ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/145

އަޙްމަދު ޒިހާން އިސްމާއިލް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށުކޯޓުގެ ނިންމުން ބާޠިލު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 31 ޑިސެމްބަރު 2025ދަށު ކޯޓު: ކްރިމިނަލް ކޯޓު 711/Cr-C/2017ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 711/Cr-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން އިސްމާޢީލް ހައިޝަމް ރަޝީދާއި އަޙްމަދު ޒިހާން އިސްމާޢީލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުކޮށް، މަރުގެ ދިޔައާއި އުމުރަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
2017 ގައި ޔާމީން ރަޝީދު ތޫނު އެއްޗަކުން މަރާލި މައްސަލައެވެ. ދައުލަތުގެ ހެކިތަކުގެ ތެރޭގައި ސިއްރު ހެކިންގެ ހެކިބަސް ހިމެނެއެވެ. ޙުކުމުގެ ކުރިން، ތުހުމަތުކުރެވޭ ފަރާތް ފެނުނު ކަމަށް ބުނި ސިއްރު ހެކިވެރިޔާ، އެ ބަސް ދިނީ ފުލުހުން ބިރުދައްކައިގެން ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިއްރު ހެކިންގެ ހެކިބަސް ނެގުމުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ޙައްޤު ހަނިވިތޯ، އަދި ހެކިބަހުން ރުޖޫޢަވާން އެދުނު ސިއްރު ހެކިވެރިޔާގެ ސިޓީއާމެދު ދަށުކޯޓުން ޢަމަލުކުރި ގޮތް ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ، ސިއްރު ހެކިންގެ ހެކިބަސް ނެގުމުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އާއި 42 ވަނަ މާއްދާގެ ޙައްޤުތައް ހަނިވި ކަމަށާއި، ރުޖޫޢަވާން އެދުނު ހެކިވެރިޔާގެ ހެކިބަހަށް ބުރަދަން ދިނުން ގޯސް ކަމަށެވެ. ދައުލަތުން ބުނީ، ސިއްރު ހެކިން ޙިމާޔަތްކުރެވޭނެ ކަމަށާއި، ރުޖޫޢަވި ހެކިބަހަށްވެސް ރިޢާޔަތްކުރެވޭނެ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސިއްރު ހެކިންގެ ހެކިބަސް ނެގުމަކީ ޙައްޤު ހަނިކުރުމެއް ނޫނެވެ. ނަމަވެސް، ސިއްރު ހެކިވެރިޔާގެ ސިޓީ ޚަޞްމުންނަށް ހާމަނުކޮށް، އަޑުއެހުމެއް ނުބާއްވައި ފަނޑިޔާރު ގޮތް ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ އިންޞާފުވެރި ޝަރީޢަތެއްގެ ޙައްޤާ ޚިލާފެވެ. އެހެންކަމުން ކުށް ސާބިތުކުރި ކަނޑައެޅުން ބާޠިލުކޮށް، އިރުޝާދާއެކު ކްރިމިނަލް ކޯޓަށް ތަޙުވީލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމުގައި އަޙްމަދު ޒިހާން އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރި ކަނޑައެޅުން ބާޠިލުކޮށް، އިރުޝާދާއެކު އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކުރި (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޙައްޤެއް ހަނިވާގޮތަށް ޢަމަލުކޮށްފައިވާކަމަށް ބުނެ ޝަކުވާކުރާ ޙާލަތުގައި، ހަނިކުރިކަމަށް ބުނެ ޝަކުވާކުރާ ޙައްޤަކީ އެ ޝަކުވާކުރާ ފަރާތަށް ހަމަ ޙަޤީޤަތުގައިވެސް ލިބިފައި އޮތް ޙައްޤެއްކަން އެ ޝަކުވާކުރާ ފަރާތުން ފުރަތަމަ ކަމަކަށް ކޯޓަށް ދައްކުވައިދޭންޖެހޭނެއެވެ. ސަބަބަކީ، ޢާންމު އުޞޫލުން ބަލާއިރު، ޙައްޤެއް ހަނިވާގޮތަށް ޢަމަލުކޮށްފިކަމަށް ބުނެ އެ ޝަކުވާއެއްކުރުމުގެ ޙައްޤު ޤާނޫނީގޮތުން އޮންނާނީ އެ ޙައްޤެއް ލިބިގެންވާ ފަރާތަކަށްކަމުގައި ވާތީއެވެ.

HN2 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޙައްޤު ޢަމަލީގޮތުން ދެވިގެންދާހިނދު، އެކަމުގައި ޢަމަލުކުރުވޭ ޢާންމު އުޞޫލަކީ، ހެކިވެރިޔާ ކުށްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާއާ މޫނާމޫނު ދިމާވާނެހެން ކުރިމަތިލައި އެއްހާޒިރެއްގައި ހުރެ ހެކިބަސް އަދާކުރާކުރުމެވެ.

HN3 ހެކީންނާ ސުވާލުކުރުމުގެ ޙައްޤާއި ކުރިމަތިލުމުގެ ޙައްޤު އެކުގައި ލާމެހިގެން ކަށަވަރުކޮށްދޭ ކަމަކީ، އިންސާފުގެ އުޞޫލުތައް ކަށަވަރުކޮށްދިނުމެވެ. އެގޮތުން، އެ ދެޙައްޤުގެ ޒަރީޢާއިން ހުޅުވިފައިވާ ޝަރީޢަތުގެ މަޖިލީހެއްގައި ހާމަކަމާއެކު ހެކި ޠައުނުކުރުމުގެ ފުރުސަތު ކަށަވަރުކޮށްދެއެވެ. އަދި ކަމުގެ ޙަޤީޤަތް ދެނެގަތުމުގެ މަރުޙަލާގެ ޞައްޙަކަން ކަށަވަރުކޮށްދެއެވެ. ވުމާއެކު، ކުރިމަތިލުމުގެ ޙައްޤަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށަށްފެތޭ އަދި އެ ޙައްޤުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ޙައްޤެކެވެ.

HN4 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. ދަށުކޯޓުގައި އިޢުތިރާޟްކޮށްފައިނެތްކަމެއްގައި، އައްވަލަށް އިސްތިއުނާފީ ކޯޓުގައި އެކަން ފާހަގަކުރުމުގެ ނަތީޖާއަކީ، އިސްތިއުނާފުގައި މުޅިން އައު ބަހުސަކަށް ދޮރުހުޅުވިގެން ދިއުމެވެ. އިސްތިއުނާފުގައި މުޅިން އައު ބަހުސަކަށް ދޮރުހުޅުވާލުމަކީ، ޢާންމު އުޞޫލުން، އިސްތިއުނާފީ ކޯޓުން ކަންކުރާ ހަމައެއް ނޫނެވެ.

HN5 އިސްތިއުނާފުގައި އައްވަލަށް ހުށަހަޅާ ކަމަކީ އަސާސީ ޙައްޤަކާ ގުޅިފައިވާ ކަމަކަށްވާނަމަ، އަދި އެކަން އިސްތިއުނާފީ ކޯޓުގެ ސަމާލުކަމަށް އައިސްފައިވާނަމަ، އިސްތިސްނާއީ އުސޫލަށް ރިޢާޔަތްކޮށް، އެ މަރުޙަލާގައި އެކަން ބަލައިގަނެ، އެކަމާމެދު ގޮތް ކަނޑައެޅިދާނެއެވެ.

HN6 ތަފާތު މަޞްލަޙަތުތައް ނުވަތަ ޙައްޤުތައް މީޒާންކުރަންޖެހޭ ޙާލަތެއްގައި އެ މިންވަރަށް އެ މަޞްލަޙަތުތައް ނުވަތަ ޙައްޤުތައް މީޒާންކޮށް އެ މަޞްލަޙަތުތަކާއި ޙައްޤުތައް ތަޠުބީޤުކުރުމަކީ ޤާނޫނެއްގައި ޙައްޤުތައް ހިފެހެއްޓޭނެގޮތް ކަނޑައަޅައި ބަޔާންކޮށްފައި ނެތްނަމަވެސް ފަނޑިޔާރަށް ކުރެވިދާނެ ޖާއިޒުކަމެކެވެ. ޙައްޤުތަކާމެދު އަރާރުމެއް އޮތްނަމަ އެކަމަށް ޙައްލެއް ހޯދައިދިނުމުގެ ބާރު ކޯޓުތަކަށް ލިބިފައިވާއިރު، ޤާނޫނު ތަޠުބީޤުކުރުމުގެ ތެރެއިން ފުށުއަރާ ޙައްޤުތައް މީޒާންކުރާ ކުރުމަކީ، އެ ޙައްޤުތަކާމެދު އައު ގައިދުތަކެއް ކަނޑައެޅުމެއް ނޫނެވެ.

HN7 ކާކުކަން ނޭނގޭ ގޮތަށް ސިއްރު ހެކިވެރިންގެ ހެކިބަސް ނެގޭނެ ޙާލަތްތައް ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައި ނެތުމުން، ހުރިހާ ފަރާތެއްގެ ދުސްތޫރީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ގޮތުން ކޯޓުން ޢަމަލުކުރުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޙައްޤަށް ކުރިމަތިކުރުވާ ޤާނޫނީ އައު ހުރަހެއްނޫނެވެ. ނުވަތަ ގެނުވާ ޤާނޫނީ އައު ހަނިކަމެއްވެސް ނޫނެވެ. އެއީ، ދުސްތޫރީ އުސޫލުތައް ތަޠުބީޤުކުރުމުގެ ތެރެއިން ނިންމާ ނިންމުމެކެވެ. އެހެންކަމުން، އެއީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.

HN8 ކޮންމެ ޙައްޤަކީ އެ ޙައްޤެއް އެހެން ޙައްޤުތަކާ ވަކިން މުސްތަޤިއްލުކޮށް މުޠުލަޤަށް އޮންނަ ޙައްޤެއްނޫނެވެ. ކޮންމެ ޙައްޤެއްގެވެސް ފެށޭ ހިސާބެއް ވާފަދައިން ކޮންމެ ޙައްޤެއްގެވެސް ނިމޭހިސާބެއް ވާނެއެވެ. ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ޞަބާޙް އަދި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެ ޙައްޤެއްވެސް ދޭންވާނީ އޭގެ އެންމެ ފުޅާމިނުގައިކަމަށް ބަލާނަމަ، ހެކިވެރިޔާގެ ޙައްޤާއި މުޖުތަމަޢުގެ ޙައްޤާމެދުވެސް ބަލަންޖެހޭނީ ހަމަ އެ ހަމައިންނެވެ.

HN9 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ ދަށުން އެއްހާޒިރުކުރުމަށް ލިބިފައިވާ އިސްތިސްނާއާ ޙަވާލާދީ، ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގޮތުންކަމަށްވިޔަސް، ހެކިވެރިޔާއާ ޝަރީޢަތުގެ މަޖިލީހުގައި އެއްހާޒިރުވެ ސުވާލުކުރުމަށް މުއްތަހަމަށް ލިބިފައިވާ އަސާސީ ޙައްޤު ހަނިނުކުރެވޭނެކަމަށް ބުނާ ބުނުމާ ދެކޮޅަށް ފެންނަން އޮތް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ސަޢީދު ޤަޟިއްޔާއެވެ. އެ ޤަޟިއްޔާގައި ނިންމާފައިވާ އެއްވެސް ނިންމުމަކީ، per incuriam ނިންމުމެއްގެ ގޮތުގައި ހައިކޯޓުން ކަނޑައަޅަންޖެހޭ އެއްވެސް ސަބަބެއް އޮތްކަން ޤާނޫނީ ހަމަތަކުގެ މަތިން ހަމަދެއްކުމާއެކު ބުނެދެވިފައި ނުވާނަމަ، އެ ބުނުން ބަލައިނުގަނެވޭނެއެވެ.

HN10 އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤަށް ބަލާއިރު، ނެޗުރަލް ޖަސްޓިސްގެ އުޞޫލުގެ އެންމެ އަސާސީ އެއްކަމަކީ، އަޑުއެހުމުގެ ޙައްޤެވެ. އެއީ، "އޯޑީ އަލްޓަރަމް ޕާޓެމް" ގެ އުޞޫލެވެ. އެއީ، ހަމައެކަނި އިޖުރާއީކަމެއް ނޫނެވެ. އެއީ، ނިންމުމެއް ނިންމުމުގެ ކުރިން، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއްގެ އަޑުއަހައި، ކޯޓުން ގޮތް ކަނޑައަޅާއިރު، އެކަންކަމަށް ރިޢާޔަތްކުރާނެކަން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެކެވެ.

HN11 ޖަރީމާ ހިންގި މީހުން ކުށުގެ ވެށީގެ ސަރަހައްދުން ލޮލަށް ފެނުނުކަމަށް ބުނެ ހެކިބަސް އަދާކުރި ހަމައެކަނި ހެކިވެރިޔާ، އޭނާ އެ މީހުން އައިޑެންޓިފައިކުރީ ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެންކަމަށް ބުނެ ސިޓީއެއް ހުށަހެޅުމާ ގުޅިގެން އުފަންވި ޙާލަތެއްގައި، ސިއްރު ހެކިވެރިޔާ ސިޓީއެއް ފޮނުވިކަން ހާމަނުކުރުމާއި، އެ ސިޓީގެ މަޢުލޫމާތު އެއްވެސް މިންވަރަކަށް ހާމަނުކުރުމާއި، އެ ސިޓީއާ ގުޅިގެން އަޑުއެހުމެއް ނުބޭއްވުމަކީ އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާ އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ދުސްތޫރީ ޙައްޤާ ޚިލާފު ކަމެކެވެ. އެ ސިޓީއާމެދު ފަނޑިޔާރު ސިއްރުން، ނޯޓިހެއް ދިނުމެއްނެތި، އަޑުއެހުމެއް ބޭއްވުމެއް ނެތި ޢަމަލުކުރުމުގައި އޮތް އައިބަކީ، އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަންއަންނަ، ޙުކުމުގެ ޝަރުޢިއްޔަތަށް އަސަރުކުރާ އަސާސީ ގޯހެކެވެ.

HN12 ފަނޑިޔާރެއްގެ ދައުރާ ދުރަށްޖެހި، އެއްވެސް ފަރާތެއްގެ ބަހެއް ހޯދުމެއްނެތި، ތަޙުޤީޤީ ދައުރެއް ފަނޑިޔާރު އަދާކުރުމުގެ ނުރަނގަޅު އެއް ނަތީޖާއަކީ، ސިއްރު ހެކިވެރިޔާ ކުރިން ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް، އެ ސިޓީއާ ގުޅިގެން އަލުން، ތައުނުކުރުމުގެ ފުރުސަތު ދިފާޢުއަށް ބީވެދިއުމެވެ. އަނެއް ނަތީޖާއަކީ، ތަޙުޤީޤުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ވަކާލާތުކުރުމުގެ ފުރުސަތު ދައުލަތަށް ބީވެދިއުމެވެ. އެ ޢަމަލަކީ، ދައުލަތާއި ދިފާޢުގެ ޙައްޤަށްވެސް އުނިކަން ލިބޭ ޢަމަލެކެވެ.

HN13 އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ކަށަވަރުކޮށްދެނީ، ހަމަ އެކަނި ޞައްޙަ ނަތީޖާއެއް ލިބޭނެކަން އެކަންޏެއްނޫނެވެ. އެ ނަތީޖާއަށް ވާޞިލުވުމުގައި ޤާނޫނީ ހަމަތަކާ އެއްގޮތަށް ޢަމަލުކުރާނެކަންވެސް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ކަށަވަރުކޮށްދެއެވެ.

HN14 ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެން ތުހުމަތުކުރެވޭ ފަރާތް އައިޑެންޓިފައިކުރިކަމަށް ބުނެ ހެކިވެރިޔާ ކޯޓަށް ފޮނުވި ސިޓީއާމެދު ދަށުކޯޓުން ޢަމަލުކުރި ގޮތް ޞައްޙަ ނޫންކަމަށް ބަޔާންކުރެވިފައިވާއިރު، އެކަމާމެދު އަލުން ދަށުކޯޓުން ގޮތެއް ނިންމުމުގެ ކުރިން، އެ ހެކިވެރިޔާގެ ހެކިބަހާ ގުޅޭ ނުކުތާތަކުގައި މައުލޫއީ ގޮތުން އިސްތިއުނާފީ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ޙާލަތެއް ނެތެވެ. ސަބަބަކީ، އެ ހެކިވެރިޔާ ތުހުމަތުކުރެވޭ ފަރާތްތައް އައިޑެންޓިފައިކުރިކުރުމުގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިވާތީއެވެ.

HN15 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި 1 ވަނަ ނަންބަރުން 7 ވަނަ ނަންބަރަށް ހިމަނާފައިވާ ލިސްޓުގައިވާ ހެކި އެކަނި ބަލައިގަނެވޭނެކަމެއް އެ މާއްދާގެ ޢިބާރާތުގައި ޞަރީޙަކޮށް ބަޔާންކޮށްފައެއްނުވެއެވެ. އެ ލިސްޓަކީ އެކްޒޯސްޓިވް (ރެސްޓްރިކްޓިވް) ލިސްޓެއް ނޫނެވެ.

HN16 ޢާންމު އުޞޫލެއްގެ ގޮތުން ބަލާއިރު، ޢާންމު މީހަކު ފާޅުކުރާ ޚިޔާލަކީ ނުވަތަ ރައުޔަކީ، އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ، ބަލައިގަނެވޭނެ ހެކި ބަހެއް ނޫނެވެ. ހެކިވެރިޔާ ވަކި މީހަކީ ކާކުކަން ބުނެދޭ ޙާލަތުގައި، އެ މީހަކީ ހެކިވެރިޔާ ދަންނަ، ނުވަތަ ހެކިވެރިޔާ ދެކެފަރިތަ މީހެއްކަމުގައި ވާނަމަ، އެއީ ބުނެވިދިޔަ ޢާންމު އުޞޫލުން އިސްތިސްނާވާނެކަމެކެވެ. ސަބަބަކީ، އެ ޙާލަތުގައި ހެކިވެރިޔާ އެ މީހަކީ ކާކުކަން ބުނެދެނީ ހެކިވެރިޔާއަށް އެނގޭ މީހަކަށްވާތީ އެކަމުގެ މައްޗަށް ބިނާކޮށްގެންކަމުގައިވާތީ އާއި، މީހުން ވަކިކުރާ މާހިރެއްގެ ރައުޔެއްގެ ގޮތުގައި ނޫންކަމުގައި ވާތީއެވެ.

HN17 ވީޑިއޯއިން ފެންނަ މީހުންގެ ސިފައާއި ހަށިގަނޑުގެ ޙަރަކާތްތަކަކީ ހެކިވެރިޔާ ކުރިންވެސް އަހުލުވެރިވެފައިވާ ކަންކަމަށްވާތީ، ހެކިވެރިޔާ އެ މީހުން ކުރިއްސުރެ ދަންނަ ދަތުމުގެ މައްޗަށް ވީޑިއޯއިން ފެންނަނީ ކޮންބައެއްކަން ބުނެދޭ ބުނެދިނުމަކީ، ޤާނޫނީ ހަމައިން ބަލައިގަނެވޭނެ ކަމެކެވެ. ހެކިވެރިޔަކު، މި ބީދައިން ވީޑިއޯއިން ފެންނަނީ ކޮންބައެއްކަން ބުނެދޭން ކޮންމެހެން ޚާއްޞަ ޢިލްމެއް ބޭނުންނުވާނެއެވެ. އަދި އެ ޙާލަތުގައި އެއީ ފަންނީ ޤާނޫނީ މާނައިގައި "އޮޕީނިއަން އެވިޑެންސް" ކަމަށް ނުބެލެވޭނެއެވެ.

HN18 ހެކިބަސް އަދާކުރީ ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެންކަމަށް ބުނެ ސިއްރު ހެކިވެރިއަކު ސިޓީ ފޮނުވައިފި ޙާލަތެއްގައި، ޝަރީޢަތުން ކުރަންވާނީ: 1. އެއީ ހަމަ ޙަޤީޤަތުގައިވެސް އެ ސިއްރުހެކިވެރިޔާ ފޮނުވި ސިޓީއެއްތޯ ކަށަވަރުކުރުމެވެ. 2. އެއީ އޭނާ ފޮނުވި ސިޓީއެއްކަމުގައިވާނަމަ، އެ ސިއްރުހެކިވެރިޔާގެ އައިޑެންޓިޓީ ހާމަނުވާނެގޮތަށް، އެ ސިޓީގެ ކޮންޓެންޓް ޚަޞްމުންނާ ހިއްސާކުރުމެވެ. 3. އަޑުއެހުމެއް ތާވަލުކޮށް ޚަޞްމުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމަށް ފުރުސަތުދީ، އެއަށްފަހު، ކުރިން އޭނާ އަދާކޮށްފައިވާ ހެކިބަހާމެދު ގޮތެއް ނިންމުމެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޙަމްޒާ ލަޠިފް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢާއިޝަތު މުޙައްމަދު، މަރްޔަމް ޝަހުމާ، އަޙްމަދު ނައުޝާދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ބެންޗު
ޙަސަން ޝަފީޢު (ރިޔާސަތު)، ފާޠިމަތު ފަރްހީޒާ، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
ޙަސަން ޝަފީޢު
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

މައްސަލައިގެ ތަޢާރުފު

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުޅުމާލެ ގޯތި ނަންބަރު 11399 / އަޙްމަދު ޒިހާން އިސްމާޢީލް (މީގެ ފަހުން " އަޙްމަދު ޒިހާން އިސްމާޢީލް") މި ކޯޓަށް ހުށަހެޅުމުން ބަލާފައިވާ ނަންބަރު 2022/HC-A/145 ޤަޟިއްޔާ އާއި، ކްރިމިނަލް ކޯޓުގެ ހަވާލާދެވުނު ގަޒިއްޔާ އިސްތިއުނާފުކުރުމަށް ހ.އަންނާރުމާގެ / އިސްމާޢީލް ހައިޝަމް ރަޝީދު (މީގެ ފަހުން "އިސްމާޢީލް ހައިޝަމް ރަޝީދު") މި ކޯޓަށް ހުށަހެޅުމުން ބަލާފައިވާ ނަންބަރު 2022/HC-A/154 ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓެވެ. މި ދެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.

2މި ދެ އިސްތިއުނާފުގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން، އިސްމާޢީލް ހައިޝަމް ރަޝީދު ހުށަހެޅި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ އިތުރު ނުކުތާއެއް ފިޔަވައި ދެން ހުރި ހުރިހާ ނުކުތާއަކާއި ތަފުސީލެއް ބަޔާންކޮށްފައި ވަނީ އެއްގޮތަކަށް ކަމަށް ވާތީ މި ދެ އިސްތިއުނާފުގެ ނިންމުން އެއް ރިޕޯޓެއްގައި ހިމަނައި އެއް ހުކުމަކުން ނިންމީއެވެ. ނަމަވެސް، އިސްމާޢީލް ހައިޝަމް ރަޝީދު އިތުރު ނުކުތާއެއް ފާހަގަކުރާތީ ދެ ޤަޟިއްޔާގެ ރައުޔު ބަޔާންކޮށްފައި ވާނީ ދެ ޤަޟިއްޔާ ވަކިންނެވެ.

މައްސަލައިގައި ކަންހިގާފައިވާގޮތް

3އިސްމާޢީލް ހައިޝަމް ރަޝީދު، އަޙްމަދު ޒިހާން އިސްމާޢީލްއާއި، މުޙައްމަދު ދިފްރާން އާއި، ޙުސައިން ޒިޔާދުއާއި، އިސްމާޢީލް ރަޝީދުއާއި، ޙަސަން ޝިފާޒްއާއެކު 23 އެޕްރީލް 2017 ދުވަހު 02:40 އާއި 03:00 އާ ދެމެދުގެ ވަގުތެއްގައި، މި އެންމެން ބައިވެރިވެގެން ކ.މާލެ/ މ.ސްޕެޓިއުލާ ގޭގެ ގްރައުންޑް ފްލޯރގައި ސ.ފޭދޫ/ ޗަބޭލީގެ، ޔާމީން ރަޝީދުއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާތީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އާ ޙަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ.

4ކްރިމިނަލް ކޯޓުގެ އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާއިންނެވެ. މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމް

5ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ:

"ދެންފަހެ، ދައުލަތުން، ހ.އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ.އިރާސްމިކުގެ، އަޙްމަދު ޒިހާން އިސްމާޢީލްއާއި، ގދ.ގައްދޫ/ ސިންދުބާގެ، މުޙައްމަދު ދިފްރާން އާއި، މ.ކުދެހިގެ، ޙަސަން ޝިފާޒުއާއި، މ.ޠާއިފް، އިސްމާޢީލް ރަޝީދުއާއި، މ.ކޮޅުފުށި/ އީސްޓް، ޙުސައިން ޒިޔާދުގެ މައްޗަށް ހުށަހަޅާފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މިދަޢުވާއަށް ދަޢުވާލިބޭ ހަ މީހުން އިންކާރުކުރުމާއި ގުޅިގެން ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެކި ޤަރީނާތަކަށް ރިޢާޔަތްކުރާއިރު،

(1) ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އާ ޙަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި ޔާމީން ރަޝީދު މެރުމުގެ ކުށުގެ ޢަމަލު ހިންގުމުގައި ދަޢުވާލިބޭ ގދ.ގައްދޫ/ ސިންދުބާގެ، މުޙައްމަދު ދިފްރާން އާއި، މ.ކުދެހިގެ، ޙަސަން ޝިފާޒުއާއި، މ.ޠާއިފް، އިސްމާޢީލް ރަޝީދުއާއި، މ.ކޮޅުފުށި/ އީސްޓް، ޙުސައިން ޒިޔާދުގެ ޢަމަލީ ގޮތުން ބައިވެރިވެފައިވާކަން ދައުލަތުން ހުށަހެޅި ހެކި ޤަރީނާތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި،

(2) ހ.އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ.އިރާސްމިކުގެ، އަޙްމަދު ޒިހާން އިސްމާޢީލް، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ

(ހ) އާއި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި ސ.ފޭދޫ/ ޗަބޭލީގެ ޔާމީން ރަޝީދު މަރާލުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާކަން ދައުލަތުން ހުށަހެޅި ހެކި ޤަރީނާތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،

(3) ސ.ފޭދޫ/ ޗަބޭލީގެ ޔާމީން ރަޝީދުގެ ވާރިޘުންގެ ތެރެއިން ވާރިޘް-1 މި މައްސަލައިގައި ޤާޠިލުންގެ ކިބައިން ޤިޞާޞް ހިފަން ބޭނުންނުވާކަމަށާއި، ނަމަވެސް ދިޔަ ބޭނުންވާކަމަށް ބުނެފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލުގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ވާރިޘުންގެ ތެރެއިން އެކަކު އިންކާރުކުރި ނަމަވެސް މަރަށްމަރު ނުހިފޭނެކަން އެނގޭތީ،

(4) މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އަށް ރިޢާޔަތްކުރާއިރު، ހ.އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ.އިރާސްމިކުގެ، އަޙްމަދު ޒިހާން އިސްމާޢީލްގެ މައްޗަށް ކަނޑައެޅޭނީ މަރުގެ ދިޔައިގެ އިތުރުން ތަޢުޒީރީ އަދަބެއްގެ ގޮތުގައި އުމުރަށް ޖަލަށްލުމުގެ އަދަބުކަމާއި، ދިވެހިރާއްޖޭގެ އުމުރަށް ޖަލަށްލުންކަމަށް ބުނެވެނީ 25 (ފަންސަވީސް) އަހަރަށް ޖަލަށްލުމަށްކަން އެނގޭކަމާއި،

(5) ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ހ.އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ.އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާޢީލް ތަޙުޤީޤު މަރުޙަލާއިން ފެށިގެން މިއަދާއި ހަމައަށް 4 (ހަތަރެއް) އަހަރާއި، 8 (އަށެއް) މަހާއި، 11 (އެގާރަ) ދުވަސް ހޭދަކޮށްފައިވާތީ، މި ދެމީހުން ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 20 (ވިހި) އަހަރާއި، 3 (ތިނެއް) މަހާއި، 19 (ނަވާރަ) ދުވަހުގެ މުއްދަތަށް ޖަލަށްލުންކަމަށް ކަނޑައަޅައި،

(6) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލުގެ 44 ވަނަ މާއްދާގެ (ނ)ގެ ދަށުން ހ.އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ.އިރާސްމިކުގެ، އަޙްމަދު ޒިހާން އިސްމާޢީލްގެ މައްޗަށް ކަނޑައެޅޭ މަރުގެ ދިޔައިގެ ގޮތުގައި ކަނޑައެޅޭނީ -/1,000,000 (އެއް މިލިއަން) ދިވެހި ރުފިޔާކަމާއި، މިޤަޠުލު ހިންގާފައިވަނީ ޙުރުމަތްތެރިވެގެންވާ މަހެއްގެ ތެރޭގައިކަމަށްވާތީ، ޤާޠިލުންގެ ފަރާތުން ނަގައިދޭންޖެހޭނީ ބަރު ކުރެވިގެންވާ (މުޣައްލަޘު) ދިޔައެއްކަމުން، ދިޔައިގެ މިންވަރު 1/3 (ތިންބައިކުޅަ އެއްބައި) މަތިކުރަންޖެހޭކަމާއި، އެހެންކަމުން އަލްމަރްޙޫމް ޔާމީން ރަޝީދުގެ މަރުގެ ދިޔައަކީ -/1,333,333.33 (އެއް މިލިއަން ތިންލައްކަ ތިރީސް ތިންހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ތިންލާރި) ކަމަށް ކަނޑައަޅައި،

(7) މި ފައިސާ އަލްމަރްޙޫމް ޔާމީން ރަޝީދުގެ ވާރިޘުންނަށް ލިބިދިނުމުގެ ގޮތުން މިއަދުން (19 ޖަނަވަރީ 2022) ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދެއްކުމަށް ހ.އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ.އިރާސްމިކުގެ، އަޙްމަދު ޒިހާން އިސްމާޢީލްއަށް އަންގައި،

(8) މި ކުށުގެ ކައްފާރާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލުގެ 43 ވަނަ މާއްދާގެ ދަށުން ޖެހިޖެހިގެން 60 (ފަސްދޮޅަސް) ދުވަހު ރޯދަ ހިފުމަކީ ހ.އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ.އިރާސްމިކުގެ، އަޙްމަދު ޒިހާން އިސްމާޢީލް އޮތް ކަމެއް ކަމަށްވާތީ، އެކަން ކުރުމަށް ހ.އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ.އިރާސްމިކުގެ، އަޙްމަދު ޒިހާން އިސްމާޢީލްއަށް ނަޞޭޙަތްތެރިވެ، މިގޮތުގެ މަތިން ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ."

މިފަދައިންނެވެ.

ނަންބަރު 2022/HC-A/145 ގަޟިއްޔާ (އަޙްމަދު ޒިހާން އިސްމާޢީލް ހުށަހެޅި އިސްތިއުނާފު)

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

އިސްތިއުނާފީ ނުކުތާތައް

6ދަށުކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަކީ:

6.1 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށުން ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް ސިއްރުހެކިވެރިޔާ- 1 އަދި 2 އާއި، އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަށް ބުރަދަންދީފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި

6.2 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި، (ށ) ގެ ދަށުން ލިބިދީފައިވާ ޢާއްމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް ސިއްރުހެކިވެރިޔާ- 1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަކަށް ބުރަދަންދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި

6.3 ސިއްރުހެކިވެރިއެއްގެ ހެކިބަހުން ރުޖޫޢަވާން އެދިފައިވާ ޙާލަތުގައި، އެކަން ބަލައިނުގަނެ އެ ފަރާތުގެ ހެކިބަސް ބަލައިގަނެ، އެ ހެކިބަހަށް ރިޢާޔަތްކޮށް ބުރަދަންދީފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 142 ވަނަ މާއްދާއާއި، ކޯޓުތަކުން ޢަމަލުކުރަމުން އަންނަ ޢުރުފާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި

6.4 ސިއްރުހެކިވެރިޔާ-1 އަކީ ޢާންމު މީހެއް (lay person) ކަމަށްވީހިނދު، ހާދިސާ ހިނގި ތަނުގެ ވީޑިއޯއިން ފެންނަ ފަރާތްތަކަކީ ކޮން ބައެއް ކަމާމެދު އޭނާގެ ރައުޔު އެއީ ހެއްކެއް ކަމަށް ބަލައިގެންފައިވަނީ ޤާނޫނު ނަންބަރު 17/2010 ގެ 18 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި

6.5 ހާދިސާ ހިނގި ތަނުން ފެނުނު ދެމީހުންގެ ތެރެއިން ޒިހާން ފެނުނު ކަމަށް ސިއްރުހެކިވެރިޔާ 2 ގެ ފަރާތުން ބުނެފައިވާ ބުނުމަށް ޝަރީޢަތުން ބުރަދަން ދީފައިވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި

6.6 ވީޑިއޯ އެންޑް އިމޭޖް އެނޭލިސިސް ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަހަށް ބުރަދަންދީފައިވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި

6.7 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން ލިބިދީފައިވަ ޙައްޤު ހަނިވާގޮތަށް އަދި، ޤަޠުލު ޢަމްދަކީ ޤިޞާޞް ހިފޭ ބާވަތުގެ މައްސަލައެއްކަމުގައި ވީހިނދު، ހެކިބަހުގެ މިސްދާޤިއްޔަތު (Credibility) އާއި، ހެކިބަހުގެ މައުޘޫޤިއްޔަތު (Reliability) ގެއްލިފައިވާ ހެކިބަސްތަކަކަށް ބުރަދަންދިނުމުގެ ސަބަބުން އެ ބާވަތުގެ މައްސަލަތައް ނިންމުމުގައި ސާބިތުވާންޖެހޭ "އެއްވެސް ޝައްކެއް ނެތް" މިންގަނޑަށް ވާޞިލުވެފައިނުވަނީސް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ޚުލާސާ

ފުރަތަމަ ނުކުތާއާގުޅޭ

7އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

7.1 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރަނީ މުއްތަހަމަށް ލިބިފައިވާ ޙައްޤެއްކަމަށްވާ ހެކިވެރިޔާއާ ޝަރީޢަތުގެ މަޖިލީހުގައި އެއްހާޒިރުވެ ސުވާލުކުރުމުގެ ޙައްޤުގެ ވާހަކަކަމާއި، މި ޙައްޤު ހަނިކުރެވޭނީ ޤާނޫނުގެ ޞަރީޙަ ނައްސަކުންކަމާއި، ހެކިބަސްދޭ މީހުން ޙިމާޔަތްކޮށް، ރައްކާތެރިކުރެވޭނެ ގޮތްތަކަކީ ކޮބައިކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި، ހެއްކާބެހޭ ޤާނޫނުގައި އަދި އެހެން ޤާނޫނެއްގައިވެސް ބަޔާންވެގެން ނުވާތީ، ހެކިވެރިޔާއަށް ރައްކާތެރިކަން ދެވޭނީ، ހެކިވެރިޔާއާ ޝަރީޢަތުގެ މަޖިލީހުގައި އެއްހާޒިރުވެ ސުވާލުކުރުމުގެ ޙައްޤަށް އުނިކަން ނުލިބޭގޮތަށް ދެވެންހުރި ޙިމާޔަތާއި ރައްކާތެރިކަން ކަން.

7.2 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ޞަރީޙަ ބަހުން ކުރިމަތިލުމުގެ ލަފްޒު ނެތްކަމުގައިވިޔަސް، ހާޒިރުކުރާ ހެކިންނޭ އޮތް އޮތުމުގައި، މުއްތަހަމާއި، ހެކިވެރިޔާއާއި ދެމީހުން ޝަރީޢަތުގެ މަޖިލީހުގައި އެއްހާޒިރުވުމުގެ މާނަ ނެގޭކަމާމެދު އެއްވެސް ޝައްކެއް ނެތްކަން.

7.3 ޤާނޫނުއަސާސީގެ 62 ވަނަ މާއްދާގެ (ށ) ގައި، "ވަކިވަކީން ޙައްޤުތަކާއި، މިނިވަންކަން ކަނޑައެޅި ބަޔާންކުރެވިފައިވުމަކީ މި ބާބުގައި ނުހިމެނޭ އެހެނިހެން ޙައްޤުތަކާއި މިނިވަންކަން ހޯދުމަށް ނުވަތަ ލިބިގަތުމަށް ހުރަސްއަޅާ ކަމެއް ނޫން" ކަމަށް ބަޔާންކޮށްފައިވާކަން.

7.4 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/18 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް ޤަޟިއްޔާގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި، އެއްވެސް އަސާސީ ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން ލިބޭނެފަދަ އަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށްވެސް ލިބިދެވޭ ފަދައަކުން ޤާނޫނުއަސާސީގެ އެއްވެސް މާއްދާއެއް މާނަކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި އޮތުމުންނާއި، އަސާސީ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިއޮތުމުން، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެއްވެސް އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިނުވާނަމަ، ނުވަތަ ހަނިކޮށްފައިނުވާނަމަ، އެފަދަ ޙައްޤުތަކާއި މިނިވަންކަން ލިބިދޭންޖެހޭނީ އޭގެ އެންމެ ފުޅާމިނުގައިކަމަށް ބަޔާންކޮށްފައިވާކަން.

7.5 އަސާސީ ޙައްޤުތައް މާނަކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ތަފްސީލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/40 އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިއާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމާ އަދި އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ އުޞޫލުގެ އަލީގައި، އަސާސީ ޙައްޤެއް އޭގެ އެންމެ ފުޅާމިނުގައި، ހަނިނުކުރެވޭ ފަދައަކުން، އަސާސީ ޙައްޤަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/35 ދިވެހިދައުލަތް ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައިވެސް ގޮތް ކަނޑައަޅާފައިވާކަން.

7.6 އަދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/98 ޙަމްދާން އަޙްމަދު ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/40 އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިއާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތަފްސީލްކޮށްފައިވާ ގޮތަށްކަމަށް ބަޔާންކޮށްފައިވާކަން.

7.7 ޖިނާއީ އިޖުރާއަތުގެ ޤާނޫގެ 147 ވަނަ މާއްދާގެ (ހ) އަށް އިސްތިސްނާއެއް ލިބިފައިވަނީ އެ ޤާނޫނުގެ 148 ވަނަ މާއްދާއިން ކަމާއި، އެއީ މުއްތަހަމާއި ހެކިވެރިން އެއްހާޒިރުވުން އިސްތިސްނާކޮށްފައިވާ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާއެއްކަމަށްވިޔަސް، މިއީ ހެކިވެރިޔާ ރަށުން ބޭރުގައިވެއްޖެނަމަ، އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެރުވެރިކޮށް ހެކިބަސް ނެގުމާބެހޭ އިސްތިސްނާ ބަޔާންކުރާ މާއްދާކަން.

7.8 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި އަދި އެ ޤާނޫނުގައި ހެކިބަސްދޭ މީހުން ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިސްތިސްނާ ޙާލަތް ބަޔާންކޮށްފައިވީނަމަވެސް، އެ ގޮތްތަކަކީ ކޮބައިކަން ބަޔާންކުރާ ޤާނޫނެއް ނެތްނަމަ، ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށްވިޔަސް، ހެކިވެރިޔާއާ ޝަރީޢަތުގެ މަޖިލީހުގައި އެއްހާޒިރުވެ ސުވާލުކުރުމަށް މުއްތަހަމަށް ލިބިފައިވާ އަސާސީ ޙައްޤު ހަނިނުކުރެވޭނެކަން.

7.9 ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނެގުމުގައި ޢަމަލުކުރާ އުޞޫލުތަކުގެ ތެރޭގައި، "ހެކިވެރިޔާއާ އެއްހާޒިރު" ވެހުރެ ސުވާލުކުރުމަށް މުއްތަހަމަށް ލިބިފައިވާ ޙައްޤު ހަނިނުވާގޮތަށް ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ދެވޭނެ ގޮތްތައްވެސް ހުންނަކަމާއި، އޭގެ ތެރޭގައި، ހެކިވެރިޔާގެ ގެދޮރަށާއި އޭނާގެ ނަފްސަށް ވަކި މުއްދަތަކަށް ކަމާބެހޭ އިދާރާތަކުން ޙިމާޔަތްދިނުމާއި، ހެކިވެރިޔާ ރިލޮކޭޓްކޮށްދިނުމާއި، ހެކިވެރިޔާ މުޖުތަމަޢުއަށް ހާމަވުން އެއްކިބާ ކޮށްދިނުމާ، ދުރާލާ ރާވައިގެން ހިންގާ ކުށްތަކުގައި، ކުށުގެ ވެށީގައި އުޅޭ ފަރާތްތަކަށް އެ ހެކިވެރިއަކު ދެނެގަނެވިދާނެފަދަގޮތަކަށް ލިޔެކިޔުންތަކުން އެ ހެކިވެރިޔާގެ ރެކޯޑްސްތައް ފެންނަން ނުބެހެއްޓުމާއި، އަދި މިނޫނަސް އިތުރު ގޮތްތައް ހުންނަކަން.

7.10 ދިވެހިރާއްޖޭގައި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާގައި ހެކިބަސް ނެގުމާ ހަމައަށް، ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ދޭނެ ސާފު އިޖުރާއަތެއް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ބަޔާންވެފައިވާކަމަށާއި، އަދި އެ އިޖުރާއާތަށް ޢަމަލުކުރުމަށް އެއްވެސް ހުރަހެއް ނެތްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/30 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ސަޢީދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، އެ ޤަޟިއްޔާގައި، ޖިނާއި އިޖުރާއާތުގެ ޤާނޫނުގެ ދަށުންވިޔަސް އަދި އެނޫން ޤާނޫނެއްގެ ދަށުން ކަމަށްވިޔަސް، ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން، ޝަރީޢަތުގެ މަރުޙަލާގައި ހެކިބަސް ނެގުމުގައި ޢަމަލުކުރާނެ ތަފްސީލީ އިޖުރާއަތުތަކެއް ބަޔާންކުރާ ޤާނޫނެއް ނެތްކަމަށް ބަޔާންކޮށްފައިވާކަން.

7.11 އިސްވެބުނެވުނު ޤަޟިއްޔާގައި ދީފައިވާ ވަގުތީ ޙައްލުގައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ)އާ ޚިލާފުވާގޮތަށް އެއްވެސް މިންވަރެއް އޮތްނަމަ، އެ މިންވަރަކީ per incurium މިންވަރެއްކަމުގައި ބަލަންޖެހޭކަމާއި، އެހެނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން، މަތީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބަޢަވާންވާނެކަމަށް އޮންނަ އޮތުމަކީ، އެ މަފްހޫމުގެ މައްޗަށް ޢަމަލުކުރަމުން އަންނަ އިނގިރޭސިވިލާތްފަދަ ޤައުމުތަކުގައި އެއްވެސް އިސްތިސްނާއެއް ނެތި އޮންނަކަމެއް ނޫންކަމަށާއި، މިގޮތުން ލިބިދޭ އިސްތިސްނާގެ ތެރޭގައި per incurium ނިންމުމެއްނަމަ، އެ ނިންމުމާ އެއްގޮތަށް ޢަމަލުކުރުން ދަށު ކޯޓަށް ލާޒިމްވެގެންނުވާކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަން.

7.12 "ހެކިވެރިޔާއާ އެއްހާޒިރު" ވެހުރެ ސުވާލުކުރުމަށް މުއްތަހަމަށް ލިބިފައިވާ ޙައްޤު ހަނިވާގޮތަށް ހެކިވެރިންގެ ހެކިބަސް ނަގާފައިވުމަކީ އެ ހެކިބަހަށް ހަރުދަނާ އެއްވެސް ބުރަދަނެއް ނުދެވޭނެ ސަބަބެއްކަން.

ދެވަނަ ނުކުތާއާގުޅޭ

8އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

8.1 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި، (ށ) ގެ ދަށުން ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއެކު، އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު (right to fair trial) އަކީ އިންސާނަކަށް ލިބެންޖެހޭ އެންމެ މުހިއްމު ޙައްޤުކަމާ އެ ޙައްޤު ހިމާޔަތްކޮށްދިނުމުގެ ގޮތުން ކީރިތި ޤުރުޢާނުގެ ނިސާ ސޫރަތުގެ 58 ވަނަ އާޔަތާއި މާއިދާ ސޫރަތުގެ 42 ވަނަ އާޔަތުގެ ދަށުން، ޢަދުލުވެރިކަމާއެކު އިންސާފުން ޝަރީޢަތް ކުރުމަށް މާތް ﷲ އަމުރުކުރައްވާފައިވާކަން.

8.2 ޢަދުލުވެރިކަމާއެކު އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަކީ އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ މަދަނި އަދި ސިޔާސީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާ International Covenant on Civil and Political Rights ގެ 14 ވަނަ މާއްދާގެ 1 ވަނަ ޕެރެގްރާފުގެ 2 ވަނަ ޖުމްލައިގައިވެސް ބަޔާންކޮށްފައިވާ ޙައްޤުތަކެއްކަމާއި މި މުޢާހަދާގައި 19 ސެޕްޓެންބަރު 2006 ގައި ރާއްޖެއިން ސޮއިކޮށްފައިވާކަން.

8.3 ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި، ކޯޓުތަކުންނާއި، ޓްރައިބިއުނަލްތަކުން، އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި، ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ ހުޅުވިގެންވާ ދީމިޤްރާތީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމަށާއި، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނެކަން.

8.4 ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބުނަނީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭފަދަ ޢަމަލެއްކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދަޢުލަތަށް ލިބޭފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަން.

8.5 ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސި ޙައްޤުތަކާއި މިނިވަންކަން މާނަކުރަންޖެހޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2018/SC-A/40 އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިއާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ތަފްސީލްކޮށްދީފައިވާ ގޮތަށްކަން.

8.6 ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގޮތުން، ހެކިވެރިޔާގެ ވަނަވަރުވެސް ނޭނގި އެއްހާޒިރުވުމެއްވެސް ނެތި، ކާކުކަން އެއްވެސް ގޮތަކަށް ނޭނގި ދޭ ހެކިބަސް (Anonymous testimony) އަކީ، ނުވަތަ ހެކިން ސިއްރުކުރުން (Anonimity of Witness) އަކީ ދީމިޤްރާތީ ހުރިހާ މުޖުތަމަޢުތަކެއްގައިވެސް އެންމެ ކޮމްޕްލެކްސް ދަތި އުނދަގޫ އިޖުރާއަތު ކަމާއި، މި އިޖުރާއަތުގެ ދަށުން އެނޮނީމަސްކޮށް ހެކިބަސް ދިނުން ބައެއް ޖުރިސްޑިކްޝަންތަކުގެ ޤާނޫނުތަކުގައި ހުއްދަކޮށްފައިވީނަމަވެސް، އަނެއްބައި ޖުރިސްޑިކްޝަންތަކުގައި ހެކިވެރިޔާއަކީ ކާކުކަން ހާމަނުކޮށް، އެއް ހާޒިރުނުވުން ދެމިއޮންނަނީ ޝަރީޢަތް (Trial) ފެށި، ހެކި ހުށަހެޅުމާހަމައަށްކަން. އެއަށްފަހު، ހެކިވެރިޔާއަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ހުންނަނީ ޕްރޮސީޖަރަލް އެހެން މެޝަރސްތައްކަން. އަދި އެނޮނީމަސްކޮސް ހެކިބަސް އަދާކުރުމަކީ ހެކިވެރިޔާއަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ހުންނަނީ ޕްރޮސީޖަރަލް އެހެން މެޝަރސްތައްކަމަށާއި، އަދި އެނޮނީމަސްކޮށް ހެކިބަސް އަދާކުރުމަކީ، ހެކިވެރިޔާއަށް ހިމާޔަތާއި ރައްކާތެރިކަން ދެވޭނެ އެހެން ގޮތެއް ނެތްނަމަ އެންމެ ލާސްޓް ރިސޯޓުގައި ދެވޭ ނާދިރު އިސްތިސްނާއެއްކަން. UNODC އިން އެކުލަވާލާފައިވާ Good Practices for the Protection of Witness in Crinimal Proceedings Involving Organized Crime (2008) ގައި މިވާހަކަތައް ބަޔާންކޮށްފައިވާކަން.

8.7 ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގޮތުން، ހެކިވެރިޔާގެ ވަނަވަރުވެސް ނޭނގި އެއްހާޒިރުވުމެއްވެސް ނެތި، އޭނާގެ އަޑު ބަދަލުކޮށްގެން ކާކުކަން އެއްވެސް ގޮތަކަށް ނޭނގި އެނޮނީމަސްކޮށް ނެގޭ ހެކިބަހަކީ، ބަހުސްގެ ބޭނުމަށްޓަކައި، ޤާނޫނާ އެއްގޮތަށް ނަގާފައިވާ ހެކިބަހެއްކަމަށް ބެލި ނަމަވެސް، ނުވަތަ އެގޮތަށް އެނޮނީމަސްކޮށް ހެކިބަސް ނެގުމުގައި ދަޢުވާލިބޭ ފަރާތުގެ އަސާސީ ޙައްޤެއް ނިގުޅިގެން ނުވަތަ ހަނިވެގެންގޮސްފައިނުވާކަމަށް ބެލިނަމަވެސް، އެފަދަ ހެކިބަހަކީ އެހެކިބަސްދިން ފަރާތުގެ މިސްދާޤިއްޔަތާމެދު ސުވާލު އުފެއްދުމަށް މުއްތަހަމަށް އެންމެ ފުރިހަމަ ގޮތުގައި ފުރުޞަތު ލިބި ނުދެވޭގޮތަށް ނެގޭ ހެކިބަހެއްކަމާއި، އެފަދަ ހެކިބަސް ވަޒަންކޮށް މިނާނީ ކޮން ނާޅިއަކުންކަމެއް ރާއްޖޭގެ ޤާނޫނެއްގައި ބަޔާންކޮށްފައިނުވާކަން.

8.8 އެނޮނީމަސްކޮސް ހެކިބަސް ނެގުމާ ގުޅޭގޮތުން މިނިވަން ދީމިޤްރާތީ ޤައުމުތަކުގައި ޢަމަލުކުރާގޮތަށް ބަލާއިރު، އިނގިރޭސިވިލާތުގައި މިކަމާބެހޭ އުޞޫލުތައް ބަޔާންކޮށްފައިވަނީ "ކޮރޯނަރސް އެންޑް ޖަސްޓިސް އެކްޓް 2009" ގައިކަމާއި، ހެކިވެރިއަކު ސިއްރުކުރެވޭނީ ވަކި ޝަރުޠުތަކެއް ހަމަވާނަމަކަމާއި، އެ ޤާނޫނުގެ 88 ވަނަ މާއްދާގައި އެކަން ބަޔާންކޮށްފައިވާކަން. އަދި އެފަދައިން ހެކިވެރިއަކު ސިއްރުކުރުމަށް ބޭނުންވާ ޙާލަތުގައިވެސް، އިތުރަށް ރިޢާޔަތްކޮށް ވަޒަންކުރަންޖެހޭ ކަންކަން އެ ޤާނޫނުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން.

8.9 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/364 އަދި 2018/HC-A/387 ޤަޟިއްޔާގައި، ސިއްރުން ހެކިބަސް ނެގޭ ޙާލަތުގައި ހެކިވެރިޔާގެ ނަޒާހާތްތެރިކަމާއި ޢަދުލުވެރިކަން ކަށަވަރުކުރަންޖެހޭނީ ފަނޑިޔާރު ކަމަށްވީހިނދު، މި މައްސަލައިގައި ދަށު ކޯޓުން ސިއްރު ހެކިބަސް ނެގިއިރު، ސިއްރުހެކިވެރިޔާ-1 އަކީ މައްސަލައިގައި ތުހުމަތު ރައްދުވި ފަރާތެއް ކަމާމެދު ދިފާޢުން އުފައްދާފައިވާ ސުވާލާ ގުޅިގެން ފަނޑިޔާރު ހެކިވެރިޔާގެ ވަނަވަރު ބަލާފައިވަނީ، ވަކި ޤައިދެއްގެ ތެރޭގައި ކަމާއި، ހެކިވެރިޔާގެ މައްޗަށް ތުހުމަތުކުރެވި، ބަންދުކުރެވި، އޭނާގެ މައްޗަށް ދަޢުވާއެއްކުރުމާމެދު ގޮތެއް ނިންމުންތޯ ނުވަތަ ނޫންތޯ ބަލައި އެއަށް ރިޢާޔަތްކޮށްފައިނުވާކަން.

ތިންވަނަ ނުކުތާއާގުޅޭ

9އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

9.1 މައްސަލައިގައި ހެކިބަސްދީފައިވާ ސިއްރު ހެކިވެރިއަކު އޭނާގެ ހެކިބަހުން ރުޖޫޢަވުމަށް އެދި 12 ޑިސެންބަރު 2021 ގައި ސިޓީ ފޮނުވާފައިވާކަމަށް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވާއިރު، އެ ސިޓީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިނުވާކަމާއި، ސިއްރުން ހެކިބަސް ދީފައިވާތީ އެއީ ކާކުކަން ކަށަވަރުނުވާކަން.

9.2 ހެކިވެރިޔާގެ ސިޓީގައިވާ ކަންކަން ފަނޑިޔާރު ބަލައިގަނެފައިނުވާކަމާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން އެ ހެކިބަސް އެއްފަރާތް ނުކޮށް، އެހެކިބަހަށް ފުރިހަމައަށް ބުރަދަންދީފައިވާކަން.

9.3 ފަނޑިޔާރުގެ ނިންމުން ބިނާވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގެ މައްޗަށް ނޫންކަމާއި، އެފަދަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދެއްގެ މައްޗަށް ނޫންކަމާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމައެއްގެ މައްޗަށްވެސް ނޫންކަން.

9.4 ސިޓީގައިވާ ކަންކަން ދެފަރާތަށް ހާމަކޮށް އެސިޓީއާމެދު ހުށަހަޅަން އެދޭ ބަހުސްތަކާއި ހެކިތައް ހުށަހެޅުމުގެ ފުރުޞަތު ނުދީ، އެސިޓީގައި ނަތީޖާއާމެދު ގޮތެއް ނިންމީ ފަނޑިޔާރު އަމިއްލަ އިސްނެންގެވުމުގައި sua) (sponte ކަން.

9.5 ޒިހާންގެ ނިސްބަތުން، ފަނޑިޔާރުގެ ނިންމުމުގެ ނަތީޖާއަކީ، ހެކިބަހުން ރުޖޫޢަވާން އެދިފައިވާ ހެކިވެރިޔަކާއި، އިތުރު ސިއްރު ހެކިންގެ ހެކިބަހާއި ދެން ހުރި ޤަރީނާތައް ގުޅުވާލެވިގެން ޒިހާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެގެން ދިޔުންކަން.

9.6 ފަނޑިޔާރުގެ ނިންމުން ގޯސްވާ ސަބަބުތަކަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 51 ވަނަ މާއްދާ އަދި އެ މާއްދާތައް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ އަލީގައި މާނަކުރެވޭ ގޮތަށް ސިއްރު ހެކިވެރިޔާގެ ހެކިބަހުން ރުޖޫޢަވާން އެދި ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމާފައިނުވާތީއާއި، ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެފައިނުވާ ކަމެއްގައި އިސްލާމީ ޝަރީޢަތުގެ އަޞްލުތަކަށް ރިޢާޔަތްކުރަންވާނެ ކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންވެފައިވީހިނދު، އިސްލާމީ ޝަރީޢަތުގައި ހެކިބަހާމެދު ސުވާލު އުފެދިފައިވާ ޙާލަތުގައި ޢަމަލުކުރަންޖެހޭ ގޮތަށް ޢަމަލުކޮށްފައިނުވާތީއާއި، ކޯޓަށް ބަޔާނެއްދޭ ފަރާތަކުން އެބަޔާނަށް ބަދަލު ގެންނަން އެދޭ ޙާލަތުގައި މިހާތަނަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރަމުން އައިސްފައިވާ އިޖުރާޢަތަށް ޢަމަލުކޮށްފައިނުވާތީ ކަން.

9.7 ބަޔާންކޮށްފައިވާ މަޞްދަރުތަކުގެ އަލީގައި، ޝަރީޢަތެއްގައި ހެކިބަސްދޭ ހެކިވެރިއަކު، އޭނާގެ ހެކިބަސް ދީފައިވަނީ އަމިއްލަ ރުހުމުގައި ތެދު ޙަޤީޤަތުގެ މައްޗަށް ނޫންކަމަށް ބުނެ ކޯޓަށް އެންގުމެއް އަންގާފައިވާނަމަ، އެކަން ބެލުމަށްޓަކައި ޝަރީޢަތުން ވަކި އަޑުއެހުމެއް ބާއްވަންޖެހޭކަމާއި، ދެފަރާތުން ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު ދޭންޖެހޭކަން. އަދި ކިރިޔާވެސް ޝުބުހައެއް އޮތްނަމަ، އެ ހެކި ބަލައިގަނެގެން ނުވާނެކަން އަދި ހެކިބަސްދީފައިވަނީ ފުރިހަމަ ރުހުމުގައިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދިނުމަކީ ދައުލަތުގެ ބުރައެއްކަން. ނަމަވެސް، މިގޮތަށް ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކޮށްފައިނުވާކަން.

9.8 ހެކިވެރިޔާއަށް ކުރިމަތިވެފައިވާ މަޖުބޫރީ ޙާލަތުގެ ތަފްސީލުތައް ސިޓީގައި ބަޔާންވެފައިނެތަސް ހެކިވެރިޔާ ޝަރީޢަތަށް ހާޒިރުކޮށް އެކަން ކަށަވަރުކުރުމުގެ ފުރުޞަތު އޮތްކަން.

9.9 ހެކިބަސް އަދާކުރުމުގެ ކުރިން، ހެކިވެރިޔާއަށް ކުރިމަތިވެފައިވާ މަޖުބޫރީ ޙާލަތު ޕްރޮސިކިއުޝަންގެ ވަކީލުންނާ ޙިއްސާކޮށްފައިނުވުމަކީ އެ މަޖުބޫރީ ޙާލަތު ވުޖޫދުގައި ނެތް ސަބަބެއް ކަމަށް ބަލަންޖެހޭ ޤާނުނީ ނުވަތަ ވަޤާއީ ސަބަބެއް ނޫންކަން. އަދި އެ ޙާލަތު ކުރިމަތިކުރުވީ ޕްރޮސިކިއުޝަންއަށް އެނގިގެން ކަމަށްވުމުގެ އިހްތިމާލު އޮތްކަން.

9.10 ހެކިބަސް ދިން ދުވަހާއި ހެކިބަހުން ރުޖޫޢުވުމަށް ހޭދަވި މުއްދަތަކީ ހެކިބަހުން ރުޖޫޢަވި ރުޖޫޢަވުމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ފަނޑިޔާރު ބަލާފައިވާއިރު، އެކަމުގެ ފަހަތުގައި އެތައް ސަބަބުތަކެއް އޮތުން އެކަށީގެންވާކަން. ޝަރީޢަތުގެ މަޖިލީހެއް ބޭއްވުމެއްނެތި، ހެކިވެރިޔާގެ ހުށަހެޅުން ހުށަހެޅުމަށް ވަކި މާނައެއް ދިނުމަކީ އިންޞާފުން އެއްކިބާވެ ވަކި ފަރާތަކަށް ބުރަވުން ކަމަށް ބެލެވޭކަން.

9.11 ސިއްރު ހެކިންނަށް ނުފޫޒު ފޯރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަކާބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައިވާ ސިއްރު ލިޔުމުގައި، ސީދާ މައްސަލައިގެ ތެރެއިން ހެކިބަހުން ރުޖޫޢަވާން އެދުނު ސިއްރު ހެކިވެރިޔާ އޭނާގެ ހެކިބަހުން ރުޖޫޢަވީ ނުފޫޒެއްގެ ސަބަބުން ކަމަށް އޮތުމަކީ ނާދިރު ކަމެއްކަން، އެހެނީ، އެ ސިއްރު ލިޔުންތައް ތައްޔާރުކޮށް ހުށަހެޅީ ސިއްރު ހެކިވެރިޔާ ހެކިބަހުން ރުޖޫޢަވުމުގެ ކުރިންކަމާއި އެ ލިޔުންތަކުގައި ސީދާ ސިއްރު ހެކިވެރިޔާ ހެކިބަހުން ރުޖޫޢަވި ޙާލަތާ ބެހޭ މަޢުލޫމާތެއް އޮތްނަމަ، އެކަމެއް ފަނޑިޔާރު ބަޔާންކުރީހެވެ.

9.12 މަޖުބޫރީ ޙާލަތެއްގައި ހެކިވެރިޔަކު ދިން ކަމަށް ބެލެވޭ ދޮގު ހެކިބަހެއް އެހެން ހެއްކަކު ކޮރޮބޮރޭޓްކޮށްފައި ވުމަކީ، އިއްތިފާޤަކަށްވުން އެކަށީގެންވާކަމާއި، އެއީ ހެކިވެރިއަކު ރުޖޫޢަވާން އެދޭ އަދި ދޮގު ހެކި ކަމަށް ބުނާ ބަހެއް ތެދުކޮށް އެ ބަލައިގަނެ އެއަށް ބުރަދަން ދޭންޖެހޭ ސަބަބެއް ނޫންކަން.

9.13 ކްރިމިނަލް ކޯޓުގެ މައްސަލަ ނިންމުމުގައި ހެކީގެ މިންގަނޑާބެހޭ ގޮތުން ވާހަކަދައްކަމުން ޙަވާލާދީފައިވާ ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ތައުފީޤު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގައި ޙައްދު އަދި ޤިޞާޞްގެ ކުށްތައް ސާބިތުވާންޖެހޭ މިންގަނޑަކީ ޢާންމު ޖިނާއީ ކުށްތައް ސާބިތުވާންޖެހޭ ހެކީގެ މިންގަނޑު ކަމަށްވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށްވުރެ މަތީ މިންގަނޑެއްކަން. އެއީ، "އެއްވެސް ޝައްކެއް ނެތް" މިންގަނޑު ނުވަތަ "ޔަޤީނާ ގާތްކުރެވޭ މިންގަނޑު" ކަން. އަދި މި ނިންމުން ބިނާވާ ހަދީސްގެ ތަފްސީލް އިސްތިއުނާފު ފޯމުގައި ބަޔާންކޮށް އެ އުސޫލު މެލޭޝިއާގައި ގާއިމްކޮށްފައިވާގޮތުގެ ތަފްސީލްތައް ބަޔާންކޮށް، ހެކިބަހުން ރުޖޫޢަވެފައިވާކަމަށް ނުބަލައި އެހެކިބަހަށް ބުރަދަން ދީފައިވަނީ އިސްލާމީ ޝަރީޢަތާއި ޚިލާފަށްކަމަށް ބަޔަންކޮށްފައިވޭ.

9.14 ދިވެހިރާއްޖޭގެ ކޯޓުތަކުގައި ބަޔާންދޭ ފަރާތްތަކުން ދީފައިވާ ބަޔާނަކަށް ބަދަލު ގެންނަން އެދޭ ޙަލާތުގައި ކޯޓުތަކުން ޢަމަލުކުރަމުން އަންނަ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައްލަވަމުން ގެންދަވާ އަބްދުﷲ ނަޒީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އަޑުއެހުންތަކުން ފާޅުވާކަމާއި، އެ މައްސަލައިގައި އަޑުއެހުންތައް ނިންމާލާފައިވަނިކޮށް، ދަށު ކޯޓުގައި މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައިވާ އެއް ވާރިސަކު އޭނާ އެގޮތަށް އިތުރަށް ބޭނުންނުވާ ކަމަށް ބުނެ ސިޓީ ހުށަހެޅުމުން، އެ ފަރާތް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުކޮށް އެ ފަރާތުގެ ބަހުން އެ ފަރާތް ރުޖޫޢަވީ ސަބަބު ބަލައި މަޙްޟަރުކުރެއްވިކަން.

9.15 ސިއްރުހެކިވެރިޔާ ހެކިބަހުން ރުޖޫޢަވުމަށް އެދި ހުށަހަޅާފައިވަ ސިޓީއާ ބެހޭ ގޮތުން ކްރިމިނަލް ކޯޓުން ގޮތް ނިންމުމުގައި ހެކިވެރިޔާ ޝަރީޢަތަށް ހާޟިރުނުކޮށް ގޮތްކަނޑައަޅާފައިވަނީ، އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި އަދި ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރަމުން އަންނަ އުރުފާއި ޚިލާފަށްކަމާއި، އެޙަލާތުގައި ހެކިވެރިޔާގެ ހެކިބަހަށް ބުރަދަންދީ މައްސަލަ ނިންމުމުގައި ޢަމަލުކުރެވިފައިވާ އިޖުރާއަތާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތް ގޯސްކަމަށް ބަލަންޖެހޭކަން.

9.16 ހެކިވެރިޔާ ހެކިބަހުން ރުޖޫއަވާން އެދޭ ޙާލަތުގައި އެ ހެކިބަހަކީ ދުވަހަކުވެސް ލިބިފައިވާ ހެކިބަހެއް ނޫންކަމަށް ބަލަންޖެހޭކަމާއި، އެ ހެކިބަހުގެ މައްޗަށް ޙުކުމް ކުރުމުގައި ބަރޯސާވުން ހުއްދަވެގެންވެސް ނުވާނެކަމަށާއި، އެޙާލަތުގައި އެ ހެކިތައް ގުޅުވާލެވި އެކީއެކަށް އެއަށް ބަލައި މައްސަލަ ނިންމާފައިވާ ގޮތް ގޯސްވާނެތީ، މިހާރު ކޮށްފައިވާ ޙުކުމް ބާޠިލް ކޮށް ރަނގަޅަށް އަލުން މައްސަލަ ދަށު ކޯޓުން ބެލުމަށްޓަކައި ތަޙްވީލުކުރަންޖެހޭކަމަށް ދެކޭ ކަމާއި، ނުވަތަ ފަނޑިޔާރު ނިންމި ގޮތް ގޯސް ކަމަށް ބަލައި، އަލުން ރަނގަޅު އުޞޫލުތަކުގެ މައްޗަށް އެހުށަހެޅުމާމެދު ގޮތެއް ނިންމައި، އެ ނިންމުމަށްފަހު ދެން ހުރި ހެކިތަކަށް ބަލައި އަލުން މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައި ދަށު ކޯޓަށް މައްސަލަ ތަޙްވީލުކުރަންޖެހޭކަން.

ހަތަރުވަނަ ނުކުތާއާގުޅޭ

10އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

10.1 ހާދިސާ ހިނގިތަނުގެ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ދަށު ކޯޓުން ސިއްރު ހެކިވެރިޔާ 1 އަށް ދެއްކި ކަމާއި، އަދި އެ ފުޓޭޖް ބެލުމަށްފަހު، އެއިގެން ފެންނަ ސިފަ ބަދަލުކޮށްގެން ތިބި ކަމަށްބުނާ، މޫނު ނިވާކޮށްގެން ތިބި ދެމީހުން އެއީ ކޮން ބައެއް ކަމާމެދު ސިއްރު ހެކިވެރިޔާ 1 ގެ ރައުޔު އިއްވާ، އެ ރައުޔަކީ ފުޓޭޖްއިން ފެންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމަށް ބާރުދޭ ޤަރީނާއެއް ކަމަށް ޝަރީޢަތުން ބަލައިގެންފައިވާކަން.

10.2 ފުޓޭޖް އިން ފެންނަނީ ޒިހާންކަމަށް ސިއްރު ހެކިވެރިޔާ ދެކުނީ ފުޓޭޖްގައި ފެންނަ ޒިހާން ކަމަށް ބުނަ މީހާގެ ބޮޑު ލޭންގުއޭޖް އަށް ބެލުމަށްފަހުގައި ކަމަށް އޭނާ ބުނެފައިވާކަމާއި، ޒިހާން އަކީ އޭނާ ދަންނަ ފެނިދެނިވެފައިވާ މީހެއް ކަމަށް ފާހަގަކޮށްފައިވާކަން.

10.3 ނަމަވެސް، ކޮން ބައެއްކަން ސާފުނުވާ ބައެއް ފުޓޭޖްއަކުން ފެންނަ ޙާލަތެއްގައި އެއީ ކޮން ބައެއް ކަމާމެދު ރައުޔެއް ފާޅުކުރާ ޙާލަތުގައި އެއީ ހެއްކެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ބަލައިގެންފައި ނުވާކަން.

10.4 ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި އެޤާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތައް ސާބިތުކުރުމުގައި ބޭނުންކުރެވިދާނެ ހެކިތައް ބަޔާންކޮށްފައިވާއިރު، އެއިން އެއްވެސް މާއްދާއެއްގައި ސާފުނޫން ފޮޓޯއަކުން ފެންނަ ފަރާތެއް އެއީ ވަކި މިވެނި ފަރާތެއް ކަމާމެދު ޢާންމުންގެ މީހެއް ފާޅުކުރާ ރައުޔެއް ނުވަތަ ޚިޔާލެއް އެއީ ކަމެއް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ ހެއްކެއް ކަމަށް ބަޔާންކޮށްފައިނުވާކަމާއި، އެފަދަ ހެކިބަހެއް ބަލައިގަނެގެން ނުވާނެކަން.

10.5 ހެކި މެދުވެރިކޮށް ކަމެއް ސާބިތުވެއްޖެކަމަށް ބެލުމުގައި ،ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އަދި ބުއްދި ސަލާމަތުން ހުރި މީހަކަށް އެކަމެއް ހިނގާފައިވާކަމަށް ބެލެވިދާނެ ޙާލަތެއްގައި އެކަމެއް ސާބިތުވެއްޖެކަމަށް ކަނޑައެޅިދާނެ ކަމަށް ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި މީގެ އިތުރުން، ހެކި ބަހަށް ރިޢާޔަތްކުރުމުގައި އެހެކިތައް ތަޤްޔީމްކުރަންޖެހޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން.

10.6 މީހެއްގެ "ބޮޑީ ލޭންގުއޭޖް" އޭ ބުނެވޭ ބަހުގެ މާނައަކީ ހެކިވެރިޔާގެ ދޭހައިގެ ކޮން އެއްޗެއްކަން ސިއްރު ހެކިވެރިޔާ 1 ގެ ހެކިބަހުން ސާފުނުވާކަން. އަދި ސިއްރުހެކިވެރިޔާ 1 ދެކޭ ގޮތުގައި އެފަދަ ކަމެއް ޒިހާން އަށް ޚާއްސަވެ އެހެން އެއްވެސް ފަރާތެއްގެ ކިބައިން ފެނިގެން ނުދާނެ ސަބަބެއްވެސް ކިޔައިނުދޭކަން. މިގޮތަށް ހެކިބަސް ދިނުމުގެ ފުރުޞަތު ދެވިއްޖެނަމަ، ސާފު ނޫން ވީޑިއޯ ދެއްކުމަށްފަހު ތުހުމަތު ރައްދުވާ މީހަކާ ރަހުމަތްތެރިކަމެއް އޮތް ކޮންމެ ފަރާތެއްވެސް އައިސް ތުހުމަތު ރައްދުވާ ފަރާތުގެ މައްޗަށް ދޮގުހެކި ދިނުމަށް ދޮރު ހުޅުވިގެންދާނެކަން.

ފަސްވަނަ ނުކުތާއާގުޅޭ

11އިސްތިއުނާފީ ފަސްވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

11.1 ސިއްރުހެކިވެރިޔާ 2 އަށް ޙާދިސާ ހިނގިތަނުން ފެނުނު ސިފަ ބަދަލުކޮށްފައިވާކަމަށް ބުނާ އަދި މޫނު ނިވާކޮށްގެންތިބި ދެފަރާތުގެ ތެރެއިން އެއް ފަރާތެއް އެއީ ޒިހާން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް އައިޑެންޓިފައިކޮށްދީ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާކަމާއި، ނަމަވެސް، ހާދިސާ ހިނގި ރޭ ފެނުނު ދެފަރާތް ތިބީ މޫނު ނިވާކޮށްގެން ކަމަށްވެފައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އައިޑެންޓިފިކޭޝަން ޕެރޭޑްގައި އެދެފަރާތުގެ ތެރެއިން ޒިހާން އައިޑެންޓިފައި ކޮށްފައިވަނި މޫނު ނިވާކޮށްފައިވަނީ މޫނު ނިވާކޮށްފައިނުވާ ފޮޓޯއަކުން ކަމަށް ބުނެފައިވީހިނދު، އެއީ ކީއްވެ ކަމެއް އޭނާއަށް ބަޔާންކޮށްދެވިފައި ނުވާކަމާއި، ނަމަވެސް، ފަނޑިޔާރުގެ ފަރާތުން ސިއްރު ހެކިވެރިޔާ 2 ގެ މި ހެކިބަސް ބަލައިގެންފައިވަނީ އެއިގެ މޫނު މަތީ އަގަށްކަން.

11.2 ހެކިވެރިއަކު ދޭ ހެކިބަހެއް އެއީ ބުއްދީގެ ހަމަތަކުން ބަލައިގަނެވޭ ހެކިތަކެއްތޯ ބަލައި އެ ހެކިބަސް ތަޤްޔީމުކުރުމަކީ ޤާނޫނު ނަންބަރު 24/76 ގެ 6 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާއިން ފަނޑިޔާރުންގެ މައްޗަށް މަތިވެފައިވާ މަސްއޫލިއްޔަތެއްކަން.

11.3 ސިއްރުހެކިވެރިޔާ 2 ގެ ފަރާތުން ސީންއިން ފެނުނު މީހެއް އެއީ ޒިހާން ކަމަށް އައިޑެންޓިފައި ކޮށްފައިވާ ގޮތަށް ބަލާއިރު، ސިއްރުހެކިވެރިޔާ 2 އަށް ސީން އިން ފެނިފައިވާ ފަރާތްތައް ފެނިފައިވަނީ އެފަރާތްތަކުން މޫނު ނިވާކޮށް އަދި ސިފަ ބަދަލުކޮށްގެން ތިބި ކަމަށް ބުނާ ޙާލަތެއްގައިކަމާއި، އަދި އެފަރާތްތަކާ ސިއްރުހެކިވެރިޔާ 2 އާ ދެމެދު ކުރިން އެއްވެސް ގުޅުމެއް އޮތް ކަމެއް ނުވަތަ އެފަރާތްތަކަކީ ސިއްރުހެކިވެރިޔާ 2 ފެނިދެނިވި ބައެއް ކަމަށް އޭނާ ބުނެފައިނުވާކަމާއި، އެފަދަ ޙާލަތެއްގައި އެއް ރެއަކު ދަންވަރު މޫނު ނިވާކޮށްގެން ސިފަ ބަދަލުކޮށްގެން ތިބި ކަމަށް ބުނާ ބަޔަކު، އެފަރާތްތަކުގެ މޫނު ނިވާނުކޮށްތިބި ފޮޓޯތަކަކުން ފާހަގަކުރެވޭނެ ކަމީ އެއްވެސް ގޮތަކުން ބުއްދި ޤަބޫލުކުރެވޭ ފަދަ ހެކިބަހެއް ނޫންކަމާއި، އެ ހެކިބަސް ބުއްދީގެ ހަމަތަކަށް ފެތޭނީ ސިއްރުހެކިވެރިޔާ 2 ގެ ފަރާތުން އެގޮތަށް ޒިހާން ފާހަގަކޮށްފައިވާ ސަބަބު ތަފްސީލުކޮށް ކިޔައިދެވޭ ނަމަކަމާއި، އަދި އެ ސަބަބަކީ ބުއްދީގެ ހަމަތަކުން ޤަބޫލުކުރެވޭ އަދި ބަލައިގަނެވޭ ސަބަބުތަކަކަށް ވާނަމަކަން.

ހަވަނަ ނުކުތާއާގުޅޭ

12އިސްތިއުނާފީ ހަވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

12.1 މައްސަލައިގައި ހެކިބަސްދީފައިވަނީ ވީޑިއޯ އެންޑް އިމޭޖް އެނެލިސިސް އެކްސްޕަރޓްގެ ފަރާތުން އޭނާ ތައްޔާރުކޮށްފައިވާ ރިޕޯޓު ތައްޔާރުކުރުމުގައި، ސީންގެ ފުޓޭޖްގެ އިމޭޖްތަކުން ފެންނަ ފަރާތަކީ ޒިހާން ކަމަށް ކަނޑައެޅިއިރު، އެކަމުގައި confirmation bias އިން އެއްކިބާވުމަށް އަޅާފައިވާ ފިޔަވަޅެއް ނެތްކަމަށް ބުނެފައިވާކަމާއި، އޭނާގެ ފަރާތުން ބޭނުންކޮށްފައިވާ ސޮފްޓްވެއަރ އިން ރިޕޯޓް ޖެނެރޭޓްކުރެވޭ ކަން އެނގިހުރެ އެކަން ކޮށްފައިނުވާކަމަށްވެސް ބުނެފައިވާކަމާއި އަދި އޭނާގެ ހޯދުންތައް ހޯދުމުގައި އަމަލުކޮށްފައިވާ ސައިންޓިފިކް ޕްރޮސެސް އަދި އެ ޕްރޮސެސްގެ ޢިލްމީ ޞައްހަކަން ކަށަވަރުކޮށްދޭ ފަދަ އެއްވެސް ކަމެއް ބަޔާންކޮށްފައިނުވާކަމާއި، އޭނާ ބޭނުންކޮށްފައިވާ މެތޮޑޮލޮޖީ އާއި ހެކިތަކުގެ މައްޗަށް އެ ތަޠްބީޤުކުރުމުން ނިކުންނަ ނަތީޖާ އެގޮތުގެ މަތިން އެބައޮތްތޯ ފަނޑިޔާރަށް އަމިއްލައަށް ކަށަވަރުކޮށްދެވޭނެ މިންވަރަށް އޭނާ ޢަމަލުކޮށްފައިވާ ގޮތް އޭނާއަށް ކިޔައިދީފައި ނުވާކަން.

12.2 ވީޑިއޯ އެންޑް އިމޭޖް އެނޭލިސިސް ހަދާ ޚަބީރުންގެ ފަރާތުން ފޮޓޯ ނުވަތަ ވީޑިއޯ އަށް ބެލުމަށްފަހު، އެފޮޓޯއިން ނުވަތަ ވީޑިއޯއިން އެފެންނަ މީހާ އާއި މައްސަލައިގައި ތުހުމަތު ރައްދުވާ މީހާއާއި އެއްގޮތް ސިފަތަކެއް ހުރި ކަމަށް ބުނާ ބުނުމަކީ، އެތަނުގައި އެހުރީ އޭނާ ކަމަށް ސާބިތުކޮށްދޭ ކާފީ (direct/conclusive) ހެއްކަކަށް ނުފުދޭނެކަމާއި އެއީ އެއާ ޚިލާފަށް އެ ޚަބީރުގެ ރައުޔު (expert opinion evidence) ގެ މައްޗަށް ބިނާވާ ޤަރީނާއެއްކަމާއި ހަމައެކަނި އެ ރައުޔުގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ކުށެއް ސާބިތެއް ނުކުރެވޭނެކަން. އެހެނީ އެ ރައުޔު އަކީ އެހެން ހެކިތަކަށް ބާރުދޭ ނުވަތަ އެހެން ހެކިތައް އިތުރު ތަފްސީލްކޮށްދޭ ބާވަތުގެ ހެއްކެއް ކަމާއި، މި ބާވަތުގެ ހެކިތަކާއި ބެހޭގޮތުން އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ސުޕްރީމް ކޯޓުން ނިންމާފައިވާ R v Hien Puoc TANG “2006” NSWCCA 167 ގައި ފާހަގަކޮށްފައިވާ ފަދައިން، ކުށުގެ ވެށިން ލިބިފައިވާ މަންޒަރުތަކަކުން ފެންނަ ފަރާތަކާއި ތުހުމަތު ރައްދުވާ ފަރާތާއި އެއްގޮތް ސިފަތަކެއް ހުރިކަމަށް ބަލައި، ކަމާބެހޭ މާހިރެއްގެ ފަރާތުން ދޭ ރައުޔަކީ ހަމައެކަނި އެ ރައުޔުގެ މައްޗަށް ބިނާކޮށް ކުށުގެ ވެށިގެން ފެންނަ ފަރާތް އެއީ ތުހުމަތު ރައްދުވާ ފަރާތް ކަމަށް ނިންމޭނެ ފަދަ ހެއްކެއް ނޫންކަމާއި، އެއީ އެހެން ހެކިތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ނުވަތަ ބާރުދޭ ޤަރީނާއެއްކަން.

12.3 މީގެ އިތުރުން، ޚަބީރުންގެ ރަޢުޔު އެއީ އެފަދަ ރައުޔު އެއް ކަމަށް ބެލެވިދާނީ ޚަބީރުންގެ ދައުރު އެގޮތުގެ މަތިން އަދާކުރެވޭ ޙާލަތުގައި ކަމަށް ކަނޑައެޅިފައިވާ އެންމެ މަޝްހޫރު އެއް ޤަޟިއްޔާ ކަމަށްވާ Davie v Edinburgh Corporation Magistrates 1953 SC 34 at 40, 1953 SLT 54 at 57 މި ޤަޟިއްޔާގައި ލޯޑް ޖަސްޓިސް-ކްލަރކް ކޫޕަރ ކަނޑައަޅާފައިވާ ގޮތުގައި އަލީގައި، އެ ދައުރު މި މައްސަލައިގައި ވީޑިއޯ އެންޑް އިމޭޖް އެނެލިސްޓްގެ ފަރާތުން އަދާކޮށްފައިވޭތޯ ބެލުމުގައި ޔުނައިޓަޑް ކިންގްޑަމްގެ ނޭޝަނަލް ކްރައިމް އޭޖެންސީއާއި މެޓްރޮޕޮލިޓަން ޕޮލިސް އާއި ފޮރެންސިކް ސައިންސް ރެގިއުލޭޓަރ އަދި ކްރައުން ޕްރޮސިކިއުޝަން ސަރވިސް އިން ގުޅިގެން ނެރެފައިވާ Forensic Image Comparison and Interpretation Evidence: Guidance for Prosecutors and Investigators އަށް ރިޢާޔަތްކޮށްދިނުމަށް އެދޭކަން. މި ގައިޑަންސް އަށް ބަލާއިރު، މި މައްސަލައިގައި ވީޑިއޯ އެންޑް އިމޭޖް އެނެލިސްޓްގެ ފަރާތުން ކޮގްނިޓިވް ބަޔަސް ނުވަތަ ކޮންފަރމޭޝަން ބަޔަސް އިން އެއްކިބާވުމަށްޓަކައި ކޮށްފައިވާ އެއްވެސް ކަމެއް ކިޔައިދީފައިނުވާކަމާއި، އަދި އެފަރާތުން ބޭނުންކޮށްފައިވާ މެތޮޑޮލޮޖީ ބިނާވާ ސައިންޓިފިކް ބޭސިސް ކިޔައިދީފައިނުވާކަމާއި، އަދި އެފަރާތުން ބޭނުންކޮށްފައިވާ ޕްރޮސެސް އާއި އެހެން ޤަޟިއްޔާއެއްގައި އެފަދަ އެހެން އެނަލިސްޓަކު ބޭނުންކޮށްފައިވާ ޕްރޮސެސް އާ ތަފާތުކަން ޝަރީޢަތަށްވެސް ފާހަގަވެފައިވާކަމާއި އަދި އެފަރާތުން ބޭނުންކުރި ކްރައިޓީރިއާއެއް ބޭނުންކޮށްގެން ފަނޑިޔާރުގެ ފަރާތުން މިނިވަންކަމާއެކު ބޭނުން ހިފައިގެން ނިންމުންތަކަށް ވާޞިލުވެވޭ މިންވަރަށް އެފަރާތުން ބޭނުންކޮށްފައިވާ ކްރައިޓީރިއާ އެފަރާތަށް ކިޔައިދެވިފައިނުވާކަން އަދި ފަނޑިޔާރުގެ ފަރާތުން އެފަރާތުގެ ރައުޔަށް ރިޢާޔަތްކުރުމުގައިވެސް އެފަދަ ކްރައިޓީރިއާތަކެއް ފާޅުވެފައިވާކަން ފާހަގަކޮށްފައިނުވާކަމާއި ހަމައެކަނި ފަނޑިޔާރުގެ ފަރާތުން އެނެލިސްޓްގެ ރަޢުޔު އެއިގެ މޫނު މަތީ އަގަށް ބަލައިގަނެ އިތުރު ސުވާލެއް އަދި ތަޤްޔީމެއް ކުރުމެއްނެތި އެއަށް ބުރަދަންދިފައިވާކަން.

12.4 އެހެންކަމުން، ދަށުކޯޓުގެ ފަނޑިޔާރުގެ ފަރާތުން ވީޑިއޯ އެންޑް އިމޭޖް އެނެލިސްޓްގެ ރައުޔަށް ބުރަދަންދީފައިވަނީ ޤާނޫނި އުޞޫލުތަކާ ޚިލާފަށްކަމާއި އަދި ބަހުސްގެ ބޭނުންޓަކައި ވީޑިއޯ އެންޑް އިމޭޖް އެނެލިސްޓްގެ ރަޢުޔު އެއީ ޞައްޙަ ރަޢުޔު އެއް ކަމަށް ބެލިކަމުގައިވިޔަސް، އެފަދަ ޚަބީރުންގެ ރަޢުޔު އަކީ އެއަށް ބާރުދޭ އިތުރު ހެއްކެއް ނެތި އެއިގެ މައްޗަށް މީހަކު ތަނަކުން ފެންނަ ކަމަށް ކަނޑައެޅިދާނެ ރަޢުޔުއެއް ނޫންކަން.

ހަތްވަނަ ނުކުތާއާގުޅޭ

13އިސްތިއުނާފީ ހަތްވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

13.1 ސިއްރު ހެކިންގެ ހެކިބަސްތައް ނަގާފައިވަނީ، ޒިހާންގެ އަސާސީ ޙައްޤުތަކެއް ހަނިވާގޮތަށް، އެ ހެކިބަސްތަކުގެ މިޞްދާޤިއްޔަތު ގެއްލޭގޮތަށްކަމާއި، އިސްތިއުނާފު ފުރަތަމަ 5 ނުކުތާގައި އެކަމާބެހޭ ތަފްޞީލުތައްވާނީ ބަޔާންކުރެވިފައިކަމާއި، މިގޮތުން ޒިހާނަށް ލިބިފައިވާ އަސާސީ ދެ ޙައްޤުތަކެއްކަމަށްވާ، ހެކިވެރިޔާއާ ޝަރީޢަތުގެ މަޖިލީހުގައި އެއްހާޟިރުވެ ސުވާލުކުރުމުގެ ޙައްޤާއި، އަދި ހާމަކަމާއެކު ވަކި ފަރާތަކަށްނުޖެހި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤާއި، އަދި އެނޮނީމަސްކޮށް ހެކިބަސް ނެގުމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއް ނެތި އެނޮނީމަސްކޮށް ނަގާފައިވާ ހެކިބަސްތަކަށް އެއްވެސް ބުރަދަނެއް ނުދެވޭނެކަން.

13.2 ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގޮތުން، ހެކިވެރިޔާގެ ވަނަވަރުވެސް ނޭނގި، އެއްހާޒިރުވުމެއްވެސް ނެތި، އޭނާގެ އަޑު ބަދަލުކޮށްގެން ކާކުކަން އެއްވެސް ގޮތަކަށް ނޭނގި އެނޮނީމަސްކޮށް ނެގޭ ހެކިބަހަކީ، ބަހުސްގެ ބޭނުމަށްޓަކައި، ޤާނޫނާ އެއްގޮތަށް ނަގާފައިވާ ހެކިބަހެއްކަމަށް ބެލިނަމަވެސް، ނުވަތަ އެގޮތަށް އެނޮނީމަސްކޮށް ހެކިބަސް ނެގުމުގައި ދަޢުވާލިބޭ ފަރާތުގެ އަސާސީ ޙައްޤެއް ނިގުޅިގެން ނުވަތަ ހަނިވެގެންގޮސްފައިނުވާކަމަށް ބެލިނަމަވެސް، އެފަދަ ހެކިބަހަކީ އެހެކިބަސްދިން ފަރާތުގެ މިސްދާޤިއްޔަތު (Credibility) އާމެދު ސުވާލު އުފެއްދުމަށް މުއްތަހަމަށް އެންމެ ފުރިހަމަގޮތުގައި ފުރުޞަތު ލިބި ނުދެވޭގޮތަށް ނެގޭ ހެކިބަހެއްކަމާއި، އެފަދަ ހެކިބަސް ވަޒަންކޮށް މިނާނީ ކޮން ނާޅިއަކުން ކަމެއް ރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ބަޔާންކޮށްފައިނުވާކަން.

13.3 ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ) އާއި 18 ވަނަ މާއްދާގެ (ށ) އަދި ޤާނޫނު ނަންބަރު 12/2009 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުން މަނާކުރުމުގެ ޤާނޫނު) ގައި ހެކިންގެ ޢަދުލުވެރިކަން ކަނޑައެޅުން ލާޒިމްކޮށްފައިނުވާ ނުވުމަށާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 1204 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައިވާ ކަންކަމަށްބަލާއިރު، މަރުގެ އަދަބު ކަނޑައެޅިފައިވާ މައްސަލައެއްގައި ހެކިބަސް ވަޒަންކުރުމުގައި ލުއި އިޖުރާއާތު ބަޔާންވެގެންވަނީ ޤާނޫނުލްޢުޤޫބާތުގައި ކަމަށްވާތީ، އެ ޙާލަތުގައި ހެކިބަސް ވަޒަންކުރުމުގައި އިސްކަންދޭންޖެހޭނީ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ އިޖުރާއަތަށް ކަން.

13.4 އިސްވެ ބުނެވުނު އުސޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، ހެކިވެރިޔާ-1 ގެ ހެކިބަހުގައިވެސް ފުށުއެރުންތަކެއް އެބަހުރިކަމާއި، ޙަސަން ޝިފާޒްއާއި މުޙައްމަދު ދިފްރާންއާއި ދެމީހުންގެ ދައުރަކީ، އަލްމަރްޙޫމް ޔާމީން ރަޝީދު ދިރިއުޅޭ ގެއާއި، ޔާމީން ރަޝީދު މަސައްކަތްކުރި އޮފީސް ކައިރީގައި ޔާމީން ރަޝީދަށް ފާރަލައި، އެޅޭނޫޅޭގޮތް ބަލައި، އިސްމާޢީލް ހައިޝަމް ރަޝީދަށް ޚަބަރު ފޯރުކޮށްދިނުންކަމަށާއި، ހެކިވެރިޔާ 1 އަށް ވަނީ މި ދެމީހުން އެ ސަރަޙައްދުން ފެނިފައިކަމަށް ހެކިބަޔާނުގެ 342 ވަނަ ސަފްޙާގެ 17 އިން 22 ވަނަ ފޮޅުވަތުގެ ނިޔަލަށް ހުރި ވާހަކަތަކުގައި ބުނެފައިވާއިރު، ކްރޮސް އެގްޒެމިނޭޝަންގައި ޔާމީން ރަޝީދު މަރާލިރޭ ތުހުމަތުކުރެވޭ އެންމެން އެތަނުން ފެނިފައިވޭތޯ ސުވާލުކުރުމުން، ޝިފާޒް ފެނިފައި ނުވާކަމަށާއި، ފެނުނީ ދިފްރާންކަމަށް 344 ވަނަ ޞަފްޙާގެ 23 ވަނަ ފޮޅުވަތުގައި ބުނެފައިވާކަން. މިއީ ކުރިން ބުނެފައިވާގޮތާ ޚިލާފު ބުނުމެއްކަން އަދި ސިއްރުހެކިވެރިޔާ 1 ގެ ހެކިބަހުގައި ޔާމީން ރަޝީދު މަރާލެވުނު ރޭގައި އެހާދިސާ ހިނގިވަގުތުގެ ކުރިން އެ ސަރަޙައްދުގައި އޭނާ ހުރިކަމަށާއި، އަދި ޔާމީން ރަޝީދުވެސް އެތަނުގެ ކައިރިން ފެނުނުކަމަށް ބުނެފައިވާއިރު، ސިއްރުހެކި 2 ހެކިބަހުގައި އޭނާވެސް އެތަނުގައި ހުރިކަމަށާއި، މާސްކް އަޅާފައިތިބި ބަޔަކު ދުއްވާފައިދަނިކޮށް ފެނުނުކަމަށް ބުނެފައިވާއިރު، ސިއްރުހެކި 3 ގެ ހެކިބަހުގައި އިތުރު މީހެއް އެވަގުތު ފެންނަން ނެތްކަމަށް ބުނެފައިވާކަން.

13.5 ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ) އާއި 18 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 1204 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެ ހެކިންގެ ހެކިބަހަކީ، މަރުގެ އަދަބު ކަނޑައެޅިފައިވާ މައްސަލަތަކުގައި އެކަށީގެންވާ ޝައްކު ވަދެފައިވާ ހެކިބަސްތަކެއްކަމުގައި ޤާނޫނީގޮތުން ބަލަންޖެހޭކަން.

13.6 ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ) އާއި 18 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 1204 ވަނަ މާއްދާގެ (ނ) މި މައްސަލައަށް ތަޠުބީޤުނުކުރެވޭނެ ކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، އެނޮނީމަސްކޮށް ހެކިބަސް ނެގުމާއި، އެފަދަ ހެކި ވަޒަންކުރާނެ ގޮތުގެ ތަފްސީލީ މިންގަނޑެއް ރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިނުވާކަން. އެހެންކަމުން، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައިވާގޮތުން، ދެން ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނީ އިސްލާމީ ޝަރީޢަތަށްކަން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު ޤަޟިއްޔާގައި، ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ހައްދާއި ޤިޞާޞްގެ މައްސަލަތަކުގައި ޙުކުމްކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރު ޙާޞިލުކުރެވޭނީ ހަމައެކަނި އިޢުތިރާފުން ނުވަތަ ހެކިންގެ ހެކިބަހުން ކަމަށްކަން. އެހެނަކަމަށްވާއިރު، މި މައްސަލައިގައި ޤިޞާޞް ސާބިތުކުރެވޭވަރުގެ ޢަދުލުވެރި ހެކިބަސްތަކެއް ލިބިފައިނުވާކަމާއި، ސިއްރުހެކިވެރިޔާ 1 އަކީ ކުށުގެ ޢަމަލު ކޮންމެވެސް ބަޔަކާއެކު ހިންގާފައިވާ މީހެއްކަމަށް އޭނާގެ ހެކިބަހުން ތުހުމަތުކުރެވޭހިނދު، ނަބަވީ އިރުޝާދުވަނީ، އެފަދަ މީހުންގެ ހެކިބަސް ބަލައިނުގަތުމަށްކަން.

13.7 އެކަށީގެންވާ ޝައްކެއް ނެތްމިންވަރަށް ސާބިތުވުން ނަފީކުރާ ކޮންމެ ޝައްކެއްވެސް، މުއްތަހަމުގެ މަޞްލަޙަތުގައި ޝައްކު ތަފްސީރުކުރެވެންޖެހޭނެކަމަށް ބުނާ ޤާނޫނީ ޤާއިދާގެ ދަށަން ވަންނާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/04، 2015/SC-A/03 (ޙަސަން ޢަލީ އަދި ޢަބްދުއްލަޠީފް މުޙައްމަދު ވ. ދިވެހިދައުލަތް) ޤަޟިއްޔާގެ ޕެރެގްރާފު 9 ގެ (ކ) ގައި ބަޔާންކޮށްފައިވާކަމާއި، ޙައްދާއި ޤިޞާޞްގެ މައްސަލަތަކުގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވުން ނަފީވާ ކޮންމެ ޝައްކެއްވެސް މުއްތަހަމުގެ މަޞްލަޙަތުގައި ތަފްސީރުކުރެވެންޖެހޭނެކަމާއި، ނަމަވެސް ދަށު ކޯޓުން މައްސަލަ ނިންމާފައިވަނި އެ އުޞޫލާވެސް ޚިލާފަށްކަން.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

14އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ:

"ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވިއިރު، ހެކިބަހުން ރުޖޫޢަވުމަށް އެދިފައިވާ ސިއްރުހެކިވެރިއެއްގެ ހެކިބަސް ބަލައިގަނެ އަދި/ ނުވަތަ އެއަށް ރިޢާޔަތްކޮށް އަދި/ ނުވަތަ އެއަށް ބުރަދަންދީފައިވަނީ އިސްލާމީ ޝަރީޢަތާއި ޤާނޫނާ ޚިލާފަސް ކަމަށް ކަނޑައަޅައިދެއްވައި، އެސިއްރު ހެކިވެރިޔާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައިދެއްވުމަށް ނުވަތަ އެސިއްރު ހެކިވެރިޔާގެ ހެކިބަހުން އޭނާ ރުޖޫޢަވުމާ ގުޅިގެން އެކަމާމެދު ފަނޑިޔާރު ޢަމަލުކުރަންޖެހޭނެ އުޞޫލުތައް ކަނޑައަޅައިދެއްވައި އެއުޞޫލުތަކުގެ ދަށުން މައްސަލަ އަލުން ބެއްލެވުމަށް ދަށު ކޯޓަށް ތަހުވީލުކޮށްދެއްވުމަށް.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވިއިރު، ސިއްރުހެކިވެރިޔަ 1 ގެ ފަރަތުން ފުޓޭޖް ބަލާފައި އެއިގެން ފެންނަ ފަރާތްތައް އެއީ ކޮން ބައެއްކަމަށް ބުނި ބަހަށް ފަނޑިޔާރު ރިޢާޔަތްކޮށް ބުރަދަން ދީފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދެއްވައި، އެހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައިދެއްވުމަށް ނުވަތަ އެކަމާމެދު ފަނޑިޔާރު ޢަމަލުކުރަންޖެހޭނެ އުޞޫލުތައް ކަނޑައަޅައިދެއްވައި އެއުޞޫލުތަކުގެ ދަށުން މައްސަލަ އަލުން ބެއްލެވުމަށް ދަށު ކޯޓަށް ތަޙްވީލުކޮށްދެއްވުމަށް.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވިއިރު، ސިއްރުހެކިވެރިޔާ 2 ގެ ފަރާތުން ހާދިޘާ ހިނގިތަނުގައި ދުށްކަމަށް ބުނާ ފަރާތްތަކުގެ ތެރެއިން އެކަކީ ޒިހާން ކަމަށް ބުނެފައިވާ ބުނުމަކީ އެބުނުން ތަޤްޔީމުކުރާއިރު ބުއްދީގެ ހަމަތަކުން ބަލައިގަނެވޭނެ ވާހަކައެއް ނޫންކަމަށް ކަނޑައަޅައިދެއްވައި، އެމިންވަރަށް އެފަރާތުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައިދެއްވައި ނުވަތަ އެކަމާމެދު ފަނޑިޔާރު ޢަމަލުކުރަންޖެހޭނެ އުޞޫލުތައް ކަނޑައަޅައިދެއްވައި އެ އުޞޫލުތަކުގެ ދަށުން މައްސަލަ އަލުން ބެއްލެވުމަށް ދަށު ކޯޓަށް ތަޙްވީލުކޮށްދެއްވުމަށް.

ކްރިމިނަލް ކޯޓުގައި ހެކިބަސްދިން ވީޑިއޯ އެންޑް އިމޭޖް އެނެލިސްޓްގެ ރަޢުޔަކީ ޚަބީރެއްގެ ރައުޔަކަށް ވުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަނުވާ ރަޢުޔެއް ކަމަށް ކަނޑައަޅައިދެއްވައި، އެ ރައުޔު އަށް އެއްވެސް ބުރަދަނެއް ނުދެވޭނެ ކަމަށް ކަނޑައަޅައިދެއްވުމަށް ނުވަތަ އެރައުޔު އަށް ބުރަދަނެއް ދެވޭނީ އެހެން ހެއްކަކަށް ބާރުދޭ ހެއްކެއްގެ ގޮތުގައި ކަމަށް ކަނޑައަޅައިދެއްވުމަށް.

ދައުލަތުން އަޙްމަދު ޒިހާން އިސްމާޢީލްގެ މައްޗަށް ކޮށްފައިވާ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ކަނޑައަޅައިދެއްވުމަށް ނުވަތަ ދަށު ކޯޓުގެ ޙުކުމް ބާޠިލްކުރުމަށްފަހު އަލުން މައްސަލަ ބެލުމަށްޓަކައި ދަށު ކޯޓަށް ތަޙްވީލުކޮށްދެއްވުމަށް."

މިފަދައިންނެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ޚުލާސާ

ފުރަތަމަ ނުކުތާއާގުޅޭ

15ފުރަތަމަ އިސްތިއުނާފީ ނުކުތާއާގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

15.1 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ދަޢުވާލިބޭ މީހާއަށް ލިބިގެންވާ ޙައްޤަކީ ދައުލަތުން ހުށަހަޅާ ހެކިން، ދަޢުވާލިބޭ މީހާއާ އެއްހާޒިރުކޮށް، ފިޒިކަލީ އެއް މަޖިލީހެއްގައި ހެކިބަސް ނެގުންކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، އެކަމަށް ޤައިދުތަކެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ގެނެސްފައިވާކަމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގެ ދަށުން ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމަށް އެދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ފުރުޞަތު ތަނަވަސްކޮށްދީފައި އޮތްކަން.

15.2 އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިއާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހަކުން ފާސްކުރާ ޤާނޫނަކުން، އަސާސީ ޙައްޤެއް ހިފެހެއްޓިދާނެ ކަމާއި، އެފަދަ ޙައްޤެއް ހިފެހެއްޓިފައިވަނީ، ޢާންމު އުޞޫލުން ބޭރުންކަން، މިނުމުގެ ގޮތުން އަސާސީ ޙައްޤު މާނަކުރުމުގައި ދުނިޔޭގެ ހުޅުވިފައިވާ މުޖުތަމަޢުތަކުގައި ޢަމަލުކުރާ ގޮތްތަކަށް ރިޢާޔަތްކުރުމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ އިރުޝާދުދޭކަމަށް ބަޔާންކޮށްފައިވާކަން.

15.3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ހެކިބަސް ނަގަންވާނީ، ޝަރީޢަތުގެ މަޖިލީހަށް ހެކިން ހާޒިރުކޮށްގެންކަމަށް އެ ޤާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި އަދި އެ ޤާނޫނުގައި ހެކިބަސް ދޭ މީހުން ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީ ދޭހަވަނީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނަކުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ލިބިދީފައިވާ އަސާސީ ޙައްޤު ހަނިކޮށްފައިވާކަން.

15.4 އަސާސީ ޙައްޤު މާނަކުރުމުގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިއާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ދީފައިވާ ގައިޑްލައިންއާ އެއްގޮތަށް ދީމިޤްރާތީ މުޖުތަމަޢުތަކުގައި ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭގޮތަށް ހެކިބަސް ނެގުމުގައި ޢަމަލުކުރާ އުޞޫލަށް ބަލާއިރު، އިނގިރޭސިވިލާތުގެ Coroners and Justice Act 2009 ގެ 86 ވަނަ މާއްދާގައި ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭގޮތަށް ހެކިބަސް ނެގުމުގައި witness anonimity orders ގެ ނަމުގައި އަމުރެއް ނެރެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، މި އަމުރަކީ ޖިނާއީ މައްސަލައެއްގައި ހެކިބަސް ދޭ މީހާއަކީ ކާކުކަން ސިއްރުކުރުމުގެ ގޮތުން ނެރޭ އަމުރެއްކަމާއި، އެ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ސަޢީދު ޤަޟިއްޔާގެ 48 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުކަމާއި، އެ ޤަޟިއްޔާގައި ހުޅުވިގެންވާ ދީމިޤްރާތީ މުޖުތަމަޢުތަކުގައި ހެކިބަސް ދޭ މީހުންނަށް ޙިމާޔަތްދީގެން ހެކިބަސް ނެގުމުގައި ޢަމަލުކުރާ ތަފާތު ގޮތްތަކެއް ވާކަމަށް ބަޔާންކޮށްފައިވާކަން.

15.5 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-163 ވަނަ މާއްދާގެ (ބ) ގެ ދަށުން ބާރު ލިބިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ "އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީޢަތްތައް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދު" ގެ 3 ވަނަ މާއްދާގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާކަމާއި، މި މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހެކިބަސްދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުން ކުރިއަށް ގެންދެވޭނެކަމަށް ބަޔާންކޮށްފައިވާކަން.

15.6 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/30 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ސަޢީދު ޤަޟިއްޔާގެ ނިންމުމަކީ، per incuriam ނިންމުމެއް ކަމަށް ދައުލަތުން ނުދެކޭކަމާއި، ސަބަބަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 51 ވަނަ ނުކުތާގައި ޕަރ އިންކިއުރިއަމް މައްސަލަތަކުގެ ތަފްޞީރު ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ސަޢީދު ޤަޟިއްޔާގެ ނިންމުން ޕަރ އިންކިއުރިއަމް މައްސަލައެއްކަމަށް ނުފެތޭތީކަމާއި، ސަބަބަކީ، މި ޤަޟިއްގާއި، ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމާ ގުޅޭ ގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހެއްކާބެހޭ ޤާނޫނާ ހަވާލާދިފައި އޮތް އޮތުމަށާއި، މި ބާވަތުގެ މައްސަލަތަކުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި ޢަމަލުކުރާ އުޞޫލު ބަޔާންކޮށް އެ ކަންކަމަށް ރިޢާޔަތްކޮށްފައިވާތީކަން.

15.7 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/163 ޢަލީ އާނިސް ޝަމީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ރ) ގައި ޓެރަރިޒަމްގެ ކުށް ފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ދަޢުވާކުރެވޭ މައްސަލަތަކާއި ގުޅިގެން ހެކިބަސްދޭ ހެކިންގެ ނަފުސަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮވެފައި، އެ ހެކިންގެ ހެކިބަހަކީ މައްސަލައަށް މުހިއްމު ހެކި ބަހަކަށްވާނަމަ އަދި މުއްތަހަމާއި ހެކިވެރިޔާ އާއި ޖިސްމާނީ ގޮތުން އެއްހާޒިރަކަށް ނުގެނެސް ހެކިބަސް އަދާކުރަނީ ކާކުކަން ނޭނގޭނެހެން ހެކިބަސް ސިއްރުން ނެގިކަމުގައި ވީނަމަވެސް ޝަރީޢަތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވިދާނެކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި ހެކިބަސް ދޭ ހެކިންގެ މަޢުލޫމާތާއި، އެ ހެކިން ތަޙްޤީޤަށް ދީފައިވާ ބަޔާންތައް މައްސަލައިގައި ތުހުމަތުކުރެވި ދަޢުވާ އުފުލިފައިވާ ފަރާތަށް ނުދީ ސިއްރުކުރެވިދާނެކަމަށް މައްސަލަ ބެލި ފަނޑިޔާރުން ދެކޭކަމަށް ބަޔާންކޮށްފައިވާކަން.

15.8 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށްޓަކައި ހެކިވެރިޔާ އާއި ދަޢުވާލިބޭ މީހާ އެއްހާޒިރުނުވާނެހެން ހެކިބަސް ނެގުމުގެ އުޞޫލު ބަޔާންކޮށްފައިނުވާތީ އެ ފުރުސަތު ލިބިގެން ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާއިރު، އިސްތިއުނާފުކުރާ ފަރާތުގެ 1.6 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ހެކިވެރިޔާއަށް ދެވޭނެ ރައްކާތެރިކަން ދެވޭނެ ޤާނޫނީ އަސާސެއްވެސް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ނެތްކަން.

15.9 ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭގޮތަށް ހެކިބަސް ނެގުމުން ދަޢުވާލިބޭ މީހާއަށް ހެއްކާ ސުވާލުކުރުމަށް ލިބޭ ޙައްޤު ގެއްލިގެން ނުދާކަމާއި، ދައުލަތުން ހެކި ހުށަހަޅާ ދާއިރާގެ ތެރެއިން ކްރޮސް އެގްޒެމިނޭޝަން މަރުޙަލާގައި ހެއްކާ ސުވާލުކުރުމުގެ ފުރުސަތު ދަޢުވާލިބޭ ފަރާތަށް ލިބޭކަމާއި، މައްސަލައިގައި ކަން ހިނގާފައިވަނީވެސް އެފަދައިންކަން.

15.10 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޢަބްދުﷲ ޙުސައިން ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން، އިސްލާމީ ޝަރީޢަތުގައި ހެކިވެރިޔާގެ ކިބައިގައި ހުރުން ލާޒިމްވެގެންވާ އަސާސީ އެއް ޝަރުޠަކީ "ޢަދްލު" ވެރިކަމުގެ ސިފަ ކަމާއި، އިސްލާމީ ފިޤުހުގައި ހެކިވެރިއެއްގައި ޢަދުލުވެރިކަމުގެ ސިފަ ހުރިކަމުގައި ބެލެވޭނީ އެ މީހަކީ ބޮޑެތި ފާފަތަކަށް އަރައިނުގަންނަ އަދި ކުދި ފާފަކުރުމުގައި ދެމި ނުހުންނަ މީހެއްކަމުގައި ވާނަމަކަން.

15.11 ސިއްރުހެކިވެރިޔާ 1 އަކީ ކުށުގެ ބައިވެރިއެއްކަމަށް ދިފާއުން ބުނިނަމަވެސް، އެ ހެކިވެރިޔާގެ ކުށުގެ ރެކޯޑެއް ނެތުމާއި، ހެކިބަސް އަދާކުރިއިރު އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާ ސާބިތުވެފައި ނެތުމުންނާއި، ދަޢުވާލިބޭ ފަރާތްތަކަށް މި ހެކިވެރިޔާ ޝަރީޢަތުގައި ދެއްކި ވާހަކަތަކަށް ނަޒަރުކުރުމަށްފަހު، ޔާމީން ރަޝީދު މަރާލުމުގައި މި ހެކިވެރިޔާ ބައިވެރިވެފައިވާކަމަށް ބުނި ނަމަވެސް، އެފަދައިން ބައިވެރިވެފައިވާކަން، ޝަރީޢަތަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތުމުންނާއި، މި، ޙާލަތުގައި މި ހެކިވެރިޔާ ހެކިބަސް ބަލައިގަތުން މަނާވާ އިތުރު ޙާލަތެއް ދަޢުވާލިބޭ ފަރާތްތަކަށް ބުނެވެދިފައިނުވަތީ ސިއްރުހެކިވެރިޔާ 1 ގެ ހެކިބަހާމެދު ދިފާއުން ކުރި އިޢުތިރާޒު ބަލައިނުގަތުމަށް ނިންމާފައިވާކަން، ކްރިމިނަލް ކޯޓުގެ ރިޕޯޓުގެ 108 ވަނަ ނުކުތަގައި ބަޔާންކޮށްފައިވާކަން.

15.12 ޙަވާލާދީފައިވާ ހެކިންނަކީ ހެކިބަސް ދެވޭނެ ބައެއްކަން ކަށަވަރުނުވާތީ މިއީ ޢަދުލުވެރިކަން ގެއްލިފައިވާ ހެކިންކަމަށް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، މި ހެކިން އަދާކުރި ހެކިބަސް ރިޢާޔަތްނުކޮށް ދޫކޮށްލެވޭނެ ތަނެއް ނެތްކަމާއި، ސަބަބަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC- A/30 ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 218 ވަނަ ނުކުތާގައި، ހެކިންގެ ހެކިބަހުގައި މިފަދަ ޝައްކެއް އުފެދިއްޖެނަމަ، އެ ހެކިބަހަށް ބާރުލިބޭ އެހެން ހެކި ހުރިނަމަ އެ ހެކިބަހަށް ބުރަދަން ދެވޭނެކަމަށް ބަޔާންކޮށްފައިވާތީކަން.

15.13 ސިއްރު ހެކިންގެ ހެކިބަސް ނެގުމުގެ ކުރިން ހެކީންނާބެހޭ މަޢުލޫމާތު ކޯޓުން ބަލާފައިވާކަމާއި، ހެކިވެރިޔާއަކީ ކާކުކަން އެނގޭ މަޢުލޫމާތު ލިބިފައިވާކަމާއި، އެ މަޢުލޫމާތު ކޯޓުގައި ރައްކާކޮށްފައިވާކަން މަޙްޟަރު ބަޔާނުގެ 336 ވަނަ ޞަފްޙާއިން އެނގޭކަން.

ދެވަނަ ނުކުތާއާގުޅޭ

16ދެވަނަ އިސްތިއުނާފީ ނުކުތާއާގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

16.1 ހެކިބަސް ނަގާ ޝަރީޢަތުގެ މަޖިލިސް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަކީ، ޢަދުލުވެރިކަމާއެކު އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު އުނިވުންތޯ ބަލާއިރު، އާންމު އުސޫލަކީ ހުޅުވާލައިގެން ޝަރީޢަތް ކުރިއަށް ގެންދިއުން ނަމަވެސް، މި އާންމު އުސޫލަށް އިސްތިސްނާތަކެއް ވާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 143 ވަނަ މާއްދާއިން އެނގޭކަން.

16.2 މައްސަލައިގެ އިބްތިދާއީ މަރުޙަލާ ފެށުމާއެކު މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިއުމަށް ދައުލަތުން އެދިފައިވީނަމަވެސް، ނިޔާވި ފަރާތުގެ އާއިލާގެ އެދުމުގެ މަތިން މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާއިން ފެށިގެން ކުރިއަށް ގެންގޮސްފައިވަނި އާންމުކޮށް ހުޅުވާލައިގެންކަން.

16.3 UNODC އިން އެކުލަވާލާފައިވާ “Good practices for the protection of witnessses on criminal proceedings involding organized crime” ގައި ސިއްރު ހެކިބަސް ނުވަތަ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމަކީ ހެކި މީހާއަށް ޖެހިލުންވުމާއި، ބިރު އެއްކިބާކޮށް ހެކިބަސް ދެވޭނެ މަގެއް ހޯދައިދިނުމަށް އެދި ޤައުމުތަކުގެ ކޯޓުތަކުން ފޯރުކޮށްދޭ ޚާއްސަ ފުރުސަތެއްކަމަށްކަމަށް ބަޔާންކޮށްފައިވާކަން. މި އުސޫލުގައި އިޖުރާއީ ފިޔަވަޅުތައް 3 ބަޔަކަށް ބެހޭ ކަމަށްވެސް ބަޔާންކޮށް އެކަންކަން ހިމަނާފައިވާކަން.

16.4 ރާއްޖޭގައި، ހެކިވެރިޔާއަށް ހިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ދޭ ގޮތަށް ބަލާއިރު، ހެކިބަސް ދޭ މީހާއަށް ހިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމަށް އެދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން އެއީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަނާޅައިފިނަމަ އެފަދަ ހުށަހެޅުމެއް ހުށަހެޅުމަށް އޮތް ފުރުސަތު ގެއްލުނީކަމަށް ބެލެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގައި ހިމަނާފައިވާ އިޖުރާއަތެއްކަމާއި، މި މާއްދާގައި މި އިޖުރާއަތު ބަޔާންކޮށްފައިވަނީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމެއްގެ ގޮތުގައިކަމާއި، މި މާއްދާގެ އިތުރުން ހެކިންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭގޮތަށް ހެކިބަސް ނެގުމުގެ ވާހަކަ ބަޔާންކޮށްފައިވަނި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ކަން. މި މާއްދާއަކީ، ޝަރީޢަތުގެ މަރުޙަލާގެ ދަށުން ޤާނޫނުގައި ހިމަނާފައިވާ އިޖުރާއަތު ކަމުން، އެކި ޖުރިސްޑިކްޝަންތަކުގައި ޝަރީޢަތުގެ މަރުޙަލާގައި ހެކި މީހާއަށް ހިމާޔަތްދިނުމުގެ ގޮތުން ތަފާތު ގޮތްތަކަށް ޢަމަލުކުރެވުނު ނަމަވެސް، ހެކިމީހާއަށް ރައްކާތެރިކަން ލިބޭނެ ގޮތަކަށް ހެކިބަސް ނެގުން ޖިނާއީ އިޖުރާޢަތުގެ ޤާނޫނު ތަންދޭކަން.

ތިންވަނަ ނުކުތާއާގުޅޭ

17ތިންވަނަ އިސްތިއުނާފީ ނުކުތާއާގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

17.1 ހެކިން ހެކިބަސް ދިނުމަށްފަހު އެ ހެކިބަހުން ރުޖޫއަވާކަމަށް ބުނި ނަމަވެސް، އެ ހެކިބަހަށް ރިޢާޔަތްކުރެވޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-JC/08 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ މުޙައްމަދު ނަބީލް ޤަޟިއްޔާއިން އެނގޭކަމާއި، އެ މައްސަލައިގައި ސިއްރު ހެކިމީހާ ފޮނުވި ސިޓީއަށް ރިޢާޔަތް ނުކުރަން ދަށު ކޯޓުން ނިންމި ސަބަބު ބަޔާންކޮށްފައިވާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސިކިއުޝަންއާ ހިއްސާކޮށްފައވާ ސިއްރު ލިޔުންތަކަށް ބަލާއިރު، މައްސަލައިގައި ހިމެނޭ ސިއްރު ހެކިންނަށް ތަފާތު އެކި ގޮތް ގޮތުން ނުފޫޒު ފޯރުވާފައިވާކަން ހާމަވާން އޮތުމުން، އަދުލު އިންސާފު ޤާއިމްކުރުމަށްޓަކައި ހެކިވެރިން ފޮނުވާ ސިޓިއެއްގެ މައްޗަށް ބިނާކޮށް އެ ހެކިބަސް ބަލައިނުގަތުމަށް ޝަރީޢަތުން ނިންމުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ނުދެކޭތީ، އެ ހެކިބަހަށް ރިޢާޔަތްކުރުމަށް ޝަރީޢަތުން ނިންމިކަމަށް ބަޔާންކޮށްފައިވާކަން.

17.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/346 ޤަޟިއްޔާގައި، އެ މައްސަލައިގައި، ދަށު ކޯޓަށް ހެކިބަސް ދިނުމަށްފަހު އެ ހެކިބަސް ބަދަލުކުރުމަށް އެދިފައިވަނީ އޭނާއަށް ބިރުދައްކައި މަޖުބޫރުކޮށްގެން ކަމަށް ބެލެވެން އޮންނާތީ އެ ހެކިވެރިޔާގެ ބަސް ޝަރީޢަތުން އަލުން ނަގަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ފަނޑިޔާރުންނަށް ނުފެންނަ ކަމަށް ބަޔާންކޮށްފައިވާކަމާއި، މިފަދައިން ނިންމުމުގައި މި ހުށަހެޅުމާ ގުޅިގެން ދެފަރާތުން ހުށަހަޅަން އެދޭ ބަހުސްތަކާއި ހެކިތައް ހުށަހެޅުމުގެ ފުރުސަތު ދީފައިވާކަން އެނގެން ނެތްކަން.

ހަތަރުވަނަ ނުކުތާއާގުޅޭ

18ހަތަރުވަނަ އިސްތިއުނާފީ ނުކުތާއާގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

18.1 ސިއްރުހެކި 1 ބުނެފައިވާ ބުނުންތަކަށް ބަލާއިރު، ހެކިބަހުގައި ހާދިސާ ހިނގި ތަނުގެ ވީޑިއޯއިން ފެންނަ މީހުން އައިޑެންޓިފައިކޮށް ހެކި މީހާ ބުނެފައިވަނި އޭނާއަށް ފެނިފައިވާ އަދި އެނގޭ ކަންކަމުގެ މައްޗަށް ބުރަވެކަމާއި، ޝަރީޢަތަށް ހާޒިރުކޮށްފައިވާ އެންމެންނަކީ ދެކިފަރިތަ، ފެނިދެނިވެ އުޅުނު މީހުންކަމަށްވާތީ، އެ މީހުންގެ ފޮޓޯ އަދި ވީޑިއޯ ހަމަ ލޮލަށް ފެނުނަސް ދެނެގަންނަން އެނގޭކަމަށް ހެކި މީހާ ބުނެފައިވާކަން.

18.2 ކްރިމިނަލް ކޯޓުގެ މަޙްޟަރު ބަޔާން 341 އަދި 342 ގައި ހެކިވެރިޔާއަށް، ފުޓޭޖުން ފެންނަނީ އަޙްމަދު ޒިހާން އިސްމާއީލްކަން އެނގޭ ސަބަބު ބަޔާންކޮށްދީފައިވާކަން.

18.3 ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 155 ވަނަ ނުކުތާއާއި 157 ވަނަ ނުކުތާގައި އަޙްމަދު ޒިހާން އިސްމާޢިލްއާ ދެކޮޅަށް ލިބިފައިވާ ހެކީގެ ތަފްސީލަށް ބެލުމުން ސިއްރު ހެކި 1، އަޙްމަދު ޒިހާން އިސްމާޢީލް އައިޑެންޓިފައިކުރި ކުރުން އެއީ ރަޢުޔެއް ކަމަށް ބަލާފައިވާކަން އެނގެން ނެތްކަމާއި، އަދި މީނާގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ އެ ހެކިބަހަށް އެކަނި ބަލައި ބުރަދަން ދީގެން ނޫންކަން އެނގޭކަމާއި، އަޙްމަދު ޒިހާން އިސްމާޢީލްއާ ދެކޮޅަށް ޝަރީޢަތަށް ލިބިފައިވާ ހެކީގެ ތަފްސީލް ބަޔާންކޮށް، ކްރިމިނަލް ކޯޓުން ނިންމާފައިވަނި މަޖައްލަތުލްއަޙްކަމުލް އަދްލިއްޔާގެ 1741 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތަށް މިހާދިސާ ފެތޭކަމާއި، އިސްމާއީލް ހައިޝަމް ރަޝީދުއާއި އަޙްމަދު ޒިހާން އިސްމާޢީލްގެ ފަރާތުން ދައުލަތުން ހުށަހަޅާފައިވާ މި ހެކި ނަފީކުރެވޭ ވަރުގެ ދިފާއެއް ހުށަހަޅައި އެކަން ސާބިތުކޮށްދީފައިނުވަތީ، ޔާމީން ރަޝީދަށް ހަމަލާދިނީ އިސްމާޢީލް ހައިޝަމް ރަޝީދުއާއި އަހްމަދު ޒިހާން އިސްމާޢީލްކަން އެއްވެސް ޝުބުހައެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ އިސްމާޢީލް ހައިޝަމް ރަޝީދުއާއި އަޙްމަދު ޒިހާން އިސްމާޢީލް، ޔާމީން ރަޝީދުއާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލާއި އޭނާގެ މަރާއި ސަބަބުގެ ގޮތުން ގުޅިފައިވުމުން ޤަސްދު މަރުގެ ތިންވަނަ ރުކުން ސާބިތުވާކަމަށް ކަނޑައަޅާފައިވާކަން.

18.4 ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ މަޤްޞަދަކީ ވަކި ބާވަތެއްގެ ހެކި ނޫން ހެކި އެ ޤާނޫނުގެ 5 ވަނަ މާއްދާއިން 9 ވަނަ މާއްދާއަށް ހުރި ކުށްތައް ސާބިތުކުރުމަށް ބޭނުންކުރެވޭނެކަމަށް ކަނޑައެޅުން ނޫންކަން އެ މާއްދާއަށް ބެލުމުން އެނގޭކަމާއި، އެ މާއްދާގައި ބަޔާންކޮށްފައިވަނީ، އެ ޤާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ ކުށެއްގެ ތަޙުޤީޤުގައި އެ މާއްދާގައި ލިސްޓްކޮށްފައިވާ ބާވަތުގެ ހެއްކަކީ، އެ ކުށުގެ ދަޢުވާގައި ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކި ކަމުގައި ބެލެވޭނެ ކަމަށްކަން. އެ ނޫން ބާވަތެއްގެ ހެކި މައްސަލައެއް ސާބިތުކުރުމަށް ޤަބޫލުނުކުރެވޭނެކަމަށް ބަޔާންކޮށްފައިނުވާކަމާއި، މިކަން ދޭހަވަނި ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ބާވަތްތަކުން މައްސަލަ ސާބިތުކުރުމާ ގުޅޭ ގޮތުން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބެލުމުންކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/24 (މޫސާ ރަޝީދު ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައިވެސް މިކަން ބަޔާންކޮށްފައިވާކަން.

ފަސްވަނަ ނުކުތާއާގުޅޭ

19ފަސްވަނަ އިސްތިއުނާފީ ނުކުތާއާގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

19.1 މި ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކަންކަން ކަށަވަރުކުރުމަށްޓަކައި އިސްމާޢީލް ހައިޝަމް ރަޝީދުގެ ފަރާތުން ސުވާލުކޮށްފައިނުވާކަން، ހެކިބަހުގެ މަޙްޟަރު ބަޔާނުން އެނގޭކަން.

19.2 ކްރިމިނަލް ކޯޓުގެ މަހްޟަރު ބަޔާނުގެ 413 ވަނަ ޞަފްހާގައި، ސިއްރު ހެކި 2، ތަޙްޤީޤު މަރުހަލާގައި އިސްތިއުނާފުކުރާ ފަރާތް އައިޑެންޓިފައިކުރި ގޮތާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ސުވާލުކޮށްފައިނުވާކަން އެނގޭކަން.

19.3 ކްރިމިނަލް ކޯޓުގެ މަޙްޟަރު ބަޔާނުގެ 412 ވަނަ ޞަފްހާއަށް ބެލުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް ސިއްރު ހެކި 2 ދަޢުވާލިބޭ ފަރާތްތައް އައިޑެންޓިފައިކޮށްފައިވާކަން އެނގޭކަމާއި، އެގޮތުން، ޝަރީޢަތުގައި އެންމެ ފަހަތުން އެއިނީ ގެއިން ނިކުތް މީހުންގެ ތެރެއިން ގޮޅިޖެހި ގަމީހެއް ލާފަ ހުރި މީހާކަމަށާއި، އައިނެއް އަޅާފަ އެއިނީ ޓީޝާޓް ލާފަ އިން މީހާކަމަށާއި، ސައިކަލުގައި މަޑުކޮށްގެންއިނީ އެންމެ ކުރީގައި ހުރި ކުއްޖާކަމަށް ބުނެ ހެކިބަސް އަދާކޮށްފައިވާކަން އެނގޭކަން.

19.4 ކްރިމިނަލް ކޯޓުގެ ނިންމުން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފުވީ ގޮތެއް ބަޔާންކޮށްފައިނުވާކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/02 މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ މުޙައްމަދު ވަޙީދު އަދި އިތުރު ފަރާތެއް ޤަޟިއްޔާގެ 12 ވަނަ ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ އުސޫލު ތަޠުބީޤުކުރާއިރު ކްރިމިނަލް ކޯޓުގެ ނިންމުން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފުވީގޮތެއް އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ބަޔާންކޮށްދޭންވާނެކަން.

19.5 ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލު ހެކިވެރިޔާ 2 ގެ ބަހަށް ތަޠުބީޤުކުރާއިރު، އެ ކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައިތޯ ބަލާއިރު، ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން މައްސަލަ ސާބިތުވާކަމަށް ނިންމާފައިވަނީ ހަމައެކަނި ސިއްރު ހެކި 2 ގެ ބަހަށް ބުރަދަންދީގެންނޫންކަން އެނގޭކަމާއި، ޖަވާބު ފޯމުގެ 6.1 ގައިވާ ސަބަބުތަކަށް ރިޢާޔަތްކޮށްގެން ކަމާއި، މި ސަބަބުތަކަށް ރިޢާޔަތްކުރުމުން، ސިއްރު ހެކި 2 ގެ ހެކިބަހުގައި ފާހަގަކުރި ކަންކަމަކީ އެ ކަންކަން ހިނގާފައވާކަމަށް ޝަރީއަތުގެ މަޖިލީހަށް ގަބޫލުކުރެވޭ ހާލަތުގައި ކަމާއި، އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެ މައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވޭ ހާލަތުގައި ކަމާމެދު ދެބަސްވުމެއް ނެތްކަން.

ހަވަނަ ނުކުތާއާގުޅޭ

20ހަވަނަ އިސްތިއުނާފީ ނުކުތާއާގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

20.1 އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް މި ދަޢުވާ ސާބިތުވާކަމަށް ނިންމުމުގައި ކްރިމިނަލް ކޯޓުން ރިޢާޔަތްކުރި ހެކީގެ ތަފްސީލް ކްރިމިނަލް ކޯޓުގެ ރިޕޯޓުގެ 155 އަދި 157 ވަނަ ނުކުތާގައި ހިމަނާފައިވާކަން. އަދި އެކަންކަމަށް ބެލުމުން، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމްކޮށްފައިވަނީ ހަމައެކަނި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސިސް ރިޕޯޓުގެ މައްޗަށް ބިނާކޮށްގެން ނޫންކަން އެނގޭކަން.

20.2 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/93 ޠަލްޢަތު މުޙައްމަދު ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 54 ވަނަ ނުކުތާގައި ރާއްޖޭގައި ޚަބީރުންގެ ރައުޔު ޝަރީޢަތަށް ބަލައިގަތުމުގައި އަމަލުކުރާ ގޮތަށް ރިޢާޔަތްކުރާއިރު ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، ޝަރީޢަތުގެ މަޖިލީހެއްގައި ދެވޭ ހެކިބަހެއް ނުވަތަ ރައުޔެއް ޚަބީރެއްގެ ހެކިބަހަށް ނުވަތަ ރައުޔެއްގެ ގޮތުގައި ބަލައިގަތުމުގައި، ހެކިބަސް އަދާކުރާ ނުވަތަ ރައުޔު ހާމަކުރާ މީހާގެ ކިބައިގައި ތައުލީމު ނުވަތަ ތަޖުރިބާ ހުރުން ފުދޭނެކަމަށް ބަޔަނާކޮށްފައިވާކަމާ އަދި ޚަބީރެއްގެ ކިބައިގައި ހުރުން އެކަށީގެންވާ މިންވަރަށް ތައުލީމު ނުވަތަ ތަޖުރިބާ އެ މީހެއްގެ ކިބައިގައި ހުރުން އެކަށީގެންވާ މިންވަރަށް ތައުލީމު ނުވަތަ ތަޖުރިބާ އެ މީހެއްގެ ކިބައިގައި ހުރިކަން ވަޒަންކުރާނީ އެކަންކަމާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ ކަންކަމުގެ އަލީގައި މައްސަލަ ބަލާ ފަނޑިޔާރުކަމަށް ބަޔާންކޮށްފައިވާކަން. އެހެންކަމުން، މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިވާ ޚަބީރުގެ ކިބައިގައި ތައުލީމު ނުވަތަ ތަޖުރިބާ ހުރިތޯ ބެލުން މުހިންމުކަމާއި، ކްރިމިނަލް ކޯޓުގެ މަޙްޟަރު ބަޔާން ނަންބަރު 446 އަށް ބެލުމުން އޭނާއަކީ، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޑިޕްލޮމާ 2011 ވަނަ އަހަރު ހާސިލްކޮށްފައިވާ މީހެއްކަން އެނގޭކަމާއި، ވީޑިއޯ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާތާ 5 އަހަރު ވެފައިވާކަމަށާއި، ކޮގްނިޓިވް ވީޑިއޯ އިންވެސްޓިގޭޓަރ ޓްރެއިނިންގ އަދި އެމްޕެޑް އޮތެންޓިކޭޓަރ ޓްރެއިނިންގ ހަދާފައިވާ މީހެއްކަމަށް ބުނެފައިވާކަން.

20.3 އިނގިރޭސިވިލާތުގައި މިހާ ތަފްސީލީ އުސޫލުތަކެއް ބަޔާންކޮށްފައިވީނަމަވެސް، ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 118 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގެ ހެއްކާބެހޭ ޤާނޫނެއް އަދި އެ ނޫން ޤާނޫނެއްގައިވެސް ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ވަޒަންކުރުމުގެ އުސޫލެއް ބަޔާންވެފައި ނެތުމުން މި އުސޫލު ރާއްޖެއަށް ތަޠުބީޤުކޮށް އެއީ ރާއްޖޭގައި ޢަމަލުކުރުން ލާޒިމް އުސޫލެއްކަމަށް ބުނެވޭނެކަމަށް ދައުލަތުން ނުދެކޭކަން.

20.4 ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 126 ވަނަ ނުކުތާގައި، ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓު ތައްޔާރުކުރި ފަރާތުން ތައައްސުބުން އެއްކިބާވުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނި ހަމައެކަނި އެއްގޮތް ނޫން ސިފަ ބަޔާންކުރާކަން އެކަނިކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއްވެސް ރިޕޯޓެއްގައި އެފަދައިން ބަޔާންކޮށްފައިނުވުމުން މިއީ އެކަށީގެންވާ މިންވަރެއްގައި ތައައްސުބުން އެއްކިބާވުމަށް މަސައްކަތްކުރުންކަން ނުދެކޭކަމަށް ބަޔާންކޮށްފައިވާކަން.

20.5 ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 122 ވަނަ ނުކުތާގައި ހެކި މީހާ ބޭނުންކުރީ އެމެޕެޑް 5 ނަމަކަށް ކިޔާ ސޮފްޓްވެއަރއެއް ކަމާއި، އެ ސޮފްޓްވެއަރ ބޭނުންކޮށްފައިވަނި އިމޭޖް އެންހޭންސްކުރުމުގެ ގޮތުންކަން އެނގޭކަމާއި، އަދި ނަތީޖާއަށް ވާސިލްވެފައިވަނީ އަމިއްލަ ތަޖުރިބާގެ އަލީގައި ކަމަށް ބުނެފައިވާކަމަށް ބަޔާންކޮށްފައިވާކަން.

20.6 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/346 މުޙައްމަދު މާހިން ޝާފީ ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއަކީ، ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ހެދުމުގައި ޢަމަލުކުރަންޖެހޭ ގައިޑްލައިނެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ގޮތްތަކެއް ކަމުގައި ޤަބޫލުނުކުރެވޭކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުގެ 124 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާކަމާއި، އެ ޤަޟިއްޔާގައި ޢަމަލުކޮށްފައިވާ ގޮތަށް ކޮންމެ މައްސަލައެއްގައި މިފަދައިން ކުށުގެ ވެއްޓަށް ގެންދެވި، ހަމަ އެ ހާލަތުގައި ފޮޓޯ ނަގާ އަޅާކިއުމަކީ ޢަމަލީ ގޮތުން ބައެއް ހާލަތްތަކުގައި ކުރުން މުސްތަހީލު ކަމެއްކަމަށާއި، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް މަލޭގެ އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި އައިޑެންޓިފައިކުރެވިފައިވުމާއެކު، މި ހުރިހާ މަހައްލަކަށް މި ހުރިހާ ފަރާތްތައް ހާޒިރުކޮށް ވީޑިއޯ އަދި ފޮޓޯ ނަގާ އަޅާކިއުމަކީ ކުރެވިދާނެކަމެއް ކަމުގައި ޝަރީޢަތަށް ގަބޫލުނުކުރެވޭކަމަށް ބަޔާންކޮށްފައިވާކަން.

20.7 ހެކިމީހާގެ ހެކިބަހުން، ހެކިމީހާ ޢަމަލުކުރިގޮތް ސާފުކަމާއި މިކަންކަމުގެ ތަފްސީލް މަޙްޟަރު ބަޔާން 453 ގައި ހިމެނޭކަން.

ހަތްވަނަ ނުކުތާއާގުޅޭ

21ހަތްވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

21.1 އިސްތިއުނާފުކުރާ ފަރާތަށް ގެއްލިފައިވާކަމަށް މި ނުކުތާގައި ބަޔާންކޮށްފައިވާ އަސާސީ ދެ ޙައްޤާ ގުޅިގެން އެއްވަނަ އަދި ދެވަނަ ނުކުތާގައި ތަފްސީލީ ޖަވާބުދެވިފައިވާކަން.

21.2 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/12 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އިބްރާހީމް ސައްމާޙު އަޙްމަދު ފަތުޙީ ޤަޟިއްޔާގެ 24، 25 އަދި 26 ވަނަ ނުކުތާ އެކުގައި ކިޔުމުން، މި މައްސަލައިގައި ހެކިބަސް ވަޒަންކުރުމުގައި ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގައި އޮތް މިންގަނޑަށް ރުޖޫއަވާންނުޖެހޭކަން އެނގޭކަން.

21.3 އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުން، ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަކީ ޚާއްސަ ޤާނޫނެއްކަމާއި، މި ޚާއްސަ ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި ، އަދަބާއި، އަދި ކަންކަން އެހެން ޤާނޫނަކުން ކަނޑައަޅާ ނުވަތަ ކަނޑައެޅި ބަޔާންވެގެންވާ ކުށާއި، އަދަބާއި އަދި ކަންކަމާ ފުށުއަރާނަމަ އިސްކަންދޭންވާނީ މި ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި، އަދަބާއި، އަދި ކަންކަން ކަމަށް ބަޔާންކޮށްފައިވާތީވެ، މި ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ޖިނާއީ ކުށްތައް ތަހުޤީޤުކުރުމާއި ދަޢުވާކުރުމާއި އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނީ މި ޤާނޫނުގެ ދަށުންކަން ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން. އެހެންކަމުން، ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އެއްވެސް ކަމަކާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރުޖޫޢަވާން ނުޖެހޭނެކަމާއި، ޚާއްސަ އުސޫލުތަކެއް ޤާނޫނެއްގައި ކަނޑައަޅާފައިވަނީ އެކަމުގެ ޚާއްސަ މަޤްސަދުތަކެއް އޮވެގެންކަމާއި، ޚާއްސަ ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަން އެ ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޒުކުރުން ލާޒިމުވާނެކަމާއި، ޚާއްސަ ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަމާއި، އާންމު އިޖުރާއަތުގެ ޤާނޫނުތަކުގައިވާ ކަންކަމާއި މަސްހުނި ނުކުރުމަކީ ޚާއްސަ ޤާނޫނެއް އޮތުމުގެ އެންމެ މުހިއްމު މަޤްސަދުކަން.

21.4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/48,49,50 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އިބްރާހީމް ޢަބްދުﷲ، މުލާއިމް މުޙައްމަދު، އަޙްމަދު އަވްޝަމް ޤަޟިއްޔާގައި މި އުސޫލު ދަމަހައްޓާފައިވާކަން.

21.5 އިސްތިއުނާފުކޮށްފައިމިވާ މައްސަލައަކީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ އެ މާއްދާގެ (ށ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާކޮށްފައިވާ މައްސަލައެއްކަމާއި، އިސްވެ ބަޔާންކުރެވުނު އުސޫލު މި މައްސަލައަށް ތަޠުބީޤުކުރުމުން، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތަށް ހެކި ވަޒަންކުރުމުގައި ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލުއި އެ ފަރާތަށް ލިބިގެންނުދާނެކަން އެނގޭކަން.

21.6 އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި އުފައްދާފައިވާ ސުވާލުގެ ޖަވާބު، ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 128 ވަނަ ނުކުތާއިން ފެށިގެން 132 ވަނަ ނުކުތާގައި ހިމަނާފައިވާކަން.

21.7 އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަންކަމުން ދޭހަވަނީ، މައްސަލަ ނިންމުމުގައި ކްރިމިނަލް ކޯޓުން ބަލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާއާއި 1205 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަން.

21.8 ޤަތުލު ޢަމްދުގެ ރުކުންތައް މި މައްސަލައިގައި ފުރިހަމަވާ ގޮތް ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 140 ވަނަ ނުކުތާއިން ފެށިގެން 158 ވަނަ ނުކުތާގައި ހިމަނާފައިވާކަން.

21.9 ހެކިބަހުގައި ފުށުއެރުން ހުރި ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމަކީ ހަޤީޤީ ފުށުއެރުމެއް ނޫންކަން. ސިއްރު ހެކި 1 ގެ ބަޔާނުގެ 342 ވަނަ ޞަފްޙާގައި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ދައުރާ ގުޅޭގޮތުން ސިއްރު ހެކި 1 ކިޔައިދީފައިވަނީ ޔާމީން ރަޝީދު މަރާލުމަށް ރޭވި ހިސާބުން އެކި މީހުން ކުރި ކަންކަމުގެ ވާހަކަކަމާއި، އެގޮތުން ޙަސަން ޝިފާޒްއަކީ އެންމެ ފުރަތަމަ އިސްމާޢީލް ހައިޝަމް ރަޝީދުއާއެކު ޢަމަލީ ގޮތުން ޔާމީން ރަޝީދުއަށް ހަމަލާދޭން ތައްޔާރުވި މީހާ ނަމަވެސް، އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އެ ދައުރު ބަދަލުވީކަން މި ހެކިވެރިޔާ ދައްކާފައިވާ ވާހަކަ އެއްކޮށް ކިޔުމުން އެނގޭކަމާއި، ޞަފްހާ 344 ގައި މި ހެކިވެރިޔާއަށް ޝިފާޒް ނުފެންނަކަމަށާއި، ދިފްރާން ފެނުނު ކަމަށް ބުނެފައިވަނީ ޔާމީން ރަޝީދު މަރާލި ރޭ ޔާމީން ރަޝީދުއަށް ފާރަލީ ތަންތަނާއި އެތަނުން ފެނުނު ބަޔަކާ ގުޅިގެން ހެކިވެރިޔާއާ ކުރި ސުވާލުގެ ޖަވާބުގައިކަން މި ބަޔާނަށް ބެލުމުން އެނގޭކަމާއި، މިކަމުގައި ޖައުހަރީ ފުށުއެރުމެއް ނެތްކަން.

އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް

22އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ:

"1. ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވިއިރު ހެކިބަހުން ރުޖޫއަވުމަށް އެދިފައިވާ ސިއްރު ހެކި މީހާގެ ހެކިބަސް ބަލައިގަނެ އެ ހެކިބަހަށް ބުރަދަން ދީފައިވަނީ ޝަރީޢަތާ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅުއްވައިދެއްވައި،

2. ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވިއިރު، ސިއްރު ހެކި 1 ގެ ފަރާތުން ފުޓޭޖް ބެލުމަށްފަހު އެއިން ފެންނަ މީހުން އައިޑެންޓިފައިކުރި ކުރުމަށް ފަނޑިޔާރު ބުރަދަންދެއްވީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައިދެއްވައި،

3. ސިއްރު ހެކި 2 ގެ ހެކިބަސް ބަލައި ނުގަންނަންޖެހޭ ފަދަ ޝަރުއީ، ޤާނޫނީ އަދި މަންޠިޤީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި،

4. ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި ފަރާތަކީ، ޚަބީރަކަށް ވުމުގައި ރާއްޖޭގައި ބަލާ މިންގަނޑުކަމުގައިވާ އިލްމީ ގާބިލްކަން ހުރި މީހަކަށްވާތީ އޭނާގެ ހެކިބަސް ބަލައި ނުގަންނަންޖެހޭ ފަދަ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި،

5. މި މައްސަލާގައި އަހްމަދު ޒިހާން އިސްމާޢީލްގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅުއްވައިދެއްވައި،

6. ދަށު ކޯޓުގެ ޙުކުމް ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް."

މިފަދައިންނެވެ.

އިސްތިއުނާފާ ގުޅިގެން ފާހަގަކުރެވޭ ކަންތައްތައް

ހާދިސާ

23އަހަރަކީ، 2017 ވަނަ އަހަރެވެ. މަހަކީ، އެޕްރީލް މަހެވެ. ދުވަހަކީ، އެ މަހުގެ 23 ވަނަ ދުވަހެވެ. ވަގުތަކީ، މެންދަމުންފަހުގެ ވަގުތެކެވެ. ތަނަކީ، މ.ސްޕެޓިއުލާގޭގެ ގްރައުންޑް ފްލޯރއެވެ. އެ ތަނުގައި އިންސާނެއްގެ ހަށިގަނޑު ފެންނަން އޮތެވެ. އެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުއްޓެވެ. އެ ހަށިގަނޑުގައި ވިންދެއް ނުޖަހައެވެ. އެ ހަށިގަނޑުގައި ފުރާނައެއް ނެތެވެ. ފުރާނަ ނެތް އެ ހަށިގަނޑަކީ، ސ.ފޭދޫ/ ޗަބޭލީގެ، ޔާމީން ރަޝީދުގެ ހަށިގަނޑެވެ.

24ފުލުހުން އެ މައްސަލައިގެ ތަޙުޤީޤު ފެށިއެވެ. ހެކިތައް ހޯދިއެވެ. ކެމެރާތައް ޗެކުކުރިއެވެ. އިނގިލީގެ ނިޝާން ނެގިއެވެ. ތުހުމަތުކުރެވޭ މީހުން ހޯދިއެވެ. ތަޙުޤީޤު ފުރިހަމަކުރިއެވެ.

ދަޢުވާއުފުލައި ޙުކުމްކުރުން

25ބުނެވިދިޔަ ހާދިސާއާ ގުޅިގެން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލިއެވެ. އެ ދަޢުވާ އުފުލީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އާ ޙަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުންނެވެ. އެ ދަޢުވާ އުފުލުނީ، ޖުމްލަ 6 (ހައެއް) މީހެއްގެ މައްޗަށެވެ. ނަމަވެސް، ޝަރީޢަތް ހިންގުމަށްފަހު، އެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ 2 (ދޭއް) މީހެއްގެ މައްޗަށެވެ. އެ ދެމީހުންނަކީ އިސްމާޢީލް ހައިޝަމް ރަޝީދު އާއި އަޙްމަދު ޒިހާން އިސްމާޢީލްއެވެ.

އިސްތިއުނާފުކުރުން

26މިއީ، ބުނެވިދިޔަ ދެމީހުންގެ ފަރާތުން، އެ ޙުކުމް އިސްތިއުނާފުކުރުމުން ބެލެވޭ އިސްތިއުނާފީ ޤަޟިއްޔާއެކެވެ. އެ ދެމީހުން ބުނާ ގޮތުގައި، އެ ޝަރީޢަތަކީ، އިންސާފުވެރި ޝަރީޢަތެއް ނޫނެވެ. އެ ދެމީހުން ބުނާ ގޮތުގައި، އެ ޝަރީޢަތް ހިންގައި ޙުކުމްކުރުމުގައި ފަނޑިޔާރަށް ވަނީ ޤާނޫނީ ގޮތުން ގޯސްތަކެއް ހެދިފައެވެ. އެ ދެމީހުން ބުނާ ގޮތުގައި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅުނު ހެކިތަކަށް ބުރަދަން ދިންދިނުންވެސް ގޯހެވެ. އެ ދެމީހުން ބުނާ ގޮތުގައި، އެ ޙުކުމް ދެމެހެއްޓުމަކީ، އަމުދުން ރައްކާތެރި ގޮތެއްވެސް ނޫނެވެ.

27އެއާ ޚިލާފަށް، ދައުލަތުން ބުނާ ގޮތުގައި، އެ ޝަރީޢަތަކީ، އިންސާފުވެރި ޝަރީޢަތެކެވެ. ދައުލަތުން ބުނާ ގޮތުގައި، އެ ޝަރީޢަތް ހިންގައި ޙުކުމްކުރުމުގައި ފަނޑިޔާރަށް ޤާނޫނީ ގޮތުން ގޯސްތަކެއް ހެދިފައެއްނުވެއެވެ. ދައުލަތުން ބުނާ ގޮތުގައި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅުނު ހެކިތަކަށް ބުރަދަން ދިންދިނުމުގައި ގޯހެއްނެތެވެ. ދައުލަތުން ބުނާ ގޮތުގައި، އެ ޙުކުމް ދެމެހެއްޓުމަކީ، ރައްކާތެރިގޮތެވެ.

ގޮތް ކަނޑައަޅަންޖެހޭ ކަންކަން

28މި އިސްތިއުނާފާ ގުޅިގެން ގޮތް ކަނޑައަޅަންޖެހޭކަންކަން ކަމުގައި އަހުރެންނަށް ފާހަގަވާ ކަންކަމަކީ:

28.1. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށުން ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް ސިއްރުހެކިވެރިޔާ-1 އަދި 2 އާއި، އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަށް ބުރަދަންދީފައިވޭތޯ؛ އާއި

28.2. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި، (ށ) ގެ ދަށުން ލިބިދީފައިވާ ޢާއްމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް ސިއްރުހެކިވެރިޔާ-1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަކަށް ބުރަދަންދީފައިވޭތޯ؛ އާއި

28.3. ސިއްރުހެކިވެރިއެއްގެ ހެކިބަހުން ރުޖޫޢަވާން އެދިފައިވާ ޙާލަތުގައި، އެކަން ބަލައިނުގަނެ އެ ފަރާތުގެ ހެކިބަސް ބަލައިގަނެ، އެ ހެކިބަހަށް ރިޢާޔަތްކޮށް ބުރަދަންދީފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 142 ވަނަ މާއްދާއާއި، ކޯޓުތަކުން ޢަމަލުކުރަމުން އަންނަ ޢުރުފާ ޚިލާފަށްތޯ؛ އާއި

28.4. ހާދިސާ ހިނގި ތަނުން ފެނުނު ދެމީހުންގެ ތެރެއިން އަޙްމަދު ޒިހާން އިސްމާޢީލް ފެނުނު ކަމަށް ސިއްރުހެކިވެރިޔާ 2 ގެ ފަރާތުން ބުނެފައިވާ ބުނުމަށް ޝަރީޢަތުން ބުރަދަން ދީފައިވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށްތޯ؛ އާއި

28.5. ސިއްރުހެކިވެރިޔާ-1 އަކީ ޢާންމު މީހެއް (lay person) ކަމަށްވީހިނދު، ހާދިސާ ހިނގި ތަނުގެ ވީޑިއޯއިން ފެންނަ ފަރާތްތަކަކީ ކޮން ބައެއް ކަމާމެދު އޭނާގެ ރައުޔު އެއީ ހެއްކެއް ކަމަށް ބަލައިގެންފައިވަނީ ޤާނޫނު ނަންބަރު 17/2010 ގެ 18 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާ ޚިލާފަށްތޯ؛ އާއި

28.6. ވީޑިއޯ އެންޑް އިމޭޖް އެނޭލިސިސް ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަހަށް ބުރަދަންދީފައިވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށްތޯ؛ އަދި

28.7. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް އަދި، ޤަޠުލު ޢަމްދަކީ ޤިޞާޞް ހިފޭ ބާވަތުގެ މައްސަލައެއްކަމުގައި ވީހިނދު، ހެކިބަހުގެ މިސްދާޤިއްޔަތު (Credibility) އާއި، ހެކިބަހުގެ މައުޘޫޤިއްޔަތު (Reliability) ގެއްލިފައިވާ ހެކިބަސްތަކަކަށް ބުރަދަންދިނުމުގެ ސަބަބުން އެ ބާވަތުގެ މައްސަލަތައް ނިންމުމުގައި ސާބިތުވާންޖެހޭ "އެއްވެސް ޝައްކެއް ނެތް" މިންގަނޑަށް ވާޞިލުވެފައިނުވަނީސް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވޭތޯ؟

ގޮތް ކަނޑައަޅަންޖެހޭ ކަންކަމާމެދު ފާހަގަވާ ކަންކަން

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށުން ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް ސިއްރުހެކިވެރިޔާ 1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަށް ބުރަދަންދީފައިވޭތޯ؟

29އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފީ ނުކުތާގައި މައިގަނޑު ދެކަމެއް ފާހަގަކޮށްފައިވާކަމުގައި އަހުރެން ދެކެމެވެ. އެގޮތުން، ފާހަގަކޮށްފައިވާ ފުރަތަމަ ކަމަކީ، ސިއްރުހެކިވެރިޔާ 1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަށް ދަށުކޯޓުގެ ފަނޑިޔާރު ބުރަދަންދީފައިވާކަމަށް ބުނާ ބުނުންކަން އެނގެއެވެ. އަދި ދެވަނަ ކަމަކީ، ސިއްރުހެކިވެރިޔާ 1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަށް ދަށުކޯޓުގެ ފަނޑިޔާރު ބުރަދަންދީފައިވަނީ އެ ފަރާތަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށުން ލިބިގެންވާ ޙައްޤު ހަނިވާގޮތަށްކަމަށް ބުނާ ބުނުންކަން އެނގެއެވެ.

30ސިއްރުހެކިވެރިޔާ 1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަށް ދަށުކޯޓުގެ ފަނޑިޔާރު ބުރަދަންދީފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމާމެދު ދައުލަތުންވެސް އިންކާރުކޮށްފައިނެތްކަން އެނގެއެވެ. އެހެންކަމުން، އެކަމާމެދު ޚަޞްމުންގެ މެދުގައި އެއްވެސް ދެބަސްވުމެއްނެތްކަމުގައި ބަލަންޖެހޭކަމަށް އަހުރެން ދެކެމެވެ. އަދި އެ ފަރާތްތަކުގެ ހެކިބަސްނަގައި އެ ހެކިބަސްތަކަށް ބުރަދަންދީފައިވާކަން ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުންވެސް އެނގެން އޮންނަކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަކީ، ކަމުގެ ޙަޤީޤަތާއެއްގޮތަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެއްކަމުގައި އަހުރެންނަށް ބަލައިގަނެވެއެވެ.

31ދެން އޮތީ، ސިއްރުހެކިވެރިޔާ 1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަށް ދަށުކޯޓުގެ ފަނޑިޔާރު ބުރަދަންދީފައިވަނީ، އިސްތިއުނާފުކުރާ ފަރާތަށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށުން ލިބިގެންވާ ޙައްޤު ހަނިވާގޮތަށްކަމަށް ބުނާ ބުނުމެވެ.

32އިސްތިއުނާފުކުރާ ފަރާތަކީ، ޖިނާއީ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ބައެއްކަން އެނގެއެވެ. އެ މީހުންގެ މައްޗަށް އުފުލިފައިވާ ދަޢުވާއަކީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެވެސް ޙައްޤުތަކެއް ހުންނާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ދަނެއެވެ. އެގޮތުން، ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ މާއްދާތައް ހިމެނޭ ބާބުކަމުގައިވާ ދެވަނަ ބާބުގައި، ވަކި ޚާއްޞަ މާއްދާއެއްގައި، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް ލިޔެ ބަޔާންކޮށްފައިވެއެވެ.

33އެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ:

"ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް

51ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ:

(ހ) އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން، އެ މީހަކަށް ރަނގަޅަށް ދޭހަވާނޭ ބަހަކުން، ލަސްނުކޮށް އަންގާންވާނެއެވެ.

(ށ) އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤު ލިބިގެންވެއެވެ.

(ނ) ތިމާއާ ދެކޮޅަށް ޝަރީޢަތުގައި ބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވެއެވެ.

(ރ) އެ މީހަކީ ޝަރީޢަތްކުރެވޭ ބަސް ނޭނގޭ މީހަކުނަމަ، ނުވަތަ ބީރު މީހަކުނަމަ، ނުވަތަ މަންމަނު މީހަކުނަމަ، އެ މީހަކަށް ދައުލަތުގެ ފަރާތުން ތަރުޖަމާނަކު ހޯދުމުގެ ޙައްޤު ލިބިގެންވެއެވެ.

(ބ) ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބޭންވާނެއެވެ. އަދި އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެއެވެ.

(ޅ) އެ މީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމާއި، އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

(ކ) ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

(އ) އެ މީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ."

މިފަދައިންނެވެ.

34އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުން، މި އިސްތިއުނާފީ ނުކުތާގައި ފާހަގަކުރަނީ، ބުނެވިދިޔަ ޙައްޤުތަކުގެ ތެރެއިން އެ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޙައްޤު ހަނިވާގޮތަށް ސިއްރުހެކިވެރިޔާ 1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަށް ދަށުކޯޓުގެ ފަނޑިޔާރު ބުރަދަންދީފައިވާކަމަށް ބުނެ ފާހަގަކުރާ ނުކުތާއެކެވެ. އެ އަކުރުގައި ބަޔާންކޮށްފައިވާ ޙައްޤަކީ، ކޮބައިތޯ ބަލާއިރު، އެ ޙައްޤަކީ، ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤުކަން އެ މާއްދާގެ ޞަރީޙަ ނައްޞުން ފެންނަންއޮވެއެވެ.

35HN1ޙައްޤެއް ހަނިވާގޮތަށް ޢަމަލުކޮށްފައިވާކަމަށް ބުނެ ޝަކުވާކުރާ ޙާލަތުގައި، ހަނިކުރިކަމަށް ބުނެ ޝަކުވާކުރާ ޙައްޤަކީ އެ ޝަކުވާކުރާ ފަރާތަށް ހަމަ ޙަޤީޤަތުގައިވެސް ލިބިފައި އޮތް ޙައްޤެއްކަން އެ ޝަކުވާކުރާ ފަރާތުން ފުރަތަމަ ކަމަކަށް ކޯޓަށް ދައްކުވައިދޭންޖެހޭނެކަމުގައި އަހުރެން ދެކެމެވެ. އެގޮތަށް އަހުރެންނަށް ޤަބޫލުކުރެވޭ ސަބަބަކީ، ޢާންމު އުޞޫލުން ބަލާއިރު، ޙައްޤެއް ހަނިވާގޮތަށް ޢަމަލުކޮށްފިކަމަށް ބުނެ އެ ޝަކުވާއެއްކުރުމުގެ ޙައްޤު ޤާނޫނީގޮތުން އޮންނާނީ އެ ޙައްޤެއް ލިބިގެންވާ ފަރާތަކަށްކަމުގައި ވާތީއެވެ.

36އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުން އެ ފަރާތަށް ލިބިގެންވާ ޙައްޤަށް އުނިކަން އަންނަގޮތަށް ޢަމަލުކޮށްފައިވާކަމަށް ބުނާއިރު، އެ ޙައްޤަކާމެދު އެ ފަރާތުން ސުވާލު އުފައްދާ ޙައްޤަކީ، އެ ފަރާތަށް ލިބިގެންވާ ޙައްޤެއްކަން އެނގެއެވެ. އެ ފަރާތަށް އެ ޙައްޤު ލިބެނީ ޤާނޫނުއަސީއިންކަންވެސް އެނގެއެވެ. އެއީ އަސާސީ ޙައްޤެއްކަންވެސް އެނގެއެވެ. އަދި އެއީ ދުސްތޫރީ ޙައްޤެއްކަންވެސް އެނގެއެވެ.

37ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޙައްޤަކީ، އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންނުވާ ޙައްޤެއްކަމަށް ބުނެ، އެ ޙައްޤު ލިބިގެންވާކަމާމެދު ދައުލަތުންވެސް އިންކާރެއްކޮށްފައިނުވާކަން އެނގެއެވެ. އެހެންކަމުން، އެ ޙައްޤަކީ، އެ ފަރާތަށް ޤާނޫނީ ގޮތުން، އަދި ވަކިން ޚާއްޞަކޮށް، ދުސްތޫރީގޮތުން ލިބިގެންވާ ޙައްޤެއްކަމާމެދު އެއްވެސް ދެބަސްވުމެއް ނެތްކަން އެނގެއެވެ.

38އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކީ، ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤުގެ ދާއިރާގެ ތެރެއަށް ހެކިވެރިޔާއާ ކުރިމަތިލުމުގެ ޙައްޤުވަންނާނެކަމަށް ބުނެ ހުށަހަޅާ ބަހުސެއްކަމުގައި އަހުރެންނަށް މޭރުންކުރެވެއެވެ.

ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤުގެ ދާއިރާގެ ތެރެއަށް ހެކިވެރިޔާއާ ކުރިމަތިލުމުގެ ޙައްޤު ވަންނާނެތޯ ނުވަތަ ނޫންތޯ

39ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޙައްޤަކީ، އަސާސީ ޙައްޤެއްކަމަށާއި، އެއީ ހެކިވެރިޔާއާ ޝަރީޢަތުގެ މަޖިލީހުގައި އެއްހާޒިރުވެހުރެ ސުވާލުކުރުމުގެ ޙައްޤުކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެއީ ހެކިވެރިޔާއާ ކުރިމަތިލާ ސުވާލުކުރުމުގެ ޙައްޤު (right to confront a witness) ކަމަށްވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައިވާ ޙައްޤުގެ ދާއިރާގެ ތެރެއަށް، ހެކިވެރިޔާއާ ކުރިމަތުލުމުގެ ޙައްޤު އެއްވެސް ޝައްކެއްނެތި ވަންނާނެކަމަށްވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި އެ ބުނުމުގެ ސަބަބުތައް އިތުރަށް ތަފުސީލުކޮށް އިސްތިއުނާފު ފޯމުގައި ފާހަގަކޮށްފައިވެސްވެއެވެ.

40ދައުލަތުން ފާހަގަކުރާ ގޮތުގައި، އެ މާއްދާގެ ޢިބާރާތުގެ މާނައަކީ، ފިޒިކަލީ އެއްހާޒިރުކުރުމެއްނޫނެވެ. ދައުލަތުން ފާހަގަކުރާ ގޮތުގައި، އެ މާއްދާގެ މާނައަކީ ދަޢުވާކުރާ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ކޮންމެ ހެއްކަކާވެސް ސުވާލުކުރުމުގެ ފުރުސަތު ދަޢުވާލިބޭ މީހާއަށް ލިބިގެންވުމެވެ. ދައުލަތުން ފާހަގަކުރާ ގޮތުގައި، އެ މާއްދާގެ މަޤްޞަދަކީ، ދަޢުވާކުރާ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކީންނާ ސުވާލުކުރުމުގެ ފުރުސަތު ދަޢުވާލިބޭ މީހާއަށް ލިބިދިނުމެވެ.

41ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށް ހުށަހަޅާ ޝަކުވާއަކީ، ސުވާލުކުރުމުގެ ފުރުސަތު ލިބިފައިނުވާކަމަށް ބުނެ ފާހަގަކުރާ ޝަކުވާއެއްނޫންކަމުގައި އަހުރެންނަށް ދޭހަވެއެވެ. އެ ފަރާތުގެ ޝަކުވާއަކީ، އެއްހާޒިރުވެހުރެ ސުވާލުކުރުމަށް ލިބިއޮތް ޙައްޤު ހަނިވާގޮތަށް ދަށުކޯޓުން ހެކިވެރިންގެ ހެކިބަސް ނަގާފައިވާތީ، އެ ހެކިބަހަށް ހަރުދަނާ އެއްވެސް ބުރަދަނެއް ނުދެވޭނެކަމަށް ބުނެކުރާ ޝަކުވާއެއްކަމުގައި އަހުރެންނަށް ދޭހަވެއެވެ.

42ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައިވާ ޙައްޤުގެ ދާއިރާގެ ތެރެއަށް، ހެކިވެރިޔާއާ ކުރިމަތިލުމުގެ ޙައްޤު ވަންނާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމާމެދު ދައުލަތުން ދެކޭގޮތަކީ ކޮބައިކަން ސާފުނުވާތީ، އެކަން ސާފުކުރުމުގެ ގޮތުން، މި ކޯޓުން ސުވާލުކުރުމުން ދައުލަތުން ބުނެފައިވަނީ އެ ޙައްޤުގެ ދާއިރާގެ ތެރޭގައި، ހެކިވެރިޔާއާ ކުރިމަތިލުމުގެ ޙައްޤު ނުހިމެނޭނެކަމަށެވެ.

43ސުވާލަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޙައްޤު ޢަމަލީގޮތުން ދެވިގެންދާހިނދު، އެކަމުގައި ޢަމަލުކުރުވޭ ޢާންމު އުޞޫލަކީ ކޮބައިތޯއެވެ؟ ސުވާލަކީ، ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކިން ޢާންމު އުޞޫލުން ހެކިބަސް އަދާކުރަނީ ދަޢުވާ އުފުލިފައިވާ މީހާއާ ފިޒިކަލީ އެއްހާޒިރެއްގައިހުރެތޯއެވެ؟ ސުވާލަކީ، ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކިން ޢާންމު އުޞޫލުން ހެކިބަސް އަދާކުރަނީ ދަޢުވާ އުފުލިފައިވާ މީހާގެ ކުރިމަތީގައިތޯއެވެ؟ ސުވާލަކީ، ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ކުށްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާ ޢާންމު އުޞޫލުން ސުވާލުކުރުމަށް ފުރުސަތު ދެވެނީ އެއްހާޒިރެއްގައިތޯއެވެ؟ ސުވާލަކީ، ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ކުށްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާ ޢާންމު އުޞޫލުން ސުވާލުކުރުމަށް ފުރުސަތު ދެވެނީ ދަޢުވާ އުފުލިފައިވާ މީހާގެ ކުރިމަތީގައިތޯ؟

44HN2ބުނެވިދިޔަ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޙައްޤު ޢަމަލީގޮތުން ދެވިގެންދާހިނދު، އެކަމުގައި ޢަމަލުކުރުވޭ ޢާންމު އުޞޫލަކީ، ކޮބައިކަން ބަލައިލުން މުހިންމުކަމަށް އަހުރެން ދެކެމެވެ. އެގޮތުން ބަލާއިރު، ޢާންމު އުޞޫލަކީ، ހެކިވެރިޔާ ކުށްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާއާ މޫނާމޫނު ދިމާވާނެހެން ކުރިމަތިލައި އެއްހާޒިރެއްގައި ހުރެ ހެކިބަސް އަދާކުރާކުރުންކަން އޮޅުމެއް ނެތް މިންވަރަށް ސާފުކޮށް އެނގެއެވެ. އެކަން ކޯޓުތަކުގައި ޢަމަލުކުރެވޭގޮތަށް ބެލުމުން އެކަނިވެސް ފާޅުވެ އެނގެއެވެ.

45ޢާންމު އުޞޫލުން ކުރިއަށް ގެންދެވޭ ހެކިބަސް ނެގުމުގެ ޝަރީޢަތުގެ މަޖިލިހެއްގައި ކަންހިނގާގޮތަށް ބަލާއިރު، ހެކިބަސް އަދާކުރަމުންދާހިނދު:

45.1. ދަޢުވާ އުފުލިފައިވާ މީހާއާއި ހެކިވެރިޔާވެސް ޝަރީޢަތުގެ މަޖިލީހުގައި ފިޒިކަލީ ހާޒިރުވެ ތިބޭކަމާއި، 45.2 ދަޢުވާ އުފުލިފައިވާ މީހާއާއި ހެކިވެރިޔާ ޝަރީޢަތުގެ މަޖިލީހުގައި މޫނާމޫނު ދިމާވާހެން ލޮލަށް ފެންނަން ހުންނަކަމާއި،

45.3. ހެކިވެރިޔާއަކީ ކާކުކަން އެނގޭކަމާއި،

45.4. ހެކިވެރިޔާ ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަ އޭނާގެ ޠަބީޢީ އަޑުން ކަންފަތަށް އިވެން އޮންނަކަމާއި، އަދި

45.5. ހެކިވެރިޔާ ހެކިބަސްދެނީ ޢާންމުކޮށް ހުޅުވާލެވިގެން ކުރިއަށް ގެންދެވޭ ޝަރީޢަތުގެ މަޖިލީހެއްގައިކަން އަހުރެން ފާހަގަކުރަމެވެ.

46HN3ބުނެވިދިޔަ ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، ހެކީންނާ ސުވާލުކުރުމުގެ ޙައްޤާއި ކުރިމަތިލުމުގެ ޙައްޤުގެ ލާމެހިފައިވާ ގުޅުން ބުނެވިދިޔަ ކަންކަމުން ދައްކުވައިދޭކަމުގައި އަހުރެން ފާހަގަކުރަމެވެ. އެ ދެޙައްޤު އެކުގައި ލާމެހިގެން ކަށަވަރުކޮށްދެނީ ކޮންކަމެއްތޯ ބަލާއިރު، އެ ދެޙައްޤު އެކުގައި ލާމެހިގެން ކަށަވަރުކޮށްދޭ ކަމަކީ، އިންސާފުގެ އުޞޫލުތައް ކަށަވަރުކޮށްދިނުންކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، އެ ދެޙައްޤުގެ ޒަރީޢާއިން ހުޅުވިފައިވާ ޝަރީޢަތުގެ މަޖިލީހެއްގައި ހާމަކަމާއެކު ހެކި ޠައުނުކުރުމުގެ ފުރުސަތު ކަށަވަރުކޮށްދޭކަމުގައި އަހުރެން ދެކެމެވެ. އަދި އެ ދެޙައްޤުގެ ޒަރީޢާއިން، ކަމުގެ ޙަޤީޤަތް ދެނެގަތުމުގެ މަރުޙަލާގެ ޞައްޙަކަން ކަށަވަރުކޮށްދޭކަމުގައިވެސް އަހުރެން ދެކެމެވެ.

47ވުމާއެކު، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ފަދައިން ކުރިމަތިލުމުގެ ޙައްޤަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށަށްފެތޭ އަދި އެ ޙައްޤުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ޙައްޤެއްކަމަށް އަހުރެންނަށްވެސް އެއްބަސްވެއެވެ.

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށުން ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް ސިއްރުހެކިވެރިޔާ 1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސްނަގައި، އެ ހެކިބަސްތަކަށް ބުރަދަންދީފައިވޭތޯ؟

48އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައަށް ބަލާއިރު، މި މައްސަލައިގައި، ސިއްރުހެކިވެރިޔާ 1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައިފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށުން ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށްކަމަށް ދައުލަތުން އެއްބަސްނުވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

49އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި އުފައްދާ ސުވާލަކީ، އެ ޙައްޤު ހަނިވާގޮތަށް ޢަމަލުކުރިކުރުން ޤާނޫނާ ޚިލާފުކަމަށް ބުނެ އުފައްދާ ސުވާލެއްކަމުގައި އަހުރެންނަށް ދޭހަވެއެވެ. އެގޮތުން، އެ ފަރާތުން ފާހަގަކޮށްފައިވަނީ އެ ފަރާތުން މި މައްސަލައިގައި ފާހަގަކޮށްފައިވާ ޙައްޤު ހަނިކުރެވޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާފަދައިން ޤާނޫނުގެ ޞަރީޙަ ނައްޞަކުންކަމަށާއި، އެފަދަ ނައްޞެއް ވުޖޫދުގައި ނެތްކަމަށާއި، އެހެންކަމުން އެ ޙައްޤު ލިބެންޖެހޭނީ އޭގެ އެންމެ ފުޅާމިނުގައިކަމަށާ އަދި ޤާނޫނެއް ހެދިފައި ނެތުމަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމަށް ބުރުލެއް އަރާފަދަ ޢަމަލެއް ހުއްދަކުރެވޭނެކަމެއް ނޫންކަމަށެވެ.

50އެހެންކަމުން، މި ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން މި މައްސަލައިގައި ހެކިބަސް ނެގުމާހަމައަށް ދިޔައިރު، ހެކިބަސްދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމާ ގުޅޭ ގޮތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާފައިވޭތޯ ނުވަތަ ނޫންތޯ އާއި އަދި އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާނަމަ އެ ހުށަހެޅުމާމެދު ނިންމާފައިވާ ގޮތަކީ ކޮބައިކަން ބެލުން މުހިންމުކަމުގައި އަހުރެން ދެކެމެވެ.

މި މައްސަލައިގައި ހެކިބަސްދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމާ ގުޅޭ ގޮތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާފައިވޭތޯ ނުވަތަ ނޫންތޯ އާއި އަދި އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާނަމަ އެ ހުށަހެޅުމާމެދު ނިންމާފައިވާ ގޮތަކީ ކޮބައިކަން

51ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ބަލާއިރު، މި މައްސަލައިގައި، ސިއްރުހެކިންނަށް ޙިމާޔަތާ ރައްކާތެރިކަން ލިބޭގޮތަށް ހެކިބަސް ނަގައިދިނުމަށް ދައުލަތުން އެދިފައިވާކަން ދަށު ކޯޓުގެ ރިޕޯޓުން އެނގެއެވެ. މި މައްސަލައަކީ މަރުގެ މައްސަލައަކަށްވުމުންނާއި، މައްސަލައިގެ ބާވަތަށް ބަލާއިރު މިއީ ޖިނާއީ ބޮޑު މައްސަލައަކަށްވުމުން ދައުލަތުން ހުށަހެޅި ހުށަހެޅުންތަކުގައި އެދިފައިވާ ގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރެދިނުމަށް ޝަރީޢަތުން ނިންމާފައިވާކަންވެސް ދަށު ކޯޓުގެ ރިޕޯޓުން އެނގެއެވެ. އަދި ބުނެވިދިޔަ އަމުރު އިސްތިއުނާފުކޮށްފައި ނެތްކަން ދެފަރާތުގެ ބަހުންވެސް އެނގެއެވެ. އެހެންކަމުން، އެ އަމުރާމެދު އިސްތިއުނާފުކުރާ ފަރާތުން ސުވާލުއުފައްދާފައިނެތްކަން އެނގެއެވެ.

ސިއްރުހެކިންނަށް ޙިމާޔަތާ ރައްކާތެރިކަން ލިބޭގޮތަށް ހެކިބަސް ނަގައިދިނުމަށްއެދޭ މައްސަލަތަކުގައި އޭރު ޢަމަލުކުރެވެމުންދިޔަ ގޮތް

52ސިއްރުހެކިންނަށް ޙިމާޔަތާ ރައްކާތެރިކަން ލިބޭގޮތަށް ހެކިބަސް ނަގައިދިނުމަށްއެދޭ މައްސަލަތަކުގައި ޢަމަލުކުރާނެ ވަކި ޤާނޫނެއްގެ ވަކި މާއްދާއެއް ނުވަތަ ޤަވާއިދެއްގެ ވަކި މާއްދާއެއް އޭރު ވުޖޫދުގައި ނެތްކަން ދެފަރާތުގެ ބަހުންވެސް އެނގެއެވެ.

53ސިއްރުހެކިންނަށް ޙިމާޔަތާ ރައްކާތެރިކަން ލިބޭގޮތަށް ހެކިބަސް ނަގައިދިނުމަށްއެދޭ މައްސަލަތަކުގައި އޭރު ޢަމަލުކުރެވެމުން ދިޔައީ ކިހިނެއްކަން މި މައްސަލައިގައި ދެފަރާތުންވެސް ބަޔާންކޮށްދީފައިވެއެވެ. އަދި އެކަމާމެދު ޚަޞްމުންގެ މެދުގައި ޚިލާފެއް ނެތްކަންވެސް އެނގެއެވެ. އޭރު ޢަމަލުކުރެވެމުން ދިޔަ ގޮތަކީ، މި މައްސަލައިގައި ވެސް އޮތް ގޮތަށް، ސިއްރުހެކިވެރިޔާއަކީ ކާކުކަން ނޭނގޭގޮތަށް އަޑުބަދަލުކޮށްގެން ހެކިބަސް ނެގުންކަން އެނގެއެވެ.

54ސިއްރުހެކިންނަށް ޙިމާޔަތާ ރައްކާތެރިކަން ލިބޭގޮތަށް ހެކިބަސް ނަގައިދިނުމަށްއެދޭ މައްސަލަތަކުގައި އޭރު ޢަމަލުކުރެވެމުން ދިޔަގޮތް މަތީ މަރުޙަލާގެ ކޯޓުތަކުން ބަލައިގަނެފައިވާކަން ދެފަރާތުގެ ބަހުންވެސް އެނގެއެވެ. އެހެންނަމަވެސް، އެކަން ބަލައިގަނެފައި އޮތް ނަމަވެސް އެއީ ރަނގަޅުނޫން ނިންމުމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.

55މި މައްސަލައިގައި ޢަމަލުކޮށްފައިވަނީ އެހެން މައްސަލަތަކާއި ވަކި ތަފާތުގޮތަކަށްތޯ ޝަރީޢަތުން ސުވާލުކުރުމުން، މި މައްސަލައިގައި ވަކި ތަފާތު ގޮތަކަށް ޢަމަލުކޮށްފައި ނެތްކަންވެސް ދެފަރާތުގެ ބަހުންވެސް އެނގެއެވެ.

ސިއްރުހެކިންނަށް ޙިމާޔަތާ ރައްކާތެރިކަން ލިބޭގޮތަށް ހެކިބަސް ނެގުމަށް ބޭއްވި މަޖްލީހުގައި ކުރިމަތިލުމުގެ ޙައްޤު ގެއްލޭކަމަށް ބުނެ އެކަން ފާހަގަކޮށްފައިވޭތޯ ބެލުން

56މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ކުރިން ބަޔާންކުރެވުނު ފަދައިން، މި މައްސަލައިގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހެކިބަސްދޭ މީހާއަށް ޙިމާޔަތް ލިބިދެވޭގޮތަށް ހެކިބަސް ނެގުމަށް އެދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ދައުލަތުން ހުށަހެޅުމެއް ހުށަހެޅިއެވެ. އަދި ހެކިބަސްދޭ މީހާއަށް ޙިމާޔަތް ލިބިދެވޭގޮތަށް ހެކިބަސް ނެގުމަށް ދަށުކޯޓުގެ ފަނޑިޔާރު ނިންމިއެވެ. އެއަށްފަހު، ހެކިބަސްދޭ މީހާއަށް ޙިމާޔަތް ލިބިދެވޭގޮތަށް ހެކިބަސް ނެގިއެވެ.

57ހެކިބަސްދޭ މީހާއަށް ޙިމާޔަތް ލިބިދެވޭގޮތަށް ހެކިބަސް ނެގުނުގޮތަށް ބަލާއިރު، ހެކިބަސް ނެގިފައިވަނީ ސިއްރު ހެކިވެރިޔާއަކީ ކާކުކަން ނޭނގޭގޮތަށެވެ. ހެކިބަސްދޭމީހާ ނުފެންނަގޮތަށެވެ. ހެކިވެރިޔާގެ ވަނަވަރު ނޭނގޭގޮތަށެވެ. ފިޒިކަލީ އެއްހާޒިރުކުރުމެއްނެތިއެވެ. ހެކިވެރިޔާގެ އަޑު ބަދަލުކުރެވިގެންނެވެ. ބުނެވިދިޔަ ފަދައިން ހެކިބަސް ނެގިފައިވަނީ، އިސްތިއުނާފުކުރާ ފަރާތުގެ އިވުމާއި، ފެނުމާއި އަދި އެނގުމުގެ ތެރެއިންކަމީ ދެބަސްވުމެއް އޮތް ކަމެއް ނޫންކަން އެނގެއެވެ.

58އިސްތިއުނާފުކުރާ ފަރާތުގެ އިވުމާއި، ފެނުމާއި އަދި އެނގުމުގެ ތެރެއިން ބުނެވިދިޔަ ފަދައިން ހެކިބަސް ނެގެމުންދިޔައިރު، ހެކިވެރިޔާއާ ކުރިމަތިލުމުގެ ޙައްޤު ގެއްލޭކަމަށްބުނެ ދަށު ކޯޓުގައި، އެ މަޖިލީހުގައި، އެގޮތަށް ހެކިބަސް ނެގުމަށް އިސްތިއުނާފުކުރާ ފަރާތް އިޢުތިރާޟްކޮށް އިންކާރުކޮށްފައިވާކަން ދަށުކޯޓުގެ ރިޕޯޓުން ފެންނަންނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި އެފަދައިން ދަށު ކޯޓުގެ ރިޕޯޓުގެ އެއްވެސް ތަނެއްގައި ފާހަގަކޮށްފައި އޮތްތޯ މި މައްސަލައިގެ ޚަޞްމުންނާ ސުވާލުކުރުމުން އެފަދައިން ފާހަގަކޮށްފައިނެތްކަމަށް ޚަޞްމުންގެ ފަރާތުންވެސް މި ކޯޓުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ. އަދި އެކަމަކީ، ދަށުކޯޓުގައި ހެކިބަސް ނެގުނުއިރު، ފާހަގަކުރިކަމެއްތޯ މި ކޯޓުން ސުވާލުކުރުމުން އެކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިނެތްކަމަށް މައްސަލައިގެ ޚަޞްމުން ބުނެފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

ސިއްރުހެކިންނަށް ޙިމާޔަތާ ރައްކާތެރިކަން ލިބޭގޮތަށް ހެކިބަސް ނެގުމަށް ބޭއްވި މަޖިލީހުގައި ކުރިމަތިލުމުގެ ޙައްޤު ގެއްލޭކަމަށް ބުނެ އެކަން ފާހަގަކުރުމެއްނެތި، އިސްތިއުނާފުގައި އެ ޙައްޤު ގެއްލޭކަމަށް ބުނުން

59އިސްތިއުނާފުކުރާ ފަރާތުން އެ ޙައްޤު ގެއްލިފައިވާކަމަށް ބުނެ މި ކޯޓުގައި މިހާރު އުފައްދާ ބަހުސަކީ ދަށުކޯޓުގައި ފާހަގަކޮށްފައިނުވާ އައު ކަމެއްގެ މައްޗަށް އުފައްދާ ބަހުސެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި އެ ބަހުސަކީ، ދަށުކޯޓުގައި އެ ބަހުސް އުފެއްދުމުގެ ފުރުސަތު ލިބި އުފައްދާފައިނެތް ބަހުސެއްކަމުގައިވެސް އަހުރެންނަށް ފާހަގަކުރެވެއެވެ.

60HN4ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. އަދި ހަމަ މި އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގައިވެސް ތަކުރާރުކޮށްފައިވެއެވެ.

61އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފީ ނުކުތާގައި ފާހަގަކުރާ ކަންކަމަކީ، ބުނެވިދިޔަ ޤާނޫނީ މާއްދާއާ އެއްގޮތަށް ފާހަގަކުރާ ކަމެއްކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ. ސަބަބަކީ، އެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކުރާ ފަދައިން ދަށުކޯޓުގައި އެކަން އެގޮތަށް ފާހަގަކޮށްފައިވާކަން އެނގެން ނެތަތީއެވެ.

62އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުގައި މިހާރު ފާހަގަކުރާ ފަދައިން ދަށުކޯޓުގައި އެކަން އެގޮތަށް ފާހަގަކޮށް އިޢުތިރާޟެއް ހުށަހަޅާފައި ނެތުމުގެ ނަތީޖާއަކީ، ދަށުކޯޓުގައި އެކަމާމެދު ބަހުސްކުރެވިފައި ނެތުމެވެ. ދަށުކޯޓުގައި އެކަމާމެދު ބަހުސްކުރެވިފައި ނެތްނެތުމުގެ ފެންނަން އޮތް ނަތީޖާއަކީ، އެކަމާމެދު ދަށުކޯޓުން ގޮތެއް ކަނޑައަޅައިފައި ނެތުމެވެ. ދަށުކޯޓުގައި އިޢުތިރާޟްކޮށްފައިނެތްކަމެއްގައި، އައްވަލަށް އިސްތިއުނާފީ ކޯޓުގައި އެކަން ފާހަގަކުރުމުގެ ނަތީޖާއަކީ، އިސްތިއުނާފުގައި މުޅިން އައު ބަހުސަކަށް ދޮރުހުޅުވިގެން ދިއުމެވެ. އިސްތިއުނާފުގައި މުޅިން އައު ބަހުސަކަށް ދޮރުހުޅުވާލުމަކީ، ޢާންމު އުޞޫލުން، އިސްތިއުނާފީ ކޯޓުން ކަންކުރާ ހަމައެއް ނޫންކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލަށް ބެލުމުން އަހުރެންނަށް ފާހަގަކުރެވެއެވެ.

63އެހެންކަމުން، އިސްތިއުނާފުގައި އައްވަލަށް މި ހުށަހެޅި ބަހުސަކީ، ޢާންމު އުޞޫލުން ބަލާއިރު، ބަލައިގަނެ އެއާމެދު މި މަރުޙަލާއިން މިހާރު ގޮތް ކަނޑައަޅަންޖެހޭ ބަހުސެއްކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ.

އަސާސީ ޙައްޤަކާ ގުޅިފައިވާތީ އެ ބަހުސް ހުށަހެޅިދާނެކަމަށް ބަލައި، ބަހުސާމެދު ގޮތް ކަނޑައެޅުން

64HN5ދެން އޮތް ސުވާލަކީ، އެ ކަމަކީ، އަސާސީ ޙައްޤަކާ ގުޅިފައިވާ ކަމަކަށްވާތީ އަދި އެކަން މިހާރު މި ކޯޓުގެ ސަމާލުކަމަށް އައިސްފައިވާތީ، އިސްތިސްނާއީ އުސޫލަށް ރިޢާޔަތްކޮށް އެކަމާމެދު މި ކޯޓުން ގޮތް ކަނޑައެޅި ދާނެތޯ އޮތް ސުވާލެވެ. މި މައްސަލައިގައި، އޮތް ބަހުސަކީ އަސާސީ ޙައްޤަކާ ގުޅިފައިވާ ބަހުސަކަށްވާތީ، މި މަރުޙަލާގައި އެކަން ބަލައިގަނެ، އެކަމާމެދު ގޮތް ކަނޑައެޅުމަށް ބެލިބެލުމުން އަހުރެންނަށް ފާހަގަވާ ކަންކަން ތިރީގައި ބަޔާންކުރަމެވެ.

65އެގޮތުން، ފުރަތަމަ ކަމަކަށް އަހުރެންނަށް ފާހަގަވަނީ، ޤާނޫނޫއަސާސީގައި ބަޔާންކޮށްފައި އޮތް ހަމައެކަނި ޙައްޤަކީ، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ޙައްޤު އެކަނި ނޫންކަމެވެ. އެއާ ޚިލާފަށް، ޤާނޫނުއަސާސީގައި އެތައްބައިވަރު ފަރުދީ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތައްވެސް ބަޔާންކޮށްފައިވާކަން އަހުރެން ފާހަގަކުރަމެވެ.

66ދެވަނަ ކަމަކަށް އަހުރެންނަށް ފާހަގަވަނީ، އިސްތިއުނާފުކުރާ ފަރާތުން ސިފަކުރަން މަސައްކަތްކުރާ ފަދައިން، މި މައްސަލައިގައި އެ ޙައްޤު ދަށުކޯޓުން ހަނިކޮށްފައި ނެތް ނެތުމެވެ. އެ ޙައްޤު ހަނިކުރުމުގެ ބަދަލުގައި ދަށުކޯޓުން ޢަމަލުކޮށްފައި އޮތީ، ތުހުމަތުކުރެވޭ ފަރާތުގެ އެ ޙައްޤާއި، ހެކިވެރިންގެ ޙައްޤާއި މުޅި މުޖުތަމަޢުގެ ޙައްޤު މިންހެޔޮވާނެގޮތަށް ޙައްޤުތައް ތަޠުބީޤުކުރުމަށްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤެއް އެކީއެކަށް ނިގުޅައިގަނެ ބޮލާލައި ޖަހާފައިވާކަން މި މައްސަލައިގައި ޢަމަލުކޮށްފައިވާގޮތުން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.

67HN6ތިންވަނަ ކަމަކަށް އަހުރެންނަށް ފާހަގަވަނީ، މި މައްސަލައިގައި ދަށުކޯޓުން ކޮށްފައި އޮތްކަމަކީ، ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤާއި، ހެކިވެރިޔާގެ ޙައްޤާއި އަދި މުޖުތަމަޢުގެ ޙައްޤު ކަށަވަރުކުރުމަށްޓަކައި، އެ ޙައްޤު ތަޠުބީޤުކުރިކުރުންކަމުގައި ވާއިރު، އިސްތިއުނާފުކުރާ ފަރާތަށް އެ ފަރާތުން ބުނާފަދައިން އެ ޙައްޤު ހަނިކޮށްފައި ނެތްކަމެވެ. އަދި އެ ޙައްޤު ހަނިކުރިކަމަށް ބުނާ ބުނުން ފިޔަވައި، އެ ޙައްޤު ހަނިކުރުމަށް ޤާނޫނާ ޚިލާފަށް ދަށުކޯޓުން ޢަމަލުކުރި ގޮތެއްގެ ތަފުސީލު އިސްތިއުނާފުކުރާ ފަރާތަށް އަހުރެންނަށް ބުރަވެވޭ މިންވަރަށް ބަޔާންކޮށްދެވިފައިވާކަމުގައި އަހުރެން ނުދެކެމެވެ. ތަފާތު މަޞްލަޙަތުތައް ނުވަތަ ޙައްޤުތައް މީޒާންކުރަންޖެހޭ، މިފަދަ، ޙާލަތެއްގައި އެ މިންވަރަށް އެ މަޞްލަޙަތުތައް ނުވަތަ ޙައްޤުތައް މީޒާންކޮށް އެ މަޞްލަޙަތުތަކާއި ޙައްޤުތައް ތަޠުބީޤުކުރުމަކީ ޤާނޫނެއްގައި ޙައްޤުތައް ހިފެހެއްޓޭނެގޮތް ކަނޑައަޅައި ބަޔާންކޮށްފައި ނެތްނަމަވެސް ފަނޑިޔާރަށް ކުރެވިދާނެ ޖާއިޒުކަމެއްކަމުގައި އަހުރެންނަށް ބެލެވެއެވެ.

68ހަތަރުވަނަ ކަމަކަށް އަހުރެންނަށް ފާހަގަވަނީ، ބުނެވިދިޔަ ފަދައިން އެކި ފަރާތްތަކުގެ ޙައްޤުތައް މީޒާންކޮށް ޤާނޫނު ތަޠުބީޤުކުރާކުރުމަކީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ގޮތާ ޚިލާފަށް ޙައްޤުތައް ހަނިކުރެވޭ ހަނިކުރުމެއްކަމަށް ބެލެވޭނެ އެއްވެސް ޤާނޫނީ އަސާސެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިނުވާކަމެވެ.

69ފަސްވަނަ ކަމަކަށް އަހުރެންނަށް ފާހަގަވަނީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި އެ މާއްދާގެ ތަރަހައަށް ބަލާއިރު، އެ މާއްދާގައި ބަޔާންކޮށްފައި އޮތީ، އަސާސީ ޙައްޤުތަކާއި މިނިވަންކަން ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމާއި އަދި އެއީވެސް ޤާނޫނޫއަސާސީއާ ޚިލާފުނުވާގޮތުގެ މަތިންކަމަށެވެ. ނަމަވެސް، ދަށުކޯޓުގެ ފަނޑިޔާރަކު ތުހުމަތުކުރެވޭ މީހާގެ ޙައްޤުތަކާއި، ހެކިވެރިޔާގެ ހައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތައް މީޒާންކޮށް ނިންމާ ނިންމުމަކީ، އެކި ފަރާތްތަކުގެ ޙައްޤުތައް އެކުގައި ދެމިއޮންނާނެގޮތް ޢަމަލީގޮތުން ބަޔާންކޮށް ނިންމާ ނިންމުމަކަށްވާއިރު، އެއީ ޙައްޤުތައް އޭގެ ޒާތުން ހަނިކުރުންކަމުގައި ބެލެވޭނެ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމެވެ.

70ހަވަނަ ކަމަކަށް އަހުރެންނަށް ފާހަގަކުރެވެނީ، ޙައްޤުތަކާމެދު އަރާރުމެއް އޮތްނަމަ އެކަމަށް ޙައްލެއް ހޯދައިދިނުމުގެ ބާރު ކޯޓުތަކަށް ލިބިފައިވާއިރު، ޤާނޫނު ތަޠުބީޤުކުރުމުގެ ތެރެއިން ފުށުއަރާ ޙައްޤުތައް މީޒާންކުރާ ކުރުމަކީ، އެ ޙައްޤުތަކާމެދު އައު ގައިދުތަކެއް ކަނޑައެޅުންނޫންކަމަށެވެ.

71HN7ހަތްވަނަ ކަމަކަށް އަހުރެންނަށް ފާހަގަވަނީ، ކާކުކަން ނޭނގޭ ގޮތަށް ސިއްރު ހެކިވެރިންގެ ހެކިބަސް ނެގޭނެ ޙާލަތްތައް ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައި ނެތުމުން، ހުރިހާ ފަރާތެއްގެ ދުސްތޫރީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ގޮތުން ކޯޓުން ޢަމަލުކޮށްފައިވާކަމެވެ. ކޯޓުގެ އެ ނިންމުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޙައްޤަށް ކުރިމަތިކުރުވި ޤާނޫނީ އައު ހުރަހެއްނޫނެވެ. ނުވަތަ ގެނުވި ޤާނޫނީ އައު ހަނިކަމެއްވެސް ނޫނެވެ. އެހެނަސް، ދަށުކޯޓުގެ އެ ނިންމުމަކީ، ދުސްތޫރީ އުސޫލުތައް ތަޠުބީޤުކުރުމުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި އެ ނިންމުމުގެ އަމާޒަކީ، އިންސާފުވެރިކަމާއި އެކަށީގެންވާގޮތަކަށް އެ ފަރާތެއްގެ ޙައްޤުތައް އެ ފަރާތަކަށް ލިއްބައިދިނުންކަމަށް އަހުރެންނަށް ބެލެވެއެވެ. އެހެންކަމުން، އެ ނިންމުމަކީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަކަށް އަހުރެންނަކަށް އެއްބަހެއް ނުވެއެވެ.

72HN8އަށްވަނަ ކަމަކަށް އަހުރެންނަށް ފާހަގަވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ޞަބާޙް ޤަޟިއްޔާއާއި އެ ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ ހަވާލާދީ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ފާހަގަކުރުމެވެ. އެގޮތުން، ބުނެވިދިޔަ ޤަޟިއްޔާތަކާ ހަވާލާދީ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާކުރުމަކީ، ޤާނޫނަކުން ޙައްޤުތައް ނުވަތަ މިނިވަންކަން ހިފަހައްޓާފައިނުވާނަމަ، އެ ޙައްޤުތަކާއި މިނިވަންކަން ލިބިދޭންޖެހޭނީ އޭގެ އެންމެ ފުޅާ މިނުގައިކަމަށް ބުނެވިދިޔަ ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާކަމަށް ބުނާބުނުމެވެ. އަދި އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށުން ލިބޭ ޙައްޤުވެސް ލިބެންވާނީ އޭގެ އެންމެ ފުޅާ މާނައިގައިކަމަށް ބުނާބުނުމެވެ. އެކަމާމެދު އަހުރެންވެސް ދެބަހެއްނުވަމެވެ. ޤަބޫލުކުރަންޖެހޭ އެއް ޙަޤީޤަތަކީ، ކޮންމެ ޙައްޤަކީ އެ ޙައްޤެއް އެހެން ޙައްޤުތަކާ ވަކިން މުސްތަޤިއްލުކޮށް މުޠުލަޤަށް އޮންނަ ޙައްޤެއްނޫންކަމެވެ. ޤަބޫލުކުރަންޖެހޭ އަނެއް ޙަޤީޤަތަކީ، ކޮންމެ ޙައްޤެއްގެވެސް ފެށޭ ހިސާބެއް ވާފަދައިން ކޮންމެ ޙައްޤެއްގެވެސް ނިމޭހިސާބެއް ވާނެކަމެވެ. މި މައްސަލައިގައި އޮތީ ހަމައެކަނި އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤެއް އެކަންޏެއްނޫނެވެ. އެ ފަރާތުގެ ޙައްޤުގެ އިތުރުން، ހެކިވެރިންގެ ޙައްޤާއި މުޖުތަމަޢުގެ ޙައްޤަކީވެސް އޮތް ޙައްޤެކެވެ. އެއީ ނެތް ޙައްޤެއް ނޫނެވެ. އަދި ބުނެވިދިޔަ ޙައްޤުތަކުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤު އިސްކޮށް، އެހެން ފަރާތްތަކުގެ ޙައްޤު ފަސްކޮށް، ހަމައެކަނި އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤު އެކަނި އޭގެ އެންމެ ފުޅާމިނުގައި ދިނުން އެއީ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާތަކުގައި ކަނޑައަޅައިފައިވާ ހަމައެއް ކަމަކަށް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ. ބުނެވިދިޔަ ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެ ޙައްޤެއްވެސް ދޭންވާނީ އޭގެ އެންމެ ފުޅާމިނުގައިކަމަށް ބަލާނަމަ، ހެކިވެރިޔާގެ ޙައްޤާއި މުޖުތަމަޢުގެ ޙައްޤާމެދުވެސް ބަލަންޖެހޭނީ ހަމަ އެ ހަމައިންކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. ހަމައެކަނި ކުށްކުރިކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤުތައް އޭގެ އެންމެ ފުޅާމިނުގައި ދިނުމަށްފަހު، އެހެން ފަރާތްތަކުގެ ޙައްޤުތައް ތަޖާހުލުކޮށްލުކަމަށް ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައިވެސް އިރުޝާދުދީފައިވާތީއެއް އަހުރެންނަކަށް ނުފެނެއެވެ.

73HN9ނުވަވަނަ ކަމަކަށް އަހުރެންނަށް ފާހަގަވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ ދަށުން އެއްހާޒިރުކުރުމަށް އިސްތިސްނާއެއް ލިބިފައިވާކަމަށާއި، އެއީ، ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، އަދި އެ ޤާނޫނުގައި ހެކިބަސްދޭ މީހުން ޙިމާޔަތްކޮށް،ރައްކާތެރިކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުންކަމަށާއި، އެ ޙާލަތްތަކާއި އެ ގޮތްތަކަކީ ކޮބައިކަން ބަޔާންކުރާ ޤާނޫނެއް ނެތްނަމަ، ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގޮތުންކަމަށްވިޔަސް، ހެކިވެރިޔާއާ ޝަރީޢަތުގެ މަޖިލީހުގައި އެއްހާޒިރުވެ ސުވާލުކުރުމަށް މުއްތަހަމަށް ލިބިފައިވާ އަސާސީ ޙައްޤު ހަނިނުކުރެވޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ސަޢީދު ޤަޟިއްޔާއަކީ އިސްތިއުނާފުކުރާ ފަރާތުގެ އެ ބުނުމާ ދެކޮޅަށް ފެންނަން އޮތް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ނިންމުމެއްކަން ހުދު އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ހުށަހެޅި ތަފުސީލުތަކަށް ބެލުމުންވެސް އެނގެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން އެދުނު ނަމަވެސް، އެ ޤަޟިއްޔާގައި ނިންމާފައިވާ އެއްވެސް ނިންމުމަކީ، per incuriam ނިންމުމެއްގެ ގޮތުގައި މި ކޯޓުން ކަނޑައަޅަންޖެހޭ އެއްވެސް ސަބަބެއް އޮތްކަން ޤާނޫނީ ހަމަތަކުގެ މަތިން ހަމަދެއްކުމާއެކު އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ.

74ބުނެވިދިޔަ ކަންކަން އެހެންހުރުމުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށުން ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް ސިއްރުހެކިވެރިޔާ 1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސްނަގައި، އެ ހެކިބަސްތަކަށް ބުރަދަންދީފައިވާކަމަށްބުނެ، މި އިސްތިއުނާފީ ނުކުތާގައި ހުށަހަޅާފައިވާ ބަހުސް އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ނިންމިދާނެ ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިވާކަމަކަށް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.

ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ލިބިދީފައިވާ ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް ސިއްރުހެކިވެރިޔާ 1 އަދި 2 އާއި، އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަށް ބުރަދަންދީފައިވޭތޯ؟

75ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ:

"42. (ހ) ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.

(ނ) ޝަރީޢަތްތައް ހިންގާންޖެހެނީ ޢާންމުކޮށް ހުޅުވައިލައިގެން ކަމުގައިވީ ނަމަވެސް ތިރީގައި ވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި، ދީމިޤްރާޠީ އުޞޫލުތަކާ ޚިލާފުނުވާނޭ ގޮތެއްގެމަތީން، ޝަރީޢަތެއް އެކުގައި، ނުވަތަ ޝަރީޢަތަކުން ބައެއް، ޢާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު އެ ޝަރީޢަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެންވެއެވެ. 1. މުޖްތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުން، ނުވަތަ މުޖްތަމަޢުގެ އަމަންއަމާންކަން ޤާއިމްކުރުން، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުން.

2. ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަޞްލަޙަތު ޙިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަޞްލަޙަތު ރައްކާތެރިކުރުން.

3. ޢާންމުކޮށް ހުޅުވައިލައިގެން ޝަރީޢަތް ހިންގައިފިނަމަ، ޢަދުލުއިންޞާފު ޤާއިމްކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބަކަށްޓަކައި އެހެންގޮތަކަށް ކޯޓުން ކަނޑައަޅައިފައި ނުވާނަމަ، ކޯޓުތަކުން ނެރޭ ހުރިހައި އަމުރުތަކާއި ޙުކުމްތައް އިއްވާންވާނީ ޢާންމުކޮށް ހުޅުވައިލެވިފައިވާ މަޖިލީހެއްގައެވެ. އަދި ހުޅުވައިލެވިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލިސްތަކުން ނެރޭ ކޯޓުގެ އަމުރުތަކާއި ކުރާ ޙުކުމްތައް ބޭނުންވާ ފަރާތްތަކަށް ފެންނާން ހުންނާން ވާނެއެވެ."

މިފަދައިންނެވެ.

76މި އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށް ހުށަހަޅާ ޝަކުވާއަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ލިބިދީފައިވާ ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް ސިއްރުހެކިވެރިޔާ 1 އަދި 2 އާއި، އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަށް ބުރަދަންދީފައިވާކަމަށް ބުނެ ކުރާ ޝަކުވާއެއްކަން އެނގެއެވެ.

77ކުރިންވެސް ފާހަގަކުރެވި ދިޔަގޮތަށް، ސިއްރުހެކިވެރިޔާ 1 އަދި 2 އާއި، އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގައި، އެ ހެކިބަސްތަކަށް ބުރަދަންދީފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަކީ، ކަމުގެ ޙަޤީޤަތާ އެއްގޮތަށް ބުނެ ފާހަގަކުރާ ވާހަކައެއްކަމާމެދު އެއްވެސް ޚިލާފެއްނެތްކަން އެނގެއެވެ.

78ވުމާއެކު، މި ކޯޓުގެ ކުރިމަތީގައި އޮތް ބަހުސަކީ، ސިއްރުހެކިވެރިޔާ 1 އަދި 2 އާއި، އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނަގާފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ލިބިދީފައިވާ ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށްތޯ އޮތް ސުވާލުކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.

79އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، ފުރަތަމަ ނުކުތާއާއި ގުޅިލާމެހިފައިވާ ދެނުކުތާކަމުން، މި ނުކުތާއާމެދު ކަނޑައެޅޭ ގޮތެއް ބިނާވާނީ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ކަނޑައެޅޭ ގޮތެއްގެ މައްޗަށްކަމަށް މި މައްސަލައިގެ ދެޚަޞްމުންގެ ފަރާތުންވެސް ބުނެފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، ރައިޓް ޓު ކޮންފްރޮންޓޭޝަނާއި ގުޅޭގޮތުން ހުށަހެޅި ބަހުސާމެދު ގޮތް ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވާ ޤާނޫނީ އަސާސްތަކަކީ މި ނުކުތާގައި އޮތް ބަހުސާމެދުވެސް ގޮތް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އަސާސްތައްކަމުގައި ވީހިނދު، މި ނުކުތާގައި އޮތް ބަހުސްގައި ތަފާތު ނަތީޖާއަކަށް ވާޞިލުވެވިދާނެކަމަކަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.

80ބުނެވިދިޔަ ކަންކަން އެހެންހުރުމުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް ސިއްރުހެކިވެރިޔާ 1 އަދި 2 އާއި އަދިވެސް އިތުރު ހެކިންގެ ހެކިބަސްނަގައި، އެ ހެކިބަސްތަކަށް ބުރަދަންދީފައިވާކަމަށްބުނެ، މި އިސްތިއުނާފީ ނުކުތާގައި ހުށަހަޅާފައިވާ ބަހުސް އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ނިންމިދާނެ ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިވާކަމަކަށް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.

ސިއްރުހެކިވެރިއެއްގެ ހެކިބަހުން ރުޖޫޢަވާން އެދިފައިވާ ޙާލަތުގައި، އެކަން ބަލައިނުގަނެ އެ ފަރާތުގެ ހެކިބަސް ބަލައިގަނެ، އެ ހެކިބަހަށް ރިޢާޔަތްކޮށް ބުރަދަންދީފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި، 142 ވަނަ މާއްދާ އާއި ކޯޓުތަކުން ޢަމަލުކުރަމުން އަންނަ ޢުރުފާ ޚިލާފަށްތޯ؟

81ދައުލަތުން ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި އެކަކަށްވުރެ ގިނަ ސިއްރު ހެކިން ހިމެނެއެވެ. މިއީ އެއްވެސް ދެބަސްވުމެއް އޮތް ކަމެއްނޫނެވެ. ސިޓީ ފޮނުވިކަމަށް ބުނާ ސިއްރު ހެކިވެރިޔާއަކީ، އިސްތިއުނާފުކުރި ފަރާތް ކުށުގެ ވެށިން ލޮލަށް ފެނުނުކަމަށް ބުނެ ހެކިބަސް އަދާކުރި ހަމައެކަނި ހެކިވެރިޔާއެވެ. މިއީ އެއްވެސް ދެބަސްވުމެއް އޮތްކަމެއް ނޫނެވެ. ދައުލަތުން ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި އިތުރު ހެކިތަކުގެ ތެރޭގައި އެހެން ސިއްރު ހެއްކާއި، ވީޑިއޯ ފުޓޭޖާއި، ހާދިސާ ހިނގިތަނުގައި ހުރި ކެމެރާއިން ނެގި އިނގިލީގެ ނިޝާން ހިމެނެއެވެ. މިއީވެސް އެއްވެސް ދެބަސްވުމެއް އޮތްކަމެއް ނޫނެވެ.

82މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދެފަރާތުން ޚުލާސާ ބަޔާން ހުށަހަޅާފައިވަނީ 18 ނޮވެންބަރު 2021 ގައެވެ. އިސްތިއުނާފުކުރާ ފަރާތް އައިޑެންޓިފައިކުރީ ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެންކަމަށް ބުނެ އެ ސިއްރުހެކިވެރިޔާ ކޯޓަށް ސިޓީ ފޮނުވާފައިވަނީ 12 ޑިސެންބަރު 2021 ގައެވެ. ޙުކުމްކޮށްފައިވަނީ 19 ޖަނަވަރީ 2022 ގައެވެ.

83ނަމަވެސް، ދަށުކޯޓުގެ ފަނޑިޔާރު، އެ ސިޓީގައި އޮތް އެއްޗެއް ދައުލަތަށް ހާމަކޮށްފައެއްނުވެއެވެ. އެ ސިޓީގައި އޮތް އެއްޗެއް ދިފާޢަށްވެސް ހާމަކޮށްފައެއްނުވެއެވެ. އެ ސިޓީއާ ގުޅިގެން ކަމެއް ފާހަގަކޮށް ހުށަހެޅުމުގެ ފުރުސަތެއް ދައުލަތަށް ދީފައެއްނުވެއެވެ. އެ ސިޓީއާ ގުޅިގެން ކަމެއް ފާހަގަކޮށް ހުށަހެޅުމުގެ ފުރުސަތެއް ދިފާއަށް ދީފައެއްނުވެއެވެ. އެ ސިޓީއާ ގުޅިގެން އަޑުއެހުމެއްވެސް ބާއްވާފައެއްނުވެއެވެ. އެންމެ ކުޑަމިނުން އެ ސިޓީ ސިއްރުހެކިވެރިޔާ ފޮނުވިކަންވެސް ދަށުކޯޓުގެ ފަނޑިޔާރު ދައުލަތަށް ހާމަކޮށްފައެއްނުވެއެވެ. އަދި ދިފާޢަށްވެސް އެކަން ހާމަކޮށްފައެއްނުވެއެވެ. އޭގެ އިތުރުން، ޝަރީޢަތް ހިންގައި ޙުކުމްކޮށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރިއިރުވެސް، އިސްތިއުނާފުކުރި ފަރާތަށާއި ދައުލަތަށްވެސް އެ ސިޓީގެ މަޢުލޫމާތު ހާމަކޮށްފައެއްނުވެއެވެ.

84ނަމަވެސް، ދަށުކޯޓުގެ ފަނޑިޔާރު ކުރި ޙުކުމުގައި އެ ސިޓީއަށް ބުރަދަން ނުދިނުމަށް ނިންމި ސަބަބުތައްކަމަށް ބުނެ އަމިއްލަ އިސްނެގުމުގައި ސަބަބުތަކެއް ފާހަގަކޮށް، އެ ސަބަބުތައް ލިޔެ ބަޔާންކޮށްފައިވެއެވެ.

85މި އިސްތިއުނާފީ ނުކުތާގެ މައުލޫއު ބިނާވަނީ، ބުނެވިދިޔަ ސިޓީއާ ގުޅިގެން ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކުރިގޮތުގެ މައްޗަށްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

86އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ، ސިއްރު ހެކިވެރިޔާގެ ސިޓީއާ ގުޅިގެން ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކުރިގޮތް، ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި 142 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއްގެ އަސާސީ ޙައްޤާ ތަޢާރުޟުވާކަމަށް ބުނެ ކުރާ ޝަކުވާއެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

ސިޓީއާމެދު ގޮތް ނިންމުމުގައި ގޯހެއް ހެދިފައި އޮތްތޯ ވަޒަންކުރުން

87ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބުނެފައި ވަނީ ޢަދުލުވެރިކަމާ ހާމަކަމާއެކު އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ކަމަށެވެ. ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ފަނޑިޔާރުންގެ ވާޖިބު ފަނޑިޔާރުން އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބުނެފައިވަނީ، އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކޮށް ލިބިދިނުމުގައި، ހުޅުވިގެންވާ ދީމިޤްރާތީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމަށެވެ.

88ޤާނޫނުއަސާސީގެ ބުނެވިދިޔަ މާއްދާތައް މަގުދައްކަނީ، ލިބިގެންވާ ޙައްޤުތަކަށް އިޙްތިރާމް ކުރެވޭގޮތަށް ޝަރީޢަތުގެ މަރުޙަލާ ކުރިއަށް ގެންދިއުންކަމަށް އަހުރެންދެކެމެވެ. ޤާނޫނުއަސާސީގެ ބުނެވިދިޔަ މާއްދާތައް މަގުދައްކަނީ، ލިބިގެންވާ ޙައްޤުތަކަށް އިޙްތިރާމް ކުރުމެއްނެތި، މީހެއްގެ މައްޗަށް ކުށްސާބިތުކޮށް ޙުކުމްކޮށް އަދަބު ކަނޑައެޅުންކަމަކަށް އަހުރެން ނުދެކެމެވެ.

89HN10އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤަށް ބަލާއިރު، ނެޗުރަލް ޖަސްޓިސްގެ އުޞޫލުގެ އެންމެ އަސާސީ އެއްކަމަކީ، އަޑުއެހުމުގެ ޙައްޤުކަން އެނގެއެވެ. އެއީ، "އޯޑީ އަލްޓަރަމް ޕާޓެމް" ގެ އުޞޫލެވެ. އެއީ، ހަމައެކަނި އިޖުރާއީކަމެއް ނޫނެވެ. އެއީ، ނިންމުމެއް ނިންމުމުގެ ކުރިން، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއްގެ އަޑުއަހައި، ކޯޓުން ގޮތް ކަނޑައަޅާއިރު، އެކަންކަމަށް ރިޢާޔަތްކުރާނެކަން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެކެވެ.

90މި ނުކުތާގައި އޮތް ސުވާލަކީ، އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ލިބިގެންވޭތޯ ނުވަތަ ނޫންތޯ އޮތް ސުވާލެއްނޫނެވެ. އެއާ ޚިލާފަށް، މި ނުކުތާގައި އޮތް އެންމެ އަސާސީ ސުވާލަކީ، އެ ސިޓީއާ ގުޅިގެން ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކުރިގޮތުން، އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤަށް ހުރަސްއެޅިފައި ވޭތޯ ނުވަތަ ނޫންތޯ އޮތް ސުވާލެވެ.

91ޙަވާލާދެވޭ ސިޓީއަކީ، ދައުލަތުގެ ސިއްރު ހެކިވެރިއަކު ކޯޓަށް ފޮނުވި ސިޓީއަކަށްވާއިރު، ހަމަ ޙަޤީޤަތުގައިވެސް އެ ސިޓީ ފޮނުވީ އެ ހެކިވެރިޔާކަން ކަށަވަރުނުކުރި ނުކުރުން، އިންސާފުވެރި ތޯ؟ އެ ސިޓީގައި އޮތް އެއްޗެއް ދައުލަތަށް ހާމަނުކުރި ނުކުރުން، އިންސާފުވެރި ތޯ؟ އެ ސިޓީގައި އޮތް އެއްޗެއް ދިފާޢަށް ހާމަނުކުރި ނުކުރުން، އިންސާފުވެރި ތޯ؟ އެ ސިޓީއާ ގުޅިގެން ކަމެއް ފާހަގަކޮށް ހުށަހެޅުމުގެ ފުރުސަތެއް ދައުލަތަށް ނުދިން ނުދިނުން، އިންސާފުވެރި ތޯ؟ އެ ސިޓީއާ ގުޅިގެން ކަމެއް ފާހަގަކޮށް ހުށަހެޅުމުގެ ފުރުސަތެއް ދިފާއަށް ނުދިން ނުދިނުން، އިންސާފުވެރި ތޯ؟ އެ ސިޓީއާގުޅިގެން އަޑުއެހުމެއް ނުބޭއްވި ނުބޭއްވުން، އިންސާފުވެރި ތޯ؟ އެ ސިޓީ ސިއްރުހެކިވެރިޔާ ފޮނުވިކަން ދައުލަތަށާއި ދިފާއަށްވެސް ހާމަ ނުކުރިނުކުރުން، އިންސާފުވެރި ތޯ؟ ދަށުކޯޓުގެ ފަނޑިޔާރު ސިއްރުސިއްރުން އެ ސިޓީއާމެދު އަމިއްލައަށް ގޮތް ކަނޑައެޅި އެޅުން، އިންސާފުވެރި ތޯ؟ ބުނެވިދިޔަ ކަންކަމަކީ، ޙުކުމުގެ ޝަރުޢިއްޔަތަށް އަސަރެއް ނުކުރާނެ ކަންތައްތަކެއް ތޯ؟

92HN11ދަށުކޯޓުގެ ފަނޑިޔާރުގެ ކުރިމަތީގައި އޮތް ޙާލަތަކީ، ކޮންމެ މައްސަލައެއްގައި ދިމާވާ ޙާލަތެއްނޫނެވެ. ދަށުކޯޓުގެ ފަނޑިޔާރުގެ ކުރިމަތީގައި އޮތް ޙާލަތަކީ، އެ ޖަރީމާ ހިންގި މީހުން، ކުށުގެ ވެށީގެ ސަރަހައްދުން ލޮލަށް ފެނުނުކަމަށް ބުނެ ހެކިބަސް އަދާކުރި ހަމައެކަނި ހެކިވެރިޔާ، އޭނާ އެ މީހުން އައިޑެންޓިފައިކުރީ ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެންކަމަށް ބުނެ ސިޓީއެއް ހުށަހެޅުމާ ގުޅިގެން އުފަންވި ޙާލަތެކެވެ.

93އެ ސިޓީއަކީ، ހަމަ ޙަޤީޤަތުގައި ސިއްރުހެކިވެރިޔާ ހުށަހެޅި ސިޓީއެއްކަން ދަށުކޯޓުގެ ފަނޑިޔާރު ކަށަވަރުކޮށްފައިވާކަން އެނގެން ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެ ސިޓީއަށް ދަށުކޯޓުގެ ފަނޑިޔާރު ދިން ޖަވާބަކީ، ސިއްރުން ދިން ޖަވާބެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެ ސިޓީއަށް ދަށުކޯޓުގެ ފަނޑިޔާރު ދިން ޖަވާބަކީ، އެ ސިޓީގެ ނޯޓިހެއް ދިނުމެއްނެތި ދިން ޖަވާބެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެ ސިޓީއަށް ދަށުކޯޓުގެ ފަނޑިޔާރު ދިން ޖަވާބަކީ، އަޑުއެހުމެއް ބޭއްވުމެއް ނެތި ދިން ޖަވާބެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެ ސިޓީއާމެދު ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކޮށްފައިވާގޮތުގައި އޮތް އައިބަކީ، އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަންއަންނަ، ޙުކުމުގެ ޝަރުޢިއްޔަތަށް އަސަރުކުރާ އަސާސީ ގޯހެއްކަމަށް އަހުރެންނަށް ފާހަގަކުރެވެ.

94HN12އެއީ، އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަންއަންނަ، ޙުކުމުގެ ޝަރުޢިއްޔަތަށް އަސަރުކުރާ އަސާސީ ގޯހެއްކަމަށް އަހުރެންނަށް ބުރަވެވޭ ފުރަތަމަ ސަބަބަކީ، ފަނޑިޔާރެއްގެ ދައުރާ ދުރަށްޖެހި، އެއްވެސް ފަރާތެއްގެ ބަހެއް ހޯދުމެއްނެތި، ތަޙުޤީޤީ ދައުރެއް ދަށުކޯޓުގެ ފަނޑިޔާރު އަދާކޮށްފައިވާތީއެވެ. ދަށުކޯޓުގެ ފަނޑިޔާރު އެ ޢަމަލުކުރި ގޮތުގެ ނުރަނގަޅު އެއް ނަތީޖާއަކީ، ސިއްރު ހެކިވެރިޔާ ކުރިން ޝަރީޢަތުގެ މަޖިލީހުގައި ތުހުމަތުކުރެވޭ ފަރާތް އައިޑެންޓިފައިކޮށް ދީފައިވާ ހެކިބަހަށް، އެ ސިޓީއާ ގުޅިގެން އަލުން، ތައުނުކުރުމުގެ ފުރުސަތު ދިފާޢުއަށް ބީވެދިއުންކަން އަހުރެންނަށް ފާހަގަކުރެވެއެވެ. ދަށުކޯޓުގެ ފަނޑިޔާރު އެ ޢަމަލުކުރި ގޮތުގެ ނުރަނގަޅު އަނެއް ނަތީޖާއަކީ، ތަޙުޤީޤުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ވަކާލާތުކުރުމުގެ ފުރުސަތު ދައުލަތަށް ބީވެދިއުންކަން އަހުރެންނަށް ފާހަގަކުރެވެއެވެ. ދަށުކޯޓުގެ ފަނޑިޔާރުގެ އެ ޢަމަލަކީ، ދައުލަތާއި ދިފާޢުގެ ޙައްޤަށްވެސް އުނިކަން ލިބޭ ޢަމަލެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

95ދެވަނަ ސަބަބަކީ، ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކުރިގޮތުން، އިސްތިއުނާފުކުރާ ފަރާތުގެ ދިފާޢުވުމުގެ ޙައްޤަށް ހުރަސްއެޅިފައިވާތީއެވެ. އެގޮތުން، އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤުގެތެރޭގައި އެ މީހަކާ ދެކޮޅަށް ހުށަހެޅޭ މައްސަލައަކީ ކޮބައިކަން އެނގުމުގެ ޙައްޤާއި އެ މައްސަލައަކަށް ޖަވާބުދިނުމުގެ ޙައްޤުވެސް ހިމެނޭއިރު، އެ ސިއްރު ހެކިވެރިޔާ ކުށުގެ ވެށީގެ ސަރަހައްދުން އިސްތިއުނާފުކުރާ ފަރާތް ދުށްކަމަށް ބުނެ އައިޑެންޓިފައިކުރީ ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެންކަމަށް ބުނެ ފޮނުވި ސިޓީ ދަށުކޯޓުގެ ފަނޑިޔާރު ސިއްރުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުން ހުށަހެޅި އެ ހެކިވެރިޔާގެ ހެކިބަހުގެ އިތުބާރާމެދު ސުވާލު އުފެއްދުމުގެ ފުރުސަތަށް ހުރަސްއެޅިފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

96ތިންވަނަ ސަބަބަކީ، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާގެ ހެކިބަހުގެ ބުރަދަނާމެދު އެ ސިޓީއާ ގުޅިގެން ސުވާލުއުފެދިފައިވީނަމަވެސް، ދަށުކޯޓުގެ ފަނޑިޔާރު ދައުލަތަށް އެކަމަށް ޖަވާބުދާރީވުމުގެ ފުރުސަތުދީފައި ނުވުމުގެ ނަތީޖާއެއްގެ ގޮތުން، އެ ހެކިބަހުގެ ބުރަދަނާމެދު އުފެދިފައިވާ ސުވާލަށް ޖަވާބުދާރީވުމުގެ ފުރުސަތު ދައުލަތަށް ގެއްލިފައިވާތީއެވެ.

97ހަތަރުވަނަ ސަބަބަކީ، ދަށުކޯޓުގެ ފަނޑިޔާރު އެ ޢަމަލުކުރިގޮތަށް ޢަމަލުކުރީ ޤާއިމުވެފައިވާ ޤާނޫނީ ކޮން އިޖުރާއަތަކާ ނުވަތަ ޤާނޫނީ ކޮން އުޞޫލަކާ ނުވަތަ ކޮން ހަމަޔަކާ އެއްގޮތަށްކަން އެނގެން ނެތަތީއެވެ.

98ފަސްވަނަ ސަބަބަކީ، ދަށުކޯޓުގެ ފަނޑިޔާރު އެ ސިޓީއާމެދު އަމިއްލައަށް ގޮތް ކަނޑައެޅީ، އެއްވެސް ފަރާތެއްގެ ބަހެއްނެތި، ނެޗުރަލް ޖަސްޓިސްގެ އާންމު އުޞޫލާވެސް ޚިލާފަށްކަމުގައިވާއިރު، ފަނޑިޔާރުގެ އިޚްތިޔާރީ ނިންމުމަށް ވާސިލުވެފައިވަނީ، އެ ސިޓީއާމެދު ގޮތް ކަނޑައެޅުމަށް އެއްވެސް އިޖުރާއަތެއް ހިންގުމެއްނެތި، ތަޢައްސުފީކޮށްކަމަށްވާތީއެވެ.

99ހެކިބަހުން ރުޖޫޢުވުމަށް އެދިފައިވާ ޙާލަތުގައި، އެ ހެކިބަހަށް ބުރަދަންދެވޭނެކަމަށް ބުނެ، ހައިކޯޓުގެ ޤަޟިއްޔާއަކާއި ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަކާ ޙަވާލާދީ، ދަށުކޯޓުގެ ނިންމުމުގައި ގޯހެއް ނެތްކަމަށް ދައުލަތުން ވަކާލާތުކޮށްފައިވީނަމަވެސް، މި އިސްތިއުނާފީ ނުކުތާގައި އޮތް ސުވާލަކީ، އެ ޙާލަތުގައި ހެކިބަހަށް ބުރަދަން ދެވިދާނެތޯ ނުވަތަ ނޫންތޯ އޮތް ސުވާލެއްކަމުގައި އަހުރެން ނުދެކެމެވެ. މި ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ، ހެކިބަސް އަދާކުރީ ބިރުދައްކައި މަޖުބޫރުކޮށްގެންކަމަށް ހެކިވެރިޔާ ބުނެ ސިޓީ ފޮނުވާފައިވާ ޙާލަތުގައި، އެކަން ވަޒަންކުރުމަށް އެއްވެސް އިޖުރާއަތެއް ހިންގުމެއްނެތި، ކުރިން އަދާކޮށްފައި އޮތް ހެކިބަހަށް ބުރަދަން ދިނުމަށް ދަށުކޯޓުގެ ފަނޑިޔާރު ނިންމި ނިންމުމުގެ މައްޗަށް ބިނާވާ ސުވާލެއްކަމުގައި އަހުރެން ދެކެމެވެ.

100HN13ސިއްރު ހެކިވެރިޔާ ސިޓީއެއް ފޮނުވިކަން ހާމަނުކުރުމާއި، އެ ސިޓީގެ މަޢުލޫމާތު އެއްވެސް މިންވަރަކަށް ހާމަނުކުރުމާއި، އެ ސިޓީއާ ގުޅިގެން އަޑުއެހުމެއް ނުބޭއްވުމަކީ އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާ އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ދުސްތޫރީ ޙައްޤާ ޚިލާފު ކަމެއްކަމުގައި އަހުރެންނަށް އެއްބަސްވެވެއެވެ. އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ކަށަވަރުކޮށްދެނީ، ހަމަ އެކަނި ޞައްޙަ ނަތީޖާއެއް ލިބޭނެކަން އެކަންޏެއްނޫނެވެ. އެ ނަތީޖާއަށް ވާޞިލުވުމުގައި ޤާނޫނީ ހަމަތަކާ އެއްގޮތަށް ޢަމަލުކުރާނެކަންވެސް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ކަށަވަރުކޮށްދެއެވެ.

101އެހެންކަމުން، މި ޙާލަތުގައި، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ފަރުވާލެއްނެތި، ސިއްރު ހެކިވެރިޔާގެ ހެކިބަހަކަށް ބުރަދަން ދިނުމަށް ދަށުކޯޓުން ނިންމާފައިވާ ނިންމުމަކީ ޞައްޙަ ނިންމުމެއްކަމުގައި، މިހިނދު، ބެލެވެން ނެތްކަމަށް އަހުރެންނަށް އެއްބަސްވެވެއެވެ.

102ބުނެވިދިޔަ ކަންކަން އެހެންހުރުމުން، މި އިސްތިއުނާފީ ނުކުތާގައި ހުށަހަޅާފައިވާ ބަހުސް އިސްތިއުނާފުކުރާ ފަރާތާ ދެކޮޅަށް ނިންމިދާނެ ޤާނޫނީ ހަމައެއް ދައުލަތަށް ބަޔާންކޮށްދެވިފައިވާކަމަކަށް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.

ހާދިސާ ހިނގި ތަނުން ފެނުނު ދެމީހުންގެ ތެރެއިން އަޙްމަދު ޒިހާން އިސްމާޢީލް ފެނުނު ކަމަށް ސިއްރުހެކިވެރިޔާ 2 ގެ ފަރާތުން ބުނެފައިވާ ބުނުމަށް ޝަރީޢަތުން ބުރަދަން ދީފައިވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށްތޯ؟

103މި އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ހެކިވެރިޔަކު ދޭ ހެކިބަހެއް އެއީ ބުއްދީގެ ހަމަތަކުން ބަލައިގަނެވޭނެ ހެކިތަކެއްތޯ ބަލައި އެ ހެކިބަސް ތަޤްޔީމުކުރުމަކީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޙުސައިން ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން ފަނޑިޔާރުންގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއްކަމަށާއި ނަމަވެސް އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރު އެފަދައިން ޢަމަލުކޮށްފައިނުވާކަމަށެވެ. އެގޮތުން، ސިއްރުހެކިވެރިޔާ 2، އިސްތިއުނާފުކުރާ ފަރާތް އައިޑެންޓިފައިކޮށްފައިވާ ގޮތާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ސުވާލުއުފައްދައެވެ. އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ސުވާލަކީ، ހާދިސާ ހިނގިރޭ، ސިއްރުހެކިވެރިޔާ 2 އަށް ފެނުނުކަމަށް ބުނާ ދެމީހުން ތިބީ މޫނު ނިވާކޮށްގެން ސިފަބަދަލުކޮށްގެންކަމަށްވާއިރު، އެއީ އިސްތިއުނާފުކުރާ ފަރާތްކަމަށް ބުނެ، ސިއްރުހެކިވެރިޔާ 2 އެ މީހުން މޫނު ނިވާނުކޮށްތިއްބައި އައިޑެންޓިފައިކުރިކުރުން ބުއްދީގެ ހަމަތަކުންވެސް ބަލައިނުގަނެވޭކަމަށާއި، އެ ހެކިބަސް ތަޤުޔީމްކޮށްފައިވެސް ނެތްކަމަށާއި، އަދި އެ ހެކިވެރިޔާ އެމީހުން އައިޑެންޓިފައިކުރި ގޮތެއްވެސް ބުނެދީފައިނުވާކަމަށް ބުނެ އުފައްދާ ސުވާލެއްކަން އެނގެއެވެ.

104HN14މި ނުކުތާގައި ހުށަހަޅާފައިވާ ބަހުސާމެދު ގޮތް ކަނޑައަޅަންބަލާއިރު، ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެން އިސްތިއުނާފުކުރާ ފަރާތް އައިޑެންޓިފައިކުރިކަމަށް ބުނެ މި ހެކިވެރިޔާ ކޯޓަށް ފޮނުވި ސިޓީއާމެދު ދަށުކޯޓުން ޢަމަލުކުރި ގޮތް ޞައްޙަ ނޫންކަމަށް ކުރިން ބަޔާންކުރެވިފައިވާއިރު، އެކަމާމެދު އަލުން ދަށުކޯޓުން ގޮތެއް ނިންމުމުގެ ކުރިން މި ނުކުތާގައި މައުލޫއީ ގޮތުން މި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ޙާލަތެއް މިހިނދު ނެތްކަމަށް އަހުރެންނަށް ބުރަވެވެއެވެ. ސަބަބަކީ، މި ހެކިވެރިޔާ އިސްތިއުނާފުކުރާ ފަރާތްތައް އައިޑެންޓިފައިކުރިކުރުމުގެ ޞައްޙަކަމާމެދު މިހިނދު ސުވާލު އުފެދިފައިވާތީއެވެ.

ސިއްރުހެކިވެރިޔާ-1 އަކީ ޢާންމު މީހެއް (lay person) ކަމަށްވީހިނދު، ހާދިސާ ހިނގިތަނުގެ ވީޑިއޯއިން ފެންނަ ފަރާތްތަކަކީ ކޮން ބައެއްކަމާމެދު އޭނާގެ ރައުޔު އެއީ ހެއްކެއްކަމަށް ބަލައިގެންފައިވަނީ ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)ގެ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނާ ބުނުން

105ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ:

" 18. (ހ) މި ޤާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ ކުށެއްގެ ތަޙުޤީޤުގައި ހޯދޭ އަންނަނިވި ބާވަތުގެ ހެއްކަކީ، އެ ކުށުގެ ދަޢުވާގައި ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކި ކަމުގައި ބެލެވޭނެއެވެ.

(1) އިސްލާމީ ޝަރީޢަތުގައި ހެކީގެ ގޮތުގައި ޤަބޫލުކުރެވޭ ކޮންމެ އެއްޗެއް؛

(2) ކުށެއް ކުރިކަމަށް އެއްބަސްވެ، މީހަކު އަނގަބަހުން، ނުވަތަ ލިޔުމުން، ނުވަތަ އެނޫންވެސް ގޮތަކުން، ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފާއި އިޤްރާރު؛

(3) މީހަކު މަރުވުމުން، ދަޢުވާއާ ގުޅުންހުރި ޙަޤީޤަތަކަށް ބާރުލިއްބައިދޭ ގޮތަކަށް، އޭނާގެ މަރުމަތީގައި އޭނާ ބުނާ އެއްޗެއް؛

(4) ކުށުގެ ތުހުމަތުކުރެވޭ މީހާގެ ޤާނޫނީ ވަކީލުގެ ހާޒިރުގައި، އޯޑިއޯ އަދި ވީޑިއޯ ރެކޯޑުކުރެވޭ ގޮތަށް، އެއްވެސް މަޖުބޫރުކަމެއް ނެތި، ކުށުގެ ތުހުމަތުކުރެވޭ މީހާގެ އަމިއްލަ އިޚްތިޔާރުގައި ދޭ ބަޔާން؛

(5) ކުށުގެ ޢަމަލާގުޅޭ ވަކި ކަމެއް މެދުވެރިކުރުވުމުގެ ނިޔަތެއް އޮތްކަން ނުވަތަ އެފަދަ ކަމެއް މެދުވެރިކުރުވުމަށް ކުށުގެ ތުހުމަތުކުރެވޭ މީހާ ތައްޔާރުވިކަން ދޭހަކޮށްދޭ އެއްވެސް ޢަމަލެއްގެ މަޢުލޫމާތެއް؛

(6) ފޮރެންސިކް ހެކި؛

(7) ރަސްމީ ލިޔުން."

މިފަދައިންނެވެ.

106ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ:

"6. ހަގީގަތެއް ސާބިތު ވެއްޖެކަމަށް ޝަރީއަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ށަރީއަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް އަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީއަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ހާއްސަ ހާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އެކަމެއްގެ ހަގީގަތް ސާބިތު ވެއްޖެކަމަށް ޝަރީއަތުގެ މަޖިލީހުން ނިންމިދާނެއެވެ."

މިފަދައިންނެވެ.

107މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރަނީ، ކޮންބައެއްކަން ސާފުނުވާ ވީޑިއޯ ފުޓޭޖަކުން ފެންނަ ފަރާތެއް އެއީ ވަކި މިވެނި ފަރާތެއްކަމާމެދު ޢާންމުންގެ މީހަކު ފާޅުކުރާ ރައުޔެއް ނުވަތަ ޚިޔާލެއް އެއީ ކަމެއް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ ހެއްކެއްކަމަށް ދަށުކޯޓުން ބަލައިގަނެފައިވާކަމަށެވެ. އަދި އެ އެފަދަ ހެއްކެއް ބަލައިގަނެވިދާނެކަމަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ. އޭގެ އިތުރުން، އެ ނިންމުން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާވެސް ޚިލާފުކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެވެ.

108HN15ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ "...ތަޙްޤީޤުގައި ހޯދޭ އަންނަނިވި ބާވަތުގެ ހެއްކަކީ، އެ ކުށުގެ ދަޢުވާގައި ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކި ކަމުގައި ބެލެވޭނެއެވެ." މިފަދައިންނެވެ. އެއަށްފަހު، 1 ވަނަ ނަންބަރުން 7 ވަނަ ނަންބަރަށް ލިސްޓެއް ހިމަނާފައިވާއިރު، އެ ލިސްޓަކީ އެކްޒޯސްޓިވް (ރެސްޓްރިކްޓިވް) ލިސްޓެއްތޯ ނުވަތަ އިންކްލޫސިޓް (ޕަރމިސިވް) ލިސްޓެއްތޯ ބަލާއިރު، އެ މާއްދާގައިވާ ޢިބާރާތުގައި މި އޮންނަނީ "...ތަޙްޤީޤުގައި ހޯދޭ އަންނަނިވި ބާވަތުގެ ހެއްކަކީ، އެ ކުށުގެ ދަޢުވާގައި ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކި ކަމުގައި ބެލެވޭނެއެވެ." މިފަދައިންކަން އެނގެއެވެ. ނަމަވެސް، ހަމައެކަނި ބަލައިގަނެވޭނީ އެ ލިސްޓްގައިވާ ހެކި އެކަނިކަމެއް އެ ޢިބާރާތުގައި ޞަރީޙަކޮށް ބަޔާންކޮށްފައެއްނުވެއެވެ. އެ ލިސްޓަކީ އެކްޒޯސްޓިވް (ރެސްޓްރިކްޓިވް) ލިސްޓެއްކަމުގައި އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.

109އެހެންކަމުން، ސިއްރުހެކިވެރިޔާ-1 އަކީ ޢާންމު މީހެއް (lay person) ކަމަށްވީހިނދު، ހާދިސާ ހިނގިތަނުގެ ވީޑިއޯއިން ފެންނަ ފަރާތްތަކަކީ ކޮން ބައެއްކަމާމެދު އޭނާގެ ރައުޔު އެއީ ހެއްކެއްކަމަށް ބަލައިގެންފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމުގައި އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.

110ކޮންބައެއްކަން ސާފުނުވާ ވީޑިއޯ ފުޓޭޖަކުން ފެންނަ ފަރާތެއް އެއީ ވަކި މިވެނި ފަރާތެއްކަމާމެދު ޢާންމުންގެ މީހަކު ފާޅުކުރާ ރައުޔެއް ނުވަތަ ޚިޔާލެއް އެއީ ކަމެއް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ ހެއްކެއްކަމަށް ދަށުކޯޓުން ބަލައިގަނެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، މި މައްސަލައިގައި، ހާދިސާ ހިނގިތަނުގެ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ސިއްރުހެކިވެރިޔާ 1 އަށް ދެއްކުމުން، އެ ފުޓޭޖް ބެލުމަށްފަހު އެ ފުޓޭޖުން ފެންނަ ބަޔަކީ ކޮންބައެއްކަން އޭނާ ބުނެފައިވާކަން އެނގެއެވެ. އަދި އެއީ ކޮންބައެއްކަން އޭނާއަށް އެނގޭގޮތް ވެސް ސަބަބާއެކު ކިޔައިދީފައިވާކަން އެނގެއެވެ. އެގޮތުން، އޭނާގެ ބުނުން ބިނާކޮށްފައިވަނީ އޭނާއަށް އިވިފައިވާ، ފެނިފައިވާ، އެނގިފައިވާ އަދި ތަޖުރިބާކުރެވިފައިވާ ކަންކަމުގެ މައްޗަށްކަން އެނގެއެވެ. އެއްވެސް ޙާލެއްގައި އެނާގެ ބުނުން ބިނާކޮށްފައިވަނީ ޚާއްޞަ ޢިލްމެއްގެ މައްޗަށް ނުވަތަ ފަންނެއްގެ މައްޗަށް ބިނާކޮށް ނޫންކަންވެސް އެނގެއެވެ. އެ ފުޓޭޖުން ފެންނަ ބަޔަކީ ކޮންބައެއްކަން ސިއްރުހެކިވެރިޔާ 1 ބެނެދިން ބުނެދިނުން އެއީ، އެ ހެކިވެރިޔާގެ ރައުޔެއް ނުވަތަ ޚިޔާލެއްކަމަށް ދަށުކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައެއްވެސްނުވެއެވެ.

111ކަންމިހެން އޮތްއިރު، ސިއްރުހެކިވެރިޔާ 1 އެ ވީޑިއޯ ފުޓޭޖުން ފެންނަ ބަޔަކީ ކޮންބައެއްކަން ބުނެދިން ބުނެދިނުމަކީ، ޢާންމުންގެ މީހަކު ފާޅުކުރި ރައުޔެއް ނުވަތަ ޚިޔާލެއްކަމަށް ސިފަކޮށް އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފުގައި ދައްކުވައިދޭން މަސައްކަތްކުރާ ފަދައިން ދަށުކޯޓުން ޢާންމުންގެ މީހަކު ފާޅުކުރި ރައުޔެއް ނުވަތަ ޚިޔާލެއް ހެއްކެއްކަމަށް ބަލައިގެންފައިވާކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެ. އަދި އޭގެ އިތުރުން، ސިއްރުހެކިވެރިޔާ 1 އެ ވީޑިއޯ ފުޓޭޖުން ފެންނަ ބަޔަކީ ކޮންބައެއްކަން ބުނެދިން ދިނުން އެއީ ޢާންމު މީހެއްގެ ރައުޔެއް ނުވަތަ ޚިޔާލެއް ހެއްކެއްކަމަށް ދަށުކޯޓުން ބަލައިގެންފައިވާކަމަށް މި ކޯޓުން މި މައްސަލައިގައި ބަލަންޖެހޭ ޤާނޫނީ ހަމައެއްވެސް އިސްތިއުނާފުކުރާ ފަރާތަށް މި އިސްތިއުނާފުގައި ބުނެދެވިފައިވާކަމަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.

112HN16ޢާންމު އުޞޫލެއްގެ ގޮތުން ބަލާއިރު، ޢާންމު މީހަކު ފާޅުކުރާ ޚިޔާލަކީ ނުވަތަ ރައުޔަކީ، އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ، ބަލައިގަނެވޭނެ ހެކި ބަހެއް ނޫންކަން އެނގެއެވެ. ހެކިވެރިޔާ ވަކި މީހަކީ ކާކުކަން ބުނެދޭ ޙާލަތުގައި، އެ މީހަކީ ހެކިވެރިޔާ ދަންނަ، ނުވަތަ ހެކިވެރިޔާ ދެކެފަރިތަ މީހެއްކަމުގައި ވާނަމަ، އެއީ ބުނެވިދިޔަ ޢާންމު އުޞޫލުން އިސްތިސްނާވާނެކަމެއްކަން އެނގެއެވެ. ސަބަބަކީ، އެ ޙާލަތުގައި ހެކިވެރިޔާ އެ މީހަކީ ކާކުކަން ބުނެދެނީ ހެކިވެރިޔާއަށް އެނގޭ މީހަކަށްވާތީ އެކަމުގެ މައްޗަށް ބިނާކޮށްގެންކަމުގައިވާތީ އާއި ހެކިވެރިޔާ އެއީ ކާކުކަން އެ ޙާލަތުގައި ބުނެދެނީ މީހުން ވަކިކުރާ މާހިރެއްގެ ރަޔުޔެއްގެ ގޮތުގައި ނޫންކަމުގައި ވާތީއެވެ.

113މިސާލަކަށް، ހެކިވެރިޔަކަށް ވީޑިއޯއަކުން މީހަކު ފެނި، އެ ފެނުނު މީހާއަކީ، ހެކިވެރިޔާގެ ރައްޓެއްސެއް، އަވަށްޓެރިއެއް ނުވަތަ ރަޙުމަތްތެރިއެއްކަމުގައިވާތީ، އެ މީހާއަކީ އެ ހެކިވެރިޔާ އަމިއްލައަށް ދަންނަ މީހެއްގެ ގޮތުގައި ދެނެގަނެ، އެއީ ކާކުކަން ބުނެދީފިނަމަ އެއީ ހެކިވެރިޔާ ފާޅުކުރާ ރައުޔެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

114HN17މި މައްސަލައިގައި ސިއްރުހެކިވެރިޔާ 1 ހެކިބަސްއަދާކޮށްފައިވަނީ ވީޑިއޯއިން ފެންނަމީހުން ސިއްރުހެކިވެރިޔާ ކުރިއްސުރެ ދަންނަ ދަތުމުގެ މައްޗަށްކަން އެނގެއެވެ. އެ ދެނެގަތުމަކީ، ވަކި ޚާއްޞަ ޢިލްމެއްގެ މައްޗަށް ނުވަތަ ފަންނެއްގެ މައްޗަށް ބިނާކޮށް ހެކިވެރިޔާ ދަނެގަތްގަތުމެއްނޫންކަން އެނގެއެވެ. އޭގެބަދަލުގައި، ހެކިވެރިޔާ ވީޑިއޯއިން ފެންނަނީ ކޮންބައެއްކަން ދެނެގަތީ، އެ މީހުންގެ ސިފަޔާ، ހަށިގަނޑުގެ ޙަރަކާތްތަކަކީ ހެކިވެރިޔާ ކުރިންވެސް އަހުލުވެރިވެފައިވާ ކަންކަމަށްވާތީ އެ ކަންކަމުގެ މައްޗަށްކަން އެނގެއެވެ. ހެކިވެރިޔަކު، މި ބީދައިން ވީޑިއޯއިން ފެންނަނީ ކޮންބައެއްކަން ބުނެދޭ ބުނެދިނުމަކީ، ޤާނޫނީ ހަމައިން ބަލައިގަނެވޭނެ ކަމެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. ހެކިވެރިޔަކު، މި ބީދައިން ވީޑިއޯއިން ފެންނަނީ ކޮންބައެއްކަން ބުނެދޭން ކޮންމެހެން ޚާއްޞަ ޢިލްމެއް ބޭނުންނުވާނެކަން އަހުރެން ފާހަގަކުރަމެވެ. ހެކިވެރިޔަކު، މި ބީދައިން ވީޑިއޯއިން ފެންނަނީ ކޮންބައެއްކަން ބުނެދޭ ޙާލަތުގައި އެއީ ފަންނީ ޤާނޫނީ މާނައިގައި "އޮޕީނިއަން އެވިޑެންސް" ކަމަށް ނުބެލެވޭނެކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ.

115ބުނެވިދިޔަ ކަންކަން އެހެންހުރުމުން، މި އިސްތިއުނާފީ ނުކުތާގައި ހުށަހަޅާފައިވާ ބަހުސް އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ނިންމިދާނެ ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިވާކަމަކަށް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.

ވީޑިއޯ އެންޑް އިމޭޖް އެނޭލިސިސް ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަހަށް ބުރަދަންދީފައިވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަތޯ؟

116ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާއާ ޙަވާލާދީ، މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ހަމަ އެކަނި އެކްސްޕަރޓް އޮޕީނިއަން އެވިޑެންސްގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ކުށް ސާބިތުނުކުރެވޭނެކަމަށެވެ. އަދި އެކަމުގެ ސަބަބެއްކަމަށް ބުނެފައިވަނީ، އެ ރައުޔު އެއީ އެހެން ހެކިތަކަށް ބާރުދޭ ނުވަތަ އެހެން ހެކިތައް އިތުރަށް ތަފުސީލުކޮށްދޭ ބާވަތުގެ ހެއްކަކަށް ވާތީކަމަށެވެ. އޭގެ ޙުއްޖަތެއްގެ ގޮތުގައި، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައި ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާއެވެ.

117ދައުލަތުންވެސް ފާހަގަކޮށްފައިވާ ފަދައިން، އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި، ކުށް ސާބިތުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ ހަމައެކަނި އެކްސްޕަރޓް އޮޕީނިއަން އެވިޑެންސްގެ މައްޗަށް ބިނާކޮށް އެކަނިނޫންކަމަށް އަހުރެންނަށްވެސް އެއްބަސްވެއެވެ. ސަބަބަކީ، ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި އެހެން ހެކިތަކަށްވެސް ދަށުކޯޓުން ރިޢާޔަތްކޮށްފައިވާކަން ސާފުކޮށް ފެންނަން އޮތަތީއެވެ.

118އެހެންކަމުން، ދަށުކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައަޅާފައި އޮތީ ހަމައެކަނި އެކްސްޕަރޓް އޮޕީނިއަން އެވިޑެންސްގެ މައްޗަށް އެކަނި ބަރޯސާވެގެންކަމަށް ސިފަކޮށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ މި ނުކުތާއަކަށް އަހުރެންނަކަށް އެއްބަހެއްނުވެއެވެ. ސަބަބަކީ، ކުށް ސާބިތުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ ހަމައެކަނި އެ ރައުޔަށް ބިނާކޮށްގެންކަން އެނގެންނެތަތީއެވެ.

119އެހެންނަމަވެސް، އަހުރެންނަށް ފާހަގަކުރެވޭ ގޮތުގައި، އިސްތިއުނާފުކުރާ ފަރާތުން އެފަދައިން، މި އިސްތިއުނާފުގައި ފާހަގަކޮށްފައި އެވަނީ، އެހެން ހެކިތަކާގުޅިގެންވެސް މި އިސްތިއުނާފުގައި ސުވާލުއުފައްދާފައިވާތީ ކަމަށް ބެލެވެއެވެ. މި އިސްތިއުނާފުގައި އެހެން ހެކިތަކާގުޅިގެން އުފައްދާފައިވާ ސުވާލުތަކަށް އެ ހެއްކަކާ ގުޅުން ހުރި ނުކުތާތަކުގައި އަހުރެންނަށް ފާހަގަކުރެވޭ ކަންކަން ބަޔާންކޮށްފައިވާނެއެވެ.

120އިސްތިއުނާފުކުރާ ފަރާތުން ދެން ފާހަގަކޮށްފައިވަނީ، ޚަބީރުންގެ ރައުޔު އެއީ އެފަދަ ރައުޔެއްކަމަށް ބެލެވޭނީ، ޚަބީރުންގެ ދައުރު އެގޮތުގެ މަތިން އަދާކުރެވޭ ޙާލަތުގައިކަމަށް ބުނެ ފާހަގަކުރާ ނުކުތާއެކެވެ. އަދި އެ ދައުރު މި މައްސަލައިގައި އަދާކުރުރެވިފައިވޭތޯ ބެލުމަށްޓަކައި އިނގިރޭސިވިލާތުގައި ލިޔެވިފައިވާ ތަފުސީލު އުސޫލުތަކަކަށް ރިޢާޔަތްކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން މި ކޯޓުގައި އެދިފައިވެއެވެ. ދައުލަތުން، އޭގެ ޖަވާބުގައި ފާހަގަކޮށްފައިވަނީ، އެ އުޞޫލު ތަޠުބީޤުކޮށް އެއީ ރާއްޖޭގައި ޢަމަލުކުރުން ލާޒިމް އުޞޫލެއްކަމަށް ބުނެވޭނެކަމަށް ނުދެކޭކަމަށެވެ. އެގޮތަށް ދެކޭ ސަބަބެއްގެ ގޮތުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގައި ހެއްކާބެހޭ ޤާނޫނެއް އަދި އެ ނޫން ޤާނޫނެއްގައިވެސް ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ވަޒަންކުރުމުގެ އުޞޫލެއް ބަޔާންވެފައި ނުވާތީކަމަށެވެ.

121ނަމަވެސް، މިއީ އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގައިވެސް ރިޢާޔަތްކޮށްދޭން އެދުނުކަމެއްކަމަށް ބުނެ، ދަށުކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިނެތުމުން މި އިސްތިއުނާފުގައި ކުރާ ޝަކުވާއެއްކަމުގައި ބުނެ، އެކަން އެގޮތަށް ފާހަގަކޮށްފައި ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި، އެ އުޞޫލު ތަޠުބީޤުކުރުމާމެދު އައްވަލަށް މި މަރުޙަލާގައި ގޮތް ކަނޑައަޅަންޖެހޭކަމަށް ދެކި އެކަމުގެ ޤާނޫނީ އަސާސެއްވެސް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައި ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

122މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދެން ފާހަގަކޮށްފައިވަނީ ތަޢައްސުބުން އެއްކިބާވުމަށް އެނަލިސްޓް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ބުނެފާހަގަކުރާ ނުކުތާއެކެވެ. އަދި ފަނޑިޔާރުގެ ފަރާތުން އެނަލިސްޓްގެ ރައުޔު އޭގެ މޫނުމަތީ އަގަށް ބަލައިގަނެ އިތުރު ސުވާލެއް އަދި ތަޤްޔީމްކުރުމެއް ނެތި އެއަށް ބުރަދަންދީފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެވެ.

123ތަޢައްސުބުން އެއްކިބާވުމާ ގުޅޭގޮތުން ދަށުކޯޓުގެ ފަނޑިޔާރަށް ފާހަގަވި ކަންކަންވެސް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވާކަން އެނގެއެވެ. އެގޮތުން، އެ ރިޕޯޓުގެ 125 ވަނަ ޕެރެގްރާފާއި 126 ވަނަ ޕެރެގްރާފުގައި އެކަން ބަޔާންކޮށްފައިވެއެވެ. އެގޮތުން، 126 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވަނީ، މި މައްސަލައިގައި، ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް ހެދި ފަރާތުން، ތަޢައްސުބުން އެއްކިބާވުމުގެ ގޮތުން ކުރިކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހަމައެކަނި، އެއްގޮތްނޫން ސިފަ ބަޔާންކުރާކަން އެކަންޏެވެ. ނަމަވެސް އެފަދައިން އެއްވެސް ރިޕޯޓެއްގައި ބަޔާންކޮށްފައި ނުވުމުން، މިއީ އެކަށީގެންވާ މިންވަރެއްގައި ތަޢައްސުބުން އެއްކިބާވުމަށް މަސައްކަތްކުރުން ކަމުގައި ނުދެކެމެވެ." މިފަދައިންނެވެ.

124އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ތަޢައްޞުބާ ގުޅޭގޮތުން ފާހަގަކުރާ ކަންބޮޑުވުން މި މައްސަލައިގައި އޮތްކަން ދަށުކޯޓުގެ ފަނޑިޔާރަށްވެސް ޤަބޫލުކުރެވިފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

125ދަށުކޯޓުގެ ފަނޑިޔާރު އެ ރައުޔާމެދު ނިންމި ގޮތް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ. އެގޮތުން، އެ ރިޕޯޓުގެ 125 އަދި 126 ވަނަ ނަންބަރު ޕެރެގްރާފުގައި ދަށުކޯޓުގެ ފަނޑިޔާރަށް ފާހަގަވިކަންކަން ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ސިފަކުރާ ގޮތާ ޚިލާފަށް، ދަށުކޯޓުގެ ފަނޑިޔާރު އެ ރައުޔު ބަލައިގަތީ، އޭގޭ މޫނުމަތީ އަގުގައި ނޫންކަމާއި، އެ ރައުޔު ބަލައިގަތީ އިތުރު ސަމާލުކަމެއްދީގެންކަމަށާއި، މައްސަލައިގައި ހުށަހަޅާފައިވާ އެހެން ހެކިތަކާ ގުޅުވާލެވޭ ކަންތައްތަކެއް ހުރިތޯއާއި ފުށުއެރުމެއް ހުރިކަމަށްވާނަމަ އެކަމެއް ޝަރީޢަތުން ބަލާފައިވާނެކަމަށް ބަޔާންކޮށްފައިވާކަން އެ ރިޕޯޓުގެ 126 ވަނަ ނަންބަރު ޕެރެގްރާފްގައި ބަޔާންކޮށްފައިވާކަން އެނގެއެވެ.

126އެގޮތުން، ދަށުކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވަނީ "...އިސްވެ ދެންނެވުނު ބާވަތްތަކުގެ ތެރެއިން މައިގަނޑު ހުރިހާ ތަޢައްސުބެއް އުފެދުމުގެ އިޙްތިމާލް ފާޅުކަންބޮޑުގޮތެއްގައި ފެންނަން އެބައޮތެވެ. އަދި، މި ތަޢައްސުބުން އެއްކިބާވުމަށް އޭނާ އެޅި ހަރުދަނާ ފިޔަވަޅެއް ޝަރީޢަތުގައި ބުނެދެވިފައިނެތުމުން، މި ހެކިތަކަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، އިތުރު ސަމާލުކަމެއްދީ، މި ހެކިތަކާއި މައްސަލާގައި ހުށަހަޅާފައިވާ އެހެނިހެން ހެކިތަކާ ގުޅިވައިލެވޭ ކަންތައްތަކެއް ހުރިތޯ އަދިފުށުއެރުމެއް ހުރިކަމަށްވާނަމަ އެކަމެއް ޝަރީޢަތުން ބަލައިފައިވާނެއެވެ." މިފަދައިންކަން އެނގެން އޮވެއެވެ.

127ދަށުކޯޓުގެ ފަނޑިޔާރު އެ ރައުޔު ބަލައިގަނެ އެ ރައުޔަށް ކޮންމެވެސް މިންވަރެއްގެ ބުރަދަނެއް ދީފައިވަނީ ބުނެވިދިޔައުނިކަންކަން ހުރިކަން ފާހަގަކުރުމާ އެކު އެކަމަށްސަމާލުވެގެންކަމުގައި އަހުރެންނަށް ބުރަވެވެއެވެ

128އިސްތިއުނާފުކުރާ ފަރާތުން ދެން ފާހަގަކޮށްފައި އޮތް އަނެއް ކަމަކީ، ޚަބީރު ބޭނުންކޮށްފައިވާ މެތޮޑޮލޮޖީ ބިނާވާ ސައިންޓިފިކް ބޭސިސް ކިޔައިދީފައިނުވާކަމަށާއި، އެ ފަރާތުން ބޭނުންކުރި ކްރައިޓީރިއާއެއް ބޭނުންކޮށްގެން ފަނޑިޔާރުގެ ފަރާތުން މިނިވަންކަމާއެކު ނިންމުންތަކަށް ވާސިލުވެވޭ މިންވަރަށް އެ ފަރާތުން ބޭނުންކޮށްފައިވާ ކްރައިޓީރިއާ ކިޔާދީފައި ނުވާކަމަށާއި، ފަނޑިޔާރުގެ ފަރާތުން އެ ރައުޔަށް ރިޢާޔަތްކުރުމުގައިވެސް އެފަދަ ކްރައިޓީރިއާތަކެއް ފާޅުވެފައިވާކަން ފާހަގަކޮށްފައިނުވާކަމަށާއި، އަދި އެނަލިސްޓްގެ ރައުޔުގެ މޫނުމަތީ އަގަށް ބަލައިގަނެ އެއަށް ބުރަދަންދީފައިވާކަމަށް ބުނެ ފާހަގަކުރާ ނުކުތާއެކެވެ. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުގެ ބުނުމާ ދައުލަތުން އެއްބަސްނުވާކަން ފާހަގަކުރެވެއެވެ.

129މި ނުކުތާގައި ވާހަކަ ދެކެވޭ ޚަބީރުގެ ރައުޔަށް ރިޢާޔަތްކުރަން ބަލާއިރު، އެ އެނަލިސްޓްގެ ކޮލިފިކޭޝަނާއި މުސްތަޤިއްލުކަމާމެދު މި އިސްތިއުނާފުގައި އެއްވެސް ސުވާލެއް އުފައްދާފައި ނެތްކަން އެނގެއެވެ. އެގޮތުން، އޭނާގެ ތަޢުލީމާއި، ތަމުރީނާ އަދި ތަޖުރިބާއާމެދު އެއްވެސް ޚިލާފެއް އޮތްކަމަށް ބުނެ މި އިސްތިއުނާފުގައި އެކަން ފާހަގަކޮށްފައިނެތްކަން ފާހަގަކުރެވެއެވެ. އަދި އޭނާގެ މުސްޤިއްލުކަން ގެއްލޭގޮތަކަށް އޭނާ ޢަމަލުކޮށްފައިވާކަމަށްބުނެ އެފަދަކަމެއްވެސް މި އިސްތިއުނާފުގައި ފާހަގަކޮށްފައި ނެތްކަން އެނގެއެވެ.

130މި ނުކުތާގައި ވާހަކަ ދެކެވޭ ޚަބީރުގެ ރައުޔަށް ނަޒަރުކުރާއިރު، އެ އެނަލިސިސް ހެދުމަށް އޭނާ ބޭނުންކުރި ޓޫލްއަކީ ”Amped FIVE“ ގެ ނަމުން ނަންދެވިފައިވާ ސޮފްޓްވެއަރ އެއްކަން އެނގެން އޮވެއެވެ. އެ ޓޫލް ބޭނުންކުރީ އިމޭޖް އެންހާންސްކުރުމަށްކަން އެނގެއެވެ. އިމޭޖް އެންހާންސްކުރުމަށްފަހު، އެ އެނަލިސްޓް ޢަމަލުކުރިގޮތް އޭނާ ކިޔައިދީފައިވާކަން އެނގެއެވެ. އެ އެނަލިސްޓް ހެދި ކޮމްޕެރިޒަނާއި، އޭނާއަށް ފާހަގަވީ ކަންކަންވެސް ކިޔައިދީފައިވާކަން އެނގެއެވެ. އިސްތިއުނާފުކުރާ ފަރާތްތަކާ އެއްގޮތް ސިފަތަކެއް ހުރިކަން އެނަލައިޒްކުރިކުރުމުން ފާހަގަވެފައިވާކަމަށް އެނަލިސްޓް ބުނެ އޭގެ ތަފުސީލު ބަޔާންކޮށްދީފައިވާކަން އެނގެއެވެ. އަދި ސީދާ ކަނޑައެޅިގެން އެއީ ވަކި މިވެނި ބައެއްކަމަށްބުނެ ޚަބީރަކު ޢަމަލުކުރަން ނުވާގޮތަށް އޭނާ ޢަމަލުކޮށްފައި ނެތްކަން އެނގެއެވެ. ތިމަންނާއަކީ އެނަލިސްޓްކަމަށްވާތީ، ހަމައެކަނި އެނަލިސްޓް ބުނާ ބަހަށް އިތުބާރުކުރާށޭ ބުނެ، އެއްވެސް އަސާސެއްނެތި، ފޮޓޯ އާއި ވީޑިއޯއިން ފެންނަ ފަރާތަކީ އިސްތިއުނާފުކުރާ ފަރާތްކަމުގައި އޭނާ ބުނެފައިނުވާކަންވެސް އެނގެއެވެ. އޭގެ ބަދަލުގައި އެނަލިސްޓް އެކަން ދެނެގަތުމަށް ބޭނުންކުރި ޓޫލް އާއި، އެ ޓޫލް ބޭނުންކޮށްގެން އޭނާ ކުރީ ކޮންކަމެއްކަމާއި، އެއަށްފަހު އޭނާ ޢަމަލުކުރިގޮތާއި، ނަތީޖާއަށް ވާސިލުވީ ވަކި ކަންތައްތަކެއް ފާހަގަކުރެވިގެންކަމާއި، އަދި އެކަންކަމަކީ ކޮބައިކަން ބުނެދީފައިވާކަން ޚަބީރު ޝަރީޢަތުގެ މަޖިލިހުގައި ދިން ބަޔާނަށް ބެލުމުން އެނގެއެވެ. އަދި ދަށުކޯޓުގެ ފަނޑިޔާރުވެސް އެކަންކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައިވެސް ބަޔާންކޮށްފައިވާކަން އެނގެއެވެ.

131ބުނެވިދިޔަ ކަންކަން އެހެންހުރުމުން، މި އިސްތިއުނާފީ ނުކުތާގައި ހުށަހަޅާފައިވާ ބަހުސް އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ނިންމިދާނެ ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިވާކަމަކަށް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން ލިބިދީފައިވާ ޙައްޤު ހަނިވާގޮތަށް އަދި، ޤަޠުލު ޢަމްދަކީ ޤިޞާޞް ހިފޭ ބާވަތުގެ މައްސަލައެއްކަމުގައި ވީހިނދު، ހެކިބަހުގެ މިސްދާޤިއްޔަތު (Credibility) އާއި، ހެކިބަހުގެ މައުޘޫޤިއްޔަތު (Reliability) ގެއްލިފައިވާ ހެކިބަސްތަކަކަށް ބުރަދަންދިނުމުގެ ސަބަބުން އެ ބާވަތުގެ މައްސަލަތައް ނިންމުމުގައި ސާބިތުވާންޖެހޭ "އެއްވެސް ޝައްކެއް ނެތް" މިންގަނޑަށް ވާޞިލުވެފައިނުވަނީސް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވޭތޯ؟

132ސިއްރުހެކިވެރިޔާ 2 އިސްތިއުނާފުކުރާ ފަރާތް އައިޑެންޓިފައިކުރީ ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެންކަމަށް ބުނެ ފޮނުވާފައިވާ ސިޓީއާ ގުޅިގެން ދަށުކޯޓުން ނިންމި ނިންމުން ޞައްޙަކަމަށް މިހިނދަށް ބެލެވެން ނެތަތީ އަދި ސިއްރުހެކިވެރިޔާ 2 ގެ ހެކިބަހާ މެދު މިހިނދު ގޮތެއް ކަނޑައެޅެން ނެތަތީ މި ނުކުތާއާމެދު މިހިނދު ގޮތް ކަނޑައެޅިދާނެކަމަކަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެ.

ނިންމަން ފެންނަ ގޮތް

133ބުނެވިދިޔަ ކަންކަން އެހެން ހުރުމުން، ދަށުކޯޓުގެ ޙުކުމުގައި، އަޙްމަދު ޒިހާން އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން، ބާޠިލުކޮށް، އަލުން ގޮތް ކަނޑައެޅުމަށް ދަށުކޯޓަށް މި މައްސަލަ ތަޙްވީލުކޮށް މި ޤަޟިއްޔާ ނިންމަން ފެނެއެވެ. މިފަދައިން ނިންމާއިރު، ދަށުކޯޓަށް އަންނަނިވި އިރުޝާދު ދިނުމަށްވެސް ފެނެއެވެ.

އިރުޝާދު

134HN18ސިއްރުހެކިވެރިޔާ އިސްތިއުނާފުކުރާ ފަރާތް އައިޑެންޓިފައިކުރީ ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެންކަމަށް ބުނެ ފޮނުވާފައިވާ ސިޓީއާ ގުޅިގެން:

1. އެއީ ހަމަ ޙަޤީޤަތުގައިވެސް އެ ސިއްރުހެކިވެރިޔާ ފޮނުވި ސިޓީއެއްތޯ ޝަރީޢަތުން ކަށަވަރުކޮށް،

2. އެއީ އޭނާ ފޮނުވި ސިޓީއެއްކަމުގައިވާނަމަ، އެ ސިއްރުހެކިވެރިޔާގެ އައިޑެންޓިޓީ ހާމަނުވާނެގޮތަށް، އެ ސިޓީގެ ކޮންޓެންޓް ޚަޞްމުންނާ ހިއްސާކޮށް،

3. އަޑުއެހުމެއް ތާވަލުކޮށް ޚަޞްމުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމަށް ފުރުސަތުދީ، އެއަށްފަހު، ކުރިން އޭނާ އަދާކޮށްފައިވާ ހެކިބަހާމެދު ޝަރީޢަތުން ގޮތެއް ނިންމުމަށް އިރުޝާދުދޭން ފެނެއެވެ.

135އެ ހެކިވެރިޔާގެ ބަސް ބަލައިގަންނަން ނިންމައިފި ޙާލަތެއްގައި، މޫނު ނިވާކޮށް ވިގުޖަހައި ސިފަބަދަލުކޮށްގެން ތިބި ބަޔަކު، އެ ސިއްރުހެކިވެރިޔާ އައިޑެންޓިފައިކުރިކުރުމާ ގުޅޭގޮތުން މި އިސްތިއުނާފުގައި އުފައްދާފައިވާ ސުވާލަށް ޖަވާބު ލިބޭނެގޮތަށް އެ ނުކުތާއާމެދު ގޮތެއް ކަނޑައަޅައި، ހެކިތަކުން، ކުރެވޭ ޖުމްލަ ދޭހައަކީ ކޮބައިކަން ބަޔާންކޮށް، ދަޢުވާއާމެދު އަލުން ގޮތެއް ކަނޑައެޅުމަށް އިރުޝާދުދޭން ފެނެއެވެ.

136އެ ހެކިވެރިޔާގެ ހެކިބަސް ބަލައިނުގަންނަން ނިންމައިފި ޙާލަތެއްގައި، އެ ހެކި އެއްފަރާތްކޮށް، ބާކީ ހުރި ހެކިތަކުން ކުރެވޭ ޖުމްލަ ދޭހައަކީ ކޮބައިކަން ބަޔާންކޮށް، ދަޢުވާއާމެދު އަލުން ގޮތެއް ކަނޑައެޅުމަށް އިރުޝާދުދޭން ފެނެއެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު

137ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

138ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ނަންބަރު 2022/HC-A/154 ގަޒިއްޔާ (އިސްމާއީލް ހައިޝަމް ރަޝީދު ހުށަހެޅި އިސްތިއުނާފު)

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

139ނަންބަރު 2022/HC-A/154 އިސްތިއުނާފުގައި އިސްމާއީލް ހައިޝަމް ރަޝީދު ހުށަހަޅާފައި ވަނީ ޖުމުލަ 8 އިސްތިއުނާފީ ނުކުތާއެވެ. މި ނުކުތާތަކުގެ ތެރެއިން 7 ނުކުތާއަކީ ނަންބަރު 2022/HC-A/145 އިސްތިއުނާފުގައި އަޙްމަދު ޒިހާން އިސްމާޢީލް ވެސް ހުށަހެޅި 7 ނުކުތާއެވެ. އެ ނުކުތާތަކުގައިވާ ގާނޫނީ ބަހުސާއި ތަފުސީލުތައް ހުރީ އެއް ގޮތަކަށެވެ. މި 7 އިސްތިއުނާފީ ނުކުތާ މި ރިޕޯޓުގެ 6 ވަނަ ނުކުތާގައި، ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔުގައި ބަޔާންވެފައި އެ ވަނީއެވެ. އަދި އޭގެ ތިރިއަށް ތަފުސީލުތައް ވެސް ބަޔާންކޮށްފައި އެ ހުރީއެވެ.

140މި ހަވާލާދިން 7 ނުކުތާއާ ގުޅޭ ގޮތުން ނަންބަރު 2022/HC-A/145 އިސްތިއުނާފުގައި ފަނޑިޔާރު ޙަސަން ޝަފީޢު ބަޔާންކުރެއްވި ރައުޔަށް އަހުރެން ތާއީދުކޮށްފައިވުމާއެކު، މި އިސްތިއުނާފުގައިވާ މި 7 ނުކުތާއާ ގުޅޭ ގޮތުން ވެސް އަހުރެންނަށް ފެންނަނީ، އެ ނުކުތާތަކާ ގުޅޭ ގޮތުން ނަންބަރު 2022/HC-A/145 އިސްތިއުނާފުގައި ފަނޑިޔާރު ޙަސަން ޝަފީޢު ފާހަގަކުރެއްވި ގޮތަށް ގޮތް ނިންމާށެވެ.

141އިސްމާއީލް ހައިޝަމް ރަޝީދު ހުށަހެޅި މި އިސްތިއުނާފުގައި އިތުރަށް އޮތް ނުކުތާއަކީ "ދަށުކޯޓުން މައްސަލަ ނިންމެވިއިރު، ފިންގަރޕްރިންޓަށާއި، އޭގެ ޗެއިން އޮފް ކަސްޓަޑީއަށް ޝައްކު އުފައްދާފައިވާއިރު، އެ އުފެއްދި ޝައްކަކީ އިރެގިއުލިޓީއެއްކަމަށް ބަލައި، ފިންގަރޕްރިންޓަށް ޤީމާއެއް ދީގެން އެހެކި ތަޤުޔީމްކޮށްފައި ވަނީ ޤާނޫނު ނަންބަރު: 24/76 ގެ 5 ވަނަ މާއްދާ އާއިتفسير الشك لمصلحة المتهم ގެ ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށްވުން" މިއެވެ.

142މި ނުކުތުގާއި އިސްމާއީލް ހައިޝަމް ރަޝީދު ސުވާލު އުފައްދާ، ނަންބަރު K(d)/FCR/2017/036 "ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯރޓް" އަށް ބަލާއިރު، އެގްޒިބިޓް ނަންބަރު QE1704925 ގައިވާ ފިންގަރޕްރިންޓާއި އިސްމާއީލް ހައިޝަމް ރަޝީދުގެ ކަނާތު ޝަހާދު އިނގިލީގެ ފިންގަރޕްރިންޓަކީ އެކަކުގެ ފިންގަރޕްރިންޓް ކަމަށް ނިންމާފައިވެއެވެ. މި ގޮތުން "ރިޖް ޕެޓާން، ރިޖް ދައުރުކޮށްފައިވާ ގޮތް އަދި ރިޖްގެ ސިފަތަކުގެ 14 ސިފަ" އެއްގޮތްވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

143މި "ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯރޓް" ގައި ހަވާލާދޭ ނަންބަރު QE1704925 އެގްޒިބިޓަކީ، މ.ސްޕެޓިއުލާ ގޭގެ ގްރައުންޑް ފްލޯރގެ ލިފްޓް ބޭރުގައި ހުރި ކެމެރާގެ ބޭރު ކަވަރުން ނެގި ލޭޓަންޓް ފިންގަރޕްރިންޓް އިމްޕްރެޝަންއެވެ. އިސްމާއީލް ހައިޝަމް ރަޝީދު އުފައްދާ މައިގަނޑު އެއް ސުވާލު ބިނާވަނީ، މި އިމްޕްރެޝަން ނަގަން ހާއްސަ ޕޮލިސް އޮފިސަރއެއް ގެނެސްފައި ވާތީ އެކަމާ ގުޅިގެންނެވެ. އަނެއް ސުވާލު ބިނާވަނީ، މި އިމްޕްރެޝަންގެ ޗެއިން އޮފް ކަސްޓަޑީގައި "ލިފްޓްކުރި އޮފިސަރ"ގެ ނަން ކަނޑާފައި ވާތީއެވެ.

144ޝައްކެއް ވެސް ނެތް ގޮތުގައި ފިންގަރޕްރިންޓް އެވިޑެންސަކީ، ކަމުގެ ހަމަތައް ހިފެހެއްޓިފައިވާނަމަ، މީހުން އައިޑެންޓިފައިކުރުމުގައި ބޭނުންހިފޭ އެންމެ އިތުބާރުހުރި އެއް ފޮރެންސިކް ހެކީގެ ވައްތަރެވެ. މި ހެކީގެ ބުރަދަން ވަރަށް ބޮޑަށް ބަރޯސާ ވަނީ ހެކީގެ އިންޓެގްރެޓީ އަދި އޮތެންޓިސިޓީ ނެގެހެއްޓުމަށް ތުނޑުންތުނޑަށް އަޅައި ދަމަހައްޓާފައިވާ ފިޔަވަޅުތަކުގެ މައްޗަށެވެ. ފިންގަރޕްރިންޓް އެވިޑެންސްއާ ގުޅޭ ކޮންމެ ޑިފެކްޓްއަކަށް ނުވަތަ އައިބަކަށް ކޯޓުން ރަނގަޅަށް ރިއާޔަތްކުރުން ހުއްޓެވެ. އެހެނީ މި ހެކީގެ ސައިންޓިފިކް ހަގީގަތް ކިތަންމެހައި ސާފު ނަމަވެސް، ހެކީގެ ޕްރޮސީޖަރަލް އިންޓެގްރެޓީ އިހުމާލުކޮށްލެވެން ނޯންނާނެތީއެވެ.

145ފިންގަރޕްރިންޓް އެވިޑެންސްގައިވާ އައިބަކީ، ހެކި ނެގުމުގައި، ލިޔެކިއުން ތައްޔާރުކުރުމުގައި، ނަގުލުކުރުން ނުވަތަ ރައްކާކުރުމުގެ މަރުހަލާގައި ހިނގި ކަމަކުން އުފަންވި އައިބަކަށް ވެސް ވެދާނެއެވެ. މިކަމުގައި ދަންނަންވީ ކަމަކީ، މިފަދައިން އުފެދޭ އައިބެއްގެ ސަބަބުން ހެކި ބަލައިގަތުމަށް އަސަރުކުރާނީ ނަގާފައިވާ ލޭޓެންޓް ޕްރިންޓާމެދު ނުވަތަ ނަތީޖާއާމެދު ސުވާލު އުފެދޭ ހާލަތުގައި ކަމެވެ. އެއީ، ހެކީގެ އައިޑެންޓިޓީ ނުވަތަ އިންޓެގްރެޓީއާމެދު ހަގީގީ ޝައްކެއް އުފެދޭފަދަ - މިސާލަކަށް، ހެއްކާ ކުޅުން ނުވަތަ ބަދަލުކުރުން ނުވަތަ ގަޑުބަޑުކުރުން ފަދަ - ބޮޑު ކަމެއް ހިނގުމެވެ. އެ ނޫން އިޖުރާއީ އައިބުތައް - މިސާލަކަށް، ފާހަގަޖެހުމުގައި ނުވަތަ ލިޔުމުގައި ނުވަތަ ކަންކަން ހަމައަށް ހިމެނުމުގައި ޖެހޭ ކުދިކުދި ކުށްތައް - އެއީ އޭގެ ޒާތުގައި ހެކި ބަލައިގަތުމަށް އަސަރުކުރުމުގެ ބަދަލުގައި، ވަށައިގެންވާ ހާލަތަށް ބިނާކޮށް އެކަށީގެންވާ ގޮތެއްގައި ސަބަބު ބަޔާންކޮށްދެވޭނަމަ، ހެކީގެ ބުރަދަނަށް މެނުވީ އަސަރެއް ކުރާނޭވަރުގެ ކަންކަމެއް ނޫނެވެ. މާނައަކީ، އައިބުން ހެއްކަށް ކުރާ އަސަރު ކޯޓުން ވަޒަންކުރަން ވާނީ ޖެހޭ ކޫސަނި ކުށްތަކާއި، ހެކީގެ ސީދާ ހިތަށް ހެރޭ އައިބުތައް ފަރަގުކުރެވޭނޭ ބީދައަކުން ކަމެވެ.

146ފިންގަރޕްރިންޓް އެވިޑެންސްއަށް ފުރިހަމަ ބުރަދަން ދިނުމުގައި ރަނގަޅަށް ބެލެހެއްޓި ދެމެހެއްޓިފައިވާ ޗެއިން އޮފް ކަސްޓަޑީއެއް އޮތުން ލާޒިމެވެ. އެއީ ހެކީގެ ނަޒާހާތްތެރިކަން ކަށަވަރުކުރުމަށްޓަކައެވެ. ޗެއިން އޮފް ކަސްޓަޑީގައި އައިބެއް ވާނަމަ ނުވަތަ އެފަދަ އައިބެއް ފަހުން ރަނގަޅުކޮށްފައިވާނަމަ ވެސް، އެކަމުގައި ކޯޓުން ކުރަންޖެހޭ އަސާސީ ރިއާޔަތަކީ، އެ އައިބުގެ ސަބަބުން ހެކީގެ ޗެއިން އޮފް ކަސްޓަޑީއަށް ބަޔާންކޮށް ނުދެވޭ މެދުކެނޑުމެއް ނުވަތަ ހުސްކަމެއް އައިސްފައިވޭތޯ އާއި، ހެއްކާ ކުޅެ ގަޑުބަޑުކުރެވިދާނެ ހާލަތެއް މެދުވެރިވިތޯ އާއި، ހެކި އޭގެ ގޮތުގައި ބަދަލު ނުވެ ދެމެހެއްޓިފައިވޭތޯއެވެ.

147މި މައްސަލާގައި ފާހަގަކުރާ ފުރަތަމަ އައިބަކީ، ކެމެރާގެ ބޭރު ކަވަރުން ފިންގަރޕްރިންޓް ނަގަން ހާއްސަ ޕޮލިސް އޮފިސަރއެއް ގެނައުމެވެ. މި ކަމާ ގުޅިގެން ފާހަގަވާ ގޮތް ތިރީގައި މި ބަޔާންކުރަނީއެވެ.

147.1 ކެމެރާގެ ބޭރު ކަވަރުން ފިންގަރޕްރިންޓް ނެގުމުގައި ކަންހިނގި ގޮތް އެނގެން އޮތް އެއް ލިޔުމަކީ، ނަންބަރު K(a)/SCOR/2017/161 "ސީން އޮފް ކްރައިމް އޮފިސަސް ރިޕޯރޓް" އެވެ. މި ރިޕޯޓުގައި ޕޮލިސް އޮފިސަރ ސަރިއްޔާ (ސ.ނ 2076) ބަޔާންކޮށްފައި ވަނީ "މި ސީންގައި ލިފްޓާއި ދިމާ މަތީގައި ހަރުކޮށްފައި އިން ސީ.ސީ.ޓީ.ވީ ކެމެރާއިން ފިންގަރޕްރިންޓެއް ހުރިތޯ ބަލާ ލިފްޓްކުރުމަށް ފިންގަރޕްރިންޓް ލެބޯޓްރީގައި މަސައްކަތްކުރާ ޕޮލިސް ސ.ސާރޖަންޓް އަދުހަމް އަލީ (ސ.ނ 3409) ސީންއަށް ގެނެވުނެވެ. މިގޮތުން ދެންނެވުނު ކެމެރާއިން ފިންގަރޕްރިންޓް ލިފްޓްކުރީ އޭނާއެވެ." މި ފަދައިންނެވެ.

147.2. ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ފިންގަރޕްރިންޓް ނަގަން ގެނައި ސަބަބު، 15 އޮކްޓޫބަރ 2019 ވަނަ ދުވަހު ޕޮލިސް އޮފިސަރ ސަރިއްޔާ (ސ.ނ 2076) ދީފައިވާ ހެކިބަހުން ސާފުވެއެވެ. ޕޮލިސް އޮފިސަރ ސަރިއްޔާ (ސ.ނ 2076) ހެކިބަސްދެމުން ބުނެފައި ވަނީ، ކެމެރާއިން ފިންގަރޕްރިންޓް ނަގާފައި ވަނީ "ފިންގަރޕްރިންޓް ލެބޯޓަރީގައި އެކްސްޕާޓެއްގެ ގޮތުން މަސައްކަތްކުރައްވާ އަދުހަމް" ކަމަށާއި، ސީންގައި ސަރިއްޔާ މަސައްކަތްކުރީ އެ ވަގުތު ހަވާލުވެހުރި ނާފިއު އަބްދުއްސަމަދުގެ އިރުޝާދުގެ ދަށުން ކަމަށާއި، "ނާފިއު ބޭނުންވީ އެ ސީންގެ ގޮތުން ފިންގަރޕްރިންޓް ލެބޯޓަރީގައި މަސައްކަތްކުރާ އެކްސްޕާޓެއް އައިސް އޭތި ޑިވެލޮޕްކުރުމަށް" ކަމަށެވެ.

147.3. މި ކަން ހިނގާދިޔަ ގޮތާ ގުޅޭގޮތުން، 15 އޮކްޓޫބަރ 2019 ވަނަ ދުވަހު ހެކިބަސްދެމުން ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ބުނެފައި ވަނީ، އޭނާއަކީ، ފިންގަރޕްރިންޓް ދާއިރާއިން ސީން އޮފް އޮފިސަރސް ކޯހަކާއި، ފިންގަރޕްރިންޓް ކޯހެއްގެ އިތުރުން ފިންގަރޕްރިންޓް އައިޑެންޓިފިކޭޝަން ޓްރެއިންނިންގއަކާއި، ފިންގަރޕްރިންޓް ޑިވެލޮޕްމެންޓް އެންހޭންސްމެންޓް ޓްރެއިނިންގއަކާއި، ފިންގަރޕްރިންޓް ކޮންޕިޓެންސީ އެސެސްޕެންޓް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމަށާއި، ބޮޑެތި ސީންތަކުގައި އެކަމާ ގުޅުންހުރި ދާއިރާއަކުން ސީން އޮފް ކްރައިމް އޮފިސަރުން ރިކުއެސްޓްކުރުމާއެކު ސީންތަކަށް ހާޒިރުވުމަކީ އެކަމުގައި އަމަލުކުރާ އުސޫލެއް ކަމަށާއި، މި ސީންގައި ވެސް އަމަލުކޮށްފައި ވާނީ އެ ގޮތަށް ކަމަށާއި، މި މައްސަލައިގެ ކްރައިމް ސީންއަށް ފިންގަޕްރިންޓް ނެގުމަށް ދިޔައީ، ފިންގަރޕްރިންޓް ނެގި ކެމެރާ ހަރުކޮށްފައި އިނީ މަތީގައި ކަމަށް ވާތީ އާއި، އެ ކެމެރާއިން ފިންގަރޕްރިންޓް ނަގަން އުނދަގޫވާނެކަމަށް ފެނިގެން ގުޅާފައި އައުމަށް އެންގުމުން ކަމަށެވެ.

147.4. ލޭޓަންޓް ފިންގަރޕްރިންޓް އިމްޕްރެޝަން ނެގުމަކީ ކަމުގެ ފުރިހަމަ ފަންނާއި ހުނަރު އަދި ތަޖުރިބާއަށް ނުހަނު ބޭނުންޖެހޭ ކަވި މަސައްކަތެކެވެ. ވީމާ އިންސާނެއްގެ ފުރާނަ ނަގާލުމުގެ އަނިޔާވެރި ޖަރީމާއެއްގެ ކުށުގެ ވެށީގައިވާ އެއްޗަކުން ފިންގަރޕްރިންޓް ނެގުމަށް ފުލުހުންގެ ހިދުމަތުގައި ހުރި ހާއްސަ މާހިރެއްގެ ބޭނުން ހިފިކަން އެއީ ކަންކުރުމުގައި ފަރުވާތެރިވި މިންވަރު މެނުވީ ހާމަވާ ކަމެއް ނޫނެވެ. އެއަކުން ފާޅުވާ އައިބެއް އެއްވެސް ހާލެއްގައި އޮތް ކަމެއް ނޫނެވެ.

148ދެން ފާހަގަކުރަނީ، ކެމެރާގެ ބޭރު ކަވަރުން ނެގި ފިންގަރޕްރިންޓްގެ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ގޮތުން ފާހަގަކުރާ އައިބެވެ. މި ކަމާ ގުޅިގެން ފާހަގަވާ ގޮތް ތިރީގައި މި ބަޔާންކުރަނީއެވެ.

148.1. ފޯލިއޯ ނަންބަރު 391 ގައިވާ މި ޗެއިން އޮފް ކަސްޓަޑީއަށް ބަލާއިރު، "ލިފްޓްކުރި އޮފިސަރ"ގެ ގޮތުގައި "p ser SARIYYA" މި ފަދައިން ލިޔުމަށްފަހު މަތީގައި ރޮނގެއް އަޅައި ކަނޑާލާފައިވެއެވެ. މި ނަމުގެ ނިމޭ ހިސާބުގައި ސޮއެއްކޮށްފައިވެއެވެ. އެހެން ލިޔެކިއުމުން އެނގޭ ގޮތުގައި އެއީ ޕޮލިސް ސަރޖަންޓް ސަރިއްޔާ (ސ.ނ 2076) ގެ ނަމާއި ސޮޔެވެ. މި ނަމުގެ ނިމޭކޮޅާ ދިމާލުން މަތީގައިވާ ރޮނގުގައި ވެސް ސޮއެއްކޮށްފައިވެއެވެ. އަދި ނަން ފެށޭ ކޮޅުގައި ”3409“ މި ފަދައިން ލިޔެފައިވެއެވެ. އެހެން ލިޔެކިއުމުން އެނގޭ ގޮތުގައި އެއީ ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ގެ ސޮޔާއި ސަރވިސް ނަންބަރެވެ. އަދި "ސޮއި" ކުރަން އޮތް ބައިގައި، ދެ ސޮއެއްކޮށްފައިވެއެވެ. އެހެން ލިޔެކިއުމުން އެނގޭ ގޮތުން އެއީ ޕޮލިސް ސަރޖަންޓް ސަރިއްޔާ (ސ.ނ 2076) ގެ ސޮޔާއި، ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ސޮޔެވެ. އަދި ނަންބަރު K(d)/FCR/2017/036 "ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯރޓް" ގައި ހިމަނާފައިވާ މި ޗެއިން އޮފް ކަސްޓަޑީގެ ނަކަލުގައި، ކުރިން މި ބަޔާންކުރި ފަދައިން ހުރި، ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ގެ ދެ ސޮއި ފިޔަވައި ދެން މި ބަޔާންކުރި އެންމެހައި ކަންތައް އެ ގޮތުގައި މި ޗެއިން އޮފް ކަސްޓަޑީން ވެސް ފެންނަން ހުއްޓެވެ.

148.2. ކުރިން ބަޔާންކޮށްފައި ވާނޭ ފަދައިން، ނަންބަރު K(a)/SCOR/2017/161 "ސީން އޮފް ކްރައިމް އޮފިސަސް ރިޕޯރޓް" އިން އަދި ޕޮލިސް އޮފިސަރ ސަރިއްޔާ (ސ.ނ 2076) އާއި ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) 15 އޮކްޓޫބަރ 2019 ވަނަ ދުވަހު ދީފައިވާ ހެކިބަހުން އެއްވެސް ޝައްކެއް ނެތި އެނގެން އޮތް ހަގީގަތަކީ ހަވާލާދެވޭ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ފިންގަރޕްރިންޓަކީ ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ނެގި ފިންގަރޕްރިންޓެއްކަމެވެ. ވީމާ، ޗެއިން އޮފް ކަސްޓަޑީގައި "ލިފްޓްކުރި އޮފިސަރ"ގެ ގޮތުގައި އޮންނަން ވާނީ ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ގެ ނަންކަމާމެދު ސުވާލު އުފެދެން ޖެހޭ ސަބަބެއް ނެތެވެ.

148.3. މި ޗެއިން އޮފް ކަސްޓަޑީގައި "ލިފްޓްކުރި އޮފިސަރ"ގެ ގޮތުގައި ޕޮލިސް އޮފިސަރ ސަރިއްޔާ (ސ.ނ 2076) ގެ ނަން އޮންނަން ދިމާވި ގޮތަކާ ގުޅޭ ގޮތުން ދައުލަތުން ކުރި ސުވާލާ ގުޅިގެން، 15 އޮކްޓޫބަރ 2019 ވަނަ ދުވަހު ދިން ހެކިބަހުގައި ޕޮލިސް އޮފިސަރ ސަރިއްޔާ (ސ.ނ 2076) ބުނެފައި ވަނީ "އަދުހަމް ފިންގަރޕްރިންޓް ނަގާފައި އަޅުގަނޑާ ހަވާލުކުރީ. ބޮޑެތި ސީންތަކުގައި ފިންގަރޕްރިންޓް އެކްސްޕަރޓުން ގޮސްފައި އެ މީހުން ނަގާ އެވިޑެންސްތައް ގިނަ ފަހަރު ހަވާލުކުރާނީ ސޯކޯ އޮފިސަރާ. ހަވާލުކުރީމަ އެ މީހުންގެ އެވިޑެންސްއެއްގެ ގޮތުގައި އެވިޑެންސް ކޮންޓްރޯލްއާ ހަވާލުކުރާނީ. އެ ގޮތުގެ މަތިން އަޅުގަނޑު މި އެވިޑެންސްއާ ހަވާލުވީ" ކަމަށެވެ.

148.4. "ލިފްޓްކުރި އޮފިސަރ"ގެ ނަން ފަހުން ކަނޑަން ދިމާވި ގޮތާ ގުޅޭ ގޮތުން، 15 އޮކްޓޫބަރ 2019 ވަނަ ދުވަހު ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ހެކިބަސްދެމުން ބުނެފައި ވަނީ، ނެގި ފިންގަރޕްރިންޓްގެ ޗެއިން އޮފް ކަސްޓަޑީގައި ލިފްޓް ކުރި އޮފިސަރގެ ގޮތުގައި ބަޔާންކޮށްފައިވާ ނަން ކަނޑާލާފައި ވާނެކަމަށާއި، ކަނޑާލަން ޖެހުނީ، އޭނާއާ ހަމައަށް ކާޑުއައިރު ލިފްޓްކުރި އޮފިސަރގެ ނަން ނުބައިކޮށް އޮތުމުން، އެއީ އޭނާ ނެގި ފިންގަރޕްރިންޓެއް ކަމަށް ވާތީ އެ ބައި ރަނގަޅުކުރުމުގެ ގޮތުންކަމަށާއި، އެ ނަން ކަނޑާފައި އޭނާގެ ނަން ޖަހައި ސޮއިކޮށްފައި ވާނެ ކަމަށާއި، އައު ކާޑެއް ނުފުރީ އެ ކާޑުގައި ފިންގަރޕްރިންޓް ތަތްކޮށްފައި ހުރުމުން އުސޫލެއްގެ ގޮތުން ފިންގަރޕްރިންޓް ނައްޓައިލުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާތީ ކަމަށެވެ.

148.5. ނަންބަރު K(d)/FCR/2017/036 "ފިންގަޕްރިންޓް ކޮމްޕެރިސަން ރިޕޯރޓް" އިން އެނގޭ ގޮތުގައި މި ކޮމްޕެރިސަން ހެދީ ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ކަން އެއީ ވެސް އެނގެން އޮންނަ ހަގީގަތަކެވެ.

148.6. މި އެންމެހައި ހަގީގަތްތަކަށް ބަލާއިރު ސާފުވާކަމަކީ، ހަވާލަދެވޭ ފިންގަރޕްރިންޓް ނެގީ ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ކަމާމެދަކު މި މައްސަލާގައި އެއްވެސް އިރަކު ބަހުސެއް އަދި ސުވާލެއް ވެސް އުފެދިފައި ނުވާކަމެވެ. އުފެދުނު އެއް ސުވާލަކީ، ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ފިންގަރޕްރިންޓް ނަގާފައި ވަނިކޮށް ޗެއިން އޮފް ކަސްޓަޑީގައި "ލިފްޓްކުރި އޮފިސަރ"ގެ ގޮތުގައި ޕޮލިސް އޮފިސަރ ސަރިއްޔާ (ސ.ނ 2076) ގެ ނަން ލިޔަން މެދުވެރި ހާލަތެވެ. އަނެއް ސުވާލަކީ އެ ފަހުން ޕޮލިސް އޮފިސަރ ސަރިއްޔާ (ސ.ނ 2076)ގެ ނަން ކަނޑާފައި، ޕޮލިސް އޮފިސަރ އަދުހަމް އަލީ (ސ.ނ 3409) ގެ ސަރވިސް ނަންބަރު ޖަހައި ސޮއިކުރަން ޖެހުނު ހާލަތެވެ. މި ހާލަތު ދިމާވި ގޮތް މި ދެ ޕޮލިސް އޮފިސަރުން މި މައްސަލާގައި ހެކިބަސް ދީ ބަލައިގަނެވޭ މިންވަރަށް ބަޔާންކޮށްދީފައިވާކަން ފާހަގަވާން އެ ހުރީއެވެ. އެ ބަޔާންކުރުމުން އެނގެނީ، ހެކީގެ ޗެއިން އޮފް ކަސްޓަޑީއަށް ބަޔާންކޮށް ނުދެވޭ މެދުކެނޑުމެއް ނުވަތަ ހުސްކަމެއް އައިސްފައި ނުވާ ކަމެވެ. ހެއްކާ ކުޅެ ގަޑުބަޑުކުރެވިދާނެ ހާލަތެއް މެދުވެރިވެފައި ނުވާކަމެވެ. ހެކި އޭގެ ގޮތުގައި ބަދަލު ނުވެ ދެމެހެއްޓިފައިވާކަމެވެ.

149އިސްތިއުނާފީ މި ނުކުތާގައި ބަޔާންކޮށްފައިވާ އިތުރު ތަފުސީލުތަކަށް ބަލާއިރު، މި ބަޔާންމިކުޅަ ކަންކަމުގެ އިތުރަށް ވެސް، ނަންބަރު K(d)/FCR/2017/036 "ފިންގަޕްރިންޓް ކޮމްޕެރިސަން ރިޕޯރޓް" އާ ގުޅޭ ގޮތުން ބައެއް ކަންކަން ފާހަގަކޮށްފައިވާކަމާއި، މިގޮތުން، ކެމެރާ 01 އިން ނެގި ފިންގަރޕްރިންޓާ ގުޅޭ ފޮޓޯގައި އެ ފޮޓޯ ނެގި ވަގުތާއި ތާރީހު ނެތް ކަމަށާއި، އަދި ކުލަ ފޮޓޯތަކުގެ ތެރޭގައި ކެމެރާ ޕައުޑަރ ޑަސްޓްކޮށްފައިވާ ފޮޓޯއެއް ވެސް ނެތްކަމަށާއި، ފިންގަރޕްރިންޓް އެނަލައިސް ކޮށްފައިވާ ގޮތުގެ ވޯކް ތުރޫ ހުށަނާޅާ އޮތުމުން ސުވާލުކުރުމުގެ ފުރުސަތު ގެއްލިފައިވާކަމަށާއި، ކެމެރާއިން ފެންނަކަމަށް ބުނާ އަތްތިލައިގެ ޕާމް ކޮމްޕެރިސަން ހެދިނަމަ ކެމެރާއިން ނެގުނީ އިސްމާއީލް ހައިޝަމް ރަޝީދުގެ ފިންގަރޕްރިންޓް ނޫންކަން އެނގިގެންދާނެ ކަމަށާއި، މި ބާވަތުގެ ބައެއް ކަންކަން ކުރު ގޮތަކަށް ފާހަގަކޮށްފައިވާއިރު، މި ފާހަގަކުރި ބައެއް ކަންކަން ހިމެނޭ ގޮތުން، "ފިންގަޕްރިންޓް ކޮމްޕެރިސަން ރިޕޯރޓް" އާއި ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ އިއުތިރާޒާމެދު ސަރިޔަތުން ރިއާޔަތްކުރި ގޮތް، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ރިޕޯޓުގެ 95 ވަނަ ނުކުތާއިން ފެށިގެން 101 ވަނަ ނުކުތާއާ ދެމެދު ތަފުސީލުކޮށް ބަޔާންކޮށްފައިވާއިރު، މި ބަޔާންކުރާ ކަންކަން މި ނުކުތާގައި ބަޔާންކޮށްފައި ހުރީކީ ދަށުކޯޓުން ރިއާޔަތްކުރި ގޮތުގައި ހުރި ގާނޫނީ ގޯހަކީ ކޮބައިކަން ބަހުސެއް އުފެދޭ މިންވަރާ ގާތަށް ވެސް ދައްކުވައިދެވޭ ބީދައަކުންނެއް ނޫނެވެ. އިސްތިއުނާފީ މައިދާނަށް ހެޔޮވަރު ގާނޫނީ ހަގީގީ ސުވާލެއް އުފެއްދޭ ފަދައަކުން ނޫނެވެ. އިސްތިއުނާފީ އޮޅި ކަޑައްތުވާވަރަކަށް ނޫނެވެ.

150ވީމާ، ނަންބަރު K(d)/FCR/2017/036 "ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯރޓް" އަށް ބުރަދަން ދިނުމުގައި ދަށުކޯޓުން ގޯހެއް ހަދާފައިވާ ކަމަށް ބަލަން ޖެހޭ ސަބަބެއް މި ނުކުތާއިން ފާހަގަވާ ތަނެއް ނުފެނެއެވެ.

ނިންމަން ފެންނަ ގޮތް

151ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ނަންބަރު 2022/HC-A/145 އިސްތިއުނާފު ނިންމަން ފެންނަ ގޮތް ކަމަށް ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔުގައި ބަޔާންކުރެއްވި ފަދައިން، ދަށު ކޯޓުގެ ޙުކުމުގައި އިސްމާޢީލް ހައިޝަމް ރަޝީދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުންވެސް ބާޠިލުކޮށް، އަލުން ގޮތް ކަނޑައެޅުމަށް ދަށުކޯޓަށް ތަޙްވީލުކޮށް މި އިސްތިއުނާފު ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީއުގެ ރައުޔު

152ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު

153ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާގައި ހުޅުމާލެ ގޯތި ނަންބަރު 11399/ އަޙްމަދު ޒިހާން އިސްމާޢީލް އަދި ހ.އަންނާރުމާގެ/ އިސްމާޢީލް ހައިޝަމް ރަޝީދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި ކަނޑައެޅުން ބާޠިލުކޮށް، މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ އަލީގައި އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާ އެ ކޯޓަށް ތަޙުވީލުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ފަނޑިޔާރު ޙަސަން ޝަފީޢު (ރިޔާސަތު)

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން

ފުޓްނޯޓު

  1. އައިޑީކާޑު ނަންބަރު A342021
  2. އައިޑީ ކާޑު ނަންބަރު A331415
  3. މި ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން، 09 ޖަނަވަރީ 2025
  4. ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ 17 ވަނަ ނަންބަރު، ސަފުހާ 137 ގެ 37 ވަނަ ނަންބަރު ސަފުހާ
  5. ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ 19 ވަނަ ނަންބަރު، ސަފުހާ 137 ގެ 38 ވަނަ ނަންބަރު ސަފުހާ
  6. މި ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން، 09 ޖަނަވަރީ 2025
  7. މި ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން، 09 ޖަނަވަރީ 2025
  8. މި ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން، 09 ޖަނަވަރީ 2025
  9. ޤާނޫނު ނަންބަރު 2010/22 ("ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު" ކަމަށް ބަޔާންކުރެވިފައި އެވަނީ މި ޤާނޫނަށް ނިސްބަތްކޮށެވެ.)
  10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 44 ވަނަ މާއްދާގެ (ހ)
  11. 2014/SC-A/18
  12. 2018/SC-A/40
  13. ޤާނޫނު ނަންބަރު 12/2016 ("ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ މި ޤާނޫނަށް ނިސްބަތްކޮށެވެ.)
  14. 2020/SC-A/30
  15. ޙުކުމް ކުރުމުގެ މަޖިލީހުގައި، 12 ޑިސެންބަރު 2022 ކަމަށް ކިޔިފައިވަނީ ކިޔުމުގެ ކުށަކުންނެވެ.
  16. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/346 ޤަޟިއްޔާ (މުޙައްމަދު މާހިން ޝާފީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
  17. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2016/SC-JC/08 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަބީލް)
  18. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާ
  19. ޤާނޫނު ނަންބަރު 17/2010 ("ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ މި ޤާނޫނަށް ނިސްބަތްކޮށެވެ.)
  20. ޤާނޫނު ނަންބަރު 24/76 ("ހެއްކާބެހޭ ޤާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ މި ޤާނޫނަށް ނިސްބަތްކޮށެވެ.)
  21. R v Turnbull [1977] QB 224 (CA)
  22. އިސްތިއުނާފު ފޯމުގެ 6.3 ވަނަ ނުކުތާ
  23. ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 155 އަދި 157
  24. އިސްތިއުނާފު ފޯމުގެ 6.6 ވަނަ ނުކުތާ
  25. ހދ.ކުޅުދުއްފުށި/ ކުޅިދޮށުގެ، ސްޓާރފް ސަރޖަންޓް އާދަމް މުޙައްމަދު، 27 އޯގަސްޓް 2019 ގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާން
  26. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލްޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް) "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" ގައި ބަޔާންކޮށްފައި ވަނީ، ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ނުވަތަ ދަށުކޯޓުން މައްސަލަ ނިންމާފައި ވަނީ ތިމަންނަގެ ހައްގު ގެއްލޭ ގޮތަށް ކަމަށް ނުވަތަ އަދުލުއިންސާފަށް ހުރަސްއެޅޭ ގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެކަމަށެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ނުވަތަ ރިއާޔަތްކުރަން ޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާ ކަމަށް ހަމައެކަނި ބުނާބުނުމުގެ އިތުރުން އިތުރުކަމެއް އަދި އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށެވެ.
  27. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/145 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/154 ޤަޟިއްޔާ
  28. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/145 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/154 ޤަޟިއްޔާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ