މިސްޙާދު ނަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 196/Cr-C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވީސީޕީއެއްގައި ފުލުހުން ތުހުމަތުކުރެވޭ ފަރާތް ހުއްޓުވައި ބަލައިފާސްކުރީ ޤާނޫނީ ސަބަބެއް (probable cause) އޮވެގެންތޯ، ބިންމަތިން ނެގި ޕެކެޓުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަތޯ، ޕެކެޓާއި ތުހުމަތުކުރެވޭ ފަރާތް ގުޅުވަން އިތުރު ހެކި ބޭނުންތޯ، އަދި މަސްތުވާތަކެތީގެ ބަރުދަން ބަލަންވީ ގޮތާއި މެޝިން ރިޕޯޓު ހުށަނާޅުމުގެ އަސަރު.
ނިންމުން
ދަށުކޯޓުގެ ޙުކުމް ބަދަލުކުރަން ނިންމި (ޗެއިން އޮފް ކަސްޓަޑީގައި…ދަށުކޯޓުގެ ޙުކުމް ބަދަލުކުރަން ނިންމި (ޗެއިން އޮފް ކަސްޓަޑީގައި އެކަށީގެންވާ ޝައްކު)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޝައްކުކުރުމުގެ ޙައިޘިއްޔަތު އުފެދޭ ޙާލަތަކީ ކަމެއް ސާބިތުކުރަން ބޭނުންވާ މިންވަރުގެ ހެކީގެ މައްޗަށް ބިނާކުރާ ޙާލަތެއް ނޫން، އެކަށީގެންވާ ސަބަބެއްގެ ނުވަތަ ބަޔާންކޮށްދެވޭ ޙަޤީޤީ ކަމަކުން އުފެދޭ ޙާލަތެކެވެ؛ ހަމައެކަނި ޝައްކުވެއޭ ބުނުމަކުން އެ ޙާލަތު ނުއުފެދޭނެ ނަމަވެސް، އެއީ ދާދި ކުޑަ ކަމެއްގެ މައްޗަށްވެސް ބިނާވެދާނެއެވެ.
HN2 މަގުމަތީގެ ސަލާމަތާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ޢަމަލުކުރުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމުން، ޖިނާއީ ކުށެއް ކުރާކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ ސަބަބު ހުރިނަމަ، ބަލާގޮތުގެ ފުލުހުން އެކަމާމެދު ސުވާލުކޮށް ފިޔަވަޅު އެޅިދާނެއެވެ؛ ފުލުހުން ފެނުމުން ބާރު ސްޕީޑުގައި އައި ސައިކަލު ކުއްލިއަކަށް ޕާކުކުރަން އުޅުމާއި ބިރުގަނެ ތުރުތުރު އެޅުމަކީ ހުއްޓުވައި ބަލައިފާސްކުރުމަށް ފުދޭ ސަބަބެކެވެ؛ މިގޮތަށް ލިބުނު ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދި ހެއްކެއް ނޫނެވެ.
HN3 ހެކީގެ ގޮތުގައި ހިފަހައްޓާ ސީލްކުރެވޭ ބާވަތުގެ ތަކެތި ލަސްނުކޮށް ސީލްކުރަންޖެހޭނެ (ވަގުތުން ސީލްކުރުމާއި ލަސްނުކޮށް ސީލްކުރުމާއި ތަފާތެވެ)؛ ލަސްވިތޯ ބަލާނީ ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމުގެ އަލީގައެވެ.
HN4 ހެކީގެ ގޮތުގައި ނެގޭ އެއްޗެއް އެކަކު އަތުން އަނެކަކު އަތަށް (physical custody) ބަދަލުވާ ކޮންމެ ފަހަރަކު ޗެއިން އޮފް ކަސްޓަޑީގައި ލިޔަންޖެހޭނެއެވެ؛ ހެކި ނަގުލުވުމަށް ނަގާ ވަގުތު ދިގުވުމަކީ ހަމައެކަނި ޗެއިން މެދުކެނޑޭ ސަބަބެއް ނޫން ނަމަވެސް، ބަޔާންކޮށްނުދެވޭ (unexplained) ވަގުތުތައް ހުރުމަކީ ޝައްކު އުފައްދާ ކަމެއް، ޚާއްޞަކޮށް ބަދަލުކުރެވިދާނެ (fungible) ތަކެތީގައެވެ.
HN5 ޖިނާއީ މައްސަލަތަކުގައި ސާބިތުކުރުމުގެ ބުރަ އަބަދުވެސް ޕްރޮސިކިއުޝަނުގެ މައްޗަށެވެ؛ ޗެއިން އޮފް ކަސްޓަޑީއާމެދު މުއްތަހަމް ސުވާލު އުފައްދައިފިނަމަ، ތަޙުލީލަށް ފޮނުވި އެއްޗަކީ މުއްތަހަމްގެ އަތުން ނެގި އެއްޗެއްކަން ޕްރޮސިކިއުޝަނުން ސާބިތުކުރަން ޖެހެއެވެ؛ 'ސްޓޭޝަނާ ޙަވާލުކުރީ' ކަމަށް ބުނުމަކުން ނުފުދޭނެ، ގަވާއިދު ނަންބަރު 2015/R-230 ގެ ދަށުން ކަނޑައަޅާ ތަނެއްގައި ނުވަތަ ފަރާތެއްގެ ބެލުމުގައި ހުރިކަން ދައްކަން ޖެހެއެވެ؛ 62 ގަޑިއިރަށްވުރެ ގިނަ ބަޔާންނުކުރެވޭ މުއްދަތެއް ހުރުމުން ތަޙުލީލުކުރި ތަކެއްޗާމެދު އެކަށީގެންވާ ޝައްކު އުފެދެއެވެ.
HN6 ތުހުމަތުކުރެވޭ ފަރާތުގެ އަތުން ޕެކެޓް ވައްޓާލި މަންޒަރު ލޮލަށް ފެނުނު ދެ ހެކިން ހެކިދޭ ޙާލަތުގައި (ޢާންމު މަގެއްގައި ވިޔަސް) ޕެކެޓާއި އޭނާ ގުޅުވަން އިތުރު ހެއްކެއް ބޭނުމެއް ނުވެއެވެ؛ ޕްރޮސިކިއުޝަނުގެ ބުރަ އަދާވުމުން ހެކި ހުށަހެޅުމުގެ ބުރަ މުއްތަހަމަށް ފުރޮޅެއެވެ.
HN7 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޖަދުވަލު 1 ގެ މަސްތުވާއެއްޗެއް އެހެން އެއްޗަކާ އެއްކޮށްފައިވާނަމަ ބަރުދަނަކީ ޖުމްލަ ބަރުދަނެވެ؛ މިހެންކަމުން ބަރުދަން ބެލުމުގެ ބޭނުމަށް އިމްޕިއުރިޓީ ވަކިކޮށް ބަލަން ޤާނޫނީ ގޮތުން ނުޖެހެއެވެ.
HN8 ދަށުކޯޓުގައި ބަހުޘްނުކުރެވި އިސްތިއުނާފުގައި އަލަށް އުފައްދާ ސުވާލަކަށް (މި މައްސަލާގައި މެޝިން ރިޕޯޓާއި ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ) ހައިކޯޓުން ގޮތެއް ނުކަނޑައަޅައެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު، ޙުސައިން މަޒީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، (މިރައުޔަށް އިސްފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޙުސައިން
މަޒީދު ތާޢީދު ކުރެއެވެ.)
ތަޢާރަފު
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 196/Cr-C/2021 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، […] / މިސްހާދު ނަޝީދު ("މިސްހާދު ނަޝީދު" ނުވަތަ "އިސްތިއުނާފުކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް ("ޕްރޮސިކުޝަން" ނުވަތަ "އިސްތިއުނާފު ރައްދުވާ") ގެ އޮފީހެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
222 ނޮވެންބަރު 2020 ވަނަ ދުވަހު 00:40 އެހަކަށްހައިރު، ކ.މާލެ، […] ފާނު މަގު، ފަސޭހަ ޕޮއިންޓް 2 ކައިރީގައި ފުލުހުން ވީސީޕީ ޖަހައިގެން އެއްގަމު އުޅަނދު ބަލައި ފާސްކުރަމުން ދަނިކޮށް، މިސްހާދު ނަޝީދު އެމަގުން ސައިކަލެއްގައި ދުއްވާފައި އައިސް ފުލުހުން ފެނިގެން ޕާކްކުރަން އުޅުނެވެ. މިސްހާދު ނަޝީދުގެ ޢަމަލުތައް ހުރިގޮތުން މީނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން ފުލުހުން މިސްހާދު ނަޝީދު ހުއްޓުވައި ހަށިގަނޑު ބަލައި ފާސްކުރަމުން ދަނިކޮށް މީނާގެ ކަނާއަތު މުށުތެރެއިން މީނާ ހުރި ދިމާ ބިންމައްޗަށް ރަބަރު ޕެކެޓެއް ވައްޓާލިކަމަށް ފުލުހުން ބުނެއެވެ.
3މިސްހާދު ނަޝީދު ވައްޓާލި ރަބަރު ޕެކެޓްގައި ހުރި ތަކެތި ފުލުހުން ތަޙްލީލުކޮށް ބެލިއިރު، އެޕެކެޓުގައި
50862 ގްރާމް މެޓަމްފެޓަމިން ރެސިމޭޓް ހުރިކަމަށް ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ (ހ) އާ އެޤާނޫނުގެ 140 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެޤާނޫނުގެ 111 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދަޢުވާ މިސްހާދު ނާޝިދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލް އުފުލިއެވެ. އެމައްސަލަ ބެލުމަށްފަހު ދަށު ކޯޓުން ނިންމީ، މިކުށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މިސްހާދު ނަޝީދުގެ މައްޗަށް ސާބިތުވާކަމަށެވެ. ކްރިމިނަލް ކޯޓުން ނިންމި ގޮތް:
4. ދައުލަތުން ހުށަހެޅި ބަޔާންވެދިޔަ ދަޢުވާ، ކްރިމިނަލް ކޯޓުގެ ނަންބަރު: 196/Cr-C/2021 ޤަޟިއްޔއިނާ ބަލައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ އިސްވެ ދެންނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން؛
1. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ
(ހ) ގެ ދަށުން ކ.މާލެ، މިސްހާދު ނަޝީދު، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުން ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި،
2. މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ، މިސްހާދު ނަޝީދު 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު -/100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅައި،
3. މިފައިސާ މިއަދުން (18 އޮކްޓޫބަރު 2022) ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީމެވެ." އިސްތިއުނާފީ ނުކުތާތައް:
5. ކްރިމިނަލް ކޯޓުގެ ނަންބަރު: 196/Cr-C/2021 ޤަޟިއްޔާ ބަޔާންވެދިޔަ ގޮތަށް ނިންމުމުން، އެނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ތިރީގައިވާ ނުކުތާތައް މިސްހާދު ނަޝީދުގެ ފަރާތުން ހުށަހަޅައި އެނުކުތާތަކާމެދު ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
5.1. ފުރަތަމަ ނުކުތާއަކީ: ކޯޓު އަމުރަކާ ނުލައި، މަގުމަތިން މީހަކު ހުއްޓުވައި ބަލައި ފާސްކުރުމަށް ފުލުހުންނަށް ޤާނޫނުން ބާރުލިބިދޭ ޙާލަތެއް ނުވަތަ ސަބަބެއް (probable cause) ނެތްހިނދު، މިސްހާދު ނަޝީދަށް ޤާނޫނުއަސާސީންނާއި ޤާނޫނުން ލިބިގެންވާ، މިނިވަންކަމާއި ރައްކާތެރިކަމުގެ ހައްޤުން މަހްރޫމްކޮށް، މިސްހާދު ނަޝީދު ހުއްޓުވައި ބަލައިފާސްކޮށް، ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކަށް ރިޢާޔަތްކޮށް މިސްހާދު ނަޝީދުގެ މައްޗަށް މަސްތުވަތާކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/18 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
5.2. ދެވަނަ ނުކުތާއަކީ: ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެނެވޭ ތަކެއްޗަކީ، ކުށުގެ ވެށިން އެތަކެތި ނެގުމުއި ގެންގުޅުމާއި ބެލެހެއްޓުމާއި، އެއްތަނުން އަނެއްތަނަށް ގެންދިއުމާ އަދި އެކަކުގެ އަތުން އަނެކަކުގެ އަތަށް ޙަވާލުކުރެވޭ ގޮތުގެ ރިކޯޑް ބަލަހައްޓައިގެން ރައްކާތެރިކަމާއެކު ރަނގަޅަށް ބަލަހައްޓަންޖެހޭ އެއްޗެއްކަމަށްވާއިރު، މިމައްސަލައިގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓް ބިންމަތިން ނަގައި، އެވިޑެންސް ބޭގަށްނުލައި، ޢަލީ ޙިޝާމްގެ އަތުގައި ބާއްވައިގެން 22 ނޮވެންބަރު 2020 ގެ
00.59 ގައި ގަލޮޅު ވިލީ ފުލުހަށް ގެންދިޔަކަމަށް ބުނާއިރު، ގަލޮޅު ވިލީ ފުލުހަށް އެޕެކެޓް ގެންދިއުމަށްފަހު، އެޕެކެޓާމެދު ޢަމަލުކުރިގޮތް އެނގެން ނެތުމާއި، މިމައްސަލައިގައި ހުށަހެޅިފައިވާ ޗެއިން އޮފް ކަސްޓަޑީ ސްލިޕަށް ބަލާއިރު، އެރަބަރު ޕެކެޓް އެހެން ފަރާތަކާއި ޙަވާލުކޮށްފައިވަނީ ގަލޮޅު ވިލީ ފުލުހަށް ދިޔަތާ 2 (ދޭއް) ދުވަހާއި 14 ގަޑިއިރު ފަހުން، 24 ނޮވެންބަރު 2020 ދުވަހުގެ 15:00 ގައިކަމަށްވުމާއި، ގަލޮޅު ވިލީ ފުލުހަށް ދިއުމާހަމައަށް އެރަބަރު ޕެކެޓް ޢަލީ ޚިޝާމުގެ އަތުގައި އޮތްއިރު، އެތަނަށް ގޮސް އެޕެކެޓް ޙަވާލުކުރިކަން އަދި އެޕެކެޓާމެދު ޢަމަލުކުރި ގޮތެއް އެނގެން ނެތުމުން، މިމައްސަލައިގައި ހުށަހެޅިފައިވާ ލެބޯޓްރީ ތަޙްލީލު ރިޕޯޓުގައިވަނީ، ޢަލީ ޙިޝާމް ނެގި ރަބަރުޕެކެޓްގައިވާ ތަކެތި ކަމާމެދު ފާޅުކަން ބޮޑު ޝައްކުތަކެއް އުފެދިފައިވާތީއާއި، އެޕެކެޓް ލެބޯޓްރީއަށް ދިއުމާ ދެމެދު ހިނގާދިޔަ މުއްދަތުގައި އެޕެކެޓް ރައްކާތެރިކަމާއެކު، ގެންގުޅެ އަދި ރަނގަޅަށް ބެލެހެއްޓިފައިވާކަން އެނގެން ނެތުމުން، ޗެއިން އޮފް ކަސްޓަޑީ ބްރޭކްވެފައިވާކަން އެނގޭއިރު، ޗެއިން އޮފް ކަސްޓަޑީ ޞައްޙަކަމަށް ކަނޑައަޅައި، ޗެއިން އޮފް ކަސްޓަޑީ ހިނގާފައިވާގޮތަށް ނުބެލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 1 އަދި 2 ވަނަ ނަންބަރާއި 7 ވަނަ ނަންބަރާއި އަދި ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން SCPD-06/2022 އާއި ކޯޓުތަކުން ނިންމާފައިހުރި ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
5.3. ތިންވަނަ ނުކުތާއަކީ؛ މިސްހާދު ނަޝީދު ބަލައިފާސްކުރަމުން ދަނިކޮށް ބިންމަތިންނެގި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓަކީ މިސްހާދު ނަޝީދު ވައްޓާލި ޕެކެޓެއް ނޫންކަމަށް ތަޙްޤީޤުގައާއި ޝަރީޢަތުގެ މަޖިލީހުގައި މިސްހާދު ނަޝީދުބުނެ އިންކާރުކޮށްފައިވާއިރު، މިސްހާދު ނަޝީދާއި އެޕެކެޓާ ގުޅުވައިދޭ އިތުރު ހެއްކެއް އަދި ޤަރީނާއެއް ހުށަހެޅިފައިނުވާއިރު، ޢާންމުކޮށް މީހުން ހިނގާބިނގާވެ އުޅޭ މަގެއްގެ މަތިން ނެގި ޕެކެޓުގައި ހުރި މަސްތުވާތަކެއްޗަށް މިސްހާދު ނަޝީދު ޒިންމާ އުފުލަންޖެހޭކަމަށް ކަނޑައަޅުއްވާފައިވަނީ، ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/23 އާއި، 2014/SC-A/31 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/18 އާއި 2013/HC-A/301 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
5.4. ހަތަރުވަނަ ނުކުތާއަކީ؛ މުޅި ޕެކެޓުގައިހުރި މަސްތުވާތަކެތީގެ އިމްޕިއުރިޓީ ހުރި މިންވަރު ބަލާފައިނުވާކަން ލެބޯޓްރީން ތަހުލީލުކުރި ފަރާތުގެ ހެކިބަހުން އެނގޭއިރު، ސާމްޕަލްގެ ގޮތުގައި އެޕެކެޓުން ނެގި ކުޑަ އެތިކޮޅެއްގެ ޓެސްޓް ނަތީޖާގެ މައްޗަށް ބިނާކޮށް، މުޅި ޕެކެޓްގައި އެމިންވަރަށް އެބާވަތުގެ މަސްތުވާތަކެތި ހުރިކަމަށް އިފްތިރާޝްކޮށްފައިވަނީ، މުޅި ޕެކެޓުގައި ހުރި މަސްތުވާތަކެތީގެ އިމްޕިއުރިޓީ ކަށަވަރުކުރުމެއްނެތި ކަމަށްވުމާއި ކުރެވޭ އިފްތިރާޟެއްގެ މައްޗަށް މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރުން ހުއްދަނޫންކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
5.5. ފަސްވަނަ ނުކުތާއަކީ؛ ފެނުނުކަމަށް ބުނާ ރަބަރު ޕެކެޓުގައި މަސްތުވާތަކެތި ހުރިތޯ ބެލުމަށް ޓެސްޓްކޮށްފައިވަނީ މެޝިނުންކަމަށްވާއިރު، މެޝިން ރިޕޯޓު ޝަރީޢަތަށް ހުށަހަޅާފައިނުވުމާއި، ހުށަހަޅާފައިވާ ތަޙްލީލު ރިޕޯޓަކީ މެޝިނުން ތަޙްލީލުކުރި ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށްވާއިރު، މެޝިން ރިޕޯޓު ހުށަނާޅައި، ތަޙްލީލުކުރި ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައްޗަށް ރިޢާޔަތްކޮށްފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
6އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލްތައް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކާއި ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން:
6.1- އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތް ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ އޭނާގެ މައްޗަށް ފުލުހުން ޖިނާއީ ކުށެއްގެ ތުހުމަތު އޮވެގެންނޫންކަމަށާއި، ފުލުހުން ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ މަގުމަތިން މީހަކު ހުއްޓުވައި ބަލައިފާސްކުރަން ޤާނޫނު ހުއްދަކުރާ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަމަށެވެ. ކޯޓު އަމުރެއްނެތި މަގުމަތިން މީހަކު ހުއްޓުވައި ސުވާލުކޮށް ބަލައިފާސްކުރުމަށް ޤާނޫނުން ބާރު ލިބިދޭފަދަ ޙާލަތެއްނެތި ބަލައިފާސްކޮށް ހޯދާ ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއް ކަމުގައިވާތީ، އެގޮތަށް ހޯދާ ހެކި ޝަރީޢަތުން ޤަބޫލުކުރުން ހުއްދަނުވާނެކަމަށް ބަޔާންކޮށް، މިކަންކަން ވަރަށް ތަފްސީލީ ގޮތެއްގައި އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިކަންކަން ތަފްސީލްކުރަމުން ބުނެފައިވަނީ މިމައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ސައިކަލެއްގައި ދުއްވާފައިވާ އައިސް ސައިކަލް ޕާކްކުރަން އުޅުމަކީ އޭނާ ހުއްޓުވައި ސުވާލުކޮށް ބަލައިފާސްކުރުމަށް އެކަށީގެންވާ ސަބަބެއްނޫންކަން ދައުލަތުގެ ހެކިންގެ ބަހުންވެސް އެނގޭކަމަށެވެ. އެހެންކަމުން، މިމައްސަލައިގައި މިސްހާދު ނަޝީދަށް ލިބިގެންވާ މިނިވަންކަމާއި ރައްކާތެރިކަމުގެ ޙައްޤު މަހްރޫމްކޮށް ޤާނޫނާ ޚިލާފަށް ބަލައިފާސްކޮށް ހޯދާފައިވާ ހެކީގެ މައްޗަށް ރިޢާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކަމަށެވެ.
6.3- އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، މިމައްސަލައިގައި ހުށަހެޅިފައިވާ ހެކީގެ ޗެއިން އޮފް ކަސްޓަޑީގެ ސައްޙަކަމާމެދު އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިވާކަމަށާއި ޗެއިން އޮފް ކަސްޓަޑީއާމެދު އުފެދިފައިވާ ޝައްކު ފިލުވާލައި ޗެއިން އޮފް ކަސްޓަޑީގެ ސައްޙަކަން ކަށަވަރުނުކޮށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާ ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށްނޫންކަމަށެވެ. މިމައްސަލައާއި ގުޅުންހުރި ހެކިތައް ބަލައިގަނެ އެއާމެދު ޝަރީޢަތުން ގޮތެއް ނިންމަންޖެހޭނެކަމަށެވެ. މިމައްސަލައިގައި ލެބޯޓްރީން ތަޙްލީލްކޮށްފައިވަނީ މިމައްސަލައިގެ ހާދިސާ ހިނގިތަނުން ނެގި ރަބަރު ޕެކެޓްކަމާމެދު ބޮޑެތި ޝައްކުތައް އުފެދިފައިވާ ސަބަބުތަކާއި، ޗެއިން އޮފް ކަސްޓަޑީ ބްރޭކްވެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ޤަބޫލުކުރާ ސަބަބުތައް ވަރަށް ތަފްސީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ.
6.4- އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލްކުރަމުން ބުނެފައިވަނީ ޤާނޫނާ ޚިލާފަށް މިސްހާދު ނަޝީދު ހުއްޓުވައި ސުވާލުކޮށް ބަލައިފާސްކުރިއިރު، މަސްތުވާއެއްޗެއް ހުރި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓެއް މިސްހާދު ނަޝީދު ބިންމައްޗަށް ވައްޓާލިކަމަށް ފުލުހުން ބުނާބުނުން ފިޔަވައި އެރަބަރު ޕެކެޓާއި މިސްހާދު ނަޝީދާ ގުޅުވައިލެވޭ އިތުރު ހެއްކެއް އަދި ޤަރީނާއެއްވެސް ހުށަހެޅިފައިނެތުމުން، އެރަބަރު ޕެކެޓްގައި ހުރި މަސްތުވާތަކެއްޗަށް އިސްތިއުނާފުކުރާ ފަރާތް ޒިންމާނުކުރެވޭކަން މިބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުން އެނގޭއިރު، އެރަބަރު ޕެކެޓުގައިވާ މަސްތުވާތަކެއްޗަށް އިސްތިއުނާފުކުރާ ފަރާތުން ޒިންމާކުރުވާފައިވަނީ އެނިންމުންތަކާ ޚިލާފަށްކަމަށެވެ. މިކަންކަން ވަރަށް ތަފްސީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ.
6.5- އިސްތިއުނާފީ ހަތަރުވަނަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މަސްތުވާތަކެތީގެ ބަރުދަން ބަލާފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ ޚިލާފަށްކަމަށެވެ. މިގޮތުން މަސްތުވާތަކެތީގެ ޤާނޫނުގައި މަސްތުވާތަކެތީގެ ބަރުދަން ބެލުމަށް ބަޔާންކޮށްފައިވާ ހަމައަކީ ފެންނަ މަސްތުވާތަކެތީގެ މުޅި ޕެކެޓް ހިމެނޭ މަސްތުވާތަކެތީގެ ބަރުދަން ބެލުންކަމަށާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ޕެކެޓުގައި މަސްތުވާތަކެތި ނޫން އެހެން އެއްޗެއް ހުރުމުގެ ފުރުސަތު އަދި އެއްބާވަތަށްވުރެ ގިނަ ބާވަތުގެ މަސްތުވާތަކެތި ހުރުމުގެ ފުރުސަތު އޮންނަކަމަށެވެ. އެހެންކަމުން މިކަން ކަށަވަރުކުރެވޭނީ އެއް ސާމްޕަލަށްވުރެ ގިނަ ސާމްޕަލް ނަގައި ޓެސްޓްކުރެވިގެންކަމަށާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓުގައި މަސްތުވާތަކެތި ނޫން އެހެން އެއްޗެއް ހުރެއްޖެނަމަ އެއީ އެޕެކުޓުގެ ބަރުދަނުގެ ތެރެއިން އުނިކުރަންޖެހޭ ޢަދަދެއްކަމަށެވެ. މިމައްސަލައިގައި ޕެކެޓުގައި ހުރި ތަކެތީގެ ބަރުދަން ބަލާފައިވަނީ ސާމްޕަލް ޓެސްޓްކުރުމުގެ ކުރިންކަމަށެވެ. އަދި ސާމްޕަލް ނެގުނީ އެޕެކެޓުން ވަރަށް ކުޑަމިންވަރެއްކަމަށާއި އެހެންކަމުން އެސާމްޕަލްގެ ނަތީޖާއަކީ މުޅި ޕެކެޓުގެ ނަތީޖާކަމަށް ބެލުމަކީ ޢަދުލުވެރި ގޮތެއްނޫންކަމަށެވެ. އަދި މިމައްސަލައިގައި ފެނުނު މަސްތުވާތަކެތި ތަޙްލީލްކޮށްފައިވަނީ އެޕެކެޓުން ކުޑަ މިންވަރެއް ނަގައިގެންކަން މަސްތުވާތަކެތި ތަޙްލީލްކުރި ފަރާތުގެ ހެކިބަހުންވެސް އެނގެން އޮންނަކަމަށެވެ. އަދި އެނަތީޖާއަކީ މުޅި ރަބަރު ޕެކެޓްގައި ހުރި ތަކެތި ތަޙްލީލްކުރުމުން އައި ނަތީޖާ ނޫންކަން ސާފުކަމަށާއި މީހެއްގެ އަތުން ފެންނަ މަސްތުވަތާތަކެއްޗަކީ އެހެން އެއްޗަކާ އެއްކޮށްފައިވާ އެއްޗެއްތޯ ކަށަވަރުކުރަން ޤާނޫނުން ލާޒިމްކޮށްފައިވާއިރު، ސާމްޕަލްގެ ނަތީޖާގެ މައްޗަށް އިފްތިރާޟްކޮށް މިމައްސަލައިގައި ފެނުނު މުޅި ރަބަރު ޕެކެޓުގައި ހުރި މަސްތުވާތަކެއްޗާއި އެހެން އެއްޗަކާ އެއްކޮށްފައިވޭތޯ ބަލާފައިނުވަނީ މަސްތުވާތަކެތީގެ ބަރުދަން ބެލުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ ރޫޙާ ޚިލާފަށްކަމަށެވެ.
6.6- އިސްތިއުނާފީ ފަސްވަނަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މިމައްސަލައިގައި މަސްތުވާއެއްޗެއް ހުރިކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓްގައި ހުރި ތަކެތި ތަޙްލީލްކޮށްފައިވަނީ މެޝިނުން އަދި ފިޒިކަލް އެނެލިސިސް ހަދައިގެންކަން އެނގޭއިރު، ފިޒިކަލް އެނަލިލިސިސް ހެދި ހެކީގެ ފޮޓޯ އާއި މަސްތުވާތަކެތި މެޝިނުން ތަޙްލީލްކުރި ރިޕޯޓު ހުށަހަޅާފައިނުވާއިރު، އަސްލު ލިޔުން ސާބިތުކޮށްދޭންޖެހޭ ކަންކަން އިސްތިސްނާ ޙާލަތެއްގައި ނޫނީ އެހެން ގޮތަކުން ސާބިތުކޮށް ނުދެވޭނެކަން އެނގޭއިރު، މެޝިން ރިޕޯޓު ހުށަނޭޅުނީ ކީއްވެގެންކަން އަދި އިސްތިސްނާ ޙާލަތެއް އޮވެގެންކަން އެނގެން ނެތްކަމަށާއި، މެޝިނުން ތަހްލީލްކުރި ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މައްޗަށް ރިޢާޔަތްކޮށްފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ. އަދި ޝަރީޢަތަށް ކަމެއް ސާބިތުކޮށްދޭންޖެހެނީ ވަކި ހެއްކެއް ހުށަހަޅައިގެންކަމުގައިވާނަމަ، އެނޫން ހެއްކެއް ހުށަހަޅައިގެން އެކަން ސާބިތުނުކުރެވޭނެކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތް:
7އިސްތިއުނާފުކުރާ ފަރާތުން މިމައްސަލައިގ އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 196/Cr-C/2021 ޤަޞިއްޔާގެ ޙުކުމް ބާޠިލްކޮށްދެއްވައި، އިސްތިއުނާފުކުރާ ފަރާތް ވަގުތުން މިނިވަންކޮށްދެއްވުމަށްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
8އިސްތިއުނާފު ރައްދުވާ ޕްރޮސިކިއުޝަނުގެ ފަރާތުން އިސްތިއުނާފީ ނުކުތާތާކުގެ ޖަވާބު ލިޔުމުން ހުށަހަޅާފައިވެއެވ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކާއި ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން:
8.1- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތް ހުއްޓުވާފައިވަނީ ޓްރެފިކް ފުލުހުން މާލޭ މަގުމަތީގައި ޗެކް ޕޮއިންޓެއް ޤާއިމްކޮށް އެސަރަޙައްދުން ދިޔަ އުޅަނދުތައް ބަލައި ފާސްކުރުމުގެ ތެރެއިންކަން ހެކިންގެ ބަޔާންތަކުން ސާފުކޮށް އެނގޭކަމަށެވެ. މިކަންކަން ތަފްސީލްކުރަމުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތް މިމައްސަލާގައި ހުއްޓުވާފައިވަނީ ޤާނޫނާ އެއްގޮތަކަން އެނގޭކަމަށެވެ. އަދި ހެކިންގެ ހެކިބަހުން އިސްތިއުނާފުކުރާ ފަރާތް ބަލައިފާސްކުރެވުނީ އޭނާ ދުއްވި އުޅަނދު ހިފަހައްޓައި ކާކުކަން އައިޑެންޓިފައިކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ހާސްވެ ބިރުގަނެ ތުރުތުރު އަޅައި އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކުކުރެވިކަން މިމައްސަލައިގައި ހެކިން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުންނާއި ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބެލުމުން އެނގޭނެކަމަށެވެ.
8.2- އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން މިނުކުތާގައި ޗެއިން ބްރޭކްވެފައިވާކަމަށް ބުނާ މައިގަނޑު ސަބަބަކީ އިސްތިއުނާފުކުރާ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރަނިކޮށް އޭނާ ވައްޓާލި މަސްތުވާތަކެތި ނެގި ފަރާތުން އެތަކެތި ނެގުމަށްފަހު އެވަގުތު އެތަކެތި ސީލްކޮށްފައިނުވާނެކަމަށާއި ސީލްކޮށްފައިނުވަނީ އެވިޑެންސް ބޭގު ނެތުމުންކަމަށް ބުނާތީކަމަށެވެ. އަދި ސީނުން ތަކެތި ނެގި ފަރާތް ތަކެތި އަތުން ހިފައިގެން ގަލޮޅު ޕޮލިހަށް ގެންދިއުމަށްފަހު މިތަކެއްޗާއި ހަވާލުވީ ކާކުން ނޭނގޭތީކަމަށް އެފަރާތުން ބުނާތީ ތަހްލީލްކުރެވުނީ ހާދިސާ ހިނގިތަނުން ފެނުނު ތަކެތި ކަމާމެދު ސުވާލު އުފެދޭކަމަށާއި އެތަކެތީގެ ޗެއިން ބްރޭކް ވެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ. އެހެންނަމަވެސް މިމައްސަލައިގައި ޗެއިން އޮފް ކަސްޓަޑީ ބްރޭކް ވެފައިނުވާކަމަށް ޕްރޮސިކިއުޝަނުން ބުނާ ސަބަބުތައް ޖަވާބު ފޯމުގައި ވަރަށް ތަފްސީލްކޮށް ބަޔާންކޮށްދެމުން ބުނެފައިވަނީ ތަކެތި ނެގުމަށްފަހު ވަގުތުން ސީލްކޮށް އެވިޑެންސް ބޭގަށް ލެވިފައިނުވަނީ މިފުލުހުންނަކީ ޓްރެފިކް ބެލެހެއްޓުމުގެ މަސަކަތްކުރަމުން ދިޔަ ފުލުހުންކަމަށްވެފައި އެވަގުތު އަތުގައި އެވިޑެންސް ބޭގު ނެތުމުންކަން ހެކިންގެ ހެކިބަހުން އެނގޭކަމަށެވެ. އަދި އެތަކެތި ސީލްކުރެވި ޗެއިން ފުރިހަމަކޮށް ތަހްލީލްކުރެވިފައިވާކަން ޗެއިން އޮފް ކަސްޓަޑީ ފޯމުންނާއި ހެކިންގެ ހެކިބަހުން އެނގޭކަމަށެވެ.
8.3 އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުގެ ފަރާތުން ބުނެފައިވަނީ މިމައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދަޢުވާކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ އަތުގައި މަސްތުވާތަކެތި ހުރެގެންކަމަށެވެ. އޭނާގެ މުށު ތެރޭގައި ހުރި މަސްތުވާތަކެތި ބިންމައްޗަށް ވައްޓާލި މަންޒަރު ފުލުހުންނަށް ފެނިގެންކަމަށެވެ. އަދި އެކަން އެގޮތަށް ހިނގިކަމަށް ސީނަށް ދިޔަ ދެ ފުލުހުން ހެކިބަސްދީފައިވާކަމަށެވެ.
8.4- އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/87 ޤަޟިއްޔާގައި މަސްތުވާތަކެތީގެ ބަރުދަން ބަލާނެ ގޮތް ބަޔާންކޮށްފައިވާކަމަށެވެ. އަދި މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް މިމައްސަލައަށް ތަޠުބީޤުކުރާއިރު މިމައްސަލާގައި އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފެނުނު ތަކެތި ޕޮޒިޓިވް ވެފައިވަނީ މެތައެމްފެޓަމިން ރެސިމޭޓަށްކަމަށެވެ. އެއީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއްކަމަށާއި، މިމައްސަލާގައި ތަޙްލީލް ރިޕޯޓުގައި ބަރުދަނުގެ ގޮތުގައި ބަޔާންކުރާ އަދަދު ގެނެވިފައިވާ ގޮތް ރިޕޯޓު ތައްޔާރުކުރި ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ސާފުކޮށް ބުނެދީފައިވާކަމަށެވެ. އަދި ތަހްލީލް ރިޕޯޓުގައިވެސް މިކަންކަން ބަޔާންކޮށްފައިވާކަމަށެވެ. މިމައްސަލާގައި ފެނުނު މަސްތުވާތަކެތި ހުރީ އެހެން އެއްވެސް ބާވަތަކާ އެއްކޮށްފައި ނޫންކަން ތަޙްލީލްކުރި ފަރާތުގެ ބަހުންނާއި ތަހުލީލު ރިޕޯޓުން އެނގޭކަމަށާއި އެހެންކަމުން މިފެނުނު ތަކެތީގެ ބަރުދަނަކީ އޭގެ ޒާތުގައި މުޅި އެތީގެ ބަރުދަންކަން އެނގޭކަމަށެވެ.
8.5 އިސްތިއުނާފީ ފަސްވަނަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުގެ ފަރާތުން ބުނެފައިވަނީ މެޝިން ރިޕޯޓަކީ މަސްތުވާތަކެތީގެ މައްސަލަތަކާއެކު ފުލުހުން މިހާރު ހުށަހަޅާ އެއްޗެއް ނޫންކަމަށެވެ. އަދި މެޝިން ރިޕޯޓް އޮތުން ލާޒިމްކުރާ ޤާނޫނީ ހަމައެއްވެސް ނެތްކަމަށެވެ. އަދި މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ ޤަޟިއްޔާތަކުގައިވެސް ތަހްލީލްކުރެވޭ މަސްތުވާތަކެތީގެ ރިޕޯޓުގައި މެޝިން ރިޕޯޓެއް އޮންނަންޖެހޭނެކަމަށް ބަޔާންކޮށްފައިނުވާކަމަށެވެ. އެހެންކަމުން ތަހްލީލް ރިޕޯޓެއްގައި ހުންނަންޖެހޭ ކަންކަން މިމައްސަލަގައި ހުށަހެޅިފައިވާ ތަހްލީލް ރިޕޯޓުގައި ފުރިހަމަވެފައިވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ގޮތް:
9އިސްތިއުނާފުކުރާ ފަރާތުން މިމައްސަލައިގ އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 196/Cr-C/2021 ޤަޝިއްޔާގައި ނިންމަވާފައިވާ ނިންމުމަށް ބަދަލެއް ގެންނާނެތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ. ޝަރީޢަތުން ފާހަގަކުރާ ކަންކަން:
10މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު: 196/Cr-C/2021 ޤަޟިއްޔާގެ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް މިސްހާދު ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ:
11އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކުރަނީ ކޯޓު އަމުރަކާއި ނުލައި، މަގުމަތިން މީހަކު ހުއްޓުވައި ބަލައި ފާސްކުރުމަށް ފުލުހުންނަށް ޤާނޫނުން ބާރުލިބިދޭ ޙާލަތެއް ނުވަތަ ސަބަބެއް (probable cause) ނެތި އިސްތިއުނާފުކުރާ ފަރާތް ހުއްޓުވައި ބަލާފާސްކޮށްފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.
12ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތް ފުރަތަމަ ހުއްޓުވީ ފުލުހުން ނޫންކަން އެނގެއެވެ. ވީމާ ދުއްވަމުން ދިޔަ އެއްގަމު އުޅަދެއް ފުލުހުން ހުއްޓުވީ ނޫންކަން އެނގެއެވެ.
13މިދަޢުވާ ބިނާވާ ޙާދިޘާއާއި ގުޅޭ ގޮތުން ފުލުހުން ދިން ހެކިބަހަށް ބަލާއިރު، ފުލުހުން ތިބީ ވެހިކަލް ޗެކް ޕޮއިންޓް (ވީ.ސީ.ޕީ) ޖަހައިގެން ފާށަނާކިލެގެމަގު (ފަސޭހަޕޮއިންޓް2 ކުރިމަތިގައި) އުޅަނދު ފަހަރު ޗެކު ކުރާށެވެ. އެހެންތިއްބާ، ޙާދިޘާ ހިނގި ރ، 00:40 އެހާކަށްހާއިރު ނުވަތަ އެއަށްވުރެ ތަންކޮޅެއްކުރިން، އިސްތިއުނާފުކުރާ ފަރާތް ބާރު ސްޕީޑްގައި ފާށަނާކިލެގެ މަގަށް ވަނުމަށްފަހު ފުލުހުން ފެނިގެން، ސައިކަލް ޕާކިންޒޯނަށް މަޑުކޮށް ޕާކު ކުރަން އުޅުނީއެވެ. ފުލުހުންނަށް ފާހަގަ ކުރެވުނީ އިސްތިއުނާފުކުރާ ފަރާތް ބާރު ސްޕީޑްގައި އައިސް ކުއްލިއަކަށް ސައިކަލް ޕާކުރަން މަސައްކަތް ކުރީ ފުލުހުން ފެނުމުން ކަމަށެވެ. އެހެންވެ، ފުލުހުން، އިސްތިއުނާފު ކުރިފަރާތް ސައިކަލު ޕާކުކުރަން މަޑުކުރި ތަނަށް ދިޔައެވެ. އަދި އެސައިކަލު ހުއްޓުވައި، ސައިކަލު ދުއްވި މީހާ (އިސްތިއުނާފުކުރާ ފަރާތް) ގެ މަޢުލޫމާތު ސާފުކުރަން ފެށިއެވެ. ފުލުހުންނަށް ފާހަގަ ކުރެވުނީ އިސްތިއުނާފުކުރާ ފަރާތް ބިރުގަނެ ތުރުތުރުއަޅާ ކަމެވެ. މިޙަޤީޤަތްތަކާމެދު އިސްތިއުނާފުކުރާ ފަރާތުގެ ޖަދަލެއް ނެތެވެ.
14އެހެންވެ، ފުލުހުންނަށް ތުހުމަތު ކުރެވުނީ އިސްތިއުނާފުކުރާ ފަރާތް މަސްތުވާތަކެތި ގެންގުޅޭ ކަމަށެވެ. ދެން އިސްތިއުނާފުކުރާ ފަރާތް "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ." އަނެއްކާވެސް މަޢުލޫމާތު ސާފުކުރަން ފެށުނެވެ. އެއަށްފަހު، އިސްތިއުނާފުކުރާ ފަރާތް ލައިގެން ހުރި އަންނައުނު ބަލާފާސް ކުރަން ފެށިއެވެ. އިސްތިއުނާފުކުރާ ފަރާތް ބަލާފާސްކުރަމުން ދަނިކޮށް، އޭނާގެ ކަނައަތުން ރަބަރު ޕެކެޓެއް އޭނާހުރި ދިމާލަށް ވައްޓާލި މަންޒަރު ދެ ފުލުހުންނަށް ފެނުނެވެ. ފުލުހުންނަށް ޤަބޫލު ކުރެވުނީ އެއީ މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ކަމަށެވެ. އެޕެކެޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެވަގުތު އެޕެކެޓާ ގުޅޭ ގޮތުން ފުލުހުން އިސްތިއުނާފުކުރާ ފަރާތާ ސުވާލު ކުރުމުން، އެއީ އޭނާގެ އެއްޗެއް ނޫންކަމަށް ބުނެ އިންކާރުކޮށްފައި ވެއެވެ.
15މިޙަޤީޤަތްތަކުން އަންގައިދޭ ކަމަކީ، އިސްތިއުނާފުކުރާ ފަރާތާއި ފުލުހުން ސުވާލުކުރީ އޭނާ ދުއްވި ސައިކަލް ޕާކިން ޒޯނެއްގައި ޕާކުކުރަން މަސައްކަތްކުރީތީއެއްނޫނެވެ. އެހެނަސް، އިސްތިއުނާފުކުރާ ފަރާތް ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލާފާސްކުރަން ފެށީ ފުލުހުން ފެނުމުން އިސްތިއުނާފުކުރާ ފަރާތުން ޢަމަލު ކުރި ގޮތުންނެވެ. އެއީ، އޭނާ ދުއްވި ސައިކަލު ބާރު ސްޕީޑެއްގައި ދުއްވަމުން އައިސް ފުލުހުން ފެނުމުން ސައިކަލު ޕާކުކުރަން އުޅުނު އުޅުމާއި އޭނާ ބިރުގަނެ ތުރުތުރު އަޅާކަން ފުލުހުންނަށް ފާހަގަ ކުރެވުމުންނެވެ. އެއިޙުތިމާލުތަކުގެ މައްޗަށް ބުރަވެ ފުލުހުން ޤަބޫލުކުރީ އިސްތިއުނާފުކުރާ ފަރާތުގެ އަތުގައި މަސްތުވާތަކެތި ހުރިކަމަށެވެ.
16HN2ޤާނޫނު ނަންބަރު: 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ބަޔާންކުރާ ގޮތުން އެޤާނޫނާ ޚިލާފުވާ ފަރާތްތަކަކީ ކޮބާކަން ބެލުމާއި މަގުމަތީގެ ސަލަމާތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ފުލުހުންނަށް ޚާއްޞަކޮށް "ޓްރެފިކް ފުލުހުން"ގެ މައްޗަށް ޤާނޫނު މަތިކުރާ ޒިންމާއެކެވެ. ޖިނާއީ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަންއުޅޭ ކަމަށް މަގުމަތި ބަލަހައްޓަމުންދާ ފުލުހުންނަށް ތުހުމަތު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ވަކި ފަރާތަކުން މައްސަލަ ހުށަނޭޅިނަމަވެސް އެކަމާމެދު ސުވާލުކޮށް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަކީ ކުރެވޭނެ ކަމެކެވެ.
17HN1އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލު ކުރިއިރު، ޝައްކުކުރުމުގެ ހައިސިއްޔަތު އުފެދޭ ހާލަތެއް ނުވަތަ probable cause އެއް ނެތް ކަމަށް ބުނެއެވެ. ވާހަކަ މިދެކެވެނީ އިޙްތިމާލެއް ނުވަތަ ކަމެއް ވުމާއި ނުވުމުގެ ފުރުޞަތު އޮތް (probability) ގޮތުގެ މައްޗަށެވެ. ވީމާ، އެހާލަތަކީ ޙަޤީޤަތެއް ސާބިތުކުރަން ބޭނުންވާނެ މިންވަރުގެ ހެކީގެ މައްޗަށް ނުވަތަ ކުށެއް ސާބިތުކުރަން ބޭނުންވާ މިންވަރުގެ ހެކީގެ މައްޗަށް ބިނާކުރާ ހާލަތެއް ނޫނެއެވެ. އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކުރާ ޙާލަތެކެވެ. ވީމާ، ހުއްޓުވައި، ބެލުމުގެ ދަށަށް ގެނެސް، ހައްޔަރުކޮށް ނޫނީ ބަލާފާސްކުރާ ފަރާތުން ހަމަ ހުރެލާފަ ޝައްކުވެއޭ ބުނުމަކުން ޝައްކުކުރުމުގެ ޙައިސިއްޔަތު އުފެދޭ ޙާލަތަކަށް ނުވާނެއެވެ. ޝައްކުކުރުމުގެ ޙައިޞިއްޔަތު އުފެދޭ ޙާލަތެއް ބިނާވާނީ އެކަށީގެންވާ ސަބަބެއް ނޫނީ ބަޔާންކޮށްދެވޭ ކޮންމެވެސް ތަރަހައެއްގެ މައްޗަށެވެ. އެއީ، ޙަޤީޤަތެއްގެ މައްޗަށް ބިނާކުރެވޭ ނުވަތަ ދުނިޔޭގެ ދިރިއުޅުމުގައި މިހިނގާ ޙަޤީޤީ ކަމަކުން އުފަންކުރާ ޙާލަތަކަށް ވާންޖެހެއެވެ.
18ވީމާ، ޝައްކުކުރުމުގެ ޙައިޞިއްޔަތު އުފެދޭ ޙާލަތެއް ދާދި ކުޑަކަމެއްގެ މައްޗަށްވެސް ބިނާވެދާނެއެވެ. މިސާލަކަށް ކާރެއް މަގުމަތީގައި ދުއްވަމުންދަނީ ހޫރުވަމުންނަމަ، އެއީ އެކާރު ހުއްޓުވައި އެ ދުއްވަން އިންމީހަކާ ސުވާލު ކުރުމަށް ޝައްކުކުރުމުގެ ޙައިޞިއްޔަތު އުފެދޭ ހާލަތެކެވެ. މިޙާދިޘާއާއި ގުޅިގެން ފުލުހުން ޙަރަކާތްތެރިވީ، މީހަކު ބުނިބުނުމެއްގެ މައްޗަށް ބިނާކޮށްގެންނެއް ނޫނެވެ. ފުލުހުންގެ ލޯމަތީގައި ހިނގާދިޔަކަމެއް ލޮލުން ދެކެ އަތުން ހިފައި އެ ފުލުހުން ފާހަގަކުރެވުނު ކަންތައްތަކެއްގެ މައްޗަށެވެ. ބާރު ސްޕީޑްގައި ދުއްވަމުންއައި ސައިކަލެއް ފުލުހުންނަށް ފެނުމުން ސައިކަލު ޕާކުރަން އުޅުނު އުޅުމާއި އިސްތިއުނާފުކުރާ ފަރާތުގެ ގާތަށް ފުލުން ދިއުމުން ބިރުގަނެ ތުރުތުރު އެޅި އެޅުމަކީ، އިސްތިއުނާފުކުރާ ފަރާތާއި ފުލުހުން ސުވާލު ކުރުމަށް ޝައްކުކުރުމުގެ ޙައިޞިއްޔަތު އުފެއްދި ޙާލަތެވެ.
19އެހެންކަމުން، މިދަޢުވާގައި ބަޔާންކުރާ ޙާދިޘާ އާއި ގުޅިގެން ފުލުހުން ޢަމަލުކުރީ އިސްތިއުނާފުކުރާ ފަރާތުގެ ޢަމަލުތަކުގެ މައްޗަށް ބަލައި އެޢަމަލުތަކުގެ މައްޗަށް ބުރަވެ ޝައްކުކުރުމުގެ ޙައިޞިއްޔަތު އުފެދޭ ޙާލަތެއް އޮވެގެންކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. ވީމާ، މިނުކުތާއާއި ގުޅިގެން ދަށު ކޯޓުގެ ޙުކުމަށް އަސަރެއްކުރާނެ ޤާނޫނާއި ޚިލާފުކަމެއް ބަޔާންކޮށްދެވިފައެއް ނެތެވެ.
20އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ދެން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކަށް ރިޢާޔަތް ކޮށްގެން ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތް ފުލުހުން ބަލާފާސްކުރީ ބަލާފާސްކުރުން ހުއްދަ ޙާލަތެއްގައިކަން ބަޔާންކުރެވިއްޖެއެވެ.
21ވީމާ، އިސްތިއުނާފުކުރާ ފަރާތް ހުރިތަނުން ފުލުހުން ނެގި މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓަކީ ޤާނޫނާއި ޚިލާފަށް ހޯދި ހެއްކެއްނޫނެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއާގުޅޭ:
22އިސްތިއުނާފީ ދެވަނަ ނުކުތާގައި މައިގަނޑު ބަހުޘަކީ، އިސްތިއުނާފުކުރާ ފަރާތް ހުރިތަނުން ފުލުހުން ނެގި މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްގެ ޗެއިން އޮފް ކަސްޓަޑީ (chain of custody) އާމެދު އުފައްދާ ސުވާލެވެ. އަދި ފުލުހުން އެޕެކެޓް ނެގުމަށްފަހު ޢަމަލުކުރި ގޮތް ޤަވާއިދާ އެއްގޮތް ނޫންކަމަށް ބުނާ ބުނުމެވެ.
23HN3މިމައްސަލައިގައި ޝާމިލުވި ފުލުހުންނަކީ ކުރިން ބުނިހެން އެއްގަމު އުޅަނދު ފަހަރު ޗެކް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ދެ ފުލުހެކެވެ. ފުލުހުން ބަޔާންކުރާ ގޮތުން، އެވަގުތު އެ ދެ ފުލުހުންތިބީ، ހެކީގެ ގޮތުގައި ހޯދޭތަކެތި ބަންދުކުރާ އެވިޑެންސް ބޭގް ހިފައިގެނެއް ނޫނެވެ. އެހެންވެ، އެހެކި ނެގުމަށްފަހު ވަގުތުން ވަގުތަށް އެވިޑެންސް ބޭގަށް ލެވިފައި ނެތްކަމަށް އެއްބަސްވެއެވެ. "ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު" 140 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ؛ " ފުލުހުން ބަލައި ފާސްކުރުމުގައި ހެކީގެ ގޮތުގައި އެއްވެސް އެއްޗެއް ހިފަހައްޓާނަމަ، ލަސްނުކޮށް އެ އެއްޗެއް ސީލް ކުރަންވާނެއެވެ. އަދި ހިފެހެއްޓޭ އެއްޗަކީ ސީލް ނުކުރެވޭ ބާވަތުގެ އެއްޗެއްނަމަ، އެ އެއްޗެއް ހިފެއްޓި ބޭނުން ނުގެއްލޭނެ ގޮތަކަށް ރައްކައުތެރިކުރަން ވާނެއެވެ.
24މިގަވާއިދުގައި ބަޔާންކުރާ ގޮތުން، ހެކީގެ ގޮތުގައި ހިފަހައްޓާ ތަކެތީގެ ތެރެއިން ސީލް ކުރެވޭ ބާވަތުގެ ތަކެތި ލަސްނުކޮށް ސީލް ކުރަންޖެހެއެވެ. މިމައްސަލައިގައި ބަޔާންކުރާ މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓަކީ ސީލް ކުރެވޭ ބާވަތުގެ އެއްޗެކެވެ. ވީމާ، އެހެކި ލަސްނުކޮށް ސީލް ކުރަންޖެހެއެވެ. ހެކީގެ ގޮތުގައި ހިފަހައްޓާތަކެތި ވަގުތުން ސީލް ކުރުމާއި ލަސްނުކޮށް ސީލް ކުރުމާއި ދެމެދު ތަފާތެއް ވާނެއެވެ. މިމައްސަލައިގައި މަގުމަތީގައި ވެހިކަލް ޗެކް ކުރުމަށް ތިބި ފުލުހުން ބަލާފާސްކޮށް ފެނުނު ހެކި ވަގުތުން ސީލް ނުކުރާކަން އެނގެއެވެ. ނަމަވެސް އެޕެކެޓް ސީލް ކުރުން ލަސްވިތޯ ބަލަން ޖެހޭނީ ކޮންމެ މައްސަލައެއްގެވެސް ވަށައިގެން ހުރިކަންކަމުގެ އަލީގައި ކަމަށް ދެކެމެވެ.
25މިމައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފެނުނު މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓް ގާތްޑަކަށް ދިހަވަރަކަށް މިނެޓްތެރޭގައި، އިސްތިއުނާފުކުރާ ފަރާތާއެކު ގެންގޮސް ގަލޮޅު ޕޮލިސް ސްޓޭޝަނާއި ޙަވާލު ކުރިކަމަށް އެޕެކެޓް ނެގި ފުލުސް އޮފިސަރު ހެކިބަސް ދިން އިރު ބުނެއެވެ. މިހާހިސާބަށް މިފެނުނު މަސްތުވާތަކެތި ޕެކެޓާމެދު ފުލުހުން ޢަމަލު ކުރިގޮތުން އެޕެކެޓަށް ނުވަތަ އެޕެކެޓުގައިވާ އެއްޗަކަށް ބަދަލެއް އައިސް އޮޅުމެއް އަރާފާނެ ކަމަކަށް ސުވާލެއް ނުއުފައްދައެވެ. ނަމަވެސް ގަލޮޅު ޕޮލިސް ސްޓޭޝަނާއި އެޕެކެޓް ޙަވާލު ކުރިކަމަށް ބުނި ފަހުން ދެން ކަންވީ ގޮތަކީ ކޮބާހެއްޔެވެ؟ އެހިސާބުން އެހެކި ސީލް ކުރުމުގައި ލަސްކުރި ހެއްޔެވެ؟ ޙަވާލާދެވުނު ޤަވާއިދުގެ 140 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރަނީ؛ " ފުލުހުން ހިފަހައްޓާ ކޮންމެ މުދަލެއް ނުވަތަ އެ މުދާ ސީލްކުރެވޭ އެއްޗެއްގެ ބޭރުގައި ޗެއިން އޮފް ކަސްޓަޑީ ފޯމެއް ހަރުކުރަންވާނެއެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި، ހިފެހެއްޓުނު މުދަލަށް އެވިޑެންސް ނަންބަރެއް ދީ، އެ ނަންބަރު، ރިކޯޑު ކުރަންވާނެއެވެ."
26ހުށަހަޅާފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމުގެ ފުރަތަމަ ޞައްފާއަށް ބަލާއިރު، ޙަވާލާދެވޭ ޤަވާޢިދުގައި ބަޔާންކުރާ މަޢުލޫމާތުތައް ފުރިހަމަ ވެފައިވާކަމަށް ފުރަތަމަ ނަޒަރުން ބަލާއިރު ބެލެވެން އޮވެއެވެ. އެއީ، އެވިޑެންސް ނަންބަރު، ފޮރެންސިކް ސަބްމިޝަން ނަންބަރު އަދި ޕޮލިސް ކޭސް ނަންބަރު ބާރކޯޑް އާއެކު ހިމަނާފައިވާ މަޢުލޫމާތުގައި ބަޔާން ކުރާތީއެވެ. އަދި އެހެކި ނެގި ފަރާތާއި އެހެކި ނެގި ތާރީޚާއި ތަނާއި ވަގުތާއި ނެގި ހެކީގެ ތަފްޞީލު ހިމަނާފައި އޮތުމުންނެވެ.
27ޗެއިން އޮފް ކަސްޓަޑީގެ ފުރަތަމަ ސަފްޙާއިން އެނގޭ ގޮތުގައި، މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓް ޢަލީ ހިޝާމް ނަގާފައިވަނީ 22 ނޮވެމްބަރު 2020 ގެ 00:43 ހާއިރުއެވެ. އެޕެކްޓް ނެގުމަށްފަހު އޮތީ ޢަލީ ހިޝާމްގެ އަތުގައި ކަމަށް އޭނާ ބުނެއެވެ. އެޕެކްޓް ޢަލީ ޝިހާމްގެ އަތުގައި އޮތީ، "ގަލޮޅު ސްޓޭޝަނަށް ދަންދެން" 14 ކަމަށް ޢަލީ ހިޝާމް ހެކިބަސް ދެމުން ބުނެފައިވެއެވެ. 22 ނޮވެމްބަރު 2020 ގައި އަލީ 14 ޢަލީ ޙިޝާމް އާ ދިފާޢީ ވަކީލު ކުރި " ކިހާ ވަގުތެއް ވަންދެން ހެކިވެރިޔާ އަތުގައި އޭތި އޮތްތޯ؟ މިސުވާލާއި ގުޅިގެން ޢަލީ ހިޝާމް ދިން ޖަވާބު " ގަލޮޅު ސްޓޭޝަނަށް ދަންދެން" ހެކި ބަޔާނުގެ ސ32 ގެ 24 އަދި 25ގައި. ހިޝާމް ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓާމެދު ޢަމަލުކުރިގޮތް ބަޔާން ކޮށްފައެއްނެތެވެ. މި ޗެއިން އޮފް ކަސްޓަޑީގެ ފުރަތަމަ ޞަފްހާގައި ހިމެނޭ މަޢުލޫމާތު ތިރީގައި ބަޔާން ކޮށްފައި އެވަނީ އެވެ. ޗެއިން އިފް ކަސްޓަޑީ CHAIN OF CUSTODY Court use only: ކޯޓުގެ ބޭނުމަށް: Court Exhibit No: ކޯޓް އެވިޑެންސް ނަންބަރު: Date: ކޯޓުގެ ނަން: Exhibit Seizer use only: މާއްދީ ހެކި ނެގި ފަރާތުގެ ބޭނުމަށް: Case No: Station .....ކޭސް ނަންބަރު: ސްޓޭޝަން: ގަލޮޅު ޕޮލިސް IO Offence .....އައި: މައްސަލައިގެ ބާވަތް:މަސްތުވާތަކެތި ލޮކޭޝަން:ފާށަނާކިލޭގެމަގު/ފަސޭހަޕޮއިންޓް2 ކައިރި Location ނެގިތަން: […] ނަޝީދު 100773އޭ ހުރިދިމާ ބިންމަތިން Place of recovery Description ތަފްޞީލް: 01 ރަބަރު ޕެކެޓް (މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްކުރި) Date & Time of recovery 00:43 ނެގި ތާރީޚާއި ގަޑި: 22-11-2020 Evidence No. Initial No. .....އެވިޑެންސް ނަންބަރު: އިނީޝިއަލް ނަންބަރު:..... Seized By: މާއްދީ ހެކި ނެގިފަރާތުގެ: Full name ފުރިހަމަ ނަން: ޕޮލިސް ކޮންސްޓަބަލް ޢަލީ ހިޝާމް Nationality 5622 SN/ID/PP NO ޤައުމު: ދިވެހި، ރާއްޖެ ސ.ނ./އައި.ޑީ./ޕީ.ޕީ.ނ.: Signature Gender (ސޮއިކޮށްފައި) ޖިންސް: ފ (Barcode) Forensic use only: (ބާރކޯރޑް) ފޮރެންސިކްގެ ބޭނުމަށް: S2011240017 LC2020/11335 (ބާރކޯޑް)
28HN4ޢަލީ ހިޝާމު ބަޔާންކުރާ ގޮތުންނަމަ، އިސްތިއުނާފުކުރާ ފަރާތުގެ ކަނައަތުން ވައްޓާލި މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓް ގާތްޑަކަށް 10 ވަރަކަށް މިނިޓް ތެރޭގައި ގަލޮޅު ޕޮލިސް ސްޓޭޝަނާއި ޙަވާލު ކޮށްފިއެވެ. ނަމަވެސް އެތަނާއި އެޕެކެޓް ޙަވާލުކުރިކަން ޗެއިން އޮފް ކަސްޓަޑީއަކުން ނޭނގެއެވެ. އެތަނުން އެވަގުތު އެއާއި ޙަވާލުވި ފަރާތެއް އެނގޭކަށް ނެތެވެ. ހެކީގެ ގޮތުގައި ނެގޭ އެއްޗެއް އެކެއްގެ އަތްމަތިން އަނެކެއްގެ އަތްމައްޗަށް މާއްދީ ގޮތުން ބަދަލުވާނަމަ (physical custody) ޗެއިން އޮފް ކަސްޓަޑީގައި އެކަން ލިޔަން ޖެހޭނެއެވެ. ވީމާ، ޢަލީ ހާޝިމް ނެގި މަސްތުވާތަކެތި ހުރި މިޕެކެޓް 10 ވަރަކަށް މިނިޓް ތެރޭގައި ގަލޮޅު ޕޮލިސް ސްޓޭޝަނާ ޙަވާލު ކުރިކަމަށް ބުނާ ބުނުން ފިޔަވައި، އެޕެކެޓާއި އެތަނުން ޙަވާލުވިކަން އެނގޭނެ ގޮތެއް ނެތެވެ.
29ހަމައެހެންމެ، ގަވާއިދުގައި ބަޔާންކުރާ ގޮތަށް މީހަކާއި ޗެއިން އޮފް ކަސްޓަޑީ ހަވާލުކުރި އިރެއް ބެލޭނެ ގޮތެއް ނެތެވެ. ޗެއިން އޮފް ކަސްޓަޑީ ފޯމްގެ ދެވަނަ ޞަފްޙާ (ކޮންޓިނުއިޓީ) އިން އެނގެން އޮތް ގޮތުގައި އެޕެކެޓާއި ޙަވާލުވެފައިވަނީ 24 ނޮވެމްބަރު 2020 ގެ 15:00 ގައި މުއުމިނާ ޖައުފަރު (3484) އެވެ. އެނާ އެޕެކެޓާ ޙަވާލުވީ ގަލޮޅު ޕޮލިސް ސްޓޭޝަނުން ކަމެއް ނޭނގެއެވެ. ހަމަ ޔަޤީނުންވެސް، މުއުމިނާ ޖައުފަރު (3484) މިޕެކެޓާއި ޙަވާލުވެފައިވަނީ އެޕެކެޓް ޢަލީ ހިޝާމްގެ ބެލުމުގެ ދަށަށް ގެނެވުނުތާ 10 ވަރަކަށް މިނިޓް ތެރެއަކު ނޫންކަން ޗެއިން އޮފް ކަސްޓަޑީން އެނގެއެވެ. އެދެމެދުގައި 62 ގަޑި އިރަށްވުރެ ގިނަ ވަގުތު ފާއިތުވެގެން ގޮސްފައިވެއެވެ.
30ޖިނާއި ކުށަކާއި ގުޅިގެން ފުލުހުން ހޯދާ ހެކީގެ ޗެއިން އޮފް ކަސްޓަޑީ އެކެއްގެ ކިބައިން އަނެކަކުގެ ކިބައަށް ވާޞިލުވުމަށް ނަގާ ވަގުތު ދިގުވެގެން ދިއުމަކީ އެ ޗެއިން މެދުކެނޑޭނެ ޤާނޫނީ ސަބަބެއް ނޫނެވެ. ނަމަވެސް އެކެއްގެ ކިބައިން އަނެކަކުގެ ކިބައަށް އެ ހެކި ނަގުލުވަމުން ދިޔައިރު، ބަޔާންކޮށް ނުދެވޭ (unexplained) ވަގުތުތަކެއް އެދެމެދުގައި ފާއިތުވުމަކީ ޝައްކު އުފައްދާ ކަމެކެވެ. ޚާއްޞަކޮށް އެހެކީގެ ބާވަތާއި ޒާތަށް ބަލާއިރު އެއަށް ބަދަލު ގެނެވިދާނެ، ތަޣައްޔަރު ކުރެވިދާނެ ނުވަތަ އޮޅިދާނެ އެއްޗެއް (fungible objects) ހެކީގެ ގޮތުގައި ހިފެހެއްޓުމަށްފަހު މިގޮތަށް ބަޔާންކޮށްނުދެވޭ ވަގުތުތަކެއް ދިއުމަކީ މި ޝައްކު ބޮޑުކުރާނެ ކަމެކެވެ.
31ހެކީގެ ގޮތުގައި ފުލުހުން ހޯދާ ތަކެއްޗާމެދު ޢަމަލު ކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާ އިޖުރާއަތެއް ދެ ގަވާއިދަކުން ފެނެއެވެ. އެއްގަވާއިދަކީ، ނަންބަރު:2019/R-1052 (2 ސެޕްޓެމްބަރު 2019) "ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު" އެވެ. އަނެއް ގަވާއިދަކީ މަސްތުވާތަކެއްޗާބެހޭ މައްސަލަތަކަށް ޚާއްޞަ ގަވާއިދެކެވެ. އެއީ ނަންބަރު:2015/R-230 (28 ޑިސެމްބަރު 2015) "މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
32"މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" 16 އަށް ބަލާއިރު އަންނަނިވި މާއްދާތައް ފާހަގަކުރެވެއެވެ؛ މަޤްޞަދު 3. މި ގަވާއިދުގެ މަޤްޞަދުތައް ތިރީގައި އެވަނީއެވެ.
(ރ) މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހެކީގެ ގޮތުގައި ހިފަހައްޓާ މަސްތުވާތަކެތި ނައްތާލުމާ ހަމައަށް އެތަކެއްޗާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައެޅުން؛ އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ނައްތާލެވެންދެން އެތަކެތި ރައްކާކޮށް ބަލަހައްޓަންވާނީ، މިގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. މި މާއްދާގެ (ހ) ގެ ދަށުން ހިފައްޓާ މަސްތުވާތަކެތީގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގާ ތަޙްޤީޤަކާ ގުޅިގެން އެސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި، އެތަކެތި ނައްތާލެވެންދެން ރައްކާކޮށް ބަހައްޓަންވާނީ، މި ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހަދާފައިވާ ތަނެއްގައެވެ.
(ރ) މިމާއްދާގެ (ރ) އަދި (ނ) ގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ތެރެއިން ތަޙުލީލީ ބޭނުމަށް ލެބޯޓްރީޢާ ޙަވާލުކުރާ ތަކެތި ފިޔަވައި، އެހެނިހެން ތަކެތި، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ތަނުގައި ރައްކާކުރަންވާނެއެވެ.
(އ) މަސްތުވާތަކެތި ރައްކާކޮށް ބަހައްޓަންވާނެކަމަށް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތަން ހުންނަންވާނީ ކޮމިޝަނަރ އޮފް ޕޮލިސް އެކަމަށް ކަނޑައަޅާ އިންސްޕެކްޓަރ ފެންވަރުގެ އޮފިސަރެއްގެ ބެލުމުގެ ދަށުގައެވެ. މިގޮތަށް ކަނޑައަޅާ އޮފިސަރ ކޮންމެ 6 (ހައެއް) މަސް ދުވަހަކުން ބަދަލު 16 ގަވާއިދު ނަންބަރު:2015/R-230 (28 ޑިސެމްބަރު 2015) ކުރަންވާނެއެވެ. އަދި އެތަނަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅާ ބަޔަކަށް އެކަނި ވަދެ ނިކުމެ އުޅުމުގެ ހުއްދަ އޮންނަ ތަނެއް ކަމުގައި ވާންވާނެއެވެ.
(ވ) މިމާއްދާގެ ދަށުން ރައްކާކުރެވޭ މަސްތުވާތަކެތި ބަހައްޓަންވާނީ، އެއް މައްސަލައަކާ ގުޅިގެން ހިފަހައްޓާ އެއްޗެތި އަނެއް މައްސަލައިގައި ހިމެނޭ އެއްޗެއްސާ އޮޅުން ނާރާނެ ގޮތުގެ މަތިން ވަކިވަކިންނެވެ. ޗެއިން އޮފް 23. މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެތީގެ ތެރެއިން ކަސްޓަޑީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދަންވާނީ، ނުވަތަ އެކަކު އަތުން އަނެކަކު އަތަށް ބަދަލުކުރަންވާނީ، ޙަވާލުކުރާ ފަރާތާއި، ޙަވާލުވާ ފަރާތުގެ ވަނަވަރު އަދި ޙަވާލުކުރެވޭ ތާރީޚާއި، ގަޑި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ފުރިހަމަކުރުމަށް ފަހުގައެވެ. މާނަ ކުރުން 28. (ޅ) "ޗެއިން އޮފް ކަސްޓަޑީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބުނެފައިވާ ތަކެތި އެކަކު އަތުން އަނެކަކު އަތަށް ޙަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެތަކެތި ޙަވާލުކުރާ ފަރާތާއި، ޙަވާލުވާ ފަރާތުގެ މަޢުލޫމާތާއި، ތާރީޚާއި، ގަޑި ލިޔެ، ރިކޯޑްކުރާ ކުރުމަށެވެ.
33HN5މަތީގައިވާ ގަވާއިދުން މިފާހަގަކުރި މާއްދާތަކަށް ބަލާއިރު، ފުލުހުން ހޯދާ މަސްތުވާތަކެތި ވަކިތަނެއްގައި ބަހައްޓަންޖެހޭ ކަމަށް ދަލީލު ލިބެއެވެ. ވީމާ، މި ދަޢުވާގައި ބަޔާންކުރާ މަސްތުވާތަކެތި ހިމެނޭ ރަބަރު ޕެކެޓް ޢަލީ ހިޝާމްގެ ބެލުމުގެ ދަށުން، ގަލޮޅު ޕޮލިސް ސްޓޭޝަނާއި ޙަވާލު ކުރިކަމަށް ބުނާތީ، އެތަނުން އެވަގުތު ޙަވާލުވި ފަރާތަކީ ކާކުކަން އެނގެން ޖެހެއެވެ. ނުވަތަ އެތަކެތި ޙަވާލުކުރީ ގަވާއިދުގައި ބަޔާންކުރާ ތަނާ ކަމަށްވާނަމަ، އެތަނަކުން އެއާ ޙަވާލުވި ފަރާތެއް އެނގެން ޖެހެއެވެ. އެހެން ގޮތަކަށް ބަޔާންކުރާނަމަ، މުއުމިނާ ޖައުފަރު (3484) އެޕެކެޓާއި ޙަވާލުވުމާއި ހަމައަށް އެޕެކެޓްވީ ކާކުގެ އަތުގައިކަން ނޫނީ ކޮންތާކުކަން ޝަރީޢަތަށް ސާބިތުކޮށް ދިނުމަކީ ޕްރޮސިކިއުޝަން އަދާކުރަންޖެހޭ ޒިންމާއެވެ.
34މިޒިންމާ އަދާކުރުމުގެ ގޮތުން، އެޕެކެޓް ގަލޮޅު ޕޮލިސް ސްޓޭޝަނާއި ޙަވާލުކުރީ ކަމަށް ބުނުމަކުން ނުފުދެއެވެ. ނުވަތަ އެޕެކެޓް އޮތީ ވަކި ފުލުހެއްގެ އަތުގައި ނުވަތަ އޭނާ ބަލަހައްޓާ ތަނެއްގައި ކަމަށް ބުނުމަކުންވެސް ނުފުދެއެވެ. މުއުމިނާ ޖައުފަރު (3484) އެ ޕެކެޓާއި ޙަވާލުވުމާއި ހަމައަށް ހިނގާދިޔަ ވަގުތު ތަކުގައި، ކޮމިޝަނަރ އޮފް ޕޮލިސް އެކަމަށް ކަނޑައަޅާ އިންސްޕެކްޓަރ ފެންވަރުގެ އޮފިސަރެއްގެ ބެލުމުގެ ދަށުގައި ހުރި ތަނުގައި އެ ޕެކެޓް އޮތްކަން ސާބިތުކޮށްދޭންޖެހެއެވެ. އެއީ ކޮންމެތާކު ހުރި ތަނެއްކަމަށްވިޔަސް މެއެވެ. ހަމައެހެންމެ، ފުލުހަކު ހެކީގެ ގޮތުގައި ހޯދާ މަސްތުވާތަކެތި ލެބޯޓްރީ ޓެސްޓު ކުރުމަށް ލެބޯޓްރިއާ ހަމައަށް ގެންދިއުމުގެ ކުރިން، ވަކި ތަނަކާއި ޙަވާލު ކުރިނަމަ، އެކަން ޗެއިން އޮފް ކަސްޓަޑީން އެނގެން ޖެހޭނެއެވެ.
35ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:SCPD-06/2022 (ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ) ޕްރެކްޓިސް ޑައިރެކްޝަންގައި ބަޔާންކުރާ އުޞޫލުން ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ގޮތުން މިއުފައްދާ ސުވާލަށް ޖަވާބު ދިނުމުގެ ފުރުޞަތު ޕްރޮސިކިއުޝަނަށް ފަހިވެފައި އޮތެއެވެ. ސަބަބަކީ، މި ޕްރެކްޓިސް ޑައިރެކްޝަން ނެރެފައިވަނީ 09 އޮކްޓބަރޯ 2022 ގައި ކަމަށްވެފައި، އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ނިންމާފައިވަނީ 18 އޮކްޓބަރޯ 2022 ގައި ކަމަށް ވާތީއެވެ.
36ޖިނާއީ މައްސަލަތަކުގައި ސާބިތުކޮށްދިނުމުގެ ބުރަ އަބަދަށްމެ އޮންނާނީ ޕްރޮސިކިއުޝަނުގެ ފަޅީގައެވެ. ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ގޮތުން މުއްތަހަމު ސުވާލު އުފެއްދުމުން، އެކަން ސާބިތުކޮށްދޭންޖެހޭނީ ޕްރޮސިކިއުޝަނުންނެވެ. ޕްރޮސިކިއުޝަނުން އެކަން ސާބިތުކޮށްދިނުމުން، އެކަން އޮތީ އެހެން ނޫންކަމަށް މުއްތަހަމުގެ ފަރާތުން ބުނާނަމަ، އިދިކޮޅު ހެކި ހުށަހެޅުމުގެ ބުރަ މުއްތަހަމަށް ފުރޮޅިގެން ދާނެއެވެ. ނަމަވެސް މިމައްސަލައިގައި ފެނުނު މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓް ގެންގޮސް ގަލޮޅު ޕޮލިސް ސްޓޭޝަނާއި ޙަވާލުކުރިކަމަށް ޢަލީ ހިޝާމް ބުނާއިރު، އެޕެކެޓްގެ ކޮންޓިނުއިޓީ ފެށެނީ އޭގެ 62 ގަޑިއިރަށްވުރެ ފަހުންކަން އެނގެންއޮތްއިރު، އެ ދެމެދުގައި ހިނގާދިޔަ ވަގުތު ތަކުގައި އެޕެކެޓާ ޙަވާލުވި ފަރާތެއް، އެޕެކެޓް އޮތް ތަނެއް އޮތް ޙާލަތެއް ނޭނގެއެވެ.
37ކުށުގެ ތުހުމަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މަސްތުވާތަކެތި ތަޙްލީލުކޮށްގެން ހެކީގެ ގޮތުގައި ބޭނުންކުރާން އެދޭނަމަ، ފުރަތަމަ ކުރަންޖެހޭނެކަމަކީ، އެތަޙްލީލު ކުރަން ލެބޯޓްރީއާ ޙަވާލުކުރި އެއްޗަކީ އެމީހާގެ އަތުން އަތުލެވުނު އެތިކަން ސާބިތުކޮށްދިނުމެވެ. އެކަން ސާބިތު ކޮށްދެވޭނެ އަސާސަކީ ޗެއިން އޮފް ކަސްޓަޑީއެވެ. ނަމަވެސް ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައާއި މިކޯޓުގައި އުފެއްދި ސުވާލާއި ގުޅިގެން، ޕްރޮސިކިއުޝަނަށް ސާބިތުކޮށްދިނުމުގެ ބުރަ އުފުލިފައެއް ނެތެވެ. ވީމާ، މިމައްސަލައިގައި ތަޙްލީލު ކުރަން ގެންދެވުނު މަސްތުވާތަކެތި އެއީ އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފެނުނު މަސްތުވާތަކެތި ކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދެއެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ:
38މިނުކުތާގައި ބަޔާންކުރަނީ، މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓަކީ އިސްތިއުނާފުކުރާ ފަރާތް އޭނާގެ ކަނައަތުން ވައްޓާލި ރަބަރު ޕެކެޓެއް ނޫންކަމަށް ތަޙްޤީޤުގައާއި ޝަރީޢަތުގައި ބުނެ އިންކާރު ކޮށްފައިވާއިރު، އެޕެކެޓާއި އިސްތިއުނާފުކުރާ ފަރާތާއި ގުޅުވާލެވޭނެ އިތުރު ހެއްކެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
39HN6މިމައްސަލައިގައި ބަޔާންކުރާ މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓް އިސްތިއުނާފުކުރާ ފަރާތުގެ ކަނައަތުން ވައްޓާލި މަންޒަރު އެވަގުތު އެތަނުގައި ތިބި ފުލުހުންގެ ދެ މީހުންނަށްވެސް ފެނިފައިވެއެވެ. އަދި އެހެން ބުނާ ސަބަބަކީ އެމަންޒަރު ލޮލުން ފެނިގެންކަމަށް ހެކިބަސް ދެމުން ޝަރީޢަތުގައި އެ ދެފުލުހުންވެސް ބުނެފައިވެއެވެ. މިޙާލަތުގައި އެޕެކެޓާއި އިސްތިއުނާފުކުރާ ފަރާތާއި ގުޅުވާލުމަށް އިތުރުހެކި ހޯދަންޖެހޭ ކަމަކަށް ނުދެކެމެވެ.
40އެތަނަކީ ކިތަންމެ ބައިބޯ ތަނެއްނަމަވެސް ޢާންމުކޮށް މީހުން ހިނގާބިގާވެ އުޅޭ މަގެއް ނަމަވެސް، އެޕެކެޓް ވައްޓާލީ އިސްތިއުނާފުކުރާ ފަރާތުގެ ކަނައަތުންކަމަށް ބުނެ ލޮލަށް ފެނުނު ދެހެކިން ހެކިބަސްދޭ ޙާލަތުގައި، ހެކިންގެ ހެކިބަހުން އެވަނީ އެޕެކެޓާއި ގުޅުވާލާ އެހެން އިހުތިމާލުތަކާއި ދުރުކޮށްފައެވެ. މިޙާލަތުގައި އެއީ، އެހެން މީހެއްގެ އަތުން ވައްޓާލި އެއްޗަކަށް ވެދާނެތޯ އެހެން މީހެއްގެ އެއްޗަކަށް ވެދާނެ އެއްޗެއްތޯ މިއީ ޝައްކު އުފައްދާނެ ކަންކަމެއް ނޫނެވެ. އެޕެކެޓަކީ އިސްތިއުނާފުކުރާ ފަރާތުގެ ކަނައަތުން ވައްޓާލި ޕެކެޓެއްކަމަށް ބުނެ ލޮލަށް ފެނުނު ދެހެކިން ހެކިބަސް ދިނުމުން، ޕްރޮސިކިއުޝަނުގެ ޒިންމާ އެވަނީ އަދާ ކުރެވިފައެވެ. ހެކިބަސް ދިން ހެކިންގެ ހެކިބަހާމެދު ޖަދަލެއް އޮތްނަމަ، ނުވަތަ އެޕެކެޓަކީ އިސްތިއުނާފުކުރާ ފަރާތުގެ އެއްޗެއް ނޫންކަމަށް ދެން ބުނާނަމަ، ހެކި ހުށަހެޅުމުގެ ޒިންމާ ފުރޮޅިގެން ގޮސްފައިއެވަނީ އިސްތިއުނާފުކުރާ ފަރާތެވެ. އެކަން އިސްތިއުނާފުކުރާ ފަރާތުން ކޮށްފައެއް ނެތެވެ. ވީމާ، މިނުކުތާއާއި ގުޅިގެން ދަށު ކޯޓުން ހަދާފައިވާ ޤާނޫނީ ނޫނީ ޝަރުޢީ ގޯހެއް ނެތެވެ. އިސްތިއުނާފީ ހަތަރުވަނަ ނުކުތާ:
41މިނުކުތާގައި ފާހަގަކުރާ ކަމަކީ، މަސްތުވާތަކެތި ހުރި ޕެކެޓްގައިވާ ތަކެތި ތަޙްލީލު ކުރިއިރު، އޭގައި ހިމެނޭ އިމްޕިއުރިޓީ ނުބަލާ އޮތް އޮތުމުގެ މައްޗަށެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ އަހުރެން ބެލިބެލުމުން، ތަޙްލީލު ކުރަން ލެބޯޓްރީއަށް ގެންދެވުނީ އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފެނުނު މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދޭކަމަށް އެވަނީ ކަނޑައެޅިފައެވެ. ސަބަބަކީ، އެޕެކެޓްގެ ޗެއިން އޮފް ކަސްޓަޑީގައި ބަޔާންކޮށް ނުދެވޭ 62 ގަޑިއިރަށްވުރެ ދިގު މުއްދަތެއް ހޭދަވެގެން ގޮސްފައިވާތީ އެވެ. މިޙާލަތުގައި ޓެސްޓު ކުރެވުނު ޕެކެޓްގައި ހުރި މަސްތުވާތަކެތީގެ މިންވަރު ބެލުމާއި ގުޅޭގޮތުން އުފައްދާ ސުވާލަކީ މިމައްސަލައަށް މުހިންމު ސުވާލެއް ނޫނެވެ.
42HN7އެހެންމަވެސް، ލެބޯޓްރީއަށް ގެންގޮސްގެން ތަޙުލީލު ކުރި ޕެކެޓުން ވަކި މިންވަރެއް ނަގައިގެން ތަޙުލީލު ކުރި ކުރުމާއި ގުޅޭ ގޮތުން އުފައްދާ ސުވާލު ގުޅިފައިވަނީ އެޕެކެޓުގައި ހުރި އަސްލު މަސްތުވާ ތަކެއްޗާއި އެއާއެކުވެފައިވާ މަސްތުވާތަކެތި ނޫން ކޮންމެވެސް އެހެން މާއްދާއެއް ވަކި ކޮށްގެން ޚާލިޞް މަސްތުވާތަކެތީގެ ބަރުދަން ދެނެގަތުމާއި ގުޅޭ ގޮތުން ކަމަށްވާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު17ގައި އެކަން އޮތް ގޮތް ބަލަން ޖެހޭ ކަމަށް ދެކެމެވެ. އެޤާނޫނުގެ 141 ވަނަ މާއްދާގެ (ށ) އަކީ މިސުވާލާއި ގުޅޭ ގޮތުން ސީދާ ޖަވާބު ފެންނާން އޮތް އަކުރެވެ. އެއަކުރުގައި ބަޔާން ކުރަނީ؛ "މީހެއްގެ އަތުގައި ހުރި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ހުރީ، އެހެން އެއްވެސް އެއްޗަކާ އެއްކޮށްފައި ކަމުގައިވާނަމަ، އެ މަސްތުވާއެއްޗެއްގެ ބަރުދަނަކީ، އެ ހުރިހާ އެއްޗެއްގެ ޖުމްލަ ބަރުދަނެވެ." މިފަދައިންނެވެ. ވީމާ، ބަރުދަން ބެލުމުގެ ބޭނުމުގައި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެހެން އެއްވެސް އެއްޗަކާ އެއްކޮށްފައި ހުރިތޯ ޤާނޫނީ ގޮތުން ބަލަންޖެހޭ ކަމަކަށް ނުދެކެމެވެ. ސަބަބަކީ، އެޙާލަތުގައި ބަރުދަން ބަލާނީ މަސްތުވާތަކެއްޗާއި އެއްކޮށްފައި ހުރި ތަކެއްޗާއެކު، މިސާލަކަށް މުށިކުޑި ކަމަށްވަންޒާ އެއްވެސް އެކުގައެވެ. އިސްތިއުނާފީ ފަސްވަނަ ނުކުތާ:
43މިނުކުތާގައި ބަޔާންކުރަނީ މަސްތުވާތަކެތި ހުރި ޕެކެޓްގައިވާ ތަކެތި ތަޙުލީލު ކޮށްފައިވަނީ މެޝިނުން ކަމަށްވާއިރު، މެޝިނުން ޖެނަރޭޓް ކުރި ރިޕޯޓް ހުށަހަޅާފައި ނެތުމުން، ތަޙްލީލު ކުރި ފަރާތުން ތައްޔާރުކުރި ރިޕޯޓަކީ ހެއްކާބެހޭ ޤާނޫނު18ގެ 5 ވަނަ މާއްދާގައިވާ ގޮތުން ހެއްކެއް ކަމުގައި ބެލޭނެ ރިޕޯޓެއް ނޫން ކަމަށެވެ.
44HN8ކުރިން ބަޔާންކުރިހެން، އިސްތިއުނާފީ ދެވަނަ ނުކުތާ އަހުރެން ބެލިބެލުމުން، ތަޙްލީލު ކުރަން ލެބޯޓްރީއަށް ގެންދެވުނީ އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފެނުނު މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދޭކަމަށް އެވަނީ ކަނޑައެޅިފައެވެ. ވީމާ އިސްތިއުނާފީ ފަސްވަނަ ނުކުތާއަށް ޖަވާބު ދިނުމަކީ މިމައްސަލައިގައި މުހިންމުކަމެއް ނޫނެވެ. ހަމައެހެންމެ، މިނުކުތާއަށް ބަލާއިރު، މިނުކުތާގައި ބަޔާންކުރާ ތަޙުލީލު ރިޕޯޓާއި ގުޅުވައިގެން ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މިކޯޓުގައި އުފައްދާ ސުވާލަކީ ދަށު ކޯޓުގައި ބަހުޘްކުރި މައުޝޫއެއް ނޫނެވެ. ވީމާ، މިނުކުތާއަށް މިޤަޝިއްޔާގައި ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތެވެ.
ނިންމަން ފެންނަގޮތް
45އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު: 196/Cr-C/2021 ޤަޝިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް އަހުރެންނަށް ބުރަވެއެވެ. އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު؛
46ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު؛
47ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ޙުކުމް
ދެންފަހެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު: 196/Cr-C/2021 ޤަޟިއްޔާގައި އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، ތަޙުލީލު ކުރެވުނު މަސްތުވާތަކެއްޗަކީ އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފެނުނު މަސްތުވާތަކެތި ކަމާމެދު އޭގެ ޗެއިން އޮފް ކަސްޓަޑީ ސާބިތުކޮށް ނުދެވުމުގެ ސަބަބުން، އެކަށީގެންވާ ޝައްކެއްއޮއްވާކަމަށްވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 196/Cr-C/2021 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ. މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ ފަނޑިޔާރު ޙުސައިން މަޒީދު ފަނޑިޔާރު މުޙަލްމަދު ނިޔާޒް (ރިޔާސަތު) އިސްފަނޑިޔާރު ޙުސައިން ޝަހީދު
ފުޓްނޯޓު
- ދައުވާ ހުށަހަޅާ ފޯމް ނަންބަރު 145/DF/2021/110
- ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ހ) އަދި 52 ވަނަ މާއްދާ.
- ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ހ) އާއި (ރ).
- ސުޕްރީމް ކޯޓުގެ ނަންބަރު: 2014/SC-A/18 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް) 61 ވަނަ ނަންބަރު.
- "ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ދެ ހާލަތުންކުރެ ޙާލަތެއްގައިވާ މީހާ ހުރި ހާލަތަށް ނިސްބަތް ކޮށެވެ. (1) މި ގަވާއިދުގެ 6 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން، ހައްޔަރުކުރުމަށް ނުވާގޮތަށް ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ގެނައުމަށްފަހު ނުވަތަ ހާޒިރުކުރުމަށްފަހު ހިނގާ 4 (ހަތަރެއް) ގަޑިއިރުގެ ވަގުތު. (2) މި ގަވާއިދުގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން ހައްޔަރުކުރުމަށްފަހު ނުވަތަ މިގަވާއިދުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ބަންދުގައި ހުންނަ ވަގުތު އޭނާ ހުރި ހާލަތު. (ގަވާއިދު ނަންބަރު:2019/R-1052 (2 ސެޕްޓެމްބަރު 2019) "ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު" ގެ 5 ވަނަ މާއްދާގެ (ހ))
- ގަވާއިދު ނަންބަރު:2019/R-1052 (2 ސެޕްޓެމްބަރު 2019) "ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު" ގެ 102 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރު.
- "ހުއްޓުވުން" ކަމަށް ބުނެފައި އެވަނީ، ހައްޔަރަށްވެސް ބަންދަށްވެސް އަދި ބެލުމުގެ ދަށަށް ގެނައުމަށްވެސް ނުވާގޮތަށް ސުވާލުކުރުމަށްޓަކައި ނުވަތަ ބަލައި ފާސްކުރުމަށްޓަކައި މީހަކު ހުއްޓުވާ ހުއްޓުވުމަށެވެ. އެ ޙާލަތުގައި އޭނާގެ މިނިވަންކަން ނިމުމަކަށް އައީ ކަމަށް ބަލައި، ޤާނޫނީ އިންޒާރުދީ، ވަކީލެއްގެ އެހީތެރިކަން ދީ ހަދާކަށް ލާޒިމެއްނޫނެވެ. (ޤާނޫނު ނަންބަރު:2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 213 ވަނަ މާއްދާގެ (ޑީ)). ނަމަވެސް ގަވާއިދު ނަންބަރު:2019/R-1052 (2 ސެޕްޓެމްބަރު 2019) "ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު" ގައި "ހުއްޓުވުން" މާނަކޮށްފައި އޮތް ގޮތް ތަފާތެވެ. ޤަވާއިދުގައިވާ މާނައިގައި މީހަކު ހުއްޓުވުވައިފިނަމަ ޤާނޫނީ އިންޒާރުދީ، ވަކީލެއްގެ އެހީތެރިކަން ދީ ހެދުން ލާޒިމު ނުވާނެހެއްޔެވެ؟
- ގަވާއިދު ނަންބަރު: 2019/R-1052 (2 ސެޕްޓެމްބަރު 2019) "ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު" ގެ 86 ވަނަ މާއްދާގެ (ހ)، 102 ވަނަ މާއްދާގެ (ހ) ގެ (2).
- ޤާނޫނު ނަންބަރު: 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ)، (ށ)، (ށ) އަދި 70 ވަނަ މާއްދާގެ (ލ).
- ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ރ).
- ގަވާއިދު ނަންބަރު: 2019/R-1052 (2 ސެޕްޓެމްބަރު 2019) "ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު" ގެ 102 ވަނަ މާއްދާގެ (ހ) ގައި ބޭނުންކޮށްފައިވާ ބަސްމަގު.
- ގަވާއިދު ނަންބަރު:2019/R-1052 (2 ސެޕްޖެމްބަރު 2019) ގެ 165 ވަނަ މާއްދާ "މި ގަވާއިދަށް ޢަމަލުކުރަން ފެށުމަށްފަހު، ޖިނާއީ އިޖުރާއަތުގެ އެއްވެސް އުސޫލެއް ބަޔާންކޮށްފައިވާ ފުލުހުންގެ ގަވާއިދަކާ، ނުވަތަ އޯޑަރަކާ ނުވަތަ އުސޫލަކާ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލަކާ ތަޢާރުޝުވާނަމަ ޢަމަލުކުރުމުގައި އިސްކަން ދެވޭނީ މި ގަވާއިދަށެވެ."
- 22 ނޮވެމްބަރު 2020 ގައި ޢަލީ ހިޝާމް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާން.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ހ) އަދި 52 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ (ހ) އަދި (ނ)، 140 ވަނަ މާއްދާގެ (ށ)، 141 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ރ)، 38 ވަނަ މާއްދާގެ (ހ) އާއި (ރ)، 213 ވަނަ މާއްދާގެ (ޑ)
- ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 51 ވަނަ މާއްދާ އަދި 70 ވަނަ މާއްދާގެ (ލ)
- ގަވާއިދު ނަންބަރު 2019/R-1052 (ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) ގެ 5 (ހ)، 86 (ހ)، 102 (ހ)(2) އަދި (ށ)(7)، 140 (ހ) އަދި (ށ)، 165 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2015/R-230 (މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 3 (ށ)، 8، 23، 28 (ޅ) ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން 2022-SCPD/06 (ޗެއިން އޮފް ކަސްޓަޑީ)
- ސުޕްރީމް ކޯޓުގެ 2014/SC-A/18 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.