ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 34 · 2021/SC-A/12ސުޕްރީމް ކޯޓު · 25 މާރިޗު 2021

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުހީ

ސުޕްރީމް ކޯޓު
10 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 މާރިޗު 2021ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2021/SC-A/12

ޝަރީޢަތް ނިމުނުގޮތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު

25 މާރިޗު 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2020/HC-A/280

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤާނޫނީ ވަކީލު: އަލްއުސްތާޛު އަޙްމަދު ޝާފިޢު، ހއ. އިހަވަންދޫ، އުދަރެސް

އަލްއުސްތާޛު ޙުސްނީ މުބާރިކް، ނ. މަނަދޫ، ގަސްކަރަ ޤާނޫނީ ވަކީލު: ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް،

ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ނީޝާން ވަޙީދު، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ފާޠިމަތު މީޝާ، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އާމިނަތު ޝީޒާ އަޙްމަދު

ޖިނާއީ – ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާ - ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ އެންމެ ކުރު މުއްދަތަކީ ކޮބައިކަން ދެނެގަތުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/280 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ދައުލަތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2021/SC-A/12 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (މީގެ ފަހުން "އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލިއެވެ. މި މައްސަލަ ހިންގާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 1329/Cr-C/2017 ޤަޟިއްޔާގައެވެ. މި ދަޢުވާއުފުލުނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ނަމަވެސް އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ އެ ދަޢުވާ ބަލާނެ ތަނެއް ނެތް ކަމަށެވެ. މިގޮތަށް ކްރިމިނަލް ކޯޓުން ނިންމުމުގައި ރިޢާޔަތްކޮށްފައިވާ ކަންކަމުގެ ތެރޭގައި ތިރީގައި އެވާ ސަބަބުތައް ހިމެނެއެވެ.

އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާ އުފުލުމަށް ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާކަން.

ނަމަވެސް 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާއުފުލިފައި ނުވާނަމަ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ޢަދުލު އިންސާފު ގާއިމުކުރުމަށާއި، މުޖުތަމަޢުގެ އަމަން ޢާންމު ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި އެ މުއްދަތުތައް ކޮންމެހެން އިތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެކަން ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/80 ޤަޟިއްޔާގައި އެކަށީގެންވާ ކުރު މުއްދަތު ގުނުމުގައި، ގައިޑްލައިންއެއްގެ ގޮތުގައި ބަލަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) އަށް ކަމަށް ބަޔާންކޮށްފައިވީއިރު، އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް އެ މާއްދާގައި ބުނާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ދަޢުވާ އުފުލަންޖެހޭނެކަން އެނގެން އޮތްއިރު، މި ދަޢުވާ އުފުލާފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނޫންކަން މަދަނީ މިންގަނޑަށް ބަލާއިރު ސާބިތުވާތީ، އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ބެލޭނެ ތަނެއް ނެތްކަން.

ކްރިމިނަލް ކޯޓުގެ ނަންބަރު 1329/Cr-C/2017 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމާމެދު ހިތްހަމަނުޖެހިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2020/HC-A/280 ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާއަށް ތާއީދުކޮށެވެ.

މިހާރު ހުށަހެޅިފައިވާ މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ ކުރިމަތީގައި ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އެކަށީގެންވާ އެންމެ ކުރު މުއްދަތު" މި ފަދައިން ބަޔާންކޮށްފައި އޮތުމުން އެ މުއްދަތަކީ ކޮބައިކަމާ މެދުގައެވެ. އަދި އެ މުއްދަތުގައިވާ ކަންކަންކޮށް ނިންމުމަށް މުއްދަތު ކަނޑައަޅާނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމާ މެދުގައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާ

މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ނުކުތާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/280 ޤަޟިއްޔާގައި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ "އެކަށީގެންވާ އެންމެ ކުރު މުއްދަތު" މާނަ ކޮށްފައިވަނީ، އެ ޤާނޫނުގެ 23 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 94 ވަނަ މާއްދާއާއި، 212 ވަނަ މާއްދާއާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި އަދި 17 ވަނަ މާއްދާއާއި ޚިލާފަށް ދެކޭ ކަމަށެވެ.

ބަޔާންވެދިޔަ ނުކުތާގެ މައްޗަށް ބިނާކޮށް ދައުލަތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1329/Cr-C/2017 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/280 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާތިލުކޮށް، އެ މައްސަލައަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދަޢުވާކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި، އެ މައްސަލައަކީ މައުޟޫޢީގޮތުން ބަލައި ގޮތެއް ނިންމަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށް ދިނުމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުގައި، މި މައްސަލަ މުރާޖަޢާކޮށް އަލުން ބަލައިގަތުމަށް ނިންމާފައިވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުން ލިބިފައި ނުވާތީވެ، އިސްތިއުނާފު ރައްދުވާ ފަރާތަށް ދިފާއުވުމަށް އެ ލިޔުން ބޭނުންވާތީވެ އެ ލިޔުން ލިބޭނެގޮތް ހަދައިދިނުމަށް އިޖުރާއީ ކަމެއްގެ ގޮތުގައި ފާހަގަކުރި ކަމާއި، ނަމަވެސް އެ ނުކުތާ ބަލައިގަތުމުގެ ބަދަލުގައި މައްސަލައިގެ މަޢުޟޫއަށް ޖަވާބުދާރީ ވުމަށް އެންގުނެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު ބިނާކުރާ މައިގަނޑު އަސާސަކީ، މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/280 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަކީ އެ ޤާނޫނުގެ ތަޢާރަފުގައި ބަޔާންކޮށްފައިވާ ފަދައިން، މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުން ކަމުގައި ބަޔާންކޮށްފައިވާ ޚާއްޞަ ޤާނޫނެއްކަން އެނގެއެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި އަދަބާއި އަދި ކަންކަން އެހެން ޤާނޫނަކުން ކަނޑައެޅިފައިވާ ކުށާއި އަދަބާއި އަދި ކަންކަމާ ފުށުއަރާނަމަ އިސްކަންދޭންވާނީ އެ ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި، އަދަބާއި އަދި ކަންކަން ކަމަށް ބަޔާންކޮށްފައި ވާތީވެ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަކީ، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމާއި ދަޢުވާކުރުމާއި އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާ ޚާއްޞަ ޤާނޫނެކެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ ޤާނޫނުގެ 5 ވަނަ މާއްދާގައި ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގައި ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން މީހަކު މެރުމުގެ ކުށާއި އެ ޤާނޫނުގެ 7 ވަނަ މާއްދާގައި މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށާއި އެ ޤާނޫނުގެ 8 ވަނަ މާއްދާގައި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށާއި އަދި 9 ވަނަ މާއްދާގައި ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެވެ.

ހުށަހެޅިފައިވާ މި މައްސަލަ ބިނާވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއަށެވެ. މި މާއްދާގެ ނައްސު ތިރީގައި ނަކަލް ކޮށްފައި އެ ވަނީއެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާ

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ:

(ހ) މި ޤާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާ ތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އެ ދަޢުވާ ކޯޓަށް ހުށަހަޅާ ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ޙުކުމެއް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލަތަކުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެ ފަދަ މައްސަލަތަކުގައި މީހަކު ހައްޔަރުކުރާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މައްސަލައިގެ ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމުވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ތަކަކީ ޢާންމު އުޞޫލުން ޢަމަލުކުރެވޭނެ މުއްދަތުތަކެއް ކަމުގައިވީނަމަވެސް، ޢަދުލު އިންސާފު ޤާއިމުކުރުމަށާއި، މުޖުތަމަޢުގެ އަމަން ޢާންމު ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި އެ މުއްދަތުތައް ކޮންމެހެން އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެކަން ކުރެވިދާނެ ކަމަށެވެ.

ޝަރަޙަ ކުރުން

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ނައްސަށް ބެލުމުން މި މާއްދާއަކީ އެ ޤާނޫނުގެ ދަށުން ތަޙްޤީޤު ކުރުމާއި ދަޢުވާކުރުމާއި އަދި ޝަރީޢަތް ކުރުމާ ގުޅޭގޮތުން އޮންނަ މުއްދަތު ބަޔާންކުރާ މާއްދާއެއް ކަން އެނގެއެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާކުރުމަށް ބަޔާންކޮށްފައި އޮވެ، ހަމަ މި މާއްދާގެ (ށ) ގައި ވަނީ 15 (ފަނަރަ) ދުވަހުގެ މުއްދަތުގެ ތެރޭގައި ދަޢުވާކުރެވޭނީ އެކަށީގެންވާ ހެކި ހުރެއްޖެ ކަމުގައިވާނަމަ ކަމާއި އަދި 17 ވަނަ މާއްދާގެ (ނ) ގައި ވަނީ މި ދެންނެވި މުއްދަތު ފަހަނައަޅައި ދިޔައިރު ދަޢުވާކުރުމަށް ބޭނުންވާ ހެކި ލިބިފައި ނުވާނަމަ، ޢަދުލު އިންސާފު ޤާއިމު ކުރުމަށާއި، މުޖުތަމަޢުގެ އަމަން ޢާންމުކަން ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި އެ މުއްދަތުތައް ކޮންމެހެން އިތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެކަން ކުރެވިދާނެ ކަމަށެވެ.

ނަމަވެސް 17 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ޢަދުލު އިންސާފު ޤާއިމު ކުރުމަށާއި، މުޖުތަމަޢުގެ އަމަން ޢާންމު ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި އެ މުއްދަތު ކޮންމެހެން އިތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި، އެކަމަށް "އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް" އެ ކަން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާތީވެ މިގޮތުން އިތުރުކުރެވޭ މުއްދަތުގެ ދިގު މިނެއް ޤާނޫނުގައި ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތަބާވާންޖެހޭ ބަންޑާރަ ނައިބު ކަނޑައަޅާފައިވާ މައިގަނޑު ސިޔާސަތުގައި ވެސް ބަޔާންކޮށްފައި ނެތެވެ.

ހަމަ މި އުޞޫލުން މި މާއްދާގެ (ހ) ގައި ކޯޓަށް ދަޢުވާ ހުށަހަޅާ ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ޙުކުމެއް ކުރަންވާނޭ ކަމަށް އޮވެ، 30 (ތިރީސް) ދުވަހުގެ މުއްދަތު އިތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި، ކޯޓުން އެކަމަށް "އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް" ކަނޑައަޅާނެ ގޮތެއް ޤާނޫނުގައި ބަޔާންކޮށްފައި ނެތް ހިނދު، އެކަމުގައި ބަލާނެ ހަމައެއްވެސް ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.

ނަމަވެސް، ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅޭ ޤާނޫނުތަކުގައި ޤާނޫނު އެކަށައެޅި ފަރާތުން މުއްދަތު ތަކެއް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާއި 51 ވަނަ މާއްދާގައި ބަޔާންވެފައިވާ "ވީ އެންމެ އަވަސް" ނުވަތަ "އެކަށީގެންވާ މުއްދަތުގެ ތެރޭގައި" އެ ކަންކަންކޮށް ނިންމުމަށެވެ. ވަކި ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތެއްގައެވެ. މިއީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި މުއްދަތުތައް މާނަކުރުމުގައި ކަނޑައެޅިފައިވާ އުސޫލެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރު

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތެއްގެ މައްޗަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާކުރުން ލާޒިމުކޮށްފައިވާ ހިނދު، ބުނެވިދިޔަ 15 (ފަނަރަ) ދުވަހުގެ މުއްދަތުގެ ތެރޭގައި ދަޢުވާނުކުރެވިއްޖެނަމަ، ޢަދުލު އިންސާފު ޤާއިމުކުރުމަށާއި، މުޖުތަމަޢުގެ އަމަން ޢާންމު ރައްކާތެރިކުރުމުގެ ބޭނުމަށްޓަކައި ވީ އެންމެ އަވަހަކަށް ދަޢުވާކުރުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ވަނީ ޤާނޫނުން ދޫކޮށްލާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލަކީ ދައުލަތުގެ ނަމުގައި ޖިނާއި ދަޢުވާއުފުލުމާއި، ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމުގެ އެންމެހައި އުޞޫލުތައް ކަނޑައެޅުމުގެ ބާރު ލިބިފައިވާ މުސްތަޤިއްލު ފަރާތެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ޢަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކާއި ބަންޑާރަ ނައިބު ކަނޑައަޅާފައިވާ މައިގަނޑު ސިޔާސަތު ތަކަށެވެ. މި އިން މަސްދަރެއްގައި ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކަނޑައަޅާފައި ނުވާ ކޮންމެ ކަމެއް، ނުވަތަ ޤާނޫނަކުން ވަކި ކަމަކަށް ހަނު އޮންނަ ޙާލަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތައް އަދާ ކުރުމަށްޓަކައި، ނިންމަންޖެހޭ ކޮންމެ ނިންމުމެއް ހެޔޮ ނިޔަތުގައި ނިންމުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވެއެވެ.

ޤާނޫނުގައި ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅައި، މުއްދަތުތަކެއް ކަނޑައަޅާފައިވަނީ އިންސާފު އަވަސް މިނެއްގައި ހޯދައި ދިނުމަށެވެ. ނަމަވެސް މިއިން މުއްދަތެއް ފަހަނައަޅައި ގޮސް ކުށްވެރިއަކު ވީއްލުމަކީ ޤާނޫނުގެ މަޤްސަދެއް ނޫނެވެ. އަވަސް މުއްދަތު ތަކެއްގައި ދަޢުވާކުރުމަށް ބަޔާންކޮށްފައިވަނީ އެކަމުގެ މުހިއްމުކަން އޮތީމައެވެ. ދަޢުވާކުރެވެނީ ހެކި ހުރެގެން ކަމުގައި ވާތީވެ ބޮޑު ކުށެއްގައި 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހެކި އެއް ނުކުރެވިދާނެއެވެ. އަދި އެއަށްފަހު، އެ މުއްދަތަށް ހެކި ނުލިބިއްޖެ ކަމުގައިވާނަމަ، ތަޙްޤީޤު ކުރުމަށް ނުވަތަ ދަޢުވާކުރުމަށް އެކަށޭނަ ކުރު މުއްދަތެއް އިތުރު ކުރުމުގެ އިޚްތިޔާރަކީ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިފައިވާ މުތުލަޤު ބާރެކެވެ.

ކުރު މުއްދަތަކީ ކޮންމެ މައްސަލައެއްގައި ވަކިވަކިން ތަބީޢަތަށާއި ތަޙްޤީޤަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުމެކެވެ. ފަހަރުގައި މިކަމުގައި، ދުވަސްތަކެއް، ހަފްތާ ތަކެއް އަދި މަސް ތަކެއްވެސް ނެގުމުގެ އިހްތިމާލު އޮވެދާނެ ކަމެކެވެ.

ކޯޓު ތަކުގެ އިޚްތިޔާރު

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި އެ ޤާނޫނުގެ ދަށުން ކޯޓަށް ދަޢުވާ ހުށަހަޅާ ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ޙުކުމެއް ކުރަންވާނޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި މައްސަލައެއް، ކަނޑައަޅާފައިވާ އިޖުރާއަތުތަކަށް ބިނާކޮށް ނުވަތަ ޝަރީޢަތްކުރުމުގެ ހަމަތަކުގެ ތެރެއިން، ފައިސަލާ ކުރަނިވި ޙުކުމަކާ ހަމައަށް ވާސިލުވުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ފެންނަނަމަ، މައްސަލަ ބަލާ ފަނޑިޔާރަކަށް ބުނެވިދިޔަ ޤާނޫނުގެ 17 މާއްދާގެ (ނ) ގައިވާ އުޞޫލުން މައްސަލަ އެއް ނިންމުމަށްޓަކައި، އެކަމަށް ފަނޑިޔާރުގެ ނަޒަރުގައި އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އިތުރު ކުރެވިދާނެއެވެ.

އިޖުރާއާތުތައް މަސްހުނި ނުކުރުން

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްޞަ ޤާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްޞަ އުޞޫލުތައް ކަނޑައަޅައިދީފައިވާނަމަ އެ ޤާނޫނަށް އިސްކަންދޭންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަކީ ޚާއްޞަ ޤާނޫނެކެވެ. މި ޚާއްޞަ ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި އަދަބާއި އަދި ކަންކަން އެހެން ޤާނޫނަކުން ކަނޑައަޅާ ނުވަތަ ކަނޑައެޅިފައިވާ ކުށާއި އަދަބާއި އަދި ކަންކަމާ ފުށުއަރާނަމަ އިސްކަންދޭންވާނީ މި ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި، އަދަބާއި އަދި ކަންކަން ކަމަށް ބަޔާންކޮށްފައި ވާތީވެ، މި ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމާއި ދަޢުވާކުރުމާއި އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނީ މި ޤާނޫނުގެ ދަށުންކަން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އެއްވެސް ކަމަކާ ގުޅިގެން ޖިނާއީ އިޖުރާތުގެ ޤާނޫނަށް ރުޖޫޢަވާކަން ނުޖެހޭނެއެވެ. ޚާއްޞަ އުޞޫލުތަކެއް ޤާނޫނެއްގައި ކަނޑައަޅާފައިވަނީ އެކަމުގެ ޚާއްޞަ މަޤުސަދުތަކެއް އޮވެގެން ކަމާއި، ޚާއްޞަ ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަން އެ ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޛުކުރުން ލާޒިމުވާނޭ ކަމާއި، ޚާއްޞަ ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަމާއި، އާންމު އިޖުރާއަތުގެ ޤާނޫނު ތަކުގައިވާ ކަންކަމާއި މަސްހުނި ނުކުރުމަކީ ޚާއްސަ ޤާނޫނެއް އޮތުމުގެ އެންމެ މުހިއްމު މަޤުސަދެވެ.

އުޞޫލުތައް ތަޠުބީޤުކުރުން

ބަޔާންވެދިޔަ ކަންކަމުގެ އަލީގައި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަކީ އެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދަޢުވާނުކުރެވިއްޖެނަމަ، ނުވަތަ އެ ޤާނޫނުގެ ދަށުން ދަޢުވާ ކޯޓަށް ހުށަހަޅާ ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ޙުކުމެއް ނުކުރެވޭނެ ކަމަށް ފެންނަނަމަ، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައިވާ އުޞޫލުން ތަޙްޤީޤުކުރުމާއި ދަޢުވާކުރުން ކަމުގައިވާނަމަ ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ އެކަށީގެންވާ އެންމެ ކުރު މުއްދަތެއް އިތުރުކުރެވިދާނެ ކަމާއި އެ ނޫން ކަންކަމުގައި، ކޯޓުން މައްސަލަ ނިންމުމުގައި ކަނޑައަޅަންޖެހޭ މުއްދަތު ފަދަ ކަންކަމުގައި، އެ މައްސަލަ ބަލާ ފަނޑިޔާރުގެ ނަޒަރުގައި އެކަށޭނެ އެންމެ ކުރު މުއްދަތެއް އިތުރު ކުރެވިދާނެކަމަށް އަހުރެން ދެކެމެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 1329/Cr-C/2017ޤަޟިއްޔާ ކުރިޔަށް ގެންދެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅާފައިވަނީ، މި މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާ މެދު ކްރިމިނަލް ކޯޓުން ނިންމި ގޮތުގެ ސަބަބުން ކަމުގައިވާތީ، މި މައްސަލައިގެ މައުޟޫޢުއާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، މި މައްސަލައަކީ އެ ކޯޓުން ބަލައިގަނެ ކުރިއަށް ގެންދަންވާނެ މައްސަލައެއް ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެ މަތިން ހުރުމާއެކު، މި މައްސަލައިގައި؛

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/280 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އަދި

(ށ) ކްރިމިނަލް ކޯޓުގެ ނަންބަރު 1329/Cr-C/2017 ޤަޟިއްޔާގައި ހިމެނޭ މައްސަލައާ ގުޅިގެން އދ.މާމިގިލި، އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އަލުން ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައަކީ އެ ކޯޓުން ބަލައިގަނެ ހިންގަންވާނެ މައްސަލައެއް ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ