—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-A/01
ދަޢުވާކުރާ ފަރާތް: ޢަބްދުﷲ ޙުސައިން، ކަރަންކާގެ (މ.މ.ޚ ދަފްތަރު ނަންބަރު 1779)
ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 19 ޑިސެމްބަރ 2011
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ޖެނުއަރީ 2012
ނިމުނު ތާރީޚް: 21 އޮކްޓޯބަރ 2012
މައްސަލަ ނިންމި ގަޑި: 16:15
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2009/HC-A/281
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 13 ސެޕްޓެމްބަރ 2009
ނިމުނު ތާރީޚް: 28 ނޮވެމްބަރ 2011
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 281/HC-A/2009 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ޢަބްދުﷲ ޙުސައިން، ކަރަންކާގެ، ގއ. ދާންދޫ (މ.މ.ޚ ދަފްތަރު ނަންބަރު 1779)، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ދިވެހި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް އެވެ.
އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 281/HC-A/2009 ޤަޟިއްޔާއަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރްޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާގައި ދަޢުވާކުރި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ ނަންބަރު 281/HC-A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާއިން، ޢަބްދުﷲ ޙުސައިން، ކަރަންކާގެ، ގއ. ދާންދޫ ގެ މައްޗަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަކީ، ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެނުންނާއި ފިރިހެނުން ޖާމިނުކުރުވައިގެން ޢަބްދުﷲ ޙުސައިން ފައިސާ ހޯދިކަމުގެ ތުހުމަތުގައި ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮންނައިރު، މިދަޢުވާއަށް ޢަބްދުﷲ ޙުސައިން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވާކަން އެނގޭކަމާ، އަދި ދައުލަތުގެ ފަރާތުން ބުނެވިދިޔަ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކަކީ އެ ދަޢުވާ ސާބިތުވާވަރުގެ ކާފީ ހެކިތަކަކަށް ނުވާތީ، ޢަބްދުﷲ ޙުސައިންގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުނުވާކަމަށް، ބުނެވިދިޔަ ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅައިފައިވާކަން އެނގެން އޮވެއެވެ.
ދައުލަތުގެ ފަރާތުން އިސްވެދިޔަ ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވުނު ހިނދު، އެކޯޓުގެ ނަންބަރު 281/HC-A/2009 ޤަޟިއްޔާއިން އެމައްސަލަ ބަލައި ކޮށްފައިވާ ޙުކުމުގައި "..... ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 788 ޠޮއްޔިބާ އަޙްމަދާއި، ހ. ރީފްވިއު، ޝިފާނާ ޢަބްދުއްސައްތާރު އާއި، ހ. ފޭޒް، އާމިނަތު ސަލީމް ޖިނާއީ ކޯޓަށް ދީފައިވާ ހެކިބަހުން، ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެނުންނާއި ފިރިހެނުން ޖާމިނުކުރުވައިގެން ޢަބްދުﷲ ޙުސައިން ފައިސާ ހޯދިކަން ޝަރީޢަތަށް ސާބިތުވާވަރުގެ ހެކި ލިބިފައިވާތީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިއަދު 28 ނޮވެމްބަރ 2011 އިން ފެށިގެން 4 (ހަތަރެއް) މަސްދުވަހަށް ޢަބްދު ﷲ ޙުސައިން ޖަލަށްލުމަށް އަންގައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ." މިފަދައިން ކަނޑައަޅައި ނިންމާފައިވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި "އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ"، މިފަދައިން ކަނޑައަޅައި ބަޔާންވެގެން އޮންނައިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަބަލާ ފަނޑިޔާރު ތަޤްޔީމް (evaluation) ކޮށް ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި، އެހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރެވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ "ޤަރީނަތުލް ބަރާއާ" (Presumption of innocence) ގެ ޢާންމު ޤާނޫނީ މަބްދައުގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތުކަން އެނގެން އޮވެއެވެ.
ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަން އެނގެން އޮންނައިރު، ޖިނާއީ މައްސަލަ ސާބިތުކުރުމަށް ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ދަލީލުކަމުގައިވާ ހެކިންގެ ހެކިބަސް ވާންޖެހޭނީވެސް ޝަރްޢީ އަދި ޤާނޫނީގޮތުން ޞައްޙަ ހެކިބަހަކަށް ކަމަށާ، މިގޮތުގެމަތިން ބަލާއިރު ހެކިބަސްދޭ ހެކިވެރިޔާގައި ޝަރްޢީގޮތުންނާއި ޤާނޫނީގޮތުން ހުރުން ލާޒިމްވާ ޝަރްޠުތަކާއި ސިފަތައް ފުރިހަމަވެގެން މެނުވީ އެ ހެކިވެރިޔާގެ ހެކިބަހަކީ ޤާނޫނީގޮތުން ޞައްޙަ ދަލީލެއްކަމުގައި ނުބެލެވޭނެކަން އެނގެން އޮވެއެވެ.
ޤާނޫނީ އިޞްޠިލާޙުގައި ހެކިދިނުމަކީ މީހަކު އޭނާގެ އަމިއްލަ ލޮލުން ދުށް ނުވަތަ އަޑުއެހި، ނުވަތަ އޭނާގެ ފަސް ޙިއްސުގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤްރާރުވުން ކަމުގައި ވީހިނދު، ޖިނާއީ މައްސަލަތަކުގައި ހެކިދޭ ހެކިވެރިޔާގައި ހުންނަންޖެހޭ ޢާންމު ޝަރްޠުތަކެއް ވާކަމާއި؛ އޭގެތެރޭގައި ހެކިވެރިޔާއަކީ ތަންދޮރު ވަކިވާ މީހަކަށްވުމާއި، ބުއްދި ސަލާމަތުންހުރި މީހަކަށް ވުމާއި، އަމިއްލަ އިޚްތިޔާރު ލިބިގެންވާ މީހަކަށްވުން ހިމެނޭކަމާއި، އަދި ހަމަ އެފަދައިން ހެކިވެރިޔާ ހެކިބަސް ދިނުން ޤާނޫނީގޮތުން މަނާވެގެންވާ ޙާލަތްތަކެއް އެކިއެކި ޖުރިސްޑިކްޝަންތަކުގެ އިޖްރާއާތުގެ ޤާނޫނުތަކުގައި ބަޔާންވެގެންވާކަމާއި؛ އޭގެތެރޭގައި ހެކިވެރިޔާއަކީ މުއްތަހަމާ ވަކި ދަރަޖައަކަށް ތިމާގެ މީހަކަށް ވުމާއި، ހެކިވެރިޔާއާއި މުއްތަހަމާއި ދެމެދު މަޞްލަޙަތު ތަޢާރުޟުވާފަދަ ގުޅުމެއް އޮތުމާއި، ހެކިވެރިޔާއަށް ޤާނޫނީގޮތުން ސިއްރު ހިފެހެއްޓުމަށް ލާޒިމްވެގެންވާކަމަކާއި ގުޅިގެން ހެކިބަސް ދިނުން ހިމެނޭކަމާއި، އަދި މީގެ އިތުރުން ފަނޑިޔާރަކު އޭނާ ބަލާ މައްސަލައެއްގައި ހެކިބަސް ދިނުމާއި، ޤާނޫނީ ވަކީލަކު އޭނާ ވަކާލާތުކުރާ މައްސަލައެއްގައި ހެކިބަސް ދިނުމާއި، އެއް ޖަރީމާއަކާ ގުޅިގެން ތުހުމަތުކުރެވިފައިވާ މުއްތަހަމުންގެ ތެރެއިން އެއް މުއްތަހަމަކު އަނެއް މުއްތަހަމަކާއި އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދިނުންފަދަ ޙާލަތްތަކަކީ ހެކިވެރިޔާގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ހެކިބަސްދިނުން މަނާވެގެންވާ ޙާލަތްތަކެއްކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި ތަޠްބީޤުކުރެވޭ ޖިނާއީ އިޖްރާއާތުގެ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގޭކަމާއި، ހަމަ އެހެންމެ ބައެއް ޙާލަތްތަކުގައި ހެކިވެރިޔާގެ ހެކިބަހަކީ، އެހެކިބަހުން އެކަނި ޖިނާއީ މައްސަލަ ސާބިތުކުރުމަށް ފުދޭ ދަލީލެއްކަމުގައި ނުވިނަމަވެސް، އެހެކިބަހަށް ތާއީދުލިބޭ އެހެން ދަލީލުތަކާއި ޤަރީނާތަކާއެކު ޖިނާއީ މައްސަލަ ސާބިތުކުރުން ހުއްދަކުރާ ހެކިބަހެއްކަމާއި، މިފަދަ ޙާލަތްތަކުގެ ތެރޭގައި ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ޙާލަތަކީ ޖިނާޔަތެއްގައި ނުވަތަ ޖިނާއީ ބޮޑު ކުށެއްގައި އެމީހެއްގެ މައްޗަށް ޙުކުމްކުރެވިފައިވާ މީހެއްގެ ހެކިބަސް އެ ޙުކުމް ތަންފީޒުކުރެވެމުންދާ މުއްދަތުގައި "އިސްތިދްލާލީ" (inferential) ގޮތުން، އެމީހެއްގެ ހުވަޔާނުލައި ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ޙާލަތުކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރެވޭ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.
އިސްލާމީ ޝަރީޢަތުގައި ހެކިވެރިޔާގައި ހުރުން ލާޒިމްވެގެންވާ އަސާސީ އެއް ޝަރްޠަކީ ހެކިވެރިޔާގައި "ޢަދްލު" (عدل) ވެރިކަމުގެ ސިފަ ހުރުންކަން އިސްލާމީ ޝަރީޢަތުގެ ނައްޞުތަކުން ސާފުކޮށް އެނގޭކަމާއި، އިސްލާމީ ފިޤްހުގައި ހެކިވެރިއެއްގައި ޢަދްލުވެރިކަމުގެ ސިފަ ހުރިކަމުގައި ބެލެވެނީ އެމީހަކީ ބޮޑެތި ފާފަތަކަށް އަރައިނުގަންނަ އަދި ކުދި ފާފަކުރުމުގައި ދެމިނުހުންނަ މީހެއްކަމުގައި ވާނަމަކަން އެނގެން އޮންނަކަމާ، ވުމާއެކު "ފާސިޤް" (فاسق) އެއްގެ ހެކިބަސް އިސްލާމީ ޤަޟާއީ ނިޒާމުގައި ޤަބޫލުނުކުރެވޭކަމާއި، އެހެނީ ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުންނަކީ ފާސިޤުންކަމުގައި ސިފަކުރެވިގެންވާކަން އިސްލާމީ ޝަރީޢަތުގެ ތަފާތު ނައްޞުތަކުން އެނގޭކަމާ، އަދި އިސްލާމީ ޖިނާއީ ނިޒާމުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ޤަޞްދުގައި މީހުން މެރުމާއި، ވައްކަންކުރުމާއި، ޒިނޭކުރުމާއި، "ޤަޛްފު" ކުރުމާއި، ބަނގުރާ ބުއިންފަދަ ބޮޑެތި ޖަރީމާތައް ޝާމިލުވެގެންވާކަން އެނގޭކަމާ، އަދި ފާސިޤަކު ގެންނަ ޚަބަރަކީ ޞައްޙަ ޚަބަރެއްތޯ ސާބިތުކުރުމަށް މުއުމިނުންގެ މައްޗަށް އަމުރުކުރައްވައި މާތް ﷲ ކީރިތި ޤުރުއާނުގެ "އަލް ޙުޖްރާތު" ސޫރަތުގެ 6 ވަނަ އާޔަތުގައި "يَا أَيُّهَا الَّذِينَ آمَنُوا إِن جَاءكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَن تُصِيبُوا قَوْماً بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ"، (މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.") މިފަދައިން ވަޙީކުރައްވާފައިވާއިރު، އަދި ފާސިޤަކު ގެނެސްދޭ ޚަބަރުގެ ތެދު ދޮގު ސާބިތުކުރުމަކީ ވާޖިބެއްކަމާއި، އަދި އެފަދަ މީހެއްގެ ޚަބަރުގެ ޞައްޙަކަން އެނގިގެން މެނުވީ އެ ޚަބަރެއް ޤަބޫލުކުރުމަކީ ނަހީވެގެންވާ ކަމެއްކަން އިސްވެދިޔަ އާޔަތުގެ ތަފްސީރުން އިސްތިޚްލާޞްވާން އޮންނައިރު، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ތަފާތު މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ހެކިބަސްދޭ މީހާއަކީ ފާސިޤަކަށް ވެގެންނުވާނެކަމާމެދު އިސްލާމީ ފިޤްހުގެ ޢިލްމުވެރިންގެމެދުގައި ޚިލާފެއް ނުވާކަމާ، އެހެންކަމުން އެފަދަ ހެކިވެރިއެއްގެ ހެކިބަހަކީ، އެއިން އެކަނި ދަޢުވާ ސާބިތުކުރުމަށް ކާފީ ދަލީލެއް ނޫންކަން އިސްލާމީ ޤަޟާއީ ނިޒާމުގައި ދަޢުވާ ސާބިތުކުރުމުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.
މި މައްސަލާގައި މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 788 ޠޮއްޔިބާ އަޙްމަދާއި، ހ. ރީފްވިއު، ޝިފާނާ ޢަބްދުއްސައްތާރު އާއި، ހ. ފޭޒް، އާމިނަތު ސަލީމް ޖިނާއީ ކޯޓަށް ދީފައިވާ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ހައިކޯޓުން، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްފައިވަނީ ޤާނޫނީ އަދި ޝަރްޢީ އުޞޫލުތަކާއި ޚިލާފަށްކަމަށާއި، އެހެނީ ބުނެވިދިޔަ ތިން ހެކިންނަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ބޮޑެތި ފާފަތަކުގެތެރޭގައި ހިމެނޭ ފާފަޔަކަށް އަރައިގަތުމުގެ ސަބަބުން އެމީހުންގެ ކިބައިގައި އިސްލާމީ ޝަރީޢަތުގައި ހެކިންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރްޠެއްކަމަށްވާ ޢަދްލުވެރިކަމުގެ ސިފަ ގެއްލިފައިވާ އަދި ފާސިޤު ޢަމަލުތަކެއް ކޮށްފައިވާ ބައެއްކަމަށް މި މައްސަލާގައި ޢަބްދުﷲ ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގަޔާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ބުނުމުގެ މައްޗަށާ، އަދި ޢާންމު އުޞޫލެއްގެ ގޮތުން އެބައެއްގެ ހެކިބަސް ޝަރީޢަތަށް ޤަބޫލުނުކުރެވޭނެކަމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ މީހުންގެ ތެރޭގައި އެފަރާތެއްގެ ޢަދްލުވެރިކަން ގެއްލިފައިވާ ފަރާތްތައް ހިމެނޭކަމުގައިވިއަސް، ހެކިބަސްދޭ ފަރާތަކީ ޢަދްލުވެރިކަން ގެއްލިފައިވާ ފަރާތެއްތޯ ކަނޑައެޅުމުގައި ބަލާނެ މިންގަޑުތަކާ މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާކަން އެނގެން އޮންނަކަމަށާއި، ކުށުގެ ވެށީގެ ތެރޭގައި ތިބީ މުޅިންވެސް ޢަދްލުވެރިކަން ގެއްލިފައިވާ ފާސިޤުންކަމުގައި ތުހުމަތުކުރެވޭ ބަޔަކު ކަމުގައިވެފައި، އެ ނޫން ބަޔަކު އެފަދަ ތަނެއްގައި ނެތް ޙާލަތްތަކުގައި، އަދި އެބައެއްގެ ހެކިބަހުން ނޫންގޮތަކަށް ޝަރީޢަތަށް އެ މައްސަލައެއް ސާބިތު ނުކުރެވޭނެ ޙާލަތުގައި، ޢަދްލުވެރިކަން ގެއްލިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ހެކިބަސް ޝަރީޢަތަށް ޤަބޫލުކުރުމަކީ މުޅި މުޖްތަމަޢުގެ މަޞްލަޙަތަށްޓަކައި އިސްތިސްނާ ގޮތެއްގައި ހުއްދަވެގެންވާ ކަމެއްކަމުގައި އިސްލާމީ ޢިލްމުވެރިން އެއްބަސްވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 281/HC-A/2009 ޤަޟިއްޔާގައި ފާހަގަކޮށްފައި އޮންނައޮތުމަށާއި، އަދި އެއަށް ތާއީދުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވާކާލާތުކޮށްފައި އޮންނަ އޮތުމަށް ބެލިއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހެކިބަސްދޭ ފަރާތަކީ އިސްލާމީ ޝަރީޢަތުގައި ހެކިބަސްދޭ މީހާގައި ހުންނަންޖެހޭ އަސާސީ ޝަރްޠެއްކަމަށްވާ ޢަދްލުވެރިކަމުގެ ސިފަ ގެއްލިފައިވާ ފަރާތެއްތޯ ކަނޑައެޅުމުގައި، އިސްލާމީ އެންމެހައި މަޒްހަބުތަކުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނުވާ މިންގަޑެއްވާކަމާ، އެއީ، އިސްވެ އިޝާރާތްކުރެވުނު ފަދައިން، ހެކިބަސްދޭ ފަރާތަކީ ބޮޑު ފާފައެއް ކޮށްފައިވާ މީހެއްކަމުގައިވާނަމަ އެއީ ޢަދްލުވެރިކަމުގެ ސިފަ ފުރިހަމަނުވާ ފާސިޤެއްކަމުގައި އިސްލާމީ ޤަޟާއީ ނިޒާމުގައި، އެއްވެސް ޚިލާފެއްނެތި ބެލެވޭކަމާއި، އެހެންނަމަވެސް އިސްލާމީ ފިޤްހުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވަނީ މުރޫއަތްތެރިކަން ގެއްލިފައިވާ، ނުވަތަ މީސްތަކުންގެ މެދުގައި އިޙްތިރާމާއި، ޤަދަރު ގެއްލޭފަދަ މުޖްތަމަޢު ޤަބޫލުނުކުރާ ކަންތައްތަކަށް އަރައިގަންނަ މީހަކީ އިސްވެދިޔަ ޢަދްލުވެރިކަމުގެ ސިފަ ފުރިހަމަވާ މީހެއްކަމާ ނުވަތަ ނޫންކަމާއި މެދުކަން އިސްލާމީ ފިޤްހުގެ މަރްޖިޢުތަކަށް ބެލުމުން އެނގެން އޮންނަ ކަމެވެ.
(ށ) ދެވަނަ ކަމަކީ، ބޮޑެތި ފާފަތަކަށް އަރައިގެންފައިވާ ފާސިޤުންނަކީ، އިސްލާމީ ޤަޟާއީ ނިޒާމުގައި އެބައެއްގެ ހެކިބަސް ޤަބޫލުނުކުރެވޭނެ ފަރާތްތަކެއްކަން، އިސްލާމީ ޝަރީޢަތުގެ އެންމެ އަސާސީ ދެ މަޞްދަރުކަމަށްވާ، މާތްވެގެންވާ ޤުރުއާނާއި، މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގެ ތަފާތު ނައްޞުތަކުން ވަރަށް ސާފުކޮށް އެއްވެސް އޮޅުމެއްނެތް މިންވަރަށް އެނގެން އޮންނަކަމާ، އެހެންކަމުން އެފަދަ ފަރާތްތަކުގެ ހެކިބަސް ޝަރީޢަތަށް ޤަބޫލުނުކުރުމުގެ އުޞޫލަކީ އިސްލާމީ ފިޤްހުގެ ޢިލްމުވެރިން އެ އުޞޫލަކާއިމެދު ޚިލާފުވެފައިވާ އުޞޫލެއް ނޫންކަން އެނގޭކަމާއި، އެހެންނަމަވެސް ފާސިޤަކުގެ ބަސް ޝަރީޢަތުގެ މަޖިލީހެއްގައި ނެގޭ ހެކިބަސް ނޫން ގޮތަކަށް، އެހެން އެއްވެސް ފަރާތެއްގެ ފަރްދީ ޙައްޤެއް އެކުލެވިގެންނުވާ ބާވަތުގެ މައްސަލައަކާގުޅިގެން، ބަލައިގަތުމަކީ އޭގެ ޟަރޫރަތްތެރިކަމަށްބަލައި ޖާއިޒުކަމެއްކަމަށް އިސްލާމީ ޢިލްމުވެރިން ކަނޑައަޅުއްވައިފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، މި މައްސަލާގައި ޖިނާއީ ކޯޓުގައި ހެކިބަސް ދީފައިވާ، ޠޮއްޔިބާ އަޙްމަދާއި، ޝިފާނާ ޢަބްދުއްސައްތާރު އާއި، އާމިނަތު ސަލީމް އަކީ، އިސްލާމީ ޝަރީޢަތުގައި ހެކިންގައި ހުރުން ލާޒިމްވެގެންވާ ޝަރްޠެއްކަމަށްވާ ޢަދްލުވެރިކަމުގެ ސިފަ ގެއްލިފައިވާ ފަރާތްތަކެއްކަމަށް މިމައްސަލާގައި ދަޢުވާކުރާ ގއ. ދާންދޫ، ޢަބްދުﷲ ޙުސައިންގެ ފަރާތުން ބުނެފައިވާ ބުނުމަކީ، އެހެކިންގައި ބުނެވިދިޔަ ޝަރްޠު ފުރިހަމަނުވާކަމަށް ކޮށްފައިވާ ހަމައެކަނި ތުހުމަތެއް ނޫންކަމާއި، އެހެކިންގައި ބުނެވިދިޔަ ޝަރްޠު ފުރިހަމަ ނުވާކަން ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/730 ޤަޟިއްޔާއާއި، 2005/JC/729 ޤަޟިއްޔާއާއި، 2005/JC/732 ޤަޟިއްޔާގެ ޙުކުމުން ސާފުކޮށް އެނގެން އޮންނަކަމާ، އެހެނީ، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/730 ޤަޟިއްޔާގައި ޠޮއްޔިބާ އަޙްމަދުގެ މައްޗަށް ޒިނޭކުރުމުގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާއިރު، އެކޯޓުގެ ނަންބަރު 2005/JC/732 ޤަޟިއްޔާގައި އާމިނަތު ސަލީމްގެ މައްޗަށްވެސް ޒިނޭކުރުމުގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާކަމާ، އަދި އެކޯޓުގެ ނަންބަރު 2005/JC/729 ޤަޟިއްޔާގައި ޝިފާނާ ޢަބްދުއްސައްތާރުގެ މައްޗަށް، ހިލޭފިރިހެނުންނާއިއެކު ބަދު އަޚްލާޤީ ޢަމަލު ހިންގައިގެން ފައިސާ ހޯދިކަން ޝަރީޢަތަށް ސާބިތުވާތީ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްލާމީ ޝަރީޢަތުގައި ހެކިންގެ ކިބައިގައި ހުރުން ލާޒިމްވެގެންވާ ޢަދުލުވެރިކަމުގެ ޝަރްޠު ފުރިހަމަވުން ލާޒިމްވާ ވަޤުތަކީ އެހެކިން ހެކިބަސްދޭ ވަޤުތުކަން އެނގެން އޮންނައިރު، މި މައްސަލާގައި ޖިނާއީ ކޯޓުގައި ހެކިބަސްދިން ޠޮއްޔިބާ އަޙްމަދާއި، ޝިފާނާ ޢަބްދުއްސައްތާރު އާއި، އާމިނަތު ސަލީމްގެ ހެކިބަސް ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ނަގާފައިވަނީ، އެފަރާތްތަކުގެ މައްޗަށް، އިސްވެ ބަޔާންވެދިޔަ ނަންބަރު 2005/JC/730، 2005/JC/729، 2005/JC/732 ޤަޟިއްޔާތަކުގައި ޙުކުމްކުރެވި އެޙުކުމް ތަންފީޒުކުރެވެމުން ދަނިކޮށްކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްލާމީ ޝަރީޢަތުގަޔާއި، އެހެނިހެން ވަޟްޢީ ޤާނޫނީ ނިޒާމްތަކުގައިވެސް، ޤާނޫނީގޮތުން ބާޠިލު ދަލީލެއްގެ މައްޗަށް ބިނާކޮށް މުއްތަހަމެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރުމަކީ މުޅި މުޖްތަމަޢުގެ މަޞްލަޙަތަށްޓަކައިކަމަށް ބުނެ، އިސްތިސްނާކުރެވޭނެ ކަމެއް ނޫންކަމާއި، އެއީ އިސްލާމީ ޝަރީޢަތާއި، އަދި އެހެން އެއްވެސް ޤާނޫނީ ނިޒާމެއްގެ މަޤްޞަދެއްވެސް ނޫންކަމާއި، ސަބަބަކީ ޖިނާއީ އިޖްރާއާތުގެ ޤަވާޢިދުތަކާއި އުޞޫލުތަކަކީ އޭގެ ޒާތުގައި މުޅި މުޖްތަމަޢުގެ މަޞްލަޙަތު އޭގައި ޝާމިލުވެގެންވާ ޤަވާޢިދުތަކާއި އުޞޫލުތަކެއްކަމުގައި ވާންޖެހޭހިނދު، ޖިނާއީ މައްސަލަތަކުގައި މުޖްތަމަޢު ތަމްޘީލުކުރާ ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް، ޖިނާއީ ދަޢުވާ ސާބިތުކުރުމަށްޓަކއި ކޯޓުގައި ވަކާލާތުކުރަންވާނީ އަބަދުވެސް ޤާނޫނީގޮތުން ޞައްޙަ އިޖްރާއާތުތަކާއި ދަލީލުތަކުގެ މައްޗަށް ބިނާކޮށްކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 281/HC-A/2009 ޤަޟިއްޔާގައި، ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ޢަދުލުވެރިކަން ގެއްލިފައިވާ ފަރާތެއް ތައުބާވެއްޖެނަމަ، އެފަރާތެއްގެ ހެކިބަސް ޤަބުލުކުރެވޭނެކަމުގައި ފާހަގަކޮށްފައި އޮންނައޮތުމަށް ނަޒަރުކުރާއިރު، "ޤަޒްފު" (قذف) ގެ ކުށްފިޔަވައި އެހެން ކުށްތައް ސާބިތުވުމުގެ ސަބަބުން ޢަދްލުވެރިކަން ގެއްލޭ ފަރާތްތައް، އިޞްލާޙުވެ ތައުބާވެއްޖެނަމަ، އެފަރާތްތަކުގެ ހެކިބަސް ޤަބޫލުކުރެވޭނެކަމީ އިސްލާމީ ފިޤްހުގެ ޢިލްމުވެރިންގެމެދުގައި އިއްތިފާޤުވެފައިވާ ކަމެއްކަމުގައިވީނަމަވެސް، މި މައްސަލާގައި ޠޮއްޔިބާ އަޙްމަދާއި، ޝިފާނާ ޢަބްދުއްސައްތާރު އާއި، އާމިނަތު ސަލީމް ޖިނާއީ ކޯޓުގައި ހެކިބަސްދީފައިވަނީ، އިސްވެ ބަޔާންވެދިޔަ ނަންބަރު 2005/JC/730، 2005/JC/729، 2005/JC/732 ޤަޟިއްޔާތަކުން އެމީހުންގެމައްޗަށް ޙުކުމްކުރެވި އެޙުކުމް ތަންފީޒުކުރެވެމުން ދަނިކޮށްކަން އެނގެން އޮވެއެވެ.
މި މައްސަލަ ސާބިތުކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި، އިސްވެ ބަޔާންކުރެވުނު ހެކިންކަމުގައިވާ، ޠޮއްޔިބާ އަޙްމަދާއި، ޝިފާނާ ޢަބްދުއްސައްތާރު އާއި، އާމިނަތު ސަލީމްގެ ހެކިބަހުގެ ޞައްހަކަން ސާބިތުވާނޭ އިތުރު އެއްވެސް ދަލީލެއް މިމައްސަލަ ސާބިތުކުރުމަށްޓަކައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން، ޖިނާއީ ކޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ނުވާކަން އެނގެން އޮންނައިރު، ބުނެވިދިޔަ ތިން ހެކިންގެ ހެކިބަހުގެ އިތުރުން ދެ ފަރާތެއްގެ ހެކިބަސް ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާކަން އެނގެން އޮންނަކަމާއި، އެއީ އަޙުމަދް ނަސީމް، (މ.އ. ރީނދޫމާގެ، މާލެ) އާއި، އާމިނަތު ސުދާ (ގ.ކަޅަގާރިމާގެ، މާލެ) ކަމާއި، އެހެންނަމަވެސް މި ދެމީހުންގެ ހެކިބަހުގައިވަނީ، ޢަބްދުﷲ ޙުސައިން ކަރަންކާގެ، ގއ. ދާންދޫ ގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ އިސްވެ ބަޔާންވެދިޔަ ދަޢުވާ ނަފީކޮށްފައިކަން ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަކީ އެންމެހައި ޤާނޫނީ ނިޒާމްތަކުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ، ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަމާއި، ކޯޓުތަކުން އެ ޙައްޤު ލިބިދިނުމުގައި ދީމްޤުރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތް ކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއިން އެނގެން އޮންނަކަމާ، އަދި ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ޞަރީޙަ ޢިބާރާތުގައި ކަނޑައަޅައި ބަޔަންކޮށްފައިވާކަން އެނގެން އޮންނައިރު، މި މައްސަލާގައި ދަޢުވާކުރާ، ޢަބްދުﷲ ޙުސައިން، ގެ މައްޗަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ، އިސްލާމީ ޝަރީޢަތުގައި ހެކިންގެ ކިބައިގައި ހުރުން ލާޒިމްވެގެންވާ އަސާސީ ޝަރްޠެއްކަމަށްވާ "އަދްލުވެރިކަން" ގެއްލިފައިވާ ހެކިންތަކެއްގެ ހެކިބަހަށް ރިޢާޔަތަކޮށް، ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައި އޮންނަ އޮތުމަކީ، އަދި ތަފާތު ތަހްޒީބުވެފައިވާ މުޖްތަމަޢުތަކުގެ ޤާނޫނީ ނިޒާމްތަކުގައި އެފަރާތެއްގެ މައްޗަށް ޖިނާއީ ބޮޑެތިކުށް ސާބިތުވެ، އޭގެ އަދަބު ތަންފީޒުވަމުންދާ ފަރާތެއްގެ ހެކިބަސް އިސްތިދްލާލީ ނޫންގޮތަކަށް، އެހެކިބަހުން އެކަނި ޖިނާއީ ކުށް ސާބިތުނުކުރެވޭގޮތަށް އޮންނަ އުޞޫލާއިވެސް ޚިލާފަށް، ބުނެވިދިޔަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ޤާއިމުކޮށްފައިވާ އުޞޫލާއި އެއްގޮތްވާކަމަކަށް ނުފެނެއެވެ.
ޙުކުމް:
އިސްވެ ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމާއިއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ، ޤާނޫނީގޮތުން ޞައްޙަނޫން ދަލީލުތަކެއްގެ މައްޗަށް ކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 281/HC-A/2009 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ހުކުމެއްކަމަށް ކަނޑައަޅައި، ޢަބްދުﷲ ޙުސައިން، ކަރަންކާގެ، ގއ. ދާންދޫ ގެ މައްޗަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާއިން ކަނޑައަޅައި ކޮށްފައި އޮންނަ ޙުކުމަކީ ޞައްޙަ ޙުކުމެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.