ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ސަޢީދު
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 01 އަހަރާއި 07 މަހާއި 06 ދުވަހުގެ ޖަލުގެ އަދަބު ކަނޑައެޅިއެވެ. ހައިކޯޓުން އެ ޙުކުމް ބާޠިލުކޮށް، ކާކުކަން ނޭނގޭ ހެކިންގެ ހެކިބަސް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށް ކަމުގައި ބެލެވެން ނެތްކަމަށް ފާހަގަކުރެއްވިއެވެ.
- ވާޤިޢާ
- ޢަބްދުﷲ ސަޢީދުގެ މައްޗަށް ޤާނޫނު ނަންބަރު 9/2014 ގެ 530 ވަނަ މާއްދާގެ ދަށުން ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ދަޢުވާ ކުރެވުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނު ދިނުމަށް އެދުމުން އެ ފޯނު ދީފައި ނުވާތީއެވެ. ކްރިމިނަލް ކޯޓުގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ތިން ހެކިންގެ ހެކިބަސް، އެ ހެކިން ކާކުކަން ނޭނގޭ ގޮތަށް ނެގުމަށް އަމުރުކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައިވާ ކަމަށާއި، ހެއްކާބެހޭ ޤާނޫނުގައި އެކަމުގެ ތަފުސީލެއް ނެތުމުން، ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގޭނެ ކަމެއް ނޫންކަމަށް ހައިކޯޓުން ނިންމި ނިންމުން ޤާނޫނާ އެއްގޮތެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ އިޖުރާއަތު ބަޔާންކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން އެ އިޖުރާއަތަށް ޢަމަލުކޮށްފައިވާ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެ ނުކުތާއާމެދު ވާހަކައެއް ނުދެއްކި، ހައިކޯޓުގެ އެ ފާހަގަކުރުމަކީ ރޭޝިއޯ ޑެސިޑެންޑީގެ ނުކުތާއެއް ނޫން، އޮބިޓަރ ޑިކްޓަމްގެ ނުކުތާއެއްކަމަށް ފާހަގަކުރެވުނެވެ.
- ކޯޓުގެ ސަބަބުތައް
- 149 ވަނަ މާއްދާގައި ހެއްކާބެހޭ ޤާނޫނަށް ޙަވާލާ ދީފައިވުމަކީ ފާޅުކަން ބޮޑު ލިޔުމުގެ ކުށެކެވެ. ހައިކޯޓުގެ މާނަކުރުމުން ހެކިބަސް ދޭ މީހުންނަށް ޙިމާޔަތް ދެވޭނެ މަގު ބަންދުވެ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ޙައްޤަށް ހުރަސް އެޅޭނެއެވެ. ކޯޓުތަކަށް ޤާނޫނު އެކުލަވާލަން ނުކުރެވޭތީ ވަގުތީ ޙައްލެއްގެ ގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ޙާލަތްތަކާއި ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ ގޮތްތަކުން ހެކިބަސް ނެގެވޭނެއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2018/HC-A/387
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމުގެ ހެކިބަސް ދޭ މީހުންނަށް ޙިމާޔަތް ދީގެން ހެކިބަސް ނެގުމާ ގުޅޭ ނުކުތާ (3 (ނ)) ގެ ބައި ބާޠިލު
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައި އެވަނީ ދަޢުވާއާއެކު ހެކީގެ ތަފުސީލު ކޯޓާ ހިއްސާކުރުމުގެ ޢާންމު އުސޫލުގެ އިސްތިސްނާއެކެވެ؛ މި އިސްތިސްނާގެ ދަށުން ދައުލަތުން ދަޢުވާއެއް ސާބިތުކުރަން ހުށަހަޅާ ހެކީގެ ތެރޭގައި ޝަފަހީ ހެކި ހިމެނޭނަމަ، ހެކިބަސް ދޭ މީހާއަށް ޙިމާޔަތްދިނުމަށް އެދޭ ޙާލަތުގައި، އެ ހެކިބަސް ދޭ މީހާ ނުވަތަ މީހުންގެ ތަފްޞީލު ދަޢުވާ ފޯމުގައި ހިމަނައިގެން ނުވާނެއެވެ. (ޕެރ. 23.3.3)
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރުގެ ދަށުން، ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމަށް އެދޭނަމަ، އެކަމަށް ޝަރީޢަތް ފެށުމުގެ ކުރިން އެދެންވާނެއެވެ. (ޕެރ. 51)
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 126 ވަނަ މާއްދާއަކީ، ހެކި ބަހުގެ ގޮތުގައި ފަހުން ބޭނުން ކުރުމަށް ހެކިބަސް ނަގާނެ ގޮތް ބަޔާން ކޮށްފައިވާ މާއްދާއެވެ؛ ވުމާއެކު މިއީ ޚާއްޞަ ޙާލަތެއްގައި ބޭނުންކުރެވޭނެ މާއްދާއެކެވެ. ޢާންމު ޙާލަތުގައި ހެކިބަސް ނެގުމުގެ އުސޫލު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 147 ވަނަ މާއްދާގައި ތަފުސީލުކޮށް ބަޔާންކޮށްފައި އޮތެވެ. (ޕެރ. 23.5.5)
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައި އޮތް އޮތުމަކީ، ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނު ލިޔުމުގައި ލިޔެވިފައިވާ ކުށެއް ކަމުގައި ބަލަންޖެހެއެވެ. (ޕެރ. 26)
ޤާނޫނުގައި ލިޔެވޭ ކުށްތަކަށް، ޤާނޫނު މާނަ ކުރުމަށް ކޯޓުތަކަށް ލިބިފައިވާ ބާރުގެ ތެރެއިން ޙައްލު ކުރެވޭ ގޮތަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. (ޕެރ. 28)
ޤާނޫނު ހަދާ ފަރާތުން ކުށެއް ލިޔުމުގެ ގަސްދެއްނެތި، ޤާނޫނު ލިޔުމުގައި ލިޔެވޭ ކުށްތައް އިސްލާހުކޮށް ޤާނޫނު އެކަށައެޅި ފަރާތުގެ ނިޔަތާ އެއްގޮތަށް ޤާނޫނު މާނަކޮށް ހައްލު ހޯދައި ދިނުމުގައި ކޯޓުތަކުން ރިޢާޔަތްކުރަނީ: ސުވާލު އުފެދުނު ޤާނޫނު ނުވަތަ ޤާނޫނުގެ މާއްދާއިން ހާސިލުކުރަން ބޭނުންވި މަޤްޞަދު ބެލުމާއި، އެ މަޤްސަދު ހާސިލުވެފައި ނުވަނީ ގަސްތެއްނެތި ލިޔެވިފައިވާ ފާޅުކަން ބޮޑު ކުށަކުން ކަމަށްވުމާއި، ޤާނޫނު ހަދާ ފަރާތަށް ޤާނޫނު އެކަށައެޅުމުގެ ކުރިން އެ ކުށް ފެނުނުނަމަ އެ ކުށް އިސްލާހު ކުރާނީ ކިހިނަކުންކަން ބަލައި، އެ ބީދައިން ޙައްލު ހޯދައި ދިނުމެވެ. (ޕެރ. 29)
ކޯޓުން ހޯދައިދޭ ޙައްލަކީ ޤާނޫނު މާނަކުރުމުގެ ތަރަހައިން ބޭރުވެ ޤާނޫނު އެކަށައެޅުމަކަށް ވެގެން ނުވާނެއެވެ. (ޕެރ. 29.3)
ޤާނޫނު ލިޔުމުގައި ހުންނަ ކުށްތައް (Scrivener’s error) އިޞްލާޙު ކުރުމުގެ މަފްހޫމުގެ ތެރެއިން ހޯދާ ޙައްލު ބިނާވެފައިވަނީ ޤާނޫނުގައި އޮންނަ ކުށް ލަފުޒު ނުވަތަ ޢިބާރާތުގެ މައްޗަށް ކަމަށްވުމުން، އެ ޙައްލަކީ ހަމައެކަނި އެ ޙަވާލާ ދީފައިވާ ކަންކަމަށް ފޯރުކޮށްދެވޭ ޙައްލެކެވެ. (ޕެރ. 43)
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއަށް ޢަމަލު ނުކުރެވުމުގެ ސަބަބުން ނުކުންނާނެ ފުރަތަމަ ނަތީޖާއަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންވެފައިވާ ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤަށް ހުރަސް އެޅުމެވެ؛ މި ފަދައިން ހުރަސް އެޅޭ ސަބަބަކީ ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރުމަށްޓަކައި ބޭނުންވާ އެންމެ އަސާސީ އެއްކަންތައް ކަމުގައިވާ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެކި ވަޒަން ކުރެވޭނެ މަގު ބަންދުވުމެވެ. (ޕެރ. 37.1)
ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނެގުމުގެ އިޖުރާއަތެއް ޤާނޫނުގައި ބަޔާންކުރުމުގެ ބޭނުމަކީ ހެކިބަސް ދިނުމުގެ ސަބަބުން ހެކިބަސް ދޭ މީހާގެ ފުރާނައަށް ނުވަތަ މުދަލަކަށް ލިބިދާނެ ގެއްލުމަކުން އޭނާ ސަލާމަތް ކޮށްދިނުމެވެ. މި ފަދައިން ރައްކާތެރިކަން ލިބިފައިވުމަކީ ހެކިބަސް ދޭ މީހާގެ ޙައްޤެކެވެ. (ޕެރ. 37.2)
ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގެ އިޖުރާއަތު ފުރަތަމަ ފަހަރަށް ރާއްޖޭގެ ޤާނޫނެއްގައި ލިޔެވުނު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ތަފުސީލީ އިޖުރާއަތެއް ތަޢާރަފުކޮށް އެކަމުގެ މަންފާ ހޯދައި ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ ނިޔަތެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤްޞަދު ހާސިލުނުވާނެ ގޮތަކަށް އެ ޤާނޫނުގެ 149 ވަނަ މާއްދާ މާނަކުރުމަކީ ޤާނޫނު މާނަކުރުމުގެ ހަމަތައް ހުއްދަ ކުރާ ކަމެއް ނޫނެވެ. (ޕެރ. 37.4)
ކުރިމަތިވެފައިވާ ޤާނޫނީ ހުސްކަމަށް ޤާނޫނު އެކުލަވާލުމުގެ ތެރެއިން ފަރުވާ ކުރުމަކީ ކޯޓުތަކަށް ކުރެވޭނެ ކަމެއްނޫނެވެ. އެ މާއްދާ އިޞްލާޙުކުރެވޭނީ ނުވަތަ ޤާނޫނަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. (ޕެރ. 40.2)
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައިވަނީ ދެ ކަމެއްގައެވެ: ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމަށް ބަޔާންކޮށްފައިވާ ޙާލަތްތަކާއި، އެފަދައިން ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކެވެ. (ޕެރ. 44، 46)
ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމަށް ރިޢާޔަތް ކުރެވިދާނެ ޙާލަތްތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެކި މާއްދާތަކުގައި ބަޔާންވެފައިވެއެވެ؛ މި ގޮތުން ހެކިބަސް ދޭންހުރި މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ ޢާއިލާއަށް ގެއްލުން ދީފާނެކަމުގެ އިންޒާރު ނުވަތަ މަޢުލޫމާތު ލިބިފައިވުމާއި، ހެކި ހާމަކުރުމުގެ އުސޫލުތަކުން އިސްތިސްނާކޮށް ހެކި ހާމަ ނުކުރުމަށް ނުވަތަ ހާމަ ކުރުން ފަސްކުރުމަށް ނުވަތަ ކަނޑައެޅޭ ވަކި ޝަރުޠުތަކެއްގެ މަތިން ހާމަކުރުމަށް ކޯޓުން އެންގުމުގައި ބަލަންޖެހޭ ކަންތައްތައް (ޖިސްމާނީ ނުވަތަ އެކަށީގެންވާ ބޮޑު އިޤްތިޞާދީ ގެއްލުމެއް ލިބުން، ކަމަކަށް މަޖުބޫރު ކުރުން، ތަޙްޤީޤަށް ހުރަސް އެޅުން، ހެއްކެއްގެ އަސްލު އޮޅުވާލުން، ހެކި ނައްތާލުން، ހަލާކުކޮށްލުން، ގެއްލުވާލުން ފަދަ) ހިމެނެއެވެ. (ޕެރ. 44.2)
ހެކިބަސް ދޭ މީހުން ޙިމާޔަތްކޮށް، ރައްކާތެރިކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައި ނުވާ ގޮތްތަކެވެ. ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ހެކިބަސް ދޭ މީހުންނަށް ޙިމާޔަތްދީގެން ހެކިބަސް ނެގުމުގައި ޢަމަލުކުރާ ގޮތްތަކަކީ: ހެކިވެރިޔާއަކީ ކާކުކަން ހާމަނުވާގޮތަށް އެ މީހާގެ އަޑު ބަދަލު ކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮނުވައިދޭ ވަސީލަތެއްގެ ޛަރީޢާއިން ހެކިވެރިޔާއާ ސުވާލުކޮށް ހެކިބަސް ނެގުމާއި، ހެކިވެރިޔާއަކީ ކާކުކަން ހާމަނުވާ ގޮތަށް ހަމައެކަނި މަންޒަރު ބަދަލު ކުރުމަށްފަހު ވީޑިއޯގެ ޛަރީޢާއިން ސުވާލުކޮށް ހެކިބަސް ނެގުމާއި، ޝަރީޢަތުގެ ކުރިން ނަގާފައިވާ ހެކިބަސް ބޭނުން ކުރުމާއި، އެ ހެކިވެރިޔަކު ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުން ލިބިދޭ ހެއްކަށް ރިޢާޔަތްކުރުމެވެ. (ޕެރ. 48)
ހެކިބަސް ދޭ މީހުންނަށް ޙިމާޔަތް ދީގެން ހެކިބަސް ނުނެގި ދިއުމަކީ އަސާސީ ހައްޤުތަކެއް ގެއްލިގެން ގޮސްދާނެ ކަމެއްކަމުގައިވާތީ، އަސާސީ ޙައްޤުތައް ލިބިދިނުމުގައި ރިޢާޔަތް ކުރަންޖެހޭނެކަމަށް ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ކަންކަމަށް ރިޢާޔަތްކޮށްގެން ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނެގޭނެ އިޖުރާއަތެއް އޮތްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ. (ޕެރ. 47)
ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނެގުމަށްޓަކައި ގޮތެއް ފަނޑިޔާރު އިޚްތިޔާރު ކުރުމުގައި، މިފަދައިން ހެކިބަސް ނެގުމަށް ޝަރީޢަތް ފެށުމުގެ ކުރިން ހުށަހެޅިއްޖެނަމަ، އެ ހުށަހެޅުމާމެދު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ވާހަކަ ދައްކައި އެ ފަރާތުން ދެކޭ ގޮތް ހާމަކުރުމަށް ފުރުސަތު ދޭންވާނެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވާ ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތް ކުރަންވާނެއެވެ. (ޕެރ. 49)
ޤާނޫނެއް ހެދިފައިނެތުމަކީ، ޤާނޫނުއަސާސީގައި ބަޔާންކޮށްދީފައިވާ އަސާސީ ޙައްޤުތަކާ މިނިވަންކަމަށް ބުރުލެއް އަރާފަދަ ޢަމަލެއް ހުއްދަ ކުރެވޭނެ ކަމަކަށް ނުވެއެވެ؛ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ މުޅި ދައުލަތުގެ ވާޖިބެކެވެ. (ޕެރ. 50)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 (ނ)، 79، 83 (ނ)، 119 (ހ) ގެ 05 ވަނަ ނަންބަރު، 123 (ރ)، 126، 128، 131، 134، 137، 145 (ނ)، 147 އަދި 149 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 އަދި 44 ވަނަ މާއްދާ
- 2018/HC-A/387 (ހައިކޯޓު)
- 2013/HC-A/163 (ހައިކޯޓު)
- 2018/HC-A/364 (ހައިކޯޓު)
- 2015/HC-A/286 (ހައިކޯޓު)
- 2018/HC-A/178 (ހައިކޯޓު)
- 2018/HC-A/312 (ހައިކޯޓު)
ފަނޑިޔާރުން
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ، ޢަބްދުﷲ ސަޢީދު ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 530 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. މި ދަޢުވާ އުފުލާފައިވަނީ 06 ފެބްރުއަރީ 2018 ދުވަހު 03:29 އެހައިކަށްހައިއިރު، ޢަބްދުﷲ ސަޢީދު ސުޕްރީމް ކޯޓުގެ ތެރޭގައި ހުއްޓާ ޖިނާއީ ތުހުމަތުތަކެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޢަބްދުﷲ ސަޢީދުގެ ފޯނު ދިނުމަށް އެދުމުން އެ ފޯނު ދީފައި ނުވާތީއެވެ.
2ޢަބްދުﷲ ސަޢީދުގެ ފޯނު ދިނުމަށް ފުލުހުން އެދިފައިވަނީ ޤާނޫނީ ގޮތުން ދިވެހިރާއްޖޭގައި އުފެދުނު ސަރުކާރު ޤާނޫނާ ޚިލާފަށް ބަދަލު ކުރުމަށް އިތުރު ބަޔަކާ ގުޅިގެން މަސައްކަތްކޮށް، ޝަރީޢަތުގެ ޙުކުމްތައް އެކި މީސްމީހުން ބޭނުންވާގޮތަށް ކުރުމަށްޓަކައި، އެ މީސްމީހުންގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ޤާނޫނު ހިންގުމަށާއި، ދައުލަތުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ، ޢަބްދުﷲ ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅޭ ހެކި އެ ފޯނުގައި ހުންނާނޭ ކަމަށް ބެލެވޭތީއެވެ.
3ކްރިމިނަލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 241/Cr-C/2018 ޤަޟިއްޔާއިންނެވެ. އަދި އެ ކޯޓުން ދައުލަތުން ކުރި ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން 01 އަހަރާއި 07 މަހާއި 06 ދުވަހުގެ މުއްދަތަށް ޢަބްދުﷲ ސަޢީދު ޖަލަށް ލުމަށް ނިންމާފައިވެއެވެ.
4ކްރިމިނަލް ކޯޓުގެ މި ނިންމުން ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އެ ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2018/HC-A/387 ޤަޟިއްޔާއިންނެވެ.
5ދިވެހިރާއްޖޭގެ ހައިކޯޓުގައި ޢަބްދުﷲ ސަޢީދުގެ ފަރާތުން ފާހަގަކުރި ކަންކަމުގެ މައްޗަށް ބަލައި، އެ ކޯޓުން ކްރިމިނަލް ކޯޓުގެ ނަންބަރު 241/Cr-C/2018 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްފައިވެއެވެ.
6މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/387 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ ނަންބަރުގެ (ނ) ގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމާމެދު ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ނުކުތާ ބަލައި ކަނޑައެޅި ނިޔާއެވެ.
އިސްތިއުނާފު ކުރެވޭ މައްސަލަ ކްރިމިނަލް ކޯޓުން ނިންމި ގޮތް
7ކްރިމިނަލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 241/Cr-C/2018 ޤަޟިއްޔާއިންނެވެ.
8ކްރިމިނަލް ކޯޓުގައި ޢަބްދުﷲ ސަޢީދުގެ މައްޗަށް އުފުލުނު ދަޢުވާއަށް އޭނާ އިންކާރު ކުރިއެވެ. ވުމާއެކު، މި ދަޢުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުން ހެކި ހުށަހަޅާފައިވެއެވެ. މި ހެކިތަކުގެ ތެރޭގައި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައިވާ ފަދައިން ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ދިނުމަށްޓަކައި ތިން ހެއްކަކު ދައުލަތުން ހުށަހަޅާފައިވެއެވެ.
9މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި އަންނަނިވި ދެ ހުށަހެޅުން ހިމެނިފައިވެއެވެ.
9.1 ފުރަތަމަ ހުށަހެޅުމަކީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރުގެ ދަށުން ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނަގައިދިނުމަށް ދައުލަތުން އެދިފައިވާ ހެކިންގެ ހެކިބަސް ނެގުން އެ ފަދައިން ހަމަޖައްސައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެވެ.
9.2 ދެވަނަ ހުށަހެޅުމަކީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ހުށަހެޅި ހެކިންތަކުގެ ތެރެއިން ހެކިވެރިޔާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނަގައިދިނުމަށް ދައުލަތުން އެދިފައިވާ ހެކި ރައްކާތެރިކޮށް ދިނުމަށްއެދި ހުށަހެޅި ހުށަހެޅުމެވެ.
10މި ބުނެވިދިޔަ ދެ ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން މައްސަލަ ބެލި ފަނޑިޔާރު އަންނަނިވި ފަދައިން ނިންމާފައިވެއެވެ.
10.1 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރުގެ ދަށުން ހެކިވެރިޔާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނަގައިދިނުމާމެދު ގޮތް ނިންމަމުން މައްސަލަ ބެލި ފަނޑިޔާރު ނިންމާފައިވަނީ "މި މައްސަލައިގައި ދައުލަތުން ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތާއި، އެ ފަރާތްތަކުގެ ބަޔާނާއި، އެ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަވާ އެއްވެސް ލިޔުމެއް ދަޢުވާ ލިބޭ ފަރާތަށް ދޫނުކުރާ ގޮތަށް ޝަރީޢަތުން ކަނޑައަޅަން." މި ފަދައިންނެވެ.
10.2 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ދައުލަތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން މައްސަލަ ބެލި ފަނޑިޔާރު ނިންމާފައިވަނީ، "ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން މި މައްސަލައިގައި ޝަރީޢަތުން ޙުކުމެއް ކުރަންދެން ހެކި ރައްކާތެރިކުރުމަށް އަމުރު ކޮށްފިން. މި ހިސާބުން ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ އެންމެހައި ހުށަހެޅުން ނިމުނީ. ދެން އޮންނާނީ މި މައްސަލައިގެ ޝަރީޢަތް ފެށުން." މި ފަދައިންނެވެ.
11ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދެވޭ ގޮތަށް ހެކިބަސް ނަގައިދިނުމަށް އެދި ދައުލަތުން ހުށަހެޅި ހެކިން ހިމެނޭ ގޮތުން ދައުލަތުން ޢަބްދުﷲ ސަޢީދާ ދެކޮޅަށް ހުށަހެޅި ހެކިން ޢަބްދުﷲ ސަޢީދާ ދެކޮޅަށް ހެކިބަސް ދީފައިވެއެވެ. އަދި ޢަބްދުﷲ ސަޢީދުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
12ޢަބްދުﷲ ސަޢީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން 01 އަހަރާއި 07 މަހާއި 06 ދުވަހުގެ މުއްދަތަށް ޢަބްދުﷲ ސަޢީދު ޖަލަށް ލުމަށް ނިންމާފައިވެއެވެ. އަދި ޢަބްދުﷲ ސަޢީދަށް ދިވެހިރާއްޖޭގައި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދައާއި، ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ދޫކޮށްފައިވާނަމަ، މި ޙުކުމް ތަންފީޛުކޮށް ނިމުމުން އެ ހުއްދަތަކާމެދު ކަމާބެހޭ އިދާރާއިން ވަކި ގޮތެއް ކަނޑައަޅަންދެން އެއިން އެއްވެސް ހުއްދައެއްގެ ދަށުން އެއްވެސް ޢަމަލެއް ނުކުރުމަށް ކްރިމިނަލް ކޯޓުން ޢަބްދުﷲ ސަޢީދުގެ މައްޗަށް އަމުރުކޮށްފައިވެއެވެ. މީގެ އިތުރުން މި އަމުރުގެ ފާޢިލިއްޔަތު (Effectiveness) ދެމެހެއްޓުމުގެ މަގުސަދަށްޓަކައި އެ ހުއްދަތައް ބާޠިލުވެއްޖެ ކަމުގައި ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވެއެވެ.
އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް
13ކްރިމިނަލް ކޯޓުގެ ނަންބަރު 214/Cr-C/2018 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޢަބްދުﷲ ސަޢީދުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު2018/HC-A/387 ޤަޟިއްޔާއިންނެވެ.
14ކްރިމިނަލް ކޯޓުގެ ނަންބަރު 241/Cr-C/2018 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި 09 (ނުވައެއް) ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ. އަދި މި ނުކުތާތަކުގެ ތެރޭގައި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 147 ވަނަ މާއްދާގެ (ހ) އާއި 149 ވަނަ މާއްދާއާ ޚިލާފަށް މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހެކިބަސް ނަގައި މި މައްސަލަ އެ ކޯޓުން ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ ހިމެނެއެވެ.
15ބުނެވިދިޔަ ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.
15-1 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/163 ޤަޟިއްޔާގައި ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ދަޢުވާކުރެވޭ މައްސަލަތަކާ ގުޅިގެން ހެކިބަސް ދޭ ހެކިންގެ ނަފްސަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެކަމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮވެފައި، އެ ހެކިންގެ ހެކިބަހަކީ މައްސަލައަށް މުހިންމު ހެކިބަހެއް ކަމުގައިވާނަމަ، މުއްތަހަމާއި ހެކިވެރިޔާ އެކަކު އަނެކަކަށް ފެންނަ ގޮތުން އެއް ހާޒިރަކަށް ނުގެނެސް، ހެކިބަސް އަދާކުރަނީ ކާކުކަން މުއްތަހަމަށް ނޭނގޭ ގޮތަށް ހެކިބަސް ނެގިކަމުގައި ވީނަމަވެސް، ޝަރީޢަތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވިދާނެ ކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި ހެކިބަސް ދޭ މީހުންގެ މަޢުލޫމާތުތައް ސިއްރު ކުރެވިދާނެ ކަމަށް ކަނޑައަޅާފައިވާކަން.
15-2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/364 ޤަޟިއްޔާގައި ސިއްރު ހެކިންގެ ކިބައިގައި ހުރުން ލާޒިމުވާ ޝަރުޠުތަކާއި، ހެކިން ދޭ ހެކިބަހަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ބަލައިގަނެވޭނެ ފަދަ ނަޒާހަތްތެރި ހެކިންގެ ފަރާތުން ނެގިފައިވާ ހެކިބަހެއްކަން ޝަރީޢަތުގެ އަމިއްލަ އިސްނެގުމަށް އެކަން މައްސަލަ ބަލާ ފަނޑިޔާރު ކަށަވަރު ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާކަން.
15-3 ޢަބްދުﷲ ސަޢީދާ ދެކޮޅަށް މި މައްސަލައިގައި ހެކިބަސް ދީފައިވާ ހެކިންގެ ތެރެއިން ތިން ހެކިންގެ ހެކިބަސް ނަގާފައިވަނީ އެއީ ކޮންބައެއްކަން ނޭނގޭ ގޮތަށް ކަމަށްވެފައި އެ ފަރާތްތަކުގެ ނަޒާހަތްތެރިކަމާއި، ޢަދުލުވެރިކަމާއި، މި ނޫންވެސް ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ޝަރީޢަތުން ކަށަވަރުކޮށްފައިވާ ގޮތެއް އެނގެން ނެތްކަން.
15-4 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ހެކިން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުނުކޮށް ހެކިބަސް ދެނީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައި އޮންނަންޖެހޭ ޙާލަތްތަކުގައި، އަދި އެ ޤާނޫނުގައި ހެކިބަސް ދޭ މީހުން ޙިމާޔަތްކޮށް ރައްކާތެރި ކުރެވޭ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައި އޮންނަންޖެހޭ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގައި ހެކިބަސް ދޭ މީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނުވަތަ ގޮތްތަކެއް ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނަކަން.
16މަތީގައި ބުނެވިދިޔަ ކަންކަން ފާހަގަ ކުރުމަށްފަހު، ޢަބްދުﷲ ސަޢީދާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި ހެކިބަސް ދެނީ ކާކުކަން ނޭނގޭ ގޮތަށް ސިއްރު ހެކީންގެ ގޮތުގައި ތިން ހެކީންގެ ހެކިބަސް ނަގާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށް ކަމުގައި ބެލެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވެއެވެ.
17ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރި ކަންކަމަށް ބަލައި، އިސްތިއުނާފު ކުރެވޭ މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނަންބަރު 241/Cr-C/2018 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާއާއި އެ ނުކުތާއަށް ދީފައިވާ ރައްދު
18ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/387 ޤަޟިއްޔާ އެ ކޯޓުން ނިންމި ގޮތް ޤާނޫނާ ޚިލާފުކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވާހަކަ ދައްކާފައިވަނީ އެންމެ ނުކުތާއަކާ މެދުގައެވެ. އެ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/387 ޤަޟިއްޔާ ނިންމުމުގައި އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ ނަންބަރުގެ (ނ) ގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 241/Cr-C/2018 ޤަޟިއްޔާގައި ސިއްރު ހެކިންގެ ހެކިބަސް ނަގާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށް ކަމުގައި ބެލެވެން ނެތްކަމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ދެކޭ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
19މަތީގައި ބުނެވިދިޔަ ނުކުތާ ތަފުސީލު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައި ވެއެވެ.
19-1 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) ގައި، އެ ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، "ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތައް ވީހާވެސް އިންޞާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައެޅުން" ހިމަނާފައިވާއިރު، އެ މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި، އެ ޤާނޫނުގައި ސިއްރު ހެކިންގެ ހެކިބަސް ނެގުމާ ގުޅޭ އިޖުރާއަތު އެ ޤާނޫނުގެ 14 ވަނަ ބާބުގައާއި، 119 ވަނަ މާއްދާއާއި 131 ވަނަ މާއްދާއާއި 134 ވަނަ މާއްދާއާއި 147 ވަނަ މާއްދާއާއި 149 ވަނަ މާއްދާގައި ބަޔާންވެފައިވާކަން.
19-2 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ކްރިމިނަލް ކޯޓުގެ ނަންބަރު241/Cr-C/2018 ޤަޟިއްޔާއާ ގުޅިގެން 80 މޭ 2018 ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން 03 ހެކިންގެ ހެކިބަސް، ސިއްރު ކޮށްގެން ނަގައިދިނުމަށް އެދި ހުށަހަޅާފައިވާނެ ކަމާއި، އެ ހުށަހެޅުމާ ގުޅިގެން، 29 މޭ 2018 ދުވަހު ބޭއްވުނު އަޑުއެހުމުގައި، އެ ހެކިންގެ ހެކިބަސް ސިއްރުން ނެގުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވާކަން.
19-3 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި ހެކި ހާމަކުރުމަކީ އިންޞާފުވެރިގޮތް ކަމަށް ނުފެންނަނަމަ، ހެކި ހާމަ ނުކުރުމަށް ނުވަތަ ހާމަކުރުން ފަސްކުރުމަށް، ނުވަތަ ކަނޑައެޅޭ ވަކި ޝަރުޠުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިޚްތިޔާރު ކޯޓަށް ލިބި ދީފައިވާއިރު، މި އިޚްތިޔާރުތަކުގެ ބޭނުން ހިފައި ހެކި ހާމަކުރުމާމެދު ވަގުތީ އަމުރަކާއި ދާއިމީ އަމުރެއް ނެރުމުގެ އިޚްތިޔާރު، އެ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަން، އެ މާއްދާއަށް ބެލުމުން އެނގޭކަން.
19-4 ކްރިމިނަލް ކޯޓުގެ ނަންބަރު 241/Cr-C/2018 ޤަޟިއްޔާއާ ގުޅިގެން 08 މޭ 2018 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ވަނަ މާއްދާގެ (ނ) ގެ 1 އަދި 3 ވަނަ ނަންބަރުގެ ދަށުން ހެކި ހާމަނުކުރުމަށް ދައުލަތުގެ ފަރާތުން އެދިފައިވާނެކަމާއި، އެކަމާ ގުޅިގެން ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެފައިވާކަން.
19-5 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 126 ވަނަ މާއްދާގައި "މި ޤާނޫނުގެ ދަށުން ނުވަތަ ކޯޓުގެ އަމުރަކުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ ދަށުން ނަގާ ހެކިބަސް ނަގަންވާނީ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ނެގުމުގައި ޢަމަލުކުރުމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ." މި ފަދައިން ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ހެކިބަސް ނަގާފައިވާ ގޮތް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ތަކުޔީފު ކޮށްފައި އޮތީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149 ވަނަ މާއްދާގެ ދަށުން ނެގުނު ހެކިބަހެއްގެ ގޮތުގައިކަން. ނަމަވެސް، މި މައްސަލައިގައި ދައުލަތުން، ޝަރީޢަތް ފެށުމުގެ ކުރިން، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި، ސިއްރު ހެކި ނެގުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން، މައްސަލަ ބެލި ފަނޑިޔާރު ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، އަދި އެކަމުގެ މައްޗަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދަޢުވާ ލިބޭ ފަރާތަށްވެސް ލިބިދިނުމަށްފަހު، ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެފައިވާއިރު، މި ޙާލަތުގައި، މި މައްސަލައިގައި ތަޠުބީޤް ކޮށްފައިވަނީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 126 ވަނަ މާއްދާގައި އޮތް ގޮތަށް، ކޯޓު އަމުރަކުން އެހެން ގޮތަކަށް ކަނޑައަޅައިގެންކަން ސާފުކޮށް އެނގޭކަމާއި، އެ ޤާނޫނުގެ 149 ވަނަ މާއްދާގައި އޮތީ، އެފަދަ އަމުރެއް ނެތްނަމަ ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލުގެ ވާހަކަކަން.
19-6 ސިއްރު ހެކިންގެ ހެކިބަސް ނެގުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބަލައިގެންފައިވާ ޖާއިޒު ކަމެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/163 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2015/HC-A/286 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު2018/HC-A/178 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2018/HC-A/312 ޤަޟިއްޔާއިން އެނގޭކަން.
19-7 އިސްތިއުނާފު ކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/387 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) ގައި، "ހެކިބަސް ދެނީ ކާކުކަން ކުށުގެ ތުހުމަތުގައިވާ މީހާއަށް ދެނެގަނެވޭނެ ގޮތެއް ނެތަތީ ހެކިންގެ ކިބައިގައި ހުރުން ލާޒިމްވާ ޝަރުޠުތަކާއި، ހެކިން ދޭ ހެކިބަހަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ބަލައިގަނެވޭނެ ފަދަ ޢަދުލުވެރި ހެކިންގެ ފަރާތުން ނެގޭ ހެކިބަހެއްކަން ޝަރީޢަތުން ކަށަވަރު ކުރަންޖެހޭނެ ކަމާއި، މިކަން އެންމެ ރަނގަޅަށް ކަށަވަރު ކުރެވޭނީ ކުށުގެ ތުހުމަތުގައިވާ މީހާއަށް އޭނާއާ ދެކޮޅަށް ހެކިބަސް ދެނީ ކާކުކަން އެނގި އެ ދެ ފަރާތުގެ މެދުގައިވާ ވިޔަފާރީގެ ނުވަތަ ޢާއިލީ ނުވަތަ ޙަސަދަވެރިކަމާއި ރުޅިވެރިކަން ފަދަ ޙާލަތްތަކާއި ގުޅުންތައް ވާނަމަ އެކަން ޝަރީޢަތަށް ހާމަކުރުމުގެ ފުރުޞަތު މުއްތަހަމަށް ލިބިދީގެންކަމީ ޢާންމު ވިސްނުމަކުން ވިސްނާލުމުންވެސް އެނގެން އޮތް ހަމައެއްކަމާއި، ނަމަވެސް މި މައްސަލައިގައި ޢަބްދުﷲ ސަޢީދާ ދެކޮޅަށް ހެކިބަސް ދޭންތިބި ހެކިންގެ ތެރެއިން ތިން ހެކިންގެ ހެކިބަސް ނަގާފައިވަނީ އެއީ ކޮންބައެއްކަން ނޭނގޭ ގޮތަށް ކަމަށްވެފައި، އެ ފަރާތްތަކުގެ ނަޒާހާތްތެރިކަމާއި، ޢަދުލުވެރިކަމާއި، މިނޫންވެސް ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ޝަރީޢަތުން ކަށަވަރު ކޮށްފައިވާކަން އެނގެންނެތް" ކަމަށް ބަޔާން ކޮށްފައިވާއިރު، ސިއްރު ހެކިން ހުށަހަޅާ ޙާލަތުގައި، ހެކިންނަކީ ކޮން ބައެއްކަމާއި، އެ ހެކިންނާ ދަޢުވާ ލިބޭ ފަރާތާ އޮތް ގުޅުމާއި، މިކަންކަން ކަށަވަރު ކުރުމުގެ ނިޒާމަކީ ޤާނޫނުގައި ކަނޑައަޅައިފައިވާ ނިޒާމެއްކަން (ހެކި ރައްކާތެރިކުރުމުގެ އަމުރާއި، ހެކި ހާމަކުރުމުގެ އުޞޫލުތަކުގެ ގޮތުގައި މި ޤާނޫނުގައި ކަނޑައަޅައިފައިވާ އުޞޫލުތައް) މި ޤާނޫނު އެއްކޮށް ބަލައި ކިޔުމުން އެނގޭކަމާއި، ވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރެއްވި ކަންކަން، ޤާނޫނުގައިވާ ގޮތުގެމަތިން ދަށު ކޯޓު މަރުޙަލާގައި ބެލިފައިވާކަން ޔަޤީންވާކަން.
19-8 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149 ވަނަ މާއްދާގައި، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާދީފައިވަނީ އެ ޤާނޫނާއެކު، ހެއްކާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޢަމަލު ކުރުމުގެ މަޤުޞަދުގައި ކަމާއި، ނަމަވެސް ހެއްކާބެހޭ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ނުވާކަމާއި، އަދި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް އިޞްލާޙެއްވެސް ގެނެސްފައި ނުވާކަން.
19-9 ދައުލަތުގެ ފަރާތުން ހެކިބަސް ދޭ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދެވޭ ގޮތަށް ހެކިބަސް ނަގައިދިނުމަށް އެދެނީ ގެވެށިއަނިޔާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، ޤާނޫނުއަސާސީގެ 131 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކުރުމަށް ބަންޑާރަނައިބު ކަނޑައަޅާފައިވާ މައިގަނޑު ސިޔާސަތުގެ ދަށުން އެފަދައިން ހެކިބަސް ނެގުމަށް ކަނޑައެޅިފައިވާ މައްސަލަތަކުގައި އެކަނިކަން.
19-10 ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ހެކިބަސް ވަކި ގޮތަކަށް ނަގައިދިނުމަށް އެދޭ ޙާލަތުގައި އެކަމާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު ދަޢުވާ ލިބޭ ފަރާތަށް ލިބޭނެ ކަމާއި، އެކަން ކުރަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ ދަށުން ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުޙަލާގައިކަން.
20ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަމުން ހުށަހެޅި ނުކުތާއާ ގުޅިގެން ޖަވާބުދާރީވުމަށް މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަށް އެރުވުނު ފުރުސަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާއާއި، އެ ނުކުތާ ތަފުސީލު ކުރަމުން ހުށަހަޅާފައިވާ ކަންކަމާގުޅޭ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ވާހަކަ ދައްކާފައިނުވެއެވެ. ނަމަވެސް، ސިއްރު ހެކިބަހާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ ކަންކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާގެ ރޭޝިއޯ ޑެސިޑެންޑީގެ (Ratio decidendi) ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ނޫންކަމާއި، އެ ނުކުތާއަކީ އޮބިޓަރ ޑިކްޓަމް (Obiter dictum) ގެ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލު
21ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/387 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ ނަންބަރުގެ (ނ) ގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149 ވަނަ މާއްދާ ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްފައިވާ ގޮތުންނާއި، އެ މާއްދާ ޤާނޫނުގައި ލިޔެވިފައި އޮތް ގޮތުން އެ ޤާނޫނުގެ ދަށުން ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގިދާނެކަން ނުވަތަ ނޫންކަމެވެ.
22މި ސުވާލުގެ ޖަވާބު ހޯދުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/387 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ ނަންބަރުގެ (ނ) ގައި، ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ނިންމި ގޮތް ޤާނޫނާ ޚިލާފުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދެކޭ ކަންކަމުގެ ތެރެއިން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ މަޤުޞަދަށާއި، އެ ޤާނޫނުގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބި ދިނުމަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކި މަރުޙަލާތަކުގައި ޢަމަލުކުރާނެ ގޮތް ބަޔާން ކޮށްފައިވާ އުސޫލުތަކަށާއި، އެ ޤާނޫނުގައި، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައިވާ ޙަވާލާ ދިނުންތަކާއި، މި ފަދައިން ޙަވާލާ ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ގޯހެއް ހެދިފައިވާނަމަ އެ ގޯހަކީ ކޮބައިކަމާއި، އެ ޤާނޫނުގެ 149 ވަނަ މާއްދާ ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްދީފައިވާ ގޮތުން ނުކުންނާނެ ކަމަށް ފެންނަ ނަތީޖާތަކާއި، އެ މާއްދާއަށް ޤާނޫނު މާނަކުރުމުގެ ތެރެއިން ފަރުވާއެއް ލިބިދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަން ޖެހެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޙަވާލާ ދީފައިވާ ޤާނޫނުގެ މާއްދާތައް
23HN1HN3އިސްތިއުނާފު ކުރެވޭ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމަށް ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމުން ރަނގަޅު ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތަފާތު އެކި މާއްދާތަކަށް ޙަވާލާ ދީފައިވެއެވެ. ތިރީގައި މި ބަޔާންކުރަނީ އެ މާއްދާތަކުގެ ތަފުސީލެވެ.
23.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤުޞަދުތައް
23.1.1 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދެކޭ ގޮތުގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބި ދެވޭނެ އުސޫލުތައް ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ހިމެނިފައިވަނީ އެ ޤާނޫނުގެ މަޤުޞަދުތަކުގެ ތެރެއިން އެ ޤާނޫނުގެ 02 ވަނަ މާއްދާގެ (ނ) ގައިވާ މަޤުޞަދު ޙާސިލު ކުރުމުގެ ގޮތުންނެވެ.
23.1.2 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޙަވާލާދޭ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ނ) ގައި އޮތީ "ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތައް ވީހާވެސް އިންޞާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ." މި ފަދައިންނެވެ.
23.1.3 ބުނެވިދިޔަ މަޤުޞަދު ޤާނޫނުގައި ހިމެނިފައިވަނީ މުހިންމު ދެ ކަމަކަށް އަހައްމިއްޔަތުކަން ދީގެންކަން ފާހަގަ ކުރެވެއެވެ. ފުރަތަމަ ކަމަކީ، ވީހާވެސް އިންސާފުވެރިކޮށް ޝަރީޢަތް ކުރުމުގެ އުސޫލުތައް އެކަށައެޅުމެވެ. ދެވަނަ ކަމަކީ، އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތްތައް ހިންގުމަށް ބޭނުންވާ އުސޫލުތައް އެކަށައެޅުމެވެ.
23.2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 79 ވަނަ މާއްދާ
23.2.1 މި މާއްދާގައި އޮންނަނީ، "ޖިނާއީ މައްސަލައެއްގައި ހެކިބަސް ދޭންހުރި މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ ޢާއިލާއަށް ގެއްލުންދީފާނެކަމުގެ އިންޒާރު ނުވަތަ މަޢުލޫމާތު ލިބިފައިވާނަމަ، ހެކިބަސް ދޭންހުރި މީހަކީ ކާކުކަން ހާމަނުކޮށް، އޭނާއާގުޅޭ މަޢުލޫމާތު ޤާނޫނު ތަންފީޛުކުރާ އިދާރާއިން ސިއްރުކުރަންވާނެއެވެ. އަދި ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެފަދަ މައްސަލަތައް ފޮނުވާއިރު، ހެކިބަސް ދޭންހުރި މީހާގެ މަޢުލޫމާތު ހިމެނޭ ލިޔުންތައް ފޮނުވަންވާނީ ސިއްރު ލިޔުންތަކެއްގެ ގޮތުގައެވެ." މި ފަދައިންނެވެ.
23.2.2 މި މާއްދާއަކީ ހެކިބަސް ދޭންހުރި މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ ޢާއިލާއަށް ގެއްލުން ދީފާނެކަމުގެ އިންޒާރު ތަޙްޤީޤު އިދާރާއަށް ލިބޭ ޙާލަތުގައި އެ މީހާގެ މަޢުލޫމާތާމެދު ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ޢަމަލުކުރަންޖެހޭ އުސޫލު ބަޔާންކުރާ މާއްދާއެވެ. މި މާއްދާގެ ދަށުން ތަންފީޛީ އިދާރާތަކުން އެފަދަ މަޢުލޫމާތު ސިއްރުކުރުމާއެކު، ދަޢުވާ ކުރުމަށްޓަކައި އެ މައްސަލަތަކުގެ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާއިރު ސިއްރު ލިޔުންތަކެއްގެ ގޮތުގައި އެ ލިޔުންތައް ފޮނުވުން ލާޒިމްވެއެވެ.
23.3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ނ)
23.3.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގައި ބަޔާންވެފައިވަނީ ޖިނާއީ މައްސަލައެއްގެ ދަޢުވާ ކޯޓަށް ހުށަހަޅާއިރު ޢަމަލު ކުރަންޖެހޭ އުސޫލުތަކެވެ. މި ގޮތުން ދަޢުވާ ހުށަހަޅާއިރު، ޢާންމު އުސޫލެއްގެ ގޮތުން އެ ދަޢުވާއާއެކު ދަޢުވާ ސާބިތު ކުރުމަށް ބޭނުންވާ ހެކި ހުށަހެޅުން މި މާއްދާ ލާޒިމު ކުރެއެވެ.
23.3.2 މި މާއްދާގެ (ނ) ގައި އޮތީ، "ދައުލަތުން ދަޢުވާއެއް ސާބިތުކުރަން ހުށަހަޅާ ހެކީގެ ތެރޭގައި ޝަފަހީ ހެކި ހިމެނޭނަމަ، ހެކިބަސް ދޭ މީހާއަށް ޙިމާޔަތްދިނުމަށް އެދޭ ޙާލަތުގައި މެނުވީ، އެ ހެކިބަސް ދޭ މީހާ ނުވަތަ މީހުންގެ ތަފްޞީލު ދަޢުވާ ފޯމުގައި ދޭންވާނެއެވެ." މި ފަދައިންނެވެ.
23.3.3 މަތީގައި ބުނެވިދިޔަ އަކުރުގައި ބަޔާންވެފައި އެވަނީ ދަޢުވާއާއެކު ހެކީގެ ތަފުސީލު ކޯޓާ ހިއްސާކުރުމުގެ ޢާންމު އުސޫލުގެ އިސްތިސްނާއެކެވެ. މި އިސްތިސްނާގެ ދަށުން ދައުލަތުން ދަޢުވާއެއް ސާބިތުކުރަން ހުށަހަޅާ ހެކީގެ ތެރޭގައި ޝަފަހީ ހެކި ހިމެނޭނަމަ، ހެކިބަސް ދޭ މީހާއަށް ޙިމާޔަތްދިނުމަށް އެދޭ ޙާލަތުގައި، އެ ހެކިބަސް ދޭ މީހާ ނުވަތަ މީހުންގެ ތަފްޞީލު ދަޢުވާ ފޯމުގައި ހިމަނައިގެން ނުވާނެއެވެ.
23.4 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރު
23.4.1 މި މާއްދާއަކީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހެޅޭނެ ހުށަހެޅުންތަކަކީ ކޮބައިކަމާއި، އެ ހުށަހެޅުންތައް ހުށަހެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ މާއްދާއެވެ. މި މާއްދާގެ (ހ) ގެ ދަށުން ހިމެނިފައިވާ ނަންބަރުތަކުގައިވަނީ މިފަދަ ހުށަހެޅުންތައް ލިސްޓްކުރެވިފައެވެ. އަދި (ހ) ގެ 05 ވަނަ ނަންބަރުގައި ވަނީ، "ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުން" މަކީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ކަމެއް ކަމަށް ބަޔާންކޮށްފައެވެ.
23.5 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 126 ވަނަ މާއްދާ
23.5.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 126 ވަނަ މާއްދާ ހިމެނިފައިވަނީ އެ ޤާނޫނުގެ 15 ވަނަ ބާބުގައެވެ. އެ ބާބަކީ ހެކިބަހުގެ ގޮތުގައި ފަހުން ބޭނުން ކުރުމަށް ބަޔާން ނެގުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ބާބެވެ.
23.5.2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 126 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ވަނީ، "މި ޤާނޫނުގެ ދަށުން ނުވަތަ ކޯޓުގެ އަމުރަކުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މި މާއްދާގެ ދަށުން ނަގާ ހެކިބަސް ނަގަންވާނީ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ނެގުމުގައި ޢަމަލުކުރުމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ހެކީންނާ ސުވާލުކުރުމުގެ ފުރުޞަތު، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ." މި ފަދައިންނެވެ.
23.5.3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 126 ވަނަ މާއްދާއާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރެވޭ މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމިއިރު، ޝަރީޢަތް ފެށުމުގެ ކުރިން ހެކިބަސް ދޭ މީހުންނަށް ހިމާޔަތް ލިބިދެވޭނެހެން ބައެއް ހެކިންގެ ހެކިބަސް ނަގައިދިނުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުމާމެދު ގޮތް ނިންމައި، ހެކި ރައްކާކުރުމުގެ އަމުރު ނެރެދިނުމުގައި ތަޠުބީޤުކޮށްފައިވަނީ މި މާއްދާކަމަށެވެ.
23.5.4 މި ބަޔާންކުރި ފަދައިން އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނަމަވެސް، ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާމެދު ގޮތް ކަނޑައެޅުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 126 ވަނަ މާއްދާ ތަޠުބީޤު ކުރިކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތެވެ.
23.5.5 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 126 ވަނަ މާއްދާއަކީ، ހެކި ބަހުގެ ގޮތުގައި ފަހުން ބޭނުން ކުރުމަށް ހެކިބަސް ނަގާނެ ގޮތް ބަޔާން ކޮށްފައިވާ މާއްދާއެވެ. ވުމާއެކު މިއީ ޚާއްޞަ ޙާލަތެއްގައި ބޭނުންކުރެވޭނެ މާއްދާއެކެވެ. މިކަން އެނގިގެން ދަނީ އެ މާއްދާގެ ނައްޞުގައި ޙަވާލާ ދީފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އަމުރު ކަމުގައިވާތީއާއި، ޢާންމު ޙާލަތުގައި ހެކިބަސް ނެގުމުގެ އުސޫލު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 147 ވަނަ މާއްދާގައި ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަ އޮތުމުންނެވެ.
23.6 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާ އާއި 134 ވަނަ މާއްދާ
23.6.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާއަކީ ޝަރީޢަތް ފެށުމުގެ ކުރިން ދައުލަތުން ހެކި ރައްކާތެރިކުރުމަށް ހުށަހެޅުމާއި، ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރުމުގައި ކޯޓުން ޢަމަލު ކުރާނެ އުސޫލުތަކާއި ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކުރާ މާއްދާއެވެ. އަދި މިފަދައިން ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކާއި، އެ ހުށަހެޅުންތަކާމެދު ގޮތް ނިންމުމުގައި ބަލަންޖެހޭ އިޖުރާއަތު ބަޔާންވެފައިވަނީ 134 ވަނަ މާއްދާގައެވެ.
23.6.2 އިސްތިއުނާފު މި ކުރެވޭ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މި މައްސަލަ ހިނގަމުންދިޔައިރު، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުން މި މާއްދާގެ ދަށުން ދައުލަތުން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވެއެވެ. އަދި އެ ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމާފައިވެއެވެ.
23.7 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 147 ވަނަ މާއްދާ
23.7.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 147 ވަނަ މާއްދާއަކީ ހެކިބަސް ނެގުމުގެ ޢާންމު އިޖުރާއަތު ބަޔާންކޮށްފައިވާ މާއްދާއެވެ. މި މާއްދާގައި ހެކިބަސް ނެގުމުގައި ކްރޮސް އެގްޒަމިނޭޝަނާއި، ރި-އެގްޒަމިނޭޝަނާއި، މިނޫންވެސް ހެކިބަސް ނެގުމުގައި ޢަމަލުކުރާނެ ޢާންމު ހުރިހާ އުސޫލުތަކެއް ބަޔާންވެފައިވެއެވެ.
23.7.2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 147 ވަނަ މާއްދާގައި ބަޔާންވެފައިވާ ހެކިބަސް ނެގުމުގެ ޢާންމު އުސޫލުގެ އިތުރަށް ޚާއްޞަ ޙާލަތްތަކުގައި ހެކިބަސް ނަގާނެ މައިގަނޑު ތިން އުސޫލެއް ތަޢާރަފު ކޮށްފައިވެއެވެ. އެއީ ހެކިބަހުގެ ގޮތުގައި ފަހުން ބޭނުންކުރުމަށް ބަޔާން ނެގުމުގެ އުސޫލުތަކާއި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުމުގެ އުސޫލުތަކާއި، ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގެ އުސޫލެވެ.
23.8 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާ
23.8.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ބަޔާންވެފައިވަނީ ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތެވެ. މި މާއްދާގެ (ހ) ގައި ބަޔާންވެފައި އޮންނަނީ، "ހެކިބަސް ނަގަންވާނީ ޝަރީޢަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް މި ޤާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، އަދި އެ ޤާނޫނުގައި ހެކިބަސް ދޭ މީހުން ޙިމާޔަތްކޮށް، ރައްކާތެރިކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ." މި ފަދައިންނެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައި އޮތުން
24ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ އިތުރުން އެ ޤާނޫނުގެ އެކި މާއްދާތަކުގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައިވެއެވެ. ތިރީގައި މިވަނީ އެ ފަދަ މާއްދާތަކެވެ.
24.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 128 ވަނަ މާއްދާ
މި މާއްދާއަކީ ހެކިބަހުގެ ގޮތުގައި ފަހުން ބޭނުން ކުރުމަށް ބަޔާން ނެގޭ ޙާލަތްތަކާއި އެކަމުގެ އިޖުރާއަތު ބަޔާން ކުރާ މާއްދާއެވެ. އަދި މި މާއްދާ ލާޒިމު ކުރަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގައިވާ ގޮތުގެމަތިން މިފަދަ ހެކިބަސް ނެގުމަށެވެ.
24.2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 137 ވަނަ މާއްދާ
މި މާއްދާއަކީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ ދަށުން ހުއްދަކުރެވިގެން ނުވާ ހެކިވެސް ހާމަކުރަން ޖެހޭނެކަން ބަޔާންކޮށްދޭ މާއްދާއެވެ. މި މާއްދާއިން ހެއްކާބެހޭ ޤާނޫނުގައި ޝަރީޢަތުގައި ޤަބޫލު ކުރެވޭ ހެއްކާއި އެނޫންހެކި، އަދި ހެއްކެއް ޝަރީޢަތަށް ޤަބޫލުކުރުމުގައި ބަލަންޖެހޭ ޤާނޫނަކީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ކަން ދޭހަކޮށްދެއެވެ.
24.3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ނ)
މި މާއްދާއަކީ ހެކި ހުށަހެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ މާއްދާއެވެ. އަދި މި މާއްދާގެ (ނ) ގައި ހެކި ހުށަހެޅުމުގައި ޢަމަލުކުރާނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ.
25ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައިވާއިރު، އެ ޤާނޫނަކީ 1976 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރެވެމުން އަންނަ ޤާނޫނެކެވެ. އަދި އެ ޤާނޫނުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި، އެ ޤާނޫނަށް ޙަވާލާ ދީފައިވާ އެއްވެސް ކަމެއްގެ ތަފުސީލު ބަޔާންވެފައި ނުވެއެވެ. އަދި ވަކިން ޚާއްޞަކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ޙަވާލާ ދީފައިވާ ކަންކަމުގެ ތަފުސީލެއް ބަޔާންވެފައި ނުވެއެވެ. އެ މާއްދާގައި ޙަވާލާ ދީފައިވާ ތަފުސީލު ބަޔާންވެފައި ނުވަނީ ހެކިވެރިންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދެވޭނެހެން ހެކިބަސް ނެގުމުގެ ބޭނުމެއް 1976 ވަނަ އަހަރުގައި ރާއްޖޭގައި ނެތުމުން އެކަމަކީ އެކަމަށް ޤާނޫނަކުން ހައްލެއް ހޯދަންޖެހިފައިވާ ކަމަކަށް ނުވުމެވެ.
26HN4މި ޙާލަތުގައި ރައްޔިތުންގެ މަޖިލީހުން 2016 އޭޕްރިލް 18 ވަނަ ދުވަހު ފާސްކުރި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޭގެ 39 އަހަރާއި 06 މަހާއި 24 ދުވަސް ކުރިން ފާސްކޮށްފައިވާ ޤާނޫނަކަށް ޙަވާލާ ދީފައި އޮތް އޮތުމަކީ، ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނު ލިޔުމުގައި ލިޔެވިފައިވާ ކުށެއް ކަމުގައި ބަލަންޖެހެއެވެ. އެހެނީ ރައްޔިތުންގެ މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު އެކަށައެޅި މަޤުޞަދު ހާސިލު ނުވާނޭހެން އެ ޤާނޫނުގައި އެ މަޖިލީހުން މާއްދާއެއް ހިމެނުމަކީ ޤާނޫނުން ޙައްލު ކުރުމަށް ބޭނުންވާ މައްސަލަ ޙައްލުވާނެ ކަމެއް ނޫނެވެ.
27މި ހިސާބުން އުފެދޭ ސުވާލަކީ، ޤާނޫނު އެކަށައަޅާ ފަރާތުން ޤާނޫނު ލިޔުމުގައި ލިޔެވޭ މިފަދަ ފާޅުކަންބޮޑު ކުށްތަކަށް ކޯޓުތަކުން ޤާނޫނު މާނަކުރުމުގެ ތެރެއިން އެއްވެސް ހައްލެއް ހޯދޭނެކަން ނުވަތަ ނޫންކަމެވެ. އަދި މިކަމަކީ ޙައްލެއް ދެވިދާނެކަމެއްނަމަ، ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނެގުމުގެ އިޖުރާއަތު ބަޔާންކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއަށް ފޯރުކޮށްދެވޭނެ ޙައްލަކީ ކޮބައިކަމެވެ.
ޤާނޫނު ލިޔުމުގައި ހުންނަ ކުށްތައް (Scrivener’s error) އިޞްލާޙު ކުރުން
28HN5ޤާނޫނު ލިޔުމުގައި ޤާނޫނު ހަދާ ފަރާތަށް މަދުން ނަމަވެސް، ލިޔުމުގެ ކުށްތައް ހިމަނައިގެން ޤާނޫނު އެކަށައަޅައި އެ ޤާނޫނުތަކަށް ޢަމަލު ކުރުމަށް ދޫކޮށްލެވެއެވެ. މިއީ ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކުން ފެންނަން ހުރި ކަމަކަށް ނުވިނަމަވެސް، މިފަދަ ޙާލަތުގައި އެކި ގައުމުތަކުގެ ކޯޓުތަކުން އެފަދަ ކުށްތަށް ދެނެގަނެ، ޤާނޫނު މާނަކޮށް، އެކަންކަމަށް ޙައްލު ހޯދައިދެއެވެ. މި ފަދައިން ޙައްލު ހޯދައިދޭ އެއް ސަބަބަކީ، ޤާނޫނު ހަދާ ފަރާތުން ޤާނޫނުގައި ބޭނުންކޮށްފައިވާ ޢާންމު ލަފުޒަކުން ނުވަތަ ސާފުނުވާ އިބާރާތަކުން އަސާސީ ޙައްޤެއް ގެއްލިގެން ދިޔަ ނުދިނުމެވެ. ވުމާއެކު ޤާނޫނުގައި ލިޔެވޭ ކުށްތަކަށް، ޤާނޫނު މާނަ ކުރުމަށް ކޯޓުތަކަށް ލިބިފައިވާ ބާރުގެ ތެރެއިން ޙައްލު ކުރެވޭ ގޮތަށް ބަލައިލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.
29HN6HN7ޤާނޫނު ހަދާ ފަރާތުން ކުށެއް ލިޔުމުގެ ގަސްދެއްނެތި، ޤާނޫނު ލިޔުމުގައި ލިޔެވޭ ކުށްތައް އިސްލާހުކޮށް ޤާނޫނު އެކަށައެޅި ފަރާތުގެ ނިޔަތާ އެއްގޮތަށް ޤާނޫނު މާނަކޮށް ހައްލު ހޯދައި ދިނުމުގައި ކޯޓުތަކުން ރިޢާޔަތްކުރާ ކަންތައްތަކެއްވެއެވެ. މީގެ ތެރޭގައި؛
29.1 ސުވާލު އުފެދުނު ޤާނޫނު ނުވަތަ ޤާނޫނުގެ މާއްދާއިން ހާސިލުކުރަން ބޭނުންވި މަޤްޞަދު ބެލުމާއި،
29.2 ޤާނޫނުގެ މާއްދާއިން، ޤާނޫނު އެކަށައެޅި ފަރާތުން ނުވަތަ ޤާނޫނު ޑްރާފްޓުކުރި ފަރާތުން ހާސިލުކުރަން ބޭނުންވި މަޤްސަދު ހާސިލުވެފައި ނުވަނީ ގަސްތެއްނެތި ލިޔެވިފައިވާ ފާޅުކަން ބޮޑު ކުށަކުން ކަމަށްވުމާއި،
29.3 ކޯޓުން ފޯރުކޮށްދޭ ޙައްލަކީ، ޤާނޫނު ހަދާ ފަރާތަށް ޤާނޫނު އެކަށައެޅުމުގެ ކުރިން އެ ކުށް ފެނުނުނަމަ، އެ ކުށް އިސްލާހު ކުރާނީ ކިހިނަކުންކަން ބަލައި، އެ ބީދައިން ޙައްލު ހޯދައި ދިނުން ހިމެނެއެވެ. އަދި އެންމެ ބޮޑަށް ސަމާލު ވާންޖެހޭ ކަމަކީ މިއީކަމާއި، މި ފަދައިން ހޯދައިދޭ ޙައްލު ހޯދައި ދިނުމަކީ ޤާނޫނު މާނަކުރުމުގެ ތަރަހައިން ބޭރުވެ ޤާނޫނު އެކަށައެޅުމަކަށް ވެގެން ނުވާނެއެވެ.
30ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/387 ޤަޟިއްޔާގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ހެކިބަސް ނެގޭނެ ގޮތެއް ނެތްކަމަށް ފާހަގަކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައިވާއިރު، ހެއްކާބެހޭ ޤާނޫނުގައި އެކަމުގެ ތަފުސީލުތައް ބަޔާންވެފައި ނެތުމުންނެވެ.
31ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާދީފައިވަނީ ދެ ކަމެއްގައެވެ. އެއީ،
31.1 ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކާއި،
31.2 އެފަދައިން ހެކިބަސް ނެގުމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތްތަކެވެ.
32ކުރިންވެސް އިޝާރާތް ކުރެވުނު ފަދައިން މަތީގައި ބަޔާންކުރެވުނު ކަންތައްތަކުގެ ތަފުސީލެއް ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގައި ހިމެނިފައި ނުވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، މިއަދުގެ ނިޔަލަށް 03 އަހަރާއި 01 މަހާއި 14 ދުވަސް ފާއިތުވެފައިވާއިރު، ހެއްކާބެހޭ ޤާނޫނުގައި ނުވަތަ އެނޫންވެސް ޤާނޫނެއްގައި އެކަންކަމުގެ ތަފުސީލުތައް ހިމެނިފައި ނުވެއެވެ.
33ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގެ އިޖުރާއަތު ފުރަތަމަ ފަހަރަށް ރާއްޖޭގެ ޤާނޫނެއްގައި ލިޔެވުނު ޤާނޫނު ކަމުގައި ވުމުން ރައްޔިތުންގެ މަޖިލީހުގެ ނިޔަތަކީ، ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގައި އަމަލުކުރާނެ ތަފުސީލީ އިޖުރާއަތެއް މި ޤާނޫނުން ތަޢާރަފުކޮށް އެކަމުގެ މަންފާ ހޯދައި ދިނުންކަން ސާފުކޮށް އެނގެއެވެ.
ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއާމެދު ނިންމި ގޮތް
34ދިވެހިރާއްޖޭގެ ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާ ގުޅިގެން ފާހަގަކޮށްފައިވަނީ، "ހެކިން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުނުކޮށް ހެކިބަސް ދެނީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައި އޮންނަންޖެހޭ ޙާލަތްތަކުގައި، އަދި އެ ޤާނޫނުގައި ހެކިބަސް ދޭ މީހުން ޙިމާޔަތްކޮށް ރައްކާތެރި ކުރެވޭ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައި އޮންނަންޖެހޭ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގައި ހެކިބަސް ދޭ މީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނުވަތަ ގޮތްތަކެއް ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނަކަމަށެވެ."
35މަތީގައިވާ މާނަކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤުޞަދުތަކަށާއި، އެ ޤާނޫނުގެ 149 ވަނަ މާއްދާ އެކުލަވާލެވިފައިވާ ގޮތާއި، އެ މާއްދާގައިވާ އިޖުރާއަތުތަކާ ގުޅުންހުރި އެހެނިހެން އުސޫލުތަކާއި، އެ މާއްދާއަށް ޢަމަލު ނުކުރެވޭ ގޮތް މެދުވެރިވެއްޖެނަމަ، އެކަމުގެ ސަބަބުން ޤާނޫނުއަސާސީގައިވާ އަސާސީ ޙައްޤެއް ގެއްލިދާނެކަން ނުވަތަ ނޫންކަން ފަދަ، ސަމާލުވެ ފާރަވެރިވާންޖެހޭ ކަންކަމަށް ސަމާލުވެ ފާރަވެރި ނުވެވި ކޮށްފައިވާ ތިލަ މާނަ ކުރުމެކެވެ.
36ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތުން ނުކުންނާނެ ނަތީޖާއަކީ، އެ މާއްދާއަކީ ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ހެކިބަސް ނެގުމުގެ އިޖުރާއަތު ބަޔާންކުރާ މާއްދާކަމުގައި ވުމުން އެ ފަދައިން ހެކިބަސް ނެގުމާ ހަމައަށް ވާސިލުވުމުގައި ޢަމަލުކުރާނެ އިޖުރާއަތު ބަޔާންކޮށްފައިވާ މާއްދާތަކަކީ ޤާނޫނީ ގޮތުން ޞައްޙަ، އެހެންނަމަވެސް އެ މާއްދާތަކުގެ ބޭނުން ހިފައިގެން ޤާނޫނީ ނަތީޖާތަކެއް ނުނެރެވޭނެ މާއްދާތަކެއް ކަމުގައިވުމެވެ. އެހެން ގޮތަކަށް ބުނާނަމަ، އެ ހުރިހައި މާއްދާތަކަކީ ޝަރީޢަތުން ހެކިވެރިޔާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ހެކިބަސް ނެގުމާހަމައަށް ވާސިލުކޮށްދޭ މާއްދާތަކެއް ކަމުގައިވާއިރު، އެ ފަދައިން ޝަރީޢަތުން ހެކިބަސް ނެގުމާހަމައަށް ވާސިލުކޮށް ދިންނަމަވެސް، ހެކިބަސް ނެގޭނެ އިޖުރާއަތު ހުއްޓުމަކަށް އަންނާނެއެވެ. މި ފަދައިން ފާހަގަ ކުރެވޭ މާއްދާތަކަށް ބަލާއިރު އަންނަނިވި މާއްދާތައް ފާހަގަކުރެވެއެވެ.
36.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 79 ވަނަ މާއްދާ
މި މާއްދާގައި އޮންނަނީ، "ޖިނާއީ މައްސަލައެއްގައި ހެކިބަސް ދޭންހުރި މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ ޢާއިލާއަށް ގެއްލުންދީފާނެކަމުގެ އިންޒާރު ނުވަތަ މަޢުލޫމާތު ލިބިފައިވާނަމަ، ހެކިބަސް ދޭންހުރި މީހަކީ ކާކުކަން ހާމަނުކޮށް، އޭނާއާގުޅޭ މަޢުލޫމާތު ޤާނޫނު ތަންފީޛުކުރާ އިދާރާއިން ސިއްރުކުރަންވާނެއެވެ. އަދި ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެފަދަ މައްސަލަތައް ފޮނުވާއިރު، ހެކިބަސް ދޭންހުރި މީހާގެ މަޢުލޫމާތު ހިމެނޭ ލިޔުންތައް ފޮނުވަންވާނީ ސިއްރު ލިޔުންތަކެއްގެ ގޮތުގައެވެ." މި ފަދައިންނެވެ.
36.2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ނ)
މި މާއްދާގައި އޮންނަނީ، "ދައުލަތުން ދަޢުވާއެއް ސާބިތުކުރަން ހުށަހަޅާ ހެކީގެ ތެރޭގައި ޝަފަހީ ހެކި ހިމެނޭނަމަ، ހެކިބަސް ދޭ މީހާއަށް ޙިމާޔަތްދިނުމަށް އެދޭ ޙާލަތުގައި މެނުވީ، އެ ހެކިބަސް ދޭ މީހާ ނުވަތަ މީހުންގެ ތަފްޞީލު ދަޢުވާ ފޯމުގައި ދޭންވާނެއެވެ." މި ފަދައިންނެވެ.
36.3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރު
މި މާއްދާއަކީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ބަޔާންކޮށްފައިވާ މާއްދާއެވެ. މި ގޮތުން މި މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރުގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމަށް އެދޭނަމަ، އެކަމަށް ޝަރީޢަތް ފެށުމުގެ ކުރިން އެދެންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
36.4 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާ
މި މާއްދާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ދައުލަތުން ހާމަކުރަންޖެހޭ ހެކި ހާމަ ނުކުރުމަށް އެދެވޭނެ ޙާލަތްތަކާއި އެކަމުގައި ޢަމަލުކުރަންވީ ގޮތުގެ އިޖުރާއަތު ބާޔަންކޮށްފައިވާ މާއްދާއެވެ. މި މާއްދާގެ (ނ) ގައި ބަޔާންވެފައިވަނީ، "އަންނަނިވި ސަބަބުތަކަށްޓަކައި ހެކި ހާމަކުރުމަކީ އިންޞާފުވެރިގޮތް ކަމަށް ނުފެންނަނަމަ، ހެކި ހާމަ ނުކުރުމަށް، ނުވަތަ ހާމަކުރުން ފަސްކުރުމަށް، ނުވަތަ ކަނޑައެޅޭ ވަކި ޝަރުޠުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. (1) އެއްވެސް މީހަކަށް ޖިސްމާނީ، ނުވަތަ އެކަށީގެންވާ ބޮޑު އިޤްތިޞާދީ ގެއްލުމެއް ލިބުން ނުވަތަ (2) ކަމަކަށް މަޖުބޫރު ކުރުން ނުވަތަ (3) ތަޙްޤީޤަށް ހުރަސް އެޅުން ނުވަތަ ހެއްކެއްގެ އަސްލު އޮޅުވާލުން ނުވަތަ ހެކި ނައްތާލުން، ނުވަތަ ހަލާކުކޮށްލުން، ނުވަތަ ގެއްލުވާލުން." މި ފަދައިންނެވެ.
ހައިކޯޓުގެ މާނަކުރުމުން ނުކުންނާނެ ނަތީޖާ
37HN9HN10HN11ޝަރީޢަތުގައި ހެކިވެރިޔާއަށް ޙިމާޔަތް ލިބިދޭ ގޮތަށް ޝަރީޢަތުގައި ހެކިބަސް ނެގުމާ ހަމައަށް ވާސިލުކޮށްދޭ އިޖުރާއަތުތައް ޤާނޫނުގައި ބަޔާންވެފައިވެއެވެ. އަދި އެ އިޖުރާއަތުތަކަށް ޢަމަލުކުރުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ކުރިމަތިވެފައިވެސް ނުވެއެވެ. ކަންމިހެން އޮތްއިރު އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއާމެދު ނިންމާފައިވާ ނިންމުމުގެ ސަބަބުން އަންނަނިވި ނަތީޖާތައް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވެއެވެ.
37.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއަށް ޢަމަލު ނުކުރެވުމުގެ ސަބަބުން ނުކުންނާނެކަމަށް ޤަބޫލުކުރެވޭ ފުރަތަމަ ނަތީޖާއަކީ، އަދި ފާޅުކަންބޮޑު ނަތީޖާއަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންވެފައިވާ ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤަށް ހުރަސް އެޅުމެވެ. މި ފަދައިން ހުރަސް އެޅޭ ސަބަބަކީ ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރުމަށްޓަކައި ބޭނުންވާ އެންމެ އަސާސީ އެއްކަންތައް ކަމުގައިވާ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެކި ވަޒަން ކުރެވޭނެ މަގު ބަންދުވުމެވެ. އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ހެކިބަސް ދޭ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ހެކިބަސް ނެގުމަށްޓަކައި ކްރިމިނަލް ކޯޓަށް ދައުލަތުގެ ފަރާތުން ހެކިން ހުށަހަޅައި، އެ ފަދައިން ހެކިންގެ ހެކިބަސް ނަގައި ދިނުމަށާއި އެ ހެކިންގެ މަޢުލޫމާތު ހާމަނުކުރުމުގެ އަމުރަކަށް އެދިފައިވެއެވެ. އަދި ކްރިމިނަލް ކޯޓުން ދައުލަތުން ހުށަހެޅި ގޮތަށް އެ އަމުރު ނެރުމަށްފަހު، ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގޮތުން ހެކިންގެ ޒާތީ މަޢުލޫމާތު ހާމަނުވާނޭހެން ހެކިންނަށް ޙިމާޔަތް ދެވޭނެހެން ހެކިބަސް ނަގާފައިވެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ 149 ވަނަ މާއްދާއާމެދު ނިންމާފައިވާ ގޮތުން ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ޝަރީޢަތުގައި ހެކިބަސް ނެގުމުގެ މަގު މުޅިން ބަންދުވެގެންދާނެއެވެ.
37.2 ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ޤާނޫނުގައިވާ ގޮތުގެމަތިން ޝަރީޢަތް ކުރުމުގައި އެނޫން މީހެއްގެ ޤާނޫނީ ޙައްޤަކަށް ނުވަތަ ޤާނޫނީ ވާޖިބަކަށް ހުރަސްއެޅިގެން ދިއުމަކީ ޤާނޫނުއަސާސީގެ 44 ވަނަ މާއްދާ ތަޞައްވަރު ކުރާކަމެއް ނޫނެވެ. ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނެގުމުގެ އިޖުރާއަތެއް ޤާނޫނުގައި ބަޔާންކުރުމުގެ ބޭނުމަކީ ހެކިބަސް ދިނުމުގެ ސަބަބުން ހެކިބަސް ދޭ މީހާގެ ފުރާނައަށް ނުވަތަ މުދަލަކަށް ލިބިދާނެ ގެއްލުމަކުން އޭނާ ސަލާމަތް ކޮށްދިނުމެވެ. މި ފަދައިން ރައްކާތެރިކަން ލިބިފައިވުމަކީ ހެކިބަސް ދޭ މީހާގެ ޙައްޤެކެވެ. އަދި ހެކިން ސިއްރުކޮށްގެން ހެކިބަސް ނެގުމުގައި ރާއްޖޭގައި މިހާރު ޢަމަލު ކުރެވޭ އުސޫލުތަކަށް ބަލާއިރު، ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދެވޭ ގޮތަށް ހެކިބަސް ނަގައި ދިނުމަށް ދައުލަތުން އެދޭ މައްސަލަތަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރެއިން މީހުން މެރުމާއި، ގޭންގު ކުށްތައް ހިމެނޭ މައްސަލަތަކާއި، ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތައް ހިމެނޭ މައްސަލަތައްކަން އެނގެއެވެ. ކަން މިހެން އޮތްއިރު، ޙިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ޝަރީޢަތުގައި ހެކިބަސް ނެގުން ބަންދުވެއްޖެނަމަ އެކަމުން ނުކުންނާނެ އެއް ނަތީޖާއަކީ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ނުލިބި، ހެކިންގެ ޤާނޫނީ އެހެނިހެން ޙައްޤުތަކަށް ހުރަސްއެޅިގެން ދިއުމެވެ.
37.3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއަށް ޢަމަލު ނުކުރެވުމުގެ ސަބަބުން ނުކުންނާނެކަމަށް ޤަބޫލުކުރެވޭ ފާޅުކަން ބޮޑު ތިންވަނަ ނަތީޖާއަކީ ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނަގައި އެ ހެކިބަސް ވަޒަން ކުރުމުގައި ކޯޓުގެ ބާރު ކެނޑިގެން ދިއުމެވެ. މިއީ ޤާނޫނު މާނަކުރުމުގައި ބޭނުންކުރެވޭނެ ހަމައެއް ނޫނެވެ.
37.4 ފާހަގަކުރެވުނު ނުކުތާތަކުގެ 33 ވަނަ ނުކުތާގައި އިޝާރާތް ކުރެވުނު ފަދައިން ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގެ އިޖުރާއަތު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޤާނޫނެއްގައި ލިޔެވުނު ޤާނޫނު ކަމުގައި ވުމުން ރައްޔިތުންގެ މަޖިލީހުގެ ނިޔަތަކީ، ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގައި އަމަލުކުރާނެ ތަފުސީލީ އިޖުރާއަތެއް މި ޤާނޫނުން ތަޢާރަފުކޮށް އެކަމުގެ މަންފާ ހޯދައި ދިނުންކަން ސާފުކޮށް އެނގެއެވެ. އަދި މިފަދައިން ހެކިބަސް ނެގުމަށް އެ ޤާނޫނުގެ 149 ވަނަ މާއްދާގައިވާ އިޖުރާއަތަކީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަޤުޞަދަށް ވާސިލުވުމަށްޓަކައި އެ ޤާނޫނުގައި ލިޔެވިފައިވާ އިޖުރާއަތެއްކަން ސާފުކޮށް އެނގެއެވެ. މި އިޖުރާއަތަށް ޢަމަލު ނުކުރެވި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤްޞަދު ހާސިލުނުވާނެ ގޮތަކަށް އެ ޤާނޫނުގެ 149 ވަނަ މާއްދާ މާނަކުރުމަކީ ޤާނޫނު މާނަކުރުމުގެ ހަމަތައް ހުއްދަ ކުރާ ކަމެއް ނޫނެވެ.
38ބުނެވިދިޔަ ނަތީޖާތަކަށް އިސްތިއުނާފު ކުރެވޭ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގައި ރިޢާޔަތް ކުރެވިފައިވާކަމަށް ނުފެނެއެވެ. އެއިގެ ބަދަލުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއަށް ދެވިފައިވަނީ ތިލަ މާނަކުރުމެކެވެ. މި މާނަކުރުން ދެވިފައިވަނީ ޤާނޫނުގެ އެ މާއްދާ ލިޔުމުގައި، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައިވުމުގެ ސަބަބުންނެވެ. ފާހަގަކުރެވުނު ނުކުތާތަކުގެ 33 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ސަބަބަށްޓަކައި، މިފަދައިން ޙަވާލާ ދެވިފައިވަނީ ކުށެއް ލިޔުމުގެ ގަސްދެއްނެތިކަމުގައި އަހުރެން ދެކެމެވެ.
39ވުމާއެކު، ތަފުސީލުކޮށް ދެން މި ބަޔާންކުރަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގެ އިޖުރާއަތެއް ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި އެ ޤާނޫނަށް ޙަވާލާ ދީފައިވާ ކަންކަމުގެ ތަފުސީލު ނެތުމުގެ ސަބަބުން ކުރިމަތިވާނެ ޤާނޫނީ ހުސްކަމަށް ފަރުވާ ކުރާނެ ގޮތުގެ މައްޗަށެވެ. މިކަންކަން ބަޔާންކުރަންޖެހޭ ސަބަބަކީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭތީއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައިވާ އިޖުރާއަތު ސާފުވެގެން މެނުވީ އެ އިޖުރާއަތަށް ޢަމަލު ނުކުރެވޭނެކަމަށް އަހުރެން ގަބޫލުކުރާތީއެވެ.
ޤާނޫނީ ހުސްކަމަށް ފަރުވާ ކުރުން
40HN12ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭނެހެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާ ޤާނޫނުގައި އެކަށައެޅިފައި އޮތްގޮތުން އެ މާއްދާއަށް ޢަމަލުކުރެވޭނެ ޤާނޫނީ ހަމަތަކަކީ ކޮބައިކަމާއި، ކުރިމަތިވެފައިވާ ޤާނޫނީ ހުސްކަމަށް ފަރުވާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލާއިރު ދެ ގޮތަކަށް މިކަމަށް ފަރުވާ ކުރެވިދާނެއެވެ. ނުވަތަ ޙައްލު ކުރެވިދާނެއެވެ.
40.1 ފުރަތަމަ ގޮތަކީ، ޤާނޫނު ލިޔުމުގައި ހުންނަ ކުށްތައް (Scrivener’s error) އިޞްލާޙު ކުރުމުގެ މަފްހޫމުގެ ތެރެއިން ކުރިމަތިވެފައިވާ ޤާނޫނީ ހުސްކަމަށް ޤާނޫނު މާނަކުރުމުގެ ހަމަތަކުގެ ތެރެއިން ހައްލެއް ހޯދައިދިނުމެވެ. ނަމަވެސް މި ޙައްލު ވެގެންދާނީ ވަގުތީ ޙައްލަކަށެވެ. މިފަދަ ހައްލެއް ވަގުތީ ޙައްލަކަށް ވެގެންދާ މައިގަނޑު ސަބަބަކީ ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވާ ފަރާތަކީ ރައްޔިތުންގެ މަޖިލިސްކަމުގައި ވެފައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުފަދަ ކަވި އިޖުރާއަތުތަކެއްގެ ތަފުސީލުތައް އޭގެ އެންމެ ފުރިހަމަގޮތުގައި މާނަކުރުމުގެ ހަމަތަކުގެ ތެރެއިން ހޯދައި ދިނުމަކީ ކުރެވޭނެ ކަމެއްކަމުގައި ނުވުމެވެ. އަދި މި ފަދައިން ކުރެވޭ މަސައްކަތަކީ ޤާނޫނު އެކަށައެޅުމުގެ މަސައްކަތުގެ ތެރެއަށް ކޯޓުތަކުން ވަންނަކަމުގެ އިހުސާސް ކުރެވޭނެ ޚުޠޫރަތްތެރި ކަމެކެވެ.
40.2 ދެވަނަ ގޮތަކީ، ކުރިމަތިވެފައިވާ ޤާނޫނީ ހުސްކަމަށް ޤާނޫނު އެކުލަވާލުމުގެ ތެރެއިން ފަރުވާ ކުރުމެވެ. މިއީ ކޯޓުތަކަށް ކުރެވޭނެ ކަމެއްނޫނެވެ.
41ތިރީގައި މި ބަލާލަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތުގެ ސަބަބުން ކުރިމަތިވާނެ ޤާނޫނީ ހުސްކަމަށް ފަރުވާކުރާނެ ގޮތްތަކުގެ ތަފުސީލުތަކަށެވެ.
ވަގުތީ ޙައްލު
42ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ޙަވާލާ ދެވިފައިވަނީ ޤާނޫނުގައި ކުށެއް ލިޔުމުގެ ގަސްދެއްނެތި ކަމުގައިވުމުން މި ޙާލަތުގައި، ޤާނޫނު ލިޔުމުގައި ހުންނަ ކުށްތައް (Scrivener’s error) އިޞްލާޙު ކުރުމުގެ އުސޫލުތަކުގެ ތެރެއިން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާ މާނަކުރެވޭނެ ގޮތަކީ ކޮބައިކަމާއި، ކުރިމަތިވެފައިވާ މައްސަލަ ޙައްލު ކުރެވޭނީ ކިހިނަކުން ކަމަށް ބަލާއިރު، އެ މާއްދާގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައިވާ ކަންކަން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ އުސޫލުތަކުގެ ތެރެއިންނާއި، ޤާނޫނު މާނަކުރުމުގެ އެނޫންވެސް އުސޫލަކުން ހަމަޖެއްސޭކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ.
43HN8ޤާނޫނު ލިޔުމުގައި ހުންނަ ކުށްތައް (Scrivener’s error) އިޞްލާޙު ކުރުމުގެ މަފްހޫމުގެ ތެރެއިން ފެންނަ ޙައްލު ބަޔާން ކުރުމުގެ ކުރިން މި މަފްހޫމުގެ ތެރެއިން ކޯޓުތަކުން ޙައްލު ހޯދައިދޭ މިންވަރު ތަފާތުކަން އަހުރެން ފާހަގަކުރަމެވެ. އަދި މި މަފްހޫމުގެ ތެރެއިން ހޯދާ ޙައްލު ބިނާވެފައިވަނީ ޤާނޫނުގައި އޮންނަ ކުށް ލަފުޒު ނުވަތަ ޢިބާރާތުގެ މައްޗަށް ކަމަށްވުމުން، އިސްތިއުނާފު ކުރެވޭ މި މައްސަލައިގައި ލިޔުމުގެ ކުށެއް ކަމުގައި ފާހަގަ ކުރެވެނީ ވަކި ކަންތައްތަކެއްގައި އެ ކަންކަމުގެ ތަފުސީލު ބަޔާންވެފައި ނުވާ ޤާނޫނަކާ ޙަވާލާ ދީފައި އޮތް އޮތުން ކަމުގައިވާތީ، (Scrivener’s error) މަފްހޫމުގެ ދާއިރާއިން ބޭރުނުވެ، ޙައްލު ބަޔާން މިކުރާ ކަންކަމަކީ ހަމައެކަނި އެ ޙަވާލާ ދީފައިވާ ކަންކަމަށް ފޯރުކޮށްދެވޭ ޙައްލެއްކަންވެސް ފާހަގަ ކުރަމެވެ.
44HN13HN14ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ދިނުމުގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައިވާ ދެ ކަންތަކުގެ ތެރެއިން ފުރަތަމަ ކަމަކީ ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކެވެ. މިފަދައިން ރިޢާޔަތް ކުރެވިދާނެ ޙާލަތްތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެކި މާއްދާތަކުގައި ބަޔާންވެފައިވެއެވެ. މި ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.
44.1 ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބި ދިނުމުގެ ގޮތުން އެ ފަދަ މައްސަލަތަކުގައި ހެކިބަސް ދޭން ތިބި މީހުންގެ މަޢުލޫމާތު ސިއްރުކުރުމުގައި ބަލަންޖެހޭ ކަންތައްތަކެއް ޖިނާއީ އިޖުރާއަތުގެ ޤާނޫގައި ބަޔާންވެފައިވެއެވެ. މި ކަންކަމުގެ ތެރޭގައި ހެކިބަސް ދޭންހުރި މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ ޢާއިލާއަށް ގެއްލުން ދީފާނެކަމުގެ އިންޒާރު ނުވަތަ މަޢުލޫމާތު ލިބިފައިވުން ހިމެނިފައިވެއެވެ.
44.2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހެކި ހާމަކުރުމުގެ އުސޫލުތަކުން އިސްތިސްނާކޮށް ހެކި ހާމަ ނުކުރުމަށް ނުވަތަ ހާމަ ކުރުން ފަސްކުރުމަށް ނުވަތަ ކަނޑައެޅޭ ވަކި ޝަރުޠުތަކެއްގެ މަތިން ހާމަކުރުމަށް ކޯޓުން އެންގުމުގައި ބަލަންޖެހޭ ކަންތައްތަކެއް ބަޔާންކޮށްފައިވެއެވެ. މި ކަންކަމުގެ ތެރޭގައި އެއްވެސް މީހަކަށް ޖިސްމާނީ، ނުވަތަ އެކަށީގެންވާ ބޮޑު އިޤްތިޞާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުން ނުވަތަ ތަޙްޤީޤަށް ހުރަސް އެޅުން ނުވަތަ ހެއްކެއްގެ އަސްލު އޮޅުވާލުން ނުވަތަ ހެކި ނައްތާލުން، ނުވަތަ ހަލާކުކޮށްލުން، ނުވަތަ ގެއްލުވާލުން ނުވަތަ ހެކީގެ ބާރު ކަނޑުވާލުން ނުވަތަ ގެއްލުންދިނުން ހިމެނިފައިވެއެވެ.
45ބުނެވިދިޔަ ކަންކަމުގެ މައްޗަށް ބަލާއިރު، އެކަންކަމަކީ ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމަށް އެދެވިދާނެ ޙާލަތްތަކެކެވެ. އެހެނީ އެ ޙާލަތްތައް ބަޔާންކޮށްފައިވާ މާއްދާތަކަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައިވާ އިޖުރާއަތު ފުރިހަމަކުރުމާ ހަމައަށް ވާސިލުކޮށްދީ އެ މާއްދާގެ މަޤުޞަދު ޙާސިލުކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކޮށްފައިވާ މާއްދާތަކަކަށް ވުމެވެ. އަދި މި ކަންކަމަކީ މީގެ ކުރިންވެސް ހެކިބަސް ދޭ މީހާއަށް ރައްކާތެރިކަން ދިނުމުގައި ކޯޓުތަކުން ރިޢާޔަތްކުރަމުން އައިސްފައިވާ ކަންކަމެވެ.
46ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ދިނުމުގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާދީފައިވާ ދެ ކަންތަކުގެ ތެރެއިން ދެވަނަ ކަމަކީ ހެކިބަސް ދޭ މީހުން ޙިމާޔަތްކޮށް، ރައްކާތެރިކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމެވެ. މި ފަދަ ގޮތެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ.
47HN16ހެކިބަސް ދޭ މީހުންނަށް ޙިމާޔަތް ދީގެން ހެކިބަސް ނުނެގި ދިއުމަކީ، ފާހަގަ ކުރެވުނު ނުކުތާތަކުގެ 37.1 އާއި 37.2 ގައި ބަޔާންކޮށްފައިވާ ފަދައިން އަސާސީ ހައްޤުތަކެއް ގެއްލިގެން ގޮސްދާނެ ކަމެއްކަމުގައިވާތީ، އަސާސީ ޙައްޤުތައް ލިބިދިނުމުގައި ރިޢާޔަތް ކުރަންޖެހޭނެކަމަށް ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ކަންކަމަށް ރިޢާޔަތްކޮށްގެން ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނެގޭނެ އިޖުރާއަތެއް އޮތްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ.
48HN15ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުގައި ހެކިބަސް ދޭ މީހުންނަށް ޙިމާޔަތްދީގެން ހެކިބަސް ނެގުމުގައި ޢަމަލުކުރާ ތަފާތު ގޮތްތަކެއް ވެއެވެ. މިފަދަ ގޮތްތަކަށް ބަލާއިރު، ހެކިވެރިޔާއަކީ ކާކުކަން ހާމަނުވާގޮތަށް އެ މީހާގެ އަޑު ބަދަލު ކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮނުވައިދޭ ވަސީލަތެއްގެ ޛަރީޢާއިން ހެކިވެރިޔާއާ ސުވާލުކޮށް ހެކިބަސް ނެގުމާއި، ހެކިވެރިޔާއަކީ ކާކުކަން ހާމަނުވާ ގޮތަށް ހަމައެކަނި މަންޒަރު ބަދަލު ކުރުމަށްފަހު ވީޑިއޯގެ ޛަރީޢާއިން ސުވާލުކޮށް ހެކިބަސް ނެގުންފަދަ ގޮތްތައް ފާހަގަ ކުރެވެއެވެ. އަދި މީގެ އިތުރުން ޝަރީޢަތުގެ ކުރިން ނަގާފައިވާ ހެކިބަސް ބޭނުން ކުރުމާއި، އެ ހެކިވެރިޔަކު ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުން ލިބިދޭ ހެއްކަށް ރިޢާޔަތްކުރުން ފަދަ ގޮތްތަކަކީވެސް ޢަމަލު ކުރެވޭ ގޮތްތަކެވެ. އަދި މި ގޮތްތަކަކީ ރާއްޖޭގެ ކޯޓުތަކުގައިވެސް ޢަމަލު ކުރެވިފައިވާ ގޮތްތަކެކެވެ.
49HN17ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނެގުމަށްޓަކައި މަތީގައި ބުނެވުނު ގޮތްތަކުގެ ތެރެއިން ގޮތެއް ނުވަތަ އެނޫންވެސް ގޮތެއް ފަނޑިޔާރު އިޚްތިޔާރު ކުރުމުގައި، މިފަދައިން ހެކިބަސް ނެގުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައިވާ އިޖުރާއަތުގެ ތެރެއިން ޝަރީޢަތް ފެށުމުގެ ކުރިން ހުށަހެޅިއްޖެނަމަ، އެ ހުށަހެޅުމާމެދު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ވާހަކަ ދައްކައި އެ ފަރާތުން ދެކޭ ގޮތް ހާމަކުރުމަށް ފުރުސަތު ދޭންވާނެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވާ ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތް ކުރަންވާނެއެވެ.
50HN18މި ފަދައިން ޢަމަލު ކުރެވިދާނެކަމަށް ފެންނަ މުހިންމު އަދި މައިގަނޑު ސަބަބަކީ، ޤާނޫނެއް ހެދިފައިނެތުމަކީ، ޤާނޫނުއަސާސީގައި ބަޔާންކޮށްދީފައިވާ އަސާސީ ޙައްޤުތަކާ މިނިވަންކަމަށް ބުރުލެއް އަރާފަދަ ޢަމަލެއް ހުއްދަ ކުރެވޭނެ ކަމަކަށް ނުވުމުގެ އިތުރަށް، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ މުޅި ދައުލަތުގެ ވާޖިބެއްކަމަށްވެފައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހެކިބަސް ދޭ މީހާއަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދެވޭނެހެން ހެކިބަސް ނެގުމާ ހަމައަށް ވާސިލުވެވޭނެ ސާފު، ޞަރީޙަ އިޖުރާއަތުތަކެއް ބަޔާންކޮށް، އެ އިޖުރާއަތުތަކަށް ޢަމަލުކުރުމަށް ޤާނޫނީ ގޮތުން ހުރަހެއް ކުރިމަތިވެފައިނުވާއިރު، އެ އިޖުރާއަތުތަކުގެ ބޭނުން ކެނޑި އިންސާފުން ޝަރީޢަތް ކުރެވުމަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު ގެއްލުމުގެ ފުރުސަތު އޮތުމެވެ.
ވަގުތީ ޙައްލު އިސްތިއުނާފު ކުރެވޭ މައްސަލައަށް ތަޠުބީޤު ކުރުން
51HN2އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު، ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިން ދައުލަތުގެ ފަރާތުން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރުގެ ދަށުން ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނަގައިދިނުމަށް ދައުލަތުން އެދިފައިވާ ހެކިންގެ ހެކިބަސް އެ ފަދައިން ނަގައިދިނުމަށް އެދި ހުށަހަޅާފައިވެއެވެ. އަދި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިވެރިޔާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނަގައިދިނުމަށް ދައުލަތުން އެދިފައިވާ ހެކި ރައްކާތެރިކޮށް ދިނުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން އެދިފައިވެއެވެ.
52ކްރިމިނަލް ކޯޓުގައި ދައުލަތުގެ ފަރާތުން އެދުނު ފަދައިން މައްސަލަ ބެލި ފަނޑިޔާރުވަނީ ދައުލަތުން ހުށަހެޅި 03 ހެއްކެއްގެ ހެކިބަސް ނަގާނީ އެ މީހުންނަކީ ކޮންބައެއްކަން ނޭނގޭނެ ގޮތަށް ކަމަށާއި، އެ މީހުންގެ ޒާތީ މަޢުލޫމާތު ހާމަވެދާނެ އެއްވެސް މަޢުލޫމާތެއް ހާމަ ނުކުރުމަށް އަމުރުކޮށްފައެވެ. މި އިޖުރާއަތު މިފަދައިން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވިފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންވެސް ފާހަގަކޮށްފައިވެއެވެ.
53މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންތަކެއްގެ ހެކިބަސް ސިއްރުން ނެގުމަށް ހުށަހަޅާފައިވަނީ ހެކިންގެ މަޢުލޫމާތު ހާމަވެއްޖެނަމަ، އެ ފަރާތްތަކަށް ޖިސްމާނީ ގެއްލުމެއް ލިބިދާނެތީއާއި، ނުވަތަ ކަމަކަށް މަޖުބޫރު ކުރުވަފާނެތީއާއި، ހެއްކެއްގެ އަސްލު އޮޅުވާލައި ހެކިން ނައްތާލައި ހެކި ހަލާކުކޮށް ގެއްލުވާލުމުގެ އިޙްތިމާލު އޮތްކަމަށް ދައުލަތަށް ފެންނާތީއެވެ. އަދި ދައުލަތުން އެދިފައިވަނީ ހެކިން ދައުވާ ލިބޭ ފަރާތްތަކާ އެއްހާޒިރު ނުވާނޭހެން ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގައިދިނުމަށެވެ.
54ބުނެވިދިޔަ ހުށަހެޅުމާ ގުޅިގެން މައްސަލަ ބެލި ފަނޑިޔާރު މައްސަލައިގެ ބާވަތުގެ ޚުޠޫރަތްތެރިކަމަށް ރިޢާޔަތްކޮށް، ހެކީގެ އަސްލު އޮޅުވާލައި ހެކި ނައްތާލުމުގެ ބިރު އޮތްކަމަށް ޤަބޫލު ކުރެވޭތީ، ދައުލަތުން އެ ހެކިންގެ މަޢުލޫމާތު ހާމަ ނުކުރުމަށް އެދުނު ހެކިންގެ މަޢުލޫމާތު ހާމަ ނުކުރުމަށް ދާއިމީ އަމުރެއް ކޮށްފައިވެއެވެ. އަދި އެ އަމުރުގެ މަޤުޞަދު ގެއްލިގެން ދިޔަ ނުދިނުމުގެ ގޮތުން އެ ހެކިންނަކީ ކޮންބައެއްކަން ނޭނގޭނެ ފަދައިން ހެކިބަސް ނެގުމަށް ނިންމާފައިވެއެވެ.
55މަތީގައި ބަޔާންވެދިޔަ ތަފުސީލުތަކަށް ބަލާއިރު، އިސްތިއުނާފު މި ކުރެވޭ މައްސަލައިގައި ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނެގުމަށް ދައުލަތުން އެދުނު ހެކިންގެ ހެކިބަސް ނެގުމުގައި ކްރިމިނަލް ކޯޓުން ޢަމަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤުޞަދު ނުގެއްލޭނެހެން އެ ޤާނޫނުގެ ތެރެއިން އެފަދައިން ހެކިބަސް ނެގުމުގައި ރިޢާޔަތްކުރެވިދާނެ ޙާލަތްތަކަށް ރިޢާޔަތްކުރެވިގެން، ހެކިންގެ ޒާތީ މަޢުލޫމާތު ހާމަނުކޮށް ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނެގުމުގައި މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރެވޭ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަން ފާހަގަކުރެވެއެވެ.
56އަދި އިސްތިއުނާފު ކުރެވޭ މި ޤަޟިއްޔާގައި ހެކިންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދެވޭނެހެން ހެކިބަސް ނަގައި ދިނުމަށް ދައުލަތުން އެދުނު ހެކިންގެ ހެކިބަސް ކްރިމިނަލް ކޯޓުގައި ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައިވާ އުސޫލާ އެއްގޮތަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ކަމާބެހޭ ޤާނޫނީ ހަމަތަކުގެ މަތިންކަމަށް އަހުރެންނަށް ނުފެނެއެވެ.
ދާއިމީ ޙައްލު
57ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149 ވަނަ މާއްދާއަށް ޢަމަލުކުރުމުގައި ކުރިމަތިވާ ދަތިތައް ނައްތާލައި، އެ މާއްދާ އެއްގޮތަކަށް މާނަކުރުމަށްޓަކައި އެ މާއްދާ އިޞްލާޙުކުރެވޭނީ ނުވަތަ ޤާނޫނަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. މި ފަދައިން ޢަމަލު ކުރުމުގައި ދެ ގޮތަކަށް ޢަމަލު ކުރެވިދާނެއެވެ.
57.1 ފުރަތަމަ ގޮތަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގައި ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އަށް ޙަވާލާ ދީފައިވާ ކަންކަމުގެ ތަފުސީލުތައް ހެއްކާބެހޭ ޤާނޫނަށް ޙަވާލާ ދިނުމަކާ ނުލައި، އެ ޤާނޫނުގައި ހިމެނުމެވެ.
57.2 ދެވަނަ ގޮތަކީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އިޞްލާޙުކޮށް، އެ އިޞްލާޙުގައި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 149 ވަނަ މާއްދާގައި އެ ޤާނޫނަށް ޙަވާލާ ދީފައިވާ ކަންކަމުގެ ތަފުސީލުތައް ހިމެނުމެވެ. ނަމަވެސް ޢާންމު އުސޫލެއްގެ ގޮތުން މިފަދައިން ގެނެވޭ އިޞްލާޙަކީ ނުވަތަ ބަދަލަކީ ރަޖުޢީ (retrospectively) ގޮތެއްގައި އެ އިޞްލާޙުގެ ނުވަތަ އެ ބަދަލުގެ މަންފާ ލިބިދެވޭނެ އިޞްލާޙެއް ނުވަތަ ބަދަލެއް ނޫނެވެ.
58ޒަމާނަށް އަންނަ ބަދަލުތަކާއެކު ޖިނާއީ ކުށްކުރުމުގެ ވައްޓަފާޅިއާއި، އެ ކުށްކުށާ ގުޅިގެން ހިންގޭ ތަޙްޤީޤުތަކާއި، އެ ތަޙްޤީޤުތަކުގައި ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތާއި، ހޯދޭ ހެކިތައް މިވަނީ ބަދަލުވެފައެވެ. އަދި ޝަރީޢަތްތަކުގައި ހެއްކާބެހޭ ކަންކަމުގައި ކުރެވޭ ބަހުސްތައް ވަނީ ގިނަވެފައެވެ. މި ބަދަލުތަކާއި، ޙާލަތްތަކަށް ރިޢާޔަތް ކުރެވޭނެހެން ހެއްކާބެހޭ ފުރިހަމަ ޤާނޫނަކަށް މިވަނީ އިހުނަށްވުރެ ބޮޑަށް ބޭނުން ޖެހިފައެވެ.
59މަތީގައި ތަފުސީލުކޮށް ބަޔާންކޮށްދެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/387 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާގެ 03 ވަނަ ނަންބަރުގެ (ނ) ގައި ހެކިބަސް ދޭ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ހެކިބަސް ނެގުމާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމަކީ، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
60މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
61މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/387 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާގެ 03 ވަނަ ނަންބަރުގެ (ނ) ގައި ހެކިބަސް ދޭ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދީގެން ހެކިބަސް ނެގުމާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމަކީ، ކަމާބެހޭ ޤާނޫނީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުފެންނާތީވެ، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/387 ޤަޟިއްޔާގެ އެ ބައި ބާޠިލު ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު
މަޙާޒު ޢަލީ ޒާހިރު
ޢާއިޝާ ޝުޖޫން މުޙައްމަދު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.