ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/41ސުޕްރީމް ކޯޓު · 22 ޖޫން 2020 · މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ސުޕްރީމް ކޯޓުބައެއް ބަދަލުކުރި
ސުޕްރީމް ކޯޓު · 22 ޖޫން 2020ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން (1975/Cv-C/2011) މީރާއަށް ދަޢުވާކުރެވޭނެ ކަމަށް ބަލައި ފައިސާ ދައްކަން ޙުކުމްކުރިއެވެ. ހައިކޯޓުން (2014/HC-A/83) އެ ޙުކުމަށް ތާއީދުކޮށް، ސިވިލް ކޯޓުގައި ނުނަގާ ނުކުތާތައް ބަލައިނުގަތެވެ.
ވާޤިޢާ
ނ. ބަނޑައިދިއްދޫ ދަނޑުވެރިކަމަށް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއާއި މޫސާ ނަޞީރާ ދެމެދު 2008 ގައި އެއްބަސްވުމެއް ވިއެވެ. ކުލި ނުދެއްކުމުން 2011 ގައި އެއްބަސްވުން ބާޠިލުކުރުމަށްފަހު، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 9,061,442.50ރ. ހޯދުމަށް މީރާއިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ކުއްޔާއި ޖޫރިމަނާ ހޯދުމަށް މީރާއަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ލިބިގެންވޭތޯ؛ އަދި ދަށު ކޯޓުގައި ނުނަގާ ނުކުތާތައް ހައިކޯޓުން ބަލައިނުގަތުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މޫސާ ނަޞީރު ބުނީ، މީރާގެ ބާރަކީ ޓެކުހާ ގުޅޭ ފައިސާ ހޯދުން ކަމަށާއި، 2012/SC-A/27 އާ އެއްގޮތަށް އިސްތިއުނާފީ ކޯޓުން މުޅި މައްސަލަ ބަލަން ޖެހޭ ކަމަށެވެ. ބަންޑާރަނައިބުގެ އޮފީހުން ބުނީ، އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ދަށުން ކުލި ބަލައިގަތުމަށް މިނިސްޓްރީން ކަނޑައެޅީ މީރާ ކަމަށާއި، މީރާ ޝާމިލުވީ ދައުލަތުގެ ކަލެކްޓަރުގެ ހައިސިއްޔަތުން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
2014/SC-A/12 ގައިވާ ފަދައިން، 03/2010 ގެ ދަށުން މީރާއަށް ފަޅުރަށުގެ ކުލި ހޯދުމަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތުމުން ހައިކޯޓުގެ ޙުކުމުގެ އެ ބައިތައް ބާޠިލުކޮށް ސިވިލް ކޯޓުގެ ޙުކުމް ބާޠިލުވިއެވެ. ދަށު ކޯޓުގައި ނުނަގާ ނުކުތާތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުމަށް ތާއީދުކުރެވުނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2014/HC-A/83
ފަހުގެ ތާރީޚު
—

ނިންމުން

ބައެއް ބަދަލުކުރި

ހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލު (މީރާއަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތް)، ސިވިލް ކޯޓުގެ ޙުކުމް ބާޠިލު؛ އާ ނުކުތާތައް ބަލައިނުގަތުމުގެ ބައި ޤާއިމް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1މަދަނީ › މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

(ޕެރ. 18–19) ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "ޓެކްސް" މާނަކޮށްދީފައިވާ ގޮތުން، ޓެކުހުގެ ތެރޭގައި ކުލި ނުހިމެނެއެވެ. އަދި ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މަޤުޞަދުތަކަކީ މުޅިން ޓެކުހާ ގުޅޭ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމެވެ.

HN2މަދަނީ › މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

(ޕެރ. 20–21) ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ "އެހެނިހެން ފައިސާ" އާއި 34 ވަނަ މާއްދާގެ (ހ) ގައިވާ "އެހެން އެއްވެސް ޢަދަދެއް" މި ޢާންމު ޢިބާރާތްތައް އަންނަނީ "ޓެކްސް"، "ފީ"، "ޖޫރިމަނާ" ފަދަ ޚާއްޞަ ޢިބާރާތްތަކަށް ފަހުގައެވެ. އެފަދަ ޢާންމު ޢިބާރާތަކަށް ދޭންޖެހޭނީ އޭގެ ކުރީގައިވާ ޚާއްޞަ ޢިބާރާތްތަކުން ދޭހަވާ މާނައެވެ. އެހެންކަމުން އެ ޢިބާރާތްތަކުގައި ހިމެނެނީ ޓެކުހާ ގުޅުންހުރި ފައިސާއެވެ.

HN3މަދަނީ › މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

(ޕެރ. 22.3) ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 34 ވަނަ މާއްދާގައި މީރާއަށް ދީފައިވާ، ނުދައްކާ ފައިސާ މަދަނީ ދަރަންޏެއްގެ ގޮތުގައި ކޯޓުން ހޯދުމުގެ ބާރަކީ ޓެކުހާ ގުޅުންހުރި ފައިސާއަށް ހަނިވާ ބާރެކެވެ. މިކަން އެ މާއްދާގެ (ހ) ގެ ފަހު ޖުމްލައާއި (ށ) އިން ދޭހަވެއެވެ.

HN4މަދަނީ › މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

(ޕެރ. 22.4، 23، 35) ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން، ޓެކުހަށް ނުވާ ކުލި، ފީ، ރޯޔަލްޓީ ފަދަ ފައިސާ މީރާއަށް ހޯދޭނީ އެ ފައިސާއަކީ ޤާނޫނެއްގެ ދަށުން މީރާއަށް ދެއްކުން ލާޒިމުކޮށްފައިވާ ފައިސާއެއް ނަމައެވެ. ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު (20/98) ގެ ދަށުން ހެދޭ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ކުލި މީރާއަށް ދެއްކުން އެ ޤާނޫނުން ލާޒިމުކޮށްފައި ނުވާތީ، އެ ކުލި ހޯދުމަށް ދަޢުވާކުރުމަކީ މީރާއަށް ލިބިފައިވާ ބާރެއް ނޫނެވެ.

HN5މަދަނީ › މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

(ޕެރ. 31–32) އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބޭ ކުލި ބަލައިގަތުމާއި، އެ ކުލި ހޯދުމަށް ދަޢުވާކުރުމަކީ ޤާނޫނީ ގޮތުން ދެ ކަމެވެ. ޓެކުހާއި ޓެކުހާ ގުޅުންހުރި ފައިސާ ފިޔަވައި ކުލި ބަލައިގަތުމަކީ މީރާއާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ނޫނެވެ. ސަރުކާރުގެ އިދާރާތަކާ މީރާއާ ދެމެދު ވާ އެއްބަސްވުންތަކުން ޤާނޫނުގައި ނެތް ޒިންމާތަކެއް މީރާއިން އަދާކުރާނަމަ، އެއީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ އިމުން ބޭރުން އަދާކުރާ ޒިންމާތަކެކެވެ.

HN6މަދަނީ › މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

(ޕެރ. 33، 36) ދަޢުވާއެއް ބަލައިގަތުމުގައި، ދަޢުވާކުރާ ފަރާތަށް ދަޢުވާކުރުމުގެ މަޞްލަޙަތު އޮތުމުގެ އިތުރުން ދަޢުވާކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވޭތޯ ކޯޓުން ބަލަންޖެހެއެވެ. މިއީ އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުންވެސް ރިޢާޔަތްކުރަންޖެހޭ ކަމެކެވެ. ހައިސިއްޔަތު ނެތް ފަރާތަކުން ކުރާ ދަޢުވާއަކީ ޤާނޫނީ ގޮތުން ކުރެވޭނެ ދަޢުވާއެއް ނޫނެވެ. އެފަދަ މައްސަލައެއް އަލުން ބެލުމަށް ދަށު ކޯޓަށް ތަޙުވީލެއް ނުކުރެވޭނެއެވެ. ތަޙުވީލު ކުރެވޭނީ ހައިސިއްޔަތު ލިބިފައިވާ ދެ ފަރާތެއްގެ ދެމެދުގައިވާ ޚުޞޫމަތެއްގައެވެ.

HN7މަދަނީ › މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

(ޕެރ. 37–38) ޤާނޫނީ ގޮތުން އުފެދިފައިވާ ޝަޚްޞަކަށް ލިބޭނީ ޤާނޫނުން ލިބިދޭ ބާރުތަކެވެ. ޓެކުހާއި ޓެކުހާ ގުޅުންހުރި ފައިސާ ފިޔަވައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ޒިންމާ މީރާއާ ޙަވާލުކުރަން ބޭނުންނަމަ، އެކަން ކުރަންވާނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ބަދަލުކޮށްގެންނެވެ.

HN8މަދަނީ › މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

(ޕެރ. 24–26، 30) ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ (ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާ). ދަށު ކޯޓުގައި ނެގުމުގެ ފުރުސަތު ލިބިހުރެ ނުނަގާ ނުކުތާތައް (އެއްބަސްވުމުގެ މާއްދާތައް މާނަކުރުމާއި ފައިސާގެ ޢަދަދު ހިސާބުކުރުމާ ބެހޭ ނުކުތާތައް) ހައިކޯޓުން ބަލައިނުގަތުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނިންމުމެކެވެ.

HN9މަދަނީ › މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

(ޕެރ. 28) އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގައިވާ އަސާސީ ޙައްޤެއް ކަމުން، އޭގެ ޙައްދުތައް ކަނޑައެޅޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ ދަށު ކޯޓުގެ ނިންމުން ޤާނޫނުއަސާސީއާ، ޤާނޫނަކާ ނުވަތަ ޤަވާޢިދަކާ ޚިލާފުވާ ޙާލަތުގައެވެ. އެ މަރުޙަލާގައި ހުށަހެޅޭނީ ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ނުލިބޭ ހެކިތަކެވެ. ދަށު ކޯޓުން ނުބަލާ ކަމެއް ހުރިނަމަ، އެކަން ބެލުމަށް ދަށު ކޯޓަށް މައްސަލަ ފޮނުވިދާނެއެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނީ ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފަށް ބިނާވުން، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދުން، ނުވަތަ އިޖުރާއަތު ބާޠިލުވުން، މި ތިން ޙާލަތުގައެވެ.

HN10މަދަނީ › މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

(ޕެރ. 27–29) އިސްތިއުނާފީ މަރުޙަލާތަކަކީ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ، ވާޤިޢާތަކާއި ހެކި ވަޒަންކުރި ގޮތާއި ޤާނޫނު ތަޠުބީޤުކުރި ގޮތް ހިމެނޭ ގޮތަށް، އިސްތިސްނާއެއް ނެތި އަލުން ބަލާ މަރުޙަލާއެއް ނޫނެވެ. 2012/SC-A/27 ގައި އިސްތިއުނާފީ އުޞޫލުތައް ބަޔާންކޮށްފައިވަނީ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ފުޅާކޮށެވެ.

HN11މަދަނީ › މަދަނީ – ދަޢުވާކުރުމުގެ ހައިސިއްޔަތު (މީރާއިން ފަޅުރަށުގެ ކުލި ހޯދުން)؛ އިސްތިއުނާފީ މަރުޙަލާގައި އާ ނުކުތާ ނެގުން

(ޕެރ. 40) ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖިނާއީ އަދަބަށް ދެވޭ ލުއި ފިޔަވައި، ފަހުން ހަދާ ޤާނޫނެއްގެ މަންފާ ނުވަތަ ބުރަ އޭގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ނުހިނގުމަކީ ޢާންމު އުޞޫލެވެ. ޤާނޫނަކުން ޞަރީޙަ ބަހުން އިސްތިސްނާކޮށްފައި ނުވާހާ ހިނދަކު، ހާދިސާ ހިނގުމަށްފަހު ޤާނޫނަށް ގެނެވޭ ބަދަލަކަށް ޙަވާލާދީ ކޯޓުގައި ޤާނޫނީ ނުކުތާ ނެގުމަކީ އެކަށީގެންވާ ގޮތެއް ނޫނެވެ (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު).

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ)، 34 ވަނަ މާއްދާ، 35 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ، 32 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު)

ފަނޑިޔާރުން

ބެންޗު
މަޙާޒު ޢަލީ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް
ވަކި ރައުޔު
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު: (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއް ސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ނ. ބަނޑައިދިއްދޫ އެވެކިޔާ ފަޅުރަށް މޫސާ ނަޞީރު އަށް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި މޫސާ ނަޞީރުއާ ދެމެދު 05 މާރޗް 2008 ގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ.

2މި އެއްބަސްވުމުގެ ދަށުން މޫސާ ނަޞީރު ދައްކަންޖެހޭ ކުލި ކަނޑައެޅިފައިވާ ގޮތުގެމަތިން ދައްކާފައި ނުވެއެވެ. ވުމާއެކު ކުއްޔާއި، ކަނޑައެޅިފައިވާ ގޮތުގެމަތިން ކުލި ދައްކަމުން ނުދިއުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި 9061442.50 (ނުވަމިލިޔަން ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ސާޅީސް ދެ ރުފިޔާ ފަންސާސްލާރި) މޫސާ ނަޞީރުގެ އަތުން ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން މޫސާ ނަޞީރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 1975/Cv-C/2011 ޤަޟިއްޔާއިންނެވެ.

3މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން މޫސާ ނަޞީރުގެ މައްޗަށް ދަޢުވާކުރި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާ އެއްކޮޅަށެވެ. އަދި ސިވިލް ކޯޓުގެ މި ނިންމުމާ ގުޅިގެން މޫސާ ނަޞީރުގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

4ސިވިލް ކޯޓުގެ ނަންބަރު 1975/Cv-C/2011 ޤަޟިއްޔާގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި މޫސާ ނަޞީރުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.

5މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކޮށްދިނުމަށް އެދި މޫސާ ނަޞީރުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ކަނޑައެޅި ނިޔާއެވެ.

ސިވިލް ކޯޓުން އިސްތިއުނާފު ކުރެވޭ މައްސަލަ ނިމުނު ގޮތް

6މޫސާ ނަޞީރުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލުމުން މޫސާ ނަޞީރު ބުނެފައިވަނީ އެއްބަސްވުމާ ގުޅިގެން ނުދެއްކިވާ ފައިސާ ދެއްކުމަށް ގޮތްތަކެއް ހުށަހަޅައި ވާހަކަ ދެކެވެމުންދާތީއާއި، ވަޒީރުންގެ މަޖިލީހުން ރަށް ދިނުމަށް ނިންމައި، ނުދެއްކިވާ ފައިސާ ދައްކާނެ ގޮތުގެ ތާވަލެއް ހުށަހެޅިފައިވާތީ އެއްބަސްވުމުގެ ބައިވެރިޔާ ދޭ ލުޔަކާއި، ހަމަޖައްސައިދޭ ގޮތަކީ މޫސާ ނަޞީރުގެ ޙައްޤަކަށްވާނެތީ، މައްސަލަ ވަކި ގޮތަކަށް ނުނިންމާ މަޑުކޮށް ދިނުމަށް ނުވަތަ މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދިއުމަށް އެދޭ ކަމަށެވެ.

7މީގެ އިތުރަށް މި ފައިސާ ދައްކަންވީ ގޮތާއި، މި ފައިސާ ދައްކަންވީ މިންވަރު ކަނޑައަޅާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ނޫންކަމާއި، މި ފައިސާ ދެއްކުމާ ގުޅޭ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން މޫސާ ނަޞީރަށް އަންގާ އެންގުންތަކަކީ ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އިން އެ އިދާރާއަށް ލިބިގެންވާ ޤާނޫނީ ބާރުވެރި ކަމަށްވުރެ އިތުރު ބާރުވެރި ކަމެއް ބޭނުންކޮށްގެން އަންގާ އެންގުންތަކެއް ކަމުގައި މޫސާ ނަޞީރު ބުނެފައިވެއެވެ.

8ދެ ފަރާތުގެ ވާހަކަތަކުގެ މައްޗަށް ބަލައި ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

8.1- ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ނ. ބަނޑައިދިއްދޫ އެވެކިޔާ ފަޅުރަށް މޫސާ ނަޞީރު އަށް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި މޫސާ ނަޞީރުއާ ދެމެދު 05 މާރޗް 2008 ގައި ސޮއިކުރެވުނު އެއްބަސްވުމާ އެއްގޮތަށް މޫސާ ނަޞީރު ކުލީގެ ފައިސާއާއި ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން 2011 ޖޫން 21 ވަނަ ދުވަހުގެ ނިޔަލަށް 9061442.50 (ނުވަމިލިޔަން ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ސާޅީސް ދެ ރުފިޔާ ފަންސާސްލާރި) ދިވެހި ސަރުކާރަށް މޫސާ ނަޞީރު ދައްކަންޖެހި ނުދައްކައި ހުރިކަން މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަން.

8.2- ދިވެހި ސަރުކާރާއެކު މޫސާ ނަޞީރު ވެފައިވާ އެއްބަސްވުން ބާޠިލު ކުރެވިފައިވާ ކަމާއި، އެއްބަސްވުމާމެދު މަޝްވަރާ ކުރެވިފައިވާ ކަމަށް މޫސާ ނަޞީރު ބުނިނަމަވެސް އެ މަޝްވަރާތަކުގެ ނަތީޖާއަކުން އެއްބަސްވުމަށް ބަދަލެއް އައިސްފައި ނުވާކަން.

8.3- ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ކޯޓުގައި ދަޢުވާ ކޮށްގެން މި ފައިސާ ހޯދިދާނެކަން.

9މަތީގައި ބުނެވިދިޔަ 9061442.50 (ނުވަމިލިޔަން ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ސާޅީސް ދެ ރުފިޔާ ފަންސާސްލާރި) މޫސާ ނަޞީރުގެ ފަރާތުން ދިވެހި ސަރުކާރަށް ލިބިދިނުމަށްޓަކައި،24 ނޮވެމްބަރ 2013 އިން ފެށިގެން 02 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން އެ މަހަކަށް ޖެހޭވަރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކަމުންގޮސް، މި ފައިސާ މި މުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް މޫސާ ނަޞީރަށް އަންގައި ޙުކުމްކޮށް ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރެވޭ މައްސަލަ ނިމުނު ގޮތް

10ސިވިލް ކޯޓުގެ ނަންބަރު 1975/Cv-C/2011 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން މޫސާ ނަޞީރު އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާއިންނެވެ. އަދި މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.

11ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

11.1- މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއާއި އަމިއްލަ ފަރުދުންނާ ދެމެދު ހެދޭ، މި ބާވަތުގެ އެއްބަސްވުންތަކުގައި ހިމެނޭ ފައިސާއާގުޅޭ މާއްދާތައް ތަންފީޒުކޮށް، އެ މާއްދާތަކުގެ ދަށުން ސަރުކާރަށް ނުވަތަ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން އެއްބަސްވުންތަކުގެ ބައިވެރިންގެ މައްޗަށް ދަޢުވާ ކުރުމަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މައްޗަށް ލިބިގެންވާ ޤާނޫނީ ބާރެއްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/06 ޤަޟިއްޔާއާއި، ނަންބަރު 2012/HC-A/150 ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، މި މައްސަލައިގައި ދަޢުވާ ކުރުމުގެ ޙައްޤު މީރާއަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަން.

11.2- ސިވިލް ކޯޓުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި މޫސާ ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމާއި، އެ ކޯޓުން މޫސާ ނަޞީރު ދައްކަންޖެހޭ ފައިސާގެ ޢަދަދު ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރިނަމަވެސް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 44 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، މޫސާ ނަޞީރުގެ ފަރާތުން ފާހަގަކޮށްފައިވާ އެ ދެ ކަމަކީ، ސިވިލް ކޯޓުގައި މޫސާ ނަޞީރުގެ ފަރާތުން އެ ދެ ކަންތަކާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބި، އެ ކޯޓުގައި ފާހަގަކޮށްފައި ނުވާ ކަންތައްތަކެއް ކަމުގައިވާތީ، އެ ކަންކަމަކީ އެ ކަންކަމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމަންޖެހޭ ކަންތައްތަކެއް ނޫންކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މޫސާ ނަޞީރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

12.1- ފުރަތަމަ ސަބަބަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަކީ، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއެއް ކަމުގައި ވީހިނދު، އަދި އެ ޤާނޫނުގެ ދަށުން އެ މުއައްސަސާއަށް ޤާނޫނީ ގޮތުން ބާރު ލިބިދެނީ، ޓެކުހާއި ޓެކުހާ ގުޅުންހުރި ފައިސާތަކާމެދު ޝަރުޢީ ކޯޓުތަކުގައި ދަޢުވާކުރުމަށް ކަމަށްވެފައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާއިން ބެލި މައްސަލައިގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ އެއްވެސް ގުޅުމެއްނެތް ލީސް ރެންޓްއާ ގުޅޭ ފައިސާތަކެއް ކަމުގައިވީއިރުވެސް، މި ބާވަތުގެ ފައިސާއާމެދު ދަޢުވާ ކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

12.2- ދެވަނަ ސަބަބަކީ، ސިވިލް ކޯޓުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި މޫސާ ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމާއި، އެ ޤަޟިއްޔާގައި ފައިސާގެ ޢަދަދުތައްވެސް ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ މޫސާ ނަޞީރު ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ އެ ނުކުތާތަކާމެދު ދަށު ކޯޓުގައި ވާހަކަ ދައްކާ ޠަޢުނުކުރުމުގެ ފުރުސަތު މޫސާ ނަޞީރަށް ލިބިފައިވުމާއެކުވެސް، އެއްވެސް ސިފައެއްގައި ދަށު ކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކެއް ކަމުގައި ނުވާތީ، އެ ނުކުތާތަކަކީ އިސްތިއުނާފީ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ އެއާމެދު ގޮތެއް ނިންމަންޖެހޭ ނުކުތާތަކެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާއިން ބެލި މައްސަލައިގައި ކަނޑައަޅާފައިވަނީ އިސްތިއުނާފު ކުރުމުގެ މައިގަނޑު މަޤުޞަދާއި، އިސްތިއުނާފު ކުރުމަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުގެ ނައްޞާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ރޫޙާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މޫސާ ނަޞީރުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ. ތިރީގައި މިވަނީ އެ ދެ ނުކުތާއެވެ.

13.1- ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން މީރާ އުފެއްދުމުގެ އެއް މަޤުޞަދަކީ ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެ ފައިސާ ދައްކަމުން ގެންދާކަން ނުވަތަ ނޫންކަން ބެލުންކަމާއި، އެކަން މަތީގައި ބުނެވިދިޔަ ޤާނޫނުގެ 03 ވަނަ މާއްދާގެ (ނ) އާއި 49 ވަނަ މާއްދާގެ (ހ) އާއި 50 ވަނަ މާއްދާއިން ސާފުކޮށް އެނގޭކަން.

13.2- ސިވިލް ކޯޓުގެ ނަންބަރު 1975/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު، އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާއާއި، އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ފައިސާ ހިސާބު ކޮށްފައިވާ ގޮތާ ބެހޭ ގޮތުން މައްސަލައިގެ އެއްވެސް ފަރާތަކުން ވާހަކަ ދައްކާފައި ނުވާތީ، އެ ވާހަކަތަކަކީ އިސްތިއުނާފީ މަރުޙަލާގައި ދެކެވޭނެ ވާހަކަތަކެއް ނޫންކަމާއި، މި ނުކުތާއާމެދު ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ދެކޭކަން.

14މި މައްސަލައާ ގުޅިގެން 07 ސެޕްޓެމްބަރ 2015 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅިފައިވާ ނުކުތާތަކާ ގުޅިގެން އެ އޮފީހުގެ ފަރާތުން ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވެއެވެ. މި ފުރުސަތުގައި އެ އޮފީހުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

14.1- އިސްތިއުނާފުކުރާ ފަރާތަށް އެއްބަސްވުމުގެ 09 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރަށުގެ އަހަރީ ކުލި ދެއްކުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އަންގާފައިވާ ފަރާތަކީ، ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު، އަދި އޭގެފަހުން ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ޤާއިމު ކުރެވުނު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ކަން އިސްތިއުނާފުކުރާ ފަރާތަށް އެ މިނިސްޓްރީން ފޮނުވާފައިވާ ލިޔެކިޔުންތަކުން އެނގޭކަން.

14.2- އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާތީ01 ސެޕްޓެމްބަރ 2009 އިން ފެށިގެން 21 ޖޫން 2011 ގައި އެއްބަސްވުން ބާޠިލުކުރުމާ ހަމައަށް އެތައް ފަހަރެއްގެ މަތިން އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ދިއުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން އަންގާފައިވާކަން.

14.3- މި މުޢާމަލާތާ ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޝާމިލުވެފައިވަނީ ދައުލަތުގެ ކަލެކްޓަރުގެ ހައިސިއްޔަތުން ކަމާއި، އެއީ މި މުޢާމަލާތާ ގުޅޭ އެއްބަސްވުމުގެ 09 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އެ ގޮތަށް ކަނޑައަޅާފައިވާތީކަން.

14.4- މި މުޢާމަލާތާ ގުޅިގެން ލީސް ރެންޓްގެ ފައިސާއާމެދު ދަޢުވާ ކުރުމުގެ ބާރު ލިބިފައިވަނީ ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމާއި، މި މާއްދާތައް މާނަ ކުރާނަމަ، މާނަ ކުރަންޖެހޭނީ، ޤާނޫނު ނަންބަރު 04/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާއާ އެއްގޮތަށް ޤާނޫނު އެކުލަވާލި މަޤްޞަދަށް އިސްކަންދީގެންކަން.

ދަޢުވާ ކުރުމުގެ ހައިސިއްޔަތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ލިބިގެންވާކަން ނުވަތަ ނޫންކަން ކަނޑައެޅުން

15ލީސް ރެންޓްވެސް ހިމެނޭ ގޮތުން ދައުލަތަށް ލިބެންޖެހޭ ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން ފައިސާ ހޯދުމަށްޓަކައި ކޯޓުތަކުގައި ދަޢުވާ ކުރުމަކީ ޤާނޫނީ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ލިބިގެންވާ ބާރެއް ކަމުގައި އެ އިދާރާއިން ދެކެއެވެ. މިފަދައިން އެ އިދާރާއިން ދެކެނީ އަންނަނިވި ޤާނޫނީ ނައްޞުތަކާ ޙަވާލާ ދިނުމާއެކުގައެވެ.

15.1- ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ނ).

މި އަކުރުގައި އޮންނަނީ، "ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން." މިފަދައިންނެވެ.

15.2- އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ).

މި އަކުރުގައި އޮންނަނީ، "އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް ޢަދަދެއް، ނުދައްކައި އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދޭނެއެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން މި ފައިސާ ކޯޓުގައި ދަޢުވާކޮށްގެން ހޯދިދާނެއެވެ. ލިބެންވާ ފައިސާ ހޯދުމުގައި ޝަރީޢަތުގެ މަރުޙަލާތަކުގައި، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެހާއި އަދި ދައްކަންޖެހޭ ޢަދަދުގެ ތަފުސީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ ޢަދަދު ޘާބިތުކުރުމަށް އޮތް ހެއްކެއްކަމުގައްޔާއި އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްކަމުގައި ފުދޭނެއެވެ." މިފަދައިންނެވެ.

15.3- އެ ޤާނޫނުގެ 35 ވަނަ މާއްދާ.

މި މާއްދާގައި ބަޔާންވެފައިވަނީ، "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެއްވެސް ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމުކުރާ ފީއެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާއެއް ނުވަތަ އެހެންވެސް ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ޢަމަލުކުރާނީ، ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދެއްކުން ލާޒިމުކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކުހެއް އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ޢަމަލުކުރާނެ އުސޫލުތައް ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ." މި ފަދައިންނެވެ.

16ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން ފައިސާ ހޯދުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ލިބިގެންވާ ޤާނޫނީ ބާރެއްކަން ނުވަތަ ނޫންކަން ދެނެގަތުމުގައި، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ ކޮބައިކަމާއި، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަޤުޞަދުތަކަށާއި، ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން ފައިސާ ހޯދުމުގައި ޢަމަލު ކުރުމަށް ޤާނޫނުގައި އުސޫލެއް ކަނޑައެޅިފައިވާނަމަ އެ އުސޫލަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ.

17ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި އެކަމަށް ޢަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައަޅާ ޤާނޫނުކަން އެ ޤާނޫނުގެ 01 ވަނަ މާއްދާގެ (ހ) އިން އެނގެއެވެ.

18HN1އެ ޤާނޫނުގެ ދަށުން ޓެކްސް ނެގުމުގެ އެންމެހައި ކަންކަން މަރުކަޒީ ގޮތެއްގައި ބެލެހެއްޓުމަށް "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" ގެ ނަމުގައި އިދާރާއެއް އުފައްދައި އެ އިދާރާގެ މައިގަނޑު މަސްއޫލިއްޔަތުގެ ގޮތުގައި އަންނަނިވި ކަންކަން ހިމަނާފައިވެއެވެ.

18.1- ޓެކްސްއާބެހޭ ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުން.

18.2- ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

18.3- ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން.

18.4- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތީރިޓީ އަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން.

18.5- ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސް ނެގުމާބެހޭ ޤާނޫނާއި، ޤަވާޢިދާބެހޭ ފުރިހަމަ މަޢުލޫމާތުދީ، އެ ފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތްކުރުން.

18.6- ޓެކްސް ނެގުމާބެހޭ އިދާރީ ޚަރަދު ވީވަރަކުން ކުޑަކުރެވޭނެ ނިޒާމެއް ރޭވުން.

18.7- ޓެކްސްއާބެހޭ އެންމެހައި ޤާނޫނުތަކުގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކްލެއިމް، ސްޓޭޓްމަންޓް، ނޯޓިސް ފަދަ ހުރިހާ ފޯމުތައް، އޭގައި ހުންނަންވާނެ މަޢުލޫމާތު ބަޔާންކޮށް ތައްޔާރުކުރުން އަދި ބޭނުންވެއްޖެ ހިނދެއްގައި އިޞްލާޙުތައް ގެނައުން.

18.8- ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެކްސް ނެގުމުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުން.

18.9- ޓެކްސްއާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފާދިނުން.

19ބުނެވިދިޔަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަޤުޞަދުތަކަށް ބަލާއިރު، އެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ މުޅިންވެސް ޓެކުހާ ގުޅޭ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުންކަން އެނގެއެވެ. އަދި ޤާނޫނީ ގޮތުން ޓެކުހަކީ އޭގެ ތެރޭގައި ކުލި ނުހިމެނޭ އެއްޗެއްކަން ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ޓެކްސް ނުވަތަ ޓެހުކެއް" މާނަކޮށްދީފައިވާ ގޮތުން އެނގެއެވެ. އެ އަކުރުގައި، "ޓެކްސް ނުވަތަ ޓެހުކެއް" މާނަކޮށްދީފައިވަނީ އަންނަނިވި ގޮތަށެވެ.

"ޓެކްސް" ނުވަތަ "ޓެކުހެއް" ކަމުގައި ބުނެފައި އެވަނީ، ދެވޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީ އެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ޤާނޫނީ އެނޫންވެސް ޝަޚްޞަކުން، ސަރުކާރަށް ނެގޭ ކޮންމެ ފައިސާއަކަށެވެ."

20HN2ޓެކުހެއްގެ ގޮތުގައި ނުހިމެނޭ ލީސް ރެންޓްފަދަ ފައިސާ ހޯދުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް އެ އިދާރާއިން ޙަވާލާދޭ ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ މާއްދާތަކަށް ބަލާއިރު، އެ މާއްދާތަކުގެ ތެރެއިން އެ ޤާނޫނުގެ 03 ވަނަ މާއްދާގެ (ނ) ގައި "އެހެނިހެން ފައިސާ" ބަޔާންވެފައިވަނީ އޭގެ ކުރިން "ޓެކްސް"، "ފީ" މި ދެ ލަފުޒު ބަޔާން ކުރުމަށްފަހުގައެވެ. އަދި އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި "އެހެން އެއްވެސް ޢަދަދެއް" މި ޢިބާރާތުގެ ކުރިއަށް "އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް" މި ޢިބާރާތް ގެނެވިފައިވެއެވެ.

21ކުރިން ބަޔާން މި ކުރެވުނު ދެ މާއްދާގެ ނައްޞަށް ބަލާއިރު، "އެހެނިހެން ފައިސާ" އަދި "އެހެން އެއްވެސް ޢަދަދެއް" މި ޢިބާރާތްތައް ބަޔާންވެފައިވަނީ އޭގެ ކުރިން ޚާއްޞަ އެހެން ޢިބާރާތްތަކެއް ބަޔާން ކުރުމަށްފަހުގައެވެ. އަދި އެފަދައިން "އެހެނިހެން ފައިސާ" އަދި "އެހެން އެއްވެސް ޢަދަދެއް" ބަޔާންކޮށްފައި އެވަނީ، ޓެކުހާއި ގުޅިގެން ދައްކަންޖެހޭ ފައިސާގެ ނުވަތަ ޢަދަދުތަކުގެ ބާވަތްތަކާއި ވައްތަރުތަކުން އެއްވެސް ބާވަތެއް ނުވަތަ ވައްތަރެއް އުނިވިޔަނުދީ އެ ހުރިހައި ޢަދަދުތަކުގެ ބާވަތްތަކާއި ވައްތަރުތައް ހިމެނުމުގެ ގޮތުން ބޭނުންކޮށްފައިވާ ޢާންމު ޢިބާރާތެއްގެ ގޮތުގައެވެ. މި ހާލަތުގައި "އެހެނިހެން ފައިސާ" އަދި "އެހެން އެއްވެސް ޢަދަދެއް" މި ޢިބާރާތްތަކަށް ދޭންޖެހޭ މާނައަކީ އެ ޢިބާރާތްތަކުގެ ކުރިއަށް އައިސްފައިވާ ޚާއްޞަ ޢިބާރާތްތަކުން ދޭހަވާ މާނައެވެ. އެނޫން ގޮތަކަށް ބުނާނަމަ، "އެހެނިހެން ފައިސާ" އާއި އެހެން އެއްވެސް ޢަދަދެއް" ގެ ގޮތުގައި އެ މާއްދާތަކުގައި ބަޔާންވެފައި އެވަނީ ޓެކުހުގެ ގޮތުގައި ހިމެނޭ ފައިސާއާއި ޢަދަދުތަކުގެ މާނަ ދޭހަކުރުމުގެ ގޮތުންނެވެ.

މާނަކުރުމަށް ބާރު ލިބޭ އެހެނިހެން ސަބަބުތައް

22HN3HN4އިސްތިއުނާފު ރައްދުވާ ފަރާތުން ޙަވާލާދޭ ޤާނޫނީ ނައްޞުތަކުގައިވާ ޢިބާރާތްތަކަށް ދޭންޖެހެނީ އެ ޢިބާރާތްތަކުގެ ކުރީގައިވާ ޢިބާރާތްތަކުން ދޭހަވާ ޚާއްޞަ މާނަކަން ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ އެހެނިހެން މާއްދާތަކަށް ބެލުމުން އިތުރަށް ސާފުވެގެން ދެއެވެ. މި ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.

22.1- ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް އަންގައި، އެ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން އެ އޮތޯރިޓީ އަށް ލާޒިމްވާއިރު، އެއްބަސްވުންތަކާ ގުޅިގެން ދައްކަންޖެހޭ ކުލިފަދަ ދައުލަތަށް ލިބެންޖެހޭ ޓެކުހަކަށް ނުހިމެނޭ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު އެ އޮތޯރިޓީ އަށް ދިނުމާއި، އެފަދަ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުންފަދަ ޤާނޫނީ ޒިންމާ ޤާނޫނުން މަތިކޮށްފައި ނުވާކަން އެނގެއެވެ.

22.2- ޓެކްސް ދެއްކުމުގައި ހިނގާ މަކަރު ހަދައި އޮޅުވާލުމުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކުންނާއި އެނޫން ފަރާތްތަކުން ކަމާގުޅޭ ލިޔެ ކިޔުންތައް ހޯދުމާއި، އެފަދަ ލިޔެ ކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމާއި، އެކި ފަރާތްތަކާ ސުވާލު ކުރުމުގެ ބާރު ޤާނޫނުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދީފައިވާއިރު، ޓެކްސް ފިޔަވައި ދައުލަތަށް ލިބެންޖެހޭ އެހެނިހެން ފައިސާ ދައުލަތަށް ދެއްކުމުގައި ކުރިމަތިވެދާނެ މިފަދަ ޢަމަލުތަކުގައި ޢަމަލު ކުރާނެ އުސޫލެއް މި ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ.

22.3- އެއްވެސް ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް ޢަދަދެއް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ނުދައްކައި އޮވެއްޖެނަމަ، މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާ ހޯދުމުގެ ބާރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އިން ދިނުމަށްފަހު، މި އަކުރުގައި ބަޔާންވެފައިވާ ފައިސާއަކީ ހަމައެކަނި ޓެކުހާ ގުޅުންހުރި ފައިސާކަން މި އަކުރުގެ ފަހު ޖުމުލައިން ދޭހަވެއެވެ. މި ގޮތުން މި އަކުރުގައި، "ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި، އެޑްރެހާއި، އަދި ދައްކަންޖެހޭ ޢަދަދުގެ ތަފުސީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ ޢަދަދު ސާބިތު ކުރުމަށް އޮތް ހެއްކެއްކަމުގައާއި، އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއް ކަމުގައި ފުދޭނެއެވެ." މި ފަދައިން ބަޔާންވެފައިވެއެވެ. އަދި މި މާއްދާގެ (ށ) ގައި މި މާއްދާގެ (ހ) އަށް ޙަވާލާ ދިނުމަށްފަހު، "ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދަކީ، ރަނގަޅު ޢަދަދެއް ނޫންކަމަށްވާނަމަ، ނުވަތަ އެ ޢަދަދަކާމެދު އިޢުތިރާޒު ކުރާކަމަށްވަނީނަމަ، ނުވަތަ އެ މައްސަލަ އަލުން ބަލައިދިނުމަށް އެދޭނަމަ، އެ މައްސަލައެއް ނިންމާތާ 90 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމުގެ ހައްޤު ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވުމުން ބަޔާންކުރެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންވެފައި މިވަނީ ޓެކުހާ ގުޅުންހުރި ފައިސާއަށް ކަން ސާފުކޮށް އެނގެއެވެ.

22.4- ޓެކުހަށް ނުވާ ފައިސާ ހޯދުމުގައި ޢަމަލުކުރާނެ އުސޫލެއް ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 35 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ. މި މާއްދާގައި ބަޔާންވެފައިވަނީ، "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެއްވެސް ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމުކުރާ ފީއެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާއެއް ނުވަތަ އެހެންވެސް ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ޢަމަލުކުރާނީ، ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދެއްކުން ލާޒިމުކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކުހެއް އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ޢަމަލުކުރާނެ އުސޫލުތައް ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ." މި ފަދައިންނެވެ. މި މާއްދާއަކީ އިސްތިއުނާފު ކުރެވޭ މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، 29 ޑިސެމްބަރު 2011 ގައި، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 01 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އަލަށް ތަޢާރަފު ކުރެވުނު މާއްދާއެއް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ވިސްނުމަކީ، ޓެކްސްއަށް ނުވާ އެހެނިހެން ފައިސާ، ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ޤާނޫނީ ގޮތުން މަސައްކަތް ކުރެވޭނީ އެ ފައިސާއަކީ ޤާނޫނެއްގެ ދަށުން އެ އޮތޯރިޓީ އަށް ދައްކަން ވަކި ފަރާތަކަށް ލާޒިމުކޮށްފައިވާ ފައިސާއެއް ކަމުގައިވާނަމަ ކަން ސާފުކޮށް އެނގެއެވެ. އަދި މި މައްސަލައިގެ މައުޟޫޢުގައި ވާހަކަ ދެކެވޭ ކުއްޔާއި، ޖޫރިމަނާގެ ފައިސާއަކީ ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދެއްކުން ލާޒިމްކޮށްފައިވާ ފައިސާއެއް ނޫންކަން އެނގެއެވެ.

23ވުމާއެކު، ނ. ބަނޑައިދިއްދޫ އެވެކިޔާ ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާ ހޯދުމަށް ދަޢުވާކުރުމަކީ ޤާނޫނީ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ލިބިފައިވާ ބާރެއްކަމުގައި އަހުރެން ނުދެކެމެވެ.

ދަށު ކޯޓުގައި ފާހަގަ ނުކުރާ ކަންކަން އިސްތިއުނާފު މަރުޙަލާގައި ފާހަގަ ކުރުން

24HN8ސިވިލް ކޯޓުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި މޫސާ ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އެ ޤަޟިއްޔާގައި ފައިސާގެ ޢަދަދުތައް އެ ކޯޓުން ހިސާބު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް މޫސާ ނަޞީރު ބުނެއެވެ. އަދި މި ކަންކަން ސިވިލް ކޯޓުގައި ފާހަގަ ނުކުރެވުނު މައިގަނޑު އެއް ސަބަބަކީ މި މައްސަލައަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން މޫސާ ނަޞީރުގެ މައްޗަށް ހުށަހެޅިދާނެ މައްސަލައެއްކަމުގައި މޫސާ ނަޞީރު ނުދެކޭތީ، އެ ނުކުތާގެ މައްޗަށް ބަރޯސާވެ މޫސާ ނަޞީރުގެ ފަރާތުން ވަކާލާތު ކުރަމުން ދިއުމުގެ ސަބަބުން ކަމަށްވެސް މޫސާ ނަޞީރު ބުނެއެވެ.

25މޫސާ ނަޞީރު ހުށަހެޅި އިސްތިއުނާފީ މި ނުކުތާތަކަކީ އެ ނުކުތާތަކާމެދު ދަށު ކޯޓުގައި ވާހަކަ ދައްކައި ޠަޢުނު ކުރުމުގެ ފުރުސަތު މޫސާ ނަޞީރަށް ލިބިފައި ވުމާއެކުވެސް، އެ ނުކުތާތަކަކީ އެއްވެސް ސިފައެއްގައި ދަށު ކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކެއް ކަމުގައި ނުވާތީ، އެ ނުކުތާތަކަކީ އިސްތިއުނާފީ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ އެއާމެދު ގޮތެއް ނިންމަންޖެހޭ ނުކުތާތަކެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ފަދައިން ނިންމާފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތް ކުރުމަށްފަހުގައެވެ.

26ދިވެހިރާއްޖޭގެ ހައިކޯޓުން ދަށު ކޯޓުގައި ހުށަހެޅިފައި ނުވާ ކުރިން ޙަވާލާ ދެވުނު ދެ ނުކުތާ ބަލައި ނުގަތުމަށް ނިންމި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް މޫސާ ނަޞީރުގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާއާ ޙަވާލާދީއެވެ.

27HN10އިސްތިއުނާފު ކުރުމުގެ އުސޫލުތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގައިވާ އަންނަނިވި ކަންކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަ ކުރެއެވެ.

27.1- ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގައިވެސް އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިދީފައިވަނީ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤު ކޮށްފައިވާ ގޮތާއި، މި އެންމެހައި ކަންތައްތައް ހިމެނޭ ގޮތުން އިސްތިއުނާފީ ކޯޓުން ބަލައި ނަޒަރުކޮށް އިންސާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤާއިމު ކުރުމުގެ މަޤުޞަދުގައިކަން.

27.2- އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިދީފައިވަނީ، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ޙުކުމުގައި ކުށެއް ނުވަތަ ޢައިބެއް އޮވެދާނެކަމުގެ އިޙްތިމާލު އޮންނާނެތީ ޢަދުލު އިންސާފު އޭގެ އެންމެ ފުޅާ މާނައިގައި ރައްޔިތުންނަށް ލިބިދިނުމުގެ މަޤުޞަދުގައި ކަމަށްވާތީ، އިސްތިއުނާފަށް ހުށަހެޅުމާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ އަލުން އިސްތިއުނާފީ ކޯޓަށް ހުށަހެޅިގެން ދާނެކަން. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އާ ހެއްކާއި އާ ދިފާޢުތައް އިސްތިއުނާފީ ކޯޓަށް ހުށަހެޅިގެން ދާނެކަން.

27.3- އާ ހެއްކާއި ދިފާޢުތައް އިސްތިއުނާފީ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެން ދިއުމުގެ ސަބަބުން ދަށު ކޯޓުގެ ދަޢުވާއާ ގުޅިގެން ކަމެއް ހަނދާންނެތިގެން ނުވަތަ ދަށު ކޯޓަށް ކަމެއް ހުށަހެޅުނުއިރު، ގޯހެއް ހުށަހެޅިފައިވާނަމަ އެކަމެއް ދެނެގަނެ ރަނގަޅުކުރުމާއި، އިސްތިއުނާފު ކުރުމުގައި ދަށު މަރުޙަލާގެ ކޯޓުގެ ޙުކުމް ކުށެއްގެ ސަބަބުން ނުވަތަ ނޭނގުމުގެ ސަބަބުން ނުވަތަ އިހުމާލެއްގެ ސަބަބުން ރަނގަޅު ނޫންކަމަށް ބުނެ ޝަކުވާ ކުރުން ހިމެނޭކަން.

28HN9އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2012/SC-A/27 ޤަޟިއްޔާގައި އިސްތިއުނާފީ އުސޫލުތައް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި އެ އުސޫލުތައް ބަޔާންކޮށްފައިވާ މިންވަރަށްވުރެ ފުޅާކޮށްކަން ފާހަގަ ކުރެވެއެވެ. މި ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.

28.1- އިސްތިއުނާފު ކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އަސާސީ ޙައްޤަކަށްވެފައި އެ ޙައްޤު އެއްވެސް މިންވަރަކަށް ހިފަހައްޓައި، އެ ޙައްޤުގެ އިންތައް ކަނޑައެޅޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ.

28.2- ފުރަތަމަ މަރުޙަލާގެ ކޯޓުތަކަކީ، ޝަރީޢަތް ކުރާ (Trial Court) ކޯޓުތަކެވެ. މި ކޯޓުތަކަކީ މައްސަލައިގެ ވާޤިޢާތައް ކަނޑައެޅިގެންދާ (Fact Establish)ކޯޓުތަކެވެ. އަދި މައްސަލައިގެ ޚަޞްމުންގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކާއި، ނަގާ ދިފާޢުތައް ނަގައި، މި އެންމެހައި ކަންކަމުގެ މައްޗަށް ތަޠުބީޤުކުރެވޭ ޤާނޫނީ އުސޫލުތައް ކަނޑައަޅާ ކޯޓުތަކެވެ.

28.3- އިސްތިއުނާފީ ފުރަތަމަ މަރުޙަލާކަމުގައިވާ ހައިކޯޓުގައި ދަށު ކޯޓުތަކުން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރެވޭނީ އެ ނިންމުމެއް ޤާނޫނޫއަސާސީއާ ނުވަތަ ޤާނޫނަކާ، ނުވަތަ ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވޭ ޙާލަތުގައެވެ. އަދި މިފަދަ ޙާލަތުގައި އެ ކޯޓުން މައްސަލަ ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. އަދި މި މަރުޙަލާގައި ހައިކޯޓަށް ހުށަހެޅޭނީ ހަމައެކަނި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނުވާ ހެކިތަކެވެ. އަދި މި މަރުޙަލާގައި ދަށު ކޯޓަށް ނުބެލި ހުރި ކަންތައްތަކެއް ހުރިކަން މައްސަލަ ބެލުމުގެ ތެރޭގައި ފާހަގަ ކުރެވޭ ޙާލަތުގައި އެ ކަންކަން ބެލުމަށް ދަށު ކޯޓަށް އަލުން މައްސަލަ ފޮނުވައި ލެވިދާނެއެވެ.

28.4- އިސްތިއުނާފީ އެންމެ ފަހު މަރުޙަލާގައި ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ މައިގަނޑު ތިން ޙާލަތެއްގައެވެ. ފުރަތަމަ ޙާލަތަކީ، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމެވެ. ދެވަނަ ޙާލަތަކީ، ހައިކޯޓުގެ ޙުކުމުގައި ނުވަތަ ނިންމުމުގައި ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރުމެވެ. ތިންވަނަ ޙާލަތަކީ، ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ އައިބުތަކުގެ އައިބެއް އޮތުމުގެ ސަބަބުން އެ ޙުކުމް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއާތެއް ކަމުގައިވާ ހާލަތެވެ.

29ވުމާއެކު، އިސްތިއުނާފީ މަރުޙަލާތަކަކީ އިސްތިސްނާއެއް ނެތި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ އަލުން ބަލާ އުސޫލުން ނުވަތަ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤު ކޮށްފައިވާ ގޮތާއި، މި އެންމެހައި ކަންކަން ބަލާ މަރުޙަލާއެއް ނޫނެވެ.

30ބުނެވިދިޔަ އިސްތިއުނާފީ އުސޫލުތަކަށް ބަލާއިރު، ސިވިލް ކޯޓުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި މޫސާ ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އެ ޤަޟިއްޔާގައި ފައިސާގެ ޢަދަދުތައް އެ ކޯޓުން ހިސާބު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް މޫސާ ނަޞީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އެ ނުކުތާތަކަކީ، އެ ކޯޓުން ބަލައިގަންނަންޖެހޭ ނުކުތާތަކެއް ނޫންކަމަށް އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ފެނެއެވެ.

ފައިސާ ބަލައިގަތުން ޙަވާލު ކުރުން

31HN5ނ. ބަނޑައިދިއްދޫ އެވެކިޔާ ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ 09 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން މިނިސްޓްރީ އަށް ދައްކަންޖެހޭ އަހަރީ ކުލި "މިނިސްޓްރީ އަށް ނުވަތަ މިނިސްޓްރީ އިން އަންގާ ފަރާތަކަށް" ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، މިގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން މި މައްސަލައިގައި ޝާމިލުވެފައިވަނީ އެ ފައިސާ ލިބިގަންނަ ފަރާތުން ކަމުގައި މި މައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

32އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބޭ މަންފާކަމުގައިވާ އަހަރީ ކުލި ބަލައިގަތުމާއި، އެ ކުލި ހޯދުމަށް ދަޢުވާ ކުރުމަކީ ޤާނޫނީ ގޮތުން ދެ ކަމެވެ. އަހަރީ ކުލި ބަލައިގަތުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ކުރެވިދާނެ ކަމެއްކަން ނުވަތަ ނޫންކަން ބަލާއިރު، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގައި ޓެކުހާއި، ޓެކުހާ ގުޅިގެން ދައްކަންޖެހޭ އެހެނިހެން ފައިސާ ފިޔަވައި، މިފަދަ ކުލި ބަލައިގަތުމަކީ އެ އޮތޯރިޓީ އާ ޙަވާލު ކުރެވިފައިވާ މަސްއޫލިއްޔަތެއް ނޫނެވެ. އަދި މިފަދައިން ދައުލަތުގެ މިނިސްޓްރީތަކާއި ނުވަތަ އެހެނިހެން އިދާރާތަކާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާ ދެމެދުވެވޭ އެއްބަސްވުންތަކުން ޤާނޫނުގައި ބަޔާންކޮށްފައި ނުވާ އިތުރު ޒިންމާތަކެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން އަދާކުރާނަމަ، އެކަންވެގެންދާނީ، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ އިމުން ބޭރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަދާކުރާ ޒިންމާތަކެއް ކަމުގައެވެ.

ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވުމުގެ ނަތީޖާ

33HN6ކޯޓުތަކުން ދަޢުވާ ބަލައިގަތުމުގައި، ދަޢުވާކުރާ ފަރާތަކީ ދަޢުވާ ކުރުމުގެ މަސްލަހަތު އޮތުމުގެ އިތުރުން އެ ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ. މިއީ އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުންވެސް މައްސަލަ ބަލައިގަތުމުގައި ރިޢާޔަތް ކުރަންޖެހޭ ކަމެކެވެ. ޤާނޫނީ ގޮތުން މައްސަލައެއްގައި ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާނަމަ، އެ ދަޢުވާ ކޯޓުން ކުރިއަށް ނުގެންދެވޭނެއެވެ.

34ޓެކުހަށްނުވާ ފައިސާ ހޯދުމުގައި ޢަމަލުކުރާނެ ގޮތް ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގައި ބަޔާންވެފައިވެއެވެ. އެ ޤާނޫނުގެ ދަށުން އެފަދަ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ހޯދޭނީ އެ ފައިސާއަކީ ޤާނޫނެއްގެ ދަށުން އެ އޮތޯރިޓީ އަށް ދެއްކުމަށް ލާޒިމް ކޮށްފައިވާ ފައިސާއެއް ކަމުގައިވާނަމަ އެވެ.

35ނ. ބަނޑައިދިއްދޫ އެވެކިޔާ ރަށް ކުއްޔަށް ދޫކުރުމާ ގުޅޭ އެއްބަސްވުން ހެދިފައިވަނީ ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ ދަށުން ކަމަށްވެފައި، އެ ޤާނޫނުގައި ކުއްޔަށް ދޫކުރެވޭ ރަށްރަށުން ލިބޭ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާއާއި އެހެނިހެން ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދެއްކުން ލާޒިމްކޮށްފައި ނުވެއެވެ. އަދި މިނޫން ގޮތަކަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާކަން ހުށަހެޅިފައިވާ ލިޔެ ކިޔުންތަކުންނާއި، ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން އެނގެން ނެތެވެ.

36މި ޙާލަތުގައި ޤާނޫނުގައިވާ ގޮތުގެމަތިން ދަށު ކޯޓަށް މައްސަލަ ތަޙްވީލުކުރުމުގެ ތެރެއިން މައްސަލައަށް ފަރުވާއެއް ލިބިދާނެކަން ނުވަތަ ނޫންކަމަށް ބަލާއިރު، ޤާނޫނުގައިވާ ގޮތުގެމަތިން ތަޙްވީލު ކުރެވޭނީ އެ މައްސަލައިގައި ދަޢުވާ ކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ދެ ފަރާތެއްގެ ދެމެދުގައި އޮތް ޚުޞޫމަތަކާ ގުޅިގެން ކުރެވިފައިވާ ޝަރީޢަތެއްގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭކަމަށް ކަނޑައެޅޭ ޙާލަތުގައެވެ. ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާ ފަރާތަކުން ދަޢުވާ ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ އެ ދަޢުވާއަކީ ޤާނޫނީ ގޮތުން ކުރެވޭނެ ދަޢުވާއެއް ނޫންކަމުގައި ކަނޑައެޅިގެން ދިއުމެވެ. ވުމާއެކު މި މައްސަލައިގައި ނ. ބަނޑައިދިއްދޫ އެވެކިޔާ ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ބައިވެރިންނަށް ޝަރުޢީ މަރުޙަލާތަކުން އެއްބަސްވުމާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އޮތްކަމުގައި ބަލަންޖެހެއެވެ.

37HN7ޓެކުހާއި، ޓެކުހާއި ގުޅުންހުރި ޖޫރިމަނާއާއި އެހެނިހެން ފައިސާ ފިޔަވައި ދައުލަތަށް ލިބެންޖެހޭ ފައިސާތައް ބަލައިގަތުމާއި، އެ ފައިސާތައް ހޯދުމަށް ޝަރުޢީ ކޯޓުތަކުގައި ދަޢުވާ ކުރުމަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން އަދާކުރުމަށް ދައުލަތުން އެދޭ ޒިންމާއެއް ކަމުގައިވާނަމަ، އެކަން ކުރެވޭނީ ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ކަމާބެހޭ މާއްދާތައް ބަދަލުކޮށްގެން ކަމުގައި ދެކެމެވެ.

38އެހެނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ޝަޚްޞަކަށް ޤާނޫނުން ލިބޭ ބާރުތައް ފިޔަވައި އިތުރު ބާރެއް ލިބިފައިވާ ކަމަށް ޤަބޫލުކޮށް އެކަމުގެ މައްޗަށް ކަންކަން ތަރުތީބުކުރުމަކީ ކޮށްގެންވާނޭ ކަމެއްނޫނެވެ. އަދި އެއީ އެކަމުގެ މައްޗަށް ޤާނޫނީ އެއްވެސް ބާރެއް ނުވަތަ ބުރަދަނެއް ލިބޭނެ ކަމެއްވެސް ނޫނެވެ.

ފަނޑިޔާރު، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

39މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަޅުގަނޑު ތާއީދުކުރަމެވެ.

40HN11އަދި ހަމަ އެއާއެކު، މައްސަލަ ކޯޓަށް ހުށަހެޅިގެން ދިޔައިރު، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް ޙަވާލާ ދިނުމުގައި، މައްސަލަ ކޯޓަށް ހުށަހެނު ފަހުން (ހާދިސާއަށްފަހު) އެ ޤާނޫނަށް އައިސްފައިވާ ބަދަލުތަކަށް ޙަވާލާދީފައިވާތީ، އަންނަނިވި ކަންކަން ފާހަގަކުރުން މުހިންމުކަމުގައި ދެކެމެވެ.

40.1- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ބެލުމުން، ވަކި ޙާލަތްތަކެއްގައި ޖިނާއީ އަދަބަކަށް ދެވޭ ލުއީގެ މަންފާ ފިޔަވައި، ފަހުން ހަދާ ޤާނޫނުގެ އަސަރު ނުވަތަ އެއިގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ނުހިނގުމަކީ (retrospective application of law) ޢާންމު އުޞޫލުކަން ސާފުވެއެވެ. މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤާނޫނީ ނިޒާމުތަކުގައިވެސް އިސްތިޤުރާރުވެގެންވާ އުޞޫލެކެވެ. އަދި މި އުޞޫލަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން އިތުރު ބާރުވެރިކަމެއްދެއެވެ.

40.2- ޤާނޫނުގައި ކުރުން މަނާކޮށްފައި ނުވާ ކަމަކަށް ފަހުން ހަދާ ޤާނޫނަކުން މާޒީއަށް ރައްދުވާ ގޮތަށް ބަދަލުގެނައުމަކީ ޤާނޫނުގެ ވެރިކަން (Rule of Law) ދެމެހެއްޓުމަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވާކަމެކެވެ. އަދި ޤާނޫނުން ދޭ އިރުޝާދު އޮޅުމާއި، އެއަށް އިތުބާރުކުރުމާއި، އެ މައްޗަށް ބިނާކޮށް ޢަމަލުތައް ތަރުތީބުކުރުމަށް އުދަނގޫވާ، ޤާނޫނުން ފޯރުކޮށްދޭ ޔަޤީންކަމާމެދު ސުވާލު އުފައްދާކަމެއްވެސް މެއެވެ.

40.3- އެހެންކަމުން، ޤާނޫނަކުން ޞަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ، ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އެއިގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ އެހެންވެސް ފަރާތަކަށް ލިބިގެން ނުވާކަމުގައި ނުވަތަ އުފުލަން ނުޖެހޭނެކަމުގައި ފާހަގަކުރަމެވެ. އަދި އެފަދަ އިސްތިސްނާއެއް ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ، ހާދިސާ ހިނގުމުގެ ފަހުން ޤާނޫނަށް ގެނެވޭ ބަދަލަކަށް ޙަވާލާދީ ކޯޓުގައި ޤާނޫނީ ނުކުތާތައް ފާހަގަކުރުމަކީ އެންމެ އެކަށޭނަ ގޮތް ނޫންކަމުގައި އަހުރެން ދެކޭތީ، ބުނަމެވެ.

ފަނޑިޔާރު، އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ ރައުޔު

41މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާގައި ފާހަގަ ކޮށްފައިވާ، ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބި، މޫސާ ނަޞީރުގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައި ނުވާ ނުކުތާތައް ބަލައި ނުގަތުމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބަޔާންކުރެވުނު ނިންމުމުގެ އެ ބައި ފިޔަވައި، އެ ޤަޟިއްޔާގެ އެހެނިހެން ބައިތަކާގުޅޭ ނިންމުންތައް ނިންމާފައިވަނީ ކަމާބެހޭ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ނުފެންނާތީވެ، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާގެ އެ ބައިތައް ބާޠިލު ކޮށްފީމެވެ. އަދި މި ޙުކުމް ކުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1975/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުވީއެވެ.

މި ޤަޟިއްޔާ ބަލާ ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

ޙުސްނުއް ސުޢޫދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ