ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 30 · 2025/SC-A/47

ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. މުޙައްމަދު ޖާވީދު

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 ސެޕްޓެމްބަރު 2026ދަށު ކޯޓު: 2025/HC-A/08ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2025/HC-A/08، 267-CVC-2024
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ނިންމީ ލޯނެއް ދޫކުރިކަން ސާބިތުކުރެވޭ ހެއްކެއް ނެތީތީ ދަޢުވާ ސާބިތުނުވާކަމަށެވެ. ހައިކޯޓުން ތާއީދުކުރީ، 90 ދުވަހުގެ ތެރޭގައި ލޯނު ދޫކޮށްފައިނުވާކަމާއި، އެއްބަސްވުމުގެ 7 ވަނަ މާއްދާގައިވާ ގޮތަށް ޑިސްބާރސްމަންޓަށް އެދިފައިނުވާކަމަށް ބަލައިގެންނެވެ.
ވާޤިޢާ
2019 ގައި "އޮޑިވެރިޔާ ސްކީމް" ގެ ދަށުން މުޙައްމަދު ޖާވީދަށް ދޫކުރި ޕްރީޕެއިޑް ކާޑަކުން ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބާކީއަށްވުރެ އިތުރަށް ފައިސާ ނެގުނެވެ. 03 ޑިސެމްބަރު 2020 ގެ ސެންކްޝަން ސިޓީއިން ކާޑުގެ 354,200.17ރ. ގެ ބާކީ ލޯނަކަށް ބަދަލުކުރިއެވެ. ފައިސާ ނުދައްކާތީ ބޭންކުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޕްރީޕެއިޑް ކާޑަކުން ބާކީއަށްވުރެ އިތުރަށް ނެގުނު ފައިސާ ލޯނަކަށް ބަދަލުކޮށް ރީސްޓްރަކްޗަރކުރުމަށް ވެވުނު ސެންކްޝަން ސިޓީގައި ޑިސްބާރސްމަންޓަށް އެދެންވާނެކަމަށް ބުނާ މާއްދާއެއް ހުރުމުން، ލޯނެއް ދޫކުރިކަން ސާބިތުނުވާކަމަށް ބުނެ ދަޢުވާ ސާބިތުނުވާކަމަށް ހައިކޯޓުން ނިންމީ އެއްބަސްވުން މާނަކުރުމުގެ އުޞޫލުތަކާ އެއްގޮތަށްތޯ؛ އަދި އެއްބަސްވުމުގެ މަޤްޞަދާއި ބައިވެރިންގެ ނިޔަތާ ފުށުއަރާ މާއްދާ އެއްފަރާތްކޮށް، އެއްބަސްވުމުގެ ދަށުން ބާކީ ފައިސާ ދައްކަންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، މިއީ ކާޑުން އިތުރަށް ނެގުނު ފައިސާ ދެއްކުމަށް ވެވުނު ސްޓެންޑަރޑް ފޯމް އެއްބަސްވުމެއްކަމަށާއި، 7 ވަނަ މާއްދާއަކީ އޮޅުމަކުން ލިޔެވުނު މާއްދާއެއްކަމަށެވެ. މުޙައްމަދު ޖާވީދު ބުނީ، ސޮއިކުރީ ނުފޫޒު ފޯރުވައިގެންކަމަށާއި، ލޯނެއް ދޫކުރިކަން ސާބިތުނުވާކަމަށާއި، ޑިސްބާރސްމަންޓަށް އެދިފައިނުވާކަމަށެވެ.
ކޯޓުގެ ސަބަބުތައް
ނުފޫޒުގެ ނުކުތާ ހައިކޯޓަށް އިސްތިއުނާފުކޮށްފައިނުވާތީ ގޮތެއް ނުނިންމެވެ. އެއްބަސްވުމުގެ ތަޢާރަފާއި 3 އަދި 4 ވަނަ މާއްދާއިން މަޤްޞަދަކީ ކާޑުގެ ބާކީ ދެއްކުންކަން ސާފުވާތީ، އޭގާ ފުށުއަރާ 7 ވަނަ މާއްދާ އެއްފަރާތްކުރަންޖެހެއެވެ. ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެކެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން)؛ ސެންކްޝަން ސިޓީގެ ދަށުން (13 މެއި 2026 ގެ ނިޔަލަށް) ބާކީ 44,594.80ރ. މުޙައްމަދު ޖާވީދު ބޭންކް އޮފް މޯލްޑިވްސްއަށް 1 މަހުގެ ތެރޭގައި ދައްކަން ޙުކުމްކޮށްފައި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނީ ގޮތުން ތަންފީޒުކުރެވޭ ކޮންޓްރެކްޓަކަށް ވުމަށްޓަކައި ކޮންޓްރެކްޓުގެ ބައިވެރިން އެ ކޮންޓްރެކްޓުގައި ރުހި ގަބޫލުވެގެން، އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ބައިވެރިވުން ކޮންޓްރެކްޓާބެހޭ ޤާނޫނު ލާޒިމުކުރެއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުން، ނުފޫޒުފޯރުވައިގެން ނުވަތަ މަޖުބޫރުން ބައިވެރިކުރުވާ ކޮންޓްރެކްޓެއް ބާޠިލުވާނެއެވެ.

HN2 އާންމު އުސޫލެއްގެ ގޮތުން، ކޮންޓްރެކްޓު ވެފައިވަނީ މަޖުބޫރުން ނުވަތަ އަމިއްލަ އިޚްތިޔާރުގައި ނޫންކަމަށް ބުނާނަމަ އެކަން ޝަރީޢަތުގައި ސާބިތުކޮށްދިނުން އޮތީ އެފަދައިން ބުނާ މީހަކަށެވެ. ޑޮކިއުމަންޓެއްގައި މީހަކު ސޮއިކޮށްފައިވަނީ ރުހުމުގައި ކަމަށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ޑޮކިއުމަންޓުގައި ހިމެނިފައިވާ ބަޔާންތަކާއި ވާގިއާތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު، ޞައްޙަ ބަޔާންތަކާއި ވާޤިޢާތަކެއް ކަމުގައި ބެލެވޭނެއެވެ.

HN3 ކޮންޓްރެކްޓްގެ ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުމަކަށް އައުމުގެ ނަތީޖާއަކީ އެ އެއްބަސްވުމުގައިވާ ކަންކަމަށް ޢަމަލުކުރަން އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ލާޒިމުވުމެވެ. މިފަދައިން ވެވޭ އެއްބަސްވުމަކާމެދު ޚިލާފު އުފެދިގެން ފަނޑިޔާރު ކުރިމައްޗަށް ހުށަހެޅިއްޖެނަމަ، ފަނޑިޔާރު ރިޢާޔަތްކުރަންވާނީ، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމަށާއި، ކަމާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށެވެ.

HN4 އެއްބަސްވުމުގެ އެއް މާއްދާއާ އަނެއް މާއްދާ ފުށުއަރާނަމަ، ނުވަތަ ދެ މާއްދާ އެކުގައި ކިޔުމުން އެއް މާނައަށް ވުރެ ގިނަ މާނަ ނެގޭނަމަ، ފަނޑިޔާރު ބުރަވާންޖެހޭނީ ބޭރުފުށުން އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތް ފެންނަން އޮންނަ ގޮތުގެ މައްޗަށެވެ. އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރުފުށުން ކަށަވަރުކުރާނީ ޚިލާފު އުފެދިފައިވާ ކޮންޓްރެކްޓުގެ އިބާރާތް ވުޖޫދުވުމުގެ ވަށައިގެންވާ ހާލަތަށާއި، ވިޔަފާރީގެ މަގްސަދު ހާސިލުކުރެވޭނެ ގޮތަށް ބަލައިގެންނެވެ.

HN5 ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާ ޙާލަތުގައި ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންވާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. އެހެންކަމުން، ހައިކޯޓަށް އިސްތިއުނާފުކޮށްފައި ނުވާ ނުކުތާއަކަށް އަދި އެ ނުކުތާއަކާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ކަމަކަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކެމެވެ.

HN6 އެއްބަސްވުމުގައިވާ މާއްދާތައް އެކުއެކީ ކިޔާލުމުން، އެއްބަސްވުމުގެ މާއްދާއެއް، އެއްބަސްވުން ވުޖޫދުވުމުގައި ބައިވެރިންގެ ނިޔަތާއި އެއްބަސްވުމުގެ މަގުސަދާ މުޅިން ފުށުއަރާގޮތަށް އޮތްނަމަ، އެއްބަސްވުން މާނަކުރުމުގައި އެ މާއްދާ އެއްފަރާތް ކުރަންޖެހޭނެއެވެ.

HN7 މާއްދާއެއްގެ އަރިމަތީ ސުރުޚީގައި "ލޯނުގެ ޢަދަދު" ކަމަށް ބަޔާންކުރިނަމަވެސް، އެއްބަސްވުމުގެ ތަޢާރަފަށާއި މަގުސަދަށް ބެލުމުން، ކާޑުގެ ބާކީއަށްވުރެ އިތުރަށް ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމަށް ކާޑުގައިވާ ބާކީ ލޯނަކަށް ބަދަލުކޮށް ވެފައިވާ އެއްބަސްވުމަކީ މުޅިން އަލަށް ލޯނެއް ދޫކުރުމުގެ އެއްބަސްވުމެއް ނޫނެވެ. އެއްބަސްވުމުގެ ދަށުން މުޅިން އަލަށް ލޯނެއް ދޫކުރާނަމަ، އެއްބަސްވުމުގައި ލޯނު އިންޓަރެސްޓެއްވެސް ބަޔާންކޮށްފައި އޮންނާނެއެވެ.

HN8 އެއްބަސްވުމުގެ މަގުސަދަށާއި، އެއްބަސްވުމަށް އައުމުގައި ބައިވެރިންގެ ނިޔަތަށާއި، އެއްބަސްވުން މާނަކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކުރުމެއްނެތި ދަށު ކޯޓަކުން ގޮތެއް ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ޚިލާފު ކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މަޒްލާން ރަޝީދު، މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަނަސް ޢަބްދުއްސައްތާރު، އެޑްވޮކެސީ ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ޙުސައިން ޝަހީދު (ރިޔާސަތު)، ޑރ. މުޙައްމަދު އިބްރާހީމް، ޢަބްދުﷲ ޙަމީދު
ރިޔާސަތު
ޙުސައިން ޝަހީދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޑރ. މުޙައްމަދު އިބްރާހީމް، ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2026] SC 30 2025/SC-A/47 ޝަރީޢަތް ނިމުނުގޮތް ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. މުޙައްމަދު ޖާވީދު ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޙުސައިން ޝަހީދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢަބްދުﷲ ޙަމީދު ނިމުނު ތާރީޚު 24 ސެޕްޓެމްބަރ 2026 އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2025/HC-A/08 އިސްތިއުނާފުކުރާ ފަރާތް ބޭންކް އޮފް މޯލްޑިވްސް ޕލކ (ރަޖިސްޓްރީ ނަންބަރު C-22/1982) ޤާނޫނީ ވަކީލު: މަޒްލާން ރަޝީދު، މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް އިސްތިއުނާފު ރައްދުވާ ފަރާތް މުޙައްމަދު ޖާވީދު، ސޯމާ، ގއ. ގެމަނަފުށި (އައިޑީ ކާޑު ނަންބަރު A306514) ޤާނޫނީ ވަކީލު: އަނަސް ޢަބްދުއްސައްތާރު، އެޑްވޮކެސީ ޗެމްބަރސް އެލް.އެލް.ޕީ ފައިސާ ހޯދުން، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ، އެއްބަސްވުން މާނަކުރުން بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. މުޙައްމަދު ޖާވީދު [2026] SC 30

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/08 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ (މީގެ ފަހުން "ބޭންކް އޮފް މޯލްޑިވްސް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި މައްސަލައެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ގއ. ގެމަނަފުށި، ސޯމާ، މުޙައްމަދު ޖާވީދުއެވެ.

2ބޭންކް އޮފް މޯލްޑިވްސްއާ މުޙައްމަދު ޖާވީދާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ލޯނަކަށް، އެއްބަސްވެފައިވާގޮތަށް ފައިސާ ދައްކަމުން ނުދާކަމަށް ބުނެ، ލޯނަށް ދައްކަންޖެހޭ އެންމެހާ ފައިސާ، އިންޓަރެސްޓާ ޖުރިމަނާއާއެކު އެކީ އެއްފަހަރާ ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލީ އެ ކޯޓުގެ ނަންބަރު 267-CVC-2024 ޤަޟިއްޔާގައެވެ.

ސިވިލް ކޯޓުގެ ނިންމުން

3ސިވިލް ކޯޓުގެ ނަންބަރު 267-CVC-2024 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން މުޙައްމަދު ޖާވީދަށް ދަޢުވާގައި ހިމެނޭ އެއްބަސްވުމާއެއްގޮތަށް ލޯނެއް ދޫކުރިކަން ޝަރީޢަތަށް ސާބިތުކުރެވޭފަދަ ހެއްކެއް ހުށަހަޅާފައިނުވާތީ، އެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށެވެ. މިގޮތަށް ސިވިލް ކޯޓުން ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

3.1 ބޭންކް އޮފް މޯލްޑިވްސްއާ މުޙައްމަދު ޖާވީދާ ދެމެދު ނަންބަރު BML/VILB/MCOD-35/2020/001 ސެންކްޝަން ސިޓީ (މީގެ ފަހުން "ސެންކްޝަން ސިޓީ" ނުވަތަ "އެއްބަސްވުން") ގައި ސޮއިކޮށްފައިވާކަމާއި، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނުފޫޒު ފޯރުވައިގެންކަން ޝަރީޢަތަށް ސާބިތުކުރެވޭފަދަ އެކަށީގެންވާ ސަބަބެއް މުޙައްމަދު ޖާވީދުގެ ފަރާތުން ހުށަހަޅާފައިނުވާކަން.

3.2 ދެފަރާތު ދެމެދު ސޮއިކުރި އެއްބަސްވުމުގެ 4 ވަނަ ނަންބަރުގެ ދަށުން މުޙައްމަދު ޖާވީދުގެ ކާޑުގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އެނގޭ ލިޔުމެއް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިނުވާކަން.

3.3 އޮޑިވެރިޔާގެ ކާޑުގެ ބޭނުންކޮށްގެން އެ ކާޑުގެ ބާކީއަށްވުރެ އިތުރަށް ފައިސާ ނަގާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނާއިރު، އިތުރަށް ނަގާފައިވާ ފައިސާއަކީ ކޮން ގޮތަކަށް ނަގާފައިވާ ފައިސާއެއްކަން އަދި ފައިސާ ނަގާފައިވާނަމަ އެ ނެގި މިންވަރެއް ޝަރީޢަތަށް ސާބިތުކޮށްދޭ ފަދަ ހެއްކެއް ހުށަހަޅާފައިނުވާކަން.

3.4 މުޙައްމަދު ޖާވީދުގެ ފަރާތުން އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާފައިވާކަމަށް ބުނާ ބުނުމަށް އިންކާރުކޮށްފައިވާކަމާއި، އެގޮތުން މި ލޯނަށް މުޙައްމަދު ޖާވީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައިވާ އެކި އެކައުންޓްތަކުން ފައިސާ އުނިކޮށްފައިވާކަމަށް ބުނާއިރު، ބޭންކް އޮފް މޯލްޑިވްސްއިން އެކަމަށް އިއުތިރާޒު ނުކުރާކަން.

3.5 މި މައްސަލައިގައި ޝަފަހީ ހެކިންގެ ގޮތުގައި ހާޒިރުކުރުމަށް އެދޭ ފަރާތްތަކުގެ ކިބައިން ސާބިތުކުރުމަށް ބަޔާންކޮށްފައިވާ ކަންކަމަކީ ނުފޫޒުފޯރުވައިގެން އެހެން އެއްބަސްވުން ވެފައިވާކަން ސާބިތުކުރުންކަމަށް ވެފައި، މިކަމަކީ ދަޢުވާގައި ހިމެނޭ މުޢާމަލާތާ ގުޅުންހުރި ކަމެއް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންކަމަށްނުވާތީ، އެ ހެކިންގެ ހެކިބަސް ނުނެގުމަށް ޝަރީޢަތުން ނިންމާފައިވާކަން.

3.6 މުޙައްމަދު ޖާވީދުގެ އެކައުންޓްތަކުން އުނިކޮށްފައިވާ ފައިސާއަކީ އަނބުރާ މުޙައްމަދު ޖާވީދަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި ދިނުމަށް މުޙައްމަދު ޖާވީދުގެ ފަރާތުން އެދުނު ނަމަވެސް، މުޙައްމަދު ޖާވީދަށް ޖަވާބު ހުށަހެޅުމަށް ދެވުނު ފުރުސަތު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ރައްދު ދަޢުވާ ފޯމެއް ހުށަހަޅާފައިނުވާކަމާއި، މުޙައްމަދު ޖާވީދުގެ މި ހުށަހެޅުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ރައްދުދީ ހުށަހެޅުމެއް ހުށަހަޅާފައިނުވާތީ، މި ހުށަހެޅުމާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަން.

4ސިވިލް ކޯޓުގެ ނަންބަރު 267-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ހައިކޯޓުގައި ބެލީ އެ ކޯޓުގެ ނަންބަރު 2025/HC-A/08 ޤަޟިއްޔާގައެވެ.

ހައިކޯޓުގެ ނިންމުން

5ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. މިގޮތަށް ހައިކޯޓުން ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

5.1 ސިވިލް ކޯޓުގައި ދަޢުވާ ބިނާކުރި އެއްބަސްވުމަށް ބަލާއިރު ބޭންކް އޮފް މޯލްޑިވްސްއިން ލޯނެއް ދޫކުރަންޖެހޭކަމާއި، އެ ލޯނު ދޫކުރަންޖެހެނީ ސެންކްޝަން ސިޓީގެ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައިކަން އެނގެން އޮންނައިރު، އެކަން ކޮށްފައި ނުވާކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއްނެތްކަން.

5.2 މުޙައްމަދު ޖާވީދުގެ މަސްވެރިޔާ ކާޑުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ ދަޢުވާގައި ބަޔާންކުރާ މިންވަރުގެ ފައިސާ އެކާޑުން ނަގާފައިވާކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ދަށުކޯޓަށް ހުށަހަޅާފައިނުވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނާކަން.

5.3 އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބުނާ ލޯނު ދޫކުރެވުނުކަން އެނގޭނެ ހެއްކެއް ނުވަތަ އެ ލޯނު، ކާޑު މެދުވެރިކޮށް ނަމަވެސް ހަމަޖެއްސިކަން އެނގޭނެ ހެއްކެއް ދަށުކޯޓަށް ހުށަހަޅާފައިނުވާއިރު، އެކަން ބޭންކް އޮފް މޯލްޑިވްސްއިން ސާބިތުކޮށްދީފައިނުވާކަން.

5.4 އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ށ) ގައި، އެއްބަސްވުމުގެ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ސެންކްޝަން ސިޓީގައިވާ އެންމެހާ ލިޔެކިޔުން ފުރިހަމަކުރުމަށްފަހު ޑިސްބާރސްމަންޓަށް އެދެންވާނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި ޑިސްބާރސްމަންޓަށް އެދިފައިނުވާނަމަ، ސެންކްޝަން ސިޓީ ބާޠިލުވާނެކަމަށް ބަޔާންކޮށްފައިވާއިރު، މުޙައްމަދު ޖާވީދު އެފަދައިން ޢަމަލުކޮށްފައި ނުވާކަން.

5.5 މިއީ މުޙައްމަދު ޖާވީދު އެދުމަކަށް ބޭންކުން ދޫކުރި ލޯނަކަށް ފައިސާ ނުދައްކައިގެންކަމަށް ބުނެ އެ މޭރުމުން ކޮށްފައިވާ ދަޢުވާއެއްކަމަށް ވާއިރު، މި މައްސަލައިގައި ހުށަހެޅުނު ހެކިތަކުން އެކަން ސާބިތުނުވާކަމާއި، މުޙައްމަދު ޖާވީދުގެ ފަރާތުން ލޯނަކަށް ނުވަތަ ކްރެޑިޓް ފެސިލިޓީއަކަށް އެދިފައިވާކަންވެސް ހެކިތަކުން އެނގެން ނެތްކަން.

5.6 މައްސަލައެއްގައި ފަނޑިޔާރު ޙުކުމްކުރާނީ ހުށަހެޅިފައިވާ ދަޢުވާއަށާއި ހެކިތަކަށް ބިނާކޮށް ކަމަށާއި، ކަން ހިނގާފައިވާގޮތުގެ ދިމާ އިދިކޮޅަށް ދަޢުވާ ބިނާކޮށް ދަޢުވާކުރުމުން، ނުވަތަ ކަމާގުޅޭ އަސާސީ ހެކިތައް ހުށަހަޅާފައިނުވުމުން، ފެންނަންހުރި ސާފު ހެކިތައް އެއްކިބާކޮށް ބޭންކް އޮފް މޯލްޑިވްސް އިން އެދޭ ދޭހައެއް ފަނޑިޔާރަށް ނުނެރެވުމަކީ ޤާނޫނީގޮތުން ފަނޑިޔާރު ހެދި ގޯހެއްކަމަށް ބަލަންޖެހޭ ޤާނޫނީ އަސާސެއްނެތްކަން.

6ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2025/HC-A/08 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

7ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފީ 02 (ދޭއް) ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާމެދު ސުޕްރީމް ކޯޓުގައި ވާހަކަ ދައްކާފައިވެއެވެ.

7.1 މުޙައްމަދު ޖާވީދުގެ ފަރާތުން މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ދަޢުވާގައި ބަޔާންކުރާ މިންވަރުގެ ފައިސާ ނަގާފައިވާކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ، ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއަށާއި އެ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކުރުމެއްނެތި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާ އަދި ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ ޤަޟިއްޔާގައި ކިތާބީ ހެއްކާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

7.2 އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ލޯނު ހަމަޖެއްސިކަން އެނގޭނެ ހެއްކެއް ދަށުކޯޓަށް ހުށަހަޅާފައިނުވާ ކަމަށް އަދި މުޙައްމަދު ޖާވީދުގެ ފަރާތުން ލޯނަކަށް ނުވަތަ ކްރެޑިޓް ފެސިލިޓީއަށް އެދިފައިވާކަން ހެކިތަކުން އެނގެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކުރުމެއްނެތި، އެއްބަސްވުން މާނަކުރުމާ ގުޅޭގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކުރުމެއްނެތި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދެފަރާތުން ދެއްކި ވާހަކަ

8މި މައްސަލަ ހުށަހަޅަމުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ، 3 އެޕްރީލް 2019 ގައި "އޮޑިވެރިޔާ ސްކީމް" ގެ ދަށުން ޕްރީޕެއިޑް ކާޑެއް މުޙައްމަދު ޖާވީދަށް ދޫކުރެވުނު ކަމަށެވެ. މިއީ ޑެބިޓް ކާޑެއް ކަމަށާއި، އާންމު އުޞޫލެއްގެ ގޮތުން މި ކާޑުގެ ދަށުން ފައިސާ ނެގޭގޮތަށް އިންނަނީ ކަސްޓަމަރ އެކައުންޓަށް ލާ ފައިސާއެއް ނެގޭގޮތަށް ކަމަށެވެ. ނަމަވެސް، ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެކައުންޓުގައި ނެތް ފައިސާއެއް އޯވަރ ޑްރޯ ކުރެވިފައިވާ ކަމަށެވެ.

9އެ ގޮތުން، މި މައްސަލައިގައި އިތުރަށް 354,200.17ރ. (ތިންލައްކަ ފަންސާސް ހަތަރުހާސް ދުއިސައްތަ ރުފިޔާ ސަތާރަ ލާރި) ނެގިފައިވާކަމަށާއި، މިކަން އެނގުނު ހިސާބުން ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރއަށް އެޕްރޯޗްކޮށް މިގޮތަށް ކަން ހިނގާފައިވާކަމަށާއި، ޖުމްލަ 112 ކާޑެއްގަ މި މައްސަލަ ދިމާވި ކަމަށާއި، މިގޮތަށް ދިމާވުމުން އެ އަދަދު ބޭންކަށް ދެއްކުމަށް ފުރުޞަތު ދިނީކަމަށާއި، ކުދިކުދި އަދަދުތައް އެއްކޮށް ދެއްކުމަށް ފުރުސަތުދިން ކަމަށާއި، ނަމަވެސް ބޮޑެތި އަދަދުތައް ނަގާފައިވާ ފަރާތްތަކަށް 6 މަހާ 36 މަހާ ދޭތެރޭގެ ފުރުޞަތެއް ދިންކަމަށާއި، ފުރުސަތު ދިނީ އެ އަދަދު ދެއްކުމަށް ރިސްޓްރަކްޗަރ ކުރުމަށް ފަހު، ސްޓެންޑަރޑް ފޯމް ސެންކްޝަނެއްގައި ސޮއިކުރުމަށްފަހުކަމަށާއި، ސްޓެންޑަރޑް ފޯމް ސެންކްޝަނެއްގައި މި މުޢާމަލާތާ ގުޅުންނެތް ނުބައްދަލު މާއްދާތަކެއް ހުރެދާނެކަމަށެވެ. ސެންކްޝަންގެ 3 ވަނަ މާއްދާގައި މިއީ 3 ޑިސެމްބަރު 2020 ނިޔަލަށް ކާޑުގައިވާ ބާކީ ދެއްކުމަށް ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށާއި، އަދި 4 ވަނަ މާއްދާގައި ލޯނުގެ މަޤުޞަދަކީ ލޯނު ނަގާ ފަރާތުގެ ނަމުގައިވާ އޮޑިވެރިޔާ ކާޑުގައިވާ ޖުމްލަ ބާކީ ދައްކާ ޚަލާޞްކުރުމަށް ކަމަށް ބަޔާންކޮށްފައިވާތީ، މުޢާމަލާތުގެ އަސާސް ސާފުވާކަމަށާއި، އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން ޑިސްބާރސްމަންޓަށް އެދެން ޖެހޭކަމަށް ބުނެފައިވާ މާއްދާއަކީ އޮޅުމަކުން ލިޔެވިފައިވާ މާއްދާއެއްކަމަށާއި، މުޅި އެއްބަސްވުން ނަފީވާވަރުގެ އޮޅުންބޮޅުމެއް ނާންނަކަމަށް ވާނަމަ، އޭގެ ނަތީޖާ އެއްފަރާތް ކުރެވިދާނެކަމަށެވެ.

10މީގެ ރައްދުގައި މުޙައްމަދު ޖާވީދުގެ ފަރާތުން ބުނެފައިވަނީ، ދަޢުވާގައި ބުނާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނުފޫޒު ފޯރުވައިގެންކަމަށާއި، ދަޢުވާގައި ބުނާ އެއްބަސްވުމުގެ ދަށުން ލޯނެއް ދޫކޮށްފައިވާކަން ޝަރީޢަތަށް ސާބިތުކުރެވޭފަދަ ހެއްކެއް ހުށަހަޅާފައި ނުވާކަމަށާއި، އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ޖާވީދު ގިނަ އަދަދެއްގެ ފައިސާ ދައްކާފައިވާކަމަށް ބުނާއިރު، އެ ފައިސާއަކީ މުޙައްމަދު ޖާވީދުގެ އެކައުންޓުން އުނިކޮށްފައިވާ ފައިސާކަމަށާއި، އެއްބަސްވުމުގައި ކުށްތަކެއް ހުރިކަމަށް ބޭންކް އޮފް މޯލްޑިވްސްއިން އެއްބަސްވާއިރު، އެއްބަސްވުމުގެ ދަށުން މުޙައްމަދު ޖާވީދުގެ ފަރާތުން ޑިސްބާރސްމަންޓަށް އެދިފައިނުވާކަމަށާއި، މިކަންކަން ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބެއް ހުށަހަޅާފައިނުވުމުން، މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ

11ބޭންކް އޮފް މޯލްޑިވްސްއިން ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާއަށް ބަލާއިރު، މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހެނީ، އެއްބަސްވުމުގައިވާ ކަމަށް ޚަޞްމުން ބުނާ އޮޅުންބޮޅުން (ފުށުއެރުން) ހުރި މާއްދާތަކެއްގެ ސަބަބުން، މި އެއްބަސްވުމަކީ ތަންފީޒުކުރެވިދާނެ އެއްބަސްވުމެއް ކަމާމެދު އުފައްދާ ސުވާލަށް ކަމުގައި ދެކެމެވެ.

ދަޢުވާ ސާބިތުނުވާކަމަށް ހައިކޯޓުން ނިންމި ސަބަބު

12ސިވިލް ކޯޓުގައި ބޭންކް އޮފް މޯލްޑިވްސްއިން ހުށަހެޅި ދަޢުވާއަކީ މުޙައްމަދު ޖާވީދުގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސްއިން -/354,200.17ރ. (ތިންލައްކަ ފަންސާސް ހަތަރުހާސް ދުއިސައްތަ ރުފިޔާ ސަތާރަ ލާރި) ގެ ލޯނެއް އެފަރާތަށް ދޫކޮށްފައިވާކަމަށް ބުނެ، އެ ލޯނަށް ދައްކަންޖެހޭ ފައިސާ، އިންޓަރެސްޓާއި ޖުރިމަނާއާއެކު އެކީ އެއްފަހަރާ ހޯދުމަށް ކުރި ދަޢުވާއެކެވެ. ދަޢުވާ ބިނާކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި މުޙައްމަދު ޖާވީދާ ދެމެދު ވެފައިވާ ނަންބަރު BML/VILB/MCOD-35/2020/001 ސެންކްޝަން ސިޓީ ނުވަތަ އެއްބަސްވުމަށެވެ.

13ސިވިލް ކޯޓުން ނިންމާފައިވަނީ ދަޢުވާގައި ބުނާ އެއްބަސްވުމުގެ ދަށުން ލޯނެއް ދޫކުރިކަން ޝަރީޢަތަށް ސާބިތުކުރެވޭފަދަ ހެއްކެއް ހުށަހަޅާފައިނެތުމާއެކު، އެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށެވެ.

14ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓުގެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް، ނިންމާފައިވަނީ އެއްބަސްވުމުގައި ހުރިކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނާ ގުޅުން ނެތް މާއްދާތަކަށް ރިޢާޔަތްކޮށް، މި އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއިން ލޯނެއް ދޫކުރަންޖެހޭކަމަށާއި، އެފަދަ ލޯނެއް ދޫކޮށްފައިނުވާކަމަށާއި، އަދި ކްރެޑިޓް ފެސިލިޓީއަކަށް އެދިފައިނުވާކަން އެނގެން އޮންނައިރު، ފަނޑިޔާރު ޙުކުމްކުރާނީ ހުށަހެޅިފައިވާ ދަޢުވާއަށާއި ހެކިތަކަށް ބިނާކޮށްކަމަށެވެ.

އެއްބަސްވުމުގައި ހުރިކަމަށް ބުނާ ފުށުއެރުން

15ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ ދަޢުވާގައި ބުނާ އެއްބަސްވުމަކީ، މުޙައްމަދު ޖާވީދަށް ދޫކުރެވިފައިވާ އޮޑިވެރިޔާގެ ކާޑަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެކައުންޓުގައި ނެތް ފައިސާއެއް އޯވަރ ޑްރޯ ކުރެވުމާ ގުޅިގެން، އިތުރަށް އެކައުންޓުން ނެގިފައިވާ އަދަދު ދެއްކުމަށް ވެވުނު އެއްބަސްވުމެއް ކަމަށާއި، ކާޑުގައިވާ ޖުމްލަ ބާކީ ލޯނަކަށް ބަދަލުކޮށް، ރީސްޓްރަކްޗަރކުރުމުގެ ގޮތުން ސޮއިކުރީ ސްޓެންޑަޑް ފޯމް ސެންކްޝަނެއްގައި ކަމަށާއި، އެއްބަސްވުމުގައި ކަމާނުގުޅޭ މާއްދާތަކެއް ހުރި ސަބަބަކީ އެއީ ކަމަށާއި، އެއްބަސްވުމުގައި ކަމާ ގުޅުން ނެތް މާއްދާތަކެއް ހުރިނަމަވެސް، މުޅި އެއްބަސްވުން ނަފީކުރާވަރުގެ މާއްދާއެއް ނެތުމުން މި އެއްބަސްވުމުގައި ހުރި ޚިލާފުތައް އެއްފަރާތް ކުރެވިދާނެކަމަށެވެ.

16އެގޮތުން، ޑިމާންޑް ލޯނަކަށް ރީސްޓްރަކްޗަރ ކުރުމުން، އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން ޑިސްބާރސްމަންޓަށް އެދެންވާނެކަމަށް ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެއްބަސްވުމުގައި ހުރި ކަމާ ގުޅުން ނެތް ކަންކަންކަމަށެވެ. ނަމަވެސް އެއްބަސްވުމުގެ މަޤުސަދަށް ބެލުމުން އެއްބަސްވުމަށް އައީ ކީއްވެގެންކަން ސާފުވާކަމަށާއި، މިއީ ޑެބިޓް ކާޑުން އިތުރަށް ނަގާފައިވާ ފައިސާއެއް އަނބުރާ ދެއްކުމަށް ވެފައިވާ އެރޭންޖްމަންޓެއް ކަން ދެފަރާތަށްވެސް ސާފުކަމަށެވެ. މުޙައްމަދު ޖާވީދުގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން ލޯނެއް ދޫކޮށްފައިނުވާކަމަށާއި އަދި ޑިސްބާރސްމަންޓަށް އެދިފައިނުވާނެކަމަށެވެ.

17ވުމާއެކު، މި މައްސަލައިގައި ޚިލާފު އުފެދިފައިވަނީ ހައިކޯޓުން އެއްބަސްވުން މާނަކުރި ގޮތާ ގުޅޭގޮތުން ކަމަށް ދެކެމެވެ. އެގޮތުން، އެއްބަސްވުމުގައި ހުރި ކަމާގުޅުން ނެތް މާއްދާތައް އެއްފަރާތް ކޮށް އެއްބަސްވުން މާނަކުރެވިދާނެތޯ ބަލާއިރު އަންނަނިވިކަންކަން ފާހަގަކުރަމެވެ.

އެއްބަސްވުން މާނަކުރުން

18HN1HN2ޤާނޫނީ ގޮތުން ތަންފީޒުކުރެވޭ ކޮންޓްރެކްޓަކަށް ވުމަށްޓަކައި ކޮންޓްރެކްޓުގެ ބައިވެރިން އެ ކޮންޓްރެކްޓުގައި ރުހި ގަބޫލުވެގެން، އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ބައިވެރިވުން ކޮންޓްރެކްޓާބެހޭ ޤާނޫނު ލާޒިމުކުރެއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުން، ނުފޫޒުފޯރުވައިގެން ނުވަތަ މަޖުބޫރުން ބައިވެރިކުރުވާ ކޮންޓްރެކްޓެއް ބާޠިލުވާނެއެވެ. އާންމު އުސޫލެއްގެ ގޮތުން، ކޮންޓްރެކްޓު ވެފައިވަނީ މަޖުބޫރުން ނުވަތަ އަމިއްލަ އިޚްތިޔާރުގައި ނޫންކަމަށް ބުނާނަމަ އެކަން ޝަރީޢަތުގައި ސާބިތުކޮށްދިނުން އޮތީ އެފަދައިން ބުނާ މީހަކަށެވެ. ޑޮކިއުމަންޓުގައި މީހަކު ސޮއިކޮށްފައިވަނީ އެ މީހާގެ ރުހުން ނެތި ކަމަށް މީހަކު ބުނާ ހާލަތުގައި، އެ މީހާ އެ ޑޮކިއުމަންޓުގައި ސޮއިކޮށްފައިވަނީ ރުހުމުގައި ކަމަށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ޑޮކިއުމަންޓުގައި ހިމެނިފައިވާ ބަޔާންތަކާއި ވާގިއާތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު، ޞައްޙަ ބަޔާންތަކާއި ވާޤިޢާތަކެއް ކަމުގައި ބެލެވޭނެއެވެ.

19HN3ކޮންޓްރެކްޓްގެ ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުމަކަށް އައުމުގެ ނަތީޖާއަކީ އެ އެއްބަސްވުމުގައިވާ ކަންކަމަށް ޢަމަލުކުރަން އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ލާޒިމުވުމެވެ. މިފަދައިން ވެވޭ އެއްބަސްވުމަކާމެދު ޚިލާފު އުފެދިގެން ފަނޑިޔާރު ކުރިމައްޗަށް ހުށަހެޅިއްޖެނަމަ، ފަނޑިޔާރު ރިޢާޔަތްކުރަންވާނީ، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމަށާއި، ކަމާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށެވެ.

20HN4ލިޔުމުން ވެފައިވާ އެއްބަސްވުމަކާ ގުޅިގެން ފަނޑިޔާރުގެ ކުރިމައްޗަށް ޚުޞޫމަތެއް ހުށަހެޅޭ ހިނދު، އެއްބަސްވުން މާނަކުރުމުގެ އަސާސީ އުޞޫލުތަކެއް މި ކޯޓުގެ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން) ޤަޟިއްޔާއާއި، ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި، ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.

21އެގޮތުން، ލިޔެވިފައިވާ ކޮންޓްރެކްޓެއް މާނަކުރުމާގުޅޭ ގޮތުން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން) ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުއޫދުގެ ރައުޔުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"ލިޔެފައިވާ ކޮންޓްރެކްޓެއްގެ މާއްދާއެއް ކޯޓުން މާނަކުރުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތް ދެނެގަތުމަށްޓަކައި ކުރާ މަސައްކަތެކެވެ. އިންވެސްޓަރސް ކޮމްޕެންސޭޝަން ސްކީމް ލިމިޓެޑް ވ. ވެސްޓް ބްރޮމްވިޗް ބިލްޑިންގ ސޮސައިޓީ ގަޒިއްޔާގައި ލޯޑް ހޮފްމަން ބުނެފައިވަނީ ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މާއްދާއިން ކޮންޓްރެކްޓުގެ ބައިވެރިން ނެރެން ބޭނުންވި މާނަ ކޯޓުން ނަގަންވާނީ، ކޮންޓްރެކްޓުގެ ބައިވެރިންނަށް ކޮންޓްރެކްޓު ކުރިއިރު އެނގިފައިވާ ކަމަށް ގަބޫލުކުރެވޭ ހުރިހާ ހަގީގަތްތައް އެނގިހުރި ސަބަބުވެރި ކިޔުންތެރިއަކަށް، އެ މާއްދާ މާނަކުރެވޭ ގޮތަށް ކަމަށެވެ. ވީމާ، ކޮންޓްރެކްޓުގެ މާއްދާއަކުން ނުވަތަ އިބާރާތަކުން އެއް މާނައަށްވުރެ ގިނަ މާނަ ނެގޭ ނަމަ، އެ މާނަތަކުގެ ތެރެއިން ކޯޓުން ބުރަވާންވާނީ ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރު ފުށުން ކަށަވަރު ކުރެވެން އޮންނަ ގޮތުގެ މައްޗަށެވެ. ކޮންޓްރެކްޓުގެ ބައިވެރިންގެ މައުނަވީ ނިޔަތުގެ މައްޗަކަށް ނޫނެވެ. ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރުފުށުން ކަށަވަރުކުރާނީ ޚިލާފު އުފެދިފައިވާ ކޮންޓްރެކްޓުގެ އެ އިބާރާތް ވުޖޫދުވުމުގެ ވަށައިގެންވާ ހާލަތަށާއި، ވިޔަފާރީގެ މަގްސަދު ހާސިލުކުރެވޭނޭ ގޮތަށް ރިއާޔަތްކޮށްގެންނެވެ."

22މީގެ އިތުރުން މި ކޯޓުގެ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު ޤަޟިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަންނަނިވި ގޮތަށް ފާހަގަކޮށްފައިވެއެވެ.

"އެއްބަސްވުން ކިޔުމުން، ވަކިކަމަކާމެދު އެއް މާނައަށް ވުރެ ގިނަ މާނަ އޭގެން ދޭހަވާނަމަ (ambiguity)، އަދި އެއީ ވިޔަފާރި މުޢާމަލާތެއްނަމަ، ކޯޓުން އެފަދަ ހާލަތެއްގައި އެކަމެއް މާނަކޮށް ކަނޑައަޅަންވާނީ އެއްބަސްވުމުގައި ބޭނުންކޮށްފައިވާ ބަސްތަކާއި ލަފުޒުތަކާއި ފުށުނާރާ، ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނަ (business common sense) މާނައެކެވެ. މިފަދަ ހާލަތެއްގައި ކޯޓުން އެއްބަސްވުން މާނަކުރުމުގައި ކަންހިނގާދިޔަ ގޮތުގެ ހަޤީޤަތްތަކާއި، ވަށައިގެންވާ ކަންކަމަށް ބަލައި، ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނަ މާނައެއް ކުރުމަށް ފަނޑިޔާރު މަސައްކަތްކުރަންވާނެއެވެ."

23ވުމާއެކު، އެއްބަސްވުމުގެ އެއް މާއްދާއާ އަނެއް މާއްދާ ފުށުއަރާނަމަ، ނުވަތަ ދެ މާއްދާ އެކުގައި ކިޔުމުން އެއް މާނައަށް ވުރެ ގިނަ މާނަ ނެގޭނަމަ، ފަނޑިޔާރު ބުރަވާންޖެހޭނީ ބޭރުފުށުން އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތް ފެންނަން އޮންނަ ގޮތުގެ މައްޗަށެވެ. އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރުފުށުން ކަށަވަރުކުރާނީ ޚިލާފު އުފެދިފައިވާ ކޮންޓްރެކްޓުގެ އިބާރާތް ވުޖޫދުވުމުގެ ވަށައިގެންވާ ހާލަތަށާއި، ވިޔަފާރީގެ މަގްސަދު ހާސިލުކުރެވޭނެ ގޮތަށް ބަލައިގެންނެވެ.

މަޖުބޫރުން ވެފައިވާ އެއްބަސްވުމެއްކަމަށް ބުނާ ބުނުން

24HN5ބޭންކް އޮފް މޯލްޑިވްސްއާ މުޙައްމަދު ޖާވީދާ ދެމެދު ވެފައިވާ އެއްބަސްވުމަކީ މަޖުބޫރުން އަމިއްލަ އިޚްތިޔާރުގެ ބޭރުން ވެފައިވާ އެއްބަސްވުމެއްކަމަށް މުޙައްމަދު ޖާވީދުގެ ފަރާތުން ބުނެފައިވާ ބުނުމަށް ބަލާއިރު، މި އެއްބަސްވުމަކީ މަޖުބޫރުން ބިރުދައްކައިގެން ވެފައިވާ އެއްބަސްވުމެއްކަމަށް ބުނެ މުޙައްމަދު ޖާވީދު ފަރާތުން ސިވިލް ކޯޓުގައި ފާހަގަކުރުމުން، މުޙައްމަދު ޖާވީދަށް ނުފޫޒެއް ފޯރުވައިގެން އެއްބަސްވުން ވެފައިވާކަން ޝަރީޢަތަށް ސާބިތުކުރެވޭފަދަ އެކަށީގެންވާ ސަބަބެއް ހުށަހަޅާފައިނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ. ސިވިލް ކޯޓުގެ މި ނިންމުން އިސްތިއުނާފުކުރުމަށް މުޙައްމަދު ޖާވީދުގެ ފަރާތުން ހައިކޯޓުގައި ހުށަހަޅާފައިނުވެއެވެ. ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާ ޙާލަތުގައި ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންވާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް އޮންނަ އޮތުމަށް ރިޢާޔަތްކުރާއިރު، މުޙައްމަދު ޖާވީދުގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފުކޮށްފައި ނުވާ ނުކުތާއަކަށް އަދި އެ ނުކުތާއަކާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ކަމަކަށް މި މަރުޙަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކެމެވެ. އަދި ސިވިލް ކޯޓުގެ ނިންމުމުގައިވާ ފަދައިން މުޙައްމަދު ޖާވީދަށް ނުފޫޒެއް ފޯރުވައިގެން އެއްބަސްވުން ވެފައިވާކަން ޝަރީޢަތަށް ސާބިތުކުރެވޭފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައިވާކަން އެނގެންނެތެވެ.

އެއްބަސްވުން މާނަކުރުމުގެ އުޞޫލު ތަޠުބީޤުކުރުން

25މި މައްސަލައިގެ މައިގަނޑު ޚިލާފު އުފެދިފައިވަނީ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން ޑިސްބާރސްމަންޓަށް އެދެންވާނެކަމަށް ބަޔާންކޮށްފައިވާތީ އެކަމުގެ މައްޗަށެވެ. ވުމާއެކު، މި ޚިލާފު ދެނެގަތުމަށް އެއްބަސްވުން މާނަކުރުމާގުޅޭ ގޮތުން މި ރައުޔުގެ 18 ވަނަ ޕެރެގްރާފުން 22 ވަނަ ޕެރެގްރާފަށް ބަޔާންކޮށްފައިވާ އުޞޫލު ތަޠުބީޤުކުރުމަށް، އެއްބަސްވުމަށް އައުމުގައި އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބެލުން މުހިންމު ކަމުގައި ދެކެމެވެ. މި އެއްބަސްވުމަކީ އޮޑިވެރިޔާ ސްކީމްގެ ދަށުން މުޙައްމަދު ޖާވީދު ބޭނުން ކުރަމުން އައި ޕްރީޕެއިޑް ކާޑަކުން އިތުރަށް ނެގިފައިވާ ފައިސާ ބޭންކަށް ދެއްކުމަށް ވެވުނު އެއްބަސްވުމެއްކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނާއިރު، އަދި، އެއްބަސްވުން ވެވުނީ މި މަޤުޞަދުގައިކަން އެއްބަސްވުން ވެވުނު އިރު މުޙައްމަދު ޖާވީދުއަށް އެނގޭކަން މުޙައްމަދު ޖާވީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އޮޑިވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ޕްރީޕެއިޑް ކާޑަކީ ރީލޯޑް ކޮށްގެން ބޭނުންކުރާ ބާވަތުގެ ކާޑެއް ކަމަށްވާއިރު، ކާޑުގައިވާ ބެލެންސްގެ އިތުރަށް ފައިސާ ނެގިއްޖެ ހާލަތެއް އަތުވެއްޖެނަމަ، އެ ފައިސާއަކީ މުޙައްމަދު ޖާވީދުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން ޕްރީޕެއިޑް ކާޑުގެ ޓަރމްސް އެންޑް ކަންޑިޝަންސްއިން އެނގެއެވެ.

26ބޭންކް އޮފް މޯލްޑިވްސްއާ މުޙައްމަދު ޖާވީދާ ދެމެދު ވެވުނު އެއްބަސްވުމުގެ ތަޢާރަފުގައި ބުނެފައިވަނީ 03 އެޕްރީލް 2019 ގައި މުޙައްމަދު ޖާވީދަށް ދޫކުރެވިފައިވާ އޮޑިވެރިޔާގެ ކާޑު ބޭނުންކޮށްގެން ކާޑުގެ ބާކީއަށްވުރެ އިތުރަށް ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމުގެ އުޞޫލުގެ ދަށުން، ކާޑުގައިވާ ޖުމްލަ ބާކީ ލޯނަކަށް ބަދަލުކޮށް ރީސްޓްރަކްޗަރ ކޮށްފައިވާކަމަށެވެ. އަދި އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ލޯނު ނަގާ މަގުސަދަކީ މުޙައްމަދު ޖާވީދުގެ ނަމުގައި އޮޑިވެރިޔާ ކާޑުގައިވާ ޖުމްލަ ބާކީ ދައްކާ ޚަލާޞްކުރުންކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެއްބަސްވުމުގެ 3 ވަނަ މާއްދާގައި "ލޯނުގެ ޢަދަދު" ކަމަށް ބަޔާންކުރުމަށްފަހު، 03 ޑިސެމްބަރު 2020 ގެ ނިޔަލަށް ކާޑުގައިވާ ޖުމްލަ ބާކީއަކީ 354,200.17 (ތިންލައްކަ ފަންސާސް ހަތަރުހާސް ދުއިސައްތަ ރުފިޔާ ސަތާރަ ލާރި) ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ށ) ގައި ސެންކްޝަން ސިޓީގެ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ޑިސްބާރސްމަންޓަށް އެދެންވާނެކަމަށާއި، މި މުއްދަތުގައި ޑިސްބާރސްމަންޓަށް އެދިފައިނުވާނަމަ، ސެންކްޝަން ބާޠިލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 03 ޑިސެމްބަރު 2020 ގައެވެ.

27HN7ވުމާއެކު، މި އެއްބަސްވުމަކީ މުޙައްމަދު ޖާވީދަށް ދޫކުރެވިފައިވާ އޮޑިވެރިޔާގެ ކާޑު ބޭނުންކޮށްގެން ކާޑުގެ ބާކީއަށްވުރެ އިތުރަށް ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން، އެއްބަސްވުންވިއިރު ކާޑުގައިވާ ބާކީ ލޯނަކަށް ބަދަލުކޮށް މިގޮތުގެ މަތިން ވެފައިވާ އެއްބަސްވުމެއްކަން އެއްބަސްވުމުގެ ތަޢާރަފަށާއި އެއްބަސްވުމުގެ 4 ވަނަ މާއްދާއަށް ބެލުމުން ސާފެވެ. އަދި 03 ޑިސެމްބަރު 2020 ގެ ނިޔަލަށް ކާޑުގައިވާ ޖުމްލަ ބާކީއަކީ 354,200.17 (ތިންލައްކަ ފަންސާސް ހަތަރުހާސް ދުއިސައްތަ ރުފިޔާ ސަތާރަ ލާރި) ކަން އެއްބަސްވުމުގެ 3 ވަނަ މާއްދާއިން ސާފުވެއެވެ.

28HN6އެއްބަސްވުމުގައިވާ މާއްދާތައް އެކުއެކީ ކިޔާލުމުން، އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބުނާ ޑިސްބާރސްމަންޓަށް އެދެންޖެހޭކަމަށް އޮތް އޮތުން، އެއްބަސްވުމުގެ މަގުސަދު ކަމުގައިވާ އޮޑިވެރިޔާގެ ކާޑުގެ ބާކީއަށްވުރެ އިތުރަށް ނަގާފައިވާ ފައިސާ ދެއްކުމާ ފުށުއަރައެވެ. އަދި އެއްބަސްވުމުގެ 3 ވަނަ މާއްދާގައި އަރިމަތީ ސުރުޚީގައި "ލޯނުގެ ޢަދަދު" މިފަދައިން ބަޔާންކުރިނަމަވެސް، އެ މާއްދާގައި ބުނަނީ 03 ޑިސެމްބަރު 2020 ގެ ނިޔަލަށް ކާޑުގައިވާ ޖުމްލަ ބާކީކަން އެނގެއެވެ. އެއްބަސްވުމުގެ މަގުސަދަކީ ކާޑުގައިވާ ޖުމްލަ ބާކީ އަނބުރާ ދެއްކުމުގެ އުޞޫލެއް ބަޔާންކުރުމެވެ. މި އެއްބަސްވުމަށް ވާސިލުވެފައިވަނީ އޮޑިވެރިޔާގެ ކާޑުން އިތުރަށް ފައިސާ ނެގިފައިވާތީ، އެ ފައިސާ ދެއްކުމަށްކަމާއި، އަދި މިކަން އެއްބަސްވުމަށް އާދެވުނު އިރު މުޙައްމަދު ޖާވީދަށް އެނގޭކަން މުޙައްމަދު ޖާވީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އެއްބަސްވުމުގެ ދަށުން މުޅިން އަލަށް ލޯނެއް ދޫކުރާކަމަށް މާނަކުރާނަމަ، އެއްބަސްވުމުގައި ލޯނު އިންޓަރެސްޓެއްވެސް ބަޔާންކޮށްފައި އޮންނާނެކަމަށް ދެކެމެވެ. ނަމަވެސް، މި އެއްބަސްވުމުގައި ލޯނު އިންޓްރެސްޓްގެ ގޮތުގައި އެއްވެސް މިންވަރެއް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

29އެހެންކަމުން، އެއްބަސްވުމުގެ 7 ވަނަ މާއްދާ މާނަކުރެވެނީ އެއްބަސްވުމުގެ މަގުސަދާ ބައިވެރިންގެ ނިޔަތާ ޚިލާފަށް ދެކޮޅުނުޖެހޭ މާނައެއް ދޭހަވާގޮތަށްކަމަށްވާތީ، މި މާއްދާއަކީ، އެއްބަސްވުން ވުޖޫދުވުމުގައި ބައިވެރިންގެ ނިޔަތާއި، އެއްބަސްވުމުގެ މަގުސަދާ މުޅިން ފުށުއަރާގޮތަށް އޮތް މާއްދާއެއްކަމުން، އެއްބަސްވުން މާނަކުރުމުގައި މި މާއްދާ އެއްފަރާތް ކުރަންޖެހޭކަމަށް ދެކެމެވެ. ބުނެވުނު މާއްދާ އެއްފަރާތްކުރުމުން، މި އެއްބަސްވުމަކީ އޮޑިވެރިޔާގެ ކާޑުގެ ބާކީއަށްވުރެ އިތުރަށް ނަގާފައިވާ ފައިސާ ދެއްކުމާގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމެއްކަމާއި، އެއްބަސްވުމުގައިވާ ޢަދަދަކީ މުޙައްމަދު ޖާވީދުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާއެއްކަން އެނގެއެވެ.

30HN8އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުކުރެވޭ މައްސަލަ ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކުރާނީ ދަޢުވާގައިވާ ކަންކަމަށް ކަމުގައި ބަޔާންކުރުމަށްފަހު، މި މައްސަލައަކީ ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރި ލޯނަކަށް ފައިސާ ނުދައްކައިގެން އެ މޭރުމުން ހުށަހެޅުނު ދަޢުވާއެއްކަމުގައި ބަޔާންކޮށް، އެއްބަސްވުމުގެ ދަށުން ލޯނު ފައިސާ ދޫކޮށްފައިވާކަން ހުށަހެޅުނު ހެކިތަކުން އެނގެން ނެތްކަމަށް ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ މަގުސަދަށާއި، އެއްބަސްވުމަށް އައުމުގައި ބައިވެރިންގެ ނިޔަތަށާއި، އެއްބަސްވުން މާނަކުރުމާ ގުޅޭގޮތުން މި ކޯޓުން ނިންމާފައިވާ މަތީގައި ހަވާލާދީފައިވާ ނިންމުންތަކަށް ރިޢާޔަތްކުރުމެއްނެތި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ޚިލާފަށްކަމަށް ދެކެމެވެ.

31މި އެއްބަސްވުމަކީ އޮޑިވެރިޔާ ކާޑުން އިތުރަށް ނަގާފައިވާ ފައިސާ ދެއްކުމުގެ ގޮތުން ރީސްޓްރަކްޗަރ ކުރެވިފައިވާ އެއްބަސްވުމެއްކަމަށް ވެފައި، އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއަށް މިހާރު ނުލިބިވާ މިންވަރަކީ 44,594.80ރ. (ސާޅީސް ހަތަރުހާސް ފަސްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ އަށްޑިހަ ލާރި) ކަން ބޭންކް ސްޓޭޓްމަންޓުން އެނގެން އޮވެއެވެ.

ނިންމަން ފެންނަ ގޮތް

32ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/08 ޤަޟިއްޔާގައި ބޭންކް އޮފް މޯލްޑިވްސްއާ މުޙައްމަދު ޖާވީދާ ދެމެދު ވެފައިވާ އެއްބަސްވުން މާނަކޮށްފައިވަނީ އެއްބަސްވުމުގެ މަގުސަދާއި ބައިވެރިންގެ ނިޔަތާއި ފުށުއަރާގޮތަށް ކަމަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު 267-CVC-2024 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/08 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކަމަށް ނިންމަން އަހުރެންނަށް ފެނެއެވެ.

33އަދި ބޭންކް އޮފް މޯލްޑިވްސްއާއި މުޙައްމަދު ޖާވީދާ ދެމެދު ވެފައިވާ ނަންބަރު BML/VILB/MCOD-35/2020/001 ސެންކްޝަން ސިޓީ ނުވަތަ އެއްބަސްވުމުގެ ދަށުން ބާކީ ނުދައްކާ އޮތް މިންވަރަކީ މުޙައްމަދު ޖާވީދުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ނިންމަން ފެނެއެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

34މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

35މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު،

1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/08 ޤަޟިއްޔާގައި، ބޭންކް އޮފް މޯލްޑިވްސްއާ މުޙައްމަދު ޖާވީދާ ދެމެދު ވެފައިވާ އެއްބަސްވުން މާނަކޮށްފައިވަނީ އެއްބަސްވުމުގެ މަގުސަދާއި ބައިވެރިންގެ ނިޔަތާއި ފުށުއަރާގޮތަށް ކަމަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު 267-CVC-2024 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/08 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި،

2. ބޭންކް އޮފް މޯލްޑިވްސްއާއި މުޙައްމަދު ޖާވީދާ ދެމެދު ވެފައިވާ ނަންބަރު BML/VILB/MCOD-35/2020/001 ސެންކްޝަން ސިޓީ ނުވަތަ އެއްބަސްވުމުގެ ދަށުން (13 މެއި 2026 ގެ ނިޔަލަށް) ބާކީ ނުދައްކާވާ 44,594.80ރ. (ސާޅީސް ހަތަރުހާސް ފަސްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ އަށްޑިހަ ލާރި) އަކީ މުޙައްމަދު ޖާވީދުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި،

3. މި ފައިސާ މިއަދުން (24 ސެޕްޓެމްބަރު 2026) ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކައި ޚަލާޞްކުރުމަށް ގއ. ގެމަނަފުށި، ސޯމާ، މުޙައްމަދު ޖާވީދަށް އަންގައި،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މުޙައްމަދު އިބްރާހީމް

ޙުސައިން ޝަހީދު (ރިޔާސަތު)

ޢަބްދުﷲ ޙަމީދު

ފުޓްނޯޓު

  1. އައިޑީ ކާޑު ނަންބަރު A306514
  2. ޤާނޫނު ނަންބަރު 13/2010
  3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާ
  5. އިސްތިއުނާފުކުރާ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ވަކީލު އަލްއުސްތާޛު މަޒްލާން ރަޝީދު 02 ފެބްރުއަރީ 2026 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަ
  6. ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)
  7. އބމ ގެ 3 ވަނަ މާއްދާ (ހ)
  8. އބމ ގެ 12، 13، 14 ވަނަ މާއްދާ
  9. ޢަބްދުﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ(ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާ) ޕެރެގްރާފު 25 އަދި 27. މި އުޞޫލުން ބައެއް ޙާއްޞަ ޙާލަތް އިސްތިސްނާކުރެވެއެވެ. އޭގެ އެއް މިސާލަކީ، އެއްބަސްވުމުގެ ބައިވެރިންގެ ތިބި މަޤާމުގެ ގޮތުން ނުރަގަނޅު ނުފޫޒު ފޯރުވާފައިވާކަމުގެ އިފްތިރާޟު ކުރެވޭ ޙާލަތުގައި (Presumed Undue Influence) ތަޠުބީޤު ކުރެވޭ ޙާލަތުގައި ނުފޫޒު ފޯރުވޭފަދަ މަޤާމެއްގައި ހުންނަ މީހާއަށް އެކަން ނަފީ ކުރުމަށް ހެކި ހުށަނޭޅިއްޖެ ނަމަ، ނުފޫޒެއް އޮތްކަމަށް ބަލަންޖެހޭ ކަމުގައި ކަނޑައަޅާފައިވެއެވެ. ޙުސައިން ޢަބްދުލްޤާދިރު ވ. ރިފާޢު ޙުސައިން [2021] SC 82 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/99 ޤަޟިއްޔާ) އަދި ޙުސައިން ހިލްމީ ވ. އިބްރާހީމް ޝުޖާޢު [2024] SC 19 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/96 ޤަޟިއްޔާ)
  10. ޢަބްދުﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ(ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާ) އަދި މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/02 ޤަޟިއްޔާ)
  11. މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން) [2021] SC 65 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/34 ޤަޟިއްޔާ) ޕެރެފްރާފް 62
  12. ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް [2021] SC 79 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާ)
  13. ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު [2022] SC 60 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާ) ޕެރެގްރާފު 22
  14. ފުޓް ނޯޓު 11 ގެ ޕެރެފްރާފް 62
  15. ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު [2022] SC 60 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/53 ޤަޟިއްޔާ) ޕެރެގްރާފު 22.3
  16. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 އަދި 18 ވަނަ މާއްދާ
  17. Prepaid cards, Terms and conditions, 7.1
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ