ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 19 · 2020/SC-A/73ސުޕްރީމް ކޯޓު · 8 މޭ 2023

މޫސާ ޤާސިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 މޭ 2023ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 19 2020/SC-A/73 ޝަރީޢަތް ނިމުނުގޮތް މޫސާ ޤާސިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 08 މޭ 2023

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2017/HC-A/273 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މޫސާ ޤާސިމް، ހ. ވޭވަރ، މާލެ ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ މަރްޔަމް ޝަހުމާ

ޕަބްލިކް ޕްރޮސިކިއުޓަރ އާމިނަތު ޝާމާ ނަޞީރު ޤާނޫނީ ވަކީލު: ޝަހީމް އަޙްމަދު، އޮނުފީނިގެ،

ކ. ދިއްފުށި

ޖިނާއީ – މަކަރާއި ޚީލަތް ހެދުން – ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި (ބ) - ސޮއިގެ ޞައްޙަކަން ކަށަވަރުކުރުން – ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުން

ފިހުރިސްތު

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް 1

ތަޢާރުފު 1

ކްރިމިނަލް ކޯޓުގެ ނިންމުން 3

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން 5

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު 10

އިސްތިއުނާފީ ނުކުތާތަކުގެ ޚުލާސާ 11

(ހ) ކާފީ ހެކި ނެތްކަމަށް ބަޔާންކުރުން 12

ސޮއި ކަށަވަރުކުރުން 15

(ށ) ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބުން 17

(ނ) އިސްތިއުނާފީ މުއްދަތު ފަހަނަޅާ ދިއުމަށްފަހު މައްސަލަ ބަލައިގަތުން 19

މައްސަލަ ނިންމަން ފެންނަގޮތް 20

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 20

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 20

ޙުކުމް 21

` މޫސާ ޤާސިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2023] SC 19 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި) ތަޢާރުފު

1. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/273 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މާލެ، ހ. ވޭވަރ، މޫސާ ޤާސިމް، މީގެ ފަހުން "މޫސާ ޤާސިމް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2020/SC-A/73 ޤަޟިއްޔާ އިން ބެލި އިސްތިއުނާފީ މައްސަލަ އެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް" ނުވަތަ "ދައުލަތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.

2. މި މައްސަލައިގައި އޮތް ޚުޞޫމަތު ފެށުނީ، އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން ލ. މާވަށް، ވިކްޓްރީ ހައުސް، އިސްމާޢީލް ރަފީޢު (މީގެ ފަހުން "އިސްމާޢީލް ރަފީޢު" މިހެން އިޝާރާތްކޮށްފައިވާ) އަށް ދައްކަންޖެހޭ1,370,100/- ރ. (އެއް މިލިއަން ތިން ލައްކަ ހަތްދިހަ ހާސް އެއް ސަތޭކަ ރުފިޔާ) ގެ ސާބިތު ދަރަނީގެ ތެރެއިން، އެ ކުންފުނިން ސިވިލް ކޯޓަށް ދައްކާފައިވާ 913,400/-ރ. (ނުވަ ލައްކަ ތޭރަ ހާސް ހަތަރު ސަތޭކަ ރުފިޔާ) އިސްމާޢީލް ރަފީޢުއާ ޙަވާލުކުރުމަށް 11 އެޕްރީލް 2012 ގައި ސިވިލް ކޯޓުގެ ޕޭމަންޓް ވައުޗަރ ނަންބަރު 0966/2012/0191 ("ސާބިތު ދަރަނީގެ ފައިސާ") އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވާފައި ވަނިކޮށް، އިސްމާޢީލް ރަފީޢުއަށް ނޭނގި އިސްމާޢީލް ރަފީޢުގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ސިޓީއެއް ހިފައިގެން މޫސާ ޤާސިމް ގޮސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕޭމަންޓް ޑޮކިއުމެންޓް ނަންބަރު 1500010110 އިން ދޫކޮށްފައިވާ ނަންބަރު 141736 ޗެކް މޫސާ ޤާސިމް ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެމް.އެސް.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ އެކައުންޓަށް ޖަމާކުރި ހިސާބުންނެވެ.

3. ސާބިތު ދަރަނީގެ ފައިސާ ދޫކޮށްދިނުމަށް އެދި 23 އެޕްރީލް 2012 ގައި އިސްމާޢީލް ރަފީޢުގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވާފައިވާ ސިޓީ ("ފިނޭންސް މިނިސްޓްރީއަށް އިސްމާޢީލް ރަފީޢުގެ ނަމުގައި ފޮނުވާފައިވާ ސިޓީ") ގައި ބަޔާންކޮށްފައި ވަނީ އެ ސިޓީ ހިފައިގެންދާ އިސްމާޢީލް ރަފީޢުގެ ޤާނޫނީ ވަކީލު މޫސާ ޤާސިމްއަށް ސާބިތު ދަރަނީގެ ޗެކް ދޫކުރުމަށެވެ.1 މޫސާ ޤާސިމްއަށް އެ ފަދަ ސިޓީއެއް ދިން ކަމަށް އިސްމާޢީލް ރަފީޢު އިންކާރު ކުރެއެވެ. އަދި އެ ސިޓީގައި ބަޔާންކުރާ ސޮޔަކީ ވެސް އިސްމާޢީލް ރަފީޢުގެ ސޮއި ނޫން ކަމަށް އޭނާ ބުނެއެވެ.

4. ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު2 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން ދިހަހާސް ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ފައިސާ އިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ އާއި، މަކަރާއި ޙީލަތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އިސްމާޢީލް ރަފީޢުގެ ނަމުގައި ނަގާފައިވާ ނަންބަރު 141736 ޗެކުން ނުލިބިވާ 456,700/-ރ. (ހަތަރު ލައްކަ ފަންސާސް ހަހާސް ހަތްސަތޭކަ ރުފިޔާ) މޫސާ ޤާސިމްގެ އަތުން ހޯދުމަށް އިސްމާޢީލް ރަފީޢު އެދޭ މައްސަލައިގެ ކުށުގެ ދަޢުވާ މޫސާ ޤާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އުފުލިއެވެ.

5. ކްރިމިނަލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައި ވަނީ، މޫސާ ޤާސިމްގެ މައްޗަށް އުފުލުނު ދައުވާ ސާބިތުނުވާ ކަމަށެވެ. ނަމަވެސް، ދައުލަތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ޙުކުމްކޮށްފައި ވަނީ މޫސާ ޤާސިމް އާ ދެކޮޅަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. މިހާރު ކުރިމަތީގައި މި އޮތް މައްސަލަ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން މޫސާ ޤާސިމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލެމުންދާ މައްސަލައެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން

6. މޫސާ ޤާސިމްގެ މައްޗަށް އުފުލުނު ދައުވާއަށް ފައިސަލާކޮށް ޙުކުމްކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 520/Cr-C/2012 ޤަޟިއްޔާ އިންނެވެ. އަދި މި ޤަޟިއްޔާގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު3ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން ދިހަހާސް ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށެވެ.

7. މޫސާ ޤާސިމްގެ މައްޗަށް އުފުލުނު ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ، އެ ދައުވާ ސާބިތު ކުރުމަށްޓަކައި، ހެއްކާއި ޤަރީނާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިން ކަނޑައަޅާފައިވާ މިންގަނޑަށް ހުށަހަޅާފައި ނުވާކަމަށް ދެކިއެވެ. އަދި އެ ޤަޟިއްޔާގައި އަންނަނިވި ކަންކަން ފާހަގަކޮށްފައި ވެއެވެ.

7.1. އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން އިސްމާޢީލް ރަފީޢުއަށް ލިބެންޖެހޭ1,370,100/- ރ. (އެއް މިލިއަން ތިން ލައްކަ ހަތްދިހަ ހާސް އެއްސަތޭކަ ރުފިޔާ) ގެ ސާބިތު ދަރަނީގެ ފައިސާގެ ތެރެއިން 913,400/-ރ. (ނުވަ ލައްކަ ތޭރަ ހާސް ހަތަރު ސަތޭކަ ރުފިޔާ) މޫސާ ޤާސިމް ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެމް.އެސް.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާކަން އެއީ ޚުޞޫމަތެއް ނެތް ޙަޤީޤަތެއްކަން އެނގޭކަން.

7.2. ޚުޞޫމަތު އުފެދިފައިވާ ކަމަކީ، އެ ފައިސާ އިސްމާޢީލް ރަފީޢު އާ ޙަވާލު ކުރުމަށްޓަކައި 11 އެޕްރީލް 2012 ގައި ސިވިލް ކޯޓުގެ ޕޭމަންޓް ވައުޗަރ ނަންބަރު 0191/2012/0966 އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވާފައި ވަނިކޮށް، 23 އެޕްރީލް 2012 ގައި އިސްމާޢީލް ރަފީޢުގެ ސޮއި ފޯޖްކޮށް ސާބިތު ދަރަނީގެ ފައިސާ މޫސާ ޤާސިމްއަށް ދޫކުރުމަށް އިސްމާޢީލް ރަފީޢުގެ ނަމުގައި ސިޓީއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް މޫސާ ޤާސިމް ފޮނުވައި އެ ފައިސާ ނަގާފައިވާ ކަމުގެ މައްޗަށްކަން.

7.3. މޫސާ ޤާސިމް އިސްމާޢީލް ރަފީޢުގެ ސޮއި ފޯޖްކޮށްފައި ވާކަން ސާބިތު ކުރުމަށްޓަކައި، ދައުލަތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން 23 މޭ 2012 ގައި ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯރޓް4 ("ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް") ގައި، އިސްމާޢީލް ރަފީޢުގެ ނަމުގައި 23 އެޕްރީލް 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް މޫސާ ޤާސިމް އަށް ފައިސާ ދޫކުރުމަށް ފޮނުވާފައިވާ ސިޓީގައި ނޫކުލައިގެ ގަލަމަކުން ކޮށްފައިވާ ސޮޔަކީ ސިމިއުލޭޓެޑް މެތަޑް ބޭނުންކޮށްގެން ފޯޖްކޮށްފައިވާ ސޮޔެއް ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްފައި ވާކަން.

7.4. މޫސާ ޤާސިމްއަށް ސާބިތު ދަރަނީގެ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމާއި، ނަމަވެސް އެ ސިޓީގައި ސޮއިކޮށްފައި ވަނީ، މޫސާ ޤާސިމް ކަމަށް އޭނާ އިންކާރުކޮށްފައި ވާހިނދު، އެކަން ސާބިތު ކުރެވޭނެ ހެއްކެއް ހުށަހަޅާފައި ނުވާކަން.

7.5. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާދަމް ޙަލީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް5 ޤަޟިއްޔާ އާއި އަދި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޝަރީޢަތުގެ މަޖިލީހުގައި ވަކި މީހެއްގެ ސޮއި ބަލައި ފާހަގަކުރަން ޖެހިއްޖެ ހިނދެއްގައި އެ ލިޔުން ނުވަތަ ސޮއިދުށުން އާދަވެފައިވާ މީހަކު ދޭ ހެކި އެއީ ޙަޤީޤަތެއް ކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށްފައިވުމުން މި މާއްދާ ނިޔާކުރާ ގޮތުން މީހެއްގެ ސޮއި ދުށުމަށް އާދަވެފައިވާ މީހަކު ނުވަތަ ބަޔަކުކަން މި މާއްދާ ބެލުމުން އެނގޭ ކަމަށާއި، މޫސާ ޤާސިމްގެ ސޮއިދުށުން އާދަވެފައިވާ މީހަކު ނުވަތަ ބަޔަކު ހެކިންގެ ގޮތުގައި ހުށަހަޅާފައި ނުވާކަން.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

8. ކްރިމިނަލް ކޯޓުގެ ނަންބަރު 520/Cr-C/2012 ޤަޟިއްޔާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު

2017/HC-A/273 ޤަޟިއްޔާ އިންނެވެ.

9. މި މައްސަލަ އިސްތިއުނާފު ކުރަމުން ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަޔާންކޮށްފައިވާ މައިގަނޑު ނުކުތާ އަކީ، މޫސާ ޤާސިމްގެ މައްޗަށް އުފުލުނު މަކަރާއި ޙީލަތް ހެދުމުގެ ކުށް ސާބިތުވާ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައި ވަނީ، ރަނގަޅަށް ނޫން ކަމަށް ބުނެއެވެ.

10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/273 ޤަޟިއްޔާ އިން މި މައްސަލަ ނިންމާފައި ވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 520/Cr-C/2012 ޤަޟިއްޔާގެ ޙުކުމް ބާތިލުކޮށް މޫސާ ޤާސިމްގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ.

11. މޫސާ ޤާސިމްގެ މައްޗަށް ދައުވާކުރެވުނީ ކުރިން ޢަމަލުކުރެވެމުންދިޔަ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު6ގެ ދަށުން ކަމުގައިވިޔަސް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފީ މަރުޙަލާތައް ފެށުނުއިރު، މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ތަންފީޒުކުރެވެން ފެށިފައިވުމާއެކު، މޫސާ ޤާސިމްގެ މައްޗަށް އަދަބު ކަނޑައަޅާފައި ވަނީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކުރެވި މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން ލުއި އަދަބެކެވެ.7

12. ދިވެހިރާއްޖޭގެ ހައިކޯޓުން މޫސާ ޤާސިމްގެ މައްޗަށް ނިޔާ ކަނޑައަޅާފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު8ގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ޙަވާލާދީ، ތުހުމަތު ކުރެވޭ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1002 ގެ (ހ) އާއި 1104 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރަށް ރިޢާޔަތްކޮށް މޫސާ ޤާސިމް 01 (އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލަށް ލާންޖެހޭ މުއްދަތުގެ ބަދަލުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" އަށް ރިޢާޔަތްކޮށް މޫސާ ޤާސިމް 115,200/-ރ. (އެއް ލައްކަ ފަނަރަހާސް ދުއިސައްތަ ރުފިޔާ) އިން ޖޫރިމަނާކޮށް އެ ފައިސާ 02 ފެބުރުވަރީ 2020 އިން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކާ ޚަލާޞްކުރުމަށް މޫސާ ޤާސިމްއަށް އަންގައި އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އިސްމާޢީލް ރަފީޢު އަށް ދޫކޮށްފައިވާ ނަންބަރު 141736 ޗެކުން މަކަރާއި ޙީލަތުން ނަގާފައިވާ 913,400/-ރ. (ނުވަ ލައްކަ ތޭރަހާސް ހަތަރު ސަތޭކަ ރުފިޔާ) ގެ ތެރެއިން އިސްމާޢީލް ރަފީޢުއަށް ނުލިބިވާ 456,700/-ރ. (ހަތަރު ލައްކަ ފަންސާސްހައެއް ހާސް ހަތް ސަތޭކަ ރުފިޔާ) އަކީ މޫސާ ޤާސިމް އިސްމާޢީލް ރަފީޢުއަށް ދައްކަންޖެހޭ ދަރަންޏެއް ކަމަށް ކަނޑައަޅައި އެ ފައިސާ އިސްމާޢީލް ރަފީޢުއަށް ލިބިދިނުމަށްޓަކައި 02 ފެބުރުވަރީ 2020 އިން ފެށިގެން 01 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ޙުކުމްކޮށް ގެންނެވެ.

13. އިސްވެ ބުނެވުނު ނިޔާ ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްފައި ވެއެވެ.

13.1. ފުރަތަމަ ކަމަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ދޫކޮށްފައިވާ ނަންބަރު 141736 ޗެކް މޫސާ ޤާސިމް ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެމް.އެސް.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ އެކައުންޓަށް މޫސާ ޤާސިމް ޖަމާކުރި ކަމާމެދު ޚިލާފެއް ނެތްކަން އެނގެން އޮންނަ ކަމާއި، ހަމައެކަނި ޚިލާފު އުފެދިފައި ވަނީ، މޫސާ ޤާސިމް އެކަން ކުރީ "މަކަރާ ޙީލަތުން" ތޯ ނުވަތަ ނޫންތޯ ކަމާއި، މޫސާ ޤާސިމް ބަޔާންކުރާ ގޮތުގައި މޫސާ ޤާސިމް އެކަންކުރީ އެ ފައިސާ ލިބެންޖެހޭ އިސްމާޢީލް ރަފީޢު ސޮއިކޮށްފައި ދިން ސިޓީއަކުން އެ ފައިސާ ނެގުމަށް މޫސާ ޤާސިމްއަށް ހުއްދަދީފައި އޮތުމުން ކަމާއި، ނަމަވެސް އެކަމަށް އިސްމާޢީލް ރަފީޢު އިންކާރު ކުރާކަން.

13.2. ދެވަނަ ކަމަކީ، އިސްމާޢީލް ރަފީޢުގެ ސޮއި ތަޙްލީލުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓެއް އޮންނަ ކަމާއި މި ރިޕޯޓުގައި، ހަވާލާދެވޭ ސިޓީގައި ކޮށްފައިވާ އިސްމާޢީލް ރަފީޢުގެ ސޮޔަކީ ސިމިއުލޭޓެޑް މެތަޑް ބޭނުންކޮށްގެން ފޯޖްކޮށްފައިވާ ސޮޔެއް ކަމާއި، ރިޕޯޓު ތައްޔާރު ކުރި ފަރާތާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ފުރުސަތު މޫސާ ޤާސިމްއަށް ދީފައިވާ ކަމާއި، އަދި ސޮއި ތަޙްލީލު ކުރުމާ ގުޅޭގޮތުން ޝައްކެއް އޭނާ އުފައްދާފައި ނުވާ ކަމާއި، އޭގެ ބަދަލުގައި ސުވާލު އުފައްދާފައި ވަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައިވާ ފަދައިން އިސްމާޢީލް ރަފީޢުގެ ސޮއިދުށުން އާދަވެފައިވާ ބަޔަކު ހެކިންގެ ގޮތުގައި ދަށު ކޯޓަށް ހުށަހަޅާފައި ނުވުމުގެ މައްޗަށްކަން އެނގޭކަން.

13.3. ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރީޢަތުގެ މަޖިލީހުން ވަކި މީހެއްގެ ލިޔުން ނުވަތަ ސޮއި ބަލައި ފާހަގަކުރަން ޖެހިއްޖެ ޙާލަތެއްގައި އެ ލިޔުން ނުވަތަ ސޮއި ދުށުން އާދަވެފައިވާ މީހަކު ދޭ ހެކި ބަހަކީ، އެއީ ޙަޤީޤަތެއް ކަމަށް ބެލެވޭނެ ކަމާއި، ޤާނޫނުގައި ބުނާ ސޮއި ދުށުން އާދަވެފައިވާ މީހުންގެ ތެރޭގައި ޢިލްމީ ގޮތުން އެ ކަމެއް ކޮށްކޮށް އެ ކަމެއް އެމީހެއްގެ އާދަޔަކަށް ވެފައިވާ ނުވަތަ ހޭނިފައިވާ ކޮންމެ މީހަކު ހިމެނޭކަން.

13.4. ހަތަރުވަނަ ކަމަކީ، އިސްމާޢީލް ރަފީޢުގެ އަތުން ހޯދުނު ސާމްޕަލް ސޮއި ތަކާއި މި ޤަޟިއްޔާގައި ހަވާލާދެވޭ ސިޓީގައި އޮތް ސޮޔާއި އަޅާ ތަޙްލީލު ކުރި ފަރާތަކީ ޑޮކިއުމެންޓް އެގްޒެމިނޭޝަން އިން ޑިޕްލޮމާ ހާސިލުކުރުމަށްފަހު 2006 ވަނަ އަހަރުން ފެށިގެން އެ ފަންނުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ ފަރާތެއްކަން އެނގެން އޮތްއިރު، އޭނާ އަކީ އޭނާގެ ކުރިމައްޗަށް ހުށަހެޅޭ ލިޔުން ނުވަތަ ސޮއި ޢިލްމީ ގޮތުން ތަޙްލީލުކޮށް، އެއީ ވަކި މީހެއްގެ ލިޔުން ނުވަތަ ސޮއިކަން ނުވަތަ ނޫންކަން ފާހަގަކުރުމުގެ ޢިލްމު ލިބިހުރި ޑޮކިއުމެންޓް އެގްޒެމިން ކުރުމަށް އާދަވެފައިވާ މީހެއް ކަމަށް ބަލަންޖެހޭ ކަމާއި، ވީމާ ޢިލްމީ ގޮތުން އެފަދަ މީހަކު ބަޔާންކުރާ ކުރުމަކީ ޙަޤީޤަތް ކަމުގައި ބަލަންޖެހޭކަން.

13.5. ފަސްވަނަ ކަމަކީ، ދައުލަތުން މޫސާ ޤާސިމްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގައި ބަޔާންކުރާ ފައިސާ މޫސާ ޤާސިމް ނެގީ އިސްމާޢީލް ރަފީޢު ދިން ސިޓީގެ މައްޗަށް ބިނާކޮށްގެން ކަމަށް ބެލިނަމަވެސް، މޫސާ ޤާސިމް ޢަމަލުކޮށްފައި ވަނީ އެ ސިޓީގައި ފެންނަން އޮތް ޢިބާރާތުގެ މައްޗަށް ނޫން ކަމާއި، އެ ސިޓީ އަކީ ޞައްޙަ ސިޓީއެއް ކަމަށް ބެލިނަމަވެސް، އެ ފައިސާ ނަގައި މޫސާ ޤާސިމްގެ އަމިއްލަ ނަމުގައި އޮތް ކުންފުންޏެއްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރަންޖެހޭ އެއްވެސް ސަބަބެއް އެ ސިޓީ އިން ފެންނަން ނެތް ކަމާއި އަދި އެ ފައިސާގެ ތެރެއިން ދެބައިކުޅަ އެއްބައި މޫސާ ޤާސިމްގެ ބާރުގެ ދަށުގައި ބެހެއްޓުމަށްފަހު، އަނެއް ބައި މޫސާ ޤާސިމްގެ ފަރާތުން އިސްމާޢީލް ރަފީޢު އާ ޙަވާލުކޮށްފައި އޮތް އޮތުމުން، މި މުޢާމަލާތުގައި މޫސާ ޤާސިމްގެ ނުނިޔަތް ސާފުކޮށް އެނގެން އޮންނަކަން.

14. ވުމާއެކު، ދައުލަތުން މޫސާ ޤާސިމްގެ މައްޗަށް ކޮށްފައިވާ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ ފެންނަން އޮތް ހަޤީޤަތްތަކާއި ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވެން ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ވެއެވެ.

15. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ އެ ގޮތަށް ނިންމުމާ ވިދިގެން މޫސާ ޤާސިމްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

16. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި މޫސާ ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު 04 (ހަތަރެއް) ނުކުތާ ތިރީގައި ބަޔާންކުރެވިފައި އެ ވަނީ އެވެ.

16.1. ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެމީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ޙައްޤު ލިބިދީފައިވާއިރު، މޫސާ ޤާސިމްގެ މައްޗަށް ކުށް ސާބިތު ކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކެއް ޤަރީނާއެއް ނެތި، ކުށް ސާބިތުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/273 ޤަޟިއްޔާގައި ޙުކުމް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިން ލިބިދީފައިވާ އަސާސީ ޙައްޤާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

16.2. ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރުކޮށް ދީފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު

2017/HC-A/273 ޤަޟިއްޔާ ޝަރީޢަތުން ބެލުމާއި ނިންމުމުގައި ބޭނުންވާ މިންވަރަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަމުން މަޙްރޫމްކޮށް ބަލައި ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

16.3. ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/273 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގައި، އިސްތިއުނާފު ކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު

520/Cr-C/2012 ޤަޟިއްޔާއަށް ކުށުން ބަރީއަވުމަށް މޫސާ ޤާސިމް ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިއާޔަތްނުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/273 ޤަޟިއްޔާގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ޝަރީޢަތާއި ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

16.4. ހަތަރުވަނަ ކަމަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 520/Cr-C/2012 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވަނީ އިސްތިއުނާފުގެ މުއްދަތު ކަމުގައިވާ 90 ދުވަސް ހަމަވެދިޔަފަހުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު9ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

އިސްތިއުނާފީ ނުކުތާތަކުގެ ޚުލާސާ

17. މޫސާ ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ ތަކާއި އަދި އެ ނުކުތާ ތަކުގެ ތަފްސީލުގައި އޭނާ ދައްކާފައިވާ ވާހަކަ ތަކަށް ބަލައި، މި އިސްތިއުނާފު އޭނާ ބިނާކޮށްފައި ވަނީ 03 (ތިނެއް) ކަމެއްގެ މައްޗަށެވެ.

(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި ތިންވަނަ ނުކުތާގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެމަތިން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މޫސާ ޤާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ސާބިތު ކުރެވޭ ފަދަ ކާފީ ހެކި ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ.

(ށ) ދެވަނަ ކަމަކީ، މޫސާ ޤާސިމް އަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިފައިނުވާ ކަމަށް ދެކި ފާހަގަކުރާ ނުކުތާ އެވެ.

(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފީ މުއްދަތު ހަމަވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުން، ކްރިމިނަލް ކޯޓުގެ ނަންބަރު 520/Cr-C/2012 ޤަޟިއްޔާ ބަލައިގަނެ ގޮތެއް ކަނޑައަޅާފައި އޮތުމުގެ މައްޗަށެވެ.

18. އެހެންކަމުން މި 03 (ތިނެއް) ކަންތަކުގެ މައްޗަށް ވަކިވަކިން ބަލާލުމުގެ ގޮތުން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

(ހ) ކާފީ ހެކި ނެތްކަމަށް ބަޔާންކުރުން

19. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެމަތިން އެ މީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެން ވާހިނދު، މޫސާ ޤާސިމްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތު ކުރުމަށްޓަކައި ކާފީ ހެކި ނެތް ކަމަށް ދެކި 02 (ދޭއް) ކަމެއް އޭނާ ފާހަގަކުރެއެވެ.

19.1. ފުރަތަމަ ކަމަކީ، މޫސާ ޤާސިމްގެ މައްޗަށް ކުށް ސާބިތު ކުރެވިފައި ވަނީ ފުލުހުންގެ ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށް ވެފައި، މޫސާ ޤާސިމްގެ މައްޗަށް އުފުލުނު ދައުވާގައި ބަޔާންކުރާ ބަދަލު ލިބިދެވޭ އިސްމާޢީލް ރަފީޢުގެ ސޮއި ތަޙްލީލުކުރުމަށްޓަކައި އޭނާގެ އަތުލިޔުމުގެ ސާމްޕަލް ނެގިފައި ވަނީ ތަޙްލީލުކުރި ޚަބީރުންގެ ކުރިމަތީގައި ކަމަށް ނުވެފައި، އަދި ސާމްޕަލް ނެގިފައި ވަނީ ލ. ފޮނަދޫގައި ކަމަށް ވެފައި، އެ ސާމްޕަލް މާލޭގައި ގާއިމުވެފައި ހުންނަ ލެބޯޓްރީއަކަށް ވާސިލުވި ގޮތުގެ ޗެއިން އޮފް ކަސްޓަޑީ ނެތުމުން އެ ރިޕޯޓުގެ ސައްޙަ ކަމާއި އަދި ނެގިފައިވާ ސާމްޕަލް ސޮއި ތަކަކީ، އިސްމާޢީލް ރަފީޢުގެ ސޮއިކަން ޔަގީން ނުވާކަމަށް ދެކޭކަން.

19.2. ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ޝަރީޢަތުގެ މަޖިލީހުން ވަކި މީހެއްގެ ލިޔުން ނުވަތަ ސޮއި ބަލައި ފާހަގަކުރަން ޖެހިއްޖެ ޙާލަތެއްގައި އެ ލިޔުން ނުވަތަ ސޮއިދުށުން އާދަވެފައިވާ މީހަކު ދޭ ހެކި ބަސް އެއީ ޙަޤީޤަތެއް ކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށްފައި ވާހިނދު އިސްމާޢީލް ރަފީޢުގެ ސޮއި ސާބިތުކޮށްފައި ވަނީ މި އުޞޫލުން ނޫން ކަމަށް މޫސާ ޤާސިމް ދެކޭކަން.

20. އިސްވެ ބުނެވުނު ދެކަމުގެ އަސްލު ބިނާ ވަނީ ސޮޔެއްގެ ސައްޙަކަން ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ މައްޗަށެވެ. މިގޮތުން، އިސްމާޢީލް ރަފީޢުގެ ސޮއިގެ ސާމްޕަލް ނެގި ގޮތުގެ މައްޗަށް މޫސާ ޤާސިމް ސުވާލު އުފައްދައެވެ. އެ ސޮއި ތަޙްލީލު ކުރުމަށްޓަކައި ސޮއިގެ ސާމްޕަލް ނަގާފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުގައެވެ. އިސްމާޢީލް ރަފީޢުގެ ސާމްޕަލް ސޮއި ނެގިއިރު ހާޟިރުވެ ތިބި ދެ އޮފިސަރުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީ، އަދި ނެގިފައިވާ ސާމްޕަލް ސޮއި ތަކަކީ އިސްމާޢީލް ރަފީޢުގެ ސޮއިކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

21. ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓު ތައްޔާރުކޮށްފައި ވަނީ ފުލުހުންނެވެ. އަދި އިސްމާޢީލް ރަފީޢުގެ ސާމްޕަލް ސޮއި ނަގާފައި ވަނީ ވެސް ފުލުހުންނެވެ. ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓު ތައްޔާރު ކުރި ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޟިރުވެ އެ ރިޕޯޓުގެ ސައްޙަކަން ކަށަވަރުކޮށްދީ ހެކިބަސް ދީފައެވެ. އެހެންކަމުން، މި ކަމުގައި އިތުރަށް ސުވާލެއް އޮތްކަމަށް ނުދެކެމެވެ.

22. ތަޙްލީލު ކުރުމަށްޓަކައި ނެގުނު އިސްމާޢީލް ރަފީޢުގެ ސޮއިގެ ސާމްޕަލްތައް، މާލޭގައި ގާއިމުކުރެވިފައި ހުންނަ ފުލުހުންގެ ލެބޯޓްރީއަކަށް ނަގުލުވީ ގޮތުގެ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ އަދި ސޮއިގެ ސާމްޕަލް އެ ސޮއި ތަޙްލީލުކުރި ޚަބީރުގެ ކުރިމަތީގައި ނަގާފައިނުވާ ކަމަށް ދެކި މޫސާ ޤާސިމް ކުރިމަތިކުރާ ބަހުސަކީ އޭނާއަށް ދަށު ކޯޓުގައި ތައުނުކުރުމުގެ ފުރުސަތު ލިބި، އެކަމަށް ސުވާލު އުފައްދާފައިވާ ކަމެއް ކަމަށް ނުވެފައި، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމުގެ މައްޗަށް ގޮތެއް ނިންމާފައި ނުވެއެވެ. ވުމާއެކު، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު10ގެ 16 ވަނަ މާއްދާ11 ގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމުގައި ކަނޑައަޅާފައިވާ ތަރަހައިގެ ބޭރުން ފާހަގަކުރާ ކަންކަމަށް ވާތީވެ އެކަމުގެ މައްޗަށް ގޮތެއް ކަނޑައެޅުމެއް ނުވެއެވެ.

23. ދިވެހިރާއްޖޭގެ ހައިކޯޓުން އިސްމާޢީލް ރަފީޢުގެ ސޮއި ކަށަވަރު ކުރުމުގައި ރިޢާޔަތްކޮށްފައި ވަނީ ފުލުހުން އެ ސޮއި ތަޙްލީލު ކުރުމަށްފަހު ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓަށެވެ. ކްރިމިނަލް ކޯޓުން ބުރަވެފައި ވަނީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ސޮއި ކަށަވަރު ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުގެ ގޮތުގައި ބަޔާންކޮށްފައިވާ، އެ ސޮއި ދުށުން އާދަވެފައިވާ މީހުންގެ ހެކި ބަހަށް ބަލައި ގޮތެއް ކަނޑައެޅުމަށެވެ.

24. ސުވާލަކީ މީހެއްގެ ސޮއި ޝަރީޢަތުން ކަށަވަރު ކުރަންޖެހިއްޖެ ޙާލަތެއްގައި އެ ސޮއި ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތަކީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ތޯއެވެ. ކަމާގުޅޭ ތަޖުރިބާހުރި ޚަބީރެއްގެ ހެކިބަހަށް ބަރޯސާވެ މީހެއްގެ ސޮއި ޝަރީޢަތުން ކަށަވަރުކުރުމުގެ ފުރުސަތު ނެތީތޯއެވެ.

ސޮއި ކަށަވަރުކުރުން

25. ކުރިން ޢަމަލުކުރަމުންދިޔަ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ޝަރީޢަތުގެ މަޖިލީހުން ވަކި މީހެއްގެ ލިޔުން ނުވަތަ ސޮއި ބަލައި ފާހަގަކުރަން ޖެހިއްޖެ ޙާލަތެއްގައި އެ ސޮއިދުށުން އާދަވެފައިވާ މީހަކު ދޭ ހެކި ބަސް އެއީ ޙަޤީޤަތެއް ކަމުގައި ބެލެވިދާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އިސްވެ ބަޔާންކުރެވުނު ޤާނޫނުގެ 4 ވަނަ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ.

"ޝަރީޢަތުގެ މަޖިލީހުން ވަކިމީހެއްގެ ލިޔުން ނުވަތަ ސޮއި ބަލައި ފާހަގަކުރަން ޖެހިއްޖެ ހިނދެއްގައި އެލިޔުން ނުވަތަ ސޮއި ދުށުން އާދަވެފައިވާ މީހަކު ދޭ ހެކި އެއީ ހަގީގަތް ކަމުގައި ބެލެވޭނެއެވެ."

26. ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަކީ މީގެ 47 އަހަރު ކުރިން ޢަމަލު ކުރަންފެށި ޤާނޫނެކެވެ. އެ ޤާނޫނަކީ ޖުމްލަ 07 މާއްދާގެ މައްޗަށް އެކުލެވިގެންވާ ވަރަށް ކުރު ޤާނޫނެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށިއިރު ފޮރެންސިކް ތަޙްލީލު ތަކާއި އަދި އެ ނޫންވެސް ޚަބީރުންގެ ރައުޔަށް ބިނާވާ ހެކިބަސް އާންމުވެފައި ނުވެއެވެ. އަދި މިފަދަ ހެކިބަހަކީ އެ ދުވަސްވަރު ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ދަންނަ ކަންކަމެއް ނޫނެވެ. ހެއްކާބެހޭ ޤާނޫނުގައި ވަރަށް ޚުލާސާކޮށް ބަޔާންކޮށްފައި ވަނީ އެ އިރުގައި ދިވެހިރާއްޖެ އޮތް ޙާލަތަށް ބަލައި ކަންކަން ސާބިތު ކުރެވިދާނެ ބައެއް އާންމު ހަމަތަކެވެ.

27. މިގޮތުން މީހެއްގެ ސޮއި ޝަރީޢަތުން ކަށަވަރު ކުރަންޖެހިއްޖެ ހިނދަކު، އެ ސޮއި ބަލައި ދުށުން އާދަވެފައިވާ މީހަކު ދޭ ހެކިބަސް އެއީ ހަޤީޤަތެއް ކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށް، ސޮއި ކަށަވަރު ކުރެވިދާނެ ގޮތެއް ބުނެދީފައި ވެއެވެ. ނަމަވެސް އެއީކީ ސޮއި ކަށަވަރު ކުރެވިދާނެ ހަމައެކަނި ގޮތް ކަމަށް އެ ޤާނޫނު ބެލުމުން ދޭހަ ނުވެއެވެ. އެ ޤާނޫނުގައި ނެތް ޝަރުޢީ އަދި ޤާނޫނީ އެތައް އުޞޫލުތަކާއި ހަމަތައް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ބަލައިގަނެ ތަތުބީޤު ކުރަމުން ގޮސްފައިވާކަން ފާހަގަކުރަމެވެ. ވުމާއެކު، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގައި ބަޔާންނުކުރާ ހަރުދަނާ އެހެނިހެން ވަސީލަތްތަކާއި ހެކި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހަޅައި މީހެއްގެ ސޮއި ކަށަވަރު ކުރުމުގެ ދޮރު އެ ޤާނޫނުން ބަންދުކޮށްފައި ނުވާކަން ފާހަގަކުރަމެވެ. މީގެ ތެރޭގައި ޚަބީރުންގެ ރައުޔު ވެސް ހިމެނެއެވެ.

28. މޫސާ ޤާސިމްގެ ފަރާތުން ސޮއި ކަށަވަރު ކުރުމުގައި ރިޢާޔަތް ކުރަންޖެހޭނެ ހަމައަކީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ ގައިވާ އުޞޫލުން ކަމަށް ދެކި ޙަވާލާދީފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އާދަމް ޙަލީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް12 އަށެވެ. މި ޤަޟިއްޔާއިން ބެލުނީ އިންތިޚާބީ ކުށުގެ މައްސަލަ އެކެވެ. ދައުވާ ކުރެވުނީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރާ ޙަވާލާދެވި، ވޯޓުލުމަށް ދަތިކުރުމާއި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

29. އެ މައްސަލައިގައި ޚަބީރެއްގެ ރައުޔުގެ މައްޗަށް ބިނާކޮށް ސޮއި ކަށަވަރު ނުކުރުވެނޭ ކަމަށް ބަޔާންކޮށްފައި ނުވާ ކަން ފާހަގަކުރަމެވެ. އަދި މީހެއްގެ ސޮއި ކަށަވަރު ކުރަންޖެހިއްޖެ ޙާލަތެއްގައި ސޮއި ކަށަވަރު ކުރެވިދާނެ ހަމައެކަނި ގޮތަކީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައިވާ އުޞޫލު ކަމަށް ވެސް އެ ޤަޟިއްޔާގައި ކަނޑައަޅާފައި ނުވެއެވެ.

30. ޚަބީރެއްގެ ހެކިބަސް ބަލައި ގަތުމުގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޢަމަލުކުރާ ގޮތަށް ބަލައި ފުރިހަމަވާންޖެހޭ އަސާސީ ޝަރުތަކީ އެ ހެކި ބަހެއް ދޭފަރާތުގެ ކިބައިގައި ކަމާ ގުޅުންހުރި ތައުލީމު ނުވަތަ ތަޖުރިބާ ހުރުމެވެ. މި ޝަރުތު ފުރިހަމަ ވޭތޯ ބަލަނީ، ކޮންމެ މައްސަލައެއްގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭ ކަންކަމުގެ އަލީގައި ފަނޑިޔާރެވެ.13

31. މީގެ އިތުރަށް ޖިނާއީ މައްސަލައެއްގައި، ޚަބީރަކު ތައްޔާރުކުރާ ރިޕޯޓު ނުވަތަ އޭނާގެ ހެކިބަސް ސައްޙަކަން ކަނޑައެޅުމުގައި، އެ ރިޕޯޓު ތައްޔާރުކުރާ ފަރާތާ މުނާގަޝާ ކުރަން އެދުމުގެ ހައްޤު މައްސަލައިގައި ޝާމިލުވާ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

32. ބަޔާންވެދިޔަ އުޞޫލުން ކުރިމަތީގައި އޮތް މި މައްސަލައަށް ބަލައި، އިސްމާޢީލް ރަފީޢުގެ ސޮއި ތަޙްލީލުކުރި ޚަބީރުގެ ކަމާގުޅޭ ތައުލީމާއި ތަޖުރިބާ ހުރިކަން ފާހަގަކުރެވެއެވެ. އަދި އިސްމާޢީލް ރަފީޢުގެ ސޮއި ތަޙްލީލު ކުރިފަރާތް ޝަރީޢަތުގެ ކުރިމައްޗަށް ހާޟިރުވެ، މުނާގަޝާކޮށް ސުވާލުކުރުމުގެ ފުރުސަތު މޫސާ ޤާސިމް އަށް ލިބިދީފައިވާކަން އެނގެއެވެ.

33. ވުމާއެކު، ފިނޭންސް މިނިސްޓްރީއަށް އިސްމާޢީލް ރަފީޢުގެ ނަމުގައި ފޮނުވާފައިވާ ސިޓީގައި އޮތް އިސްމާޢީލް ރަފީޢުގެ ސޮޔަކީ، ފޯޖްކޮށްފައިވާ ސޮޔެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެމަތިން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ހެކި ހުރެގެން ނޫން ކަމަށް ބަލާނެ ހަމައެއް ނެތެވެ.

(ށ) ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބުން

34. މޫސާ ޤާސިމް ފާހަގަކޮށްފައިވާ ދެވަނަ ކަމަކީ، އެކަށީގެންވާ މިންވަރަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލައިގައި ޝަރީޢަތްތައް ކުރިއަށް ދިޔައިރު ލިބިފައި ނުވާ ކަމަށެވެ. އަދި ހަތަރު އަޑު އެހުމެއް ބޭއްވުނު އިރު، އޭގެ ތެރެއިން އެންމެ އަޑު އެހުމަކަށް ފިޔަވައި ޤާނޫނީ ވަކީލު ހާޟިރުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން އެކަށީގެންވާ ގޮތަށް ލިބިފައި ނުވާ ކަމަށެވެ.

35. މީގެ ރައްދުގައި ދައުލަތުން ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި ޝަރީޢަތުގެ މަރުހަލާ ކުރިއަށް ދިޔައިރު ބޭއްވުނު ހަތަރު އަޑުއެހުމުގެ ތެރެއިން ފުރަތަމަ އަޑުއެހުމުގައި މޫސާ ޤާސިމް އައީ ވަކީލަކު ނެތިއެވެ. ފުރަތަމަ އަޑުއެހުމުގައި ވަކީލަކު ނެތުމުން، މޫސާ ޤާސިމްގެ މައްޗަށް ތުހުމަތުގެ ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށްވެފައި، އޭނާއަށް ދައުލަތުން ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އޮތްކަމަށް ދައުލަތުން އެންގި ކަމަށް ބުނެފައި ވެއެވެ. އެއަށްފަހު، ވިދިގެން އައި އަޑުއެހުމުގައި، މޫސާ ޤާސިމްގެ ދިފާއީ ވަކީލު އޭނާ ތަމްސީލުކޮށް ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ. އެންމެ ފަހުން ބޭއްވުނު ދެ އަޑުއެހުން ކަމުގައިވާ، އަދަބާ ގުޅޭގޮތުން ބޭއްވުނު އަޑުއެހުމާއި އަދި ޙުކުމް ކުރުމަށް ބޭއްވުނު އަޑުއެހުމުގައި، ވަކީލަކާ ނުލައި ކުރިއަށް ގެންދިއުމަށް އިއުތިރާޟު ނުކުރާ ކަމަށް ޝަރީޢަތުގެ މަޖިލީހުގައި މޫސާ ޤާސިމް ބުނެފައި ވެއެވެ. ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން މޫސާ ޤާސިމް އަށް ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ބުނެވިދާނެ ކަމަކަށް ނުދެކޭ ކަމުގައި ދައުލަތުން ބުނެއެވެ.

36. ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަކީ މުއްތަހަމުގެ މަސްލަޙަތު ހިމާޔަތްކޮށް ދިފާޢުކުރުމުގެ ޙައްޤެއް ކަމަށް ވާއިރު، އެ ޙައްޤު ބޭނުން ހިފުމަކީ އޭނާގެ އިޚްތިޔާރެކެވެ.

37. މިގޮތުން އަމިއްލަ ޚަރަދުގައި ނުވަތަ ތަނަވަސްކަން ނެތްނަމަ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ދައުލަތުގެ ޚަރަދުގައި ޤާނޫނީ ވަކީލަކު ހޯދުމަށް އެދުމަކީ ޖިނާއީ މައްސަލަތަކުގައި މުއްތަހަމަށް ފުރުސަތު ލިބިފައިވާ ކަމެކެވެ. ނަމަވެސް، ކޯޓަކުން ޤާނޫނީ ވަކީލެއް އައްޔަންކުރުމުގެ ފުރުސަތު ދިނުމަށްފަހު އެ ފުރުސަތުގެ ބޭނުން މުއްތަހަމު ނުހިފާ ކަމަށް އެ ކޯޓަކަށް ގަބޫލުކުރެވޭނަމަ، ޤާނޫނީ ވަކީލަކާ ނުލައި މުއްތަހަމު ޝަރީޢަތް ކުރިއަށް ގެންދިއުމަށް އިޚްތިޔާރު ކުރީކަމުގައި ބެލެވޭނެއެވެ.

38. އެހެންކަމުން، ހުށަހެޅިފައިވާ މި މައްސަލައަށް ނަޒަރު ކުރާއިރު، މޫސާ ޤާސިމްގެ ވަކީލަކު ދިވެހިރާއްޖޭގެ ހައިކޯޓުގައި އޭނާ ތަމްސީލުކޮށްފައި ވާކަން އެނގޭ ހިނދު، މޫސާ ޤާސިމް އަށް ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ހައިކޯޓުން އެކަށީގެންވާ ގޮތަކަށް ދީފައިނުވާ ކަމަށް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ދޭހަ ނުވެއެވެ.

(ނ) އިސްތިއުނާފީ މުއްދަތު ފަހަނަޅާ ދިއުމަށްފަހު މައްސަލަ ބަލައިގަތުން

39. މޫސާ ޤާސިމް ފާހަގަކޮށްފައިވާ ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލައިގެ އިސްތިއުނާފު ބަލައިގަނެ ގޮތެއް ކަނޑައަޅާފައި ވަނީ އިސްތިއުނާފީ މުއްދަތު ފަހަނަޅައި ދިއުމަށް ފަހުގައި ކަމަށެވެ. މި މައްސަލަ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހުށަހެޅިފައި ނުވަނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުންކަން ދައުލަތުން ފާހަގަކުރެއެވެ. އަދި މޫސާ ޤާސިމް ހުށަހަޅާފައިވާ މި ނުކުތާ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަހުސްކުރެވިފައިވާ ނުކުތާއެއް ނޫން ކަމަށް ދައުލަތުން ބުނެފައިވެއެވެ. ވުމާއެކު މި ނުކުތާ އަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު14ގެ 16 ވަނަ މާއްދާގެ ތަރަހައިގެ ބޭރުން މޫސާ ޤާސިމް ފާހަގަކުރާ ކަންކަމަށް ވާތީ، އެ ކަމުގެ މައްޗަށް ގޮތެއް ކަނޑައެޅުމެއް ނުވެއެވެ.

40. ނަމަވެސް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި، ދައުލަތުން މި މައްސަލަ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހުށަނޭޅުނީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވެގެން ކަމަށް ދޭހަވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު15ގެ 29 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަކަމުގައިވިޔަސް އިސްތިއުނާފު ކުރެވިދާނެ އިސްތިސްނާއީ ޙާލަތެއް ބަޔާންކޮށްފައި އޮންނަކަން ފާހަގަކުރަމެވެ. އެއީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވުމެވެ.

41. އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ކުރުމަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއްކަން ނުވަތަ ނޫންކަން ބަލައި ވަޒަންކުރުމުގައި ރިޢާޔަތްކުރެވިދާނެ ސަބަބުތަކެއް ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައި ފާހަގަކޮށްފައިވެއެވެ.16 މީގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުން ހިމެނޭ ކަމާއި ހުށަހެޅިފައިވާ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައި ގަނެފައި ވަނީ ގަވާއިދުން ކަމަށް ދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

42. އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އަހުރެންނަށް ފާހަގަނުކުރެވެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

43. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

44. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/273 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/273 ޤަޟިއްޔާ ނިންމާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/273 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު މުޙައްމަދު އިބްރާހީމް ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)

1އިސްލާޢީލް ރަފީޢުގެ ނަމުގައި 15 އެޕްރީލް 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފޮނުވާފައިވާ ސިޓީ

2 ޤާނޫނު ނަންބަރު 68/10

3 ފުޓްނޯޓް 2

4 މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު E2(g)/DER/2012/0027 ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯރޓް

52011/SC-A/31

6ފުޓްނޯޓް 2

7ޤާނޫނުލްއުގޫބާތުގެ 10 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ޢާންމު އުސޫލެއްގެ ގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށެއްގެ މައްޗަށް މި ޤާނޫނެއް ނުހިނގާނެއެވެ. އެހެންނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށަކަށް މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު އަދަބު ކަނޑައަޅާނަމަ، އެ ކުށަކަށް ދިނުމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކުރީގެ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށްވުރެ ކުޑަ އަދަބެއްނަމަ، އެފަދަ ކުށަކަށް އަދަބު ކަނޑައަޅަންވާނީ މި ޤާނޫނުގައިވާ ގޮތުގެމަތިންނެވެ.

8ޤާނޫނު ނަންބަރު 2014/9

9 ހައިކޯޓުގެ ޤަވާޢިދު 2011

10ޤާނޫނު ނަންބަރު 2010/22

11 އެ ގޮތުން ފާހަގަކުރެވޭ ބައެއް މައްސަލަތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ މޫސާ ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ގަޟިއްޔާ) އާއި، ޝަމީމް ޢަބްދުﷲ އަބޫބަކުރު ވ. ވަޙީދު އިސްމާޢީލް [2021] SC 64 އާއި، ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް [2021] SC 01 އާއި، ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 ހިމެނެއެވެ.

12 2011/SC-A/31

13[2021] SC 55

14 ފުޓްނޯޓް 13

15 ފުޓްނޯޓު 9

16 މި ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭކަމަށް ސުޕްރީމް ކޯޓުގެ ފާޠިމަތު ވ. އާމިނަތު ޙުޞައިން (ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/21 ގަޟިއްޔާ) އާއި ދިވެހި ދައުލަތް ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް [2021] SC 42 ފަދަ މައްސަލަ ތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިއެވެ.

(ހ) ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެގެންވަނީ ޚަޞްމަކު ހެދި މަކަރާއި ޙީލަތެއްގެ މައްޗަށް ކަމުގައިވުން.

(ށ) ޚަޞްމެއްގެ ޙައްޤު ގެއްލޭނެފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެފައިވުން.

(ނ) ޠަބީޢީ ކާރިޘާތަކާއި ހަނގުރާމައިގެ ޙާލަތާއި، މަދަނީ ހަމަނުޖެހުންތަކާއި، ޢާންމުވެގެންވާ ރޯގާ ބަލިމަޑުކަމުގެ ހާލަތު.

(ރ)އިސްތިއުނާފު ކުރާ ފަރާތަށް ދަށުކޯޓުން މައްސަލަ ނިންމިކަން ޤާނޫނީ ގޮތުން އެނގިފައިނުވުން ނުވަތަ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުޞަތު ލިބިފައި ނެތުން.

(ބ)އިސްތިއުނާފުކުރާ ފަރާތުގެ ބަލި ޙާލަތުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުޞަތު ނުލިބުން.

(ޅ)ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން.

2020/SC-A/73 [2023] SC 19

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ