ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2021] SC 112 · 2021/SC-A/98

ޙަމްދާން އަޙްމަދު ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 ޑިސެމްބަރު 2021ދަށު ކޯޓު: ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓު N10C/MA/2021/19ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2021/HC-B12/69، N10C/MA/2021/19
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ފުލުހުންގެ އެދުމުގެ މަތިން 25 ޖުލައި 2021 ގައި ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ޙަމްދާން އަޙްމަދު ޝަރީފް ހައްޔަރުކުރުމުގެ އަމުރު ނެރުނެވެ. 26 ޖުލައި 2021 ގައި ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމިއެވެ. އެ ނިންމުމާމެދު ހައިކޯޓަށް ކުރި އިސްތިއުނާފު ހައިކޯޓުގެ 2021/HC-B12/69 ޤަޟިއްޔާގައި ބަލައި، ދަށު ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބެލެވޭނެ ހަމައެއް ނެތްކަމަށް ނިންމިއެވެ. އޭގެފަހުން އޭނާ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
ޙަމްދާން އަޙްމަދު ޝަރީފްގެ މައްޗަށް ކުރެވުނު ތުހުމަތަކީ ކުޑަ އަންހެން ކުއްޖަކަށް ފޯނެއް ދީގެން ޢުމުރާ ނުގުޅޭ ވާހަކަ ދައްކައި، ދަންވަރު ބެލެނިވެރިންނަށް ނޭނގި ގެއިން ނެރެގެން ގޮސް ޖިންސީ ގޯނާކުރިކަމެވެ. ހައްޔަރުކުރުމަށްފަހު ޤާނޫނީ އިންޒާރު ދިންއިރު، ތުހުމަތުކުރެވޭ ކުށުގެ ބާވަތުން ހަނުހުރުމުގެ ޙައްޤު ލިބިގެން ނުވާކަމަށް ފުލުހުން އޭނާއަށް އެންގިއެވެ. ބަންދުކުރީ ކުއްޖާގެ ބަޔާނާއި، ފޯނުގެ މުޢާމަލާތްތަކާއި، މެޑިކޯ ލީގަލް ރިޕޯޓާއި، ހެކިންގެ ބަޔާންތަކަށް ބަލައި، ހެކިންނަށް ނުފޫޒުފޯރުވުމާއި ހެކި ނައްތާލުމާއި މުޖުތަމަޢުގެ ސަލާމަތަށް ބުރޫއަރާފާނެތީއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 27 ވަނަ މާއްދާއިން ހަނުހުރުމުގެ ޙައްޤު ހިފެހެއްޓެނީ ބަންދުގައި ހުރިއިރު އެކަނިތޯ، އަދި ހައްޔަރުކުރިއިރު އެ ޙައްޤު ލިބިނުދިނުމަކީ ޝަރީޢަތް ނިމެންދެން ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޙަމްދާން އަޙްމަދު ޝަރީފް ބުނީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 27 ވަނަ މާއްދާއިން ހަނުހުރުމުގެ ޙައްޤު ހިފެހެއްޓެނީ ބަންދުގައި ހުންނަ ޙާލަތުގައި އެކަނި ކަމަށާއި، ހައްޔަރުކުރުމަށްފަހު ބަންދުކުރުމުގެ ކުރިން އެ ޙައްޤު ލިބިނުދިނުމަކީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އާއި 16 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން އޭނާ ދޫކޮށްލަންޖެހޭ ކަމަށެވެ. ދައުލަތުން ބުނީ، ކުށުގެ ބާވަތުން ހައްޔަރުކޮށް ހުރިއިރާއި ބަންދުގައި ހުރިއިރު ހަނުހުރުމުގެ ޙައްޤު ލިބިނުދެވޭ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ މަގުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 27 ވަނަ މާއްދާއިން ހަނުހުރުމުގެ ޙައްޤު ހިފެހެއްޓިފައިވަނީ ބަންދުގައި ހުންނަ ޙާލަތުގައި އެކަނި ކަމަށާއި، ހައްޔަރުކޮށްފައި ހުންނަ ޙާލަތުގައި ޢާންމު އުޞޫލުން އެ ޙައްޤު ލިބިގެންވާތީ ފުލުހުން ޢަމަލުކުރީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށެވެ. ނަމަވެސް ބަންދުކުރުމަށް ބުރަވެވުނު ހެކިތަކުގައި އޭނާގެ އިޢުތިރާފެއް ނުވަތަ އޭނާ ބުނި ބަހެއް ނެތްކަމަށާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ގައިވާ ސަބަބުތައް ހުރެގެން ބަންދުކޮށްފައިވާތީ، ހަނުހުރުމުގެ ޙައްޤު ލިބިނުދިނުމަކީ ދޫކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނެ ނުވަތަ ހަނިކުރެވޭނެ މަގު ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި މިބުނެވިޔަ މަގުން ހަނުހުރުމުގެ ޙައްޤު ހިފެހެއްޓިފައިވެއެވެ.

HN2 ޙައްޤުތައް ހިފެހެއްޓުމުގެ ކަންކަން ބަޔާންކޮށްފައިވާ ބައި ކަމަށްވާ ޤާނޫނުގެ ހަތަރުވަނަ ބައި ފެށެނީ 26 ވަނަ މާއްދާއިންނެވެ. އެ މާއްދާގައި ބަޔާންވެގެންވަނީ އެ މާއްދާގެ ފަހަތުން އަންނަ މާއްދާތަކުގައި ބަޔާންވެގެންވާ ހައްޤުތައް، ބަންދުކުރެވޭ އަދި ހައްޔަރު ކުރެވޭ މީހާއަށް އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް ހިފެހެއްޓޭނެ ކަމަށެވެ. ހަނުހުރުމުގެ ޙައްޤު ބަޔާންވެގެންވަނީ 27 މާއްދާގައި ކަމަށްވާއިރު، އެ ޙައްޤު ހިފެހެއްޓޭނީ އެ މާއްދާގައި ބަޔާންވެގެންވާ މިންވަރަށެވެ. 27 މާއްދާގައި ހަނުހުރުމުގެ ޙައްޤު ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވަނީ ހަމައެކަނި ބަންދުގައި ހުންނަ ޙާލަތުގައި އެކަންޏެވެ. ނަތީޖާއެއްގެ ގޮތުން ހައްޔަރު ކޮށްފައި ހުންނަ ޙާލަތުގައި ޢާންމު އުޞޫލާއި އެއްގޮތަށް އޭނާއަށް ހަނުހުރުމުގެ ޙައްޤު ލިބިގެންވެއެވެ.

HN3 ހަމްދާން އަޙްމަދު ޝަރީފް ބަންދުގައި ބެހެއްޓުމަށް ޝަރީޢަތުން ބުރަވި ހެކިތަކުގެ ތެރޭގައި އޭނާ ކުށްކުރިކަމަށް ވެފައިވާ އިޢްތިރާފެއް ހިމެނިފައި ނެތްއިރު، ހަނުހުރުމުގެ ޙައްޤު ލިބިނުދެވި ވުމަކީ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަތަރު ޙާލަތުންކުރެ ޙާލަތެއް ވުޖޫދުވެފައި އޮންނަ ޙާލަތުގައި އެ ޙާލަތްތަކަށް ރިޢާޔަތް ކުރުމެއްނެތި ތުހުމަތު ކުރެވޭމީހާ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫންކަމަށް އަހުރެންނަން ބުރަވެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ރިޔާސަތު
ޢަލީ ރަޝީދު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ގެ ރައުޔު: (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު

ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/69 ޤަސިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ތ.ވޭމަންޑޫ / ދޭލިޔާގެ، ޙަމްދާން އަޙްމަދު ޝަރީފް (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޙަމްދާން އަޙްމަދު ޝަރީފް" ކަމަށް ބުނެފައިވާ ފަރާތް) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

މައްސަލައިގެ ފަސްފަހަތް

2ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، ހަމްދާން އަޙްމަދު ޝަރީފް ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން 25 ޖުލައި 2021 ދުވަހު ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.

3ހަމްދާން އަޙްމަދު ޝަރީފްގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ކުޑަ އަންހެން ކުއްޖެއްގެ އަތަށް ފޯނެއް ދީގެން، އެ ކުއްޖާގެ ޢުމުރާއި ނުގުޅޭ ވާހަކަ އެ ކުއްޖާއާ ދެއްކުމާއި، ދަންވަރުގެ ވަގުތުގައި ކުލްޖާގެ ބެލެނިވެރިންނަށް ނޭނގި އެ ކުއްޖާ އުޅޭ ގެއިން އެ ކުއްޖާ ނެރެގެން ގެންދިޔުމާއި، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށެވެ.

4ހަމްދާން އަޙްމަދު ޝަރީފް ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި، ކޯޓަށް ހުށަހެޅި ފޯމުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ގޮތުގައި ޙަވާލާދީފައިވަނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށާއި، ހަމަ އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖަކު ޖިންސީ ޢަމަލެއްގައި ބައިވެރިކުރުވުމުގެ ކުށާއި، އަދި ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށެވެ.

5ހަމްދާން އަޙްމަދު ޝަރީފް ހައްޔަރު ކުރުމުގެ އަމުރު 25 ޖުލައި 2021 ދުވަހު ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވެއެވެ.

6ހަމްދާން އަޙްމަދު ޝަރީފް ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ 26 ޖުލައި 2021 ދުވަހު ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރެވުނެވެ. ބަންދާއިމެދު ގޮތެއް ނިންމުމަށް ބޭއްވުނު އަޑުއެހުމުގައި ފަނޑިޔާރު ނިންމާފައިވަނީ ހަމްދާން އަޙްމަދު ޝަރީފް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

7ހަމްދާން އަޙްމަދު ޝަރީފް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމީ ބަންދުން ދޫކޮށްލައިފިނަމަ ހެކިބަސް ދޭންތިބި ފަރާތްތަކަށް ނުފޫޖު ފޯރުވަފާނެތީ އާއި، ހެކިނައްތާލަން މަސައްކަތް ކޮށްފާނެތީ އާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ބުރޫއަރާފާނެތީ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. ހަމްދާން އަޙްމަދު ޝަރީފްއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކަކީ، އަނިޔާ ލިބިފައިބާ ކުއްޖާގެ ބަޔާނާއި، ފޯނުން ކޮށްފައިވާ މުޢާމަލާތްތަކާއި، މެޑިކޯ ލީގަލް ރިޕޯޓާއި، ހެކިންގެ ބަޔާންތަކެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބު ކަމަށް އަމުރުގައި ބަޔާންކޮށްފައިވަނީ ލިބިފައިހުރި ހެކި ޤަރީނާއަށް ބަލާއިރު، ކުށްކުރިކަމަށް އެކަށީގެންވާ ތުހުމަތެއް ކުރެވޭ މިންވަރަށް ހެކި ހުރުމުންނާއި، ތުހުމަތު ކުރެވޭ ކުށުގެ ޢަމަލަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ފަދަ ޢަމަލެއް ކަމަށް ވުމުންނާއި، ލިބިފައި ހުރި ހެކިތަކަށް ބަލާއިރު، މި ހެކިންނަކީ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ ނުފޫޒު ފޯރުމުގެ އިޙްތިމާލު އޮތް ހެކިތަކަކަށް ވާތީކަމަށެވެ.

8ހަމްދާން އަޙްމަދު ޝަރީފް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށްބުނެ އޭނާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

9ހަމްދާން އަޙްމަދު ޝަރީފް ހުށަހެޅި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2021/HC-B12/69 ޤަޝިއްޔާއިންނެވެ.

10މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ ހަމްދާން އަޙްމަދު ޝަރީފް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށެވެ.

11ހައިކޯޓުގެ ނިންމުން ޤާނޫނާއި ޚިލާފު ކަމަށް ބުނެ ޙަމްދާން އަޙްމަދު ޝަރީފްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް

12ޙަމްދާން އަޙްމަދު ޝަރީފްގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފީ ދެ ނުކުތާ ހުށަހަޅާފައިވެއެވ.

12.1 ހައިކޯޓުން މައްސަލަ ނިންމުމުގައި، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި ޚިލާފުވެފައިވުން.

12.2 ހައިކޯޓުން މައްސަލަ ނިންމުމުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއާއި ޚިލާފަށް މައްސަލަ ނިންމާފައިވުން.

13އެހެންކަމުން، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ ޙަމްދާން އަޙްމަދު ޝަރީފް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވާއިރު، އޭނާ ހައްޔަރު ކޮށްފައި ހުރިއިރު ހަނުހުރުމުގެ ޙައްޤު އޭނާއަށް ލިބިދިނުމުގައި ފުލުހުން ޢަމަލު ކޮށްފައިވަނީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާ އާއި އެއްގޮތަށްތޯ ނުވަތަ ނޫންތޯއެވެ.

ގުޅުންހުރި ޤާނޫނީ މާއްދާތައް

14ހައްޔަރު ކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތައް ބަޔާންކުރަމުން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވަނީ؛ "ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ޙައްޤެއްކަން އެ މީހަކަށް އަންގައި، އެ ޙައްޤު ލިބިގަތުމުގެ ފުރުޞަތު އެ މީހަކަށް ދޭންވާނެއެވެ."

15ހައްޔަރުކުރުން މާނަ ކުރަމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޓީ) ގެ (1) ގައި ބުނެފައިވަނީ؛ "ހައްޔަރުކުރުން ކަމަށް ބުނެފައި އެވަނީ މީހާގެ މިނިވަންކަން ހުއްޓުމަކަށް ގެނެސް، މި ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ އިންޒާރު ދިނުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް މީހާ ގެނައުމަށެވެ."

16ބަންދުކުރުން މާނަ ކުރަމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ޔު) ގައި ބުނެފައިވަނީ؛ "ބަންދުކުރުން ކަމަށް ބުނެފައި އެވަނީ، މީހަކު ހައްޔަރު ކުރުމަށްފަހު، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ޙާލަތަށެވެ."

17ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންވެގެން ވަނީ؛ 7 ޤާނޫނު ނަމްބަރު 2016/12 8 އބމ 9 ޤާނޫނު ނަމްބަރު 2009/12 "މި ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކުގެ ތެރެއިން، މި ބާބުގެ އަންނަނިވި މާއްދާތަކުގައި ބަޔާން ކޮށްފައިވާ ޙައްޤުތައް، އެ މާއްދާތަކުގައި ބަޔާންވެގެންވާ މިންވަރަށް ހިފެހެއްޓިގެންވެއެވެ."

18ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެން ވަނީ؛ "ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި، އިތުރު އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ޙައްޤު ލިބިދީފައިވީނަމަވެސް، މި ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް، އެ ޙައްޤު، އެއްވެސް މިންވަރަކަށް ލިބިގެނެއްނުވެއެވެ."

19ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެގެންވަނީ؛ "އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާ މެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ." ހަނުހުރުމުގެ ޙައްޤު

20ދިވެހި ބަހުގެ ރަދީފުގައި ބަޔާންވެގެންވާ ގޮތުން، ހަނުރުހުމަކީ ހިމޭނުން ހުރުމެވެ. ނުވަތަ އަންގަ މަޑުކޮށްގެން ހުރުމެވެ. އޭގެ އިދިކޮޅަކީ ވާހަކަ ދެއްކުމެވެ. ނުވަތަ ބަޔާންކުރުމެވެ. ބަޔާންކޮށް އުޅެނީ ދުލުން ބޭރުކުރާ ލަފްޒުތަކަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރާ އިޝާރާތަކުންނެވެ. ބައެއް ފަހަރު ސީދާކޮށެވެ. އަނެއްބައި ފަހަރު ނުސީދާ ކޮށެވެ. ސީދާކޮށް ނުވަތަ ސަރީޙަކޮށް ބަޔާން ކުރުމަކީ އެކަމުގައި ޝައްކެއް ނުއޮންނަ ގޮތަށް، އޮޅުންނާރާ ގޮތަށް، އަދި ދެ މާނަ ނުނެގޭ ގޮތަށް ބަޔާންކުރުމެވެ. ނުސީދާކޮށް ބަޔާން ކުރުމުން ބައެއް ފަހަރު އޮޅުން އަރައި، އެއް މާނައަށްވުރެ ގިނަ މާނަ ދޭހަވާ ގޮތްވެއެވެ.

21ހަނުހުރުން ދެ ގޮތަކަށް އޮވެއެވެ. އެއްގޮތަކީ ޠަބީއީގޮތުން ހަނު ހުންނަ ހުރުމެވެ. ދެވަނަ ގޮތަކީ ގަސްތުގައި ހަނު ހުރުމެވެ. ފުރަތަމަ މިބުނި ޙާލަތުގައި ހަނު ހުންނަނީ އެ މީހެއްގެ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. އަޑު ނީވޭ އަދި ވާހަކަ ނުދެއްކޭ މީހަކަށް ވުމުންނެވެ. އެފަދަ މީހަކީ، ލިޔަން ކިޔަން ދަންނަ މީހެއްނަމަ، އޭނާ ބަޔާން ކުރަން ބޭނުންވާ ކަންކަން ލިޔުމުން ބަޔާން ކުރެއެވެ. އެ މީހަކީ ލިޔަން ކިޔަން ނުދަންނަ މީހެއްނަމަ، އިޝާރާތުގެ ބަހުރުވައިން ވާހަކަ ދައްކާ މީހެއްގެ އެހީގައި އޭނާ ބުނަން ބޭނުންވާ ވާހަކަ ތަރުޖަމާ ކުރެވެއެވެ. ދެވަނައަށް މި ދެންނެވި ޙާލަތުގައި އެ މީހަކީ ތަބީޢީ ގޮތުން އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ޤާބިލުކަން ލިބިފައިވާ މީހެކެވެ. މި ޙާލަތުގައި ހަނު ހުންނަނީ ހަނު ހުރުމަށް ބޭނުން ވެގެން، ހަނު ހުރުމުގެ ޤަޞްތުގައެވެ.

22ތިމާއަކީ ކާކުކަން އަންގައި ދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ޙައްޤެއްކަން ޖިނާއީ ކުށުގެ ތުޙުމަތުކުރެވިފައިވާ މީހާއަށް ތަޙްޤީޤުކުރާ އިދާރާއިން އަންގައިދޭން ޖެހޭނެކަމާއި، އެ ޙައްޤު ލިބިގަތުމުގެ ފުރުޞަތު އެ މީހަކަށް ތަޙްޤީޤުކުރާ އިދާރާއިން ދޭންވާނެކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވެއެވެ. ކުށެއްގެ ތުޙުމަތުގައި މީހަކު ހައްޔަރުކުރުމާއެކު، އޭނާއަކީ ކާކުކަން އަންގައި ދިނުން ފިޔަވައި އިތުރު މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްޤު އޭނާއަށް ލިބިގެންވާކަން އޭނާއަށް އަންގަން ޖެހޭނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އަދި ތަޙުޤީޤުގައި އެ މީހަކާ ސުވާލުކުރަން ފެށުމުގެ ކުރިންވެސް މި އިންޒާރު ދިނުމުގެ އިތުރުން، އޭނާއާ ތަޙްޤީޤުގައި ކުރާ ސުވާލުތަކަށް އޭނާ ދޭ ޖަވާބުތަކަކީ ސަރީޢަތުގައި އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ އެއްޗެއްކަން އޭނާއަށް އަންގަން އެ މާއްދާގައި ލާޒިމުކޮށްފައިވެއެވެ. ހަނުހުރުމުގެ ޙައްޤު އެ މީހަކު އިޚްތިޔާރު ކުރިކަން އެ މީހަކު ފާޅުގައި ބުނަން ޖެހޭނެ ކަމަށާއި، އެ މީހަކު ހަނުހުރުމުގެ ޙައްޤު އިޚްތިޔާރު ކުރާކަމަށް ބުނުމުގެ ފަހުން، އޭނާއާ އިތުރު އެއްވެސް ސުވާލެއް ނުކުރެވޭނެ ކަމަށާއި، ހަނުހުރުމުގެ ޙައްޤު އިޚްތިޔާރު ކުރިއިރު، ތަހުޤީޤުގައި ސުވާލު ކުރެވެމުން ދާކަމުގައި ވަނީނަމަ ސުވާލުކުރުން ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށް އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންވެގެން ވެއެވެ. ހަނުހުރުމުގެ ހައްޤުގެ ތެރޭގައި ހިމެނޭ ކަންތައްތަކާއި ނުހިމެނޭ ކަންތައްތައް އެ ޤާނޫނުގެ 47، 48 އަދި 49 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ.

23ތަހްޤީޤު މަރުޙަލާގައި ތިމާއަކީ ކާކުކަން އަންގައި ދިނުން ފިޔަވައި އިތުރު އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ޙައްޤު ލިބިދީފައިވަނީ ތަޙްޤީޤުގައި މަޖުބޫރުކޮށްގެން އިޢުތިރާފު ބަޔާން ނެގުމުގެ ފުރުޞަތު ކުޑަކުރުމަށެވެ. އަދި މީގެ އިތުރުން ޖިނާއީ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ތަޙްޤީގަށް ޙާޟިރުކުރާއިރު، ބިރުގަތުމަކީ ޠަބީއީ ކަމެއްކަމަށް ވުމާއި، ބިރުގަތުމުގެ ސަބަބުން ހަނދާނާއި ފިކުރުގެ ނުތަނަވަސްކަން އުފެދުމާއި، އަނގައިގެ ކުޅު ހިކި ދޫކޮށިވުމަކީ ޢާންމުކޮށް ވާގޮތެކެވެ. މި ހާލަތުގައި ބުނެވޭ ނުބުނެވޭ ވާހަކައެއް ނޭނގި އަމިއްލަ ނަފްސު ކުށްވެރިވާގޮތަށް ބަސް ބުނެވުމުގެ ފުރުޞަތު އޮވެއެވެ. މިކަންކަން މިގޮތަށް ހުރުމުން ތަހްޤީޤު މަރުޙަލާގައި ހަނުހުރުމުގެ ޙައްޤު ތުހުމަތުކުރެވޭ މީހާއަށް ވަރަށް ފުޅާކޮށް ދީފައވެއެވެއެވެ. ތިމާއަކީ ކާކުކަން ބުނެ ދިނުން ފިޔަވައި އިތުރު މަޢުލޫމާތެއް ތަޙުޤީގު ކުރާ ފަރާތަށް ނުދީ ހަނުހުރުމުގެ ޙައްޤު އޭނާއަށް ލިބިދީފައިވެއެވެ.

ހަނުހުރުމުގެ ޙައްޤު ހަނިކުރުން ނުވަތަ ހިފެހެއްޓުން

24HN1ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނެ ނުވަތަ ހަނިކުރެވޭނެ މަގު ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައެވެ. އެ މާއްދާގައި ބަޔާންވެގެންވާ ގޮތުން އެފަދަ ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓެނީ ޤާނޫނުއަސާސީއާ ތަޢާރުޝުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ކަމަށެވެ.

25ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި މިބުނެވިޔަ މަގުން ހަނުހުރުމުގެ ޙައްޤު ހިފެހެއްޓިފައިވެއެވެ. އެ ޤާނޫނުގެ ދަށުން ތުހުމަތު ކުރެވޭ މައްސަލައެއްގައި ބަންދުކުރެވޭ މީހާއަށް ހަނުހުރުމުގެ ޙައްޤު އެއްވެސް މިންވަރަކަށް ލިބިގެން ނުވާކަމަށް އެ މާއްދާގައި ބަޔާންވެގެންވެއެވެ. މި މައްސަލައިގައި ހަނުހުރުމުގެ ޙައްޤު ލިބިދީފައި ނުވުން

26ހަމްދާން އަޙްމަދު ޝަރީފް ހައްޔަރު ކުރުމަށްފަހު އޭނާއަށް ޤާނޫނީ އިންޒާރު ލިޔުމުން ދިންއިރު ހަނުހުރުމުގެ ޙައްޤު ލިބިގެން ނުވާކަމަށް އޭނާއަށް ފުލުހުން އަންގާފައިވެއެވެ. ސަބަބަކީ ހަމްދާން އަޙްމަދު ޝަރީފްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތުން ހައްޔަރު ކޮށްފައި ހުންނައިރުވެސް އަދި ބަންދުކޮށްފައި ހުންނައިރުވެސް ހަނުހުރުމުގެ ޙައްޤު ލިބިނުދެވޭތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

27މި މައްސަލައިގައި ހަމްދާން އަޙްމަދު ޝަރީފްގެ ފަރާތުން ބުނެފައިވަނީ ހަމްދާން އަޙްމަދު ޝަރީފްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތުން އޭނާ ބަންދުގައި ހުންނަ ހުރުމުގައި ހަނުހުރުމުގެ ޙައްޤު ލިބިނުދެވޭނެ ކަމަށް އޭނާ ޤަބޫލު ކުރާ ކަމަށާއި، އޭނާގެ ޝަކުވާއަކީ އޭނާ ހައްޔަރު ކުރުމަށްފަހު ބަންދު ކުރުމުގެ ކުރިން އޭނާއަށް ހަނުހުރުމުގެ ޙައްޤު ލިބިދީފައި ނުވުން ކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެން ވާގޮތުން ހަނުހުރުމުގެ ޙައްޤު ހިފެހެއްޓިގެން ވަނީ ބަންދުގައި ހުންނަ ޙާލަތުގައި އެކަނި ކަމަށާއި، މި ސަބަބާހުރެ އޭނާ މިނިވަންކޮށް ދޫކޮށްލަން ޖެހޭ ކަމަށެވެ.

28HN2ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގައި ހަނުހުރުމުގެ ޙައްޤު ހިފެހެއްޓިގެންވާ ކަމަށް ބަޔާންކޮށްފައިވަނީ 27 ވަނަ މާއްދާގައެވެ. ޙައްޤުތައް ހިފެހެއްޓުމުގެ ކަންކަން ބަޔާންކޮށްފައިވާ ބައި ކަމަށްވާ ޤާނޫނުގެ ހަތަރުވަނަ ބައި ފެށެނީ 26 ވަނަ މާއްދާއިންނެވެ. އެ މާއްދާގައި ބަޔާންވެގެންވަނީ އެ މާއްދާގެ ފަހަތުން އަންނަ މާއްދާތަކުގައި ބަޔާންވެގެންވާ ހައްޤުތައް، ބަންދުކުރެވޭ އަދި ހައްޔަރު ކުރެވޭ މީހާއަށް އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް ހިފެހެއްޓޭނެ ކަމަށެވެ. ހަނުހުރުމުގެ ޙައްޤު ބަޔާންވެގެންވަނީ 27 މާއްދާގައި ކަމަށްވާއިރު، އެ ޙައްޤު ހިފެހެއްޓޭނީ އެ މާއްދާގައި ބަޔާންވެގެންވާ މިންވަރަށެވެ. 27 މާއްދާގައި ހަނުހުރުމުގެ ޙައްޤު ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވަނީ ހަމައެކަނި ބަންދުގައި ހުންނަ ޙާލަތުގައި އެކަންޏެވެ. ނަތީޖާއެއްގެ ގޮތުން ހައްޔަރު ކޮށްފައި ހުންނަ ޙާލަތުގައި ޢާންމު އުޞޫލާއި އެއްގޮތަށް އޭނާއަށް ހަނުހުރުމުގެ ޙައްޤު ލިބިގެންވެއެވެ.

29މިގޮތުން މި މައްސަލައިގައި، ހަމްދާން އަޙްމަދު ޝަރީފް ހައްޔަރުކުރުމަށްފަހު އޭނާއަށް ޤާނޫނީ އިންޒާރު ދިންއިރު، އޭނާއަށް ހަނުހުރުމުގެ ޙައްޤު ލިބިގެން ނުވާކަމަށް ފުލުހުން އެންގިކަން ދައުލަތުގެ ބަހުން އެނގެން އޮތްއިރު، ފުލުހުން ޢަމަލު ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 27 ވަނަ މާއްދާއާ އެއްގޮތަށް ނޫންކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ބަންދުން ދ ނުވުން

30ހަމްދާން އަޙްމަދު ޝަރީފް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭވަރުގެ އެކަށީގެންވާ ހެކި ހުށަހެޅިފައި ވުމާއެކު، ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓޭނެ ޙާލަތްތައް ކަމަށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެގެންވާ ޙާލަތްތަކުގެ ތެރެއިން ހެކިންނަށް ނުފޫޒު ފޯރުވުމާއި ހެކި ނައްތާލާފާނެ ކަމަށް ބެލެވުމާއި މުޖުތަމަޢުގެ ސަލާމަތަށް ބުރޫއަރާ ޙާލަތު އޮތުމުން ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

31HN3ހަމްދާން އަޙްމަދު ޝަރީފް ބަންދުގައި ބެހެއްޓުމަށް ޝަރީޢަތުން ބުރަވި ހެކިތަކުގެ ތެރޭގައި އޭނާ ކުށްކުރިކަމަށް ވެފައިވާ އިޢްތިރާފެއް ހިމެނިފައި ނެތްއިރު، ހަނުހުރުމުގެ ޙައްޤު ލިބިނުދެވި ވުމަކީ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަތަރު ޙާލަތުންކުރެ ޙާލަތެއް ވުޖޫދުވެފައި އޮންނަ ޙާލަތުގައި އެ ޙާލަތްތަކަށް ރިޢާޔަތް ކުރުމެއްނެތި ތުހުމަތު ކުރެވޭމީހާ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫންކަމަށް އަހުރެންނަން ބުރަވެވެއެވެ.

32އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގައި ހުރުމުން، ހަމްދާން އަޙްމަދު ޝަރީފް ހައްޔަރު ކުރުމަށްފަހު، އޭނާ ފުލުންގެ ބަންދަށް ބަދަލުވުމާއި ހަމަޔަށް އޭނާއަށް ހަނުހުރުމުގެ ޙައްޤު ލިބިގެންވާ ޙާލަތެއްގައި، އޭނާއަށް ހަނުހުރުމުގެ ޙައްޤު ލިބިގެން ނުވާކަމަށް ފުލުހުން އޭނާއަށް އަންގާފައިވީނަމަވެސް، އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމުމަށްޓަކައި ބުރަވެވުނު ހެކިތަކުގެ ތެރޭގައި އޭނާ ބުނި ބަހެއް ހިމެނިފައި ނުވާތީއާއި، އޭނާ ބަންދުގައި ބަހައްޓާފައިވަނީ ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރުމުގެ އިތުރުން، ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓޭ ސަބަބުތަކުގެ ތެރެއިން ސަބަބުތަކެއް ހުރެގެންކަން އެނގެން އޮތުމުން، ހަމްދާން އަޙްމަދު ޝަރީފް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީން ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

34ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. އެހެންނަމަވެސް، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގައި ހިމެނިފައިނުވާ، މި މައްސަލައާގުޅޭ އިތުރު ދެތިންކަމެއް އަހުރެން ފާހަގަކުރަން ބޭނުންވެއެވެ.

35ފުރަތަމަ ކަމަކަށް: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރަންވާނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑަ ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި މި ކޯޓުން ތަފްސީލުކޮށްފައިވާ ގޮތަށެވެ.

36ދެވަނަ ކަމަކަށް: ހަމްދާން އަޙްމަދު ޝަރީފް ހައްޔަރުކުރުމަށްފަހު އޭނާއަށް ޤާނޫނީ އިންޒާރު ދިނުމުގައި، އޭނާއަށް ހަނުހުރުމުގެ ޙައްޤު ލިބިގެން ނުވާކަމަށް ފުލުހުން އަންގާފައިވުމުން، އެއީ ހަމްދާން އަޙްމަދު ޝަރީފް ކުރިކަމަށް ތުހުމަތު ކުރެވޭ ކުށާއި ގުޅިގެން އޭނާ ބަންދުން ވީއްލެންޖެހޭ ސަބަބެއް ކަމުގައިބުނެ، އެކަން ހަމްދާން އަޙްމަދު ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، 26 ޖުލައި 2021 ދުވަހު ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ހަމްދާން އަޙްމަދު ޝަރީފްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ބޭއްވުނު މަޖިލީހުގައި، ހަމްދާން އަޙްމަދު ޝަރީފްގެ ދިފާޢީ ވަކީލު ބައިވެރިވެފައިވާކަން، އޭނާގެ ބަންދު ދެމެހެއްޓުމަށް އެ ކޯޓުން ކުރި އަމުރުގެ އިތުރު ބަޔާނުން އަދި ހަމްދާން އަޙްމަދު ޝަރީފް ތަމްސީލުކުރި ޤާނޫނީ ވަކީލު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އެހެންނަމަވެސް، ހަމްދާން އަޙްމަދު ޝަރީފްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުނު އެ މަޖިލީހުގައި، އޭނާ ހައްޔަރު ކުރުމުގައި ހަނުހުރުމުގެ ޙައްޤު ލިބިދީފައި ނުވާކަން ހަމްދާން އަޙްމަދު ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގޭކަށް ނެތެވެ. އަދި އެ މަޖިލީހުގައި އެކަން އެފަދައިން ފާހަގަކޮށްފައިވާކަމަށް ހަމްދާން އަޙްމަދު ޝަރީފްގެ ޤާނޫނީ ވަކީލު ހައިކޯޓު އަދި ސުޕްރީމް ކޯޓުގައިވެސް ބުނެފައި ނުވެއެވެ.

37ތިންވަނަ ކަމަކަށް: ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވިގެން ހައްޔަރުކުރާ ނުވަތަ ބަންދުކުރާ މީހާއަށް ޤާނޫނީ އިންޒާރު ދިނުމުގައި، ޤާނޫނުން އެ މީހަކަށް އެ ހާލަތުގައި ލިބިދީފައިވާ ޙައްޤުތަކަކީ ކޮބައިކަން ފުރިހަމައަށް ބަޔާންކޮށް ނުދެވުމުގެ ނަތީޖާއަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، ހަނުހުރުމުގެ ޙައްޤު ޤާނޫނީގޮތުން ލިބިގެންވާ މީހަކަށް އެ ޙައްޤު ލިބިނުދެވޭނެ ކަމުގައި ބަލައިގެން، އޭނާގެ ފަރާތުން މަޢުލޫމާތު ހޯދޭނަމަ، އެއިގެ ނަތީޖާއަކީ، ކުށެއް ކުރިކަމުގެ ތުހުމަތުގައިވާ މީހާ އެ ހާލަތުގައި ހުރެ ދީފައިވާ ބަޔާންތައް ނުވަތަ ދައްކާފައިވާ ވާހަކަތައް އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމުގައި ހެކީގެ ގޮތުގައި ބޭނުން ނުކުރެވުމެވެ. އަދި އެފަދަ މަޢުލޫމާތަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޤާނޫނާއި ޚިލާފަށް ހޯދާ ހެކިކަމުގައި ވެގެން ދިއުމެވެ. އުކުމް ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށްހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2021/HC-B12/69 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ޤާނޫނާއި ޚިލާފު ކަމަށް ބެލެވޭނެ ސަބަބެއް ނެތުމުން، އެ ޤަޟިއްޔާގެ ޙުކުމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ތާއީދު ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރު N11C/HA/2021/23 ކޯޓު އަމުރު
  2. ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރު N10C/MA/2021/19 ކޯޓު އަމުރު
  3. އބމ
  4. އިބަމ
  5. ޤާނޫނު ނަމްބަރު 2009/12
  6. އބމ
  7. އިބަމ
  8. ދިވެހި ބަހާއި ތާރީޚާއި ބެހޭ މަރުކަރު، ދިވެހި ބަސްފޮތް (މާލެ: ސީޕިއާ، 2011)، 7
  9. ޤާނޫނު ނަމްބަރު 2016/12
  10. އިބަމ
  11. އިބަމ
  12. ޤާނޫނު ނަމްބަރު 2009/12
  13. އބމ
  14. އިބަމ
  15. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/40 ޤަޝިއްޔާގެ ޕެރެގްރާފް 17 އިން ފެށިގެން.
  16. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމު"
  17. އުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސުޕްރީމް ކޯޓުގެ Silverthorne Lumber Co., Inc. v. United States, 251 U.S. 385 (1920) އާއި؛ Miranda v. Arizona, 384 U.S. 436 (1966) އާއި؛ Dickerson v. U.S., U.S. Sup. Ct. 2000
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
  • ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ)
  • ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
  • ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 27 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 44 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 213 ވަނަ މާއްދާ
  • އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑަ ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (2018/SC-A/40)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ