ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ހާނިފް (އެޑްރެސް އުނިކުރެވިފައި)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކޯޓުގެ ނަން ސިއްރު ކުރެވިފައި xxx
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މެޖިސްޓްރޭޓް ކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 (ނ) ގެ ދަށުން ކުށުގެ ރެކޯޑަށާއި 59 (ރ) އަށް ބަލައި، 60 (ރ) (2) ގެ ދަށުން ތުހުމަތުކުރެވޭ ފަރާތް ޝަރުޠުކޮށް ބަންދުން ދޫކޮށްލިއެވެ.
- ވާޤިޢާ
- އާއިލާގެ ކުޑަކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށް، ޤާނޫނު ނަންބަރު 12/2009 ގެ ދަށުން 30 ދުވަހަށް ބަންދުކުރުމަށްފަހު، ދައުލަތުން 33 (ށ) ގެ ދަށުން އިތުރު 30 ދުވަހަށް ބަންދުކުރަން އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޤާނޫނު ނަންބަރު 12/2009 ގެ ދަށުން ބަންދުކުރެވިފައިވާ މީހަކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އާއި 60 ވަނަ މާއްދާއަށް ރުޖޫޢަވެ ޝަރުޠުކޮށް ދޫކޮށްލި ނިންމުމަކީ، އެ ޚާއްޞަ ޤާނޫނުގެ އިފްތިރާޟުތަކާއި ޚާއްޞަ އިޖުރާއަތާ ޢާއްމު އިޖުރާއަތު މަސްހުނި ނުކުރުމުގެ އުޞޫލާ ޚިލާފު ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ އިފްތިރާޟާއި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމުގެ ހެކި ހުރިއިރު ދޫކޮށްލުމަކީ ޚާއްޞަ ޤާނޫނާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފު ކަމަށާއި ޢާއްމު އިޖުރާއަތަށް ރުޖޫޢަވުމަކީ މަސްހުނިކުރުން ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ ތުހުމަތުކުރާ ޢަމަލު ނުހިންގާކަމަށާއި ދަށުކޯޓުގެ ނިންމުމަށް ތާއީދުކުރުމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ އިފްތިރާޟު ނަފީކުރާނެ ހުށަހެޅުމެއް ތުހުމަތުކުރެވޭ ފަރާތުން ނުކުރާތީއާއި، ޚާއްޞަ ޤާނޫނު ތަޠުބީޤުކުރަންޖެހޭ ޙާލަތެއްގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މާއްދާތައް މަސްހުނިކޮށް ދޫކޮށްލުމަކީ ޚާއްޞަ ޤާނޫނުގެ ރައްކާތެރިކަން ގެއްލުވާލާ ނިންމުމަކަށްވާތީ އަމުރު ބާޠިލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ އަމުރު ބާޠިލު؛ ތުހުމަތުކުރެވޭ ފަރާތް 7 ދުވަހަށް ބަންދުކޮށް، ބަންދާމެދު ދަށުކޯޓުން އަލުން ގޮތް ނިންމުމަށް އެންގި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނު ނަންބަރު 12/2009 އަކީ ޚާއްޞަ ޤާނޫނެއް ކަމަށްވާތީ، އޭގެ އެންމެހައި މާއްދާތައް ކިޔައި ތަޠުބީޤުކުރަންވާނީ، 2 ވަނަ މާއްދާގައިވާ ގޮތަށް ކުޑަކުދިންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދު އެންމެ ފުރިހަމައަށް ޙާޞިލުވާނެ ބީދައަކުންނެވެ.
HN2 ޤާނޫނު ނަންބަރު 12/2009 ގެ 28 ވަނަ މާއްދާއިން، އެ ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ މީހާ ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުން މިނިވަންވުމުގެ ޙައްޤު ހިފެހެއްޓިފައިވާއިރު، އެފަދަ މީހަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާ އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވާ މީހެއްކަމަށް ޤާނޫނުން އިފްތިރާޟުކޮށްފައިވެއެވެ.
HN3 ޤާނޫނު ނަންބަރު 12/2009 ގެ ދަށުން، ތުހުމަތުކުރެވޭ މީހާއަކީ ނުރައްކާތެރި މީހެއްކަން ދައްކުވައިދިނުމުގެ ޒިންމާއެއް ދައުލަތާ މަތިކުރެވިފައެއް ނުވެއެވެ؛ އެއީ ނުރައްކާތެރި މީހެއް ނޫންކަމާއި ހެކިންނަށް ނުފޫޒު ނުފޯރުވާނެކަން ދައްކުވައިދިނުމުގެ ބުރަ އޮތީ ތުހުމަތުކުރެވޭ މީހާގެ ބޮލުގައެވެ. އެ އިފްތިރާޟު ނަފީކުރާ އެއްވެސް ހުށަހެޅުމެއް ނެތި ދޫކޮށްލުމަކީ ޤާނޫނުގެ ޤަޠްޢީ ނައްޞުތަކާއި މަޤްޞަދާ ޚިލާފު ނިންމުމެކެވެ.
HN4 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 (ނ) ގެ ދަށުން، ޖިނާއީ ކުށް ކަނޑައަޅާ ޚާއްޞަ ޤާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްޞަ އުޞޫލެއް ކަނޑައަޅާފައިވާނަމަ އެ ޤާނޫނަށް އިސްކަންދޭންޖެހެއެވެ؛ ޚާއްޞަ ޤާނޫނާއި ޢާއްމު އިޖުރާއަތުގެ ޤާނޫނު މަސްހުނިނުކުރުމަކީ ޚާއްޞަ ޤާނޫނެއް އޮތުމުގެ އެންމެ މުހިންމު މަޤްޞަދެވެ.
HN5 ޤާނޫނު ނަންބަރު 12/2009 ގެ ދަށުގެ ބަންދެއްގައި، އޭގެ 32 ވަނަ މާއްދާގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 (ނ)، 59 (ރ) އަދި 60 (ރ) (2) ތަޢާރަފުކޮށް ދެ ޤާނޫނު މަސްހުނިކޮށް ޝަރުޠުކޮށް ދޫކޮށްލުމަކީ، ޚާއްޞަ ޤާނޫނުގެ ހަރުކަށި ރައްކާތެރިކުރުމުގެ ފިޔަވަޅުތަކަށް ލުއިދީ އެ ޤާނޫނުގެ މަޤްޞަދު ގެއްލުވާލާ، ޚާއްޞަ އިޖުރާއަތާ ޢާއްމު އިޖުރާއަތު މަސްހުނިނުކުރުމުގެ އުޞޫލާ ޚިލާފު ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު [REDACTED] ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ [REDACTED]، އިބްރާހީމް ހާނިފުއެވެ.
2މި ރިޕޯޓުގައި "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށް ބަޔާންކޮށްފައި އެވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނިސްބަތްކޮށެވެ. "އިސްތިއުނާފުރައްދުވާ ފަރާތް" ނުވަތަ "އިބްރާހީމް ހާނިފް" ކަމަށް ބަޔާންކޮށްފައި އެވަނީ [REDACTED]، އިބްރާހީމް ހާނިފުއަށް ނިސްބަތްކޮށެވެ.
މައްސަލައިގައި ކަންހިގާފައިވާގޮތް
3އިބްރާހީމް ހާނިފު، އެކި ދުވަސް މަތިން، މީނާގެ އަންހެނުންގެ އާއިލާގެ ކުޑަކުއްޖަކު (އުމުރުން 8 އަހަރުގެ ކުއްޖެއް) ގްރޫމްކޮށް، ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި އިބްރާހީމް ހާނިފް، 12 ނޮވެންބަރު 2024 ދުވަހު، ހައްޔަރުކޮށްފައިވެއެވެ.
4ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގޫގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަމަށް ދައުލަތަށް ގަބޫލުކުރެވޭތީ، 30 ދުވަހުގެ މުއްދަތަށް އިސްތިއުނާފުރައްދުވާ ފަރާތް ބަންދުކޮށްދިނުމަށް އެދުމުން، [REDACTED] މެޖިސްޓްރޭޓް ކޯޓުން އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވެއެވެ. އެ އަމުރުގައި އިސްތިއުނާފުރައްދުވާ ފަރާތް ބަންދުކޮށްފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީއާއި، ހެކިބަސްދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާނެކަމަށް ފެންނާތީ ކަމަށް ބަޔާންކޮށްފައިވެއެވެ.
5އިސްވެ ބުނެވުނު އަމުރުގެ މުއްދަތު ހަމަވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން އިތުރު 30 ދުވަހުގެ މުއްދަތަށް އިސްތިއުނާފުރައްދުވާ ފަރާތް ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން، 12 ޑިސެންބަރު 2024 ދުވަހު މެޖިސްޓްރޭޓް ކޯޓުގައި ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އަޑުއެހުމެއް ބާއްވާ، އެ ކޯޓުގެ ނަންބަރު [REDACTED] ކޯޓު އަމުރުން އިސްތިއުނާފުރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ނިންމާފައިވެއެވެ.
6މިއީ ބުނެވިދިޔަ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާ
7ދަށުކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަކީ:
7.1. މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު [REDACTED] (12 ޑިސެންބަރު 2024) ކޯޓު އަމުރުން ތުހުމަތުކުރެވޭ މީހާގެ މައްޗަށް ޝަރުތުކުރުމަށްފަހު ބަންދުން ދޫކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 30 ވަނަ މާއްދާއާއި، 32 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
7.2 މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު (12 ޑިސެންބަރު 2024) ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (2021/SC-A/12) ޤަޟިއްޔާގައި ކަނޑައަޅާފައިވާ، އިޖުރާއަތުތައް މަސްހުނި ނުކުރުމުގެ އުސޫލާ ޚިލާފަށް ކޮށްފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ޚުލާސާ ފުރަތަމަ ނުކުތާއާ ގުޅޭ
8އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން އެ މީހަކު ބަންދުގައި ބެހެއްޓޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުންކަމުގައި ވީނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާއާއި، އެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ބަލައި، ތަޙްޤީޤް މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ޙައްޤު އެ މިންވަރަށް އެ ޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިދާނެކަމަށާއި އެ ޤާނޫނުގެ 2 ވަނަ މާއްދާގައި ޤާނޫނުގެ މަޤްޞަދުގެ ތެރޭގައިވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ތައްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބޭތިއްބުމާއި، ކުށުގެ އަދަބުން މިންޖުވުމަށްފަހުވެސް ވަކިކަހަލަ ނިޒާމެއްގެ ތެރެއިން ބެލެހެއްޓެމުންދާގޮތް ހެދުން ހިމެނޭކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
9ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ތުހުމަތު އުފުލޭ ހިނދު، އެ މީހަކީ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރުވާނެ މީހެއްކަމުގައި އިފްތިރާސްކޮށް، އެ މީހަކު ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް މަގުފަހިކޮށްދޭކަމަށް މާނަކުރެވޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޔުނާން ޤަސިއްޔާގައި ބަޔާންކޮށްފައިވާކަމަށާއި، ހުށަހެޅިފައިމިވާ މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތަށް ތުހުމަތުކުރެވެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކަމަށްވާތީ، އެ ޤާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިފްތިރާޟް މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތުގެ މައްޗަށްވެސް ހިނގާނެ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
10މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު [REDACTED] ކޯޓު އަމުރުން އިސްތިއުނާފުރައްދުވާ ފަރާތް ބަންދުކޮށްފައިވަނީ، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮވެގެންކަން އެނގޭކަމާއި، އެ ޙާލަތު ދެމިއޮތްކަން އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރު ނެރުނު ފަނޑިޔާރުވެސް ގަބޫލުކުރާކަން އެ އަމުރުގައި ތަފްސީލްގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
11ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިސްމާއީލް ޝަރީފް ޤަޟިއްޔާގައި މައްސަލައިގައި ހެކިވެރިންގެ ގޮތުގައި ހިމެނޭ ގިނަ މީހުންނަކީ ތުހުމަތުކުރެވޭ މީހާއާ އާއިލީ ގޮތުން ނުވަތަ ކައިވެނީގެ ގޮތުގައި ގުޅުން އޮތް ބައެއްކަން އެނގެން އޮންނައިރު، ތުހުމަތުކުރެވޭ މީހާގެ މައްޗަށް [2024] SC 15 2023/HC-B12/83 2018/HC-A/207 ތުހުމަތުކުރެވިފައިވާ މައްސަލައިގެ ބާވަތުން (އިތުބާރުކުރެވޭ މަޤާމެއްގައިހުރެ އުފަން ދަރިޔަކާމެދު ޖިންސީ ގޯނާކުރުން) މުޖުތަމަޢުއަށް ދޫކުރެވިފައި ހުރުމުން ހެކިންނަށް ވަކިން ޚާއްޞަކޮށް ކައިވެނީގެ ގޮތުން ނުވަތަ އާއިލީ ގޮތުން ގުޅިފައިވާ ފަރާތްތަކުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮންނާނެކަމަށް ބެލެވޭނެކަމަށް ފާހަގަކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އުޘްމާން ޤަޟިއްޔާގައި މައްސަލައިގެ ހެކިބަސް ޝަރީޢަތަށް ނެގިފައި ނުވާއިރު، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލަކީ ވަރަށް ފުޅާކޮށް އޮތް އިޙްތިމާލެއްކަމާއި، މީހާ އެހެން ތަނެއްގައި ދިރިއުޅުމަކީ މި ޓެކްނޮލޮޖީގެ ޒަމާނުގައި ހެއްކަށް ނުފޫޒުފޯރުވުމަށް ހުޅުވިފައި އޮތް ދޮރު ބަންދުވުމުގެ އިޙްތިމާލް އޮތް ކަމެއްނޫންކަމާއި، އެކަކު އަނެކަކާއި ހަމައެކަނި ޖިސްމާނީ ގޮތުން ބައްދަލުވުން ފިޔަވައި ދެން ހުރި އެހެނިހެން ގޮތްތަކުން ބައްދަލުވެ މުޢާމަލާތްކުރުމުގެ މަގު ތަނަވަސްވެފައި އޮތް ކަމެއްކަމަށާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮންނަ ޙާލަތެއްގައި ހުރި ފަރާތެއްކަމުގައިވާނަމަ އެ ފަރާތް ހުންނަން ވާނީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލް ނެތިކޮށްލެވޭފަދަ ތަނެއްގައި ކަމަށާއި، އެފަދަ ފަރާތެއް މިނިވަން ވެފައި ހުރުމުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލް ނެތިކޮށް ނުލެވޭނެކަމަށް ބަލަންޖެހޭކަމަށް ފާހަގަކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
12މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތް ހެކިންނަށް ނުފޫޒު ފޯރުވުމަށް އިތުރު މީހަކު މެދުވެރިކޮށް ފޯނުން ގުޅައި ހެކިންނާ ވާހަކަ ދެއްކިކަމަށް ހެކިންގެ ބަޔާންތަކުގައި ސާފުކޮށް ބުނެފައި އޮތުމުން އިސްތިއުނާފުރައްދުވާ ފަރާތް މި މައްސަލައިގައި ބަންދުކުރުމުގެ ކުރިން، މި މައްސަލައިގައި ތިބި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް މައްސަލަ ކުރިއަށް ގެންދިޔަ ނުދިއުމަށް މަސައްކަތްކޮށްފައިވާކަން އެނގޭކަމާއި، އެކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮއްވައި، ޝަރުޠުކޮށް އޭނާ ބަންދުން ދޫކޮށްލުމަކީ މައްސަލައިގައި ތިބި ހެކިންނަށް އިތުރަށް އިސްތިއުނާފުރައްދުވާ ފަރާތުން ނުފޫޒު ފޯރުވުމަށް ހުޅުވިގެންދާނެ ފުރުސަތެއްކަމުގައި ދައުލަތުން ދެކޭކަމާއި، އެހެންކަމުން، މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތް ބަންދުން ދޫކޮށްލާފައިވަނީ އިސްވެ ފާހަގަކުރެވުނު އިޙްތިމާލް ދެމި އޮއްވައި އިސްތިއުނާފުރައްދުވާ ފަރާތް ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވަނިކޮށް، އަދި އެކަމުގެ ހެކި ލިބިފައި ވަނިކޮށް، ޤާނޫނުތަކާއި މަތީ މަރުޙަލާތަކުގެ ނިންމެވުންތަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތްނުކޮށް ކަމުގައި ދައުލަތުން ދެކެއެވެ.
13އިސްތިއުނާފުރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލައަކީ އަދި ތަޙްޤީޤު ނިމި، 25 ޑިސެންބަރު 2025 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަނެފައިވާ މައްސަލައެއްކަމާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލަކީ ތުހުމަތު ކުރެވުނީއްސުރެ މައްސަލައިގައި ޙުކުމް ކުރުމާ ހަމައަށްވެސް އޮންނާނެ އިޙްތިމާލެއް ކަމަށާއި، ދިވެހިރާއްޖޭގެ ހިނގަމުންދާ މައްސަލަތަކުގައިވެސް އެކަން އެގޮތަށް ހިނގަމުންދާ ކަމަށާއި، މައްސަލައިގައި ހެކިންގެ ހެކިބަސް ނަގާފަހުންވެސް ހެކިން ދޭ ހެކިބަސް ނަފީކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާކަމީ ފެންނަން އޮތް ޙަޤީޤަތެއްކަމަށާއި، އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކުގައި މިކަން ހިނގާކަމަށް ދައުލަތުން ފާހަގަކުރެއެވެ.
14ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިރުފާން ތަޤިއްޔު 7 ޤަޟިއްޔާއާއި، އެ ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް 8 ޤަޟިއްޔާގައި، ހިނގަމުންދާ މައްސަލައެއްގައި ޝަރީޢަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާ ކަންކަމަށް ބަންދު މުރާޖަޢާކުރާއިރު ރިޢާޔަތްކޮށްގެން ނުވާނެކަމަށާއި، މައުޝޫއީ މައްސަލައެއްގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ނުވަތަ ޙުކުމެއް ކުރުމުގެ ކުރިން ދަށު ކޯޓުން ވަކި ހެކިތައް ވަޒަންކުރުމުން އިސްތިއުނާފީ މަރުޙަލާގައި އެ މައްޗަށް ބަހުސްކޮށް ގޮތެއް ނިންމާނަމަ އަސްލު މައްސަލައިގެ މުއާލާތް ކެނޑި، ޝަރީޢަތުގެ މަރުޙަލާ ފަސާދަވެ ތަޢައްޔަރުވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި މީހަކު ދެމެހެއްޓުމަށް މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއްގައި އަމުރެއްކުރުމުގެ ކުރިން ކޯޓުން ރިޢާޔަތްކުރަންވާނެ ކަންކަން ބަޔާންކޮށްފައިވާއިރު އެ މާއްދާގެ (ބ) ގައި ކުށުގެ ތުހުމަތުކުރެވޭ މީހާގެ މާޒީގައި، އޭނާގެ މައްޗަށް އެފަދަ ކުށުގެ ތުހުމަތު އުފުލިފައިވާކަން ނުވަތަ ނޫންކަން ހިމެނޭކަމަށް ބަޔާންކޮށްފައިވާކަމާއި، މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ނިންމި ސަބަބަށް ބަލާއިރު ކުރިން އިސްތިއުނާފުރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައަށް ރިޢާޔަތްކޮށްފައިނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
ދެވަނަ ނުކުތާއާ ގުޅޭ
15ކުށް ކަނޑައެޅުމުގެ ހާއްޞަ ޤާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ހާއްޞަ އުސޫލުތަކެއް ކަނޑައަޅައިދީފައިވާ ޙާލަތުގައި އެ ޤާނޫނަކަށް އިސްކަން ދޭންޖެހޭނެކަމަށް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 212 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އެއްވެސް ކަމަކާ ގުޅިގެން އާންމު އިޖުރާއަތަށް ރުޖޫޢަވާން ނުޖެހޭނެކަން ސާފުކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ ޤަޝިއްޔާގައިވެސް ހާއްޞަ އުސޫލުތަކެއް ޤާނޫނެއްގައި ކަނޑައަޅާފައިވަނީ އެކަމުގެ ހާއްޞަ މަޤްޞަދުތަކެއް އޮވެގެންކަމާއި، ހާއްޞަ ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަމާއި، އާންމު އިޖުރާއަތުގެ ޤާނޫނުތަކުގައިވާ ކަންކަމާއި މަސްހުނި ނުކުރުމަކީ ހާއްޞަ ޤާނޫނެއް އޮތުމުގެ އެންމެ މުހިންމު މަޤްޞަދުކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
16މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތުގެ މައްޗަށް މި ބާވަތުގެ އިތުރު ތުހުމަތެއް ކުރެވުނުކަމާގުޅޭ ލިޔުންތައް ހުށަހަޅާފައިވަނިކޮށް، ދަށުކޯޓުން އަމުރު ނެރުނު ފަނޑިޔާރު ރިޢާޔަތްކޮށްފައިވަނީ އާންމު އިޖުރާއަތަށްކަން ސާފުކޮށް ކޯޓު އަމުރުގައި ލިޔެފައިވާކަމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ކުށުގެ ތުހުމަތުކުރެވޭ މީހާގެ މާޒީގައި، އޭނާގެ މައްޗަށް އެފަދަ ކުށުގެ ތުހުމަތު އުފުލިފައިވާކަން ނުވަތަ ނޫންކަމުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ނ) ގައިވާ ކުށުގެ ރެކޯޑަށް ރިޢާޔަތްކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް މަސްހުނި ނުކުރުމުގެ އުސޫލާ ޚިލާފަށްކަމުގައި ދައުލަތުން ދެކެއެވެ.
17ޚާއްޞަ ޤާނޫނުން ބަންދުކޮށްދިނުމަށް ޕްރޮސިކިއުޝަނުން އެދިފައިވަނިކޮށް، އިސްތިއުނާފުރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް އަމުރު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުންކަމަށާއި، ތުހުމަތުކުރެވޭ ފަރާތް ބަންދުކުރުމާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 5 ވަނަ ބައިގައި ހުރި މާއްދާތަކަށް ރިޢާޔަތްނުކޮށް އާންމު އިޖުރާއަތަށް ރުޖޫއަވެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދެންނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިޖުރާއަތުތައް މަސްހުނި ނުކުރުމުގެ އުސޫލާ ޚިލާފަށްކަމަށް ދައުލަތުން ދެކެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
18ދައުލަތުގެ ފަރާތުން އެދިފައިވަނީ،
18.1 މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ ބަންދުން ދޫވެފައި ހުރެއްޖެނަމަ، އޭނާގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލާއި، މުޖުތަމަޢުގެ ސަލާމަތަށް އޭނާގެ ފަރާތުން ނުރައްކާ އޮތް މީހެއްކަމަށް ކަނޑައަޅައިދީ، އިސްތިއުނާފުކޮށްފައިމިވާ އަމުރު ބާޠިލްކޮށް، އިސްތިއުނާފުރައްދުވާ ފަރާތަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ކަނޑައަޅައިދީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 30 ވަނަ މާއްދާއާއި، 32 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 33 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުރައްދުވާ ފަރާތް 07 (ހަތެއް) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށާއި؛
18.2 އިސްތިއުނާފުރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ދައުލަތުގެ ފަރާތުން ދަށުކޯޓަށް 07 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، މި ޤަސިއްޔާގައި ކަނޑައަޅައި އުސޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ މުއްދަތު ހަމަވުމުގެ ކުރިން ދަށުކޯޓުން އިސްތިއުނާފުރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމަންވާނެކަމަށް ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންތައްތަކާއި އެދޭގޮތް
19ދަށުކޯޓުން ނިންމާފައިވަނީ އޭނާގެ މަސްލަހަތުގައި ކަމަށާއި، މި މައްސަލައިގައި ތުހުމަތުކުރެވޭ ޢަމަލު އޭނާ ހިންގާފައިނުވާނެ ކަމަށް ބުނެ އެކަން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
20އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ނިންމުމަށް ތާއީދުކޮށް އޭނާއަށް އާއިލާއާއެކު ގޭގައި ހުރެވޭނެ ގޮތަށް މައްސަލަ ނިންމައިދިނުމަށެވެ. އިސްތިއުނާފާ ގުޅިގެން ފާހަގަކުރެވޭ ކަންތައްތައް މި ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން
21މި އިސްތިއުނާފުގައި މި ކޯޓުގެ ކުރިމަތީގައި އޮތީ މައިގަނޑު ދެސުވާލެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. އެ ދެސުވާލަކީ:
21.1 އިސްތިއުނާފުރައްދުވާ ފަރާތް ދަށުކޯޓުން ބަންދުން ދޫކޮށްލުމުގައި ޢަމަލުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤްޞަދާއި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިފްތިރާސްތަކަށް ފަރުވާލެއްނެތި އެ ޤާނޫނުގައި އެކަންކަން ބަޔާންކޮށްފައިވާ މާއްދާތަކާ ޚިލާފަށްތޯ އޮތް ސުވާލާ އަދި
21.2 ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނު މަސްހުނިކޮށް ދަށުކޯޓުން ނިންމި ނިންމުމަކީ، ޚާއްޞަ ޤާނޫނާއި އާންމު ޤާނޫނު މަސްހުނި ނުކުރުމުގެ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްތޯ އޮތް ސުވާލެވެ. ގޮތް ކަނޑައަޅަންޖެހޭ ކަންކަމާ މެދު މި ކޯޓުން އެކަންކަން ވަޒަންކުރިކުރުން އިސްތިއުނާފުރައްދުވާ ފަރާތް ދަށުކޯޓުން ބަންދުން ދޫކޮށްލުމުގައި ޢަމަލުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤްޞަދާއި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިފްތިރާސްތަކަށް ފަރުވާލެއްނެތި އެ ޤާނޫނުގައި އެކަންކަން ބަޔާންކޮށްފައިވާ މާއްދާތަކާ ޚިލާފަށްތޯ ވަޒަންކުރުން
22އިސްތިއުނާފުރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ ކުށެއްކަން އެނގެއެވެ. އަދި އޭނާ ބަންދުކުރުމަށްވެސް ނިންމާފައިވަނީ އެ ޤާނޫނުގެ ދަށުންކަން އެނގެއެވެ.
23ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "2.މި ޤާނޫނުގެ ބޭނުމަކީ، އަންނަނިވި މަޤްޞަދުތައް ޙާޞިލުކުރުމެވެ.
(ހ) މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންނަށް ނުރައްކަލެއްކަމަށް ވެދާނެ މީހުންގެ ކިބައިން، އެކުދިން ރައްކާތެރިކޮށް، އެގޮތުގައި އެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބޭތިއްބުމާއި، ކުށުގެ އަދަބުން މިންޖުވުމަށްފަހުވެސް ވަކިކަހަލަ ނިޒާމެއްގެ ތެރެއިން ބެލެހެއްޓެމުންދާނެގޮތް ހެދުން.
(ނ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ދެމެހެއްޓިގެންވާ ގޮތެއްގައި، ދައުލަތުން ކޮންޓްރޯލްކުރުމާއި، ބެލެހެއްޓުން.
(ނ) ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުން.
(ރ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި އެކަމަށް އެހީތެރިވާ މީހުންނަށް ހަރުކަށި އަދަބުދިނުން.
(ބ) ޖިންސީ ގޯނާއިން ކުޑަކުދިންނަށް ލިބޭގެއްލުމަށް ބަދަލު ހޯދައިދިނުން.
(ޅ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން މުޖުތަމަޢުގެ އެހެން މީހުންނަށް އެނގޭނެގޮތެއް ހެދުން.
(ކ) ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާކުރިގޮތް ނުވަތަ އެކަން ހިނގިގޮތް ކުޑަކުއްޖާގެ ކިބައިން، ޢަމަލުން، ހަރަކާތުން، ނުވަތަ އެނޫންވެސް ގޮތަކުން ޖިންސީ ގޯނާކުރިގޮތް ޝަރީޢަތުގެ މަޖިލީހުގައި ދެއްކުމަށް ނުއެދުން."
24ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "28. ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކު، އެމީހާ ހިމެނޭ މައްސަލައިގެ ހެކި ފޮރުވުމަށް، ނުވަތަ ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށި ހާޒިރުނުވެދާނެކަމަށްޓަކައި، ފިލާފަނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ، ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެކަމަށް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި، ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް، ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ޙައްޤު އެ މިންވަރަށް މި ޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވެއެވެ." "30. (ހ) މި ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހަކާމެދު، މި ޤާނޫނުން ލިބިދޭ ޚާއްޞަ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް، ފުލުހުންނަށް ފެނިއްޖެހިނދެއްގައި، މި ޤާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރ އޮފް ޕޮލިސްއަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާތުގައި އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އެދުމެއް ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށް ފޮނުވާ ލިޔުމަކުން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅައިފި ހިނދެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީއެންމެއަވަސް ފުރުޞަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަންވާނެއެވެ." "32. ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި މީހަކު ދެމެހެއްޓުމަށް، މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއްގައި، އަމުރެއްކުރުމުގެ ކުރިން، އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
(ހ) ޞިއްޙީ، ނަފްސާނީ، އަދި ސައިކިއޭޓްރީއާގުޅޭ ދާއިރާގެ ތަޖުރިބާކާރުން އެކަމާގުޅޭގޮތުން ދެކޭގޮތް.
(ށ) ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާ ކޮށްފައިވާ ކުށް.
(ނ) ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ ކޮށްފައިވާ ކުށުގެ ސަބަބުން ގެއްލުން ލިބިފައިވާ ކުއްޖާގެ ޙާލަތާއި އެކުއްޖާގެ އުމުރު.
(ރ) ކުށް ކޮށްފައިވަނީ، ކުޑަކުއްޖާއަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކުކަން ނުވަތަ ނޫންކަން.
(ބ) ކުށުގެ ތުހުމަތުކުރެވޭ މީހާގެ މާޒީގައި، އޭނާގެ މައްޗަށް އެފަދަ ކުށުގެ ތުހުމަތު އުފުލިފައިވާކަން ނުވަތަ ނޫންކަން.
(ޅ) އެކުށް ތަޙްޤީޤުކުރުމަށް އޭނާ އެހީތެރިވެދީފައިވާ މިންވަރު.
(ކ)ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ ޖިނާއީ ކުށުގެ ރެކޯޑު.
(އ) ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ނުބަހައްޓައިފިނަމަ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އިތުރު ކުށެއް ކޮށްފާނެކަމަށް ނުވަތަ ހެކި ފޮރުވަފާނެކަމަށް ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭ ނިސްބަތުގެ ބޮޑުކަން.
(ވ) މައްސަލައާ ގުޅުންހުރި އެހެނިހެން ހެއްކާއި ޤަރީނާއާއި ޙާލަތު." "33. (ހ) މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން މައްސަލައެއް ކޯޓަށް ހުށަހެޅުމުން، އެކަމާމެދު ކޯޓުން ގޮތެއް ނިންމަންދެން، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ، ކުށުގެ ތަޙްޤީޤުގެ މަރުޙަލާގައި ގިނަވެގެން 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަގުތީ އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) ތަޙްޤީޤުގެ ދާއިރާގައި ކުރަންޖެހޭ ކަންކަން އެކަށީގެންވާގޮތުގައި ކޮށްގެންވެސް، ކުށުގެ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބަހައްޓައިގެން 30 ދުވަސް ހަމަވާއިރު، އެ މައްސަލައިގެ ތަޙްޤީޤު މުޅިން ނިންމާލެވިފައިނުވާނަމަ، އިތުރު 30 ދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން، އޭނާ ބަންދުގައި ހުރި މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އިތުރުކުރެވޭ މުއްދަތުގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލް މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ މައްސަލަ ކޯޓުން އަވަސްގޮތަކުން ބަލައި ޙުކުމެއް ކަނޑައަޅަންވާނެއެވެ."
25HN1ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަކީ ޚާއްޞަ ނޫން ޤާނޫނެއް ނޫނެވެ. އެއީ ޚާއްޞަ ޤާނޫނެކެވެ. އެ ޤާނޫނުގެ ބޭނުމަކީ، އެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކާ ގުޅިގެން ކުރިމަތިވާ ނުރައްކާތަކަށް ޙައްލު ހޯދައިދީ، ކުޑަކުދިންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން އެ ޤާނޫނުގެ މަޤްޞަދަށް ބެލުމުން އެނގެއެވެ. އެހެންކަމުން، އެ ޤާނޫނުގެ އެންމެހައި މާއްދާތައް ކިޔައި ތަޠުބީޤުކުރަންޖެހޭނީ އެ ޤާނޫނުގެ މަޤްޞަދު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުވާނެ ބީދައަކުންކަމުގައި އަހުރެން ދެކެމެވެ.
26HN2ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހަކީ، ތަޙްޤީޤް މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުން މިނިވަންވުމުގެ ޙައްޤު ހިފެހެއްޓިގެންވާ މީހެއްކަން އެ ޤާނޫނުގެ 28 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނަ އޮތުން އަހުރެން ފާހަގަކުރަމެވެ.
27ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހުންނަކީ، އެ މީހުންގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާ އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވާ ބައެއްގެ ގޮތުގައި ޤާނޫނުން ކަނޑައަޅައި އެގޮތަށް ޤާނޫނުގައި އެ އިފްތިރާޟް އެބަޔަކާމެދު ލިޔެ ބަޔާންކޮށްފައިވާ ބައެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. އެކަން އެގޮތަށް ލިޔެ ބަޔާންކޮށްފައި އޮތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާގައެވެ.
28HN3އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައަށް ބަލާއިރު، އިސްތިއުނާފުރައްދުވާ ފަރާތް ދަށުކޯޓުން ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުމުގައި ބުނެވިދިޔަ ޤާނޫނީ އިފްތިރާސްއަށް ރިޢާޔަތްކުރިގޮތެއް އެނގެން ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. ބުނެވިދިޔަ ޤާނޫނީ އިފްތިރާޟު ނަފީކުރުމަށް އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހެޅި ހުށަހެޅުމަކީ ކޮބައިކަން ދަށުކޯޓުގެ ރެކޯޑުތަކުން އެނގެން ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
29ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ލިޔެ ބައްޓަންކުރެވިފައި އޮތް ގޮތުން، އެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ ފަރާތަކީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާ އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވާ ފަރާތެއްކަން ދައްކުވައިދިނުމުގެ އެއްވެސް މިންވަރެއްގެ ޒިންމާއެއް ދައުލަތާ މަތިކުރެވިފައިވާކަމުގައި އަހުރެން ނުދެކެމެވެ. އެއާ ޚިލާފަށް ތުހުމަތު ކުރެވޭ މީހާއަކީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާ މީހެއް ނޫންކަމާ އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ނުފޯރުވާ މީހެއްކަން ދައްކުވައިދިނުމުގެ ބުރަ މަތިކުރެވިފައި އޮތީ ތުހުމަތު ކުރެވޭ މީހާގެ ބޮލުގައިކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން މި ޤާނޫނު ލިޔެ ބައްޓައްކޮށްފައި އޮތް ގޮތެވެ.
30އެހެންކަމުން،ތުހުމަތު ކުރެވޭ މީހާއަކީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާ މީހެއް ނޫންކަމާ އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ނުފޯރުވާ މީހެއްކަން ދައްކުވައިދިނުމުގެ ބުރަ މަތިކުރެވިފައި އޮތީ ތުހުމަތު ކުރެވޭ މީހާގެ ބޮލުގައިކަމުގައި ވާއިރު، އެފަދަ އެއްވެސް ކަމެއް މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ފާހަގަކޮށް ދަށުކޯޓަށް ހުށަހަޅާފައި ނެތީސް، އޭނާ ބަންދުން ދޫކޮށްލުމަށް ދަށުކޯޓުން ނިންމި ނިންމުމަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ބަޔާންވެދިޔަ ޤަޠްޢީ ނައްޞުތަކާ ޚިލާފު އަދި އެ ޤާނޫނުގެ މަޤްޞަދާ މުޅިން ޚިލާފު، ނިންމުމެއްކަމުގައި،ދައުލަތުން ބުނާފަދައިން، އަހުރެންނަށް އެއްބަސްވެވެއެވެ. އަދި ދަށުކޯޓުގެ އެ ނިންމުމަކީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކާވެސް ޚިލާފު ނިންމުމެއް ކަމަށް އަހުރެންނަށް އެއްބަސްވެވެއެވެ. ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނު މަސްހުނިކޮށް ދަށުކޯޓުން ނިންމި ނިންމުމަކީ، ޚާއްޞަ ޤާނޫނާއި އާންމު ޤާނޫނު މަސްހުނި ނުކުރުމުގެ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްތޯ ވަޒަންކުރުން
31HN5އިސްތިއުނާފުރައްދުވާ ފަރާތް ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް ދަށުކޯޓުން ނިންމާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ނ) ގައިވާ ގޮތަށް ކުށުގެ ރެކޯޑަށާއި އެ މާއްދާގެ (ރ)ގެ ދަށުން ކޯޓަށް ޙާޟިރުވެފައިނުވާ ފަރާތެއް ނުވަތަ ތަޙްޤީޤަށް ހާޟިރުނުވެދާނެ ފަރާތެއްގެ ގޮތުގައި މިހާތަނަށް ބެލެވެންނެތުމުން އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުންކަން އެނގެން އޮންނައޮތުން އަހުރެން ފާހަގަކުރަމެވެ.
32HN4ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުހީ ޤަޟިއްޔާގެ 24، 25 އަދި 26 ވަނަ ނަންބަރުގައި، "އިޖުރާއާތުތައް މަސްހުނި ނުކުރުން" މި ސުރުޙީގެ ދަށުން ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްޞަ ޤާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްޞަ އުސޫލެއް ކަނޑައަޅައިދީފައިވާނަމަ އެ ޤާނޫނަށް އިސްކަންދޭންޖެހޭނީ ކަމަށް ބަޔާންކޮށްފައިވާކަމާއި، ޚާއްޞަ އުސޫލުތަކެއް ޤާނޫނެއްގައި ކަނޑައަޅާފައިވަނީ އެކަމުގެ ޚާއްޞަ މަޤުޞަދުތަކެއް އޮވެގެން ކަމާއި، ޚާއްޞަ ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަން އެ ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޛުކުރުން ލާޒިމުވާނޭ ކަމާއި، ޚާއްޞަ ޤާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަމާއި، އާންމު އިޖުރާއަތުގެ ޤާނޫނުތަކުގައިވާ ކަންކަމާއި މަސްހުނި ނުކުރުމަކީ ޚާއްޞަ ޤާނޫނެއް އޮތުމުގެ އެންމެ މުހިއްމު މަޤުޞަދުކަމަށް ބަޔާންކޮށްފައިވެއެވެ.
33މި މައްސަލައިގައި ތުހުމަތުކުރެވޭ ކުށަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ ކުށެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަކީ ޚާއްޞަ ޤާނޫނެކެވެ. އެ ޤާނޫނަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކުގެ ސީރިއަސްކަން އަންގައިދޭ ޤާނޫނެކެވެ. އެ ޤާނޫނަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކުގައި ޢަމަލުކުރަންޖެހޭ ހަރުކަށި އިޖުރާއީ ނިޒާމެއް ލިޔެ ބަޔާންކޮށްފައިވާ ޤާނޫނެކެވެ.
34ކަމުގެ ޙަޤީޤަތް މިހެން އޮތްއިރު، ޚާއްޞަ ޤާނޫނު ތަޠުބީޤުކުރަންޖެހޭ ޙާލަތެއްގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މާއްދާތަކެއް ތަޢާރަފުކޮށް، ދެ ޤާނޫނު މަސްހުނިކޮށް މި މައްސަލައިގައި ދަށުކޯޓުން ޢަމަލުކުރިކުރުމަކީ، ތެލާއި ފެނާ އެއްކުރަން އުޅުންފަދަކަމެއްކަމުގައި އަހުރެންނަށް ސިފަކުރެވެއެވެ. އެއީ، އެއް ނުކުރެވޭނެ ދެއެއްޗެއް އެއްކުރަން މަސައްކަތްކޮށްފައިވާތީއެވެ.
35މި މައްސަލައިގައި ދަށުކޯޓުން ޢަމަލުކޮށްފައިވާގޮތުގެ ސީދާ ނަތީޖާއަކަށްވާނީ، ޚާއްޞަ ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްކާތެރިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއި ލިބިގެން ދިއުންކަމުގައި އަހުރެންނަށް ބެލެވެއެވެ. އަދި އޭގެ އާޚިރު ނަތީޖާއަކަށްވާނީ، ޚާއްޞަ ޤާނޫނުން ޙާޞިލުކުރަން ރައްޔިތުންގެ މަޖިލީހުން އަމާޒުހިފި ޚާއްޞަ ކަންކަން ޙާޞިލުނުވެ، އެ ޤާނޫނުގެ މަޤްޞަދު ޙާޞިލުނުވެ، ޚާއްޞަ ޤާނޫނު ވައުވެގެން ދިއުންކަމުގައި އަހުރެންނަށް ބެލެވެއެވެ.
36ވުމާއެކު، ދަށުކޯޓުގެ އެ ނިންމުން ޚިލާފުވަނީ ހަމައެކަނި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުމަކާ އެކަންޏެއްވެސް ނޫނެވެ. އޭގެ އިތުރުން އެ ނިންމުމަކީ، ޚާއްޞަ ޤާނޫނުން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަން ގެއްލޭނެފަދަ ނުރައްކާތެރި ނިންމުމެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
ނިންމަން ފެންނަގޮތް
37އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެހެން ހުރުމުން، އިބްރާހީމް ހާނިފް ބަންދުން ދޫކޮށްލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާ ޚިލާފަށް އަދި ޚާއްޞަ އިޖުރާއަތާއި އާއްމު އިޖުރާއަތު މަސްހުނިނުކުރުމުގެ އުސޫލާ ޚިލާފަށްކަން އެނގެން އޮތަތީ، މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު [REDACTED] ކޯޓު އަމުރު ބާޠިލްކޮށް، މައްސަލަ ނިންމަން ފެނެއެވެ.
38އަދި މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ މުއްދަތަށް އޭނާ މި ކޯޓުން ބަންދުކޮށް، މިއަދުން ފެށިގެން 02 (ދޭއް) ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތް ކަނޑައެޅުމަށް ދައުލަތުން ހުށަހަޅައިފިނަމަ، ގިނަވެގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު އަލުން ގޮތް ކަނޑައެޅުމަށް އަންގައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
39މި މައްސަލައިގައި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު
40މި މައްސަލައިގައި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ކޯޓު އަމުރު ބާޠިލްކޮށް، މިއަދުން (05 ޖަނަވަރީ 2025) ފެށިގެން 07 (ހަތެއް) ދުވަހުގެ މުއްދަތަށް، އިބްރާހީމް ހާނިފު ބަންދުކުރުމަށް އަމުރުކޮށް، މިއަދުން (05 ޖަނަވަރީ 2025) ފެށިގެން 02 (ދޭއް) ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތް ކަނޑައެޅުމަށް ކަމާބެހޭ ކޯޓަކަށް ދައުލަތުން ހުށަހަޅައިފިނަމަ، ގިނަވެގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު އަލުން ގޮތް ކަނޑައެޅުމަށް އަންގައި، މި ޤަސިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަސިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު [REDACTED] ކޯޓު އަމުރު 2 ޤާނޫނު ނަންބަރު 12/2009 (މީގެ ފަހުން މި ރަޢުޔުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ކަމަށް ބުނެފައި އެވަނީ ޤާނޫނު ނަންބަރު 12/2009 އަށް ނިސްބަތްކޮށެވެ.)
- [2024] SC 15
- 2023/HC-B12/83
- 2018/HC-A/207 ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 7 ޝަރީޢަތް ނިމުނުގޮތް 2024/HC-B12/64
- 2021/HC-B12/51 ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 8 ޝަރީޢަތް ނިމުނުގޮތް 2024/HC-B12/64
- [2021] SC 34 ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 10 ޝަރީޢަތް ނިމުނުގޮތް 2024/HC-B12/64
- [2021] SC 34
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2024/SC-A/13 ޤަސިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ) ދިވެހިރާއްޖޭގެ ޤައިކޯޓުގޮ ނަންބަރު 2023/HC-B12/83 ޤަސިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޔުންނާ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2، 28، 30، 32 އަދި 33 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ނ) އަދި (ރ)، 60 ވަނަ މާއްދާގެ (ރ) (2)، އަދި 212 ވަނަ މާއްދާގެ (ނ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/13 [2024] SC 15 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ)
- ސުޕްރީމް ކޯޓުގެ [2021] SC 34 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ، 2021/SC-A/12)
- ހައިކޯޓުގެ ނަންބަރު 2023/HC-B12/83 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޔުނާން)
- ހައިކޯޓުގެ ނަންބަރު 2018/HC-A/207 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޝަރީފް)
- ހައިކޯޓުގެ ނަންބަރު 2021/HC-B12/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އުޘްމާން)
- ސުޕްރީމް ކޯޓުގެ [2024] SC 14 އަދި [2024] SC 23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިރުފާން ތަޤިއްޔު؛ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.