އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2018/SC-A/40
އިސްތިއުނާފު ކުރާ ފަރާތް:
އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ
އިސްތިއުނާފު ރައްދުވާ ފަރާތް:
ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް:
ގދ.ލޮނުދުއަހައްޓާގައި ލަގްޒަރީ ރިސޯޓެއް ހެދުމަށް ނަގާފައިވާ ލޯނުގެ ފައިސާ ހޯދުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
06 ފެބްރުއަރީ 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:
20 ސެޕްޓެމްބަރ 2018ނިމުނު ތާރީޚު:
23 ނޮވެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2014/HC-A/200
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
21 ޖުލައި 2014ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
29 ނޮވެމްބަރ 2016ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2014/HC-A/200 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ (ރަޖިސްޓްރީ ނަންބަރު 357198-K) (މީގެފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އެގްޒިމް ބޭންކު") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވަނީ ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-326/2004) (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް") އަށެވެ. މި ޤަޟިއްޔާގައި ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައިގެ މަޢުޟޫއާމެދު ގޮތެއް ނުނިންމައި، މި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް ޙުކުމް ކޮށްފައިވަނީ ޤާނޫނާ އެއްގޮތަކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
ކަންހިނގާފައިވާ ގޮތް
ގދ. ލޮނުދުއަހައްޓާގައި ލަގްޒަރީ ރިސޯޓެއް ހެދުމަށްޓަކައި 16 ފެބްރުވަރީ 2006 ގައި ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް އާއި އެގްޒިމް ބޭންކާއި ދެމެދުގައި ފެސިލިޓީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ މި ފެސިލިޓީ އެއްބަސްވުމުގެ ދަށުން ދޫކުރުމަށް އެއްބަސްވި US$19,000,000.00 (ނަވާރަ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ލޯނާއި ގުޅިގެން، ގދ.ލޮނުދުއަހައްޓާ ކިޔުނު ރަށުގެ މައްޗަށް ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސްއަށް ލިބިގެންވާ ޙައްޤުތަކާއި އެ ރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ރަހުނުކޮށްފައިވެއެވެ.
ލޯނަށް ދައްކަންވާ ފައިސާ ގަވާއިދުން ދައްކަމުން ނުދާތީ، 30 ނޮވެންބަރު 2011 ހަމައަށް ނުދައްކާވާ US$22,027,704.02 (ބާވީސް މިލިއަން ހަތާވީސްހާސް ހަތްސަތޭކަ ހަތަރެއް ޕޮއިންޓް ސުމެއް ދޭއް ޔޫ.އެސް ޑޮލަރު) އާއި، ޑެޓް ސަރވިސަސް ރިޒާވް އެކައުންޓް ގައިވާ US$971,087.00 (ނުވަލައްކަ ހަތްދިހަ އެއްހާސް އަށްޑިހަ ހަތެއް ޔޫ.އެސް ޑޮލަރު) އާއި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވުމުން މި ފައިސާ ހޯދުމަށް ކުރަންޖެހުނު ޤާނޫނީ މަސައްކަތަށް ޚަރަދުވެފައިވާ US$65,000.00 (ފަސްދޮޅަސް ފަސްހާސް ޔޫ.އެސް ޑޮލަރު) ލިބިދިނުމަށާއި، އެ ފައިސާ ނުދެއްކޭނަމަ ރަހުނު ވިއްކައިގެން އެ ފައިސާ ހޯދުމަށް ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް އާއި ގެރެންޓަރުންގެ މައްޗަށް އެގްޒިމް ބޭންކުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރިއެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 42/Cv-C/2012 ޤަޟިއްޔާއިންނެވެ.
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 42/Cv-C/2012 ޤަޟިއްޔާގައި އެ ކޯޓުން ނިންމަވާފައިވަނީ އެގްޒިމް ބޭންކުގެ ފަރާތުން ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާއަކީ ލޯނު އެއްބަސްވުމުގައިވާ ގޮތަށް ދައުވާލިބޭ ފަރާތްތަކުގެ ކިބައިން އެގްޒިމް ބޭންކަށް ލިބެންވާ ފައިސާއެއްކަމާއި، 28 މެއި 2014 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކަށް ޖެހޭ މިންވަރު ދައްކަމުންގޮސް، ލޯނުގެ ފައިސާ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ނިންމުމަށެވެ. އަދި މި ލޯނާއި ގުޅިގެން ޑެޓް ސަރވިސަސް ރިޒާވް އެކައުންޓުގައިވާ US$971,087.00 (ނުވަލައްކަ ހަތްދިހަ އެއްހާސް އަށްޑިހަ ހަތެއް ޔޫ.އެސް ޑޮލަރު) އަކީ ލޯނުގެ ފައިސާ ނުދައްކައިފިނަމަ، ލޯނާއި ގުޅިގެން ރަހުނުކޮށްފައިވާ ގދ. ލޮނުދުއަހައްޓާ އެވެ ކިޔުނު ރަށުގައިވާ އިންވެސްޓްމަންޓް ވިއްކާލުމުގެ ހައްޤު އެގްޒިމް ބޭންކަށް ލިބިގެންވާކަމަށެވެ.
އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ ލޯނު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން 30 ނޮވެންބަރު 2011 ގެ ނިޔަލަށް ސާރވިސް ޗާޖާއި ޖޫރިމަނާއާއެކު ޖުމްލަ US$22,027,704.02 (ބާވީސް މިލިއަން ހަތާވީސްހާސް ހަތްސަތޭކަ ހަތަރެއް ޕޮއިންޓް ސުމެއް ދޭއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހޭކަން އެގްޒިމް ބޭންކްގެ ކްރެޑިޓް އެންޑް ޑެޓްސްއިން އެނގެން އޮންނާތީކަން، ސިވިލް ކޯޓުގެ ނަންބަރު 42/Cv-C/2012 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 42/Cv-C/2012 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/200 ޤަޟިއްޔާއިން ބަލާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/200 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 42/Cv-C/2012 ޤަޟިއްޔާގެ ނިންމުން ބާޠިލުކަމަށާއި، އެ ޤަޟިއްޔާ އަލުން ބަލައި ފައިޞަލާކުރުވަނިވި ޙުކުމެއް ކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) 46 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށެވެ.
އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/200 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދެ ފަރާތުގެ މެދުގައި 16 ފެބްރުވަރީ 2006 ގައި ވެފައިވާ ފެސިލިޓީ އެގްރީމަންޓުގެ ދަށުން ދޫކޮށްފައިވާ ލޯނު ފައިސާއާއި މޯގޭޖް އެގްރީމަންޓުގެ ދަށުން އެގްޒިމް ބޭންކަށް ލިބިދޭ ޙައްޤުތައް ހޯދުމަށްޓަކައި ދަޢުވާކުރުން 31 މާރިޗު 2012 ގެ ނިޔަލަށް ފަސްކޮށް، އެ މުއްދަތުގެ ކުރިން ލޯނުގެ ޢަދަދަށް ފައިސާ ހޯދުމަށްޓަކައި މަސައްކަތް ކުރުމަށް ފެސިލިޓީ އެގްރީމަންޓުގެ ދަށުން އެގްޒިމް ބޭންކަށް ލިބިގެންވާ ޙައްޤު ސެޓްލްމަންޓް އެގްރީމަންޓުގެ ދަށުން ދޫކޮށްލުމަށް އެއްބަސްވެފައިވާއިރު، އެ މުއްދަތު ހަމަވުމުގެ ކުރިން އެގްޒިމް ބޭންކުގެ ފަރާތުން 10 ޖަނަވަރީ 2012 ގައި، ސިވިލް ކޯޓުގައި ދަޢުވާކުރުމަކީ ބުނެވިދިޔަ އެގްރީމަންޓާ ޚިލާފުކަމެއްކަން ނުވަތަ ނޫންކަން ބަލަންޖެހޭކަން؛
ސެޓްލްމަންޓް އެގްރީމަންޓުގެ ސައްހަކަން ޝަރުއީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޝަރީއަތުން ބަލައި ކަނޑައެޅޭ ގޮތަކުން، މި މުއާމަލާތާ ގުޅިގެން މި ދެފަރާތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތަށް ބަދަލު އައުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭކަން؛
ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް އިން ދަޢުވާއަށް ޖަވާބު ހުށަހަޅަމުން، އެގްޒިމް ބޭންކުގެ މައްޗަށް ކައުންޓަރ ކްލެއިމް (ރައްދު ދަޢުވާ) އެއް ކޮށްފައިވާކަމާއި، އެ ރައްދު ދަޢުވާއަކީ މި މައްސަލައިގައި އެގްޒިމް ބޭންކުގެ ފަރާތުން ހުށަހަޅާފައިވާ ލޯނުގެ މުޢާމަލާތުގެ ތެރޭގައި ހިނގާފައިވާ ކަންކަމާ ގުޅުން ހުރި ކަންތައްތަކެއްކަން އެނގޭއިރު، އެ ކަންތައްތަކުގެ މައްޗަށް އެ ލޯނާ ގުޅިގެން ކުރެވޭ ދަޢުވާގެ ތެރޭގައި ގޮތެއް ކަނޑަނާޅައި، ވަކި ދަޢުވާއެއްގެ ގޮތުގައި ޝަރީއަތުން ބެލުމަކީ މުޅި މައްސަލައިގައި އެންމެ އިންސާފުވެރި ގޮތްކަމުގައި ނުވުން؛
ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސްއިން ކޮށްފައިވާ ރައްދު ދަޢުވާގައި ހިމެނޭ މުޢާމަލާތާ ގުޅުން ހުރި ކަންކަމަކީ އެގްޒިމް ބޭންކުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަށް ގޮތެއް ނިންމުމުގެ ތެރޭގައި ބެލެވި ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ކަންކަން ކަމުގައިވުން؛ އަދި
ޝަރީއަތުން މައްސަލައެއް ނިންމުމަށް ވާސިލުވި ގޮތަކާއި ސަބަބުތައް މައްސަލަ ނިންމި ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންޖެހޭ ހިނދު، މި މައްސަލައިގައި ދަޢުވާގައި އެދިފައިވާ ގޮތުގެމަތިން އެގްޒިމް ބޭންކަށް ފައިސާ ދައްކަންޖެހޭކަމަށް ޝަރީޢަތުން ނިންމާފައިވާއިރު، އެ ޢަދަދު ހިސާބު ކުރެވިފައިވަނީ ކޮންގޮތަކަށް އަދި ކޮން ސަބަބުތަކަކަށް ރިޢާޔަތްކޮށްގެންކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތްކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/200 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުން އެދި އެގްޒިމް ބޭންކުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 4 (ހަތަރެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު 42/Cv-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ކޯޓުން މައްސަލަ ނިންމާފައިވަނީ އެ ދަޢުވާގައި އެދިފައިވާ ކަންކަން މައުޟޫއީގޮތުން ބަލައި، ފައިސަލާކުރަނިވި ނިންމުމަކުން އެ މައްސަލަ ނިންމައިގެންކަން އެ ރިޕޯޓުން އެނގެން އޮތުމުން، މި މައްސަލަ ސިވިލް ކޯޓުން އަލުން ބެލުމަށް ތަޙްވީލުކުރުމުގެ އެއްވެސް އަސާސެއް ނެތް ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/22 ޤަޟިއްޔާ (ޢަބްދުލްޣަފޫރު ޙާމިދު، ޙާމިދާ ޙާމިދު އަދި އަބޫބަކުރު ޙާމިދު ވ. މޫސާ ފަތުޙީ) ގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ގެ (ށ) ގައި ބުނާ އިންސާފުވެރި ޝަރީޢަތެއް ކުރުމުގެ ޙައްޤަކީ ހަމަ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަމަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާއިރު، އިސްތިއުނާފު ކުރެވުނު މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފައިޞަލާ ކުރަނިވި ޙުކުމެއް ކަނޑަނޭޅެންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށްފަހު ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔަ ފަހުން މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް އެންގުމުގެ ސަބަބުން އެގްޒިމް ބޭންކަން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ދެވަނަ ސަބަބަކީ، އިސްތިއުނާފީ މަރުހަލާގައި ބެލެނީ ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށްކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކުރި ނުކުތާތަކުގެ 6 (ހައެއް) ގައި ފާހަގަކޮށްފައިވާ ކަންކަމާއި، އެ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރެވިގެން ކޮށްފައިވާ ޙުކުމަކީ ބުނެވިދިޔަ ޤާނޫނީ މާއްދާއާއި ޤާނޫނީގޮތުން ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ތިންވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ އިން ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިދިނުމުގެ މަޤްޞަދަކީ އިސްތިއުނާފީ ކޯޓުން ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ ދަޢުވާގެ އެންމެހައި އުންޞުރުތަކާއި، ވާޤިޢާތަކާއި، ހެކިވަޒަންކޮށްފައިވާ ގޮތާއި، ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތާއި، މި އެންމެހައި ކަންކަން ހިމެނޭގޮތުން ބަލައި ކަށަވަރުކުރުން ކަމާއި، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ އިން އެކަން ސާފުކޮށް އެނގޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ބުނެވިދިޔަ މާއްދާތަކުގެ މަޤްޞަދާ ޚިލާފަށް ޙުކުމް ކޮށްފައިވާ ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/01 (27 ޖަނަވަރީ 2015) ރޫލިންގ ގެ މަޤްޞަދާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/200 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެގްޒިމް ބޭންކުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސްއިން މައިގަނޑު 4 (ހަތަރެއް) ނުކުތާއެވެ.
ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފީ ކޯޓުން މައްސަލަ ބެލުމުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ށ) އަށް ބެލުމުން މައްސަލައިގެ ޙާލަތަށް ބަލައި އެ މައްސަލައިގެ ޙަޤީޤަތްތައް އިތުރަށް ބެލުމަށް ދަށު ކޯޓަށް ތަޙްވީލު ކުރެވިދާނެކަން އެނގެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ތަޙްވީލުކުރުމަށް ނިންމާފައިވާ ނިންމުމަކީ ތައުނުކުރެވޭނެ ނިންމުމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، މައްސަލަ ތަޙްވީލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް، މައްސަލަ ސިވިލް ކޯޓަށް ތަޙްވީލު ކުރަންޖެހޭ ސަބަބުތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/22 ޤަޟިއްޔާ (ޢަބްދުލްޣަފޫރު ޙާމިދު، ޙާމިދާ ޙާމިދު އަދި އަބޫބަކުރު ޙާމިދު ވ. މޫސާ ފަތުޙީ) އަކީ މި މައްސަލައިގެ ޙާލަތާއި ތަފާތު އަދި މައްސަލަ ދަށު ކޯޓަށް ތަޙްވީލުކުރެވުނު ސަބަބުތައް ވެސް ތަފާތު ދެ މައްސަލަ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، މައްސަލައިގެ ޙުކުމުގައި ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދަށް ވާސިލުވީ ގޮތެއް ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައި ނުވާކަމަށާއި، އިޖުމާލީ ގޮތެއްގައި މުޅި ޙުކުމަށް ވާސިލުވީ ގޮތެއްވެސް އެ ޙުކުމުން އެނގެންނަތަތީ، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރުގެ ދަށުން ޙުކުމް ކުރުމުގެ ކުރިއަށް އައި ބާޠިލު އިޖުރާއަތެއް އަދި ޙުކުމުގައި ހުރި އައިބެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތަޙްވީލުކުރުމާ ގުޅޭ ޤާނޫނީ އުޞޫލުތައް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ހަވަނަ ބާބު (ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު) ގައި ޖުމްލަކޮށް ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގެ ތެރޭގައި ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު އެކުލެވިގެންވާގޮތް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، އެ ބާބުގައި ހިމެނޭ، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި، 143 ވަނަ މާއްދާ އާއި، 155 ވަނަ މާއްދާ އާއި، 156 ވަނަ މާއްދާ ގައި ކޯޓުތައް ޤާއިމުކުރާނެ ގޮތާއި އެ ކޯޓުތައް ބައްޓަންވާންވާނެ ގޮތް އެކަށައަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި، އެ ކޯޓުތަކުގެ އިޚްތިޞާޞްއާއި މަސައްކަތް ހިންގުމުގެ ޢާންމު އުޞޫލުތައް ތަފްސީލު ކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގައެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަށް ބަލާއިރު، ޤާނޫނަކުން އިސްތިސްނާ ނުކުރާނަމަ، ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކުން ނިންމާ އެންމެހާ ނިންމުންތައް އިސްތިއުނާފު ކުރެވޭ ކޯޓެވެ. މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަތައް ބެލުމުގައި، ދަށު ކޯޓުގައި އެ މައްސަލައެއްގެ ތެރެއިން ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އިސްތިއުނާފު މައްސަލައިގެ އަސާސްކަމުގައި ބަލަންޖެހެއެވެ. އަދި މައްސަލަ ބަލާ ހައިކޯޓުގެ ފަނޑިޔާރުންނަށް، ދަށު ކޯޓުގައި މައްސަލަ ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަމަށް ފަހާގަކުރެވި، އެ މައްސަލަ އަލުން ބެލުމުގެ މަސްލަޙަތު ބޮޑުކަމުގައި ފެންނަނަމަ، އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލައެއް ބެލުމަށްޓަކައި އަލުން ދަށު ކޯޓަށް ފޮނުވުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައެއްގައި ކަންހިނގާފައިވާ ގޮތް ސާބިތުކުރަންޖެހެނީ ނުވަތަ މައްސަލައިގެ ޙަޤީޤަތްތަކަކީ (issues of fact) ކޮބައިކަން ކަނޑައަޅަންޖެހެނީ ހައިކޯޓުން މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވައި، ދަށު ކޯޓުން ބަލަންޖެހޭކަމަށް ހައިކޯޓުން ފާހަގަކޮށްފައިވާ ޤާނޫނީ އުޞޫލުތަކަށް (ދެވަނަ ފަހަރު މައްސަލަ ބެލުމުގައި) ދަށު ކޯޓުން ޢަމަލުކޮށްފައި ނުވާ ޙާލަތުގައި ނުވަތަ ދަށު ކޯޓުން ދެވަނަ ފަހަރު ނިންމާ ނިންމުމުގައި އިސްތިއުނާފު ކުރުމަށް ޤާނޫނު ހުއްދަކުރާ ސަބަބެއް އޮވެގެން، އެ މައްސަލައެއް ދެވަނަ ފަހަރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާ ޙާލަތުގައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް ސާފުނުވުމުގެ ސަބަބުން، މައްސަލައިގެ ޙަޤީޤަތްތައް ސާބިތުކުރަން ޖެހިއްޖެ ނަމައެވެ.
ހަމަ މިއާއެކު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ (ރ) ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި އެހެން އައު ނުކުތާތަކެއް އިސްތިއުނާފީ މަރުހަލާގައި ނުބެލޭނެކަމަށް ބަޔާންކޮށްފައިވުމަކީ، މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިތުރު ކަންކަން ފުރިހަމަކުރުމަށް، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދަށު ކޯޓަށް މައްސަލަ ތަޙްވީލުކުރުމަށް ހުރަސްއަޅާ ސަބަބެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ ފުރިހަމަ ނޫންކަމަށް ބުރަވެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމުމަކީ އެކަށީގެންވާ ގޮތެއް އަދި ޢަދުލުވެރި ގޮތެއް ކަމުގައި ނުވާތީއެވެ.
އެހެންކަމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/200 ޤަޟިއްޔާގައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ބަދަލުގައި، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙްވީލުކުރުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން އެއްވެސް ޤާނޫނީ އަސާސެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމުގައި ބެލެވެން އޮތްކަމުގައި ނުދެކެމެވެ.
އަސާސީ ޙައްޤު މާނަކުރުމުގައި ރިޢާޔަތްކުރަންޖެހޭ ދުސްތޫރީ މާއްދާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/200 ޤަޟިއްޔާގައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ބަދަލުގައި، އެ މައްސަލަ އަލުން ދަށު ކޯޓަށް ތަޙްވީލުކުރުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ ގެ އަލީގައި އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަމެއް ގެނުވާ ނިންމުމެއް ކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރާތީ، އިސްތިއުނާފު ކޯޓަކުން ބަލަމުންދާ މައްސަލައެއް އެ ކޯޓަކުން ތަޙްވީލުކުރުމަކީ އެފަދަ ނަތީޖާއެއް ނިކުންނަ ކަމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ ގައި އޮންނަނީ:
"ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ."
ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ ގައި އޮންނަނީ:
"މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނެފަދަ ގޮތަކަށް މި ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެނެއް ނުވާނެއެވެ."
އިސްވެ ބަޔާންކުރެވުނު މާއްދާތަކުގެ އިތުރުން، ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ލިބިދިނުމުގައި ނުވަތަ މާނަކުރުމުގައި ޤާނޫނުއަސާސީގައި ހިމެނިގެންވާ އަންނަނިވި މާއްދާތަކަށް ރިޢާޔަތްކުރަންޖެހޭ ކަމުގައި ޤަބޫލުކުރެވޭތީ، އެ މައްދާތައް ތިރީގައި ނަކަލުކުރަމެވެ.
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ ގެ (ހ) ގައި އޮންނަނީ:
"މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ.
އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސްމިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ."
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ ގެ (ށ) ގައި އޮންނަނީ:
"އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ."
ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ ގައި އޮންނަނީ:
"ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެއެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރާންވާނެއެވެ."
މިފަދައިންނެވެ.
ޤާނޫނުއަސާސީގެ އިސްވެ ބަޔާންކުރެވުނު މާއްދާތަކަށް ބެލުމުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އަސާސީ ޙައްޤެއް ހިފެހެއްޓިދާނެކަން ސާފުކޮށް އެނގެން އޮވެއެވެ. އަދި އެފަދަ ޙައްޤެއް ހިފެހެއްޓިފައިވަނީ ޢާންމު އުޞޫލުން ބޭރުންކަން މިނުމުގެ ގޮތުން، އަސާސީ ޙައްޤު މާނަކުރުމުގައި ދުނިޔޭގެ ހުޅުވިފައިވާ މުޖްތަމަޢު ތަކުގައި ޢަމަލުކުރާ ގޮތްތަކަށް ރިޢާޔަތްކުރުމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ އިރުޝާދުދެއެވެ.
ދިވެހިރާއްޖޭގައި ތަޙްވީލުކުރުމުގެ އުޞޫލު ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން 2010 ވަނަ އަހަރު ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އިންނެވެ. އެހެންކަމުން، މައްސަލަ ތަޙްވީލުކުރުމަކީ ދުސްތޫރުގައި އެކަން ކުރުމަށް އޮންނަ ގޮތުގެމަތިން ފަހިކޮށްދީފައިވާ ކަމެކެވެ.
ދިމީޤްރާތީ މުޖްތަމަޢުތަކުގައި މިކަމުގައި ޢަމަލުކުރާ ގޮތަށް ބަލާއިރު، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިޔާ ފަދަ ޤައުމުތަކުގައިވެސް އިސްތިއުނާފީ މައްސަލަތައް ކަނޑައެޅިފައިވާ ވަކި ޙާލަތްތަކެއްގައި، އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވުމުގެ އުޞޫލެއް ގެންގުޅެއެވެ. އެހެންކަމުން، ތަހުވީލުކުރުމަކީ ދިވެހިރާއްޖެއަށް ޚާއްސަ އިޖުރާއަތެއް ނޫންކަމާއި، ދުނިޔޭގެ ހުޅުވިފައިވާ މިނިވަން ދީމިޤްރާތީ ޤައުމުތަކުގައިވެސް ޢަމަލުކުރަމުން އަންނަ އުޞޫލެއް ކަން އެނގެއެވެ.
ދެން އުފެދޭ ސުވާލަކީ، ތަޙްވީލުކުރުމަށް ކޯޓަކުން އެންގުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ އިން ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤާއި ފުށުއަރާ ނުވަތަ އެ ޙައްޤާއި ތަޢާރުޟުވާ ކަމެއްކަން ނުވަތަ ނޫންކަމެވެ.
އިސްތިއުނާފުކުރާ ފަރާތުން ބުނާ ގޮތުގައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ އިން ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިދިނުމުގެ މަޤްޞަދަކީ އިސްތިއުނާފީ ކޯޓުން ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ ދަޢުވާގެ އެންމެހައި އުންޞުރުތަކާއި، ވާޤިޢާތަކާއި، ހެކިވަޒަންކޮށްފައިވާ ގޮތާއި، ޤާނޫނު ތަޠްބީޤުކޮށްފައިވާ ގޮތާއި، މި އެންމެހައި ކަންކަން ހިމެނޭގޮތުން ބަލައި ކަށަވަރުކުރުން ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި މައްސަލަ ދަށު ކޯޓަށް ތަޙްވީލުކުރުމުގެ ސަބަބުން ހައިކޯޓުގެ ޙުކުމަކީ ބުނެވިދިޔަ މާއްދާތަކުގެ މަޤްޞަދާ ޚިލާފަށް ކޮށްފައިވާ ޙުކުމެކެވެ.
މި ރައުޔުގެ 11 އަދި 12 ވަނަ ޕެރެގްރާޕްގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ނިޒާމު މަސައްކަތްކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގައެވެ. އަދި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ އިން ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤުގެ ބޭނުން ހިފޭނެ ދާއިރާއަކީ ކޮބައިކަންވެސް ކަނޑައަޅާފައިވަނީ އެ ޤާނޫނުގައެވެ.
މިގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފީ މައްސަލައިގެ ގޮތުގައި ހުށަހެޅޭނީ ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް އަދި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ ނިންމުންތައް ކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައިވެއެވެ. އަދި ދަށު ކޯޓުގެ ނިންމުންތައް އިސްތިއުނާފުގެ ގޮތުގައި ބަލައިގަތުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވަނީ، ދަށު ކޯޓަކުން ނިންމާ މައްސަލައެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ނިންމުމެއް އެއީ ޤާނޫނުއަސާސީއާއި، ނުވަތަ ޤާނޫނަކާއި، ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، މަސްލަޙަތު އޮތް ފަރާތުން ހުށަހަޅައިފިނަމަ ކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 38 ވަނަ މާއްދާއިން އެނގެން އޮވެއެވެ.
ޤާނޫނުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މަސައްކަތް ބައްޓަންކުރަންވީ ގޮތުގެ އިރުޝާދު ދިނުމާއެކު، ދަށު ކޯޓުން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރެވޭނެ ޙާލަތް ބަޔާންކޮށް، އެފަދަ އިސްތިއުނާފީ މައްސަލަތައް އިސްތިސްނާނުކޮށް، ވަކި ޙާލަތްތަކެއްގައި، މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރުމުގެ އިޚްތިޔާރު ލިބިދީފައި އޮތުމުން، އެކަމަކީ ޤާނޫނީ ނިޒާމުގެ ތެރެއިން އެކަން އެކަށައަޅާފައިވާ ގޮތްކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން އެކަން ތަރުތީބުކޮށްފައިވާ ގޮތްކަމުގައިވެފައި، އެފަދައިން ޢަމަލުކުރުމަކީ ހުޅުވިފައިވާ މިނިވަން ދިމިޤްރާތީ ޤައުމުތަކުގައި ޢަމަލުކުރާ އުޞޫލުތަކާއި ޚިލާފު ނުވަތަ ތަޢާރުޟުވާ އުޞޫލުތަކެއް ނޫންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައެއް ތަޙްވީލުކުރުމަކީ އެކަމުގެ ސަބަބުން މައްސަލައިގައި ހިމެނޭ ފަރާތްތްތަކުގެ ނުވަތަ އެއިން ފަރާތެއްގެ އިސްތިއުނާފީ ޙައްޤެއް ގެއްލޭ ކަމެއްގެ ގޮތުގައި މާނަކުރުމަކީ ޤާނޫނީގޮތުން ދެކޮޅުޖެހޭ މާނަކުރުމެއް ކަމުގައި ބަލައިގަންނަން ދައްޗެވެ.
މިފަދައިން މާނަކުރުމާއެކު، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ ގައި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު، ފަރުދުންނާއި، އެކި ބާވަތްތަކުގެ ޤާނޫނީ ޝަޚްސުތަކާއި، ދައުލަތް ހިމެނޭ ގޮތުން، އެއްވެސް ފަރާތަކަށް ލިބޭނެފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށްގެން ނުވަތަ ތަރުޖަމާކޮށްގެން ނުވާނެ ކަމުގައި ބުނެފައި އެވަނީ ކީއްވެ ކަމާ މެދު ސުވާލު އުފެދެއެވެ.
ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ ގައި އެފަދައިން ބަޔާންކޮށްފައިވަނީ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، އަދި އެ ޙައްޤުތަކާއި މިނިވަންކަމުގެ މަންފާ އެންމެ ފުޅާމިނުގައި ލިބިދިނުމުގެ ގޮތުން، އަދި އެ ޙައްޤުތަކާއި މިނިވަންކަން ނިގުޅައިގަނެވޭނެ ނުވަތަ ހަނިކުރެވޭނެ ފަދައަކުން ކަންކުރުން މަނާކުރުމުގެ ގޮތުން ކަމުގައި އަހުރެން ދެކެމެވެ. ކަން މިހެން އޮތް ނަމަވެސް، އެ މާއްދާ މާނަކުރަންޖެހެނީ ޤާނޫނުއަސާސީގެ އެހެން މާއްދާތަކާ ވަކިން ކަމުގައި ނުވާތީއާއި، ޤާނޫނު ތަކެކޭ އެއްފަދައިން ޤާނޫނުއަސާސީގެ ވެސް އެއް މާއްދާއާއި އަނެއް މާއްދާއާ ގުޅުން އޮންނަކަމުން، އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައި ޚާއްސަކޮށް ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ މާއްދާތައް އެކުގައި ކިޔަންޖެހެއެވެ. އެގޮތަށް އެކުގައި މާއްދާތައް ކިޔުމުން، އަހުރެންނަށް ބުރަވެވެނީ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ އަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި 68 ވަނަ މާއްދާ އާ އެކުގައި ކިޔަންޖެހޭ، ފަހުން ޙަވާލާ މިދިން ދެ މާއްދާގައި ބަޔާންކުރާ ފަދައިން ކަންކުރުމުން ނިކުންނަ ނަތީޖާއަށް ޙަވާލާދީ، އޭގެން އިތުރު ހިފެހެއްޓުމެއް ނުވަތަ ގައިދުކުރުމެއް ގެންގުޅުން މަނާކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއް ކަމުގައެވެ.
ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ އަށް އެކަނި ބަލައި އެ މާއްދާ މާނަކުރާނަމަ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި 68 ވަނަ މާއްދާ ނަފީވެގެން ދެއެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބޭނެ ފަދައަކުން ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަ ނުވަތަ ތަރުޖަމާ ނުކުރުމެވެ. އެއީ ޤާނޫނުއަސާސީން އެކަން ހިނގާންވާނެ ކަމަށް ތަސައްވަރުކުރާ ގޮތް ކަމަށް ބަލާނަމަ، މިސާލަކަށް، އެކި ކަންކަން ހިނގަންވާގޮތް ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހަކަށް ޤާނޫނެއް ނެހެދޭނެއެވެ. އެއީ ރެގިއުލޭޓް ކުރުމަކީ ކަމުގެ ޒާތުން ވަކި ގޮތަކަށް ކަންކަން ތަރުތީބުކުރުމަށް ކުރާ އިންތިޒާމެއް ކަމުގައި ވާތީއާއި ރެގިއުލޭޓްކުރުމުގެ ސަބަބުން އެކި ފަރާތްތަކުން ކަންކަން ކުރުމަށް ބޭނުންވާ ފަދައިން ކަންކަން ނުކުރެވޭނެ ކަމަށްޓަކައެވެ. އަދި ރެގިއުލޭޓްކުރުމުގެ ސަބަބުން އެ ފަރާތްތަކަށް ލިބެންވާ ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް އަންނާނެތީއެވެ. މިހެންކަމުން، މިފަދައިން ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ މާނަކުރުމަކީ ވަށާޖެއްސޭ އަދި ހަމަޖެހޭ މާނަކުރުމެއް ކަމަށް އަހުރެން ޤަބޫލެއްނުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު މި މައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރުމާއެކު، އަންނަނިވި ކަންކަން އިތުރަށް ފާހަގަކުރަމެވެ.
މި މައްސަލައިގެ މައުޟޫޢަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމައި ދިނުމަށް، ނޫނީ މައްސަލައިގެ މައުޟޫޢަށް ގޮތެއް ނިންމުމަށް ހައިކޯޓަށް މިމައްސަލަ ތަޙްވީލުކޮށް ދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާއިރު، ވަކި ތާރީޚެއް ފަހަނައަޅައި ދިޔުމުގެ ކުރިން ދަޢުވާ ނުކުރަން ސެޓްލްމަންޓް އެއްބަސްވުމުގައި ދެފަރާތުން އެއްބަސްވެފައި ވަނިކޮށް، އެ ތާރީޚުގެ ކުރިން އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާއިރު، ސެޓްލްމަންޓް އެއްބަސްވުމެއް ވުޖޫދުވެފައި ނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވުމާއި، ސެޓްލްމަންޓް އެއްބަސްވުމެއް ހެދުމަށް އޮފަރ ލެޓަރއެއް އިސްތިއުނާފު ކުރާ ފަރާތުން ފޮނުވި ކަމަށާއި، އިސްތިއުނާފު ކުރާ ފަރާތުން އެދުނު ގޮތަށް އޮފަރ ލެޓަރގައި ބުނެފައިވާ މުއްދަތުގައި އެއްބަސްވުން ތައްޔާރުކޮށް ސޮއިކުރުމަށްފަހު ރަޖިސްޓްރީ ޕޯސްޓު މެދުވެރިކޮށް އިސްތިއުނާފު ކުރާ ފަރާތަށް ފޮނުވިކަމަށާއި، ޕޯސްޓަލް ރޫލްގެ ދަށުން އެއްބަސްވުން ފުރިހަމަ ވެފައިވާކަމަށް ދެކޭ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވުމާއި، ސެޓްލްމަންޓް އެއްބަސްވުން ވުޖޫދުވުމާއި ބެހޭގޮތުން ދެފަރާތުން ޝަރީޢަތުގައި ޖަދަލުކޮށްފައިވާއިރު، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި އެއާއިބެހޭ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވުމާއި،
ދަޢުވާގައި އިސްތިއުނާފު ކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ޢަދަދާއިމެދު ދެފަރާތުން ދެބަސްވެ، ޝަރީޢަތުގައި ޖަދަލު ކޮށްފައިވާއިރު، ފައިސާގެ މިންވަރު ކަނޑައެޅި ގޮތް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައި ނުވާތީ،
ސިވިލް ކޯޓުން މައުޟޫއީ ގޮތުން ބަލައި ގޮތެއް ނިންމަންޖެހޭ ކަންތައްތަކެއްގައި ގޮތެއް ނިންމާފައި ނުވާތީ، ސިވިލް ކޯޓަށް މައްސަލަ ތަޙްވީލު ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ބަލަންޖެހޭކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/200 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.