މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެެންޑް ކޮމިއުނިކޭޝަން)
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
[2021] SC 65
2020/SC-A/34
ޝަރީޢަތް ނިމުނުގޮތް
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން)
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު
24 ޖޫން 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2016/HC-A/137
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް
ޤާނޫނީ ވަކީލު: ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛު އަޙްމަދު ނަޝާތު،ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛް އީމާން ހާނީ، ސްޓޭޓް އެޓަރނީ އަލްއުސްތާޛާ ޢާއިޝަތު ޢިއްފާ އަޝްރަފް ބަދަލުގައި: ޢާދިލް ރަޝީދު، ދަފްތަރު ނަންބަރު 2396، މާލެ
ޤާނޫނީ ވަކީލު: އަލްއުސްތާޛް ނާޠިމް ހަބީބް، އެކީޓާސް ލީގަލް ކޮންސަލްޓަންޓްސް
މަދަނީ މައްސަލަ – އެއްބަސްވުމާ ޚިލާފުވުން – ކޮންޓްރެކްޓާ ޚިލާފުވެގެން ކޮންޓްރެކްޓު ނިމުމަކަށް ގެނައުން – ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން – ބުރަދަން ހުރި ސީރިއަސް ޚިލާފު – – (repudiatory breach) ދުލެއްދިނުން (waiver) – ބަދަލެއްގެނައުން (variation) – ކޮންޓްރެކްޓާބެހޭ ގާނޫނުގެ 20 (ހ) – ކޮންޓްރެކްޓު މާނަކުރުން (interpretation of contracts)
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތައާރުފު
މި އިސްތިއުނާފުގެ މައްސަލައިގައި ހިމެނޭ ޚުސޫމަތު އުފެދިފައިވަނީ، ހދ. ކުޅުދުއްފުށީގައި ހުރި ކުރީގެ އަތޮޅު އިމާރާތުގައި މެރިޓައިމް އެކަޑަމީއެއް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާ ދެމެދުގައި ވާސިލުވެފައިވާ ކޮންޓްރެކްޓު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އިން އުވާލުމުންނެވެ. މި ޚުސޫމަތާ ގުޅިގެން ސިވިލް ކޯޓުން ބެލި މައްސަލައިގައި އެ ކޯޓުން ނިންމާފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާ ދެމެދުގައި ވާސިލުވެފައިވާ ކޮންޓްރެކްޓު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އިން އުވާލީ ގާނޫނާ އެއްގޮތަށް ކަމަށެވެ. ސިވިލް ކޯޓުގެ ހުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައި ވެއެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައެވެ.
ދެ ފަރާތުގެ ދެމެދުގައި އޮތް ދެބަސްވުމަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އިން ކޮންޓްރެކްޓު އުވާލާފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ކަމާ މެދުގައެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ ގަޒިއްޔާގައި ކަނޑައަޅާފައިވާ ފަދައިން، "ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓަކާ ޚިލާފުވެގެން، ދެފަރާތެއްގެ ދެމެދުގައި ވާސިލުވެވިފައިވާ ކޮންޓްރެކްޓެއް ނިމުމަކަށް ގެނެވޭނީ އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމައެވެ. ޚިލާފުވީ ކަމަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމެއް ކަމަށްވާނީ އެ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ނަތީޖާއެއް ނިކުންނަ ކަމަކަށް ވާ ނަމައެވެ." ވީމާ، މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަކީ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ކޮންޓްރެކްޓާ ޚިލާފުވެފައިވޭތޯ އާއި ޚިލާފުވެފައިވާނަމަ، އެ ޚިލާފަކީ ކޮންޓްރެކްޓެއް ނިމުމަކަށް ގެނައުން ހުއްދަވާ މިންވަރުގެ ބުރަދަން ހުރި ސީރިއަސް ނަތީޖާއެއް ނިކުންނަ ޚިލާފެއްތޯ އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް (މީގެ ފަހުން 'އެކަޑަމީ') އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން (މީގެ ފަހުން "މިނިސްޓްރީ" ކަމަށް ބުނެފައިވާ) އިން 6 ޑިސެމްބަރު 2011 ގައި ކޮންޓްރެކްޓަކަށް (މީގެ ފަހުން 'ކޮންޓްރެކްޓް' ކަމަށް ބުނެފައިވާ) ވާސިލުވިއެވެ. ކޮންޓްރެކްޓުގެ ދެވަނަ މާއްދާގައި ބުނެފައިވަނީ އެ ކޮންޓްރެކްޓުގެ ދަށުން މިނިސްޓްރީ އިން އެކަޑަމީއާ ހަވާލުކުރި އިމާރާތުގައި (މީގެ ފަހުން "އިމާރާތް" ކަމަށް ބުނެފައިވާ) މެރިޓައިމް އެކަޑަމީއެއް ތަރައްގީކޮށް ހިންގަންވާނެ ކަމަށެވެ. މި އިމާރާތަކީ ހދ. ކުޅުދުއްފުށީގައި ހުރި ކުރީގެ އަތޮޅު އިމާރާތެވެ.
މިނިސްޓްރީ އިން އެކަޑަމީއާ ހަވާލުކުރި އިމާރާތް ބޭނުންކުރުމުގެ ހައްގު އެކަޑަމީއަށް ދީފައިވަނީ ކޮންޓްރެކްޓު ފެށޭ ތާރީޚުން ފެށިގެން 25 އަހަރަށެވެ.
އެއްބަސުވުމުގެ ފުރަތަމަ 2 އަހަރު އެކަޑަމީއިން އިމާރާތަށް ކުލި ދައްކަން ނުޖެހެއެވެ. ބާކީ އޮތް މުއްދަތުގައި އިމާރާތަށް ދައްކަންޖެހޭ ކުލީގެ އަދަދާ މެދު ދެފަރާތުން ވާހަކަ ދައްކައި ގޮތަކަށް އެއްބަސްވާނީ ކަމަށް އެއްބަސްވުމުގެ 11 ގެ (ii) ގައި ބުނެފައިވެއެވެ.
ކުޅުދުއްފުށީގައި މެރިޓައިމް އެކަޑަމީއެއް ހިންގުމަށް، އެކަޑަމީ އިން މިނިސްޓްރީ އަށް ހުށަހެޅި ބިޒްނަސް ޕްލޭނުގައިވާ މަގުސަދުތައް ހާސިލުކުރެވޭކަން އެކަޑަމީއިން ކަށަވަރުކުރަން ޖެހެއެވެ. މި ބިޒްނަސް ޕްލޭން އަކީ ކޮންޓްރެކްޓުގެ ބައެކެވެ.
ކޮންޓްރެކްޓު ފެށޭ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މެރިޓައިމް އެކަޑަމީގެ އޮޕަރޭޝަންތައް ނުފައްޓައިފިނަމަ އެއްބަސްވުން ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
އެކަޑަމީ އިން ކޮންޓްރެކްޓާ ޚިލާފުވެއްޖެ ކަމަށް ބުނެ، ކޮންޓްރެކްޓު އުވާލުމުގެ ނޯޓިސް 27 މާޗް 2013 ގައި މިނިސްޓްރީ އިން ދިނެވެ.
މިނިސްޓްރީއިން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ނިންމީ އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން ހުރިގޮތުން އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، އަދި އިމާރާތް ދޫކޮށްފައިވާ މަގްސަދު ހާސިލުވަމުން ނުދާތީވެ ކޮންޓްރެކްޓުގެ 16 ވަނަ މާއްދާގެ ދަށުން ކަމަށް، ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށްޓަކައި މިނިސްޓްރީ އިން އެކަޑަމީ އަށް ފޮނުވި ނަންބަރު 69-A/PRIV/2013/39 'އުވާލުމުގެ ނޯޓިސް'ގައި ބުނެފައިވެއެވެ. އުވާލުމުގެ ނޯޓިސްގައި މިނިސްޓްރީއިން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
(ހ)ކޮންޓްރެކްޓުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބިޒްނަސް ޕްލޭންގެ ދަށުން ހިންގުމަށް އެއްބަސްވެފައިވާ ކޯސްތަކަކީ މެރިޓައިމް ދާއިރާގެ ކޯސްތަކެއް ކަމަށްވީނަމަވެސް، 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ އިމާރާތުގައި މެރިޓައިމްގެ ދާއިރާއާ ބެހޭ ކޯހެއް ހިންގާފައި ނެތުން.
(ށ)ކޮންޓްރެކްޓުގެ 3 ވަނަ މާއްދާ އާއި 7 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން މެރިޓައިމް އެކަޑަމީ އޮޑިޓްކުރުމަށް މިނިސްޓްރީގެ ފަރާތުން ހދ. ކުޅުދުއްފުއްޓަށް ގޮސް އިމާރާތަށް ދިޔުމުން އެތަނަށް ވަނުމުގެ ފުރުސަތު ދީފައި ނުވުން.
(ނ)ކޮންޓްރެކްޓުގައި ސޮއިކުރި ތާރީޚު ކަމުގައިވާ 6 ޑިސެމްބަރު 2011 ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންވެންޓްރީ އެއް ނަގައި އެ އިންވެންޓްރީގައި ސޮއިކުރަންޖެހޭނެ ކަމަށް ކޮންޓްރެކްޓުގެ 9 ވަނަ މާއްދާގައި ބުނެފައިވީ ނަމަވެސް އެކަން އެ މުއްދަތުގެ ތެރޭގައި ކޮށްފައި ނެތުން.
(ރ)ކޮންޓްރެކްޓުގެ 12 ވަނަ މާއްދާގެ II ގައިވާ ގޮތުން އިމާރާތުގައި ހުރި އެއްވެސް އެއްޗެއް ނުވަތަ ތަނެއް ބަދަލުކޮށް ތަޅައިލެވޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށްވާއިރު، އެކަޑަމީއާ އިމާރާތް ހަވާލުކުރެވުނު އިރު އެ ތަނުގައި ބޭނުންކުރަމުން ގެންދިޔަ 2 ޑީޕް ފްރީޒަރު އިމާރާތުން ބޭރުކޮށްފައި ވުމާއި މި ދެ ޑީޕް ފްރީޒަރު ވީރާނާވުމަށް ދޫކޮށްލާފައި ވުން.
ސިވިލް ކޯޓުގެ ނިންމުން
ކޮންޓްރެކްޓު އުވާލުމުގެ ނޯޓިސް ލިބުމުން، އެކަޑަމީ އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ ދައުވާގައި އެކަޑަމީ އިން ބުނެފައިވަނީ ކޮންޓްރެކްޓުގައިވާ ގޮތާ ޚިލާފަށް މިނިސްޓްރީއިން ކޮންޓްރެކްޓު ނިމުމަކަށް ގެންނަން މަސައްކަތްކުރާތީވެ އެކަން ހުއްޓުވައި ދިނުމަށާއި، ކޮންޓްރެކްޓާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީގެ މައްޗަށް އަމުރުކޮށް ދިނުމަށާއި އިމާރާތުގައި މެރިޓައިމް އެކަޑަމީ ހިންގުމަށް ހުރަސް ނޭޅުމަށް އަމުރުކޮށް ދިނުމަށެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ބެލީ އެކޯޓުގެ ނަންބަރު 1600/Cv-C/2013 ގަޒިއްޔާގައެވެ. ސިވިލް ކޯޓުން ނިންމާފައިވަނީ މިނިސްޓްރީ އިން އެކަޑަމީ އަށް ފޮނުވި އުވާލުމުގެ ނޯޓިސްއާ އެއްގޮތަށް ކޮންޓްރެކްޓު ނިމުމަކަށް އައިސްފައިވާ ކަމަށާއި، މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެނެސްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ރ) ގައި ބުނެފައިވަނީ ކޮންޓްރެކްޓުގެ މަގްސަދަކީ ކުއްޔަށް ދިން އިމާރާތުގައި މެރިޓައިމް އެކަޑަމީއެއް ހިންގުން ކަމަށާއި މެރިޓައިމް އެކަޑަމީއެއްގައި ކިޔަވައިދޭ ނުވަތަ ހިންގާ ޕްރޮގްރާމްތައް އެކަށައަޅާފައި ވަނީވެސް މެރިޓައިމް ދާއިރާއިން ކަމަށްވާއިރު 1 ޖުލައި 2012 އިން ފެށިގެން ކޮންޓްރެކްޓު އުވާލުމުގެ ނޯޓިސް ދިން ދުވަސް ކަމަށްވާ 27 މާޗް 2013 އާ ހަމައަށް މެރިޓައިމް ދާއިރާއާ ގުޅޭ އެފަދަ އެއްވެސް ޕްރޮގްރާމެއް އެ އިމާރާތުގައި ހިންގާފައިވާކަން ދައުވާކުރާ ފަރާތުން ސާބިތުކޮށްދީފައި ނެތް ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި އެކޯޓުގެ ނަންބަރު 2016/HC-A/137 ގަޒިއްޔާގައި ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައިވެއެވެ.
ސިވިލް ކޯޓުގެ ހުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވާ ސަބަބަކީ، 1 ޖުލައި 2012 އިން ފެށިގެން މެރިޓައިމް ދާއިރާއާ ގުޅޭ އެއްވެސް ޕްރޮގްރާމެއް އެކަޑަމީއިން އެ އިމާރާތުގައި ހިންގާފައިވާކަން ސާބިތު ނުވާތީ އެވެ.
ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާތައް
ހައިކޯޓުގެ ނިންމުން ރަނގަޅުނޫން ކަމަށް ބުނެ އެ ހުކުމް އިސްތިއުނާފުކުރުމަށް އެކަޑަމީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 4 ނުކުތާއެވެ. އެއީ:
(ހ) ހުށަހެޅި ހެއްކާއި ގަރީނާއަށް ރިއާޔަތްނުކޮށް މައްސަލަ ނިންމާފައި ވުން.
(ށ) ހެއްކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާއަށް ރިއާޔަތްކޮށްފައި ނުވުން.
(ނ) ކޮންޓްރެކްޓާބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމާފައިވުން.
(ރ) އެއްބަސްވުމުގެ މަގްސަދަށް ނުބަލައި އެއްބަސްވުމުގެ މާއްދާތައް މާނަކޮށްފައިވުން.
ޚިލާފަކާ ގުޅިގެން ކޮންޓްރެކްޓު ނިމުމަކަށް ގެނައުން
ކޮންޓްރެކްޓުގެ ބައިވެރިއެއްގެ ޚިލާފަކާ ގުޅިގެން ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
(ހ) އަނެއް ފަރާތުން ކޮންޓްރެކްޓު ދޫކޮށްލުން.
(ށ) އަނެއް ފަރާތަށް ކޮންޓްރެކްޓުގައި ބުނެފައިވާ ކަންތައް ނިންމުމަކީ މުސްތަހީލު ކަމެއް ކަމަށްވުން.
(ނ) އަނެއް ފަރާތުން ކޮންޓްރެކްޓުގެ މައިގަނޑުކަމަކާ ޚިލާފުވުން.
އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރެވުނު ވަކިވަކި ތިން ހާލަތުގައި ކޮންޓްރެކްޓެއް ނިމުމަކަށް އަންނާނެ ގޮތް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ ގަޒިއްޔާގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮތުމުން އެ ތިން ހާލަތުގެ ތަފްސީލަށް ދިއުމުގެ ބަދަލުގައި، މި ގަޒިއްޔާގެ ބޭނުމަށްޓަކައި، ހަމައެކަނި އެ ތިން ހާލަތުގެ ތެރެއިން ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުމުގެ ސަބަބުން ކޮންޓްރެކްޓެއް ނިމުމަކަށް އަންނާނެ ހާލަތުތައް އެ ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ ގޮތް ތިރީގައި ތަކުރާރު ކޮށްލާނަމެވެ.
ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން
ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަކޮށްފި ކަމަށްވާނީ ކޮންޓްރެކްޓުގައި ބުނެފައި އޮތްގޮތަށް އެކަން ކުރުމުންނެވެ. ގިނަ އަގްދީ އިލްތިޒާމްތަކަކީ މުތުލަގު މަސްއޫލިއްޔަތު އޮންނަ އިލްތިޒާމްތަކެކެވެ. އޭގެ މާނައަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު ވަކި ކަމެއް ކުރުމަށް ވައުދުވެފައިވާނަމަ، އެ އިލްތިޒާމް އަދާކޮށްފިކަމަށް ބެލެވޭނީ އެ ކަމެއް ތުނޑުން ތުނޑަށް ކުރުމުންނެވެ. އެ ފަރާތަށް ވެވުނު އެންމެ ރަނގަޅަކަށް އެކަން ކުރުމަކުން ނުފުދެއެވެ. އެ މިންވަރު ހާސިލު ނުވާނަމަ ބެލެވޭނީ ކޮންޓްރެކްޓާ ޚިލާފުވީ ކަމަށެވެ. ކޮންޓްރެކްޓާ ޚިލާފުވުމުގެ އެންމެ އާއްމު ހައްލަކީ ކޮންޓްރެކްޓާ ޚިލާފުވީ ފަރާތުން ކޮންޓްރެކްޓާ ޚިލާފު ނުވާ ފަރާތަށް (މައުސޫމް ފަރާތް) ލިބުނު ގެއްލުމުގެ ބަދަލު ފައިސާއިން ދޭން ޖެހުމެވެ. ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ކޮންމެކޮންމެ ކަމަކާ ގުޅިގެން ކޮންޓްރެކްޓު އުވާލުމުގެ ހައްގު މައުސޫމް ފަރާތަށް ލިބިގެންނުވެއެވެ.
އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު މައުސޫމު ފަރާތަށް ލިބިދޭ ޚިލާފެއްކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ، އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމަ އެވެ. އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުންކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ އެ ޚިލާފުގެ ބުރަދަނާ ސީރިއަސް ކަމުގެ މައްޗަށެވެ. ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނީ އެ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ޚިލާފަކަށް ވާނަމައެވެ.
އެ ޚިލާފަކީ ބުރަދަން ހުރި ސީރިސް ޚިލާފެއްތޯ ނުވަތަ ނޫންތޯ ނިންމުމަކީ ބައެއް ފަހަރު އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކަން ކަނޑައެޅުމަށްޓަކައި ތަފާތު ގިނަ ވާގިއާތަކުގެ މައްޗަށް ރިއާޔަތް ކުރަންޖެހެއެވެ. އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ ޚިލާފެއް ކަމަށް ބެލުމަށް އެކިއެކި ފަނޑިޔާރުން އެކި ޓެސްޓުތައް ބޭނުންކުރެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ މިންވަރުގެ ބުރަދަން ހުރި ޚިލާފަކަށްވާނީ، އެ ޚިލާފުގެ ސަބަބުން ކޮންޓްރެކްޓުގެ މައުސޫމު ފަރާތް އެ ކޮންޓްރެކްޓުން ހޯދި ވިޔަފާރިން މަހުރޫމު ކުރުވާ ނަމައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ މިންވަރުގެ ބުރަދަން ހުރި ޚިލާފަކަށްވާނީ އެ ޚިލާފު ކޮންޓްރެކްޓުގެ ފުނަށް ގޮސް ކޮންޓްރެކްޓުގެ މޫގަނޑާ ހަމައަށް ގޮސްފައިވާ ނަމައެވެ. ޓްރެއިޓެލް ގެ ފޮތުގައި އޭނާ ވިދާޅުވެފައިވަނީ އެ ޚިލާފަކީ ކިހާ ބުރަދަން ހުރި ސީރިއަސް ޚިލާފެއް ކަމަށް ކޯޓުން ބަލަނީ އެ ޚިލާފުގެ ނަތީޖާއަށް ރިއާޔަތްކޮށްގެން ކަމަށެވެ.
The question for the court . . . is whether the cumulative effect of the breaches of contract complained of is so serious as to justify the innocent party in bringing the contract to an end. The technical label is ‘repudiatory’ but that is just a label to describe the consequence which may flow”. (Rice v Great Yarmouth BC [2003] T.C.L.R. 1 at 35)
ޚިލާފުގެ ޖުމްލަ ނަތީޖާއަށް ރިއާޔަތް ކުރުމުގެ ރައުޔަށް ބުރަވާ ފަރާތްތަކުން ބަލަނީ މައުސޫމު ފަރާތް ހިމާޔަތްކުރުމަށްޓަކައި ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ އާއި ހަމައެއާއެކު ކޮންޓްރެކްޓު ނިމުމަކަށް ގެނެސްފިނަމަ ޚިލާފުވީ ފަރާތުގެ ހައްގުތަކަށް ލިބިގެންދާނެ ގެއްލުމަކީ ކޮބައިތޯއެވެ. މި ދެ ކަންތަކުގެ ވަޒަން ހަމަކުރުމުގެ މަސައްކަތް ކުރުމަށްފަހު، މައުސޫމު ފަރާތަށް ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ހުއްދަކުރާ ކަމަށް ބުރަވެވޭނަމަ ކޯޓުން ކަނޑައަޅަނީ ޚިލާފުވި ފަރާތުން ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވެއްޖެ ކަމަށެވެ. ހަމަ އެގޮތަށް، މައުސޫމު ފަރާތަށް ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ހުއްދަކުރާ ކަމަށް ފަނޑިޔާރަށް ބުރަނުވެވޭ ނަމަ ކަނޑައަޅަނީ ޚިލާފުވި ފަރާތުން ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފު ނުވާ ކަމަށެވެ.
ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ އަނެއް ފަރާތުން ޚިލާފު ވެއްޖެތޯ ކޯޓުން ބެލުމުގައި، ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ބޭނުންވާ ފަރާތަށް އެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ސަބަބުން ބޭއިންސާފު މުއްސަނދިކަމެއް ލިބޭނެ ކަމަށްވާ ނަމަ، އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ފުދޭ މިންވަރުގެ ބުރަދަން ހުރި ކަމެއް ކަމަށް ކޯޓުތަކުން ނުބެލުން އެކަށީގެންވެއެވެ.
ބައެއް ފަހަރު ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ކޯޓުން ހުއްދަކުރަނީ، އެ ޚިލާފަކާ ގުޅިގެން ނަގައިދެވޭ ގެއްލުމުގެ ބަދަލަކީ އެފަރާތަށް ފުދޭ އެއްޗަކަށް ނުވާ ނަމައެވެ. މިސާލަކަށް ޚިލާފުގެ ސަބަބުން ލިބުނު ގެއްލުމަކީ ވަރަށް ފަސޭހައިން ސާދާ ސީދާކޮށް ފައިސާއިން ހިސާބުކޮށް ބަދަލު ނަގައި ދެވިދާނެ ކަމެއް ނަމަ ބަދަލު ދިނުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށްވުރެ މާ ރަނގަޅެވެ.
ކޮންޓްރެކްޓާ ޚިލާފުވި ނިސްބަތް ބޮޑުވާ ވަރަކަށް އެ ޚިލާފަކީ ބުރަދަން ހުރި ޚިލާފެއް ކަމަށް ކޯޓުން ނިންމުން ގާތެވެ. މިސާލަކަށް، ވިއްކާ ފަރާތުން ތެޔޮ ޑެލިވަރ ކޮށްދޭން ޖެހެނީ ދެ ފަހަރު މަތިންނެވެ. އެތަނުން ފުރަތަމަ ފަހަރު ގަންނަ ފަރާތުން އެ ތެޔޮ ބަލައި ނުގެންފިނަމަ އެއީ ބުރަދަން ހުރި ޚިލާފެކެވެ. އެއާ ޚިލާފަށް ކޮންމެ ހަފްތާއަކު 3 ދުވަހު ކުކުޅު ބިސް ކޭހެއް ސަޕްލައިކޮށް ދިނުމުގެ 2 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އެ ކޮންޓްރެކްޓަށް އަމަލުކުރަމުން ގެންދާތާ އަހަރު ދުވަސް ވެފައިވަނިކޮށް އެތަނުން އެއް ދުވަހު ކުކުޅު ބިސް ކޭސް ޑެލިވަރ ނުކުރެވުނު ނަމަ އެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ކޯޓުން ހުއްދަކުރުން ގާތެއް ނޫނެވެ. ހޯންގް ކޯންގް ފަރ ގަޒިއްޔާގައި ޗާޓަރ ޕާޓީ އެއްގެ ދަށުން 24 މަހުގެ މުއްދަތަށް ޚިދުމަތް ދޭން ފެއްޓިއެވެ. އެ ބޯޓު ޗާޓަރަށް ނެގި ފަހުން ބޯޓަކީ ކަނޑަށް ހެޔޮ ނޫން ބޯޓެއް ކަން އެނގުނެވެ. ބޯޓު މަރާމާތުކޮށް ކަނޑަށ ްހެޔޮ އެއްޗަކަށް ހެދުމުގެ މަސައްކަތަށް 20 ހަފްތާ ހޭދަވިއެވެ. ބޯޓު ޗާޓަރު ކުރި ފަރާތުން އެ ޗާޓަރ ޕާޓީ ތަފާތު އެތައް ސަބަބުތަކަކަށްޓަކައި ނިމުމަކަށް ގެނައުމަށް މަސައްކަތްކުރިއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ބޯޓު ކަނޑަށް ހެޔޮ ނުވުމުގެ ސަބަބުން ޗާޓަރު ކުރި ފަރާތުން އެ ބޯޓުން ހާސިލުކުރަން ބޭނުންވި މަގްސަދު ހާސިލުނުވުމެވެ. ކޯޓުން މި ޒުވާބު ގަބޫލުނުކުރީ ބޯޓު މަރާމާތު ކުރުމަށްފަހު 24 މަސް ދުވަހުގެ ތެރެއިން ބޯޓުގެ މަރާމާތުގެ މުއްދަތު ކެނޑުމުންވެސް އެ ބޯޓު ބޭނުންކުރަން 17 މަސް ދުވަސް ކޮންޓްރެކްޓުގެ މުއްދަތުގެ ތެރެއިން ބާކީ އޮތުމުންނެވެ.
ވަކި ކަމެއް ކަނޑައެޅިފައިވާ މުއްދަތަކުން ކުރަމުން ގެންދިއުމަށް ވެވިފައި ހުންނަ އެއްބަސްވުންތަކުގައި، ޚިލާފުވި ފަރާތުން ބައެއް ކަންކަން ނުކޮށް ހުރުމުގެ ސަބަބުން ކުރިއަށް އޮތް މުއްދަތުގައި އެކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަމާ މެދު ސުވާލު އުފެދޭ ހާލަތްތަކުގައި އެއީ ބުރަދަން ހުރި ސީރިއަސް ޚިލާފެއް ކަމަށް ބަލައި، ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ކޯޓުން ހުއްދަކުރުން ގާތެވެ. ބްރެޑްފަޑް ވ. ވިލިއަމްސް ގަޒިއްޔާގައި ދައުވާކުރާ ފަރާތުގެ ބޯޓު 12 މަސްދުވަހަށް (މޭ މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ މޭ މަހާ ހަމައަށް) ދައުވާ ލިބޭ ފަރާތުން ޗާޓަރަށް ނެގިއެވެ. ނަމަވެސް، އެ އަހަރުގެ ސެޕްޓެމްބަރު މަހު ދައުވާ ލިބޭ ފަރާތުން ރައްދު ކޮށްދޭންޖެހޭ މުދާ އެއްބަސްވުމާ ޚިލާފަށް ރައްދުކޮށް ނުދިނެވެ. އަދި މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް މުދާ ގެނެސްދޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ކޯޓުން ބެލީ މި މައްސަލައިގައި ގެއްލުމުގެ ބަދަލަކީ ފުދޭނެ އެއްޗެއް ކަމަށް ނުވާތީވެ، ދައުވާކުރާ ފަރާތުން ކޮންޓްރެކްޓް ނިމުމަކަށް ގެނައި ގެނައުން ރަނގަޅު ކަމަށެވެ.
ކޮންޓްރެކްޓު ނިމުމަކަށް ގެނައުމާ ބެހޭ ގާނޫނީ އުސޫލުތައް މި މައްސަލައަށް ތަތުބީގުކުރުން
ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ[2021] SC 52 ގަޒިއްޔާ އާއި އިސްވެ ދިޔަ ޕެރެގްރާފުތަކުގައި ވެސް ބަޔާންކުރި ފަދައިން ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވެއްޖެ ކަމަށް ބުނާ ހާލަތުގައި އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު މައުސޫމު ފަރާތަށް ލިބިދޭ ބާވަތުގެ ޚިލާފެއްކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ، އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމަ އެވެ. އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުންކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ އެ ޚިލާފުގެ ބުރަދަނާއި ސީރިއަސް ކަމުގެ މައްޗަށެވެ. އެހެންކަމުން މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމަކީ މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށްޓަކައި ބަޔާންކޮށްފައިވާ ކަންކަމަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުންތޯ އާއި އެ ޚިލާފުތަކުގެ ނަތީޖާއަކީ ބުރަދަންހުރި ސީރިއަސް ނަތީޖާތަކެއް ތޯއެވެ. ވީމާ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ފޮނުވި އުވާލުމުގެ ނޯޓިސްގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ވަކިވަކިން ބަލައިލާނަމެވެ.
އެއްބަސްވުމުގައިވާ ގޮތަށް މެރިޓައިމް އެކަޑަމީގައި ކޯސް ހިންގި ކަމަށް ބުނާ ބުނުން
އެކަޑަމީގެ ފަރާތުން، އިސްތިއުނާފުކުރަން ހުށަހެޅި ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތްނުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ. މި ނުކުތާ އަކީ މި އިސްތިއުނާފުގެ އެންމެ މައިގަނޑު ނުކުތާއެވެ. ކޮންޓްރެކްޓުގައި ބުނެފައިވާ ގޮތަށް އެކަޑަމީގައި ކޯސްތައް ހިންގިކަން ސާބިތުނުވާކަމަށް ސިވިލް ކޯޓާއި ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާތީވެ، އެކަން ތައުނުކޮށް، މި ނުކުތާގައި އެކަޑަމީގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ، އެ ފަރާތުން ކުއްޔަށް ހިފި އިމާރާތުގައި ކޮންޓްރެކްޓުގައިވާ ގޮތަށް ކޯސް ހިންގާފައިވާ ކަމަށެވެ. އެކަޑަމީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، އިމާރާތުގައި ކޯސްތައް ހިންގިކަން ސާބިތުނުވާކަމަށް ސިވިލް ކޯޓާއި ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވަނީ، އެކަޑަމީގެ ފަރާތުން ދަށު ކޯޓަށާއި ހައިކޯޓަށް ހުށަހެޅި ލިޔުންތަކަށް ކޯޓުން ބަލާފައި ނުވާތީ ކަމަށެވެ. އެ ލިޔުންތަކަށް ކޯޓުން ބެލި ނަމަ، އެކަޑަމީ އިން އިމާރާތުގައި ކޮންޓްރެކްޓާ އެއްގޮތަށް ކޯސްތައް ހިންގިކަން ސާބިތުވާނެ ކަމަށެވެ. ސުވާލަކީ މިއީ ތެދެއް ހެއްޔެވެ. ކޮންޓްރެކްޓުގައިވާ ގޮތަށް އެ ތަނުގައި ކޯސްތައް ހިންގިކަން އެކަޑަމީއިން ދަށު ކޯޓަށާއި ހައިކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ހެއްޔެވެ. މި ސުވާލުގެ ޖަވާބުގައި އެކަޑަމީގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ކޯސް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރިކަން އެކަޑަމީގެ ނަންބަރު AR/K/2013/29(29 އެޕްރީލް 2013) ސިޓީއިންނާއި AR/K/2012/117 (27 ނޮވެމްބަރު 2012) ސިޓީ އިން އެނގޭ ކަމަށެވެ. އެހެންކަމުން މި ދެ ސިޓީގައިވާ ކަންކަމަށް ވަކިވަކިން ބަލައިލާނަމެވެ.
AR/K/2012/117 (27 ނޮވެމްބަރު 2012) ސިޓީ: މި ސިޓީއަކީ އެކަޑަމީ އިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވި ސިޓީއެކެވެ. މި ސިޓީގައި ވަނީ އަންނިވި އިބާރާތެވެ. "މި އެކަޑަމީއިން ހިންގުމަށް ހަމަޖެހިފައިވާ އައި.އެމް.އޯ މޮޑެލް ކޯސް 3.27 : ސެކިއުރިޓީ އެވެއާނެސް ޓްރެއިނިން ފޯ އޯލް ސީފެއަރަރސް އެޕްރޫވް ކުރުމަށްޓަކއި ހުށަހެޅީމެވެ. މި ސިޓީއާއެކު މި ކޯހުން ދަސްވެނިވެ ނިމޭ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް ގެ ސާމްޕަލް އެއް ވެސް ހުށަހެޅީމެވެ. ވީމާ، ވީ އެންމެ އަވަހަކަށް މި ކޯސް އެޕްރޫވް ކޮށް ދިނުން އެދެމެވެ."
AR/K/2013/29 (29 އެޕްރީލް 2013) ސިޓީ: މި ސިޓީ އަކީ މިނިސްޓްރީ އިން ކޮންޓްރެކްޓު ނިމުމަކަށް ގެނައި ފަހުން އެކަޑަމީއިން މިނިސްޓްރީ އަށް ފޮނުވި ލިޔުމެކެވެ. މި ސިޓީގައި ވަނީ އަންނިވި އިބާރާތެވެ.
"މި އެކަޑަމީއިން ހިންގުމަށް ހަމަޖެހިފައިވާ އައި.އެމް.އޯ މޮޑެލް ކޯސް 3.26 : ސެކިއުރިޓީ އެވެއާނެސް ޓްރެއިނިން ފޯ ސީފެއަރަރސް ވިތު ޑެޒިގްނޭޓެޑް ޑިއުޓީޒް.
ވީމާ، ވީ އެންމެ އަވަހަކަށް މި ކޯސް އެޕްރޫވް ކޮށް ދިނުން އެދެމެވެ."
މި ދެ ލިޔުމާބެހޭ ގޮތުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ މި ދެ ސިޓީ އަކީ މީގެ ކުރީގެ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކެއް ނޫން ކަމަށެވެ. ވީމާ، ސުޕްރީމް ކޯޓުގެ މަރުހަލާގައި އައު ހެކި ހުށަނޭޅޭނެ ކަމަށެވެ. އެކަޑަމީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެކަޑަމީގެ ނަންބަރު AR/K/2013/29 ސިޓީ އަކީ އެއްވެސް މަރުހަލާއެއްގައި އެއްވެސް ކޯޓަކަށް މީގެ ކުރިން ހުށަހެޅުނު ލިޔުމެއް ކަމަށް ނުވި ނަމަވެސް އިސްތިއުނާފުކުރާ ފަރާތުން އެ ސިޓީއަށް ހައިކޯޓުގެ ފޯމުގައި ހަވާލާދީ ކޯސް ހިންގުމުގެ ހުއްދަ ހޯދުމަށް އެ ފަރާތުން ހުށަހެޅިކަމަށް ބުނެފައިވީ ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނުވަތަ އެއާ ބެހޭގޮތުން ހައިކޯޓުގައި އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ. އަދި އެކަޑަމީގެ ނަންބަރު AR/K/2013/29(29 އެޕްރީލް 2013) ސިޓީ އަކީ މީގެ ކުރިން ހުށަހެޅިފައިވާ ލިޔުމެއް ނޫންކަމަށާއި ކޮންމެ ގޮތެއް ވިޔަސް އެ ސިޓީގައިވާ ތާރީޚަކީ ކޮންޓްރެކްޓު ބާތިލުކުރި ތާރީޚުގެ ފަހުގެ ތާރީޚެއް ޖަހާފައިވާ ލިޔުމެއް ކަމަށެވެ. ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން މި ދެ ލިޔުމަކީ މީގެ ކުރިން ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކެއް ކަމަށް ނުވެފައި މި ލިޔުންތައް އެންމެ ފުރަތަމަވެސް ހުށަހަޅާފައިވަނީ މި މަރުހަލާގައި ސުޕްރީމް ކޯޓަށް ކަމުގައިވާތީވެ، މި ލިޔުންތައް ސުޕްރީމް ކޯޓަށް ހެކީގެ ގޮތުގައި ބަލައި ނުގަނެވޭނެއެވެ. ނަމަވެސް، މި ދެ ސިޓީން ދޭހަވާ ކަންކަމާމެދު ދެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިހުރި ވާހަކަތައް ހަމައެކަނި ބަހުސްގެ ބޭނުމަށްޓަކައި މި މައްސަލައިގައި ބޭނުންކޮށްފައި ވާނެއެވެ.
ދައުލަތުގެ ފަރާތުން ބުނެފައިވަނީ ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ޖަވާބާއެކު ހިމަނާފައިވާ އެގްޒިބިޓް 3 އިން މެރިޓައިމް އެކަޑަމީއިން ހުއްދަ ހޯދުމަށް އެދި ހުށަހެޅި ކޯސްތަކާއި ހުއްދަ ދެވުނު ކޯސްތައް އެނގޭ ކަމަށާއި އެ ލިޔުމަށް ބަލާއިރު 17 ކޯހެއް ހިންގުމުގެ ހުއްދަ އިސްތިއުނާފުކުރާ ފަރާތަށް ދެވުނު ކަމަށާއި ހުއްދަ ހޯދުމަށް އެދި ހުށަހެޅި ކޯސްތަކުގެ ތެރެއިން ހުއްދަ ދީފައި ނުވަނީ ދެ ކޯހަކަށްކަން އެނގޭ ކަމަށާއި އެ ދެ ކޯހަށް ހުއްދަ ނުދިނީ އެ ކޯސްތަކަކީ ބިޒްނަސް ޕްލޭންގައި ހިމެނޭ ކޯސްތަކެއް ކަމަށް ނުވާތީ އާއި އެ ކޯސްތައް ހިންގުމުގެ ޝަރުތު ހަމަނުވާތީ ކަމަށެވެ. ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ޖަވާބާއެކު ހިމަނާފައިވާ އެގްޒިބިޓް 3 އަކަށް އެކަޑަމީއިން އިންކާރުކޮށްފައި ނުވެއެވެ.
މަތީގައި ބަޔާންކުރި ފަދައިން، މި އިސްތިއުނާފީ ނުކުތާގައި އެކަޑަމީ އިން ފާހަގަކުރާ ނުކުތާއަކީ އެކަޑަމީއިން ކޯސް ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރިކަން އެކަޑަމީގެ ނަންބަރު AR/K/2013/29 (29 އެޕްރީލް 2013) ސިޓީއިންނާއި AR/K/2012/117 (27 ނޮވެމްބަރު 2012) ސިޓީ އިން އެނގޭ ކަމަށާއި، މި ދެ ސިޓީއަށް ހައިކޯޓުން ރިއާޔަތްކުރި ނަމަ ކޮންޓްރެކްޓުގައިވާ ގޮތަށް އެކަޑަމީއިން އިމާރާތުގައި ކޯސް ހިންގަމުން ދިޔަކަން ސާބިތުވީސް ކަމަށެވެ. މި ދެ ސިޓީގެ ތެރެއިން AR/K/2012/117 (27 ނޮވެމްބަރު 2012) ސިޓީ އިން އެނގެނީ ސެކިއުރިޓީ އެވެއާނެސް ޓްރެއިނިން ފޯ އޯލް ސީފެއަރަރސް އެވެ ކިޔާ ކޯހެއް ހިންގުމުގެ ހުއްދަ ހޯދުމަށް އެދި އެކަޑަމީއިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގައި އެދިފައި އޮތް ކަމެވެ. ދެވަނަ ސިޓީ ކަމުގައިވާ ނަންބަރު AR/K/2013/29(29 އެޕްރީލް 2013) ސިޓީއިން ވެސް އެނގެނީ ސެކިއުރިޓީ އެވެއަރނެސް ޓްރެއިނިން ކޯހެއް ހިންގުމުގެ ހުއްދައަށް އެދިފައިވާ ކަމެވެ.
ސުވާލަކީ ހަވާލާ ދެވުނު ދެ ސިޓީ އިން ކޮންޓްރެކްޓު ލާޒިމުކުރާ މިންވަރަށް ނުވަތަ ކޮންޓްރެކްޓުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދު ހާސިލުކުރެވޭ މިންވަރަށް އިމާރާތުގައި ކޯސް ހިންގިކަން ސާބިތުވޭ ހެއްޔެވެ؟ ނޫނެކެވެ. ހަމައެކަނި ހަވާލާ ދެވުނު ސިޓީތަކުން އެނގެނީ އެކަޑަމީއިން ދެ ކޯހެއް ހިންގުމުގެ ހުއްދައަށް އެދިފައިވާ ކަމެވެ. ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ޖަވާބާއެކު ހިމަނާފައިވާ އެގްޒިބިޓް 3 އިން މެރިޓައިމް އެކަޑަމީ ހިންގުމަށްޓަކައި ހުއްދައަށް އެދި ހުށަހެޅި ކޯސްތަކާއި ހުއްދަ ދެވުނު ކޯސްތައް އެނގެއެވެ. އެ ލިޔުމަށް ބަލާއިރު 17 ކޯހެއް ހިންގުމުގެ ހުއްދަ އެކަޑަމީ އަށް ދީފައިވާކަން އެނގެއެވެ. ހުއްދަ ހޯދުމަށް އެދި ހުށަހެޅި ކޯސްތަކުގެ ތެރެއިން ހުއްދަ ދީފައިނުވަނީ ދެ ކޯހަކަށެވެ. ކޮންޓްރެކްޓުގައިވާ ގޮތަށް އެކަޑަމީ އިން ކޯސް ހިންގާފައިނުވާ ކަމާއި ތަންހުރީ ހުއްޓިފައި ކަމަށާއި އެސަބަބަށްޓަކައި އެކަޑަމީއިން ކޮންޓްރެކްޓާ ޚިލާފުވެފައިވާ ކަމަށް ދައުލަތުން ޝަރިއަތުގައި ބަޔާންކޮށްފައިވާއިރު، އަދި އެ ގޮތަށް ދަށުކޯޓުންނާއި ހައިކޯޓުން ހުކުމްކޮށްފައިވާއިރު، އެކަޑަމީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ ސިޓީއިން ކޮންޓްރެކްޓު ލާޒިމުކުރާ މިންވަރަށް ނުވަތަ ކޮންޓްރެކްޓުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދު ހާސިލުކުރެވޭ މިންވަރަށް އެކަޑަމީ ގައި ކޯސް ހިންގިކަން ކަށަވަރު ނުކުރެވެއެވެ.
އެކަޑަމީގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ އިތުރު ލިޔުންތަކުން އެނގެނީ އެކަޑަމީއަކީ މޮބައިލް ޓްރެއިނިންގ އާއި ދުރުންދޭ ތައުލީމަށް ޚާއްސަވެގެން ހިންގާ ތަނެއް ކަމާއި، އެހެންކަމުން ކޮންޓްރެކްޓު ނިމުމަކަށް ގެނައިފަހުން ވެސް އެކަޑަމީގެ ފަރާތުން އެކި ތަންތަނުގައި މޮބައިލް ކޯސްތައް ހިންގުމުގެ ހުއްދަ ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓްއަށް ސިޓީ ފޮނުވާފައިވާކަމެވެ. އެކަޑަމީގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެނީ ކޮންޓްރެކްޓުގެ ދަށުން ހަވާލުކުރެވުނު އިމާރާތުގައި އެކަޑަމީގެ ފަރާތުން ހިންގާފައިވަނީ މުޅި ޖުމްލަ ދެ ކޯސްކަމެވެ. އަދި 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުން އެ އިމާރާތުގައި އެކަޑަމީގެ ފަރާތުން މެރިޓައިމްގެ ދާއިރާއާ ބެހޭ ކޯހެއް ހިންގި ކަން އެކަޑަމީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް ލިޔުމަކުން އެނގެން ނެތެވެ.
ކޮންޓްރެކްޓާ އެއްގޮތަށް އިމާރާތުގައި ކޯސްތައް ހިންގާފައިވާ ކަމަށް އެކަޑަމީގެ ފަރާތުން ބުނެފައިވާއިރު އެކަން ނަފީކުރުމަށް ދައުލަތުގެ ފަރާތުން ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ކޮންޓްރެކްޓާ އެއްގޮތަށް އެކަޑަމީއިން ކޯސްތައް ހިންގާފައި ނުވާ ކަން ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ތިރީގައި މިވަނީއެވެ.
(ހ) ކުޅުދުއްފުށީގައި ހަދާފައިވާ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އޮޑިޓްކޮށް ހަދާފައިވާ ރިޕޯޓު: މި އޮޑިޓް ރިޕޯޓު ހެދުމުގެ މަސައްކަތް ކޮށްފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުއްނާސިރު މުޙައްމަދު އާއި އެސިސްޓެންޓް ޑައިރެކްޓަރ ހުސައިން ނަޒީރު އާއި ހދ. އަތޮޅު ކައުންސިލުގެ ފަރާތުން ހދ. އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ރަޝީދު އާއި ހދ. އަތޮޅު ކައުންސިލުގެ އިދާރާގެ ޒިންމާދާރު ވެރިޔާ އަހްމަދު އިމާދުއެވެ. ހދ. އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ރަޝީދު އާއި ހދ. އަތޮޅު ކައުންސިލުގެ އިދާރާގެ ޒިންމާދާރުވެރިޔާ އަހްމަދު އިމާދު މި ރިޕޯޓު ހެދުމުގައި ބައިވެރިވެފައިވާތީވެ، މި ރިޕޯޓު ހެދުމުގައި މި މައްސަލައިގެ ޚަސްމަކަށް ނުވާ މިނިވަން ފަރާތެއް ބައިވެރިވެފައި ވާކަން އެނގެއެވެ. މި ރިޕޯޓު ހެދުމަށްޓަކައި އޮޑިޓް ކުރި ޓީމު މެރިޓައިމް އެކަޑަމީ އަށް 10 ފެބްރުއަރީ 2013 ގައި ގޮސް އެތަން ބަލާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ އެތަނަށް އޮޑިޓްކުރި ޓީމު ދިޔައީ އެދުވަހުގެ 9:30 ގައި ކަމަށާއި އޭރު އެތަން ހުރީ ބަންދުކޮށްފައި ކަމަށާއި، ނަމަވެސް އެތަނުގެ ބޭރުގައި ހަރުކޮށްފައިވާ ބޯޑުގައިވާ ގޮތުން އެ ގަޑިއަކީ އެތަން ހުޅުވާފައި ހުންނަން ޖެހޭ ގަޑިއެއް ކަމަށެވެ. އެތަން ތަޅުލާފައި ވަނިކޮށް އެތަނުގެ ދެ މުވައްޒަފަކު އެ ތަން ހުޅުވައި ދިނުމުން އެ ޓީމުގެ ފަރާތުން އެތަން ބަލައި އެތަނުގެ ދެ މުވައްޒަފަކާ ވާހަކަ ދައްކައި މައުލޫމާތު އޮޅުން ފިލުވާފައިވެއެވެ. އަދި ރަސްމީ ގޮތުން އެތަނުގެ ފަރާތުން މައުލޫމާތު ދެވޭނެ އެތަނުގެ މުވައްޒަފުން ތިބީ މާލޭގައިކަން އޮޑިޓް ޓީމަށް އެނގުނު ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އެ ދެ މުވައްޒަފުންނަށް އޮޑިޓް ޓީމް ތައާރަފްކޮށް އެކަޑަމީގެ މަސައްކަތާބެހޭ ގޮތުން އެ މުވައްޒަފުންގެ ކިބައިން މައުލޫމާތު ސާފުކުރެވުނު ކަމަށެވެ. އެގޮތުން އޮޑިޓް ޓީމުން ސުވާލުކުރުމުން އެތަނުގެ މުވައްޒަފެއް ކަމަށްވާ ޚަދީޖާ އަބޫބަކުރު ބުނެފައިވަނީ އެކަޑަމީގައި 1 ޖުލައި 2012 އިން ފެށިގެން މެރިޓަމް ކޯހެއް ހިންގާފައި ނުވާ ކަމަށެވެ. އޮޑިޓް ރިޕޯޓުގެ ފާހަގަކުރެވުނު ކަންތައްތަކުގެ1 ވަނަ ނަންބަރުގައި ބުނެފައިވަނީ އެގްރިމެންޓުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބިޒްނަސް ޕްލޭން 2011 - 2014 ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަން ފާހަގަރެވުނު ކަމަށެވެ. ބިޒްނަސް ޕްލޭންގައި ހިންގަން ޖެހޭ ކޯސްތައް ބުނެފައިވީ ނަމަވެސް އެ ކޯސްތައް ހިންގަމުން ނުދާ ކަމަށާއި އެތަނުގައި މަސައްކަތްކުރާ އިންސްޓްރަކްޓަރުންވެސް އެކެޑަމީގައި މަސައްކަތްނުކުރާ ކަމަށެވެ.
(ށ) ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުގެ 5 މޭ 2013 ގެ ސިޓީ: މިސިޓީ އަކީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓަށް ފޮނުވާފައިވާ ސިޓީއެކެވެ. މި ސިޓީގައި އަތޮޅު ކައުންސިލުން ބުނެފައިވަނީ އެ ތަން ކުއްޔަށްދިނީ މެރިޓައިމް އެކަޑަމީއެއް ހިންގައި، ބޯޓު ދަތުރުކުރުމަށް ބޭނުންވާ ދަރިވަރުން ތަމްރީނު ކުރުމަށް ކަމުގައި ވިޔަސް އެތަން އޮޑިޓް ކުރުމުގެ މަސައްކަތް މިނިސްޓްރީ އިން ކުރުމާ ހަމައަށް އެތަނުން ހިންގާފައިވަނީ މެރިޓައިމް ދެ ކޯސް އެކަނި ކަމަށެވެ. އެއީ ފަޔަރ ފައިޓިންގ ކޯހަކާއި ކޯސްޓަލް ނެވިގޭޝަންގެ ކޯހެކެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ އިން ފެށިގެން 2013 ވަނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް އެއްވެސް ކޯހެއް ހިންގާފައި ނުވާ ކަމަށެވެ.
އެކަޑަމީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައިގައި ބުނެފައިވަނީ (ދިވެހިރާއްޖޭގެ ހައިކޯޓުގެ 2016/HC-A/137 ގަޒިއްޔާ ނިމުނުގެ ގޮތުގެ ރިޕޯޓުގެ 25 ވަނަ ސަފްހާގައި):
"އެ އެއްބަސްވުން ހެދުނު ފަހުން އަޅުގަނޑުމެން ވާނީ މިދެންނެވިހެން އަޅުގަނޑުމެން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައިވާ ދެ ކޯހެއް ހިންގާފައި. އަދި އޭގެ އިތުރުންވެސް ބައިވަރު އެހެން ކޯސްތަކެއް އަޅުގަނޑުމެން ހިންގާފައިވާނެ. އެއީ ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދިނުމުގެ ކޯހެއް ނޫން ހަމަ އެކަނި. މިދެންނެވީ މެރިޓައިމްއާ ގުޅުންހުރި ބައިވަރު ކޯސްތައް. . ."
އެކަޑަމީ އިން ހިންގިކަން ސާބިތުވާން އޮތް ދެ ކޯހުގެ އިތުރުން އެހެން ކޯސްތަކެއް އެކަޑަމީ އިން އިމާރާތުގައި ހިންގިކަމަށް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާތީވެ، އެ ގޮތުން އިތުރަށް ހިންގި ކޯސްތަކުގެ ތަފްސީލު ހުށަހެޅުމަށް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުން އެންގި ނަމަވެސް އެ ދެ ކޯހުގެ އިތުރުން ހިންގާފައިވާ ކަމަށް ބުނެފައިވާ އެއްވެސް ކޯހެއްގެ ތަފްސީލު އެކަޑަމީ އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވެއެވެ. ސުޕްރީމް ކޯޓުން ކުރި ސުވާލާ ގުޅިގެން އެކެޑަމީއިން ތަކުރާރުކޮށް ހަވާލާދީފައިވަނީ އިސްވެ ބަޔާންކުރެވިފައިވާ އެކަޑަމީގެ AR/K/2012/117 (27 ނޮވެމްބަރު 2012) ސިޓީ) އަށާއި AR/K/2013/29 (29 އެޕްރީލް 2013) ސިޓީ އަށެވެ. ނަމަވެސް ކުރިން ބަޔާންކުރި ފަދައިން މި ސިޓީތަކުން އެތަނުގައި 2012 ވަނަ އަހަރު ހިންގިކަން ސާބިތުވާ ދެ ކޯހުގެ އިތުރުން އެހެން ކޯހެއް ހިންގިކަން އެނގެން ނެތެވެ. އަދި 2012 ޖުލައި މަހުގެ ފަހުން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމާ ހަމައަށް އެއްވެސް ކޯހެއް ހިންގިކަން އެނގެން ނެތެވެ.
ހެއްކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާއަށް ރިއާޔަތްނުކޮށް ނިންމިކަމަށް ބުނާ ބުނުން
އެކަޑަމީގެ ފަރާތުން، އިސްތިއުނާފުކުރަން ހުށަހެޅި ދެވަނަ ނުކުތާގައި އެކަޑަމީ އިން ބުނެފައިވަނީ އިސްތިއުނާފު ކޮށްފައިވާ މައްސަލަ ނިންމާފައިވަނީ ހެއްކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާއަށް ރިއާޔަތްނުކޮށް ކަމަށެވެ. މި ނުކުތާގެ ތަފްސީލުގައި އެކަޑަމީ އިން ބުނެފައިވަނީ ހެއްކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ކަމެއް ސާބިތުވެއްޖެ ކަމަށް ބެލެވޭނީ އެކަމެއް ހިނގި ކަމަށް ނުވަތަ ހިނގާކަމަށް ޝަރީއަތުގެ މަޖިލީހަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި ކަމަށާއި ބުއްދި ސަލާމަތުން ހުރި މީހަކަށް އެކަން ހިނގާފައިވާ ކަމަށް ބަލައި، އެ މައްޗަށް އަމަލުކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާ ކަމަށް ޝަރީއަތުގެ މަޖިލީހަށް ބުރަވެވިވެއްޖެ ނަމަ އެފަދަ ޚާއްސަ ހާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެކަމުގެ ހަގީގަތް ސާބިތުވެއްޖެ ކަމަށް ޝަރީއަތުގެ މަޖިލީހުން ނިންމިދާނެ ކަމަށެވެ. އެކަޑަމީގެ ފަރާތުން ބުނެފައިވަނީ އެފަރާތުން މެރިޓައިމް ކޯސްތައް އެތަނުގައި ހިންގާފައިވާކަމަށެވެ. އަދި އެ ކޯސްތައް ހިންގަމުން ގެންދަނިކޮށް ކޯސް ހިންގުން ހުއްޓުނީ ކޯސްތައް ހިންގުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދޭންޖެހޭ ހުއްދަތައް ނުދިނުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެކަޑަމީ އިން ކޯސް ނުހިންގުމުގެ ސަބަބުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނާ ބުނުން ހެއްކާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގައި ބުނާ ހަގީގަތް ސާބިތުކޮށްދޭންޖެހޭ މިންގަނޑުން ސާބިތުވެފައިނުވާ ކަމަށް އެކަޑަމީއިން ބުނެފައިވެއެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ބުނެފައިވަނީ އެއީ ހަގީގަތް ނޫންކަމާއި، އެ ކޯސްތަކުގެ ތެރެއިން ދެ ކޯހަކަށް ފިޔަވައި އެހެން ކޯސްތަކަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ހުއްދަދީފައިވާ ކަން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ޖަވާބާއެކު ހިމަނާފައިވާ އެގްޒިބިޓް 3 އިން އެނގޭ ކަމަށެވެ.
ދެފަރާތުގެ ދެމެދުގައި ވާސިލުވެވުނު ކޮންޓްރެކްޓުގެ ދަށުން އެކަޑަމީގެ ފަރާތުން އަދާކުރަންޖެހޭ މައިގަނޑު ތިން އިލްތިޒާމެއް އެބައޮތެވެ. އެއީ:
(ހ) ކޮންޓްރެކްޓު ފެށޭ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މެރިޓައިމް އެކަޑަމީގެ އޮޕަރޭޝަންތައް ފެއްޓުން. (ކޮންޓްރެކްޓުގެ 16 ވަނަ މާއްދާގެ (i))
(ށ) އެކަޑަމީއާ ހަވާލުކުރި އިމާރާތުގައި މެރިޓައިމް އެކަޑަމީ އެއް ތަރައްގީކޮށް ހިންގުން. (ކޮންޓްރެކްޓުގެ ދެވަނަ މާއްދާ)
(ނ) އެކަޑަމީ އިން މިނިސްޓްރީ އަށް ހުށަހެޅި ބިޒްނަސް ޕްލޭނުގައިވާ މަގުސަދުތައް ހާސިލުކުރެވޭކަން އެކަޑަމީއިން ކަށަވރު ކުރުން. ( ކޮންޓްރެކްޓުގެ 2 ވަނަމާއްދާ)
ކޮންޓްރެކްޓަށް އަމަލުކުރަން ފެށި ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި އެކަޑަމީގެ އޮޕްރޭޝަންތައް ފައްޓަން ޖެހެއެވެ. ކޮންޓްރެކްޓުގައި ސޮއިކުރަމަށްފަހު، މިނިސްޓްރީއިން ކޮންޓްރެކްޓް ނިމުމަކަށް ގެނައުމާ ހަމައަށް ހިނގާފައިވާ މުއްދަތުގައި ކުއްޔަށް ހިފި އިމާރާތުގައި އެކަޑަމީއިން ދެ ކޯހެއް ހިންގިކަން ޝަރީއަތަށް ސާބިތުވެއެވެ. އެއީ ފަޔަރ ފައިޓިންގ ކޯހަކާއި ކޯސްޓަލް ނެވިގޭޝަންގެ ކޯހެކެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2013 ވަނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް މެރިޓައިމްގެ ދާއިރާގެ ކޯހެއް އެކަޑަމީގައި ހިންގިކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނެތެވެ. އެހެން ކަމުން އެތަނުގައި ހިންގި ދެ ކޯސް ހިންގާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިންނެވެ. ވީމާ މި ހާލަތުގައި އެކަޑަމީގެ އޮޕަރޭޝަންތައް ފެށިއްޖެ ކަމަށް ބެލެވޭ ހެއްޔެވެ.
ވިޔަފާރި ތަނެއްގެ އޮޕަރޭޝަން ފެށިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އެކިއެކި ކަންކަމަށް ރިއާޔަތްކުރެވެއެވެ. އެހެން ކަމުން ތަނެއްގެ އޮޕަރޭޝަންތައް ފެށިއްޖެ ކަމަށް ބެލެވޭނީ ކޮންމެ މައްސަލައެއްގައި ވެސް އެ މައްސަލައިގެ ޚާއްސަ ވާގިއާތަކަށް ރިއާޔަތް ކޮށްގެންނެވެ. އެގޮތުން އެކި ވިޔަފާރިތަކުގައި އޮޕަރޭޝަންތައް ފެށިއްޖެތޯ ކަނޑައެޅުމަށް އަންނަނިވި ކަންކަމަށް ރިއާތްކުރެވިފައި ހުރެއެވެ. އެއީ:
(ހ)އެތަނުން އިންވޮއިސް ހަދައި އިންވޮއިސް ބަލައިގަންނަން ފެއްޓުން
(ށ)މުދާ އުފައްދާ ތަންތަނުން މުދާ އުފައްދަން ފެށުން
(ނ)މުދާ ވިއްކަން ފެށުން
(ރ)ވިޔަފާރިއަށް ބޭނުންވާ މުދާ ގަތުން
(ބ)ކުންފުނިން ވިޔަފާރި ކުރުމަށް ކޮންޓްރެކްޓު ހެދުން
(ޅ)މުވައްޒަފުން ހޯދުން ނުވަތަ މަސައްކަތު މީހުން ހޯދުން
(ކ)މުވައްޒަފުންނަށް މުސާރަ ދިނުން
(އ)ކުންފުނީގެ ޚަރަދުތަކަށް ފައިސާ ދެއްކުން
(ވ)ކުންފުނީގެ ވިޔަފާރިއަށް މާލީ އިންސްޓްރޫމެންޓު ގަތުން
އިސްވެ ދިޔަ ޕްރެގްރާފުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެކަޑަމީގެ ފަރާތުން ތަނުގައި ކޮންމެވެސް މިންވަރަކަށް މުވައްޒަފުން ގެންގުޅޭ ކަމާއި ދެ ކޯހެއް ހިންގާފައިވާކަން ޓްރާންސްޕޯޓް އޮތޯރިޓީއިން ހަދާފައިވާ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ގެ އޮޑިޓް ރިޕޯޓުން އެނގެއެވެ. އަދި އެ ތަނުގައި ދެ ކޯހެއް ހިންގިކަން ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުގެ 5 މޭ 2013 ގެ ސިޓީ އިންވެސް އެނގެއެވެ. ވީމާ ދެ ފަރާތުން ވާސިލުވެފައިވާ ކޮންޓްރެކްޓުގެ 16.1 ވަނަ މާއްދާގައި ބުނެފައިވާ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ތަނުގެ އޮޕަރޭޝަން ފެށިފައިވާ ކަމަށް ގަބޫލުކުރެވެއެވެ.
ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީއިން ހަދާފައިވާ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ގެ އޮޑިޓް ރިޕޯޓާއި ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުގެ 5 މޭ 2013 ގެ ސިޓީ އަށް ބަލާއިރު، 2012 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް މިނިސްޓްރީގެ ފަރާތުން އެކަޑަމީއަށް ނޯޓިސް ފޮނުވި ތާރީޚުކަމުގައިވާ 27 މާޗް 2013 އާ ދެމެދުގައި ކޯހެއް ހިންގާފައި ނެތެވެ. އެހެންކަމުން މިހާލަތުގައި އުފެދޭ ސުވާލަކީ މި ބަޔާންކުރެވުނު މުއްދަތުގައި އެތަނުގައި ކޯހެއް ހިންގާފައި ނެތުމަކީ ކޮންޓްރެކްޓާ ޚިލާފުވުންތޯ ނުވަތަ ނޫންތޯއެވެ. ކޮންޓްރެކްޓުގެ 2 ވަނަ މާއްދާ ބުނާގޮތުން ކުޅުދުއްފުށީގައި މެރިޓައިމް އެކަޑަމީއެއް ހިންގުމަށް، އެކަޑަމީ އިން މިނިސްޓްރީ އަށް ހުށަހެޅި ބިޒްނަސް ޕްލޭނުގައިވާ މަގުސަދުތައް ހާސިލުކުރެވޭކަން އެކަޑަމީއިން ކަށަވަރުކުރަން ޖެހެއެވެ. 27 މާޗް 2013 ގައި ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް މިނިސްޓްރީއިން ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވަނީ ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ނިންމީ، އެކަޑަމީ އިން ކޮންޓްރެކްޓުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް އެކަޑަމީގެ އޮޕްރޭޝަންތައް ހިންގާފައި ނުވާތީ ކޮންޓްރެކްޓުގެ މަގްސަދު ހާސިލުވަމުން ނުދާތީ ކަމަށެވެ. މި އުވާލުމުގެ ނޯޓިސް އިން ދޭހަވަނީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް މިނިސްޓްރީއިން ނިންމި ސަބަބަކީ އެތަނުން ކޯސް ހިންގަން ފެށި ނަމަވެސް، ވަކި ހިސާބަކުން ފެށިގެން ކޮންޓްރެކްޓުގެ މަގްސަދު ހާސިލުވާ ގޮތަށް އެތަނުގައި ކޯސް ހިންގަމުން ނުގެންދާތީ ކަމެވެ. ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ބުނެފައިވަނީ އެކަޑަމީއިން ހުށަހަޅާފައިވާ ބިޒްނަސް ޕްލޭންގައިވާ ގޮތަށް އެތަނުގައި ކޯސްތައް ހިންގަމުން ނުގެންދާކަން ސާބިތުވާތީވެ، އެކަޑަމީއިން ކޮންޓްރެކްޓާ ޚިލާފުވެފައިވާ ކަމަށާއި، އެތަނުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު އެތަނުގައި އެފަދަ ކޯސްތަކެއް ހިންގުމަށް ގާއިމުކުރަންޖެހޭ ވަސީލަތްތައްވެސް ގާއިމުކޮށްފައި ނެތުމުން އެ ފަރާތަށް ބިޒްނަސް ޕްލޭން ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތައް އެ މުއްދަތުގެ ތެރޭގައި ހާސިލުނުކުރެވޭ ކަމަށެވެ.
ބިޒްނަސް ޕްލޭންގެ 6.3.1 ގައިވާ ގޮތުން 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އެކަޑަމީއިން ހިންގަން ހުށަހަޅާފައިވަނީ އަންނަނިވި ކޯސްތަކެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކޯހަށް ހުއްދަ ދީފައި/ނުދޭ ކޯހުގެ ނަން
2011 ގައި ހުއްދަ ދީފައި Elementary First Aid
2011 ގައި ހުއްދަ ދީފައި Personal Survival Techniques
2011 ގައި ހުއްދަ ދީފައި Fire Prevention and Fire Fighting
2011 ގައި ހުއްދަ ދީފައި Personal Safety and Social Responsibility
2011 ގައި ހުއްދަ ދީފައި Crowd Management
2011 ގައި ހުއްދަ ދީފައި Crisis Management
2011 ގައި ހުއްދަ ދީފައި Tanker Familiarization
ހުއްދަދީފައި އޮތްކަން އެނގެން ނެތް Coastal Navigation
ކޮންޓްރެކްޓުގައި ސޮއިކުރުމާއި ކޮންޓްރެކްޓު ނިމުމަކަށް ގެނައުމާ ދެމެދުގައި ހިނގާފައިވާ މުއްދަތުގައި އިމާރާތުގައި އެކަޑަމީއިން ދެ ކޯހެއް ހިންގިކަން ޝަރިއަތަށް ސާބިތުވެއެވެ. އެއީ ފަޔަރ ފައިޓިންގ ކޯހަކާއި ކޯސްޓަލް ނެވިގޭޝަންގެ ކޯހެކެވެ. އެހެންކަމުން ކޮންޓްރެކްޓުގެ ދަށުން ހިންގުމަށް އެކަޑަމީއިން ވައުދުވެފައިވާ މިންވަރުގެ ތެރެއިން އެކަޑަމީއަށް ފުރިހަމަކުރެވިފައިވަނީ ނިސްބަތުން ވަރަށް ކުޑަމިންވަރެކެވެ. ފުރަތަމަ އަހަރު ނިމިގެން ގޮސް ދެވަނަ އަހަރުގެ ބައެއް ހޭދަވެގެން ދިޔައިރު، އެކަޑަމީއިން ހިންގުމަށް ބިޒްނަސް ޕްލޭންގައި ވައުދުވެފައިވާ ކޯސްތަކުގެ ތެރެއިން ހިންގިފައިވަނީ ހަމަ އެކަނި ދެ ކޯސް ކަމަށްވާތީވެ، މިނިސްޓްރީ ގެ ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެންނަން ފޮނުވި ނޯޓިސްގައި ބުނެފައިވަނީ އެ ކޮންޓްރެކްޓުން މިނިސްޓްރީއިން ހާސިލުކުރަން ބޭނުންވި މަގްސަދު ހާސިލުވެފައި ނުވާ ކަމަށެވެ. މި ނުކުތާގެ ރައްދުގައި އެކަޑަމީއިން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި ބުނެފައިވަނީ، އެފަރާތުން މެރިޓައިމް ކޯސްތައް ހިންގާފައިވާ ކަމަށެވެ. އަދި އެ ކޯސްތައް ހިންގަމުން ގެންދަނިކޮށް ކޯސް ހިންގުން ހުއްޓުނީ ކޯސްތައް ހިންގުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދޭންޖެހޭ ހުއްދަތައް ނުދިނުމުގެ ސަބަބުން ކަމަށެވެ. އަދި ކޯސްތަކަށް ހުއްދަ ނުދީ އޮތުމުގެ ސަބަބުން ކޯސްތައް ނުހިންގި ދިޔަ މުއްދަތަކީ އެކަމުގެ ޒިންމާ ގާނޫނީ ގޮތުން އެކަޑަމީއިން ނަގަންޖެހޭ ކަމެއް ނޫންކަމަށެވެ. ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެގްޒިބިޓް 3 ގައިވާ މައުލޫމާތުން އެނގެނީ 2012 އިން ފެށިގެން 2014 އަށް ހިންގަން އެކަޑަމީއިން ހިންގަން ހުށަހަޅާފައިވާ ކޯސްތަކަށް މިނިސްޓްރީއިން ހުއްދަ ދީފައިވާ ކަމެވެ.
ވަކި ކަމެއް ކަނޑައެޅިފައިވާ މުއްދަތަކުން ކުރަމުން ގެންދިއުމަށް ވެވިފައި ހުންނަ އެއްބަސްވުންތަކުގައި، ޚިލާފުވި ފަރާތުން ކުރަން އެއްބަސްވެފައިވާ މަސައްކަތް ނުކޮށް ހުރުމުގެ ސަބަބުން ކުރިއަށް އޮތް މުއްދަތުގައި އެކަން ގަވާއިދުން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ނެތް ހާލަތްތަކުގައި އެއީ ބުރަދަން ހުރި ސީރިއަސް ޚިލާފެއް ކަމަށް ބަލައި، ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ހުއްދަވާނެއެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ވަކި މުއްދަތެއްގެ ތެރޭގައި އެކަޑަމީއިން ކޯސް ހިންގުމަށް ވައުދުވެފައިވާ މިންވަރުގެ ތެރެއިން ފުރިހަމަ ކުރެވިފައިވަނީ ނިސްބަތުން ކުޑަމިންވަރެކެވެ. އިމާރާތް ހުރީ ބަންދުކޮށްފައެވެ. ތަން ނުބެލެހެއްޓުމުގެ ސަބަބުން އިމާރާތާއި އިމާރާތުގައިވާ ތަކެއްޗަށް ގެއްލުން ވެފައިވެއެވެ. ބަޔަކު އެތަން ދިރުވައި އާލާ ކުރަން މަސައްކަތް ކުރާ ކަމުގެ ނިޝާނެއް ނެތެވެ. އެހެންކަމުން އެކަޑަމީއިން ވައުދުވެފައިވާ ގޮތަށް ތަނުގައި ކޯސް ހިންގާފައި ނެތުމަކީ ބުރަދަން ހުރި ސީރިއަސް ޚިލާފެއް ކަމަށް ގަބޫލުކުރެވެއެވެ. މި މައްސަލައިގެ ޝަރީއަތަށް ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓަށް ބަލާއިރު، ކިޔަވައިދޭ ތަނެއްގެ ގޮތުގައި ބަޔަކު އެތަން ދިރުވައި އާލާ ކުރަން މަސައްކަތް ކުރާ ކަމުގެ ނިޝާނެއް އެތަނުން ފެންނަން ނެތެވެ. ކޯސްތަކެއް ހިންގުމަށް ގާއިމުކުރަންޖެހޭ ވަސީލަތްތައް އެތަނުގައި ގާއިމުކޮށްފައި ނެތެވެ. އިމާރާތާއި ތަނުގައި ހުރި ތަކެތި ހުރީ ބަޔަކު އެ އިމާރާތް ބޭނުންކުރަމުންދާ ތަނެއްގެ ގޮތަކު ނޫނެވެ. އިމާރާތް ހުރި ހާލަތަށް ބަލާއިރު، ބިޒްނަސް ޕްލޭންގައިވާ ގޮތުގެމަތިން އެތަނުގައި ކޯސް ހިންގައި، ކޮންޓްރެކްޓުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތައް އެ މުއްދަތުގެ ތެރޭގައި ހާސިލުކުރެވިދާނެ ކަމަށް ސަލާމަތް ބުއްދި ހުރި މީހެއްގެ މިންގަނޑުން ބަލާއިރު ގަބޫލެއް ނުކުރެވެއެވެ.
ކުރިންވެސް ބަޔާންކުރި ފަދައިން، ކޮންޓްރެކްޓުގެ އެއް ބައިވެރިއަކު އަދާކުރަންޖެހޭ ކަމެއް ކުރަން އެއްބަސްވެފައިވާ ގޮތަށް ނުކޮށްފިނަމަ، އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު މައުސޫމު ފަރާތަށް ލިބިދޭ ޚިލާފެއްކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ، އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމަ އެވެ. އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުންކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ އެ ޚިލާފުގެ ބުރަދަނާ ސީރިއަސް ކަމުގެ މައްޗަށެވެ. މިގޮތުން، ކޮންޓްރެކްޓުގެ ދަށުން ފުރަތަމަ އަހަރާއި ދެވަނަ އަހަރާއި ތިންވަނަ އަހަރު ވަކި އަދަދަކަށް ކޯސް ހިންގަން އެކަޑަމީއިން އެއްބަސްވެފައިވާއިރު، ފުރަތަމަ އަހަރުގެ ތެރޭގައި ހިންގަން އެއްބަސްވެފައިވާ ކޯސްތަކުގެ ތެރެއިން ހިންގިފައިވަނީ އެންމެ ދެ ކޯސްކަމަށް ވެފައި، އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ދެވަނަ އަހަރުން ބައެއް ހިނގާފައިވަނިކޮށް ކަމަށްވާއިރު ދެވަނަ އަހަރު އެއްވެސް ކޯހެއް ހިންގިފައި ނެތުމަކީ މިނިސްޓްރީއިން ކޮންޓްރެކްޓު ނިމުމަކަށް ގެނައުން ހުއްދަވާ ޒާތުގެ މައިގަނޑު ކަމަކާ އެކަޑަމީއިން ޚިލާފުވުންތޯ ބެލުމަށްޓަކައި، ކޮންޓްރެކްޓުގެ އެންމެހައި ޝަރުތުތަކުގެ މައްޗަށް ބަލައި، އެ ޝަރުތުތައް ކޮންޓްރެކްޓުގައި ހިމެނުން މިނިސްޓްރީއަށް ނުވަތަ ސަރުކާރަށް މުހިންމުވަނީ ކިހާ މިންވަރަކަށްތޯ ބަލަންޖެހެއެވެ. އެކަން ސާފުކުރުމަށް ކުރަންޖެހޭ ސުވާލަކީ ކޮންޓްރެކްޓުގައިވާ ގޮތަށް އެކަޑަމީއިން ކޯސް ނުހިންގާނެކަން މިނިސްޓްރީއަށް އެނގޭ ނަމަ ނުވަތަ އެގޮތަށް ކޮންޓްރެކްޓުގައިވާ ގޮތަށް ކޯސް ހިންގުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީއިން ގަބޫލުނުކުރާ ނަމަ، މި ކޮންޓްރެކްޓުގައި މިނިސްޓްރީއިން ސޮއިކުރީސް ހެއްޔެވެ؟ ކޮންޓްރެކްޓުގައިވާ ގޮތަށް އެކަޑަމީއިން ކޯސް ނުހިންގާނެކަން މިނިސްޓްރީއަށް އެނގޭ ނަމަ ނުވަތަ އެގޮތަށް ކޮންޓްރެކްޓުގައިވާ ގޮތަށް ކޯސް ހިންގުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީއިން ގަބޫލުނުކުރާ ނަމަ މި ކޮންޓްރެކްޓުގައި ސޮއިކުރާނެ ކަމަށް ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލު ކުރާނެ ކަމަށް ނުފެނެއެވެ. އެހެން ކަމުން އެކަޑަމީއިން 2012 ވަނަ އަހަރު ދެ ކޯހެއް އެތަނުގައި ހިންގި ފަހުން ކުއްޔަށް ދިން އިމާރާތުގައި ކޯހެއް ހިންގާފައި ނެތުމަކީ ކޮންޓްރެކްޓުގެ މުހިންމު ބަޔަކާ ޚިލާފުވުން ކަމަށް ގަބޫލުކުރެވެއެވެ. ކޮންޓްރެކްޓުގެ މުހިންމު ބަޔަކާ ޚިލާފުވުމަކީ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ކޮންޓްރެކްޓު ނިމުމަކަށް ގެނެވިދާނެ ސަބަބެކެވެ. މި ޚިލާފުން ސީރިއަސް ނަތީޖާތަކެއް ނިކުމޭތޯ ބަލާއިރު، އިމާރާތް ބޭނުން ނުކުރެވި ހުރުމުގެ ސަބަބުން، އެ އިމާރާތް އެނޫން ކަމަކަށް ދައުލަތުން ބޭނުންކުރުމުގެ ފުރުސަތު ގެއްލެއެވެ.
ކޮންޓްރެކްޓުގައި ބުނެފައިވާ މުއްދަތުގައި އިންވެންޓްރީ އެއް ނަގާފައި ނެތުން
އެކަޑަމީގެ ފަރާތުން އިސްތިއުނާފުކުރަން ހުށަހެޅި ތިން ވަނަ ނުކުތާގައި ބުނެފައިވަނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކުރުމެއް ނެތި މައްސަލަ ނިންމާފައިވާ ކަމަށެވެ. އެ ނުކުތާގެ ތަފްސީލުގައި އެކަޑަމީއިން ބުނެފައިވަނީ ކޮންޓްރެކްޓުގެ ދަށުން ހުށަހަޅަންޖެހޭ އިންވެންޓްރީ ހުށަހަޅާފައި ނުވާތީވެ އެކަޑަމީ އިން ކޮންޓްރެކްޓާ ޚިލާފުވެފައިވާ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާއިރު، އެ އިންވެންޓްރީ ހުށަހެޅުން ލަސްވެފައިވީ ނަމަވެސް އިސްތިއުނާފުކުރާ ފަރާތުން އެ އިންވެންޓްރީ ފަހުން ހުށަހަޅާފައިވާ ކަމަށާއި އަދި އެ އިންވެންޓްރީއާ ފަހުން އިސްތިއުނާފު ރައްދުވާ ފަރާތުން ހަވާލުވެފައި އޮތުމުން އެއިން ދޭހަވަނީ އިންވެންޓްރީ ހުށަހެޅުމަށް ވަކި ގޮތަކަށް އެއްބަސްވެފައި އޮތް ނަމަވެސް އިންވެންޓްރީ ހުށަހެޅުމަށްޓަކައި އިސްތިއުނާފު ރައްދުވާ ފަރާތުން ލުއިތަކެއް ދީފައިވާ ކަމަށެވެ. ވީމާ އިންވެންޓްރީ ހުށަނާޅާ ކަމަށް ކަނޑައަޅައި އެކަމުގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާތިލުކުރުމަށް ހުކުމް ކުރުމަކީ ގާނޫނީ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ.
ދައުލަތުގެ ފަރާތުން، މި ނުކުތާއާ ބެހޭ ގޮތުން ބުނެފައިވަނީ ދެފަރާތުގެ ދެމެދުގައިވާ ކޮންޓްރެކްޓުގެ 46 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްބަސްވުމުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް ބަޔާންކޮށްފައިވާ ކަމަކާމެދު އެ ނޫންގޮތަކަށް އަމަލު ކުރުމުން ނުވަތަ އެ އިލްތިޒާމު އަދާނުކުރުމާ ގުޅިގެން ފިޔަވަޅެއް ނޭޅުމަކީ އެ ފަރާތުން ކުޅަ އަމަލެއް ނުވަތަ ނުކޮށް ދޫކޮށްލި ކަމެއް ބަލައިގަތީ ކަމަށް ނުވަތަ މާފުކުރީ ކަމަށް ނުބެލެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދިން ދުލެއް ކަމަށް މާނަނުކުރެވޭނެ ކަމަށެވެ.
ހައްގެއް ދޫކޮށްލުން
އޭގެ ތަބީއަތަށް ބަލާއިރު، ހައްގަކީ، ދުވަސްވުމުން ނުވަތަ އެ ހައްގު ބޭނުންނުކޮށް އޮތުމުގެ ސަބަބުން ބައުވެ ފަނާވެގެންދާ އެއްޗެއް ނޫނެވެ. ނަމަވެސް އެނގި ބަޔާންވެގެންވާ ހައްގެއް ގަސްތުގައި ދޫކޮށްލުމުގެ އިޚްތިޔާރު އެ ހައްގުގެ ވެރިފަރާތަށް ލިބިގެންވެއެވެ. އަމަލުކުރަމުންދާ ކޮންޓްރެކްޓެއްގައި ބަޔާންކޮށްފައިވާ މާއްދާއެއްގައިވާ ހައްގެއް ބަހުން ނުވަތަ އަމަލުން ދޫކޮށްލެވިދާނެ އެވެ. މިގޮތަށް ކޮންޓްރެކްޓުގައިވާ ކަމެއް ދޫކޮށްލާ ދޫކޮށްލުން ކޮންމެހެން ލިޔުމުން އޮތުން ލާޒިމުނުވެއެވެ.
ކޮންޓްރެކްޓުގެ މާއްދާއެއްގައިވާ ކަމަކަށް ދުލެއް ދިނުމާއި ކޮންޓްރެކްޓުގައިވާ ކަމަކަށް ބަދަލެއް ގެނައުމާއި މިއީ ތަފާތު ދެ ކަމެކެވެ. ތަފާތު ދެ މަފްހޫމެކެވެ. މި ދެ މަފްހޫމުގެ ވާހަކަ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ އެއީ ތަފާތު ވަކި މަފްހޫމުތަކެއްކަން އެނގޭ ގޮތަށެވެ. އެ މާއްދާގައި ބުނެފައިވަނީ:
20 (ހ) ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާ ޚިލާފުގޮތަކަށް އަމަލުކުރެވޭނީ، އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފި ނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް އަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ.
މި މާއްދާގެ ދެ ވަނަ ޖުމްލައިގައި ބަޔާންކޮށްފައިވަނީ ކޮންޓްރެކްޓުގައިވާ ކަމަކަށް ދުލެއް ދިނުމުގެ (waiver) ވާހަކައެވެ. ތިންވަނަ ޖުމްލައިގައި ބުނެފައިވަނީ ކޮންޓްރެކްޓުގައިވާ ކަމަކަށް ބަދަލު ގެނެސްގެން އެހެން ގޮތަކަށް އަމަލުކުރުމުގެ (variation) ވާހަކައެވެ. ކޮންޓްރެކްޓުގައިވާ ކަމަކަށް ދުލެއް ދިނުމަކީ ނުވަތަ ދޫދިނުމަކީ އެއްފަރާތުގެ އަމަލެކެވެ. އެހެންކަމުން ދުލެއް ދިނުމުގެ ނުވަތަ ދޫކޮށްލާ ދޫކޮށްލުމުގެ މުގާބިލެއް އޮތުން ލާޒިމުވެގެން ނުވެއެވެ. އެ ދޫކޮށްލާ ކަމެއް ދޫކޮށްލުމުގެ ސަބަބުން މަންފާ ލިބޭ ފަރާތުން އެ ދޫކޮށްލުމަށް ބަރޯސާވެފައި އޮތުންވެސް ލާޒިމު ނުވެއެވެ. އެއާ ޚިލާފަށް، ކޮންޓްރެކްޓުގައިވާ ވަކި ކަމަކަށް ބަދަލެއް ގެނެސް އެހެން ގޮތަކަށް އެކަމެއް ކުރާނަމަ ދެފަރާތުގެ އެއްބަސްވުން އެކަމަށް އޮންނަން ޖެހޭނެއެވެ. އޭގެ މާނަކީ ކޮންޓްރެކްޓުގައިވާ ގޮތާ ތަފާތު ގޮތަކަށް އަމަލުކުރެވޭނީ ދެފަރާތުން އެކަމަށް އެއްބަސް ވެގެން އަދި އެ އެއްބަސްވުމުގެ ވަކި މުގާބިލެއް އޮވެގެންނެވެ.
ދުލެއް ދިނުމަކީ ކޮންޓްރެކްޓުގެ ބައިވެރިއަކަށް ކޮންޓްރެކްޓުގެ ދަށުން އެއް އިރަކު ލިބި އޮތް މައުޟޫއީ ހައްގެއް، ތަފާތު ސަބަބުތަކަކާހުރެ، ފަހުން ހޯދަން އުޅުން މަނާކުރާ މަފްހޫމެކެވެ. ދުލެއް ދިނުމަކުން ކޮންޓްރެކްޓުގެ މާއްދާތަކަށް ބަދަލެއް ނާންނާނެއެވެ. ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އަމަލުތައް ހުރި ގޮތުން އަސަރުކުރާނީ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ ކޮންޓްރެކްޓާ ޚިލާފުވުމުން އެފަރާތަށް ލިބޭ ހައްލުތަކަށެވެ.
ކޮންޓްރެކްޓުގައިވާ ހައްގެއް ދޫކޮށްލީ ކަމަށް ބެލެވޭނީ އެ ހައްގު ދޫކޮށްލީ އެ ހައްގު ދޫކޮށްލި ފަރާތަށް އެކަން އެނގިހުރެ އަމިއްލަ ރުހުމުގައި އެ ހައްގު ދޫކޮށްލުމުގެ ނިޔަތުގައިކަން ދޭހަވާ ނަމައެވެ. ހައްގެއް ދޫކޮށްލީކަމަށް އެ މައްސަލައެއްގައި ހިމެނޭ ވާގިއާތަކަށް ބިނާކޮށް އެހާ ފަސޭހައިން އިފްތިރާޟު ކޮށްގެން ނުވާނެއެވެ. އެ ހައްގު ދޫކޮށްލުމުގެ ނިޔަތް އޮތްކަން އެ މައްސަލައިގެ ވާގިއާތަކުން ފާޅުވެ އެނގެން ޖެހޭނެއެވެ. އެހެންކަމުން ހައްގެއް ދޫކޮށްލީކަން ނުވަތަ ނޫން ކަމަކީ އާޚިރުގައި ވާގިއީ ސުވާލެކެވެ.
ކޮންޓްރެކްޓުގައިވާ ކަމެއް ދޫކޮށްލީކަމަށް ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އަމަލުން ދޭހަ ކުރެވިދާނެއެވެ. ނަމަވެސް އެގޮތަށް ދޭހަކުރެވޭ ދޭހަކުރުމަކީ އެއްވެސް އޮޅުމެއްނެތި ސާފުކޮށް ކުރެވޭ ދޭހ ަކުރުމަކަށް ވާންޖެހޭނެއެވެ. ކޮންޓްރެކްޓުގައިވާ ކަމެއް ދޫކޮށްލީކަމަށް ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އަމަލުން ދޭހަކުރުމުގައި އެ އަމަލުން ދެ މާނައެއް ނެގިގެން ނުވާނެއެވެ. އެ އަމަލުން ނެގެންޖެހޭނީ އެންމެ މާނައެކެވެ. އެއީ ކޮންޓްރެކްޓުގައިވާ ކަމަށް ދުލެއް ދިނުމުގެ ނުވަތަ މައާފުކުރުމުގެ މާނައެވެ.
ކޮންޓްރެކްޓުގައިވާ ކަމެއް ދޫކޮށްލީކަމަށް ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އަމަލުން ދޭހަކުރުމުގައި އޮޅުން އެރުން އެންމެ ގާތީ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ ހަނު ހުންނަ ހާލަތުގައާއި ފިޔަވަޅު ނާޅައި ލަސްކުރާ ހާލަތުގައެވެ. ހަނު ހުންނަ ހުރުމާއި ފިޔަވަޅު އެޅުން ލަސްކުރުމަކީ ހައްގެއް ދޫކޮށްލުން ކަމަށް މާނަކުރެވިދާނެ ކަމަށް ބައެއް ގަޒިއްޔާތަކުގައި ކަނޑައަޅާފައި ވެއެވެ. ނަމަވެސް މިގޮތަށް ކަނޑައަޅާފައިހުރި ގަޒިއްޔާތަކުގައި X ހައްގެއް ދޫކޮށްލީކަމަށް ދޭހަކުރެވޭކަމަށް ކަނޑައަޅާފައި ހުންނަނީ އެކަމުގެ ސަބަބުން Y އަށް ގެއްލުންވެފައި ހުންނަ ހާލަތުގައި އެސްޓޮޕެލްގެ މަފްހޫމު ތަތުބީގުކޮށްގެންނެވެ. އެއީ ހަނު ހުންނަ ހުރުމާއި ފިޔަވަޅު އެޅުން ލަސްކުރުމަކީ ހައްގެއް ދޫކޮށްލުންކަމަށް އޮޅުމެއްނެތި ދޭހަކުރެވޭތީއެއް ނޫނެވެ. އެހެންކަމުން، އެފަދަ ވާގިއާތަކެއް ނެތް ނަމަ، ހަނު ހުންނަ ހުރުމާއި ފިޔަވަޅު އެޅުން ލަސްކުރުމަކީ ހައްގެއް ދޫކޮށްލުންކަމަށް ދޭހަ ނުކުރެވޭނެއެވެ.
ކޮންޓްރެކްޓުގައި ބުނެފައިވާ ކަމެއް ދޫކޮށްލުމަކީ އޭގެ ޒާތުގައި ވަގުތީ ސިފައެއް އެކުލެވިގެންވާ މަފްހޫމަކަށް ވާތީވެ، އެކަށީގެންވާ ނޯޓިސްއެއް ދިނުމަށްފަހު އެކަމެއް ކޮންޓްރެކްޓުގައިވާ ގޮތަށް ކުރުމަށް ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް އަންގައި ކޮންޓްރެކްޓުގައިވާ ގޮތަށް އެކަން ކުރުން އަލުން ލާޒިމުކުރެވިދާނެއެވެ. ނަމަވެސް، ހައްގެއް ދޫކޮށްލީ ކަމަށާއި އަދި އެ ހައްގު ތަންފީޒުކުރަން ފަހުން ނޫޅޭނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އަމަލަކުން ނުވަތަ ބަހަކުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ދައްކައި، މަކަރާއި ހީލަތް ހަދާފައިވާ ނަމަ، ނުވަތަ ކޮންޓްރެކްޓުގައިވާ ހައްގެއް އެކުގައި ދޫކޮށްލީ ކަމަށް ދޭހަވާ އަމަލުގެ މައްޗަށް ވަރަށް ބޮޑަށް އަނެއް ފަރާތުން ބަރޯސާވުމުގެ ސަބަބުން ގެއްލުންވެފައިވާ ނަމަ، ފަހުން އެހައްގު ތަންފީޒުކުރަން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް މަސައްކަތް ނުކުރެވޭނެއެވެ.
މަތީގައި ބަޔާންކުރެވުނު އުސޫލުތަކުގެ އަލީގައި މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އިންވެންޓްރީ ހުށަހެޅުން ލަސްވެފައިވަނިކޮށް އެ އިންވެންޓްރީ ފަހުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ވަކި އެއްޗެއް ބުނެފައި ނެތުމަކީ ނުވަތަ ހަނުހުރި ހުރުމަކީ އިސްތިއުނާފު ކުރާ ފަރާތުން ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ މި އިލްތިޒާމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދުލެއް ދިނުން ކަމަށް އަދި އެފަރާތުގެ ކިބައިގައި އިންވެންޓްރީ ހުށަހެޅުމުގެ އިލްތިޒާމަށް ދޫ ދިނުމުގެ ނިޔަތް އޮތް ކަމަށް މާނަ ނުކުރެވެއެވެ. ވީމާ ކޮންޓްރެކްޓުގެ ދަށުން އިސްތިއުނާފު ކުރާ ފަރާތުން އަދާކުރަންޖެހޭ މި އިލްތިޒާމާ އިސްތިއުނާފުކުރާ ފަރާތުން ޚިލާފުވުމުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާ ހައްގު އެފަރާތުން ތަންފީޒުކުރުން މަނާވާނޭ ހާލަތެއް މި މައްސަލައިގައި ނެތެވެ.
ތަން ބެލުމަށް މިނިސްޓްރީގެ ޓީމަށް އިމާރާތަށް ނުވަދެވުން
އެކަޑަމީގެ ފަރާތުން، އިސްތިއުނާފުކުރަން ހުށަހެޅި ހަތަރު ވަނަ ނުކުތާގައި ބުނެފައިވަނީ އެއްބަސްވުމުގެ މަގްސަދަށް ބެލުމެއް ނެތި އެއްބަސްވުމުގެ މާއްދާތައް މާނަކޮށްފައިވާ ކަމަށެވެ. މި މާއްދާގެ ތަފްސީލުގައި އެކަޑަމީގެ ފަރާތުން ބުނެފައިވަނީ ކޮންޓްރެކްޓުގައި މިނިސްޓްރީއަށް މެރިޓައިމް އެކަޑަމީއަށް ވަދެ ބަލައި ހެދުމުގެ ބާރު ލިބިދީފައިވަނީ ވަކި މަގްސަދަކަށް ވަކި އުސޫލަކުން ކަމަށް ވާއިރު، އަދި އެގޮތުން އިސްތިއުނާފު ރައްދުވާ ފަރާތަށް އެތަނަށް ވަދެ ބަލައި ހެދުމުގެ ބާރު ލިބިފައިވަނީ ކޮންޓްރެކްޓާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތުން އަމަލުކުރާކަން ވަޒަން ކުރުމާއި އެކަމަށް ބާރު އެޅުމުގެ ގޮތުން، އެ މަގްސަދު ހާސިލުކުރުމަށް ކަމަށްވާއިރު، އެއީ އޭގެ ނާޖާއިޒު މާނަތައް ބޭނުން ކޮށްގެން ކޮން ބައެއްކަން ނޭނގޭ ގޮތަށް އެއްވެސް އެންގުމެއް ނެތި މެރިޓައިމް އެކަޑަމީއަށް ވަދެވޭނެ ކަމަށް ބަލައި އެގޮތަށް މާނަކޮށްގެންވާނެ މާއްދާއެއް ކަމަށް ނުވާއިރު، އެފަދައިން މާނަކުރާނަމަ އެ މާނަކުރުމަކީ ގާނޫނީ އުސޫލުތަކުގެ ބޭރުން މާނަކުރެވޭ މާނަކުރުމެއް ކަމަށެވެ. އެހެންކަމުން މެރިޓައިމް އެކަޑަމީ ބެލުމަށްޓަކައި އެއްބަސްވުމުގެ ދަށުން ބާރު ލިބިގެން އައުމުން އެތަނަށް ވަދެވޭ ގޮތެއް ނުވި ކަމަށް ބުނެ އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ކަނޑައެޅުމަކީ ކޮންޓްރެކްޓުގެ މަގްސަދަށް ބަލައިގެން ކޮންޓްރެކްޓުގެ މާއްދާތައް މާނަކުރަންޖެހޭކަމަށް ބަޔާންކުރާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ.
ދައުލަތުގެ ފަރާތުން މި ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ ކޮންޓްރެކްޓުގެ 3 ވަނަ މާއްދާ އާއި 7 ވަނަ މާއްދާގެ ދަށުން އެކަޑަމީ އިންސްޕެކްޓުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިދީފައިވާ ކަމަށާއި، ރަސްމީ ސިފައެއްގައި މިނިސްޓްރީގެ މުވައްޒަފުން ނުވަތަ އެ ފަރާތުން ކަނޑައަޅާ މަންދޫބުންނަށް ކޮންމެ ވަގުތެއްގައިވެސް އެކަޑަމީއަށް ވަދެ އިންސްޕެކްޓުކުރުމުގެ ހުއްދަ އިސްތިއުނާފުކުރާ ފަރާތުން ދޭންވާނެ ކަމަށް 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިގޮތުން 13 ފެބްރުއަރީ 2013 ގައި މިނިސްޓްރީ ގެ މުވައްޒަފުން އެތަނަށް ދިއުމުން އެތަނަށް ވަދެވޭނީ ކެޕްޓަން އާދިލް ރަޝީދުގެ ހުއްދަ އޮވެގެން ކަމަށާއި މިނިސްޓްރީގެ މުވައްޒަފުން އަންނަ ނަމަ ސިޓީއަކުން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެ ގޮތަށް ހުއްދަ ދީފައި ނެތުމަކީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ދައުލަތުން ދެކޭ ކަމަށެވެ.
ކޮންޓްރެކްޓުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ "މިނިސްޓްރީގެ މުވައްޒަފުން ނުވަތަ އެ ފަރާތުން ކަނޑައަޅާ މަންދޫބުންނަށް ކޮންމެ ވަގުތެއްގައިވެސް އެކަޑަމީއަށް ވަދެ އިންސްޕެކްޓު ކުރުމުގެ ހުއްދަ އިސްތިއުނާފުކުރާ ފަރާތުން ދޭންވާނެ" ކަމަށެވެ. މިގޮތުން ކުރާ އިންސްޕެކްޝަންގެ މަގްސަދަކީ އެކަޑަމީ ތަރައްގީކޮށް ހިންގާ ގޮތް ބެލުމާއި ކޮންޓްރެކްޓާ އެއްގޮތަށް އެކަޑަމީއިން އަމަލުކުރޭތޯ އާއި ސަރުކާރުގެ ގަވާއިދުތަކަށް އެކަޑަމީއިން އަމަލުކުރެތޯ ބެލުންކަން ކޮންޓްރެކްޓުގެ 3 ވަނަ މާއްދާއިން އެނގެއެވެ. އެކަޑަމީއިން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ މިނިސްޓްރީއިން އެތަނަށް ވަދެ ބަލައި ހެދުމުގެ ބާރު ލިބިފައިވަނީ ކޮންޓްރެކްޓާ އެއްގޮތަށް އެކަޑަމީއިން އަމަލުކުރާކަން ވަޒަން ކުރުމާއި އެކަމަށް ބާރު އެޅުމުގެ ގޮތުން، އެ މަގްސަދު ހާސިލުކުރުމަށް ކަމަށްވާއިރު، އެ މާއްދާގެ ނާޖާއިޒު މާނަތައް ބޭނުންކޮށްގެން ކޮންބައެއްކަން ނޭނގޭ ގޮތަށް އެއްވެސް އެންގުމެއްނެތި މެރިޓައިމް އެކަޑަމީއަށް ވަދެވޭނެ ކަމަށް ހައިކޯޓުން އެ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
ކޮންޓްރެކްޓުގެ 7 ވަނަ މާއްދާއަށް ބަލާއިރު، މިނިސްޓްރީއިން އެތަން އިންސްޕެކްޓުކުރަން ދިއުމުގެ ވަކި ވަގުތެއް ކުރިން ދުރާލައި އެކަން އެކަޑަމީއަށް ލިޔުމަކުން އަންގަންޖެހޭނެ ކަމަށް ކޮންޓްރެކްޓުގެ 7 ވަނަ މާއްދާގެ އިބާރާތުގައި ބުނެފައެއް ނެތެވެ. ކޮންޓްރެކްޓުގެ 7 ވަނަ މާއްދާގެ ސަރީހަ އިބާރާތުގައި މިނިސްޓްރީއިން އެތަން އިންސްޕެކްޓުކުރަން ދިއުމުގެ ވަކި ވަގުތެއް ކުރިން ދުރާލާއި ލިޔުމަކުން އެކަން އެކަޑަމީއަށް އަންގަންޖެހޭނެ ކަމަށް ބުނެފައި ނެތީސް ތަން އިންސްޕެކްޓު ކުރަން ދިއުމުގެ ކުރިން ދުރާލާއި ލިޔުމަކުން އެކަން އެކަޑަމީއަށް އަންގަންޖެހޭނެ ކަމަށް އެ މާއްދާގެ އިބާރާތް މާނަކުރެވިދާނެ ހެއްޔެވެ؟
ލިޔެފައިވާ ކޮންޓްރެކްޓެއް މާނަކުރުން
ލިޔެފައިވާ ކޮންޓްރެކްޓެއްގެ މާއްދާއެއް ކޯޓުން މާނަކުރުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތް ދެނެގަތުމަށްޓަކައި ކުރާ މަސައްކަތެކެވެ. އިންވެސްޓަރސް ކޮމްޕެންސޭޝަން ސްކީމް ލިމިޓެޑް ވ. ވެސްޓް ބްރޮމްވިޗް ބިލްޑިންގ ސޮސައިޓީ ގަޒިއްޔާގައި ލޯޑް ހޮފްމަން ބުނެފައިވަނީ ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މާއްދާއިން ކޮންޓްރެކްޓުގެ ބައިވެރިން ނެރެން ބޭނުންވި މާނަ ކޯޓުން ނަގަންވާނީ، ކޮންޓްރެކްޓުގެ ބައިވެރިންނަށް ކޮންޓްރެކްޓު ކުރިއިރު އެނގިފައިވާ ކަމަށް ގަބޫލުކުރެވޭ ހުރިހާ ހަގީގަތްތައް އެނގިހުރި ސަބަބުވެރި ކިޔުންތެރިއަކަށް، އެ މާއްދާ މާނަކުރެވޭ ގޮތަށް ކަމަށެވެ. ވީމާ، ކޮންޓްރެކްޓުގެ މާއްދާއަކުން ނުވަތަ އިބާރާތަކުން އެއް މާނައަށްވުރެ ގިނަ މާނަ ނެގޭ ނަމަ، އެ މާނަތަކުގެ ތެރެއިން ކޯޓުން ބުރަވާންވާނީ ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރު ފުށުން ކަށަވަރު ކުރެވެން އޮންނަ ގޮތުގެ މައްޗަށެވެ. ކޮންޓްރެކްޓުގެ ބައިވެރިންގެ މައުނަވީ ނިޔަތުގެ މައްޗަކަށް ނޫނެވެ. ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރުފުށުން ކަށަވަރުކުރާނީ ޚިލާފު އުފެދިފައިވާ ކޮންޓްރެކްޓުގެ އެ އިބާރާތް ވުޖޫދުވުމުގެ ވަށައިގެންވާ ހާލަތަށާއި، ވިޔަފާރީގެ މަގްސަދު ހާސިލުކުރެވޭނޭ ގޮތަށް ރިއާޔަތްކޮށްގެންނެވެ.
ގިނަ ފަހަރަށް، ކޮންޓްރެކްޓުގައި އޮންނަ އިބާރާތާއި ކޮންޓްރެކްޓުގެ ވަށައިގެންވާ ހާލަތު އެއްގަލަކަށް އަރާނެއެވެ. ނަމަވެސް ބައެއް ފަހަރު، ކޮންޓްރެކްޓުގައި ބޭނުންކޮށްފައި އޮންނަ އިބާރާތުގެ މާނަ އޭގެ ޒާތުގައި ކިތަންމެ ސާފުކޮށް ދޭހަވީ ނަމަވެސް، އެ އިބާރާތާއި ކޮންޓްރެކްޓުގެ ވަށައިގެންވާ ހާލަތު އެއްގަލަކަށް ނާރާތަން އާދެއެވެ. މި ގޮތަށް ދިމާވެއްޖެނަމަ ބުއްދިއަށް ގަބޫލުނުކުރެވޭ ޒާތުގެ ތާކުންތާކުނުޖެހޭ ނަތީޖާއެއް ނިކުމެދާނެއެވެ. އެގޮތަށް، ބުއްދިއަށް ގަބޫލުނުކުރެވޭ ޒާތުގެ ތާކުންތާކު ނުޖެހޭ ނަތީޖާއެއް ނިކުންނަ ނަމަ، އެ އިބާރާތުން ދޭހަވާ މާނައަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތްތޯ ބެލުމަށް ޚިލާފު އުފެދިފައިވާ އިބާރާތާއި އެ އިބާރާތުގެ ވަށައިގެންވާ ހާލަތު ފަރުވާތެރިކަމާއެކު ކޯޓުން ވަޒަންކުރަންވާނެއެވެ.
ނަމަވެސް މީގައި ވިސްނާލަންޖެހޭ އިތުރުކަމެއް އެބައޮތެވެ. އެއީ އިބާރާތެއް މާނަކުރުމުގައި އެ އިބާރާތުގެ ވަށައިގެންވާ ހާލަތަށް ބެލި ނަމަވެސް އިބާރާތާއި ވަށައިގެންވާ ހާލަތާއި މި ދެކަމުގެ މީޒާން ރަނގަޅަށް ހިފެހެއްޓުމެވެ. އޭގެ މާނައަކީ، ވަށައިގެންވާ ހާލަތަށް ރިއާޔަތްކުރުން އުޒުރަކަށް ހަދައިގެން، ކޯޓުގެ މައުނަވީ ރައުޔަށް ބިނާކޮށްގެން، އެ މާއްދާ އަލުން ލިޔުމުން އެއްކިބާވުމެވެ. ކޯޓުގެ ވާޖިބަކީ ކޮންޓްރެކްޓުކުރިއިރު ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން މާއްދީގޮތުން ކަށަވަރުކުރެވޭ ހެކިތަކުން ދޭހަކުރުމެވެ. ނަމަވެސް އެފަދަ ހެކި ތަކުގެ ތެރޭގައި ކޮންޓްރެކްޓު ކުރުމުގެ ކުރިން ދެފަރާތުން ހިންގާފައިވާ ނެގޯސިއޭޝަންތަކުގެ ހެކި ކޯޓަށް ބަލައި ނުގަނެވޭނެއެވެ.
ކޮންޓްރެކްޓުގެ ޚިލާފު އުފެދިފައިވާ އިބާރާތުގެ ވަށައިގެންވާ ހާލަތަކީ ކިތަންމެ މުހިންމު އެއްޗެއް ކަމަށްވީ ނަމަވެސް، އެ އިބާރާތް މާނަކުރުމުގެ މަސައްކަތް ފަށައިގަންނަންވާނީ އެ އިބާރާތުންނެވެ. ސަބަބަކީ، ވަށައިގެންވާ މާހައުލާއި ހާލަތުން ކުރެވޭ ދޭހަތަކަށްވުރެ ބޮޑަށް، ކޮންޓްރެކްޓުގައި ދެފަރާތުން ބޭނުންކުރާ އިބާރާތުގެ މައްޗަށް ދެފަރާތުގެ ކޮންޓްރޯލް އޮންނާތީއެވެ. އަދި ކޮންޓްރެކްޓުގައި ހިމެނޭ އިބާރާތްތަކަކީ އާންމު ގޮތެއްގައި އެ ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތް އުފުލާ ސަވާރީތަކަކަށް ވާތީއެވެ. އެ ސަބަބަށްޓަކައި މާނަކުރުމުގެ މަސައްކަތް ޚިލާފު އުފެދިފައިވާ އިބާރާތުން ފެއްޓި ނަމަވެސް، އިސްވެ ބަޔާންކުރި ފަދައިން، ސަމާލުކަން ދޭންޖެހޭ ކަމަކީ، އިބާރާތުގެ މާނަ ކިތަންމެ ސާފުކަމަށް ފެންނަން އޮތް ނަމަވެސް، އެ މާއްދާގެ ވަށައިގެންވާ ހާލަތަށް ބަލައިފިނަމަ، އެއީ އެހާ ސާފު ސާދާ މާނައެއް ނޫންކަމަށް ފެނިގެން ހިނގައިދާނެ ކަމެވެ. އެހާތަނުން އިބާރާތުގެ ވަށައިގެންވާ ހާލަތު ވެގެންދާނީ ޚިލާފު އުފެދިފައިވާ އިބާރާތް މާނަކުރުމުގެ ވަރަށް ބޮޑު އެހީތެރިއަކަށެވެ. ވީމާ، ކޮންޓްރެކްޓުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ކަނޑައެޅުމުގައި ކޮންޓްރެކްޓުގެ ވަށައިގެންވާ ވާގިއާތަކަކީ އެ ހާލަތުގައި އެންމެ މުހިންމު އެއްޗަކަށް ވެގެންދެއެވެ.
ކޮންޓްރެކްޓުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ "މިނިސްޓްރީގެ މުވައްޒަފުން ނުވަތަ އެ ފަރާތުން ކަނޑައަޅާ މަންދޫބުންނަށް ކޮންމެ ވަގުތެއްގައިވެސް އެކަޑަމީއަށް ވަދެ އިންސްޕެކްޓު ކުރުމުގެ ހުއްދަ އިސްތިއުނާފުކުރާ ފަރާތުން ދޭންވާނެ" ކަމަށެވެ. މި މާއްދާ ލިޔުމުގެ ނިޔަތަކީ މިނިސްޓްރީއިން އެތަން އިންސްޕެކްޓުކުރަން ދިއުމުގެ ވަކި ވަގުތެއް ކުރިން ދުރާލައި އެކަން އެކަޑަމީއަށް ލިޔުމަކުން އަންގަންޖެހޭނެ ކަމަށް ބަޔާންކުރުން ކަމަށް އެކަޑަމީއިން ބުނި ނަމަވެސް، އެއީ ކޮންޓްރެކްޓު ކުރިއިރު ދެ ފަރާތުގެ ނިޔަތްކަމަށް ބޭރުފުށުން ކަށަވަރުކުރެވޭނޭ ހެއްކެއް އެކަޑަމީގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ. އަދި އެ މާއްދާ މާނަކުރަން އެކަޑަމީގެ ފަރާތުން ހުށަހަޅާފައިވާ ގޮތަކީ ވިޔަފާރީގެ ނަތީޖާ ހާސިލުކުރަނިވި ގޮތްކަމަށް އެއްވެސް ވާގިއާއަކުން އެކަޑަމީގެ ފަރާތުން ކޯޓަށް ދައްކައި ދެވިފައި ނެތެވެ. ވީމާ އެ މާއްދާ މާނަކުރުމަށް އެކަޑަމީއިން އެ ހުށަހަޅާ އެފަރާތުގެ މައުނަވީ ރައުޔަކީ އެ މާއްދާގައިވާ ސާފު އިބާރާތް ނަފީކުރެވޭ އެއްޗަކަށް ނުވެއެވެ.
ތަނުގައި ހުރި ތަކެތި އިމާރާތުން ބޭރުކުރުން
ކޮންޓްރެކްޓުގެ 12 ވަނަ މާއްދާގެ II ގައިވާ ގޮތުން އިމާރާތުގައި ހުރި އެއްވެސް އެއްޗެއް ނުވަތަ ތަނެއް ބަދަލުކޮށް ތަޅައިލެވޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށްވާއިރު، އެކަޑަމީއާއި އިމާރާތް ހަވާލުކުރެވުނު އިރު އެތަނުގައި ބޭނުންކުރަމުން ގެންދިޔަ 2 ޑީޕް ފްރީޒަރު އިމާރާތުން ބޭރުކޮށްފައި ވުމާއި މި ދެ ޑީޕް ފްރީޒަރު ވީރާނާ ވުމަށް ދޫކޮށްލާފައި ވުމަކީ އެކަޑަމީއިން ކޮންޓްރެކްޓާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ކޮންޓްރެކްޓު އުވާލުމުގެ ނޯޓިސްގައި މިނިސްޓްރީއިން ބުނެފައިވެއެވެ. އެކަޑަމީއާ އިމާރާތް ހަވާލުކުރެވުނު އިރު އެތަނުގައި ބޭނުންކުރަމުން ގެންދިޔަ 2 ޑީޕް ފްރީޒަރު އިމާރާތުން ބޭރުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ހަދާފައިވާ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ގެ އޮޑިޓް ރިޕޯޓުން އެނގެން އޮތުމުން ހައިކޯޓުން އެ ނުކުތާގައި ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއްކަން އެނގެއެވެ.
މަތީގައި އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން އަހުރެންނަށް ފެންނަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ އެކޯޓުގެ ނަންބަރު 2016/HC-A/137 ގަޒިއްޔާގައި ހުކުމް ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2016/HC-A/137 ގަޒިއްޔާގައި ހައިކޯޓުން ހުކުމް ކުރައްވާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.