ޠަލްޢަތު މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ހަތަރު މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޠަލްޢަތު މުޙައްމަދަށް 17 އަހަރު ޖަލަށްލުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން ޢަމަލު ހިންގި މީހާގެ ޙުކުމް ބާޠިލުކޮށް، ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކުރި ޙުކުމް ދެމެހެއްޓިއެވެ.
- ވާޤިޢާ
- 2015 ނޮވެމްބަރ 02 ގައި މުލީއާގެ ކައިރީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރީ މަތީގައި އައި.އީ.ޑީ އެއް ބާއްވާފައި އޮތްކަމަށް ބުނެ ހަތަރު މީހުންގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ ކުރެވުނެވެ. އެ ތެރެއިން އެއް މީހަކު ޢަމަލު ހިންގި މީހާގެ ގޮތުގައާއި، އެހެން ތިން މީހުންގެ ތެރޭގައި ޠަލްޢަތު މުޙައްމަދު ބައިވެރިވި މީހުންގެ ގޮތުގައި ދަޢުވާ ކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޓެރަރިޒަމްގެ ޢަމަލެއްގައި ބައިވެރިވުމުގެ ކުށުގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުން ދެމެހެއްޓުމަކީ، ޢަމަލު ހިންގި ފަރާތުގެ ޙުކުމް ބާޠިލުކުރުމާ ގުޅިގެން، ކުށުގެ ޢުންޞުރުތަކާއި ޚަބީރުގެ ހެކިބަހާއި އެކަށީގެންވާ ޝައްކެއްނެތި ކުށް ސާބިތުވުމާ ގުޅޭ ގޮތުން ޤާނޫނާ އެއްގޮތެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޠަލްޢަތު މުޙައްމަދު ބުނީ ޢަމަލު ހިންގި މީހާގެ ޙުކުމް ބާޠިލުވުމުން އޭނާގެ ޙުކުމްވެސް ބާޠިލުވާންޖެހޭނެކަމާއި، ދަޢުވާގައި ބައިވެރިވި ޢަމަލަކީ ކޮބައިކަން ބުނެފައި ނުވާކަމާއި، އައި.އީ.ޑީ އަކީ ހަގީގީ އެއްޗެއްކަމާމެދު ޝައްކު އުފެދޭ ގޮތަށް ޚަބީރުގެ ހެކިބަހަކީ ބުރަދަން ދެވޭނެ ހެކިބަހެއް ނޫންކަމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ޢަމަލު ހިންގި މީހާގެ މައްޗަށް ދަޢުވާ ސާބިތުނުވިނަމަވެސް ބައިވެރިވި މީހާގެ މައްޗަށް ސާބިތުކުރެވިދާނެކަމާއި، އެކްސްޕާޓް އޮޕީނިއަން ރިޕޯޓާއި ހެކިބަހުން އައި.އީ.ޑީ އަކީ ގޮވާ އެއްޗެއްކަން އެނގޭކަމެވެ.
- ކޯޓުގެ ސަބަބުތައް
- ޢަމަލު ހިންގި މީހާގެ މައްޗަށް ކުށް ސާބިތު ނުވުމަކީ ހަމައެކަނި އެ ސަބަބުން ބައިވެރިވި މީހާގެ މައްޗަށް ކުށް ސާބިތުވާން ނުޖެހޭނެ ޙުއްޖަތެއް ނޫނެވެ. ނަމަވެސް ކުށުގެ ކޮންމެ ރުކުނެއް އެކަށީގެންވާ ޝައްކެއްނެތި ސާބިތުވާންޖެހޭއިރު، އައި.އީ.ޑީ އަކީ ގޮވާ އެއްޗެއްކަމުގެ ހެކީގެ އަސާސަކަށް ހުރި ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލުގެ ހެކިބަސް ޚަބީރެއްގެ ހެކިބަހެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. އެހެންކަމުން އޭނާ ކުށް ކުރިކަމާމެދު އެކަށީގެންވާ ޝައްކުތައް އުފެދިފައި ވާތީ ޙުކުމް ބާޠިލުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2016/HC-A/436
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމާއި ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލު؛ އަލުން ތަޙްޤީޤު ކުރުމުގެ އަމުރު ނެރެދިނުމަށް އެދުނު ނުކުތާ ބަލައިނުގަތުން
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޖިނާއީ މަސްއޫލިއްޔަތު ބިނާވާނީ ތުހުމަތު ކުރެވޭ ފަރާތުގެ ޢަމަލާއި، ނިޔަތް ނުވަތަ މަޤުޞަދަށް ކަމުގައިވާއިރު، އެއް ހާދިސާއެއްގައި ހިމެނޭ ބައެއްގެ މައްޗަށް ކުށް ސާބިތުވާ ގޮތް ތަފާތުވުމުގެ އިތުރުން، ކުށް ސާބިތުވާ ހާލަތުގައި އަންނާނެ އަދަބު ތަފާތުވުން އެކަށީގެންވެއެވެ. (ޕެރ. 23)
ޖިނާއީ ކުށުގެ ދަޢުވާ އުފުލޭ ކޮންމެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި އެ މީހަކާ ދެކޮޅަށް ހުށަހެޅިފައިވަނީ ކޮން ހެކިތަކެއްކަމާއި، އެ ހެކިތަކުން އެ މީހާއާ ދެކޮޅަށް ލިބޭ ހެކީގެ ބުރަދަން ވަޒަންކޮށް، ދަޢުވާ އުފުލިފައިވާ މީހާގެ ނިޔަތް ދެނެގަންނަން ޖެހެއެވެ. (ޕެރ. 24)
އެއް ހާދިސާއެއްގައި ދަޢުވާލިބޭ ހުރިހާ އެންމެންގެ މައްޗަށް ލިބިފައިވާ ވަކި ހެއްކެއް ބަލައި ނުގަތުމަށް ނިންމައިފިނަމަ، އެ ކަމުގެ ސަބަބުން ދަޢުވާލިބޭ ހުރިހާ ފަރާތްތަކަށް ހަމަހަމަކޮށް މަންފާ ލިބިދާނެއެވެ. (ޕެރ. 25)
އެއް ހާދިސާއެއްގައި ދަޢުވާ އުފުލިފައިވާ އަނެއް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، ބައިވެރިވި މީހާގެ މައްޗަށް ކުށް ސާބިތުވާން ނުޖެހޭނެ ކަމަށް ބެލުމަށް އޮތް ޤާނޫނީ ހުއްޖަތެއް ނޫނެވެ. އަދި އެކަމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގައި ބުނެފައިވާ ޙާލަތަށް ފެތޭ ކަމެއް ނޫނެވެ. (ޕެރ. 31)
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ ކުރުމުގައި 05 ވަނަ މާއްދާގެ (ހ) ގެ ނަންބަރު ތަކުގައި ބަޔާންވެފައިވާ ޓެރަރިޒަމްގެ ވަކި ޢަމަލަކަށް ނުވަތަ ޢަމަލު ތަކަކަށް ޙަވާލާ ދޭންޖެހެއެވެ. ސަބަބަކީ 04 ވަނަ މާއްދާގައިވާ މަޤުޞަދެއް ހާސިލުކުރުމުގައި، (mens rea) އެ މަޤުޞަދާ ގުޅުވާ ޢަމަލުތަކަކީ (actus reus) 05 ވަނަ މާއްދާގައި ބުނާ ޢަމަލުތައް ކަމުގައި އެ މާއްދާގައި ބަޔާންވެފައި ވުމެވެ. އަދި 06 ވަނަ މާއްދާގައި ކުށް ބަޔާންކުރުމުގައި ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ޙަވާލާދީފައިވަނީވެސް 05 ވަނަ މާއްދާގައި ބަޔާންވެފައިވާ ޢަމަލުތަކަށެވެ. (ޕެރ. 39)
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ކުރިން ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުމުގައި ދަޢުވާ ވަކި ގޮތަކަށް އޮތުން ލާޒިމުކުރާ ނުވަތަ ދަޢުވާގައި ކޮންމެހެން ހިމެނެންޖެހޭ ބައިތަކެއް ތަފުސީލުކޮށް ބަޔާންކޮށްފައިވާ ޤާނޫނެއް ނެތެވެ. ނަމަވެސް، އެފަދަ ދަޢުވާއެއް އޮންނަން ޖެހޭނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންވެފައިވާ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް އޭގެ އެންމެ ފުރިހަމައަށް ލިބިދެވޭނެ ފަދައަކުންނެވެ. (ޕެރ. 40)
ދަޢުވާ އުފުލުމަށްފަހު، ހެކިންގެ ހެކިބަހުން ސާބިތުވާނެކަމަށް ލަފާކުރެވޭ ޤާނޫނީ މާއްދާތަކަކަށް ރިޢާޔަތްކޮށް، އެ މާއްދާތަކުގެ ދަށުން ޢުންޞުރުތައް ފުރިހަމަނުވާނެހެން ލަފާކުރެވޭ މާއްދާތައް އެއްފަރާތްކޮށް، ޢުންޞުރުތައް ފުރިހަމަވާނެކަމަށް ބޮޑަށް ބެލެވޭ މާއްދާއަކީ ދަޢުވާ އުފުލުމުގައި "އެންމެ ބޮޑަށް ރިޢާޔަތްކުރާ މާއްދާއޭ" ބުނުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައިވާ ޙައްޤުތަކަށް އިހުތިރާމުކޮށް، އެ ޙައްޤުތަކަށް ރައްކާތެރިވެ، ކުރިއެރުވުމަށްޓަކައި ކުރެވޭ ކަމެއް ކަމުގައި ނުވާނެއެވެ. (ޕެރ. 40)
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވުމަކީ ކުށުގެ ކޮންމެ ރުކުނެއް، އެކަށީގެންވާ ޝައްކެއްނެތި ސާބިތުވުމެވެ. (ޕެރ. 45)
ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް ކުރިމަތިވާނީ، ފެނުނުކަމަށް ބުނާ އައި.އީ.ޑީ އަކީ ގޮވުމުގެ ޤާބިލުކަން ލިބިފައިވާ ހަގީގީ އައި.އީ.ޑީ އެއް ކަމުގައި ވެގެންނެވެ. އެހެނީ އެއީ ކުޅޭކުޅޭ އައި.އީ.ޑީ އެއްނަމަ އެއިން ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ. (ޕެރ. 48)
އަސާސީ ޙައްޤަކާ ގުޅިފައިވާ ކަމެއްގައި، އެ އަސާސީ ޙައްޤު ލިބިދިނުމުގައި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ އަލީގައި މިނިވަން ދީމިގްރާތީ މުޖުތަމަޢުތަކުގައި އަމަލު ކުރާ އުސޫލުތަކަށް ބެލުމަކީ މުހިންމު ކަމެކެވެ. (ޕެރ. 51)
ވަކި ޚާއްޞަ ދާއިރާއަކުން ތަޢުލީމެއް ނުވަތަ ތަމްރީނެއް ނުވަތަ ތަޖުރިބާއެއް ލިބިފައިވާ މީހަކު، ޝަރީޢަތުގެ ކުރިމަތީގައި އޮތް ވާޤިޢާއަކާ ގުޅިގެން ދޭ ހެކިބަހަކީ ނުވަތަ ރައުޔަކީ ޚަބީރެއްގެ ހެކިބަހެއް ނުވަތަ ރައުޔެއް ކަމުގައި ބެލިދާނެއެވެ. (ޕެރ. 52)
ރާއްޖޭގައި ޚަބީރުންގެ ރައުޔު ޝަރީޢަތަށް ބަލައިގަތުމުގައި ޢަމަލު ކުރާ ގޮތަށް ރިޢާޔަތް ކުރާއިރު، ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ޝަރީޢަތުގެ މަޖިލީހެއްގައި ދެވޭ ހެކިބަހެއް، ނުވަތަ ރައުޔެއް ޚަބީރެއްގެ ހެކިބަހެއް ނުވަތަ ރައުޔެއްގެ ގޮތުގައި ބަލައިގަތުމުގައި، ހެކިބަސް އަދާކުރާ ނުވަތަ ރައުޔު ހާމަކުރާ މީހާގެ ކިބައިގައި ތަޢުލީމު ނުވަތަ ތަޖުރިބާ ހުރުމުން ފުދޭނެއެވެ. އަދި ޚަބީރެއްގެ ކިބައިގައި ހުރުން އެކަށީގެންވާ މިންވަރަށް ތަޢުލީމު ނުވަތަ ތަޖުރިބާ އެ މީހެއްގެ ކިބައިގައި ހުރިކަން ވަޒަންކުރާނީ އެކަންކަމާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ ކަންކަމުގެ އަލީގައި މައްސަލަ ބަލާ ފަނޑިޔާރެވެ. (ޕެރ. 54)
ޚަބީރަކު ތައްޔާރުކޮށްފައިވާ ރިޕޯޓަކުން ޝަރީޢަތަށް ހެކިބަސް ހޯދުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު ތަކެއްވެއެވެ. މި ކަންކަމުގެ ތެރޭގައި އެ ޚަބީރަކު ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށް، ހެކިބަސް ދިނުމުގެ ކުރިން ހުވާކުރުމާއި، މައްސަލައިގައި ހިމެނޭ ޚަޞްމުންނަށް ޝަރީޢަތުގެ މަޖިލީހުގައި ޚަބީރާ ސުވާލުކޮށް މުނާޤަޝާކުރުމުގެ ފުރުސަތު ކޯޓުން ދިނުން ހިމެނެއެވެ. (ޕެރ. 55)
ޚަބީރުންގެ ރިޕޯޓްތަކުގައި، ރިޕޯޓު ތައްޔާރު ކުރި ފަރާތުން ސޮއިކޮށް، ރިޕޯޓުގެ ޞައްޙަކަމާމެދު ސުވާލު ނުއުފެދޭ މިންވަރަށް މަޢުލޫމާތު ފުރިހަމަކުރުމަކީ މުހިންމު ކަމެކެވެ. (ޕެރ. 59)
ތަޙްލީލަކުން ނުވަތަ އެނޫންވެސް ބެލުމަކުން މެނުވީ ސާފު ނުވާނެ ކަމެއްގައި އެފަދަ ކަމަކަށް ބުރަވުމެއްނެތި، ޚަބީރަކު ބުނާ ވާހަކަތަކީ ބުރަދަނެއް ދެވޭނެ ވާހަކަތަކެއް ނޫނެވެ. (ޕެރ. 77)
ޚަބީރަކު ހެކިބަސް ދިނުމުގައި އަމިއްލަ ރައުޔަށްވުރެ އެ ޚަބީރަށް ދީފައިވާ އިރުޝާދެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުމާއި، އެ ޚަބީރުގެ ރައުޔަކީ ހަމައެކަނި އެ ޚަބީރުގެ ރައުޔެއް ނޫންކަން ދައްކަން މަސައްކަތް ކުރުމަކީ، ޚަބީރު ހެކިވަޒަންކުރުމުގައި، އަދި ހެކިބަސް ދިނުމުގައި އަމިއްލަ މިނިވަންކަން ނެތްކަން ދަލާލަތު ކޮށްދޭ ކަމެކެވެ. (ޕެރ. 82)
ގޮވާ ތަކެއްޗާ ގުޅޭ ތަޙްޤީޤުތަކާއި، އެތަކެތި ނައްތާލުމާއި، ނުގޮވާ ގޮތަށް ހެދުންފަދަ އެންމެހައި ކަންކަމަކީ، އެކަންކަމާ ގުޅިގެން ޖިނާއީ ދަޢުވާއެއް އުފުލިދާނެކަމަށް ބަލައި، ހެކި ރައްކާކުރުމުގެ މައްޗަށް ސަމާލުކަން ދީގެން ކުރިއަށް ގެންދެވޭ ކަންތައްތަކެއް ކަމުގައި ވާންޖެހޭނެއެވެ. (ޕެރ. 88)
ޖިނާއީ ދަޢުވާއެއް ކޯޓަށް ހުށަހެޅުމަށްފަހު އެ މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ނޫންކަމަށް ފެނިގެން ނުވަތަ އެ މައްސަލައަކީ އަލުން އެއްކޮށް އައު ތަޙްޤީޤެއް ހިންގަންޖެހޭ މައްސަލައެއް ކަމުގައި ފެނިއްޖެނަމަ، އެ މައްސަލަ އަލުން ތަޙްޤީޤު ކުރުމަށް އެންގުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ނުވަތަ އެނޫންވެސް ކަމާބެހޭ ޤާނޫނަކުން ކޯޓަށް ދީފައި ނުވެއެވެ. (ޕެރ. 99)
ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ އެ ނޫންގޮތަކުންވެސް އެ ފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރެދިނުމުގެ ބާރަކީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ ބާރެކެވެ. (ޕެރ. 101)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 04، 05 އަދި 06 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)، 51 ވަނަ މާއްދާގެ (އ)، 68 ވަނަ މާއްދާ އަދި 223 ވަނަ މާއްދާގެ (ޅ)
- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރު
- ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ މާއްދާގެ (އ)
- 2011/SC-A/34 (އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- Kennedy v Cordia (Services) LLP
- Rajan @ Ramu v. State of Kerala WP(c) 30976/2018
- Gudalure M.J. Cherian and Ors. v. Union of India (1992) 1 SCC 397
ފަނޑިޔާރުން
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/436 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ޠަލްޢަތު މުޙައްމަދު އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.
2މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
32015 ނޮވެމްބަރ 02 ވަނަ ދުވަހު އަޙްމަދު މަމްދޫޙް އާއި، މުޙައްމަދު ޢުބައިދު އިބްރާހީމް އާއި، ޒިހާން އަޙްމަދާއި، ޠަލްޢަތު މުޙައްމަދު، މި ހަތަރު މީހުން ބައިވެރިވެގެން "އިންޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް" (އައި.އީ.ޑީ) އެއް ހަދައި މުލީއާގެ ކައިރީގައި (ނޫރާނީ ގޯޅީގައި) ޕާކު ކޮށްފައި އޮތް ރަޖިސްޓްރީ ނަންބަރު AC2A P1103 ޕިކަޕުގެ ބެޓެރި މަތީގައި އެ އެތި ބާއްވާފައި އޮތް ކަމަށް ތުހުމަތުކޮށް ދައުލަތުން މި ހަތަރު މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލިއެވެ.
4ކްރިމިނަލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 132/Cr-C/2016 ޤަޟިއްޔާއިންނެވެ.
5މި ހަތަރު މީހުންގެ ތެރެއިން އަޙްމަދު މަމްދޫޙުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 06 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއެވެ. ޠަލްޢަތު މުޙައްމަދު ހިމެނޭ ގޮތުން ބާކީ ތިބި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ އެ ޤާނޫނުގެ 06 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
6މި މައްސަލައިގައި ދަޢުވާ އުފުލުނު ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ. އަދި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 06 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އަޙްމަދު މަމްދޫޙު 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވެއެވެ. އަދި އެ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ޢުބައިދު އިބްރާހީމްއާއި ޒިހާން އަޙްމަދުއާއި، ޠަލްޢަތު މުޙައްމަދު، 17 (ސަތާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ޚިލާފު އޮތް ވާޤިޢާ
7ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލުމުން އެންމެ ފުރަތަމަ އޮތް އަޑުއެހުމުގައި ޠަލްޢަތު މުޙައްމަދު ދަޢުވާއަށް އިންކާރު ކުރިއެވެ. ނަމަވެސް ދެވަނަ އަޑު އެހުމުގައި ދަޢުވާގައިވާ ގިނަ ކަންކަމާމެދު ތަފުސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. މި ވާހަކަ ތަކުގައި ދަޢުވާގައިވާ އައި.އީ.ޑީ އަކީ ޠަލްޢަތު މުޙައްމަދާއި ޒިހާން އަޙްމަދާ ދެ މީހުންވެގެން ހެދި އެއްޗެއް ކަމަށާއި، އެހެން އެއްވެސް މީހަކު އެ އެތި ހެދުމުގައި ބައިވެރިވެފައިނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ އެތި ބާއްވަން ދިޔަ ގޮތާއި އެކަމުގެ ތަފުސީލު އޭނާ ޝަރީއަތުގެ މަޖިލީހުގައި ބަޔާންކުރިއެވެ.
8ޠަލްޢަތު މުޙައްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ފާހަގަ ކުރެވެނީ ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް އުފުލި ދަޢުވާގައިވާ ވާޤިޢާތަކުގެ ތެރެއިން އައި.އީ.ޑީ އެއް ހެދިކަމަށް އިންކާރު ކުރުން ފިޔަވައި އެހެން ހުރިހާކަމަށް ޠަލްޢަތު މުޙައްމަދު އިޢުތިރާފުވާކަމެވެ.
9ޠަލްޢަތު މުޙައްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އައި.އީ.ޑީ އާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް ބަލާއިރު، މި ހާދިސާގައި ވާހަކަ ދެކެވޭ އައި.އީ.ޑީ އަކީ އަސްލު އެއްޗެއް ނޫންކަމާއި، އެއީ "ކުޅޭކުޅޭ"، "ފޭކު" އެއްޗެއްކަމަށް ބުނެފައިވެއެވެ.
10މި މައްސަލައިގައި ދަޢުވާ އުފުލުނު ފަރާތްތަކުން ދަޢުވާއަށް އިންކާރުކުރީ ކަމުގައި ބަލައި ދައުލަތުން ހެކި ހުށަހަޅާފައިވެއެވެ. މި ހެކިތަކުގެ ތެރެއިން ޠަލްޢަތު މުޙައްމަދާ ދެކޮޅަށް ބޭނުންކޮށްފައިވަނީ ދަޢުވާގައި ބަޔާންކޮށްފައިވާ އައި.އީ.ޑީ އަކީ އަސްލު އެއްޗެއްކަން ސާބިތުކޮށް ދިނުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހުށަހެޅި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ތައްޔާރުކޮށްފައިވާ "އެކްސްޕާޓް އޮޕީނިއަން" ރިޕޯޓާއި، އެ ރިޕޯޓާ ގުޅިގެން އެމް.އެން.ޑީ.އެފް ގެ ވޮރަންޓް އޮފިސަރ އަޙްމަދު ޚަލީލު ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހެވެ.
11މި މައްސަލައިގައި ކްރިމިނަލް ކޯޓުން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި ޠަލްޢަތު މުޙައްމަދުގެ ދިފާޢުގައި މި މައްސަލައިގައި ވާހަކަ ދެކެވޭ އައި.އީ.ޑީ އަކީ ކުޅޭކުޅޭ އެއްޗެއްކަން އޭނާއަށް ސާބިތުކޮށްދެވިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި އެ އައި.އީ.ޑީ އަކީ އަސްލު އެއްޗެއްކަން ސާބިތުވަނީ ކުރިން ބުނެވުނު އެކްސްޕާޓް އޮޕީނިއަން ރިޕޯޓާއި، އެ ރިޕޯޓާ ގުޅިގެން ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލުގެ ހެކިބަހުންކަން މައްސަލަ ނިންމުމުގައި ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
12ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2016 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ދެކިގެން ޠަލްޢަތު މުޙައްމަދުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
13ޠަލްޢަތު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފީ 11 (އެގާރަ) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާ މެދު ތަފުސީލުކޮށް ވާހަކަ ދައްކާފައިވެއެވެ. މި ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ މި މައްސަލައިގައި ޖިނާއީ މައްސަލައެއްގައި ކުށް ސާބިތު ކުރުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިނުވާއިރު، ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައަޅާފައި އޮތް އޮތުމުގެ މައްޗަށެވެ.
14ކްރިމިނަލް ކޯޓުގައި ޠަލްޢަތު މުޙައްމަދުގެ މައްޗަށް އުފުލުނު ދަޢުވާގައި ބުނާ އައި.އީ.ޑީ އަކީ އަސްލު އައި.އީ.ޑީ އެއްކަމާއި، މި މައްސަލައިގައި ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކުށް ސާބިތު ކުރުމުގައި ކްރިމިނަލް ކޯޓުން އެ ހެކިތަކެއްގެ މައްޗަށް ބަރޯސާވި ހެކިތަކަކީ އެއިގެ މައްޗަށް ބަރޯސާވެ ކުށް ސާބިތުކުރެވިދާނެ ހެކިތަކެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވެއެވެ. އަދި ކްރިމިނަލް ކޯޓުން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ހައިކޯޓުން ދަމަހައްޓާފައި ވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
15ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2016/HC-A/436 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ޠަލްޢަތު މުޙައްމަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އަންނަނިވި ތިން ނުކުތާ ފާހަގަކޮށްފައިވެއެވެ.
15.1 ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު2016/HC-A/436 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/34 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން ކްރިމިނަލް ކޯޓުން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވިއިރު، އެ ޢަމަލު ހިންގި ކަމުގެ ކުށް ސާބިތުވެގެން، އަޙްމަދު މަމްދޫޙުގެ މައްޗަށް އެ ކޯޓުން ކުރި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލު ކޮށްފައިވާ އިރު، އެ ސަބަބުތައް ޠަލްޢަތު މުޙައްމަދުގެ މައްސަލައިގައިވެސް ހުރީ ހަމަ އެފަދައިން ކަން ފާހަގަކޮށްފައިވެއެވެ.
15.2 ދެވަނަ ނުކުތާއަކީ، ޓެރަރިޒަމްގެ ޢަމަލެއްގައި ބައިވެރިވުމުގެ ޢުންޞުރުތައް ފުރިހަމަވެފައި ނުވަނީސް، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 04 ވަނަ މާއްދާއާއި 05 ވަނަ މާއްދާގެ އުސޫލުތަކަށް ރިޢާޔަތް ކުރުމަކާ ނުލައި މައްސަލައިގައި އެކަށީގެންވާ ޝައްކު އުފެދިފައިވަނިކޮށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރެވޭ މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
15.3 ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް ސާބިތުވެފައިވާ ހާމައަށް ފެންނަން އޮތް ޙަޤީޤަތްތަކަށް ރިޢާޔަތް ކުރުމަކާނުލައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޢަދުލުވެރިކަމުގެ މަބްދައާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުކުރެވޭ މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
16ޠަލްޢަތު މުޙައްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
16-1 ޓެރަރިޒަމްގެ ޢަމަލު ހިންގި ފަރާތުގެ މައްޗަށް ދަޢުވާ ސާބިތުނުވި ނަމަވެސް އެ ޢަމަލު ހިންގުމުގައި ބައިވެރިވިކަން ސާބިތުކޮށް ދެވިއްޖެނަމަ، ބައިވެރިވި ފަރާތުގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ސާބިތު ކުރެވިދާނެކަމަށާއި އަދި މިއީ ޖިނާއީ މައްސަލަތަކުގައި ޢަމަލު ކުރެވޭ އުސޫލެއްކަން ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ މާއްދާގެ (އ) އިން އެނގޭކަމަށާއި، އަދި މި މައްސަލައަށް ބަލާއިރު، އަޙްމަދު މަމްދޫޙުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ދަޢުވާއަށް އޭނާ އިންކާރުކޮށް، އޭނާގެ ދިފާޢުގައި ހެކިން ހުށަހަޅާފައިވާއިރު، ޠަލްޢަތު މުޙައްމަދު ކުށަށް އިޢުތިރާފުވެފައިވާއިރު، ދިފާޢުގައި ހެކި ހުށަހަޅާފައި ނުވާކަމަށާއި، އަދި ޠަލްޢަތު މުޙައްމަދު ކުރި ޢަމަލުގައި ބައިވެރިވެފައިވަނީ ޒިހާން އަޙްމަދު އެކަނިކަމުގައި ކްރިމިނަލް ކޯޓުގައި ބުނެފައިވާކަމަށާއި، ވުމާއެކު، އަޙްމަދު މަމްދޫޙުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ކަންކަން މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަން.
16-2 މި މައްސަލައިގައި ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައެޅި މައިގަނޑު އަސާސަކީ މި މައްސަލައިގައި ހިމެނޭ އިތުރު މީހަކާ ބައިވެރިވެގެން އައި.އީ.ޑީ އެއް ތައްޔާރުކޮށް، އެ އެތި މުލިއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރި މަތީގައި ބާއްވާފައިވާކަމަށް ވެފައިވާ އިޢުތިރާފު ކަމާއި، އަދި މި އިޢުތިރާފާ ގުޅުވާލެވޭ އިތުރު ހެއްކާއި ޤަރީނާ އެ ކޯޓަށް ހުށަހެޅުނުކަމަށާއި މި ގޮތުން މި މައްސަލައާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކްޕްލޯސިވް އޯޑަންސް ޑިސްޕޯސަލް ޔުނިޓްގެ ޕްރެސިޑެންޝަލް ސެކިއުރިޓީ ޑިވިޝަނުން ތައްޔާރުކޮށްފައިވާ "އެކްސްޕާޓް އޮޕީނިއަން ރިޕޯޓު"ގައި މި އައި.އީ.ޑީ ގެ ތަފުސީލުތައް ހިމެނިފައިވާކަމާއި، އަދި މި ރިޕޯޓާ ގުޅިގެން ތަފުސީލުކޮށް އެމް.އެން.ޑީ.އެފް ގެ ވޮރަންޓް އޮފިސަރ އަޙްމަދު ޚަލީލު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާކަމާއި އަދި މި ރިޕޯޓާއި، ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލުގެ ހެކިބަހުން މި ހާދިސާގައި ފެނުނު އައި.އީ.ޑީ އަކީ އަސްލު އެއްޗެއްކަމާއި، ގޮވުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެއްކަން އެނގޭކަން.
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
17ޠަލްޢަތު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަމުގައި ނިންމުންތައް ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމަންޖެހެއެވެ.
17-1 ޓެރަރިޒަމްގެ ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެގެން، އަޙްމަދު މަމްދޫޙުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލު ކޮށްފައިވާ ސަބަބުތައް ޠަލްޢަތު މުޙައްމަދުގެ މައްސަލައިގައި ހަމަ އެފަދައިން ހުރިއިރު ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކުރި ޙުކުމް ހައިކޯޓުން ދެމެހެއްޓުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުން އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވެފައިވާކަން ނުވަތަ ނޫންކަން.
17-2 ޠަލްޢަތު މުޙައްމަދުގެ މައްޗަށް ދަޢުވާކުރުމުގައި ކުށުގެ ޢުންޞުރުތައް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 04 ވަނަ މާއްދާއާއި 05 ވަނަ މާއްދާގެ އުސޫލުތަކަށް ރިޢާޔަތް ކޮށްފައިވާކަން ނުވަތަ ނޫންކަން.
17-3 އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާކަން ނުވަތަ ނޫންކަން.
18ޠަލްޢަތު މުޙައްމަދުގެ ފަރާތުން ހުށަހެޅި ތިންވަނަ އިސްތިއުނާފީ ނުކުތާގެ ތަފުސީލުގައި ހާމަކޮށްފައިވަނީ އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި، ދެވަނަ ނުކުތާގެ ތަފުސީލުގައި ޠަލްޢަތު މުޙައްމަދުގެ ފަރާތުން ފާހަގަކުރި ތަފުސީލުތައް ކަމުގައިވާތީ އެ ދެ ނުކުތާއާމެދު ގޮތެއް ކަނޑައެޅުމުން އިސްތިއުނާފީ ތިންވަނަ ނުކުތާއާމެދު ގޮތެއް ކަނޑައެޅިގެންދާނެ ކަމުގައި ދެކެމެވެ.
ކުށްކުރި މީހާގެ ޙުކުމް ބާޠިލުކުރުމާއި، ކުށުގެ ޢަމަލުގައި ބައިވެރިވި މީހާގެ ޙުކުމް ދެމެހެއްޓުން
19ޠަލްޢަތު މުޙައްމަދުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ޠަލްޢަތު މުޙައްމަދު ފާހަގަކުރަނީ، އޭނާގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ ޓެރަރިޒަމްގެ ޢަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކަމުގައިވެފައި، މި ޙާދިސާގައި ޓެރަރިޒަމްގެ ޢަމަލު ހިންގިކަމުގެ ކުށް ސާބިތުވި، އަޙްމަދު މަމްދޫޙުގެ މައްޗަށް ކުރި ޙުކުމް ހައިކޯޓުން ބާޠިލުކޮށްފައިވާތީ، ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޙުކުމްވެސް ބާޠިލު ކުރަންޖެހޭނެކަމަށެވެ. ސަބަބަކީ، ދެ މީހުންގެ މައްޗަށް ހިންގާފައިވަނީ އެއް ތަޙްޤީޤެއް ކަމަށާއި، ދަޢުވާ ކޮށްފައިވަނީ އެއް ހާދިސާއެއްގައި ކަމަށާއި، ދެ މީހުންނާ ދެކޮޅަށް ހުށަހެޅިފައިވަނީ އެއް ހެކިތަކެއް ކަމުގައިވާތީއެވެ. އަދި މި ހާލަތުގައި ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ދެމެހެއްޓުމަށް ނިންމުމަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ފާހަގަކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
20ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި "މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް" އަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެ ކަމަށެވެ.
21އަދި ޠަލްޢަތު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން ފާހަގަ ކުރަނީ އެ ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 06 ވަނަ ނުކުތާގައި ބަޔާންވެފައިވާ، "... ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި، އެ ދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމީ އިސްތިޤުރާރުވެފައިވާ ޖިނާއީ މަބްދައެއްކަން ފާހަގަ ކުރެވެއެވެ." މި ޢިބާރާތަށެވެ.
22އެއް ހާދިސާއަކާ ގުޅިގެން އެއް ތަހުގީގެއް ހިންގައި އެ ތަހުގީގުގެ ހޯދުންތަކުގެ މައްޗަށް ކުށް ކުރި މީހާއާއި އެ ކުށުގައި ބައިވެރިވާ މީހުންގެ މައްޗަށް ދަޢުވާ އުފުލަންޖެހޭ ހާލަތު މެދުވެރިވެދާނެއެވެ. އަދި އިސްތިއުނާފު ކުރެވިފައިވާ މައްސަލައެކޭ އެއްފަދައިން މި ފަދަ ހާލަތެއްގައި އެ ހުރިހައި މީހުންގެ މައްޗަށް އެކުއެކީގައި ޝަރީޢަތް ހިންގައި މައްސަލަ ނިންމިދާނެއެވެ.
23HN1ޖިނާއީ މައްސަލަތަކަކީ، އެ މައްސަލަތަކުގައި ކުށް ސާބިތުވެ ކަނޑައެޅޭ ޢުޤޫބާތް ފަރުދީގޮތުން ކުށް ސާބިތުވާ ކޮންމެ މީހަކު އުފުލަންޖެހޭ މައްސަލަތަކެކެވެ. އަދި ޖިނާއީ މަސްއޫލިއްޔަތު ބިނާވާނީ ތުހުމަތު ކުރެވޭ ފަރާތުގެ ޢަމަލާއި، ނިޔަތް ނުވަތަ މަޤުޞަދަށް ކަމުގައިވާއިރު، މި ކަންކަމުގެ މައްޗަށާއި، މި ނޫންވެސް އެހެނިހެން ކަންކަމަށް ރިޢާޔަތް ކުރުމާއެކު، އެއް ހާދިސާއެއްގައި ހިމެނޭ ބައެއްގެ މައްޗަށް ކުށް ސާބިތުވާ ގޮތް ތަފާތުވުމުގެ އިތުރުން، ކުށް ސާބިތުވާ ހާލަތުގައި އަންނާނެ އަދަބު ތަފާތުވުން އެކަށީގެންވެއެވެ.
24HN2މި ސަބަބުތަކަށްޓަކައި، ޖިނާއީ ކުށުގެ ދަޢުވާ އުފުލޭ ކޮންމެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި އެ މީހަކާ ދެކޮޅަށް ހުށަހެޅިފައިވަނީ ކޮން ހެކިތަކެއްކަމާއި، އެ ހެކިތަކުން އެ މީހާއާ ދެކޮޅަށް ލިބޭ ހެކީގެ ބުރަދަން ވަޒަންކޮށް، ދަޢުވާ އުފުލިފައިވާ މީހާގެ ނިޔަތް ދެނެގަންނަން ޖެހެއެވެ. މި އުސޫލުން، ވަޒަންކޮށް ކުށް ސާބިތުވާކަން ކަނޑައެޅުމުގައި، އެއް ހާދިސާއަކާ ގުޅިގެން ގިނަ ބައެއްގެ މައްޗަށް ދަޢުވާކުރެވުނު ނަމަވެސް އެ ހުރިހާ އެންމެންގެ މައްޗަށް ކުށް ސާބިތު ވުމާއި، ނުވުމުގެ އިހުތިމާލު އޮންނާނެއެވެ.
25HN3ނަމަވެސް، އެއް ހާދިސާއެއްގައި ދަޢުވާލިބޭ ހުރިހާ އެންމެންގެ މައްޗަށް ލިބިފައިވާ ވަކި ހެއްކެއް ބަލައި ނުގަތުމަށް ނިންމައިފިނަމަ، އެ ކަމުގެ ސަބަބުން ދަޢުވާލިބޭ ހުރިހާ ފަރާތްތަކަށް ހަމަހަމަކޮށް މަންފާ ލިބިދާނެއެވެ. މިސާލަކަށް ޤާނޫނާ ޚިލާފަށް ރެކޯޑު ކޮށްފައިވާ ފޯނުކޯލެއް ފަދަ ހެއްކަކުން ދަޢުވާލިބޭ ހުރިހާ އެންމެންގެ މައްޗަށް ކުށް ސާބިތުކުރުމަށް ހެކި ލިބުނު ނަމަވެސް، އެ ހެކި ބަލައި ނުގަތުމަށް ނިންމައިފިނަމަ، އެ ހުރިހާ ފަރާތްތަކަށް އެކަމުގެ މަންފާ ލިބިގެންދާނެއެވެ.
26ގިނަ ބައެއްގެ މައްޗަށް އެކުގައި ދަޢުވާ ކުރެވޭ ހާލަތުގައި ދަޢުވާ ލިބޭ ކޮންމެ މީހަކާ ދެކޮޅަށް ހުށަހެޅޭ ހެކިތައް ވަޒަން ކުރަންޖެހޭ އުސޫލަކީ، މިހާރު ޢަމަލު ކުރެވެމުންދާ ޤާނޫނުލްޢުޤުބާތުގެ 30 ވަނަ މާއްދާގެ (އ) ގައިވެސް ބަޔާންވެފައިވާ އުސޫލެކެވެ. އެ އަކުރުގައި ބަޔާންވެފައިވަނީ "އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާ ހުރެ، ކުށްކުރި މީހެއްގެ މައްޗަށް ކުށުގެ ދަޢުވާ ސާބިތު ނުކުރެވުނުކަމަށް ވީ ނަމަވެސް، އެ ކުށުގެ ޢަމަލު ހިންގާފައިވާކަމުގެ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް، އަދި އެ ކުށްކުރުމުގައި އެހީތެރިވެދިންކަމުގެ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް، އެ ކުށްކުރުމުގައި އެހީތެރިވެދިން މީހަކުގެ މައްޗަށް ކުށް ސާބިތުކުރެވިދާނެއެވެ." މި ފަދައިންނެވެ. މި އުސޫލު ފާހަގަކޮށްފައި މިވަނީ ބަހުސްގެ ބޭނުމަށްޓަކައި ރާއްޖޭގައި ޢަމަލުކުރާ ކަމާ ގުޅޭ އުސޫލެއް އޮތްކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. މި ހާދިސާ ހިނގިއިރު، ޤާނޫނުލްޢުޤޫބާތަށް ޢަމަލު ކުރަން ނުފަށައެވެ.
27މި އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މި ހާދިސާގައި ޓެރަރިޒަމްގެ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލާފައިވަނީ އަޙްމަދު މަމްދޫޙުގެ މައްޗަށެވެ. ޠަލްޢަތު މުޙައްމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
28ދަޢުވާ އުފުލުމުން އަޙްމަދު މަމްދޫޙްވަނީ ދަޢުވާއަށް އިންކާރުކޮށް އޭނާގެ ދިފާޢުގައި ހެކިން ހުށަހަޅައި ދިފާޢުގައި ގިނަ ވާހަކަތަކެއް ދައްކާފައެވެ. މިއާ ޚިލާފަށް ޠަލްޢަތު މުޙައްމަދު ވަނީ ދަޢުވާގެ ބައިތަކަކަށް އިޢުތިރާފުވެފައެވެ. ހަމައެކަނި ޠަލްޢަތު މުޙައްމަދު އިންކާރުކުރަނީ މި ހާދިސާގައި ފެނުނު އެއްޗަކީ ގޮވާ އެއްޗެއް ކަމަށް ދައުލަތުން ބުނާ ބުނުމަށެވެ.
29އަޙްމަދު މަމްދޫޙްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައެޅި ނަމަވެސް، އަޙްމަދު މަމްދޫޙްގެ މައްޗަށް އުފުލުނު ދަޢުވާގައިވާ ކުށް އޭނާ ކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ސީދާ ނުވަތަ ނުސީދާ ހެއްކެއްވެސް ނެތްކަން ތަފުސީލާއެކު ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ.
30އަޙްމަދު މަމްދޫޙްއާ ޚިލާފަށް، ޠަލްޢަތު މުޙައްމަދާ ދެކޮޅަށް ލިބިފައިވާ ހެކި ހައިކޯޓުން ވަޒަން ކޮށްފައިވެއެވެ. އަދި އެ ވަޒަން ކުރުމުގެ މައްޗަށް އައި ނަތީޖާއަކީ ކްރިމިނަލް ކޯޓުން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމި ނިންމުމަށް ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ތާއީދު ކުރުންކަން އެނގެއެވެ.
31HN4ވުމާއެކު، އަޙްމަދު މަމްދޫޙުގެ މައްޗަށް ކުށް ސާބިތު ނުވުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، އެ ފަދައިން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާން ނުޖެހޭނެ ކަމަށް ބެލުމަށް އޮތް ޤާނޫނީ ހުއްޖަތެއް ނޫނެވެ. އަދި އެކަމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގައި ބުނެފައިވާ ޙާލަތަށް ފެތޭ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ.
ކުށުގެ އުންޞުރުތައް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން
32މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޠަލްޢަތު މުޙައްމަދުގެ ފަރާތުން ފާހަގަކުރާ އެއްކަމަކީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައެޅިއިރު، އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާގައި ބުނާ ކުށުގެ އުންޞުރުތައް ފުރިހަމަވެފައިނުވާ ކަމަށެވެ. އަދި މިކަން އޭނާގެ ފަރާތުން ހައިކޯޓުގައި ފާހަގަ ކުރިކަމަށާއި، ނަމަވެސް ކްރިމިނަލް ކޯޓެކޭ އެއްފަދައިން ހައިކޯޓުންވެސް މިކަމަށް ރިޢާޔަތް ކޮށްފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ.
33ޠަލްޢަތު މުޙައްމަދުގެ ފަރާތުން މި ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަ ކުރުމުން އެ ކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލިފައިވާ މާއްދާ ސާފުކޮށް ދިނުމުގެ ގޮތުން ދައުލަތުގެ ވަކީލު ދެއްކި ވާހަކަތަކަށް ޙަވާލާދީ ޠަލްޢަތު މުޙައްމަދުގެ މައްޗަށް ދަޢުވާ އުފުލުން ޤާނޫނީ ގޮތުން ރަނގަޅު ކަމުގައި ނިންމާފައިވެއެވެ.
34ޠަލްޢަތު މުޙައްމަދު ހިމެނޭހެން މި ހާދިސާގައި ދައުލަތުން އުފުލި ދަޢުވާގައި ދަޢުވާ ކުރާ ސަބަބު ތަފުސީލު ކުރަމުން ބުނެފައިވަނީ، "02 ނޮވެމްބަރު 2015 ވަނަ ދުވަހު މި ހަތަރު މީހުން ބައިވެރިވެގެން އައި.އީ.ޑީ (އިންޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް) އެއް ހަދައި، ކ. މާލެ، […] ކައިރީގައި (ނޫރާނީ ގޯޅީގައި) ޕާކުކޮށްފައި އޮތް ރަޖިސްޓްރީ ނަންބަރު AC2A P1103 ޕިކަޕުގެ ބެޓެރިމަތީގައި އެ އައި.އީ.ޑީ ބާއްވާފައިވާތީ،" މި ދަޢުވާ ކުރާ ކަމުގައެވެ.
35ދައުލަތުގެ ފަރާތުން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 06 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ. އަދި އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ޓެރަރިޒަމްގެ ޢަމަލު" ބުނެ ދިނުމުގައި އެ ޤާނޫނުގެ 05 ވަނަ މާއްދާގެ ވަކި ނަންބަރެއް ދަޢުވާ ޞީޣާގައި ބޭނުންކޮށްފައި ނުވެއެވެ.
36ދަޢުވާ އުފުލުމުގައި ހުރި އުނިކަންކަމާމެދު މި ހާދިސާގައި އެކުއެކީގައި ދަޢުވާކުރެވުނު ފަރާތްތަކުގެ ވަކީލުން ފާހަގަ ކުރި ކަންކަމާމެދު ކްރިމިނަލް ކޯޓުގައި ވާހަކަ ދައްކަމުން ދައުލަތުން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ދަޢުވާކުރުމުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 04 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙަވާލާދެނީ 02 ވަނަ ނަންބަރަށް ކަމުގައި ބުނެފައިވެއެވެ. އަދި 05 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުން ފެށިގެން 07 ވަނަ ނަންބަރާ ހަމައަށް ހުރި ކަންތައްތައް ދައުލަތުން ރިޢާޔަތްކުރާ ކަމުގައި ދައުލަތުގެ ވަކީލު ބުނެފައިވެއެވެ. އަދި މި ފަދައިން ބަޔާން ކުރުމަށްފަހު، "އެހެންވީމާ ޚާއްޞަކޮށް 07 ވަނަ މާއްދާގައި މި އޮތް އެއްޗަށް ބަލާއިރުގަވެސް ޢާންމުން ނުވަތަ ޢާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން.." މި ފަދައިން ބުނެފައިވެއެވެ.
37ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުން ފެށިގެން 07 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންވެފައި ހުރީ ތަފާތު ޓެރަރިޒަމްގެ ޢަމަލުތަކެވެ. އެއިން ކޮންމެ ޢަމަލެއް ފުރިހަމަވުމުގައި ތަފާތު ޢުންޞުރުތަކެއް ފުރިހަމަވާންޖެހޭނެއެވެ. ދައުލަތުގެ ވަކީލު، ޠަލްޢަތު މުޙައްމަދު ކުރިކަމަށް ބެލެވޭ ޓެރަރިޒަމްގެ ޢަމަލު ފެތޭ ނަންބަރު ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާއިން ސާފުކޮށް ބުނެދީފައިވާ ކަމުގައި ނުދެކެމެވެ.
38އަދި ކްރިމިނަލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރު، ޠަލްޢަތު މުޙައްމަދުގެ މައްޗަށް ދަޢުވާ ކުރެވިފައިވާ ޢަމަލު ފެތެނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ޓެރަރިޒަމްގެ ޢަމަލުތަކުގެ ތެރެއިން ކޮން ޢަމަލަކަށްކަން ބަޔާންކޮށްފައިނުވެއެވެ. މީގެ އިތުރުން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ ޢަމަލު ހިންގުމުގެ މަޤުޞަދަކީ ކޮބައިކަން ބުނެދިނުމަށްޓަކައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 04 ވަނަ މާއްދާއަށް ޙަވާލާދީފައި ވީނަމަވެސް، 04 ވަނަ މާއްދާގެ (ހ) ގެ ވަކި ނަންބަރަކަށް އެ މަޤުޞަދު ފައްތާފައި ނުވެއެވެ.
39HN5ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 04 ވަނަ މާއްދާއާއި 05 ވަނަ މާއްދާއާއި، އަދި ކުށާއި އަދަބު ބަޔާންކުރާ 06 ވަނަ މާއްދާ އެކުއެކީ ކިޔާލުމުން މި ޤާނޫނުގެ ދަށުން ދަޢުވާ ކުރުމުގައި 05 ވަނަ މާއްދާގެ (ހ) ގެ ނަންބަރު ތަކުގައި ބަޔާންވެފައިވާ ޓެރަރިޒަމްގެ ވަކި ޢަމަލަކަށް ނުވަތަ ޢަމަލު ތަކަކަށް ޙަވާލާ ދޭންޖެހޭނެ ކަމުގައި ދެކެމެވެ. ސަބަބަކީ 04 ވަނަ މާއްދާގައިވާ މަޤުޞަދެއް ހާސިލުކުރުމުގައި، (mens rea) އެ މަޤުޞަދާ ގުޅުވާ ޢަމަލުތަކަކީ (actus reus) 05 ވަނަ މާއްދާގައި ބުނާ ޢަމަލުތައް ކަމުގައި އެ މާއްދާގައި ބަޔާންވެފައި ވުމެވެ. އަދި 06 ވަނަ މާއްދާގައި ކުށް ބަޔާންކުރުމުގައި ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ޙަވާލާދީފައިވަނީވެސް 05 ވަނަ މާއްދާގައި ބަޔާންވެފައިވާ ޢަމަލުތަކަށެވެ.
40HN6HN7އަހުރެންވެސް އެއްބަހެވެ. އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައިވާ ހާދިސާ ހިނގާފައިވަނީ އަދި އެ ހާދިސާއާ ގުޅިގެން ދަޢުވާ ކުރެވިފައިވަނީވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިންނެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ކުރިން ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުމުގައި ދަޢުވާ ވަކި ގޮތަކަށް އޮތުން ލާޒިމުކުރާ ނުވަތަ ދަޢުވާގައި ކޮންމެހެން ހިމެނެންޖެހޭ ބައިތައް ތަފުސީލުކޮށް ބަޔާންކޮށްފައިވާ ޤާނޫނެއް ނެތެވެ. ނަމަވެސް، އެފަދަ ދަޢުވާއެއް އޮންނަން ޖެހޭނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންވެފައިވާ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް އޭގެ އެންމެ ފުރިހަމައަށް ލިބިދެވޭނެ ފަދައަކުންނެވެ. އެއްވެސް ޙާލަތެއްގައި ދަޢުވާ އުފުލުމަށްފަހު، ހެކިންގެ ހެކިބަހުން ސާބިތުވާނެކަމަށް ލަފާކުރެވޭ ޤާނޫނީ މާއްދާތަކަކަށް ރިޢާޔަތްކޮށް، އެ މާއްދާތަކުގެ ދަށުން ޢުންޞުރުތައް ފުރިހަމަނުވާނެހެން ލަފާކުރެވޭ މާއްދާތައް އެއްފަރާތްކޮށް، ޢުންޞުރުތައް ފުރިހަމަވާނެކަމަށް ބޮޑަށް ބެލެވޭ މާއްދާއަކީ ދަޢުވާ އުފުލުމުގައި "އެންމެ ބޮޑަށް ރިޢާޔަތްކުރާ މާއްދާއޭ" ބުނުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައިވާ ޙައްޤުތަކަށް އިހުތިރާމުކޮށް، އެ ޙައްޤުތަކަށް ރައްކާތެރިވެ، ކުރިއެރުވުމަށްޓަކައި ކުރެވޭ ކަމެއް ކަމުގައި ނުވާނެއެވެ.
41ވުމާއެކު، ޠަލްޢަތު މުޙައްމަދުގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ޓެރަރިޒަމްގެ ޢަމަލެއްގައި ބައިވެރިވުމުގައި، ބައިވެރިވި ޓެރަރިޒަމްގެ ޢަމަލަކީ ކޮބައިކަން، އަދި އެ ޢަމަލު ހިންގުމުގެ މަޤުޞަދަކީ ކޮން މަޤުޞަދެއްކަން ކަނޑައެޅުމުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 04 ވަނަ މާއްދާއާއި 05 ވަނަ މާއްދާގެ އުސޫލުތަކަށް ރިޢާޔަތް ކޮށްގެން ކަމުގައި ނުދެކެމެވެ. އަދި މި ސަބަބުތައް މިހެން ހުރުމުން ހައިކޯޓުން މި ނުކުތާގައި ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައިވެސް ނުދެކެމެވެ.
އެކަށީގެންވާ ޝައްކެއްނެތި ކުށް ސާބިތުވުން
42ޠަލްޢަތު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް އިސްތިއުނާފު ކުރަމުން ފާހަގަކޮށްފައިވާ ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި އޭނާ ކުށް ކުރިކަމާމެދު އެކަށީގެންވާ ޝައްކު އުފެދިފައިވަނިކޮށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރެވޭ މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
43މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ތަފުސީލުކޮށް ކްރިމިނަލް ކޯޓުގައި ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލު ދީފައިވާ ހެކިބަހަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުނު އެކްސްޕާޓް އޮޕީނިއަން ރިޕޯޓަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ.
44މި ނުކުތާގެ ތަފުސީލުގައި ޠަލްޢަތު މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވަނީ މި ހާދިސާގައި ފެނުނުކަމަށް ބުނާ އައި.އީ.ޑީ އަކީ ގޮވުމުގެ ގާބިލުކަން ލިބިފައިވާ ހަގީގީ އައި.އި.ޑީ އެއް ކަމާމެދު ޝައްކު އުފެދިފައިވާއިރު، އެކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވާކަމަށެވެ. އަދި އެ އައި.އީ.ޑީ އަކީ އަސްލު އައި.އީ.ޑީ އެއްކަމަށް ބަޔާންކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު އެކްސްޕާޓް އޮޕީނިއަން ރިޕޯޓާއި، އެ ރިޕޯޓާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާ ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލުގެ ހެކިބަހަކީ މިކަމުގައި އުފެދޭ ޝައްކުތައް ފިލުވައިދެވޭ ފަދަ ހެކިބައެއް ނޫންކަމުގައި ޠަލްޢަތު މުޙައްމަދު ފާހަގަ ކުރެއެވެ. މި ގޮތުން ޠަލްޢަތު މުޙައްމަދު މައިގަނޑު ގޮތެއްގައި ފާހަގަ ކުރާ ކަންކަން ތިރީގައި މިވަނީއެވެ.
44-1 އެކްސްޕާޓް އޮޕީނިއަން ރިޕޯޓު ތައްޔާރުކުރި އަސްލު ފަރާތަކީ ކޮބައިކަން ނޭނގުން.
44.1-1 މި ނުކުތާގެ ތަފުސީލުގައި އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގައި ކްރިމިނަލް ކޯޓުގައި މި ރިޕޯޓާމެދު ހެކިބަސް ދީފައިވާ ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލު ސޮއިކޮށްފައި ނުވާކަމަށާއި، މި ރިޕޯޓުގައި ސޮއިކޮށްފައިވަނީ ކޮމާންޑިން އޮފިސަރ ކާނަލް އިބްރާހީމް ރަޝީދުކަން ޠަލްޢަތު މުޙައްމަދު ފާހަގަކުރެއެވެ.
44.1-2 މީގެ އިތުރުން މި ރިޕޯޓާމެދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން މި ރިޕޯޓަކީ އަޙްމަދު ޚަލީލު ބައިވެރިވެގެން ހެދި ރިޕޯޓެއްކަމުގައި ފާހަގަކުރިއިރު، މި ރިޕޯޓުގައި ރިޕޯޓު ތައްޔާރުކުރި މީހުންގެ ގޮތުގައި އަޙްމަދު ޚަލީލުގެ އިތުރުން ސަރޖެންޓް ފަސްޓްކްލާސް ޒަކަރިއްޔާ ޒަހީންގެ ނަން އޮތްނަމަވެސް، ޒަކަރިއްޔާ ޒަހީންގެ ހެކިބަސް ކްރިމިނަލް ކޯޓުން ނަގާފައި ނުވާކަމުގައި ޠަލްޢަތު މުޙައްމަދުގެ ފަރާތުން ފާހަގަކުރެއެވެ. އަދި މިހެންވުމުން މި ރިޕޯޓު ތައްޔާރުކުރި އަސްލު ފަރާތަކީ ޒަކަރިއްޔާ ޒަހީން ކަމުގައިވުން އެކަށީގެންވާ ކަމަށާއި، ކަންމިހެން ހުރިއިރު، މި ރިޕޯޓު ތައްޔާރުކުރި ފަރާތަކީ ކޮންފަރާތެއްކަން ޔަޤީންކަމާއެކު ރިޕޯޓުން އެނގެން ނެތްކަން ޠަލްޢަތު މުޙައްމަދުގެ ފަރާތުން ފާހަގަ ކުރެއެވެ.
44-2 ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލުގެ ހެކިބަހުން އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގެ މިޞްދާޤިއްޔަތު (Credibility) ގެއްލިފައިވުމާއި، ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލުގެ ތެދުވެރިކަމާއި ޢަދުލުވެރިކަމާމެދު ސުވާލު އުފެދުން.
44.2-1 މި ނުކުތާގެ ތަފުސީލުގައި އެކްސްޕާޓް އޮޕީނިއަން ރިޕޯޓު ތައްޔާރުކުރި ފަރާތަކީ ކޮން ފަރާތެއްކަން ކަށަވަރު ނުވުމާއި، އައި.އީ.ޑީ ގައި ހިމެނޭ ބައިތަކާމެދު (އައި.އީ.ޑީ ގައިވާ ސްވިޗާއި، މަދަރބޯޑާއި، ގޭސް ޓިއުބުތަކާއި، މެއިން ޗަރޖުގެ ގޮތުގައި ބޭނުންކޮށްފައިވާ އެތި) އަޙްމަދު ޚަލީލު ދައްކާފައިވާ ވާހަކަތަކާއި، އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގައި ހުރިކަންކަމާ ގުޅިގެން އުފެދޭ ސުވާލުތައް ޠަލްޢަތު މުޙައްމަދު ފާހަގަކޮށްފައިވެއެވެ.
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވުން
45HN8އެކީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވުމަކީ ކުށުގެ ކޮންމެ ރުކުނެއް، އެކަށީގެންވާ ޝައްކެއްނެތި ސާބިތުވުމެވެ.
46ޠަލްޢަތު މުޙައްމަދުގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައި މިވަނީ އައި.އީ.ޑީ އެއް ހަދައި، މުލިއާގެ ކައިރީގައި (ނޫރާނީ ގޯޅީގައި) ޕާކުކޮށްފައި އޮތް ރަޖިސްޓްރީ ނަންބަރު AC2A P1103 ޕިކަޕުގެ ބެޓެރިމަތީގައި އެ އައި.އީ.ޑީ ބާއްވާފައިވާތީއެވެ. އަދި ދަޢުވާކުރެވޭ ޤާނޫނީ މާއްދާތަކުގެ ތަފުސީލު ހާމަކުރަމުން މި ދަޢުވާ ކުރެވިފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 04 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރަށް ރިޢާޔަތް ކުރެވިގެން ކަމުގައި ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ ހުރިހާ ނަންބަރުތަކަށް އަދި ވަކިން "ޚާއްޞަކޮށް" 07 ވަނަ ނަންބަރަށް ރިޢާޔަތް ކުރެވިގެން ކަމުގައި ދައުލަތުން ފާހަގަކޮށްފައިވާތީ، ބަހުސްގެ ބޭނުމަށްޓަކައި ޠަލްޢަތު މުޙައްމަދުގެ މައްޗަށް ތުހުމަތުކުރާ ކުށް ބަޔާންކުރާ މާއްދާއަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ 07 ވަނަ ނަންބަރު ކަމުގައި ބަލާނަމެވެ.
47ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ 07 ވަނަ ނަންބަރުގައި ބަޔާންވެފައިވާ ޓެރަރިޒަމްގެ ޢަމަލަކީ، "ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް ކުރިމަތި ކުރުވުން" އެވެ.
48HN9ޠަލްޢަތު މުޙައްމަދުގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ ޞީޣާއަށާއި، ދަޢުވާ ކުރުމުގައި ރިޢާޔަތްކުރިކަމުގައި ބެލެވޭ މާއްދާއަށް ބަލާއިރު، ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް މި މައްސަލައިގައި ކުރިމަތިވާނީ މި ހާދިސާގައި ފެނުނުކަމަށް ބުނާ އައި.އީ.ޑީ އަކީ ޠަލްޢަތު މުޙައްމަދު ބުނާ ބުނުމާ ޚިލާފަށް ގޮވުމުގެ ޤާބިލުކަން ލިބިފައިވާ ހަގީގީ އައި.އީ.ޑީ އެއް ކަމުގައި ވެގެންނެވެ. އެހެނީ އެއީ ކުޅޭކުޅޭ އައި.އީ.ޑީ އެއްނަމަ އެއިން ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ.
49މި ހާދިސާގައި ފެނުނުކަމަށް ބުނާ އައި.އީ.ޑީ އަކީ ގޮވާ އެއްޗެއް ކަމުގައި ދެ މަރުޙަލާއިން ނިންމާފައިވަނީ، އެކަމާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅުނު އެކްސްޕާޓް އޮޕީނިއަން ރިޕޯޓާއި، އެ ރިޕޯޓާ ގުޅިގެން ޚަބީރެއްގެ ގޮތުން ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލު ދީފައިވާ ހެކިބަހުގެ މައްޗަށް ކަމަށްވާތީ، ދެން މި ބަލާލަނީ ޚަބީރުންނަކީ ކޮބައިކަމާއި، ޚަބީރުންގެ ހެކިބަސް ކޯޓުން ބަލައިގަތުމުގައި ޢަމަލުކުރާ އުސޫލުތަކަށެވެ. އަދި އެއަށްފަހު، އެ އުސޫލުތަކަށް މި މައްސަލައިގެ ވާޤިޢާތައް ތަޠުބީޤުކޮށް ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބަލާނަމެވެ.
ޚަބީރުންގެ ރައުޔު
50ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުން ބަލައިގަތުން ހުއްދަވާ ޚަބީރުންނަކީ ކޮބައިކަމާއި، ޚަބީރުންގެ ރައުޔު ބަލައިގަތުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އުސޫލުތަކެއް ދިވެހިރާއްޖޭގެ ޤާނޫނެއްގައި އަދި މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުން އެނގެން ނެތެވެ.
51HN10މި ނުކުތާގައި ބަހުސް މި ކުރެވެނީ ކްރިމިނަލް ކޯޓުން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓާފައިވަނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް، އެ ކުށް ޠަލްޢަތު މުޙައްމަދު ކުރިކަމާމެދު އެކަށީގެންވާ ޝައްކު އުފެދިފައިވާ ހާލަތެއްގައި ކަމަށް ޠަލްޢަތު މުޙައްމަދު ފާހަގަކުރާ ކަންތައްތަކެއްގެ މައްޗަށެވެ. އެހެން ކަމުން މިއީ އަސާސީ ޙައްޤަކާ ގުޅިފައިވާ ކަމެއްކަމުގައިވާތީ، މި އަސާސީ ޙައްޤު ލިބިދިނުމުގައި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ އަލީގައި މިނިވަން ދީމިގްރާތީ މުޖުތަމަޢުތަކުގައި އަމަލު ކުރާ އުސޫލުތަކަށް ބެލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.
52HN11ވަކި ޚާއްޞަ ދާއިރާއަކުން ތަޢުލީމެއް ނުވަތަ ތަމްރީނެއް ނުވަތަ ތަޖުރިބާއެއް ލިބިފައިވާ މީހަކު، ޝަރީޢަތުގެ ކުރިމަތީގައި އޮތް ވާޤިޢާއަކާ ގުޅިގެން ދޭ ހެކިބަހަކީ ނުވަތަ ރައުޔަކީ ޚަބީރެއްގެ ހެކިބަހެއް ނުވަތަ ރައުޔެއް ކަމުގައި ބެލިދާނެއެވެ.
53ޚަބީރުންގެ ރައުޔު ބަލައިގަތުމުގައި ކޯޓުތަކުން ކަށަވަރު ކުރާ ކަންކަން ތަފުސީލުކޮށް ބަޔާންކޮށްފައިވާ އެއް މައްސަލައަކީ އިނގިރޭސި ވިލާތުގެ ސުޕްރީމް ކޯޓުން ނިންމާފައިވާ Kennedy v Cordia (Services) LLP މައްސަލައެވެ. މި މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ޚަބީރުންގެ ރައުޔު ކޯޓުން ބަލައިގަތުމުގައި ރިޢާޔަތްކުރެވިދާނެ ހަތަރުކަމެއް ފާހަގަ ކޮށްފައިވެއެވެ. އެކަންކަން ތިރީގައި މިވަނީއެވެ.
53-1 ޚަބީރަކީ އޭނާއަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ މައްޗަށް ބުރަވެ، ސުވާލު އުފެދިފައިވާ ވާޤިޢާއާމެދު ގޮތެއް ކަނޑައެޅުމުގައި ޝަރީޢަތަށް ބޭނުންތެރި ރައުޔެއް ހާމަކުރެވޭ މީހެއްކަން ނުވަތަ ނޫންކަން.
53-2 ޚަބީރަކީ ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ހުރި ފަރާތެއްކަން ނުވަތަ ނޫންކަން.
53-3 ޚަބީރަކީ އޭނާގެ ރައުޔު ހާމަކުރުމުގައްޔާއި، ހެއްކި ވަޒަންކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާ މީހެއްކަން ނުވަތަ ނޫންކަން.
53-4 ޚަބީރުގެ ރައުޔަކީ ޚަބީރު ރައުޔު ފައުޅުކުރާ ދާއިރާގެ ޢިލްމު ނުވަތަ ތަޖުރިބާއިން އެ ރައުޔު ވަރުގަދަކޮށް، އެއިގެ މުޢުތަބަރުކަން އިހުނަށްވުރެ ބޮޑަށް ކަށަވަރުކޮށްދޭ ރައުޔެއްކަން ނުވަތަ ނޫންކަން.
54HN12ބުނެވިދިޔަ ހަތަރު ނުކުތާގެ އަލީގައި، ރާއްޖޭގައި ޚަބީރުންގެ ރައުޔު ޝަރީޢަތަށް ބަލައިގަތުމުގައި ޢަމަލު ކުރާ ގޮތަށް ރިޢާޔަތް ކުރާއިރު، ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ޝަރީޢަތުގެ މަޖިލީހެއްގައި ދެވޭ ހެކިބަހެއް، ނުވަތަ ރައުޔެއް ޚަބީރެއްގެ ހެކިބަހެއް ނުވަތަ ރައުޔެއްގެ ގޮތުގައި ބަލައިގަތުމުގައި، ހެކިބަސް އަދާކުރާ ނުވަތަ ރައުޔު ހާމަކުރާ މީހާގެ ކިބައިގައި ތަޢުލީމު ނުވަތަ ތަޖުރިބާ ހުރުމުން ފުދޭނެއެވެ. އަދި ޚަބީރެއްގެ ކިބައިގައި ހުރުން އެކަށީގެންވާ މިންވަރަށް ތަޢުލީމު ނުވަތަ ތަޖުރިބާ އެ މީހެއްގެ ކިބައިގައި ހުރިކަން ވަޒަންކުރާނީ އެކަންކަމާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ ކަންކަމުގެ އަލީގައި މައްސަލަ ބަލާ ފަނޑިޔާރެވެ.
55HN13ޚަބީރަކު ތައްޔާރުކޮށްފައިވާ ރިޕޯޓަކުން ޝަރީޢަތަށް ހެކިބަސް ހޯދުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު ތަކެއްވެއެވެ. މި ކަންކަމުގެ ތެރޭގައި އެ ޚަބީރަކު ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށް، ހެކިބަސް ދިނުމުގެ ކުރިން ހުވާކުރުމާއި، މައްސަލައިގައި ހިމެނޭ ޚަޞްމުންނަށް ޝަރީޢަތުގެ މަޖިލީހުގައި ޚަބީރާ ސުވާލުކޮށް މުނާޤަޝާކުރުމުގެ ފުރުސަތު ކޯޓުން ދިނުން ހިމެނެއެވެ. މި ފަދައިން ދެވޭ ފުރުސަތުގައި ޚަބީރާ ކުރެވޭ ސުވާލުތަކުގެ އަލީގައި، ޚަބީރު ރިޕޯޓެއް ތައްޔާރުކުރިކަމާމެދު ސުވާލު އުފެދޭނަމަ، އެކަމާބެހޭ ގޮތުން މައްސަލައިގެ ޚަޞްމުންނަށް ޚަބީރާ ސުވާލުކޮށް ޖަވާބު ހޯދިދާނެއެވެ.
އުސޫލުތައް ތަޠުބީޤުކުރުން
56އުސޫލުތައް ތަޠުބީޤު ކުރުމުގައި އެންމެ ފުރަތަމަ މި ބަލާލަނީ ޠަލްޢަތު މުޙައްމަދުގެ ފަރާތުން ޚަބީރުގެ ރައުޔާމެދު ސުވާލު އުފައްދާ ކަންކަމަށެވެ. އެއަށްފަހު، ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލުގެ ހެކިބަހަކީ ޚަބީރެއްގެ ހެކިބަހެއްގެ ގޮތުގައި ބަލައިގަނެވިދާނެ ހެކިބަހެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް އަލި އަޅުވާލަން ގަސްދުކުރަމެވެ.
އެކްސްޕާޓް އޮޕީނިއަން ރިޕޯޓު ތައްޔާރުކުރި ފަރާތް
57މި މައްސަލައިގައި ޚަބީރެއްގެ ގޮތުން ހެކިބަސްދީފައިވާ ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލުގެ ހެކިބަހާމެދު ޠަލްޢަތު މުޙައްމަދު ފާހަގަކުރާ މައިގަނޑު ނުކުތާއަކީ އެ ހެކިބަހުގައި ހަވާލާދީފައިވާ "އެކްސްޕާޓް އޮޕީނިއަން" ރިޕޯޓު ތައްޔާރުކުރި އަސްލު ފަރާތަކީ ކޮބައިކަން ނޭނގޭކަމަށް ބުނެ ފާހަގަ ކުރާ ނުކުތާއެވެ.
58މި ނުކުތާގައި ޠަލްޢަތު މުޙައްމަދު ފާހަގަކުރި މައިގަނޑު ކަމަކީ އެކްސްޕާޓް އޮޕީނިއަން ރިޕޯޓު ތައްޔާރުކުރި ފަރާތަކީ ކޮން ފަރާތެއްކަން އެ ރިޕޯޓުން ކަށަވަރު ނުވާކަމަށެވެ. މި ނުކުތާއަށް ބަލާއިރު، އެ ރިޕޯޓުގައި ސޮއިކޮށްފައިވާ ހަމައެކަނި ފަރާތަކީ ކޮމާންޑިން އޮފިސަރ ކާނަލް އިބްރާހީމް ރަޝީދުއެވެ. ކާނަލް އިބްރާހީމް ރަޝީދު މި މައްސަލައިގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ރިޕޯޓުގައި އޭނާ ސޮއިކޮށްފައިވަނީ ޑިވިޝަންގެ ވެރިއެއްގެ ހައިސިއްޔަތުންކަމާއި، ރިޕޯޓުގައިވާ މަޢުލޫމާތު އެނގޭނީ "އެކްސްޕާޓް އޮޕީނިއަން ޓީމުގައި" ހަރަކާތްތެރިވި ފަރާތްތަކަށް ކަން ބުނެފައިވެއެވެ. އަދި އެ ފަރާތްތަކަކީ، ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލްއާއި ސަރޖަންޓް ފަސްޓް ކްލާސް ޒަކަރިއްޔާ ޒަހީންތޯ ދައުލަތުން ސުވާލު ކުރުމުން އެއީ އެ ފަރާތްތައް ކަމުގައި ބުނެފައިވެއެވެ.
59HN14އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގައިވާ މަޢުލޫމާތު އެނގޭނެ ފަރާތްތަކަކީ އެ ރިޕޯޓުގައި، އެ ރިޕޯޓު ތައްޔާރު ކުރި ފަރާތްތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ދެ ފަރާތްކަމުގައި ކްރިމިނަލް ކޯޓުގައި ހުވާގެ މަތީގައި ހުރެ ކޮމާންޑިން އޮފިސަރ ކާނަލް އިބްރާހީމް ރަޝީދު ހެކިބަސް ދީފައިވާތީއާއި، އެ ރިޕޯޓަކީ، އަޙްމަދު ޚަލީލު ބައިވެރިވެގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމުގައި އަޙްމަދު ޚަލީލުވެސް ހުވާގެ މަތީގައި ހުރެ ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާތީ، މި ރިޕޯޓު ތައްޔާރުކުރި ފަރާތްތަކާއި، ރިޕޯޓުގައި ސޮއިކުރި ފަރާތުން ސޮއިކޮށްފައިވަނީ ކޮން ހައިސިއްޔަތަކުންކަން ޝަރީޢަތަށް ސާފުވެފައިވާކަމުގައި ދެކެމެވެ. ނަމަވެސް މި ފަދަ ރިޕޯޓްތަކުގައި ރިޕޯޓު ތައްޔާރު ކުރި ފަރާތުން ސޮއިކޮށް، ރިޕޯޓުގެ ޞައްޙަކަމާމެދު ސުވާލު ނުއުފެދޭ މިންވަރަށް މަޢުލޫމާތު ފުރިހަމަކުރުމަކީ މުހިންމު ކަމެއްކަމުގައިވެސް ދެކެމެވެ.
އައި.އީ.ޑީ ގެ ބައިތަކާމެދު އުފައްދާ ޝައްކުތައް
60މި ހާދިސާގައި ފެނިފައިވާ އައި.އީ.ޑީ އާމެދު ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލު ޚަބީރެއްގެ ގޮތުން ދީފައިވާ ހެކިބަހާމެދު ސުވާލު އުފައްދަމުން ޠަލްޢަތު މުޙައްމަދުގެ ފަރާތުން ފާހަގަ ކުރާ ކަންކަމުގެ ތެރޭގައި އެ އައި.އީ.ޑީ ގެ މައިގަނޑު ބައިތަކާމެދު އުފައްދާ ސުވާލުތައް ހިމެނެއެވެ.
61މި މޭރުމުން ޠަލްޢަތު މުޙައްމަދުގެ ފަރާތުން ފާހަގަކުރި އެއްނުކުތާއަކީ، އައި.އީ.ޑީ އެއްނަމަ، އޭގައި ވަކި ބައިތަކެއް ހިމެނެންޖެހޭނެ ކަމަށް އަޙްމަދު ޚަލީލު ބުނެފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބުރަވެކަން އެކްސްޕާޓް އޮޕީނިއަން ރިޕޯޓުން ސާފު ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
62އައި.އީ.ޑީ އެއްގައި ވަކި މިވެނި ބައިތަކެއް ހުންނަންޖެހޭނެ ކަމަށް ނުބުނެވޭނެ ކަމަށާއި، އެހެން ނަމަވެސް ކޮންމެ އައި.އީ.ޑީ އެއްގައިވެސް ހުރުން ލާޒިމު އަސާސީ ބައިތަކެއް ހުންނަ ކަމުގައި އަޙްމަދު ޚަލީލުގެ ހެކިބަހުގައި ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ. މި ހެކިބަހަށް ބަލާއިރު، މި ފަދައިން އަޙްމަދު ޚަލީލު ފާހަގަ ކޮށްފައިވަނީ އޭނާ އަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާގެ މައްޗަށް ބުރަވެ ހުރެ ކަމުގައި ފެނެއެވެ.
(ހ) އައި.އީ.ޑީ ގައި ބޭނުންކޮށްފައިވާ ސްވިޗް
63މި ހާދިސާގައި ފެނުނުކަމަށް ބުނާ އައި.އީ.ޑީ އާމެދު އަޙްމަދު ޚަލީލު ދީފައިވާ ހެކިބަހުގައި، އައި.އީ.ޑީގައި ބޭނުންކޮށްފައިވާ ސުވިޗާމެދު އޭނާ ދައްކާފައިވާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމުގައި ޠަލްޢަތު މުޙައްމަދު ފާހަގަ ކުރެއެވެ.
64މި ގޮތުން އެއްފަހަރު. އައި.އީ.ޑީ ގައި ސްވިޗެއް އިންކަން ހަނދާން ނުވާކަމަށް ބުނުމަށްފަހު، އަނެއްފަހަރު ސްވިޗެއް އިންކަމަށާއި، އެއީ ރިމޯޓް އޮޕަރޭޓެޑް ސްވިޗެއްކަމުގައި އަޙްމަދު ޚަލީލު ބުނާކަން ޠަލްޢަތު މުޙައްމަދުގެ ފަރާތުން ފާހަގަކުރެއެވެ.
65އައި.އީ.ޑީ ތަކުގައި ބޭނުންކުރާ ސްވިޗްތަކުގެ ބޭނުމާއި، އޭގެ ތަފުސީލު ހާމަކުރަމުން އަޙްމަދު ޚަލީލު އަންނަނިވި ފަދައިން ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. "... ދެން އޭގެ އިތުރުން އެ ގޮއްވާލުމަށްޓަކައި ބޭނުންކުރާނެ ސްވިޗެއް ނޫނީ މީޑިއާއެއް ބޭނުންވާންޖެހޭ. ކޮންމެހެން ސްވިޗް ވާކަށް ނުޖެހޭ އަޅުގަނޑުމެނަށް ފިހާރަތަކުން ލިބެން މިހުންނަ ކަހަލަ ސްވިޗަކަށް. ސްވިޗަކަށް ވެދާނެ ފޯނު އޮޕަރޭޓްކޮށްލުން. އެވެސް ސްވިޗަކަށްވެދާނެ. ނޫނިއްޔާ އަޑުވެސް ސްވިޗެއް ގޮތަށް ބޭނުންކުރެވިދާނެ. ނޫނިއްޔާ ވެހިކަލް ދުއްވާ ދުއްވުމުގައި ބިމަން އަންނަ ވައިބްރޭޝަން ސްވިޗެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ."
66މަތީގައިވާ ތަފުސީލު ހާމަކުރުމުން އެއާ ވިދިގެން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ޚަލީލާ ކުރެވުނު ސުވާލަކީ މި ހާދިސާގައި ފެނުނު ކަމަށް ބުނާ އައި.އީ.ޑީ ގައި ބޭނުންކޮށްފައިވަނީ ކޮންކަހަލަ ސްވިޗެއް ކަން ސާފުކުރުމަށްޓަކައި ކުރެވުނު ސުވާލެވެ. މި ސުވާލުގެ ޖަވާބުގައި އަޙްމަދު ޚަލީލު ބުނެފައިވަނީ، "މިހާރު އަޅުގަނޑު އެހާ ބޮޑަކަށް ހަނދާނެއްނެތް" ކަމަށާއި، އަޅުގަނޑު ފޮޓޯތައް ބެލީމާ، މިދެންނެވި ބައިތައް އޭގައި ހުރި. ހަމަ ސުވިޗެއް ގޮތަށް ބޭނުންކުރެވޭ އެއްޗެއް އޭގައި އިން ހަނދާން އަޅުގަނޑުވޭ" މި ފަދައިންނެވެ.
67މީގެ އިތުރުން މި ހާދިސާގައި ފެނުނުކަމަށް ބުނާ އައި.އީ.ޑީ ގައި ބޭނުންކޮށްފައިވަނީ "ރިމޯޓް އޮޕަރޭޓެޑް" ސުވިޗެއް ކަމަށާއި، މި އައި.އީ.ޑީ ޑިޒަންކޮށްފައިވަނީ ރިމޯޓަކުން ގޮއްވާ ގޮތަށް ކަމުގައި އަޙްމަދު ޚަލީލު ބުނެފައިވެއެވެ.
68އަޙްމަދު ޚަލީލުގެ މި ވާހަކަތަކަށް ބަލާއިރު، އައި.އީ.ޑީ އެއްގައި ސްވިޗަކީ އެ ގޮއްވާލުމަށްޓަކައި ބޭނުންކުރާ އެއްޗެއްކަމާއި، މި ހާދިސާގައި ފެނުނު ކަމަށް ބުނާ އައި.އީ.ޑީ ފަރުމާކޮށްފައިވަނީ ރިމޯޓަކުން ގޮއްވާލުމަށް ކަމުގައި ބުނިނަމަވެސް، ރިމޯޓަކުން ދޭ އިރުޝާދެއް ލިބިގަތުމަށް އައި.އީ.ޑީ ގައި ހިމެނިފައިވަނީ ކޮން އެއްޗެއްތޯ ސުވާލުކުރުމުން އެ އެއްޗެއް ހޯދިފައިނުވާކަމުގައި އަޙްމަދު ޚަލީލު ބުނެފައިވެއެވެ.
69އައި.އީ.ޑީ ގެ ސުވިޗާބެހޭ ގޮތުން އަޙްމަދު ޚަލީލު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި ވާހަކަތަކަކީ ޔަޤީންކަމާއެކު ދައްކާފައިވާ ވާހަކަތަކެއް ކަމުގައި އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ސުވިޗަކީ އަޙްމަދު ޚަލީލު ބުނެފައިވާ ފަދައިން ކޮންމެ އައި.އީ.ޑީ އެއްގައި ހުރުން ލާޒިމު، އަސާސީ އެއްޗެއް ކަމަށްވާނަމަ، މި ހާދިސާގައި ފެނުނު ކަމަށް ބުނާ އައި.އީ.ޑީ ގައި ސުވިޗެއް ހިމެނިފައިވާކަމަށް އެ ރިޕޯޓާމެދު އަޙްމަދު ޚަލީލު ހެކިބަސް ދީފައިވާ "އެކްސްޕާޓް އޮޕީނިއަން ރިޕޯޓު" ގައި ބަޔާންކޮށްފައި ނުވެއެވެ. މީގެ އިތުރުން މިފަދަ ސްވިޗެއްގެ ވާހަކަ ޝަރީޢަތަށް ހުށަހެޅުނު "އިންސިޑެންޓް ރިޕޯޓު" ގައިވެސް ފާހަގަކޮށްފައިނުވެއެވެ.
70ކަން މިހެން އޮތްއިރު، މިއީ އަޙްމަދު ޚަލީލުގެ ހެކިބަހުގައިވާފަދައިން ދުރުގައި ހުރެގެން ގޮއްވާލެވޭ އެއްޗެއް ކަމާމެދު އުފެދޭ ޝައްކުތައް ސާފުވެގެން ނުދެއެވެ. މި ހާލަތުގައި މި ޝައްކުތަކުގެ މަންފާ ޠަލްޢަތު މުޙައްމަދަށް ލިބެންޖެހޭނެ ކަމުގައި އަހުރެން ދެކެމެވެ.
(ށ) މަދަރބޯޑު
71އަޙްމަދު ޚަލީލު އައި.އީ.ޑީ ގައި ހިމެނޭ ބައިތަކާމެދު ދީފައިވާ ހެކިބަހުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރަމުން ޠަލްޢަތު މުޙައްމަދު ފާހަގަކުރާ އެއްކަމަކީ، އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގައި "މި އައި.އީ.ޑީ ތައްޔާރު ކޮށްފައިވަނީ އައި.އީ.ޑީ އެއްގައި ހިމެނެންޖެހޭ މުހިންމު ހުރިހާ ބައިތަކެއް ހިމަނައިގެންކަން ފާހަގަ ކުރުމަށްފަހު"، އެފަދައިން މި އައި.އީ.ޑީ ގައި ހިމެނިފައިވާ މުހިންމު އެއްބަޔަކީ އިލެކްޓްރޯނިކް މަދަރބޯޑެއްކަމުގައި ފާހަގަ ކުރިނަމަވެސް، ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން މި އައި.އީ.ޑީ ގައި ހިމެނިފައިވާ މަދަރބޯޑަކީ އޭގެ ޒާތުން ގުޅުން ނެތް ބޭނުމެއް ނެތް ގޮތުގައި ލާފައިވާ މަދަރބޯޑެއްކަމުގައި އަޙްމަދު ޚަލީލު ބުނާ ބުނުމެވެ.
72ޠަލްޢަތު މުޙައްމަދު ފާހަގަކުރި ފަދައިން އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގައި އައި.އީ.ޑީ އެއްގައި ހިމެނެންޖެހޭ މުހިންމު ހުރިހާ ބައިތައް ލިސްޓުކުރުމުގައި، އިލެކްޓްރޯނިކް މަދަރބޯޑެއް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ. ނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި ޢާންމުކޮށް އައި.އީ.ޑީ އެއްގައި ހުންނަންޖެހޭ ބައިތަކަކީ ކޮބައިތޯ ސުވާލުކުރުމުން އެ ސުވާލަށް ދިން ޖަވާބުގައި މަދަރބޯޑެއްގެ ވާހަކަ އަޙްމަދު ޚަލީލު ބުނެފައިނުވެއެވެ.
73މަދަރބޯޑާބެހޭ ގޮތުން އަޙްމަދު ޚަލީލު ތަކުރާރުކޮށް އެއްވާހަކައެއް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އެ ވާހަކައަކީ މަދަރބޯޑަކީ އައި.އީ.ޑީ އެއްގައި އިނުން ލާޒިމް އެއްޗެއް ނޫންކަމެވެ. އަދި ފެނުނުކަމަށް ބުނާ އައި.އީ.ޑީ ގައި ހިމަނާފައިވާ މަދަރބޯޑަކީ އޮޅުވާލުމަށްޓަކައި ލާފައިވާ މަދަރބޯޑެއް ކަމަށާއި، ރިމޯޓުން ގޮއްވާއިރު މަދަރބޯޑަކީ ގޮއްވާލުމަށް ބޭނުންވާނެ ވަސީލަތެއް ނޫންކަމުގައި އަޙްމަދު ޚަލީލު ބުނެފައިވެއެވެ.
74އަޙްމަދު ޚަލީލު މަދަރބޯޑާބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކުން އެއީ އައި.އީ.ޑީ އެއްގައި އިނުން ލާޒިމު ނުވަތަ އަސާސީ އެއްޗެއް ނޫންކަން އެނގެއެވެ. ނަމަވެސް، އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގައި އެއީ އައި.އީ.ޑީ އެއްގައި އިނުން ލާޒިމު އެއްޗެއްކަމުގައި ބުނެފައިވާތީ، މަދަރބޯޑާބެހޭ ގޮތުން ދެކެވޭ ވާހަތަކުގައިވާ ފުށުއެރުންތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ.
(ނ) ގޭސް ޓިއުބުތައް
75އައި.އީ.ޑީގައި ގޭސް ޓިއުބުތަކެއް ހިމެނިފައިވާކަމަށް އަޙްމަދު ޚަލީލު ކްރިމިނަލް ކޯޓުގައި ބުނެފައިވެއެވެ. އަދި މި ގޮތަށް ގޭސް ޓިއުބުތަކެއް ހިމަނާފައިވަނީ ގޮވުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައިކަން ފާހަގަ ކޮށްފައި ވެއެވެ. މިފަދައިން އަޙްމަދު ޚަލީލުގެ ހެކިބަހުގައި ބުނި ނަމަވެސް، ޓިއުބުތަކުގައި ގޭސް ހުރިކަމަށް ނިންމާފައިވަނީ ތަޙްލީލެއް ކުރުމެއްނެތިކަން ޠަލްޢަތު މުޙައްމަދު ފާހަގަކުރެއެވެ.
76ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެ ޓިއުބުތަކުގައި ހުރީ ކޮންކަހަލަ ގޭހެއްތޯ އެހުމުން އަޙްމަދު ޚަލީލު ބުނެފައިވަނީ "އެތެރޭގައި ހުރި ގޭހެއް އަޅުގަނޑުމެން އެނަލިސިސްއެއް ނުހަދަން" މިފަދައިންނެވެ.
77HN15ގޭހެއް ހުރިކަމަށް ތަޙްލީލެއް ކުރުމެއްނެތި އަހްމަދު ޚަލީލުގެ މި ބުނުމަކީ، ހީވާ ހީވުމެއްގެ މައްޗަށް ބުނެފައިވާ ބުނުމެއް ކަމުގައި ބަލަންޖެހެއެވެ. އެހެނީ، ތަޙްލީލަކުން ނުވަތަ އެނޫންވެސް ބެލުމަކުން މެނުވީ ސާފު ނުވާނެ ކަމެއްގައި އެފަދަ ކަމަކަށް ބުރަވުމެއްނެތި، މިފަދައިން ޚަބީރަކު ބުނާ ވާހަކަތަކީ ބުރަދަނެއް ދެވޭނެ ވާހަކަތަކެއް ނޫނެވެ. އަދި އަޙްމަދު ޚަލީލުގެ މި ބުނުމުގެ މައްޗަށް ނުކުންނާނެ ނަތީޖާއަކީ، އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގައި ބަޔާންވެފައިވާ ފަދައިން ގޮވުމެއް އިތުރަށް ވަރުގަދަ ކުރުމުގެ ބާރެއް މި ޓިއުބުތަކަށް ލިބިގެންވާކަން ކަށަވަރުނުވާކަމެވެ.
(ރ) މެއިން ޗަރޖް
78މި ހާދިސާގައި ފެނިފައިވާ އައި.އީ.ޑީ ގައި ބޭނުންކޮށްފައިވާ ގޮވާ އެއްޗަކީ ނުވަތަ މެއިން ޗަރޖަކީ ސްޓިކް ޑައިނަމައިޓެއް ކަމުގައި އެކްޕާޓް އޮޕީނިއަން ރިޕޯޓުގައްޔާއި އަޙްމަދު ޚަލީލުގެ ހެކިބަހުގައި ފާހަގަކޮށްފައިވެއެވެ. ޠަލްޢަތު މުޙައްމަދު ސުވާލު އުފައްދާފައިވަނީ އެއްވެސް ތަޙްލީލު ކުރުމެއްނެތި އެ ނަތީޖާއަށް ވާސިލުވެވިދާނެ ކަމާމެދުގައެވެ.
79ތަޙްލީލު ކުރުމެއްނެތި ސްޓިކް ޑައިނަމައިޓަކީ ގޮވާ އެއްޗެއްކަން ނިންމިދާނެތޯ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން އަޙްމަދު ޚަލީލު ބުނެފައިވަނީ، "އަޅުގަނޑުމެންގެ ކޮމާންޑަރުން އެކަން ކުރަން އެންގީމާ އެކަންކުރާނެ" ކަމަށެވެ.
80މީގެ އިތުރަށް ގޮވާ އެއްޗެއްގެ ގޮތުގައި ބޭނުން ކޮށްފައިވަނީ ސްޓިކް ޑައިނަމައިޓެއްކަން އެނގެނީ ކިހިނަކުން ކަމާމެދު ކުރެވުނު ސުވާލުތަކަށް ޖަވާބު ދެމުން އަޙްމަދު ޚަލީލު ބުނެފައިވަނީ އަންނަނިވި ޢިބާރާތެވެ. "އަޅުގަނޑުމެންގެ ޓްރެއިނިންގ ތަކުގައްޔާއި އަދި މިއުޅޭ އުޅުމުގައިވެސް އަދި އެމް.އެން.ޑީއެފްގެ އެކިއެކި ބޭނުންތައް ކުރުމަށްޓަކައި ހޯދާފައިވެސް ހުންނާނެ ބައެއްކަހަލަ އެއްޗިހި. އެހެންވީމާ އެ އެއްޗެއްސާ އަޅުވާފައި މި ބުނަނީ މިވެނި އެއްޗެކޭ."
81އިތުރަށް އެއީ ސްޓިކް ޑައިނަމައިޓެއް ކަމާމެދު ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި އެއީ ސްޓިކް ޑައިނަމައިޓެއްކަން އޭގެ ލޭބަލުން އެނގޭކަމަށް އަޙްމަދު ޚަލީލު ބުނެފައިވެއެވެ. އަދި އެ ގޮތަށް އޭނާ އެބުނަނީ "އަޅުގަނޑުމެންގެ އޯޑިނަންސް ސަރވިސްގެ ކަމާބެހޭ ތަޖުރިބާކާރުންގެވެސް ސޭއާއެއްކޮށް" ކަމުގައި ބުނެފައިވެއެވެ.
82HN16މި ހާދިސާގައި ފެނުނު ކަމަށް ބުނާ އައި.އީ.ޑީ އާ ބެހޭ ގޮތުން އަޙްމަދު ޚަލީލު ދީފައިވާ ޖަވާބުތަކަށް ބަލާއިރު ދެ ކަމެއް ފާހަގަވެއެވެ. އެއްކަމަކީ، އަޙްމަދު ޚަލީލުގެ އަމިއްލަ ރައުޔަށްވުރެ، އަޙްމަދު ޚަލީލަށް ދީފައިވާ އިރުޝާދެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކާފައިވާ ވާހަކަ ދެއްކުމެވެ. މިކަން ފާހަގަވަނީ ކޮމާންޑަރުން އެންގުމުން ސްޓިކް ޑައިނަމައިޓަކީ ގޮވާ އެއްޗެއްކަމަށް ނިންމިކަމަށް އަޙްމަދު ޚަލީލު ބުނާ ބުނުމުންނެވެ. ދެވަނަ ކަމަކަށް، އަޙްމަދު ޚަލީލުގެ ރައުޔަކީ ހަމައެކަނި އަޙްމަދު ޚަލީލުގެ ރައުޔެއް ނޫންކަމާއި، އެއީ ކަމާބެހޭ އެހެން ތަޖުރިބާކާރުންވެސް ތާއީދުކުރާ ރައުޔެއްކަން ދައްކަން މަސައްކަތް ކޮށްފައި އޮތުމެވެ. މިއީ ޚަބީރު ހެކިވަޒަންކުރުމުގައި، އަދި ހެކިބަސް ދިނުމުގައި އަމިއްލަ މިނިވަންކަން ނެތްކަން ދަލާލަތު ކޮށްދޭ ކަމެވެ.
83އަހުރެންވެސް އެއްބަހެވެ. ލިބިފައިވާ ތަޖުރިބާގެ މައްޗަށް ބުރަވެ، ޢާންމު ގޮތެއްގައި ތަމްރީނު ތަކުގައްޔާއި އެހެނިހެން ބޭނުންތަކުގައި އަޙްމަދު ޚަލީލަށް ސްޓިކް ޑައިނަމައިޓް ފެނިފައިވާނަމަ، ކޮންމެ ތަނަކުން ސްޓިކް ޑައިނަމައިޓެއް ފެނުނު ނަމަވެސް އެއީ ކޮން އެއްޗެއްކަން ވަކި ކުރެވިދާނެއެވެ. އަދި ފެންނަ އެއްޗެއް އިތުރަށް ދިރާސާކޮށް ނުވަތަ ތަޙްލީލުކޮށްގެން އެއީ ކޮން އެއްޗެއްކަން ދެނެގަނެވިދާނެއެވެ. ނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ޚަލީލު ސްޓިކް ޑައިނަމައިޓާބެހޭ ގޮތުން ދެއްކި ވާހަކަތަކުން، ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަށް ޖަވާބު ލިބިފައި ނުވެއެވެ. އަދި އިތުރު ސުވާލެއް އުފެދިފައިވެއެވެ.
84އިތުރަށް އުފެދިފައިވާ ސުވާލަކީ، ސްޓިކް ޑައިނަމައިޓެއްކަން ކަށަވަރު ކުރުމުގައި އޭގެ ސިފަ އެމް.އެން.ޑީ.އެފް ގެ ތަމްރީނުތަކުގައި ބޭނުންކުރާ ތަކެއްޗާ ވައްތަރުކަމަށް ބުނުމަށްފަހު، އޭގައި އިން ލޭބަލްގެ ވާހަކަ ހާމަކުރިއިރު، އެ ލޭބަލާ ގުޅިގެން އިތުރު ތަފުސީލު ޝަރީޢަތުން ހޯދާފައި ނުވުމެވެ. މި ތަފުސީލު ހޯދަންޖެހޭ ސަބަބަކީ، މި ހާދިސާއަކީ، އެމް.އެން.ޑީ.އެފް ގެ އިސްވެރިންތަކެއް ފަހަތުގައި ތިބެ ކުޅުވާފައިވާ ތަމްސީލެއްކަން ތަކުރާރުކޮށް ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާލިބޭ ފަރާތްތަކުން ބުނެފައިވާއިރު، މި ސްޓިކް ޑައިނަމައިޓްގައިވާ ލޭބަލުގައިވާ މަޢުލޫމާތުން މިއީ، އެމް.އެން.ޑީ.އެފް ގެ ބޭނުމަށް ދިވެހިރާއްޖޭއަށް އެތެރެކޮށްފައިވާ އެއްޗެއްކަން ނުވަތަ ނޫންކަން ދެނެގަތުމުގެ ފުރުސަތު އޮންނާނެއެވެ. އެހެނީ ޤާނޫނީ ގޮތުން ޑައިނަމައިޓްފަދަ ގޮވާ ތަކެއްޗަކީ ހަމައެކަނި އަސްކަރީ ބޭނުމަށް މެނުވީ ރާއްޖެ އެތެރެކުރުން މަނާ ތަކެއްޗެކެވެ.
85ކަންމިހެން އޮތް އިރު، ސްޓިކް ޑައިނަމައިޓާބެހޭ ގޮތުން އަޙްމަދު ޚަލީލު ދީފައިވާ ހެކިބަހަކީ، ޝަރީޢަތުގެ ކުރިމަތީގައި ގޮތް ނިންމުމަށް ހުރި ވާޤިޢާތަކާމެދު ގޮތް ނިންމުމަށް އެހީތެރިކަމެއް ލިބިގެން ދިޔަ ހެކިބަހެއްކަމުގައި ނުބެލެވެއެވެ.
(ކ) ޚަބީރުގެ ރައުޔުން ފާހަގަވާ އެހެނިހެން ކަންކަން
86ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ޚަލީލު ދީފައިވާ ހެކިބަހުގައި ތަކުރާރުކޮށް މި ހާދިސާގައި ފެނުނުކަމަށް ބުނާ އައި.އީ.ޑީ ގޮވިނަމަ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި ގެއްލުން އަޙްމަދު ޚަލީލު އަންދާޒާކުރި ގޮތެއް މި ހެކިބަހުން ފެންނަން ނެތެވެ. މި ގޮތުން ފެނުނު ކަމަށް ބުނާ ސްޓިކް ޑައިނަމައިޓްގައި ގޮވުމުގެ ގާބިލުކަން ހުރީ ކިހައި މިންވަރަކަށް ކަން، އަދި ގޮވުމުގެ ގާބިލުކަން ލިބިފައިވާނަމަ، އެ ގާބިލުކަމުގެ ހުރި މިންވަރުން އައި.އީ.ޑީ އޮތްތަނުގައިވާ ތަކެތީގެ ސަބަބުން ގޮވުމުގެ ބާރު ގަދަވެގެންދާނެ މިންވަރު ތަޙްލީލީ ނަޒަރަކުން ބަލައި އަންދާޒާކޮށްފައިވާކަން މި ހެކި ބަހުން އެނގެން ނެތެވެ. މިފަދައިން އެނގެން ނެތް އިރު، މި ވާހަކަތަކަށް ދެވޭ ބުރަދަން ދަށްވެގެން ދެއެވެ.
87މި ހާދިސާގައި ތައްޔާރުކޮށްފައިވާ އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގައި އައި.އީ.ޑީ ކަމަށް ބުނާ އެތި ގޮވައިފިނަމަ ލިބިދާނެ ގެއްލުމުގެ މިންވަރު ބަޔާންކޮށްފައިވެއެވެ. އެ ރިޕޯޓުގައިވާ މިކަމުގެ ތަފުސީލުތަކަށް ބަލާއިރު، "ބްލާސްޓް ޕްރެޝަރގެ އަސަރުގެ އިތުރަށް ވެހިކަލްގެ ފިއުލްޓޭންކް ގޮވައި އަލިފާން ހިފުމުގެ ފުރުސަތު އޮތްކަން" ފާހަގަކުރި ނަމަވެސް، ޕިކަޕުގެ ތެޔޮޓޭންކްގައި ތެޔޮ ހުރިކަމެއް، ނުވަތަ ހުރީ ކިހައި މިންވަރެއްގެ ތެލެއްކަން އެ ރިޕޯޓުގައި ނުވަތަ ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން ފާހަގަވާން ނެތެވެ.
88HN17ޢާންމުންނަށް ބިރު ދެއްކުމަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި، މި ހާދިސާގައިވާފަދަ ޢަމަލުތައް ހިންގުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޖިނާއީ ދަޢުވާ ކުރެވޭ ކުށްތަކެކެވެ. އަދި އެ ދަޢުވާތައް ސާބިތުވެއްޖެނަމަ، ބޮޑެތި ޢުޤޫބާތްތައްވެސް ކަނޑައެޅިފައިވެއެވެ. ކަންމިހެން އޮތްއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ އައި.އީ.ޑީ ފަދަ ގޮވާ ތަކެއްޗާ ގުޅޭ ތަޙްޤީޤުތަކާއި، އެތަކެތި ނައްތާލުމާއި، ނުގޮވާ ގޮތަށް ހެދުންފަދަ އެންމެހައި ކަންކަމަކީ، އެކަންކަމާ ގުޅިގެން ޖިނާއީ ދަޢުވާއެއް އުފުލިދާނެކަމަށް ބަލައި، ހެކި ރައްކާކުރުމުގެ މައްޗަށް ސަމާލުކަން ދީގެން ކުރިއަށް ގެންދެވޭ ކަންތައްތަކެއް ކަމުގައި ވާންޖެހޭނެއެވެ. ނަމަވެސް މި ހާދިސާގައި، ފެނުނުކަމަށް ބުނާ އައި.އީ.ޑީ ފެނުނު ހިސާބުން ފެށިގެން ނައްތާލުމާ ހަމައަށް ކަން ހިނގާފައިވާ ގޮތް ލިޔެކިޔުމުން ފެންނަން ނެތްކަން ފާހަގަ ކުރަމެވެ.
89ޚަބީރުންގެ ރައުޔު ކޯޓަށް ބަލައިގަތުމުގައި ރިޢާޔަތް ކުރެވިދާނެ ކަންކަމުގެ ގޮތުގައި މި ރައުޔުގެ 53 ވަނަ ޕެރެގްރާފުގައި ފާހަގަ ކުރިކަންކަމާއި، އެ ކަންކަން މި މައްސަލައިގެ ވާޤިޢާތަކަށް ތަޠުބީޤު ކުރުމުން ނުކުތް ނަތީޖާތަކުގެ މައްޗަށް ބަލާއިރު، ވޮރެންޓް އޮފިސަރ އަޙްމަދު ޚަލީލް މި މައްސަލައިގައި ކްރިމިނަލް ކޯޓަށް ދީފައިވާ ހެކިބަހަކީ ޚަބީރެއްގެ ހެކިބަހެއް ކަމުގައި އަހުރެން ނުދެކެމެވެ.
(އ) ވީޑިއޯތަކުން ލިބޭ ހެކި
90މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅުނު ވީޑިއޯތައް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމަށް ދައުލަތަށް އެންގުނެވެ. މި ގޮތުން ދައުލަތުން 03 (ތިނެއް) ސީޑީއެއް ސުޕްރީމް ކޯޓަށް ފޮނުވާފައިވެއެވެ. މި ސީޑީތަކުން “CD-01, IDE confirming near Muliaage LC2015/14024” ލޭބަލް ކޮށްފައިވާ ސީޑީގައިވާ ވީޑިއޯ ކްލިޕުން މި ހާދިސާގައި ވާހަކަ ދެކެވޭ ޕިކަޕާ ދިމާލަށް ކެމެރާ ހިފައިގެން ދާތަން ފެނެއެވެ. ޕިކަޕާ ދިމާލަށް ދިއުމަށްފަހު ޕިކަޕުގެ ނަންބަރު ބޯޑު ދެއްކުމަށްފަހު، ބެޓެރިމަތީގައި ފޮތިކޮޅެއް އޮޅާލާފައި އޮތް އެއްޗެއް މީހަކު ނަގާތަން ފެނެއެވެ. މި އެތި ނެގުމުގެ ކުރިން އަތަށް ރަބަރު އަންގިއެއް އެ މީހާ ލައްވާތަންވެސް ފެނެއެވެ. މި އަންގި ލެއްވުން ފިޔަވައި ސަލާމަތީ ގޮތުން އިތުރު ފިޔަވަޅެއް އަޅާފައިވާކަން އެ މީހަކު ލާފައި ހުރި ހެދުމުންނާއި ފެންނަ މަންޒަރުން ނުއެނގެއެވެ. ފިހާރައެއްގެ ހަރުގަނޑަކުން ގަންނަން ބޭނުންވާ އެއްޗެއް ނެގުމަށްފަހު އެ އެތި ރަނގަޅަށް ބެލުމަށްފަހު އަލުން އެ އެތި އޮތްތަނުގައި ބާއްވާހެން، ޕިކަޕުގެ ބެޓެރިމަތިން އެ ނެގި އެއްޗެއް ނެގުމަށްފަހު އެ މީހަކު އެ އެއްޗެއް ބާއްވާތަން މި ވީޑިއޯއިން ފެނެއެވެ.
91ވީޑިއޯގެ މަންޒަރުގައި މަގުމަތީގައި ހުރި ބޮކިތައް ދިއްލާފައިހުރުމާއި، އުޑުމަތީގައި އަލިކަން ހުރުމުން މިއީ އިރުއޮއްސުނުއިރު ނަގާފައިވާ މަންޒަރުތަކެއް ކަމުގައި ފެނެއެވެ. މި ވީޑިއޯއިން ފެންނަ މީހަކީ ކާކުކަން، އަދި ބެޓެރި މަތިން އެ ނަގާ އެއްޗަކީ ކޯއްޗެއްކަން މި ވީޑިއޯއިން ސާފެއް ނުވެއެވެ. މި ވީޑިއޯއިން ފެންނަ އެއްޗަކީ، މި ހާދިސާގައި ވާހަކަ ދެކެވިފައިވާ، އަދި އެ އެއްޗެއްގެ ނުރައްކާތެރިކަން ކްރިމިނަލް ކޯޓަށް ހާޒިރުކުރި ޚަބީރު ސިފަކުރި އެތިނަމަ، އެ އެތި ނަގައި ފުރޮޅައި ބެލުމަށްފަހު އަލުން އޮތްތަނުގައި ބާއްވާފައި އެވަނީ، އެ އެއްޗަކީ އެފަދަ ނުރައްކާތެރި އެއްޗެއް ނޫންކަން ކަށަވަރުވާތީއެވެ. ނުވަތަ ކޮންމެ އެއްޗެއް ނަމަވެސް، އަދި ކޮންމެ ގޮތެއްވިނަމަވެސް، އެ މިންވަރަށް އެ އެތި ނަގާ ބެލުމަށް ބޭނުންވާތީ އެ ބޭނުން ފުއްދާލީއެވެ.
92އެހެން ނަމަވެސް، ބަޔަކު ތައްޔާރުކޮށްފައިވާ އައި.އީ.ޑީ އެއް، އެ އައި.އީ.ޑީ ގޮއްވާލުމަށް އެ އެތި ފަރުމާކުރުމުގައި މަސައްކަތްކޮށްފައިވާ ގޮތެއް، ގޮވާނެ ވަގުތެއް، އަދި އެއިގެ ނުރައްކާތެރިކަން ވަޒަން ކުރެވިފައިފައިނުވާ ހާލަތެއްގައި، ހަމައެކަނި ރަބަރު އަންގިއެއް އަތަށް ލެއްވުމަށްފަހު އެފަދަ އައި.އީ.ޑީ އެއް ނަގައި ގޮތްގޮތަށް ތެޅުވުމަކީ އާދައިގެ އިންސާނަކު ކޮށްފާނެކަމަށް ޤަބޫލުކުރެވޭ ކަމެއް ނޫނެވެ.
93މީގެ އިތުރުން މި ވީޑިއޯ އިން ފެންނަކަމަށް ބުނާ އައި.އީ.ޑީ އަކީ ނުރައްކާތެރި އެއްޗަކަށްވާތީ، އެ އެތި ބާއްވާފައިވާ ޕިކަޕު އޮތް ސަރަހައްދުގައި ދިރިއުޅޭ މީހުން ސަލާމަތްތެރި ތަނަކަށް ގެންދާ ތަނެއް ނުވަތަ އެ ފަދަ މަސައްކަތެއްގައި ބަޔަކު އުޅޭ ތަނެއް ނުފެނެއެވެ. އަދި އެ ސަރަހައްދުގައި ހުރި އެހެނިހެން ވެހިކަލްތަކަށް ގެއްލުމެއް ވެދާނެތީ، އެ ވެހިކަލްތައް ދުރަށްޖެއްސުމަށް މަސައްކަތްކުރާ މަންޒަރެއް ނުވަތަ އެހެން ބަޔަކު އެ ސަރަހައްދަށް ޖަމާނުކުރުމަށް މަސައްކަތްކުރާފަދަ މަންޒަރެއްވެސް ނުފެނެއެވެ. އަދި މިފަދަ ކަމެއް ކުރިކަން ހުށަހެޅިފައިވާ ލިޔުންތަކުންވެސް ފާހަގަވެފައި ނުވެއެވެ.
94ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުނު 02 ވަނަ ސީޑީ ލޭބަލް ކުރެވިފައިވަނީ، “CD-02, IDE defusing at Girifushi, LC2015/14024” މި ފަދައިންނެވެ. މި ސީޑީގައި 05 ވީޑިއޯ ކްލިޕެއް އިނެވެ. މި ކްލިޕްތަކުން 03 ވަނަ ކްލިޕަކީ އައި.އީ.ޑީ ކަމަށް ބުނާ އެތީގައިވާ ގޮވާއެތި ނުވަތަ ސްޓިކް ޑައިނަމައިޓް ގޮއްވާލާ މަންޒަރު ފެންނަ ކްލިޕެވެ. މި ވީޑިއޯއިން އެއްޗެއް ގޮވާ އަޑު އިވެނީ 29 ވަނަ ސިކުންތުގައެވެ. ފަރުވާތެރިކަމާއެކު ސަމާލުކަން ދީގެން އިނުމުން އެ ގޮވާ އަޑު ވަކި ކުރެވެއެވެ. އެ އަޑުއިވުމަށްފަހު ކުޑަކުޑަ އަލިކަމެއް ދުރުން ފެނެއެވެ. ބޮޑު އަލިފާންގަނޑެއް މައްޗަށް އަރާތީ ނުފެނެއެވެ.
95މި ސީ.ޑީގައިވާ 04 އަދި 05 ވަނަ ވީޑިއޯ ކްލިޕުން ފެންނަނީ ވަލުތެރޭގައި ތަނބުރު ވެޔޮ ހެދިފައި އޮތް ސަރަހައްދެއްގެ ބިން މައްޗެވެ. ވީޑިއޯ އިން މީހުން ދައްކާ ވާހަކަތަކުންނާއި މަންޒަރު ނަގާފައިވާ ގޮތުން މި ވީޑިއޯއިން ދައްކުވައިދޭން މަސައްކަތް ކޮށްފައިވަނީ ގޮއްވާލި އެތީގެ ބައިތަކެވެ. ގޮއްވާލާފައިވާ ކަމަށް ބެލެވޭ ނުވަތަ އަލިފާނުގެ އަސަރު ކޮށްފައިވާކަމަށް ބެލެވޭ އެއްޗެއް (ކޮން އެއްޗެއްކަން ވަކިނުވާ) ބައިތަކަކާއި، ގޮއްވާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ނަރުކޮޅެއް (ކަރަންޓު ނަރުކޮޅެއް) ފެނެއެވެ. އަދި އެއިގެ ކައިރީގައި ފެން ހުސްކޮށްފައިވާ ކުޑަފުޅިއަކާއި، ސޮސެޖް ހުސްކުރި ޕެކެޓަކާއި، މަމީ ނޫޑްލްސް ހުސްކުރި ޕެކެޓްތަކެއްކަމަށް ބެލެވޭ ރަބަރު ޕެކެޓްތަކެއް ހުއްޓެވެ. މުޅި މަންޒަރުން މި ދެންނެވި ތަކެއްޗަށް ބާރުގަދަ އެއްޗެއް ގޮވައިގެން އަސަރެއް ކޮށްފައިވާތީ ނުފެނެއެވެ.
96ކަންމިހެން ހުރިއިރު، މި ރައުޔުގެ 55 ވަނަ ޕެރެގެރާފުން ފެށިގެން 93 ވަނަ ޕެރެގްރާފުގެ ނިޔަލަށް ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކުރި ޙުކުމަށް ތާއިދުކޮށްފައިވަނީ އޭނާ އެ ކުށްކުރިކަމާމެދު އެކަށީގެންވާ ޝައްކުތައް އުފެދިފައިވަނިކޮށް ކަމުގައި އަހުރެން ދެކެމެވެ. އަދި މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާޠިލު ކުރަންޖެހޭ ކަމުގައި ދެކެމެވެ.
ތަޙްޤީޤު ކޮށްދިނުމުގެ އަމުރެއް ނެރެދިނުން
97މި މައްސަލަ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށްފަހު ޠަލްޢަތު މުޙައްމަދުގެ ފަރާތުން އިތުރު ކަމަކަށް އެދިފައިވެއެވެ. އެކަމަކީ، މި ހާދިސާއާ ގުޅިގެން މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/424 ޤަޟިއްޔާއާއި، ޠަލްޢަތު މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ، މި މައްސަލަ ދިރާސާ ކުރުމުން މުޅި މައްސަލައިގެ ހާދިސާ ހިނގައި ދިޔައީ ކިހިނެއްކަން ސާފުނުވާތީއާއި، މި މައްސަލައަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ޢާންމު ރައްޔިތުންތަކެއް ޚުރާފީ ކަންތައްތަކެއްގައި ބައިވެރިކޮށްގެން ހިންގާފައިވާ ކަމެއްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމާބެހޭ އިދާރާތަކުގެ މައްޗަށް މި މައްސަލަ އަލުން ތަޙްޤީޤު ކުރުމުގެ އަމުރެއް ނެރެ ދިނުމެވެ.
98މި އަމުރު ނެރެދިނުމަށް އެދުމަށްފަހު، މި ބާވަތުގެ އަމުރުތައް ދުނިޔޭގެ ބައެއް ގައުމުތަކުގެ ކޯޓުތަކުން ނެރެފައިވާކަން ފާހަގަ ކުރަމުން އިންޑިއާގެ ކެރެލާގެ ހައިކޯޓުގެ Rajan @ Ramu v. State of Kerala WP (c) 30976/2018 މައްސަލައާއި، އިންޑިއާގެ ސުޕްރީމް ކޯޓުގެ Gudalure M.J. Cherian and Ors. v. Union of India (UOI) and Ors (1992) 1 SCC 397 މައްސަލައިގައި އެ ކޯޓުތަކުން ޢަމަލުކޮށްފައިވާ ގޮތް ލިޔުމުން ހުށަހަޅާފައިވެއެވެ.
99HN18މި ނުކުތާއަށް ބަލާއިރު، ޖިނާއީ ދަޢުވާއެއް ކޯޓަށް ހުށަހެޅުމަށްފަހު އެ މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ނޫންކަމަށް ފެނިގެން ނުވަތަ އެ މައްސަލައަކީ އަލުން އެއްކޮށް އައު ތަޙްޤީޤެއް ހިންގަންޖެހޭ މައްސަލައެއް ކަމުގައި ފެނިއްޖެނަމަ، އެ މައްސަލަ އަލުން ތަޙްޤީޤު ކުރުމަށް އެންގުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ނުވަތަ އެނޫންވެސް ކަމާބެހޭ ޤާނޫނަކުން ކޯޓަށް ދީފައި ނުވެއެވެ.
100ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ބައްޓަންވެފައިވާ ގޮތަށް ބަލާއިރު، ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހައް ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން މައްސަލައެއް ފޮނުވަންވާނީ ތަޙްޤީޤު ފުރިހަމަކޮށް ނިމުމަށްފަހުގައެވެ. އަދި މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމަށްޓަކައި ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރު ކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެކެވެ.
101HN19ޠަލްޢަތު މުޙައްމަދުގެ ފަރާތުން މި ނުކުތާގައި ފާހަގަ ކުރި ކަންކަމަށް ބަލާއިރު، އަލުން އައު ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭނަމަ އެކަން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅައިގެން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމިއްލަ އިސްނެގުމަކަށް ކުރިއަށް ގެންދެވިދާނެ ކަމުގައި ދެކެމެވެ. ސަބަބަކީ، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ އެ ނޫންގޮތަކުންވެސް އެ ފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރެދިނުމުގެ ބާރަކީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ ބާރެކެވެ.
102ވުމާއެކު، ރާއްޖޭގެ ޤާނޫނީ ނިޒާމު ހަމަޖެހިފައިވާ ގޮތުން ޠަލްޢަތު މުޙައްމަދުގެ ފަރާތުން އެދޭ ފަދަ އަމުރެއް މި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރެވިދާނެކަމުގައި އަހުރެން ނުދެކެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
103މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
104މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/436 ޤަޟިއްޔާއާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2016 ޤަޟިއްޔާއިން ޠަލްޢަތު މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.