އިބްރާހީމް މޫސާ ވ. އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ އަދި ޢާއިޝަތު އިބްރާހީމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2018/HC-A/356
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން (53/I4C/2013) ރޯސްލިން ގޯއްޗަށް ނިސްބަތްވާ ލިޔުންތައް ބާޠިލުކަމަށާއި ގޯތި ބައިކުރުމުގެ ޙައްޤު ދެ ބެހެނިވެރިންނަށް ލިބޭކަމަށް ނިންމިއެވެ. ހައިކޯޓުން (2018/HC-A/356) ރަންގިރީގެއާއި ރޯސްލިންގެ ރަޖިސްޓްރީ ބާޠިލުކޮށް، ޝަރީޢަތް މެދުވެރިކޮށް ހަމަހަމައަށް ބައިކުރުމަށްފަހު ރަޖިސްޓްރީ ހަދަންޖެހޭނެކަމަށް ނިންމިއެވެ.
- ވާޤިޢާ
- އދ. މަހިބަދޫ ރަންގިރީގެ އަކީ މައިންބަފައިން ހިބައިން ދިން، އެއްބަނޑު ދެ މީހުން ކަމަށްވާ އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމްއަށް ހަމަހަމައަށް މިލްކުވާ އެއްމެދު ގޯއްޗެކެވެ. އިބްރާހީމް މޫސާ އެޅި ރޯސްލިން ޢިމާރާތުގެ މިލްކުވެރިކަން ސާބިތުކޮށް، ބާގެއިން އޭނާގެ ބައި ޢާއިޝަތު އިބްރާހީމްއަށް ހިބަކުރިއެވެ. ފަހުން ގޯތީގެ 3/4 އިބްރާހީމް މޫސާއަށް ވާގޮތަށް ރޯސްލިން ރަޖިސްޓްރީކުރުމުން، އެ ރަޖިސްޓްރީ ބާޠިލުކުރުމަށް ޢާއިޝަތު އިބްރާހީމް މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އެއްމެދު ގޯތި ބައިކުރެވިފައިވާ މިންވަރު އެއް ބެހެނިވެރިއަކަށް އެނގިފައިނުވާކަމަށް ހައިކޯޓުން ކަނޑައެޅީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި ވާޤިޢީ ޤަރީނާގެ އުޞޫލާ ޚިލާފަށްތޯ؛ ހިބައިގެ މައްސަލައެއްގެ ތެރެއިން ނުވަތަ ރަށު އޮފީހުގެ ލިޔުމަކާއި ޗާޓަކުން ގޯތި ބައިކުރެވިފައިވޭތޯ؛ އަދި ހައިކޯޓުން ހޯދި ލިޔެކިޔުން ޚަޞްމުންނާ ޙިއްޞާނުކުރުމުން މައްސަލަ ތަޙްވީލުކުރަންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިބްރާހީމް މޫސާ ބުނީ ބައިކުރި މިންވަރު ޢާއިޝަތު އިބްރާހީމްއަށް ނޭނގޭކަމަށް ހައިކޯޓުން ނިންމީ ހެކި ނެތި، ހެއްކާބެހޭ ޤާނޫނުގެ (24/76) 6 ވަނަ މާއްދާއާއި 2011/SC-A/34 އާ ޚިލާފަށް ކަމަށާއި، ހިބައިގެ މައްސަލައިގައި ގޯތި ބައިކުރެވިފައިވާ ކަމަށާއި، އަޑުއެހުމަށްފަހު ހޯދި ލިޔެކިޔުން ޙިއްޞާނުކުރީ [2021] SC 98 އާ ޚިލާފަށް ކަމަށެވެ. ކައުންސިލުން ބުނީ ރަޖިސްޓްރީ ހެދީ އޭރުގެ އުސޫލުން ކަމަށެވެ. ޢާއިޝަތު އިބްރާހީމް ބުނީ ބިމުގެ ޙައްޤު ދޫކޮށްލި ހެއްކެއް ނެތްކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ބާގެއާއި ރޯސްލިން ފިޔަވައި ބާކީ ބިން ދޫކޮށްލިކަމުގެ ވާޤިޢާއެއް ނުވަތަ ލިޔުމެއް ނެތުމުން، ހައިކޯޓުގެ ނިންމުން ހެއްކާބެހޭ ޤާނޫނުގެ (24/76) 6 ވަނަ މާއްދާއާ ޚިލާފެއް ނޫނެވެ. ޗާޓުގައި ބާގެއަށްވާ ބިމުގެ މިން އެކަނި ހުރުމާއި، ހިބަ ފަތް ލިބުނީ ޢާއިޝަތު އިބްރާހީމްއަށް އެކަނި ވުމާއި، 26 މާރިޗް 1996 ގެ ބަޔާންތަކުގައި ބައިތަކުގެ ތަފްޞީލު ނެތުމުން ގޯތި ބައިކުރެވިފައިވާކަމަށް ނުބެލެވެއެވެ. ހައިކޯޓުން ހޯދި ޚުލާޞާ ރިޕޯޓުގައި ނަތީޖާ ބަދަލުކުރާނެ ޖައުހަރީ މަޢުލޫމާތެއް ނެތުމާއި، ވާޤިޢާތައް އެހެން ލިޔެކިޔުމުން ސާބިތުވާތީ ތަޙްވީލުކުރަންޖެހޭ ޙާލަތެއް ނުވެއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލު، ހައިކޯޓުގެ 2018/HC-A/356 ޙުކުމް ޤާއިމް (ރޯސްލިން އަދި ރަންގިރީގޭގެ ރަޖިސްޓްރީ ބާޠިލުކުރުން ދެމިހުރި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވާޤިޢީ ޤަރީނާއަކީ، މައްސަލައެއްގައި ހިމެނޭ ވަޤާޢިއުތަކުގެ ތެރެއިން ދަލީލު ޤާއިމުވެފައިވާ ވާޤިޢާއަކުން ދަލީލު ޤާއިމުނުވާ ވާޤިޢާ ސާބިތުކުރުމެވެ. ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ޙަޤީޤަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ، އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ.
HN2 އެއްމެދު ގޯއްޗެއްގެ ބެހެނިވެރިންގެ ތެރެއިން ކޮންމެ ފަރާތަކުން ވެސް ގޯތީގައި ހުރި ވަކި ޢިމާރާތެއް އަނެއް ފަރާތަށް ދޫކޮށްދީފައިވާކަން އެނގޭ ނަމަވެސް، ގޯތީގައި ބާކީ ހުރި ބައި އެކަކު އަނެކަކަށް ދޫކޮށްފައިވާކަން އެނގޭނެ ވާޤިޢާއެއް ނުވަތަ ޝަރުޢީ ލިޔުމެއް ނެތް ހިނދު، އެ ބައިތަކަކީ ބެހެނިވެރިންނަށް އެއްވަރަކަށް ނިސްބަތްވާ ބައިތަކެވެ. ބެހެނިވެރިއަކު އިތުރު ކަމަކަށް އެއްބަސްވެފައިވާކަން އެނގޭނެ ލިޔުމެއް ނެތް ހާލަތެއްގައި، ގޯތީގެ ބޮޑުބައެއް އަނެއް ބެހެނިވެރިޔާއަށް ދޫކޮށްދިނުމަށް އޭނާ އެއްބަސްވިކަމަށް ބެލެވޭކަށް ނެތެވެ.
HN3 އެއްމެދު ގޯއްޗެއް ދެބަޔަށް ބައިކުރެވިގެން ދާއިރު، ޗާޓުން އެނގެން އޮންނަންވާނީ އެންމެ ގޯއްޗެއްގެ އިންތަކާއި މިންތައް، ނުވަތަ ދެ ގޯތީގެ ތެރެއިން ކޮންމެ ގޯއްޗަކަށްވާ ޖުމްލަ މިންތަކެއް ނޫނެވެ. ދެ ގޯތީގެ ތެރެއިން ކޮންމެ ގޯއްޗެއްގެ ވެސް އިންތަކާއި މިންތައް ފުރިހަމައަށް އެނގޭނެހެން ޗާޓުގައި ފާހަގަކުރެވިފައި އޮންނަންވާނެއެވެ. ހަމައެކަނި އެއް ބަޔެއްގެ އިންތަކާއި މިންތައް ފާހަގަކޮށްފައިވާ ޗާޓަކުން ގޯތި ބައިކުރެވިފައިވާކަން ނޭނގެއެވެ.
HN4 އެއްމެދު ބިމެއްގެ ބައިތަކާ ގުޅިގެން ހިބައިގެ މައްސަލައެއްގެ ތެރެއިން ގޮތެއް ނިމުނު ކަމުގައިވާ ނަމަ، އެ ބައިތައް ހިބައިން ލިބޭ ފަރާތްތަކަށް ހިބަ ފަތް ލިބިގެން ދެއެވެ. ހިބަ ފަތް ލިބިފައިވަނީ އެއް ފަރާތަކަށް އެކަނި ކަމުގައިވާ ނަމަ، އަދި ކޯޓުގެ ނިންމުން ހުއްޓެނީ ވަކި ޢިމާރާތެއް ހިބަކޮށްދިނުމުގެ މައްޗަށް ކަމުގައިވާ ނަމަ، އެ ޤަޟިއްޔާއިން ގޮތެއް ނިމިގެން ދިޔައީ އެ ޢިމާރާތާ ގުޅިގެން އެކަނި ކަމަށާއި، ބިމުގެ ބެހެނިވެރިންގެ ބައި އެ ބެހެނިވެރިންނަށް މިލްކުކޮށްދީފައި ނުވާކަމަށް ބެލެވެއެވެ.
HN5 ކޯޓުން ރަށު އޮފީހަށް ސިޓީ ފޮނުވައިގެން ލިބުނު ޗާޓާ ޙަވާލާދީ، ހިބައިގެ މައްސަލަ ނިންމުމުގައި ފަރާތްތަކަށް ލިބޭ މިންތައް ބަޔާންކޮށްފައިވުމަކީ، ގޯތި ބައިކުރެވިފައިވާ ގޮތުގެ ޞައްޙަކަން ކަށަވަރުވާ ކަމެއް ނޫނެވެ. އަދި އެ ޗާޓާ އެއްގޮތަށް ހިބައިގެ މައްސަލައިގެ ތެރެއިން ގޯތި ބަހައިދިންކަން ދަލާލަތުކުރާ ކަމެއްވެސް ނޫނެވެ.
HN6 ޝަރީޢަތުން ދެ މީހުންނަށް އެއްވަރަކަށް ހިބަކޮށްދީފައިވާ ގޯއްޗެއް، ފަނޑިޔާރެއްގެ ނިންމުމެއް ނެތި ޝަރީޢަތުން ބޭރުން އެކަކު އަނެކަކަށް ބަދަލުކުރެވިދާނެކަމީ ސުވާލު އުފެދޭ ކަމެކެވެ. އެއްމެދު ގޯއްޗެއް ބައިކުރެވިފައިވަނީ ޢަމަލުކުރެވެމުން ދިޔަ އުސޫލުތަކާ އެއްގޮތަށް، އަދި ބެހެނިވެރިން އެދޭ ގޮތަށް ކަމަށް ބެލެވެން ނެތް ހާލަތެއްގައި، ބެހެނިވެރިންގެ މެދުގައި އިންސާފުވެރިކަމާއެކު ގޯތި ބައިކުރެވެން އޮތީ ހުށަހެޅުމެއް ހުށަހަޅައި ޝަރީޢަތުން އެ މައްސަލައިގައި ގޮތެއް ނިންމުމުންނެވެ.
HN7 ބިމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ބަންޑާރަ ބިމުގެ އެއްމެދު ގޯތި ބައިކުރުމުގައި ރަށު އޮފީހުން ޗާޓު ކުރަހައި ބެހެނިވެރިންގެ ބަޔާން ނަގާއިރު، ބެހެނިވެރިން ލައްވާ ސޮއިކުރުވާ ބަޔާންތަކުގައި ކޮންމެ ބައިވެރިއަކަށް ލިބޭ ބައިގެ ނަންބަރު، ބައި އޮތް ތަން، ނުވަތަ އެ ބައިގައި ހުރި ޢިމާރާތުގެ ނަން، ނުވަތަ އަކަފޫޓު ނުވަތަ މިންތައް ބަޔާންކޮށްގެން އެއީ ކޮން ބިމެއްކަން އެނގޭނެހެން އޮންނަންޖެހެއެވެ. ތަފްޞީލު ހިމެނުމުގެ ބޭނުމަކީ ބަޔާނުން އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވުމުން ސަލާމަތްކޮށްދިނުމެވެ. އެ ތަފްޞީލުތައް ނުހިމެނޭ ބަޔާންތަކަކާއި ލިޔުމަކުން، ގޯތި ބައިކުރެވިގެން ދިޔައީ ބެހެނިވެރިން ޝަޚްޞީގޮތުން ރުހި ޤަބޫލުވެފައިވާ ގޮތަށްކަމަށް ބެލެވޭކަށް ނެތެވެ.
HN8 ކޯޓުން އަމިއްލައަށް ހޯދާ ލިޔުމެއް ޚަޞްމުންނާ ޙިއްޞާނުކޮށް އެއަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވާ ހާލަތެއްގައި، އެ ލިޔުމާމެދު ބަސްބުނުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މައްސަލަ ތަޙްވީލުކުރުމަކީ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ([2021] SC 98) ގައި ކަނޑައަޅާފައިވާ އުޞޫލެވެ. ނަމަވެސް، އެގޮތަށް ޢަމަލުކުރުމަކުން ޙުކުމަށް ކުރާނީ ކޮން އަސަރެއްތޯ ވަޒަންކުރަން ޖެހެއެވެ. ޙުކުމުގެ ނަތީޖާ އެއްވެސް މިންވަރަކަށް ފުރޮޅިގެން ނުދާނެ ޙާލަތެއްގައި، ނުވަތަ ކޯޓުން ހޯދި ލިޔެކިޔުން އެއްފަރާތްކޮށް މައްސަލައިގައި ހުށަހެޅިފައިހުރި ލިޔެކިޔުމުން ވާޤިޢާތައް ސާބިތުވާ ޙާލަތެއްގައި، މައްސަލަ ތަޙްވީލުކުރުމަކީ ޚަޞްމުންނާއި ޝަރީޢަތުގެ ވަގުތު ބޭކާރުވެގެންދާނެ ކަމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ނަދީމް އިބްރާހީމް، ޝަފީޤް އެންޑް މަސްތޫރު އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޙަމްޒާ ލަޠިފް، ސީ.އެލް.އޭ ޕާރޓްނަރސް އެލް.އެލް.ޕީ
- އިސްތިއުނާފުކުރި ފަރާތް ތަމްސީލުކުރީ
- އަޙްމަދު ރިޟާ
- ޖަވާބުދާރީވި ފަރާތް ތަމްސީލުކުރީ
- މުޙައްމަދު ހުޝާމް
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޑރ. މުޙައްމަދު އިބްރާހީމް، މުޙައްމަދު ސަލީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޑރ. މުޙައްމަދު އިބްރާހީމް، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
[2025]SC 27
2022/SC-A/34
ޝަރީޢަތް ނިމުނުގޮތް
އިބްރާހީމް މޫސާ ވ. އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ އަދި ޢާއިޝަތު އިބްރާހީމް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް
ފަނޑިޔާރު މުޙައްމަދު ސަލީމް
ނިމުނު ތާރީޚު
16 ނޮވެމްބަރ 2025
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2018/HC-A/356
އިސްތިއުނާފުކުރާ ފަރާތް
އިބްރާހީމް މޫސާ، ރޯސްލިން، އދ. މަހިބަދޫ
ބަދަލުގައި: އަޙްމަދު ރިޟާ، ރޯސްލިން، އދ. މަހިބަދޫ
ޤާނޫނީ ވަކީލު: ނަދީމް އިބްރާހީމް (ޝަފީޤް އެންޑް މަސްތޫރު އެލް.އެލް.ޕީ)
އިސްތިއުނާފު ރައްދުވާ ފަރާތް
1އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ބަދަލުގައި: މުޙައްމަދު ހުޝާމް، މަސްއޮޑިގެ، އދ. މަހިބަދޫ
2ޢާއިޝަތު އިބްރާހީމް، ރަންގިރީގެ، އދ. މަހިބަދޫ
ޤާނޫނީ ވަކީލު: ހަމްޒާ ލަޠީފް (ސީ.އެލް.އޭ ޕާރޓްނަރސް އެލް.އެލް.ޕީ)
މަދަނީ – ބިމާބެހޭ – ގޯތި ބައިކުރުން – ގޯތި ހިބައިން ދިނުން – ކޯޓުން އިދާރާތަކަށް ލިޔެގެން ހޯދާ ލިޔެކިޔުން ޚަސްމުންނާ ހިއްސާކުރުން
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
އިބްރާހީމް މޫސާ ވ. އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ އަދި ޢާއިޝަތު އިބްރާހީމް
[2025]SC 27
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/356 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އދ. މަހިބަދޫ، ރޯސްލިން، އިބްރާހީމް މޫސާ (މީގެފަހުން "އިބްރާހީމް މޫސާ" ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ދެ ފަރާތަކަށެވެ. އެއީ، އަރިއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ (މީގެ ފަހުން "ކައުންސިލް އިދާރާ" ކަމަށް ބުނެފައިވާ ފަރާތް)، އަދި އދ. މަހިބަދޫ، ރަންގިރީގެ، ޢާއިޝަތު އިބްރާހީމް (މީގެ ފަހުން "ޢާއިޝަތު އިބްރާހީމް" ކަމަށް ބުނެފައިވާ ފަރާތް) އަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2އދ. މަހިބަދޫ ރަންގިރީގެ އެވެ ކިޔާ ގޯއްޗަކީ އަލްމަރްޙޫމާ ޙަލީމާ އިބްރާހީމް އާއި އޭނާގެ ފިރިމީހާ، އަލްމަރްޙޫމް އިބްރާހީމް މުޙައްމަދު ގެ އެއްމެދު ގޯއްޗެކެވެ. ޙަލީމާ އިބްރާހީމް އަށް މިލްކުވާ ބައި، އޭނާގެ ދަރި އިބްރާހީމް މުސާއަށް ހިބައިންދީ އިބްރާހީމް މުޙައްމަދު އަށް މިލްކުވާބައި، އޭނާގެ ދަރި ޢާއިޝަތު އިބްރާހީމް އަށް ހިބައިން ދީފައިވެއެވެ. މިގޮތުގެ މަތިން އދ. މަހިބަދޫ ރަންގިރީގެ އަކީ އިބްރާހީމް މޫސާ އާއި ޢާއިޝަތު އިބްރާހީމް އަށް ހަމަހަމަކޮށް މިލްކުވެފައިވާ އެއްމެދު ގޯއްޗަކަށް ވެގެންދިޔައެވެ. އިބްރާހީމް މޫސާ އާއި ޢާއިޝަތު އިބްރާހީމް އަކީ އެއްބަނޑު ދެ މީހުންނެވެ.
3ރަންގިރީގެ ގޯތީގައިވާ ހުސްބިމުގައި އިބްރާހީމް މޫސާގެ އަމިއްލަ ޚަރަދުގައި ހަ ކޮޓަރީގެ ޢިމާރާތެއް ކޮށްފައިވެއެވެ. މި ޢިމާރާތް ކޮށްފައިވަނީ އެ ގޯތީގައި ހުރި ބާގެއާ ވަކިންނެވެ. އިބްރާހީމް މޫސާ ކުރި އައު ޢިމާރާތުގެ މިލްކުވެރިކަން ސާބިތުކުރުމަށް އ. މަހިބަދޫ ކޯޓަށް 11 މެއި 1994 ގައި އިބްރާހީމް މޫސާގެ ފަރާތުން ހުށަހެޅި މައްސަލައިގައި، އެ ގެ އޭނާއަށް ރަޖިސްޓްރީ ކުރުމަށް އެއްބަސްވުމުގެ ބަދަލެއްގެ ގޮތުގައި ރަންގިރީގެ ބާގެއިން އިބްރާހީމް މުސާއަށް މިލްކުވާ ބަޔާއި އެގެއަށްވާ ގޯތި ޢާއިޝަތު އިބްރާހީމް އަށް ދޫކޮށްދޭނެ ކަމަށް ބުނެފައިވާތީ، އެގޮތުގެ މަތިން ޢާއިޝަތު އިބްރާހީމް އެއްބަސްވެފައިވެއެވެ. އަދި އާ ޢިމާރާތުގެ މިލްކުވެރިކަން އިބްރާހީމް މޫސާގެ މައްޗަށް ސާބިތުވެފައިވެއެވެ. އޭގެ ފަހުން ރަންގިރީގެ ގޯތީގައި ހުރި ބާގޭގެ ދެބައިކުޅަ އެއްބަޔާއި އެގެއަށް ގޯތިން ވާބައި ޢާއިޝަތު އިބްރާހީމް އަށް ހިބަކޮށްދިނުމަށް އިބްރާހީމް މޫސާ ހުށަހެޅި މައްސަލައިގައި، ރަންގިރީގޭގެ ބާގެ އަދި އެބަޔަށް ގޯތިން ވާ ބައި ޢާއިޝަތު އިބްރާހީމް އަށް މިލްކުކޮށްދީފައިވެއެވެ.
4ކަން މިހެން އޮއްވާ، ރަންގިރީގެ އެވެ ކިޔާ ގޯއްޗަކީ އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމް އަށް ހަމަހަމައަށް މިލްކުވެފައިވާ ގޯއްޗަކަށް ވާއިރު، މިގޯތީގެ ބިމުން ޢާއިޝަތު އިބްރާހީމްއަށް އުނިވާގޮތަށް، ގޯތީގެ ބިމުގެ 3/4 (ހަތަރުބައިކުޅަ ތިންބައި) އިބްރާހީމް މޫސާއަށް ވާގޮތަށް ވަކި ގޯއްޗެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާތީ އެ ރަޖިސްޓްރީ ބާޠިލްކޮށްދިނުމަށް އެދި ޢާއިޝަތު އިބްރާހީމްގެ ފަރާތުން ކައުންސިލް އިދާރާއަށް ރައްދުވާގޮތަށް އދ. މަހިބަދޫ ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެހެން ނަމަވެސް އެއީ އދ. މަހިބަދޫ ކޯޓުން ގޮތް ކަނޑައަޅާފައިވާ ދަޢުވާއެއް ކަމަށާއި، އެކޯޓުން ނިންމާފައިވާ އެފަދަ ޤަޟިއްޔާއެއްގެ ޙުކުމް ބަދަލުކުރުމުގެ ބާރު އެ ކޯޓަށް ލިބިގެން ނުވާކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 38 ވަނަ މާއްދާއިން އެނގެން އޮންނާތީ، ޢާއިޝަތު އިބްރާހީމްގެ ފަރާތުން ކައުންސިލް އިދާރާގެ މައްޗަށް ހުށަހަޅާފައިވާ މި މައްސަލަ އިސްތިއުނާފު ކޯޓެއްގެ އަމުރެއްނެތި އެ ކޯޓުން ބެލެން ނެތް ކަމުގައި ކަނޑައަޅައި އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރިއެވެ.
5މި ޤަޟިއްޔާ ނިމުނުގޮތާމެދު ހިތްހަމަ ނުޖެހިގެން ޢާއިޝަތު އިބްރާހީމްގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ. އަދި ހައިކޯޓުގެ ނަންބަރު 2012/HC-A/221 ޤަޟިއްޔާ (މީގެފަހުން "ތަޙްވީލުކުރި ޤަޟިއްޔާ") އިން މި މައްސަލަ އަލުން ބެލުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލްކުރިއެވެ.
އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް
6ހައިކޯޓުން ތަޙްވީލްކުރި ޤަޟިއްޔާއާ ގުޅިގެން އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 53/I4C/2013 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް އެ ކޯޓުން ނިންމާފައިވަނީ، އދ. މަހިބަދޫ ރަންގިރީ އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިން ބައިކޮށް، އދ. މަހިބަދޫ ރޯސްލިން އެވެ ކިޔާ ބަންޑާރަ ގޯއްޗެއް ވުޖޫދުވެ ދެމިއޮންނަ ފަދައިން ޝަރުޢީ އަދި ޤާނޫނީ ގޮތުން ހުށަހެޅުމެއް ހުށަހަޅައި، ޝަރީޢަތް ހިންގައި ޙުކުމެއް ކޮށްފައިވާކަން އެނގެން ނެތުމުން، އދ. މަހިބަދޫ ރޯސްލިން އެވެ ކިޔާ ބަންޑާރަ ގޯއްޗެއްގެ ނަމަށް ނިސްބަތްވާ އެންމެހާ ޤާނޫނީ ލިޔުންތަކަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބާޠިލް ލިޔުންތަކެއް ކަމުގައި ކަނޑައަޅައި، އދ. މަހިބަދޫ ރަންގަރީގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކޯޓަށް ހުށަހަޅައިގެން ބައިކޮށް ވަކި ކުރުމުގެ ޙައްޤު އިބްރާހީމް މޫސާ އާއި، ޢާއިޝަތު އިބްރާހީމް އާއި މި ދެ މީހުންނަށްވެސް ލިބިގެންވާ ކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ. މިފަދައިން ނިންމުމުގައި އަންނަނިވި ކަންކަމަށް އެ ކޯޓުން ރިޢާޔަތްކޮށްފައިވެއެވެ.
6.1- ދެ މީހެއް ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މެދުގައި ހަމަހަމައަށް މިލްކުވެގެންވާ މުދަލުގެ މައްޗަށް ބިނާވެފައިވާ ބިމާއި، މުދަލާއި، ދޭތި އެކުގައި ޚިޔާރުކުރުމާއި، ނުވަތަ އޭގެ ތެރެއިން އެކަތި ޚިޔާރު ކުރުން ނުވަތަ ދޫކުރުމުގެ ބާރު ކޮންމެ ބެހެނިވެރިއަކަށް ވެސް ލިބިގެން ވާއިރު، މިބާރުވެރިކަން ލިބިދީފައިވަނީ ޝަރީޢަތާއި ޤަނޫނީ ހަމަތަކުގެ މަތިން ކޯޓުތައް މެދުވެރިކޮށް ހިންގާ ޤަޟިއްޔާއެއްގެ ތެރެއިން ކަން؛
6.2- އދ. މަހިބަދޫ ރަންގިރީގެ އެވެ ކިޔާ ގޯތީގައިވާ ހުސްބިމުގައި ޢިމާރާތް ކޮށްފައިވާ އައު ގޭގެ މިލްކުވެރިކަން އިބްރާހީމް މޫސާގެ އަމިއްލަ ނަމުގައި ސާބިތުކުރުމަށް ހުށަހެޅުމުން ނިންމާފައިވާ ޤަޟިއްޔާއާއި، ރަންގިރީގެ އެވެ ކިޔާ ގޯތީގައި ހުރި ބާ ޢިމާރާތުން އިބްރާހީމް މޫސާއަށް މިލްކުވެގެންވާ 1/2 (ދެބައިކުޅަ އެއްބައި) ޢާއިޝަތު އިބްރާހީމްއަށް ހިބައިން ދިނުމަށް ހުށަހެޅުމުން ނިންމާފައިވާ ޤަޟިއްޔާގައި ވެސް ރަންގިރީގެ އެވެ ކިޔާ ގޯތީގެ ބިން ބެހެނިވެރިންގެ މެދުގައި ބައިކުރިކަމަށް ކަނޑައަޅާފައިނުވާކަން؛
6.3- އަދި އެ ދެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ހަމައެކަނި މި ދެ މީހުންގެ މެދުގައިވާ ނުއުފުލޭ މުދަލުގެ މިލްކުވެރިކަން ކަނޑައެޅުމުގެ މައްޗަށްކަމަށް ވާތީ މި ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ ޙުކުމްގެ މައްޗަށް ބިނާވެފައިވާ ރަންގިރީގެ އެވެ ކިޔާ ގޯތީގެ ބިމުގެ ހަމަހަމަކަން ގެއްލޭފަދަ ގޮތަކަށް ނިންމުމެއް ނިންމުމުގެ އިޚްތިޞާޞް ކައުންސިލް އިދާރާއަށް ލިބިގެންނުވާކަން.
7މި ޤަޟިއްޔާ ނިމުނުގޮތް ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ އިބްރާހީމް މޫސާގެ ފަރާތުން، ޢާއިޝަތު އިބްރާހީމް އާއި ކައުންސިލްގެ އިދާރާއަށް ރައްދުވާ ގޮތަށް މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
8ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2018/HC-A/356 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ނިންމާފައިވަނީ، އދ. މަހިބަދޫ ރޯސްލިން އެވެ ކިޔާ ބަންޑާރަ ގޯއްޗެއް ވުޖޫދުވެ ދެމިއޮންނަ ފަދައިން ޝަރުޢީ އަދި ޤާނޫނީ ގޮތުން ހުށަހެޅުމެއް ހުށަހަޅައި ޝަރީޢަތެއް ހިންގައި ޙުކުމްކޮށްފައިވާކަން އެނގެން ނެތުމުން، އދ. މަހިބަދޫ ރޯސްލިން އެވެ ކިޔާ ބަންޑާރަ ގޯއްޗެއްގެ ނަމަށް ނިސްބަތްވާ އެންމެހާ ލިޔުންތަކަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބާޠިލު ލިޔުންތަކެއް ކަމާއި، ރަންގިރީގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިން އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމްއާ ދެމެދު ބައިކޮށްދޭންވާނީ، ދެ މީހުންގެ މެދުގައި ބިމުން ހަމަހަމަކޮށް ކަމަށްވާތީ، އެ ހަމަހަމަކަން ގެއްލޭގޮތަށް ބިން ބައިކޮށް ރަޖިސްޓްރީގައި ހިމެނިފައިވާތީ، އދ. މަހިބަދޫ ރަންގިރީގެ އެވެ ކިޔާ ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީ އާއި، ރޯސްލިން އަށް ހަދާދީފައިވާ ރަޖިސްޓްރީ ބާޠިލުކަމަށާއި، އެ ދެ ރަޖިސްޓްރީ ހަދައިދޭންޖެހޭނީ، އިބްރާހީމް މޫސާ އާއި ޢާއިޝަތު އިބްރާހީމްއާ މި ދެ މީހުންގެ މެދުގައި ހަމަހަމައަށް ޝަރީޢަތް މެދުވެރިކޮށް ބައިކުރުމަށްފަހު، ޝަރީޢަތުން އަންގާ ގޮތެއްގެ މަތިންކަމަށް ކަނޑައަޅައެވެ.
8.1- އދ. މަހިބަދޫ ރަންގިރީގެ ހުރި ބަންޑާރަ ގޯތި އޮންނާނީ އދ. މަހިބަދޫ ރަންގިރީގޭގެ ނުވަތަ ގެދޮރުގެ މިލްކުވެރިކަން އޮތް ދެ މީހުންގެ މައްޗަށް ކަމަށްވާއިރު، މި ދެ މީހުންގެ ނަންމަތީގައި ހަދާފައިވާ ގޯތީގެ ރަޖިސްޓްރީއެއް ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއެއް ހެދިކަން އެނގެން ނެތްކަމާއި، އެހެން ނަމަވެސް ގޯތި ނިސްބަތް ކުރެވޭނީ ނުއުފުލޭ މުދާ ނުވަތަ އެންމެހާ ޢިމާރާތްތަކާއި ވަޅުގަދަ ތަންތަން ނުވަތަ ގެދޮރު މިލްކުވެފައިވާ ފަރާތްތަކުގެ މައްޗަށް ކަމުން ގޯތި އޮންނާނީ ނުއުފުލޭ މުދަލުގެ މިލްކުވެރިކަން އޮތް ފަރާތްތަކުގެ މައްޗަށް ކަމާއި، އެހެންކަމުން އދ. މަހިބަދޫ ރަންގިރީގޭގެ ގޯތިގެދޮރު ގެ މިލްކުވެރިކަން އޮތީ އިބްރާހީމް މޫސާ އަށާއި ޢާއިޝަތު އިބްރާހީމް އަށް ހަމަހަމަކޮށް ކަން؛
8.2- އިބްރާހީމް މޫސާ ރަންގިރީގޭގައި އޭނާގެ އަމިއްލަ މަސައްކަތުން އެޅި ޢިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކޮށް ކޯޓުން ނިންމާފައިވާ ނިންމުމަކީ ބިމުގެ ނާޡިރު އެކަމަށް އިޢުތިރާޟު ނެތްކަމުގެ ލިޔުން ލިބުމުގެ ކުރިން ނިންމި ނިންމުމެއް ކަމަށްވާތީ މިއީ އިޖުރާއީ ގޮތުން ރަނގަޅު ނިންމުމެއް ނޫންކަމާއި، މިލްކުވެރިކަން ސާބިތުކުރުމުގެ ޤަޟިއްޔާގެ ރިޕޯޓު މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން މަހިބަދޫ އޮފީހަށް ފޮނުވިއިރު ވަކި ގޮތަކަށް ބިން ބައިކުރާކަށް އަންގާފައި ނުވާކަމާއި، މި ޤަޟިއްޔާއާއި ގުޅިގެން ރަންގިރީގެ އެވެ ކިޔާ ގޯތީގެ ބިން ބައިކޮށްފައި ނުވާކަން؛
8.3- ރަންގިރީގޭގެ އުތުރުން އޮތް ހުސް ބިމުގައި އިބްރާހީމް މޫސާ ކުރި ޢިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރި ޤަޟިއްޔާއަކީ މިގޯތީގެ ބިން ބައިކުރުމާ ބެހޭގޮތުން އެއްވެސް ނިންމުމެއް ނިންމި ޤަޟިއްޔާއެއް ނޫންކަމާއި، އެ ޤަޟިއްޔާގެ ދަށުން އިބްރާހީމް މޫސާއަށް ލިބިގެންދާނެ ކަމަށް ބެލެވެނީވެސް ރަންގިރީގޭގެ ގޯތިން އޭނާ މިލްކުވެރިކަން ސާބިތުކުރި ޢިމާރާތްތައް އެހުރި ބިން ކަމާއި، އެ ޢިމާރާތްތައް ހުރި ބިން ފިޔަވައި މުޅި ގޯތި ނުވަތަ މުޅި ގޯތީގެ 3/4 (ހަތަރުބައިކުޅި ތިންބައި) ގެ މައްޗަށް އެޤަޟިއްޔާގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމާއި، އދ. މަހިބަދޫ ރަންގިރީގެއިން އިބްރާހީމް މޫސާއަށް ހިބައިން ލިބިފައިވާ ބައި ޢާއިޝަތު އިބްރާހީމް އަށް ހިބައިން ދިނުމަށް ހުށަހެޅި ޤަޟިއްޔާގެ ތެރެއިން ބިން ބައިކުރުމަށް ކޮށްފައިވާ މަސައްކަތަކީ އިދާރީ ގޮތުން މަހިބަދޫ މެޖިސްޓްރޭޓް ކޯޓާއި މަހިބަދޫ އޮފީހާއި ދެމެދު ކުރެވިފައިވާ މުޢާމަލާތެއް ކަމާއި، ބިން ބައިކުރި ގޮތާމެދު ވާހަކަ ދައްކައި އެކަމަށް ތަޢުނުކޮށް ނުވަތަ އެކަމަށް ރުހުންދޭން ޝަރީޢަތުގައި ޢާއިޝަތު އިބްރާހީމް އަދި އިބްރާހީމް މޫސާއަށް ވެސް ފުރުޞަތު ދިންކަން އެނގެން ނެތްކަމާއި، މިޤަޟިއްޔާގެ މައުޟޫޢަކީ އދ. މަހިބަދޫ ރަންގިރީގެ ހުރި ގޯތި ބައިކުރުމާބެހޭ އެއްވެސް ކަމެއް ހިމެނުނު މައުޟޫޢެއް ނޫންކަން.
9މި ނިންމުން އިބްރާހީމް މޫސާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
10ހައިކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ފެންނަ ނުކުތާގެ ގޮތުގައި އިބްރާހީމް މޫސާގެ ފަރާތުން އިސްތިއުނާފީ 4 ނުކުތާ ހުށަހަޅާފައިވެއެވެ.
11އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، މަހިބަދޫ ރަންގިރީގެ ބިން ބައިކުރެވޭ ކަމާއި ބައިކުރުމުން ދެމީހުންގެ މެދުގައި ގޯތި ބެހިގެންދާ މިންވަރު ޢާއިޝަތު އިބްރާހީމްއަށް އެނގިފައިނުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ހަމައެކަނި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ކުރުމެއްގެ މައްޗަށް ބިނާކޮށް، އެވާޤިޢާ ސާބިތުވާ އެއްވެސް ހެއްކެއް / ޤަރީނާއެއްނެތި، ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ވާޤިޢީ ޤަރީނާ (presumption of fact) ސާބިތުކުރުމުގެ ހަމައާއި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
12އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، މައްސަލަ ތަޙްވީލުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/221 ޤަޟިއްޔާގައި، "މަހިބަދޫ ރަންގިރީގެ ބައިކުރުން" މި ސުރުޙީގެ ދަށުން ލިޔެފައިވާ ލިޔުމުގެ ޞައްޙަކަން ކަށަވަރުކޮށް ފައިސަލާކުރުވަނިވި ޙުކުމެއް ކުރުމަށް އަންގާފައިވާ އެންގުމާ އެއްގޮތަށް އެކަންކަން ކަށަވަރު ކުރުމަށްޓަކައި އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގައި ހިންގުނު މައްސަލައިގެ ތެރެއިން އެއްވެސް ބެލުމެއް ބަލާފައިނެތީސް، ހައިކޯޓުން، އ. މަހިބަދޫ އޮފީސް އެޑުރެހުގައި، "މަހިބަދޫ ރަންގިރީގެ ބައިކުރުން" މި ސުރުޙީގެ ދަށުން 26 މާރިޗް 1996 ގައި ލިޔެފައިވާ ލިޔުމަކީ ބާޠިލު ނިންމުމެއްކަމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށްފައިވަނީ، ހައިކޯޓުގެ ނަންބަރު 2012/HC-A/221 ޤަޟިއްޔާއިން އަންގާފައިވާ ގޮތަށް އެކަން ކޮށްފައި ނުވަނީސް، އަދި ލިޔުމުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި ހައިކޯޓުގައި ހިންގުނު ޤަޟިއްޔާގެ ތެރެއިންވެސް އެކަންކަން ކަށަވަރު ކުރުމަކާ ނުލައިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ، ހައިކޯޓުގައި ހިންގުނު މައްސަލައިގެ އަޑުއެހުންތައް ނިމިފައިވަނިކޮށް، ކޯޓުގެ އިސްނެގުމަށް އެކި އިދާރާތަކުން ލިޔުންތައް ހޯދައި އެލިޔުންތައް މައްސަލައިގައި ހިމެނޭ ޚަޞްމުންނާ ޙިއްޞާކުރުމަކާ ނުލައި އަދި އެއާމެދު ޖަވާބުދާރީ ވުމުގެ ފުރުޞަތު ދިނުމަކާ ނުލައި އެލިޔުންތަކަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި ފަނޑިޔާރުންނަށް ފާހަގަ ކުރެވިގެން ހޯދާ ލިޔުންތައް އެ މައްސަލައެއްގައި ހިމެނޭ އެންމެހައި ފަރާތްތަކާ ޙިއްޞާކޮށް، ބަސްބުނުމުގެ ފުރުޞަތު ދޭންވާނެކަމަށް ކަނޑައަޅާފައިވާ އޮންނަ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
14އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ، މަހިބަދޫ ކޯޓުގެ ނަންބަރު 12/I-13-C/1995 ޤަޟިއްޔާއިން ހިންގުނު ހިބައިގެ ޤަޟިއްޔާގެ ތެރެއިން މަހިބަދޫ ރަންގިރީގެ އެވެ ކިޔާ އެއްމެދު ގޯތި އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމް އާ ދެމެދު ބައިކުރެވިފައި ނުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، މަހިބަދޫ ކޯޓުގެ ނަންބަރު 12/I-13-C/1995 ޤަޟިއްޔާއިން ބިން ބައިކުރެވިފައިވާ ބައިކުރުން މަނާކުރާނެ ޤާނޫނީ އުސޫލަކާ ޙަވާލާދިނުމެއްނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
15މި ނުކުތާތަކަށް ޖަވާބުދެމުން އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ޖުމްލަކޮށް ފާހަގަކޮށްފައިވަނީ، ރޯސްލިން އެވެ ކިޔާ ގޭގެ ރަޖިސްޓްރީ އާއި ރަންގިރީގެ އެވެ ކިޔާ ގޭގެ ރަޖިސްޓްރީ އަތޮޅު ކައުންސިލުން ހަދާދީފައިވަނީ އެދުވަސްވަރު އެހެން ގޯތިތަކުގެ ރަޖިސްޓްރީ ހަދަމުން އައި އުސޫލާ އެއްގޮތްވާ ގޮތަށް، ރަށު ކައުންސިލުން އެ ދެގޯތީގެ ރަޖިސްޓްރީ ހެދުމަށް އެދި އަތޮޅު ކައުންސިލަށް ފޯމު ފޮނުމުންކަމަށާއި، އެހެންކަމުން ރޯސްލިންގެ ނަމުގައި ރަޖިސްޓްރީ ހަދާދީފައިވަނީ ވަކި ފަރާތަކަށް ނުޖެހި އަތޮޅުކައުންސިލުން އަދާކުރަންޖެހޭ އިދާރީ ޒިންމާ އަދާކުރުމުގެ ގޮތުން ކަމަށެވެ.
16އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ޢާއިޝަތު އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ، އިންތަކެއްގެ ވާހަކަ ޢާއިޝަތު އިބްރާހީމް ކުރެން ސާފުކުރިއިރު އޭގެ ނަތީޖާއަކީ އޭނާއަށް ގޯތިން ލިބޭ ބައި ކުޑަވާނެ ކަމަށް ކިޔައިދެވިފައި ނެތުން ކަމާއި، ޢާއިޝަތު އިބްރާހީމް ގެ ޞަރީޙަ ޢިބާރާތުން އޭނާ އަދި އިބްރާހީމް މޫސާއަށް އެއްމެދުކޮށް ލިބިފައިވާ ބިމުގެ ޙައްޤު ހަމަހަމަނޫން ގޮތަކަށް ދޫކޮށްލާފައި އޮތްކަން އެނގޭނެ އެއްވެސް ޙުއްޖަތެއް ނެތްކަމަށެވެ. އަދި އިސްތިއުނާފީ ދެވަނަ ނުކުތާއާއި ހަތަރުވަނަ ނުކުތާ އިސްތިއުނާފީ އޮޅިގަނޑު ގިރާ ނުކުރާ ކަމަށާއި، އިސްތިއުނާފީ ތިންވަނަ ނުކުތާގައި ހުށަހަޅާފައިވާ ކަންކަމަށް ބިނާކޮށް މައްސަލަ ހައިކޯޓަށް ތަޙުވީލުކުރަންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ.
ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން
17އިބްރާހީމް މޫސާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަށް ބަލާއިރު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންކަމާ ގުޅިގެންނެވެ.
17.1- އދ. މަހިބަދޫ ރަންގިރީގެ އެވެ ކިޔާ ބަންޑާރަ ގޯތި ބައިކުރެވިފައިވޭތޯ އާއި، ބައިކުރެވިފައިވާނަމަ އެކަން ހިނގާފައިވަނީ ޢަމަލުކުރެވެމުންދިޔަ އުސޫލުތަކާ އެއްގޮތަށްތޯ؛
17.2- އދ. މަހިބަދޫ ރޯސްލިން ނަމަކަށް ކިޔާ ގޭގެ ރަޖިސްޓްރީ ބާޠިލުކުރުމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުން ރަނގަޅުތޯ ނުވަތަ ނޫންތޯ.
ރަންގިރީގެ އެވެ ކިޔާ ގޯތީގައި 'ރޯސްލިން' ޢިމާރާތް ކުރެވުން
18މި ޤަޟިއްޔާގައި ހިމެނޭ ބަންޑާރަ ބިމާ ގުޅޭގޮތުން ހިނގާފައިވާ މުޢާމަލާތްތަކުގެ ތެރެއިން ޚުޞޫމަތު އުފެދޭ މުޢާމަލާތްތައް ހިނގާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގައެވެ. އެހެންކަމުން ގޯތީގެ ބެހެނިވެރިންނާއި، ރަށު އޮފީހާއި، ރަށު ކޯޓާއި އަދި އަތޮޅު އޮފީހާ ދެމެދު ހިނގާފައިވާ މުޢާމަލާތްތަކާއި، ބަދަލުކުރެވިފައިވާ ގިނަގުނަ ސިޓީތަކުން ގޯއްޗާ ގުޅިގެން ތަޠުބީޤުކޮށްފައިވަނީ ބިމާބެހޭ ޤާނޫނާ ތަފާތު އިޖުރާއަތުތަކެކެވެ. ރަންގިރީގޭގެ ގޯއްޗާ ގުޅިގެން ކުރެވުނު ހުރިހާ މުޢާމަލާތެއްވެސް ކޮށްފައިވާނީ އޭރު ޢަމަލުކުރަމުން ދިޔަ އިޖުރާއަތާ އެއްގޮތަށް ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަރިއަތޮޅު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާނުގައި ވެއެވެ.
19ރަންގިރީގެ އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމް ހިބައިން ލިބި، އެ ގޯތި މި ދެ މީހުންގެ އެއްމެދު ގޯއްޗަކަށް ވުމަށްފަހު، މި ގޯއްޗާ ގުޅިގެން ދެން ޝަރުޢީ މުޢާމަލާތެއް ކުރެވިފައިވާކަން އެނގެން އޮތީ 1994 ވަނަ އަހަރުއެވެ. އެއީ، އެ ގޯތީގައި އިބްރާހީމް މޫސާގެ އަމިއްލަ ޚަރަދުގައި ޢިމާރާތްކުރި ގޭގެ މިލްކުވެރިކަން ސާބިތުކުރުމަށް މަހިބަދޫ ކޯޓަށް 11 މެއި 1994 ގައި ހުށަހެޅި މައްސަލަ (މީގެފަހުން "ރޯސްލިން ގޭގެ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލަ") ކަމަށް ބުނާ މައްސަލައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން އ. މަހިބަދޫ ކޯޓުން އެ ރަށު އޮފީހަށް 6 އޮގަސްޓް 1994 ގައި ސިޓީއެއް ފޮނުވާފައިވެއެވެ. މި ސީޓިގައި، އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމްއާ ދެބޭންގެ އެއްމެދު މުދަލަކަށް ހިމެނޭ ރަންގިރީގެ ހުރި ބިމަކީ ރަށު އޮފީހުން އިބްރާހީމް މޫސާއަށް ރަޖިސްޓްރީ ކޮށްދީފައިވާ ބިމެއްކަމަށް އިބްރާހީމް މޫސާ ބުނާތީ، މިއީ ކިހިނެތް ހިނގާފައިވާ ކަމެއްތޯ ސާފުކޮށްދިނުމަށް އެދިފައިވެއެވެ. ކޯޓުގެ މި ސިޓީއާ ގުޅިގެން އެ މަޢުލޫމާތު ސާފުކުރުމަށް މަހިބަދޫ އޮފީހާއި އެ އަތޮޅުގެ އަތޮޅު އޮފީހާ ދެމެދު ސިޓީތަކެއް ބަދަލުކުރެވި، އިބްރާހީމް މޫސާގެ ނަމުގައި ރަންގިރީގެއެވެ ކިޔާ ގޯތި ރަޖިސްޓްރީ ކުރެވިފައި ނުވާނެކަމަށް 19 އޮކްޓޫބަރު 1994 ގައި ކޯޓަށް އަންގާފައިވެއެވެ.
20ރޯސްލިން ގޭގެ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލަ މަހިބަދޫ ކޯޓުން ނިންމާފައިވަނީ 25 މެއި 1994 ގައެވެ. އެ ޙުކުމްގައިވަނީ، "މަހިބަދޫ ރަންގިރީ ގޯތި އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ 33 × 38 ފޫޓު ބޮޑުމިނުގެ 6 ކޮޓަރިއަށް ބައިކޮށްގެން ރާނާ އުވަޖަހައި ދަގަޑު ޓިނުން ދެ ފުރާޅަށް ހިޔާކޮށްފައިވާ ރަންގިރީގޭ އާގެއަކީ މިގޭ އިބްރާހީމް މޫސާގެ މިލްކު އިމާރާތެއްކަން ސާބިތުވެއްޖެ" ކަމަށެވެ. ރޯސްލިން ގޭގެ މިލްކުވެރިކަން ސާބިތުވުމާ ގުޅިގެން، އެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓާއެކު، ގޯތީގެ ބެހެނިވެރިން އެދޭގޮތަށް ބައިކޮށްދިނުމުގެ އިޢުތިރާޟެއް ނެތްކަމަށް ބަޔާންކޮށް، މަހިބަދޫ ކޯޓުން އެ ރަށުގެ ރަށު އޮފީހަށް 27 މެއި 1995 ގައި ސިޓީ ފޮނުވިއެވެ.
21އިބްރާހީމް މޫސާ ކުރި ޝަރުޠާ އެއްގޮތަށް ރަންގިރީގޭގެ ބާގެއިން އިބްރާހީމް މޫސާއަށް މިލްކުވާ ބައި ޢާއިޝަތު އިބްރާހީމް އަށް ހިބަކޮށްދިނުމުގެ މައްސަލަ (މީގެފަހުން "ހިބައިގެ މައްސަލަ") ކޯޓަށް ހުށަހެޅުނީ 1 ޖުލައި 1995 ގައެވެ. އަދި އެ މައްސަލަ ނިމުނީ 26 އޮގަސްޓް 1996 ގައެވެ.
22ރަންގިރީގޭގެ މުޅި ގޯތީގައި ޢިމާރާތްތައް އެތުރިފައިވާ ގޮތަށް ބަލާއިރު، ރޯސްލިން ކިޔާ އާ ގޭގެ ޢިމާރާތް ހުރީ ހުޅަނގު އުތުރު ފަރާތުގައެވެ. އަދި އެ އިމާރާތުގެ އިރުމަތީ ފަރާތަށް ވާގޮތަށް ކުޑަ ބަދިގެއެއް ހުރެއެވެ. ރަންގިރީގޭގެ ބާގެ ހުރީ ގޯތީގެ އިރު ދެކުނު ފަރާތުގައެވެ. އެ އިމާރާތުގެ ދެކުނުން ހުޅަނގަށް ވާގޮތަށް ވަޅަކާއެކު ގިފިއްޔެއް ހުރެއެވެ. ރޯސްލިން ގޭގެ ދެކުނުންނާއި، ރަންގިރީގޭގެ ބާގޭގެ ހުޅަނގަށް އެއްވެސް ޢިމާރާތަކަށް ނުވާގޮތަށް ހުސްބިމެއް އޮވެއެވެ.
ވާޤިޢާ ސާބިތުނުވާއިރު ޙުކުމާ ހަމައަށް ވާޞިލުވެފައިވާކަމަށް ބުނާބުނުން
23އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްޞީލުކުރަމުން އިބްރާހީމް މޫސާގެ ފަރާތުން ބުނެފައިވަނީ ރަންގިރީގެއެވެ ކިޔާ ގޯތި ބަހާފައިވާ ގޮތް ޢާއިޝަތު އިބްރާހީމްއަށް ނޭނގޭކަމަށް ބުނާ ބުނުމުގެ އިތުރުން އެކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާއިރު، ހައިކޯޓުން އެ ބުނުން ބަލައިގެންފައިވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ އިތުރުން، ސުޕްރީމް ކޯޓުގެ އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ވާޤިޢީ ޤަރީނާ ސާބިތުކުރުމުގެ ހަމައާ ޚިލާފަށް ކަމަށެވެ.
24HN1ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައިވަނީ،
"ޙަޤީޤަތެއް ސާބިތު ވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީއަތުގެ މަޖިލީހަށް ޤަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރިމީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީއަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޚާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެކަމެއްގެ ޙަޤީޤަތް ސާބިތު ވެއްޖެކަމަށް ޝަރީއަތުގެ މަޖިލީހުން ނިންމިދާނެއެވެ."
މިހެންނެވެ. އަދި އާމިނަތު ޞައްފަތު ޤަޟިއްޔާގައި ވާޤިޢީ ޤަރީނާ ތަޢާރުފު ކޮށްދީފައިވަނީ، މައްސަލައެއްގައި ހިމެނޭ ވަޤާޢިއުތަކުގެ ތެރެއިން ދަލީލު ޤާއިމުވެފައިވާ ވާޤިޢާއަކުން ދަލީލު ޤާއިމުނުވާ ވާޤިޢާ ސާބިތުކުރުން ކަމެވެ.
25ޢާއިޝަތު އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބިނާކޮށް ހައިކޯޓުން ބަޔާންކޮށްފައިވަނީ، މުޅި ގޯތި ބެހިކަން އޭނާއަށް ރޭކާލާފައިވަނީ ރޯސްލިން ނަމުގައި ރަންގިރީގޭގެ ގޯތީގެ ބިމުން ބޮޑުބައެއް އިބްރާހީމް މޫސާގެ ނަމުގައި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދަން މަސައްކަތް ފެށި ފަހުން ކަމަށެވެ. އިބްރާހީމް މޫސާ ބުނާ ގޮތުގައި މި މައްސަލައިގައި ހުށަހެޅިފައިވާ އެއްވެސް ހެއްކަކަށް ބިނާކޮށް ރަންގިރީގޭގެ ބިން ބައިކުރެވިފައިވާ ގޮތް ނޭނގޭކަމަށް ޢާއިޝަތު އިބްރާހީމް ބުނާ ބުނުން ސާބިތުނުވާ ކަމަށެވެ. އެއާ ޚިލާފަށް އެ ހެކިތަކުން ސާބިތުވަނީ ޢާއިޝަތު އިބްރާހީމް ބުނާ ބުނުމުގެ އިދިކޮޅު ކަމަށެވެ.
26ރޯސްލިން ގޭގެ މިލްކުވެރިކަން ސާބިތުވިފަހުން، ހިބައިގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިއަށް، 10 ޖޫން 1995 ގައި ސިޓީއެއް އިބްރާހީމް މޫސާ ރަށު އޮފީހަށް ފޮނުވާފައިވެއެވެ. އެ ސިޓީގައި އެދިފައިވަނީ، ރަންގިރީގޭގެ ބާގެއަށްވާ ބައި މި ގޯތީގެ އިމުގެ ތެރެއިން ވަކިކޮށްދިނުމަށާއި، ވަކިކުރާ ބިމަކީ ރަންގިރީގޭގެ ބާގޭގެ ބިން ކަމަށާއި، އެ ގެއިން އިބްރާހީމް މޫސާއަށް ވާބައި ކޯޓު މެދުވެރިކޮށް ޢާއިޝަތު އިބްރާހީމް އަށް ދޫކޮށްދިނުމަށް ވާނީ އެއްބަސްވެފައި ކަމަށާއި، ވަކިކުރާ ބިމަކީ ޢާއިޝަތު އިބްރާހީމް އަށް ލިބޭ ގެއާއި ބިން ކަމަށާއި، އެހެންކަމުން، ޢާއިޝަތު އިބްރާހީމްގެ ބައި އެގޯތީގެ ރަޖިސްޓްރީއިން އުނިކޮށް، ދެ ގޯތީގެ ދެ ރަޖިސްޓްރީ ދެބޭންނަށް ލިބޭނެގޮތް ހަދައި ދިނުމަށް އެދިފައިވެއެވެ. އޭގެފަހުން، 31 އޮކްޓޫބަރު 1995 ގައި އިތުރު ސިޓީއެއް އިބްރާހީމް މޫސާ ރަށު އޮފީހަށް ފޮނުވިއެވެ. އެ ސިޓީގައި ބަޔާންކޮށްފައިވަނީ، ރަންގިރީ ގޯތީގައި ދެ ގެ ހުންނަ ކަމަށާއި، އެއް ގެއަކީ އިބްރާހީމް މޫސާގެ މިލްކެއް ކަމަށާއި، އަނެއް ގެއަކީ އިބްރާހީމް މޫސާ ދެބައިކުޅަ އެއްބައިގައި ބައިވެރިވާގޮތަށް އިބްރާހީމް މޫސާގެ ގޯތީގައި ހުރި ގެއެއް ކަމަށާއި، އެގޭގެ އަނެއް ބަޔަކީ ޢާއިޝަތު އިބްރާހީމްގެ ބައެއް ކަމަށެވެ. އަދި އިބްރާހީމް މޫސާއަށްވާ ބައި ރަށު ކޯޓު މެދުވެރިކޮށް ޢާއިޝަތު އިބްރާހީމް އަށް ދީފައިވާތީ، ރަންގިރީގެ ގޯތީގެ ހަތަރުބައިކުޅަ އެއްބައި ޢާއިޝަތު އިބްރާހީމްއަށް ދެވޭނެ ގޮތް ހަދައިދިނުމަށް އެދިފައިވެއެވެ.
27ހައިކޯޓުންވެސް ބަޔާންކޮށްފައިވާ ފަދައިން، މި ސިޓީތަކަށް ބަލާއިރު ފާހަގަވާ ދެ ކަމެއް އޮވެއެވެ. ފުރަތަމަ ކަމަކީ، ރަންގިރީގެއެވެ ކިޔާ ގޯއްޗަކީ ހަމައެކަނި އިބްރާހީމް މޫސާގެ ގޯއްޗެއް ކަމަށް އިބްރާހީމް މޫސާއަށް އިފްތިރާޟު ކުރެވިފައި އޮންނަ އޮތުމެވެ. ދެވަނަ ކަމަކީ، މި އިފްތިރާޟުގެ މައްޗަށް ބިނާކޮށް ރަންގިރީގޭގެ ބާގެއިން އިބްރާހީމް މޫސާއަށް ލިބޭ ބައި ޢާއިޝަތު އިބްރާހީމް އަށް ދޫކޮށްލުމުން ޢާއިޝަތު އިބްރާހީމް އަށް އެ ގޯތިން ލިބޭނެ ހަމައެކަނި ޙިއްސާއަކީ ރަންގިރީގޭގައި ހުރި ބާގެއާއި، އެ ގެއަށްވާ ބިން ކަމުގައި އިބްރާހީމް މޫސާއަށް ހީކުރެވިފައި އޮންނަ އޮތުމެވެ.
28HN2ބަޔާންވެދިޔަ ސިޓީތައް އިބްރާހީމް މޫސާގެ ފަރާތުން ރަށު އޮފީހަށް ފޮނުވާފައިވަނީ ރަންގިރީގޭގެ މުޅި ގޯއްޗަކީ އޭނާގެ ފަރާތުން ޢާއިޝަތު އިބްރާހީމް އަށް ހިބައިން ދޭން އޮތް މުދަލެއް ކަމުގައި ބަލައިގެންނެވެ. އެހެން ނަމަވެސް، ރަންގިރީގޭގެ ބާގެ އިބްރާހީމް މޫސާގެ ފަރާތުން ޢާއިޝަތު އިބްރާހީމްއަށް ދޫކޮށްދީފައިވާކަމާއި، ރަންގިރީގޭގެ އާގެ ޢާއިޝަތު އިބްރާހީމްގެ ފަރާތުން އިބްރާހީމް މޫސާއަށް ދޫކޮށްދީފައިވާކަން އެނގޭ ފަދައިން، އެ ގޯތީގައި ބާކީ ހުރި ބައި މި ދެ މީހުން އެކަކު އަނެކަކަށް ދޫކޮށްފައިވާކަން އެނގޭނެ ވާޤިޢާއެއް އަދި ޝަރުޢީ ލިޔުމެއް ވެސް ނެތެވެ.
29ރަންގިރީގެއެވެ ކިޔާ ގޯތީ ޖުމަލް ބޮޑުމިނަކީ 7148 އަކަފޫޓެވެ. ރަންގިރީގޭގެ ބާގެއަކީ ގާތްގަނޑަކަށް މުޅި ގޯތީގެ ހަތަރުބައިކުޅަ އެއްބައި ކަމަށްވާއިރު، މުޅި ގޯތިން ޢާއިޝަތު އިބްރާހީމްއަށް ލިބިގެންދާނެ ހިއްސާގެ ނިސްބަތް އިބްރާހީމް މޫސާއަށް މާ ކުރީގައި އެނގިފައިވާ ފަދައިން، ޢާއިޝަތު އިބްރާހީމް އަށް އެފަދަ މަޢުލޫމާތެއް ލިބިފައިވާކަން އެނގޭކަށް ނެތެވެ. މީގެ އިތުރުން، މުޅި ގޯތިން ހަތަރުބައިކުޅަ ތިންބައި އިބްރާހީމް މޫސާއަށް ދޫކޮށްދޭނެ ކަމަށް ޢާއިޝަތު އިބްރާހީމް އެއްބަސްވެފައިވާކަންވެސް އެނގޭކަށް ނެތެވެ.
30އިބްރާހީމް މޫސާގެ ފަރާތުން ރަންގިރީގޭގެ ބާ ގެއިން އޭނާއަށް މިލްކުވާ ބައި ދޫކޮށްދިނުމަށް ޝަރުޠުކޮށްފައިވާތީ، އާގޭގެ މިލްކުވެރިކަން އިބްރާހީމް މޫސާއަށް ސާބިތުކުރުމާމެދު ޢާއިޝަތު އިބްރާހީމް އެއްވެސް އިޢުތިރާޟެއް ކޮށްފައި ނުވެއެވެ. އަދި ބާގެއިން އިބްރާހީމް މޫސާއަށް ވާ ބައި ދޫކޮށްލުމުން އެބައި ހިބައިން ލިބިގަތުމަށްވެސް ޢާއިޝަތު އިބްރާހީމް އިޢުތިރާޟު ކޮށްފައި ނުވެއެވެ. އޭގެ އިތުރަށް ރަންގިރާގެއެވެ ކިޔާ ގޯއްޗާ ގުޅިގެން އިތުރު ކަމަކަށް ޢާއިޝަތު އިބްރާހިމް އެއްބަސްވެފައިވާކަން އެނގޭނެ ލިޔުމެއް ނެތެވެ.
31މި ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، ހައިކޯޓުގެ ނިންމުން ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާއި އާމިނަތު ޞައްފަތު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުވާކަމަށް ނުފެނެއެވެ.
މަހިބަދޫ ރަންގިރީގެ އެވެ ކިޔާ ގޯތީގެ ބިން ބައިކުރެވިފައި ނުވާކަމަށް ހައިކޯޓުން ނިންމި ނިންމުން
32އިސްތިއުނާފީ ދެވަނަ ނުކުތާއާއި ހަތަރުވަނަ ނުކުތާގައި އިބްރާހީމް މޫސާ ފާހަގަކުރަނީ މަހިބަދޫ ރަންގިރީގެ އެވެ ކިޔާ ގޯތި ބައިކުރެވިފައި ނުވާކަމަށް ނިންމުމުގައި ހައިކޯޓުން ޢަމަލުކޮށްފައިވަނީ ޤާނޫނާއި ޢަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން ހައިކޯޓުން ތަޙްވީލުކުރި ޤަޟިއްޔާގައި "މަހިބަދޫ ރަންގިރީގެ ބިން ބައިކުރުން" މި ޞުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމުގެ ޞައްޙަކަން ކަށަވަރުކުރުމަށް ދަށު ކޯޓަށް އިރުޝާދު ދެވިފައިވީ ނަމަވެސް އެކަން ކުރުމަށްޓަކައި އެއްވެސް ބެލުމެއް ބަލާފައި ނުވާއިރު، އެލިޔުން ބާޠިލުކުރުމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ޢަމަލުކުރެވޭ ޤާނޫނުތަކާއި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ކަމަށް ބުނެފައިވެއެވެ.
33HN3ރަންގިރީގޭގައި ކޮށްފައިވާ އާ ޢިމާރާތް ހުރީ ރަންގިރީގޭގެ ބާގެ ފިޔަވައި ދެން އެގޯތީގައި ހުރި ހުރިހާ ބިމެއް އެގެއަށްވާ ގޮތަކަށް ނޫނެވެ. ގޯތި ބެހިގެން ދާއިރު، ރޯސްލިން ގޭގެ އިތުރުން ގޯތީގައިވާހާ ބިމެއް މިލްކުވަނީ އިބްރާހީމް މޫސާއަށް ކަން އެނގޭނަމަ، އެނގޭނެ ހަމައެކަނި ލިޔުމަކީ ރަށު އޮފީހުން 19 ޖޫން 1996 ގައި މަހިބަދޫ ކޯޓަށް ފޮނުވާފައިވާ ޗާޓެވެ. މި ޗާޓުގައި ރަންގިރީގެ ބާގެ ހުރި ބައިކަމަށް ފާހަގަކޮށް، އެ ގޯތީގެ ހުރިހާ ކަނެއް ފާހަގަކޮށް ތީރުޖަހައި ކުރަހާފައިވާއިރު، އެފަދައިން އިބްރާހީމް މޫސާއަށް ލިބޭ ބައިގައި ފާހަގަކޮށްފައިވާތީ ފެންނާކަށް ނެތެވެ. ދަށު ކޯޓުގައި ހިންގުނު ހިބައިގެ މައްސަލައިގެ އަސްލަކީ ރަންގިރީގޭގެ ގޯތި ބެހިގެން ދިޔުން ކަމުގައިވާނަމަ ގޯތި ދެބަޔަށް ބެހިގެން ދާއިރު، ޗާޓުން އެނގެން އޮންނަންވާނީ އެންމެ ގޯއްޗެއްގެ އިންތަކާއި މިންތައް، ނުވަތަ ދެ ގޯތީގެ ތެރެއިން ކޮންމެ ގޯއްޗަކަށްވާ ޖުމްލަ މިންތަކެއް ނޫނެވެ. އެއާ ޚިލާފަށް ދެގޯތީގެ ތެރެއިން ކޮންމެ ގޯއްޗެއްގެވެސް އިންތަކާއި މިންތައް ފުރިހަމައަށް އެނގޭނެހެން ޗާޓުގައި ފާހަގަކުރެވިފައި އޮންނަންވާނެއެވެ. އެއާ ޚިލާފަށް މި މައްސަލައިގައި ހިމެނޭ ޗާޓުގައި ފާހަގަ ކޮށްފައިވަނީ ރަންގިރީގޭގެ ބާގެއާއި އެގެއަށްވާ ބިމުގެ އިންތަކާއި މިންތައް އެކަންޏެވެ.
34HN4ރޯސްލިންގެ އާއި ރަންގިރީގެ ބާގެ ފިޔަވައި ދެން އެގޯތީގައި ހުރި ބިމުގެ އެއްމެދު ބެހެނިވެރިން ކަމުގައި އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމް ވާއިރު، އެބަޔާ ގުޅިގެން ހިބައިގެ މައްސަލައިގެ ތެރެއިން ގޮތެއް ނިމުނު ކަމުގައި ވާނަމަ، އަސްލަކީ އެބައިތައް ހިބައިން ލިބޭ ފަރާތްތަކަށް ހިބަ ފަތް ލިބިގެން ދިއުމެވެ. އެހެންނަމަވެސް ހިބައިގެ މައްސަލަ ނިމިގެން ދިޔައިރު ހިބަ ފަތް ލިބިގެން ދިޔަކަން އެނގެން އޮތީ ހަމައެކަނި ޢާއިޝަތު އިބްރާހީމްއަށެވެ. ވުމާއެކު، އެ ޤަޟިއްޔާގައި ގޮތެއް ނިމިގެން ދިޔައީ ހަމައެކަނި ރަންގިރީގޭގެ ބާގެއާ ގުޅިގެންކަން ސާފުވެއެވެ.
35ރަންގިރީގެ އެވެ ކިޔާ ގޯތި ބަހައިދިނުމަށް އ. މަހިބަދޫ ކޯޓުން ރަށު އޮފީހުގައި އެދިފައިވަނީ ހިބައިގެ މައްސަލަ ހިންގުމުގެ ތެރޭގައި، 23 ޖުލައި 1995 ގައެވެ. ބިން ބައިކުރުމާ ގުޅިގެން 26 މާރޗް 1996 ގައި އ. މަހިބަދޫ އޮފީހުން ތައްޔާރުކޮށްފައިވާ ލިޔުމުގައި އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމް ގެ ބަޔާން ނަގާފައިވެއެވެ. އިބްރާހީމް މޫސާގެ ބަޔާނުގައިވަނީ،
"އަޅުގަނޑާއި އަޅުގަނޑުގެ ކޮއްކޮ ޢާއިޝަތު އިބްރާހީމް އާއި ދެބެންގެ ރަންގިރީގެއިން އަޅުގަނޑަށްވާ އެއްޗެއް ކޮއްކޮއަށް ހިބައިން ދިނުމަށް ކޯޓުގައިވާނީ ދަންނަވާފައެވެ. ވީމާ އެގެހުރި ބިން (1970 އަކަފޫޓު) ވަކިކޮށް ކޮއްކޮގެ ނަމުގައި ރަޖިސްޓްރީ ކުރެވޭނެގޮތް ވުން ބޭނުމެވެ."
ޢާއިޝަތު އިބްރާހީމްގެ ބަޔާނުގައިވަނީ،
"އަޅުގަނޑާއި އަޅުގަނޑުގެ ބޭބެ އިބްރާހީމް މޫސާއާ ދެމީހުންގެ ގޯތީގައި ބޭބެ އަމިއްލަ ޚަރަދުގައި ހަދާފައިވާ ރަންގިރީގެ އާގެއަކީ ބޭބެގެ މިލްކެކެވެ. ރަންގިރީގެއަކީ ބޭބެއާއި އަޅުގަނޑާ ދެބެންގެ ގެއެކެވެ. ވުމާއެކު ރަންގިރީގެއިން ބޭބެއަށްވާ ބައި އަޅުގަނޑަށް ހިބައިން ދިނުމަށާއި ގޯތި ބައިކުރުމަށް ބޭބެ ހުށަހަޅާފައިވާ ހުށަހެޅުން އަޅުގަނޑު ޤަބޫލުކުރަމެވެ."
މި ދެ ބަޔާނަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަވެއެވެ.
35.1- ފުރަތަމަ ކަމަކީ، ރަންގިރީގެ ގޯތީގައި ހުރި ބާގެއަކީ އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމް އާއި ދެ މީހުންގެ މިލްކެއްކަން ދެ ފަރާތުން ވެސް ޤަބޫލުކުރެއެވެ. ރަންގިރީގޭގެ ބާގެއާއި އެ ގެއަށް ގޯތިންވާ ބައި އިބްރާހީމް މޫސާ ދޫކޮށްލި ކަމުގައި ވިޔަސް، ރޯސްލިން ގޭގެ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައިގެ ތެރެއިން އިބްރާހީމް މޫސާއަށް މިލްކުވެފައިވާ ޢިމާރާތާއި އެ ޢިމާރާތަށް ވާ ބައި ފިޔަވައި، ދެން އެ ގޯތީގައިވާ ބިމަކީ ޢާއިޝަތު އިބްރާހީމް އާއި އިބްރާހީމް މޫސާއާއި ދެ މީހުންގެ މިލްކެއްކަން އެނގެއެވެ.
35.2- ދެވަނަ ކަމަކީ، ރަންގިރީގެ ބާގެއާއި އެގެއަށް ވާބައި ޢާއިޝަތު އިބްރާހީމްއަށް ވަކިކޮށް ދިނުމަށް އިބްރާހީމް މޫސާގެ ފަރާތުން އެދުމުގައި، އެގެއާއި ގޯއްޗަށްވާ ބައިގެ އަކަފޫޓު އިބްރާހީމް މޫސާގެ ބަޔާނުގައި ބަޔާންކޮށްފައިވާއިރު، އިބްރާހީމް މޫސާއަށް ލިބޭ ބައިގެ ޖުމްލަ އަކަފޫޓު ޢާއިޝަތު އިބްރާހީމްގެ ބަޔާނުގައި ނުވެއެވެ. މީގެކުރިން، ރޯސްލިން ގޭގެ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައިގެ ތެރެއިން ޢާއިޝަތު އިބްރާހީމް އެއްބަސްވެފައި ވަނީ، ރަންގިރީ ގޯތީގައި ހުރި ޢާއިޝަތު އިބްރާހީމް ބައިވެރިވާ ޢިމާރާތްތަކުން އިބްރާހީމް މޫސާއަށް އޮތްބައި ޢާއިޝަތު އިބްރާހީމްއަށް ދޫކޮށްދީފައި އިބްރާހީމް މޫސާ އަލަށް އެޅި ޢިމާރާތުގެ މިލްކުވެރިކަން އިބްރާހީމް މޫސާއަށް ސާބިތުކުރުމާމެދު އިޢުތިރާޟު ނުކުރާކަމަށެވެ. ރަންގިރީގެއެވެ ކިޔާ ގޯތި އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމްގެ އެއްމެދު ގޯއްޗަކަށް ވުމަށްފަހު، މަހިބަދޫ އޮފީހަށް މި ބަޔާންދިނުމާ ހަމައަށް، ކޯޓުގައި ހިންގިފައިވާ އެންމެހާ ޤަޟިއްޔާތައް ދައުރުވަނީ އެ ގޯތީގައި ކޮށްފައިވާ ޢިމާރާތްތަކާ ގުޅިގެންނެވެ. އެހެން ކަމުން މި ބަޔާން ދިނުމުގައިވެސް ވާހަކަ ދެކެވިފައިވަނީ ހަމައެކަނި ރަންގިރީގެ އެވެ ކިޔާ ގޯތީގައިވާ ދެ ގެއާ ބެހޭގޮތުން ކަމުގައި ޢާއިޝަތު އިބްރާހީމް އަށް އިފްތިރާޟު ކުރެވިފައި އޮތުމަކީ ނުހަނު ގާތްކަމެކެވެ.
35.3- މަހިބަދޫ އޮފީހުން މި ބަޔާންތައް ނެގުމާ ހަމައަށް ކުރެވުނު އެއްވެސް މުޢާމަލާތެއްގައި ރަންގިރީގެއެވެ ކިޔާ ގޯތީގައި ޢިމާރާތަކަށް ނުވާގޮތަށް އޮތް ހުސްބިމާ ގުޅިގެން ވަކިގޮތެއް ނިމިފައިވާތީ ފެންނާކަށް ނެތެވެ. ރަންގިރީގެ ބާގެ "ހުރި ބިން (1970 އަކަފޫޓު) ވަކިކޮށް ކޮއްކޮގެ ނަމުގައި ރަޖިސްޓްރީ ކުރެވޭނެގޮތްވުން"، މިފަދައިން އިބްރާހީމް މޫސާގެ ބަޔާނުގައި އޮންނަ އޮތުމުން ދޭހަވަނީ، އިބްރާހީމް މޫސާގެ މިލްކުން ކަނޑާލެވޭ އެއްޗެއް ޢާއިޝަތު އިބްރާހީމްއަށް ދޭން އެދޭ އެދުމެއް ކަމެވެ. ޙަޤީޤަތަކީ، މި ބަޔާން ދިނުމާ ހަމައަށް، ރަންގިރީގޭގައި ކޮށްފައިވާ އައު އިމާރާތާއި އެ އިމާރާތަށްވާ ބިން ފިޔަވައި ގޯތީގެ ދެން ހުރި ހުރިހާ ބައިތަކެއް މި ދެ މީހުންނަށް އެއްވަރަކަށް ނިސްބަތްވާ ކަމެވެ.
36HN7މަހިބަދޫ ކޯޓުން މަހިބަދޫ އޮފީހުގައި އެދިފައިވަނީ ރަންގިރީގެ އެވެ ކިޔާ ގޯތި ބައިކޮށްދިނުމަށް ކަމުގައި ވީނަމަވެސް، މަތީގައި ފާހަގަކުރެވުނު ސަބަބުތަކަށްޓަކައި، ހައިކޯޓުންވެސް ކަނޑައަޅާފައިވާ ފަދައިން، ގޯތި ބައިކުރުމުގެ މުޢާމަލާތު ފުރިހަމަކުރުމުގެ ގޮތުން ހަމައެކަނި "މަހިބަދޫ ރަންގިރީގެ ބިން ބައިކުރުން" މި ޞުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމާއި، މި ލިޔުމުގައި ގޯތީގެ ބެހެނިވެރިން ދީފައިވާ ބަޔާން ފުދޭނެ ކަމުގައި ނުދެކެމެވެ. އަދި ދަށު ކޯޓުން މި ލިޔުން ބާޠިލުކަމަށް ކަނޑައަޅާފައިވަނީ މި މައްސަލައިން ފެންނަން ހުރި މި ވާޤިޢާތަކަށް ބިނާކޮށް ކަމުގައި ޤަބޫލުކުރެވެއެވެ.
ހައިކޯޓުން އިދާރާތަކަށް ލިޔެގެން ހޯދި ލިޔެކިޔުންތައް ޚަސްމުންނާ ހިއްސާކޮށްފައި ނުވުން
37ހައިކޯޓުގައި މި މައްސަލަ ހިންގައި އަޑުއެހުންތައް ނިމިފައިވަނިކޮށް ކޯޓުގެ އިސްނެގުމަށް އެކި އިދާރާތަކުން ލިޔުންތަކެއް ހޯދައި އެ ލިޔުންތައް މައްސަލައިގައި ހިމެނޭ ޚަޞްމުންނާ ޙިއްޞާކުރުމަކާ ނުލައި އަދި އެއާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަކާ ނުލައި އެލިޔުންތަކަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި، ފަނޑިޔާރުންނަށް ފާހަގަކުރެވިގެން ހޯދާ ލިޔުންތައް އެ މައްސަލައެއްގައި ހިމެނޭ އެންމެހައި ފަރާތްތަކާ ހިއްސާކޮށް، ބަސްބުނުމުގެ ފުރުޞަތު ދޭންވާނެކަމަށް ކަނޑައަޅާފައި އޮންނަ އުޞޫލާ ޚިލާފަށްކަމަށް، އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްޞީލުގައި އިބްރާހީމް މޫސާ ބުނެފައިވެއެވެ.
38HN8އިސްމާޢީލް ޝުޖާޢު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަކީ، މައްސަލަ ބަލާ ފަނޑިޔާރުންނަށް ކަންކަން ފާހަގަކުރެވިގެން ހޯދާ ލިޔުންތައް އެ މައްސަލައެއްގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ހިއްސާކޮށް، ބަސް ބުނުމުގެ ފުރުޞަތު ދެވެންވާނެ ކަމަށް އޮންނަ އުސޫލެވެ. އިބްރާހީމް މޫސާ ބުނާގޮތުން، ހައިކޯޓުގެ އަޑުއެހުން 25 ނޮވެންބަރު 2021 ގައި ނިމުނު ފަހުން ދަށު ކޯޓަށާއި، ކައުންސިލް އިދާރާއަށް ލިޔެގެން ހައިކޯޓުން ލިޔެކިޔުންތަކެއް ހޯދާފައިވާއިރު އޭގެ ތެރެއިން ޚަޞްމުންނަށް ކުރީގައި ލިބިފައި ނުވާ ލިޔެކިޔުން ހިމެނޭ ކަމަށާއި، އެގޮތުން ޙުކުމް އެ މައްޗަށް ބިނާކުރި ލިޔުންތަކެއްވެސް ހިމެނިފައިވާ ކަމަށެވެ.
39މި ނުކުތާގައި އިބްރާހީމް މޫސާގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމާމެދު ޢާއިޝަތު އިބްރާހީމް އެއްބަސްވެއެވެ. އަދި ހައިކޯޓުން ހޯދާފައިވާ ލިޔުންތަކަށް ދެ ފަރާތުން ވާހަކަ ދެއްކުމުގެ ފުރުޞަތުދީ އޭގެ އަލީގައި އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ތަޙްވީލުކުރުގައި އެފަރާތުގެ އިޢުތިރާޒެއް ނެތް ކަމަށް ބުނެފައިވެއެވެ.
40ހައިކޯޓުން ލިޔެގެން އަލަށް ހޯދާފައިވަނީ ކޮން ލިޔެކިޔުންތަކެއްތޯ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން، އިބްރާހީމް މޫސާގެ ފަރާތުން ޢިޝާރާތްކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޞަފްޙާ 171، 172، 173، 232 އަދި 233 އަށެވެ. މި ޞަފްޙާތަކުގައި ހިމެނިފައިވަނީ ހިބައިގެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓާއި، ހަމަ އެ ޤަޟީއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓެވެ.
41ހިބައިގެ މައްސަލައިގެ ޚުލާޞާ ރިޕޯޓު ދަށު ކޯޓުގެ ރިޕޯޓުގައި ހިމެނިފައިނުވި ނަމަވެސް، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޞަފްޙާ 209 އަދި 303 ގައި ހިމެނިފައިވެއެވެ. ދަށު ކޯޓުގެ ރިޕޯޓުގައި ހިމެނިފައި ނުވާ، ހިބައިގެ މައްސަލައިގެ ޚުލާޞާ ރިޕޯޓުގައި، މި މައްސަލައިގައި ހައިކޯޓުން ކުރި ޙުކުމަށް އަސަރުކުރާފަދަ ޖައުހަރީ މަޢުލޫމާތެއް ހިމެނިފައިވާތީ ފެންނާކަށް ނެތެވެ. ބަހުސްގެ ބޭނުމަށް އެ ޚުލާޞާ ރިޕޯޓަކީ ޚަސްމުންނަށް ކުރީގައި ލިބިފައި ނުވާ ލިޔުމެއް ކަމުގައި ބަލައި އެ ލިޔުމާމެދު ބަސް ބުނުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މި ޤަޟިއްޔާ ހައިކޯޓަށް ތަޙްވީލު ކުރުމަކީ އިސްމާޢީލް ޝުޖާޢު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލެވެ. އެހެން ނަމަވެސް މި ފަދައިން ޢަމަލުކުރުމަކުން ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ކުރާނީ ކޮން އަސަރެއްތޯ ވަޒަންކުރަން ޖެހެއެވެ. ޙުކުމުގެ ނަތީޖާ އެއްވެސް މިންވަރަކަށް ފުރޮޅިގެން ނުދާނެ ޙާލަތެއްގައި، މި އުސޫލު ތަޠުބީޤުކުރުމުގެ ގޮތުން މައްސަލަ ދަށު ކޯޓަށް ތަޙްވީލުކުރުމަކީ ޚަޞްމުންނާއި ޝަރީޢަތުގެ ވަގުތު ބޭކާރުވެގެންދާނެ ކަމެކެވެ.
42ހިބައިގެ މައްސަލައާ ގުޅިގެން އިބްރާހީމް މޫސާގެ ފަރާތުން ފާހަގަކުރާ އެންމެ މުހިއްމު ކަމަކީ، އެ ޤަޟިއްޔާގެ ތެރެއިން ކޯޓުން ރަންގިރީ ގޯތީގެ ބިން އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމްއާ ދެމެދު ބައިކޮށްދީފައިވާކަމެވެ. މިކަމަށް ބާރުދޭ ލިޔުމެއްގެ ގޮތުގައި އިބްރާހީމް މޫސާގެ ފަރާތުން ފާހަގަކުރަނީ، މަހިބަދޫ ކޯޓަށް ހިބައިގެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެ ކޯޓުން ރަށު އޮފީހަށް ފޮނުވާފައިވާ ސިޓީއެވެ. އެ ސިޓީގައި ކޯޓުން އެދިފައިވަނީ ރަންގިރީގެއެވެ ކިޔާ ގޯތީގެ ބިން ބަހައިދިނުމަށާއި، އެ ދެ މީހުންގެ ބިން ވަކިކޮށްދީ، ބިން ބަހައިދިންގޮތުގެ ޗާޓު ކޯޓަށް ފޮނުވައިދިނުމަށެވެ.
43HN5އެހެން ނަމަވެސް، ސިޓީގެ ޖަވާބާއެކު ކޯޓަށް ލިބުނު ޗާޓާ ޙަވާލާދީ އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމްއަށް ލިބޭ މިންތައް ހިބައިގެ މައްސަލަ ނިންމުމުގައި ބަޔާންކޮށްފައިވުމަކީ، ގޯތި ބައިކުރެވިފައިވާ ގޮތުގެ ޞައްޙަކަން ކަށަވަރުވާ ކަމެއް ނޫނެވެ. އަދި އެޗާޓާ އެއްގޮތަށް ހިބައިގެ މައްސަލައިގެ ތެރެއިން ގޯތި ބަހައިދިންކަން ދަލާލަތުކުރާ ކަމެއްވެސް ނޫނެވެ. ސަބަބަކީ އެއާ ވިދިގެން ކޯޓުން ބަޔާންކޮށްފައިވަނީ "މިކޯޓަށް ޗާޓު ފޮނުވާފައި އޮތުމުން އެއީ މި ހިބަ މިގޮތަށް ހިންގުމާމެދު މަހިބަދޫ އޮފީހުގެ އިޢުތިރާޟެއް ނެތީކަން އެނގޭކަން" މިފަދައިންނެވެ. ކޯޓުގެ ނިންމުން އައިސް ހުއްޓެނީ ރަންގިރީގޭގެ ބާގެ ޢާއިޝަތު އިބްރާހީމްއަށް ހިބަކޮށްދިނުމުގެ މައްޗަށެވެ. ބިމުގެ ދެ ބެހެނިވެރިންގެ ބައި އެ ދެ ބެހެނިވެރިންނަށް މިލްކުކޮށްދިނުމުގެ މައްޗަކަށް ނޫނެވެ.
44HN6ބިން ބައިކޮށްދިނުމަށް އެދި ކޯޓުން ރަށު އޮފީހަށް ސިޓީ ފޮނުވުމާ ހަމައަށް ރަންގިރީގެ އެވެ ކިޔާ ގޯއްޗާ ގުޅިގެން އެންމެ ފަހުން ހިނގާފައިވާ މުޢާމަލާތަކީ، ރޯސްލިން ގޭގެ މިލްކުވެރިކަން އިބްރާހީމް މޫސާގެ މައްޗަށް ސާބިތުކުރުމެވެ. ސިޓީގައި މިކަން ބަޔާންވެފައިވަނީ "އުތުރުބައިގައި ހުރި ޢިމާރާތް މިހާރުވެސް ނިމިފައިވާ ފަދައިން އިބްރާހީމް މޫސާއަށް" މިފަދައިންނެވެ. ރޯސްލިން އިމާރާތާއި އެ ޢިމާރާތް ހުރި ބިން ފިޔަވައި އެ ގޯތީގައި ދެން ހުރިހާ ބިމެއް (ރަންގިރީގެ ބާގެ ހިމެނޭހެން) އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމްއަށް ނިސްބަތްވާކަން މިކަމުން އެނގޭއިރު، މި ދެ މީހުންނަށް އެއްވަރަކަށް ޝަރީޢަތުން ހިބަކޮށްދީފައިވާ ގޯއްޗެއް، ފަނޑިޔާރެއްގެ ނިންމުމެއް ނެތި ޝަރީޢަތުން ބޭރުން އެކަކު އަނެކަކަށް ބަދަލު ކުރެވިދާނެކަމީ ސުވާލު އުފެދޭ ކަމެކެވެ.
45ބަންޑާރަ ބިމަކީ ދައުލަތުގެ ބިމެއްކަމުން އެފަދަ ބިންތައް ބިމުގައިވާ މުދާ ލިބޭ ފަރާތްތަކުގެ މެދުގައި އެ ފަރާތްތައް އެދޭގޮތެއް ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ބެހުމަކީ ރަށު އޮފީހާއި އަތޮޅު އޮފީހުން އަދާކުރަމުންދިޔަ ޒިންމާއެއް ކަމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ދަށު ކޯޓަށް ދީފައިވާ ބަޔާނުގައި ފާހަގަކުރެއެވެ. މީގެއިތުރުން، އެއްމެދު މުދާ ހަމަޖެއްސުމުގައި ބެހެނިވެރިން އެދޭ ގޮތަށް އިސްކަންދޭ ކަމަށާއި، އެފަރާތްތަކުން އެއްބަސްވެވޭ ގޮތެއް ނެތްނަމަ މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ލަފާގެ މަތިން އަތޮޅު އޮފީހަށް ފެންނަ އެންމެ މަސްލަޙަތު ހުރިގޮތަކަށް ބިން ބައިކުރަނީ ކަމުގައި މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
46އޭރު ޢަމަލުކުރަމުން ދިޔަ މި އުސޫލުތަކަށް ބަލާއިރު، ބަހުސްގެ ބޭނުމަށްޓަކައި އެއްމެދު ގޯތި ބައިކުރުމުގައި ޝަރުޢީ ކޯޓުތަކުގެ ދައުރެއް ނެތްކަމުގައި ބެލި ނަމަވެސް، ރަންގިރީގެ އެވެ ކިޔާ ގޭގެ ޗާޓު ކުރަހައި މި ބިމުގެ ބެހެނިވެރިންގެ ބަޔާން ނެގިފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަކަށް ނޫނެވެ. އެ އޮފީހުން ދީފައިވާ ބަޔާނުގައިވާ ގޮތުން ރަށު އޮފީހުން ޗާޓު ކުރެހުމަށްފަހު ބަޔާން ނަގައި، ބެހެނިވެރިން ލައްވާ ސޮއި ކުރުވާ ބަޔާންތަކުގައި ކޮންމެ ބައިވެރިއަކަށް ލިބޭ ބައިގެ ނަންބަރު، ބައި އޮތް ތަން، ނުވަތަ އެބައިގައި ހުރި ޢިމާރާތުގެ ނަން، ނުވަތަ އަކަފޫޓު ނުވަތަ މިންތައް ބަޔާންކޮށްގެން އެއީ ކޮން ބިމެއްކަން އެނގޭނެހެން އޮންނަކަމަށެވެ. އެހެން ނަމަވެސް މި ރައުޔުގެ 35 ވަނަ ޕެރެގްރާފްގައި ހިމަނާފައިވާ ބަޔާންތަކުގައި މިއިން އެއްވެސް ތަފްޞީލެއް ހިމަނާފައި ނުވެއެވެ. ތަފްޞީލު ހިމެނުމުގެ ބޭނުމަކީ ބަޔާނުން އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވުމުން ސަލާމަތްކޮށްދިނުން ކަމުގައި ބެލެވެއެވެ. އެ ތަފްޞީލުތައް ބަޔާނުގައި ހިމެނުނުނަމަ މިހާރު އުފެދިފައިވާ ޚުޞޫމާތު އުފެދެން މެދުވެރި ނުވީހެވެ. ނަމަވެސް މި އިޖުރާއަތާ ޚިލާފުވުމުގެ ސަބަބުން ރަންގިރީގެ އެވެ ކިޔާ ގޯތި ބައިކުރެވިގެން ދިޔައީ އެގޯތީގެ ބެހެނިވެރިން ޝަޚްޞީގޮތުން ރުހި ޤަބޫލުވެފައިވާ ގޮތަށްކަން ބެލެވޭނެ ތަނެއް ނެތެވެ.
47މިކަންކަމަކީ ހައިކޯޓުގެ އަޑުއެހުންތައް ނިމުމަށްފަހު އެކޯޓުން ހޯދާފައިވާ ލިޔެކިޔުން އެއްފަރާތްކޮށް، މި މައްސަލައިގައި ދެން ހުށަހެޅިފައިހުރި ލިޔެކިޔުމަށް ބެލުމުންވެސް އެނގި ސާބިތުވާ ކަންކަމެވެ. އެހެން ކަމުން މި މައްސަލަ ތަޙްވީލުކުރަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެފައިވާ ކަމުގައި ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
48އިސްވެ ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކުރާއިރު، ރަންގިރީގެ އެވެ ކިޔާ ގޯތި ބައިކުރެވިފައިވަނީ ޢަމަލުކުރެވެމުން ދިޔަ އުސޫލުތަކާ އެއްގޮތަށް، އަދި ގޯތީގެ ބެހެނިވެރިން އެދޭ ގޮތަށް ކަމަށް ބެލެވެން ނެތުމުންނާއި، ބެހެނިވެރިންގެ މެދުގައި އިންސާފުވެރި ކަމާއެކު ގޯތި ބައިކުރެވެން އޮތީ އިބްރާހީމް މޫސާއާއި ޢާއިޝަތު އިބްރާހީމްގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅައި ޝަރީޢަތުން އެ މައްސަލައިގައި ގޮތެއް ނިންމުމުން ކަމުގައިވާތީ، ރޯސްލިން ގޭގެ ރަޖިސްޓްރީއާއި ރަންގިރީގޭގެ ރަޖިސްޓްރީ ބާޠިލުކުރުމަށް ހައިކޯޓު ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
49މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
50މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަމްބަރު 2018/HC-A/356 ޤަޟިއްޔާގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބެލެވޭނެތަނެއް ނެތުމުން، ހައިކޯޓުގެ ނަމްބަރު 2018/HC-A/356 ޤަޟިއްޔާގެ ނިންމުމަށް ތާއީދުކޮށް، ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މުޙައްމަދު އިބްރާހީމް
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
މުޙައްމަދު ސަލީމް
ފުޓްނޯޓު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A028732
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A028566
- އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 56/I-13-C/1980 ޤަޟިއްޔާ
- އ. މަހިބަދޫ ކޯޓުގެ ނަންބަރު 34/I-13-C/1981 ޤަޟިއްޔާ
- އ. މަހިބަދޫ ކޯޓުގެ ނަންބަރު 22/I-13-C/94 ޤަޟިއްޔާ
- އ. މަހިބަދޫ ކޯޓުގެ ނަންބަރު 12/I-13-C/95 ޤަޟިއްޔާ
- އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 62/I-4-C/2010 ޤަޟިއްޔާ
- އބމ 3 އަދި 4
- ޤާނޫނު ނަންބަރު 22/2010
- ހައިކޯޓުގެ ނަންބަރު 2012/HC-A/221 ޤަޟިއްޔާ
- އބމ 3
- އބމ 4
- ސުޕްރީމް ކޯޓުގެ އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ (2011/SC-A/34)
- ޤާނޫނު ނަންބަރު 24/76
- [2021] SC 98
- ޤާނޫނު ނަންބަރު 1/2002
- އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޢަލީ ފަހުމީ 25 އެޕްރިލް 2016 ގައި އަރިއަތޮޅު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާން، އަރިއަތޮޅު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 53/I4C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ސ. 392
- އ. މަހިބަދޫ ކޯޓުގެ ނަންބަރު I-13-C/I-13/94/33 (6 އޮގަސްޓް 1994) ސިޓީ، އަރިއަތޮޅު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 53/I4C/2013 ޤަޟިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، ސ. 349
- އ. މަހިބަދޫ ކޯޓުގެ ނަންބަރު 22/I-13-C/1994 ޤަޟިއްޔާ؛ މި ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާގައި ޤަޟިއްޔާ ނިމުނު ތާރީޚު ކަމުގައި ބަޔާންކޮށްފައިވަނީ 25 މެއި 1994 ކަމުގައިވީނަމަވެސް ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ނިމުނު ތާރީޚުގެ ގޮތުގައި ލިޔެފައިވަނީ 25 މެއި 1995
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/34 ޤަޟިއްޔާ
- އބމ
- އިބްރާހީމް މޫސާގެ ފަރާތުން އ. މަހިބަދޫ އޮފީހަށް ފޮނުވި ސިޓީ، އަރިއަތޮޅު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 53/I4C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ސ. 191
- އިބްރާހީމް މޫސާގެ ފަރާތުން އ. މަހިބަދޫ އޮފީހަށް ފޮނުވާފައިވާ ސިޓީ، އަރިއަތޮޅު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 53/I4C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ސ. 343
- މުޅި ގޯތީގެ ހަތަރުބައިކުޅަ އެއްބަޔަކީ 1787 އަކަފޫޓު. ރަންގިރީގޭގެ ބާގެއަށް ވާބައި ކަމުގައި ބަޔާންވެފައިވަނީ 1970 އަކަފޫޓު.
- އބމ 20
- [2021] SC 98
- އބމ
- އބމ
- އ. މަހިބަދޫ ކޯޓުން 23 ޖުލައި 1995 ގައި އ. މަހިބަދޫ އޮފީހަށް ފޮނުވާފައިވާ ސިޓީ، އަރިއަތޮޅު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 53/I4C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ސ. 344
- އބމ 17، ނުކުތާ 4.3، ސ. 389
- އބމ، ނުކުތާ 3.8، ސ. 388
- އބމ، ނުކުތާ 3.5، ސ. 387
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/76) ގެ 6 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 38 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 1/2002)
- 2011/SC-A/34
- [2021] SC 98
- 2012/HC-A/221
ޝަރީޢަތުގެ ވީޑިއޯ
- ▶ ޝަރީޢަތުގެ އަޑުއެހުން 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
- ▶ ޝަރީޢަތުގެ އަޑުއެހުން 5
- ▶ ޙުކުމް އިއްވުން
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.