މުޙައްމަދު ޢަލީ ވ. އިބްރާހީމް ޢަލީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1964-CVC-2023
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ކަނޑައަޅައި، އެދިފައިވާ ފަރުވާތައް ދެވެން ނެތްކަމަށް ނިންމިއެވެ؛ ރައްދު ދަޢުވާއެއް ނެތުމުން އެއްބަސްވުން ބާޠިލުކުރިކަމާ މެދު ގޮތެއް ނުނިންމޭނެކަމަށާއި، ފައިސާ ހޯދުން ފިޔަވައި އިތުރު މައްސަލައެއް ކޯޓަކަށް ހުށަނޭޅުމަށް ވާ 04.7 ވަނަ މާއްދާގެ ސަބަބުން ސްޕެސިފިކް ޕަރފޯމަންސް އަމުރެއް ނުނެރެވޭނެކަމަށް ދަށު ކޯޓުން ބުނެފައިވެއެވެ.
- ވާޤިޢާ
- އެއްބަނޑު އެއްބަފާ ދެ އަޚުންގެ މެދުގައި އޮޑިދޯނިފަހަރު ގެންގުޅުމުގެ ވިޔަފާރިން ބައެއް ދިނުމަށް 12 ފެބުރުއަރީ 2022 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަމުން ދިޔައިރު، ފައިސާ ދައްކާފައިވާ އުޅަނދުގެ ރަޖިސްޓަރީ ބަދަލުކޮށްނުދިނުމުން، އެއްބަސްވުމަށް ޢަމަލުކުރުމަށާއި 'ހާބަރ ކްއީން 2' ގެ ރަޖިސްޓަރީ ބަދަލުކުރުމަށް އަމުރުކޮށްދިނުން އެދި އިސްތިއުނާފުކުރި ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ. ދަޢުވާ ހުށަހެޅުމަށްފަހު، ފައިސާ ނުދައްކާކަމަށް ބުނެ އެއްބަސްވުމުގެ 05.1 ވަނަ މާއްދާއާ ޙަވާލާދީ އިސްތިއުނާފު ރައްދުވި ފަރާތުން އެއްބަސްވުން ބާޠިލުކުރާކަމުގެ ނޯޓިސް ފޮނުވިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަޢުވާ ހުށަހެޅުމަށްފަހު ދަޢުވާލިބޭ ފަރާތުން އެއްބަސްވުން ބާޠިލުކުރިކަމަށް ބުނާއިރު ރައްދު ދަޢުވާއެއް ނެތުމުން އެކަމާ މެދު ދަށުކޯޓަށް ގޮތެއް ނުނިންމޭނެތޯ، އަދި ފައިސާ ހޯދުން ފިޔަވައި އެހެން މައްސަލައެއް ކޯޓަށް ހުށަނޭޅުމަށް ކޮންޓްރެކްޓުގައިވާ މާއްދާއެއްގެ ސަބަބުން އުޅަނދުގެ ރަޖިސްޓަރީ ބަދަލުކުރުމުގެ ސްޕެސިފިކް ޕަރފޯމަންސް އަމުރެއް ނުނެރެވޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ފައިސާ ދައްކަމުން ދަނިކޮށް މުޤާބިލު އަދާނުކޮށް އެއްބަސްވުން ބާޠިލު ނުކުރެވޭނެކަމަށާއި 04.7 ވަނަ މާއްދާ މާނަކޮށްފައިވަނީ އެއްބަސްވުމުގެ މަޤްސަދާ ޚިލާފަށް ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުން ބުނީ ދަށު ކޯޓަށް ހުށަހެޅުނީ އެއްބަސްވުން ބާޠިލުކުރިކަމާ ބެހޭ ދަޢުވާއެއް ނޫންކަމަށާއި 04.7 ވަނަ މާއްދާއިން ފައިސާ ހޯދުމުގެ ދަޢުވާއެއް ނޫނީ ނުކުރެވޭނެކަން އެނގޭކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އަޣުލަބިއްޔަތުގެ ރައުޔުގައި ނިންމީ ދެ ފަރާތުންވެސް ވާހަކަދައްކާފައިވާ އެއްބަސްވުން ބާޠިލުކުރިކަމުގެ ނުކުތާއާ މެދު ދަޢުވާގެ ތެރެއިން ގޮތެއް ނިންމަންޖެހޭނެކަމަށާއި، ފައިސާ ހޯދުން ފިޔަވައި އިތުރު މައްސަލައެއް ކޯޓަށް ހުށަނޭޅުމަށް ވާ މާއްދާއަކީ ސްޕެސިފިކް ޕަރފޯމަންސް އަމުރެއް ނެރުމަށް ހުރަހެއް ނޫންކަމަށެވެ. ނަމަވެސް އެއްބަސްވުން ބާޠިލުކުރުމުގެ ޞައްޙަކަމާއި ދައްކާފައިވާ ފައިސާގެ މިންވަރު ދަށު ކޯޓުން ކަނޑައަޅާފައި ނުވާތީ، ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އަލުން ބެލުމަށް މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރިއެވެ؛ ރިޔާސަތު ފަނޑިޔާރުގެ ރައުޔަކީ ސީދާ ސްޕެސިފިކް ޕަރފޯމަންސް އަމުރުކުރުމެވެ.
ނިންމުން
ބައެއް ބަދަލުކުރިދަށުކޯޓުގެ ޙުކުމުގެ ބައެއް ބާޠިލު، އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އެއްބަސްވުން ބާޠިލުކުރިކުރުމާމެދު ދެ ފަރާތުންވެސް ތަފްޞީލުކޮށް ވާހަކަދައްކާފައިވާ ޙާލަތުގައި، އަދި މިއީ ދަޢުވާގައި އެދިފައިވާ ފަރުވާއާ ގުޅުން ހުރި މައުޟޫޢަކަށްވެފައި، މައްސަލައިގައި ހޯދުމަށް އެދޭ ފަރުވާގެ މައްޗަށް ބިނާވާ ކަމެއް ކަމުގައިވާއިރު، އަދި މި ނުކުތާ ބަލައި ފައިސަލާކޮށްގެން މެނުވީ އެއްބަސްވުމަށް ޢަމަލުކުރުމަށް އަންގައި އަމުރުކޮށްދިނުމަށް އެދިފައިވާ ފަރުވާއާ މެދު ގޮތެއް ނިންމޭނެކަމަށް ނުދެކޭތީ، އެއްބަސްވުން ބާޠިލުކުރިކުރުމާމެދު މައްސަލައިގެ ތެރޭގައި ގޮތެއް ނިންމަންޖެހޭނެ ކަމުގައި ދެކެމެވެ. ދެ ފަރާތުންވެސް ވާހަކަދައްކައި ބަހުސް ހުށަހަޅާފައިވުމުން، އެކަމާ މެދު ގޮތެއް ކަނޑައެޅުމަށް ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ.
HN2 އިސްތިއުނާފީ މަރުޙަލާގައި ގޮތެއް ކަނޑައެޅިދާނެ ވާޤިއާއެއް ކަމުގައި ނުދެކޭހިނދު، މި ވާޤިއާމެދު ގޮތެއް ކަނޑައަޅަންޖެހެނީ ދަށު ކޯޓުންނެވެ؛ އެހެނީ، މި ނުކުތާއާ މެދު ދެ ފަރާތުން ދަށު ކޯޓުގައި ވާހަކަދެއްކިނަމަވެސް، މިކަމާ މެދު ދަށު ކޯޓުން ވަކި ގޮތެއް ކަނޑައަޅާފައިނުވާތީއެވެ. މިކަމުގައި ދަށު ކޯޓުން ގޮތެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތްކަމުގައި ދެކޭ ސަބަބަކީ، އެނޫން ޙާލަތެއްގައި، އިސްތިއުނާފުގެ ޙައްޤަށް ހުރަސްއެޅުމުގެ އިހްތިމާލު އޮތަތީއެވެ.
HN3 ފައިސާ ހޯދުން ފިޔަވައި އިތުރު މައްސަލައެއް ކޯޓަށް ހުށަނޭޅުމަށް އެއްބަސްވާކަމަށް ކޮންޓްރެކްޓުގެ މާއްދާއެއްގައި ބަޔާންވެގެންވާއިރު، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމުން އޭގެ މުޤާބިލުގައި އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އަދާކުރަންޖެހޭ އިލްތިޒާމް އަދާނުކުރުމުން މައްސަލަ ހައްލުނުވެގެންވެސް ޝަރީޢަތަށް މައްސަލަ ހުށަނޭޅޭނެކަމަށް، ނުވަތަ އެހާހިސާބުން މުޤާބިލު ލިބެންޖެހޭ ފަރާތަށް އެއްވެސް ފަރުވާއެއް ލިބިނުދެވޭ ގޮތަށް އެ މާއްދާ މާނަ ނުކުރެވޭނެވެ.
HN4 ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއަކުން، އޭގެ ބައިވެރިއަކަށް ޤާނޫނީ ފިޔަވަޅު އެޅުން މަނާކުރާނަމަ، އެމާއްދާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާޠިލު މާއްދާއެކެވެ؛ ފައިސާ ހޯދުން ފިޔަވައި އިތުރު މައްސަލައެއް ކޯޓަށް ހުށަނޭޅުމަށް ވާ މާއްދާއެއް މުޤާބިލު ލިބެންޖެހޭ ފަރާތަށް ފަރުވާ ނުލިބޭގޮތަށް މާނަކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި ކޮންޓްރެކްޓްގެ މުޅި މަޤްސަދާއި މަފްހޫމާވެސް ޚިލާފު މާނަކުރުމެކެވެ. އެ ޤާނޫނީ ބިނާގެ މައްޗަށް ބިނާކޮށް، އެފަދަ މާއްދާއަކީ ސްޕެސިފިކް ޕަރފޯމަންސް އަމުރެއް (specific performance order) ނެރުމަށް ހުރަހެއް ނޫނެވެ.
HN5 ފައިސާ ދައްކާ ނިމޭ ވަރަކުން އުޅަނދުތައް ރަޖިސްޓަރީކުރަންވާނެކަމަށް ބަޔާންކުރާ އެއްބަސްވުމުގެ މާއްދާ ތަންފީޒުކުރަންޖެހޭ ޙާލަތުގައި، އެ މާއްދާގައިވާ ކަންކަން ތަންފީޒުކުރުން ބިނާވާނީ ދައްކާފައިވާ ފައިސާގެ އަދަދުގެ މައްޗަށްކަމަށްވުމުން، ދައްކާފައިވާ ފައިސާގެ މިންވަރު ދެނެގަނެ، އެ މާއްދާއިން ލާޒިމުކުރާ މިންވަރަށް ފައިސާ ދައްކާފައިވާނަމަ، އެ މާއްދާ ތަންފީޒުކުރުމުގެ ގޮތުން ދަޢުވާގެ ސީޣާގެ ތެރެއިން ފަރުވާ ދޭންޖެހޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަލީ ސަޢީދު، ލޯ ކްރާފްޓް ލޯ ފަރމް ލލޕ
- ބެންޗު
- ޙުސައިން މަޒީދު، ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ޙުސައިން މަޒީދު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާ […]، މުޙައްމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […]، އިބްރާހީމް ޢަލީ އެވެ.
މައްސަލައިގެ ފަސްފަހަތް
2[…]، މުޙައްމަދު ޢަލީ އާއި […]، އިބްރާހީމް ޢަލީއާ ދެމެދު "މުޙައްމަދު ޢަލީ ކުރަމުންދިޔަ އޮޑިދޯނިފަހަރު ގެންގުޅުމުގެ ވިޔަފާރިން ބައެއް އިބްރާހީމް ޢަލީއަށް ދިނުމަށްޓަކައި ވެފައިވާ އެއްބަސްވުން" ވެ، މި އެއްބަސްވުމުގައި 12 ފެބުރުއަރީ 2022 ގައި ދެފަރާތުން ސޮއިކޮށްފައިވެއެވެ.
3މި އެއްބަސްވުމުގެ މަޤްސަދު ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
"02.1 މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ މިއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން މިއެއްބަސްވުމުގެ ބައިވެރިންނާއި އަދި ވާރިޘުން ޤަބޫލުކޮށް އެގޮތުގެ މަތިން ޢަމަލުކުރުމެވެ.
02.2 މި އެއްބަސްވުމުގައިވާ ދެބައިވެރިންނަކީ އެއްބަނޑު އެއްބަފާ ދެބެއިންކަމަށްވުމާއި އަދި ލޭގެ ގުޅުމަކީ މުދަލަށްވުރެ މަތިވެރިވެގެންވާ ގުޅުމެއްކަމަށްވުމާއި، އެގުޅުން ހީނަރު ވުމުގެ ފުރުޞަތު ނުދިނުމަށާއި އަދި އެއްވެސް ފަރާތަކަށްވެސް ހީނަރުކުރުމަށް ފުރުޞަތު ނުދިނުމަށް ދެފަރާތުންވެސް އަހްދުވެ ދެފަރާތުން އެއްބަސްވެފައިވެއެވެ.
02.3 މިއެއްބަސްވުމަށް އިހްތިރާމްކޮށް އަދި ޢަމަލުކުރުމަށް ދެބައިވެރިންގެ ވާރިޘުންނަށް ވަސިއްޔަތްކުރުމަށް އެއްބަސްވެފައިވެއެވެ."
4ވިޔަފާރި ފެށުނުގޮތާއި ވިޔަފާރި ދިޔަގޮތް ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ 3 ވަނަ މާއްދާގައެވެ. އެގޮތުން މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މި ވިޔަފާރި އަކީ -/20,000ރ. (ވިހިހާސް ރުފިޔާ) އަށް ރިޔަލު ދޯންޏެއް މުޙައްމަދު ޢަލީ ގަތުމަށްފަހު، އެ ދޯނި ބޭނުންކޮށްގެން ކުރަމުންދިޔަ ވިޔަފާރިއެއް ކަމަށާއި ދުވަސްކޮޅެއް ފަހުން އިބްރާހީމް ޢަލީގެ އެހީތެރިކަން އިޚްލާސްތެރިކަމާއެކު މިވިޔަފާރިއަށް ލިބެން ފެށިކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ވިޔަފާރި ނުހުއްޓި ކުރިއަށްގޮސް 1 އުޅަނދުން 4 އުޅަނދަށް ބަދަލުކުރެވުނުކަމަށް ބަޔާންކޮށްފައިވެއެވެ.
5މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ވިޔަފާރިއަށް ހޯދަމުން ގޮސްފައިވަނީ އޮޑިދޯނިފަހަރެވެ. އެ އޮޑިދޯނިފަހަރު ރަޖިސްޓަރީ ކުރަމުން ގޮސްފައިވަނީ ބައިވެރިންގެ ތެރެއިން ކޮންމެވެސް އެއްބައިވެރިއެއްގެ ނަންމަތީގައެވެ. އޮޑިގަތުމާއި، އޮޑިއަށް ފައިސާ ދެއްކުމާއި، އޮޑީގެ މަރާމާތައި، އޮޑި ރަޖިސްޓަރީކުރުމުގެ އިދާރީ މަސައްކަތްކުރަމުން ގޮސްފައިވަނީ މުޙައްމަދު ޢަލީ އެވެ.
6މި އެއްބަސްވުމުގައިވާ އުޅަނދުތަކުގެ ޖުމްލަ އަގަކީ -/14,750,000ރ. (ސާދަމިލިއަން ހަތްލައްކަ ފަންސާސްހާސް ރުފިޔާ) އެވެ. މި އަދަދުގެ ދެބައިކުޅައެއްބައި ކަމަށްވާ -/7,375,000ރ. (ހަތްމިލިއަން ތިންލައްކަ ހަތްދިހަފަސްހާސް ރުފިޔާ) މުޙައްމަދު ޢަލީގެ ފަރާތުން އިބްރާހީމް ޢަލީ އަށް ދިނުމަށް އެއްބަސްވެފައިވެއެވެ. އެގޮތުން ފައިސާ ދައްކަން އެއްބަސްވެފައިވާގޮތް ތިރީގައި މިވަނީއެވެ.
6.1 އެއްބަސްވުމުގައި ސޮއިކުރާ ދުވަހު -/615,000ރ. (ހަލައްކަ ފަނަރަހާސް ރުފިޔާ).
6.2 އެއްބަސްވުމުގައި ސޮއިކުރާތާ 2 މަސް ފަހުން، ފުރަތަމަ އަހަރު ކޮންމެ މަހަކު -/100,000ރ. (އެއްލައްކަ ރުފިޔާ).
6.3 ދެވަނަ އަހަރުން ފެށިގެން ކޮންމެ މަހަކު -/150,000ރ. (އެއްލައްކަ ފަންސާސް ހާސް ރުފިޔާ).
7މި އެއްބަސްވުމުގެ ދަށުން […] ގޯތީގައި ހުންނަ 3 ބުރީގެ އިމާރާތް އިބްރާހީމް ޢަލީ އަށް އަގަކާ ނުލައި ދިނުމަށް އެއްބަސްވެފައިވެއެވެ. ނަމަވެސް އެއްބަސްވުން އިޚްލާސްތެރިކަމާއެކު ތަންފީޛްނުކޮށްފިނަމަ، މި އިމާރާތުގެ އަގު މުޙައްމަދު ޢަލީއާ ޙަވާލުކުރަންޖެހެއެވެ.
8އަދި އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާ ނިމޭ ވަރަކުން އުޅަނދުތައް މުޙައްމަދު ޢަލީގެ ނަމުގައި ރަޖިސްޓަރީ ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކުމުން މުޙައްމަދު ޢަލީގެ ނަމަށް ރަޖިސްޓަރީ ބަދަލުކުރަންޖެހޭ ދެ އުޅަނދަކީ އިބްރާހީމް ޢަލީގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ "ހާބަރ ކްއީން 2" އަދި "ހާބަރ ކްއީން 5"، މި ދެ އުޅަނދެވެ.
8.1 ހާބަރ ކްއީން 2 ގެ އަގަކީ -/1,500,000ރ. (އެއްމިލިއަން ފަސް ލައްކަ ރުފިޔާ) އެވެ.
8.2 ހާބަރ ކްއީން 5 ގެ އަގަކީ -/8,550,000ރ. (އަށްމިލިއަން ފަސްލައްކަ ފަންސާސްހާސް ރުފިޔާ) އެވެ.
މިގޮތުން އުޅަނދުތަކުގެ ރަޖިސްޓަރީ ބަދަލުކުރާނީ ފުރަތަމަ އޮޑީގެ އަގުގެ ދެބައިކުޅަ އެއްބައި ދައްކައި ނިމުމުން އެ އޮޑީގެ ރަޖިސްޓަރީ ބަދަލުކުރާގޮތަށް ކަމަށާއި މިގޮތުގެމަތިން ހުރިހާ އޮޑިއެއްގެ ރަޖިސްޓަރީވެސް ބަދަލުކުރާނީ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
9މި އެއްބަސްވުމުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމާއި ކޮންމެ މަހަކު މަދުވެގެން -/100,000ރ. (އެއްލައްކަ ރުފިޔާ)ގެ އަދަދެއް ދައްކާނަމަ، އެއްބަސްވުން ބާޠިލްކުރުމުގެ ޙައްޤެއް ދެފަރާތުންކުރެ ފަރާތަކަށް ނޯންނާނެކަމަށް ބަޔާންކޮށްފައިވެއެވެ.
10މީގެ އިތުރުން އެއްބަސްވުމުގެ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުންނާއި ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅޭގޮތުން އެއްބަސްވުމުގެ 04.7 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"މި އެއްބަސްވުމުގައި ސޮއިކޮށް މިއެއްބަސްވުމުގައި ލާޒިމްކުރާ އެންމެހައި ކަންކަން ތަންފީޒުކުރަންޖެހޭނެއެވެ. އަދި އެއްފަރާތުން އަނެއްފަރާތަށް މިމުޢާމަލާތާ ގުޅިގެން އެކިތަންތަނުގައި ތިބެ މީހުންގެ އަގުވެއްޓޭ ވާހަކަ ދައްކައިގެން ނުވާނެއެވެ. އަދި މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުން ފިޔަވައި އިތުރު އެއްވެސް މައްސަލައެއް ކޯޓަކަށް ހުށަނޭޅުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ."
11އެއްބަސްވުމުގެ ދަށުން 1 ޖޫން 2023 ގެ ނިޔަލަށް -/1,933,600ރ. (އެއްމިލިއަން ނުވަލައްކަ ތިރީސްތިންހާސް ހަސަތޭކަ ރުފިޔާ) ދައްކާފައިވާ ކަމަށާއި ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އުޅަނދުގެ ރަޖިސްޓަރީ ބަދަލުކޮށްދީފައިނުވާ ކަމަށް ބަޔާންކޮށް އެއްބަސްވުން އިޚްލާސްތެރިކަމާއެކު ތަންފީޛްކޮށްދިނުމަށާއި އެއްބަސްވުމާ ޚިލާފުވާނަމަ ޝަރީޢަތައް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ މުޙައްމަދު ޢަލީގެ ފަރާތުން އިބްރާހީމް ޢަލީ އަށް 2 ޖޫން 2023 ދުވަހު ސިޓީ ފޮނުވިއެވެ.
12އެއަށްފަހުވެސް އެއްބަސްވުމާ އެއްގޮތަށް އިބްރާހީމް ޢަލީ ޢަމަލުކޮށްފައިނުވާކަމަށް ބަޔާންކޮށް، އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށާއި، އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކިފައިވާ "ހާބަރ ކްއީން-2" އެވެކިޔާ ދޯނީގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ ނަން މައްޗަށް ބަދަލުކުރުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އެދި މުޙައްމަދު ޢަލީގެ ފަރާތުން އިބްރާހީމް ޢަލީއަށް ރައްދުވާގޮތަށް ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާގައި ދައުވާ ހުށަހެޅިއެވެ. އެ ޤަޟިއްޔާ އެކޯޓުގައި ރަޖިސްޓަރީ ވެފައިވަނީ 14 ޖޫން 2023 ދުވަހުއެވެ.
13އެ މައްސަލައާ ގުޅޭ ލިޔެކިޔުން 21 ޖޫން 2023 ގައި އިބްރާހީމް ޢަލީއާ ސިވިލް ކޯޓުން ހަވާލުކޮށްފައިވެއެވެ. އޭގެ ފަހުން 12 ޖުލައި 2023 ދުވަހު، އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ޢަލީގެ ފަރާތުން ފައިސާ ދައްކަމުން ނުދާކަމަށް ބަޔާންކޮށް އެއްބަސްވުމުގެ 05.1 ވަނަ މާއްދާއާ ޙަވާލާދީ އެއްބަސްވުން ބާޠިލްކުރުމަށް 48 ގަޑިއިރުގެ ނޯޓިސްދޭ ކަމަށް ބަޔާންކޮށް އިބްރާހީމް ޢަލީގެ ފަރާތުން މުޙައްމަދު ޢަލީ އަށް ސިޓީ ފޮނުވިއެވެ.
14ޖެހިގެން އައި ދުވަހު (13 ޖުލައި 2023) އެ ސިޓީގެ ރައްދުގައި މުޙައްމަދު ޢަލީގެ ފަރާތުން އިބްރާހީމް ޢަލީ އަށް ސިޓީއެއް ފޮނުވިއެވެ. އެގޮތުން އެ ސިޓީގައި، ވިޔަފާރިއާއި އެއްބަސްވުން ފެށުނުގޮތާއި، ދެފަރާތުގެ މެދުގައި ކަންކަން ހިނގަމުން އައިސްފައިވާގޮތާއި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ދިޔަ ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ހާބަރ ކްއީން 2 ގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ ނަން މައްޗަށް ބަދަލުކޮށްދީފައިނުވާތީ އާއި، އުޅަނދުތަކުގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށް ބުނެ ޓްރާންސްޕޯރޓް މިނިސްޓްރީ އަށް ދޮގު މައުލޫމާތު ދިނުމަށްފަހު އިބްރާހީމް ޢަލީ ރަޖިސްޓަރީއާ ގުޅޭ ކަންކަން ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މި ކަންކަން މިހެން ހުރުމުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށް، އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ޢަލީގެ ފަރާތުން ފައިސާ ދައްކަމުންދަނިކޮށް، އިބްރާހީމް ޢަލީގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމް އަދާކުރުމެއް ނެތި އެއްބަސްވުން ބާޠިލްނުކުރެވޭނެ ކަމަށާއި، އެއްބަސްވުމާ އެއްގޮތަށް އަދިވެސް މުޙައްމަދު ޢަލީ ޢަމަލުކުރަމުންދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
15މި މުޢާމަލާތަށްފަހު، 17 ޖުލައި 2023 ގައި ކޯޓުގެ އިޚްތިޞާޞާމެދު އިބްރާހީމް ޢަލީގެ ފަރާތުން ސުވާލު އުފައްދާ "އިޚްތިޞާޞާމެދު އިޢުތިރާޟުކުރާ ފޯމް" ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެގޮތުން އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކުރި އެއްކަމަކީ އެއްބަސްވުން ބާޠިލްކޮށްފައިވާ ކަމަށާއި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި މައްސަލައިގެ މައުޟޫޢުގައި މައްސަލަ ބަލާފައިވެއެވެ. ސިވިލް ކޯޓުން އިޚްތިޞާޞާމެދު ނިންމި އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/319 ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ. މިއީ ސިވިލް ކޯޓުން އެ މައްސަލައިގެ މައުޟޫޢުގައި ގޮތް ނިންމާ ޙުކުމް ކުރުމުން، އެ ޙުކުމާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާއެވެ.
ސިވިލް ކޯޓުގެ ޙުކުމް
16މި މައްސަލައިގައި އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"ދެންފަހެ، ބުނެވިދިޔަކަންކަން އެގޮތުގައި ހުރުމާއެކު، ... 12 ފެބްރުއަރީ 2022 ގައި މިދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަކީ ދެފަރާތުންވި ޞައްޙަ އެއްބަސްވުމެއްކަމަށް ކަނޑައެޅުމާއެކު، ދެން މި ދަޢުވާގައި ދަޢުވާކުރާ ފަރާތުން އެދުނު ފަރުވާތައް، އެފަރާތުން އެދިފައިވާފަދައިން ދެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ."
އިސްތިއުނާފީ ނުކުތާތައް
17ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރަމުން މުޙައްމަދު ޢަލީގެ ފަރާތުން އަންނަނިވި 02 (ދޭއް) ނުކުތާ ހުށަހަޅާފައި ވެއެވެ.
ފުރަތަމަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަދައިން، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 12 ފެބްރުވަރީ 2022 ގައި ވެފައިވާ "މުޙައްމަދު ޢަލީ ކުރަމުންދިޔަ އޮޑިދޯނިފަހަރު ގެންގުޅުމުގެ ވިޔަފާރިން ބައެއް އިބްރާހީމް ޢަލީއަށް ދިނުމަށްޓަކައި ވެފައިވާ އެއްބަސްވުން" އަށް ޢަމަލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަރުވާ ކޯޓަށް ދެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި (2) ވަނަ ނަންބަރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/32 ޤަޟިއްޔާ އާއި 2019/SC-A/85 ޤަޟިއްޔާ އާއި ނަންބަރު 2020/SC-A/100 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަރުވާގެ ތެރޭގައި ހިމެނޭ ހާބަރ ކްއީން 2 ގެ ރަޖިސްޓަރީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ބަދަލުކޮށްދިނުމަށް އަންގައި އެފަދަ އެންގުމެއް ނުވަތަ ސްޕެސިފިކް ޕަރފޯމަންސް އަމުރެއް ނެރެދެވޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާއި 25 ވަނަ މާއްދާއައި ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާއާއި، "އަލްޢިބްރަތު ފިލްޢުޤޫދި ބިލްމަޤާޞިދު ވަލްމަޢާނީ ލާ ބިލްއަލްފާޒި ވަލްމަބާނީ" މި ޝަރުޢީ ޤާޢިދާއިން އިސްލާމީ ފިޤުޙުގައި ޤާއިމްކުރެވިފައިވާ އުޞޫލާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/34 ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
މައްސަލަ ނިންމައިދިނުމަށް އެދުނުގޮތް
18އިސްތިއުނާފުކުރި މުޙައްމަދު ޢަލީގެ ފަރާތުން މި މައްސަލައިގައި އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާގެ ޙުކުމުގައި، ދައުވާކުރާ ފަރާތުން އެދުނު ފަރުވާތައް އެފަރާތުން އެދިފައިވާފަދައިން ދެވެން ނެތް ކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް، އެއްބަސްވުމަށް ޢަމަލުކުރުމަށާއި ފައިސާ ދައްކަމުންދާ ވަރަކުން އެއްބަސްވުމާ އެއްގޮތަށް ހާބަރ ކުއީން 2 އަދި ހާބަރ ކުއީން 5 މި އުޅަނދުތަކުގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ މައްޗަށް ބަދަލުކުރުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަމުރުކޮށް މައްސަލަ ނިންމައިދިނުމަށެވެ.
19އިސްތިއުނާފު ރައްދުވި އިބްރާހީމް ޢަލީގެ ފަރާތުން މި މައްސަލައިގައި އެދިފައިވަނީ ދަށުކޯޓުގެ ނިންމުން ދަމަހައްޓައިދިނުމަށެވެ.
މި މައްސަލައިގައި ޖަވާބުދޭންޖެހޭ ޤާނޫނީ ސުވާލު
20މި މައްސަލައިގައި އިސްތިއުނާފީ ފުރަތަމަ ނުކުތާ ބިނާކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އެންގޭނެ ތަނެއް ނެތް ކަމަށް ދަށުކޯޓުން ނިންމި ނިންމުން ޤާނޫނީގޮތުން ރަނގަޅު ނޫން ކަމުގެ މައްޗަށެވެ. އަދި އިސްތިއުނާފީ ދެވަނަ ނުކުތާ ބިނާކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ޢަލީގެ ނަން މައްޗަށް "ހާބަރ ކުއީން 2" އުޅަނދު ރަޖިސްޓަރީކޮށްދިނުމަށް އަންގައި ސްޕެސިފިކް ޕަރފޯމަންސް އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ދަށުކޯޓުން ނިންމި ނިންމުން ޤާނޫނީގޮތުން ރަނގަޅު ނޫން ކަމުގެ މައްޗަށެވެ. އެހެންކަމުން މި މައްސަލައިގައި ޖަވާބުދޭންޖެހެނީ އަންނަނިވި ޤާނޫނީ ސުވާލުތަކަށެވެ.
20.1 އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އިބްރާހީމް ޢަލީ އަށް އަންގައިދިނުމަށް މުޙައްމަދު ޢަލީގެ ފަރާތުން އެދުނު ފަރުވާ ދެވެން ނެތް ކަމަށް ދަށުކޯޓުން ކަނޑައެޅީ ރަނގަޅަށްތޯ؟
"20.2 ހާބަރ ކުއީން 2" އުޅަނދުގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ ނަންމައްޗަށް ބަދަލުކުރުމަށް އަންގައި ސްޕެސިފިކް ޕަރފޯމަންސް އަމުރެއް ނެރެދެވޭނެ ހަމައެއް ނެތް ކަމަށް ދަށުކޯޓުން ކަނޑައެޅީ ރަނގަޅަށްތޯ؟ މިއެވެ.
އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އިބްރާހީމް ޢަލީ އަށް އަންގައިދިނުމަށް މުޙައްމަދު ޢަލީގެ ފަރާތުން އެދުނު ފަރުވާ ދެވެން ނެތް ކަމަށް ދަށުކޯޓުން ކަނޑައެޅީ ރަނގަޅަށްތޯ؟
21އިސްތިއުނާފީ ފުރަތަމަ ނުކުތާ އަކީ ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަދައިން، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 12 ފެބްރުވަރީ 2022 ގައި ވެފައިވާ "މުޙައްމަދު ޢަލީ ކުރަމުންދިޔަ އޮޑިދޯނިފަހަރު ގެންގުޅުމުގެ ވިޔަފާރިން ބައެއް އިބްރާހީމް ޢަލީއަށް ދިނުމަށްޓަކައި ވެފައިވާ އެއްބަސްވުން" އަށް ޢަމަލުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަރުވާ ކޯޓަށް ދެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި (2) ވަނަ ނަންބަރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/32 ޤަޟިއްޔާ އާއި 2019/SC-A/85 ޤަޟިއްޔާ އާއި ނަންބަރު 2020/SC-A/100 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
މިނުކުތާގައި އިސްތިއުނާފުކުރާފަރާތުގެ ވާހަކަ
21.1 މި ނުކުތާގައި އިސްތިއުނާފުކުރާ މުޙައްމަދު ޢަލީގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އެއްބަސްވުމަށް ޢަމަލުކުރުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަމުރުކުރެވޭނެ ތަނެއް ނެތް ކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، ދަށުކޯޓަށް ދައުވާ ހުށަހެޅުމުން އެއްބަސްވުން ބާޠިލްކޮށްފައިވާކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކުރި ކުރުމެއްގެ މައްޗަށް ކަމަށެވެ. އަދި އެކަމާގުޅިގެން މުޙައްމަދު ޢަލީގެ ފަރާތުން ރައްދު ދައުވާއެއް ހުށަހަޅާފައިނުވާތީ އެކަމުގެ މައްޗަށް ކަމަށެވެ. ނަމަވެސް ދަށުކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް އެއްބަސްވުމާ އެއްގޮތަށް ދައްކަން ޖެހެނީ 1.5 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެހާތަނަށްވެސް 1.9 މިލިއަން ރުފިޔާ ދެއްކިފައިވާކަމަށެވެ. އަދި ދަށުކޯޓަށް ދައުވާ ހުށަހެޅުމަށްފަހު އަދި މައްސަލައިގެ ޙުކުމް ކުރުމަށްފަހުވެސް، އިބްރާހީމް ޢަލީގެ ފަރާތުން އެކައުންޓް ބްލޮކް ކުރަންދެން ކޮންމެ މަހަކު ފައިސާ ދައްކަމުން ގޮސްފައިވާކަމަށެވެ. ހަމައެހެންމެ އެއްބަސްވުމުގައި ބަޔާންކުރާގޮތުގެ މަތިން މި ފައިސާ ދައްކާފައިނުވާކަމަށް ބުނެ އިބްރާހީމް ޢަލީގެ ފަރާތުން އެއްވެސް ޝަކުވާއެއް ކުރުމެއް ނެތި އެއްވެސް މައްސަލައެއް ޖެއްސުމެއް ނެތި، ދަށުކޯޓަށް ދައުވާ ހުށަހެޅުމުން އެއްބަސްވުމުގެ 05.1 ވަނަ މާއްދާއާ ހަވާލާދީ އެއްބަސްވުން ބާޠިލްކުރާ ކަމަށް ބަޔާންކޮށް ސިޓީ ފޮނުވި ނަމަވެސް، މުޙައްމަދު ޢަލީގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ދެއްކި ފައިސާގެ މުޤާބިލުގައި އިބްރާހީމް ޢަލީގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމް އަދާކުރުމެއްނެތި އެފަރާތަށް އެއްބަސްވުން ބާޠިލްނުކުރެވޭނެ ކަމަށެވެ. އެގޮތުން 12 ޖުލައި 2023 ދުވަހު އެއްބަސްވުން ބާޠިލްކުރާ ކަމަށް ބަޔާންކޮށް އިބްރާހީމް ޢަލީގެ ފަރާތުން ހުށަހެޅި ސިޓީއަށް ތައުނުކޮށް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބަޔާންކޮށް 13 ޖުލައި 2023 ގައި ސިޓީއިން އިބްރާހީމް ޢަލީ އަށް ޖަވާބުވެސް ދީފައިވާނެ ކަމަށެވެ. އަދި މިވާހަކަތައް ދަށުކޯޓުގައި ދެއްކިފައިވާކަމަށެވެ. ހަމައެހެންމެ އެއްބަސްވުމަށް ޢަމަލުކުރުމުގެ އަމުރެއް ނެރެދިނުން އެދި އެ ފަރުވާއަށް އެދުމުން، ހަމައެކަނި އެއްބަސްވުން ސައްޙަކަމަށް ކަނޑައެޅުމުން އެ ފަރުވާ ދެވުނީ ނޫން ކަމަށާއި އެހެންކަމުން މިއީ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާގައި، ދައުވާގައި އެދިފައިވާ އަސާސީ ކަންކަމަށް ގޮތް ކަނޑައަޅަންޖެހޭނެކަމަށް ގާއިމްކޮށްފައިވާ އުޞޫލާ ޚިލާފު ކަމެއް ކަމަށެވެ.
މިނުކުތާގައި އިސްތިއުނާފުރައްދުވާ ފަރާތުގެ ޖަވާބު
21.2 މިނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ އިބްރާހީމް ޢަލީގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މި އިސްތިއުނާފީ ނުކުތާގައި ޤާނޫނީ ބަހުސެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. އެގޮތުން އެއްބަސްވުން ބާޠިލްކުރި ކުރުމާމެދު ދަށުކޯޓުން ވަކިގޮތެއް ނިންމާފައިނުވާކަމަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ. ދަށުކޯޓަށް ހުށަހެޅުނީ އެފަދަ ދައުވާއެއް ނޫން ކަމަށެވެ. އެހެންކަމުން މި ނުކުތާގައި ފާހަގަކޮށްފައިވާ ޤާނޫނީ ހަމަތަކާ ދަށުކޯޓުން ޚިލާފުވެފައިވާ ގޮތެއް މުޙައްމަދު ޢަލީއަށް މިނުކުތާގައި ބުނެދެވިފައި ނުވާކަމަށެވެ.
އެއްބަސްވުމަށް ޢަމަލުކުރުމަށް އަންގައި އެފަރުވާ ދެވެން ނެތް ކަމަށް ދަށުކޯޓުން ނިންމި ސަބަބު
21.3 އެއްބަސްވުމަށް ޢަމަލުކުރުމަށް އަންގައި އެ ފަރުވާ ދެވެން ނެތް ކަމަށް ދަށު ކޯޓުން ކަނޑައެޅި ސަބަބަށް ބަލާއިރު، ދަށުކޯޓުގެ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ބަލަންޖެހުނު ނަމަވެސް، ކޯޓަށް ދައުވާ ހުށަހެޅުނުފަހުން އެއްބަސްވުން ބާޠިލްކޮށްފައިވާކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކޮށްފައިވާއިރު، އެކަމާ ގުޅިގެން ރައްދު ދައުވާއެއް މުޙައްމަދު ޢަލީގެ ފަރާތުން ހުށަހަޅާފައިނުވާތީ، އެއީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދައުވާގެ މައުޟޫޢުގެ ތެރެއިން ބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ އެ މައްސަލައިގެ ތެރެއިން ގޮތް ކަނޑައަޅައިދޭން އެދެވޭނެ ކަމެއްވެސް ނޫން ކަމަށެވެ. އެހެންކަމުން އެއްބަސްވުން ބާޠިލްކުރި ކުރުމާމެދު ގޮތެއް ކަނޑައެޅުމެއްނެތި އެއްބަސްވުމަށް ޢަމަލުކުރުމަށް އަންގައި އެފަރުވާ ދެވެން ނެތް ކަމަށެވެ.
މިނުކުތާގައި ސިވިލް ކޯޓުގެ ނިންމުން ރަނގަޅުތޯ؟
21.4 މައްސަލައިގެ ފަސްފަހަތް ބަޔާންކުރެވުނުއިރު، ތަފްސީލުކޮށް މި މައްސަލައިގެ ވާގިއާ ބަޔާންކުރެވިފައި އެވަނީއެވެ. އެގޮތުން އަންނަނިވި ވާގިއާތަކަކީ ދެފަރާތުގެ މެދުގައި ޚިލާފެއް ނެތް ވާގިއާތަކެވެ.
21.4.1 ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުން ޞައްޙަކަމަށް ދަށުކޯޓުން ކަނޑައަޅާފައިވެއެވެ. އަދި އެ އެއްބަސްވުން ޞައްޙަ ކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއްވެސް ނެތެވެ.
21.4.2 އެއްބަސްވުމުގައި ބަޔާންކުރާ އުޅަނދުތަކާ ގުޅުންހުރި އެންމެހައި ކަންކަން ކުރަމުންދަނީ މުޙައްމަދު ޢަލީ ކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ. އަދި އެއްބަސްވުމާ ގުޅިގެން އުޅަނދުތަކުގެ ރަޖިސްޓަރީތައް ގެންގުޅެމުން އައިސްފައިވަނީވެސް މުޙައްމަދު ޢަލީ ކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ. ކަންމިހެން އޮތް ނަމަވެސް، އުޅަނދުތަކުގެ ރަޖިސްޓަރީ ގެއްލިގެން އަލުން އެ ރަޖިސްޓަރީ ހައްދަން ކަމާބެހޭ މިނިސްޓްރީއަށް އިބްރާހީމް ޢަލީގެ ފަރާތުން ހުށަހެޅި ކަމާމެދުވެސް ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ.
21.4.3 މި މައްސަލައާ ގުޅިގެން ހައިކޯޓުގައި ޝަރީޢަތް ބޭއްވިއިރުވެސް އުޅަނދުތަކުގެ އަތުގެ ވެރިކަން އޮތީ މުޙައްމަދު ޢަލީގެ ކިބައިގައި ކަމާމެދު ޚިލާފެއް ނެތެވެ.
21.4.4 އެއްބަސްވުމާ ގުޅިގެން މުޙައްމަދު ޢަލީގެ ފަރާތުން އިބްރާހީމް ޢަލީ އަށް ދައްކާފައިވާ ކަމަށް ބަޔާންކުރާ ފައިސާ އެގޮތުގެ މަތިން އިބްރާހީމް ޢަލީ އަށް ލިބިފައިވާ ކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ. އެގޮތުން ސިވިލް ކޯޓަށް ދައުވާ ހުށަހެޅިއިރު، ހަބަރ ކްއީން 2، މި އުޅަނދުގެ ޖުމްލަ އަގު ކަމަށްވާ -/1,500,000ރ. (އެއްމިލިއަން ފަސް ލައްކަ ރުފިޔާ) އަށްވުރެ ގިނަ ފައިސާ މުޙައްމަދު ޢަލީގެ ފަރާތުން އިބްރާހީމް ޢަލީ އަށް ދައްކާފައިވެއެވެ. އަދި ދަށުކޯޓުން މައްސަލައިގެ ޙުކުމް ކުރުމާ ހަމައަށް މުޙައްމަދު ޢަލީގެ ފަރާތުން 4.3 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ބުނެފައިވާއިރު، އެފައިސާ ލިބުނުކަމާމެދު އިބްރާހީމް ޢަލީގެ އިންކާރެއް ނެތެވެ.
21.4.5 ސިވިލް ކޯޓަށް މުޙައްމަދު ޢަލީގެ ފަރާތުން ދައުވާ ހުށަހެޅުމާ ހަމައަށް، މުޙައްމަދު ޢަލީގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކޮށްގެން ނުވަތަ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން އިބްރާހީމް ޢަލީގެ ފަރާތުން އެއްވެސް ސިފައެއްގައި އެއްވެސް ޝަކުވާއެއް މުޙައްމަދު ޢަލީ އަށް ނުވަތަ ޝަރީޢަތަށް ހުށަހަޅާފައިނުވާކަމާމެދު ޚިލާފެއް ނެތެވެ.
21.4.6 އެއްބަސްވުން ބާޠިލްކުރާކަމަށް ބަޔާންކޮށް 12 ޖުލައި 2023 ދުވަހު އިބްރާހީމް ޢަލީގެ ފަރާތުން މުޙައްމަދު ޢަލީ އަށް ސިޓީ ފޮނުވާފައިވަނީ، ސިވިލް ކޯޓަށް މުޙައްމަދު ޢަލީ ދައުވާ ހުށަހެޅުމުން، އެކަމާގުޅޭ ލިޔެކިޔުން އިބްރާހީމް ޢަލީއާ ސިވިލް ކޯޓުން ހަވާލުކުރުމުން، އޭގެފަހުން ކަމާމެދު ޚިލާފެއް ނެތެވެ.
21.4.7 އެ ސިޓީގެ ރައްދުގައި އެފަދައިން އެއްބަސްވުން ބާޠިލްނުކުރެވޭނެ ކަމަށް ބަޔާންކޮށް، ޖެހިގެން އައި 13 ޖުލައި 2023 ދުވަހު މުޙައްމަދު ޢަލީގެ ފަރާތުން އިބްރާހީމް ޢަލީ އަށް ސިޓީ ފޮނުވައި، މި ދެސިޓީ ދެފަރާތުގެ މެދުގައި ބަދަލުކޮށްފައިވާކަމާމެދު ޚިލާފެއް ނެތެވެ. އަދި މިކަން މިގޮތުގައި ފާހަގަކޮށް ދަށުކޯޓުގައިވެސް މުޙައްމަދު ޢަލީގެ ފަރާތުން ދިފާއު ނަގާފައިވެއެވެ.
21.4.8 ހަމައެހެންމެ، ސިވިލް ކޯޓަށް ދައުވާ ހުށަހެޅުމަށްފަހު، ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ އިރުވެސް، އަދި މައްސަލައިގެ ޙުކުމް ކުރުމަށްފަހުވެސް އެއްބަސްވުމުގެ ދަށުން މުޙައްމަދު ޢަލީގެ ފަރާތުން ފައިސާ ޖަމާކުރަންޖެހޭ އިބްރާހީމް ޢަލީގެ އެކައުންޓު ބަންދު ކުރުމާ ހަމައަށް، މުޙައްމަދު ޢަލީގެ ފަރާތުން ފައިސާ ޖަމާކުރަމުން ގޮސްފައިވާކަމާމެދު ޚިލާފެއް ނެތެވެ.
21.5 މި މައްސަލައަށް ބަލާއިރު، ދަށު ކޯޓަށް ދައުވާ ހުށަހެޅުނުފަހުން، އެއްބަސްވުން ބާޠިލްކުރިކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކޮށްފައިވާއިރު، އެކަމަށް ދަށުކޯޓުގައި މުޙައްމަދު ޢަލީގެ ފަރާތުން ރައްދު ދީފައިވީނަމަވެސް، ރައްދު ދައުވާއެއް ހުށަހަޅާފައިނުވާތީ އެނުކުތާއަކީ މައްސަލައިގެ ތެރެއިން ގޮތް ކަނޑައެޅޭނެ ކަމެއް ނޫން ކަމަށް ދަށުކޯޓުން ނިންމީ ރަނގަޅަށް ކަމަށް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ.
21.6 އެހެނީ މައްސަލައިގައި ކަން ހިނގާފައިވާގޮތް ސާފުވާ މިންވަރަށް މައްސަލައިގައި ހެކި ހުށަހެޅިފައިވެއެވެ. އަދި މި މައްސަލައިގައި ދެފަރާތުގެ މެދުގައި އެއްބަސްވުން ބާޠިލްކުރިކަމަށް ބަޔާންކުރާ އެ ނުކުތާއާމެދު ދަށު ކޯޓުގައި ވާހަކަދެކެވިފައިވެއެވެ. ހަމައެހެންމެ ދަށު ކޯޓަށް މައްސަލަ ހުށަހެޅުނީ އެއްބަސްވުމަށް އިޙްތިރާމްކޮށް އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަމުރުކޮށްދިނުން އެދި ކަމަށް ވެފައި، މައްސަލަ ހުށަހެޅުމާއެކު، އެއްބަސްވުން ބާޠިލްކުރިކަމަށް އަންގާ އިބްރާހީމް ޢަލީގެ ފަރާތުން ހުށަހަޅާފައިވާއިރު، އެކަމަކީ މައްސަލައިގައި ހޯދުމަށް އެދޭ ފަރުވާތައް އެ މައްޗަށް ބިނާވާނެ ކަމެއް ކަމުގައި ވީނަމަވެސް، އެ މައްސަލައިގެ ތެރެއިން އެކަމާމެދު ގޮތެއް ކަނޑައެޅުމަށް އޮތް ޤާނޫނީ ހުރަހެއް ދަށުކޯޓުން ބަޔާންކޮށްފައި ނުވެއެވެ. އެފަދަ ޤާނޫނީ ހުރަހެއް އޮތް ކަމަކަށް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ.
21.7 ހަމައެހެންމެ އެ ނުކުތާގައި ދަށުކޯޓަށް ހެކި ހުށަހަޅައި ދެފަރާތުންވެސް ވާހަކަދައްކާފައިވާތީ، އަދި އެކަމާމެދު ސިވިލް ކޯޓުން ރިޢާޔަތްކުރިގޮތް ބަޔާންކޮށްފައިވާތީ މިހިނދުގައި މި އިސްތިއުނާފީ ކޯޓުން އެ މައްޗަށް ގޮތް ކަނޑައެޅުމުގެ ޤާނޫނީ ހުރަހެއް އޮތްކަމުގައިވެސް ނުދެކެމެވެ.
21.8 އެގޮތުން ބަލާއިރު، މިއީ އެއްބަނޑު އެއްބަފާ ދެ އަޚުންގެ މެދުގައި ވެވުނު އެއްބަސްވުމެކެވެ. ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގައި ކަނޑައެޅިގެން އެއްބަސްވުން ނިމުމަކަށް ގެނެވިދާނެ ހާލަތްތައް ބަޔާންކޮށްފައި ނެތެވެ. މިއާ ޚިލާފަށް އެއްބަސްވުމުގެ މަޤްސަދުކަމުގައި ފެންނަންއޮތީ އެއްބަސްވުމުގެ ބައިވެރިންގެ ވާރިޘުން މެދުވެރިކޮށްވެސް އެއްބަސްވުން ކުރިއަށް ގެންދިއުމެވެ. އެގޮތުން އެއްބަސްވުމުގެ 02 ވަނަ މާއްދާ އާއި 05.4 ވަނަ މާއްދާގައި އޮތީ އަންނަނިވި އިބާރާތެވެ.
"02.1 މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ މިއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން މިއެއްބަސްވުމުގެ ބައިވެރިންނާއި އަދި ވާރިޘުން ޤަބޫލުކޮށް އެގޮތުގެ މަތިން ޢަމަލުކުރުމެވެ.
02.2 މި އެއްބަސްވުމުގައިވާ ދެބައިވެރިންނަކީ އެއްބަނޑު އެއްބަފާ ދެބެއިންކަމަށްވުމާއި އަދި ލޭގެ ގުޅުމަކީ މުދަލަށްވުރެ މަތިވެރިވެގެންވާ ގުޅުމެއްކަމަށްވުމާއި، އެގުޅުން ހީނަރު ވުމުގެ ފުރުޞަތު ނުދިނުމަށާއި އަދި އެއްވެސް ފަރާތަކަށްވެސް ހީނަރުކުރުމަށް ފުރުޞަތު ނުދިނުމަށް ދެފަރާތުންވެސް އަހްދުވެ ދެފަރާތުން އެއްބަސްވެފައިވެއެވެ.
02.3 މިއެއްބަސްވުމަށް އިހްތިރާމްކޮށް އަދި ޢަމަލުކުރުމަށް ދެބައިވެރިންގެ ވާރިޘުންނަށް ވަސިއްޔަތްކުރުމަށް އެއްބަސްވެފައިވެއެވެ. ...
05.4 މި އެއްބަސްވުން ތަންފީޒުކުރުމަށާއި ދެމެހެއްޓުމަށް މިއެއްބަސްވުމުގެ ބައިވެރިންގެ ވާރިޘުންނަށް ވަސިއްޔަތްކުރަމެވެ. އަދި މި އެއްބަސްވުމުގެ ބައިވެރިން ދުނިޔޭގައި ތިއްބާ ބައިވެރިންގެ އެއްވެސް ވާރިޘަކު މިއެއްބަސްވުމުގައި ހިމެނޭ ކަމަކަށް ފާޑުކިޔައި ގެއްލުންވާފަދަ ކަމެއް ކޮށްގެން ނުވާނެއެވެ."
ނަމަވެސް އެއްބަސްވުމުގެ 05.1 ވަނަ މާއްދާގައި "ކޮންމެ މަހަކު މަދުވެގެން 100000.00 ރު (އެއްލައްކަ) ގެ އަދަދެއް ދައްކާނަމަ، މި އެއްބަސްވުން ބާޠިލްކުރުމުގެ ޙައްޤެއް ދެފަރާތުން ކުރެ ފަރާތަކަށް ނޯންނާނެއެވެ." މިފަދައިން ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން މި މާއްދާގައިވާގޮތުގެ މަތިން އެއްބަސްވުން ބާޠިލްކުރެވިދާނެކަން އެނގެއެވެ.
21.9 ދެން ބަލަންޖެހެނީ، އެއްބަސްވުމުގެ 05.1 ވަނަ މާއްދާއާ މުޙައްމަދު ޢަލީ ޚިލާފުވެފައިވާކަމަށް ބަޔާންކޮށް އެއްބަސްވުން ބާޠިލްކުރުމަށްޓަކައި 48 ގަޑިއިރުގެ ނޯޓިސްދޭ ކަމަށް ބަޔާންކޮށް 12 ޖުލައި 2023 ދުވަހު އިބްރާހީމް ޢަލީގެ ފަރާތުން ސިޓީ ފޮނުވީ މިފަދައިން މިކަން ހިނގައިގެންކަން އިބްރާހީމް ޢަލީ އަށް ސާބިތުކޮށްދެވިފައިވޭތޯއެވެ.
21.10 އެގޮތުން ބަލާއިރު، އިބްރާހީމް ޢަލީ ފޮނުވި ނޯޓިސްގެ އެ ސިޓީގައި މުޙައްމަދު ޢަލީގެ ފަރާތުން ފައިސާ ނުދައްކާވަނީ ކޮން މަހަކަށް ކިހާވަރެއްގެ ފައިސާއެއް ކަން ބަޔާންކޮށްފައި ނެތެވެ. އަދި ދަށުކޯޓަށް ހުށަހެޅި އެއްވެސް ބަޔާނެއްގައިވެސް މުޙައްމަދު ޢަލީގެ ފަރާތުން ފައިސާ ނުދައްކާ ވަނީ ކޮން މަހަކަށް ކިހާވަރެއްގެ ފައިސާއެއްކަން ފާހަގަކޮށްފައި ނުވެއެވެ. މުޙައްމަދު ޢަލީގެ ފަރާތުން ދަށު ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ފާހަގަކުރި ކަމަކީ ދަށުކޯޓަށް ދައުވާ ހުށަހެޅުމާ ހަމައަށް ދައްކަންޖެހޭ ފައިސާގެ އަދަދު އެއިރުވެސް ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ދެއްކުމުގައި ކޮންމެ މަހެއްގެ ވަކި ދުވަހެއްގެ ކުރިން ފައިސާ ދައްކަން އެއްބަސްވުމުގައި ލާޒިމްކޮށްފައި ނެތް ކަމަށާއި، ބައެއްފަހަރު ޕޭމަންޓްތަކުގައި "ޑިލޭ" އެއް ހުރެދާނެ ކަމަށެވެ. ނަމަވެސް އެހައިތަނަށް ދައްކަންޖެހޭ ފައިސާވެސް ވަނީ ދައްކާފައިކަމަށެވެ. އަދި ފަހުންވެސް ފައިސާ ދައްކަމުން ދިޔަ ކަމަށެވެ. އެހެންކަމުން އެއްބަސްވުން ބާޠިލްކުރެވޭ މިންވަރުގެ ޖައުހަރީ ޚިލާފެއް ވެފައި ނެތް ކަމަށެވެ.
21.11 އެގޮތުން ދަށު ކޯޓަށް ދައުވާ ހުށަހެޅިއިރު އެހާތަނަށް ދައްކަންޖެހެނީ 1.5 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެއިރުވެސް 1.9 މިލައަން ރުފިޔާ ދެއްކިފައިވާނެ ކަމާއި ދަށު ކޯޓުން ޙުކުމްކުރުމާ ހަމަށް 4.3 މިލިއަން ރުފިޔާ ދެއްކިފައިވާކަން މުޙައްމަދު ޢަލީގެ ފަރާތުން ފާހަގަކޮށް ކަމާގުޅޭ ހެކި ހުށަހަޅާފައިވެއެވެ. މި ފައިސާ ލިބުނުކަމާމެދު އިބްރާހީމް ޢަލީގެ އެއްވެސް އިންކާރެއް ނެތެވެ. އަދި މުޙައްމަދު ޢަލީގެ ފަރާތުން ދައްކަންޖެހި ނުދައްކާވަނީ ކޮންފައިސާއެއްކަން ބަޔާންކޮށް އިބްރާހީމް ޢަލީގެ ފަރާތުން އެމޭރުމުން ދަށުކޯޓުގައި ދިފާއެއް ހުށަހަޅާފައިވެސް ނެތެވެ. އަދި އެއްބަސްވުމުގެ 05.1 ވަނަ މާއްދާގައިވާގޮތުގެ މަތިން ފައިސާ ދައްކާފައިނުވާކަމަށް ބުނެ އެއްބަސްވުން ބާޠިލްކުރުމުގެ ނޯޓިސް ފޮނުވުމާހަމައަށްވެސް އެކަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅާފައިވާނެ ކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ބުނެފައިނުވެއެވެ. އަދި އެފަދަ ހެއްކެއް މައްސަލައިގެ ތެރެއިން ފެންނާކަށް ނެތެވެ.
21.12 ކަން މިހެން އޮތް އިރު، މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުން ފެންނަން އޮތީ، އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ޢަލީގެ ފަރާތުން ގިނަ އަދަދެއްގެ ފައިސާ ދައްކާފައިވާކަމެވެ. އަދި ފައިސާ ދެއްކުމުގެ މަގު ބަންދުވުމާ ހަމައަށް ފައިސާ ދައްކަމުންގޮސްފައިވާކަމެވެ. މިއީ އެއްބަސްވުމުގައި ބަޔާންކުރާ ހަމައިން ބަލާނަމަ މުޙައްމަދު ޢަލީގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމެވެ.
21.13 މިކަމުގެ މުޤާބިލުގައި އިބްރާހީމް ޢަލީގެ ފަރާތުން ކުރަންޖެހޭ ކަމަކީ އެއްބަސްވުމުގައި ބަޔާންވެގެންވާގޮތުގެ މަތިން 'ހާބަރ ކްއީން 2' އަދި 'ހާބަރ ކްއީން 5' ގެ މިލްކުވެރިކަން މުޙައްމަދު ޢަލީގެ މައްޗަށް ބަދަލުކޮށްދިނުމެވެ. މިގޮތުން އުޅަނދުތަކުގެ ރަޖިސްޓަރީ ބަދަލުކުރާނީ ފުރަތަމަ އޮޑީގެ އަގުގެ ދެބައިކުޅަ އެއްބައި ދައްކައި ނިމުމުން އެ އޮޑީގެ ރަޖިސްޓަރީ ބަދަލުކުރާގޮތަށް ކަމަށާއި މިގޮތުގެމަތިން ހުރިހާ އޮޑިއެއްގެ ރަޖިސްޓަރީވެސް ބަދަލުކުރާނީ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
21.14 މި އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކުމުން މުޙައްމަދު ޢަލީގެ ނަމަށް ރަޖިސްޓަރީ ބަދަލުކުރަންޖެހޭ ދެ އުޅަނދަކީ އިބްރާހީމް ޢަލީގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ "ހާބަރ ކްއީން 2" އަދި "ހާބަރ ކްއީން 5"، މި ދެ އުޅަނދެވެ. ހާބަރ ކްއީން 2 ގެ އަގަކީ -/1,500,000ރ. (އެއްމިލިއަން ފަސް ލައްކަ ރުފިޔާ) އެވެ. ހާބަރ ކްއީން 5 ގެ އަގަކީ -/8,550,000ރ. (އަށްމިލިއަން ފަސްލައްކަ ފަންސާސްހާސް ރުފިޔާ) އެވެ.
21.15 ދަށުކޯޓަށް ދައުވާ ހުށަހެޅިއިރު، "ހާބަރ ކްއީން 2" ގެ ޖުމްލަ އަގަށް ވުރެ ގިނަ ފައިސާ މުޙައްމަދު ޢަލީގެ ފަރާތުން އިބްރާހީމް ޢަލީ އަށް ދައްކާފައިވެއެވެ. ނަމަވެސް އެހައިތަނަށްވެސް އެ އުޅަނދުގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ ނަން މައްޗަށް ބަދަލުކުރުމަށް އިބްރާހީމް ޢަލީގެ ފަރާތުން އެއްވެސް ކަމެއް ކޮށްފައިވާކަން ނުވަތަ އެއްބަސްވުމަށް ޢަމަލުކޮށްފައިވާކަން އެނގޭކަށް ނެތެވެ. މިއީ ދެފަރާތުގެ މެދުގައި އޮތް ކޮންޓްރެކްޓުގެ ދަށުން އިބްރާހީމް ޢަލީ އަށް އޮތް އިޚްތިޔާރެއް ނޫނެވެ.
21.16 ޚިލާފަކާ ގުޅިގެން ކޮންޓްރެކްޓެއް ބާޠިލްކުރެވޭނެ ހާލަތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް މައްސަލަ އަދި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން "ކޮންޓްރެކްޓުގެ އެއް ބައިވެރިއަކު އަދާކުރަންޖެހޭ ކަމެއް ކުރަން އެއްބަސްވެފައިވާ ގޮތަށް ނުކޮށްފިނަމަ، އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު މައުސޫމު ފަރާތަށް ލިބިދޭ ޚިލާފެއްކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ، އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމަ އެވެ. އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުންކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ އެ ޚިލާފުގެ ބުރަދަނާ ސީރިއަސް ކަމުގެ މައްޗަށެވެ" މިފަދައިން ބަޔާންކޮށްފައިވެއެވެ.
21.17 މި މައްސަލައަށް މި އުސޫލު ތަޠުބީޤުކުރުމަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން މުޙައްމަދު ޢަލީގެ ފަރާތުން އަދާކުރަންޖެހޭ ޖައުހަރީ އިލްތިޒާމް އަދާކުރުމުގެ ގޮތުން އެއްބަސްވުމާ ގުޅިގެން ގިނަ އަދަދެއްގެ ފައިސާ ދައްކާފައިވަނިކޮށް އަދި އެފައިސާ މެދުކެނޑުމެއްނެތި ދައްކަމުން ދަނިކޮށް، އެއްބަސްވުމުގެ 05.1 ވަނަ މާއްދާއާ ޙަވާލާދީ، އެ މާއްދާ ތަޠުބީޤުކުރި ގޮތެއް ބަޔާންކުރުމެއްނެތި އަދި ކޮންޓްރެކްޓުގައިވާގޮތުގެ މަތިން މުޤާބިލު އަދާކުރުމެއްނެތި އެއްބަސްވުމުގައި ހިމެނޭ އެއްފަރާތް ކަމަށްވާ އިބްރާހީމް ޢަލީ އަށް "ޔުނިލެޓެރަލް" (unilateral) ކޮށް އެއްބަސްވުން ބާޠިލްކުރުމުގެ އެއްވެސް އިޚްތިޔާރެއް ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާ، 20 ވަނަ މާއްދާ އަދި 21 ވަނަ މާއްދާގެ (ހ) އަށާއި އިސްވެ ނަކަލު ކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލަށް ރިޢާޔަތްކޮށް ބަލާއިރުވެސް ލިބިގެން ނުވެއެވެ. އަދި އެ ނޯޓިސްގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާޠިލްވެފައިވާކަމަށް ބެލެވިދާނެ ޤާނޫނީ ސަބަބެއް ނެތެވެ.
21.18 އެހެންކަމުން، ރައްދު ދައުވާއެއް ހުށަހަޅާފައި ނެތުމުން އެއްބަސްވުން ބާޠިލްކުރިކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކުރިކުރުމާމެދު ގޮތެއް ކަނޑަނޭޅޭނެ ކަމަށް ބަޔާންކޮށް، އެއްބަސްވުމަށް ޢަމަލުކުރަން އިބްރާހީމް ޢަލީގެ މައްޗަށް އަމުރުކުރެވޭނެ ތަނެއް ނެތް ކަމަށް ދަށުކޯޓުން ކަނޑައެޅި ކަނޑައެޅުން އަހުރެންނަށް ޤާނޫނީގޮތުން ބަލައިނުގަނެވެއެވެ.
21.19 އަހުރެންނަށް ޤަބޫލުކުރެވެނީ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށް، އިބްރާހީމް ޢަލީގެ ފަރާތުން އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް އަދާކުރުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަމުރުކުރަންޖެހޭ ކަމަށެވެ.
"ހާބަރ ކުއީން 2" މި އުޅަނދުގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ ނަންމައްޗަށް ބަދަލުކުރުމަށް އަންގައި ސްޕެސިފިކް ޕަރފޯމަންސް އަމުރެއް ނެރެދެވޭނެ ހަމައެއް ނެތް ކަމަށް ދަށުކޯޓުން ކަނޑައެޅީ ރަނގަޅަށްތޯ؟
22HN3HN4އިސްތިއުނާފީ ދެވަނަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަރުވާގެ ތެރޭގައި ހިމެނޭ "ހާބަރ ކްއީން 2" ގެ ރަޖިސްޓަރީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ބަދަލުކޮށްދިނުމަށް އަންގައި އެފަދަ އެންގުމެއް ނުވަތަ ސްޕެސިފިކް ޕަރފޯމަންސް އަމުރެއް ނެރެދެވޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާއި 25 ވަނަ މާއްދާއައި ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާއާއި، "އަލްޢިބްރަތު ފިލްޢުޤޫދި ބިލްމަޤާޞިދު ވަލްމަޢާނީ ލާ ބިލްއަލްފާޒި ވަލްމަބާނީ" މި ޝަރުޢީ ޤާޢިދާއިން އިސްލާމީ ފިޤުޙުގައި ޤާއިމްކުރެވިފައިވާ އުޞޫލާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/34 ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
މިނުކުތާގައި އިސްތިއުނާފުކުރާފަރާތުގެ ވާހަކަ
22.1 މި ނުކުތާގައި އިސްތިއުނާފުކުރާ މުޙައްމަދު ޢަލީގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމުގެ ސްޕެސިފިކް ޕަރފޯމަންސް އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ އެއްބަސްވުމުގެ 04.7 ވަނަ މާއްދާ، އެ މާއްދާއާ އަދި އެއްބަސްވުމުގެ މަޤްސަދާ ޚިލާފަށް މާނަކޮށްގެން ކަމަށެވެ. އެގޮތުން އެ މާއްދާގެ ފެށުމުގައި އެއްބަސްވުމުގައިވާ ހުރިހާ ކަމެއް ފުރިހަމައަށް ތަންފީޛްކުރަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވާއިރު، އެފަދައިން އެކަން ނުކުރުމުން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިވަނިކޮށް އެއްބަސްވުމާ އެއްގޮތަށް އެކަމުގެ މުޤާބިލު ނުލިބޭނެގޮތަކަށް އެއްބަސްވުން މާނަނުކުރެވޭނެ ކަމަށެވެ. އެގޮތުން އެއްބަސްވުމުގެ ދެންހުރި މާއްދާތައް ތަންފީޛްނުވާނެގޮތަކަށް އެއްބަސްވުމުގެ 04.7 ވަނަ މާއްދާ މާނަނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ދަށުކޯޓުން މިނުކުތާގައި ނިންމި ނިންމުން މިނުކުތާގައި ފާހަގަކޮށްފައިވާ ޤާނޫނީ ހަމަތަކާ ޚިލާފުކަމަށެވެ.
މިނުކުތާގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު
22.2 މިނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކޮށްފައިވަނީ އެއްބަސްވުމުގެ 04.7 ވަނަ މާއްދާއިން، ސާފުކޮށް ފައިސާ ހޯދުމުގެ ދައުވާއެއް ނޫނީ ނުކުރެވޭނެކަން އެނގެން އޮތް އިރު ދަށު ކޯޓުގެ ނިންމުން ބިނާވީ އެ މާއްދާގެ މައްޗަށް ކަމަށެވެ. އެ މާނަކުރުން ގޯސްވާ ސަބަބެއް މި އިސްތިއުނާފުގައި މުޙައްމަދު ޢަލީ އަށް ބުނެދެވިފައިނުވާތީ އަދި މިހާރު ބާޠިލްކޮށްފައިވާ އެއްބަސްވުމަކާ ގުޅިގެން އެ ފަރުވާ ހޯދުމަށް އެދޭތީ މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ކަމުގައި ނުދެކޭ ކަމަށެވެ. މީގެ އިތުރުން އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކޮށްފައިވަނީ ފައިސާ ނުދައްކާތީ، އެއްބަސްވުމުގެ 05.1 ވަނަ މާއްދާގެ ދަށުން އިބްރާހީމް ޢަލީގެ ފަރާތުން އެއްބަސްވުން ބާޠިލްކުރުމުން އެކަމުގެ މައްޗަށް މިހާތަނަށްވެސް މުޙައްމަދު ޢަލީގެ ފަރާތުން އެއްވެސް ދައުވާއެއް ކޮށްފައި ނުވާކަމަށެވެ. ހަމައެހެންމެ ސްޕެސިފިކް ޕަރފޯމަންސް އަމުރެއް ނެރެވޭނެ ކަމުގެ މައްޗަށް ދަށުކޯޓުގައި ހަރުދަނާ ޤާނޫނީ ބަހުސެއްވެސް މުޙައްމަދު ޢަލީ ހުށަހަޅާފައިނުވާ ކަމަށެވެ.
މިނުކުތާގައި ދަށުކޯޓުގެ ނިންމުން ރަނގަޅުތޯ؟
22.3 މި މައްސަލައިގައި "ހާބަރ ކްއީން 2" އަށްވާ ފައިސާ މުޙައްމަދު ޢަލީގެ ފަރާތުން ދައްކާފައިވާކަމަށް ބެލި ނަމަވެސް، އެ އުޅަނދުގެ ރަޖިސްޓަރީ މުޙައްމަދު ޢަލީ އަށް ބަދަލުކުރުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަންގައި އަމުރުނުކުރެވޭނެ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ އެއްބަސްވުމުގެ 04.7 ވަނަ މާއްދާގައި، ފައިސާހޯދުމުގެ މައްސަލައެއް ފިޔަވައި އިތުރު އެއްވެސް މައްސަލައެއް ކޯޓަށް ހުށަނޭޅުމަށް ދެފަރާތުން އެއްބަސްވާކަމަށް ބަޔާންކޮށްފައިވާތީ އެ މާއްދާގެ މައްޗަށް ބިނާކޮށެވެ.
22.4 ދަށު ކޯޓުގެ ނިންމުން މިނުކުތާގައި ބިނާކުރި، އެއްބަސްވުމުގެ 04.7 ވަނަ މާއްދާގައި އޮތީ އަންނަނިވި ފަދައިންނެވެ.
"މި އެއްބަސްވުމުގައި ސޮއިކޮށް މިއެއްބަސްވުމުގައި ލާޒިމްކުރާ އެންމެހައި ކަންކަން ތަންފީޒުކުރަންޖެހޭނެއެވެ. އަދި އެއްފަރާތުން އަނެއްފަރާތަށް މިމުޢާމަލާތާ ގުޅިގެން އެކިތަންތަނުގައި ތިބެ މީހުންގެ އަގުވެއްޓޭ ވާހަކަ ދައްކައިގެން ނުވާނެއެވެ. އަދި މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުން ފިޔަވައި އިތުރު އެއްވެސް މައްސަލައެއް ކޯޓަކަށް ހުށަނޭޅުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ."
22.5 މި މާއްދާގައި ބަޔާންވެގެން މިވަނީ އެއްބަސްވުމުގައި ސޮއިކޮށް މިއެއްބަސްވުމުގައި ލާޒިމްކުރާ އެންމެހައި ކަންކަން ތަންފީޒުކުރަންޖެހޭނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުން ފިޔަވައި އިތުރު އެއްވެސް މައްސަލައެއް ކޯޓަކަށް ހުށަނޭޅުމަށް ދެފަރާތުން އެއްބަސްވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި މާއްދާއަށް ބަލާއިރު، ދެފަރާތުންވެސް މި އެއްބަސްވުމުގައި ލާޒިމްކުރާ އެންމެހައި ކަންކަން ތަންފީޒުކުރަންވާނެކަން އެނގެއެވެ. އަދި ފައިސާ ހޯދުން ފިޔަވައި އިތުރު މައްސަލައެއް ކޯޓަށް ހުށަނޭޅުމަށް އެއްބަސްވާކަމަށް މި މާއްދާގައި ބަޔާންވެގެންވާއިރު، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމުން އޭގެ މުޤާބިލުގައި އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އަދާކުރަންޖެހޭ އިލްތިޒާމް އަދާނުކުރުމުން މައްސަލަ ހައްލުނުވެގެންވެސް ޝަރީޢަތަށް މައްސަލަ ހުށަނޭޅޭނެކަމަށް، ނުވަތަ އެހާހިސާބުން މުޤާބިލު ލިބެންޖެހޭ ފަރާތަށް އެއްވެސް ފަރުވާއެއް ލިބިނުދެވޭ ގޮތަށް މި މާއްދާ މާނަ ނުކުރެވޭނެވެ. މިކަން ސާފުކޮށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ވެސް ބަޔާންވެގެން ވެއެވެ. އެގޮތުން "ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއަކުން، އޭގެ ބައިވެރިއަކަށް ޤާނޫނީ ފިޔަވަޅު އެޅުން މަނާކުރާނަމަ، އެމާއްދާއަކީ ބާޠިލު މާއްދާއެކެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ ދަށު ކޯޓުން މި މާއްދާ މާނަކުރިގޮތް، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި "ކޮންޓްރެކްޓުގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަށް އެ ޢަމަލުކުރި މީހަކު، ބަދަލު ދޭންޖެހޭނެއެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމާވެސް ޚިލާފެވެ. މިއީ ކޮންޓްރެކްޓްގެ މުޅި މަޤްސަދާއި މަފްހޫމާވެސް ޚިލާފު މާނަކުރުމެއް ކަމުގައި ދެކެމެވެ.
22.6 އެހެންކަމުން މި ނުކުތާގައި ދަށުކޯޓުން ނިންމި ނިންމުމަކީ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފު މާނަކުރުމެއްގެ ތެރެއިން ނިންމާފައިވާ ނިންމުމަކަށް ވާތީ އެ ނިންމުން ދަމަހައްޓަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
ނިންމަން ފެންނަގޮތް
23އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާގެ ޙުކުމުގައި، ދައުވާކުރާ ފަރާތުން އެދުނު ފަރުވާތައް އެފަރާތުން އެދިފައިވާފަދައިން ދެވެން ނެތް ކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް، ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުން މިހިނދުގައިވެސް ދެމިއޮތް ކަމަށް ކަނޑައަޅައި، އެއްބަސްވުމަށް އިޙްތިރާމްކޮށް އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އިބްރާހީމް ޢަލީ އަށް އަންގައި، ދަށު ކޯޓުން ޙުކުމް ކުރި އިރުވެސް "ހާބަރ ކްއީން-2" އުޅަނދުގެ ޖުމްލަ އަގަށްވާ ފައިސާ މުޙައްމަދު ޢަލީގެ ފަރާތުން އިބްރާހީމް ޢަލީ އަށް ދައްކާފައިވާކަން އެނގެން އޮތުމުން، އެއްބަސްވުމުގެ 04.8 ވަނަ މާއްދާގެ ދަށުން އެ އުޅަނދުގެ މިލްކުވެރިކަން މުޙައްމަދު ޢަލީގެ މައްޗަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަމުރުކޮށް، ފައިސާ ދައްކަމުންދާ ވަރަކުން އެއްބަސްވުމާ އެއްގޮތަށް "ހާބަރ ކްއީން-5" އެވެކިޔާ ދޯނީގެ މިލްކުވެރިކަން ވެސް މުޙައްމަދު ޢަލީގެ މައްޗަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަމުރުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު؛ (މި ރައުޔަށް ފަނޑިޔާރު ޙަސަން ޝަފީޢު ތާއީދުކުރައްވާފައި)
އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
24މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމަށް ރިޔާސަތު ފަނޑިޔާރު ބަޔާންކުރައްވާފައިވާ ކަންކަމާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކާއި، އޭގެ ރައްދުގައި އިސްތިއުނާފު ރައްދުވާ އިބްރާހީމް ޢަލީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން އެގޮތުގެ މަތިން ހުރިޔަތީ، އެކަން ތަކުރާރުކުރާކަށް ނެތީމެވެ.
25ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާއަކީ، މުޙައްމަދު ޢަލީއާއި އިބްރާހީމް ޢަލީއާ ދެމެދު 12 ފެބްރުއަރީ 2022 ގައި ސޮއިކޮށްފައިވާ "މުޙައްމަދު ޢަލީ ކުރަމުންދިޔަ އޮޑިދޯނިފަހަރު ގެންގުޅުމުގެ ވިޔަފާރިން ބައެއް އިބްރާހީމް ޢަލީއަށް ދިނުމަށްޓަކައި ވެފައިވާ އެއްބަސްވުން" (މީގެ ފަހުން "އެއްބަސްވުން") އާ އެއްގޮތަށް އިބްރާހީމް ޢަލީގެ ފަރާތުން ޢަމަލުކުރަމުން ނުދާތީ، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށާއި، އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކިފައިވާ ހާބަރ ކްއީން 2 ގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ ނަން މައްޗަށް ބަދަލުކުރުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަންގާ އަމުރުކޮށްދިނުމަށް އެދި މުޙައްމަދު ޢަލީގެ ފަރާތުން ހުށަހެޅުނު ދަޢުވާއެކެވެ.
26މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ 12 ފެބްރުއަރީ 2022 ގައި މުޙައްމަދު ޢަލީއާއި އިބްރާހީމް ޢަލީއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ދެ ފަރާތުންވި ޞައްޙަ އެއްބަސްވުމެއްކަމަށް ކަނޑައެޅުމާއެކު، މި ދަޢުވާގައި ދަޢުވާކުރާ، މުޙައްމަދު ޢަލީގެ ފަރާތުން އެދުނު ފަރުވާތައް، އެ ފަރާތުން އެދިފައިވާ ފަދައިން ދެވެން ނެތްކަމަށް ކަނޑައަޅައެވެ.
27މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ސަބަބުތައް ފާހަގަކުރެއެވެ.
27.1 ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަންގައިދިނުމަށް މުޙައްމަދު ޢަލީގެ ފަރާތުން އެދިފައިވާއިރު، މި ދަޢުވާގައި އިބްރާހީމް ޢަލީގެ ފަރާތުން ހުށަހެޅި ދިފާޢުގައި، 13 ޖުލައި 2023 ގައި އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށް އަންގާފައިވާކަމަށާއި، މިހާރުގެ ޙާލަތަކީ ދެ ފަރާތުގެ ދެމެދުގައި ވެފައި އޮތް އެއްބަސްވުން ބާޠިލުވެފައިވާ ޙާލަތެއްކަމަށްވާއިރު، އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށާއި، ދޯނި ޙަވާލުކުރުމަށް މި ޙާލަތުގައި އެންގޭނެ ތަނެއް ނެތްކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ބުނެފައިވާކަމާއި، އިބްރާހީމް ޢަލީގެ ފަރާތުން އެއްބަސްވުން ބާޠިލުކުރިކަމަށް އެބުނަނީ ކޯޓުގައި ދަޢުވާ ރަޖިސްޓަރީކުރި ފަހުންކަމަށާއި، މިއީ ދަޢުވާ ހުށަހެޅި ފަހުން އިބްރާހީމް ޢަލީގެ ފަރާތުން ދިން ނޯޓިހެއްކަމަށްވާއިރު، އެއިގެ ފަހުން އިބްރާހީމް ޢަލީގެ ފަރާތުންވެސް ދަޢުވާގެ ދިފާޢު ހުށަހެޅިއިރު، ދިފާޢާއެކީ 13 ޖުލައި 2023ގައި އިބްރާހީމް ޢަލީގެ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށް ބުނާ ބުނުމާ ގުޅިގެން "ރައްދު ދަޢުވާއެއް" އުފުލާފައިނުވާތީ، 13 ޖުލައި 2023އާ އަދި ދަޢުވާ ކޯޓަށް ހުށަހެޅުމާ ހަމައަށް އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ބަލަންޖެހުނުނަމަވެސް، 13 ޖުލައި 2023ގައި އެއްބަސްވުން ބާޠިލުކުރިކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ބުނާއިރު، އެއީ މި ދަޢުވާގައި ނުހިމެނޭ، އަދި އިބްރާހީމް ޢަލީގެ ފަރާތުން ރައްދު ދަޢުވާއެއް ހުށަހަޅާފައި ނެތުމުން، މި މައްސަލައިގެ ތެރޭގައި ބަލަންޖެހޭ މައުޟޫއަކަށްނުވާތީއާއި، އަދި އެކަމަކީ އެ މައްޗަށް ގޮތް ކަނޑައެޅިގެން މެނުވީ އެއްބަސްވުމަށް ޢަމަލުކުރުމަށް އެންގިދާނެފަދަ ކަމަކަށްނުވާތީ، މުޙައްމަދު ޢަލީގެ ފަރާތުން މި މައްސަލައިގައި އެދިފައިވާ ފަދައިން އެއްބަސްވުމަށް ޢަމަލުކުރުމަށް އަންގައި އެ ފަރުވާ ކޯޓުން ދެވެން ނެތްކަން
27.2 އެއްބަސްވުމުގެ 04.7 ވަނަ މާއްދާގައި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުން ފިޔަވައި އިތުރު މައްސަލައެއް ކޯޓަކަށް ހުށަނޭޅުމަށް ދެ ފަރާތުން އެއްބަސްވާކަމަށް ބަޔާންކޮށްފައި އޮތުމުން، ދެ ފަރާތުން އެއްބަސްވެފައި އޮތް އޮތުމުގެ ސަބަބުން މި ދަޢުވާގައި މުޙައްމަދު ޢަލީގެ ފަރާތުން އެދޭ ފަދައިން ހާބަރ ކްއީން 2 ގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ ނަން މައްޗަށް ބަދަލުކޮށްދިނުމަށް އަންގައި، ކޯޓުން އެފަދަ އެންގުމެއް ނުވަތަ ސްޕެސިފިކް ޕަރފޯމަންސް އަމުރެއް (specific performance order) ނެރެދޭނެ ހަމައެއް ނެތްކަން
28މުޙައްމަދު ޢަލީގެ ފަރާތުން މި އިސްތިއުނާފު ބިނާކޮށްފައިވަނީ މި ދެ ނިންމުމުގެ މައްޗަށެވެ. މުޙައްމަދު ޢަލީގެ ފަރާތުން ކުޅަ އިސްތިއުނާފު ބިނާކުރާ 2 (ދޭއް) ނުކުތާގެ މައްޗަށް، މި އިސްތިއުނާފުގައި ޖަވާބުދޭންޖެހޭނީ އަންނަނިވި ދާއިރާގެ ތެރެއިންނެވެ. އެއީ،
28.1 މުޙައްމަދު ޢަލީއާއި އިބްރާހީމް ޢަލީއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަންގައިދިނުމަށް މުޙައްމަދު ޢަލީގެ ފަރާތުން އެދިފައިވާ ފަރުވާ ނަގައިދެވެން ނެތްކަމަށް ނިންމާފައިވާ ނިންމުން، އަދި
28.2 ހާބަރ ކްއީން 2 ގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ މައްޗަށް ބަދަލުކޮށްދިނުމަށް އަންގައި އެފަދަ އެންގުމެއް ނުވަތަ ސްޕެސިފިކް ޕަރފޯމަންސް އަމުރެއް (specific performance order) ނެރެދެވޭނެ ހަމައެއްނެތްކަމަށް ނިންމާފައިވާ ނިންމުމެވެ.
މުޙައްމަދު ޢަލީގެ ފަރާތުން އެދިފައިވާ ފަރުވާ ނަގައިދެވެން ނެތްކަމަށް ނިންމާފައިވާ ނިންމުން
29ސިވިލް ކޯޓުގައި މުޙައްމަދު ޢަލީގެ ފަރާތުން އެދިފައިވަނީ 2 (ދޭއް) ކަމަކަށެވެ. އެއީ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ކަނޑައަޅައި، އެ އެއްބަސްވުމަށް ޢަމަލުކުރުމަށް އިބްރާހީމް ޢަލީއަށް އަންގައި އަމުރުކޮށްދިނުމަށާއި، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކިފައިވާ ހާބަރ ކްއީން 2 ގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ ނަމުގެ މައްޗަށް ބަދަލުކޮށްދިނުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށެވެ.
30މި ނުކުތާގައި ހިމެނޭ ޖަދަލު ބިނާވަނީ، މުޙައްމަދު ޢަލީގެ ފަރާތުން މި މައްސަލައިގައި އެދިފައިވާ ފަދައިން އެއްބަސްވުމަށް ޢަމަލުކުރުމަށް އަންގައި އެ ފަރުވާ ކޯޓުން ދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމުގެ މައްޗަށެވެ.
31މުޙައްމަދު ޢަލީ ކުޅަ ދަޢުވާއަށް، އިބްރާހީމް ޢަލީގެ ފަރާތުން ހުށަހެޅި ދަޢުވާގެ ދިފާޢު މެދުވެރިކޮށް އިންކާރުކޮށް، ދަޢުވާއަށް އިންކާރުކުރާ ސަބަބުގެ ތެރޭގައި ދެ ފަރާތް ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން 13 ޖުލައި 2023ގައި ބާޠިލުކޮށް އެކަން މުޙައްމަދު ޢަލީއަށް އަންގާފައިވާކަމަށް ބަޔާންކޮށް، ބާޠިލުކުރިކަމުގެ ނޯޓިސް ހުށަހަޅާފައިވެއެވެ. އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ދައްކަންޖެހޭ ފައިސާ މުޙައްމަދު ޢަލީ ދައްކާފައިނުވާތީކަމަށާއި، އެއްބަސްވުން ބާޠިލުވެފައިވާ ޙާލަތުގައި، އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް އަމުރުކުރެވޭނެކަމަށް ނުދެކޭކަމުގައި އިބްރާހީމް ޢަލީގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.
32އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށް ބުނާ ބުނުމާއި ގުޅިގެން، މުޙައްމަދު ޢަލީގެ ފަރާތުން ދިފާޢުގެ ރައްދުގައި، އަދި ޚުލާޞާ ބަޔާނުގައި ތަފްސީލުކޮށް ވާހަކަދައްކާފައިވެއެވެ. އަދި ހަމަ މި ނުކުތާގައި، ދިފާޢުގެ ރައްދުގެ ޖަވާބާއި ޚުލާޞާ ބަޔާނުގައި އިބްރާހީމް ޢަލީގެ ފަރާތުންވެސް ވާހަކަދައްކާފައިވެއެވެ.
33HN1އެއްބަސްވުން ބާޠިލުކުރިކުރުމާމެދު ދެ ފަރާތުންވެސް ތަފްޞީލުކޮށް ވާހަކަދައްކާފައިވާ ޙާލަތުގައި، އަދި މިއީ މި މައްސަލައިގައި މުޙައްމަދު ޢަލީގެ ފަރާތުން ދަޢުވާގައި އެދިފައިވާ ފަރުވާއާ ގުޅުން ހުރި މައުޟޫޢަކަށްވެފައި، މިއީ މައްސަލައިގައި ހޯދުމަށް އެދޭ ފަރުވާގެ މައްޗަށް ބިނާވާ ކަމެއް ކަމުގައިވާއިރު، އަދި މި ނުކުތާ ބަލައި ފައިސަލާކޮށްގެން މެނުވީ އެއްބަސްވުމަށް ޢަމަލުކުރުމަށް އިބްރާހީމް ޢަލީއަށް އަންގައި އަމުރުކޮށްދިނުމަށް މުޙައްމަދު ޢަލީގެ ފަރާތުން އެދިފައިވާ ފަރުވާއާ މެދު ގޮތެއް ނިންމޭނެކަމަށް ނުދެކޭތީ، އެއްބަސްވުން ބާޠިލުކުރިކުރުމާމެދު މި މައްސަލައިގެ ތެރޭގައި ގޮތެއް ނިންމަންޖެހޭނެ ކަމުގައި ދެކެމެވެ. އަދި ދެ ފަރާތް ދެމެދު ކަން ހިނގާފައިވާގޮތަށް ބަލާއިރު، އަދި މި މައްސަލައިގައި މިކަމާގުޅޭ ގޮތުން ދެ ފަރާތުންވެސް ވާހަކަދައްކައި ބަހުސް ހުށަހަޅާފައިވުމުން، އެކަމާ މެދު ގޮތެއް ކަނޑައެޅުމަށް ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ. މިކަމުގައި ރިޔާސަތު ފަނޑިޔާރުގެ ރައުޔަށް ތާއީދުކުރަމެވެ.
34ބަޔާންކުރަނިވި ސަބަބުތަކަށްޓަކައި، އެއްބަސްވުން ބާޠިލުކުރިކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ބުނާ ބުނުމާއި ގުޅިގެން، އެއީ މި ދަޢުވާގައި ނުހިމެނޭ، އަދި އިބްރާހީމް ޢަލީގެ ފަރާތުން ރައްދު ދަޢުވާއެއް ހުށަހަޅާފައި ނެތުމުން، މި މައްސަލައިގެ ތެރޭގައި ބަލަންޖެހޭ މައުޟޫއަކަށްނުވާތީއާއި، އަދި އެކަމަކީ އެ މައްޗަށް ގޮތް ކަނޑައެޅިގެން މެނުވީ އެއްބަސްވުމަށް ޢަމަލުކުރުމަށް އެންގިދާނެފަދަ ކަމަކަށްނުވާތީ، މުޙައްމަދު ޢަލީގެ ފަރާތުން މި މައްސަލައިގައި އެދިފައިވާ ފަދައިން އެއްބަސްވުމަށް ޢަމަލުކުރުމަށް އަންގައި އެ ފަރުވާ ކޯޓުން ދެވެން ނެތްކަން ސިވިލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ.
35HN2މިއީ އިސްތިއުނާފީ މަރުޙަލާގައި ގޮތެއް ކަނޑައެޅިދާނެ ވާޤިއާއެއް ކަމުގައި ނުދެކޭހިނދު، މި ވާޤިއާމެދު ގޮތެއް ކަނޑައަޅަންޖެހެނީ ސިވިލް ކޯޓުން ކަމުގައި އަހަރެން ދެކެމެވެ. އެހެނީ، އިސްވެ ބަޔާންކުރި ފަދައިން އެއްބަސްވުން ބާޠިލުކުރިކަމަށް އެންގި އެންގުން އިބްރާހީމް ޢަލީގެ ފަރާތުން ހުށަހަޅައި، މި ނުކުތާއާ މެދު ދެ ފަރާތުން ސިވިލް ކޯޓުގައި ވާހަކަދެއްކިނަމަވެސް، މިކަމާ މެދު ސިވިލް ކޯޓުން ވަކި ގޮތެއް ކަނޑައަޅާފައިނުވާތީއެވެ. އަދި ހަމައެހެންމެ، ސިވިލް ކޯޓުން މިކަމާމެދު ގޮތެއް ކަނޑައެޅުމުގެ ޤާނޫނީ ހުރަހެއް އޮތްކަމުގައި ނުދެކޭތީއެވެ.
36މިކަމުގައި ސިވިލް ކޯޓުން ގޮތެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތްކަމުގައި ދެކޭ ސަބަބަކީ، އެނޫން ޙާލަތެއްގައި، އިސްތިއުނާފުގެ ޙައްޤަށް ހުރަސްއެޅުމުގެ އިހްތިމާލު އޮތަތީއެވެ.
ހާބަރ ކްއީން 2 ގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ މައްޗަށް ބަދަލުކޮށްދިނުމަށް އަންގައި އެފަދަ އެންގުމެއް ނުވަތަ ސްޕެސިފިކް ޕަރފޯމަންސް އަމުރެއް (specific performance order) ނެރެދޭވޭނެ ހަމައެއްނެތްކަމަށް ނިންމާފައިވާ ނިންމުން
37މި ނުކުތާގައި ސިވިލް ކޯޓުން ނިންމި ނިންމުން ބިނާކޮށްފައިވަނީ، އެއްބަސްވުމުގެ 04.7 ވަނަ މާއްދާގެ މައްޗަށެވެ. މި މާއްދާގައިވަނީ، އެއްބަސްވުމުގައި ލާޒިމުކުރާ އެންމެހައި ކަންކަން ތަންފީޒުކުރަންޖެހޭނެކަމާއި، އަދި އެއް ފަރާތުން އަނެއް ފަރާތަށް މި މުޢާމަލާތާއި ގުޅިގެން، އެކި ތަންތަނުގައި ތިބެ މީހުންގެ އަގުވެއްޓޭ ވާހަކަ ދައްކައިގެން ނުވާނެކަމަށާއި، އަދި މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުން ފިޔަވައި އިތުރު އެއްވެސް މައްސަލައެއް ކޯޓަށް ހުށަނޭޅޭނެކަމުގައެވެ.
38މި މާއްދާއާ ޙަވާލާދީ، ސިވިލް ކޯޓުގެ ނިންމުމުގައިވަނީ މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުން ފިޔަވައި އިތުރު މައްސަލައެއް ކޯޓަކަށް ހުށަނޭޅުމަށް ދެ ފަރާތުން އެއްބަސްވާކަމަށް ބަޔާންކޮށްފައި އޮތުމުން، ދެ ފަރާތުން އެއްބަސްވެފައި އޮތް އޮތުމުގެ ސަބަބުން މި ދަޢުވާގައި މުޙައްމަދު ޢަލީގެ ފަރާތުން އެދޭ ފަދައިން ހާބަރ ކްއީން 2 ގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ ނަން މައްޗަށް ބަދަލުކޮށްދިނުމަށް އަންގައި، ކޯޓުން އެފަދަ އެންގުމެއް ނުވަތަ ސްޕެސިފިކް ޕަރފޯމަންސް އަމުރެއް (specific performance order) ނެރެދޭނެ ހަމައެއް ނެތްކަމުގައެވެ.
39މިކަމުގައި ރިޔާސަތު ފަނޑިޔާރުގެ ނިންމުމުގެ 22.5 ވަނަ ނުކުތާގައި ބަޔާންކުރައްވާފައިވާ ޤާނޫނީ ބިނާއަށް ތާއީދުކުރަމެވެ. އަދި އެ ޤާނޫނީ ބިނާގެ މައްޗަށް ބިނާކޮށް، ސްޕެސިފިކް ޕަރފޯމަންސް އަމުރެއް (specific performance order) ނެރުމަށް ހުރަހެއް އޮތްކަމަށް ނުދެކެމެވެ.
40މި ނުކުތާ ބިނާވަނީ މި މައްސަލައިގައި ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކިފައިވާ ހާބަރ ކްއީން 2 ގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ ނަމުގެ މައްޗަށް ބަދަލުކޮށްދިނުމަށް އިބްރާހީމް ޢަލީގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް މުޙައްމަދު ޢަލީގެ ފަރާތުން އެދިފައިވާ އެދުމުގެ މައްޗަށް ކަމަށްވާއިރު، މިކަން ގުޅެނީ އެއްބަސްވުމުގެ 04.8 ވަނަ މާއްދާއާއެވެ.
41އެއްބަސްވުމުގެ 04.8 ވަނަ މާއްދާގައިވަނީ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާ ނިމޭ ވަރަކުން އުޅަނދުތައް މުޙައްމަދު ޢަލީގެ ނަމުގައި ރަޖިސްޓަރީކުރަންވާނެކަމަށާއި، މިގޮތުން އުޅަނދުގެ ރަޖިސްޓަރީ ބަދަލުކުރާނީ ފުރަތަމަ އޮޑީގެ އަގުގެ ދެބައި ކުޅަ އެއްބައި ދައްކައި ނިމުމުން އެއޮޑީގެ ރަޖިސްޓަރީ ބަދަލުކުރާގޮތަށް ކަމަށާއި، މިގޮތުގެ މަތިން ހުރިހާ އޮޑީގެ ރަޖިސްޓަރީވެސް ބަދަލުކުރާނީ ކަމުގައެވެ.
42މި ނުކުތާއާ ގުޅިގެން މުޙައްމަދު ޢަލީގެ ފަރާތުން ބަޔާންކުރާ ކުރުމަކީ، ހާބަރ ކްއީން 2 ގެ ޖުމްލަ އަގަށް ވުރެ ގިނަ ފައިސާ އެ ފަރާތުން ދައްކާފައިވީނަމަވެސް، އުޅަނދުގެ ރަޖިސްޓަރީ މުޙައްމަދު ޢަލީގެ މައްޗަށް ބަދަލުކުރުމަށް އިބްރާހީމް ޢަލީގެ ފަރާތުން އެއްވެސް ކަމެއް ކޮށްފައިނުވާކަމަށެވެ.
43އެއްބަސްވުމުގެ ދަށުން މުޙައްމަދު ޢަލީގެ ފަރާތުން އިބްރާހީމް ޢަލީއަށް ފައިސާ ދައްކާފައިވާކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެން އޮތްއިރު، އަދި މި ފައިސާ ލިބިފައިވާކަމާމެދު އިބްރާހީމް ޢަލީގެ އިންކާރެއްނެތްއިރު، އެއްބަސްވުމުގެ 04.8 ވަނަ މާއްދާ ތަންފީޒުކުރުމުގެ ގޮތުން ސްޕެސިފިކް ޕަރފޯމަންސް އަމުރެއް (specific performance order) ނެރުމަށް ހުރަހެއް އޮތްކަމަށް ނުދެކޭހިނދު، މި މާއްދާ ތަންފީޒުކުރުން މި ޙާލަތުގައި ބިނާވާނީ އިބްރާހީމް ޢަލީގެ ފަރާތުން އެއްބަސްވުން ބާޠިލުކުރިކަމަށް ބުނާ ބުނުމާއިމެދު، މި ރައުޔުގެ 29 ވަނަ ނުކުތާއިން ފެށިގެން 36 ވަނަ ނުކުތާގައިވާ ކަންކަމުގެ މައްޗަށް ސިވިލް ކޯޓުން ގޮތެއް ކަނޑައަޅައިގެންކަމަށް ދެކެމެވެ.
44HN5އެއްބަސްވުމުގެ 04.8 ވަނަ މާއްދާ ތަންފީޒުކުރަންޖެހޭ ޙާލަތުގައި، އެ މާއްދާގައިވާ ކަންކަން ތަންފީޒުކުރުން ބިނާވާނީ މުޙައްމަދު ޢަލީ ދައްކާފައިވާ ފައިސާގެ އަދަދުގެ މައްޗަށްކަމަށްވުމުން، މުޙައްމަދު ޢަލީގެ ފަރާތުން ދައްކާފައިވާ ފައިސާގެ މިންވަރު ދެނެގަނެ، މި މާއްދާއިން ލާޒިމުކުރާ މިންވަރަށް ފައިސާ ދައްކާފައިވާނަމަ، އެ މާއްދާ ތަންފީޒުކުރުމުގެ ގޮތުން ދަޢުވާގެ ސީޣާގެ ތެރެއިން ފަރުވާ ދޭންޖެހޭކަމަށް ދެކެމެވެ. އެހެނީ، އިސްވެ ބަޔާންކުރި ފަދައިން އެއްބަސްވުމުގެ 04.8 ވަނަ މާއްދާ ތަންފީޒުކުރުން ބިނާވާނީ މުޙައްމަދު ޢަލީގެ ފަރާތުން ދައްކާފައިވާ ފައިސާގެ މިންވަރު ކަށަވަރުވެގެންކަމުގައިވާއިރު، މުޙައްމަދު ޢަލީގެ ފަރާތުން ދައްކާފައިވާ ފައިސާގެ ސާފު މިންވަރު މި މަރުޙަލާގައި ދެނެގަނެވެން ނެތަތީއެވެ. އޭގެ ސަބަބަކީ، މިއީ ސިވިލް ކޯޓުން މައްސަލަ ނިންމުމުގެ މިސްރާބު ދިޔަގޮތުން ސިވިލް ކޯޓުން ކަށަވަރުކޮށްފައިވާކަމެއް ކަމުގައިނުވާތީއާއި، އަދި މިކަމާމެދު ސިވިލް ކޯޓުން ގޮތެއް ނިންމާފައިނުވާތީއެވެ. އެހެންކަމުން، މިއީވެސް ސިވިލް ކޯޓުން ކަށަވަރުކުރަންޖެހޭ ވާޤިއާއެއްކަމުގައި އަހުރެން ދެކެމެވެ.
45އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާގެ ޙުކުމުގައި، މުޙައްމަދު ޢަލީގެ ފަރާތުން އެދުނު ފަރުވާތައް އެފަރާތުން އެދިފައިވާފަދައިން ދެވެން ނެތް ކަމަށް ކަނޑައެޅި ކަނޑައެޅުން ބާޠިލުކޮށް، ސިވިލް ކޯޓުން މައްސަލަ ނިންމިގޮތުގެ ސަބަބުން، މުޙައްމަދު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ ސީޣާގެ ތެރެއިން ގޮތެއް ކަނޑައަޅާފައިވާކަމުގައި ނުދެކޭތީ، އިސްވެ ފާހަގަކޮށްފައިވާ ދާއިރާގެ ތެރެއިން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓުން އެކަންކަން އަލުން ބަލައި، ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ އެ ކޯޓަށް ތަޙުވީލުކުރުމަށް އަންގައި، މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު؛
46ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
47މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 ޤަޟިއްޔާގެ ޙުކުމުގައި، ދައުވާކުރާ ފަރާތުން އެދުނު ފަރުވާތައް އެފަރާތުން އެދިފައިވާފަދައިން ދެވެން ނެތް ކަމަށް ކަނޑައަޅާފައިވާ ބައި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށް، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ދާއިރާގެ ތެރެއިން، ސިވިލް ކޯޓުން މައްސަލަ އަލުން ބަލައި، ގޮތެއް ކަނޑައެޅުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ޙުސައިން މަޒީދު (ރިޔާސަތު)
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފުޓްނޯޓު
- […]
- […]
- ދަށު ކޯޓަށް ހުށަހެޅުނު އެއްބަސްވުން
- އެއްބަސްވުމުގެ 04.1 ވަނަ މާއްދާ
- އެއްބަސްވުމުގެ 04.8 ވަނަ މާއްދާ
- އެއްބަސްވުމުގެ 04.8 ވަނަ މާއްދާ
- އެއްބަސްވުމުގެ 05.1 ވަނަ މާއްދާ
- ދަށު ކޯޓަށް ހުށަހެޅުނު އެނެކްސް 3
- ސިވިލް ކޯޓަށް މުޙައްމަދު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ "އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު"
- އެއްބަސްވުން ބާޠިލްކުރުމުގެ ނޯޓިސްދޭ ކަމަށް ބަޔާންކޮށް އިބްރާހީމް ޢަލީގެ ފަރާތުން މުޙައްމަދު ޢަލީ އަށް ފޮނުވި ސިޓީ
- 13 ޖުލައި 2023 ދުވަހު މުޙައްމަދު ޢަލީގެ ފަރާތުން އިބްރާހީމް ޢަލީ އަށް ފޮނުވި ސިޓީ (އެނެކްސް 4)
- ސިވިލް ކޯޓުގެ ނަންބަރު 144-B5/IN/2023/01 (18 ޖުލައި 2023) "ކޯޓުގެ އިޚްތިޞާޞްއާމެދު ނިންމިގޮތް" ގެ 2 ވަނަ ނަންބަރު
- ފައިސާ ދެއްކިކަން އެނގޭ ޓްރާންސްފަރ ސްލިޕްތަކާއި ލިޔުންތައް ދަށުކޯޓަށް ހުށަހެޅިފައިވެއެވެ.
- އެއްބަސްވުމުގެ 04.8 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/34 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 4/91
- ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 "ޤަޟިއްޔާގެ ނިމުނުގޮތް" ގެ 7, 8 އަދި 9 ވަނަ ނަންބަރު
- ސިވިލް ކޯޓުގެ ނަންބަރު 1964-CVC-2023 "ޤަޟިއްޔާގެ ނިމުނުގޮތް" ގެ 11.3.6 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 (ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/34 (މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް)
- ހައިކޯޓުގެ ނަންބަރު 2023/HC-A/319 (މި މައްސަލައިގެ އިޚްތިޞާޞާ ބެހޭ ނިންމުން)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.