ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2021] SC 79 · 2020/SC-A/46

ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕވޓ ލޓޑ

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
57 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 އޮގަސްޓް 2021ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2017/HC-A/400
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ނިންމީ ސަރވޭ ކުރަންޖެހެނީ ކުއްޔަށްހިފާ ފަރާތުން ކަމަށާއި، އެއްބަސްވުން އުވާލުމަކީ ޤާނޫނާ ޚިލާފު ކަމެއް ސާބިތުނުވާ ކަމަށެވެ. ހައިކޯޓުން (2017/HC-A/400) ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، ގަވާއިދުގައި ސަރވޭ ކުރާނެ ފަރާތެއް ޞަރީޙަކޮށް ނުބުނާ ކަމަށާއި، އަކަމިން ކަނޑައަޅައި އަންގަންޖެހެނީ މިނިސްޓްރީން ކަމަށް ނިންމިއެވެ.
ވާޤިޢާ
ރިސޯޓެއް ތަރައްޤީކުރުމަށް ބ. ހުރާފަރު 10 އޮކްޓޫބަރު 2013 ގައި އަތަމާ މެރިންއަށް ކުއްޔަށް ދިނެވެ. ބިމުގެ ކުލި ނުދައްކާތީ 2 އޮގަސްޓް 2016 ގައި ޓޫރިޒަމް މިނިސްޓްރީން ކުލީގެ އެއްބަސްވުން އުވާލިއެވެ. އަތަމާ މެރިން ބުނީ ބިމުގެ އަކަމިން މިނިސްޓްރީން ކަނޑައަޅައި ރަޖިސްޓްރީ ނުކުރާތީ ކުލީގެ އަދަދު ނޭނގުނު ކަމަށެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށްދޭ ރަށެއްގެ ކުލި ކަނޑައެޅުމަށް ބިމުގެ އަކަމިން ބެލުމުގެ ސަރވޭ ކުރުމުގެ ޒިންމާ، ކުލި ދެއްކުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އޮތީ ޓޫރިޒަމް މިނިސްޓްރީގެ މައްޗަށްތޯ ނުވަތަ ކުއްޔަށްހިފާ ފަރާތުގެ މައްޗަށްތޯއާއި، ކުލި ނުދެއްކުމުން ކުލީގެ އެއްބަސްވުން އުވާލީ ރަނގަޅަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ ގަވާއިދުގެ ލަފުޒުތަކުން ސާފުކޮށް އެނގެނީ ސަރވޭ ކޮށް ރިޕޯޓު ހުށަހަޅަންޖެހެނީ ކުއްޔަށްހިފާ ފަރާތުން ކަމަށާއި، ހައިކޯޓުން ގަވާއިދު މާނަކުރީ މާނަކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އަތަމާ މެރިން ބުނީ ކުލި ދެއްކޭނީ މިނިސްޓްރީން އަކަމިން ރަޖިސްޓްރީކޮށް ލިޔުމެއް ދޫކުރުމުން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ގަވާއިދުގެ 4 (ނ) ގެ ޖުމްލަތައް އެކުއެކީގައި އާންމު މާނައަށް ކިޔުމުންނާއި 4 (ގ) އަށް ބެލުމުން ސަރވޭގެ ޒިންމާ އޮތީ ކުއްޔަށްހިފާ ފަރާތުގެ މައްޗަށެވެ. މީގެ އިތުރުން އިންޑަސްޓްރީ ޕްރެކްޓިސްއިން އެއީ ކުލީގެ އެއްބަސްވުމުގެ ޒިމްނީ ޝަރުޠެކެވެ. ކުލި ދެއްކުމަކީ މައިގަނޑު އިލްތިޒާމަކަށްވާތީ އެއްބަސްވުން ބާޠިލުކުރީ ރަނގަޅަށް ކަމަށް ކޯޓުން ދެކުނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު؛ ކުލީގެ އެއްބަސްވުން އުވާލީ ރަނގަޅަށް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން، ބަހެއް، ޢިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން ވަކި މާނައެއް ދޭހަވާނަމަ، އެ މާނަ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައް ހިމެނުމަށް މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

HN2 ޤާނޫނާއި ޤާނޫނެއްގެ ދަށުން ހަދާ ގަވާއިދު މާނަކުރުމުގެ މަސައްކަތް ފެށެނީ ޤާނޫނުގެ ޢިބާރާތާއި އޮނިގަނޑުންނެވެ. ޤާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައި، އަދި ވަކިވަކި ބައިތައް މާނަކުރަންވާނީ މުޅި ޤާނޫނުގެ ސިޔާސަތާއި މަޤްޞަދުގެ ފުޅާ އިމުގެ ތެރޭގައެވެ.

HN3 އެއް މަޤްޞަދެއް ހާސިލުކުރުމަށް ލިޔެފައިވާ، އެއް ޕެރެގްރާފުގައިވާ ޖުމްލަތައް ކިޔަންވާނީ އެކުއެކީގައި ގުޅިފައިވާ ޖުމްލަތަކެއްގެ ގޮތުގައި، ވަކިކުރެވޭ މިނިވަން ޖުމްލަތަކެއްގެ ގޮތުގައި ނޫނެވެ. ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުތަކުގައި "ރަޖިސްޓަރީ ކުރަންވާނެ" ކަމަށްވާ އިލްތިޒާމު ރައްދުވަނީ ސަރުކާރުގެ އޮފީހަކުން އެ ޚިދުމަތް ހޯދަން އެދޭ ފަރާތަށެވެ.

HN4 ކުލި ދެއްކުމާބެހޭ ގަވާއިދު (2010/R-20) ގެ 4 ވަނަ މާއްދާގެ (ނ) ގެ އާންމު މާނައާއި އެ މާއްދާގެ އަކުރުތައް (ޚާއްޞަކޮށް (ގ)) އެކުއެކީގައި ކިޔުމުން، ޓޫރިޒަމް މިނިސްޓްރީގައި އަކަމިން ރެކޯޑުކުރެވިފައިނުވާ ރަށެއްގެ ބިމުގެ އަކަމިން ކަނޑައެޅުމުގެ ސަރވޭ، ހުއްދަލިބިފައިވާ ސަރވޭޔަރަކާ ޙަވާލުކޮށްގެން ކުއްޔަށްހިފާ ފަރާތުގެ ޚަރަދުގައި ކޮށް، ރިޕޯޓު މިނިސްޓްރީއަށް ހުށަހަޅަންވާނީ ކުއްޔަށްހިފާ ފަރާތުންނެވެ. ލޭންޑް އޭރިއާ ރަޖިސްޓްރީކުރިކަމުގެ ލިޔުން މިނިސްޓްރީން ދޫކުރެވޭނީ އެ އިޖުރާއަތު ފުރިހަމަކުރުމުންނެވެ.

HN5 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އަސާސީ ފަލްސަފާއަކީ ދެފަރާތް އަމިއްލަ އިޚްތިޔާރުގައި އެއްބަސްވި އެއްބަސްވުން އޮތް ގޮތަށް ތަންފީޛުކުރުމެވެ. ނަމަވެސް ޚުޞޫމާތަށް ޙައްލެއް ހޯދުމުގެ ޟަރޫރަތު އުފެދޭ ޙާލަތުގައި، ކޮންޓްރެކްޓުގައި ޞަރީޙަ ބަހުން ނުހިމެނޭ ޒިމްނީ މާއްދާތައް ބޭނުންކުރުމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އާންމު އުޞޫލުތައް ހުއްދަކުރެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނު (4/91) ބިނާވެފައިވަނީ އިނގިރޭސި ޤާނޫނުގެ ހަމަތަކަށް ކަމުން، އިނގިރޭސި ކޯޓުތަކުގެ ހަމަތައް އިރުޝާދުދޭ މަޞްދަރެއްގެ ގޮތުގައި ބަލައިގަނެވޭނެއެވެ.

HN6 ޒިމްނީ މާއްދާއެއް ދޭހަކުރުމުގައި ރިޢާޔަތްކުރާ ހަމަތަކަކީ: (ހ) ބުއްދީގެ ހަމަތަކަށް ފެތޭ އިންޞާފުވެރި ގޮތަކަށް ވުން، (ށ) ކޮންޓްރެކްޓުގެ ވިޔަފާރީގެ މަޤްޞަދު ހާޞިލުކުރަނިވި ގޮތަކަށް ވުން، (ނ) ޞަރީޙަ ބަހުން ނުބުނިޔަސް ކަންވާންޖެހޭ ގޮތް ކަމަށް ހާމައަށް ފެންނަން އޮތުން، (ރ) ސާފުކޮށް ބުނެދެވެން އޮތުން، (ބ) ކޮންޓްރެކްޓުގެ ޞަރީޙަ މާއްދާއަކާ ތަޢާރުޟު ނުވުމެވެ.

HN7 ޒިމްނީ މާއްދާ ތިން ބާވަތެކެވެ: ކޯޓުތަކުން ދޭހަކުރާ، އާދަކާދައިގެ ތެރެއިން ދޭހަކުރާ، އަދި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ޒިމްނީ މާއްދާތަކެވެ. ދެފަރާތް ފަރުވާތެރިކަމާއެކު ޤާނޫނީ ލަފާ ހޯދައި މާލީ ނަތީޖާ އެނގިހުރެ ކޮންޓްރެކްޓު ކޮށްފައިވާނަމަ ކޯޓުން ޒިމްނީ މާއްދާއެއް ދޭހަކުރުމަކީ ދުރު ކަމެކެވެ. އާދަކާދައިން ދޭހަކުރާ މާއްދާއެއް، ކޮންޓްރެކްޓުގެ ޞަރީޙަ މާއްދާއަކާ ނުވަތަ ޤާނޫނެއްގެ މަޤްޞަދާ ފުށުނާރާ، ދާއިރާގައި އެނގިހުރި، އެއްގޮތަކަށް ޢަމަލުކުރަމުންދާ، ސަބަބުވެރި (އިންޞާފުވެރި، ތެދުވެރި) އާދައަކަށް ވާންޖެހޭނެއެވެ.

HN8 ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށްދޭ ރަށެއްގެ އަކަމިން ބެލުމުގެ ސަރވޭ ކުއްޔަށްހިފާ ފަރާތުން ކުރުމަކީ ޓޫރިޒަމް މިނިސްޓްރީގެ ޢަމަލީ ގޮތާއި އިންޑަސްޓްރީ ޕްރެކްޓިސްއިން ސާބިތުވާ ކަމަކަށްވާތީ، އެއީ ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތުގެ މައްޗަށް ހިނގާ ޒިމްނީ ޝަރުޠެކެވެ.

HN9 ކުލި ދެއްކުމަކީ ކުލީގެ އެއްބަސްވުމެއްގެ މައިގަނޑު އިލްތިޒާމެވެ. ކުލީގެ އަދަދު ކަނޑައެޅުމަށް ކުރަންޖެހޭ ސަރވޭ ކުރުމަކީ ވެސް ކުއްޔަށްހިފާ ފަރާތުގެ އިލްތިޒާމަކަށްވާއިރު، ކުލި ނުދެއްކުމުން ކުލީގެ އެއްބަސްވުމުގެ 14 އަދި 20 ވަނަ މާއްދާއާ ޙަވާލާދީ ކުލީގެ އެއްބަސްވުން ބާޠިލުކުރީ ރަނގަޅަށެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 5 ނޮވެމްބަރު 2019 · ރަޖިސްޓްރީކުރީ 20 ޖުލައި 2020 · ނިމުނީ 26 އޮގަސްޓް 2021 (13.2 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް2

ސިވިލް ކޯޓުގެ ނިންމުން3ހައިކޯޓުގެ ނިންމުން5އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާ6ތަދައްޚުލުވި ފަރާތް7ގާނޫނާއި ގާނޫނެއްގެ ދަށުން ބާރުލިބިގެން ހަދާފައިވާ ގަވާއިދު މާނަކުރުން8ކުލި ކަނޑައެޅުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާ9ޒިމްނީ މާއްދާއެއް އޮތްތޯ ބެލުން12ކޯޓުތަކުން ދޭހަކުރާ ޒިމްނީ މާއްދާތައް14އާދަކާދައިގެ ތެރެއިން ދޭހަކުރާ ޒިމްނީ މާއްދާތައް16ގާނޫނުތަކުގައި ކަނޑައަޅާފައި ހުންނަ ޒިމްނީ މާއްދާތައް17ނިންމުން18ޙުކުމް19

ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނެޝަނަލް ޕވޓ ލޓޑ

[2021]SC

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު ( ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތައާރަފް ރިސޯޓެއް ތަރައްގީކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ކުއްޔަށްދީފައިވާ މާޅޮސްމަޑުލު ދެކުނުބުރި ހުރާފަރު އެވެ ކިޔާ ފަޅުރަށުގެ ބިމުކުލި، އެރަށް ކުއްޔަށް ހިފި ފަރާތުން ސަރުކާރަށް ދައްކާފައި ނުވާތީވެ އެ ރަށުގެ ކުލީގެ އެއްބަސްވުން މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އުވާލާފައިވެއެވެ. ރަށްކުއްޔަށް ހިފިފަރާތުން ބުނެފައިވަނީ ގާނޫނުގައިވާ ގޮތުން ދައްކަންޖެހޭ ބިމުކުލީގެ އަދަދު ބިނާވަނީ ރަށުގެ ބިމުގެ އަކަމިނަށް ކަމަށާއި، ރަށުގެ ބިމުކުލި ދެއްކިފައި ނުވަނީ އެރަށުގެ ބިމުގެ އަކަމިން ބެލުމަށްޓަކައި ގަވާއިދުގެ ދަށުން މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ކުރަންޖެހޭ މަސައްކަތް ކޮށްފައި ނެތުމުން، ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު އެނގިފައި ނެތުމުން ކަމަށެވެ. ނަމަވެސް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެކަމަށް އިންކާރުކުރެއެވެ. މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ބުނެފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމްގެ 2010/R-20 ގަވާއިދު ގެ 4 (ނ) ގެ ދަށުން ރަށުގެ ބިމުގެ އަކަމިން ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތަކީ ކުއްޔަށްހިފާ ފަރާތުން އެފަރާތުގެ ޚަރަދުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، ބިމުގެ އަކަމިން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްދެވެނީ އެ މަސައްކަތް ރަށް ކުއްޔަށްހިފާ ފަރާތުން ނިންމައި މިނިސްޓްރީއަށް ހުށަހެޅުމުންކަމަށެވެ. އެހެންކަމުން، މި އިސްތިއުނާފުގެ ގަޒިއްޔާގައި ދެފަރާތުގެ ދެމެދުގައި ދެބަސްވުން އުފެދިފައިވާ ކަމަކީ އަދި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަމަކީ ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިމުކުލީގެ އަދަދު ކަނޑައެޅުމަށްޓަކައި ރަށުގެ ބިމުގެ ބޮޑުމިން ބެލުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ކޮންފަރާތެއްގެ ޒިންމާއެއްތޯއެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން، ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށް ކުއްޔަށްދޫކުރާ ރަށްރަށާއި ބިންބިމަށް ކުލި ދައްކަންޖެހެނީ އެރަށެއްގެ ނުވަތަ އެބިމެއްގެ އަކަމިނުގެ ނިސްބަތުންނެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ހަދާފައިވާ 'ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔަށް ދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު' (މީގެ ފަހުން 'ކުލި ދެއްކުމާބެހޭ ގަވާއިދު') ގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށްދެވޭ ބިންބިމަށް އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ބިމުގެ އަކަމިނުގެ ނިސްބަތުން ދައްކަންޖެހޭ ކުލީގެ އަދަދު ކަނޑައެޅުމަށްޓަކައި، ރަށުގެ ބިމުގެ އަކަމިން ބަލަނީ އެގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ކުރާ ދިރާސާއަކުން ކަމަށެވެ.

ޓުއަރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށްޓަކައި މާޅޮސްމަޑުލު ދެކުނުބުރި ހުރާފަރު އެވެ ކިޔާ ފަޅުރަށް ދިވެހި ސަރުކާރުން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން 'އަތަމާ މެރިން' ނުވަތަ 'އިސްތިއުނާފު ރައްދުވާ ފަރާތް' ކަމަށް ބުނެފައިވާ) އަށް ކުއްޔަށްދިނުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް (މީގެ ފަހުން 'އިސްތިއުނާފުކުރާ ފަރާތް' ނުވަތަ 'ސަރުކާރު' ނުވަތަ 'މިނިސްޓްރީ' ކަމަށް ބުނެފައިވާ) އާއި އަތަމާ މެރިންއާ ދެމެދު ކުލީގެ އެއްބަސްވުމެއްގައި (މީގެ ފަހުން 'ކުލީގެ އެއްބަސްވުން') ސޮއިކުރިއެވެ. މި ކުލީގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރީ 10 އޮކްޓޫބަރު 2013 ގައެވެ.

ހަވާލާ ދެވުނު ކުލީގެ އެއްބަސްވުމުގައި ސޮއިކުރިފަހުން ތިން އަހަރުވުމާ ކައިރިވެފައި ވަނިކޮށް، 2 އޮގަސްޓް 2016 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އިން އަތަމާ މެރިން އަށް ފޮނުވި ސިޓީއެއް މެދުވެރިކޮށް ކުލީގެ އެއްބަސްވުން އުވާލާފައި ވެއެވެ. އެ ސިޓީގައި ބުނެފައިވަނީ ކުލީގެ އެއްބަސްވުން އުވާލާފައިވަނީ އެ އެއްބަސްވުމުގެ ދަށުން އަތަމާ މެރިން އިން ސަރުކާރަށް ދައްކަންޖެހޭ ބިމުކުލި އަތަމާ މެރިން އިން ދައްކާފައި ނުވާތީ ކަމަށެވެ.

ސިވިލް ކޯޓުގެ ނިންމުން

ހަވާލާ ދެވުނު ސިޓީ ލިބުމާ ގުޅިގެން، އަތަމާ މެރިންގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދައުވާގައި ބުނެފައިވަނީ ސަރުކާރުން އެ ކުލީގެ އެއްބަސްވުން އުވާލީ ގާނޫނާ ޚިލާފަށް ކަމަށެވެ.

އަތަމާ މެރިންގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ ރަށުގެ ބިމުކުލި ދެއްކޭނީ ކުލި ދެއްކުމާބެހޭ ގަވާއިދު ގެ ދަށުން މިނިސްޓްރީ އިން ބިމުކުލި ކަނޑައެޅުމުން ކަމަށާއި، ބިމުކުލި ދައްކާފައި ނުވަނީ އަތަމާ މެރިން އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ ކުލީ އެއްބަސްވުން 2 އޮގަސްޓް 2016 ގައި މިނިސްޓްރީ އިން އުވާލުމާ ހަމައަށް ވެސް ރަށުގެ ކުލި ކަނޑައަޅާފައި ނުވާތީ ކަމަށެވެ.

އިތުރަށް އަތަމާ މެރިން އިން ބުނެފައިވަނީ، ހުރާފަރަށް ދައްކަންޖެހޭ ކުލި އަތަމާ މެރިން އަށް ދެއްކޭނީ ކުލި ދެއްކުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ޓޫރިޒަމުން އެ ރަށުގެ ބިމުގެ ބޮޑުމިން ދިރާސާކޮށް އެ ރަށުގެ ބިމުގެ އަކަމިން މިނިސްޓްރީގައި ރަޖިސްޓަރީކުރިކަން ބަޔާންކޮށް އަތަމާ މެރިންއަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ލިޔުމެއް ދޫކުރުމުން ކަމަށެވެ. ވީމާ، ރަށުގެ ބިމުކުލި ދައްކާފައި ނުވަނީ އެފަދަ ލިޔުމެއް މިނިސްޓްރީއިން ދީފައި ނެތުމުން ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވަނީ، ބިމުގެ އަކަމިން ކަނޑައެޅުމަށްޓަކައި ދިރާސާކުރުމަށް ހިނގާނެ ޚަރަދުކުރަންޖެހޭނީ ކުއްޔަށްހިފާ ފަރާތުން ކަމަށް ކުލި ދެއްކުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވުމުން، ބިމުގެ އަކަމިން ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ދިރާސާ ހެދުމަކީ ކުއްޔަށްހިފާ ފަރާތުން އެފަރާތުގެ ޚަރަދުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ. ބިމުގެ އަކަމިން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްދެވެނީ މި ދިރާސާ ނިންމައި މިނިސްޓްރީއަށް ހުށަހެޅުމުން ކަމަށާއި، އަތަމާ މެރިން އަކީ ކުރިއްސުރެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވަމުން އައިސްފައިވާ ކުންފުންޏެއް ކަމަށްވާތީ، ހުރާފަރުގެ ބިމުގެ އަކަމިން ކަނޑައަޅައި މިނިސްޓްރީ އޮފް ޓުއަރިޒަމްގައި ރަޖިސްޓަރީކޮށް އެކަމުގެ ލިޔުން މިނިސްޓްރީއިން އަތަމާ މެރިން އަށް ދޫކުރެވޭނީ އަތަމާ މެރިން އިން ކުރަންޖެހޭ ބިމުގެ ބޮޑު މިނާބެހޭ ދިރާސާ ނިންމައި، އެ ދިރާސާ ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުންކަން އެފަރާތަށް ނޭނގި އޮވެދާނޭ ކަމަށް ބެލެވެން ނެތްކަމަށެވެ. އަދި 10 އޮކްޓޯބަރު 2013 ގައި ހުރާފަރުގެ ކުލީ އެއްބަސްވުމުގައި ސޮއިކުރުމާ ހަމައިން ފެށިގެން އެ ރަށް އޮތީ އަތަމާ މެރިންގެ އަތުގެވެރިކަމުގެ ދަށުގައި ކަމަށްވެފައި، 02 އޮގަސްޓް 2016 ގައި ކުލީގެ އެއްބަސްވުން އުވާލުމާ ހަމައަށް ހިނގާފައިވާ މުއްދަތުގައި ބިމުގެ އަކަމިނުގެ ދިރާސާ ހަދައި މިނިސްޓްރީއަށް ހުށަހަޅައިގެން ރަށުގެ ބިމުގެ އަކަމިން ރަޖިސްޓްރީކުރުމުގެ ގޮތުން އަތަމާ މެރިން އިން އެއްވެސް މަސައްކަތެއް ނުކޮށް، ޓުރިޒަމް މިނިސްޓްރީ އިން ބިމުގެ އަކަމިން ދިރާސާކޮށް ބަލައި އެރަށުގެ ބިމުގެ އަކަމިން އެ މިނިސްޓްރީގައި ރަޖިސްޓްރިކޮށްދީ ލިޔުން ދީފައިނުވާކަމަށް ބުނެ ރަށުގެ ކުލި ނުދައްކައި ތިބުމަކީ އެއްބަސްވުމާ ޚިލާފު ކަމެއްކަމަށެވެ. މިއީ އަތަމާ މެރިން އިން ފުރިހަމަ ކުރަންޖެހޭ ކަމެއް ފުރިހަމަ ނުކޮށް އޮތުމުގެ ސަބަބުން ދިމާވެފައިވާ ހާލަތެއް ކަމަށާއި، މި ސަބަބު އެހެން އޮތުމުން، މިނިސްޓްރީ އޮފް ޓޫރިޒަމުން ހުރާފަރުގެ ކުލީ އެއްބަސްވުން އުވާލުމަށް އަތަމާ މެރިންއަށް ފޮނުވާފައިވާ ސިޓީއަކީ، ކުލީގެ އެއްބަސްވުމުގެ 20 ވަނަ މާއްދާގެ (އޭ) އާއި، ކުލި ދެއްކުމާބެހޭ ގަވާއިދާ ޚިލާފު ނިންމުމެއްކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ހައިކޯޓުގެ ނިންމުން

އަތަމާ މެރިންގެ ފަރާތުން ސިވިލް ކޯޓުގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، ސިވިލް ކޯޓުގެ ހުކުމުގައި ގާނޫނު ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެ ސަބަބަށްޓަކައި ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރަންޖެހޭ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ، އަތަމާ މެރިން އާއި ދިވެހި ސަރުކާރާ ދެމެދު 10 އޮކްޓޫބަރު 2013 ގައި ހުރާފަރު ކުއްޔަށް ހިފުމަށް ވެފައިވާ އެއްބަސްވުން މިނިސްޓްރީ އިން އުވާލުމާ ހަމައަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ރަށުގެ ކުލީގެ އަދަދު ކަނޑައަޅާފައި ނުވާކަމަށާއި، ކުލީގެ އަދަދު ކަނޑައެޅުމުގެ ގޮތުން ހަދަންޖެހޭ ބިމުގެ ބޮޑުމިން ބެލުމުގެ ދިރާސާ ހަދަންޖެހެނީ ކޮން ފަރާތަކުންކަން ކުލި ދެއްކުމާ ބެހޭ ގަވާއިދުގައި ސަރީހަބަހުން ބުނެފައި ނެތް ކަމަށެވެ. އަދި ހުރާފަރަށް ދައްކަންޖެހޭ ކުލި އަތަމާ މެރިންއަށް ދެއްކޭނީ ކުލި ދެއްކުމާބެހޭ ގަވާއިދުގެ (ކ) ގައިވާ ގޮތުގެމަތިން މިނިސްޓްރީ އިން އެ ރަށުގެ ބިމުގެ އަކަމިން ރަޖިސްޓްރީކުރިކަން ބަޔާންކޮށް އަތަމާ މެރިން އަށް ލިޔުމެއް ދޫކޮށްފައިވާނަމަ ކަމަށެވެ. ކުލި ދެއްކުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ) އަދި (ކ) އަށް ބެލުމުން އެ ރަށެއްގެ ބިމުގެ އަކަމިން އަންގައިދޭ ރަޖިސްޓްރީއެއް މިނިސްޓްރީ އޮފް ޓޫރިޒަމްގައި ގާއިމުވެފައި އޮތުން ލާޒިމުވާތީވެ، ޓޫރިސްޓް ރިޒޯޓު ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިމުގެ އަކަމިން ކުއްޔަށް ހިފާ ފަރާތަށް އެންގުމަށްޓަކައި އެ ރަށުގެ ނުވަތަ ބިމުގެ އަކަމިން އަންގައިދޭ ލިޔުމެއް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރަންވާނޭކަން އެ މާއްދާތަކަށް ބެލުމުން އެނގެން އޮތުމުން ބިމުގެ އަކަމިން ކަނޑައަޅައި އަތަމާ މެރިން އަށް އެކަން އަންގަންޖެހޭނީ މިނިސްޓްރީ އިން ކަން އެ ގަވާއިދުން އެނގޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ. މީގެ އިތުރުން ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ކުލީގެ އެއްބަސްވުން މިނިސްޓްރީ އިން އުވާލާފައިވަނީ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ކުލި ދައްކާފައިނުވާތީ ކަމަށް މިނިސްޓްރީގެ ސިޓީއިން އެނގެން އޮތްނަމަވެސް، ކުލީގެ އެއްބަސްވުމުގެ 14 ވަނަ މާއްދާގައި ބުނާ ކުލި އަތަމާ މެރިން އަށް ދެއްކިފައިނުވަނީ ކުލި ދެއްކުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ކ) ގައި ބުނާ ކަންކަން މިނިސްޓްރީއިން ފުރިހަމަކޮށްދީފައި ނުވާތީކަމަށެވެ.

އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާ

ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެއެވެ. ދައުލަތުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދީފައިވާ ރަށްރަށާއި ބިންބިމުގެ އަކަމިން އާޚިރުގައި ކަނޑައަޅަނީ ނުވަތަ ރަޖިސްޓަރީކުރާނީ ޓޫރިޒަމް މިނިސްޓްރީއިން ކަމަށާއި، އެގޮތުން ބިމުގެ އަކަމިން ރަޖިސްޓަރީކުރިކަން އަންގައިދޭ ލިޔުން މިނިސްޓްރީ އިން ދޫކުރެވޭނީ، އޭގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް، އެއީ، އެމަސައްކަތް ކުރުމުގެ ހުއްދަލިބިފައިވާ ފަރާތަކާ ޙަވާލުކޮށްގެން ރަށުގެ ބިމުގެ އަކަމިނުގެ ދިރާސާއެއް ކުއްޔަށްހިފާ ފަރާތުން ކުރުމަށްފަހު، އެ ސަރވޭ ރިޕޯޓު މިނިސްޓްރީއަށް ހުށަހެޅުމުންކަން ގަވާއިދުގެ މާއްދާތަކުގެ ލަފުޒުތަކަށާއި ޢިބާރާތްތަކަށް ރިއާޔަތްކުރުމުން ސާފުކޮށް އެނގޭ ކަމަށެވެ. ވީމާ އިސްތިއުނާފު ރައްދުވާ ފަރާތުން ހުރާފަރަށް ދައްކަންޖެހޭ ކުލި ދެއްކިފައިނުވަނީ ކުލި ދެއްކުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އާއި (ނ) އަދި (ކ) ގައި ބުނާ ކަންކަން ޓޫރިޒަމާބެހޭ މިނިސްޓްރީން ފުރިހަމަކޮށްދީފައި ނުވާތީ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އެ ގަވާއިދުގެ މާއްދާތައް ނުބައިކޮށް މާނަކޮށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގައި ބުނާ އާންމު މާނައަށް ބެލުމުގެ އުސޫލާ ޚިލާފަށްކަމަށެވެ.

އެހެންކަމުން މި އިސްތިއުނާފުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ސުވާލަކީ ބ. ހުރާފަރަށް ދައްކަންޖެހޭ ކުލި ދެއްކުމަށްޓަކައި އެ ރަށުގެ ބިމުގެ އަކަމިން ބެލުމަށްޓަކައި ކުލި ދެއްކުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ކުރަންޖެހޭ ދިރާސާ ކުރަންޖެހެނީ ޓޫރިޒަމް މިނިސްޓްރީ އިން ތޯ ނުވަތަ އަތަމާ މެރިންގެ ފަރާތުން ތޯއެވެ.

ތަދައްޚުލުވި ފަރާތް

ދައުލަތުގެ ފަރާތުން މި ގަޒިއްޔާގައި ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް ސީކްރެޓް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑް (C-0059/2012) ކުންފުނީގެ ފަރާތުން ތަދައްޚުލުވުމަށް އެދި ހުށަހެޅުމުން މި މައްސަލައިގައި އެފަރާތުގެ މަސްލަހަތު އޮތް ކަމަށް ފެންނާތީވެ، މި އިސްތިއުނާފުގެ މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމުގެ ފުރުސަތު އެކުންފުންޏަށް ދެވިފައިވެއެވެ. ތަދައްޚުލުވުމަށް ސީކްރެޓް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅި ފޯމުގައި ބުނެފައިވަނީ ބ. ހުރާފަރު ކުއްޔަށް ހިފުމަށްޓަކައި އެފަރާތާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު މުއާމަލާތެއް ކުރެވިފައިވާ ކަމަށާއި އެކަމާ ގުޅިގެން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ގާނޫނާއި ގާނޫނެއްގެ ދަށުން ބާރުލިބިގެން ހަދާފައިވާ ގަވާއިދު މާނަކުރުން

މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން، ބަހެއް، ނުވަތަ އިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާ ކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫނެވެ. އެކަން ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާއެއް ކަމަށްވާ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގަޒިއްޔާގެ ހުކުމުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާއި ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މާނަކުރުމުގައި މިސްރާބުހިފިދާނެ ތަފާތު ގޮތްތަކެއް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެއިން ކޮންމެ ގޮތަކަށް ގާނޫނެއް މާނަ ކުރުމަށް މިސްރާބުހިފިއަސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ، އެއިން ކޮންމެ ގޮތެއް އިޚްތިޔާރުކުރިއަސް މާނަކުރުމުގެ މަސައްކަތް ފެށެނީ ގާނޫނުގެ އިބާރާތާއި އޮނިގަނޑުން ކަމެވެ. އެހެންކަމުން، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ގާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. ގާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ގާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަގްސަދުގެ ފުޅާ އިމުގެ ތެރޭގައެވެ.

ކުލި ކަނޑައެޅުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާ

ކުލި ކަނޑައެޅުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ކަނޑައަޅާނީ އެ ރަށެއް ނުވަތަ އެ ބިމެއްގެ "މީން ޓައިޑްލައިން" ގެ މައްޗަށް ބިނާކޮށް ކަނޑައަޅާ އަކަމިނަށް ބިނާކޮށް ކަމަށެވެ. މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ 1 ޖެނުއަރީ 2011 ގައި އެ ގަވާއިދަށް އަމަލުކުރަން ފަށާއިރު ކުއްޔަށް ދޫކޮށްފައިވާ ރިސޯޓާއި ހޮޓާ ހޮޓަލުގެ ބިމުގެ އަކަމިން ބަލާނީ އެ ރަށުގެ ބިމުގެ ބޮޑު މިންކަމަށް އެ މިނިސްޓްރީއިން ގަބޫލުކޮށްފައިވާ ރަށުގެ ބިން ތަރައްގީކުރާނެ ގޮތުގެ ޕްލޭންގައި އެ ރަށުގެ އަކަމިންކަމަށް ބަޔާންކޮށް، އެ މިނިސްޓްރީގެ ދަފްތަރުގައިވާ އަކަމިން ކަމަށެވެ.

ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ 1 ޖެނުއަރީ 2011 ގައި އެހާތަނަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ބިން ތަރައްގީކުރާނެ ގޮތުގެ ޕްލޭނެއް ހުށަހަޅާފައި ނެތުމުގެ ސަބަބުން އެ ރަށެއްގެ ނުވަތަ އެ ބިމެއްގެ އަކަމިން އެ މިނިސްޓްރީގައި ދަފްތަރު ކޮށްފައި ނެތް ރަށްރަށާއި ބިމުގެ އަކަމިން ބަލާނީ އެކަމަށްޓަކައި ކުރެވޭ ސަރވޭއަކުން ކަނޑައަޅާ އަކަމިން ކަމުގައެވެ. އަދި އެކަމަށް ދާ ޚަރަދެއް ކުރަންޖެހޭނީ އެ ރަށް ކުއްޔަށް ހިފައިގެން އުޅޭ ފަރާތަކުން ކަމަށެވެ. މި ޖުމްލައާއި ވިދިގެން މި ޕެރެގްެރާފުގައި އޮތް ޖުމްލައިގައި ބުނެފައިވަނީ "އެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި މި ބުނެވުނު ސަރވޭކޮށް ނިންމައި ކަނޑައެޅޭ އޭރިއާ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެ އެވެ." ގަވާއިދުގެ މި ޕެރެގްރާފުގައި އޮތް 3 ޖުމްލަ ކިޔަންޖެހޭނީ އެއް ރޮއްޖަކުން ގެތިފައިވާ އަދި އެއް މަގްސަދެއް ހާސިލުކުރުމަށް ލިޔެފައިވާ ތިން ޖުމްލައިގެ ގޮތުގައެވެ. އެ ތިން ޖުމްލަ އަކީ އެއް ޖުމްލަ އަނެއް ޖުމްލައާ ވަކިކުރެވިދާނެ މިނިވަން ތިން ޖުމްލައިގެ ގޮތުގައި މާނަނުކުރެވޭނެ އެވެ. އެ ގޮތަށް މި މާއްދާ ކިޔައި މާނަކުރުމުގެ ނަތީޖާއަކަށް ވާނީ މި ޕެރެގްރާފުގެ 2 ވަނަ ޖުމްލައިގައި އޮތް އިލްތިޒާމް އަމާޒުވެފައި އޮތް ފަރާތަށް އެއާ ވިދިގެން މި ޕެރެގްރާފުގައި އޮތް ޖުމްލައިގައި އޮތް އިލްތިޒާމު ރައްދުވުމެވެ. މިއީ ބަހަވީ ގޮތުން ބެލިއަސް މި ޕެރެގްރާފުގައި ހުރި ޖުމްލަތައް މާނަކުރަންޖެހޭނެ ގޮތެވެ. ސަބަބަކީ، މި ޕެރެގްރާފުގެ 2 ވަނަ ޖުމްލައިގައި އޮތް ޚަރަދަށް ޒިންމާވުމުގެ އިލްތިޒާމު ރައްދުވާ ފަރާތަކީ ރަށް ކުއްޔަށް ހިފައިގެން އުޅޭ ފަރާތެވެ. އެއާ ވިދިގެން ދެން އޮތް ޖުމްލަ ފެށޭ ލަފްޒަކަށް އޮތީ "މި ބުނެވުނު ސަރވޭ" މިގޮތަށް ބޭނުންކޮށްފައި އޮތީ މި ޕެރެގްރާފުގެ 2 ވަނަ ޖުމްލައާއި 3 ވަނަ ޖުމްލަ ގުޅުވުމަށެވެ. "މި ބުނެވުނު" މިއީ ދިވެހިބަހުގައި ދެ ޖުމްލައެއް ގުޅުވަން ބޭނުންކުރާ ގުޅުވިއެކެވެ. އެހެންކަމުން މި ބުނެވުނު ސަރވޭކޮށް ނިންމައި ކަނޑައެޅޭ އަކަމިން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެ ކަމަށް އޮތް އޮތުން ނުވަތަ ސަރވޭކޮށް އެ ސަރވޭގެ ނަތީޖާ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަކީ ރަށް ކުއްޔަށް ހިފައިގެން އުޅޭ ފަރާތް ނޫން ފަރާތަކަށް ނިސްބަތްކުރެވޭނޭ އިލްތިޒާމެއް ނޫނެވެ. ދިވެހިރާއްޖޭގައި އެކިއެކި ކަންކަން ނުވަތަ ތަކެތި ރަޖިސްޓަރީ ކުރުމާބެހޭ ގޮތުން ހަދާފައިވާ ގާނޫނުތަކުގައި "ރަޖިސްޓަރީ ކުރަންވާނެ" ކަމަށް ބޭނުންކޮށްފައި އޮންނަ އިލްތިޒާމް އަބަދުވެސް ރައްދުވާނީ ސަރުކާރުގެ އެ އޮފީހަކުން އެ ޚިދުމަތެއް ހޯދަން އެދޭ ފަރާތަށް ކަން އެފަދަ ހުރިހާ ގާނޫނުތަކުވެސް އެނގެއެވެ. އެ ގަވާއިދުގެ މަގްސަދަކީ ސަރވޭ ކުރުމުގެ އިލްތިޒާމް މިނިސްޓްރީ އޮފް ޓުއަރިޒަމަށް ކަމަށް ވާނަމަ އެތަނުގައި "ރަޖިސްޓަރީކުރަންވާނެ" ކަމަށް ބުނުމުގެ ބަދަލުގައި އޮންނާނީ "މި ބުނެވުނު ސަރވޭ ކޮށް ނިންމައި ކަނޑައެޅޭ އޭރިޔާ ޓޫރިޒަމް މިނިސްޓްރީގައި ރެކޯޑުކުރަންވާނެ" މި ގޮތަށެވެ. ވީމާ ރަޖިސްޓަރީކުރަންވާނެ ކަމަށް އޮތް އިބާރާތް ރައްދުވަނީ މިިނިސްޓްރީއިން ޚިދުމަތަށް އެދޭފަރާތަށް، ނުވަތަ މި ހާލަތުގައި މިނިސްޓްރީއިން ރަށް ކުއްޔަށް ހިފި ފަރާތަށް، ކަމާމެދު ބަހުސެއް އޮތް ކަމަށް ގަބޫލު ނުކުރެވެއެވެ. މީގެ އިތުރުން، މި ގަވާއިދުގެ މަގްސަދަކީ ރަށްކުއްޔަށް ހިފާފަރާތުން މި ސަރވޭކުރުންކަން މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ފަހަތުގައިވާ އެހެނިހެން ޕެރެގްރާފުތަކުން އިތުރަށް ކަށަވަރުކުރެވެއެވެ.

މި ގޮތުން، އެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ގ) ގައި ބުނެފައިވަނީ، "... ލޭންޑް އޭރިއާ ރިވިއުކުރަން ބޭނުންވެއްޖެނަމަ، ބިމުގެ އޭރިއާ ކަށަވަރުކުރާނީ ސަރވޭކޮށްގެންނެވެ. މިފަދައިން ރިވިއުކުރަން ބޭނުންވަނީ ކުއްޔަށްހިފިފަރާތުން ކަމުގައިވާނަމަ ސަރވޭކުރަން ފެށުމުގެ ކުރިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ. މިފަދައިން ރިވިއުކުރަން ބޭނުންވަނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ކަމުގައިވާނަމަ، ސަރވޭ ކުރުމަށް ކުއްޔަށްހިފިފަރާތަށް އެކަން އަންގާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ސަރވޭކޮށް ނިންމައި، ސަރވޭގެ ރިޕޯޓު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. އަދި މިކަމަށް ހިނގާ އެންމެހާ ޚަރަދުތައް ކުރާނީ ކުއްޔަށްހިފިފަރާތުންނެވެ." މި ޖުމްލައަށް ބަލާއިރުގައިވެސް، ރަށުގެ ސަރވޭ ކުރަންޖެހޭ ފަރާތަކީ ނުވަތަ ސަރވޭކުރުމަށް ޒިންމާވާނީ ކުއްޔަށްހިފާފަރާތުންކަމާއި އަދި ސަރވޭކުރުމަށްފަހު ސަރވޭ ރިޕޯޓު މިނިސްޓްރީއަށް ހުށަހަޅާނީ ކުއްޔަށްހިފާފަރާތުންކަން ސާފުކޮށް އެނގެއެވެ.

ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ލިޔެފައިވާ އިބާރާތުން އެ ޕެރެގްރާފު އަމާޒުކުރެވިފައިވަނީ 1 ޖެނުއަރީ 2011 ގެ ކުރިން މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ސައިޓް ޕްލޭނެއް ހުށަހަޅާފައި ނެތް ރަށްރަށް ކަމަށް ދޭހަވީ ނަމަވެސް، އެ ޕެރެގްރާފުގެ މަގްސަދަކީ މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ކުއްޔަށް ދޫކުރާ ރަށެއް ނުވަތަ ބިމެއްގެ އަކަމިން އެ މިނިސްޓްރީގައި ރެކޯޑް ކޮށްފައި ނެތް ނަމަ އެފަދަ ރަށެއްގެ ނުވަތަ ބިމުގެ އަކަމިން ބަލާނީ އެ ޕެރެގްރާފުގައި ބުނާގޮތަށް ކުރާ ސަރވޭ އަކުން ކަމަށް އެ ގަވާއިދުގައި ކަނޑައެޅުންކަން އެނގެއެވެ. މި ޕެރެގްރާފުގެ މަގްސަދަކީ މިއީކަން މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ފަހަތުގައިވާ އެހެނިހެން ޕެރެގްރާފުތަކުން ކަށަވަރުކުރެވެއެވެ.

ޒިމްނީ މާއްދާއެއް އޮތްތޯ ބެލުން

މިނިސްޓްރީ އޮފް ޓުއަރިޒަމުން ކުއްޔަށް ދޫކުރާ ރަށްރަށާއި ބިންބިމުގެ އަކަމިން ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ސަރވޭ ކުރުމަކީ ކޮން ފަރާތަކުން ކުރަންޖެހޭ ކަމެއްކަން ކުލި ކަނޑައެޅުމާ ބެހޭ ގަވާއިދުގައި ބުނެފައި ނެތް ނަމަވެސް، މިނިސްޓްރީ އޮފް ޓޫރިޒަމް އިން ކުއްޔަށް ދޫކުރާ އެފަދަ ރަށްރަށާއި ބިންބިމުގެ ބޮޑުމިން ބެލުމަށްޓަކައި އަމަލުކުރަމުން އަންނަ ޕްރެކްޓިސް އިން އެ ސަރވޭ ހަދަންޖެހޭނީ ރަށް ކުއްޔަށް ހިފާފަރާތުން ކަން އަތަމާ މެރިންއަށް އެނގެން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގައިވެސް ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އިން ކުއްޔަށްދޫކުރާ އެހެން ރަށްރަށާ ގުޅިގެން ކުލީގެ އަދަދު ކަނޑައެޅުމަށްޓަކައި އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު ރަށުގެ ލޭންޑް އޭރިޔާ ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ސާރވޭ ކުރަންޖެހެނީ ރަށްކުއްޔަށް ހިފާ ފަރާތުން ކަން އެނގޭ ކަމަށެވެ.

ކޮންޓްރެކްޓާބެހޭ ގާނޫނުގެ އަސާސީ ފަލްސަފާ އަކީ ދެފަރާތުން އަމިއްލަ އިޚްތިޔާރުގައި އެއްބަސްވެފައިވާ އެއްބަސްވުން އެ އޮތްގޮތަށް ކޯޓުން ތަންފީޒުކޮށް ދިނުމެވެ. ނަމަވެސް ކޮންޓްރެކްޓުގައި ސަރީހަ ބަހުން މާއްދާއެއް ލިޔެފައި ނެތްނަމަވެސް، ކޮންޓްރެކްޓުގެ ދަށުން އުފެދިފައިވާ ޚުސޫމަތަށް ހައްލެއް ހޯދައިދިނުމުގެ ޒަރޫރަތްތެރިކަން އުފެދޭ ހާލަތުތަކުގައި ކޮންޓްރެކްޓުގައި ސަރީހަބަހުން ހިމަނާފައި ނުވާ ޒިމްނީ މާއްދާތައް ބޭނުންކޮށްގެން އެ ޚުސޫމަތަށް ހައްލެއް ގެނައުމަށް ކޮންޓްރެކްޓާބެހޭ ގާނޫނުގެ އާންމު އުސޫލުތައް ހުއްދަކުރެއެވެ. މިފަދަ ޒިމްނީ މާއްދާތަކެއް ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނާއި މުދާ ވިއްކުމާބެހޭ ގާނޫނުގައި ބަޔާންކޮށްފައި ހުރުމުގެ އިތުރުން މީގެ ކުރިން ކޯޓުތަކުން ނިންމާފައިވާ ކޮންޓްރެކްޓާބެހޭ ބައެއް ގަޒިއްޔާތަކުގައިވެސް ކޮންޓްރެކްޓުގައި ހިމެނޭ ބައެއް ޒިމްނީ މާއްދާތައް ދޭހަކޮށް ތަތުބީގުކޮށްފައި ވެއެވެ.

ވަކި ހާލަތެއްގައި ކޮންޓްރެކްޓު މާނަކުރުމަށް ޒިމްނީ މާއްދާއެއްގެ ބޭނުން ހިފިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް، ނުވަތަ އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތް ދެނެގަތުމަށްޓަކައި ޒިމްނީ ޝަރުތު ދޭހަކުރުމުގައި ރިއާޔަތްކުރަންޖެހޭ ހަމަތައް އިނގިރޭސިވިލާތުގެ ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުގައި ބަޔާންކޮށްފައިވެއެވެ. އެ ހަމަތައް، އިރުޝާދުދެނިވި އަދި ނުފޫޒުހުރި މަސްދަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގަންނަ ސަބަބަކީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނު (ގާނޫނު ނަންބަރު 91/4) ގައި ހިމަނާފައިވަނީ އިނގިރޭސިވިލާތުގެ ކޯޓުތަކުން ކޮންޓްރެކްޓާބެހޭ ގޮތުން ނިންމާފައިވާ ނިންމުންތަކުން އުފެދިފައިވާ ހަމަތައް ކަމަށްވާތީ އެވެ. އެގޮތުން، އޭގެ ތެރެއިން އިސްކަންދޭންޖެހޭ ބައެއް ކަންކަން ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޒިމްނީ މާއްދާ ބޭނުންކުރުމަކީ ބުއްދީގެ ހަމަތަކަށްފެތޭ އަދި އިންސާފުވެރި ގޮތެއް ކަމަށް ވުން.

(ށ) އެގޮތަކީ ކޮންޓްރެކްޓުގެ ޒަރީއާއިން ކުރާ ވިޔަފާރީގެ މަގްސަދު ހާސިލުކުރަނިވި ގޮތް ކަމަށްވުން.

(ނ) އެކަމަކީ ކޮންޓްރެކްޓުގައި ސަރީހަ ބަހުން ބުނެފައި ނެތް ނަމަވެސް ކަންވާންޖެހޭ ގޮތް ކަމަށް ހާމައަށް ފެންނަން އޮތް ގޮތް ކަމަށްވުން.

(ރ) އެކަމަކީ އެކަން އޮތްގޮތް ސާފުކޮށް ބުނެދެވެން އޮތް ގޮތެއް ކަމަށް ވުން.

(ބ) ކޮންޓްރެކްޓުގައި ސަރީހަ ބަހުން ބުނެފައިވާ ކަމަކާއި އެ ޒިމްނީ މާއްދާ ތައާރަޒުނުވުން.

ކޮންޓްރެކްޓުގައި ތިން ބާވަތެއްގެ ޒިމްނީ މާއްދާ ހުރެއެވެ. އެއީ:

(ހ) ކޯޓުތަކުން ދޭހަކުރާ ޒިމްނީ މާއްދާތައް.

(ށ) އާދަކާދައިގެ ތެރެއިން ދޭހަކުރާ ޒިމްނީ މާއްދާތައް.

(ނ) ގާނޫނުތަކުގައި ކަނޑައަޅާފައި ހުންނަ ޒިމްނީ މާއްދާތައް.

ކޯޓުތަކުން ދޭހަކުރާ ޒިމްނީ މާއްދާތައް

މީގެ ތެރޭގައި ހިމެނެނީ ކޮންޓްރެކްޓުގެ ބައިވެރިންނަށް ކޮންޓްރެކްޓު ލިޔުމުގައި ހެދޭ އޮޅުމަކުން ނުވަތަ ހަނދާންނެތިގެން ނޫންނަމަ ކޮންޓްރެކްޓު ފުރިހަމަ ކުރުމަށް ކޮންޓްރެކްޓުގައި ހިމަނާނެ ކަމަށް ޔަގީންކުރެވޭ، އެހެން ނަމަވެސް ކޮންޓްރެކްޓުގައި ހިމެނިފައިނުވާ މާއްދާތަކެވެ. މި ކަހަލަ ހާލަތްތަކުގައި އެ މުއާމަލާތުން ކުރެވޭ ވިޔަފާރީގެ މަގްސަދު ތަންފީޒުކޮށް ވިޔަފާރީގެ ނަތީޖާ ނެރުމުގެ ގޮތުން ކޯޓުތަކުން ދޭހަކުރާ ޒިމްނީ މާއްދާތަކެވެ. މި ބާވަތުގެ ޒިމްނީ މާއްދާތައް ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުގައި ފަނޑިޔާރުން ކަނޑައަޅާފައި ހުރެއެވެ. މިސާލަކަށް، ކޮންޓްރެކްޓުގައި ދޯނީގެ ކުލީ އެއްބަސްވުން ނިމުމަކަށް އައުމުން ދޯނި ހަވާލުކުރާނީ ކޮން ބަނދަރަކުން ކަމެއް ސަރީހަބަހުން ބަޔާންކޮށްފައި ނެތެވެ. އެހާލަތުގައި، ދޯނި ކުއްޔަށް ހިފިފަރާތާއި ދޯނީގެ ވެރިފަރާތުން ހަވާލުކޮށްފައިވަނީ ވަކި ށ. ނަރުދޫގެ ބަނދަރުގައި ކަމުން އެ ކޮންޓްރެކްޓު ނިމުމަކަށް އަންނަ ހިނދު އެ ދޯނި އަނބުރާ ވެރިފަރާތާ ހަވާލުކުރަންވާނީ ހަމަ އެ ބަނދަރުން ކަމަށް ގަޒިއްޔާއެއްގައި ކޯޓުން ކަނޑައަޅާފައި ވެއެވެ. މި ޒިމްނީ މާއްދާ މި މުއާމަލާތުގައި ކޯޓުން ދޭހަކޮށް ހިމަނާފައިވަނީ މި ޒިމްނީ މާއްދާއާ ނުލައި އެ ކޮންޓްރެކްޓު މަސައްކަތް ނުކުރާނެތީއެވެ. އަދި ބުއްދިގަބޫލުކުރާ ގޮތަކީ އެ ގޮތް ކަމަށްވާތީއެވެ. އަދި މުއާމަލާތުކުރުމުގައި އިންސާފުވެރި ގޮތަކީ ވެސް އެއީ ކަމަށް ވާތީއެވެ. މި ގަޒިއްޔާގައި ކުއްޔަށް ހިފި ފަރާތާ ދޯނި ހަވާލުކުރީ ށ. ނަރުދޫ ބަނދަރުގައި ކަމަށް ވުމުން، ކޮންޓްރެކްޓު ނިމުމުން ކުއްޔަށް ދިން ފަރާތާ އެ ދޯނި ހަވާލުކުރަންޖެހޭނީ ށ. ނަރުދޫ ބަނދަރުން ކަމަށް ދޭހަކުރުމަކީ ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭނެ ގޮތްކަމަށް ކޯޓަށް ބުރަވެވިފައިވަނީ ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ދެ ފަރާތުން ކޮންޓްރެކްޓުކުރީ ވަރަށް ފަރުވާތެރިކަމާއެކު ގާނޫނީ ވަކީލުން ނުވަތަ ލަފާދާރުންގެ ލަފާ ހޯދައިގެން އެ މާއްދާގެ މާލީ ނަތީޖާ އެނގި ތިބެގެން ކަމަށްވާނަމަ މިފަދަ ޒިމްނީ މާއްދާއެއް އޮތްކަމަށް ކޯޓުން ގަބޫލުނުކުރުމަކީ ވަރަށް ގާތްގޮތެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މުޙައްމަދު ޖަމީލު ވ. ސީ ރެޓްރީޓްސް ޕވޓ ލޓޑ ގަޒިއްޔާ އަކީ ވެސް މިފަދަ ޒިމްނީ ޝަރުތެއް ކޯޓުން ތަތުބީގުކޮށްފައިވާ ގަޒިއްޔާއެކެވެ. މިއީ ސީ ރިޓްރީޓްސް ޕްރައިވެޓް ލިމިޓެޑް އާއި މުޙައްމަދު ޖަމީލު އާ ދެމެދު 24 ނޮވެމްބަރު 2015 ގައި ސޮއިކޮށްފައިވާ އެގްރީމެންޓުގެ ދަށުން މުޙައްމަދު ޖަމީލު ސީ ރިޓްރީޓްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ "އުއްމީދު" ކިޔާ ދޯންޏަކީ ބޭނުންކުރެވޭ ހާލަތުގައި އޮތް ދޯންޏަކަށް ނުވާތީވެ، އެ އެގްރީމެންޓް ބާތިލްކޮށް އެ އެގްރީމެންޓްގެ ދަށުން ދައްކާފައިވާ އެޑްވާންސް ފައިސާ ހޯދުމަށް ދައުވާކުރި މައްސަލައެކެވެ. ކުއްޔަށްދިން އެތި ކުއްޔަށް ހިފާފަރާތާއި ހަވާލުކުރަންވާނީ އެ އެތީގެ މަންފާ ހާސިލުކުރެވޭފަދަ ރަނގަޅު ހާލަތުގައި ކަމަށް ވުމަކީ މި ބާވަތުގެ ކޮންޓްރެކްޓުތަކުގައި ހިމެނޭ ޒިމްނީ ޝަރުތެއްކަން މި ގަޒިއްޔާގައި ހައިކޯޓުން ކުރި ހުކުމުން އެނގެއެވެ.

އާދަކާދައިގެ ތެރެއިން ދޭހަކުރާ ޒިމްނީ މާއްދާތައް

ތަނުގެ އާދަކާދަ އާއި ވަކި ބާވަތެއްގެ ވިޔަފާރީގައި އާއްމުކޮށް އަމަލުކުރަމުން އަންނަ އާދަކާދައިގެ ތެރެއިން ހިނގަމުން އަންނަ ކަމެއް ކޮންޓްރެކްޓުގައި ސަރީހަ ބަހުން އިސްތިސްނާކޮށްފައި ނުވާނަމަ، އެ އާދަކާދައިގެ މައްޗަށް ރިއާޔަތްކޮށްގެން ބައެއް މާއްދާތައް ކޯޓުން ދޭހަކުރެއެވެ. އެ އާދަކާދައަކީ ކޮންޓްރެކްޓުގައި ސަރީހަ ބަހުން ބަޔާންކޮށްފައިވާ އެއްވެސް މާއްދާއަކާ ފުށުއަރާ ކަމަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން އެކަމަކީ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ އެއްވެސް ގާނޫނެއްގެ މަގްސަދާއި ފުށުއަރާ ކަމަކަށް ވެގެންވެސް ނުވާނެއެވެ. އަދި އެ އާދަ އަކީ އެ ވިޔަފާރިއެއްގެ ދާއިރާއެއްގައި އަމަލުކުރަމުން އަންނަ ގޮތްކަން އެނގިއޮތް، އެއްގޮތަކަށް އަމަލުކުރަމުން އަންނަ، އަދި ސަބަބުވެރި އާދައެއް ކަމަށް ވާންޖެހޭނެއެވެ. ސަބަބުވެރި އާދައެއް ކަމަށް މިތާނގައި ބުނެފައިމިވަނީ އެކަމަކީ އިންސާފުވެރި، ތެދުވެރި އަދި ހަމަ ގަބޫލުކުރާ މީހަކު އާދައެއް ކަމަށް ގަބޫލުކުރާ ކަންކަމަށެވެ.

ގާނޫނުތަކުގައި ކަނޑައަޅާފައި ހުންނަ ޒިމްނީ މާއްދާތައް

މުދާގަނެ ވިއްކުމަކީ ކޮންމެ ދުވަހަކުމެ ހިނގަމުން އަންނަ ކަމެކެވެ. އާއްމުކޮށް ގަނެވިއްކުމުގެ މުއާމަލާތްތައް މީސްމީހުން ކުރަނީ އޭގެ ގާނޫނީ ނަތީޖާތަކަށް ވިސްނައިގެނެއް ނޫނެވެ. މުއާމަލާތް ކުރުމުގައި ދެކެވޭ ވާހަކަތަކަށް އެކަނި ބިނާކޮށްގެން ހައްގުތަކާއި ވާޖިބުތައް ކަނޑައަޅަން އުޅެފިނަމަ އެ ފަރާތްތަކުން ބޭނުންވި މަގްސަދު ހާސިލުނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މުދާ ވިއްކުމާބެހޭ ގާނޫނުގައި ބައެއް ޝަރުތުތަކާއި ޔަގީންކޮށްދޭ ކަންކަން ބަޔާންކޮށް އެ ކަންކަމަކީ، ފަރުދުންގެ މެދުގައި މުދާވިއްކުމަށް ކުރެވޭ ކޮންޓްރެކްޓުތަކުގައި ހިމެނޭ ޒިމްނީ ޝަރުތުތަކެއް ކަމަށް ބަޔާންކޮށްފައި ވެއެވެ. ދެފަރާތުގެ ދެމެދުގައި ކުރެވޭ ކޮންޓްރެކްޓުގައި އެ މަގްސަދަށްޓަކައި ހިމަނާ މާއްދާއަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ޒިމްނީ ޝަރުތުތައް އެ ކޮންޓްރެކްޓުން އެއްފަރާތްކުރުމުގެ ހައްގު މުދާ ގަނެވިއްކާ ފަރާތްތަކަށް ލިބިގެންވެއެވެ.

ސިވިލް ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ލޭންޑްއޭރިއާ ކަނޑައެޅުމުގައި އާންމުކޮށް ޢަމަލުކުރަމުންދާ އުސޫލަށް ބަލައި ސަރވޭ ހަދަންޖެހޭ ފަރާތަކީ ކުއްޔަށްހިފާ ފަރާތްކަމަށް ފާހަގަކޮށް، އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައި ވެއެވެ. އޭގެ އިތުރުން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު88-DS/CIR/2011/15 (22 ޑިސެމްބަރު 2011) ސަރކިއުލާއިން އޭގެ ކުރިން ޓޫރިސްޓް ރިސޯޓް އޮޕަރޭޓްކުރާ ފަރާތްތަކަށް ލޭންޑްއޭރިއާ ރިވިއުކޮށް ރީ-ރަޖިސްޓަރކުރުމަށްޓަކައި ސަރވޭ ހަދައި މިނިސްޓްރީއަށް ހުށަހެޅުމަށް އަންގައި އިއުލާންކޮށްފައިވެއެވެ. އެކަމަށްޓަކައި އަމަލުކުރަންޖެހޭ ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވެއެވެ. އެ ގައިޑްލައިނުން މިނިސްޓްރީން އަމަލުކުރަމުންދާ އުސޫލު އަދި އިންޑަސްޓްރީ ޕްރެކްޓިސް އިތުރަށް ސާބިތުވެއެވެ. ވީމާ ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށްދޭ ރަށްރަށާއި ބިމުގެ ބިމުގެ އަކަމިން ބެލުމަށް ކުރަންޖެހޭ ސަރވޭ ކުރަންޖެހެނީ އެ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފަރާތުން ކަން އިންޑަސްޓްރީ ޕްރެކްޓިސް އިން ދޭހަވާތީވެ، އެކަމަކީ މި މައްސަލައިގައި ޚުސޫމަތު އުފެދިފައިވާ ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފަރާތުގެ މައްޗަށް ހިނގާނޭ ޒިމްނީ ޝަރުތެކެވެ.

ނިންމުން

ކުލި ކަނޑައެޅުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ޖުމްލަތަކުން ދޭހަވާ އާންމު މާނައަށް ބެލުމުންނާއި އަދި އެ މާއްދާގައިވާ އަކުރުތަކުގައިވާ ޕެރެގްރާފުތައް އެކުއެކީގައި ކިޔުމުން، ސަރުކާރަށް ދައްކަންޖެހޭ ކުލި ކަނޑައެޅުމަށް ނުވަތަ ހިސާބުކުރުމަށްޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ބިމުގެ އަކަމިން ރެކޯޑުކުރެވިފައިނުވާ ރަށްރަށުގެ ބިމުގެ އަކަމިން ކަނޑައެޅުމަށްޓަކައި ހަދަންޖެހޭ ސަރވޭހަދާނީ ނުވަތަ އެކަންކުމުގެ ޒިންމާ އޮތް ފަރާތަކީ ކުއްޔަށްހިފާފަރާތްކަން ސާފުކޮށް އެނގެއެވެ. ވީމާ، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދީފައިވާ ރަށްރަށާއި ބިންބިމުގެ ލޭންޑްއޭރިއާ އާހިރުގައި ކަނޑައަޅަނީ ނުވަތަ ރަޖިސްޓަރީކުރާނީ ޓޫރިޒަމާބެހޭ މިނިސްޓްރީންކަމާއި، އެގޮތުން ލޭންޑްއޭރިއާ ރަޖިސްޓަރީކުރިކަން އަންގައިދޭ ލިޔުން މިނިސްޓްރީއިން ދޫކުރެވޭނީ، އޭގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް، އެހެނީ ރަށުގެ ސަރވޭއެއް ހުއްދަލިބިފައިވާ ސަރވޭޔަރަކާ ހަވާލުކޮށްގެން ކުއްޔަށްހިފާފަރާތުން ކުރުމަށްފަހު، އެ ސަރވޭ ރިޕޯޓު މިނިސްޓްރީއަށް ހުށަހެޅުމުންކަން ގަވާއިދުގެ ބުނެވުނު މާއްދާތަކުގެ ލަފުޒުތަކަށާއި އިބާރާތްތަކަށް ރިއާޔަތްކުރުމުން ސާފުކޮށް އެނގެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުރައްދުވާ ފަރާތަށް ބ. ހުރާފަރަށް ދައްކަންޖެހޭ ކުލި ދެއްކިފައިނުވަނީ ކުލިދެއްކުމާބެހޭ ގަވާއިދު (ނަންބަރު 2010/R-20) ގެ 4 ވަނަ މާއްދާގެ (ށ) އާއި (ނ) އަދި (ކ) ގައި ބުނާ ކަންކަން ޓޫރިޒަމާބެހޭ މިނިސްޓްރީން ފުރިހަމަކޮށްދީފައިނުވާތީ ކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުން ގާނޫނު މާނަކޮށް ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުފެނެއެވެ.

ކުލީ އެއްބަސްވުމެއްގެ މައިގަނޑު އެއް އިލްތިޒާމަކީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ދެއްކުން ކަމަށްވެފައި އެ އިލްތިޒާމް އޮތީ އަތަމާމެރިންގެ މައްޗަށެވެ. އަދި ކުލި ދެއްކުމުގެ ކުރިން ކުލީގެ އަދަދު ކަނޑައެޅުމަށްޓަކައި ރަށުގެ ބިމުގެ އަކަމިން ބެލުމަށްޓަކައި ކުރަންޖެހޭ ސަރވޭކުރުމަކީ އަތަމާމެރިންގެ މައްޗަށް އޮތް އިލްތިޒާމެއްކަން މަތީގައި އިސްވެ ބަޔާންކުރެވުނު ސަބަބުތަކުން އެނގެއެވެ. ވީމާ ކުލީގެ އެއްބަސްވުމުގެ 14 އަދި 20 އާ ޙަވާލާދީ މިނިސްޓްރީ އޮފް ޓޫރިޒަމް އިން ކުލީގެ އެއްބަސްވުން ބާތިލު ކުރީ ރަގަޅަށް ކަމަށް ދެކެމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2017/HC-A/400 ގަޒިއްޔާގައި ހައިކޯޓުން ހުކުމް ކުރައްވާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުވާތީވެ، އެ ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި އަތަމާ މެރިންއާ ދެމެދު 10 އޮކްޓޯބަރ 2013 ގައި ސޮއިކުރި ކުލީގެ އެއްބަސްވުން މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ބާތިލުކުރީ ސައްހަމަގުން ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/99) އަށް ގެނެވުނު ދެވަނަ އިޞްލާޙު
  • ގަވާއިދު ނަންބަރު 2010/R-20 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ގ)، (ކ)
  • ގަވާއިދު ނަންބަރު 2013/R-2 (2010/R-20 އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު)
  • ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ)
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)
  • ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު)
  • ކުލީގެ އެއްބަސްވުމުގެ 14 ވަނަ މާއްދާ އަދި 20 ވަނަ މާއްދާ
  • 2016/SC-A/23 މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (ޕެރެގްރާފް 73)
  • 2017/HC-A/49 މުޙައްމަދު ޖަމީލު ވ. ސީ ރިޓްރީޓްސް ޕްރައިވެޓް ލިމިޓެޑް
  • ޓްރެއިޓެލް، ދަ ލޯ އޮފް ކޮންޓްރެކްޓް، އެޑްވިން ޕީލް (14 ވަނަ އެޑިޝަން) ޞ. 625-638

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ