ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ [REDACTED]
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2024/HC-B12/11
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޝަރީޢަތް ދިގުވުމާއި، ހެކިބަސް ނަގައި ނިމުމާއި، ތަފާތު ގެއެއްގައި ދިރިއުޅުމުގެ ސަބަބުން، މެޖިސްޓްރޭޓް ކޯޓުން D15C/MA/2024/01 އަމުރުން ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރު ބާޠިލުކޮށް ޝަރުޠުތަކާއެކު ދޫކޮށްލިއެވެ. ހައިކޯޓުގެ 2024/HC-B12/11 ޤަޟިއްޔާގައި އަޣްލަބިއްޔަތުން ނިންމީ ދައުލަތުގެ އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
- ވާޤިޢާ
- އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 9/2014 ގެ 622 ވަނަ މާއްދާގެ ދަށުން ދަޢުވާކުރެވި، 2021 ނޮވެންބަރުން ފެށިގެން ޝަރީޢަތް ނިމެންދެން ބަންދުކުރެވުނު މީހަކު، ބަންދަށް ލުއި ހޯދަން ދަށުކޯޓަށް ހުށަހެޅުމުން، 2024 ފެބްރުއަރީގައި ޝަރުޠުތަކާއެކު ދޫކޮށްލިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހަކު، ބަންދު ދިގުވުމާއި ހެކިބަސް ނަގައި ނިމުމާއި ތަފާތު ގެއެއްގައި ދިރިއުޅުމުގެ ސަބަބުން ދޫކޮށްލުމަކީ އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) އާ އެއްގޮތްތޯ؛ އަދި ހައިކޯޓުން ދަށުކޯޓުގެ ލަފުޒުތަކަށް އެކަނި ބަލައި އިސްތިއުނާފު ރައްދުކުރީ ޞައްޙަތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 12/2009 ގެ 36 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ އިސްތިއުނާފުގެ ބިންގާ ދައްކާފައި ނުވާކަމަށާއި، ދޫކޮށްލީ ޤާނޫނު ނަންބަރު 12/2009 ގެ 36 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ ދަށުން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޤާނޫނު ނަންބަރު 12/2009 ގެ ދަށުން ބަންދުކުރެވޭ މީހަކީ ޚާއްޞަ އިޖުރާއަތެއްގެ ދަށުން ބަންދުކުރެވޭ މީހެކެވެ. ދޫކުރެވޭނީ ބަންދުކުރި ސަބަބުތައް ނެތްނަމައެވެ. ޝަރީޢަތް ލަސްވުމަކީ ދޫކުރުމުގެ ސަބަބެއް ނޫނެވެ. ހެކިބަސް ނަގައި ނިމުނު ނަމަވެސް ކުޑަކުދިން ރައްކާތެރިކުރުމުގެ ސަބަބު ދެމިއޮވެއެވެ. ތަފާތު ގެއެއްގައި އުޅުމަކީ ރައްކާތެރިކަމެއް ނޫނެވެ. ހައިކޯޓުން ލަފުޒުތަކަށް އެކަނި ބެލީ ގޯހެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ 2024/HC-B12/11 ޤަޟިއްޔާގެ ނިންމުމާއި، މެޖިސްޓްރޭޓް ކޯޓުގެ D15C/MA/2024/01 ކޯޓު އަމުރު ބާޠިލުކޮށް، 97/D15C/2021 ޤަޟިއްޔާގެ ޝަރީޢަތް ނިމެންދެން އިސްތިއުނާފު ރައްދުވާ ފަރާތް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރެވުނެވެ. (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ތުހުމަތު އުފުލޭ މީހަކީ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވާނެ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރުވާނެ މީހެއްކަމުގައި އިފްތިރާޟްކޮށް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ލިބިދޭ ރައްކާތެރިކަން ހަނިކޮށް، ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޤާނޫނުން މަގުފަހިކޮށްދީފައިވެއެވެ.
HN2 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ޚާއްޞަ އިޖުރާއަތުގެ ދަށުން މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރެވޭނީ، އެ ޤާނޫނުގެ 30 ވަނަ މާއްދާގައިވާ ފަދައިން އެ އަމުރަށް އެދިފައިވުމާއެކު، ކުށުގެ ތުހުމަތުގައިވާ މީހާއަކީ މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި ކޮންމެހެން ބަންދުގައި ބެހެއްޓުން ބޭނުން މީހެއްކަމާއި، ބަންދުގައި ނުބަހައްޓައިފިނަމަ އެފަދަ ކުށެއް ތަކުރާރުކޮށްފާނެކަން ނުވަތަ ހެކި ފޮރުވަފާނެކަން ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެކަން ޕްރޮސިކިއުޝަނުން ކޯޓަށް ސާބިތުކޮށްދީގެންނެވެ.
HN3 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫން ކަމަށް ބަލަންވާނީ، އޭނާ ބަންދުކުރި ސަބަބުތަކުގެ އަލީގައެވެ. ފަނޑިޔާރު ބަޔާންކޮށްފައިވާ ކަންކަމަކީ ބަންދުކުރި ސަބަބުތަކާ ސީދާ ގުޅޭ ކަންކަމަށްވާނަމަ، ބަލަންޖެހެނީ ބަންދަށް އަމުރުކުރިއިރު އޮތް ޙާލަތު ބަދަލުވެއްޖެތޯއެވެ. އިސްތިއުނާފީ ކޯޓުން ދަށުކޯޓުގެ ފަނޑިޔާރު ބޭނުންކުރި ލަފުޒުތަކަށް އެކަނި ބަލައިގެން، ނިންމުމަށް ވާޞިލުވި ސަބަބުތަކަށް ނުބަލާ ގޮތް ކަނޑައެޅުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
HN4 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ޚާއްޞަ އިޖުރާއަތުގެ ދަށުން ބަންދުކުރާ މީހަކު ބަންދުން ދޫކުރެވޭނީ، އެންމެ ކުޑަމިނުން، އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތައް އެގޮތުގައި ނެތްނަމައެވެ. ޝަރީޢަތް ލަސްވުމުގެ ސަބަބުން ގިނަދުވަސްތަކެއް ވަންދެން ބަންދުގައި ހުރުމަކީ، އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، (ޝަރުޠުތަކާއެކު ނަމަވެސް) ބަންދުން ދޫކޮށްލުމަށް އެކަށޭނަ ޤާނޫނީ ސަބަބެއް ނުވަތަ ޙުއްޖަތެއް ނޫނެވެ.
HN5 ބަންދުކުރި ސަބަބުތަކުގެ ތެރެއިން ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ހެކިބަސް ނަގައި ނިމުމުން ކުޑަވެފައިވިޔަސް، މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި ބަންދުކުރި ސަބަބު ބަދަލުވެފައިވާކަން ދައްކާފައި ނުވާނަމަ، އެ ސަބަބު ދެމިއޮތް ކަމުގައި ބަލަންޖެހޭނެއެވެ. އަދި އެ ސަބަބު ދެމިއޮތް ހިނދު، ތުހުމަތުގައިވާ މީހާ ބަންދުން ދޫކޮށްލެވޭކަށް ނެތެވެ.
HN6 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާއިން ޙައްޤުތައް ހިފަހައްޓާފައިވާއިރު، ޤާނޫނީ ސަބަބެއް ނެތި، ޤާނޫނުގެ މަޤްޞަދާއި ކުޑަކުދިންނަށް ލިބިދީފައިވާ ރައްކާތެރިކަމަށް ނުބަލައި، މުއްތަހަމުގެ ޙައްޤުތަކަށް އިސްކަންދީ، އަދުލުވެރިކަމުގެ ނަމުގައި ޤާނޫނުގައިވާ މިންގަނޑުން އަމަލުނުކުރުމަކީ ޞައްޙަ ގޮތެއް ނޫނެވެ. ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން، ފަނޑިޔާރުގެ އަމިއްލަ ފަރުދީ ވިސްނުން ޤާނޫނުގެ މައްޗަށް އިސްކުރެވޭކަށް ނެތެވެ.
HN7 ތުހުމަތުގައިވާ މީހާ ދިރިއުޅެނީ އަނިޔާ ލިބުނު ކަމަށް ބުނާ ކުޑަކުއްޖާއާ ތަފާތު ގެއެއްގައި ކަމަކީ، ތުހުމަތު އުފުލުނު އިރުވެސް އެ ޙާލަތު އޮތްނަމަ، ބަންދުކުރި ޙާލަތު ބަދަލުވެފައިވާ ކަމެއްވެސް، އެ ކުއްޖާއަށް ނުވަތަ މުޖުތަމަޢުގެ ކުޑަކުދިންނަށް ރައްކާތެރިކަމެއް ލިބޭ ކަމެއްވެސް ނޫނެވެ.
HN8 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ބަންދުކުރެވިފައިވާ މީހަކު ޙާލަތު ބަދަލުވެގެން ދޫކޮށްލާނަމަވެސް، ކަނޑައަޅާ ޝަރުޠުތަކަކީ މުޖުތަމަޢުގައި ހިމެނޭ ހުރިހާ ކުޑަކުދިން ރައްކާތެރި ކުރެވޭފަދަ، އަދި އެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރާކަން ގާތުން ބަލައި އެކަށީގެންވާ މަތީ މިންގަނޑަކުން މޮނިޓަރ ކުރެވޭފަދަ ޝަރުޠުތަކެއްކަން ފަނޑިޔާރު ކަށަވަރު ކުރަންވާނެއެވެ.
HN9 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުގެ އާންމު އިޖުރާއަތުގައި، އިސްތިއުނާފީ ކޯޓުން ބަންދަށް އަމުރުކުރާއިރު މުއްދަތެއްދީ ބަންދު މުރާޖަޢާކުރުމަށް ދަށުކޯޓަށް އަންގާ ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ޚާއްޞަ އިޖުރާއަތުގެ ދަށުން ހިނގާ މައްސަލައެއްގައި، ބަންދުކުރި ސަބަބު ފިލާފައި ނުވާނަމަ، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އިސްތިއުނާފީ ކޯޓަށް އަމުރުކުރެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޞަފާ އިބްރާހީމް، އިބްރާހީމް ނާޞިޙް، އާމިނަތު ޝާމާ ނަޞީރު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަލީ ޝިހާމް، ލީގަލް ވޭ
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޢާއިޝާ ޝުޖޫން މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
[2024]SC 15
2024/SC-A/13
ޝަރީޢަތް ނިމުނުގޮތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ [REDACTED]
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
ނިމުނު ތާރީޚު
28 މާރޗް 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2024/HC-B12/11
އިސްތިއުނާފުކުރާ ފަރާތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޤާނޫނީ ވަކީލު: ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ ޞަފާ އިބްރާހީމް
ޕަބްލިކް ޕްރޮސިކިއުޓަރ އިބްރާހީމް ނާޞިޙް
ޕަބްލިކް ޕްރޮސިކިއުޓަރ އާމިނަތު ޝާމާ ނަޞީރު
އިސްތިއުނާފު ރައްދުވާ ފަރާތް
ޢަބްދުﷲ [REDACTED]
ޤާނޫނީ ވަކީލު: ޢަލީ ޝިހާމް، ލީގަލް ވޭ
ޖިނާއީ - ކޯޓުއަމުރު - ބަންދުން ދޫކޮށްލުން - ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ބަންދުކުރުމާއި ބަންދު އަމުރު މުރާޖައާކޮށް، ދޫކޮށްލުން - ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މީހަކު ބަންދުން ދޫކޮށްލުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން - ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާ - ޚާއްޞަ އިޖުރާއަތު
بسم الله الرحمن الرحيم
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ [REDACTED]
[2024]SC 15
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/11 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/SC-A/13 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޢަބްދުﷲ [REDACTED] (މީގެ ފަހުން "ޢަބްދުﷲ [REDACTED]" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށެވެ.
ކަންހިނގާފައިވާ ގޮތް
22021 ވަނަ އަހަރުގެ އެކިދުވަސް މަތިން ޢަބްދުﷲ [REDACTED]ގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއެއްގެ އަންހެން ދަރިއަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ޢަބްދުﷲ [REDACTED] ހައްޔަރުކޮށް، 16 އޮކްޓޫބަރު 2021 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ކޯޓު އަމުރެއްގެ ދަށުން ޢަބްދުﷲ [REDACTED] ބަންދުކުރިއެވެ.
3ދައުލަތުން އޭނާގެ މައްޗަށް ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން މީހަކު، އޭނާގެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ އެ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ [REDACTED] މެޖިސްޓްރޭޓް ކޯޓު (މީގެ ފަހުން "[REDACTED]") ގައި ޢަބްދުﷲ [REDACTED]ގެ މައްޗަށް އުފުލިއެވެ.
4މި މައްސަލައާ ގުޅިގެން ޢަބްދުﷲ [REDACTED] ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި ފުރަތަމަ އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން، ޢަބްދުﷲ [REDACTED] ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައިވެއެވެ.
5އެއަށްފަހު، ޢަބްދުﷲ [REDACTED] ބަންދުގައި ގިނަދުވަސްތަކެއް ވަންދެން ހުރެފައިވާތީއާއި، މައްސަލައިގެ ޙާލަތު ބަދަލުވެފައިވާ ކަމުގައާއި، ޢަބްދުﷲ [REDACTED] ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު އެގޮތުގައި އިތުރަށް ދެމެހެއްޓުމުގެ ޟަރޫރަތެއް މިހިނދުގައި އޮތް ކަމަށް ނުފެންނަ ކަމަށްބުނެ، ބުނެވިދިޔަ އަމުރު މުރާޖަޢާކޮށް ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ޢަބްދުﷲ [REDACTED]ގެ ބަންދަށް ލުއެއް ދިނުމަށް އެދި އޭނާގެ ފަރާތުން [REDACTED] ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު D15C/MA/2024/01 (8 ފެބްރުވަރީ 2024) ކޯޓު އަމުރުން، ޢަބްދުﷲ [REDACTED] ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާޠިލުކޮށް، ޢަބްދުﷲ [REDACTED] ޝަރުޠުތަކަކާއެކު މިނިވަން ކޮށްފައިވެއެވެ.
ހައިކޯޓުގެ ނަންބަރު 2024/HC-B12/11 ޤަޟިއްޔާ
6ޢަބްދުﷲ [REDACTED] ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާޠިލުކުރުމަށް [REDACTED] ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2024/HC-B12/11 ޤަޟިއްޔާއިން އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފައިވަނީ ދައުލަތުން ހުށަހެޅި އިސްތިއުނާފު ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.
7އިސްވެ ބަޔާންކުރެވުނު ފަދައިން ހައިކޯޓުން މައްސަލަ ނިންމާފައިވަނީ އަންނަނިވި ނުކުތާގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
7.1 ޢަބްދުﷲ [REDACTED] ބަންދުން ދޫކޮށްލީ ޙާލަތު ބަދަލުވެގެން ކަމަށް ދައުލަތުން ބުނާއިރު، އެފަދައިން އެ އަމުރުގެ އެއްވެސް ތަނެއްގައި ބަޔާންކޮށްފައި ނުވާކަމާއި، އެ އަމުރުގައި ބަޔާންކޮށްފައިވަނީ ޢަބްދުﷲ [REDACTED] ބަންދުން ދޫކޮށްލީ އޭނާއަކީ ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ކަމަށް އެހިނދަށް ޝަރީޢަތަށް ނުފެންނާތީކަން.
7.2 ދަށުކޯޓުގެ ފަނޑިޔާރު ޢަބްދުﷲ [REDACTED] ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ 3 (ތިނެއް) ޙާލަތުންކުރެ އެއް ޙާލަތު ކަމުގައިވާ ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް ކޯޓަށް ފެންނަ ޙާލަތުގައިކަން.
7.3 ދަށުކޯޓުގެ ފަނޑިޔާރު ޢަބްދުﷲ [REDACTED] ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައި ބުނާ މަޢުލޫމާތު ސާފުކުރުމަށް ފަހުގައިކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އޭގެ ރައްދު
8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/11 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ 1 (އެކެއް) ސަބަބެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/11 ޤަޟިއްޔާގައި، ދައުލަތުން ހުށަހެޅި އިސްތިއުނާފު ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
9ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން ޢަބްދުﷲ [REDACTED]ގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ދަށުކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުން އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ބަޔާންކޮށް، ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓަކުން ވަދެވޭ ޙާލަތްތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އހމދ [2022] SC 39 ގައި ބަޔާންކޮށްދީފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކޮށްފައިވަނީ ކޮން ޙާލަތެއް މެދުވެރިވެގެންކަން ބަޔާންކޮށްދީފައި ނުވާކަމަށެވެ. ޢަބްދުﷲ [REDACTED] ބަންދުން ދޫކޮށްލުމަށް [REDACTED] ކޯޓުން ނިންމާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ ދަށުންކަން އެ ކޯޓުން އޭނާ ޝަރުޠުތަކާއެކު ދޫކޮށްލުމަށް އެންގި ކޯޓު އަމުރުން އެނގެން އޮންނަކަމަށާއި، އަދި ހައިކޯޓުގެ ޤަޟިއްޔާގައި އެކަން ތަފްސީލްކޮށްދީ، ދަށުކޯޓުގެ އަމުރާގުޅޭ ޙަޤީޤަތްތައް ބަޔާންކޮށްދީފައިވާކަމަށެވެ.
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާ
10މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ ޢަބްދުﷲ [REDACTED] ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، އޭނާ ބަންދުން ދޫކޮށްލުމަށް [REDACTED] ކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމުން، ހުށަހަޅާފައިވާ ފަދައިން ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުން ކަނޑައަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ބަންދުކުރުމާއި ބަންދު އަމުރު މުރާޖައާކޮށް، ދޫކޮށްލުން
(ހ) ބަންދުކުރުން
11HN1އާންމު އުސޫލުން ޖިނާއީ މައްސަލަތަކާ ގުޅިގެން މީހުން ބަންދުގައި ބައިތިއްބަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމުގައި ވާނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާއިން، އެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހުން ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރު ކުރުމަށް ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންނަކީ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ މީހުންކަމަށް ބަލައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ލިބިދޭ ރައްކާތެރިކަން ޤާނޫނުގެ ދަށުން ހިފަހައްޓާފައިވާ މީހުންނެވެ.
12މީގެ މާނައަކީ، އާންމު އުސޫލުން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެ މީހަކު ބަންދުގައި ބެހެއްޓޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ޙާލަތްތަކުން ކުރެ ޙާލަތެއް ވުޖޫދުގައިވާކަން ދައްކުވައިދޭ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައިވީނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ތުހުމަތު އުފުލޭ ހިނދު، އެ މީހަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ޙާލަތްތަކުން ކުރެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރުވާނެ މީހެއްކަމުގައި އިފްތިރާޟްކޮށް، އެ މީހަކު ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބަހައްޓަން ޤާނޫނުން މަގުފަހިކޮށްދޭކަމެވެ.
13HN2ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ލިބިދޭ ރައްކާތެރިކަން ހަނިކޮށްފައިވާ ނަމަވެސް، މި ޚާއްޞަ ޤާނޫނުގައި ހިމަނާފައިވާ އިޖުރާއަތުގެ ދަށުން ތުހުމަތުކުރެވޭ މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓޭނީ:
13.1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައިވާ ފަދައިން ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް އެދިފައިވާނަމަ؛ އަދި
13.2 ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއަކީ (ހ) މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި، ކޮންމެހެން ބަންދުގައި ބެހެއްޓުން ބޭނުން މީހެއްކަން، އަދި (ށ) އެ މީހާ ބަންދުގައި ނުބަހައްޓައިފި ނަމަ، އޭނާ އެފަދަ ކުށެއް ތަކުރާރުކޮށްފާނެކަން، ނުވަތަ މައްސަލައިގެ ހެކި ފޮރުވަފާނެކަން، ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެކަން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ސާބިތުކޮށް ދިނުމުންނެވެ.
(ށ) ބަންދު އަމުރު މުރާޖައާކޮށް، ދޫކޮށްލުން
14ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްގެ ބަންދުގެ މުއްދަތު ދިގުވެއްޖެ ކަމަށް ކޯޓަށް ފާހަގަކުރެވޭ ޙާލަތުގައި، ނުވަތަ ބަންދުގައި ހުރި މީހާގެ ބަލަދުވެރިންގެ ފަރާތުން އެފަދަ މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް މުރާޖަޢާކުރަންޖެހޭކަމަށް އެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެއެވެ. މިފަދައިން މައްސަލައެއް މުރާޖަޢާ ކުރުމުގައި، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހާއާއި ފުލުހުންގެ ހާޒިރުގައި، ޝަރީޢަތުގެ މަޖިލީހުގައި، މައްސަލައިގައި އެހާތަނަށް ކުރެވިފައިވާ މަސައްކަތާއި އެ މައްސަލައިގައި ހޭދަވެފައިވާ ވަގުތާއި، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއާމެދު ކަންކަން ކުރެވެމުންދާ ގޮތާބެހޭގޮތުން މަޢުލޫމާތު ސާފުކުރަންވާނެ ކަމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައި އޮވެއެވެ. އަދި މިފަދައިން މައްސަލައެއް މުރާޖަޢާކުރާއިރު، ކުށުގެ ތުހުމަތުގައިވާ މީހާއަކީ، (1) ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް، ނުވަތަ (2) އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު މިހާރު ބަދަލުވެއްޖެ ކަމަށް ކޯޓަށް ފެނިއްޖެކަމަށްވާނަމަ، ނުވަތަ (3) އެ އަމުރު އެގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތް ކަމަށް ކޯޓަށް ފެނިއްޖެކަމަށްވާނަމަ، އެ ހިސާބުން އެ އަމުރު ބާޠިލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.
[REDACTED] ކޯޓުން ނިންމި ނިންމުން
15އެންމެ ފުރަތަމަ ކަމަކަށް މި މައްސަލައިގައި ފާހަގަވަނީ، އާންމު އުސޫލުން ކުށުގެ ތުހުމަތު ކުރެވޭ މީހެއްގެ ބަންދާމެދު ގޮތް ކަނޑައަޅަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއަށް ހަވާލާދީ ނަމަވެސް، ޢަބްދުﷲ [REDACTED]ގެ މައްޗަށް އުފުލުނު ތުހުމަތާއި ގުޅިގެން އޭނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، އަދި އެ އަމުރު ނެރެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކަމެވެ. އެހެނީ، ޢަބްދުﷲ [REDACTED] ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ހުށަހެޅި ހުށަހެޅުމާއި އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެ ޤާނޫނުން ފަހިކޮށްދީފައިވާ ޚާއްޞަ އިޖުރާއަތުގެ ދަށުންކަމެވެ.
16ދެވަނަ ކަމަކަށް، [REDACTED] ކޯޓުން ޢަބްދުﷲ [REDACTED] ދޫކޮށްލުމަށް ނެރުނު އަމުރު (މީގެ ފަހުން "[REDACTED] އަމުރު") ގައި އޭނާ ޝަރުޠުތަކާއެކު ދޫކޮށްލުމަށް ނިންމާފައިވަނީ (ހ) އެކި އެކި ސަބަބުތަކާހުރެ ޝަރީޢަތް ދިގުލައިގެން ގޮސްފައިވާތީ އާއި؛ (ށ) ދައުލަތުގެ ހެކިންނާއި ދިފާޢީ ހެކިންގެ ހެކިބަސް ޝަރީޢަތަށް ނަގައި ނިމިފައިވާތީ ހެކިންގެ ހެކިބަހަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ނެތްކަމުގައި ބަލައިގެންނާއި؛ (ނ) މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި، ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުގައި ބެހެއްޓުން ކޮންމެހެން ލާޒިމު ކަމުގައި ދައުލަތުން ބުނި ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތެއް ކުރެވޭ ހިނދުން ފެށިގެން ފައިސަލާ ކުރަނިވި ޙުކުމަކުން އެ ތުހުމަތުން މުއްތަހަމް ބަރީޢަވެގެންވާ ކަމަށް ކަނޑައެޅުމާ ހަމައަށް، އެ އިޙްތިމާލުން ބަރީއަވާނެ ގޮތެއް އޮންނާނެ ކަމާމެދު ސުވާލު އުފެދޭތީ، މި ޙާލަތަކީ މުޠުލަޤަށް މާނަކުރެވިދާނެ ކަމެއް ކަމުގައި ފަނޑިޔާރަށް ނުފެންނާތީ އާއި؛ (ރ) ޖިނާއީ އަދުލުގެ ޤާނޫނުތަކުގައި މައްސަލަ ނިންމުމަށް މުއްދަތުތަކެއް ކަނޑައަޅާފައިވަނީ ޙުކުމެއް ކުރުމެއް ނެތި މީހުން ބަންދުގައި ނުބޭތިއްބުމަށް ކަމުގައިވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ތުހުމަތު ކުރެވޭ މީހެއްގެ ޝަރީޢަތް ނިމުމާހަމައަށް ބަންދުކޮށްފައި ބެހެއްޓުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމުގައި ބެލުމުގެ ފުރުސަތު އޮތްނަމަވެސް، މި ނުކުތާ މިހެން އޮތުމުން އެކަމުގެ މައްޗަށް ރިއާޔަތްކޮށް ގޮތް ކަނޑައެޅުމަކީ އަދުލުވެރިގޮތް ނޫން ކަމުގައިވާތީ އާއި؛ (ބ) ޢަބްދުﷲ [REDACTED] ދިރިއުޅެމުންދަނީ އަނިޔާ ލިބުނުކަމަށް ބުނާ ކުޑަކުއްޖާ އުޅޭ ގޭގައި ކަމަށް ނުވާތީ ކަމުގައި ބަޔާންކުރުމަށް ފަހުއެވެ.
ހައިކޯޓުގެ ނިންމުމާމެދު ފާހަގަކުރެވޭ ކަންކަން
17އާންމު އުސޫލުން، މައްސަލައެއްގެ އިސްތިއުނާފު ހުށަހެޅުމުން، އެ މައްސަލައެއްގައި ދެފަރާތުން ކުރިމަތިކުރާ ބަހުސްތަކުގެ އަލީގައި، އިސްތިއުނާފީ ކޯޓުން އިސްތިއުނާފުކުރެވުނު ނިންމުމަށް އެކުގައި ނުވަތަ އޭގެ ބަޔަކަށް ތާއީދުކުރާނީއެވެ. ނުވަތަ އެ ނިންމުމެއް އެއްކޮށް ނުވަތަ އޭގެން ބައެއް ބާޠިލުކުރާނީއެވެ. އެހެންނަމަވެސް، ޢަބްދުﷲ [REDACTED] ދޫކޮށްލުމަށް [REDACTED] ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ފަދައިން އިސްތިއުނާފީ ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށެވެ.
18އެންމެ ކުރުކޮށް ބުނާނަމަ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ ދަށުން، ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުކޮށްފައިވާ މީހެއް ބަންދުކޮށްފައި ބެހެއްޓުމަށް ކުރާ އަމުރު ބާޠިލުކުރެވޭނެ 3 (ތިނެއް) ޙާލަތެއް ބަޔާންކޮށްފައިވާއިރު، ޢަބްދުﷲ [REDACTED] ދޫކޮށްލުމަށް [REDACTED] ކޯޓުން ނިންމާފައިވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު އެގޮތުގައި އިތުރަށް ބޭނުމެއް ނެތްކަމުގައި ބަޔާންކޮށް ކަމުގައިވާ ނަމަވެސް، [REDACTED] ކޯޓުން ޢަބްދުﷲ [REDACTED] ދޫކޮށްލުމަށް ނިންމި ނިންމުން އިސްތިއުނާފު ކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަވާލާދީފައި އަދި ވަކާލާތުކޮށްފައިވަނީ ޢަބްދުﷲ [REDACTED] ބަންދުން ދޫކޮށްލީ އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރު ކުރިއިރު އޮތް ޙާލަތު ބަދަލުވެފައި ނުވާކަމުގައި ބުނެ ކަމުގައި ވުމުންނެވެ.
19HN3ތެދެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކީ (1) ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫންކަމަށް، ނުވަތަ (2) އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު މިހާރު ބަދަލުވެއްޖެ ކަމަށް ކޯޓަށް ފެނިއްޖެކަމަށްވާނަމަ، ނުވަތަ (3) އެ އަމުރު އެގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެކަމަށްވާނަމަ، އެ މީހަކު ބަންދުކުރުމަށް ކޮށްފައިވާ އަމުރު ބާޠިލުކުރެވިދާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ލަފުޒުތަކަށް އެކަނި ބަލައިގެން ބުނާނަމަ، [REDACTED] ކޯޓުގެ އަމުރުގައި ޢަބްދުﷲ [REDACTED] ޝަރުޠުތަކާއެކު ދޫކޮށްލި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އޭނާއަކީ ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހަކަށް ނުވުމެވެ.
20އެހެންނަމަވެސް، [REDACTED] ކޯޓުގެ އަމުރުގައި ޢަބްދުﷲ [REDACTED] ބަންދުގައި ބެހެއްޓުން ބޭނުން ނޫންކަމުގައި ފަނޑިޔާރު ފާހަގަކޮށް ބަޔާންކޮށްފައިވާ ކަންތައްތަކަކީ އޭނާ ބަންދުގައި ބެހެއްޓުނު ސަބަބުތަކާއި ސީދާ ގުޅޭ ކަންތައްތަކެއް ކަމުގައިވާތީ، ފަނޑިޔާރު މިނާ ކިރާފައިވަނީ ކުށުގެ ތުހުމަތުގައިވާ މީހާގެ ބަންދު ޝަރީޢަތް ނިމެންދެން ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު ބަދަލުވެއްޖެކަން ނުވަތަ ނޫންކަމެވެ. އެހެންކަމުން، މި މައްސަލައިގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން މީހާ ބަންދުގައި ބެހެއްޓުން ބޭނުން ނޫންކަމުގައި ފަނޑިޔާރަށް ބަޔާންކުރެވިފައިވަނީ (އެ ނިންމުމަށް ވާޞިލުވި ސަބަބުތަކަށް ބަލައި) އޮޅުމަކުން ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.
21އަދި ދަށުކޯޓުގެ ފަނޑިޔާރު ބޭނުންކޮށްފައިވާ ލަފުޒުތަކަށް އެކަނި ބަލައިގެން، އެ ފަދައިން ނިންމި ސަބަބުތަކަށް ނުބަލާ ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުން މައްސަލައަށް ގޮތް ކަނޑައަޅާފައިވަނީ ރަނގަޅަށްކަމުގައި ވެސް އަހުރެން ނުދެކެމެވެ. އަދި މިހެންކަމާއެކު، މި މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ވަކިވަކިން ބަލާލާނަމެވެ.
(ހ) ބަންދުގައި ގިނަ ދުވަސްވުން
22HN4މައްސަލަ ދިގުލައިގެން ދިއުމަކީ ބަންދުގައި ހުރި މީހަކު ދޫކޮށްލަންޖެހޭ ސަބަބެއް ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ޚާއްޞަ ޤާނޫނުތަކުގެ ބޭރުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުކުރާ މީހުންގެ ތެރެއިން ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖަޢާކޮށް ގޮތެއް ނިންމުމުގައި ބަލަންޖެހެނީ އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތައް އެގޮތުގައި ދެމި އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށް ކަން ފާހަގަކުރަމެވެ.
23ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުއަށް ބަލާއިރު، އެ ޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ތުހުމަތެއް އުފުލިއްޖެނަމަ، އެ މީހަކީ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރުވާނެ މީހެއްކަމުގައި އިފްތިރާޟްކޮށް، އެ މީހަކު ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަކީ ޤާނޫނުން އެފަދައިން ބަޔާކޮށް ކޮށާދޭ މަގެކެވެ. އެހެނަސް، އެފަދައިން އަމަލުކޮށް މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރެވޭނީ ވަކި އިޖުރާއަތުތަކެއް ފުރިހަމަވުމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހާއަކީ މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި، ކޮންމެހެން ބަންދުގައި ބެހެއްޓުން ބޭނުން މީހެއްކަމާއި، އޭނާ ބަންދުގައި ނުބަހައްޓައިފި ނަމަ، އޭނާ އެފަދަ ކުށެއް ތަކުރާރުކޮށްފާނެކަން، ނުވަތަ މައްސަލައިގެ ހެކި ފޮރުވަފާނެކަން، ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެކަން ޕްރޮސިކިއުޝަންއިން ޝަރީޢަތަށް ސާބިތުކޮށްދީގެންނެވެ.
24ޢަބްދުﷲ [REDACTED]ގެ މައްޗަށް އުފުލުނު ތުހުމަތާއި ގުޅިގެން [REDACTED] ކޯޓުން އޭނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ސާބިތުކޮށްދީގެން ކަމުގައި، އަދި އޭނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވަނީ އެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމަށް ފަހު ކަމުގައިވެސް ބަލަންޖެހެއެވެ.
25ކަން މިހެން އޮތުމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހާއަކީ ޚާއްޞަ އިޖުރާއަތެއްގެ ދަށުން ބަންދުކުރާ މީހެއް ކަމުގައިވެފައި، އެ ޚާއްޞަ އިޖުރާއަތުގެ ދަށުން ބަންދުކުރާ މީހަކީ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވާނެ އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރާނެ މީހެއްކަމުގައި އިފްތިރާޟް ކުރެވޭ ހިނދު، އެންމެ ކުޑަމިނުން އެފަދަ މީހަކު ބަންދުން ދޫކުރެވޭނީ އެ މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތައް އެގޮތުގައި ނެތްނަމަ ކަމުގައި އަހުރެން ދެކެމެވެ. އަދި މީހަކު ޝަރީޢަތް ނުނިމި ލަސްވުމުގެ ސަބަބުން ގިނަދުވަސްތަކެއް ވަންދެން ބަންދުގައި ހުރުމަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، އެ މީހަކު (ޝަރުޠުތަކާ އެކު ނަމަވެސް) ބަންދުން ދޫކޮށްލުމަށް އެކަށޭނަ ޤާނޫނީ ސަބަބެއް ނުވަތަ ޙުއްޖަތެއް ކަމުގައި އަހުރެން ނުދެކެމެވެ.
(ށ) ހެކިންނަށް ނުފޫޒު ފޯރުވުން
26HN5ދައުލަތުގެ ހެކިންނާއި ދިފާޢީ ހެކިންގެ ހެކިބަސް ޝަރީޢަތަށް ނަގައި ނިމިފައިވާތީ ހެކިންގެ ހެކިބަހަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ނެތްކަމުގައި ބުނެ ޢަބްދުﷲ [REDACTED] [REDACTED] ކޯޓަށް ހުށަހެޅި ހުށަހެޅުމާމެދު ދައުލަތުން އިންކާރުކޮށްފައި ނުވެއެވެ. ޢަބްދުﷲ [REDACTED] ބަންދުން ދޫކޮށްލުމަށް ދައުލަތުން އިންކާރުކޮށްފައިވަނީ މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ބުނެއެވެ. އެހެންކަމުން، ޢަބްދުﷲ [REDACTED] ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތަކުގެ ތެރެއިން ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވެފައިވާކަމަށް ބެލުމުގެ ފުރުސަތު އޮތްކަމުގައި އަހުރެން ގަބޫލުކުރަމެވެ.
(ނ) މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަން
27މި ނުކުތާއާ ގުޅިގެން ދަށުކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވަނީ، މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި، ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުގައި ބެހެއްޓުން ކޮންމެހެން ލާޒިމު ކަމުގައި ދައުލަތުން ބުނި ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތެއް ކުރެވޭ ހިނދުން ފެށިގެން ފައިސަލާ ކުރަނިވި ޙުކުމަކުން އެ ތުހުމަތުން މުއްތަހަމް ބަރީޢަވެގެންވާކަމަށް ކަނޑައެޅުމާ ހަމައަށް، އެ އިޙްތިމާލުން ބަރީއަވާނެ ގޮތެއް އޮންނާނެ ކަމާމެދު ސުވާލު އުފެދޭތީ، މި ޙާލަތަކީ މުޠުލަޤަށް މާނަކުރެވިދާނެ ކަމެއް ކަމުގައި ފަނޑިޔާރަށް ނުފެންނަ ކަމަށެވެ.
28HN6މި ނުކުތާއާ ގުޅިގެން ހިމަނާފައިވާ ތަފްސީލުތަކަށް ބެލުމުން ދަށުކޯޓުގެ ފަނޑިޔާރު މިފަދައިން ބަޔާންކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާއިން ޙައްޤުތައް ހިފަހައްޓާފައިވުމާ ގުޅޭގޮތުން ޤާނޫނީ އެއްވެސް ބަހުސެއް ކުރިމަތި ކުރުމަކާއި ނުލައި، އަދި މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަމަށްވުރެ މުއްތަހަމުގެ ޙައްޤުތަކަށް އިސްކަންދީގެން، އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޢަބްދުﷲ [REDACTED] ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތައް ފިލާ ގޮސްފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ފަރުވާލެއް ނެތި ކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އަދި މި ނުކުތާއާމެދު ގޮތް ކަނޑައެޅުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤްޞަދަށާއި، ޤާނޫނުން ތުހުމަތުގައިވާ މީހުންގެ ޙައްޤުތައް ހިފަހައްޓަކައި ކުޑަކުދިންނަށް ލިބިދިން ރައްކާތެރިކަމަށް ބެލުމެއްނެތި، ޤާނޫނީ ސަބަބެއް ދެއްކުމަކާއި ނުލައި، ޤާނޫނުގައިވާ ހަރުކަށި މިންގަނޑުން އަމަލުކުރުމަކީ އަދުލުވެރިގޮތް ނޫން ކަމުގައި ދެކިގެން ގޮތް ކަނޑައަޅާފައިވާކަންވެސް ފާހަގަވެއެވެ.
29ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ކަނޑައަޅަންޖެހެނީ އަދުލަށް ކަމުގައި އަހުރެން ގަބޫލުކުރާހިނދު، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއިން ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތުމުން، ފަނޑިޔާރަކު އަމިއްލަ ފަރުދީ ޙައިޞިއްޔަތުން ޤަބޫލުކުރާ ގޮތްތަކެއް ހުރިނަމަވެސް، މައްސަލައެއްގައި ގޮތްކަނޑައެޅުމުގައި އަދުލުވެރިވާން ޖެހޭކަމުގައި ބުނެ، ޤާނޫނުގެ މައްޗަށް ފަނޑިޔާރުގެ އަމިއްލަ ވިސްނުން އިސްކުރެވޭނެކަމުގައި އަހުރެން ނުދެކެމެވެ.
(ރ) އެހެން ގެއެއްގައި ދިރިއުޅުން
30HN7ޢަބްދުﷲ [REDACTED] ބަންދުން ދޫކޮށްލުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި އޭނާ ދިރިއުޅެމުންދާނީ އަނިޔާ ލިބުނު ކަމަށް ބުނާ ކުޑަކުއްޖާ އުޅޭ ގޭގައި ނޫންކަން ފާހަގަކޮށްފައިވެއެވެ. ހަމަ އެއާއެކު، ޢަބްދުﷲ [REDACTED]ގެ މައްޗަށް ތުހުމަތު އުފުލުނު އިރުވެސް ޢަބްދުﷲ [REDACTED] ދިރިއުޅެމުން ދިޔަ ގެއާއި އަނިޔާ ލިބުނު ކަމަށް ބުނާ ކުޑަކުއްޖާ އުޅޭ ގެއާއި ތަފާތުކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މި ނުކުތާއަކީ ކޮން މަޤްޞަދެއްގައި ފާހަގަކޮށްފައިވާ ނުކުތާއެއް ކަމެއް އަހުރެންނަށް ސާފެއް ނުވެއެވެ. އެހެނީ، ޢަބްދުﷲ [REDACTED] އަނިޔާ ލިބުނު ކުޑަކުއްޖާއާ ތަފާތު ގެއެއްގައި ދިރިއުޅުމަކީ އެކުއްޖާއަށް ހުރި އެއްވެސް މިންވަރެއްގެ ރައްކާތެރިކަމެއް ކަމުގައި ބެލެވެން ނެތުމުންނެވެ.
31މީގެ އިތުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ޢަބްދުﷲ [REDACTED] ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ނިންމާފައިވަނީ އަނިޔާ ލިބުނު ކުއްޖާގެ އިތުރުން މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި ކަމުގައިވާއިރު، އެ ޙާލަތު ބަދަލުވެފައިވާ ކަމަށް ބެލޭނެ އެއްވެސް ގޮތެއް މި މައްސަލައިގެ ތެރެއިން ދެއްކިފައި، އަދި ބަލާފައިވާކަން ވެސް އެނގެން ނެތުމުން، އެ ޙާލަތު އެގޮތުގައި ދެމި އޮތް ކަމުގައި ބަލަންޖެހެއެވެ.
32HN8މި ނުކުތާއާ ގުޅުވާ ހަމައެކަނި އިތުރަށް ފާހަގަކުރެވިދާނެ ކަމެއްގެ ގޮތުގައި އޮތީ، ޢަބްދުﷲ [REDACTED] ބަންދުން ދޫކޮށްލުމުގައި ޝަރުޠު ކަނޑައަޅާފައިވާކަމެވެ. އަދި މިގޮތުން އަނިޔާ ލިބުނު ކުއްޖާއާއި ތުހުމަތު ކުރެވުނު މައްސަލައިގައި ހިމެނޭ ކުދިންނާއި މުޢާމަލާތް ނުކުރުން ފަދަ ކަންތައްތަކެއް އޭނާ ދޫކޮށްލުމުގެ ޝަރުޠުގެ ގޮތުގައި ހިމަނާފައިވާއިރު، މިފަދަ މައްސަލައެއްގައިވާ މީހަކު (ޝަރުޠާއެކު ނަމަވެސް) ބަންދުން ދޫކޮށްލެވޭނީ، އެންމެ ކުޑަމިނުން، އެ މީހާ ބަންދުކުރި ޙާލަތު ބަދަލުވެފައިވާނަމައެވެ. އަދި އެ ޙާލަތު ބަދަލުވެގެން މީހަކު ދޫކޮށްލާ ނަމަވެސް، ކުރާ ޝަރުޠުތަކަކީ މުޖުތަމަޢުގައި ހިމެނޭ ހުރިހާ ކުޑަކުދިން ރައްކާތެރި ކުރެވޭފަދަ، އަދި އެ ޝަރުޠުތަކާ އެއްގޮތަށް އަމަލުކުރާކަން ގާތުން ބަލައި އެކަށީގެންވާ މަތީ މިންގަނޑަކުން މޮނިޓަރ ކުރެވޭފަދަ ޝަރުޠުތަކެއްކަން ފަނޑިޔާރު ކަށަވަރު ކުރަންވާނެއެވެ.
ނިންމަން ފެންނަ ގޮތް
33އިސްވެ ބަޔާންކޮށްފައިވާ ކަންކަން އެފަދައިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2024/HC-B12/11 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމާއި، [REDACTED] ކޯޓުގެ ނަންބަރު D15C/MA/2024/01 (8 ފެބްރުއަރީ 2024) ކޯޓު އަމުރު ބާޠިލުކުރަން ފެނެއެވެ.
34[REDACTED] ކޯޓުގެ ނަންބަރު D15C/MA/2024/01 (8 ފެބްރުވަރީ 2024) ކޯޓު އަމުރު ބާޠިލުކުރުމުގެ ނަތީޖާއަކީ ޢަބްދުﷲ [REDACTED] މިނިވަން ކުރުމަށް އެ ކޯޓުން ކުރި އަމުރުގެ ބާރު ނެތިގޮސް، އޭނާ ބަންދުގައި ހުންނަން ޖެހުމެވެ. އެއީ، އޭނާ ބަންދުކުރުމަށް ނިންމި ސަބަބުތަކުގެ ތެރެއިން މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިން ރައްކާތެރި ކުރުމުގެ ސަބަބު އެފަދައިން ދެމިއޮތުމުންނެވެ.
35HN9މިފަދައިން އިސްތިއުނާފީ ކޯޓުން ބަންދުކުރަން އަންގާ މައްސަލަތަކުގައި މުއްދަތެއްދީ، އިސްތިއުނާފީ ކޯޓުން އެކަށައެޅި އުސޫލުތަކުގެ ދަށުން ތުހުމަތުގައިވާ މީހާގެ ބަންދު މުރާޖައާކުރުމަށް އަންގައެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަންދުގައި ހުންނަ މީހާގެ ބަންދު މުރާޖަޢާކުރުމަށް ލާޒިމުކޮށްފައިވާތީ، އަދި މައްސަލައިގެ ވަށައިގެންވާ ކަންކަމާއި ޙަޤީޤަތްތައް އެންމެ ގާތުން އެނގޭނީ މައްސަލަ ބަލަމުންދާ ދަށުކޯޓަށް ކަމުގައި ބެލެވޭތީއެވެ. އެހެންނަމަވެސް، އެ މައްސަލަތަކަކީ އާންމު އިޖުރާއަތުގެ ތެރެއިން ހިނގާ މައްސަލަތަކެވެ. އެ މައްސަލަތަކާއި މި މައްސަލައާ ތަފާތުވަނީ، މިއީ ޚާއްޞަ އިޖުރާއަތެއްގެ ދަށުން ހިނގާ މައްސަލައަކަށްވާތީއެވެ.
36އެހެންކަމުން، އިސްވެ ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި، އަދި ޢަބްދުﷲ [REDACTED] ޝަރީޢަތް ނިމެންދެން ބަންދުކުރި ސަބަބު ފިލާ ގޮސްފައިވާ ކަމުގައި ބެލެން ނެތުމުން، މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރި ކަމަށްޓަކައި، ޝަރީޢަތް ނިމެންދެން ޢަބްދުﷲ [REDACTED] ބަންދުކުރުމަށް އަމުރުކުރަން ފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
37މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
38މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން،
(1) [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D15C/MA/2024/01 (8 ފެބްރުވަރީ 2024) ކޯޓު އަމުރު އަދި އެ އަމުރަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/11 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކަމުގައި ކަނޑައަޅައި؛ އަދި
(2) [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 97/D15C/2021 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގެ ޝަރީޢަތް ނިމުމާ ހަމައަށް ޢަބްދުﷲ [REDACTED] ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަންގައި؛
މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކުރަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޑރ. އަޒްމިރާލްދާ ޒާހިރު
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)
ޢަލީ ރަޝީދު ޙުސައިން
ފުޓްނޯޓު
- [REDACTED] ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު [REDACTED]
- [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D13C/HA/2021/1 ކޯޓު އަމުރު (15 އޮކްޓޫބަރު 2021)
- [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D13C/MA/2021/4 ކޯޓު އަމުރު (16 އޮކްޓޫބަރު 2021)
- މި މައްސަލަ ބަލަމުންދަނީ [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 97/D15C/2021 ޤަޟިއްޔާއިންނެވެ.
- އބމ 3
- [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D15C/MA/2021/15 ކޯޓު އަމުރު (15 ނޮވެންބަރު 2021)
- އބމ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާގެ ޕެރެގްރާފް 15
- [REDACTED] ކޯޓުގެ ނަންބަރު D15C/MA/2024/01 (08 ފެބްރުވަރީ 2024) ކޯޓު އަމުރު
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/11 ޤަޟިއްޔާގެ ޕެރެގްރާފް 24 އިން 25 އަށް
- އބމ ގެ ޕެރެގްރާފް 31 އިން 40 އަށް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޖިހާދު [2021] SC 19 އަދި ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2021] SC 24
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 31 ވަނަ މާއްދާ
- އބމ 6 އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން 15 ނޮވެންބަރު 2021 ދުވަހު [REDACTED] ކޯޓަށް ހުށަހަޅާފައިވާ "ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމު"
- [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D15C/MA/2024/01 (08 ފެބްރުވަރީ 2024) ކޯޓު އަމުރު
- ކަން އޮތީ ހައިކޯޓުން ފާހަގަކޮށްފައިވާ ގޮތަށްނަމަ، އާންމު އުސޫލުން ކަންކުރާ ގޮތުން، ހައިކޯޓުން ކަނޑައަޅަންޖެހޭނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް [REDACTED] ކޯޓުގެ އަމުރު ބާޠިލުކުރާނެ ތަނެއް ނެތްކަމުގައެވެ.
- އެ ނިންމުމަށް ފަނޑިޔާރު ވާޞިލުވި ސަބަބުތައް މި ރައުޔުގެ 16 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައި އެވަނީއެވެ.
- ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިރުފާން ތަޤިއްޔު [2024] SC 14 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 ޤަޟިއްޔާ).
- މި ރައުޔުގެ 11 އަދި 12 ވަނަ ޕެރެގްރާފް.
- މި ރައުޔުގެ 13 ވަނަ ޕެރެގްރާފް.
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން، ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި މީހަކު ދެމެހެއްޓުމަށް އަމުރެއްކުރުމުގެ ކުރިން، އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކުރަންޖެހެއެވެ. (ހ) ޞިއްޙީ، ނަފްސާނީ، އަދި ސައިކިއޭޓްރީއާގުޅޭ ދާއިރާގެ ތަޖުރިބާކާރުން އެކަމާގުޅޭގޮތުން ދެކޭގޮތް. (ށ) ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާ ކޮށްފައިވާ ކުށް. (ނ) ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ ކޮށްފައިވާ ކުށުގެ ސަބަބުން ގެއްލުން ލިބިފައިވާ ކުއްޖާގެ ޙާލަތާއި އެކުއްޖާގެ އުމުރު. (ރ) ކުށް ކޮށްފައިވަނީ، ކުޑަކުއްޖާއަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކުކަން ނުވަތަ ނޫންކަން. (ބ) ކުށުގެ ތުހުމަތުކުރެވޭ މީހާގެ މާޒީގައި، އޭނާގެ މައްޗަށް އެފަދަ ކުށުގެ ތުހުމަތު އުފުލިފައިވާކަން ނުވަތަ ނޫންކަން. (ޅ) އެކުށް ތަޙްޤީޤުކުރުމަށް އޭނާ އެހީތެރިވެދީފައިވާ މިންވަރު. (ކ) ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ ޖިނާއީ ކުށުގެ ރެކޯޑު. (އ) ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ނުބަހައްޓައިފިނަމަ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އިތުރު ކުށެއް ކޮށްފާނެކަމަށް ނުވަތަ ހެކި ފޮރުވަފާނެކަމަށް ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭ ނިސްބަތުގެ ބޮޑުކަން. (ވ) މައްސަލައާ ގުޅުންހުރި އެހެނިހެން ހެއްކާއި ޤަރީނާއާއި ޙާލަތު.
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާ
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 28 ވަނަ މާއްދާ
- އބމ 13
- [REDACTED] ކޯޓުގެ އަމުރުގައި މި ނުކުތާއާ ގުޅިގެން (އެ ނިންމުމުގެ 8 ވަނަ ޕެރެގްރާފުގައި) ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ. "ޢަބްދުﷲ [REDACTED] ދިރިއުޅެމުން މިހާރު ގެންދަނީ އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ ދިރިއުޅޭ ގޭގައި ނޫންކަމަށާއި، […]"
- އބމ 18
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 12/2009) 15 ވަނަ މާއްދާގެ (ހ) އަދި (ށ)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 12/2009) 28 ވަނަ މާއްދާ
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 12/2009) 30 ވަނަ މާއްދާ
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 12/2009) 31 ވަނަ މާއްދާ
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 12/2009) 32 ވަނަ މާއްދާ
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 12/2009) 36 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 12/2016) 60 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 22/2010) 43 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ (ޤާނޫނު ނަންބަރު 9/2014) 622 ވަނަ މާއްދާގެ (ހ) ގެ 7 އަދި (ބ) ގެ 2
- 2024/SC-A/09 ([2024] SC 14)
- 2022/SC-A/51 ([2022] SC 39)
- [2021] SC 19
- [2021] SC 24
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.