—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2014/SC-A/18
ދަޢުވާކުރާ ފަރާތް:
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދަޢުވާލިބޭ ފަރާތް:
ޙުސައިން ޞަބާޙް
މައްސަލައިގެ ބާވަތް:
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރުކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން.
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
25 ފެބްރުއަރީ 2014ރަޖިސްޓްރީ ކުރެވުނު ތާރީޚު:
12 މާރޗް 2014ނިމުނު ތާރީޚު:
25 ޖޫން 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2013/HC-A/202
ހުށަހެޅުނު ތާރީޚު:
04 ޖޫން 2013ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
30 ޖަނަވަރީ 2014
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދު، މަސްތުވާތަކެތި ގެންގުޅޭކަމުގެ މަޢުލޫމާތު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނެވެ. މި މަޢުލޫމާތާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 22 ޖޫން 2011 ދުވަހުގެ 00:30 އެހައިކަށްހާއިރު، މުޙައްމަދު އަސްވަދުއާއި ޙުސައިން ޞަބާޙް ރަޖިސްޓްރީ ނަންބަރު AA0D P7379 ސައިކަލުގައި މާވެޔޮމަގުން ދުއްވާފައިދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން، ފުލުހުން އެ ސަރަހައްދަށް ގޮސް މިމީހުންގެ ހަށިގަނޑު ބަލައި ފާސްކުރިއެވެ. އަދި މުޙައްމަދު އަސްވަދު ލައިގެން ހުރި ސޯޓުބުރީގެ ކަނާތްފަރާތު ޖީބުން ތަޅުދަނޑިއެއް ފެނުނެވެ. މި ތަޅުދަނޑި ނަގައި މި ދެމީހުންނާއި އިތުރު މީހަކު ބައިވެރިވެގެން ހިންގާ ކުންފުންޏެއްކަމަށްވާ ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ގޮސް މި ދެމީހުންގެ ހާޒިރުގައި އެ ކުންފުނި ބަލައި ފާސްކުރިއިރު، އެ އޮފިސްތެރޭގައި ހުރި ފޮށިގަނޑެއްގެ ތެރެއިން 1 (އެކެއް) ބޮޑު ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ރަބަރު ޕެކެޓުގައިވާ ތަކެތި ތަޙުލީލުކުރުމުން ޑައިއެސިޓައިލްމޯފިން / ހެރޮއިންއާއި 06-އެސިޓައިލްމޯފިންއާއި އަލްޕްރަޒޮލަމް/ ޒެނެކްސް ހުރިކަން ތަޙްލީލު ރިޕޯޓުން ޔަޤީންކުރެވުނެވެ. އަދި މި ފޮށިގަނޑު ތެރެއިން ފެނުނު 2 ކޮތަޅެއްގައިވާ ތަކެތި ތަޙުލީލުކުރުމުން ޓެޓްރާހައިޑްރޯކެނަބިނޯލްއާއި ކެނެބިނޯލްހުރިކަން އެ ތަކެތީގެ ތަޙުލީލު ރިޕޯޓުން ޔަޤީންކުރެވުނެވެ. އަދި މަސްތުވާތަކެތި ހުރި ބޮޑު ރަބަރު ޕެކެޓުން ނެގުނު އިނގިލީގެ ނިޝާނާއި، ޙުސައިން ޞަބާޙްގެ ވައަތު މެދު އިނގިލީގެ ނިޝާން ދިމާވާކަން ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުން އެނގުނެވެ. މި ފެނުނު މަސްތުވާތަކެއްޗާއި ގުޅިގެން ދައުލަތުގެ ފަރާތުން ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ މައްޗަށް ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ ދައުލަތުން އުފުލުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައި ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 1309/Cr-C/2011 ޤަޟިއްޔާއިންނެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް
ކްރިމިނަލް ކޯޓުގެ ނަންބަރު 1309/Cr-C/2011 ޤަޟިއްޔާގައި 30 ޖަނަވަރީ 2013 ގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ޙުސައިން ޞަބާޙް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައެވެ. އަދި މުޙައްމަދު އަސްވަދުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ސާބިތުނުވާކަމަށެވެ. ޙުސައިން ޞަބާޙްގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) މި މައްސަލައިގައި މުޙައްމަދު އަސްވަދުއާއި ޙުސައިން ޞަބާޙް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައި ފާސްކުރުމުގައި، މުޙައްމަދު އަސްވަދު ލައިގެން ހުރި ސޯޓުބުރީގެ ކަނާތްފަރާތު ކުރިމަތީ ޖީބުގައި ތަޅުދަނޑި ފައްޗެއް އޮއްވާ ފެނިފައިވާކަމާއި، އެ ތަޅުދަނޑި ފައްޗަކީ މުޙައްމަދު އަސްވަދުއާއި ޙުސައިން ޞަބާޙްއާ މިދެމީހުން އިތުރު މީހަކާބައިވެރިވެގެން ހިންގާ ކުންފުންޏެއްކަމަށްވާ ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް އޮފީސް އިމާރާތުގެ ތަޅުދަނޑިފަތިކަން ދަޢުވާލިބޭ ފަރާތާއި ހެކިންގެ ހެކިބަހުންނާއި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންއޮތުން؛
(ށ) ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ބަލައި ފާސްކުރިއިރު، އެ އޮފިސްތެރޭގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބޮޑު އެއް ރަބަރު ޕެކެޓާއި، އެ ފޮށިގަނޑު ތެރޭގައި އޮތް ދެ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ބޮޑު 3 (ތިނެއް) ސެލޯފިންގަނޑު ފެނިފައިވާކަން ހެކިންގެ ހެކިބަހުން އެނގެންއޮތުން؛
(ނ) މި މައްސަލައިގައި ފެނިފައިވާ ތަކެތި ތަޙުލީލުކުރުމުން އެތަކެތީގައި މަސްތުވާތަކެތީގެ ބާވަތްކަމުގައިވާ ޑައިއެސިޓައިލްމޯފިން / ހެރޮއިންއާއި 06-އެސިޓައިލްމޯފިންއާއި އަލްޕްރަޒޮލަމް/ ޒެނެކްސްއާއި ޓެޓްރާހައިޑްރޯކެނަބިނޯލްއާއި ކެނެބިނޯލްހުރިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު FSD(D)-DR/2011/799 އަދި ނަންބަރު FSD(D)-DR/2011/826 "ލެބޯޓްރީ ތަޙްލީލު ރިޕޯޓް" އިން އެނގެންއޮތުން އަދި މި ރިޕޯޓަކީ ސައްޙަ ރިޕޯޓެއްކަން މި ރިޕޯޓްތައް ތައްޔާރުކުރި ފަރާތުން ކްރިމިނަލް ކޯޓުގައި ބަޔާންދީފައިވާކަން؛
(ރ) މި ޙާދިސާގައި ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ތެރެއިން ފެނުނު މަސްތުވާތަކެތި ހުރި ބޮޑު ރަބަރު ޕެކެޓުން ނެގުނު އިނގިލީގެ ނިޝާނާއި ޙުސައިން ޞަބާޙްގެ ވައަތު މެދު އިނގިލީގެ ނިޝާން ދިމާވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު C6(c)-IM2011/FCR/74 "ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓް" އިން އެނގެންއޮތުން؛
(ބ) ޙުސައިން ޞަބާޙްއާއި އަދި މުޙައްމަދު އަސްވަދަކީ ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑްގެ ދެ ޙިއްސާދާރުންކަމާއި، މުޙައްމަދު އަސްވަދުގެ އަތުން ފެނުނީ ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑްގެ ތަޅުދަނޑިފަތިކަމާއި، އެ އޮފީސް ތެރެއިން ނެގި މަސްތުވާތަކެތި ހުރި ބޮޑު ރަބަރު ޕެކެޓުން ނެގުނު އިނގިލީގެ ނިޝާނާއި، ޙުސައިން ޞަބާޙްގެ ވައަތު މެދު އިނގިލީގެ ނިޝާން ދިމާވުމުން، ޙުސައިން ޞަބާޙްއާ ފެނުނު މަސްތުވާ ތަކެއްޗާ ގުޅުމެއްވާކަން އެނގެން އޮތުން؛
(ޅ) ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ފާސްކޮށްފައިވަނީ ކޯޓު އަމުރެއްނެތިކަމަށް ޙުސައިން ޞަބާޙްގެ ފަރާތުން ބުނި ނަމަވެސް، މީހުން ދިރިއުޅޭ ތަންތަން ފިޔަވައި އެހެންތަނެއް ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް އޮންނަންވާނެކަމަށް ބަޔާންކުރާ ޤާނޫނީ ހަމައެއް ދެއްކިފައިނުވާކަން އަދި މިތަނަކީ މީހުން ދިރިއުޅޭތަނެއްކަން ސާބިތުކޮށްދެވިފައިނުވާކަން؛
(ބ) ޙުސައިން ޞަބާޙްގެ މައްޗަށް ޑަންލޮޕް ތެރަހުން ވަސްބެލުމުގެ މައްސަލައަކާއި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވާކަން؛
މަތީގައި ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ބުރަވެ، ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ޙުސައިން ޞަބާޙްގެ މައްޗަށް ސާބިތުވާކަމަށެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
ޙުސައިން ޞަބާޙް ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގެ ނަންބަރު 2013/HC-A/202 ޤަޟިއްޔާގައި ނިންމާފައިވަނީ ޙުސައިން ޞަބާޙްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 1309/Cr-C/2011 ޤަޟިއްޔާއިން ސާބިތުވި ކުށް، ސާބިތުނުވާކަމަށެވެ. ހައިކޯޓުން އެ ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ޤާނޫނަކުން އެހެން ގޮތަކަށް ކަނޑައަޅާފައިނުވާއިރު، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މީހުން ދިރިއުޅޭ ތަންތަން މާނަކުރަންވާނީ މީސްމީހުން ދިރިއުޅޭ ގޭގޭގެ އިތުރުން މީސްމީހުންގެ އަމިއްލަ އޮފީސްތަކާއި އެފަދަ އެހެންތަންތަންވެސް ހިމެނޭގޮތަށްކަން؛
(ށ) ހުށަހެޅިފައިމިވާ މައްސަލައިގައި ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ހުޅުވާ ބަލައި ފާސްކޮށްފައިވަނީ އެތަނުގެ ވެރިފަރާތުގެ ހުއްދަ އޮވެގެންނޫންކަން އަދި ކޯޓު އަމުރެއްގެ ދަށުންވެސް ނޫންކަން؛
(ނ) ކޯޓު އަމުރެއްނެތި އެތަނަށް ވަނުން ހުއްދަ ކުރާ ފަދަ ޙާލަތެއް މެދުވެރިވެފައިވާކަން ދައުލަތަށް ދެއްކިފައިނުވާކަން؛
(ރ) މި ސަބަބުތަކަށްޓަކައި މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑްގެ އޮފީސްތެރެއަށް ވަދެ ފުލުހުން ހޯދާފައިވާ ހެކި ޤަރީނާތަކަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކި ޤަރީނާކަމަށް ބެލެވެންނެތްކަމަށެވެ. އެހެންކަމުން، ބާޠިލު ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާޠިލުކަމެއްކަމުގައި ވާނެތީ، މިފަދަ ހެކި ޤަރީނާގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މި ދަޢުވާއަކީ ބާޠިލު ދަޢުވާއެއް ކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ހައިކޯޓުގެ ނަންބަރު 2013/HC-A/202 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު 06 (ހައެއް) ނުކުތާއަކީ؛
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގައި ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، ޙުސައިން ޞަބާޙްގެ މައްޗަށް ދަށުކޯޓުން ސާބިތުވި ކުށުގެ ޚުތޫރަތްތެރިކަމަށް ނުބަލައި، މި މައްސަލައިގައި ޙުސައިން ޞަބާޙްގެ މައްޗަށް ސާބިތުކުރެވޭ އެތައް ހެއްކާއި ޤަރީނާތައް ލިބިފައިވާއިރު، އެ ހެކިތަކާއި ޤަރީނާތައް ހައިކޯޓުން އެކަށީގެންވާ ގޮތެއްގައި ތަޤްޔީމްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މީހުން ދިރިއުޅޭ ތަންތަން މާނަކުރަންވާނީ މީސްމީހުން ދިރިއުޅޭ ގޭގޭގެ އިތުރުން މީސްމީހުންގެ އަމިއްލަ އޮފީސްތަކާއި އެފަދަ ތަންތަންވެސް ހިމެނޭގޮތަށްކަމަށް ހައިކޯޓުން މައްސަލަ ނިންމުމުގައި ފާހަގަކޮށްފައިވާއިރު، މި ހާދިސާ ހިނގުމާ ހަމައަށް އެއްވެސް ފަރާތަކުން "މީހުން ދިރިއުޅޭ ތަންތަން" މާނަ ކޮށްފައިނުވުމާއި، އެ ޙާލަތުގައި ފުލުހުން ޢަމަލުކޮށްފައިވަނީ "މީހުން ދިރިއުޅޭ ތަންތަން" ގެ ޢާންމު މާނައަށް ބަލައިގެންކަމަށެވެ. މީހުން ދިރިއުޅޭ ތަންތަން ނޫން އެހެން ތަންތަން ކޯޓު އަމުރަކާ ނުލާ ފާސްކުރުމަކީ ފުލުހުންނަށް ލިބިފައިވާ ބާރެއްކަމަށާއި، މި މައްސަލައިގައި މަސްތުވާތަކެތި ފެނިފައިވަނީ މީހުން ދިރިއުޅޭތަނަކުންކަން ޙުސައިން ޞަބާޙްއަށް ސާބިތުކޮށްދެވިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ފުލުހުންވަނީ ޙުސައިން ޞަބާޙްއާއި އެހެން ފަރާތެއްގެ ހާޒިރުގައިކަމަށް ވެފައި، އެ އޮފީސް ބަލައިފާސްކުރަން އިންކާރުކޮށްފައިނުވާތީ، އެތަން ބަލައި ފާސްކުރަން އެފަރާތްތަކުގެ ރުހުން އޮތްކަމަށް ބަލަންޖެހޭކަމާއި މިކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށާއި، "މީހުން ދިރިއުޅޭ ތަންތަން" ގެ ލުޣަވީ މާނައަށް ބަލާނަމަ، ބަލައި ފާސްކުރި އޮފީހުގެ ވެރިފަރާތަކީ ކޮބައިކަމާއި އެފަރާތުގެ ހުއްދަ އޮތްކަން ހައިކޯޓުން ބަލަންޖެހޭކަމާއި، އެކަންކަން ނުބަލައި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ "މީހުން ދިރިއުޅޭ ތަންތަން" މާނަކުރިގޮތާއި ހައިކޯޓުން ޢަމަލުކުރި ގޮތާ ދިމާނުވާގޮތަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ކޯޓު އަމުރެއްނެތި ފުލުހުން ވަދެ ހޯދާފައިވާ ހެކި ޤަރީނާތަކަކީ ޤާނޫނާއެއްގޮތަށް ހޯދާފައިވާ ހެކި ޤަރީނާ ނޫންކަމަށް ހައިކޯޓުން ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި ޙުސައިން ޞަބާޙް މަސްތުވާތަކެތި ގެންގުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވުމާއި، ފެނުނު މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓުން ޙުސައިން ޞަބާޙްގެ އިނގިލީގެ ނިޝާން ފެނިފައިވުމާއި، ފުލުހުން ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ވަދެފައިވަނީ ނުބައި ނިޔަތެއް އޮވެގެން ނުވަތަ އޮޅުވާލައިގެންކަން އެނގެން ނެތްއިރު، އަދި މި މައްސަލައިގައި ޙުސައިން ޞަބާޙް އެ އޮފީހުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް އެހާތަނަށް ފުލުހުންނަށް ލިބިފައިވާއިރު، އަދި ފުލުހުން އެތަނަށް ވަދެ މަސްތުވާތަކެތި ނުގެންދިޔަނަމަ އެ ހެއްކާއި ކުޅެ ހެކި ނައްތާލުމުގެ ފުރުޞަތު އޮތްއިރު، ހަމައެކަނި ކޯޓު އަމުރެއްނެތި ފުލުހުން އެ އޮފީހަށް ވަދެފައިވާކަމަށް ބުނެ އެސަބަބުގެ މައްޗަށް ބިނާކޮށް ހެކި ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުމަކީ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި ޤަބޫލުކުރާ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައިވާތީ މިއީ ޢަދުލުވެރި ނިންމުމެއްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޙުސައިން ޞަބާޙްގެ މައްޗަށް ތުހުމަތުކުރެވުނު ކުށާއި ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑުން ފެނުނު މަސްތުވާތަކެއްޗާއި ގުޅުމެއްވާއިރު، އަދި ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑުން ފެނުނު މަސްތުވާތަކެތި އަޅާފައިވާ ރަބަރު ޕެކެޓުން ޙުސައިން ޞަބާޙްގެ ފިންގަރ ޕްރިންޓް ފެންނަންޖެހުނު ހަރުދަނާ ސަބަބެއް ދެއްކިފައި ނުވުމުން، މިކަމަކީ އެ އޮފީހުން ފެނުނު މަސްތުވާތަކެތީގެ މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ޤާނޫނީ ޤަރީނާއެއް ކަމަށް ވާއިރު، މިކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޙުސައިން ޞަބާޙްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދަޢުވާގައިވާ ކުށްތަކަކީ، އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުއަށް ލިބެމުންދާ ގެއްލުންތަކަށްޓަކައި، މުޖުތަމަޢުއަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއްކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، މި ޤަޟިއްޔާއަށް ރިޢާޔަތްނުކޮށް ހަމައެކަނި ކޯޓު އަމުރެއްނެތްކަމަށް ބުނެ ދަށު ކޯޓުގެ ޙުކުމް ހައިކޯޓުން ބާޠިލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޤާނޫނުއަސާސީ މާނަކުރުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު އެއް ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "މީހުން ދިރިއުޅޭ ތަންތަން" މާނަކުރިއިރު މީސްމީހުން ދިރިއުޅޭ ގޭގޭގެ އިތުރުން މީސްމީހުންގެ އަމިއްލަ އޮފީސްތަކާއި އެފަދަ ތަންތަންވެސް ހިމެނޭގޮތަށް އެ މާއްދާ މާނަކުރިގޮތް ޤާނޫނާ ޚިލާފުވާކަމަށެވެ.
ޤާނޫނުއަސާސީގެ ދެ ވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އަސާސީ އެއް ޙައްޤު ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން 47. (ހ) އެކަށީގެންވާ ސަބަބެއްނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ފާސްކޮށް، މީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގެނެއްނުވާނެއެވެ.
(ށ) ގޮވަތި ގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަނެވެ. ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ އެ މީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި ވަދެގެނެއް ނުވާނެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، އެމެރިކާ އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާތީ މުޖުތަމަޢުތަކުގައި "ޢާންމު ތަންތަން" ފިޔަވައި "އަމިއްލަ ތަނަކަށް" އެމީހެއްގެ ހުއްދައާ ނުލައި ފުލުހުންނަށް ވަދެވޭނީ ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ. އަދި "އަމިއްލަ ތަންތަން" ގެ ތެރޭގައި މީހުން ދިރިއުޅޭ ގޭގެ އިތުރުން މީސްމީހުންގެ އަމިއްލަ އޮފީސްތަކާއި އެހެނިހެން ތަންތަންވެސް ހިމެނޭކަން އެނގެން އޮންނަކަމަށެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "މީހުން ދިރިއުޅޭ ތަންތަން" މާނަކުރަންވާނީ މީސްމީހުންގެ އަމިއްލަ އޮފީސްތަކާއި އެހެނިހެން ތަންތަންވެސް ހިމެނޭ ގޮތަށްކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރެވިފައިވެއެވެ. އެގޮތުން، އެ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން އެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމަށް ބަޔާންކުރެވިފައިއޮވެއެވެ.
އެގޮތުން، ހިފެހެއްޓުމާއި، ފާސްކުރުމާއި އަދި މުދާ އަތުލުން ގައިދު (ލިމިޓް) ކުރުމުގެ މަފްހޫމް ދުނިޔޭގައި އެންމެ ފުރަތަމަ އުފެދިގެން އައި ބައެއް ޤައުމުތަކުގައި، އެގޮތަށް ޢަމަލުކުރަން އެންމެ ފުރަތަމަ މެދުވެރިވި ސަބަބު، އަދި މި ޙައްޤުތައް މާނަކުރެވެމުން އަންނަ ގޮތަށް ބަލައިލުން ރަނގަޅުކަމަށް ދެކެމެވެ.
އިނގިރޭސި ވިލާތް
އެއްވެސް ގައިދު (ލިމިޓް) ކުރުމެއްނެތި ރައްޔިތުންގެ ގޮވަތި ގެދޮރު ބަލައި ފާސްކޮށް، ބޭނުން އެއްޗެއް ބޭނުން ވަގުތެއްގައި ގެންދިޔުމުގެ ބާރު ރަސްކަން ކުރާ ފަރާތަށް އޮތުމަކީ، ރައްޔިތުންގެ މިނިވަންކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް އިނގިރޭސިން ޤަބޫލުކުރިއެވެ. އަދި މިފަދަ ޢަމަލުތަކަކީ، އަމިއްލަ ފަރުދުންގެ މެދުގައި މުދަލުގެ މައްޗަށް އޮންނަ ޙައްޤުތައް ނިގުޅިގެންދާވަރުގެ ޢަމަލުތައްކަމަށްވެސް އެމީހުން ޤަބޫލުކުރިއެވެ. ރަސްކަންކުރާ ފަރާތުންވެސް މީހުންގެ މުދަލާއި ޒާތީ ދިރިއުޅުމަށް އިޙްތިރާމްކުރަންޖެހޭކަމުގެ މަފްޙޫމް އެންމެ ފުރަތަމަ މީގެ 400 ވަރަކަށް އަހަރު ކުރިން އިނގިރޭސި ވިލާތުގެ އޭރުގެ އެޓަރނީ ޖެނެރަލް، ސަރ އެޑްވަރޑް ކޯކް، ސެމެއިންސް ކޭހުގައި ފާހަގަކުރިއެވެ. ސަރ އެޑްވަރޑް ކޯކްގެ މަޝްހޫރު އިބާރާތް؛
“The house of everyone is to him as his [] castle and fortress”
"ކޮންމެ މީހަކަށްވެސް އެމީހެއްގެ ގެއަކީ، އެމީހެއްގެ ގަނޑުވަރާއި ކިއްލާއެވެ." މި އިބާރާތަށް މީގެ އެތައް ސަތޭކަ އަހަރެއް ފަހުންވެސް އެކި ޤައުމުތަކުގެ ޤާނޫނީ ދާއިރާގެ ފަންނުވެރިން އަންނަނީ ޙަވާލާދެމުންނެވެ.
ސެމެއިންސް ކޭހުގައި ޙައްޤުގެ ވާހަކަ އޭރުގެ އިނގިރޭސި އެޓަރނީ ޖެނެރަލް ދެއްކި ނަމަވެސް، ރައްޔިތުންގެ މުދަލަށާއި ޒާތީ ދިރިއުޅުމަށް ރަސްކަން ކުރާ ފަރާތުން ނުވަތަ ދައުލަތުން އިޙްތިރާމް ކުރަންޖެހޭކަމަށް އިނގިރޭސި ވިލާތުގެ ކޯޓުތަކުން ބަލައިގަތީ އޭގެ އަދި 160 ވަރަކަށް އަހަރު ފަހުންނެވެ. އިނގިރޭސި ވިލާތުގެ މުދާ ހިފެހެއްޓުމާއި، ބަލައި ފާސްކުރުމާއި އަދި މުދާ އަތުލުމާގުޅޭ ތާރީޚީ ޤަޟިއްޔާތަކެއްވެއެވެ. އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޤާނޫނުއަސާސީ ލިޔެވުނުއިރު، މުދާ ހިފެހެއްޓުމާއި، ފާސްކުރުމާއި އަދި މުދާ އަތުލުމާ ގުޅޭ އުޞޫލުތަކުގެ އަސާސްއަކީވެސް އިނގިރޭސި މި ޤަޟިއްޔާތައް ކަމުގައިވެއެވެ. މި ޤަޟިއްޔާތަކަށް ކުޑަކޮށް އަލިއަޅުވާލާނަމެވެ.
އެންޓިކް ވ. ކެރިންގްޓަން (1765)
އެންޓިކް ވ. ކެރިންގްޓަން ގައި އެންޓިކް އާއި އިތުރު ދެ މީހަކު ވެގެން "ދަ މޮނިޓަރ" ކިޔާ މަޖައްލާއެއް ކޮންމެ ހަފްތާއަކު އެއް ފަހަރު ނެރެން ނިންމިއެވެ. މި މަޖައްލާގެ މަޤުޞަދަކަށްވީ މިނިވަންކަމާއި ތެދުވެރިކަމުގެ ރޫޙު އިނގިރޭސީންގެ މެދުގައި އާލާކުރުމެވެ. ނަތީޖާއަކަށްވީ، އެއިރުގެ އިނގިރޭސި ރަސްކަމާއި ދެކޮޅަށް އެ މަޖައްލާގައި ފައުޅު ކުރެވުނު ޚިޔާލުތަކުގެ ސަބަބުން، އެންޓިކްއަކީ މަސްޢޫލުވެރި ފަރާތްކަމަށް ބަލައި، އޭނާ ހައްޔަރުކުރުމަށާއި، އޭނާގެ ގެއިން ލިޔެކިއުންތައް އަތުލައިގަތުމަށް އަރލް އޮފް ހެލިފެކްސް އަމުރެއް ނެރުމެވެ.
އަމުރު ނެރުމުގެ ފަސް ދުވަސް ފަހުން، ކިންގ ޖޯރޖް III ގެ ޗީފް މެސެންޖަރު ނޭތަން ކެރިންގްޓަން އާއި އިތުރު ތިން މެސެންޖަރަކު ވެގެން އެންޓިކްގެ ގެއަށް ވަދެ އެގެ ބަލައި ފާސްކުރިއެވެ. މިކަމާ ހިތްހަމަނުޖެހިގެން ކެރިންގްޓަންގެ މައްޗަށް ޓްރެސްޕާސްކުރުމުގެ (ހުއްދަނެތި ތަނަކަށް ވަނުމުގެ) ދަޢުވާ އެންޓިކް ކުރިއެވެ. އެއީ، ކޮންމެ އިނގިރޭސިއަކަށްވެސް އޭނާގެ އަމިއްލަ ގޮވަތި ގެދޮރަށް ސަރުކާރުގެ ފަރާތުން އެކަށީގެންވާ ސަބަބެއް ނެތި ވަނުމުން ރައްކާތެރިކަން ލިބިގެންވުމުގެ ޙައްޤެވެ.
މި މައްސަލައިގައި އެންޓިކްއާ އެއްކޮޅަށް ޙުކުމް ކުރަމުން، ޗީފް ޖަސްޓިސް އޮފް ދަ ކޮމަން ޕްލީސް، ޗާރލްސް ޕްރެޓް ފާހަގަކޮށްފައިވަނީ، ވެރިކަން ކުރާ ފަރާތުން ބޭނުންވާ ކޮންމެ ހިނދެއްގައި މީހުން ދިރިއުޅޭ ތަންތަނަށް ނުވަދެވޭނެކަމަށެވެ. އަދި މި ރައްކާތެރިކަން ހުރިހާ ބާވަތެއްގެ ލިޔެކިއުންތަކުގެ މައްޗަށްވެސް ދެމި އޮންނާނެ ކަމަށެވެ. މީގެ އިތުރުން، އެ ދުވަސްވަރު އިނގިރޭސި ވިލާތުގައި ދެ ބާވަތެއްގެ ބަލައި ފާސްކުރުމުގެ އަމުރު ނެރެ އުޅުނެވެ. އެއީ ޖެނެރަލް ވޮރަންޓާއި ސްޕެސިފިކް ވޮރަންޓެވެ. ޖެނެރަލް ވޮރަންޓަކީ ވަކި މީހެއް، ތަނެއް ނުވަތަ ތުހުމަތުކުރެވޭ ކުށެއް ބަޔާން ނުކޮށް ނެރޭ ވޮރަންޓެވެ. އެއާ ޚިލާފަށް ސްޕެސިފިކް ވޮރަންޓެއްގެ ދަށުން އިސްވެ ފާހަގަކުރެވުނު ކަންކަން ތަފްޞީލު ކުރެވިފައިވެއެވެ. އެންޓިކްގެ ގެ ބަލައި ފާސްކުރަން ނެރުނު ޖެނެރަލް ވޮރަންޓު ރައްދުވީ ސީދާ އެންޓިކްއަށް ނޫންކަމާއި އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް، ވޮރަންޓުގެ ދަށުން ހޯދާ ތަކެތީގެ ތަފްޞީލު ފަދަ އެއްވެސް އެއްޗެއް ނެތްކަން ޗީފް ޖަސްޓިސް ޕްރެޓް ފާހަގަކުރިއެވެ. އަދި ވެރިކަން ކުރާ ފަރާތުން އެފަދަ ބާރުތައް ބޭނުންކުރުމުން، ޢާންމުންނަށްވާ ފައިދާއަށް ވުރެ ބޮޑަށް މައުސޫމް މީހުންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ފާހަގަކުރިއެވެ.
ވިލްކްސް ވ. ވުޑް (1763)
މި މައްސަލައަކީ އެންޓިކްގެ މައްސަލަ ހުށަހެޅުމުގެ ދެ އަހަރު ކުރިން ޗީފް ޖަސްޓިސް ޕްރެޓް ބެލި މައްސަލައެކެވެ. އެންޓިކްގެ މައްސަލައާ ދާދި އެއްގޮތް މި މައްސަލައިގައިވެސް ހިމެނެނީ ވިލްކްސްގެ ގެ ބަލައި ފާސް ކުރުމަށް ޖެނެރަލް ވޮރަންޓެއް ބޭނުންކުރުމެވެ. އެންޓިކްއާ އެކު "ދަ މޮނިޓަރ" ހިންގުމުގައި ޝާމިލްވި ވިލްކްސްއަކީ އޭރު ނެރުނު އެހެން މަޖައްލާއެއްގައި ރަސްގެފާނަށް ފާޑުކިޔާފައިވާ އިނގިރޭސި ޕާރލިމަންޓުގެ މެންބަރެކެވެ.
މި މައްސަލައިގައި ވިލްކްސްގެ މައްޗަށް ތުހުމަތު ކުރެވުނީ ދޮގު މަޢުލޫމާތު ފެތުރުމުގެ ކުށެވެ. އެހެންނަމަވެސް އޭނާގެ ގެ ބަލައި ފާސްކުރުމަށް ބޭނުންކުރެވުނު ޖެނެރަލް ވޮރަންޓަކީ އޭނާގެ ގެ ބަލައި ފާސްކުރުމަށް އެންގުމުގެ މާކުރިން ތައްޔާރުކޮށްފައިވާ ވޮރަންޓެކެވެ. މި މައްސަލައިގައިވެސް ޙުކުމް ކުރެވުނީ ވިލްކްސްގެ ގެ ބަލައި ފާސް ކުރުމަކީ ޣައިރު ޤާނޫނީ ޢަމަލެއްކަމަށެވެ. ޖެނެރަލް ވޮރަންޓެއްގެ ދަށުން ގޭތެރޭގައި ހުރި ހުރިހާ ލިޔެކިއުމެއް ގެންދިއުންވީ ޒާތީ މިނިވަންކަމުގެ މަފްހޫމްއާ ޚިލާފުކަމަކަށެވެ.
ލީޗް ވ. މަނީ (1765)
މި މައްސަލައިގެވެސް ވާޤިއާތައް (ފެކްޓްސް) ވިލްކްސްއާ ދާދި އެއްގޮތެވެ. ލީޗްއަކީ ވިލްކްސް މަޒްމޫނު ލިޔުނު މަޖައްލާ ޕްރިންޓު ކުރި މީހާއެވެ. މި މައްސަލައިގައިވެސް ހިމެނުނު ޖެނެރަލް ވޮރަންޓަކީ ޤާނޫނާ ޚިލާފު ވޮރަންޓެއްކަމަށް ކަނޑައެޅުނެވެ.
އެންޓިކް، ވިލްކްސް އަދި ލީޗްގެ މައްސަލަތަކަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ "ފޯރތް އެމެންޑްމެންޓް" އެކުލަވާލުމުގައި އެޤައުމުގެ ޤާނޫނުއަސާސީ އެކުލަވާލި މޭސްތިރީން ރިޢާޔަތްކޮށް، އުޞޫލުގެ މުހިންމުކަން ފާހަގަކުރި މައްސަލަތަކެކެވެ. އަދި މީގެ 250 އަހަރު ކުރިންވެސް މީސް މީހުންގެ ގޮވަތި ގެދޮރު ބަލައި ފާސްކުރުމުގެ މަފްހޫމަށް ބަލާއިރު، ކޯޓުތަކުންވެސް ރިޢާޔަތް ކުރި މައިގަނޑު މަފްހޫމަކީ ސަރުކާރުގެ ނުވަތަ ދައުލަތުގެ ކިބައިން މީސް މީހުންގެ އަމިއްލަ މުދާ އެކަށީގެންވާ ސަބަބެއް ނެތި ބަލައި ފާސްކުރުމުން ހިމާޔަތް ކުރުންކަން އެނގެއެވެ.
މީހުންގެ އަމިއްލަ މުދާ ބަލައިފާސްކުރުމުގެ އުޞޫލުތައް އިނގިރޭސި ވިލާތުގައި އުފެދި، ތަރައްޤީވެގެން އައިސް މިހާރު ޢަމަލުކުރާ ގޮތަށް ބަލާއިރު، އެކި ޤާނޫނުތަކުގެ ދަށުން އެކި އިޖުރާއަތުތައް ފުރިހަމަކުރުމާއެކު، އެކި ތަޙުޤީޤީ އިދާރާތަކަށް މީހުންގެ އަމިއްލަ ތަންތަން ބަލައި ފާސްކުރުމުގެ އަމުރު ހޯދުމުގެ ބާރު ލިބިގެންވެއެވެ. އެގޮތުން، އިނގިރޭސި ފުލުހުން ތަނެއް ބަލައި ފާސްކުރުމަށް ބަރޯސާވާ މައިގަނޑު އެއް ޤާނޫނަކީ ޕޮލިސް އެންޑް ކްރިމިނަލް އެވިޑެންސް އެކްޓް (ޕޭސް) 1984 އެވެ.
ޕޮލިސް އެންޑް ކްރިމިނަލް އެވިޑެންސް އެކްޓް (ޕޭސް) 1984
ހައްޔަރުކުރުމާއި ބަލައި ފާސްކުރުމުގެ އަމުރުތަކާއި ފުލުހުންގެ ބާރުތައް އިނގިރޭސިވިލާތުގައި ތަންޒީމުކުރާ އެއް ޤާނޫނު ކަމުގައިވާ ޕޮލިސް އެންޑް ކްރިމިނަލް އެވިޑެންސް އެކްޓް (ޕޭސް) 1984 ގެ 23 ވަނަ މާއްދާގައި، އެ ޤާނޫނުގެ ދަށުން ޙަވާލާދޭ "ޕްރެމިސެސް" ގެ މާނަ ބަޔާންކުރެވިފައިވެއެވެ. އެގޮތުން، "ޕްރެމިސެސް" ނުވަތަ ތަން ކަމުގައި ބުނެފައިވަނީ އެއްވެސް އެއްގަމު އުޅަނދެއް، ކަނޑުގައި ދުއްވާ އުޅަނދެއް، ނުވަތަ މަތިންދާ ބޯޓާއި، އިނގިރޭސި ސަރަޙައްދުގައި ހިމެނޭ ފެނުގެ އަޑީގައި ނުވަތަ ކަނޑުގެ އަޑީގައި ހަދާފައި ހުންނަ ތަންތަނާއި، އިއާދަކުރަނިވި ހަކަތައާ ގުޅިގެން ހަދާ ތަންތަނާއި، އެއްވެސް ޓެންޓެއް ނުވަތަ އެނޫންވެސް އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ އެއްވެސް ކަހަލަ ސްޓްރަކްޗަރއެއް ހިމެނޭ ގޮތުން ކޮންމެ ތަނެކެވެ.
އެހެންކަމުން އެއްވެސް އަމިއްލަ ތަނެއް ފުލުހުންނަށް ބަލައި ފާސްކުރެވޭނީ ޕޭސް ގައި ކަނޑައެޅިފައިވާގޮތުގެ މަތިން ކޯޓު އަމުރެއް އޮވެގެންނެވެ. ޕޭސް ވުޖޫދަށް އައުމުގެ ކުރިން، މީހަކު ހައްޔަރު ކުރުމަށްފަހު، އިތުރު ކޯޓު އަމުރަކާ ނުލައި މުއްތަހަމާ ގުޅުން ހުރި އިމާރާތްތައް ބަލައި ފާސްކުރުމުގެ ޞައްޙަކަމާ މެދު ސުވާލުއުފެދުނެވެ. މެކްލޮރީ ވ. އޮކްސްފަރޑް (1982) ގައި މީހަކު ހައްޔަރުކުރެވުނު ތަން ނޫން އޭނާއާ ގުޅުން ހުރި އެހެން ތަނެއް ފަހުން ބަލައި ފާސްކުރުމުގެ ބާރު ކޮމަން ލޯ ގެ ދަށުން ފުލުހުންނަށް ލިބިދެވިފައިނުވާކަމަށް ކަނޑައެޅުނެވެ.
އެހެންނަމަވެސް، 1984 ގައި ތަޢާރުފު ކުރެވުނު ޕޭސްގެ 18 ވަނަ މާއްދާގެ ދަށުން ކޯޓުގެ މި ނިންމުން ބަދަލު ކުރެވުނެވެ. އެގޮތުން، ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން (އެއީ ހައްޔަރު ކުރުމުގެ އަމުރެއްގެ ދަށުން ވިޔަސް ނުވަތަ ކުށެއް ކުރަނިކޮށް ހައްޔަރުކުރިޔަސް) މީހަކު ހައްޔަރު ކުރުމަށްފަހު އޭނާ ހައްޔަރު ކުރެވުނު ތަން ނޫން، އޭނާއާ ގުޅުންހުރި އިމާރާތްތައް، އިތުރު އަމުރަކާ ނުލައި ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިދެވުނެވެ. މި މާއްދާގެ ދަށުން މުއްތަހަމު ހައްޔަރު ކުރެވުނު ތަން ނޫން އެހެން ތަނެއް ބަލައި ފާސް ކުރެވޭނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާއި ނުވަތަ އެބާވަތުގެ އެހެން ކުށަކާ ގުޅުންހުރި ހެކި ހޯދަން އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށެވެ. އިތުރު ކޯޓު އަމުރެއް ހޯދުމަކާނުލައި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިދެވިފައިވަނީ ސީދާ ޤާނޫނެއްގެ ދަށުންކަން ފާހަގަކުރެވެއެވެ. އަދި މިގޮތަށް ޢަމަލު ކުރުމުގައިވެސް ފުލުހުންގެތެރޭގައި ވަކި އިޖުރާއަތުތަކެއް ފުރިހަމަ ކުރަންޖެހެއެވެ. މިސާލަކަށް، މީހަކު ހައްޔަރު ކުރުމަށްފަހު ތަނެއް ބަލައި ފާސްކުރުމުގެ ހުއްދަ ވަކި ރޭންކަކަށް ވުރެ މަތީ އޮފިސަރެއް ދިނުން ލާޒިމު ކުރުން، ނުވަތަ މީހަކު ހައްޔަރު ކުރުމަށްފަހު ޙާލަތު މެދުވެރިކުރާ ގޮތުން، އެމީހާއާ ގުޅުން ހުރި ތަނެއް ވަގުތުން ބަލައި ފާސްކުރަންޖެހޭނަމަ، ހުއްދަ ނުހޯދާ އެތަނެއް ބަލައި ފާސްކުރިނަމަވެސް، ވީ އެންމެ އަވަހަކަށް މަތީ ރޭންކެއްގެ އޮފިސަރަކަށް އެކަން ހިނގާ ދިޔަކަން އެންގުން ޤާނޫނުގައި ލާޒިމްކުރުން ފަދަ ކަންކަމެވެ.
އެހެންކަމުން، ޕޭސް 1984 ގެ ދަށުންވެސް، އެންޓިކް ވ. ކެރިންގްޓަންގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން، މީސްމީހުންގެ އަމިއްލަ މުދާކަމުގައި ބަލަނީ ހަމައެކަނި އަމިއްލަ ގޮވަތި ގެދޮރު ނޫންކަމާއި، އަމިއްލަ މުދާ ނުވަތަ ތަންތަން ކަމުގައި ބަލަނީ، ދައުލަތުގެ ތަންތަން ނޫން މީސްމީހުންގެ އަމިއްލަ އެހެނިހެން ތަންތަންކަން އެނގެއެވެ.
ކުރިންވެސް ފާހަގަކުރެވުނު ފަދައިން، އެކި ބާވަތުގެ ބަލައި ފާސްކުރުމުގެ އަމުރު ނެރުމުގެ ބާރު އެކި ޤާނޫނުތަކުގެ ދަށުން އެކި އިދާރާތަކަށް އިނގިރޭސި ވިލާތުގައި ލިބިދެވެއެވެ. ނަތީޖާއެއްގެ ގޮތުން، އެކި ތަންފީޒީ އިދާރާތަކަށް އޮޅުންއަރައި، އަމުރަށް އެދޭ ފަރާތުންވެސް އަމުރަކަށް އެދޭއިރު އެކަށީގެންވާ ވަރަށް ތައްޔާރުނުވެ، އަދި އަމުރު ނެރެދޭ ފަނޑިޔާރުންވެސް އަމުރެއް ނެރެދޭންޖެހޭ ފަދަ ޙާލަތެއް އޮތްތޯ އެކަށީގެންވާ ވަރަށް ނުބަލައި، އަމުރެއް ނެރެފާނެކަމުގެ ބިރު އޮތްކަމަށް އިނގިރޭސި ވިލާތުގެ ލޯ ކޮމިޝަނުންވަނީ ފާހަގަކޮށްފައެވެ. އިނގިރޭސި ވިލާތުގެ ލޯ ކޮމިޝަންގެ 5 ޖޫން 2018 ގެ ކޮންސަލްޓޭޝަން ޕޭޕަރގައި، ބަލައި ފާސްކުރުމުގެ އަމުރާގުޅޭ ޤާނޫނުތައް އިޞްލާހުކުރަންޖެހޭކަމަށާއި އަދި ޢާންމު ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް ޤާނޫނީ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ. އިނގިރޭސި ޤާނޫނަށް ގެންނަން ހުށަހަޅާ އިޞްލާހުތަކުގެ ރިޕޯޓު ޕަބްލިޝްކުރަން ހަމަޖެހިފައިވަނީ މިއަހަރު (2020) އެވެ.
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޤާނޫނުއަސާސީގެ ދަށުން ދައުލަތުން މީހުންގެ ގޯތި ގެދޮރު ފަދަ އަމިއްލަ ތަންތަން ބަލައިފާސްކުރުމުގައި ރައްޔިތުންނަށް ރައްކާތެރިކަން ލިބިދެވެއެވެ. އަދި މި ޙައްޤަކީ އެ ޤައުމުގެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ އަސާސީ ޙައްޤެއްކަމުގައިވާއިރު، މި މައުޟޫޢުއާ ގުޅޭ އެތައް މައްސަލައެއް ކޯޓަށް ހުށަހެޅި، އެތައް ބަހުސެއްކުރެވި، އަދި އަދިވެސް ކުރެވެމުންދާ ޤައުމެއްކަމުގައިވާއިރު، މި ޤައުމުގެ ތާރީޚާއި ތަޖުރިބާއަށް ބަލައިލުން ރަނގަޅުކަމުގައި ދެކެމެވެ.
18 ވަނަ ޤަރުނުގައި އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް އެމެރިކާއިންވެސް ރަސްކަންކުރާ ފަރާތުން މީސްމީހުންގެ އަމިއްލަ ތަންތަނަށް ވަނުމާމެދު ދެކޮޅުހެދިއެވެ. އަދި ނަތީޖާއަކަށްވީ، ރަސްކަންކުރާ ފަރާތުން، ޤާނޫނީ ބާރު ލިބިގެންނަމަވެސް، މީހުންގެ މުދާ ބަލައި ފާސްކުރަން ފެށުމުން، ރައްޔިތުން އެކަމާ މެދު ނުރުހުން ފައުޅުކޮށް އެއްބާރުލުން ނުދޭންފެށުމެވެ.
މިސާލަކަށް 1734 ވަނަ އަހަރު، އެޑްމިރަލްޓީ ކޯޓުގެ މާޝަލްއެއް ކަނޑުބޯޓެއް ބަލައި ފާސްކުރަން ދިޔުމުން، އެ ބޯޓުގެ ކެޕްޓަން، އޭނާ އުޅަނދު ބަލައި ފާސްކުރުމަށް ހުރަސްއެޅުމުގެ ގޮތުން ބޮޑުބަޑި (ކެނަން) ޖެހިއެވެ. ކެޕްޓަން މިގޮތަށް ޢަމަލުކުރުމުން ކެޕްޓަން މަރާލީއެވެ. ކެޕްޓަންގެ މަރާ ގުޅިގެން ޢާންމުން އެތަނަށް ކުއްލި ގޮތަކަށް އެއްވިއެވެ. އަދި އެ ބޯޓަކީ ކެޕްޓަންގެ ގެ ކަމަށާއި، އެއްވެސް މީހެއްގެ އަމިއްލަ ތަނަކަށް ރަސްކަން ކުރާ ފަރާތުން ވަނުމުގެ ބާރެއް ނޯންނާނެ ކަމަށް ބުނެ ނުރުހުން ފައުޅުކުރިއެވެ. މިގޮތަށް މީސްމީހުންގެ ގޮވަތި ގެދޮރާއި، ގުދަންތަކާއި، ވިޔަފާރި ކުރާ ތަންތަން އިނގިރޭސި ރަސްކަމުން ބަލައި ފާސްކުރުމާމެދު، ދެކޮޅުވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދިޔައެވެ.
އިނގިރޭސި ވިލާތުގައި އެންޓިކްގެ މައްސަލައާއި ވިލްކްސްގެ މައްސަލަ ނިމުނުގޮތް އިނގިރޭސި އިސްތިއުމާރުގައި އޮތް އެމެރިކާއިންވެސް ކާމިޔާބީއެއް ގޮތަށް ފާހަގަކުރިއެވެ. އަދި އެމެރިކާގެ ޤާނޫނުއަސާސީގެ މޭސްތިރީންވެސް ޖެނެރަލް ވޮރަންޓްގެ މަފްހޫމްއަށް ދެކޮޅުހެދިއެވެ. ދައުލަތުން އަމިއްލަ ތަނެއް ބަލައި ފާސްކުރާނަމަ، އަމުރު ރައްދުވާ ފަރާތުގެ ތަފްޞީލާއި، ތުހުމަތު ކުރެވޭ ކުށާއި ބަލައި ފާސްކުރަން ބޭނުންވާ ތަނުގެ ތަފްޞީލު ފަދަ ކަންކަން ހިމެނުމަށް ތާއީދުކުރިއެވެ. އެހެންނަމަވެސް، އެމެރިކާގެ ޤާނޫނުއަސާސީ 1788 ވަނަ އަހަރު ތަސްދީޤު ކުރެވުނުއިރު، ދައުލަތުން މީސްމީހުންގެ އަމިއްލަ ތަންތަން ބަލައި ފާސްކުރެވޭ ގޮތް ގައިދު (ލިމިޓް) ކުރުން ހިމެނޭ ގޮތަށް، ފަރުދީ ޙައްޤުތަކާއި މިނިވަންކަން ޤާނޫނުއަސާސީގައި ހިމެނުމަށް، އެއިރު އެކަށީގެންވާ އަދަދެއްގެ ވޯޓު އެމެރިކާގެ އެކި ސްޓޭޓްތަކުން ނުލިބުނެވެ.
އެހެންނަމަވެސް އޭގެ ހަތަރު އަހަރު ފަހުން، 1792 ގައި، ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ މާއްދާތަކެއް އިތުރު ކުރެވި، ޤާނޫނުއަސާސީއަށް އިސްލާޙު ގެނެވުނެވެ. އެގޮތުން، ބަލައި ފާސްކުރުމާގުޅޭ މާއްދާ، "ދަ ފޯރތް އެމެންޑްމެންޓް" ގައި؛
“The right of the people to be secure in their persons, houses, papers, and effects, against unreasonable searches and seizures, shall not be violated, and no Warrants shall issue, but upon probable cause, supported by Oath or affirmation, and particularly describing the place to be searched and the persons or things to be seized.”
އެމެރިކާގެ ތާރީޚަށް ބަލާއިރު، ފޯރތް އެމެންޑްމެންޓް އުފަންވާން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ، އިނގިރޭސީންގެ އިސްތިއުމާރުގައި އޮތް އެމެރިކާއިން އިނގިރޭސި ވިލާތަށް އާމްދަނީ ހޯދުމުގެ ގޮތުން އެމެރިކާއަށް އެތެރެކުރާ މުދަލާއި، ތަކެތި ބަހައްޓާފައި ހުންނަ ގުދަނާއި ވިޔަފާރިކުރާ ތަންތަން އެކަށީގެންވާ ސަބަބެއް ނެތި، އަބަދު ބަލައި ފާސްކުރުމެވެ.
އެހެންކަމުން، މި މާއްދާއަކީވެސް ހަމައެކަނި މީސްމީހުންގެ މުދަލުގެ ތެރެއިން ވަކި އެއްޗެއް ނުވަތަ ތަނެއް (މިސާލަކަށް، ހަމަ އެކަނި މީހުން ދިރިއުޅޭ ތަންތަން) ބަލައި ފާސްކުރުމަށް ހަނިކުރެވިފައިވާ މާއްދާއެއް ނޫނެވެ. އަމިއްލަ ކޮންމެ މުދަލަކާއި ތަނެއް، މި މާއްދާގެ ދަށުން ހިމާޔަތް ކުރެވެއެވެ.
މީގެ 200 އަހަރު ކުރިން ފަރުމާ ކުރެވުނު މާއްދާއެއް ޒާމާނާއި ޓެކްނޮލޮޖީއާ އެއްގޮތަށް އެމެރިކާއިން މާނަ ކުރަމުން އައިގޮތް ބަލައިލުން މުހިންމެވެ. ފޯރތް އެމެންޑްމެންޓް ބެލެވެނީ މަތިވެރި އަދި ކަނޑައެޅިގެން ރައްކާތެރިކަން ލިބިގެންވާ ޙައްޤެއްގެ ގޮތުގައެވެ. އެމެރިކާ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ފަދައިން؛
“No right is held more sacred, or is more carefully guarded, by the common law, than the right of every individual to the possession and control of his own person, free from all restraint or interference of others, unless by clear and unquestionable authority of law.”
"ޤާނޫނުން ކަނޑައެޅިގެން ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ، އެހެން މީހުންގެ ކިބައިން ހިފެހެއްޓުމެއް ނުވަތަ ބައިވެރިވުމެއް ނެތި، ކޮންމެ ފަރުދަކަށްވެސް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ބާރުވެރިކަމާއި، އަތުގެ ވެރިކަމަށްވުރެ ވަކިން މަތިވެރި އަދި ކަނޑައެޅިގެން ރައްކާތެރިކަން ލިބިދޭ ޙައްޤެއް ކޮމަން ލޯގައި ނޯންނާނެއެވެ."
ފޯތް އެމެންޑްމެންޓް އެންމެ ފުރަތަމަ ބައްޓަންކުރެވުނީވެސް މީހުންގެ އަމިއްލަ މުދާ ހިމާޔަތް ކުރާށެވެ. އެގޮތުން "އިފެކްޓްސް" މި ލަފްޒު ބޭނުން ކުރެވިފައިވަނީ ޒާތީ މުދަލުގެ އިތުރުން ވިޔަފާރި މުދާވެސް ހިމެނުމުގެ މަޤުޞަދުގައެވެ. ކޮންގެރެސްއިންވެސް ފޯތް އެމެންޑްމަންޓަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނެވެ. މިސާލަކަށް 1789 ވަނަ އަހަރުގައި ޑިޔުޓީ ދައްކަންޖެހޭ މުދާ ހުރިތޯ ބަލައި ފާސްކުރަން ކަސްޓަމްސް އޮފިސަރުން ބޭނުންވާނަމަ، އެންމެ ފުރަތަމަ ޖަސްޓިސް އޮފް ދަ ޕީސް އެއްގެ ކުރިމައްޗަށް ހާޒިރުވެ، ހުވާ މަތީގައި ހުރެ، ބަލައި ފާސްކުރަން ބޭނުންވާ ތަނުގެ ތަފްޞީލާއި، ބަލައި ފާސްކުރަން ބޭނުންވާ ސަބަބު ދަލީލުކޮށްދޭ އެކަށީގެންވާ ހެކި ހުށަހަޅަންޖެހޭ ގޮތަށް ކޮންގްރެސްއިން ޤާނޫނެއް ފާސްކުރިއެވެ. 1886 ގައި ބޮއިޑް ވ. ޔުނައިޓެޑް ސްޓޭޓްސްގައި ފޯތް އެމެންޑްމެންޓްގެ ހިމެނޭ "ޕޭޕަރސް" ގެ މާނައިގެ ތެރޭގައި ވިޔަފާރީގެ ރިކޯޑުތައްވެސް ހިމެނޭކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. އެ މައްސަލައިގައި، އެއިރު ޢަމަލު ކުރެވެމުން ދިޔަ ޤާނޫނެއްގެ ދަށުން، ތަޙުޤީޤުގެ ބޭނުމަށްޓަކައި ލިޔެކިއުން ހުށަހަޅަން ލާޒިމުކުރުމަކީ ފޯތް އެމެންޑްމަންޓާ ޚިލާފުކަމެއްކަމަށް ކަނޑައެޅުނެވެ. ސަބަބަކީ އެފަދަ ލިޔުންތައް ދިނުމަށް މީހަކަށް މަޖުބޫރު ކުރުވުމަކީ، ފިފްތް އެމެންޑްމެންޓާ ޚިލާފަށް އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް މަޖުބޫރުން ހެކި ދިނުންކަމަށް ކޯޓަށް ބެލެވުމުން، ފިފްތް އެމެންޑްމަންޓްގައިވާ ޙައްޤަށް އުނިކަން އަންނަފަދަ މޭރުމަކުން ބަލައި ފާސްކުރުމަކީ، ފޯރތް އެމެންޑްމަންޓާ ޚިލާފުކަމެއްކަމަށްވުމެވެ.
ގޫލެޑް ވ. ޔުނައިޓެޑް ސްޓޭޓްސް (1921)
ފީލިކްސް ގޫލެޑްގެ ރަހުމަތްތެރިކަމުގައި އެމެރިކާގެ އަސްކަރީ އިންޓެލިޖެންސް އޮފިސަރެއް އޭނާގެ އޮފީހަށް ވަދެ، ސިއްރުން ލިޔެކިއުންތަކެއް އެ އޮފީހުން ގެންދިޔައެވެ. ފަހުން މި ލިޔެކިއުންތައް ބޭނުން ކުރެވުނީ ގޫލެޑް ސަރުކާރަށް މަކަރާ ހީލަތް ހަދަން އުޅޭކަމުގެ ތުހުމަތުގައި، ގޫލެޑްއާ ދެކޮޅަށެވެ. އެމެރިކާ ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނާ ޚިލާފަށް، ނުވަތަ ގަދަ ބާރުން މީހެއްގެ ގެއަށް ނުވަތަ އޮފީހަށް ވަނުމަކީ ފޯތް އެމެންޑްމެންޓާ ޚިލާފުކަމެއް ނަމަ، މީހަކަށް އޮޅުވާލައިގެން ސިއްރުން އެގޮތަށް ވަދެ ތަން ބަލައި ފާސްކުރުން ނުވަތަ ތަކެތި އެބައެއްގެ ބެލުމުގެ ދަށަށް ގެނައުން ވާނީ ހަމަ ޤާނޫނާ ޚިލާފު ކަމެއްކަމަށެވެ.
މި މައްސަލައިގައި ބަލައި ފާސް ކުރުމުގެ އަމުރެއްގެ ދަށުން ދެވަނަ ފަހަރަށް ގޫލެޑްގެ އޮފީސް ބަލައި ފާސްކުރެވުނެވެ. އެ އަމުރު ނެރުނީ ގޫލެޑް ސަރުކާރު މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި، އެކަމާ ގުޅޭ ލިޔެކިއުންތައް ހޯދުމުގެ ބޭނުމުގައެވެ. އެމެރިކާ ސުޕްރީމް ކޯޓުން ޙުކުމް ކުރީ މިފަދަ އަމުރަކީ ޤާނޫނާ ޚިލާފު އަމުރެއްކަމަށާއި، އެއީ މީހެއްގެ މައްޗަށް ދަޢުވާ ކުރުމުގެ ބޭނުމުގައި އޭނާއާ ދެކޮޅަށް ހެކި ހޯދުމަށްޓަކައި އޭނާގެ ގެ ނުވަތަ އޮފީސް ބަލައި ފާސް ނުކުރެވޭނެކަމަށެވެ.
މި މައްސަލައިން ދައްކުވައިދެނީ ދައުލަތަކީ ނުވަތަ ދައުލަތުގެ އެކި މުއައްސަސާތަކަކީ ބާރުވެރި ފަރާތް ކަމުގައިވާ ހިނދު، އެ ފަރާތަށް ލިބިދެވިފައިވާ ވަޞީލަތްތައް ނަހަމަ ގޮތުގައި ރައްޔިތުންނާ ދެކޮޅަށް ބޭނުން ނުކުރެވޭނެކަމެވެ.
ފްލޮރިޑާ ވ. ޖާރޑީންސް (2013)
2006 ވަނަ އަހަރު ކާކުކަން ނޭނގޭ ފަރާތަކުން މަޔާމީ، ފްލޮރިޑާގެ ފުލުހުންނަށް ގުޅައި، ކޮންމެވެސް ގެއެއްގައި މެރުއާނާ (މަސްތުވާތަކެތި) އުފައްދާކަމުގެ މައުލޫމާތު ދިނެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުން ދިޔައީ މަސްތުވާތަކެތި ހޯދުމަށް ތަމްރީންކޮށްފައިވާ ކުއްތާއެއް ގޮވައިގެންނެވެ. މި ކުއްތާ އެގޭގެ ދޮރުމަތީގައި އޮވެ ކުރި ހަރަކާތްތަކުން ގޭގެއެތެރޭގައި މަސްތުވާތަކެތި ހުރިކަން އެނގުނެވެ. ފަހުން އެގެ ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން އެ ގެއަށް ވަދެ ގޭގެ ވެރި ފަރާތް ހައްޔަރު ކުރިއެވެ.
އެމެރިކާ ސުޕްރީމް ކޯޓުން މި މައްސަލަ ނިންމިއިރު، 9 ފަނޑިޔާރުންގެ ތެރެއިން 5 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައެޅީ ފުލުހުންގެ ޚާއްޞަ ކުއްތާއެއް ފޮރެންސިކް ބޭނުމަށްޓަކައި ކޯޓު އަމުރެއް ނެތި ގެއެއްގެ ދޮރު މައްޗަށް ގެނައުމަކީ ފޯތް އެމެންޑްމަންޓާ ޚިލާފުކަމެއް ކަމަށެވެ.
ރައިލީ ވ. ކެލިފޯރނިއާ (2014)
2009 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ޑޭވިޑް ލިއޯން ރައިލީ ކާރު ދުއްވާފައި ދަނިކޮށް ފުލުހުން އޭނާ ހުއްޓުވިއެވެ. އޭނާ ހުއްޓުވީ މުއްދަތު ހަމަވެފައިވާ ރެޖިސްޓްރޭޝަން ޓެގު ކާރުގައި ހުރުމުންނެވެ. ފުލުހުން ރައިލީގެ ލައިސަންސް ބެލިއިރު، އޭނާގެ ކާރު ދުއްވުމުގެ ލައިސަންސް އޮތީ ސަސްޕެންޑުކޮށްފައެވެ. އަދި ގަވާއިދާ އެއްގޮތަށް ރައިލީގެ ކާރު އިތުރަށް ބަލައި ފާސްކުރިއިރު ދެ ބަޑި ފެނުނެވެ. އަދި ފަހުން ހެދި ތަހުލީލު ތަކުން އެނގިގެން ދިޔައީ މިތަނުން އެއް ބަޑިއަކީ މީހަކު މަރަން ބޭނުންކުރެވުނު ހަތިޔާރެއްކަމެވެ. މީގެ އިތުރުން ގޭންގު ހަރަކާތްތަކަށް ބޭނުންކޮށް އުޅޭ ބައެއް އިތުރު އާލާތްތައް ކާރު ތެރެއިން ފެނުމުން، ފުލުހުން ރައިލީ ހައްޔަރު ކުރިއެވެ. އަދި ބަލައި ފާސް ކުރުމުގެ އިތުރު އަމުރަކާ ނުލައި އޭނާގެ މޯބައިލް ފޯނު ބަލައި ފާސްކުރިއެވެ. މޯބައިލް ފޯނުން ފެނުނީ އޭގެ ތަންކޮޅެއް ކުރިން ހިނގާފައިވާ މީހަކު މެރުމުގެ މައްސަލައަކާ ގުޅުން ހުރި ބައެއް ކަހަލަ ވީޑިއޯތަކާއި ފޮޓޯތަކެކެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު މައިގަނޑު މައްސަލައަކީ ޤާނޫނުގެ ދަށުން ޞައްޙަ ލައިސެންސެއް ނެތި ވެހިކަލް ދުއްވާ މީހެއްގެ ވެހިކަލް ބަލައި ފާސްކުރި ނަމަވެސް، އިތުރު އަމުރަކާ ނުލައި މޯބައިލް ފޯނު ބަލައި ފާސްކުރެވިދާނެތޯއެވެ. ސުޕްރީމް ކޯޓު އިއްތިފާޤުން ކަނޑައެޅީ، މިއީ އެމެރިކާގެ ދުސްތޫރާ ޚިލާފުކަމެއް ކަމަށެވެ. ޗީފް ޖަސްޓިސް ޖޯން ރޮބަރޓްސް ލިޔުނު ރަޢުޔުގައި، ޒަމާނީ ޓެކްނޮލޮޖީއާ އެކު އެމީހެއްގެ އަތުގައި ހުރި ހުރިހާ ލިޔެކިއުމެއް ނުވަތަ މަޢުލޫމާތެއް މޯބައިލް ފޯނުގެ ޒަރީއާރިން ފަސޭހަކަމާއެކު (ޖީބުގައި) އުފުލެވުމަކީ، އެމެރިކާގެ ޤާނޫނުއަސާސީގެ މޭސްތިރީންގެ ވިސްނުމާ އެއްގޮތަށް، އެފަދަ މަޢުލޫމާތު ޤާނޫނުއަސާސީގެ ދަށުން ހިމާޔަތް ނުކުރެވޭންވީ ސަބަބެއް ނޫން ކަމަށެވެ. އަދި ފުލުހުން މީހަކު ހައްޔަރު ކުރުމަށްފަހު އޭނާގެ ފޯނު ބަލައި ފާސްކުރަން ބޭނުންވާނަމަ، އެކަމަށް ޖެހޭނީ އަމުރެއް ހޯދަންކަމަށެވެ.
އޯމްސްޓެޑް ވ. ޔުނައިޓެޑް ސްޓޭޓްސް (1928)
"ބަލައި ފާސްކުރުން" ނުވަތަ "ސަރޗަސް" މި ލަފްޒު ޒަމާނާ އެއްގޮތަށް މާނަކުރުމުގައި ވޭތުވެދިޔަ 200 ވަރަކަށް އަހަރު ތެރޭގައި އެމެރިކާ ކޯޓުތަކުން ގޮންޖެހުންތަކާ ކުރިމަތިލިއެވެ. ތަނެއް ބަލައި ފާސްކުރުމަކީ ހަމައެކަނި އެތަނެއްގެ ތެރެއަށް ހުއްދަނެތި ވަނުމެއް (ޓްރެސްޕާސް) ނޫނެވެ. ތަނެއް ބަލައި ފާސްކުރުންކަމަށް ބެލެވެނީ މީހުންގެ ދިރިރުޅުމުގެ ޒާތީ ކަންކަމަށް ދައުލަތުން ވަނުމަށެވެ.
ކަންމިހެން އޮތް ނަމަވެސް، ދިރިއުޅުމުގެ ޒާތީ ކަންކަމަށް ދައުލަތުން ވަނުމަކީ ޖިސްމާނީގޮތުން (ފިޒިކަލީ) އަމިއްލަ ތަނަކަށް ވަނުންތޯ ނުވަތަ ނޫންތޯ ސުވާލު އުފެދުނެވެ. 1928 ގެ މައްސަލައެއް ކަމުގައިވާ އޯމްސްޓެޑްގައި ޤާނޫނާ ޚިލާފަށް ބަނގުރާ ވިއްކުމުގެ ބޮޑު ވިޔަފާރިއެއް ފަޅާއެރީ އެކަމުގެ ތެރޭގައި ހިމެނުނު މީހުންގެ އޮފީހާއި ގޭގެ ފޯނު ވަޔަރޓެޕް ކޮށްގެން ފޯނު ކޯލުތައް އަޑުއަހައިގެންނެވެ. ވަޔަރޓެޕް ކުރުމުގެ އާލަތްތައް އިންސްޓޯލް ކުރުމުގައި އެއްވެސް ޤާނޫނަކާ ފެޑެރަލް އޮފިސަރުން ޚިލާފުވެފައިނުވެއެވެ. ޓެޕް ކުރާ އާލާތްތައް ބެހެއްޓީ އެކި ގޭގޭގެ ކައިރީ މަގުމަތީގައާއި ބޮޑު އޮފީސް އިމާރާތެއްގެ ބޭސްމަންޓުގައެވެ.
ފެޑެރަލް އޮފިސަރުން އެކި މީހުންގެ ފޯނު ކޯލުތައް އެތައް މަހެއް ވާންދެން އަޑުއަހަމުން ގެންދިޔައެވެ. ނަތީޖާއަކަށްވީ ޤާނޫނާ ޚިލާފު ބޮޑު އޮޕަރޭޝަނެއް ފަޅާއެރުމެވެ. އަދި އޯމްސްޓެޑްއާއި ސިއެޓްލް ފުލުހުންނާ އޮތް ގުޅުންވެސް ފަޅާއެރިއެވެ. އެގޮތުން، އެ މައްސަލައާ ގުޅިގެން އޭގެ ކުރިން ހައްޔަރު ކުރެވުނު އެތައް ބަޔަކު ފުލުހުން ވަގުތުން މިނިވަންކުރުމާއި، ފުލުހުންގެ ބައެއް އޮފިސަރުންނަށް ރިޝްވަތު ދިނުންފަދަ ކަންކަން ހާމަވެގެންދިޔައެވެ.
މި މައްސަލައިގައި ފޯރތް އެމެންޑްމަންޓާ ޚިލާފަށް ހެކި ހޯދާފައިނުވާކަމަށް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން ކަނޑައެޅިއެވެ. އެއީ، ފޯނު ވަޔަރޓެޕް ކުރީ އެއްވެސް މީހެއްގެ ގެއަށް ނުވަތަ އޮފީހަށް ވަދެގެން ކަމުގައި ނުވާތީއެވެ.
ގޯލްޑްމަން ވ. ޔުނައިޓެޑް ސްޓޭޓްސް (1942)
ގޯލްޑްމަން ވ. ޔުނައިޓެޑް ސްޓޭޓްސް އަކީވެސް އޯމްސްޓެޑްއާ އެއްގޮތް މައްސަލައެކެވެ. މި މައްސަލައިގައި ފެޑެރަލް އޭޖެންޓުންތަކެއް ޤާނޫނީ ވަކީލެއްގެ އޮފީހުގެ ތެރޭގައި ދެކެވުނު ވާހަކަތަކެއް އަޑުއެހިއެވެ. މި ވާހަކަތައް އަޑުއެހުމަށްޓަކައި އޭޖެންޓުންތަކެއް ހުއްދަނެތި، ސިއްރުން އޮފީހަށް ވަދެ، އޮފީހުގެ ޕާޓިޝަން ފާރުގައި މައިކްރޮފޯނެއް ހަރުކުރިއެވެ. އެކަމަކު ހަރުކުރި މައިކްރޮފޯނު މަސައްކަތް ނުކުރުމުން، ޖެހިގެން ހުރި އޮފީހަށް ވަނުމުގެ އެކްސެސް ހޯދުމާއެކު، އެ އޮފީހުގެ ފާރުގައި ސެންސިޓިވް މައިކްރޮފޯނެއް ޖައްސައިގެން ޤާނޫނީ ވަކީލުގެ އޮފީސް ތެރޭގައި ދެއްކި ވާހަކަތައް އަޑުއެހިއެވެ.
ސުޕްރީމް ކޯޓުން ކަނޑައެޅީ ހުއްދަނެތި އޮފީހަށް ވަނުމާއި، އޮފީސް ތެރޭގައި ދެއްކި ވާހަކަތައް އަޑުއެހުމަކީ ތަފާތު ދެ ކަމެއްކަމަށެވެ. އެއީ ވަކީލު އޮފީސްތެރޭގައި ދެއްކި ވާހަކަ އަޑުއެހީ އިންވެގެން ހުރި އޮފީހުގެ ފާރުގައި މައިކްރޮފޯނެއް ޖައްސައިގެން، ވަކީލުގެ އޮފީހުގެ ތެރެއަށް ނުވަދެ ކަމުގައިވާތީއެވެ.
މިއާ ޚިލާފަށް ސިލްވަރމަން ވ. ޔުނައިޓެޑް ސްޓޭޓްސް (1961) ގައި ރޯ ހައުސްއަކުން ޖުވާކުޅޭ ރިންގެއް އޮޕަރޭޓް ކުރާތީ، އެކަން ތަޙުޤީޤު ކުރުމަށްޓަކައި އެ ރޯހުސްއާ އިންވެގެން ހުރި ރޯހައުސްގެ ވެރިފަރާތުގެ ހުއްދައާ އެކު އެޖެންޓުން އެގެއަށް ވަދެ ޖެހިގެން ހުރި ގެއަށް ފާރަލަމުން ގެންދިޔައެވެ. މި ދެ ރޯހައުސް އިންވެގެންވާ ފާރުގައި ހުރީ ރެނދުލާފައެވެ. އަދި އެފާރުގައި ބޮޑު ބާ ގަނޑެއް ހުއްޓައި އެޖެންޓުންނަށް ފެނުނެވެ. އެ ބާ ގަނޑުގެ ތެރެއަށް އެއް ފޫޓު ދިގު ދަނޑިގަނޑެއްގައި ހަރުކޮށްފައިހުރި މައިކްރޮފޯނެއް ނުވަތަ "ސްޕައިކް މައިކް" އެއް ވެއްދިއެވެ. ކަން ދިމާކުރި ގޮތުން ސްޕައިކް މައިކް ގޮސް ވެއްދުނީ ޖެހިގެން ހުރި ގޭގެ ހީޓިން ޑަކްޓެއްގެ ތެރެއަށެވެ. ނަތީޖާއަކަށްވީ، މުޅި ގޭތެރޭގައި ދެއްކި ހުރިހާ ވާހަކަތަކެއް ފަސޭހައިން އަޑުއެހުމަށް މަގުފަހިވުމެވެ.
މި މައްސަލައިގައި އެޖެންޓުންގެ ޢަމަލުތައް އެއީ ޤާނޫނާ ޚިލާފު ބަލައި ފާސްކުރުމެއްކަމަށް ސުޕްރީމް ކޯޓުގެ އިއްތިފާޤުން ކަނޑައެޅިއެވެ. ސަބަބަކީ އަމުރެއް ނެތި ޖިސްމާނީ ގޮތުން (ފިޒިކަލީ) އެގެ ތެރެއަށް އެޖެންޓުންވަނީ ކަމުގައި ބެލެވެން އޮތަތީއެވެ.
މިހެންކަމުން، 1960 ގެ އަހަރުތަކުގައި އެމެރިކާ ސުޕްރީމް ކޯޓުން ފޯރތް އެމެންޑްމަންޓް މާނަ ކުރުމުގައި ސަރުކާރުން ތަނެއް ބަލައި ފާސްކުރުންކަމަށް ބަލަނީ ކޮންމެވެސް މިންވަރަކަށް ޖިސްމާނީ ގޮތުން (ފިޒިކަލީ) މީހެއްގެ އަމިއްލަ ތަނަކަށް ވަނުމުންކަން ފާހަގަކުރެވެއެވެ.
ކެޓްޒް ވ. ޔުނައިޓެޑް ސްޓޭޓްސް (1967)
ބަލައި ފާސްކުރުން މާނަކުރުމަށް ޒަމާނީ ޓެކްނޮލޮޖީއާ އެއްހަމަވާ ފަދައިން އިންޤިލާބީ ބަދަލެއް ގެނައީ ކެޓްޒް ވ. ޔުނައިޓެޑް ސްޓޭޓްސް އިންނެވެ. 1967 ގައި އެމެރިކާ ސުޕްރީމް ކޯޓުން ނިންމި މި މައްސަލައިގައި، ޕަބްލިކް ފޯނު ބޫތެއްގެ މަތީގައި ފޯނު ކޯލްތައް އަޑުއެހުމުގެ މަޤުޞަދުގައި އޭޖެންޓުން މައިކްރޮފޯނެއް ތަތްކުރިއެވެ.
ފޯނު ބޫތު ހުރީ މަގުމަތީގައި ކަމުގައި ވީނަމަވެސް، އަދި ތަތްކުރި މައިކްރޮފޯނު ސީދާ ބޫތުގެ އެތެރެއަށް ނުވެއްދި ނަމަވެސް، ސުޕްރީމް ކޯޓުން ޙުކުމް ކުރީ އޭޖެންޓުންގެ މި ޢަމަލަކީ ފޯރތް އެމެންޑްމަންޓާ ޚިލާފަށް ބަލައި ފާސްކުރި ކުރުމެއްކަމަށެވެ. މަގުމަތީގައި ހުރި ޓެލެފޯނު ބޫތަކީ ޢާންމު ތަނެއް ކަމުގައިވީ ނަމަވެސް، އެތަނަކީ، އެތަނެއް ބޭނުންކުރާ މީހެއްގެ ނަޒަރުގައި އެކަށީގެންވާ ޒާތީ މިނިވަންކަމެއް (ޕްރައިވެސީއެއް)، ނުވަތަ އެހެން މީހުންގެ ކިބައިން ސިއްރުވެރިކަމެއް ލިބިދެވޭ ފަދަ ތަނެއްނަމަ، އެފަދަ ތަނެއް ބަލައި ފާސްކުރެވޭނީ އަމުރެއްގެ ދަށުންކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
ޔުނައިޓެޑް ސްޓޭޓްސް ވ. ޖޯންސް (2012)
މި މައްސަލައިގައި، ތަހުޤީޤު ކުރި ފަރާތްތަކުން ތުހުމަތު ކުރެވުނު ފަރާތުގެ ކާރު ތަންދޮށުގައި ޖީ.ޕީ.އެސް ޑިވައިސްއެއް ހަރުކުރިއެވެ. ސުޕްރީމް ކޯޓުން ކަނޑައެޅީ މިއީ ފޯރތް އެމެންޑްމަންޓާ ޚިލާފަށް، ހުއްދަ ނެތި ތަނަކަށް ވަނުންކަމަށެވެ. ހުއްދަނެތި ވަނުން، ނުވަތަ "ޓްރެސްޕާސް" އަކީ ޢާންމު ގޮތެއްގައި ތަނެއްގެ ތެރެއަށް ވަނުންކަމުގައި ވީނަމަވެސް، އަދި މި މައްސަލައިގައި، ޖީ.ޕީ.އެސް ޓްރެކިންގ ޑިވައިސް ހަރުކޮށްފައިހުރީ ކާރުގެ އެތެރޭގައި ނޫންކަމުގައިވީ ނަމަވެސް، މި ޢަމަލަކީ ޓްރެސްޕާސްއެއް ކަމަށާއި އަދި މިއީ ޤާނޫނާ ޚިލާފަށް، އަމުރެއްނެތި ތަނެއް ބަލައި ފާސްކުރުންކަމަށް ކޯޓުން ކަނޑައެޅިއެވެ.
ޖޯރޖިއާ ވ. ރެންޑޮލްފް (2006)
އެމެރިކާގައިވެސް ތަނެއްގެ ވެރިފަރާތުން ނުވަތަ ދިރިއުޅޭ ފަރާތުން އެއްބަސްވާނަމަ، ކޯޓު އަމުރަކާ ނުލައި އެތަނެއް ބަލައި ފާސްކުރެވިދާނެއެވެ. ސުވާލަކީ، އެތައް ބަޔަކު އުޅޭ ތަނެއްގައި، އެންމެ މީހެއްގެ ހުއްދައާ އެކު އެތަނެއް ބަލައި ފާސްކުރެވިދާނެތޯއެވެ.
ރެންޑޯލްފްއާއި އޭނާގެ އަނބިމީހާއާ ދެމެދު މައްސަލަ ޖެހުނެވެ. އަނބިމީހާ ދެމަފިރިންގެ ދަރިފުޅު ގޮވައިގެން އެމެރިކާއިން ފުރައިގެންދިޔައީ ކެނެޑާއަށެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ދަރިފުޅު ގޮވައިގެން އެނބުރި އެމެރިކާއަށްއައިސް، ދެމަފިރިންގެ ގޭގައި އުޅުނެވެ. އޭގެފަހުން، އަނެއްކާވެސް ދެމަފިރިންގެ ދޭތެރޭގައި ޖެހުނު ހަމަނުޖެހުމެއްގެ ސަބަބުން ރެންޑޮލްފް ގެއިން ނިކުމެގެން ދިޔައީ ދަރިފުޅު ގޮވައިގެންނެވެ. އަނބިމީހާ ފުލުހުންނަށް ގުޅައިގެން ފުލުހުން އެގެއަށް އައުމުން، ފިރިމީހާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ބުންޏެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ރެންޑޮލްފް ގެއަށް އަނބުރާ އައެވެ. އަދި އަނބިމީހާ ދަރިފުޅު ގޮވައިގެން ޤައުމުން ބޭރަށް އަނެއްކާވެސް ގޮސްފާނެތީ، އެ ކުއްޖާ ހުރީ އަވަށްޓެރިއެއްގެ ކައިރީގައި ބަހައްޓާފައިކަމަށް ބުންޏެވެ.
ފުލުހުންގޮސް އަވަށްޓެރި ގެއިން ކުޑަކުއްޖާ އެނބުރި ގެނައުމުން، ރެންޑޮލްފްގެ އަނބިމީހާ އަނެއްކާވެސް އޭނާ ގޭތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ޝަކުވާ ކުރިއެވެ. ރެންޑޮލްފް މިކަމަށް އިންކާރު ކުރުމާއެކު ތުހުމަތު ކުރީ އޭނާގެ އަނބިމީހާ މަސްތުވާތަކެތި ބޭނުންކުރާކަމަށެވެ.
މި ތުހުމަތުތަކާ ގުޅިގެން އެގެ ބަލައި ފާސްކުރުމުގެ ހުއްދައަކަށް ފުލުހުން ރެންޑޮލްފްގެ ކިބައިން އެދުނެވެ. އޭނާ އެކަމަށް އިއުތިރާޒު ކުރުމުން، އަނބިމީހާގެ ހުއްދައަށް އެދުނެވެ. އަނބިމީހާ ވަގުތުން ހުއްދަ ދިނުމާއެކު ފުލުހުން ކޮޓަރިއަކަށް ވެއްދިއެވެ. އެ ކޮޓަރިން ފެނުނީ ޖޫސްބޯ ހޮޅިއެއްގެ ފުލުގައި ހުދު ކުލައިގެ ކުނޑިއެއް ހޭކިފައިހުރިތަނެވެ. ފުލުހުން އެ ހޮޅިއާއި ދެމަފިރިން ފުލުސް ސްޓޭޝަނަށް ގެންދިއުމަށްފަހު، ކޯޓު އަމުރެއް ހޯދައިގެން އެގެ ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ބޭނުންކުރާކަމުގެ އިތުރު ހެކި ފެނުނެވެ.
ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން ކަނޑައެޅީ، ތަނެއްގައި އުޅޭ ބައެއްގެ ތެރެއިން އެންމެ މީހަކު އިއުތިރާޒު ކުރިޔަސް، ކޯޓު އަމުރެއް ނެތި އެތަނެއް ބަލައި ފާސް ނުކުރެވޭނެކަމަށެވެ. އަދި މި މައްސަލައިގައި ރެންޑޮލްފްގެ ގޭތެރެ ބަލައި ފާސްކޮށްފައިވަނީ ފޯރތް އެމެންޑްމަންޓާ ޚިލާފަށް ކަމަށެވެ.
ކައިލޯ ވ. ޔުނައިޓެޑް ސްޓޭޓްސް (2001)
އެމެރިކާ ސަރުކާރުން ކައިލޯއަށް ފާރަލުމަށްޓަކައި އޭނާ ދިރިއުޅޭ ގޭގެ ބޭރުން ތަރމަލް އިމެޖިންގ ޑިވައިސްއެއް ބޭނުންކުރިއެވެ. މި ޑިވައިސްއަކީ ފާރެއްގެ ތެރެއަށް ކޮށްޕައިގެން ބޭނުންކުރި އާލާތެއް ނޫނެވެ. ޑިވައިސްއިން ނަގައިގަންނަނީ ހަމައެކަނި ގޭތެރޭގެ ހޫނު ތަންތަނެވެ. ކައިލޯގެ ގޭގެ ގަރާޖުގެ ފުރާޅުމަތިންނާއި ގަރާޖު ފާރުތަކުން އާދަޔާ ޚިލާފު ހޫނުކަމެއް ދެއްކިއެވެ. ފެޑެރަލް އެޖެންޓުންނަށް ވިސްނުނީ މަސްތުވާ އެއްޗެއްކަމަށްވާ މެރުއާނާ ގޭތެރޭގައި ހައްދާނަމަ، ގަހަށް ބޭނުންވާ އަވީގެ ބަދަލުގައި، އެތައް ބައިވަރު ބޮކި ތަކެއް ހަރުކޮށްފައިވުމެވެ. މި މަޢުލޫމާތުގެ އަލީގައި ކައިލޯގެ ގެ ބަލައި ފާސްކުރުމުގެ އަމުރެއް ކޯޓުން ހޯދިއެވެ. އަދި އެގެ ބަލައި ފާސްކުރުމުން 100 މެރުއާނާ ގަސް ފެނިފައިވެއެވެ.
ތަރމަލް އިމެޖިންގ ޑިވައިސް ބޭނުންކުރި ކުރުމަކީ ފޯރތް އެމެންޑްމަންޓްގައި ބުނާ ފަދަ ބަލައި ފާސްކުރުމެއްކަމަށް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން ކަނޑައެޅިއެވެ. ކޮންމެ މީހެއްގެވެސް އަމިއްލަ ގޭގައި އެމީހެއްގެ ޒާތީ މިނިވަންކަން (ޕްރައިވެސީ) އޮންނާނެކަމަށް އެމީހަކަށް ޤަބޫލުކުރެވޭނެއެވެ. ތަނެއް ބަލައި ފާސްކުރާނަމަ، އެކަން ކުރެވޭނީ ޤާނޫނު ހުއްދަކުރާ ގޮތެއްގެ މަތިންނެވެ. ތަނަކަށް ޢަމަލީގޮތުން ނުވަނަސް، ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް އެއްޗެއްގައި އަތް ނުލައި، ދުރުގައި ހުރެގެން މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުންވީ، ކޯޓު އަމުރެއްނެތި ތަނަކަށް ވަދެ ބަލައި ފާސްކުރުންފަދަ ކަމަކަށެވެ. ތަރމަލް އިމެޖިންގ ޑިވައިސް ބޭނުންކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައިކަމުން، އެއީ ޤާނޫނާ ޚިލާފަށް ތަނެއް ބަލައި ފާސްކުރުންކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
އެހެން ޤައުމުތަކުގެ ތަޖުރިބާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/202 ޤަޟިއްޔާގައިވެސް ދުނިޔޭގެ ބައެއް ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ ގޮތް ފާހަގަކޮށްފައިވެއެވެ. އަދި މިސާލެއްގެ ގޮތުގައި ނަގާފައިވަނީ އެމެރިކާއާއި ކެނެޑާގައި ޢަމަލުކުރާ ގޮތްކަން ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި އިނގިރޭސި ވިލާތަށާއި އެމެރިކާގައި ޢަމަލުކުރަމުންދާ ގޮތުގެ ތަފްޞީލަށް ބެލުމުގެ މައިގަނޑު މަޤުޞަދަކީ، ބަލައި ފާސްކުރުމުގެ މަފްހޫމް ތާރީޚީ ގޮތުން އުފެދިގެން އައިސް، ގައިދު (ލިމިޓް) ކުރެވުނު ސަބަބުތަކަށް އަލިއަޅުވާލުމެވެ. އަދި ޖިނާއީ ކުށްތަކުގައިވެސް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް ފުލުހުން ނުވަތަ ދައުލަތުން ހެކި ހޯދުމުން، އެ ޤައުމުތަކުގެ ކޯޓުތަކުން އެ ހެއްކަށް ރިޢާޔަތް ނުކުރާކަން އެނގެއެވެ. ކިތަންމެ ބޮޑު ކުށެއް ތުހުމަތުކުރެވުނު ކަމުގައިވިޔަސް، ޤާނޫނުތަކުގައި ކަނޑައެޅިފައިވާ އިޖުރާއާތުތަކާ ޚިލާފަށް ކޯޓު އަމުރެއް ނެތި ހެކި ހޯދާނަމަ، ފުލުހުން ނުވަތަ ދައުލަތުން ޢަމަލުކުރަންޖެހޭ ވަކި އިޖުރާއާތުތަކެއް ޤާނޫނުއަސާސީގައާއި ޤާނޫނުތަކުގައި ކަނޑައެޅިފައި އޮތުމުގެ މަޤުޞަދު ޙާސިލުނުވެއެވެ. ރައްޔިތުންނަށް ލިބިދެވިފައިވާ ޙައްޤުތައް ނިގުޅައިގަނެވި، ކަންކަމުގައި ދައުލަތުން ނާޖާއިޒު ގޮތުގައި ޢަމަލު ކުރުމަށް މަގުފަހިވެގެންދެއެވެ.
ދުނިޔޭގެ ގިނަ މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ ގޮތުން އެނގޭކަމަކީ، ބަލައި ފާސްކުރުމުގެ އިންތަކެއް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ކަނޑައެޅުމުގެ ބޭނުމަކީ މީހުންގެ އަމިއްލަ މުދަލަށް ދައުލަތުގެ ކިބައިން ރައްކާތެރިކަން ފޯރުކޮށްދިނުންކަމެވެ. މި ޤައުމުތަކުގެ ތަޖުރިބާއަށް ބެލުމުން، ތާރީޚީގޮތުން ޒާތީ މިނިވަންކަމުގެ ޙައްޤު އުފެދިގެން އައިއިރު، އެ މިނިވަންކަން ގައިދު (ލިމިޓް) ކުރެވިފައިވަނީ މީހުންގެ އަމިއްލަ މުދަލުގެ ތެރެއިން ވަކި ބާވަތެއްގެ މުދަލަކަށް ނޫންކަން އެނގެއެވެ. 2008 ގައި ތަސްދީޤުކުރި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އަސާސީ ޙައްޤުތައް މާނަކުރުމުގައި ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ތަޖުރިބާއަށް ރިޢާޔަތްކުރުން ލާޒިމްކުރާއިރު، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި މީހުން ދިރިއުޅޭ ތަންތަނުގެ މާނައިގެ ތެރޭގައި މީސްމީހުންގެ އަމިއްލަ އޮފީސްތައް ހިމެނޭތޯ ބެލުމުގައި، ރައްޔިތުންގެ ޚާއްޞަ މަޖިލިހުގައި މި މާއްދާ މިގޮތަށް ބައްޓަންކޮށްފައި އޮތީ ގަސްތުގައި މީހުން ދިރިއުޅޭ ތަންތަން ފިޔަވައި އެހެނިހެން ތަންތަން ނުހިމެނުމުގެ މަޤުޞަދުގައިތޯ ބަލައިލުން މުހިންމެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ބަހުސް
7 އޮގަސްޓް 2008 ގައި ތަސްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ޔައުމިއްޔާތައް ބެލިއިރު، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި "މީހުން ދިރިއުޅޭ ތަންތަން" މި ލަފްޒު އެގޮތަށް ބޭއްވިފައި އޮތުމުގެ މަޤުޞަދަކީ، މީހުންގެ އޮފީސްފަދަ އެހެނިހެން ތަންތަނަށް އަމުރެއް ނެތި ވަނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންކަން ދޭހަވާ މޭރުމުން، އެއްވެސް މެންބަރަކު ވާހަކަ ދައްކާފައިނުވާކަން ފާހަގަކުރެވެއެވެ. އެއާ ޚިލާފަށް، 47 ވަނަ މާއްދާގެ (ށ) ގައި "ގޮވަތި ގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަން" ކަމަށް އޮތް ފުރަތަމަ ޖުމްލަ އުނިކުރަން ހުށަހެޅުނެވެ. މިގޮތަށް ހުށަހެޅުނު ސަބަބުކަމަށް މާޅޮސްމަޑުލު ދެކުނުބުރީ މެންބަރު ފާހަގަކޮށްފައިވަނީ، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި އޮތް ޒާތީ ދިރިއުޅުމާ ގުޅޭ މާއްދާ އެއިރު ފާސްކޮށްފައިވާތީ، އެ މާއްދާގައިވާ ކަންކަން 47 ވަނަ މާއްދާގެ (ށ) ގައި އޮތް ފުރަތަމަ ޖުމްލައިން ތަކުރާރުވާ ކަމަށް މެންބަރަށް ޤަބޫލުކުރެވިގެންކަމަށެވެ. ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި އަންނަނިވި ގޮތަށް ބަޔާންކުރެވިފައިވެއެވެ.
ޒާތީ ދިރިއުޅުން 24. ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެމީހަކުމެ، އަނެކުންގެ މި ބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާންވާނެއެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ އެހެން މެންބަރަކު ފާހަގަކޮށްފައިވާ ގޮތުންނަމަ، "...އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ވަރަށް ގިނަ އިއްޒަތްތެރި މެންބަރުން އެ ފައުޅު ކުރެއްވިހެން އެކި އެކި ބޭނުންތަކަށްޓަކައި އެކި ތަންތަނަށްވަދެ އެކި އެކި ތަންތަނުގެ ޙުރުމަތް ކަނޑަމުންދާތަން". އޭގެ މިސާލެއްގެ ގޮތުން އެމް.ޑީ.ޕީ އޮފީހަށް ފުލުހުން ވަންކަމަށް ބުނެ އެ މެންބަރު ފާހަގަކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އެގޮތަށް ލިޔެވިފައި އޮތް ނަމަވެސް "...ޤާނޫނުއަސާސީއެއްގައި ކޮންގޮތަކަށް ލިޔެވިގެންތޯ މިކަހަލަ ކަންތައްތައް މި ރާއްޖޭގެ ފުލުހުން ނުކުރާނީ..." މިގޮތަށް އެ މެންބަރު ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ މެންބަރުންގެ ބަހުސަށް ބަލާއިރު، މެންބަރުންގެ ވިސްނުމަކީ ސަރުކާރުން ނުވަތަ ދައުލަތުން ޤާނޫނީ އިމުގެ ބޭރުން މީސްމީހުންގެ އަމިއްލަ މުދާ އަތުލުމާއި އަދި ބަލައިފާސްކުރުމުން ރައްކާތެރިކުރުންކަން ފާހަގަކުރެވެއެވެ. މާޅޮސްމަޑުލު ދެކުނުބުރީ މެންބަރު ފާހަގަކުރި ފަދައިން، 47 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ވަނީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއާ ގުޅިފައެވެ. އަދި 47 ވަނަ މާއްދާގެ (ށ) އަށް އެ މެންބަރު ހުށަހެޅި އިޞްލާހު ފާސްނުވެ މިހާރު އޮތް ގޮތަށް އޮތުމުގެ އެއް ސަބަބަކީ ސަރުކާރުގެ ނުވަތަ ދައުލަތުގެ ކިބައިން މީހުންގެ އަމިއްލަ މުދަލަށް ލިބިދެވެންޖެހޭ ރައްކާތެރިކަމުގެ މުހިންމުކަން ތަކުރާރުކުރުންކަން އަހުރެންނަށް ޤަބޫލުކުރެވެއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އަކީ ހަމައެކަނި އޭގެ ލުޣަވީ (literal) މާނައަށް ބަލައި، މީސްމީހުންގެ އަމިއްލަ މުދަލުގެ ތެރެއިން ބައެއް މުދަލަށް ތަޠުބީޤު (apply) ކުރަން އޮތް މާއްދާއެއް ނޫނެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ބަހުސަށް ބެލުމުންވެސް މިއީ މަޖިލިސް މެންބަރުންގެ ނިޔަތެއް ނޫންކަން އެނގެއެވެ. އަދި މީހެއްގެ އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އަމުރެއް ހޯދަންޖެހެން އޮތުމުގެ މަފްހޫމް ދުނިޔޭގެ ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގައި އުފެދިގެން އަދި ތަރައްޤީވެގެން އައި ގޮތުގެ ތާރީޚަށް ބެލުމުންވެސް، އަމިއްލަ ތަންތަނަށް ޤާނޫނު ހުއްދަކުރާ ޙާލަތެއްގައި މެނުވީ، ކަމާބެހޭ އިދާރާތަކުން އަމުރެއް ހޯދަންޖެހުމުގެ މަޤުޞަދަކީ، ދައުލަތުން މީސްމީހުންގެ އަމިއްލަ މުދަލާއި ޒާތީ ދިރިއުޅުމަށް ހުރުމަތްތެރިކޮށް ހިތުން ލާޒިމްކުރުންކަން އެނގެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) މާނަކޮށްފައިވަނީ ހުޅުވިގެންވާ ދީމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލުތަކާ އެއްގޮތަށެވެ.
މައްސަލައިގެ ހާދިސާ
ހުށަހެޅިފައިމިވާ މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބަލާއިރު، 21 ޖޫން 2011 ގެ 18:30 ގައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި ބަޔަކު ގެންގުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ ޑްރަގް އެންފޯސްމަންޓަށް ލިބުމުން، ޑްރަގް އެންފޯސްމަންޓުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެރޭ (22 ޖޫން 2011) ގެ 00:30 އެހައިކަންހާއިރު، ޙުސައިން ޞަބާޙްއާއި ކްރިމިނަލް ކޯޓުގައި ޙުސައިން ޞަބާޙްއާ އެކު ދަޢުވާ ކުރެވުނު މުޙައްމަދު އަސްވަދު އާ ދެމީހުން، ރަޖިސްޓަރީ ނަންބަރު AA0D P7379 ސައިކަލުގައި މާވެޔޮމަގުން ދުއްވާފައި ދާކަމުގެ މަޢުލޫމާތު ލިބުމުން، އެ ސަރަޙައްދަށް ފުލުހުންގޮސް، ޔޫ.އެން ބިލްޑިންގ ކައިރިން އެމީހުން ތިބި ސައިކަލާ އަރާ ހަމަކޮށް، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުންގެ ހަށިގަނޑު ބަލައި ފާސްކުރިއެވެ.
އެގޮތުން، މުޙައްމަދު އަސްވަދު ލައިގެންހުރި ސޯޓުބުރީގެ ކަނާތްފަރާތު ކުރިމަތީ ޖީބުން ތަޅުދަނޑިފައްޗެއް ފެނުނެވެ. ފުލުހުން އެ ތަޅުދަނޑިފަތި ހިފައިގެން އެދެމީހުންނާއި އަދި އިތުރު މީހަކުވެގެން ހިންގާ ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ދިޔައެވެ. އެތަނަށް ދިޔައީ މުޙައްމަދު އަސްވަދުއާއި ޙުސައިން ޞަބާޙް ގޮވައިގެންނެވެ. އަދި އެ ދެ މީހުންގެ ހާޒިރުގައި އެ ކުންފުނީގެ އޮފީސްތެރެ ބަލައި ފާސްކުރިއިރު، އެ އޮފީސް ތެރޭގައި ހުރި ބޮޑު ފޮށިގަނޑެއްގެ ތެރެއިން ފެނުނު ބޮޑު 01 (އެކެއް) ރަބަރު ޕެކެޓުގެ ތެރޭގައި 13.8046 ގްރާމް ޑައިއެސިޓައިލްމޯފިން/ހެރޮއިންއާއި 311.8684 ގްރާމް 06-އެސިޓައިލްމޯފިންއާއި 39.8392 ގްރާމް އަލްޕްރަޒޮލަމް/ޒެނެކްސްއާއި ފޮށިގަނޑުގެ ތެރޭގައި ކޮތަޅަކަށް ލާފައި އޮތް ބޮޑު 03 (ތިނެއް) ސެލޯފިންގަނޑުގައި 711.9573 ގްރާމް ޓެޓްރާހައިޑްރޯކެނަބިނޯލްއާއި 422.0835 ގްރާމް ކެނަބިނޯލް ހުރިކަން އެތަކެތީ ތަޙުލީލު ރިޕޯޓުން އެނގުނެވެ.
އަދި ހަމަ އެ ފޮށިގަނޑުގެ ތެރޭގައި އޮތް އެހެން ކޮތަޅެއްގެ ތެރޭގައި އޮތް ބޮޑު 03 (ތިނެއް) ސެލޯފިންގަނޑުގައި 657.0995 ގްރާމް ޓެޓްރާހައިޑްރޯކެނަބިނޯލްއާއި، 388.5176 ގްރާމް ކެނަބިނޯލް ހުރިކަމަށް އެ ތަކެތީގެ ތަޙްލީލު ރިޕޯޓުން ދެއްކިއެވެ.
މަސްތުވާތަކެތި ހުރި ބޮޑު ރަބަރު ޕެކެޓުން ނެގުނު އިނގިލީގެ ނިޝާނާއި ޙުސައިން ޞަބާޙްގެ ވައަތު މެދު އިނގިލީގެ ނިޝާން ދިމާވާކަމަށް ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުން އެނގެން އޮންނަކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ކްރިމިނަލް ކޯޓުގައި ފުލުހުން ދީފައިވާ ހެކިބަހުންވެސް، ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދު ސައިކަލުގައި ދުއްވާފައި ދަނިކޮށް ފުލުހުން އެމީހުން ހުއްޓުވީ އެމީހުން ކުށެއް ކުރާ ތަން ފެނިގެންނެއް ނޫނެވެ. އެ ދެ މީހުން އެވަގުތު ކުށެއްކުރަން އުޅުނުނަމަ، އެކަމާބެހޭ އެއްވެސް ވާހަކައެއްވެސް މި މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު ދައުލަތުގެ ފަރާތުން ދައްކާފައިނުވެއެވެ. ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް މި މައްސަލައިގައި ހިމެނޭ ފުލުހުން ދީފައިވާ ހެކިބަހުންވެސް، އަދި ކޯޓަށް ހުށަހެޅުނު "ތަޙުޤީޤްކުރި ފަރާތުގެ ބަޔާން" އިންވެސް ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދު ސައިކަލުގައި ދުއްވާފައި ދަނިކޮށް، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި، އެމީހުންނާ ސައިކަލުގައި ގޮސް އަރާ ހަމަކުރި ފުލުހުން، ސައިކަލުގެ ފަހަތުގައި އިން ޙުސައިން ޞަބާޙުގެ ޓީޝާރޓުގައި ހިފެހެއްޓި ވަގުތު، އޭނާ ލައިގެން ހުރި ޓީޝާރޓާއި ހަށިގަނޑާ ދޭތެރެއިން ކަރުދާސްކޮޅުތަކެއް ބިންމައްޗަށް ވެއްޓުނުކަން އެނގެން އޮވެއެވެ. އަދި ފަހުން އެ ކަރުދާސްކޮޅުތަކުގައި މަސްތުވާތަކެތި ހުރިކަމަށް ލެބޯރޓްރީ ތަޙްލީލު ރިޕޯޓުން ދައްކާކަމަށްވެސް ތަޙުޤީޤުކުރި ފަރާތުގެ ބަޔާނުގައިވެއެވެ. ޙުސައިން ޞަބާޙްއާއި ސައިކަލު ދުއްވަންއިން މުޙައްމަދު އަސްވަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންވެގެން ފުލުހުން ޙުސައިން ޞަބާޙްގެ ގައިގައި އަތްލުމާ ހަމައަށް، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓަށް ލިބުނު މަޢުލޫމާތުގެ އިތުރުން، ކޯޓު އަމުރެއް ނެތި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ވަރުގެ ކަމެއް ހިނގާފައިވާކަން އެނގެން ނެތެވެ.
ޤާނޫނަކުން ހަނި ނުކުރާ ޙައްޤެއް ގަވާއިދަކުން ހަނިކުރުން
މި މައްސަލައިގައި ތަން ބަލައި ފާސްކުރުމުގެ އަމުރެއް ނެތުމުގެ މައްޗަށް އެކަނި ބިނާކޮށް، ޙުސައިން ޞަބާޙްގެ މައްޗަށް ކުށް ސާބިތުނުވާ ކަމާ މެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުވާލު އުފައްދައެވެ.
ޙުސައިން ޞަބާޙްގެ ފަރާތުން ހައިކޯޓުގައި ހުށަހެޅި މައިގަނޑު އެއް ނުކުތާއަކީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ދިވެހި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ޙައްޤުތަކުގެ ތެރެއިން، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއް ނެތި، އޭނާގެ އޮފީސް ބަލައި ފާސްކޮށް ހޯދާ ހެކި ވާނީ ޤާނޫނާ ޚިލާފަށް ހޯދާ ހެކިކަމަށެވެ.
ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރެވިފައިވާ ޙައްޤުތަކަކީވެސް ބައެއް ކަހަލަ ޙާލަތްތަކުގައި ހަނިކުރެވިދާނެ ނުވަތަ ހިފެހެއްޓިދާނެ ޙައްޤުތަކެކެވެ. އެހެންނަމަވެސް، އެގޮތަށް ޙައްޤެއް ހަނިކުރެވޭނީ ނުވަތަ ހިފެހެއްޓޭނީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން، ޤާނޫނުއަސާސީއާ ތަޢާރުޟުނުވާނެ ގޮތެއްގެ މަތިން، ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުންނެވެ.
މި މައްސަލައިގެ ހާދިސާ ހިނގިއިރު ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި ބުނާ ޙައްޤު ޤާނޫނަކުން ހަނިކުރެވިފައިވާކަން އެނގޭކަށް ނެތެވެ. އަދި މި ޙައްޤު އެއިރު ޤާނޫނަކުން ހަނިކުރެވިފައިވާކަމަށް ދައުލަތުގެ ފަރާތުންވެސް ބުނެފައެއްނުވެއެވެ. މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން ހަދާފައިވާ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާ ބެހޭ ގަވާއިދު" ގެ ދަށުންކަމަށް ދައުލަތުން ބުނެފައިވެއެވެ. މި ގަވާއިދުގައިވެސް "މީހުން ދިރިއުޅޭ ތަންތަން" ކަނޑައެޅިގެން މާނަކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ. އަދި މި ގަވާއިދަކީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރި ތާރީޚުން ފެށިގެން ދެތިންމަސް ފަހުން ފާސްކުރެވުނު ގަވާއިދެއްކަން ފާހަގަކުރެވެއެވެ.
އިސްވެ ޙަވާލާދެވުނު ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ކޯޓު އަމުރަކާ ނުލައި ބަލައި ފާސްކުރެވޭނެ ތަންތަންކަމަށް ބަޔާންކުރެވިފައިވަނީ:
ޢާންމުކޮށް މީހުން ވަދެ ނިކުމެ އުޅޭ ތަންތަން؛ އަދި
ފައިސާ ދިނުމަށްފަހު ވަދެވޭ ތަންތަން ކަމަށެވެ.
މީގެ އިތުރުން، " ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާ ބެހޭ ގަވާއިދު" ގެ 11 ވަނަ މާއްދާއަށް ދައުލަތުން ސުޕްރީމް ކޯޓުގައި ޙަވާލާދީފައިވެއެވެ. އެ މާއްދާގެ (ހ) ގައި ވަނީ މިފަދައިންނެވެ.
ހައްޔަރުކުރެވޭ ބާވަތުގެ ކުށެއްގައި މީހަކު ހައްޔަރު ކުރުމަށް ފަހު އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލާގައި ބޭނުންކުރެވިދާނެ ޤަރީނާއެއް ނުވަތަ ހެއްކެއް ނުވަތަ އެ މައްސަލައާ ގުޅޭ އެއްޗެއް ނުވަތަ އެ މައްސަލައާ ގުޅުންހުރި ހައްޔަރު ކުރެވިދާނެ ބާވަތުގެ އެހެން ކުށަކާ ގުޅުންހުރި އެއްޗެއް ނުވަތަ ޤަރީނާއެއް ހައްޔަރު ކުރެވުނު މީހާގެ އަތުގައި ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ތަނެއްގައިވާކަމަށް، ފުލުސްމީހާއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްނަމަ ކޯޓު އަމުރަކާ ނުލައި އެތަނަށް ވަދެ، އެތަން އަދި އެމީހާ ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
މި ރިޕޯޓުގެ 74 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބުނާ އެއްވެސް އަސާސީ ޙައްޤެއް ހަނިކުރެވޭނީ ހަމަ އެކަނި ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުންނެވެ. ޤާނޫނަކުން ހަނި ނުކުރާ ޙައްޤެއް ޤާނޫނީ ބާރު ލިބިގެން ހަދާ ގަވާއިދެއްގެ ދަށުންވިޔަސް ހަނި ނުކުރެވޭނެއެވެ. އެހެންކަމުން، ފުލުހުންގެ ގަވާއިދަކުން މިފަދަ ޙައްޤެއް ހަނި ކުރުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމެކެވެ.
ފުލުހުން ޢަމަލުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެމެ ހެޔޮ ނިޔަތުގައިކަމަށް ބުނާ ބުނުން
" ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާ ބެހޭ ގަވާއިދު" އަކީ މިހާރު ބާޠިލުކޮށްފައިވާ ގަވާއިދެއްކަމަށް ދައުލަތުގެ ފަރާތުންވެސް ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އެއިރު ޢަމަލު ކުރަމުން ދިޔަ މި ގަވާއިދަށާއި، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި "ގޮވަތި ގެދޮރު" މި ލަފްޒުގެ ލުޣަވީ (literal) މާނައަށް ރިޢާޔަތް ކުރުމާއެކު، ފުލުހުން ޢަމަލު ކުރީ ނުބައި ނިޔަތެއް އޮވެގެން ނޫންކަމަށާއި، ޙުސައިން ޞަބާޙް ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ހާޒިރު ކުރެވުނުއިރުވެސް އެތަން ބަލައި ފާސް ކުރުމުގެ ޕްރްބަބްލް ކޯޒް (probable cause) ނުވަތަ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި ދައުލަތަށް ޤަބޫލު ކުރެވެނީ ދިވެހިރާއްޖޭގައި ނުވަތަ މިނިވަން ދީމިޤްރާޠީ ޤައުމެއްގެ ކޮންމެ ކޯޓަކަށް ކޯޓު އަމުރަކަށް އެދި ހުށަހެޅި ކަމުގައިވީނަމަވެސް، އެ ޙާލަތަކީ ކޯޓު އަމުރެއްވެސް ލިބޭނެ ޙާލަތެއް ކަމަށެވެ.
ދައުލަތުގެ ފަރާތުން މިހެން ބުނި ނަމަވެސް، މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައިވެސް ކޯޓު އަމުރެއް ނެތި ބަލައި ފާސްކުރުމުގެ ޞައްޙަކަން ކަނޑައެޅުމުގައި މުޅި ހާދިސާގައި ތަހުޤީޤުކުރާ ފަރާތުން ޢަމަލު ކުރި ގޮތަށް ރިޢާޔަތް ކުރެވެއެވެ. މިސާލަކަށް އެމެރިކާ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ކަމުގައިވާ ބެކް ވ. އޮހައިއޯ ގައި މުއްތަހަމް ހައްޔަރުކުރީ ޕްރޮބަބްލް ކޯޒްއެއް ނުވަތަ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ ސުޕްރީމް ކޯޓަށް ކަނޑައަޅަންޖެހުނެވެ. މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތަކީ، ފުލުހުންނަށް ކޮންމެވެސް ފަރާތަކުން ވިލިއަމް ބެކް ޖުވާކުޅޭކަމުގެ މަޢުލޫމާތު ޙިއްޞާ ކުރިއެވެ. އަދި އެ މަޢުލޫމާތު ފުލުހުންނަށް ދިންއިރު، ބެކް އެވަގުތު ހުރި ތަނެއްވެސް ވަނީ ޙިއްޞާކޮށްފައެވެ. އޭނާ ހުރި ތަނަށް ފުލުހުންގޮސް، ކާރުގައި އިންދާ ކާރު ބަލައި ފާސްކުރިއެވެ. ކާރުން އެއްވެސް އެއްޗެއް ނުފެނުނެވެ. ދެން އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ފުލުސް ސްޓޭޝަނަށެވެ. ފުލުހުންގެ އަތުގައި ހައްޔަރުކުރުމުގެ އަމުރެއްވެސް އަދި ބަލައި ފާސް ކުރުމުގެ އަމުރެއްވެސް ނެތެވެ. އަދި އެފަދަ އަމުރެއް ހޯދަން މަސައްކަތެއްވެސް ނުކުރެއެވެ. ބެކް ފުލުސް ސްޓޭޝަނަށް ގެންގޮސް ފުލުހުން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުން، އޭނަ ޖުވާ ކުޅުމާ ގުޅުވައިދޭ ކްލިއަރިންގ ހައުސް ސްލިޕްތަކެއް އޭނާގެ އިސްޓާކީނު ތެރެއިން ފެނުނެވެ. ނަތީޖާއަކަށްވީ ބެކްގެ މައްޗަށް ދަޢުވާ ކުރުމެވެ.
އެމެރިކާ ސުޕްރީމް ކޯޓުން ކަނޑައެޅީ ބެކް ހައްޔަރު ކުރުމާއި އަދި އެއަށް ފަހު ބަލައި ފާސްކުރި ކުރުމަކީ ފޯރތް އެމެންޑްމެންޓާ ޚިލާފުކަމެއް ކަމަށެވެ. އެއީ، ބެކް ހައްޔަރު ކުރި އިރު އޭނާ ހައްޔަރު ކުރުމުގެ އެކަށީގެންވާ ސަބަބެއް އެވަގުތު ނެތުމުންނެވެ. ނަތީޖާއަކަށްވީ އެކަށީގެންވާ ސަބަބެއް ނެތި އޭނާ ހައްޔަރު ކުރުމަށްފަހު ފަހުން ބަލައި ފާސްކުރި ކުރުމުން ފެނުނު ހެއްކަކީ ކޯޓަށް ބަލައި ނުގަނެވޭނެ ހެއްކަށްވުމެވެ.
މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައިވެސް ކޯޓު އަމުރެއް ނެތި ފުލުހުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާތައް ބަލައި ފާސްކޮށް ހޯދާ ހެކި ކޯޓުން ބަލައިގަންނަ އިސްތިސްނާ ޙާލަތްތަކެއް ހުރެއެވެ. މިސާލަކަށް އެމެރިކާގައި އޮންނަ ޢާންމު އުޞޫލަކީ، އެ ޤައުމުގެ ޤާނޫނުއަސާސީގެ ފޯރތް އެމެންޑްމަންޓްއާ ޚިލާފަށް ހޯދާ ހެއްކަކީ ކޯޓަށް ބަލައިނުގަނެވޭނެ ހެކިކަމަށްވުމެވެ. އެކްސްކްލޫޝަނަރީ ރޫލް (exclusionary rule) ގެ ދަށުން ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާ ހެއްކަކީ ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތް ނުކުރާނެ ހެއްކެވެ. އެކަމަކު އޭގެ މާނައަކީ ކޮންމެހެން މުޅި ދަޢުވާ އެއްކޮށް ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ސާބިތުނުވުމެއްވެސް ނޫނެވެ. ޤާނޫނާއަސާސީއާއި އެ ސްޓޭޓެއްގެ ޤާނޫނުތަކާ އެއްގޮތަށް އެ މައްސަލައިގައި ދެން ހޯދާ އެހެނިހެން ހެކިތަކަކީ މައްސަލަ ނިންމުމުގައި ކޯޓަށް ރިޢާޔަތް ކުރެވޭނެ ހެކިތަކެވެ. "ދަ ފްރުޓް އޮފް ދަ ޕޮއިސަނަސް ޓްރީ ޑޮކްޓްރިން" (The fruit-of-the-poisonous-tree doctrine) ގެ ދަށުން ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާ ހެއްކަކީ ޣައިރުދުސްތޫރީ ޢަމަލެއްގެ "މޭވާ"އެވެ. އެހެންކަމުން، ޣައިރު ދުސްތޫރީ ޢަމަލުތަކުން ހޯދާ ހެއްކަކީ ކޯޓުން ބަލައިގަންނަ ހެއްކެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުންނާ އެހެނިހެން ތަޙްޤީޤީ އިދާރާތަކުން ދުސްތޫރާ އެއްގޮތަށް ހެކި ހޯދުމަށް ބާރު އެޅިގެންދެއެވެ. އަދި އެފަރާތްތަކަށް ލިބިފައި އޮންނަ ބާރުގެ ބޭނުން ޢާންމު ރައްޔިތުންގެ މެދުގައި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބާރު އަޅާ ކަމެއްކަމަށް ކޯޓުތަކުން ޤަބޫލު ކުރެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ އިބާރާތުގައި ވަނީ އަންނަނިވި ފަދައިންނެވެ.
އިޢުތިރާފާއި ޤާނޫނާ ޚިލާފަށް ހޯދާ ހެކި 52. ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނޭ ކަންކަމެއްނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެއެވެ.
އެހެންކަމުން، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން، ދިވެހިރާއްޖޭގައިވެސް ޤާނޫނާ ޚިލާފަށް ހޯދާ ހެއްކަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެކި ނޫންކަން އެނގެއެވެ. ހުށަހެޅިފައިމިވާ މައްސަލަ ނިންމުމަށް، ޤާނޫނާ އެއްގޮތަށް ހޯދާފައިވާ އެއްވެސް ހެއްކަކަށް ބަރޯސާވެވެން އޮތްތޯ ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ؛
ޙުސައިން ޞަބާޙް އާއި އަދި އިތުރު އެހެން ބަޔަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މަޢުލޫމާތު ލިބުނު ވަގުތާއި، ޙުސެއިން ޞަބާޙްއާއި މުޙައްމަދު އަސްވަދު ސައިކަލުގައި ދުއްވާފައި ދަނިކޮށް ފުލުހުންގޮސް އެމީހުން ހިފެހެއްޓި ވަގުތާ ދެމެދު 6 (ހައެއް) ގަޑިއިރު ހޭދަވެފައިވާކަން.
ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދު ސައިކަލު ދުއްވަމުން ދަނިކޮށް ފުލުހުން ޙުސައިން ޞަބާޙް ގައިގައި ހިފެހެއްޓީ އޭނާ ނުވަތަ ސައިކަލު ދުއްވަން އިން މުޙައްމަދު އަސްވަދު ކުށެއް ކުރާ ތަން ފެނިގެން ނޫންކަން.
ޙުސައިން ޞަބާޙް ސައިކަލު ފަހަތުގައި އިން އިރު، އަދި ސައިކަލު ދުއްވަމުން މުޙައްމަދު އަސްވަދު ގެންދިޔަ އިރު، ފުލުހުން އެމީހުންގެ ފަހަތުން ދުއްވާފައިގޮސް ޙުސައިން ޞަބާޙްގެ ޓީޝާޓުގައި ހިފި ވަގުތު ޓީޝާޓާއި ހަށިގަނޑާ ދޭތެރެއިން މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓުތަކެއް ވެއްޓިފައިވާކަމަށާއި، އެހެންނަމަވެސް އެ މަންޒަރު ފެނުނީ ހަމައެކަނި ޙުސައިން ޞަބާޙްގެ ގައިގައި ހިފި ފުލުސްމީހާއަށް ކަމުން، ޙުސައިން ޞަބާޙްގެ މައްޗަށް އެ ދަޢުވާ ނުކުރީ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވާކަން.
ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ ހަށިގަނޑު ބަލައި ފާސްކުރިއިރު ފެނުނީ ތަޅުދަނޑިއެއްކަމާއި، ބުނެވުނު ދެމީހުން ގޮވައިގެން ފުރަތަމަ ދިޔައީ ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ހުންނަ އޮފީސް ބަލައި ފާސްކުރަންކަން؛ އަދި އެ ޙާލަތަކީ ވަގުތުން ފިޔަވަޅު ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ އެމީހަކު ސަލާމަތް ކުރުމަށްޓަކައި ފިޔަވަޅު އަޅަންޖެހުނު ޙާލަތެއް ނޫންކަން އެނގެން އޮންނަކަން.
ފުލުހުން ޢަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ނުވަތަ "އިން ގުޑް-ފެއިތް" ގައި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާއިރު، "ގުޑް-ފެއިތް" ގައި ތަހުޤީޤީ އިދާރާތައް ޢަމަލު ކުރުމަކީ އެމެރިކާ ފަދަ ޤައުމުތަކުގައި އެކްސްކްލޫޝަނަރީ ރޫލްއަށް އޮންނަ އިސްތިސްނާ ޙާލަތެއްކަން ފާހަގަކުރެވެއެވެ. "ގުޑް ފެއިތް" ނުވަތަ ހެޔޮ ނިޔަތުގައި ތަނެއް ބަލައި ފާސްކުރުމުގެ އިސްތިސްނާ ކާމިޔާބުކަމާއެކު ބޭނުންކުރާނަމަ، ތަހުޤީޤީ އިދާރާގެ ހުރިހާ ޢަމަލުތަކެއް ހުންނަންވާނީ ޤާނޫނާ އެއްގޮތަށް، ޤާނޫނީ އިމުގެ ތެރޭގައެވެ. އޭގެ މިސާލެއްގެ ގޮތުން، އެމެރިކާގައި ތަނެއް ބަލައި ފާސްކުރަން ބޭނުން ކުރި ކޯޓު އަމުރަކީ ކޮންމެވެސް ސަބަބަކާ ހުރެ ޞައްޙަ ނޫން އަމުރެއްކަމަށް ފަހުން ކަނޑައަޅައިފިނަމަ، އެ އަމުރުގެ މައްޗަށް ފުލުހުން ބަރޯސާވެ ތިބެ ހޯދާ ހެއްކަކީ އޭގެ ޒާތުގައި ކޯޓުތަކަށް ބަލައިނުގަނެވޭ ހެކިކަމަށް ކޮންމެހެންވާން ނުޖެހޭކަމަށް ކަނޑައަޅާފައި އެބަހުއްޓެވެ.
އިސްވެ ފާހަގަކުރެވުނު ވާޤިއާ (facts) ތަކުން އެނގެނީ ފުލުހުން ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ބަލައި ފާސް ކުރުމުގެ އަމުރު ހޯދަން އެކަށީގެންވާ ވަގުތު ލިބުނުކަމެވެ. އެހެންނަމަވެސް އަމުރެއް ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި، އަދި މިފަދަ މުޖްތަމަޢުއަށް ނުރައްކާތެރިކަން ބޮޑު ކުށެއްގައި ޤާނޫނީ ގޮތުން ބަލައިގަނެވޭނެ ހަރުދަނާ ހެކި ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި، ފުލުހުން ޚިޔާރުކުރީ، މަޤުޞަދު ޙާސިލު ކުރުމުގެ ކުރު އަދި ފަސޭހަ، އެހެންނަމަވެސް ޤާނޫނާ ޚިލާފު މަގުކަމެވެ. މުޅި ހާދިސާ ބިނާވެފައިވަނީ ސައިކަލު ދުއްވަން ތިބި ދެމީހެއްގެ ފަހަތުން ފުލުހުން ގޮސް އެމީހުން ހުއްޓުވި ހިސާބުން، ދެން ހިނގާދިޔަ ކަންތައްތަކެއްގެ މައްޗަށެވެ.
ދައުލަތުގެ ފަރާތުން "ޕްރޮބަބްލް ކޯޒް" ނުވަތަ އެކަށީގެންވާ ސަބަބާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ހ) ގައި އެކަށީގެންވާ ސަބަބެއް ނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ފާސްކޮށް، މީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގެން ނުވާނެކަމަށް ބަޔާންކުރެވިފައިވެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި ދެ މީހުން ހިފާ ހައްޔަރު ކުރުމުގެ ކުރިއަށް އެ މީހުން ކުށެއް ކުރަމުން ދިޔަ ތަން ފެނުނު ކަމަށް ދައުލަތުގެ ފަރާތުން ހުށަހެޅި އެއްވެސް ބަޔާނެއްގައި ބުނެފައިނުވެއެވެ. ފުލުހުން ޙުސައިން ޞަބާޙްގެ ޓީޝާޓުގައި އެވަގުތު އަތްލުން އެއީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާވެގެން ދިޔަ ޢަމަލެއްނަމަ، ހަމަ އެ ސަބަބު ނުވަތަ "ޕްރޮބަބްލް ކޯޒް" ކޯޓަކަށް ހުށަހަޅައި އަމުރެއް ހޯދުމުގެ ފުރުޞަތުވެސް ފުލުހުންނަށް ލިބެން އޮތްކަމަށް ޤަބޫލު ކުރެވެއެވެ.
ފުލުހުން ހެކި ހޯދާފައިވަނީ ހެޔޮ ނިޔަތުގައި، އޭރު ޢަމަލު ކުރަމުން ދިޔަ ގަވާއިދެއްގެ މައްޗަށް ބަރޯސާވެ ހުރެ ކަމަށް ބުނާ ބުނުމަށް ބަލާއިރު، ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގެ ދަށުން ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއްކަން އެ މާއްދާގެ ޞަރީޙަ ނައްޞުން އެނގެއެވެ. ވީއިރު، ދައުލަތުގެ އިދާރާއަކުން ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތަކާ ފުށުއަރާ ގަވާއިދެއް އިޞްލާޙުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި، އަސާސީ ޙައްޤަކީ ކޮބައިކަން ނޭނގޭކަމަށް ބުނުމަކީ، އޭގެ ނަތީޖާއެއްގެ ގޮތުން ޙައްޤެއް ނިގުޅިގެން ދިއުމަށް އޮތް އިސްތިސްނާ ޙާލަތެއް ނޫނެވެ.
ހެޔޮ ނިޔަތުގައިވެސް އަސާސީ ޙައްޤުތަކުން މީހުން މަޙުރޫމް ނުކުރެވޭނެއެވެ. ކުށްކުރުމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި، ހެޔޮ ނިޔަތުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްފަރާތް ކުރުމުގެ ފުރުޞަތު ދެވިއްޖެނަމަ، ދައުލަތުގެ އިދާރާތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ޤާނޫނުއަސާސީއެއްގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިޔެވިފައި އޮތުމުގެ މަޤުޞަދު ގެއްލޭނެއެވެ. ޤާނޫނުއަސާސީގެ 47 ވަނަ މާއްދާ އެގޮތަށް އެއޮތީ ފުލުހުންގެ ކިބައިން މިފަދަ ޢަމަލުތައް ހުއްޓުވުމުގެ ބޭނުމުގައެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ވާހަކަ ޤާނޫނުއަސާސީގައި ލިޔެވޭއިރު، އެފަދަ ޙައްޤުތަކާއި މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ކުށުން ބަރީއަވުމުގެ އަށްޑަނައަކަށް ޤާނޫނުއަސާސީ ހެދުން ހުއްޓުވުމަކީ ދައުލަތުން އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިތައް ބަލައި ފާސްކުރުމަށްވެސް ހަމަ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާ މަގުފަހިކޮށްދެއެވެ. ޤާނޫނީ އިމުގެ ތެރެއިން އެކަން ނުކޮށް، ޤާނޫނާ ޚިލާފު ހެކި ހޯދުމުން އޭގެ ނަތީޖާއަކަށް ވާނީ އެފަދަ ފަރާތްތައް މިނިވަން ވެގެން ދިޔުމެވެ.
މުޠުލަޤު މަސްއޫލިއްޔަތު އަދި މުއްތަހަމުގެ ރުހުމާއެކު ބަލައި ފާސްކުރުން
ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގައިވާ ފަދައިން، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. އަދި އެއްވެސް ޝައްކެއްވެސް ނެތް ފަދައިން، މި ދަޢުވާގައިވާ ކުށްތަކަކީ، އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުއަށް ލިބެމުންދާ ގެއްލުންތަކަށްޓަކައި، މުޖުތަމަޢުއަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްކަން ފާހަގަކުރަމެވެ.
ޙުސައިން ޞަބާޙްގެ އެއް އިނގިލީގެ ނިޝާން މަސްތުވާތަކެތި އަޅާފައިހުރި ޕެކެޓަކުން ފެނުމަކީ އޭނާ އެތަކެއްޗަށް މުޠުލަޤު މަސްޢޫލިއްޔަތު އުފުލަންޖެހޭ ކަމެއް ކަމަށް ދައުލަތުން ބުނާއިރު، މުޠުލަޤު މަސްޢޫލިއްޔަތުގެ މަފްހޫމް ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާ ހެއްކަށް ތަޠުބީޤު (apply) ކުރެވޭނެ ޤާނޫނީ ހަމައެއް ނެތެވެ. މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ، ބަލައި ފާސްކުރުމުގެ އަމުރެއް ހޯދުމަށްޓަކައި ކޯޓަށް ދިޔުމުގެ ފުރުޞަތު އޮތްއިރު، އެ ފުރުޞަތުގެ ބޭނުންނުކޮށް، މަގުމަތީ ދުއްވަމުން ދިޔަ ބަޔަކު ކުއްލިއަކަށް ހިފަހައްޓައިގެން ކަމުގައިވާއިރު، ފުލުހުންގެ މި ޢަމަލުތަކަކީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެކެވެ.
މި މައްސަލައިގައި ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ ހާޒިރުގައިކަމަށް ވެފައި، އެ އޮފީސް ބަލައިފާސްކުރަން އިންކާރުކޮށްފައިނުވާތީ، އެތަން ބަލައި ފާސްކުރަން އެދެމީހުންގެ ރުހުން އޮތްކަމަށް ބަލަންޖެހޭކަމަށް ދައުލަތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ.
ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ބަލައި ފާސްކޮށްފައިވަނީ ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދު މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރުމުގައި، މުޙައްމަދު އަސްވަދުގެ ޖީބުން ފެނުނު ތަޅުދަނޑިއާ ގުޅޭގޮތުން ސުވާލުކުރުމުން، އެއީ އެދެމީހުން ހިންގާ ކުންފުންޏެއްގެ އޮފީސް ތަޅުދަނޑިކަމަށް ބުނެފައިވާތީއެވެ. އެހެންނަމަވެސް ފުލުހުން އެ ތަޅުދަނޑި ނެގުމަށްފަހު، ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދު ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ގެންގޮސް ބަލައި ފާސްކުރިއިރު، އެއޮފީހަށް ވަނުމުގެ ކުރިން ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ ރުހުން އޮތްތޯ ބަލައިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަށް ނެތެވެ. އަދި ބަލައި ފާސްކުރަނީ ކޮން މަޤްޞަދެއްގައިކަންވެސް ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުއަށް ސާފުކޮށްދެވިފައިވާކަން އެނގޭކަށް ނެތެވެ.
ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑް ބަލައި ފާސްކޮށްފައިވަނީ ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި ގެންގުޅޭކަމުގެ މައްސަލައިގައި އެމީހުންނާ ދެކޮޅަށް ހެކި ޤަރީނާ ހޯދުމަށްކަމަށް ވާއިރު، ފުލުހުން ގޯލްޑަން އެލޯއީ ޕްރައިވެޓް ލިމިޓެޑަށް ވަދެފައިވަނީ ޙުސައިން ޞަބާޙްއާއި މުޙައްމަދު އަސްވަދުގެ ރުހުމުގައި ކަމަށް ބެލެވޭނެ ހަމައެއްވެސް ނެތެވެ.
މި މައްސަލައިން ލިބިދޭ ފިލާވަޅަކީ ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ލިބެންޖެހޭ ޙައްޤު އަދަބު ނުދެވި ދިއުމެއް ނޫނެވެ. ނަމަވެސް، ޤާނޫނާ ގަވާއިދުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އަމުރުވެރި ފަރާތުން ތަޙުޤީޤު ނުކުރެވުމުގެ ސަބަބުން، ޤާނޫނާ ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރިނަމަ، އަދަބު ލިބުން އެކަށީގެންވާ މީހަކަށް އަދަބު ނުދެވި ދޫވެގެންދިއުމެވެ. މީގެ ނަތީޖާއަކީ މިފަދަ ކުށްތަކުން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތް ބޭކާރުވެގެންދިއުމެވެ. ފުލުހުންގެ މުއައްސަސާއަކީ ކުށްތަކުން މުޖުތަމަޢު ސަލާމަތްކުރުމަށާއި، އަދި އަސާސީ ޙައްޤުތައް ފަރުދުންނަށް ކަށަވަރުކޮށްދިނުމުގެ އެންމެ ބޮޑު އެއް ޒިންމާ އޮތް ފަރާތްކަމަށް ވާއިރު، ބަލައި ފާސްކުރުމާއި، މުދާ ހިފެހެއްޓުންފަދަ ކަންކަން ކުރުމުގެ ކުރިން، އެކަން ކުރެވެނީ ކޮން ހަމައަކުންކަން ކަށަވަރު ކުރަންޖެހެއެވެ. އެއީ އެކަމަކީ ތަނުގެ ވެރިފަރާތުގެ ޒާތީ މިނިވަންކަމަށް ފާޅުކަންބޮޑު ގޮތެއްގައި ހުރަސް އެޅިގެންދާނެކަމަކަށްވުން އެކަށީގެންވާތީއެވެ. ޤާނޫނަށް އިޙްތިރާމް ނުކުރެވުމުގެ ސަބަބުން ހުރަސްއެޅިގެންދަނީ ހަމައެކަނި ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤުތަކަށް އެކަންޏެއްވެސް ނޫނެވެ. މުޖުތަމަޢުވެސް މިފަދަ ކުށްތަކުން މިންޖު ކުރެވޭ ގޮތެއްނުވެއެވެ. އެހެންކަމުން، މިފަދަ ކުށްތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ ފުލުހުން ހިންގާ ތަޙުޤީޤުތަކާއި އޮޕަރޭޝަންތައް ޤާނޫނީ އިމުގެ ތެރެއިންކޮށްގެންނެވެ.
ވީމާ، ހުށަހެޅިފައިމިވާ މައްސަލައިގައި ފެނުނު ހުރިހާ ހެކި ޤަރީނާއަކީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާ ހުއްދަ ކުރާ ގޮތަށް ހޯދިފައިވާ ހެކި ނޫންކަމުން، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މި ހެއްކަކީ ޝަރީޢަތަށް ރިޢާޔަތް ނުކުރެވޭނެ ހެކިކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/202 ޤަޟިއްޔާގައިވާ ނިންމުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުދިވެހިރާއްޖެވަނީ އިންސާނީ ޙައްޤުތަކާއި ގުޅޭގޮތުން އ.ދ. އިން އެކުލަވާލާފައިވާ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާ (އައި.ސީ.ސީ.ޕީ.އާރ) ގައި 2006 ސެޕްޓެމްބަރ 19 ވަނަ ދުވަހު ސޮއިކޮށްފައެވެ. އައި.ސީ.ސީ.ޕީ.އާރ ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒާތީ މިނިވަންކަމުގެ ޙައްޤާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ އާއި 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތަކަކީ އެއް ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ، އަސާސް އެއްގޮތް ޙައްޤުތަކެކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ އަލީގައި، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މީހުން ދިރިއުޅޭ ތަންތަނާއި ގޮވަތި ގެދޮރުގެ މާނައިގެ ތެރޭގައި ހިމެނެނީ ކޮންތަންތަނެއް ކަން ބަލާއިރު، ބައިނަލްއަޤުވާމީ މަސްރަހުގައި އެއީ ވަރަށް ފުޅާކޮށް މާނަކުރެވޭ މަފްހޫމެއްކަމާއި، އޭގެ ތެރޭގައި މީހުން ދިރިއުޅޭ އަދި އެމީހުންގެ ފަންނީ ނުވަތަ ވަޒީފާ ނުވަތަ ވިޔަފާރިއާ ގުޅުންހުރި ތަންތަނާއި ކަންކަން ހިމެނޭކަން ފާހަގަކުރަމެވެ. އަދި މިޤަޟިއްޔާ އާ ގުޅޭ ހާދިސާ ހިނގުމުގެ ފަހުގެ ތާރީޚެއްގައި ވުޖޫދުވެ އެ މައްޗަށް ޢަމަލުކުރަން ފަށާފައިވާ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި އާންމު ތަންތަނާއި އަމިއްލަ ތަންތަނަށް ވަނުމާގުޅޭގޮތުން ހުރި އިޖުރާއަތުތަކަށާއި، އެ ޤާނޫނުގައި "އަމިއްލަ ތަންތަން" މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެވެސް ވިސްނުންހުރީ މިފަދަ ފުޅާ މާނައެއް އަމިއްލަ ތަންތަނަށް ތަތުބީޤުކުރުން ކަމުގައި ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި "ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެ މުދަލެއް ނުވަތަ އެ މީހަކު ސަލާމަތްކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި ވަދެގެން ނުވާނެ" ކަމުގައި ބަޔާންކޮށްފައި އޮތް އޮތުމުގެ ބޭނުމަކީ ގޮވަތި ގެދޮރާއި، ޢާއިލާ އާއި އަމިއްލަ ކަންކަމުގެ މައްޗަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތް(ތައް) ނޫން ގޮތަކުން (ނުވަތަ އާބިޓްރަރީކޮށް) ނުފޫޒުފޯރުވާ (ނުވަތަ އިންޓަފިއަރކޮށް) ހަދައިގެން ނުވާނެކަން ކަށަވަރުކުރުމެވެ. އެހެންކަމުން، ޤާނޫނަކުން އެނޫން ގޮތަކަށް ކަނޑައަޅާފައިވާ ޙާލަތުގައި މެނުވީ، މީހުންގެ އަމިއްލަ ތަންތަނުގެ މާނަގައިގައި ހިމެނޭ ތަންތަނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައިވާ ޙާލަތެއްގައި ނޫންގޮތަކަށް، އެކަމަށް ހުއްދަކުރާ ކޯޓު އަމުރެއްނެތި ވަދެ، ބަލާ ފާސްކުރެވޭނެ ތަންތަންކަމުގައި އަހުރެން ނުދެކެމެވެ.
އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން ލިބޭނެފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށްވެސް ލިބިދެވޭ ފަދައަކުން ޤާނޫނުއަސާސީގެ އެއްވެސް މާއްދާއެއް މާނަކޮށްގެން ނުވާނެކަމުގައި ބަޔާންކޮށްފައި އޮތުމުންނާއި، އަސާސީ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމުން، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެއްވެސް އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާ ނުވަތަ ހަނިކޮށްފައިނުވާނަމަ، އެފަދަ ޙައްޤުތަކާއި މިނިވަންކަން ލިބިދޭންޖެހޭނީ އޭގެ އެންމެ ފުޅާމިނުގައިކަމަށް އަހުރެން ދެކެމެވެ.
މިފަދައިން މި ނިންމުން ނިންމުމުގެ ނަތީޖާއެއްގެ ގޮތުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް އެފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާ އުފުލުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެ، މަސައްކަތް ބުރަވެ، ކުށްކުރާ މީހުން ހިފާ، އެމީހުން ކުރިކަމަށް ބެލެވޭ ކުށާގުޅޭ ކަންކަން ތަޙުޤީޤުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމުގައި ދެކުމަކީ އެކަށީގެންވާކަމެކެވެ. އެހެން ނަމަވެސް، ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް އެފަރާތުގެ ޒިންމާ އަދާކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަން ކުރުމުގެ ހުރިހާ ފުރުޞަތެއް އެބައޮތެވެ. އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އުނދަގޫތަކަކީ ޢާންމު ރައްޔިތުންނަށް ލިބިފައިވާ ޙައްޤުތަކާއި މިނިވަންކަމަށް އުނިކަން އަންނަ ފަދައިން ޢަމަލުކުރުމަށް، ނުވަތަ އެޒިންމާ އަދާކުރުމަށް ޤާނޫނުގެ ތެރެއިން ޢަމަލުކުރެވެން ހުރިގޮތްތަކާއި ދުރަށް ދިއުމަށް އޮތް ސަބަބެއްކަމުގައި ވެގެންވާނެކަމަށް އަހަރެން ނުދެކެމެވެ.
މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރަޢުޔު
މި މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/202 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުން، އެ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.