ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2011/SC-A/34ސުޕްރީމް ކޯޓު · 21 ސެޕްޓެމްބަރު 2011

—

ސުޕްރީމް ކޯޓު
15 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 21 ސެޕްޓެމްބަރު 2011ބާވަތް: Appellate Matterއިސްތިއުނާފީ މައްސަލަ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2011/SC-A/34

ދަޢުވާކުރާ ފަރާތް: އާމިނަތު ޞައްފަތު

ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް

މައްސަލައިގެ ބާވަތް: އިހުމާލުވުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 28 ޖޫން 2011

ނިމުނު ތާރީޚް: 21 ސެޕްޓެމްބަރ 2011

މައްސަލަ ނިންމި ގަޑި: 12:05

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2009/HC-A/290

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 28 ސެޕްޓެމްބަރ 2009

ނިމުނު ތާރީޚް: 27 އޭޕްރީލް 2011

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 290/HC-A/2009 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާއި ޚިލާފުވާ ގޮތަށް ކަމަށް ބުނެ، ، އާމިނަތު ޞައްފަތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް އެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 290/HC-A/2009 ޤަޟިއްޔާ އަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާގައި ދަޢުވާލިބުނު އާމިނަތު ޞައްފަތު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާ އެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި ހައިކޯޓުގެ ނަންބަރު 290/HC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއިި، ތަފާތު ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ، މި މައްސަލައާ ގުޅުންހުރި ޖިނާއީ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

އާމިނަތު ޞައްފަތު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކޭޝިއަރެއްގެ ވަޒީފާގައި ހުރެ، 29 މެއި 2008 ދުވަހުގެ ހެނދުނު ޑިއުޓީން ފެށިގެން 31 މެއި 2008 ދުވަހުގެ ނިޔަލަށް "ސޭލްސް" ގެ ގޮތުގައި ލިބިފައިހުރި 335472.50 ރ. (ތިންލައްކަ ތިރީސް ފަސްހާސް ހަތަރުސަތޭކަ ހަތްދިހަދެ ރުފިޔާ ފަންސާސް ލާރި) ކަނބާއައިސާ ރަނި ހިނގުމުގައި ހުންނަ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޕެޓްރޯލް ޝެޑްގެ ތިޖޫރީގައި ރައްކާ ކޮށްފައި ހުއްޓާ 01 ޖޫން 2008 ގައި މިފައިސާ އާމިނަތު ޞައްފަތު ގެ އިހުމާލުން ގެއްލިފައިވާކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އާމިނަތު ޞައްފަތުގެ މައްޗަށް ޖިނާއީ ކޯޓުގައި ކުރި އިހުމާލުވުމުގެ ކުށުގެ ދަޢުވާގެ ޙުކުމުގައި އާމިނަތު ޞައްފަތު އިހުމާލުވުމުގެ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އާމިނަތު ޞައްފަތު 03 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޙުކުމްކޮށްފައިވާ ކަމާއި، އަދި މިއީ އާމިނަތު ޞައްފަތުގެ މައްޗަށް ކުށެއް ސާބިތުވާ ފުރަތަމަ ފަހަރުކަމަށްވާތީ އެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށްފައިވާ ކަމާ، އަދި އާމިނަތު ޞައްފަތުގެ އިހުމާލުން ގެއްލިފައިވާ 335472.50 ރ. (ތިންލައްކަ ތިރީސް ފަސްހާސް ހަތަރުސަތޭކަ ހަތްދިހަދެ ރުފިޔާ ފަންސާސް ލާރި) ފިއުލް ސަޕްލައިސް މޯލްޑިވްސް އަށް ލިބިދިނުމަށް އާމިނަތު ޞައްފަތަށް އަންގާފައިވާކަން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ބުނެވިދިޔަ ޖިނާއީ ކޯޓުގެ ޤަޟިއްޔާގެ އެ ޙުކުމަށް ތާއީދުކޮށްފައިކަން ހައިކޯޓުގެ ނަންބަރު 290/HC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން ސާފުކޮށް އެނގެން އޮވެއެވެ.

ތަފާތު ޖުރިސްޑިކްޝަންތަކުގައި މުވައްޒަފަކު ވަޒީފާ އަދާކުރުމުގައި ވާ އިހުމާލު، ތަޤުލީދީގޮތުން ބެލެވެމުން ދިޔައީ 'ތައުދީބީ' (disciplinary) ކުށެއްގެ ގޮތުގައި ކަމުގައި ވީނަމަވެސް، އެފަދަ އިހުމާލަކީ މުވައްޒަފުމީހާ އޭނާއާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ބަހައްޓަންޖެހޭ ޢިނާޔަތްތެރިކަމާއި ސަމާލުކަމާއި ފަރުވާތެރިކަމާއި ތަޢާރުޟުވާ ކަމަކަށްވާތީ، ކުރިއަރާފައިވާ މިޒަމާނުގެ ތަފާތު ޖުރިސްޑިކްޝަންތަކުގައި މުވައްޒަފުމީހާ އޭނާއާ ޙަވާލުކުރެވިފައިވާ މުދަލާއި މަޞްލަޙަތުތަކަށް ގެއްލުންވާ ފަދަގޮތަކަށް ވަޒީފާ އަދާކުރުމުގައި އިހުމާލުވުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާކަން ބުނެވިދިޔަ ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރަމުންދާ ޖިނާއީ ޤާނޫނުތަކަށް ބެލުމުން އެނގެން އޮވެއެވެ.

އެއްވެސް ޖަރީމާއެއް އަދި އެއްވެސް ޢުޤޫބާތެއް ޤާނޫނީ ނައްޞަކުން މެނުވީ ކަނޑަނޭޅޭނެކަމުގެ މަބްދައަކީ ދުނިޔޭގެ ތަހްޒީބުވެފައިވާ އެންމެހައި ދައުލަތްތަކުގެ ޖިނާއީ ޤާނޫނުތަކާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ މަބްދައެއްކަމުގައި ވާއިރު، އަދި މި މަބްދައު ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ ޢިބާރާތުގައި "ވަކި ކަމެއް ކުރުން، ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީކުށެއްކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތީސް އެކަމެއް ކުރި މީހަކަށް ނުވަތަ އެކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅުވައިގެން އަދަބު ދީގެނެއް ނުވާނެއެވެ..." މިހެން ބަޔާން ވެގެން ވާއިރު، މުވައްޒަފެއްގެ މައްޗަށް ކުރެވޭ އިހުމާލުވުމުގެކުށަކީ ޤާނޫނަކުން މެނުވީ 'ތަޖްރީމް' (criminalize) ނުކުރެވޭނެ ކުށެއްކަމާއި، މިގޮތުން ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (6) ގެ 242 ވަނަ މާއްދާގައި، ޚާއްޞަގޮތެއްގައި ސަރުކާރުގެ ފައިސާއާއި ތަކެއްޗާ ޙަވާލުވެފައިވާ މީހެއްގެ އިހުމާލުން އެތަކެތި ގެއްލުމަކީ ކުށެއްކަމަށާ އަދި އެކުށަށް ކަނޑައެޅިގެންވާ އަދަބު އެމާއްދާގައި ބަޔާންކޮށްފައި ވާއިރު، ޢާންމު ގޮތެއްގައި އެއްވެސް މުވައްޒަފަކު އޭނަގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުމަކީ، އެ އިހުމާލުވުމުގެ ކުޑަބޮޑު މިނަށާއި، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ކުޑަބޮޑު މިނަށް ބަލައި، އިސްލާމީ ޖިނާއީ ނިޒާމުގެ ދަށުން ކުށްވެރިވާނެ ކަމެއްކަން އިސްލާމީ ޝަރީޢަތުގެ ތަފާތު ނައްޞުތަކުން އިސްތިޚްލާޞް ކުރެވެން އޮވެއެވެ.

ތަފާތު ދައުލަތްތަކުގައި، މުވައްޒަފަކު ވަޒީފާ އަދާކުރުމުގައި ވާ އިހުމާލުގެ ކުށް ޖިނާއީ ގޮތުން ބަލާ މިންގަޑު، އެ ފަދަ ކުށެއް މަދަނީ ގޮތުންނާއި 'ތައުދީބީ' ގޮތުން ބަލާ މިންގަޑާއި ތަފާތު ކަމާއި، މުވައްޒަފެއްގެ އިހުމާލު 'ތަޖްރީމު' ކުރުމުގައި ވަޒަންކުރަންވާނީ މުޖުތަމަޢުގައި ޙިމާޔަތްކުރަން ބޭނުންވާ އިޖްތިމާޢީ މަޞްލަޙަތުގެ އަހައްމިއްޔަތުކަމަށާއި، އިހުމާލުގެ ނަތީޖާއެއްގެ ގޮތުން އެ މަޞްލަޙަތަށް ލިބުނު ގެއްލުމުގެ މިންވަރަށް ރިޢާޔަތްކޮށްކަން އެނގެން އޮންނައިރު، ބުނެވިދިޔަ އިހުމާލުވުމުގެ ކުށުގައިވެސް ޖަރީމާގެ އެންމެހައި ރުކުންތަކާއި ޢުންޞުރުތައް އަންނަނިވި ގޮތުގެ މަތިން ފުރިހަމަ ވާންޖެހޭނެކަން ފާހަގަ ކުރެވެއެވެ.

(ހ) ބުނެވިދިޔަ އިހުމާލުވުމުގެ ކުށުގެ މާއްދީ ރުކުން ބިނާވެގެންވަނީ ތިން ޢުންޞުރެއްގެ މައްޗަށް ކަމާއި، ފުރަތަމަ ޢުންޞުރަކީ މުވައްޒަފުމީހާގެ 'އިޖްރާމީ' (criminal) ޢަމަލުކަމާ؛ އެއީ އޭނާގެ މައްޗަށް ޤާނޫނީގޮތުންކުރުން މަނާވެގެންވާ ކަމެއް ކުރުން ނުވަތަ ޤާނޫނީގޮތުން ކުރުން ލާޒިމްވެގެންވާ ކަމެއްކުރުމުން މަނާވެގަތުން ކަމާއި، ދެވަނަ ޢުންޞުރަކީ މުވައްޒަފުމީހާ ގެ ބުނެވިދިޔަ އިޖްރާމީ ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ޤާނޫނުން ޙިމާޔަތް ލިބިގެންވާ މަޞްލަޙަތަކަށް ބޮޑުވެގެންވާ ގެއްލުމެއް (serious harm) ލިބުންކަމާއި، ތިންވަނަ ޢުންޞުރަކީ ބުނެވިދިޔަ ގެއްލުމުގެ ސީދާ ނުވަތަ އެއާ ކައިރި ސަބަބެއްކަމުގައި (causa proxima) މުވައްޒަފު މީހާގެ އިޖްރާމީ ޢަމަލު ވުމެވެ.

(ށ) ބުނެވިދިޔަ އިހުމާލުވުމުގެ ކުށުގެ މަޢުނަވީ ރުކުނަކީ އިސްވެދިޔަ އިހުމާލުވުމުގެ ކުށުގެ މާއްދީ ރުކުން ކަމުގައިވާ، މުވައްޒަފުމީހާގެ 'އިޖްރާމީ' ޢަމަލު ޤަޞްދަކާއި ނުލައި ކުރެވޭ 'ކުށެއް' (mistake) ކަމުގައި ނުވަތަ އިހުމާލެއް ކަމުގައި ވުންކަމުގައިވާއިރު، ވަޒީފާގެ މަަަަ ަސްއޫލިއްޔަތު އަދާކުރުމުގައި މުވައްޒަފުމީހާ ބަހައްޓަންޖެހޭ ޢިނާޔަތްތެރިކަމާއި ސަމާލުކަމާއި ފަރުވާތެރިކަމުގެ މިންވަރު މަޤްބޫލު ނޫން ފެންވަރެއްގައި ހުރުމާއި، ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ނުވަތަ އިދާރީ ޤަރާރަކުން ނުވަތަ އެނޫންވެސް އިލްތިޒާމުގެ މަޞްދަރަކުން މުވައްޒަފުމީހާގެ މައްޗަށް ތަބާވުން ލާޒިމްކުރާ ކަމަކަށް ތަބާ ނުވުމާއި، މިކަންކަމަކީ ޤަޞްދަކާއި ނުލައި ކުރެވޭ ކުށަކީ ނުވަތަ އިހުމާލަކީ ކޮބައިތޯ ކަނޑައެޅުމުގައި ރިޢާޔަތްކުރަން ޖެހޭ ކަންތައްތަކެއްކަން ފާހަގަކުރެވެއެވެ.

މި މައްސަލާގައި ފާހަގަ ކުރެވުނު ނުކުތާތަކުގެ ނަންބަރު 2، 3، އަދި 4 ގައި ބަޔާން ކުރެވިފައިވާ އުޞޫލުތަކުގެ އަލީގައި، އިސްވެ ބަޔާންވެދިޔަ އާމިނަތު ޞައްފަތު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކޭޝިއަރެއްގެ ވަޒީފާގައި ހުރެ، 29 މެއި 2008 ދުވަހުގެ ހެނދުނު ޑިއުޓީން ފެށިގެން 31 މެއި 2008 ދުވަހުގެ ނިޔަލަށް "ސޭލްސް" ގެ ގޮތުގައި ލިބިފައިހުރި 335472.50 ރ. (ތިންލައްކަ ތިރީސް ފަސްހާސް ހަތަރުސަތޭކަ ހަތްދިހަދެ ރުފިޔާ ފަންސާސް ލާރި) ކަނބާއައިސާ ރަނި ހިނގުމުގައި ހުންނަ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޕެޓްރޯލް ޝެޑްގެ ތިޖޫރީގައި ރައްކާ ކޮށްފައި ހުއްޓާ 01 ޖޫން 2008 ގައި މިފައިސާ އާމިނަތު ޞައްފަތު ގެ އިހުމާލުން ގެއްލިފައިވާކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އާމިނަތު ޞައްފަތުގެ މައްޗަށް ކުރި އިހުމާލުވުމުގެ ކުށުގެ ދަޢުވާގެ ވަޤާއިޢުތަކުގެ މައްޗަށް ޖިނާއީ ކޯޓުންނާއި ހައިކޯޓުން ޤާނޫނު ތަޠްބީޤު ކޮށްފައިވާ ގޮތުގެމައްޗަށް ނަޒަރު ހިންގާއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ:

(ހ) ފުރަތަމަ ކަމަކީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އާމިނަތު ޞައްފަތުގެ މައްޗަށް އިހުމާލުވުމުގެ ކުށުގެ ދަޢުވާ ކޮށްފައި ވާއިރު، އެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ފާހަގަ ކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި، އާމިނަތު ޞައްފަތު ގެ އިހުމާލުން ގެއްލިފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާ ގެއްލިފައިވަނީ ތިޖޫރީ އާއި ޝޮޕަށް އެއްވެސް ގެއްލުމެއް ނުލިބި ކަމާއި، މި ފައިސާ ތިޖޫރީން ނަގާފައިވަނީ ތިޖޫރީގެ ތަޅުދަނޑި ބޭނުން ކޮށްގެންކަމަށް ބެލެވޭ ކަމާއި، މި ފައިސާ ގެއްލުނުއިރު އެ ޝޮޕާއި ތިޖޫރީގެ ތަޅުދަނޑި އޮތީ އާމިނަތު ޞައްފަތުގެ އަތުގައި ކަމާއި، ގެއްލުނު ފައިސާ ހުރި ތިޖޫރީގައި އާމިނަތު ޞައްފަތުގެ އަތުގައި އޮތް ތަޅުދަނޑި ފިޔަވައި އިތުރު ތަޅުދަނޑިއެއް އޮންނަކަން އެނގެން ނެތްކަމާއި، މި ނުކުތާތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަ ކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.

(ށ) ދެވަނަ ކަމަކީ، ކަނބާއައިސާ ރަނި ހިނގުމުގައި ހުންނަ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޕެޓްރޯލް ޝެޑްގެ ތިޖޫރީގައި ރައްކާ ކޮށްފައި ހުއްޓާ އާމިނަތު ޞައްފަތު ގެ އިހުމާލުން ގެއްލުނުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާކުރާ ފައިސާ ގެއްލުމުގައި އާމިނަތު ޞައްފަތު ވެފައިވާ އިހުމާލަކީ ކޮބައި ކަމާ؛ އެ އިހުމާލުވުމުގެ ގޮތުން އާމިނަތު ޞައްފަތު ކޮށްފައިވަނީ ކޮން ކަމެއްކަމާއި ނުވަތަ ނުކޮށް ދޫކޮށްލާފައިވަނީ ކޮންކަމެއްކަމާއި، އާމިނަތު ޞައްފަތުގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަށް ރައްކާތެރިވުމުގައި ބަހައްޓަންޖެހޭ ޢިނާޔަތްތެރިކަމާއި ސަމާލުކަމާއި ފަރުވާތެރިކަމުގެ މިންވަރު ހުރީ މަޤްބޫލު ފެންވަރެއްގައި ނޫންކަމާއި، އެ ފައިސާއަށް ރައްކާތެރި ވުމަށްޓަކައި ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ނުވަތަ ޢަޤުދަކުން ނުވަތަ އިދާރީ އަމުރަކުން ވިއަސް އާމިނަތު ޞައްފަތުގެ މައްޗަށް ލާޒިމްކުރާ ކަމަކަށް އާމިނަތު ޞައްފަތު ވަނީ އިހުމާލުވެފައިކަމާ، މި ފަދަ އެއްވެސް ކަމެއްގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދަލީލު ޤާއިމުކޮށްފައި ނުވާކަން އެނގެން އޮންނަ ކަމެވެ.

(ނ) ތިންވަނަ ކަމަކީ، އާމިނަތު ޞައްފަތު ގެ އިހުމާލުން ގެއްލިފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާ ގެއްލިފައިވަނީ ތިޖޫރީ އާއި ޝޮޕަށް އެއްވެސް ގެއްލުމެއް ނުލިބި ކަމުގައި ވުމަކީ ނުވަތަ މި ފައިސާ ގެއްލުނުއިރު އެ ޝޮޕާއި ތިޖޫރީގެ ތަޅުދަނޑި އޮތީ އާމިނަތު ޞައްފަތުގެ އަތުގައިކަމަށް ވުމަކީ ހަމައެކަނި އޭގެ ޒާތުގައި އާމިނަތު ޞައްފަތުގެ އިހުމާލުން އެފައިސާ ގެއްލިފައިވާ ކަމުގެ ޤާރީނާއެއް ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެެ ެލެވޭފަދަ ސަބަބެއް ނޫންކަމާއި، އަދި މި ފައިސާ ތިޖޫރީން ނަގާފައިވަނީ ތިޖޫރީގެ ތަޅުދަނޑި ބޭނުން ކޮށްގެންކަމަށް ބެލެވޭ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަ ކޮށްފައި ވާއިރު، އެ ތިޖޫރީގެ އާމިނަތު ޞައްފަތާއި ޙަވާލުކުރެވިފައިވާ ތަޅުދަނޑި ބޭނުން ކޮށްގެން އެ ފައިސާ ނަގާފައިވާ ކަމުގެ އެއްވެސް ދަލީލެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައި ނުވާކަމާއި، ގެއްލުނު ފައިސާ ހުރި ތިޖޫރީގައި އާމިނަތު ޞައްފަތުގެ އަތުގައި އޮތް ތަޅުދަނޑި ފިޔަވައި އިތުރު ތަޅުދަނޑިއެއް އޮންނަކަން ޕްރޮސެކިއުޓަރ ޖެނެރަލް އަށް ނުވަތަ އާމިނަތު ޞައްފަތަށް އެނގެން ނެތުމަކީ އެ ތިޖޫރީގައި އިތުރު ތަޅުދަނޑިއެއް އޮތުން ނަފީކުރާ ކަމެއް ނޫންކަމާ، އަދި މި މައްސަލައާ ގުޅިގެން 24 ޑިސެމްބަރ 2008 ގައި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އެޑްރެސްކޮށް ފޮނުވާފައިވާ ނަންބަރު 08/061/FSM-LA ސިޓީގައި އެކުންފުނީގެ "ޕެޓްރޯލް ޝެޑްތަކުގައި މީގެ ކުރިން ހުންނަނީ ކޮންމެ ޝެޑެއްގައި 01 ތިޖޫރީ އެވެ. އަދި އެ ތިޖޫރީގައި ތަޅުދަނޑީގެ ގޮތުގައި އޮންނަނީ 01 ތަޅުދަނޑިއެވެ." މިހެން ބުނެފައިވުމާއި އެކު، މި މައްސަލައާގުޅިގެން އެ ތިޖޫރީގައި އޮންނަނީ ކިތައް ތަޅުދަނޑިތޯ ބެލުމަށް ޖިނާއީ ކޯޓުން ފިއުލް ސަޕްލައިސް މޯލްޑިވްސް އަށް ފޮނުވި ސިޓީގެ ޖަވާބުގައި، 2001 ވަނަ އަހަރުގައި އެ ކުންފުނި (ފިއުލް ސަޕްލައިސް މޯލްޑިވްސް) އުފެދުމާއި ގުޅިގެން އީޒީފިއުލް އެކުންފުންޏާ ޙަވާލުކުރެވުނުއިރު ތިޖޫރީގެ ތަޅުދަނޑީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ އެއް ތަޅުދަނޑި ކަމަށާއި، ތަޅުދަނޑިއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް އެސްޓީއޯ ގައި ވަނީ ދެންނެވިފައި ކަމަށް، އެ ކުންފުނިން ބުނެފައިވާކަން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނުކުތާގައި ބަޔާންވެގެންވާއިރު، ޢާންމުގޮތެއްގައި ތިޖޫރީފަދަ ތަކެއްޗަކީ އެތަކެތި ގަންނައިރު އެއް ތަޅުދަނޑިއަށްވުރެ ގިނަ ތަޅުދަނޑި ހުންނަ ތަކެތިކަމީ ޙަޤީޤަތެއްކަން އެނގެން އޮވެފައި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެވިދިޔަ ތިޖޫރީގައި ވަނީ އެއް ތަޅުދަނޑި ކަމަށްބުނެފައިވާ ބުނުމަކީ އެބުނުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވުމަށްޓަކާ އިތުރު ހެއްކާއި ޤަރީނާ ޤާއިމުކުރެވެން ޖެހޭނެ ބުނުމެއްކަމާއި، އާމިނަތު ޞައްފަތުގެ އިހުމާލުގެ ކުށް ސާބިތުކުރުމުގެ ގޮތުން، އެތިޖޫރީގައި ވަނީ އެއްތަޅުދަނޑިކަން ސާބިތުކުރުމުގެ ބުރަ، "ޤަރީނަތުލްބަރާއާ"(presumption of innocence) ގެ އަސާސްގެ ދަށުން އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތުގެ ޙައިޘިއްޔަތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުންކަން، ޘާބިތުކުރުމުގެ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބެލުމުން އެނގެންއޮންނަކަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި "އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ"، މިހެން ކަނޑައެޅި ބަޔާންވެގެން އޮތުމުން، ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އެފަދަ މައްސަލަތައް ބަލާ ފަނޑިޔާރުންގެ ދައުރަކީ އިސްވެދިޔަ ދުސްތޫރީ ނައްޞުގެ މަޤްޞަދު ޙާޞިލުވެވޭފަދަ ދައުރަކަށް އިޖްރާއީގޮތުން ވާންޖެހޭނެކަމާއި، އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޢަމަލުކުރެވޭ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ އިޖްރާއީ ނިޒާމު ޤާއިމުވެގެންވަނީ 'އިއްތިހާމީ' ނިޒާމާއި (Accusatorial Procedure)، 'ތަޙުޤީޤީ' ނިޒާމާއި (Inquisitorial Procedure) މި ދެ ނިޒާމުގެ ޚާއްޞަ ސިފަތައް ހިމެނޭ މައްސުނި ނިޒާމެއްގެ މައްޗަށްކަމާ، މި ގޮތުން ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރުންގެ ދައުރަކީ އީޖާބީ ދައުރެއްކަމާއި، ޖިނާއީ މައްސަލަތައް ނިންމުމުގައި ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން– ޤާނޫނީ ޤަރީނާ (Presumption of Law) ފިޔަވައި- ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމްވެގެން ނުވާކަމާއި، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި އެ ދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރެވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަކަށް އިޤުތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ އިސްތިޤުރާރުވެފައިވާ ޖިނާއީ މަބްދައެއްކަން ފާހަގަ ކުރެވެއެވެ.

ޤަޟާއީ ނުވަތަ ވާޤިޢީ ޤަރީނާ (Presumption of Fact) އަކީ މައްސަލައެއްގައި ހިމެނޭ ވަޤާއިޢުތަކުގެ ތެރެއިން ދަލީލު ޤާއިމުވެފައިވާ ވާޤިޢާއަކުން ދަލީލު ޤާއިމުނުވާ ވާޤިޢާ ސާބިތުކުރުން ކަމާ، މިގޮތުން ސާބިތުވާ ވާޤިޢާއަކުން އެހެން ވާޤިޢާއެއް ސާބިތުވާކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް 'އިސްތިޚްލާޞް' ކުރެވޭ ޤަރީނާއަކީ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ ވަސީލަތެއް ކަމުގައި ވީނަމަވެސް، ޤަރީނާ 'އިސްތިޚްލާޞް' ކުރުމުގެ އަސާސާއި ޚިލާފަށް، މި މައްސަލާގައި ބުނެވިދިޔަ ތިޖޫރީގައި ހުރި ފައިސާ ގެއްލިފައިވަނީ އާމިނަތު ޞައްފަތުގެ އިހުމާލުން ކަމަށް ބެލެވޭފަދަ "ގުޅިފައިވާ ހަރުދަނާ ޤަރީނާތަކެއް" ހުރިކަމަށް ކަނޑައަޅައި ޖިނާއީ ކޯޓުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކުރި ކުރުމުގައި ޤާނޫނު ތަޠްބީޤު ކޮށްފައިވަނީ ޞައްޙަ ގޮތުގައި ނޫންކަމާ، އަދި އެއީ އިސްވެ ބަޔާންވެދިޔަ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައެޅިގެންވާ އަސާސީ ޙައްޤަށް ހުރަސް އެޅޭފަދަ ގޮތަކަށް ކޮށްފައިވާ ތާއީދެއްކަން ފާހަގަކުރެވެއެވެ.

މި މައްސަލާގައި، އާމިނަތު ޞައްފަތު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކޭޝިއަރެއްގެ ވަޒީފާގައި ހުރެ، 29 މެއި 2008 ދުވަހުގެ ހެނދުނު ޑިއުޓީން ފެށިގެން 31 މެއި 2008 ދުވަހުގެ ނިޔަލަށް "ސޭލްސް" ގެ ގޮތުގައި ލިބިފައިހުރި 335472.50 ރ. (ތިންލައްކަ ތިރީސް ފަސްހާސް ހަތަރުސަތޭކަ ހަތްދިހަދެ ރުފިޔާ ފަންސާސް ލާރި) ކަނބާއައިސާ ރަނި ހިނގުމުގައި ހުންނަ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޕެޓްރޯލް ޝެޑްގެ ތިޖޫރީގައި ރައްކާ ކޮށްފައި ހުއްޓާ 01 ޖޫން 2008 ގައި މިފައިސާ އާމިނަތު ޞައްފަތު ގެ އިހުމާލުން ގެއްލިފައިވާކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އާމިނަތު ޞައްފަތުގެ މައްޗަށް ޖިނާއީ ކޯޓުގައި ކުރި އިހުމާލުވުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި، ޖިނާއީ މައްސަލަތައް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި މިންގަނޑުތަކުގެ މަތިން ސާބިތުވުމުގެ މައްޗަށް ބާރު ލިބޭފަދަ ހެެ ްއްކެއް ނުވަތަ ޤަރީނާއެއްވިއަސް ޖިނާއީ ކޯޓުގަޔާއި ހައިކޯޓުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޤާއިމުކޮށްދެވިފައި ނުވާއިރު، ޤާއިމުނުވާ ދަލީލަކުން ޤަރީނާއެއް އިސްތިޚްލާޞް ނުކުރެވޭނެކަން އެނގެން އޮންނަ ކަމާއި، މި މައްސަލާގައި އާމިނަތު ޞައްފަތު ގެ އިހުމާލުން ގެއްލިފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާ ގެއްލިފައިވަނީ ތިޖޫރީ އާއި ޝޮޕަށް އެއްވެސް ގެއްލުމެއް ނުލިބި ކަމުގައި ވުމަކީ ނުވަތަ މި ފައިސާ ގެއްލުނުއިރު އެ ޝޮޕާއި ތިޖޫރީގެ ތަޅުދަނޑި އޮތީ އާމިނަތު ޞައްފަތުގެ އަތުގައިކަމަށް ވުމަކީ އޭގެ ޒާތުގައި އެއިން އެކަނި އިހުމާލުގެ ދަޢުވާ ސާބިތުކުރެވިދާނެ ޤަރީނާއެއް ނޫންކަން އެނގެން އޮންނައިރު، ޖިނާއީ ކޯޓުންނާއި ހައިކޯޓުން ދަލީލު ޤާއިމުކުރުމަކާ ނުލައި މި މައްސަލާގައި ކުށް ސާބިތުވާކަމަށް ނިންމާފައިވާ ނިންމުމަކީ އޭގެ ޒާތުގައި ބާޠިލު ނިންމުމެއްކަން ފާހަގަކުރެވެއެވެ.

9. ބުނެވިދިޔަ މައްސަލަ ހިނގާ ދިޔަގޮތުގެ ވަޤާއިޢުތައް ޖިނާއީ ކޯޓުގަޔާއި ހައިކޯޓުގައި ކަށަވަރުވެފައިވުމާއެކު، މިމައްސަލައަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދު ގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހައިކޯޓަށް ތަޙުވީލުކުރުމަކާ ނުލައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަން ޖެހޭ މައްސަލައެއްކަމަށް މި މައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެއެވެ.

ޙުކުމް:

އިސްވެ ބަޔާން ކުރެވުނު ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެހެން ހުރުމާއި އެކު، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 290/HC-A/2009 ޤަޟިއްޔާއާއި، މި ދެ ޤަޟިއްޔާގައި އާމިނަތު ޞައްފަތު އިހުމާލުވުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ނިންމާފައިވަނީ، އެ ކުށް ސާބިތުވާފަދަ އެކަށީގެންވާ ދަލީލުތަކަކާއި ހެކިތަކުގެ މައްޗަށް ބިނާ ކުރުމަކާ ނުލައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައަޅާފައިވާ، މުއްތަހަމު މީހާގެ އަސާސީ ޙައްޤު ނިގުޅިގެންދާފަދަ ގޮތަކަށް ކަމަށް ވާތީ، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާ ގައި އާމިނަތު ޞައްފަތުގެ މައްޗަށް ކޮށްފައިވާ އިހުމާލުވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ޙުކުމްކޮށް، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/686 ޤަޟިއްޔާ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 290/HC-A/2009 ޤަޟިއްޔާއާއި، މި ދެ ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ