމަވެސް، އެ ކަން ކަމަކީ، އަމުރުގެ ޝަކުލީ ކަންކަމާ ގުޅިފައިވާ ކަންތައްތަކެއް ކަމުގައިވާތީ، އެ ކަންކަން އެ ގޮތުގެ މަތިން ހުރިނަމަވެސް، އެ ކަންކަމަކީ، އަމުރުގެ އަސާސްތަކާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާ އާއި، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 76 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރާއި، ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރާ ޙަވާލާދީ އަހުރެން ބަޔާންކުރި ކަންކަމަށް އަސަރުކުރާނެ ކަންތައްތަކެއް ނޫންކަން ފާހަގަ ކުރަމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B2/CHT/2022/2477 (07 ޖޫން 2022) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރަކީ، ޤާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫންކަމުން، އެ އަމުރަކީ، ބާޠިލު އަމުރެއް ކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ