ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-B12/57

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞާޙިބު

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 18 ނޮވެމްބަރު 2024ދަށު ކޯޓު: ސ. ހުޅުދޫ މެޖިސްޓޭޓް ކޯޓު S6C/2024/7ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސ. ހުޅުދޫ މެޖިސްޓޭޓް ކޯޓު S6C/2024/7
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހަކު، ބަލި ޙާލަތާ ގުޅިގެން ޝަރުޠުކޮށް ދޫކުރުމަށް އެދުނުއިރު ދައުލަތުން އިންކާރުނުކުރުމުން ބަންދު މުރާޖަޢާގައި ދޫކޮށްލި ނިންމުން، ދަށުކޯޓުގައި ނުދެއްކި ވާހަކަތަކާއި މަތީ ކޯޓުތަކުގެ ނިންމުންތަކަށް ބިނާކޮށް އިސްތިއުނާފުގައި ދައުލަތަށް ޠަޢުނުކުރެވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް (ފުރަތަމަ ރައުޔާ އެއްގޮތަށް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާ އެއްގޮތަށް ހައިކޯޓުން މައްސަލަ ބަލަންވާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ؛ ދަށު މަރުޙަލާގައި ފާހަގަކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ލިބި ހުށަހަޅާފައިނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެއެވެ.

HN2 ދަށު މަރުޙަލާގައި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގެ ސިފައިގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަކީ ކޯޓުތަކުގެ ޤާނޫނުގައި ތަޞައްވުރުކުރާ ކަމެއް ނޫނެވެ؛ އިސްތިއުނާފީ މަރުޙަލާއަކީ ދަށު މަރުޙަލާގެ ގޯސް ރަނގަޅުކުރުމުގެ މަރުޙަލާއެވެ.

HN3 ބަންދު މުރާޖަޢާގެ މަޖިލީހުގައި ދަޢުވާލިބޭ ފަރާތުގެ އެދުމަށް އިންކާރެއް އޮތްނަމަ، އެކަމާއި އޭގެ ޤާނޫނީ ބިނާ ހާމަކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ؛ ދައުލަތަށް ވަކާލާތުކޮށްދިނުމަކީ ކޯޓުތަކުގެ ދައުރެއް ނޫނެވެ.

HN4 ކުރިން ހުށަހެޅުމުގެ ފުރުޞަތު އޮވެ ހުށަނާޅާ މަޢުލޫމާތު އިސްތިއުނާފީ ކޯޓަށް ހުށަހަޅައިގެން ދައުލަތުން ބޭނުންވާ ނަތީޖާ ހޯދުމަކީ އިންސާފުގެ ސިފައެއް ނޫނެވެ.

HN5 ދަށުކޯޓުގައި ނުދެއްކި، އަނެއް ފަރާތަށް ރައްދުދިނުމުގެ ފުރުޞަތު ނުލިބޭ ވާހަކަތަކަށް ބިނާކޮށް ހުށަހަޅާ އިސްތިއުނާފީ ނުކުތާއަކީ ބަލައިގަންނަންޖެހޭ ނުކުތާއެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S6C/2024/7 (03 އޮކްޓޫބަރު 2024) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފު ނިންމުމެއްކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވޭ ޤަޟިއްޔާއެކެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ސ. ހުޅުދޫ، […] ޙުސައިން ޞާޙިބުގެ (މީގެ ފަހުން "ޙުސައިން ޞާޙިބު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") މައްޗަށެވެ.

މައްސަލައިގައި ކަންހިގާފައިވާގޮތް

3ޙުސައިން ޞާޙިބު އިތުރު މީހަކާއެކު ސ. ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅެ ރައްކާކޮށް މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރަމުން އަންނަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 8 އޮގަސްޓު 2023 ގައި ހައްޔަރުކޮށްފައިވެއެވެ. އެއަށްފަހު އެކިފަހަރު މަތިން ޙުސައިން ޞާޙިބުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އަދި 12 ސެޕްޓެންބަރު 2023 ގައި އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S6C/MA/2023/09 ކޯޓު އަމުރުން، ޙުސައިން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

4ޙުސައިން ޞާޙިބު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި ފަހުން އެކި ފަހަރުމަތިން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު") ގެ 60 ވަނަ މާއްދާގެ (ވ)ގެ ދަށުން ބަންދު މުރާޖަޢާކޮށްފައިވެއެވެ. އަދި މިފަދައިން މުރާޖަޢާކޮށް ބަންދު ދަމަހައްޓާފައިވެއެވެ. އެގޮތުގެމަތިން، 09 ސެޕްޓެންބަރު 2024 ގައި ދައުލަތުން ޙުސައިން ޞާޙިބުގެ ބަންދު މުރާޖަޢާކުރުމަށް ހުށަހަޅާފައިވެއެވ. މި ހުށަހެޅުމުގައި ދައުލަތުން އެދިފައިވަނީ އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S6C/MA/2023/09 ކޯޓު އަމުރުން ޙުސައިން ޞާޙިބު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވާ އަމުރަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

5މި ހުށަހެޅުމާ ގުޅިގެން އޭގެ ރައްދުގައި ޙުސައިން ޞާޙިބުގެ ފަރާތުން އޭނާގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް ޝަރުޠުކޮށްފައި ބަންދުން ދޫކުރުމަށް ދަށު ކޯޓުގައި އެދިފައިވެއެވެ. މިފަދައިން އެދުމުން ދަށު ކޯޓުން ދައުލަތަށް ފުރުސަތު ދީފައިވެއެވެ. އަދި ދައުލަތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށް ދަށު ކޯޓުގައި ބުނެފައިވެއެވެ.

6އެއަށްފަހު، ޙުސައިން ޞާޙިބުގެ ބަންދު މުރާޖަޢާކޮށް އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S6C/2024/7 (03 އޮކްޓޫބަރު 2024) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އިން އަންނަނިވި ފަދައިން ނިންމާފައިވެއެވެ. " ދެންފަހެ، ސ. ހުޅުދޫ، […] ޙުސައިން ޞާޙިބު ބަންދުގައި ބަހައްޓައި ދިނުމަށް އެދި ދައުލަތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން، ދަޢުވާލިބޭ ފަރާތް ޝަރުޠުތަކާއެކު ދޫކޮށްލުމަށް ދައުލަތުން އިންކާރުނުކުރާކަމަށްޓަކައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް އަމުރުކުރަމެވެ." އިސްތިއުނާފީ ނުކުތާ

7އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S6C/2024/7 (03 އޮކްޓޫބަރު 2024) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ ދައުލަތުގެ ފަރާތުން އެ ނިންމުން އިސްތިއުނާފުކުރުމަށް 1 (އެކެއް) ނުކުތާ ހުށަހަޅައި، އެ ނުކުތާ ތަފްޞީލުކޮށްފައިވެއެވެ. މިގޮތުން އިސްތިއުނާފީ ނުކުތާގެ ގޮތުގައި ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ.

7.1. ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S6C/2024/7 (03 އޮކްޓޫބަރު 2024) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) (މީގެ ފަހުން "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު") ގެ 13 ވަނަ މާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

8އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ 12 ސެޕްޓެންބަރު 2023 ގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައިވާ ކަންކަމަށް ބަލައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ބަންދުގައި ހުންނަންޖެހޭ މީހެއްކަމަށްވާތީ ކަމަށެވެ. އަދި ބަންދު މުރާޖަޢާކުރުމުގެ ތަރަޙައަކީވެސް މިއީކަން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާއިން އެނގެން އޮންނަކަމަށެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވަނީ ބުނެވިދިޔަ ޤާނޫނީ ސަބަބުތައް ހުރިކަމަށް ދައުލަތުން މުރާޖައާއަށް ހުށަހަޅާފައިވަނިކޮށް ކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް ބަންދުން ދޫކުރުމަށް އެފަރާތުން އެދުމުން އެއާމެދު ދައުލަތުން އެއްޗެއް ނުބުނުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނު ގޮތަށް ބަންދުން ދޫކުރުމަށް ދައުލަތުން އެއްބަސްވީ ކަމަށް ބެލެވޭނެ ޤާނޫނީ ހުއްޖަތެއް ނެތްކަމަށެވެ. މީގެ އިތުރުން މީހެއްގެ ބަލި ޙާލަތަށް ބަލައި ބަންދު މުރާޖަޢާކޮށް ބަންދުން ދޫނުކުރެވޭނެކަން ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޝަހީބް އިބްރާހީމް އަދި އަޙްމަދު މޫސާ މުޙައްމަދު ޤަޟިއްޔާއިން އެނގެން އޮންނަކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

9އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S6C/2024/7 (03 އޮކްޓޫބަރު 2024) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގެ އުޞޫލުތަކަށް ރިޢާޔަތްކޮށް، ޙުސައިން ޞާޙިބުގެ ބަންދާމެދު ދަށު ކޯޓުން ގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާގެ ޖަވާބު

10އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުން އިސްތިއުނާފު ރައްދުވާފަރާތުގެ ބަންދަށް ލުއި ދީފައިވަނީ ހަމައެކަނި ބަލި ޙާލަތައް ރިޢާޔަތްކޮށްގެން ނޫންކަމަށާއި، މައްސަލަ ދިގު ދެމިފައިވާ ވަރަށާއި މައްސަލަ ގޮސްފައިވާ ހިސާބަށް ރިޢާޔަތްކޮށްފައިވާކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާއާ މި މައްސަލައާ ތަފާތު ކަމަށާއި، އެގޮތުން އެ މައްސަލައިގެ ބޮޑު މިނާއި އެ މައްސަލައިގެ ފެނުނު މަސްތުވާތަކެތީގެ އަދަދާއި، އެ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބާއި މި މައްސަލައާ ތަފާތު ކަމަށެވެ. މި މައްސަލައިގައި ހެކިންގެ ހެކިބަސްވެސް ނަގާ ނިމިފައި ވާކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

11އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރި ޙާލަތު ވަނީ ބަދަލުވެފައިކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދަށް ލުޔެއް ދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

12މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ޙުސައިން ޞާޙިބު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާއި އަދި ބަންދުން ދޫކޮށްލުމާގުޅޭ ގޮތުން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ކަމުގައެވެ.

13މި ކަންކަމަށް ނަޒަރުކުރުމުގެ ކުރިން މި މައްސަލައިގައި ދަށުކޯޓުގައި ކަން ހިނގައިދިޔަގޮތް އަދި ދަށު ކޯޓުގެ ފަނޑިޔާރު އެ ނިންމުމަށް ވާސިލުވެފައިވާގޮތް ބެލުން މުހިންމެވެ. ޙުސައިން ޞާޙިބުއަކީ އޭނާގެ މައްޗަށް މަސްތުވާތަކެތި ގެންގުޅެ ރައްކާކޮށް މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރަމުން އަންނަ ކަމަށް ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެން، އޭނާގެ ކިބައިން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީއާއި އަދި ހެކިބަސްދޭން ހުރި ފަރާތަކަށް ނުފޫޒުފޯރުވަފާނެކަމަށް ފެންނާތީ، އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S6C/MA/2023/09 ކޯޓު އަމުރުން 12 ސެޕްޓެންބަރު 2023 އިން ފެށިގެން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހެކެވެ. ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވާ އަމުރު އެކި ފަހަރުމަތިން މުރާޖަޢާކުރެވި ޙުސައިން ޞާޙިބު ބަންދުކޮށްފައިވާ ބަންދުކުރުން ދެމެހެއްޓުމަށް ނިންމާފައިވާކަން އިސްވެ ބަޔާންކުރެވިފައިވެއެވެ.

143 އޮކްޓޫބަރު 2024ގައި ކަން ހިނގައިދިޔަގޮތަށް ބަލައިލާނަމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S6C/MA/2023/09 ކޯޓު އަމުރު މުރާޖައާކުރުމަށް ދައުލަތުން އެދުނެވެ. ދައުލަތުން އެދިފައިވަނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (4) ނަންބަރާއި (1) ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަވާކަމާއި، އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތު ފުރިހަމަވާކަމަށް ދެކޭތީ، ޙުސައިން ޞާޙިބު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވާ އަމުރަށް ބަލަދެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

15މި ހުށަހެޅުމާއި ގުޅިގެން ޙުސައިން ޞާޙިބުގެ ފަރާތުން ބުނެފައިވަނީ ދައުލަތުގެ ފަރާތުން ޙުސައިން ޞާޙިބު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދޭއިރު، ޤާނޫނުއަސާސީގައި އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތް ހިންގަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، އެ ޙައްޤު ލިބިދެވޭ ގޮތެއްގެ މަތިން ދައުލަތުން ޙުސައިން ޞާޙިބު އެދޭ ކަމެއް ކަމަށާއި، އެހެނީ ޙުސައިން ޞާޙިބުގެ ބަލި ޙާލަތު ހުރިގޮތުން ބުރަކަށީގައި ރިއްސުމާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ހުރުމުން ޙުސައިން ޞާޙިބު އެދެނީ ޝަރުޠުކޮށް ބަންދުން ދޫކޮށްދިނުން ކަމުގައެވެ.

16މި ހުށަހެޅުމުގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ ދައުލަތުގެ ފަރާތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމުގައެވެ. އަހުރެންނަށް ފެންނަ ޙަޤީޤަތަކީ، މި މައްސަލައިގައި ދަށު ކޯޓުން ޙުސައިން ޞާޙިބު ޝަރުޠުކޮށް ބަންދުން ދޫކޮށްލާފައިވަނީ ޙުސައިން ޞާޙިބު އެފަދައިން އެދުމުން، ދައުލަތުން އެއަށް އިންކާރުކޮށްފައިނުވާތީކަމެވެ. އަދި މި ނިންމުމަކީ ބަންދުގެ ޙާލަތު ބަދަލުވުމާއި ގުޅޭ ގޮތުން ނުވަތަ ޙުސައިން ޞާޙިބުގެ ބަލި ޙާލަތާއި ގުޅޭ ގޮތުން އެކަންކަމަށް ނަޒަރުކޮށް ނިންމާފައިވާ ނިންމުމެއްނޫންކަމެވެ.

17އިސްތިއުނާފުގެ މަހައްލުގައި ދައުލަތުން މިހާރު ދައްކާ ވާހަކަތަކަކީ، ދަށު ކޯޓުގެ ބަންދު މުރާޖަޢާކުރުމުގެ މަޖިލީހުގައި ދައުލަތުން ދައްކަންޖެހޭ ވާހަކަތަކެވެ. އަދި ދެއްކުމުގެ ފުރުޞަތު ލިބުނުވެސް ވާހަކަތަކެވެ. ބަންދު މުރާޖަޢާކުރުމުގައި، ކުރިން ބަންދުގައި ބެހެއްޓި ޙާލަތު ބަދަލުވުމާއި ގުޅޭ ގޮތުންނާއި ސިއްހީ ސަބަބުތަކަށްޓަކައި ބަންދުން ދޫކޮށްލުމާއި ގުޅޭ ގޮތުން، މިހާރު މި އިސްތިއުނާފުގެ މަޖިލީހުގައި ދައުލަތުން ފާހަގަކުރާ ކަންކަމާއި، އެކަމަށް ބާރުދިނުމަށް އަތުރާލާ މަތީ މަރުހަލާ ކޯޓުތަކުގެ ނިންމުންތަކަކީ ދަށު ކޯޓުގެ ބަންދު މުރާޖަޢާކުރުމުގެ މަޖިލީހަށް ހުށަހަޅަންޖެހޭ ޤާނޫނީ ނައްސުތަކެވެ. އެހެނަސް، އެ ކަންކަން ހުށަހަޅަންޖެހޭ މަހައްލަށް އެކަން ހުށަހެޅުމުގެ ބަދަލުގައި، ޙުސައިން ޞާޙިބުގެ ފަރާތުން ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް އެދުމުން، އެކަމަށް އިންކާރެއްއޮތްނަމަ، އިންކާރުކުރުމުގެ ބަދަލުގައި، ދައުލަތުގެ ފަރާތުން އިތުރަށް ދައްކާނެ ވާހަކައެއްނެތްކަމަށް ބުނުމަކީ، މިހާރު އެ ވާހަކަތަކައިގެން މި މަޖިލީހުގައި އިސްތިއުނާފަށް އާދެވޭނެ ޤާނޫނީ ބިނާއެއް ކަމަކަށް ނުދެކެމެވެ.

18ދެ ފަރާތުން އެއްބަސްވެ، އެކަމުގެ މައްޗަށް ބިނާކޮށް މީހަކު ބަންދުން ދޫކޮށްލައިފިނަމަ، އެ ބަންދުން ދޫކޮށްލި ދޫކޮށްލުމަކީ ދެ ފަރާތުން އެއްބަސްވާ ޙާލަތުގައި ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ ދައުލަތުން އިސްތިއުނާފެއް ހުށަހެޅިނަމަ، އެކަން މި މަރުހަލާގައި އިސްތިއުނާފުގެ ގޮތުގައި ބެލުނީހެވެ. އެހެނަސް، މިފަދައިން މި މަރުހަލާގައި ދައުލަތުން ބުނެފައެއްނުވެއެވެ.

19HN3ދައުލަތުން މި އިސްތިއުނާފީ މަޖިލީހުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށް ބުނެފައިވަނީ ކުރީގެ ބަންދު މުރާޖަޢާ އަޑުއެހުންތަކުގައިވެސް ޙުސައިން ޞާޙިބުގެ ފަރާތުން އެއް ވާހަކަތަކެއް ދައްކާފައިވާތީކަމުގައެވެ. ސިއްހީ ޙާލަތާއި ގުޅޭ ގޮތުން ޙުސައިން ޞާޙިބުގެ ފަރާތުން ކުރީގެ އަޑުއެހުމެއްގައި ވާހަކަދެއްކިނަމަ، އެއީ ކޮން އަޑުއެހުމެއްގައިތޯ ޝަރީޢަތުން ސުވާލުކުރުމުން، އެއަށް ދައުލަތުން ސާފު ޖަވާބެއް ދީފައެއްނުވެއެވެ. ކުރިން ކުރިއަށް ގެންގޮސްފައިވާ ބަންދު ތަކަށް ބަލާއިރު، އެ މަޖިލިސްތަކުގައި ޙުސައިން ޞާޙިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތައް އެ ނިންމުންތަކުގައި ހިމަނާފައިވާއިރު، ޙުސައިން ޞާޙިބުގެ ފަރާތުގެ ސިއްހީ ޙާލަތާއި ގުޅޭ ގޮތުން ކުރީގެ އަޑުއެހުންތަކުގައި ވާހަކަދައްކާފައިވާކަން އެނގޭކަށްނެތެވެ. ކުރިން ބަންދު މުރާޖަޢާކޮށް ނިންމި ނިންމުންތަކާ ޚިލާފަށް، 03 އޮކްޓޫބަރު 2024 ގައި ބަންދު މުރާޖަޢާކުރުމަށް ބޭއްވި އަޑުއެހުމުގައި ޙުސައިން ޞާޙިބުގެ ފަރާތުން އޭނާގެ ސިއްހީ ޙާލަތާއި ގުޅޭ ގޮތުން ވާހަކަދައްކާފައިވާކަން ފެންނާން އެބައޮތެވެ. އެއަށް ދައުލަތުގެ އިންކާރެއް އޮތްނަމަ، އެ މަހައްލުގައި އެކަން ހާމަކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. އަދި އެކަމަށް އިންކާރުކުރާ ޤާނޫނީ ބިނާ ހާމަކުރުމަކީވެސް ދައުލަތުގެ ޒިންމާއެކެވެ. ދައުލަތަށް ވަކާލާތުކޮށްދިނުމަކީ ކޯޓުތަކުގެ ދައުރެއްނޫނެވެ.

20HN1މިފަދައިން ޝަރީޢަތުން ދެކޭ ސަބަބުތައް ހާމަކުރާނަމެވެ. އޭގެ ޤާނޫނީ ބިންގަލަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) (މީގެ ފަހުން "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު") ގެ 32 ވަނަ މާއްދާއެވެ. މި މާއްދާގައިވަނީ ހައިކޯޓުން މައްސަލަ ބަލަންވާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމުގައެވެ. މިކަމަށް އިތުރަށް ބާރުދެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔއިންނެވެ. ދަށު މަރުޙަލާގައި ފާހަގަކޮށް، ވާހަކަދެއްކުމުގެ ފުރުޞަތު ލިބި، ދަށު މަރުޙަލާގައި ހުށަހަޅާފައިނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށް މި ކޯޓުގެ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޝިއްޔާއިން ނިންމަވާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔއިނާ ތާއީދުކޮށްފައިވެއެވެ.

21ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅާނީ ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެންނެވެ. މައްސަލައެއްގައި ކަން ހިނގާދިޔަގޮތް ކަށަވަރުކުރުމާއި، އައު ޤާނޫނީ ބަހުސެއް ހުށަހެޅުމަށް ފުރުޞަތު ދިނުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ސާފު އިބާރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ޙުކުމެއް ނުވަތަ ނިންމުމެއް ބިނާވާންވާނީ ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުމުގައި ގޮތެއް ކަނޑައަޅާފައިވާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްގެ މައްޗަށްކަން ބަޔާންކޮށްފައިވާއިރު، ޤާނޫނީ ނިޒާމު މިފަދައިން ފަރުމާކޮށްފައިވަނީ އިސްތިއުނާފީ މަރުހަލާއަކީ މައްސަލައާއި ގުޅިގެން ކަން ހިނގާފައިވާ ގޮތަކީ ކޮބައިކަމާއި، އެ ޙަޤީޤަތާއި ގުޅޭ ހެކިތަކަކީ ކޮބައިކަމާއި، އެއިން ކޮންމެ ހެއްކަކަށް ދޭނެ ބުރަދަނަކީ ކޮބައިކަން ބަލައި މައްސަލައިގައި ގޮތެއް ކަނޑައަޅާ މަރުހަލާއާއި ތަފާތު މަރުހަލާއެއް ކަމުގައިވާތީއެވެ.

22HN2ޝަރީޢަތުގެ ނިޒާމު ބައްޓަންވެފައިވާ ގޮތުން ފަނޑިޔާރުންގެ ދައުރު އިޖާބީ ދައުރަކާއި ގާތް ކުރާ ކަމަށް ބަލައި، ފަނޑިޔާރުންގެ ތަޤްދީރީ ބާރުގެ ތެރެއިން ކަމަށް ބުނެ، ދަށު ކޯޓުގައި އެ ޙަޤީޤަތްތަކާއި ގުޅޭ ގޮތުން ޚަޞްމުން ވާހަކަނުދައްކާ ދާއިރާގެ ތެރެއަށް ފަނޑިޔާރުން ވަދެ ގޮތްތައް ނިންމާނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ބޭނުމެއް ނެތްކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ. އެހެނީ، އެއީ ދަށު ކޯޓުގެ ދާއިރާގެ ތެރެއަށް އިސްތިއުނާފީ ކޯޓުތަކުން ވަދެ، ޙަޤީޤަތްތައް ހޯދުމަށް ފީނަންޖެހޭ ގޮތަށް އިސްތިއުނާފުގެ މަރުހަލާ ބައްޓަންކުރުން ކަމުގައި ބެލެވޭނެތީއެވެ.

23ދަށު މަރުޙަލާގައި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގެ ސިފައިގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަށް ފުރުޞަތު ދިނުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ތަސައްވުރުކުރާ ކަމެއްނޫނެވެ. އެހެނީ އިސްތިއުނާފު މަރުޙަލާތައް ބިނާވަނީ އެއަށް ވުރެ ދަށު މަރުޙަލާއިން ގޯހެއް ހަދާފައިވާނަމަ އެކަން ރަނގަޅުކުރުމަށްކަމަށްވާއިރު، ކޮންމެ އިސްތިއުނާފީ މަރުޙަލާއެއްގައި އައު ވާހަކަ ދެކެވި އައު ޤާނޫނީ ބަހުސްތައް ހުށަހެޅުމުން ކޯޓުތަކުގެ ޤާނޫނުގައި ތަސައްވަރުކުރެވިފައިވާ އިސްތިއުނާފީ ނިޒާމްގެ މަޤްޞަދު ހާސިލުނުވާނެތީއެވެ. އެހެންކަމުން، ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާއި ޚިލާފު ކަމުގައި ބެލެވޭ ސަބަބުތައް ވާންވާނީ އެ ސަބަބުތަކާމެދު ވާހަކަ ދެކެވި، އެ ސަބަބުތަކާމެދު ދަށު މަރުޙަލާގައި އެއްޗެއް ބުނުމުގެ ފުރުޞަތު ލިބިފައިވާ ސަބަބުތަކަށެވެ.

24HN4މި މައްސަލައިގެ އިސްތިއުނާފުގައި ދައުލަތުން ބުނެފައިވަނީ ޙުސައިން ޞާޙިބު ދެއްކި ވާހަކަތަކަށް ދައުލަތުން އެއްޗެއް ނުބުނުމަކީ އޭނާ އެދުނު ގޮތަށް ބަންދުން ދޫކޮށްލުމަށް ދައުލަތުން އެއްބަސްވީ ކަމަށް ބެލެވޭނެ ޤާނޫނީ ހުއްޖަތެއްނޫންކަމުގައެވެ. ޙުސައިން ޞާޙިބު އެދޭ ގޮތެއް ދަށު ކޯޓުގެ މަޖިލީހުގައި ހުށަހެޅުމުން، އެއަށް ފަހު އެ މަޖިލީހުގައި ދައުލަތަށް ވާހަކަދެއްކުމަށް ދަށު ކޯޓުން ފުރުޞަތު ދިނުމުން، ދައުލަތުން ބުނާނެ އެއްޗެއް ނެތްކަމަށް ދަށު ކޯޓުގެ މަޖިލިހުގައި ބުނެ، މިހާރު ދައުލަތުން ބޭނުންވާ ނަތީޖާއަށް ވާސިލުވުމަށް ދައުލަތުން އިސްތިއުނާފު ފޯމުގައި ބަރޯސާވެފައިވާ ވާޤިއާތަކަކީ އަދި މި މަރުހަލާގައި ވަކާލާތުކުރާ ވާޤިއާތަކަކީ ދަށު ކޯޓުގެ މަޖިލީހުގައި ހުށަހެޅިފައިވާ ކަންކަމެއްނޫނެވެ. އެހެންކަމުން، ދަށު ކޯޓުގެ މަޖިލީހަށް ހުށަހެޅިފައިނުވާ ޙަޤީޤަތްތަކަކަށް ރިޢާޔަތްކޮށް ދައުލަތުން އެދޭ ނަތީޖާ ދަށު ކޯޓުގައި ނުނިކުތުމަކީ، ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ކަމުގައި ނުދެކެމެވެ.

25ދައުލަތުން ހުށަހަޅަންޖެހޭ ވާޤިއާއެއް ނުވަތަ މަޢުލޫމާތެއް އެ މަހައްލުގައި ހުށަނޭޅުމުގެ ނަތީޖާއާމެދު ނުރުހޭ ކޮންމެ ފަހަރަކު، ކުރިން ހުށަހެޅުމުގެ ފުރުޞަތު އޮވެ، ހުށަހަޅާފައިނުވާ މަޢުލޫމާތު، އިސްތިއުނާފީ ކޯޓަށް ހުށަހަޅައިގެން، ދައުލަތުން ބޭނުންވާ ކަންކަން ހާސިލުކުރުމަކީ އިންސާފުގެ ސިފައެއްކަމަކަށް ނުދެކެމެވެ. އަދި ކޮންމެ ފަހަރަކުމެ، ދައުލަތުން ކުރާ މިފަދަ ކަންކަމުގައި "މަލަންއަޅަން" އުޅުމަކީ ޤާނޫނީ ހަމައެއްވެސް ނޫނެވެ. މިއީ މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޔާމީން އިބްރާހީމް ޤަޟިއްޔާގައިވެސް ބަޔާންކުރާ ކުރުމެކެވެ.

26HN5މިކަންކަމުގެ އަލީގައި، ބަންދު މުރާޖަޢާކުރުމުގައި ކުރިން ބަންދުގައި ބެހެއްޓި ޙާލަތު ބަދަލުވުމާއި ގުޅޭ ގޮތުންނާއި ސިއްހީ ސަބަބުތަކަށްޓަކައި ބަންދުން ދޫކޮށްލުމާއި ގުޅޭ ގޮތުން މި އިސްތިއުނާފުގެ މަހައްލުގައި ދައުލަތުން ދައްކާ ވާހަކަތަކަކީ، ދަށު ކޯޓުގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކަކަށްނުވާއިރު، އަދި މިއަށް އެކަށީގެންވާ ގޮތެއްގައި ރައްދެއް ދިނުމުގެ ފުރުޞަތު އެ މަރުހަލާގައި ޙުސައިން ޞާޙިބުއަށް ލިބިފައިނުވާއިރު، ދައުލަތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަކީ މި މަރުޙަލާގައި ބަލައިގަންނަންޖެހޭ ނުކުތާއެއް ކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

27ބުނެވިދިޔަ ކަންކަން އެފަދައިން ހުރުމުން، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، އިސްތިއުނާފުކޮށްފައިވާ ނިންމުން ބާޠިލުކުރާނެ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު

28މިމައްސަލައަށް ބަލާއިރު ދެ ކަމެއް އަހުރެންނަށް ފާހަގަ ކުރެވެއެވެ. ފުރަތަމަ ކަމަކީ، ޙުސައިން ޞާޙިބު ބަންދުން ދޫކޮށްލީ އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރި ސަބަބު ފިލައި ދިއުމުންނޫން ކަމެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޢަލީ ޒުބައިރު އަދި އިތުރު ފަރާތްތަކެއް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔ ގެ 42 ވަނަ ނުކުތާގައި ބަޔާން ކޮށްފައިވަނީ؛ " ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރިޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖަޢާ ކުރަންވާނެ ކަމަށް އެމާއްދާގެ (ވ) ގައި ކަނޑައަޅާފައި ތަޢާރަފުކުރި އިޖުރާއަތުގެ މަޤްޞަދަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކުގައި އަވަހަށް ގޮތެއް ނިންމުމަށް ބާރު އެޅުމެވެ. އަދި ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްތޯ ކޮންމެ 30 (ތިރީސް) ދުވަހަކުން ބަލައި އެ ސަބަބު ފިލައި ގޮސްފައިވާނަމަ ބަންދުން ދޫކޮށްލުމެވެ. އެ ސަބަބު ވުޖޫދުގައި އޮތްނަމަ އެ މީހަކު ބަންދުގައި ބެހެއްޓުމެވެ. ކޮންމެ 30 (ތިރީސް) ދުވަހުން މައްސަލަ ބަލާ ފަނޑިޔާރު އެ މީހެއްގެ ޙާލަތު މުރާޖަޢާކުރާނަމަ، އެ މައްސަލަ އަވަހަށް ނިމިގެން ދިއުމަށް ބާރަކަށް ވާނެއެވެ. ވާނުވާ ނޭގޭ ގޮތުގައި އެމީހަކު ބަންދުގައި ނުހުންނާނެއެވެ." މިފަދައިންނެވެ. ވީމާ، ޝަރީޢަތް ނިމެންދެން ބަންދުކުރި ސަބަބު ވުޖޫދުގައި އޮތްނަމަ އެމީހަކު ހުންނަންވާނީ ބަންދުގައެވެ.

29ދެން އޮތް ސުވާލަކީ، ބަންދުގައި ހުންނަ މުއްދަތު ދިގުވެގެންގޮސް އެތައް ދުވަހެއް ފާއިތުވެގެން ދާއިރުވެސް ޝަރީޢަތް ނުނިންމާ އޮތުމަކީ އެމީހަކު ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ހެއްޔެވެ؟ މިސުވާލާއި ގުޅިގެން ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބުދުﷲ ޤަޟިއްޔ ގެ 21 ވަނަ ނުކުތާގައި ބަޔާން ކުރަނީ؛ " މައްސަލަ ދިގުލައިގެން ދިއުމަކީ ބަންދުގައި ހުރި މީހަކު ދޫކޮށްލަންޖެހޭ ސަބަބެއް ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ޚާއްޞަ ޤާނޫނުތަކުގެ ބޭރުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުކުރާ މީހުންގެ ތެރެއިން ޝަރިޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖަޢާކޮށް ގޮތެއް ނިންމުމުގައި ބަލަންޖެހޭނީ އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތައް އެގޮތުގައި ދެމި އޮތް ކަން ނުވަތަ ނޫންކަމުގެ މައްޗަށްކަން ފާހަގަ ކުރަމެވެ." މިފަދައިންނެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ، ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔ ގެ 27 ވަނަ ނުކުތާގައި " ބަންދުގައި ދިގު މުއްދަތެއް ހޭދަވި ނަމަވެސް މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫނެވެ." މިފަދައިން ކަނޑައަޅާފައިއެވެ.

30ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ ގައި "....ފަނޑިޔާރުން ޢަމަލު ކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށް ކަމަށް..." އޮންނަ އޮތުމާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި " މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ.." ކަމަށް އޮންނަ އޮތުން އެކުގައި ކިޔުމުން، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ޢަމަލު ކުރަންޖެހޭނީ، ވަކީލުން އެވާހަކައެއް ކޯޓުގައި ދެއްކުމުންތޯ އުފެދޭ ސުވާލެކެވެ.

31ވަކީލުންގެ އަސާސީ އެއް ދައުރަކީ އިންޞާފު ޤާއިމުކުރުމަށް ފަނޑިޔާރުންނަށް އެހީތެރިވުމެވެ. މިގޮތުން ހުށަހެޅިފައިވާ މައުޟޫޢުއާ ގުޅޭ ގޮތުން ޤާނޫނުގައި ކަން އޮތް ގޮތް ބަޔާން ކޮށްދިނުމާއި މަތީމަރުޙަލާގެ ކޯޓުތަކުން އެނުކުތާއާގުޅޭ ނިންމުމެއް ނިންމާފައި އޮވެއްޖެނަމަ، އެކަމެއް ފަނޑިޔާރުގެ ސަމާލުކަމަށް ގެނައުމަކީ ވަކީލުންގެ ދައުރެކެވެ. ނަމަވެސް، އެ ދައުރު އަދާނުކުރުމަކީ ބަންދުގައި ހުންނަންޖެހޭ މީހަކު ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫނެވެ.

32ވީމާ، ކުށުގެ ތުހުމަތުގައިވާ ނުވަތަ ކުށުގެ ދަޢުވާ އުފުލިފައިވާ މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި، ބަންދުކުރި ސަބަބު ފިލައި ނުދަނީސް ނުވަތަ އެސަބަބު ބަދަލު ނުވަނީސް، ބަލި ޙާލަތާއި ގުޅޭ ގޮތުން އޭނާ ދެއްކި ވާހަކަތަކަށް އަނެއް ފަރާތުން ރައްދު ނުދޭކަމަށް ބުނެ، ނޫނީ އޭނާ ބަންދުގައި ހުންނަތާ އެތައް ޒަމާނެއްވެއްޖެކަމަށް ބުނެ ބަންދުން ދޫކޮއްލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

33ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ބަލި ޙާލަތާއި ގުޅުވައި ބަންދުގައި ހުންނަންޖެހޭ މީހަކު ދޫކޮށްލުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަން ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާ ގެ 27 ވަނަ ނުކުތާގައި އެނގެއެވެ. އެނުކުގާއި އޮތީ، "...އަދި ބަލި ހާލަތު ހުރި ގޮތުން ނުވަތަ އެނޫންވެސް އެފަދަ ސަބަބަކާހުރެ މުޖުތަމަޢުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ވެސް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫނެވެ." ވީމާ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަލިހާލަތުގެ ވާހަކާއި ގުޅިގެން ދައުލަތުގެ ފަރާތުން ޙާޟިރުވި ވަކީލު ރައްދެއް ނުދެއޭ ބުނެ، ސުޕްރީމް ކޯޓުން ކަނޑައަޅައި، ޤާނޫނީ ބާރު ލިބިދީފައިވާ އުޞޫލެއް ދޫކޮށްލުމަކީ ދަށު ކޯޓުގެ ފަނޑިޔާރަކަށް ކުރެވޭނެ ކަމެއްނޫނެވެ. އަދި ކުރިން ބަޔާން ކުރި ފަދައިން ޝަރީޢަތް ނުނިމި ދިގުލައިގެން ދިއުމަކީވެސް މީހަކު ދޫކޮށްލެވޭނެ ސަބަބެއް ނޫނެވެ.

34ވީމާ، މިމައްސަލައިގައި އަހުރެންނަށް ބުރަވެވެނީ، ދަށު ކޯޓުން ނިންމި ނިންމުން ބާޠިލު ކުރުމާއެކު، އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރި ސަބަބު ފިލައި ދިޔަކަން ނުވަތަ ބަދަލުވިކަން ބެލުމާއެކު އޭނާގެ ބަންދު މުރާޖަޢާ ކުރުމަށް އަލުން އަނބުރާ ދަށު ކޯޓަށް ފޮނުވަންޖެހޭ ކަމަށެވެ.

ފަނޑިޔާރު މުޙައްމަދު ފައިސަލްގެ ރައުޔު

35މި މައްސަލައިގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއިދުކުރަމެވެ.

ޙުކުމް

ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S6C/2024/7 (03 އޮކްޓޫބަރު 2024) "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލުކުރާނެ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޝިއްޔާ ބެލި ފަނޑިޔާރުންގެ އައުލަބިއްޔަތުން ޙުކުމް ކޮށްފީމެވެ. މި ޤަޝިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ދރރކ ނަންބަރު .
  2. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމް.
  3. އެގޮތުން އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S6C/2023/1 (12 އޮކްޓޫބަރު 2023) ބަންދު މުރާޖަޢާކޮށް ނިންމިގޮތާއި، އެ ކޯޓުގެ ނަންބަރު S6C/AM/2023/2 (22 ނޮވެންބަރު 2023) ބަންދު މުރާޖަޢާކޮށް ނިންމިގޮތާއި، އެ ކޯޓުގެ ނަންބަރު S6C/AM/2024/1 (14 ޖަނަވަރީ 2024) ބަންދު މުރާޖަޢާކޮށް ނިންމިގޮތް ހިމެނެއެވެ.
  4. އިސްތިއުނާފުކުރެވޭ ނިންމުމުގެ 5 ވަނަ ނުކުތާ.
  5. އިސްތިއުނާފުކުރެވޭ ނިންމުމުގެ 6 ވަނަ ނުކުތާ.
  6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޝިއްޔާ.
  7. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2024/SC-A/09 ޤަޟިއްޔާ.
  8. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/42,43 ޤަޟިއްޔާ.
  9. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 ޤަޝިއްޔާ.
  10. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2024/SC-A/09 ޤަޝިއްޔާ.
  11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ.
  12. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ.
  13. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ.
  14. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 (ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޝިއްޔާ.
  15. މިފަދައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 (ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާއާއި، އޭގެ ފަހުން އެ ކޯޓުން ނިންމާފައިވާ ނަންބަރު 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިޔަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2021/SC-A/50 (މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް) ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2020/SC-A/44 (އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޝާ) ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2022/SC-A/29 (އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް)) ޤަޟިއްޔާގައި ނިންމާފައިވެއެވެ.
  16. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/66 (މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ) ޤަޟިއްޔާ.
  17. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/67 ޤަޝިއްޔާ.
  18. 2020/SC-A/108,109,110 ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 15 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/57
  19. ޤަޝިއްޔާ ނަންބަރު: 2024/SC-A/13
  20. ޤަޝިއްޔާ ނަންބަރު:2024/SC-A/09
  21. ޤަޟިއްޔާ ނަންބަރު:2024/SC-A/09
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ